ބިލުތައް
މައްސަލަތައް
ޤަރާރުތައް
ނިމިފައި ހުރި މަސައްކަތްތައް
ޕޯލްތައް
ލޮގިން
ފުރަތަމަ ވަރޝަން
އެއްކޮއް ހުޅުވުމައް
ނިމުނު ދުވަސް
9th October 2024 12:00 AM
ވަރޝަންގެ ތާރީހް
26th May 2024 10:49 AM
ބިލް
1 ވަރޝަން
ހެއްކާބެހޭ ބިލު
ހުށަހަޅާފައިވަނީ: ވޗދފގހދފހގދފގދފހދފހ
ގހޖގހޖގހޖގހ
ފެށުން
:
ފުރަތަމަ ބައި
ތަޢާރުފު
:
އެއްވަނަ ބާބު
1.
:
ތަޢާރުފާއި ނަން
(ހ)
މިއީ، މަދަނީ މައްސަލަތަކާއި ޖިނާއީ މައްސަލަތަކުގައި ހެކިބަސް ނެގުމާއި، ހެކި ހުށަހެޅުމާއި، ހެކި ބަލައިގަތުމާއި، ހެކި ވަޒަންކުރުމުގައި ތަބާވާންޖެހޭ އުސޫލުތަކާއި، ކަމެއް ސާބިތުކުރުމަށް ހެކި ބޭނުންވާ ނިސްބަތާއި އެނޫންވެސް ހެއްކާބެހޭ ޢާންމު އުސޫލުތައް ކަނޑައެޅުމުގެ ޤާނޫނެވެ.
(ށ)
މި ޤާނޫނަށް ކިޔާނީ، "ހެއްކާބެހޭ ޤާނޫނު" އެވެ.
2.
:
ޤާނޫނުގެ ބޭނުން
މި ޤާނޫނުގެ ބޭނުމަކީ، އަންނަނިވި މަޤްޞަދުތައް ޙާޞިލުކުރުމެވެ.
(ހ)
ޤާނޫނުއަސާސީގެ 42 ވަނަ މާއްދާއިން ކަށަވަރުކޮށްދީފައިވާ އިންޞާފުން ޝަރީޢަތްކުރެވުމުގެ ޙައްޤު އެގޮތުގައި ކަށަވަރުކޮށްދިނުމަށް ބޭނުންވާ އަސާސީ އެއް އުސޫލު ކަމުގައިވާ ހެކީގެ އުސޫލު ތަފްޞީލުކޮށް ޤާނޫނުގައި ބަޔާންކޮށް، ކަނޑައަޅައިދިނުން؛
(ށ)
ހެކީގެ ބާވަތްތަކާއި، ހެކި ދަރަޖަކުރެވިގެންވާ ގޮތާއި، ގުޅުމަށް ބުރަވެ ހެކި ބައިކުރެވޭ ގޮތްތައް ބަޔާންކުރުން؛
(ނ)
ހެކި ހުށަހެޅުމާއި، ހެކި ބަލައިގަތުމާއި، ހެކިބަސް ނެގުމާއި، ހެކި ވަޒަންކުރުމުގެ މިންގަނޑުތައް ކަނޑައެޅުން؛
(ރ)
މަދަނީ މައްސަލަތަކުގައާއި ޖިނާއީ މައްސަލަތަކުގައި ކަމެއް ސާބިތުކުރުމަށް ބޭނުންވާ ހެކީގެ ނިސްބަތް ކަނޑައެޅުން؛
(ބ)
ހެކި ހުށަހެޅުމަކާ ނުލައި، ސާބިތުވެގެންވާ ކަންކަމުގެ ގޮތުގައި، ކޯޓުން ބަލައިގަންނާނެ ކަންކަން ބަޔާންކުރުން؛
(ޅ)
ހެކީގެ ގޮތުގައި ހުށަނޭޅޭނެ، އިމްތިޔާޒު ލިބިގެންވާ ކަންކަން ބަޔާންކުރުން؛
(ކ)
ދައުލަތުގެ އިދާރާތަކުން ހިންގާ ތަޙްޤީޤުތަކާއި އެފަދަ ތަންތަނުން ބަލާ މައްސަލަތަކުގައި ކަމާ ގުޅުންހުރި ނިސްބަތަށް، މި ޤާނޫނުގެ އުސޫލުތައް ހިނގާނެ ކަމަށް ކަނޑައެޅުން.
3.
:
ރަދީފު
(ހ)
މި ޤާނޫނު އެ މައްޗަށް ބިނާވެގެންވާ މައިގަނޑު މަފްހޫމްތައް، މި ޤާނޫނުގެ ދެވަނަ ބާބުގައި ބަޔާންކޮށްފައި އެވަނީއެވެ.
(ށ)
މި ޤާނޫނުގައި ބޭނުންކޮށްފައިވާ ލަފްޒުތަކާއި ޢިބާރާތްތަކުގެ ތެރެއިން ޚާއްޞަ މާނަކުރުމެއް ދީފައިވާ ލަފްޒުތަކާއި ޢިބާރާތްތަކުގެ ރަދީފު، މި ޤާނޫނުގެ 151 ވަނަ މާއްދާގައި ބަޔާންކޮށްފައި އެވަނީއެވެ.
4.
:
ޤާނޫނު ހިނގާނެ ދާއިރާ
(ހ)
މި ޤާނޫނުގައި ބަޔާންވެގެންވާ އުސޫލުތައް، އަންނަނިވި މައްސަލަތަކުގެ މައްޗަށް ހިނގާނެއެވެ.
(1)
ދިވެހިރާއްޖޭގެ އެންމެހައި ކޯޓުތަކުގައި ހިނގާ މަދަނީ އަދި ޖިނާއީ މައްސަލަތައް؛
(2)
ދިވެހިރާއްޖޭގެ އެންމެހައި ޓްރައިބިއުނަލްތަކުގައި ހިނގާ މައްސަލަތައް.
(ށ)
ދައުލަތުގެ އިދާރާއަކުން ހިންގާ ތަޙްޤީޤެއްގައި ނުވަތަ އެފަދަ ތަނަކުން ބަލަމުންދާ މައްސަލައެއްގައި، ހެކިބަސް ނެގުމާއި، ހެކި ހުށަހެޅުމާއި، ހެކި ބަލައިގަތުމާއި، ހެކި ވަޒަންކުރުމުގެ މަސްއޫލިއްޔަތެއް އެ އިދާރާއާ ޙަވާލުވެފައިވާނަމަ، އެ މަސްއޫލިއްޔަތާގުޅޭ ނިސްބަތަށް، މި ޤާނޫނުގައި ބަޔާންވެގެންވާ އުސޫލުތައް އެ އިދާރާއަކުން ތަޙްޤީޤުކުރަމުންދާ ނުވަތަ ބަލަމުންދާ މައްސަލައެއްގެ މައްޗަށް ހިނގާނެއެވެ. އޭގެ ތެރޭގައި، އަންނަނިވި ބާވަތުގެ މައްސަލަތައް ހިމެނެއެވެ.
(1)
ކަމެއް ތަޙްޤީޤުކޮށް ފިޔަވަޅު އެޅުމުގެ ބާރު ލިބިގެންވާ ދައުލަތުގެ އިދާރާތަކުން ތަޙްޤީޤުކުރާ ނުވަތަ ފިޔަވަޅުއަޅާ މައްސަލަތައް؛
(2)
ދައުލަތުގެ އިދާރާއަކުން، އެ އިދާރާއެއްގެ ފެންވަރުގައި، ކަމެއް ތަޙްޤީޤުކޮށް، އެ އިދާރާގައި ހިމެނޭ މީހެއްގެ މައްޗަށް ތައުދީބީ ފިޔަވަޅުއެޅުމުގެ ބާރު އޮވެގެން ބަލާ މައްސަލަތައް.
(ނ)
ހެކިބަސް ނެގުމާއި ހެކި ހުށަހެޅުމާއި ހެކި ބަލައިގަތުމާ ގުޅޭގޮތުން މި ޤާނޫނުގައި ވަކި އުސޫލުތަކެއް ކަނޑައަޅާފައިއެވަނީ އެކަންކަމާގުޅޭ ހަމަތައް ކަނޑައެޅުމުގެ ބޭނުމުގައެވެ. އެކަންކަމާގުޅޭ ތަފްޞީލީ އިޖުރާއަތުތަކެއް ޖިނާއީ އިޖުރާއަތުގެ ޤާނޫނުގައި ނުވަތަ މަދަނީ އިޖުރާއަތުގެ ޤާނޫނުގައި ކަނޑައަޅާފައިވާ ޙާލަތުގައި، މި ޤާނޫނުގައިވާ އުސޫލުތައް ނެގެހެއްޓުމާއެކު ޢަމަލުކުރަންވާނީ، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގައި ނުވަތަ މަދަނީ އިޖުރާއަތުގެ ޤާނޫނުގައި އެކަމަށް ކަނޑައަޅާފައިވާ ޚާއްޞަ އިޖުރާއަތުތަކާ އެއްގޮތްވާ ގޮތުގެމަތިންނެވެ.
(ރ)
މި ޤާނޫނުގެ 149 ވަނަ މާއްދާގައި ބަޔާންކުރާ ޤާނޫނުތައް ފިޔަވައި، މި ޤާނޫނަށް ޢަމަލުކުރަން ފެށުމުގެ ކުރިން ޢަމަލުކުރަން ފަށާފައިވާ ނުވަތަ މި ޤާނޫނަށް ޢަމަލުކުރަން ފެށުމުގެ ފަހުން ޢަމަލުކުރަން ފަށާ އެހެން ޤާނޫނެއްގައި، މި ޤާނޫނުގައިވާ އުސޫލަކާ ޚިލާފަށް ހެއްކާބެހޭ ވަކި ޚާއްޞަ އުސޫލެއް ކަނޑައެޅިގެން ބަޔާންކޮށްފައިވާނަމަ، އެ ޤާނޫނެއްގައި ބަޔާންކޮށްފައިވާ އެ ޚާއްޞަ އުސޫލު، މި ޤާނޫނުގައި ބަޔާންވެގެންވާ އުސޫލުގެ މައްޗަށް ހިނގާނެއެވެ. އަދި، އެ ނިސްބަތަށް، މި ޤާނޫނުގެ ކަމާބެހޭ އުސޫލު ހިފެހެއްޓިގެންވެއެވެ.
(ބ)
ރައްޔިތުންގެ މަޖިލީހުގައި ނުވަތަ ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއެއްގައި ބަލާ މައްސަލައެއްގައި، ހެކިބަސް ނެގުމާއި ހެކި ހުށަހެޅުމާއި ހެކި ބަލައިގަތުމާއި ހެކި ވަޒަންކުރުމާ ގުޅޭގޮތުން އެ މަޖިލީހުން ކަމާބެހޭ އުސޫލެއް ކަނޑައަޅާފައިވާނަމަ، މި ޤާނޫނުގެ މައްޗަށް ހިނގާނީ އެ އުސޫލެކެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ކަންކަން ރައްޔިތުންގެ މަޖިލީހުން ކަނޑައެޅުމަށް އެ މަޖިލީހަށް ޤާނޫނުއަސާސީގެ 88 ވަނަ މާއްދާގެ ދަށުން ލިބިދޭ އިމްތިޔާޒަށް މި ޤާނޫނުގެ ސަބަބުން ހުރަހެއްނާޅައެވެ.
5.
:
ޤާނޫނު މާނަކުރުން
(ހ)
މި ޤާނޫނުގައި ވަކި ބަހެއް ނުވަތަ ޢިބާރާތެއް ބޭނުންކޮށްފައިވާ ގޮތް، މި ޤާނޫނުގެ ދެވަނަ ބާބުގައިއެވާ މަފްހޫމްތަކުގެ ރަދީފުގައި ބަޔާންކޮށްދީފައިވާނަމަ، އެ ބަހަކަށް ނުވަތަ ޢިބާރާތަކަށް ދީފައިއެވަނީ އެ ބާބުގައި ބަޔާންކޮށްދީފައިވާ މާނަކުރުމެވެ.
(ށ)
މި ޤާނޫނުގައި ވަކި ބަހެއް ނުވަތަ ޢިބާރާތެއް ބޭނުންކޮށްފައިވާ ގޮތް، މި ޤާނޫނުގެ 151 ވަނަ މާއްދާގައިއެވާ ރަދީފުގައި ބަޔާންކޮށްދީފައިވާނަމަ، އެ ބަހަކަށް ނުވަތަ ޢިބާރާތަކަށް ދީފައިއެވަނީ އެ ރަދީފުގައި ބަޔާންކޮށްދީފައިވާ މާނަކުރުމެވެ.
(ނ)
މި ޤާނޫނުގައި ބޭނުންކޮށްފައިވާ ބަހެއް ނުވަތަ ޢިބާރާތެއް މި ޤާނޫނުގެ ދެވަނަ ބާބުގައިއެވާ މަފްހޫމްތަކުގެ ރަދީފުގައި ނުވަތަ މި ޤާނޫނުގެ 151 ވަނަ މާއްދާގައިއެވާ ރަދީފުގައި މާނަކޮށްދީފައިނުވާ ޙާލަތުގައި، އެ ބަހެއް ނުވަތަ ޢިބާރާތެއް، ޤާނޫނު ނަންބަރު 2011/4 (މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނު) ގައި ބަޔާންކޮށްދީފައިވާނަމަ، އެ ބަހެއް ނުވަތަ ޢިބާރާތަކަށް ދީފައިއެވަނީ އެ ޤާނޫނުގައި ބަޔާންވެގެންވާ މާނަކުރުމެވެ.
6.
:
އިސްލާމީ ޝަރީޢާއަށް ރިޢާޔަތްކުރެވޭނެ ޙާލަތްތަކާއި އިސްލާމްދީނުގެ އަސްލަށް އިސްކަންދޭންޖެހޭ ޙާލަތްތައް
(ހ)
ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ އެހެން ޤާނޫނެއްގައި ޚާއްޞަ އުސޫލުތަކެއް ބަޔާންކޮށްފައިވާ ޙާލަތެއްގައި މެނުވީ، މި ޤާނޫނަށް ޢަމަލުކުރަން ފެށުމަށްފަހު، ހެކިބަސް ނެގުމާއި ހެކި ހުށަހެޅުމާއި ހެކި ބަލައިގަތުމާއި ހެކި ވަޒަންކުރުމާ ގުޅޭގޮތުންނާއި، ކަމެއް ސާބިތުކުރުމުގައި ބަލަންޖެހޭ މިންގަނޑުތަކާ ގުޅޭގޮތުންނާއި، ސާބިތުކުރުމުގެ ޒިންމާއާ ގުޅޭގޮތުން ޢަމަލުކުރާނީ، މި ޤާނޫނުގައި ބަޔާންކޮށްފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިންނެވެ. އަދި މި ޤާނޫނުގައި ނުވަތަ އެހެން ޤާނޫނެއްގައި ހެއްކާގުޅޭ ވަކި އުސޫލެއް ކަނޑައެޅިފައި ނެތް ކަންކަމުގައި، ޤާނޫނުއަސާސީގެ 142 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދައިން، އިސްލާމީ ޝަރީޢަތުގައި އެކަމެއް ކަނޑައެޅިފައިވާ ގޮތަށް ކޯޓުތަކުން ރިޢާޔަތްކުރުމަކަށް މި ޤާނޫނު ހުރަހެއް ނާޅައެވެ.
(ށ)
ދިމާވާ ވަކި ކަމެއްގައި ޢަމަލުކުރުމަށް މި ޤާނޫނުގައި މައުޟޫޢީގޮތުން އުސޫލެއް ބަޔާންކޮށްފައި އޮތްނަމަވެސް، އެކަމުގައި ޢަމަލުކުރުން ލާޒިމު ޚާއްޞަ އުސޫލެއް އިސްލާމްދީނުގެ އަސްލެއްގައި ކަނޑައަޅާފައިވާނަމަ، އެ ޙާލަތުގައި ޢަމަލުކުރާނީ، އިސްލާމްދީނުގެ އަސްލުގައި ކަނޑައަޅާފައިވާ ޚާއްޞަ އުސޫލަށެވެ.
(ނ)
މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ޚާއްޞަ އުސޫލަށް ޢަމަލުކުރި ނަމަވެސް، އެފަދަ ޚާއްޞަ އުސޫލެއްގެ ދާއިރާގެ ތެރޭގައި ސާފުކޮށް ހިމެނިފައިވާކަމަށް ފެންނަން ނެތް ކޮންމެ ކަމެއްގައި ޢަމަލުކުރާނީ، މި ޤާނޫނުގައި ބަޔާންވެގެންވާ އުސޫލަށެވެ.
މަފްހޫމުތަކުގެ ރަދީފު
:
ދެވަނަ ބާބު
7.
:
މަފްހޫމުތަކުގެ އަސާސް
މި ޤާނޫނުގެ 8 ވަނަ މާއްދާއިން ފެށިގެން 36 ވަނަ މާއްދާގެ ނިޔަލަށް ބަޔާންވެގެންވާ ލަފްޒުތަކާއި ޢިބާރާތްތަކަކީ، މި ޤާނޫނު އެ މައްޗަށް ބިނާވެގެންވާ މައިގަނޑު މަފްހޫމުތަކެވެ. އެ މަފްހޫމުތައް އެ މާއްދާތަކުގައި ބަޔާންކޮށްފައި އެވަނީ، މި ޤާނޫނުގެ އަސްލު އެގޮތުގައި ދެމެހެއްޓުމަށާއި މި ޤާނޫނުގެ މަޤްޞަދު އެންމެ ފުޅާމިނުގައި ޙާޞިލުކުރުމަށް މަގުފަހިކުރުމުގެ ބޭނުމުގައެވެ. މި ޤާނޫނުގެ ކޮންމެ މާއްދާއެއްވެސް ކިޔަންވާނީ، ނުވަތަ މާނަކުރަންވާނީ، އެ މަފްހޫމުތަކަށް ހަނިކަމެއް ނާންނާނެ ގޮތުގެމަތިންނެވެ.
8.
:
ހެކި
"ހެކި" ކަމަށް ބުނެފައި އެވަނީ، ވަކި ވާޤިޢާއެއް ވުޖޫދުގައި ވާކަން ނުވަތަ ނުވާކަން ސާބިތުކޮށްދިނުމުގެ ގޮތުން، މި ޤާނޫނުގެ ދަށުން ހެކީގެ ގޮތުގައި ބަލައިގަނެވޭ ޝަފަހީ ހެއްކާއި، ކިތާބީ ހެއްކާއި، މާއްދީ ހެއްކަށް ޖުމްލަކޮށް، އަދި، އެއިން ކޮންމެ ބާވަތެއްގެ ހެއްކަކަށާއި، އެއިން ކޮންމެ ބާވަތެއްގެ ދަށުން ހެކީގެ ގޮތުގައި ބަލައިގަނެވޭ ވަކިވަކި ކަންކަމަށާއި އެއްޗެއްސަށް، ވަކިވަކިންނެވެ.
9.
:
ހެކިބަސް
"ހެކިބަސް" ކަމަށް ބުނެފައި އެވަނީ، ހެކިބަސް ދޭ މީހާ، ޝަރީޢަތުގެ މަޖިލީހުގައި، ހުވާކޮށްގެންހުރެ، އަނގަބަހުން ދޭ ބަޔާނަށެވެ. އަދި، ޝަރީޢަތުގެ މަޖިލީހުގައި ނަގާ އެފަދަ ބަޔާނަށެވެ.
10.
:
ހެކިބަސްދިނުން
"ހެކިބަސްދިނުން" ކަމަށް ބުނެފައި އެވަނީ، ހެކިބަސް ދޭ މީހާއާ ޝަރީޢަތުގައި ސުވާލުކުރެވޭ މަރުޙަލާތަކުގައި އެ ސުވާލުތަކަށް ދޭ ޖަވާބަށެވެ. ނުވަތަ އެ ސުވާލުތަކަށް ޖަވާބުދެވޭގޮތަށް ހެކިބަސް ދޭ މީހާ ދޭ ބަޔާނަށެވެ.
11.
:
ހެކިބަސް ނެގުން
"ހެކިބަސް ނެގުން" ކަމަށް ބުނެފައި އެވަނީ، ހެކިބަސް ދޭ މީހާއާ ޝަރީޢަތުގައި ސުވާލުކުރެވޭ މަރުޙަލާތަކުގައި ކުރެވޭ ސުވާލުކުރުމަށެވެ. ނުވަތަ އެގޮތުން ކުރެވޭ ސުވާލަށެވެ.
12.
:
ހެކިބަސް ދޭ މީހާ
"ހެކިބަސް ދޭ މީހާ" ކަމަށް ބުނެފައި އެވަނީ، ހެކިބަސްދިނުމަށްޓަކައި ކޯޓަށް ހާޒިރުވެ ހުރި މީހާއާއި، ޝަރީޢަތުގައި ހެކިބަސް ދޭ މީހާއާއި، ޝަރީޢަތުގައި ހެކިބަސްދީފައިވާ މީހާއާއި، ޝަރީޢަތުގައި ހެކިބަސްދިނުމަށް ހާޒިރުވުމަށް އެންގޭ މީހާ ހިމެނޭގޮތުންނެވެ.
13.
:
ޚަބީރުގެ ރައުޔު
"ޚަބީރުގެ ރައުޔު" ކަމަށް ބުނެފައި އެވަނީ، ވަކި ވާޤިޢާއަކުން ނުވަތަ ވާޤިޢާތަކަކުން ނުވަތަ ވަކި ހެއްކަކުން ނުވަތަ ހެކީގައި އެކުލެވިގެންވާ ވަކި ކަމަކުން ރަމްޒުކޮށްދޭ ނުވަތަ ދޭހަކޮށްދޭ މާނަ ނުވަތަ ނަތީޖާ ނުވަތަ އޭގެން ދޭހަކޮށްދޭ ކަމެއް ކޯޓަށް ބަޔާންކޮށްދިނުމަށްޓަކައި ކަމުގެ ޢިލްމު ނުވަތަ ތަމްރީނު ނުވަތަ ތަޖުރިބާ ހުރި މީހަކު ކޯޓަށް ދޭ ރައުޔަށެވެ.
14.
:
ނާދިރުވުން
"ނާދިރުވުން" ކަމަށް ބުނެފައި އެވަނީ، ކަމެއް ނުވުން ގާތްވުމުގެ ނިސްބަތަށެވެ.
15.
:
ނާދިރުވުމުގެ އުސޫލު
"ނާދިރުވުމުގެ އުސޫލު" ކަމަށް ބުނެފައި އެވަނީ، ވަކި މީހަކު ވަކި ކަމެއް ކުރީ ދެ ޙާލަތެއްގައި ކަމުގައިވެފައި، އެ ދެ ޙާލަތުގެ އެއްގޮތްކަމުން ނުވަތަ އެ ދެ ޙާލަތުގައި ހިމެނޭ ކަންކަމުގެ އެއްގޮތްކަމުން، އެ ދެ ޙާލަތަކީ އިއްތިފާޤަކުން ހިނގާދިޔަ ދެ ޙާލަތް ކަމަށް ޤަބޫލުކުރުމަކީ ނާދިރު ކަމެއް ކަމަށް ބަލައިގަތުމުގެ އުސޫލަށެވެ.
16.
:
ރައުޔު
"ރައުޔު" ކަމަށް ބުނެފައި އެވަނީ، ފެންނަން ހުރި ކަމެއް ނުވަތަ އެއްޗެއް ތިމާގެ ސިކުނޑިން ވަޒަންކުރުމުން ތިމާއަށް އޭގެން ދޭހަވާ ދޭހަވުމަށެވެ. އަދި ކުރިމަތީގައިވާ ވާޤިޢާއެއް ނުވަތަ ވާޤިޢާތަކެއް ތިމާއަށް ފެނުމުން ނުވަތަ އަޑުއިވުމުން ނުވަތަ ތަޖުރިބާކުރެވުމުން، ތިމާއަށް އޭގެން ލިބިގަނެވޭ ދޭހަވެސް ހިމެނޭގޮތުންނެވެ.
17.
:
ރީ-އެގްޒެމިންކުރުން
"ރީ-އެގްޒެމިންކުރުން" ކަމަށް ބުނެފައި އެވަނީ، މައްސަލައެއްގައި ހެކިބަސް ދޭ މީހާ ކްރޮސް-އެގްޒެމިންކޮށް ނިމުމުން، އޭނާ ހެއްކެއްގެ ގޮތުގައި ހުށަހެޅި ފަރާތުން އޭނާއާ އަލުން ސުވާލުކުރުމަށެވެ. ނުވަތަ އެ މަރުޙަލާގައި އޭނާއާ އެފަދައިން ކުރެވޭ ސުވާލުތަކަށެވެ.
18.
:
ކާފީ ހެކި
"ކާފީ ހެކި" ކަމަށް ބުނެފައި އެވަނީ، ކަމެއް ސާބިތުކުރުމަށް ހެކި ބޭނުންވާ މިންގަނޑަށް ފުދޭ ނިސްބަތަށް ލިބިފައިވާ ހެއްކަށެވެ. ނުވަތަ އެ މިންވަރަށް ހެކި ލިބުމަށެވެ.
19.
:
ކިތާބީ ހެކި
"ކިތާބީ ހެކި" ކަމަށް ބުނެފައި އެވަނީ، ޚުޞޫމާތެއް އުފެދިފައިވާ ވާޤިޢާއެއް ސާބިތުކޮށްދިނުމަށް ޝަރީޢަތަށް ހުށަހެޅޭ ލިޔުމަށެވެ.
20.
:
ކްރޮސް-އެގްޒެމިންކުރުން
"ކްރޮސް-އެގްޒެމިންކުރުން" ކަމަށް ބުނެފައި އެވަނީ، މައްސަލައެއްގައި ހެކިބަސް ދޭ މީހާއާ، ހެކިބަސް ދޭ މީހެއްގެ ގޮތުގައި އޭނާ ހުށަހެޅި ފަރާތުން ސުވާލުކޮށް ނިމުމުން، އެ މައްސަލައިގައި ހިމެނޭ އަނެއް ފަރާތުން ނުވަތަ ފަރާތްތަކުން، އެ ހެކިބަސް ދޭ މީހާ ދިން ހެކިބަހުގެ މައްޗަށް އޭނާއާ ސުވާލުކުރުމަށެވެ. ނުވަތަ އެ މަރުޙަލާގައި އޭނާއާ އެފަދައިން ކުރެވޭ ސުވާލުތަކަށެވެ.
21.
:
އިޙްތިމާލު
"އިޙްތިމާލު" ކަމަށް ބުނެފައި އެވަނީ، ކަމެއް ވުން ގާތްވުމުގެ ނިސްބަތަށެވެ.
22.
:
އިޙްތިމާލުގެ އުސޫލު
"އިޙްތިމާލުގެ އުސޫލު" ކަމަށް ބުނެފައި އެވަނީ، ދަޢުވާލިބޭ ފަރާތުން، މާޒީވެ ގޮސްފައިވާ ވަކި ޙާލަތެއްގައި ވަކި ގޮތަކަށް ޢަމަލުކޮށްފައިވުމުން، ނުވަތަ ވަކި ވިސްނުމެއްގައި ވަކި ޢަމަލެއް ކޮށްފައިވުމުން، ހިނގަމުންދާ މައްސަލައާ ގުޅުންހުރި ޙާލަތުގައިވެސް އޭނާ ޢަމަލުކުރީ މާޒީވެ ގޮސްފައިވާ ޙާލަތުގައި އޭނާ ޢަމަލުކުރި ފަދައިން، ނުވަތަ މާޒީވެ ގޮސްފައިވާ ޙާލަތުގައިވެސް އޭނާ ޢަމަލުކުރި ވިސްނުމުގައިކަން ބަޔާންކޮށްދިނުމުގެ އުސޫލަށެވެ.
23.
:
އިޢުތިރާފު
"އިޢުތިރާފު" ކަމަށް ބުނެފައި އެވަނީ، ޖިނާއީ ކުށެއްގެ ތުހުމަތުކުރެވޭ މީހާ އޭނާއާމެދު ތުހުމަތުކުރެވޭ ކުށުގެ އެންމެހައި އުންސުރުތަކަށް، އެއްވެސް މަޖުބޫރުކުރުވުމެއް ނެތި، އަމިއްލަ އިޚްތިޔާރުގައި އެއްބަސްވެ، އެ ކުށުގެ ޢަމަލުގެ ޖިނާއީ ޒިންމާ އުފުލުމަށް އެއްބަސްވާ އެއްބަސްވުމަށެވެ.
24.
:
އިވުނުކަމަށް ބުނާ ހެކި
"އިވުނުކަމަށް ބުނާ ހެކި" ކަމަށް ބުނެފައި އެވަނީ، ހެކިބަސް ދޭ މީހަކު، އޭނާގެ ހިއްސަކުން އޭނާއަށް ކަނޑައެޅިގެން ފެނުނު ނުވަތަ އިވުނު ނުވަތަ އިހްސާސްކުރެވުނު އެއްޗެއް ނުވަތަ ކަމެއް ބަޔާންކުރުމުގެ ބަދަލުގައި، އެހެން މީހަކަށް ވަކި އެއްޗެއް ނުވަތަ ކަމެއް ފެނުނު ކަމަށް ނުވަތަ އެހެން މީހަކަށް ވަކި އެއްޗެއް އަޑުއިވުނު ކަމަށް ނުވަތަ އިހްސާސްކުރެވުނު ކަމަށް އެމީހަކު ބުނާ ބުނުމެއް، ހެކިބަސްދޭ މީހާއަށް އަޑުއިވުނު ކަމުގެ މައްޗަށް ދޭ ހެކިބަހަށެވެ.
25.
:
އިތުބާރުގެ އުސޫލު
"އިތުބާރުގެ އުސޫލު" ކަމަށް ބުނެފައި އެވަނީ، ހެކިބަސް ދޭ މީހާގެ މައްޗަށް ނުވަތަ އޭނާ ދޭ ހެކިބަހުގެ މައްޗަށް ކޯޓަށް ބުރަވެ އިތުބާރުކުރެވިދާނެ ނިސްބަތް ދައްކައިދިނުމުގެގޮތުން ހެކި ހުށަހެޅުމުގެ އުސޫލަށް، ނުވަތަ އެ އިތުބާރު ނަފީކުރުމުގެގޮތުން ހުށަހަޅާ ހެކި ހުށަހެޅުމުގެ އުސޫލަށެވެ.
26.
:
އިޤްރާރު
"އިޤްރާރު" ކަމަށް ބުނެފައި އެވަނީ، އިޢުތިރާފަކަށް ނުވާގޮތަށް، ޚަޞްމަކު ނުވަތަ ކުށުގެ ތުހުމަތުކުރެވޭ މީހަކު ވަކި ވާޤިޢާއެއް ވުޖޫދުގައިވާ ކަމަށް، އަނގަބަހުން ނުވަތަ ލިޔުމުން ނުވަތަ ޢަމަލުން އެއްބަސްވާ އެއްބަސްވުމަށެވެ.
27.
:
އެގްޒެމިންކުރުން
"އެގްޒެމިންކުރުން" ކަމަށް ބުނެފައި އެވަނީ، މައްސަލައެއްގައި ހެކިބަސްދޭ މީހާއާ، ހެކިބަސް ދިނުމަށް އޭނާ ހުށަހެޅި ފަރާތުން ސުވާލުކުރުމަށެވެ. ނުވަތަ އޭނާއާ އެފަދައިން ކުރެވޭ ސުވާލުތަކަށެވެ.
28.
:
ވާޤިޢާ
"ވާޤިޢާ" ކަމަށް ބުނެފައި އެވަނީ، ޝަރީޢަތުގައި އޮތް މައްސަލައެއް ސާބިތުވުމާއި ނުވުން އެ މައްޗަށް ބިނާވެގެންވާ ޙަޤީޤަތްތަކާއި އަސްލުތަކާއި ނުކުތާތައް ހިމެނޭގޮތުން، އެ މައްސަލައެއްގައި ސާބިތުކޮށްދޭންޖެހޭ ކޮންމެ ޙަޤީޤަތަކަށް ނުވަތަ އަސްލަކަށް ނުވަތަ ކަމަކަށް އިޝާރާތްކޮށް، 'ފެކްޓް' ގެ މާނައިގައެވެ.
29.
:
މާއްދީ ހެކި
"މާއްދީ ހެކި" ކަމަށް ބުނެފައި އެވަނީ، ވަކި ވާޤިޢާއެއް ސާބިތުކޮށްދިނުމަށް ޝަރީޢަތުން ބަލައި ވަޒަންކުރުމަށް ހުށަހެޅޭ މާއްދީ ކޮންމެ އެއްޗަކަށެވެ.
30.
:
ފުރަތަމަ ދަރަޖައިގެ ހެކި
"ފުރަތަމަ ދަރަޖައިގެ ހެކި" ކަމަށް ބުނެފައި އެވަނީ، އެ ހެއްކެއްގެ މައްޗަށް ބިނާކޮށް، ވަކި ވާޤިޢާއެއް ވުޖޫދުގައި އޮތްކަން ސީދާގޮތުގައި ސާބިތުވާ ހެއްކަށެވެ.
31.
:
ދެވަނަ ދަރަޖައިގެ ހެކި
"ދެވަނަ ދަރަޖައިގެ ހެކި" ކަމަށް ބުނެފައި އެވަނީ، އެ ހެއްކެއްގެ މައްޗަށް ބިނާކޮށް، ވަކި ވާޤިޢާއެއް ވުޖޫދުގައި އޮތްކަން ސީދާގޮތުގައި ސާބިތުކޮށްނުދޭ، އެހެންނަމަވެސް ސާބިތުކޮށްދިނުމަށް އެހީތެރިވެދޭ ހެއްކަށެވެ.
32.
:
ލީޑިންގ ސުވާލު
"ލީޑިންގ ސުވާލު" ކަމަށް ބުނެފައި އެވަނީ، ހެކިބަސް ނެގުމުގެ މަރުޙަލާގައި ހެކިބަސްދޭ މީހާއާ ސުވާލުކުރެވޭ ހިނދު، ކުރެވޭ ސުވާލަށް ހޯދުމަށް އެދޭ ޖަވާބުވެސް އެ ސުވާލުން ދޭހަވެގެންދާ ގޮތަށް ކުރާ ނުވަތަ ތަރުތީބުކުރެވޭ ސުވާލަށެވެ.
33.
:
ގުޅުން ހުރުން
"ގުޅުން ހުރުން" ކަމަށް ބުނެފައި އެވަނީ، މައްސަލައެއްގައި ސާބިތުކުރުމަށް ބޭނުންވާ ވާޤިޢާއަކާއި، އެ ވާޤިޢާއެއް ސާބިތުކުރުމަށް ބޭނުންވާ ހެއްކާ ދެމެދު އޮންނަ ޤާނޫނީ އަދި މާއްދީ ގުޅުމަށެވެ.
34.
:
ސާބިތުކުރުމުގެ މިންގަނޑު
"ސާބިތުކުރުމުގެ މިންގަނޑު" ކަމަށް ބުނެފައި އެވަނީ، މަދަނީ މައްސަލައެއްގައި ދަޢުވާއެއް ސާބިތުވާނެ މިންގަނޑު ކަމުގައި، ނުވަތަ ޖިނާއީ ކުށެއް ނުވަތަ އިސްލާމްދީނުގައި ޙައްދު އަދި ޤިޞާޞް ކަނޑައެޅިފައިވާ ކުށެއް ސާބިތުވާނެ މިންގަނޑު ކަމުގައި މި ޤާނޫނުގައި ކަނޑައަޅާފައިވާ މިންގަނޑަށެވެ.
35.
:
ސާބިތުކުރުމަށް އެހީވެދޭ ނިސްބަތް
"ސާބިތުކުރުމަށް އެހީވެދޭ ނިސްބަތް" ކަމަށް ބުނެފައި އެވަނީ، ވާޤިޢާއެއް ވުޖޫދުގައިވާކަން ސާބިތުކުރުމަށްޓަކައި ގުޅުންހުރި ކަމަށް ފެންނަ ހެކި، އެ ވާޤިޢާއެއް ސާބިތުކުރުމަށް ބޭނުންތެރިވާ ނުވަތަ އެހީތެރިވާ ނިސްބަތަށެވެ.
36.
:
ޝަފަހީ ހެކި
"ޝަފަހީ ހެކި" ކަމަށް ބުނެފައި އެވަނީ، ޚުޞޫމާތެއް އުފެދިފައިވާ ވަކި ވާޤިޢާއަކާ ގުޅޭގޮތުން ހެކިބަސް ދޭ މީހާ ޝަރީޢަތުގެ މަޖިލީހަށް ހާޒިރުވެ ހުރެ، އެ މަޖިލީހުގައި އޭނާ އަނގަބަހުން ދޭ ހެކިބަހަށެވެ.
ހެކި ހުށަހެޅުން
:
ދެވަނަ ބައި
ހެކީގެ ބާވަތްތައް
:
ތިންވަނަ ބާބު
37.
:
ވަސީލަތަށް ބުރަވެ ހެކި ބައިކުރެވޭ ގޮތް
ކޯޓަށް ހެކި ހުށަހެޅޭ ވަސީލަތްތަކަށް ބުރަވެ، މި ޤާނޫނުގެ ދަށުން ހެކީގެ ގޮތުގައި ބަލައިގަނެވޭނީ، އަންނަނިވި ގޮތްތަކުގެ ތެރެއިން ގޮތަކަށް ހުށަހެޅޭ ޝަފަހީ ހެއްކާއި، ކިތާބީ ހެއްކާއި، މާއްދީ ހެއްކެވެ.
(ހ)
ޝަފަހީ ހެކީގެ ގޮތުގައި ބަލައިގަނެވޭނީ، ހެކިބަސް ދޭ މީހާ ޝަރީޢަތުގެ މަޖިލީހަށް ހާޒިރުވެ ހުރެ، އޭނާގެ އަނގަބަހުން އެ މަޖިލީހުގައި ދޭ ބަޔާނެވެ.
(ށ)
ކިތާބީ ހެކީގެ ގޮތުގައި ބަލައިގަނެވޭނީ، މައްސަލައިގައި ހިމެނޭ ފަރާތަކުން ހެކީގެ ގޮތުގައި ކޯޓަށް ހުށަހަޅާ، ވަކި ވާޤިޢާއެއް ވުޖޫދުގައި އޮތްކަން ހެކިކޮށްދޭ ލިޔުމެވެ.
(ނ)
މާއްދީ ހެކީގެ ގޮތުގައި ބަލައިގަނެވޭނީ، އަންނަނިވި ބާވަތުގެ އެއްޗެއްސެވެ.
(1)
ކިތާބީ ހެއްކަށްވެސް، ނުވަތަ ޝަފަހީ ހެއްކަށްވެސް ނުވާގޮތުން، ވަކި ވާޤިޢާއެއް ސާބިތުކޮށްދިނުމަށް ހެކީގެ ގޮތުގައި ހުށަހަޅާ މާއްދީ އެއްޗެހި؛
(2)
ފޮރެންސިކް ހެކި؛
(3)
ވަކި މެޝިނަކުން ވަކިގޮތަކަށް ނެރެދޭ ނަތީޖާ ނުވަތަ ލޮގް؛
(4)
ފިލްމާއި، ޓޭޕާއި، ފޮޓޯއާއި އެފަދަ އެއްޗެހި؛
(5)
ސައިންޓިފިކް ދަލީލްތަކާއި ތަޙްލީލުތަކުގެ ނަތީޖާ؛
(6)
ކޯޓުގައި ހަދާ ނުވަތަ ދައްކާ ޑެމޮންސްޓްރޭޝަންތަކާއި އެކްސްޕެރިމަންޓުތަކާއި ގްރާފްތަކާއި ޗާޓުތައް؛ އަދި
(7)
މެޝިން ބޭނުންކޮށްގެން ހަދާ ނުވަތަ ދައްކާ އެއްޗެހި.
38.
:
ދަރަޖައަށް ބުރަވެ، ހެކި ބައިކުރުވޭ ގޮތް
ކޯޓަށް ބަލައިގަންނަ ހެކީގެ ތެރެއިން، ހެކީގެ ދަރަޖައަށް ބުރަވެ، ކޯޓުން ވަޒަންކުރާނެ ހެކި ބެހިގެންވަނީ، އަންނަނިވި ދެ ބަޔަށެވެ.
(ހ)
ފުރަތަމަ ދަރަޖައިގެ ހެކި؛
(ށ)
ދެވަނަ ދަރަޖައިގެ ހެކި.
39.
:
ފުރަތަމަ ދަރަޖައިގެ ހެކި
(ހ)
ފުރަތަމަ ދަރަޖައިގެ ހެކީގެ ގޮތުގައި ބަލައިގަނެވޭނީ، އެ ހެއްކެއްގެ މައްޗަށް ބިނާކޮށް، ވަކި ވާޤިޢާއެއް ވުޖޫދުގައި އޮތްކަން ސީދާގޮތުގައި ސާބިތުވާ ހެއްކެވެ.
(ށ)
މި މާއްދާގެ (ހ) ގެ ބޭނުމަށްޓަކައި، ފުރަތަމަ ދަރަޖައިގެ ހެކީގެ ތެރޭގައި ހިމެނެނީ، އަންނަނިވި ބާވަތުގެ ހެއްކެވެ.
(1)
ވަކި ވާޤިޢާއެއް ވުޖޫދުގައި އޮތްކަމަށް މަންޒަރު ދުށް ނުވަތަ އަޑުއެހި މީހާ ދޭ ހެކިބަސް؛
(2)
މައްސަލަ ރައްދުވާ ފަރާތުން ޝަރީޢަތުގައި ވާ އިޢުތިރާފު؛
(3)
ފުރަތަމަ ދަރަޖައިގެ ކިތާބީ ހެކި.
40.
:
ދެވަނަ ދަރަޖައިގެ ހެކި
(ހ)
ދެވަނަ ދަރަޖައިގެ ހެކީގެ ގޮތުގައި ބަލައިގަނެވޭނީ، އެ ހެއްކެއްގެ މައްޗަށް ބިނާކޮށް، ވަކި ވާޤިޢާއެއް ވުޖޫދުގައި އޮތްކަން ސީދާގޮތުގައި ސާބިތުކޮށްނުދޭ، އެހެންނަމަވެސް ސާބިތުކޮށްދިނުމަށް އެހީތެރިވެދޭ ހެއްކެވެ.
(ށ)
ދެވަނަ ދަރަޖައިގެ ހެކީގެ ތެރޭގައި ހިމެނެނީ، ފުރަތަމަ ދަރަޖައިގެ ހެއްކަށް ނުވާގޮތަށް ހުށަހެޅޭ، އަދި މި ޤާނޫނުގައި ބަޔާންކޮށްފައިވާ ޙާލަތްތަކުގައި ބަލައިގަނެވޭ ކޮންމެ ހެއްކެކެވެ.
41.
:
ގުޅުމަށް ބުރަވެ، ހެކި ބައިކުރެވޭ ގޮތް
(ހ)
ކޯޓަށް ބަލައިގަންނަ ހެކީގެ ތެރެއިން، ހެކި ވަޒަންކުރުމުގެ އުސޫލަށް ބިނާކޮށް، ކޯޓުން ވަޒަންކުރާ ހެކި ބެހިގެންވަނީ އަންނަނިވި ދެ ބަޔަށެވެ.
(1)
މާއްދީގޮތުން ގުޅުން ހުރުން؛
(2)
ޤާނޫނީގޮތުން ގުޅުން ހުރުން.
(ށ)
މާއްދީގޮތުން ގުޅުން ހުރި ހެކި ކަމުގައި ބެލެވޭނީ، އެ ހެއްކެއް ބަލައިގަތުމުން، ވަކި ވާޤިޢާއެއް ވުޖޫދުގައި އޮތްކަން ސީދާގޮތުގައި ސާބިތުކޮށްދިނުމަށް ބާރު ލިއްބައިދޭ ހެއްކާއި، އެ ހެއްކެއް ބަލައިގަތުމުން، ވަކި ވާޤިޢާއެއް ވުޖޫދުގައި އޮތްކަން ސާބިތުކުރުމަށް އެހީތެރިވެދޭ ހެއްކެވެ.
(ނ)
ޤާނޫނީގޮތުން ގުޅުން ހުރި ހެކި ކަމުގައި ބެލެވޭނީ، އަންނަނިވި ސަބަބުތަކުގެ ތެރެއިން ސަބަބަކަށްޓަކައި، އެ ހެއްކެއް ބަލައިގަތުމަށް ޤާނޫނުއަސާސީން ނުވަތަ މި ޤާނޫނުން ނުވަތަ އެނޫންވެސް ޤާނޫނަކުން މަނާނުކުރާ ހެއްކެވެ.
(1)
ޤާނޫނާ ޚިލާފަށް ހޯދާފައިވާ ހެއްކަށްވުން؛
(2)
މީހަކަށް މަޖުބޫރުކޮށްގެން ހޯދާފައިވާ ބަޔާނަކަށްވުން؛
(3)
މި ޤާނޫނުގައި ހިމެނޭ ވަކި އުސޫލެއް މި ޤާނޫނުގައި އެހެން އޮތުމުގެ ސަބަބުން ވަޒަންކުރެވެން ނެތް ހެއްކަށްވުން.
ޝަފަހީ ހެކި
:
ހަތަރުވަނަ ބާބު
42.
:
ޝަފަހީ ހެކި ހުށަހެޅުން
(ހ)
ލިޔުމަކުން ސާބިތުވާން އޮތް ވާޤިޢާއެއް ފިޔަވައި، އެހެން ވާޤިޢާއެއް ސާބިތުކުރުމަށް ޝަފަހީ ހެކި ހުށަހެޅިދާނެއެވެ.
(ށ)
ހެކިބަސްދޭ މީހާ ޝަރީޢަތުގެ މަޖިލީހުގައި ދޭ ޝަފަހީ ހެކި ވާންވާނީ، ހެކިބަސް ދެވޭ ކަމެއް، އޭނާއަށް އަމިއްލައަށް ތަޖުރިބާކުރެވިފައިވާ ގޮތް ބަޔާންކުރުމުގެގޮތުން ޞަރީޙަ ޢިބާރާތުން، ތެދުބަހުން ދޭ ހެކިބަހަށެވެ.
(ނ)
މި މާއްދާގެ (ށ) ގެ ބޭނުމަށްޓަކައި، ހެކިބަސްދޭ ފަރާތަށް އަމިއްލައަށް ކަމެއް ތަޖުރިބާކުރެވިފައިވުން ކަމަށް ބެލެވޭނީ، ވަކި އެއްޗެއް ނުވަތަ ކަމެއް އޭނާއަށް ކަނޑައެޅިގެން ފެނުމަށް ނުވަތަ އިވުމަށް ނުވަތަ އެނޫންވެސް ގޮތަކަށް އޭނާގެ ހިއްސަކުން ކަނޑައެޅިގެން އިހްސާސްކުރެވިފައިވުމަށެވެ.
(ރ)
މި މާއްދާގެ (ށ) އަދި (ނ) ގެ ބޭނުމަށްޓަކައި، ހެކިބަސް ދޭ މީހާއަށް އަމިއްލައަށް ތަޖުރިބާކުރެވިފައިވާ އެއްޗެއް ނުވަތަ ކަމެއް ބަޔާންކުރުމުގެގޮތުން ދޭ ހެކިބަހަކީ، އަންނަނިވި ފަދައިން ދޭ ހެކިބަހެވެ.
(1)
ހެކިބަހަކީ، ފެނުނު ކަމެއް ސާބިތުކޮށްދިނުމަށް ދޭ ހެކިބަހެއްނަމަ، އެ ހެކިބަހެއް ވާންވާނީ، އެމީހެއްގެ ލޮލަށް ފެނުނު ކަމެއް ތެދުބަހުން ބަޔާންކޮށްދޭ ހެކިބަހަށެވެ.
(2)
ހެކިބަހަކީ، އަޑުއިވުނު ކަމެއް ސާބިތުކޮށްދިނުމަށް ދޭ ހެކިބަހެއްނަމަ، އެ ހެކިބަހެއް ވާންވާނީ، އެމީހަކަށް ސީދާ އަޑުއިވުނު ކަމެއް ތެދުބަހުން ބަޔާންކޮށްދޭ ހެކިބަހަށެވެ.
(3)
މި އަކުރުގެ (1) ވަނަ ނަންބަރާއި (2) ވަނަ ނަންބަރުގައިވާ ޙާލަތްތަކުގެ އިތުރުން، ހެކިބަސް ދޭ ކަމަކީ، ހިއްސަކުން ނުވަތަ އެނޫންވެސް ގޮތަކުން އިހްސާސްކުރެވޭ ޒާތުގެ ކަމެއްނަމަ، އެ ހެކިބަހެއް ވާންވާނީ، އެމީހަކަށް އިހްސާސްކުރެވުނު ކަމެއް ތެދުބަހުން ބަޔާންކޮށްދޭ ހެކިބަހަށެވެ.
(ބ)
ހެކިބަސްދޭ ފަރާތުން ދޭ ހެކިބަހަކީ، ވަކި ކަމަކާ ގުޅޭގޮތުން އޭނާ ހާމަކުރާ ރައުޔު ކަމަށްވާނަމަ، ނުވަތަ އޭނާ ދެކޭގޮތް ބިނާވެފައިވާ ސަބަބުތައް ކަމަށްވާނަމަ، އެ ހެކިބަހެއް ވާންވާނީ، އެ ކަމެއްގެ ސަބަބުތަކުގެ މައްޗަށް ބިނާކޮށް އޭނާ ދެކޭގޮތް ނުވަތަ އެ ސަބަބުތައް ތެދުބަހުން ބަޔާންކޮށްދޭ ހެކިބަހަށެވެ.
(ޅ)
ވަކި ކަމަކާ ގުޅޭގޮތުން ޚަބީރެއްގެ ރައުޔާއި، އެ ރައުޔު ބިނާކޮށްފައިވާ ސަބަބުތައް ބަޔާންކޮށް، ޢާންމުކޮށް ގަންނަން ލިބެން ހުންނަ ފޮތެއްގައި ލިޔެފައިވާ ލިޔުން ސާބިތުކޮށްދިނުމަށްޓަކައި، އަންނަނިވި ޙާލަތުތަކުގައި އެ ފޮތެއްގެ އެ ލިޔުން ކޯޓަށް ހުށަހެޅިދާނެއެވެ.
(1)
އެ ލިޔުން ލިޔުނު މީހާ މަރުވެފައިވާނަމަ؛
(2)
އެ ލިޔުން ލިޔުނު މީހާ ހޯދައި ނުފެނިފައިވާނަމަ؛
(3)
އެ ލިޔުން ލިޔުނު މީހާ ހެކިބަސްދިނުމަށް ނުކުޅެދިފައިވާނަމަ؛
(4)
އެ ލިޔުން ލިޔުނު މީހާ ހެކިބަސްދިނުމަށްޓަކައި ކޯޓަށް ހާޒިރުކުރެވެން އޮތީ އެކަށީގެންވާ ވަރަށްވުރެ ދިގު މުއްދަތެއް ހޭދަވެގެން ކަމުގައި ޝަރީޢަތަށް ޤަބޫލުކުރެވޭނަމަ؛
(5)
އެ ލިޔުން ލިޔުނު މީހާ ހެކިބަސްދިނުމަށްޓަކައި ކޯޓަށް ހާޒިރުކުރެވެން އޮތީ އެކަށީގެންވާ ވަރަށްވުރެ ބޮޑު ޚަރަދެއް ކޮށްގެން ކަމުގައި ޝަރީޢަތަށް ޤަބޫލުކުރެވޭނަމަ.
43.
:
ޝަފަހީ ހެއްކާ ގުޅޭގޮތުން މާއްދީ ހެއްކެއް ހުށަހެޅުން
މާއްދީ އެއްވެސް އެއްޗެއް ވުޖޫދުގައިވާ ކަމަށް ނުވަތަ އެ އެއްޗެއް އޮތް ޙާލަތާ ގުޅޭގޮތުން ހެކިބަސް ދޭ މީހާ ޝަރީޢަތުގެ މަޖިލީހުގައި ހެކިބަސް ދޭ ޙާލަތްތަކުގައި، އެ ހެކިބަހުގައި ބަޔާންކުރާ މާއްދީ އެއްވެސް އެއްޗެއް ކޯޓުން ބަލަން ބޭނުންވެއްޖެ ހިނދެއްގައި، އެ އެއްޗެއް ކޯޓަށް ހުށަހެޅުމަށް އެންގިދާނެއެވެ.
44.
:
ޝަފަހީ ހެކި ހުށަހެޅުމުގެ މަރުޙަލާގައި ކިތާބީ ހެކި ހުށަހެޅުން
ޝަފަހީ ހެކި ހުށަހެޅުމުގެ މަރުޙަލާގައިވެސް، މައްސަލައިގައި ސާބިތުކުރަން ބޭނުންވާ ވާޤިޢާއަކާ ގުޅުންހުރި ލިޔުން، އެ މައްސަލަ ސާބިތުކުރަން ބޭނުންވާ ކިތާބީ ހެކީގެ ގޮތުގައި ހުށަހެޅިދާނެއެވެ.
ހެކިބަސް ދޭ ފަރާތްތައް
:
ފަސްވަނަ ބާބު
45.
:
ހެކިބަސްދޭ ފަރާތަށް ސީދާ ކަމެއް އެނގިފައި އޮވެގެން މެނުވީ އެކަމުގައި ހެކިބަސް ނުދިނުން
ވަކި ވާޤިޢާއެއް ސާބިތުކޮށްދިނުމަށްޓަކައި ހެކިބަސް ދޭ ފަރާތަކަށް ހެކިބަސް ދެވޭނީ، އޭނާ އަމިއްލައަށް އެކަމެއް ތަޖުރިބާކުރެވިފައިވާ ކަމަށް ބެލުމަށް ކާފީ ހެކި ހުށަހަޅާފައިވާނަމައެވެ.
46.
:
ހެކިބަސްދިނުމުގެ ޤާބިލުކަން,ހުރި ފަރާތްތައް
(ހ)
މި ޤާނޫނުގައި އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާހާ ހިނދަކު، ހެކިބަސް ދިނުމުގެ ޤާބިލުކަން ހުރި ކޮންމެ ފަރާތަކަށް، ވަކި ވާޤިޢާއެއް ވުޖޫދުގައިވާކަން ސާބިތުކޮށްދިނުމުގެ ގޮތުން ހެކިބަސް ދެވިދާނެއެވެ.
ރިއެކްޝަންތައް
ތާއީދު ކުރާ
0 (0%)
ތާއީދު ނުކުރާ
1 (100%)
ފީޑްބެކް 0
ކޮންޓެކްޓް ޕޮއިންޓް
ހފގހފގހ
-
-