ނިމުނު ދުވަސް 30th May 2024 12:00 AM
ވަރޝަންގެ ތާރީހް 23rd May 2024 04:30 AM
ބިލް
1 ވަރޝަން

މަދަނީ އިޖުރާއަތުގެ ބިލު

ހުށަހަޅާފައިވަނީ: ޓެސްޓް ސްޕޮންސަރ

ފގދފގ
  • 1. : ތަޢާރުފާއި ނަން
    • (ހ) މިއީ، ދިވެހިރާއްޖޭގެ ޝަރުޢީ ކޯޓުތަކަށް ހުށަހެޅޭ މަދަނީ މައްސަލަތަކުގެ ޝަރީޢަތުގެ ކުރީގެ އިޖުރާއަތުތަކާއި، އެފަދަ މައްސަލަތަކުގެ ޝަރީޢަތުގެ މަރުޙަލާތައް ހިނގާނެ ގޮތާއި، އެފަދަ މައްސަލަތަކުގެ މައްޗަށް ހިނގާނެ ހެކީގެ އުސޫލުތަކާއި، އެފަދަ މައްސަލަތަކާމެދު ގޮތެއް ނިންމުމުގައާއި، ޝަރީޢަތް ނިމި ޙުކުމް ތަންފީޛުކުރުމުގައި ޢަމަލުކުރާނެ އިޖުރާއަތުތަކާއި، އެނޫންވެސް ދިވެހިރާއްޖޭގެ ޝަރުޢީ ކޯޓުތަކަށް ހުށަހެޅޭ މައްސަލަތަކުގެ މަދަނީ އިޖުރާއަތާބެހޭ ޢާންމު އުސޫލުތައް ބަޔާންކުރުމުގެ ޤާނޫނެވެ.
    • (ށ) މި ޤާނޫނަށް ކިޔާނީ، "މަދަނީ އިޖުރާއަތުގެ ޤާނޫނު" އެވެ.
  • 2. : މި ޤާނޫނު އެ މައްޗަށް ހިނގާނެ ކޯޓުތައް
    • (ހ) އެހެން ޤާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާހާ ހިނދަކު، އަންނަނިވި ކޯޓުތަކުގައި ހިނގާ އެންމެހައި މަދަނީ މައްސަލަތަކުގެ މައްޗަށް މި ޤާނޫނު ހިނގާނެއެވެ.
      • (1) ސިވިލް ކޯޓު؛
      • (2) މެޖިސްޓްރޭޓް ކޯޓުތައް؛
      • (3) ފެމިލީ ކޯޓު؛
      • (4) ހައިކޯޓު؛
      • (5) ސުޕްރީމް ކޯޓު؛
      • (6) މަދަނީ މައްސަލަތައް ބެލުމުގެ އިޚްތިޞާޞް ޤާނޫނަކުން ލިބިދީފައިވާ ކޮންމެ ކޯޓެއް.
    • (ށ) މި މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރު އެހެން އޮތްނަމަވެސް، އާއިލާއާބެހޭ ޤާނޫނުގެ ދަށުން ނުވަތަ އެނޫންވެސް މަދަނީ އިޖުރާއަތާބެހޭ ޚާއްޞަ ޤާނޫނެއްގެ ދަށުން ފެމިލީ ކޯޓުން ބަލާ އާއިލީ މައްސަލަތައް ބެލުމުގައި، ފެމިލީ ކޯޓުން ޢަމަލުކުރާނީ، އެ ޤާނޫނެއްގައި ބަޔާންކުރާ ޚާއްޞަ އިޖުރާއަތުތަކާ އެއްގޮތްވާ ގޮތުގެމަތިންނެވެ. އެނޫން ކަންކަމުގައި، މި ޤާނޫނުގައި ބަޔާންކުރާ ޢާންމު މަދަނީ އިޖުރާއަތުތަކާއި އުސޫލުތައް ފެމިލީ ކޯޓުގެ މައްޗަށް ހިނގާނެއެވެ.
  • 3. : މި ޤާނޫނު އެ މައްޗަށް,ހިނގާނެ މައްސަލަތައް
    • (ހ) މި ޤާނޫނު ހިނގާނީ، މި ޤާނޫނަށް ޢަމަލުކުރަން ފެށުމަށްފަހު ޝަރީޢަތަށް ހުށަހެޅޭ މަދަނީ މައްސަލަތަކުގެ މައްޗަށެވެ.
    • (ށ) މި މާއްދާގެ (ހ) އެހެން އޮތްނަމަވެސް، މި ޤާނޫނަށް ޢަމަލުކުރަން ފެށުމުގެ ކުރިން މަދަނީ މައްސަލަތައް ބެލުމުގެ އިޚްތިޞާޞް ލިބިގެންވާ ކޯޓަކުން ކޮށްފައިވާ ޙުކުމަކީ، އިސްތިއުނާފީ ކޯޓެއްގައި އެ ޙުކުމް އިސްތިއުނާފުކުރުމަށް އޮތް މުއްދަތު ހަމަވެފައިނުވާ، އަދި މި ޤާނޫނަށް ޢަމަލުކުރަން ފަށާއިރު އިސްތިއުނާފުކޮށްފައިނުވާ ޙުކުމެއް ކަމުގައިވާނަމަ، އެ ޙުކުމް އިސްތިއުނާފުކުރުމަށްޓަކައި، މި ޤާނޫނުގެ ސައްބީސްވަނަ ބާބު ]އިސްތިއުނާފުކުރުން[ ގައި ބަޔާންކުރާ މަރުޙަލާތައް ހިންގުމަކަށް މި ޤާނޫނު ހުރަހެއްނާޅައެވެ. ނުވަތަ މި ޤާނޫނަށް ޢަމަލުކުރަން ފެށުމުގެ ކުރިން މަދަނީ މައްސަލަތައް ބެލުމުގެ އިޚްތިޞާޞް ލިބިގެންވާ ކޯޓަކުން ކޮށްފައިވާ ޙުކުމަކީ، މި ޤާނޫނުގެ ދަށުން ތަންފީޛުކުރެވޭނެ ޙުކުމެއް ކަމުގައިވާނަމަ، އެ ޙުކުމް ތަންފީޛުކުރުމަށްޓަކައި، މި ޤާނޫނުގެ ފަސްވަނަ ބައި ]ޙުކުމް ތަންފީޛުކުރުން[ ގައި ބަޔާންކުރާ މަރުޙަލާތައް ހިންގުމަކަށް މި ޤާނޫނު ހުރަހެއްނާޅައެވެ.
  • 4. : ޤާނޫނުގެ ޢާންމު މަޤްޞަދު މި ޤާނޫނުގެ މަޤްޞަދަކީ، ޝަރީޢަތަށް ހުށަހެޅޭ މަދަނީ މައްސަލަތައް، ޢަދުލުވެރިކަމާއި ހާމަކަމާއެކު، އަދި އެކަށީގެންވާ އަވަސް މިނެއްގައި ބަލައި، ގޮތެއް ނިންމުމަށް މަގުފަހިކުރުވުމެވެ.
  • 5. : ޤާނޫނުގެ އެންމެ އަސާސީ މަޤްޞަދުތައް
    • (ހ) މި ޤާނޫނުގެ 4 ވަނަ މާއްދާގައި ބަޔާންކުރާ ޢާންމު މަޤްޞަދު ޙާޞިލުކުރުމުގެ ގޮތުން އަންނަނިވި އަސާސީ މަޤްޞަދުތައް ނެގެހެއްޓުމަށް މަސައްކަތްކުރުމަކީ ކޯޓުތަކާއި ޚަޞްމުންގެ އެންމެ އިސް ވާޖިބެވެ.
      • (1) ހުރިހާ ޚަޞްމުންނާމެދުވެސް ހަމަހަމަ އުސޫލަކުން ކަންކުރުމަށް އިސްކަންދިނުން؛
      • (2) ޚަރަދު ކުޑަކުރެވޭނެ ގޮތަކަށް މައްސަލަތައް ހިންގުން؛
      • (3) މައްސަލައިގައި ހިމެނޭ ފައިސާގެ ޢަދަދަށާއި، މައްސަލައިގެ މުހިންމުކަމަށާއި، މައްސަލައިގެ ޒާތާއި ބާވަތަށާއި، މައްސަލައިގައި ހިމެނޭ ޚަޞްމުންގެ މާލީ ޙާލަތަށް ރިޢާޔަތްކޮށް، ހަމަހަމަ އުސޫލަކުން މައްސަލައިގައި ޢަމަލުކުރެވުން؛
      • (4) ޢަދުލުރުވެރިކަމާއެކު، އަދި އެކަށީގެންވާ އަވަސް މިނެއްގައި މައްސަލައާމެދު ގޮތެއް ނިންމުން؛
      • (5) ކޯޓަށް ހުށަހެޅިފައިވާ އެހެން މައްސަލަތަކަށް ބޭނުންވާ ވަސީލަތްތަކަށްވެސް ރިޢާޔަތްކުރުމާއެކު، މި މާއްދާގައި ބަޔާންކުރާ މަޤްޞަދުތައް ހާސިލުކުރެވޭނެ ގޮތަށް ކޯޓަށް ހުށަހެޅޭ މައްސަލަތައް ހިންގުމަށް ބޭނުންވާނެ ކޯޓުގެ ވަސީލަތްތައް އެކަމަށް ކަނޑައެޅުން؛
      • (6) މި ޤާނޫނާއި މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދުތަކާ އެއްގޮތަށް ޢަމަލުކުރުން.
    • (ށ) މި ޤާނޫނުގެ ދަށުން ކޯޓުން އެއްވެސް ބާރެއް ތަންފީޛުކުރުމުގައި މި މާއްދާގެ (ހ) ގައި ބަޔާންކުރާ އެންމެ އިސް ވާޖިބު ނެގެހެއްޓުމަށް އަބަދުމެ މަސައްކަތްކުރަންވާނެއެވެ.
    • (ނ) މި މާއްދާގެ (ހ) ގައި ޚަޞްމުންގެ ވާޖިބު ކަމުގައި ބަޔާންކުރާ ވާޖިބު، އެ ޚަޞްމުންގެ ޤާނޫނީ ވަކީލުންނާއި އެ ޚަޞްމުން ތަމްސީލުކުރުމަށް ކަނޑައެޅޭ އެނޫން ފަރާތްތަކުގެ މައްޗަށްވެސް އިސްވެގެންވެއެވެ.
  • 6. : މަފްހޫމްތަކުގެ އަސާސް މި ޤާނޫނުގައި ބަޔާންކޮށްފައިވާ މަފްހޫމުތައް މި ބާބުގައި ބަޔާންކޮށްފައި އެވަނީ، މި ޤާނޫނުގެ އަސްލު އެގޮތުގައި ދެމެހެއްޓުމަށާއި، މި ޤާނޫނުގެ މަޤްޞަދު އެންމެ ފުޅާމިނުގައި ޙާޞިލުކުރުމަށް މަގުފަހިކުރުމުގެ ބޭނުމުގައެވެ. މި ޤާނޫނުގެ ހަމަ ކޮންމެ މާއްދާއެއްވެސް ކިޔަންވާނީ، އެ މަފްހޫމުތަކަށް ހަނިކަމެއް ނާންނާނެ ގޮތުގެމަތިންނެވެ.
  • 7. : މަދަނީ ދަޢުވާ ނުވަތަ,މަދަނީ މައްސަލަ "މަދަނީ ދަޢުވާ" ނުވަތަ "މަދަނީ މައްސަލަ" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގައި މަދަނީ މައްސަލަތައް ބެލުމުގެ އިޚްތިޞާޞް ލިބިގެންވާ ކޯޓެއްގައި އުފުލޭ މަދަނީ ދަޢުވާއަށެވެ.
  • 8. : ޚަޞްމުން "ޚަޞްމުން" ކަމަށް ބުނެފައި އެވަނީ، މަދަނީ މައްސަލަތައް ބެލުމުގެ އިޚްތިޞާޞް ލިބިގެންވާ ކޯޓެއްގައި އުފުލޭ މަދަނީ ދަޢުވާއެއްގައި، ދަޢުވާކުރާ އަދި ދަޢުވާ ލިބޭ އެންމެހައި ފަރާތްތަކަށެވެ.
  • 9. : ދަޢުވާކުރާ ފަރާތް "ދަޢުވާކުރާ ފަރާތް" ކަމަށް ބުނެފައި އެވަނީ، މަދަނީ މައްސަލަތައް ބެލުމުގެ އިޚްތިޞާޞް ލިބިގެންވާ ކޯޓެއްގައި ދަޢުވާ އުފުލާ ފަރާތަށެވެ. އެ މާނައިގެ ތެރޭގައި، ދަޢުވާއެއް ފުރަތަމަ އުފުލާ ފަރާތާއި، ރައްދު ދަޢުވާއެއް އުފުލާ ފަރާތާއި، އިތުރު ދަޢުވާ އުފުލާ ފަރާތްވެސް ހިމެނެއެވެ.
  • 10. : ދަޢުވާލިބޭ ފަރާތް "ދަޢުވާލިބޭ ފަރާތް" ކަމަށް ބުނެފައި އެވަނީ، މަދަނީ މައްސަލަތައް ބެލުމުގެ އިޚްތިޞާޞް ލިބިގެންވާ ކޯޓެއްގައި ދަޢުވާ ރައްދުވާ ފަރާތަށެވެ. އެ މާނައިގެ ތެރޭގައި، ފުރަތަމަ އުފުލާ ދަޢުވާއާ ގުޅިގެން ރައްދު ދަޢުވާއެއް ނުވަތަ އިތުރު ދަޢުވާއެއް އުފުލާ ޙާލަތުގައި، އެ ދަޢުވާއެއްގެ ދިފާޢު ހުށަހަޅަންޖެހޭ ކޮންމެ ފަރާތެއް ހިމެނެއެވެ.
  • 11. : އިބްތިދާއީ އަޑުއެހުން "އިބްތިދާއީ އަޑުއެހުން" ކަމަށް ބުނެފައި އެވަނީ، ދަޢުވާއަށް ދިފާޢު ހުށަހަޅާ މައްސަލަތަކުގެ ތެރެއިން، ޝަރީޢަތް ހިންގުމަށް ކަނޑައެޅޭ މައްސަލަތަކުގެ ޝަރީޢަތުގެ މަރުޙަލާތައް ފެށުމުގެ ކުރިން، އެ މައްސަލަ ކުރިއަށްގެންދާނެ ގޮތެއް ކަނޑައެޅުމަށްޓަކައި ބޭއްވޭ އަޑުއެހުމެވެ.
  • 12. : ކުދި މައްސަލަތަކުގެ ޓްރެކް "ކުދި މައްސަލަތަކުގެ ޓްރެކް" ކަމަށް ބުނެފައި އެވަނީ، ޢާންމު އުސޫލުން 300,000 (ތިންލައްކަ) ރުފިޔާއަށްވުރެ ދަށުގެ ފައިސާގެ ޢަދަދު ހިމެނޭ، އެ މައްސަލައެއްގައި ބޮޑެތި ޤާނޫނީ ނުކުތާތައް ނުހިމެނޭ ކުދި މައްސަލަތައް ބެލުމަށް ކަނޑައެޅޭ ޓްރެކެވެ.
  • 13. : އަވަސްނިޔާގެ,މައްސަލަތަކުގެ ޓްރެކް "އަވަސްނިޔާގެ މައްސަލަތަކުގެ ޓްރެކް" ކަމަށް ބުނެފައި އެވަނީ، ޢާންމު އުސޫލުން 300,000 (ތިންލައްކަ) ރުފިޔާއާއި 1,000,000 (އެއްމިލިއަން) ރުފިޔާއާ ދެމެދުގެ ޢަދަދެއްގެ ފައިސާ ހިމެނޭ، ޝަރީޢަތުގެ މަރުޙަލާތައް ފުރިހަމަކުރާނެ ވަގުތު ކަނޑައެޅިގެން، އަދި އެ މަރުޙަލާތައް އަވަހަށް ނިންމުމަށް ބާރުއަޅައިދޭ އިޖުރާއަތުތަކެއް ކަނޑައެޅިގެން މައްސަލަތައް ކުރިއަށްގެންދެވޭ ޓްރެކެވެ.
  • 14. : ބޮޑެތި މައްސަލަތަކުގެ,ޓްރެކް "ބޮޑެތި މައްސަލަތަކުގެ ޓްރެކް" ކަމަށް ބުނެފައި އެވަނީ، ޢާންމު އުސޫލުން 1,000,000 (އެއްމިލިއަން) ރުފިޔާއަށްވުރެ މަތީ ޢަދަދެއްގެ ފައިސާ ހިމެނޭ، ކުދި މައްސަލަތަކުގެ ޓްރެކާއި ބޮޑެތި މައްސަލަތަކުގެ ޓްރެކުން ނުބެލޭނެ އެންމެހައި މައްސަލަތައް ބަލާ ޓްރެކެވެ.
  • 15. : އިޚްތިލާފެއްނުވާ ބާވަތުގެ މައްސަލަތަކުގައި ދަޢުވާކުރުމުގެ ޚާއްޞަ އިޖުރާއަތު "އިޚްތިލާފެއްނުވާ ބާވަތުގެ މައްސަލަތަކުގައި ދަޢުވާކުރުމުގެ ޚާއްޞަ އިޖުރާއަތު" ކަމަށް ބުނެފައި އެވަނީ، މައްސަލައިގައި ހިމެނޭ ވާޤިޢާތަކާމެދު ނުވަތަ މައްސަލައިގައި ހިމެނޭ ޤާނޫނީ ނުކުތާތަކާމެދު ޚަޞްމުންގެ މެދުގައި އިޚްތިލާފެއް އުފެދިފައިނުވާ، އެހެންނަމަވެސް ޝަރީޢަތުން ގޮތެއް ކަނޑައަޅަންޖެހޭ ފަދަ މައްސަލަތަކުގައި، މަދަނީ މައްސަލައެއްގައި ދަޢުވާ އުފުލުމަށް އޮންނަ ޢާންމު އިޖުރާއަތު ކަމަށް މި ޤާނޫނުގެ ހަތްވަނަ ބާބު [ދަޢުވާކުރުން] ގައި ބަޔާންކުރާ އިޖުރާއަތުގެ ދަށުން ދަޢުވާއެއް ހުށަހަޅައިގެން އެ ދަޢުވާ ދިފާޢުކޮށް ނުވަތަ އެނޫންވެސް ގޮތަކުން ދަޢުވާއަށް ރައްދުދީ، މި ޤާނޫނުގެ އަށާވީސްވަނަ ބާބު ]ހެކި ހާމަކުރުން[ ގައި ބަޔާންކުރާ ފަދަ އިޖުރާއަތުތައް ހިންގައިގެން މައްސަލަ ބެލުމުގެ ބަދަލުގައި، އެފަދަ މައްސަލަތަކާމެދު އަވަސް މުއްދަތެއްގެ ތެރޭގައި ގޮތެއް ކަނޑައަޅައި ނިންމުމަށްޓަކައި ބޭނުންކުރާ ޚާއްޞަ އިޖުރާއަތެވެ.
  • 16. : ދަޢުވާއަށް ރައްދުދިނުން "ދަޢުވާއަށް ރައްދުދިނުން" ކަމަށް ބުނެފައި އެވަނީ، މަދަނީ މައްސަލަތައް ބެލުމުގެ އިޚްތިޞާޞް ލިބިގެންވާ ކޯޓެއްގައި އުފުލޭ ދަޢުވާއަށް، އެ ދަޢުވާ ލިބޭ ފަރާތުން އެއްބަސްވުމާއި، އެ ދަޢުވާ ދިފާޢުކުރުމާއި، ރައްދު ދަޢުވާއެއް ކުރުން ހިމެނޭގޮތުން، ދަޢުވާ ލިބޭ ފަރާތުން އެ ދަޢުވާއަށް ރައްދު ދިނުމަށެވެ.
  • 17. : ދަޢުވާއަށް އެއްބަސްވުން "ދަޢުވާއަށް އެއްބަސްވުން" ކަމަށް ބުނެފައި އެވަނީ، މަދަނީ މައްސަލަތައް ބެލުމުގެ އިޚްތިޞާޞް ލިބިގެންވާ ކޯޓެއްގައި އުފުލޭ ދަޢުވާއަށް، އެ ދަޢުވާ ލިބޭ ފަރާތުން އެއްބަސްވާ އެއްބަސްވުމަށެވެ.
  • 18. : ދަޢުވާގެ ދިފާޢު "ދަޢުވާގެ ދިފާޢު" ކަމަށް ބުނެފައި އެވަނީ، މަދަނީ މައްސަލަތައް ބެލުމުގެ އިޚްތިޞާޞް ލިބިގެންވާ ކޯޓެއްގައި އުފުލޭ ދަޢުވާއަށް، އެ ދަޢުވާ ލިބޭ ފަރާތުން އެއްބަސްވުމުގެ ބަދަލުގައި، އެ ދަޢުވާއަށް ހުށަހަޅާ ދިފާޢަށެވެ.
  • 19. : ރައްދު ދަޢުވާ "ރައްދު ދަޢުވާ" ކަމަށް ބުނެފައި އެވަނީ، މަދަނީ މައްސަލަތައް ބެލުމުގެ އިޚްތިޞާޞް ލިބިގެންވާ ކޯޓެއްގައި އުފުލޭ ދަޢުވާއަކަށް ރައްދުދިނުމުގައި، އެ ދަޢުވާ ލިބޭ ފަރާތުން ދަޢުވާކުރާ ފަރާތުގެ މައްޗަށް ރައްދު ދަޢުވާއެއް އުފުލުމަށެވެ.
  • 20. : ކޯޓުގެ އިޚްތިޞާޞްއާމެދު ސުވާލު އުފެއްދުން "ކޯޓުގެ އިޚްތިޞާޞް އާމެދު ސުވާލު އުފެއްދުން" ކަމަށް ބުނެފައި އެވަނީ، މަދަނީ ދަޢުވާއެއް ހުށަހެޅިފައިވާ ކޯޓަކަށް އެ ދަޢުވާ ބަލައި ގޮތެއް ނިންމުމުގެ އިޚްތިޞާޞް ލިބިގެންނުވާ ކަމަށް ދަޢުވާ ލިބޭ ފަރާތަށް ޤަބޫލުކުރެވޭ ޙާލަތުގައި، ނުވަތަ ޢާންމު އުސޫލުން އެފަދަ މައްސަލަ ބެލުމުގެ އިޚްތިޞާޞް އެ ކޯޓަކަށް ލިބިދީފައިވީނަމަވެސް، އެ ކޯޓުން އެ މައްސަލަ ބަލައިގެންނުވާނެ ޙާލަތެއް ވުޖޫދުގައިވާ ކަމަށް ދަޢުވާ ލިބޭ ފަރާތަށް ޤަބޫލުކުރެވޭ ޙާލަތުގައި، ދަޢުވާ ލިބޭ ފަރާތުން ދަޢުވާއަށް ރައްދުދިނުމުގެ ބަދަލުގައި، ކޯޓުގެ އިޚްތިޞާޞް އާމެދު ސުވާލު އުފެއްދުމަށެވެ.
  • 21. : ޣައިރު ޙާޟިރުގައި,ކުރާ ޙުކުމް "ޣައިރު ޙާޟިރުގައި ކުރާ ޙުކުމް" ކަމަށް ބުނެފައި އެވަނީ، މަދަނީ މައްސަލަތައް ބެލުމުގެ އިޚްތިޞާޞް ލިބިގެންވާ ކޯޓެއްގައި އުފުލޭ ދަޢުވާއެއްގެ ލިޔެކިޔުމާ ދަޢުވާ ލިބޭ ފަރާތުން ޙަވާލުވުމަށްފަހު، ދަޢުވާއަށް ރައްދުދިނުމަށް ކަނޑައަޅާފައިވާ މުއްދަތުގައި ދަޢުވާއަށް ރައްދުދީފައިނުވާ ޙާލަތުގައި، މައްސަލައިގެ ޝަރީޢަތް ހިންގުމަކާ ނުލައި، ދަޢުވާލިބޭ ފަރާތާ ދެކޮޅަށް އެ ދަޢުވާ ސާބިތުވާކަމަށް ކަނޑައަޅައި، އެ މައްސަލަ ދަޢުވާ ލިބޭ ފަރާތުގެ ޣައިރު ޙާޟިރުގައި ނިންމައި ކުރާ ޙުކުމަށެވެ.
  • 22. : ޝަރީޢަތް ހިންގުމަކާ ނުލައި މައްސަލަ ނިންމުން "ޝަރީޢަތް ހިންގުމަކާ ނުލައި މައްސަލަ ނިންމުން" ކަމަށް ބުނެފައި އެވަނީ، މަދަނީ މައްސަލަތައް ބެލުމުގެ އިޚްތިޞާޞް ލިބިގެންވާ ކޯޓެއްގައި އުފުލޭ ދަޢުވާ، ދަޢުވާލިބޭ ފަރާތަށް ދިފާޢުކުރެވިދާނެ ކަމުގެ ފުރުޞަތެއް ނެތް ޙާލަތުގައި، ނުވަތަ ދަޢުވާކުރާ ފަރާތުން އެދިފައިވާ ގޮތަށް އެ ދަޢުވާ ނިމުމުގެ ފުރުޞަތެއް ނެތް ޙާލަތުގައި، އެ ދަޢުވާގެ ޝަރީޢަތް ހިންގުމަކާ ނުލައި، ދަޢުވާއާ ގުޅޭގޮތުން ހުށަހެޅިފައިވާ ލިޔެކިޔުމާއި ހެއްކަށް ބިނާކޮށް، އެ ދަޢުވާގައި ގޮތެއް ކަނޑައަޅައި ޙުކުމް ކުރުމަށެވެ.
  • 23. : ވަގުތީ އަމުރު "ވަގުތީ އަމުރު" ކަމަށް ބުނެފައި އެވަނީ، މަދަނީ މައްސަލަތައް ބެލުމުގެ އިޚްތިޞާޞް ލިބިގެންވާ ކޯޓެއްގައި ބަލަމުންދާ މައްސަލައަކާ ގުޅިގެން، ނުވަތަ އެފަދަ ކޯޓަކަށް ހުށަހެޅިދާނެ މައްސަލައަކާ ގުޅިގެން، ރައްކާތެރިކަމުގެ ވަގުތީ ފިޔަވަޅެއް އަޅައިދިނުމަށް އެދި މައްސަލައިގެ ޚަޞްމަކު ނުވަތަ މައްސަލައިގައި މަޞްލަޙަތު އޮތް އެހެން ފަރާތަކުން ކޯޓުގައި އެދޭ ޙާލަތުގައި ކޯޓުން ކުރާ ވަގުތީ އަމުރަށެވެ.
  • 24. : ޝަރީޢަތް ހިންގުން "ޝަރީޢަތް ހިންގުން" ކަމަށް ބުނެފައި އެވަނީ، މަދަނީ މައްސަލަތައް ބެލުމުގެ އިޚްތިޞާޞް ލިބިގެންވާ ކޯޓެއްގައި އުފުލޭ ދަޢުވާތަކުގެ ތެރެއިން ދަޢުވާލިބޭ ފަރާތުން ދިފާޢު ހުށަހެޅުމުގެ ސަބަބުން ޝަރީޢަތް ހިންގުމަށް ކަނޑައެޅޭ މައްސަލަތަކުގެ ޝަރީޢަތް ހިންގުމަށެވެ. "ޝަރީޢަތް ހިންގުން" މި ޢިބާރާތް ބޭނުންކޮށްފައިވަނީ، "ޓްރަޔަލް" ހިންގުމުގެ މާނައިގައެވެ.
  • 25. : ކޯޓުން ބޭރުގައި މައްސަލަ ޙައްލުކުރުން "ކޯޓުން ބޭރުގައި މައްސަލަ ޙައްލުކުރުން" ކަމަށް ބުނެފައި އެވަނީ، މަދަނީ މައްސަލަތައް ބެލުމުގެ އިޚްތިޞާޞް ލިބިގެންވާ ކޯޓަކަށް ހުށަހެޅޭ މަދަނީ ދަޢުވާއެއް ކޯޓުން ބޭރުގައި ޙައްލުކުރުމަށްޓަކައި މައްސަލައިގެ ޚަޞްމުންގެ އެދުމުގެ މަތިން އެ ޚަޞްމުންނަށް ދެވޭ ފުރުޞަތަށެވެ.
  • 26. : ދަޢުވާ އަނބުރާ ގެނައުން "ދަޢުވާ އަނބުރާ ގެނައުން" ކަމަށް ބުނެފައި އެވަނީ، މަދަނީ މައްސަލަތައް ބެލުމުގެ އިޚްތިޞާޞް ލިބިގެންވާ ކޯޓެއްގައި އުފުލޭ ދަޢުވާއެއް، އެ ދަޢުވާކުރާ ފަރާތުން އަނބުރާ ގެނައުމަށެވެ.
  • 27. : ހެކި "ހެކި" ކަމަށް ބުނެފައި އެވަނީ، މަދަނީ މައްސަލަތައް ބެލުމުގެ އިޚްތިޞާޞް ލިބިގެންވާ ކޯޓެއްގައި އުފުލޭ ދަޢުވާއެއްގައި، ވަކި ވާޤިޢާއެއް ވުޖޫދުގައިވާކަން ސާބިތުކޮށްދިނުމުގެގޮތުން، ހެކީގެ ގޮތުގައި ބަލައިގަނެވޭ ޝަފަހީ ހެއްކާއި، ކިތާބީ ހެއްކާއި، މާއްދީ ހެއްކަށް ޖުމްލަކޮށް، އަދި، އެއިން ކޮންމެ ބާވަތެއްގެ ހެއްކަކަށާއި، އެއިން ކޮންމެ ބާވަތެއްގެ ދަށުން ހެކީގެ ގޮތުގައި ބަލައިގަނެވޭ ވަކިވަކި ކަންކަމަށާއި އެއްޗެއްސަށް، ވަކިވަކިންނެވެ.
  • 28. : ހެކި ހާމަކުރުން ހެކި ހާމަކުރުން" ކަމަށް ބުނެފައި އެވަނީ، މަދަނީ މައްސަލަތަކުގައި ހެކި ހާމަކުރުމަށް މި ޤާނޫނުގެ އަށާވީސްވަނަ ބާބު ]ހެކި ހާމަކުރުން[ ގައި ބަޔާންކުރާ އިޖުރާއަތުގެ ދަށުން، ޚަޞްމުން އެމައްޗަށް ބަރޯސާވާ ލިޔެކިޔުމާއި، އެފަރާތުން ވަކާލާތުކުރާ ކަމަކަށް ނޭދެވޭ އަސަރެއް ކޮށްފާނެ ލިޔެކިޔުމާއި، އެހެން ޚަޞްމަކު ވަކާލާތުކުރާ ކަމަކަށް ނޭދެވޭ އަސަރެއްކޮށްފާނެ ލިޔެކިޔުމާއި، އެހެން ޚަޞްމަކު ވަކާލާތުކުރާ ކަމަކަށް ބާރުލިބޭ ލިޔެކިޔުން ހިމެނޭގޮތުން، ޚަޞްމުންގެ މައްޗަށް އޮންނަ ހެކި ހާމަކުރުމުގެ ޒިންމާގެ ދަށުން އެ ޚަޞްމުން ހާމަކުރަންޖެހޭ ހެކި ހާމަކުރުމަށެވެ.
  • 29. : ޙުކުމް ކުރުން "ޙުކުމް ކުރުން" ކަމަށް ބުނެފައި އެވަނީ، މަދަނީ މައްސަލަތައް ބެލުމުގެ އިޚްތިޞާޞް ލިބިގެންވާ ކޯޓަކަށް ހުށަހެޅޭ މަދަނީ ދަޢުވާތަކުގެ ތެރެއިން، ދިފާޢު ހުށަހެޅޭ ދަޢުވާތަކުގެ ޝަރީޢަތުގެ މަރުޙަލާތައް ހިންގައި ނިމި، އެ މައްސަލައިގައި ފައިސަލާކުރަނިވި ޙުކުމެއް ކުރުމަށެވެ. އަދި ދަޢުވާ ލިބޭ ފަރާތުން ދަޢުވާއަށް އެއްބަސްވާ ޙާލަތުގައި، އެ އެއްބަސްވުމަށް ބިނާކޮށް، ކުރާ ޙުކުމާއި، މި ޤާނޫނު ހުއްދަކުރާ ޙާލަތުގައި، ޝަރީޢަތް ހިންގުމަކާ ނުލައި މައްސަލަ ނިންމައި، ކުރާ ޙުކުމްވެސް ހިމެނޭގޮތުންނެވެ.
  • 30. : ޝަރީޢަތުގެ ޚަރަދު "ޝަރީޢަތުގެ ޚަރަދު" ކަމަށް ބުނެފައި އެވަނީ، މަދަނީ ދަޢުވާއެއް ކާމިޔާބުކުރާ ފަރާތަކަށް، އެ ދަޢުވާ ކާމިޔާބުނުވި ފަރާތުގެ ކިބައިން ކޯޓުން ނަގައިދޭ ޝަރީޢަތުގެ ޚަރަދަށެވެ.
  • 31. : އިސްތިއުނާފުކުރުން "އިސްތިއުނާފުކުރުން" ކަމަށް ބުނެފައި އެވަނީ، ދަށު ކޯޓަކުން ނިންމާ މަދަނީ މައްސަލައެއްގެ ޙުކުމެއް ނުވަތަ އެފަދަ ކޯޓަކުން ކުރާ އަމުރެއް ނުވަތަ އެނޫންވެސް ނިންމުމެއް، މަތީ މަރުޙަލާގެ ކޯޓެއްގައި އިސްތިއުނާފުކުރުމަށެވެ.
  • 32. : ޙުކުމް ތަންފީޛުކުރުން "ޙުކުމް ތަންފީޛުކުރުން" ކަމަށް ބުނެފައި އެވަނީ، މަދަނީ މައްސަލަތައް ބެލުމުގެ އިޚްތިޞާޞް ލިބިގެންވާ ކޯޓަކުން ކޮށްފައިވާ ތަންފީޛީ ބާރު ލިބިގެންވާ ޙުކުމެއް، އެ ޙުކުމް ރައްދުވި ފަރާތުގެ އަމިއްލަ އިޚްތިޔާރުގައި ތަންފީޛުކޮށްފައިނުވާ ޙާލަތުގައި، ކޯޓު މެދުވެރިކޮށް އެ ޙުކުމް ތަންފީޛުކުރުމަށް މި ޤާނޫނުގެ ފަސްވަނަ ބައި ]ޙުކުމް ތަންފީޛުކުރުން[ ގައި ކަނޑައަޅާފައިވާ އިޖުރާއަތުގެ ދަށުން އެ ޙުކުމް ތަންފީޛުކުރުމަށެވެ.
  • 33. : ޝަރީޢަތުގެ ނިޒާމު ނަހަމަގޮތުގައި ބޭނުންކުރުން "ޝަރީޢަތުގެ ނިޒާމު ނަހަމަގޮތުގައި ބޭނުންކުރުން" ކަމަށް ބުނެފައި އެވަނީ، މަދަނީ މައްސަލަތައް ބެލުމުގެ އިޚްތިޞާޞް ލިބިގެންވާ ކޯޓެއްގައި އުފުލޭ ދަޢުވާއެއް ކޯޓަށް ހުށަހެޅުމުގައި ނުވަތަ އެފަދަ ދަޢުވާއެއް ކޯޓުގައި ހިންގުމުގެ މަރުޙަލާގައި މައްސަލައިގެ ޚަޞްމަކު ނުވަތަ ޚަޞްމަކު ތަމްސީލުކުރާ ފަރާތަކުން ޝަރީޢަތުގެ ނިޒާމު ނަހަމަގޮތުގައި ބޭނުންކުރާ ކުރުމަށެވެ.
  • 34. : ބޭރު ޤައުމުތަކުގެ ޙުކުމް ތަންފީޛުކުރުން "ބޭރު ޤައުމުތަކުގެ ޙުކުމް ތަންފީޛުކުރުން" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖެއިން ބޭރު ޤައުމެއްގައި ކޮށްފައިވާ ޙުކުމެއް، ދިވެހިރާއްޖޭގައި ތަންފީޛުކުރެވޭނެ ކަމަށް މި ޤާނޫނުގައި ބަޔާންކޮށްފައިވާ ޙާލަތްތަކުގައި، އެފަދަ ޙުކުމް ދިވެހިރާއްޖޭގައި ބަލައިގަނެ ތަންފީޛުކުރުމަށް މި ޤާނޫނުގެ ތެއްތިރީސް ވަނަ ބާބު ]ބޭރު ޤައުމުތަކުގެ ޙުކުމްތައް ދިވެހިރާއްޖޭގައި ބަލައިގަތުމާއި ތަންފީޛުކުރުން[ ގައި ކަނޑައަޅާފައިވާ އިޖުރާއަތުގެ ދަށުން އެ ޙުކުމް ތަންފީޛުކުރުމަށެވެ.
  • 35. : މިނިވަންކަމާއެކު ކަންކަން ނިންމުމުގެ ޒިންމާ
    • (ހ) މަދަނީ މައްސަލަތައް ބެލުމުގެ އިޚްތިޞާޞް ލިބިގެންވާ ކޯޓަކުން މައްސަލަ ބަލައި ގޮތެއް ކަނޑައެޅުމުގައި، ކޮންމެ ފަނޑިޔާރަކުވެސް ފަނޑިޔާރެއްގެ ހައިސިއްޔަތުން، އަދި އޭނާގެ އަމިއްލަ ހައިސިއްޔަތުން، ޝަރުޢީ ދާއިރާގެ މިނިވަންކަން ނެގެހެއްޓުމަށް އަބަދުމެ މަސައްކަތްކުރަންވާނެއެވެ.
    • (ށ) މަދަނީ މައްސަލަތައް ބެލުމުގެ އިޚްތިޞާޞް ލިބިގެންވާ ކޯޓަކުން މައްސަލަ ބަލައި ގޮތެއް ކަނޑައެޅުމުގައި، ފަނޑިޔާރުން އެމީހުންގެ ވާޖިބުތައް އަދާކުރަންވާނީ، ވަކި ފަރާތަކަށް ބުރަވުމަކާ ނުލައި، އަދި ވަކި ފަރާތަކަށް ފައިދާއެއް ހޯދައިދިނުމަކާ ނުލައި، ތަޢައްޞުބުން އެއްކިބާވެ ތިބެ، އިންޞާފުގެ ހަމަތަކާ އެއްގޮތްވާ ގޮތުގެމަތިންނެވެ.
    • (ނ) ކޮންމެ ފަނޑިޔާރަކުވެސް މައްސަލައެއްގައި ހިމެނޭ އެންމެހައި ޚަޞްމުންނާމެދު ޢަމަލުކުރަންވާނީ، ހަމަހަމަ އުސޫލަކުންނެވެ. އަދި އެއްވެސް ފަނޑިޔާރަކު މައްސަލައެއް ބެލުމުގައި، އެ މައްސަލައިގައި ހިމެނޭ އެއް ޚަޞްމުގެ މައްޗަށް އަނެއް ޚަޞްމު އިސްކޮށްގެންނުވާނެއެވެ.
    • (ރ) ފަނޑިޔާރުންގެ މަސައްކަތާ ބެހި، ފަނޑިޔާރުންނަށް ނުފޫޒު ފޯރުވުމުގެ ފުރުޞަތު، ދައުލަތުގެ އެއްވެސް މުވައްޒަފަކަށްވެސް ނުވަތަ އެނޫން ފަރާތަކަށްވެސް އެއްވެސް ފަރާތަކުން ދީގެންނުވާނެއެވެ. އަދި ކޯޓު އޮފިސަރުންނާއި ކޯޓުގެ އެނޫންވެސް މުވައްޒަފުންނަށްވެސް އެ ފުރުޞަތު ދީގެންނުވާނެއެވެ.
    • (ބ) ކޯޓުގައި އަދި ކޯޓުން ބޭރުގައިވެސް ފަނޑިޔާރުންގެ އުޅުން ބަހައްޓަންވާނީ، ޝަރުޢީ ދާއިރާގެ މިނިވަންކަމާމެދު ރައްޔިތުންނާއި ވަކީލުންނާއި ޝަރުޢީ ދާއިރާގައި މަސައްކަތްކުރާ އެނޫންވެސް ފަރާތްތަކުގެ އިތުބާރު ދެމެހެއްޓޭނެ ގޮތެއްގެމަތިންނެވެ. އެގޮތުން، ޝަރީޢަތަށް މައްސަލައެއް ހުށަހެޅިފައިވަނިކޮށް، އެ މައްސަލައިގައި ހިމެނޭ އެއްވެސް ފަރާތަކާ އެކަމާ ގުޅޭގޮތުން މަޝްވަރާކޮށްގެންނުވާނެއެވެ. ނުވަތަ އެ މައްސަލައިގައި ކޯޓުން ނިންމާ ނިންމުމަކަށް އަސަރުކޮށްފާނެ ނުވަތަ ޝަރީޢަތުގެ މަރުޙަލާތަކުގެ އިންޞާފުވެރިކަމަށް ހުރަސްއެޅިދާނެފަދަ އެއްވެސް ވާހަކައެއް ދައްކައިގެންނުވާނެއެވެ.
  • 36. : މަޤާމުގެ ނުފޫޒު ނަހަމަގޮތުގައި ބޭނުންނުކުރުން
    • (ހ) މަދަނީ މައްސަލަތައް ބެލުމުގެ އިޚްތިޞާޞް ލިބިގެންވާ ކޯޓަކުން މައްސަލަ ބަލައި ގޮތެއް ކަނޑައެޅުމުގައި، ފަނޑިޔާރަކަށް، ފަނޑިޔާރެއްގެ ހައިސިއްޔަތުން ލިބޭ އެއްވެސް މަޢުލޫމާތެއް ނަހަމަގޮތުގައި ބޭނުންކޮށްގެންނުވާނެއެވެ. ޚާއްޞަ ގޮތެއްގައި، ވަކި ފަރުދެއްގެ ޒާތީ މަޞްލަޙަތެއް ހިމެނޭ މަޢުލޫމާތެއް، ޤާނޫނަކުން ކަނޑައެޅިގެން ހުއްދަކުރާ ޙާލަތުގައި މެނުވީ ކޯޓުން ބޭރުގައި ހާމަކޮށްގެންނުވާނެއެވެ. އަދި ޝަރީޢަތުގައިވެސް އެފަދަ މަޢުލޫމާތެއްގެ ނަހަމަ ބޭނުން ހިފައިގެންނުވާނެއެވެ.
    • (ށ) މި ޤާނޫނުގެ ދަށުން އަދާކުރަންޖެހޭ މަސްއޫލިއްޔަތުތައް އަދާކުރުމުގައި، އެއްވެސް ޙާލެއްގައި، ފަނޑިޔާރަކު އެއްވެސް ރިޝްވަތެއް ހުށަހަޅައި ނުވަތަ ޤަބޫލުކޮށްގެންނުވާނެއެވެ. އަދި ކޯޓަށް ހުށަހެޅިފައިވާ މައްސަލައެއްގައި، އެއްވެސް ފަރާތަކުން ދޭ ހަދިޔާއެއް ނުވަތަ އެހީއެއް ޤަބޫލުކޮށްގެންނުވާނެއެވެ. ނުވަތަ އޭނާގެ ފަރާތުން އެހެން މީހަކު އެފަދަ އެއްޗެއް ޤަބޫލުކުރުމަށް ހުއްދަދީގެންވެސް ނުވާނެއެވެ.
  • 37. : ޒިންމާދާރުކަމާއެކު މަސައްކަތްކުރުން
    • (ހ) މަދަނީ މައްސަލަތައް ބެލުމުގައި، ފަނޑިޔާރަކާ ޙަވާލުކުރެވިފައިވާ މައްސަލަތައް، އެކަށީގެންވާ އަވަސް މިނެއްގައި ނިންމުމަށް، ކޮންމެ ފަނޑިޔާރަކުވެސް މަސައްކަތްކުރަންވާނެއެވެ.
    • (ށ) ފަނޑިޔާރުންގެ ވާޖިބު އެންމެ ފުރިހަމަ ގޮތުގައި އަދާކުރުމަށްޓަކައި، ޤާނޫނުއަސާސީންނާއި ޤާނޫނުން ފަނޑިޔާރުންނާ މަތިކޮށްފައިވާ ވާޖިބުތަކުގެ އިތުރުން، ޤާނޫނުއަސާސީއާއި ޤާނޫނުތަކުގައި ބަޔާންކުރާ ޤާނޫނީ އުސޫލުތަކާއި، ދިވެހިރާއްޖެ ބައިވެރިވެފައިވާ ބައިނަލްއަޤްވާމީ މުޢާހަދާތަކުގައި ކަނޑައަޅައިދީފައިވާ ޤާނޫނީ އުސޫލުތަކަށް ފަނޑިޔާރުން އަހުލުވެރިވެ، މިނިވަން ދީމިޤްރާޠީ މުޖުތަމަޢުތަކުގައި ޤަބޫލުކުރާ ހަމަތައް ނަގަހައްޓަންވާނެއެވެ.
    • (ނ) މަދަނީ މައްސަލައެއްގެ ޝަރީޢަތުގެ މަރުޙަލާތައް ކުރިއަށްދާއިރު، އެ މައްސަލައިގައި ހިމެނޭ ޚަޞްމުންނާމެދު ފަނޑިޔާރު ޢަމަލުކުރަންވާނީ އެއްވެސް ތަފާތުކުރުމަކާ ނުލައެވެ. އަދި ކޯޓު އޮފިސަރަކުވެސް ޚަޞްމުންގެ މެދުގައި އެއްވެސް ތަފާތުކުރުމެއް ގެންގުޅެގެންނުވާނެއެވެ. އެފަދަ ތަފާތުކުރުމެއް ގެންގުޅޭނަމަ، އެކަން، ވަގުތުން ފަނޑިޔާރު ހުއްޓުވަންވާނެއެވެ.
    • (ރ) މައްސަލައެއްގެ ޝަރީޢަތުގެ މަރުޙަލާތައް ކުރިއަށްދާއިރު، އެ މައްސަލައިގައި ހިމެނޭ ޚަޞްމަކު، އެ މައްސަލައިގައި ހިމެނޭ އަނެއް ޚަޞްމުގެ މަޞްލަޙަތަށް އުނިކަމެއް އަންނާނެ ފަދަ ޢަމަލެއް، ބަހުން ނުވަތަ ލިޔުމުން ނުވަތަ ޢަމަލުންވިޔަސް ކުރިޔަދީގެންނުވާނެއެވެ. އަދި އެފަދަ ކަމެއް ހިނގައިފިނަމަ، އެކަން، ވަގުތުން ފަނޑިޔާރު ހުއްޓުވަންވާނެއެވެ.
  • 38. : ޢާންމުކޮށް ހުޅުވާލައިގެން ޝަރީޢަތްތައް ބޭއްވުން
    • (ހ) މަދަނީ ދަޢުވާތަކުގެ ޝަރީޢަތުގެ އެންމެހައި މަރުޙަލާތައް ހިންގަންވާނީ، ޢަދުލުވެރިކަމާއެކު، ވަކި ފަރާތަކަށް ނުޖެހި، ހާމަކަމާއެކުގައެވެ.
    • (ށ) މި މާއްދާގެ (ނ) ގައި ބަޔާންކުރާ ޙާލަތުގައި މެނުވީ، ޝަރީޢަތުގެ އެންމެހައި އަޑުއެހުންތައް ބާއްވަންވާނީ، ޢާންމުކޮށް ހުޅުވާލައިގެންނެވެ. އަދި ކޯޓުން ނެރޭ އެންމެހައި އަމުރުތަކާއި ޙުކުމްތައްވެސް އިއްވަންވާނީ ޢާންމުކޮށް ހުޅުވާލައިގެން ބާއްވާ މަޖިލީހެއްގައެވެ.
    • (ނ) ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ނ) ގައި ބަޔާންކުރާ ސަބަބުތަކުގެ ތެރެއިން ސަބަބެއް މެދުވެރިވެއްޖެނަމަ، ނުވަތަ އެހެން ޤާނޫނެއްގައި ކަނޑައެޅިގެން ބަޔާންކޮށްފައިވާ ޙާލަތެއްގައި، ޢާންމުކޮށް ހުޅުވާނުލައި، ޝަރީޢަތްތައް ކުރިއަށްގެންދިޔުމުގެ އިޚްތިޔާރު އެ ޝަރީޢަތެއް ކުރާ ފަނޑިޔާރަކަށް ލިބިގެންވެއެވެ.
  • 39. : އެދިފައިވާ ފަރުވާ މެނުވީ ނަގައިނުދިނުން އެހެން ޤާނޫނެއްގައި ކަނޑައެޅިގެން އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާހާ ހިނދަކު، ޝަރީޢަތަށް ހުށަހެޅޭ މައްސަލައެއް ނިންމުމުގައި، ޚަޞްމަކު އެދިފައިވާ ފަރުވާއާ ތަފާތު ފަރުވާއެއް، ނުވަތަ ޚަޞްމަކު އެދުނު ފަރުވާގެ އިތުރުން، އެހެން ފަރުވާއެއް ދިނުމަށް ކަނޑައަޅައިގެންނުވާނެއެވެ. އަދި ދަޢުވާއިން ނަގައިދިނުމަށް އެދިފައިވާ ބަދަލުގެ ތެރެއިން އަނެއް ޚަޞްމު ދިނުމަށް އެއްބަސްވެފައިވާ މިންވަރަށްވުރެ ކުޑަ މިންވަރަކަށް ބަދަލު ނަގައިދިނުމަށް ކަނޑައަޅައިގެންނުވާނެއެވެ.
  • 40. : މައްސަލަ ހަރުދަނާ ގޮތެއްގައި ހިންގައި ތަރުތީބުކުރުން ކޯޓަށް ހުށަހެޅޭ މައްސަލަތައް ހިންގަންވާނީ، މި ޤާނޫނުގެ 4 ވަނަ މާއްދާއާއި 5 ވަނަ މާއްދާގައި ބަޔާންކުރާ މަޤްޞަދުތައް ހާސިލުކުރުމަށް އިސްކަންދިނުމާއެކު، ހަރުދަނާ އަދި އެކަށީގެންވާ އަވަސް މިނެއްގައި މައްސަލައާމެދު ގޮތެއް ކަނޑައެޅުމަށް އިސްކަންދެވޭނެ ގޮތެއްގެމަތިންނެވެ. އެގޮތުން، އަންނަނިވި ކަންކަން، ކުރުމުގެ ޒިންމާ މި ޤާނޫނުން ކޯޓުތަކާ މަތިކުރެއެވެ.
    • (ހ) ޝަރީޢަތުގެ މަރުޙަލާތައް ހިނގަމުންދާއިރު މައްސަލައިގައި ހިމެނޭ ޚަޞްމުން އެއް ފަރާތުން އަނެއް ފަރާތަށް އެއްބާރުލުންދިނުމަށް ބާރުއެޅުން؛
    • (ށ) މައްސަލަތައް ދިގުލައިގެން ނުދާނެގޮތަކަށް ޝަރީޢަތުގެ އަޑުއެހުންތައް ދުރާލާ ތާވަލުކުރުން؛
    • (ނ) ދަޢުވާގައި ހިމެނޭ ޤާނޫނީ ނުކުތާތަކާއި ވާޤިޢާތައް ދުރާލާ ދެނެގަތުން؛
    • (ރ) ޝަރީޢަތަކާ ނުލައި ނިންމޭނެ މައްސަލަތަކަކީ ކޮބައިކަމާއި، ޚަޞްމުންގެ މެދުގައި މަޝްވަރާކޮށްގެން ޙައްލުކުރަން މަސައްކަތްކުރެވިދާނެ މައްސަލަތަކަކީ ކޮބައިކަމާއި، ޝަރީޢަތަށް ފޮނުވަންޖެހޭ މައްސަލަތަކަކީ ކޮބައިކަން ދެނެގަތުން؛
    • (ބ) ޚަރަދު ކުޑަކުރެވޭނެ ގޮތަކަށް މައްސަލަ ހިންގޭނެ ގޮތްތައް ދެނެގަތުން؛
    • (ޅ) މި ޤާނޫނުގެ 4 ވަނަ މާއްދާއާއި 5 ވަނަ މާއްދާގައި ބަޔާންކުރާ މަޤްޞަދުތައް ހާސިލުކުރުމަށްޓަކައި އެކަށީގެންވާ އަވަސް މިނެއްގައި މައްސަލަތައް ނިންމުމަށް އަޅަންޖެހޭ އެނޫންވެސް ފިޔަވަޅުތައް އެޅުން.
  • 41. : ޚަޞްމުން ހެޔޮ ނިޔަތުގައި ޢަމަލުކުރުން މަދަނީ ދަޢުވާއެއްގެ ޝަރީޢަތުގެ ހުރިހާ މަރުޙަލާއެއްގައިވެސް އެ މައްސަލައިގެ ޚަޞްމުން ޢަމަލުކުރަންވާނީ، ހެޔޮ ނިޔަތުގައި، އަދި މި ޤާނޫނުގެ 4 ވަނަ މާއްދާއާއި 5 ވަނަ މާއްދާގައި ބަޔާންކުރާ މަޤްޞަދުތައް ނެގެހެއްޓުމަށެވެ.
  • 42. : އިޖުރާއަތު ފުރިހަމަކުރުމަށް އެންގުން ކޯޓަށް ހުށަހެޅޭ ދަޢުވާއެއްގެ އިޖުރާއަތު ފުރިހަމަނުވާނަމަ، އެ އިޖުރާއަތެއް ފުރިހަމަކުރުމަށާއި، ދަޢުވާއަކާ ގުޅިގެން ހުށަހެޅޭ ލިޔެކިޔުމާއި، ދަޢުވާއަކާ ގުޅިގެން ފުރިހަމަކުރަންޖެހޭ އެނޫންވެސް ކަންކަން ފުރިހަމަކުރުމަށް އެންގުމުގެ ބާރު ކަމާބެހޭ ކޯޓަށް ލިބިގެންވެއެވެ.
  • 43. : ޝަރީޢަތުގެ ނިޒާމު ނަހަމަގޮތުގައި ބޭނުންކުރާ ޙާލަތުގައި ފިޔަވަޅުއެޅުން ކޯޓުގައި ހިނގަމުންދާ މައްސަލައެއްގައި ހިމެނޭ ޚަޞްމަކު، ޝަރީޢަތުގެ ނިޒާމު ނަހަމަގޮތުގައި ބޭނުންކުރާ ކަމުގެ ޝަކުވާއެއް ކޯޓަށް ހުށަހަޅައިފި ހިނދެއްގައި، ނުވަތަ ހިނގަމުންދާ މައްސަލައެއްގައި އެފަދަ ކަމެއް ފަނޑިޔާރަށް ފާހަގަވެއްޖެނަމަ، އެ ޚަޞްމަކާމެދު މި ޤާނޫނުގެ 422 ވަނަ މާއްދާގެ ދަށުން ފިޔަވަޅު އެޅުމުގެ އިޚްތިޔާރު މައްސަލަ ބަލާ ފަނޑިޔާރަށް ލިބިގެންވެއެވެ.
  • 44. : އަސާސެއް ނެތް މައްސަލަ ހުށަހަޅާ ފަރާތްތަކާމެދު ފިޔަވަޅުއެޅުން އެއްވެސް އަސާސެއް ނެތް މައްސަލަ ހުށަހަޅާ ފަރާތްތަކާމެދު މި ޤާނޫނުގެ 423 ވަނަ މާއްދާގެ ދަށުން ފިޔަވަޅު އެޅުމުގެ އިޚްތިޔާރު، މައްސަލަ ބަލާ ފަނޑިޔާރަށް ލިބިގެންވެއެވެ.
  • 45. : ކޯޓުގެ ޙުރުމަތް ކެނޑުން ހިނގަމުންދާ ޝަރީޢަތެއްގެ އެއްވެސް މަރުޙަލާއެއްގައި އެއްވެސް ފަރާތަކުން ކޯޓުގެ ޙުރުމަތް ކެނޑޭފަދަ ޢަމަލެއް ހިންގައިފިނަމަ، އެފަރާތަކާމެދު، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ ދަށުން ފިޔަވަޅު އެޅުމުގެ އިޚްތިޔާރު މައްސަލަ ބަލާ ފަނޑިޔާރަށް ލިބިގެންވެއެވެ.
  • 46. : ވަކިވަކި ކޯޓުތަކުގެ މަދަނީ އިޚްތިޞާޞް
    • (ހ) މި ޤާނޫނުގައި އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާހާ ހިނދަކު، މި ޤާނޫނުގެ 2 ވަނަ މާއްދާގައި ބަޔާންކުރާ ކޯޓުތަކަށް، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގައި ނުވަތަ ވަކި ކޯޓަކާބެހޭ ޚާއްޞަ ޤާނޫނެއްގައި، މަދަނީ މައްސަލަތައް ބެލުމަށް އެ ކޯޓުތަކަށް ލިބިދޭ ކަމަށް ބަޔާންކުރާ އިޚްތިޞާޞް ލިބިގެންވެއެވެ.
    • (ށ) އަންނަނިވި ބާވަތުގެ މަދަނީ މައްސަލަތައް، ފުރަތަމަ މަރުޙަލާގައި ހުށަހަޅާނީ، އަންނަނިވި ކޯޓުތަކަށެވެ.
      • (1) ޢާންމު މަދަނީ ދަޢުވާތަކާއި، ޖުޑީޝަލް ރިވިއުގެ މައްސަލަތަކާއި، ޤާނޫނުއަސާސީގެ 65 ވަނަ މާއްދާގެ ދަށުން ހުށަހެޅޭ މައްސަލަތައް، ސިވިލް ކޯޓަށް ނުވަތަ ކަމުގެ އިޚްތިޞާޞް ލިބިގެންވާ މެޖިސްޓްރޭޓް ކޯޓަށް؛
      • (2) ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ހ) ގެ ދަށުން ހުށަހެޅޭ މައްސަލަތައް ހައިކޯޓަށް.
    • (ނ) މި މާއްދާގެ (ށ) އެހެން އޮތުމަކުން، މަދަނީ އިޖުރާއަތާބެހޭ ޚާއްޞަ ޤާނޫނަކުން ފުރަތަމަ މަރުޙަލާގައި ވަކި ކޯޓަކަށް މަދަނީ އިޚްތިޞާޞް ލިބިދޭ ޙާލަތުގައި، އެ ޤާނޫނުގައި ބަޔާންކުރާ އުސޫލުން އެ ކޯޓަކަށް މައްސަލަ ހުށަހެޅުމަކަށް މި މާއްދާ ހުރަހެއްނާޅައެވެ.
  • 47. : ކޯޓުތަކުގެ ސަރަޙައްދީ އިޚްތިޞާޞް
    • (ހ) ޢާންމު އުސޫލުން، މަދަނީ ދަޢުވާއެއް ބެލުމުގެ ސަރަޙައްދީ އިޚްތިޞާޞް ލިބިގެންވާ ކޯޓަކީ، ދަޢުވާލިބޭ ފަރާތް ޢާންމު ގޮތެއްގައި ދިރިއުޅޭ ތަން ނިސްބަތްވާ ޝަރުޢީ ދާއިރާގެ ކޯޓެވެ.
    • (ށ) މި މާއްދާގެ (ހ) ގެ ބޭނުމަށްޓަކައި، ދަޢުވާއެއް އުފުލާއިރު ދަޢުވާލިބޭ ފަރާތް ޢާންމުގޮތެއްގައި ދިރިއުޅޭ ތަނެއް ނެތްނަމަ، އޭނާ އެންމެ ފަހުން ދިރިއުޅުނު ތަން ނިސްބަތްވާ ޝަރުޢީ ދާއިރާގެ ކަމާބެހޭ ކޯޓަކީ އެ މައްސަލައެއް ބެލުމުގެ އިޚްތިޞާޞް ލިބިގެންވާ ކޯޓު ކަމުގައި ބެލޭނެއެވެ.
    • (ނ) ވަކި މައްސަލައެއްގައި ދަޢުވާލިބޭ އެއް ފަރާތަށްވުރެ ގިނަ ފަރާތް ތިބިނަމަ، އަދި އެ ފަރާތްތަކުގެ މައްޗަށް އުފުލޭ ދަޢުވާތައް ގުޅިފައިވާލެއް ބޮޑުކަމުން އެ ދަޢުވާތަކާގުޅޭ ޝަރީޢަތްތައް އެކުގައި ހިންގައި، އެއާމެދު ގޮތެއް ނިންމުމަކީ، ވަކިވަކި ދަޢުވާތަކެއް ކުރުމުގެ ބަދަލުގައި އެކަމަށް އަވަސް ޙައްލެއް ލިބޭނެ ކަމެއް ކަމުގައިވާނަމަ، އޭގެ ތެރެއިން އެއް ފަރާތް ޢާންމުގޮތެއްގައި ދިރިއުޅޭ ތަން ނިސްބަތްވާ ޝަރުޢީ ދާއިރާގެ ކަމާބެހޭ ކޯޓުގައި އެފަދަ ދަޢުވާއެއް އުފުލިދާނެއެވެ.
    • (ރ) މި މާއްދާގެ (ހ) އެހެން އޮތްނަމަވެސް، އަންނަނިވި ޙާލަތްތަކުގައި، ދަޢުވާއެއް އުފުލާއިރު ދަޢުވާލިބޭ ފަރާތް ޢާންމުގޮތެއްގައި ދިރިއުޅޭ ތަން ނިސްބަތްވާ ޝަރުޢީ ދާއިރާގެ ކަމާބެހޭ ކޯޓުގައި ދަޢުވާ އުފުލުމުގެ ބަދަލުގައި، އަންނަނިވި ކޯޓުތަކުގައި އޭނާއަށް ދަޢުވާ އުފުލިދާނެއެވެ.
      • (1) ކޮންޓްރެކްޓާގުޅޭ މައްސަލައެއްނަމަ، އެ ކޮންޓްރެކްޓުގެ އެންމެ އަސާސީ އިލްތިޒާމުތައް އަދާކުރަންޖެހޭ ތަން ނިސްބަތްވާ ޝަރުޢީ ދާއިރާގެ ކަމާބެހޭ ކޯޓު؛
      • (2) ފައިސާއާގުޅޭ މައްސަލައެއްނަމަ، ދަޢުވާލިބޭ ފަރާތުން އަދާކުރަންޖެހޭ ދަރަންޏެއް ނުވަތަ ދައްކަންޖެހޭ ފައިސާއެއް ދެއްކުމަށް އެއްބަސްވެފައިވަނީ އެހެން ޝަރުޢީ ދާއިރާއެއްގައި ހުރި ތަނަކަށް ކަމަށްވާނަމަ، އެ ތަނެއް ނިސްބަތްވާ ޝަރުޢީ ދާއިރާގެ ކަމާބެހޭ ކޯޓު؛
      • (3) މަދަނީ އިލްތިޒާމަކާ ނުވަތަ ވާޖިބަކާ ޚިލާފުވި ކަމަށް ބުނެ ކުރާ ދަޢުވާއެއްނަމަ، ގެއްލުންދެނިވި ހާދިސާ ހިނގި ތަން ނިސްބަތްވާ ޝަރުޢީ ދާއިރާގެ ކަމާބެހޭ ކޯޓު؛
      • (4) ބިމާބެހޭ ނުވަތަ އެނޫންވެސް ނުއުފުލޭ މުދަލަކާގުޅޭ މައްސަލައެއްނަމަ، އެ ބިމެއް ނުވަތަ މުދަލެއް ހުރި ތަން ނިސްބަތްވާ ޝަރުޢީ ދާއިރާގެ ކަމާބެހޭ ކޯޓު؛
      • (5) ދަޢުވާއެއްގެ އަސާސް ބިނާވެފައިވަނީ ކުންފުންނިތަކާއި، ޖަމްޢިއްޔާތަކާއި، އެހެނިހެން ޤާނޫނީ ޝަޚްޞުތަކުގެ ޞައްޙަކަން ބެލުމާ ގުޅޭގޮތުން ނުވަތަ އެފަދަ ތަންތަން ބާޠިލުކުރުމާ ގުޅޭގޮތުން ނުވަތަ އުވާލުމާ ގުޅޭގޮތުން ނުވަތަ އެތަންތަނުގެ ގުނަވަންތަކުން ނިންމާ ނިންމުންތަކުގެ ޞައްޙަކަން ބެލުމާ ގުޅޭގޮތުން ކަމުގައިވާނަމަ، އެ ކުންފުނި، ނުވަތަ ޖަމްޢިއްޔާ ނުވަތަ ޤާނޫނީ ޝަޚްޞު ރަޖިސްޓަރީކޮށްފައިވާ ތަން ނިސްބަތްވާ ޝަރުޢީ ދާއިރާގެ ކަމާބެހޭ ކޯޓު؛
      • (6) ދަޢުވާއެއްގެ އަސާސް ބިނާވެފައިވަނީ ޢާންމު ރަޖިސްޓަރީއެއްގައި ލިޔެފައި އޮންނަ އެއްޗެއްގެ ޞައްޙަކަން ކަނޑައެޅުމާ ގުޅޭގޮތުން ކަމަށްވާނަމަ، އެ ރަޖިސްޓަރީއެއް އޮންނަ ތަން ނިސްބަތްވާ ޝަރުޢީ ދާއިރާގެ ކަމާބެހޭ ކޯޓު؛
      • (7) ދަޢުވާއެއްގެ އަސާސް ބިނާވެފައިވަނީ ވަކި ތަނަކަށް ހުށަހަޅަންޖެހޭ ނުވަތަ ވަކި ތަނެއްގައި ރަޖިސްޓަރީކުރުމަށް ހުށަހަޅާފައިވާ ޕޭޓަންޓްއާއި، ޓްރޭޑްމާރކާއި އެނޫންވެސް ފިކުރީ މުދަލާގުޅޭ ޙައްޤުތައް ރަޖިސްޓަރީކުރުމާއި އޭގެ ޞައްޙަކަން ކަނޑައެޅުމާ ގުޅޭގޮތުން ކަމަށްވާނަމަ، އެ އެއްޗެއް ރަޖިސްޓަރީކުރުމަށް ހުށަހެޅި ތަން ނިސްބަތްވާ ޝަރުޢީ ދާއިރާގެ ކަމާބެހޭ ކޯޓު؛
      • (8) ޙުކުމެއް ތަންފީޛުކުރުމާގުޅޭ މައްސަލައެއްނަމަ، އެ ޙުކުމެއް ތަންފީޛުކުރި ނުވަތަ ކުރަންޖެހޭ ތަން ނިސްބަތްވާ ޝަރުޢީ ދާއިރާގެ ކަމާބެހޭ ކޯޓު؛
      • (9) މުދާ ވިއްކުމުގެ ނުވަތަ ޚިދުމަތް ހޯދުމުގެ އެއްބަސްވުމަކާގުޅޭ މައްސަލައެއްނަމަ، މުދާ ގަންނަ ނުވަތަ ޚިދުމަތް ހޯދާ މީހާ ޢާންމު ގޮތެއްގައި ދިރިއުޅޭ ތަން ނިސްބަތްވާ ޝަރުޢީ ދާއިރާގެ ކަމާބެހޭ ކޯޓު؛
      • (10) ވަޒީފާގެ އެއްބަސްވުމަކާގުޅޭ ދަޢުވާއެއްނަމަ، ވަޒީފާއަދާކުރާ ފަރާތް ޢާންމުގޮތެއްގައި ދިރިއުޅޭ ތަން ނިސްބަތްވާ ޝަރުޢީ ދާއިރާގެ ކަމާބެހޭ ކޯޓު؛
      • (11) އިފްލާސްކުރުމުގެ ދަޢުވާއެއްނަމަ، ދަރަނިވެރިޔާގެ މައިގަނޑު މަޞްލަޙަތުތައް ޤާއިމުވެފައި ހުރި ޝަރުޢީ ދާއިރާގެ ކަމާބެހޭ ކޯޓު؛ ނުވަތަ ދަރަނިވެރިޔާގެ މައިގަނޑު މަޞްލަޙަތުތައް ޤާއިމުވެފައިވާ ތަނެއް ނެތްނަމަ، ދަރަނިވެރިޔާގެ ވިޔަފާރީގެ ގޮތްޕެއް ނުވަތަ އޭޖެންސީއެއް ނުވަތަ އެނޫންވެސް ތަނެއް ހުރި ޝަރުޢީ ދާއިރާގެ ކަމާބެހޭ ކޯޓު.
    • (ބ) މި މާއްދާގެ (ހ)، (ށ)، (ނ) އަދި (ރ) އެހެންއޮތްނަމަވެސް، ވިޔަފާރިވެރިންގެ ހައިސިއްޔަތުން ދެފަރާތެއްގެ ދެމެދުގައި ވެވޭ ޤާނޫނީ އެއްބަސްވުމަކީ، ދިވެހިރާއްޖޭގެ ޤާނޫނުތަކުގެ ދަށުން ޞައްޙަ އެއްބަސްވުމަކަށްވާ ޙާލަތުގައި، އެ އެއްބަސްވުމުގެ ދަށުން އުފެދޭ އިޚްތިލާފަކާ ގުޅިގެން އުފުލޭ ދަޢުވާއެއް ބެލުމުގެ އިޚްތިޞާޞް ލިބިގެންވަނީ ވަކި ކޯޓަކަށް ކަމުގައި އެ ދެފަރާތުން ލިޔުމުން، ޞަރީޙަ ޢިބާރާތުން ބަޔާންކޮށްފައިވާ ޙާލަތުގައި، އެފަދަ އެއްބަސްވުމަކާގުޅޭ މައްސަލައެއް ބެލުމުގެ އިޚްތިޞާޞް އެ ކޯޓަކަށް ލިބިގެންވެއެވެ.
    • (ޅ) މި މާއްދާގެ (ބ) ގެ ބޭނުމަށްޓަކައި، އެއްބަސްވުމަކާ ގުޅޭގޮތުން އުފެދޭ އިޚްތިލާފަކާ ގުޅިގެން އިޚްތިޞާޞް ލިބިދޭ ފަރާތް ބަޔާންކުރާ، އެ އެއްބަސްވުމުގެ ކަމާގުޅޭ މާއްދާތަކަކީ، އެ އެއްބަސްވުމުގެ އެހެން މާއްދާތަކާ ވަކިން އޮންނަ، ވަކި އެއްބަސްވުމެއް ކަމުގައި ބެލޭނެއެވެ. އެހެންނަމަވެސް، އެއްބަސްވުމަކާ ގުޅޭގޮތުން އުފެދޭ އިޚްތިލާފަކާ ގުޅިގެން އިޚްތިޞާޞް ލިބިދޭ ފަރާތް ބަޔާންކުރާ އެފަދަ އެއްބަސްވުމެއްގެ ޞައްޙަކަމާމެދު ސުވާލުއުފައްދާ ހަމައެކަނި ސަބަބަކީ އެ ދެފަރާތުން ވެފައިވާ ޤާނޫނީ އެއްބަސްވުމުގެ ޞައްޙަކަމާމެދު ސުވާލުއުފެއްދުން ކަމުގައިވާނަމަ، އެފަދަ ދަޢުވާއެއް އެ ކޯޓެއްގައި ނުއުފުލޭނެއެވެ.
    • (ކ) ދަޢުވާއެއް އުފުލާއިރު ދަޢުވާލިބޭ ފަރާތް ޢާންމުގޮތެއްގައި ދިރިއުޅޭ ތަން އެނގެން ނެތްނަމަ، އަދި މި މާއްދާގެ ދަށުން އިޚްތިޞާޞް ކަނޑައެޅުމުގައި ބަލާ އެހެން ޝަރުޠުތައް ފުރިހަމަނުވާނަމަ، އެ ދަޢުވާއެއް އުފުލާއިރު އޭނާ ޢާންމުގޮތެއްގައި ދިރިއުޅޭ ތަން ނިސްބަތްވާ ޝަރުޢީ ދާއިރާގެ ކަމާބެހޭ ކޯޓުގައި އެ ދަޢުވާ އުފުލުމުގެ އިޚްތިޔާރު ދަޢުވާކުރާ ފަރާތަށް ލިބިގެންވެއެވެ.
    • (އ) ވަކި ޝަރުޢީ ދާއިރާއެއްގެ ކޯޓަކަށް ޢާންމު އުސޫލުން ހުށަހަޅަންޖެހޭ ދަޢުވާއެއްގެ ޚަޞްމެއްގެ ގޮތުގައި އެ ކޯޓުގެ ފަނޑިޔާރަކު ހިމެނޭނަމަ، އެ ދަޢުވާއެއް ހުށަހަޅާނީ، އެ ޝަރުޢީ ދާއިރާއާ އެންމެ ކައިރީގައި އޮތް ޝަރުޢީ ދާއިރާއެއްގެ ކަމާބެހޭ ކޯޓަކަށެވެ.
  • 48. : މައުޟޫޢީގޮތުން މައްސަލަ,ބަލާ ކޯޓުން ވަގުތީ ފަރުވާގެ ފިޔަވަޅުތައް ބެލުން
    • (ހ) ވަގުތީ ފަރުވާގެ ފިޔަވަޅުތައް އެޅުމަށް އަމުރުކުރުމުގެ ބާރު، މައްސަލައެއް މައުޟޫޢީގޮތުން ނިންމުމުގެ އިޚްތިޞާޞް ލިބިގެންވާ ކޮންމެ ކޯޓަކަށް، ނުވަތަ އެ ފިޔަވަޅެއް ތަންފީޛުކުރެވޭ ޝަރުޢީ ދާއިރާގެ ކަމާބެހޭ ކޯޓަކަށް ލިބިގެންވެއެވެ.
    • (ށ) ޤާނޫނީ ބިނާއެއްނެތި އެޅޭ ވަގުތީ ފަރުވާގެ ފިޔަވަޅުތަކުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު ހޯދުމަށް އެދި ހުށަހެޅޭ މައްސަލަތައް ބެލުމުގެ އިޚްތިޞާޞް، އެ މައްސަލައެއް މައުޟޫޢީގޮތުން ނިންމުމުގެ އިޚްތިޞާޞް ލިބިގެންވާ ކޯޓަކަށް، ނުވަތަ އެ ފިޔަވަޅެއް ތަންފީޛުކުރެވޭ ޝަރުޢީ ދާއިރާގެ ކަމާބެހޭ ކޯޓަކަށް، ނުވަތަ އެ ދަޢުވާ އުފުލާއިރު ދަޢުވާލިބޭ ފަރާތް ޢާންމުގޮތެއްގައި ދިރިއުޅޭ ތަން ނިސްބަތްވާ ޝަރުޢީ ދާއިރާގެ ކަމާބެހޭ ކޯޓަކަށް ލިބިގެންވެއެވެ.
    • (ނ) މި މާއްދާގެ (ހ) އާއި (ށ) ގައި ބަޔާންކުރާ ވަގުތީ ފަރުވާގެ ފިޔަވަޅުތަކުގެ ތެރޭގައި، ރައްކާތެރިކަމުގެ ފިޔަވަޅުތައްވެސް ހިމެނެއެވެ.
  • 49. : ދިވެހިރާއްޖޭގެ އެއް ކޯޓަށްވުރެ ގިނަ ކޯޓަށް ހުށަހެޅޭ މައްސަލަތައް
    • (ހ) ދަޢުވާ ބިނާކުރާ އަސާސްގެ މައްޗަށް، އެއް ޚަޞްމުންތަކެއް ހިމެނޭ އެއް މައްސަލައަށްވުރެ ގިނަ މައްސަލަ ދިވެހިރާއްޖޭގެ ތަފާތު ދެ ކޯޓަކަށް ހުށަހެޅިއްޖެނަމަ، މި މާއްދާގެ (ނ) ގައި ބަޔާންކުރާ ކަންކަމަށް ރިޢާޔަތްކޮށް، އެ މައްސަލަ ފުރަތަމަ ހުށަހެޅުނު ކޯޓުން އެ މައްސަލަ ބެލުމުގެ އިޚްތިޞާޞް އެ ކޯޓަށް ލިބިގެންވޭތޯ ބަލައި އެކަމާމެދު ގޮތެއް ކަނޑައަޅަންދެން، އެ މައްސަލަ ފަހުން ހުށަހެޅުނު ކޯޓުގެ އަމިއްލަ އިސްނެގުމަށް އެ ކޯޓުގައި ހިނގަމުންދާ މައްސަލަ ބެލުން މެދުކަނޑާލަންވާނެއެވެ.
    • (ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދަ ޙާލަތެއް މެދުވެރިވެގެން މައްސަލަ ހުށަހެޅުނު ފުރަތަމަ ކޯޓުން އެދިއްޖެނަމަ، މައްސަލަ ހުށަހެޅިފައިވާ އެހެން ކޯޓަކުން އެ ކޯޓަށް މައްސަލަ ހުށަހެޅުނު ތާރީޚު ލަސްނުކޮށް ފުރަތަމަ ކޯޓަށް އަންގަންވާނެއެވެ.
    • (ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދަ ޙާލަތެއްގައި، މައްސަލަ ފުރަތަމަ ހުށަހެޅުނު ކޯޓަށް އިޚްތިޞާޞް ލިބިގެންވާކަމަށް ނިންމައިފިނަމަ، މައްސަލަ ހުށަހެޅިފައިވާ އެހެން ކޯޓުތަކުން އެ ކޯޓުތަކަށް އިޚްތިޞާޞް ލިބިގެންނުވާކަމަށް ކަނޑައަޅަންވާނެއެވެ.
    • (ރ) މި ޤާނޫނުގެ 47 ވަނަ މާއްދާގެ (ބ) ގައި ނުވަތަ މި ޤާނޫނުގެ 56 ވަނަ މާއްދާގެ (ހ) ގެ (9) ވަނަ ނަންބަރުގައި ބަޔާންކުރާ އެއްބަސްވުމެއްގެ ދަށުން ޚާއްޞަ އިޚްތިޞާޞް ލިބިދީފައިވާ ކޯޓަކަށް މައްސަލައެއް ހުށަހެޅިއްޖެނަމަ، އެ އެއްބަސްވުމުގެ ދަށުން މައްސަލަ ބެލުމުގެ އިޚްތިޞާޞް ލިބިގެންވަނީ އެކޯޓަށް ކަމުގައި އެ ކޯޓުން ކަނޑައަޅަންދެން، މައްސަލަ ހުށަހެޅިފައިވާ އެހެން ކޯޓަކުން ނުވަތަ ކޯޓުތަކުން އެ މައްސަލަ ބެލުން މެދުކަނޑާލަންވާނެއެވެ. އަދި އެ މައްސަލަ ބެލުމުގެ އިޚްތިޞާޞް ލިބިގެންވަނީ އެއްބަސްވުމުގައި ކަނޑައަޅާފައިވާ ކޯޓުންކަމަށް މި ޤާނޫނުގެ ދަށުން ކަނޑައަޅައިފިނަމަ، އެ މައްސަލަ ހުށަހެޅިފައިވާ އެހެން ކޯޓުތަކުން އެ މައްސަލަ ބެލުމުގެ އިޚްތިޞާޞް އެ ކޯޓުތަކަށް ލިބިގެންނުވާކަމަށް ކަނޑައަޅަންވާނެއެވެ.
  • 50. : މައުޟޫޢާމެދު ގޮތެއް ނިންމާފައިވާ މައްސަލަތައް,ބެލުމުގެ އިޚްތިޞާޞް މައްސަލަ ބެލި ކޯޓަށް ނުވަތަ އެހެން ކޯޓަކަށް ފަހުން ނުލިބުން ވަކި މައްސަލައެއް ބެލުމުގެ އިޚްތިޞާޞް ލިބިފައިވާ ކޯޓަކުން، އެ މައްސަލަ ބަލައި، ނިހާއީ ނިންމުމެއް ނިންމާފައިވާނަމަ، އެ މައުޟޫޢުގައި އެ ކޯޓަށް ނުވަތަ އެހެން ކޯޓަކަށް އަލުން އެ މައްސަލަ ހުށައެއްނޭޅޭނެއެވެ. އެފަދައިން އެ ކޯޓުން މައުޟޫޢީގޮތުން ނިންމާ ނިންމުމެއް އެކޯޓަށް ނުވަތަ އެހެން ކޯޓަކަށް އަލުން ހުށަހެޅުމަށް ހުރަހަކަށްވާނީ، މައްސަލަ ބެލުމުގެ އިޚްތިޞާޞް ކަނޑައެޅުމުގެ މަރުޙަލާގައި، އެ މައްސަލަ ބެލުމުގެ އިޚްތިޞާޞް އެ ކޯޓަށް ލިބިގެންވާކަމަށް މި ޤާނޫނުގައިވާ ގޮތުގެމަތިން އެ ކޯޓުން ކަނޑައަޅާފައި އޮވެއްޖެ ޙާލަތެއްގައި އެކަންޏެވެ.
  • 51. : ޖިނާއީ ކޯޓެއްގެ އިޚްތިޞާޞް ހިނގާ މައްސަލަތައް
    • (ހ) މި ޤާނޫނުގެ 2 ވަނަ މާއްދާގައި ބަޔާންކުރާ މަދަނީ ކޯޓަކަށް ހުށަހެޅިފައިވާ މައްސަލައަކީ ޖިނާއީ މައްސަލަތައް ބެލުމުގެ އިޚްތިޞާޞް ލިބިގެންވާ ކޯޓަކުން ބަލަންޖެހޭ މައްސަލައެއް ކަމަށްވާނަމަ، އެ މަދަނީ ކޯޓުގައި އެ މައްސަލަ ކުރިއަށްގެންގޮސްގެންނުވާނެއެވެ. އަދި އެ ކޯޓުގައި އެ މައްސަލަ ކުރިއަށްގެންދިޔުން ހުއްޓާލައި، އެ މައްސަލަ ކަމާބެހޭ ޖިނާއީ ކޯޓަށް ހުށަހެޅުމަށް މައްސަލައިގެ ޚަޞްމުންނަށް ފުރުޞަތު ދިނުމުގެ ގޮތުން، އެކަން ޚަޞްމުންނަށް އަންގަންވާނެއެވެ.
    • (ށ) މި މާއްދާގެ (ހ) އެހެން އޮތްނަމަވެސް، ޖިނާއީ މައްސަލައަކާ ގުޅުންހުރި މަދަނީ މައްސަލަތައް ނުވަތަ އެފަދަ ޖިނާއީ މައްސަލައަކުން އުފެދޭ މަދަނީ އިލްތިޒާމަކާގުޅޭ މައްސަލަތައް ބެލުމަށް ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ ނުވަތަ އެނޫންވެސް ކަމާބެހޭ ޖިނާއީ ޤާނޫނެއްގެ ދަށުން ޖިނާއީ މައްސަލަތައް ބެލުމުގެ އިޚްތިޞާޞް ލިބިގެންވާ ކޯޓަކަށް ލިބިދޭ އިޚްތިޔާރަކަށް، މި ޤާނޫނުގައިވާ އެއްވެސް ކަމެއްގެ ސަބަބުން އަސަރެއް ނުކުރާނެއެވެ.
  • 52. : ރައްދު ދަޢުވާ ކޯޓަކަށް ހުށަހެޅިފައިވާ ދަޢުވާއެއް އެ މައްޗަށް ބިނާވެފައިވާ ވާޤިޢާތަކާ ގުޅިގެން ކުރާ ރައްދު ދަޢުވާއެއްގައި، ފުރަތަމަ ހުށަހެޅުނު ދަޢުވާ ހިނގަމުންދާ ކޯޓަކީ މި ޤާނޫނުގައި ބަޔާންކުރާ ޙާލަތްތަކުގައި އެ މައްސަލަ ބެލުމުގެ އިޚްތިޞާޞް ލިބިގެންވާ ކޯޓު ކަމަށްވާނަމަ، ދަޢުވާކުރާ ފަރާތުގެ މައްޗަށް ހަމަ އެ ކޯޓުގައި ރައްދު ދަޢުވާއެއް ހުށަހެޅިދާނެއެވެ. އަދި އެއްވެސް ސަބަބަކާހުރެ ފުރަތަމަ ހުށަހެޅުނު ދަޢުވާ ބާޠިލުކުރެވުނު ނަމަވެސް ނުވަތަ އަނބުރާ ގެންދިޔަނަމަވެސް، އެފަދައިން ކުރެވޭ ރައްދު ދަޢުވާ އެ ކޯޓުގައި ކުރިއަށްގެންދިޔުމުގެ އިޚްތިޞާޞް، އެ ކޯޓަށް ލިބިގެންވެއެވެ.
  • 53. : ތިންވަނަ ފަރާތަކުން ހުށަހަޅާ ދަޢުވާ މި ޤާނޫނުގެ ދަށުން މައްސަލައެއް ބެލުމުގެ އިޚްތިޞާޞް ލިބިގެންވާ ކޯޓަކަށް ދަޢުވާއެއް ހުށަހެޅިފައިވަނިކޮށް، އެ މައްސަލައާ ގުޅޭގޮތުން ތިންވަނަ ފަރާތަކުން ދަޢުވާއެއް ހުށަހަޅައިފިނަމަ، އެ ތިންވަނަ ފަރާތުން ހުށަހަޅާ ދަޢުވާވެސް ބަލާނީ ފުރަތަމަ މައްސަލަ ހުށަހެޅުނު ކޯޓުންނެވެ. އެހެންނަމަވެސް، އެއީ، އެފަދައިން އެ ތިންވަނަ ފަރާތުން ހުށަހަޅާ ދަޢުވާއެއް ބެލުމުގެ އިޚްތިޞާޞް އެ ކޯޓަށް ލިބިދެވޭނީ، އެ ފުރަތަމަ ދަޢުވާ އެ ކޯޓުގައި އުފުލި ހަމައެކަނި ސަބަބަކީ، އެ ދަޢުވާ ބެލުމުގެ ޙަޤީޤީ އިޚްތިޞާޞް ލިބިގެންވާ ކޯޓަކުން އެ ތިންވަނަ ފަރާތް ހިމެނޭގޮތުން އެ މައްސަލަ ބެލުން ހުއްޓުވުމަށް ކަމުގައިނުވާ ޙާލަތުގައި އެކަންޏެވެ.
  • 54. : އާބިޓްރޭޝަންގެ އެއްބަސްވުންތައް އާބިޓްރޭޝަންގެ އެއްބަސްވުމެއް އެ މައްޗަށް ހިނގާ މައްސަލައެއް، މި ޤާނޫނުގެ 2 ވަނަ މާއްދާގައި ބަޔާންކުރާ ކޯޓަކަށް ހުށަހެޅިއްޖެނަމަ، އެފަދަ މައްސަލައަކާމެދު ކޯޓުން ޢަމަލުކުރާނީ، އާބިޓްރޭޝަނުގެ ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިންނެވެ.
  • 55. : ޢާންމު ގޮތެއްގައި ދިރިއުޅޭ ތަނަކީ ދިވެހިރާއްޖެނަމަ ދިވެހިރާއްޖޭގެ ކޯޓުތަކުގައި ދަޢުވާކުރެވުން ދަޢުވާއެއް އުފުލޭއިރު ދަޢުވާލިބޭ ފަރާތް ޢާންމު ގޮތެއްގައި ދިރިއުޅޭ ތަނަކީ ދިވެހިރާއްޖެ ކަމަށްވާނަމަ، އެ ފަރާތަކީ ކޮންމެ ޤައުމަކަށް ނިސްބަތްވާ ފަރާތެއް ކަމުގައިވީނަމަވެސް، ދިވެހިރާއްޖޭގެ ކޯޓުތަކުގައި އެ ފަރާތަކާ ދެކޮޅަށް ދަޢުވާ އުފުލިދާނެއެވެ.
  • 56. : ޢާންމު ގޮތެއްގައި ދިރިއުޅޭ ތަނަކީ ދިވެހިރާއްޖެ ކަމުގައިނުވިނަމަވެސް ދިވެހިރާއްޖޭގައި ދަޢުވާ އުފުލޭނެ ޙާލަތްތައް
    • (ހ) ދަޢުވާއެއް އުފުލޭއިރު ދަޢުވާލިބޭ ފަރާތް ޢާންމުގޮތެއްގައި ދިރިއުޅޭ ތަނަކީ ދިވެހިރާއްޖެ ކަމުގައި ނުވިނަމަވެސް، އަންނަނިވި ޙާލަތްތަކުގައި ދިވެހިރާއްޖޭގެ ކޯޓުތަކަށް އެ މައްސަލައެއް ބެލުމުގެ އިޚްތިޞާޞް ލިބިގެންވެއެވެ.
      • (1) ކޮންޓްރެކްޓާގުޅޭ މައްސަލަތަކުގައި، އެ ކޮންޓްރެކްޓުގެ އެންމެ އަސާސީ އިލްތިޒާމުތައް އަދާކުރަންޖެހެނީ ދިވެހިރާއްޖޭގައި ކަމަށްވުން؛
      • (2) މަދަނީ އިލްތިޒާމަކާ ނުވަތަ ވާޖިބަކާ ޚިލާފުވި ކަމަށް ދަޢުވާކުރާ މައްސަލައެއްގައި، އެ ގެއްލުންދެނިވި ހާދިސާ ހިނގި ތަނަކީ ދިވެހިރާއްޖެ ކަމަށްވުން؛ (ގެއްލުންދެނިވި ހާދިސާ ހިނގި ތަނުގެ މާނައިގައި، ސީދާ ގެއްލުން ލިބުނު ޢަމަލު ހިނގި ތަނާއި އެ ޢަމަލު ހިނގުމަށް މެދުވެރިވި ޙާލަތް ވުޖޫދުވި ތަންވެސް ހިމެނެއެވެ).
      • (3) ދިވެހިރާއްޖޭގެ ކޯޓަކަށް ހުށަހެޅޭ މައްސަލައަކީ، ދަޢުވާލިބޭ ފަރާތުން އެ ކޯޓެއްގެ އިޚްތިޞާޞް ޤަބޫލުކޮށްފައިވާ މައްސަލައެއްނަމަ، އެ މައްސަލައެއް ބެލުމުގެ އިޚްތިޞާޞް އެ ކޯޓަކަށް ލިބިގެންވެއެވެ. އެހެންނަމަވެސް، ދަޢުވާލިބޭ ފަރާތުން ދިވެހިރާއްޖޭގެ ކޯޓަކަށް ޙާޟިރުވަނީ، ކޯޓުގެ އިޚްތިޞާޞްއާމެދު ސުވާލުއުފެއްދުމަށް ކަމަށްވާނަމަ، މި މާއްދާގެ ބޭނުމަށްޓަކައި އެ ކޯޓުގެ އިޚްތިޞާޞް އޭނާ ޤަބޫލުކުރީ ކަމަށް ބަލައިގެންނުވާނެއެވެ.
      • (4) ދަޢުވާއެއްގެ އަސާސް ބިނާވެފައިވަނީ ނުއުފުލޭ މުދަލެއްގެ މިލްކުވެރިކަމާގުޅޭ މައްސަލައެއް ނުވަތަ ނުއުފުލޭ މުދަލެއްގެ މައްޗަށް އޮތް ޙައްޤަކާގުޅޭ މައްސަލައެއް ބެލުމަށް ކަމަށްވެފައި، އެ ބިމެއް އޮތީ ނުވަތަ ނުއުފުލޭ މުދަލެއް ހުރީ ދިވެހިރާއްޖޭގައި ކަމަށްވުން؛
      • (5) ދަޢުވާއެއްގެ އަސާސް ބިނާވެފައިވަނީ ކުންފުނިތަކާއި، ޖަމްޢިއްޔާތަކާއި، އެހެނިހެން ޤާނޫނީ ޝަޚްޞުތަކުގެ ޞައްޙަކަން ބެލުމާ ގުޅޭގޮތުން ނުވަތަ އެފަދަ ތަންތަން ބާޠިލުކުރުމާ ގުޅޭގޮތުން ނުވަތަ އުވާލުމާ ގުޅޭގޮތުން ނުވަތަ އެތަންތަނުގެ ގުނަވަންތަކުން ނިންމާ ނިންމުންތަކުގެ ޞައްޙަކަން ބެލުމާ ގުޅޭގޮތުން ކަމުގައިވާނަމަ، އެ ކުންފުނި، ނުވަތަ ޖަމްޢިއްޔާ ނުވަތަ ޤާނޫނީ ޝަޚްޞު، ރަޖިސްޓަރީކޮށްފައިވަނީ ނުވަތަ ޤާއިމުކޮށްފައިވަނީ ދިވެހިރާއްޖޭގައި ކަމަށްވުން؛
      • (6) ދަޢުވާއެއްގެ އަސާސް ބިނާވެފައިވަނީ ޢާންމު ރަޖިސްޓަރީއެއްގައި ލިޔެފައި އޮންނަ އެއްޗެއްގެ ޞައްޙަކަން ކަނޑައެޅުމަށް ކަމަށްވެފައި، އެ ރަޖިސްޓަރީއެއް އޮތީ، ދިވެހިރާއްޖޭގައި ކަމަށްވުން؛
      • (7) ދަޢުވާއެއްގެ އަސާސް ބިނާވެފައިވަނީ ވަކި ތަނަކަށް ހުށަހަޅަންޖެހޭ ނުވަތަ ވަކި ތަނެއްގައި ރަޖިސްޓަރީކުރުމަށް ހުށަހަޅާފައިވާ ޕޭޓަންޓްއާއި، ޓްރޭޑްމާރކާއި އެނޫންވެސް ފިކުރީ މުދަލާގުޅޭ ޙައްޤުތައް ރަޖިސްޓަރީކުރުމާއި އޭގެ ޞައްޙަކަން ކަނޑައެޅުމާ ގުޅޭގޮތުން ކަމަށްވާނަމަ، އެ އެއްޗެއް ނުވަތަ އެ އެއްޗެއް ރަޖިސްޓަރީކުރުމަށް ހުށަހަޅާފައިވަނީ ދިވެހިރާއްޖޭގައި ކަމަށްވުން؛
      • (8) ޙުކުމެއް ތަންފީޛުކުރުމާގުޅޭ މައްސަލައެއްނަމަ، އެއީ، ދިވެހިރާއްޖޭގައި ތަންފީޛުކުރަންޖެހޭ ޙުކުމެއް ކަމަށްވުން؛
      • (9) ވިޔަފާރިވެރިންގެ ހައިސިއްޔަތުން ދެފަރާތެއްގެ ދެމެދުގައި ވެވޭ ޤާނޫނީ އެއްބަސްވުމަކީ، ދިވެހިރާއްޖޭގެ ޤާނޫނުތަކުގެ ދަށުން ޞައްޙަނޫން ނުވަތަ ބާޠިލު އެއްބަސްވުމަކަށްނުވާނަމަ، އެ އެއްބަސްވުމުގެ ދަށުން އުފެދޭ އިޚްތިލާފަކާ ގުޅިގެން އުފުލޭ ދަޢުވާއެއް ބެލުމުގެ އިޚްތިޞާޞް ލިބިގެންވަނީ ހަމައެކަނި ދިވެހިރާއްޖޭގެ ކޯޓުތަކަށް ނުވަތަ ދިވެހިރާއްޖޭގެ ވަކި ކޯޓަކަށް ކަމުގައި އެ ދެފަރާތުން ލިޔުމުން، ޞަރީޙަ ޢިބާރާތުން ބަޔާންކޮށްފައިވާ ޙާލަތުގައި، އެފަދަ އެއްބަސްވުމަކާގުޅޭ މައްސަލައެއް ބެލުމުގެ އިޚްތިޞާޞް ދިވެހިރާއްޖޭގެ ކޯޓުތަކަށް ލިބިގެންވެއެވެ. އެއްބަސްވުމަކާ ގުޅޭގޮތުން އުފެދޭ އިޚްތިލާފަކާ ގުޅިގެން އިޚްތިޞާޞް ލިބިދޭ ފަރާތް ބަޔާންކުރާ، އެ އެއްބަސްވުމުގެ ކަމާގުޅޭ މާއްދާތަކަކީ، އެ އެއްބަސްވުމުގެ އެހެން މާއްދާތަކާ ވަކިން އޮންނަ، ވަކި އެއްބަސްވުމެއް ކަމުގައި ބެލޭނެއެވެ. އެހެންނަމަވެސް، އެއްބަސްވުމަކާ ގުޅޭގޮތުން އުފެދޭ އިޚްތިލާފަކާ ގުޅިގެން އިޚްތިޞާޞް ލިބިދޭ ފަރާތް ބަޔާންކުރާ އެފަދަ އެއްބަސްވުމެއްގެ ޞައްޙަކަމާމެދު ސުވާލުއުފައްދާ ހަމައެކަނި ސަބަބަކީ އެ ދެފަރާތުން ވެފައިވާ ޤާނޫނީ އެއްބަސްވުމުގެ ޞައްޙަކަމާމެދު ސުވާލުއުފެއްދުން ކަމުގައިވާނަމަ، އެފަދަ ދަޢުވާއެއް ނުއުފުލޭނެއެވެ.
      • (10) މުދާ ވިއްކުމުގެ ނުވަތަ ޚިދުމަތް ހޯދުމުގެ އެއްބަސްވުމެއް ވެފައިވަނީ ދިވެހިރާއްޖެއަށް އަމާޒުކޮށްގެން ވިޔަރާފިއެއް ނުވަތަ ފަންނީ މަސައްކަތެއް ކުރާ ފަރާތަކާ އެކުގައި ކަމަށްވެފައި، އެ އެއްބަސްވުމަކީ އެ މަސައްކަތާ ގުޅުންހުރި އެއްބަސްވުމެއް ކަމަށްވާނަމަ، އެ އެއްބަސްވުމުގެ ބައިވެރިންގެ ތެރެއިން ދިވެހިރާއްޖޭގައި ޢާންމު ގޮތެއްގައި ދިރިއުޅޭ، މުދާ ނުވަތަ ޚިދުމަތް ލިބިގަންނަ ފަރާތުން، އެ އެއްބަސްވުމުގެ އަނެއް ބައިވެރިޔާގެ މައްޗަށް ދިވެހިރާއްޖޭގެ ކޯޓެއްގައި ދަޢުވާއެއް އުފުލައިފިނަމަ، ދިވެހިރާއްޖޭގެ ކޯޓުތަކަށް އެ މައްސަލައެއް ބެލުމުގެ އިޚްތިޞާޞް ލިބިގެންވެއެވެ.
      • (11) ވަޒީފާގެ އެއްބަސްވުމަކާގުޅޭ ދަޢުވާއެއްނަމަ، އެ އެއްބަސްވުމުގެ ބައިވެރިންގެ ތެރެއިން ދިވެހިރާއްޖޭގައި ޢާންމުގޮތެއްގައި މަސައްކަތްކުރާ މުވައްޒަފު، އެ ވަޒީފާގެ އެއްބަސްވުމުގެ އަނެއް ބައިވެރިޔާގެ މައްޗަށް ދިވެހިރާއްޖޭގެ ކޯޓެއްގައި ދަޢުވާއެއް އުފުލައިފިނަމަ، ދިވެހިރާއްޖޭގެ ކޯޓުތަކަށް އެ މައްސަލައެއް ބެލުމުގެ އިޚްތިޞާޞް ލިބިގެންވެއެވެ.
      • (12) އިފްލާސްކުރުމުގެ ދަޢުވާއެއްގައި، ދަރަނިވެރިޔާގެ މައިގަނޑު މަޞްލަޙަތުތައް ޤާއިމުވެފައި ހުރީ ދިވެހިރާއްޖޭގައި ކަމަށްވާނަމަ، ދިވެހިރާއްޖޭގެ ކޯޓުތަކަށް އެ މައްސަލައެއް ބެލުމުގެ އިޚްތިޞާޞް ލިބިގެންވެއެވެ. ނުވަތަ އެފަދަ އިފްލާސްކުރުމުގެ މައްސަލައެއްގައި ހިމެނޭ ދަރަނިވެރިޔާގެ ވިޔަފާރީގެ ގޮތްޕެއް، ނުވަތަ އޭޖެންސީއެއް ނުވަތަ އެހެންވެސް ތަނެއް ދިވެހިރާއްޖޭގައި ހުރިނަމަ، އަދި އިފްލާސްކުރުމުގެ އެފަދަ ދަޢުވާއެއް ބިނާވެފައިވަނީ ހަމައެކަނި ދިވެހިރާއްޖޭގައި ހުރި ދަރަނިވެރިޔާގެ މުދަލުގެ މައްޗަށް ކަމަށްވާނަމަ، އެ މައްސަލައެއް ބެލުމުގެ އިޚްތިޞާޞްވެސް ދިވެހިރާއްޖޭގެ ކޯޓުތަކަށް ލިބިގެންވެއެވެ.
    • (ށ) ވަކި މައްސަލައެއްގެ މައްޗަށް މި މާއްދާގެ (ހ) ގައި ބަޔާންކުރާ ކަންކަން ނުހިނގާ ޙާލަތްތަކުގައިވެސް، އެ މައްސަލައިގައި ހިމެނޭ އެންމެހައި ޚަޞްމުންނަކީ ދިވެހި ރައްޔިތުން ކަމަށްވެފައި، އިންޞާފު ޤާއިމުކުރުމުގެ ގޮތުން އެކަން އެގޮތަށް ކުރުމަކީ އެދެވިގެންވާ ކަމެއް ކަމުގައިވާނަމަ، އެ މައްސަލައެއް ބެލުމުގެ އިޚްތިޞާޞް ދިވެހިރާއްޖޭގެ ކޯޓުތަކަށް ލިބިގެންވެއެވެ.
    • (ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ފަދަ މައްސަލައެއް ދިވެހިރާއްޖޭގެ ކޯޓެއްގައި ބެލުމަކީ، އިންޞާފު ޤާއިމުކުރުމުގެ ގޮތުން ކުރުމަށް އެދެވިގެންވާކަމެއްކަމަށް ކަނޑައެޅުމުގައި، އެ މައްސަލައެއް ހުށަހެޅިފައިވާ ކޯޓަކުން އެ މައްސަލައާގުޅޭ އެންމެހައި ކަންކަމަށް ރިޢާޔަތްކުރަންވާނެއެވެ. އޭގެ ތެރޭގައި އަންނަނިވި ކަންކަން ހިމެނެއެވެ.
      • (1) ހެކި ނުވަތަ މުދާ ހުރި ތަން؛
      • (2) އެ މައްސަލަ ދިވެހިރާއްޖޭގެ ކޯޓެއްގައި ހިންގުން މަނާކުރާ ޙާލަތެއް ވުޖޫދުވެފައިވާކަން ނުވަތަ ނޫންކަން؛
      • (3) އެ މައްސަލައެއް ހުށަހަޅަން އެންމެ އެކަށީގެންވަނީ އެހެން ޤައުމެއްގެ ކޯޓަކަށްކަން ނުވަތަ ނޫންކަން؛
      • (4) ދަޢުވާކުރާ ފަރާތުން އެދޭ ފަރުވާ އެހެން ޤައުމެއްގެ ކޯޓަކުން އެކަށީގެންވާ ގޮތެއްގައި ނަގައިދެވިދާނެކަން ނުވަތަ ނޫންކަން؛
      • (5) ދިވެހިރާއްޖޭގައި ނުވަތަ އެހެން ޤައުމެއްގެ ކޯޓެއްގައި މައްސަލަ ކުރިއަށް ގެންދިޔުމުގައި ހިނގާނެ ޚަރަދާއި ލިބޭނެ ފަސޭހަ؛
      • (6) ދިވެހިރާއްޖޭގައި ކުރާ ޙުކުމެއް އެހެން ޤައުމެއްގައި ތަންފީޛުކުރުމާއި، އެހެން ޤައުމެއްގެ ކޯޓަކުން ކުރާ ޙުކުމެއް ދިވެހިރާއްޖޭގައި ތަންފީޛުކުރުމުގެ ފުރުޞަތު އޮތް މިންވަރު.
    • (ރ) ދަޢުވާއެއް ބެލުމުގެ އިޚްތިޞާޞް ދިވެހިރާއްޖޭގެ ކޯޓަކަށް ލިބިގެންވާކަން ނުވަތަ ނޫންކަން މި މާއްދާގެ (ނ) ގެ ދަށުން ކަނޑައެޅުމުގައި، އެ ދަޢުވާ ހުށަހެޅޭތާ 1 (އެކެއް) މަސް ދުވަހުގެ ތެރޭގައި، އެކަމާމެދު ގޮތެއް ނިންމަންވާނެއެވެ.
  • 57. : ވަގުތީ ފަރުވާގެ ފިޔަވަޅުތައް އަޅައިދިނުމަށް އެދުން ދަޢުވާއެއް މައުޟޫޢީގޮތުން ބެލުމުގެ އިޚްތިޞާޞް ލިބިގެންވަނީ އެހެން ޤައުމެއްގެ ކޯޓަކަށް ކަމަށްވީނަމަވެސް، ދިވެހިރާއްޖޭގެ ޤާނޫނުގެ ދަށުން ހޯދުމަށް އެދެވިދާނެ ވަގުތީ ފަރުވާގެ ފިޔަވަޅެއް އެ ދަޢުވާއަކާ ގުޅޭގޮތުން އަޅައިދިނުމަށް އެދި މައްސަލައިގައި މަޞްލަޙަތު ހިމެނޭ ފަރާތްތަކަށް ދިވެހިރާއްޖޭގެ ކޯޓަކަށް ހުށަހެޅިދާނެއެވެ. މި މާއްދާގައި ބަޔާންކުރާ ވަގުތީ ފަރުވާގެ ފިޔަވަޅުތަކުގެ ތެރޭގައި، ރައްކާތެރިކަމުގެ ފިޔަވަޅުތައްވެސް ހިމެނެއެވެ.
  • 58. : އެހެން ޤައުމެއްގެ ކޯޓަކަށް ހުށަހެޅިފައިވާ މައްސަލަ ދިވެހިރާއްޖޭގެ ކޯޓަކަށް ހުށަހެޅުން
    • (ހ) މި ޤާނޫނުގެ 56 ވަނަ މާއްދާގެ ދަށުން އިޚްތިޞާޞް ލިބިދޭ މައްސަލައެއް ދިވެހިރާއްޖޭގެ ކޯޓަކަށް ހުށަހެޅުނުއިރު، ހަމަ އެ ދަޢުވާ ބިނާކޮށްފައިވާ އަސާސްގެ މައްޗަށް އެ ޚަޞްމުންގެ މެދުގައި ހިނގާ އެހެން މައްސަލައެއް ބޭރު ޤައުމެއްގެ ކޯޓެއްގައި ހިނގަމުންދާނަމަ، މައްސަލައިގެ ޚަޞްމަކު އެފަދަ ހުށަހެޅުމެއް ހުށަހަޅައިފިނަމަ، އަންނަނިވި ޙާލަތްތަކުގައި، ދިވެހިރާއްޖޭގައި ހިނގަމުންދާ މައްސަލަ ހިންގުން ހުއްޓާލުމަށް ދިވެހިރާއްޖޭގެ ކޯޓަށް ނިންމިދާނެއެވެ.
      • (1) ބޭރު ޤައުމުގެ ކޯޓުން ކުރާ ޙުކުމަކީ ދިވެހިރާއްޖޭގެ ކޯޓުތަކުން ޤަބޫލުކުރާނެ އަދި/ނުވަތަ ދިވެހިރާއްޖޭގައި ތަންފީޛުކުރެވޭނެ ޙުކުމަކަށް ވާނެކަމަށް ބެލެވުން؛ އަދި
      • (2) ދިވެހިރާއްޖޭގައި ހިނގަމުންދާ މައްސަލަ ހިންގުން ހުއްޓާލުމަކީ، އިންޞާފު ޤާއިމުކުރުމަށްޓަކައި ކޮންމެހެން ކުރަންޖެހޭ ކަމެއްކަމަށް ދިވެހިރާއްޖޭގެ ކޯޓަށް ޤަބޫލުކުރެވުން.
    • (ށ) އަންނަނިވި ޙާލަތްތައް މެދުވެރިވެއްޖެނަމަ، މި މާއްދާގެ (ހ) ގައި ބަޔާންކުރާ ފަދަ މައްސަލައެއް ދިވެހިރާއްޖޭގެ ކޯޓަށް ކުރިއަށް ގެންދެވިދާނެއެވެ.
      • (1) ބޭރު ޤައުމުގެ ކޯޓުގައި ހިނގަމުންދާ މައްސަލަ ހިންގުން ހުއްޓާލުން ނުވަތަ ދަޢުވާ އަނބުރާ ގެންދިޔުން؛
      • (2) ބޭރު ޤައުމުގެ ކޯޓުގައި ހިނގަމުންދާ މައްސަލަ އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި ނިމިދާނެކަމަށް ދިވެހިރާއްޖޭގެ ކޯޓަށް ނުފެނުން؛ ނުވަތަ
      • (3) މައްސަލަ ކުރިއަށްގެންދިޔުމަކީ، އިންޞާފު ޤާއިމުކުރުމަށްޓަކައި ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށްވުން.
    • (ނ) ރާއްޖެއިން ބޭރު ޤައުމެއްގެ ކޯޓުން ބަލަމުންދިޔަ މައްސަލަ އެ ކޯޓުން ނިންމައި، ދިވެހިރާއްޖޭގެ ކޯޓުތަކުން ޤަބޫލުކުރާނެ އަދި/ނުވަތަ ދިވެހިރާއްޖޭގައި ތަންފީޛުކުރެވޭނެ ޙުކުމެއް ކޮށްފިނަމަ، ދިވެހިރާއްޖޭގައި ހިނގަމުންދާ މައްސަލަ ދިވެހިރާއްޖޭގެ ކޯޓުން ބާޠިލުކުރަންވާނެއެވެ.
  • 59. : ދަޢުވާކުރުމުގެ މުއްދަތުތަކަށް ޢަމަލުކުރަން ލާޒިމުވުން
    • (ހ) އެހެން ޤާނޫނެއްގައި ނުވަތަ މި ޤާނޫނުގައި ކަނޑައެޅިގެން އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާހާ ހިނދަކު، މަދަނީ ދަޢުވާއެއް އުފުލަންވާނެ ކަމަށް މި ބާބުގައި ބަޔާންކޮށްފައިވާ މުއްދަތުތައް، އެފަދަ ކޮންމެ ދަޢުވާއެއްގެ މައްޗަށް ހިނގާނެއެވެ. އަދި އެ މުއްދަތުގައި އެ ދަޢުވާއެއް އުފުލާފައިނުވާނަމަ، އޭގެ ފަހުގެ ތާރީޚެއްގައި އެ ދަޢުވާއެއް އުފުލުމުން ބަރީޢަވެގެންވެއެވެ.
    • (ށ) މި ބާބުގައި ބަޔާންކުރާ މުއްދަތުތައް ހިނގަން ފަށާނީ، މި ޤާނޫނަށް ޢަމަލުކުރަން ފަށާ ތާރީޚުން ފެށިގެންނެވެ.
  • 60. : ދަޢުވާ ހުށަހެޅުމަށް ކަނޑައެޅިފައިވާ ޢާންމު މުއްދަތު މި ޤާނޫނުގައި އަދި އެހެން ޤާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާހާ ހިނދަކު، މަދަނީ ދަޢުވާއެއް ހުށަހެޅޭނީ، އެ ދަޢުވާ ބިނާކުރި ސަބަބު ނުވަތަ ދަޢުވާ އެމައްޗަށް ބިނާވާ ޚުޞޫމާތް މެދުވެރިވި ތާރީޚުން ފެށިގެން 6 (ހައެއް) އަހަރު ދުވަސް ފާއިތުވެފައިނުވާނަމައެވެ.
  • 61. : ވަޒީފާއާބެހޭ މައްސަލަތައް އެކަށީގެންވާ ސަބަބެއްނެތި ވަޒީފާއިން ވަކިކުރުމާގުޅޭ ދަޢުވާތައް ހިމެނޭގޮތުން، ވަޒީފާއާގުޅޭ އެންމެހައި ދަޢުވާތައް، ވަޒީފާއިން ވަކިކުރި ތާރީޚުން ފެށިގެން ނުވަތަ ދަޢުވާ ކުރުމުގެ ޙައްޤު އުފަންވި ތާރީޚުން ފެށިގެން 3 (ތިނެއް) މަސް ދުވަހުގެ ތެރޭގައި ހުށަހަޅަންވާނެއެވެ.
  • 62. : މުދަލުގެ މިލްކުވެރިކަމާބެހޭ މައްސަލަތައް
    • (ހ) އުފުލޭ މުދަލެއްގެ މިލްކުވެރިކަން ބަދަލުކުރުމަށްފަހު، އެ މުދަލެއް އެ ފަރާތަކާ ޙާވާލުކުރުމުގެ ކުރިން، އެ މުދަލުގެ މިލްކުވެރިކަން އެހެން ފަރާތަކަށް ބަދަލުކުރާ ޙާލަތުގައި، އެ މުދަލުގެ މިލްކުވެރިކަން ފަހުން ބަދަލުކުރެވުނު ފަރާތަށް އެ މުދަލުގެ މިލްކުވެރިކަން ބަދަލުކުރުމާބެހޭ ދަޢުވާއެއް ހުށަހަޅަންވާނީ، އެ މުދަލުގެ މިލްކުވެރިކަން ފުރަތަމަ ބަދަލުކުރެވުނު ތާރީޚުން ފެށިގެން 6 (ހައެއް) އަހަރު ދުވަސްވުމުގެ ކުރިންނެވެ.
    • (ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ގޮތުގެމަތިން ދަޢުވާ އުފުލުމުގެ ޙައްޤު ލިބިފައިވާ ފަރާތަކުން، އެ މާއްދާގައި ބަޔާންކުރާ މުއްދަތު ހަމަވުމުގެ ކުރިން އެ ދަޢުވާ އުފުލާފައިނުވުމުގެ ސަބަބުން އެ މުދަލުގެ މިލްކުވެރިކަން އެފަރާތަށް ބަދަލުވެފައިނުވާނަމަ، އެ މުދަލުގެ މިލްކުވެރިކަމަށްއޮތް އެ ފަރާތުގެ ޙައްޤު ގެއްލިގެންދާނެއެވެ.
    • (ނ) މި މާއްދާގެ (ހ) އެހެން އޮތްނަމަވެސް، ވަކި މުދަލެއް ވަގަށް ނެގުމުގެ ސަބަބުން އެ ވައްކަމާ ގުޅޭގޮތުން ކުރާ ދަޢުވާއަކާ ގުޅޭގޮތުން މި މާއްދާގެ (ހ) ގައި ބަޔާންކުރާ މުއްދަތުތަކެއް ނުހިނގާނެއެވެ. އެހެންނަމަވެސް، އެ މުދަލުގެ މައްޗަށް އޮތް އެފަރާތުގެ މިލްކުވެރިކަން މި މާއްދާގެ (ށ) ގައި ބަޔާންކުރާ ޙާލަތުގައި ގެއްލިފައިވާނަމަ، އަދި އޭނާއަށް އެފަދައިން އެ މުދަލުގެ މިލްކުވެރިކަން ގެއްލުނީ އެ ވައްކަންކުރުމުގެ ކުރިން ކަމުގައިވާނަމަ، އެ ވައްކަމާ ގުޅިގެން ކުރެވޭ ދަޢުވާއެއް އުފުލުމުން އޭނާ ބަރީޢަވެގެންވެއެވެ.
  • 63. : އަބުރާބެހުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލުހޯދުމުގެ ދަޢުވާ ހުށަހެޅުމުގެ މުއްދަތު އަބުރާބެހުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު ހޯދުމުގެ ދަޢުވާއެއް އުފުލަންވާނީ، އެ ދަޢުވާ ކުރުމުގެ ޙައްޤު އުފަންވީ ސަބަބު ވުޖޫދުވި ތާރީޚުން ފެށިގެން 1 (އެކެއް) އަހަރު ދުވަސް ހަމަވުމުގެ ކުރިންނެވެ.
  • 64. : ޖުޑިޝަލް ރިވިއުގެ ދަޢުވާ ހުށަހެޅުމުގެ މުއްދަތު
    • (ހ) ޖުޑީޝަލް ރިވިއުގެ ދަޢުވާއެއް ހުށަހެޅޭނީ، އެ ދަޢުވާ ކުރުމުގެ ޙައްޤު އުފަންވީ ސަބަބު ވުޖޫދުވި ތާރީޚުން ފެށިގެން ގިނަވެގެން 3 (ތިނެއް) މަސް ދުވަހުގެ ތެރޭގައެވެ.
    • (ށ) މި މާއްދާގެ (ހ) ގެ ބޭނުމަށްޓަކައި، ދަޢުވާ ކުރުމުގެ ޙައްޤު އުފަންވީ ސަބަބު ވުޖޫދުވި ތާރީޚު ކަމަށް ބުނެފައި އެވަނީ، ދަޢުވާ އެމައްޗަށް ބިނާވެފައިވާ، ދައުލަތުގެ އިދާރާއިން އަޅާފައިވާ އިދާރީ ފިޔަވަޅު އެޅި ތާރީޚަށެވެ.
    • (ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މުއްދަތު ހަމަވުމަށްފަހު ހުށަހެޅޭ ޖުޑީޝަލް ރިވިއުގެ ދަޢުވާއެއް ކޯޓަށް ބަލައިގަނެވޭނީ، އެ މުއްދަތުގައި އެ ދަޢުވާ ހުށަނޭޅުނު އެކަށީގެންވާ ސަބަބުތަކެއް ހުރިކަމުގައި ކޯޓަށް ސާބިތުކޮށްދީ، ކޯޓުން އެކަމުގެ ހުއްދަ ދީފިނަމަ ނުވަތަ ދަޢުވާ ކުރިއަށްގެންދިޔުމަށް ދަޢުވާ ރައްދުވާ ދައުލަތުގެ އިދާރާއިން އިޢުތިރާޟުނުކުރާނަމައެވެ.
    • (ރ) މި މާއްދާގެ (ހ) އެހެން އޮތްނަމަވެސް، ވަކި ބާވަތެއްގެ ޖުޑީޝަލް ރިވިއުގެ ދަޢުވާއެއް ހުށަހެޅުމަށް އެހެން ޤާނޫނެއްގައި ވަކި މުއްދަތެއް ކަނޑައަޅާފައިވާނަމަ، އަދި އެ މުއްދަތަކީ މި ޤާނޫނުގައި ބަޔާންކުރާ މުއްދަތަށްވުރެ ކުރު މުއްދަތެއް ކަމުގައިވާނަމަ، އެ ދަޢުވާއެއް، އެ ޤާނޫނުގައި ބަޔާންކުރާ މުއްދަތުގައި ހުށަހަޅަންވާނެއެވެ.
  • 65. : އިހުމާލުގެ ސަބަބުން ހަށިގަނޑަށް ލިބޭ އަނިޔާގެ މައްސަލަތައް
    • (ހ) އިހުމާލުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު ހޯދުމާގުޅޭ ދަޢުވާއާއި، ތުރާގެ ޢަމަލެއްގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު ހޯދުމާގުޅޭ ދަޢުވާއާއި، އަދާކުރަންޖެހޭ ވާޖިބާ ޚިލާފުވުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލުގެ ހޯދުމާގުޅޭ ދަޢުވާގެ ތެރެއިން، ދަޢުވާކުރާ ފަރާތުގެ ނުވަތަ އެހެން ފަރާތެއްގެ ހަށިގަނޑަށް ލިބޭ އަނިޔާއަށް ބަދަލު ހޯދުމުގެ ދަޢުވާތައް އުފުލަންވާނީ، ތިރީގައި ބަޔާންކޮށްފައިވާ ތާރީޚުތަކުން ފެށިގެން 3 (ތިނެއް) އަހަރު ދުވަހުގެ ތެރޭގައެވެ.
      • (1) ދަޢުވާ ކުރުމުގެ ޙައްޤު އުފަންވި ސަބަބު ވުޖޫދުވި ތާރީޚު؛ ނުވަތަ
      • (2) ހަށިގަނޑަށް އަނިޔާ ލިބުނު މީހާއަށް އަނިޔާވިކަން އެނގުނު ތާރީޚު.
    • (ށ) މި މާއްދާގެ (ހ) އެހެން އޮތްނަމަވެސް، އެ އަކުރުގައި ބަޔާންކޮށްފައިވާ މުއްދަތު ހަމަވުމުގެ ކުރިން ހަށިގަނޑަށް އަނިޔާ ލިބުނު މީހާ މަރުވެއްޖެނަމަ، މަރުވި މީހާގެ ވާރިޘުންގެ ފަރާތުން އެކަމުގެ ދަޢުވާ ހުށަހެޅުމުގެ ބޭނުމަށްޓަކައި، ދަޢުވާ ހުށަހެޅުމުގެ މުއްދަތު ކަމުގައި ބަލާނީ، ތިރީގައި ބަޔާންކޮށްފައިވާ ތާރީޚުތަކުގެ ތެރެއިން އެންމެ ފަހުން ބައްދަލުވާ ތާރީޚުން ފެށިގެން 3 (ތިނެއް) އަހަރު ދުވަހެވެ.
      • (1) މަރުވި ތާރީޚު؛ ނުވަތަ
      • (2) މަރުވިކަން އޭނާ ތަމްސީލުކުރާ މީހަކަށް އެނގުނު ތާރީޚު.
    • (ނ) މަރުވި މީހާ ތަމްސީލުކުރާ އެކަކަށްވުރެ ގިނަ މީހުން ތިބިނަމަ، އަދި އެމީހުންނަށް އޭނާ މަރުވިކަން އެނގުނު ތާރީޚު ތަފާތުނަމަ، މި މާއްދާގެ (ށ) ގެ (2) ވަނަ ނަންބަރުގައި ބަޔާންކުރާ މުއްދަތު ގުނުމުގައި ބަލަންވާނީ، އެ ތާރީޚުތަކުގެ ތެރެއިން އެންމެ އަވަހަށް ބައްދަލުވާ ތާރީޚަށެވެ.
    • (ރ) މި މާއްދާގެ ބޭނުމަށްޓަކައި، މީހަކަށް މަޢުލޫމާތު އެނގުނު ތާރީޚުކަމަށް ބަލާނީ، ތިރީގައި ބަޔާންކޮށްފައިވާ ކަންކަން އެފަރާތަކަށް ފުރަތަމަ އެނގުނު ތާރީޚަށެވެ.
      • (1) ލިބިފައިވާ އަނިޔާއަކީ ނިސްބަތުން ބޮޑު އަނިޔާއެއްކަން އެނގުނު ތާރީޚު؛ އަދި
      • (2) ލިބުނު އަނިޔާ އެކުގައި ނުވަތަ އަނިޔާގެ ވަކި މިންވަރެއް މެދުވެރިވެފައިވަނީ ދަޢުވާކުރެވޭ އިހުމާލުގެ ޢަމަލުގެ ސަބަބުން ނުވަތަ ތުރާގެ ޢަމަލުގެ ސަބަބުން ނުވަތަ ވާޖިބާ ޚިލާފުވުމުގެ ޢަމަލުގެ ސަބަބުންކަން އެނގުނު ތާރީޚު؛ އަދި
      • (3) ދަޢުވާލިބޭ ފަރާތަކީ ކޮން ފަރާތެއްކަން އެނގުނު ތާރީޚު؛ އަދި
      • (4) ހިންގިކަމަށް ނުވަތަ ނުކޮށް ދޫކޮށްލިކަމަށް ތުހުމަތުކުރެވުނު ޢަމަލު ހިންގާފައިވަނީ ދަޢުވާލިބޭ ފަރާތް ނޫން އެހެން ފަރާތެއްނަމަ، އެފަރާތަކީ ކޮން ފަރާތެއްކަން އެނގުނު ތާރީޚު އަދި ދަޢުވާލިބޭ ފަރާތުގެ މައްޗަށް ދަޢުވާ ހުށަހެޅުމަށް ބާރުދޭ އެހެން ވާޤިޢާތައް.
    • (ބ) މި މާއްދާގެ (ރ) ގެ ބޭނުމަށްޓަކައި، ހިންގިކަމަށް ނުވަތަ ނުކޮށް ދޫކޮށްލިކަމަށް ތުހުމަތުކުރެވޭ ޢަމަލަކީ، ޤާނޫނީ ހަމަތަކުން ބަލާއިރުއިހުމާލުގެ ޢަމަލެއްކަން ނުވަތަ ތުރާގެ ޢަމަލެއްކަން ނުވަތަ ވާޖިބާ ޚިލާފުވުމުގެ ޢަމަލެއްކަން އޭނާއަށްއެނގިފައިވާކަން ނުވަތަ އެނގިފައިނުވާކަން މުހިންމެއް ނޫނެވެ.
    • (ޅ) މި މާއްދާގެ (ހ) އަދި (ށ) ގައި ބަޔާންކުރާ މުއްދަތު ފާއިތުވުމަށްފަހު، މި މާއްދާގައި ބަޔާންކުރާ ދަޢުވާއެއް ކޯޓަށް ހުށައެއްނޭޅޭނެއެވެ.
    • (ކ) މި މާއްދާގެ ބޭނުމަށްޓަކައި، "ހަށިގަނޑަށް ލިބޭ އަނިޔާ" ކަމުގައި ބުނެފައިވަނީ، މީހަކަށް ކުރިމަތިވާ އެއްވެސް ބައްޔެއް ނުވަތަ އެއްވެސް ޖިސްމާނީ ނުވަތަ ނަފްސާނީ ނުކުޅެދުންތެރިކަމެއް ހިމެނޭގޮތުންނެވެ.
  • 66. : އިހުމާލުގެ ދަޢުވާތަކުގެ ތެރެއިން ދަޢުވާ އެ މައްޗަށް ބިނާވެފައިވާ ސަބަބާގުޅޭ އެންމެހައި ވާޤިޢާތައް ނޭނގޭ ބާވަތުގެ މައްސަލަތައް
    • (ހ) މި މާއްދާ ހިނގާނީ، މި ޤާނޫނުގެ 65 ވަނަ މާއްދާގައި ބަޔާންކުރާ ބާވަތުގެ ދަޢުވާތައް ފިޔަވައި އިހުމާލުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު ހޯދުމުގެ ދަޢުވާތަކުގެ ތެރެއިން، މި މާއްދާގެ (ށ) ގެ (2) ވަނަ ނަންބަރުގައި ބަޔާންކުރާ މުއްދަތު ގުނަން ފަށާ ތާރީޚު ބައްދަލުވަނީ، ދަޢުވާ ބިނާކުރި ސަބަބު މެދުވެރިވި ތާރީޚަށްވުރެ ފަހުގެ ތާރީޚެއް ކަމުގައިވާ ޙާލަތުގައެވެ.
    • (ށ) މި މާއްދާގައި ބަޔާންކުރާ ދަޢުވާއެއް އަންނަނިވި މުއްދަތުތައް ފާއިތުވުމަށްފަހު ހުށައެއްނޭޅޭނެއެވެ.
      • (1) ދަޢުވާ ބިނާކުރި ސަބަބު މެދުވެރިވި ތާރީޚުން ފެށިގެން 6 (ހައެއް) އަހަރު ދުވަސް؛ ނުވަތަ
      • (2) މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ މުއްދަތު ފެށޭ ތާރީޚުން ފެށިގެން 3 (ތިނެއް) އަހަރު ދުވަސް. (އެހެންނަމަވެސް އެއީ އެ މުއްދަތު ހަމަވަނީ މި އަކުރުގެ (1) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ މުއްދަތަށްވުރެ ފަހުގެ ތާރީޚެއް ކަމުގައިވާނަމައެވެ).
    • (ނ) މި މާއްދާގެ (ށ) ގެ (2) ވަނަ ނަންބަރުގެ ބޭނުމަށްޓަކައި، ދަޢުވާ ހުށަހެޅުމަށް ކަނޑައެޅިފައިވާ މުއްދަތު ގުނަން ފަށާ ތާރީޚަކީ، ދަޢުވާކުރާ ފަރާތަށް ނުވަތަ ދަޢުވާ އުފުލުމުގެ ޙައްޤު ލިބިފައިވާ އެހެން ފަރާތަކަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދުމުގެ ދަޢުވާއެއް ހުށަހެޅުމަށް ބޭނުންވާ މަޢުލޫމާތު ލިބުނު ތާރީޚާއި، އެފަދަ ދަޢުވާއެއް ހުށަހެޅުމުގެ ޙައްޤު ލިބިގެންވާކަމުގެ މަޢުލޫމާތު ލިބުނު ތާރީޚުގެ ތެރެއިން އެންމެ އަވަހަށް ބައްދަލުވާ ތާރީޚެވެ.
    • (ރ) މި މާއްދާގެ (ނ) ގެ ބޭނުމަށްޓަކައި "ގެއްލުމުގެ ބަދަލު ހޯދުމުގެ ދަޢުވާއެއް ހުށަހެޅުމަށް ބޭނުންވާ މަޢުލޫމާތު" ކަމަށް ބުނެފައި އެވަނީ:
      • (1) ގެއްލުމުގެ ބަދަލު ހޯދުމަށް ހުށަހަޅާ ދަޢުވާގައި ބަޔާންކުރާ ގެއްލުމާ ސީދާ ގުޅޭ ވާޤިޢާތައް އެނގިފައިވުމަށް؛ އަދި
      • (2) މި މާއްދާގެ (ޅ) ގައި ބަޔާންކުރާ ދަޢުވާއާގުޅޭ އެހެން ވާޤިޢާއެއް އެނގިފައިވުމަށް.
    • (ބ) މި މާއްދާގެ (ރ) ގެ (1) ވަނަ ނަންބަރުގެ ބޭނުމަށްޓަކައި، ގެއްލުމާ ސީދާގުޅޭ ވާޤިޢާތައް ކަމުގައި ބަލާނީ، އިހުމާލުގެ ޢަމަލުގެ ސަބަބުން ގެއްލުންވި މީހާއަށްއަށް ލިބުނު ގެއްލުން، ބުއްދީގެ ހަމަތަކަށް ބަލާއިރު އެކަށީގެންވާ ހަރުދަނާ ގޮތެއްގައި ވިސްނާ މީހަކަށް މެދުވެރިވިނަމަ، އެ ގެއްލުމަކީ، އެކަމާ ގުޅިގެން ޒިންމާ އުފުލަންޖެހޭ ފަރާތުގެ މައްޗަށް އެމީހަކުވެސް ދަޢުވާކުރާނެ އެކަށީގެންވާ ބޮޑު ގެއްލުމެއް ކަމަށް ވާ ޙާލަތުގައި، އެ ދަޢުވާ އެމީހެއްގެ މައްޗަށް އުފުލުމަށް ބުރަވާ ޙާލަތްތަކަށް ބާރުދޭ ވާޤިޢާތަކަށެވެ.
    • (ޅ) މި މާއްދާގެ (ރ) ގެ (2) ނަންބަރުގައި ބަޔާންކުރާ އެހެން ވާޤިޢާއަކީ:
      • (1) ވެފައިވާ މުޅި ގެއްލުމަކީ ނުވަތަ އެ ގެއްލުމުގެ ވަކި ބަޔަކީ ސީދާ ތުހުމަތުކުރެވުނު ޢަމަލުކުރުމުގެ ސަބަބުން ނުވަތަ ނުކޮށް ދޫކޮށްލި ޢަމަލުގެ ސަބަބުން ވެފައިވާ ގެއްލުމަކަށްވުން؛ އަދި
      • (2) ދަޢުވާލިބޭ ފަރާތުގެ މަޢުލޫމާތު؛ އަދި
      • (3) ނުކޮށް ދޫކޮށްލި ކަމަށް ނުވަތަ ކުރިކަމަށް ތުހުމަތުކުރެވުނު ޢަމަލުކޮށްފައިވަނީ ދަޢުވާލިބޭ ފަރާތް ނޫން އެހެން ފަރާތެއްނަމަ، އެފަރާތުގެ މަޢުލޫމާތު އަދި ދަޢުވާލިބޭ ފަރާތުގެ މައްޗަށް ދަޢުވާ ހުށަހެޅުމަށް ބާރުދޭ އެހެން ވާޤިޢާއެއް.
    • (ކ) މި މާއްދާގެ (ޅ) ގެ ބޭނުމަށްޓަކައި، ހިންގިކަމަށް ނުވަތަ ނުކޮށް ދޫކޮށްލިކަމަށް ތުހުމަތުކުރެވޭ ޢަމަލަކީ، ޤާނޫނީ ހަމަތަކުން ބަލާއިރު އިހުމާލުގެ ޢަމަލެއްކަން އޭނާއަށް އެނގިފައިވާކަން ނުވަތަ އެނގިފައިނުވާކަން މުހިންމެއް ނޫނެވެ.
    • (އ) މި މާއްދާގެ ބޭނުންމަށްޓަކައި، މީހަކަށް ވަކި ކަމެއް އެނގުމުގެ މާނައިގެ ތެރޭގައި ބުއްދީގެ ހަމަތަކުން ބަލާއިރު ތިރީގައިވާ ކަންކަން އޭނާއަށް އެނގޭނެކަމަށް ބެލެވުން ހިމެނެއެވެ.
      • (1) ލިބިފައިވާ މަޢުލޫމާތުން ދެނެގަނެވެން ހުރި ނުވަތަ ޔަޤީންކުރެވެން ހުރި ކަންކަން؛
      • (2) ލިބިފައިވާ މަޢުލޫމާތުން އަމިއްލައަށް ނުވަތަ ޚަބީރެއްގެ އެހީގައި ޔަޤީންކުރެވެން ހުރި ކަންކަން؛ ނަމަވެސް، މި މާއްދާގެ ބޭނުމަށްޓަކައި ހަމައެކަނި ޚަބީރެއްގެ އެހީގައި މަޢުލޫމާތު ޔަޤީންކުރެވެން ހުރިކަމަށް ބަލަންވާނީ، އެ އެހީތެރިކަން ހޯދުމަށްޓަކައި އެކަށީގެންވާ ފިޔަވަޅު އަޅާފައިވާނަމައެވެ.
  • 67. : އިހުމާލުގެ ސަބަބުން ހަށިގަނޑަށް ލިބޭ އަނިޔާގެ މައްސަލަތައް ފިޔަވައި އެހެނިހެން އިހުމާލުގެ މައްސަލަތަކަށް ކަނޑައެޅޭ މުއްދަތު
    • (ހ) އިހުމާލުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު ހޯދުމަށް ހުށަހަޅާ ދަޢުވާތަކުގެ ތެރެއިން މި ޤާނޫނުގެ 65 ވަނަ މާއްދާގައި ބަޔާންކުރާ ދަޢުވާތައް ފިޔަވައި އެހެން ދަޢުވާތަކުގައި، ތިރީގައި ބަޔާންކޮށްފައިވާ ކަންކަން ހިނގި ތާރީޚުން (އެއް ތާރީޚަށްވުރެ ގިނަނަމަ ބަލާނީ އޭގެ ތެރެއިން ފަހުގެ ތާރީޚަށް) ފެށިގެން 10 (ދިހައެއް) އަހަރު ދުވަސް ފާއިތުވެއްޖެނަމަ، އެ ދަޢުވާއެއް ހުށައެއްނޭޅޭނެއެވެ.
      • (1) އެކަމަކީ ތުހުމަތުކުރެވުނު އިހުމާލުގެ ޢަމަލު މެދުވެރިވި ސަބަބު ކަމުގައިވުން؛ އަދި
      • (2) އެދިފައިވާ ގެއްލުމުގެ ބަދަލު އެމައްޗަށް ބިނާވެގެންވާ ގެއްލުމަކީ އެ ތުހުމަތުކުރެވޭ އިހުމާލުގެ ޢަމަލުގެ ސަބަބުން މެދުވެރި ކަމަކަށްވުން (އެކުގައި ނުވަތަ ވަކި ބައެއް).
    • (ށ) އަންނަނިވި ޙާލަތްތައް ވުޖޫދުވެފައި ނެތުމަކީ، މި މާއްދާގެ (ހ) ގައި ބަޔާންކުރާ ޙާލަތްތަކުގައި އެ މާއްދާގައި ބަޔާންކުރާ ދަޢުވާތައް އުފުލުމުން ބަރީޢަނުވާނެ ސަބަބެއް ނޫނެވެ.
      • (1) ދަޢުވާ ބިނާކުރި ސަބަބު އެހާތަނަށް ވުޖޫދުވެފައިނުވުން؛ ނުވަތަ
      • (2) ދަޢުވާ ހުށަހެޅުމަށް މި މާއްދާގައި ކަނޑައަޅާފައިވާ މުއްދަތު ހަމަވުމުގެ ކުރިން، މި ޤާނޫނުގެ 66 ވަނަ މާއްދާގައި ބަޔާންކުރާ ދަޢުވާއެއް ކޯޓަށް ހުށަހެޅުމަށް ކަނޑައެޅިފައިވާ މުއްދަތު ގުނަންފަށާ ކަމަށް އެ މާއްދާގެ (ރ) ގެ (2) ވަނަ ނަންބަރުގެ ދަށުން ބަޔާންކޮށްފައިވާ ދަޢުވާ ބިނާކުރި ސަބަބު ވުޖޫދުވެފައިނުވުން.
  • 68. : ތަރިކައާބެހޭ ދަޢުވާގެ މައްސަލަތައް މީހަކު މަރުވުމަށްފަހު، އެމީހެއްގެ ދަރަންޏެއް ނުވަތަ ވަޞިއްޔަތަކާ ގުޅިގެން ދަޢުވާކުރާ މީހަކު ހުރިނަމަ، އެމީހަކު މަރުވިތާރީޚުން ފެށިގެން 60 (ފަސްދޮޅަސް) ދުވަހުގެ ތެރޭގައި އެ މައްސަލަ ކޯޓަށް ހުށަހަޅަންވާނެއެވެ. މި މުއްދަތުގެ ތެރޭގައި ހުށަނާޅައިފިނަމަ ބެލޭނީ އެމީހެއްގެ ފަރާތުން އެހެން މީހަކަށް އަދާކުރަންޖެހޭ ދަރަންޏެއް ނުވަތަ ފުރިހަމަކޮށްދޭންޖެހޭ ވަޞިއްޔަތެއް ތަންފީޛުކުރަން ބޭނުންވާ މީހަކު ނެތީ ކަމުގައެވެ.
  • 69. : ޙުކުމް ތަންފީޛުކުރުމުގެ,މުއްދަތު
    • (ހ) ކޯޓަކުން ކޮށްފައިވާ ނިހާއީ ޙުކުމެއް ނުވަތަ އެނޫންވެސް ނިންމުމެއް ތަންފީޛުކުރުމަށްޓަކައި ހުށަހަޅަންވާނީ، އެ ނިންމުމެއް ނިންމާ ތާރީޚުން ފެށިގެން 10 (ދިހައެއް) އަހަރު ދުވަހުގެ ތެރޭގައެވެ.
    • (ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މުއްދަތުގައި ދަރަނިވެރިޔާ ފިލައިގެން އުޅޭނަމަ، ނުވަތަ ތަންފީޛުކުރުމަށް ބޭނުންވާ ޙުކުމް ނިސްބަތްވާ މުދާ ފޮރުވާފައިވާނަމަ، އެ މުދާ ހޯދޭ ތާރީޚުން ފެށިގެން ނުވަތަ އެމުދާ އަނބުރާ ހޯދުނު ތާރީޚުން ފެށިގެން 10 (ދިހައެއް) އަހަރު ނުވަތަ ނުވަތަ އެއަށްވުރެ ދިގު މުއްދަތެއް ފާއިތުވެފައިވާނަމަ، އެ ޙުކުމް ތަންފީޛުކުރުމަކަށް ހުށައެއްނޭޅޭނެއެވެ. އަދި، އެގޮތުން އެންމެ ދިގު މުއްދަތެއްކަމަށް ބެލެވޭނީ، އެ މުދާ ފެނުނު ތާރީޚުން ފެށިގެން ނުވަތަ އެމުދާ އަނބުރާ ހޯދުނު ތާރީޚުން ފެށިގެން 25 (ފަންސަވީސް) އަހަރު ދުވަހުގެ ނިޔަލަށެވެ.
    • (ނ) ދަރަންޏަކާ ގުޅިގެން އިންޓްރެސްޓްގެ ގޮތުގައި ދައްކަންޖެހޭ ފައިސާ ނަގައިދިނުމުގައި، އެ އިންޓްރެސްޓް ދައްކަންޖެހުނު ތާރީޚުން ފެށިގެން 10 (ދިހައެއް) އަހަރު ދުވަސް ފާއިތުވުމަށްފަހު އިންޓްރެސްޓްގެ ގޮތުގައި ހިނގާފައިވާ އެއްވެސް ފައިސާއެއް ނަގައިދީގެން ނުވާނެއެވެ.
    • (ރ) މި މާއްދާގެ (ހ)، (ށ) އަދި (ނ) އެހެން އޮތްނަމަވެސް، ޙުކުމްކުރާ ނުވަތަ ނިންމުން ނިންމާ ކޯޓުން މި މާއްދާގެ (ހ)، (ށ) އަދި (ނ) ގައި ބަޔާންކޮށްފައިވާ މުއްދަތުތަކަށްވުރެ ކުރު މުއްދަތެއް އެ ޙުކުމް ނުވަތަ ނިންމުން ތަންފީޛުކުރުމަށް ކަނޑައެޅުމަކަށް މި މާއްދާ ހުރަހެއްނާޅައެވެ.
  • 70. : ދަޢުވާ ހުށަހަޅަންޖެހޭ މުއްދަތު ދަޢުވާކުރާ ފަރާތުގެ ކިބައިގައި ހުރި ނުކުޅެދުންތެރިކަމަށް ބަލައި އިތުރުކޮށްދިނުން
    • (ހ) މި ޤާނޫނުގައި ދަޢުވާއެއް ހުށަހެޅުމަށް ވަކި މުއްދަތެއް ކަނޑައަޅާފައިވާ ކޮންމެ ދަޢުވާއެއް ކުރުމުގައި، އެ ދަޢުވާ ކުރުމުގެ މުއްދަތުގައި އެ ދަޢުވާކުރާ ފަރާތަކީ ނުކުޅެދުންތެރިކަމެއްހުރި ފަރާތެއްކަމުގައިވާނަމަ، އެ ނުކުޅެދުންތެރިކަމެއް ނިމުމަކަށް އައި ތާރީޚާއި އެފަރާތް މަރުވި ތާރީޚާއި މި ދެ ތާރީޚުގެ ތެރެއިން ފުރަތަމަ ބައްދަލުވާ ތާރީޚަކުން ފެށިގެން 6 (ހައެއް) އަހަރު ދުވަހުގެ ތެރޭގައި އެ ދަޢުވާ ކޯޓަށް ހުށަހެޅިދާނެއެވެ.
    • (ށ) ދަޢުވާ ބިނާކުރި ސަބަބު ފުރަތަމަ މެދުވެރިވިއިރު ނުކުޅެދުންތެރިކަމެއް ނެތް މީހަކު މެދުވެރިކޮށް ނުކުޅެދުންތެރިކަން ހުރި މީހަކު ދަޢުވާކުރާނަމަ މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އުސޫލެއް ނުހިނގާނެއެވެ.
    • (ނ) ދަޢުވާ ބިނާކުރި ސަބަބު މެދުވެރިވީ ނުކުޅެދުންތެރިކަންހުރި މީހަކަށް ކަމަށްވެފައި، އޭނާގެ ކިބައިގައި ހުރި އެ ނުކުޅެދުންތެރިކަމާއެކު އޭނާ މަރުވެއްޖެނަމަ، ނުކުޅެދުންތެރިކަންހުރި ދެވަނަ މީހަކަށް އެ ދެވަނަ މީހާގެ ނުކުޅެދުންތެރިކަމަށް ބަލައި ދަޢުވާ ހުށަހެޅުމުގެ މުއްދަތު އިތުރުކޮށެއް ނުދެވޭނެއެވެ.
    • (ރ) މި މާއްދާގެ ބޭނުމަށްޓަކައި، ރައްކާތެރިކަން ލިބިގެންވާ ފަރާތްތަކާއި ކުޑަކުދިން ބަލާނީ ނުކުޅެދުންތެރިކަންހުރި ފަރާތެއްގެ ގޮތުގައެވެ.
  • 71. : ޚިޔާނާތް ނުވަތަ ޙަޤީޤަތް ފޮރުވުމުގެ ދަޢުވާ ހުށަހެޅުމަށް ކަނޑައެޅިފައިވާ މުއްދަތު ފަސްކުރުން
    • (ހ) މި ޤާނޫނުގައި ދަޢުވާ ހުށަހެޅުމުގެ މުއްދަތު ކަނޑައެޅިފައިވާ ދަޢުވާތަކުގެ ތެރެއިން އެ ދަޢުވާ ބިނާކޮށްފައިވަނީ ދަޢުވާ ރައްދުވާ ފަރާތުން ޚިޔާނަތްތެރިވެފައިވާ ކަމުގެ މައްޗަށް ބިނާކޮށްގެން ކަމުގައިވާނަމަ ނުވަތަ ދަޢުވާކުރާ ފަރާތަށް ލިބިދޭ ދަޢުވާ ހުށަހެޅުމުގެ ޙައްޤާ ގުޅުންހުރި މަޢުލޫމާތެއް ދަޢުވާ ރައްދުވާ ފަރާތުން ޤަޞްދުގައި ފޮރުވާފައިވާނަމަ، ދަޢުވާކުރާ ފަރާތަށް އެ ޚިޔާނަތް ނުވަތަ ފޮރުވާފައިވާ ކަމެއް އެނގޭ ތާރީޚާ ހަމައަށް ނުވަތަ އެކަށީގެންވާ ގޮތަކަށް މަސައްކަތްކޮށްގެން އެކަން ދެނެގަނެވޭނެ ކަމަށް ބެލެވޭ ތާރީޚާ ހަމައަށް، ދަޢުވާ ހުށަހެޅުމަށް ކަނޑައަޅާފައިވާ މުއްދަތު ފަސްކުރެވޭނެއެވެ.
    • (ށ) މި މާއްދާގެ (ހ) ގެ ބޭނުމަށްޓަކައި، ދުވަސްކޮޅަކު ނޭނގި ހުރެދާނެކަމަށް ބެލެވޭ ޙާލަތުގައި ޤަޞްދުގައި ޒިންމާއެއް އަދާނުކޮށް ދޫކޮށްލުމަކީ އެ ޒިންމާ އަދާނުކުރުމާ ގުޅިގެން ޤަޞްދުގައި ވާޤިޢާތައް ފޮރުވުންކަމަށް ބެލެވޭނެއެވެ.
    • (ނ) މި މާއްދާގައި ބަޔާންކޮށްފައިވާ އެއްވެސް ކަމަކީ، އަންނަނިވި ކަންކަމަށް ފުރުޞަތު ދޭ ކަންކަމަށް ވެގެންނުވާނެއެވެ.
      • (1) އެއްވެސް ފަރާތެއްގެ މުދަލެއްގެ އަގު ހޯދުމަށް؛ ނުވަތަ
      • (2) މުދަލަށް އަސަރުކުރާ އެއްވެސް މުޢާމަލާތެއް ބާޠިލުކުރުމަށް ނުވަތަ މުދަލަކާ ގުޅޭ ޙުކުމެއް ތަންފީޛުކުރުމަށް؛ ޚިޔާނަތް ނުވަތަ އޮޅުވާލުމުގެ ޢަމަލު ހިނގިފަހުން، އެ މުދާ ގަތް ފަރާތުގެ މައްޗަށް ދަޢުވާކުރުމަށް ނުވަތަ އެމީހަކު މެދުވެރިކޮށް އަގުހުރި މުޤާބިލަކަށް ތިންވަނަ ފަރާތަކުން އެ މުދާ ގަތް ފަރާތުގެ މައްޗަށް ދަޢުވާކުރުމަށް.
    • (ރ) ދަޢުވާ ބިނާކުރި ސަބަބާގުޅޭ އެއްވެސް ވާޤިޢާއަކާ ގުޅުންހުރި ޚިޔާނަތް ނުވަތަ އޮޅުވާލުން ހިމެނޭ ދަޢުވާއެއްގައި މުދާ ގަތްމީހަކީ ޚިޔާނާތް ނުވަތަ އޮޅުވާލުމުގައި ބައިވެރިވި ފަރާތަކަށް ނުވެފައި، މުދާ ގަތްވަގުތު އޭގައި ޚިޔާނާތް ނުވަތަ އޮޅުވާލުމުގެ ޢަމަލެއް ހިމެނޭކަން ނޭންގޭނަމަ ނުވަތަ ޚިޔާނަތް ނުވަތަ އޮޅުވާލުމުގެ ޢަމަލެއް ހިމެނޭކަމަށް ޤަބޫލުކުރާނެ ސަބަބެއް އޮތްކަމަށް ނުފެންނަނަމަ މި މާއްދާގެ ބޭނުމަށްޓަކައި ގަންނަމީހާއަކީ އެ ޢަމަލުގައި ބައިވެރިވި މީހެއް ކަމުގައެއް ނުބެލެވޭނެއެވެ.
  • 72. : ކުރިއަށްދާ ދަޢުވާއަކާ ގުޅިގެން އާ ދަޢުވާއެއް ހުށަހެޅުން
    • (ހ) މި ޤާނޫނުގެ 60 ވަނަ މާއްދާއިން ފެށިގެން 71 ވަނަ މާއްދާގެ ނިޔަލަށް ހުރި މާއްދާތަކުގެ ބޭނުމަށްޓަކައި، ކޮންމެ އާ ދަޢުވާއަކީ ވަކި ދަޢުވާއެއް ކަމަށް ބަލަންވާނެއެވެ. އަދި އެ ދަޢުވާއެއް ފެށުނު ތާރީޚު ކަމަށް ބެލޭނީ:
      • (1) ތިންވަނަ ފަރާތަކުން ހުށަހަޅާ ދަޢުވާއެއްގެ ގޮތުގައި ފެށުނު އާ ދަޢުވާއެއްނަމަ، ނުވަތަ ތިންވަނަ ފަރާތަކުން ހުށަހަޅާ ދަޢުވާއެއްގެ ތެރެއިން ހުށަހެޅުނު ދަޢުވާއެއްނަމަ، އެ މައްސަލައިގެ ދަޢުވާ ހުށަހެޅުނު ތާރީޚުގައި؛ އަދި
      • (2) އެނޫން އާ ދަޢުވާއެއްނަމަ އަސްލު ދަޢުވާ ހުށަހެޅި ތާރީޚު.
    • (ށ) މި މާއްދާގައި އާ ދަޢުވާއެއް ކަމަށް ބުނެފައިއެވަނީ، އަޅައިކެނޑުމުގެ ގޮތުން ނުވަތަ ރައްދު ދަޢުވާއެއްގެ ގޮތުގައި ހުށަހެޅޭ ދަޢުވާއާއި، ތިރީގައި ބަޔާންކޮށްފައިވާ ކަންކަމަށް އެދި ހުށަހެޅޭ އާ ދަޢުވާ ހިމެނޭ ގޮތުންނެވެ.
      • (1) ދަޢުވާ ބިނާކުރި ސަބަބަށް އުނިއިތުރެއް ގެނައުމަށް؛ ނުވަތަ
      • (2) ޚަޞްމަކު އިތުރުކުރުމަށް ނުވަތަ އުނިކުރުމަށް.
    • (ނ) މި މާއްދާގެ ބޭނުމަށްޓަކައި، "ތިންވަނަ ފަރާތަކުން ހުށަހަޅާ ދަޢުވާ" ކަމަށް ބުނެފައި އެވަނީ، ދަޢުވާއެއް އުފުލިފައިވާ މައްސަލައެއްގައި އެ ދަޢުވާގެ ޚަޞްމެއްގެ ހައިސިއްޔަތުން އެ ދަޢުވާއަށް އެހެން ޚަޞްމަކު އިތުރުކުރުމަށް ނުވާގޮތަށް، އަސްލު ދަޢުވާގައި ހިމެނޭ ފަރާތަކުން އެ ދަޢުވާގައި ނުހިމެނޭ ފަރާތެއްގެ މައްޗަށް ކުރާ ދަޢުވާއަށެވެ.
  • 73. : އެހެން ޤާނޫނަކުން,ކަނޑައަޅާ މުއްދަތު މި ޤާނޫނުގައި ކަނޑައެޅިގެން އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާހާ ހިނދަކު، ދަޢުވާކުރަންޖެހޭ މުއްދަތު ކަމަށް މި ޤާނޫނުގައި ބަޔާންކޮށްފައިވާ މުއްދަތާ ތަފާތު މުއްދަތެއް މި ޤާނޫނަށް ޢަމަލުކުރަން ފެށުމުގެ ކުރިން ޢަމަލުކުރަމުން އަންނަ އެހެން ޤާނޫނެއްގައި ނުވަތަ ގަވާއިދެއްގައި ނުވަތަ ޢަމަލުކުރާ އުސޫލެއްގައި ބަޔާންކޮށްފައިވީނަމަވެސް، މި ޤާނޫނަށް ޢަމަލުކުރަން ފެށުމަށްފަހު އިސްކަންދޭންވާނީ މި ޤާނޫނުގައި ކަނޑައަޅާފައިވާ މުއްދަތުތަކަށެވެ.
  • 74. : ޓެކުހާގުޅޭ ކަންކަމުގެ އިސްތިސްނާ ދައުލަތުން ނަގަންޖެހޭ އެއްވެސް ޓެކުހެއް ނުވަތަ ޑިއުޓީއެއް ނުވަތަ އެއްވެސް ޓެކުހަކާގުޅޭ ނުވަތަ ޑިއުޓީއަކާގުޅޭ ޖޫރިމަނާއެއް ހޯދުމަށް ހުށަހަޅާ ދަޢުވާތަކުގެ މައްޗަކަށް މި ބާބުގައި ކަނޑައަޅާފައިވާ މުއްދަތުތަކެއް ނުހިނގާނެއެވެ.
  • 75. : ޚަޞްމަކަށް ވެވޭ,ހައިސިއްޔަތު ޤާނޫނީ ހައިސިއްޔަތު ލިބިގެންވާ ކޮންމެ ފަރާތަކީ، މަދަނީ މައްސަލައެއްގެ ޚަޞްމަކަށް ވެވިދާނެ ފަރާތެކެވެ.
  • 76. : ދަޢުވާ އުފުލުމަށް,މަޞްލަޙަތެއް އޮތުން މި ޤާނޫނުގެ 75 ވަނަ މާއްދާ އެހެން އޮތްނަމަވެސް، އެއްވެސް ފަރާތަކަށް މަދަނީ ދަޢުވާއެއް އުފުލޭނީ، އެ މައްސަލައިގައި އެފަރާތުގެ އެކަށީގެންވާ މަޞްލަޙަތެއް އޮވެގެންނެވެ.
  • 77. : ޢާންމު މަޞްލަޙަތު އެކުލެވިގެންވާ,މައްސަލަތަކުގެ ޚަޞްމުން
    • (ހ) ޢާންމު މަޞްލަޙަތު އެކުލެވިގެންވާ މައްސަލައެއްގެ ދަޢުވާ ޝަރުޢީ ކޯޓަކަށް ހުށަހަޅާ ފަރާތެއްގެ މަޞްލަޙަތު ބެލުމުގައި، އެ މަޞްލަޙަތުގެ ޞައްޙަކަމާއި، އެއީ ކޯޓުން ޙައްލުކޮށްދިނުން މުހިންމު މައްސަލައެއްތޯ އަދި ޢާންމު މަޞްލަޙަތު އޮތް މައްސަލައެއްގެ ގޮތުގައި މެނުވީ ކޯޓަށް ހުށަހެޅެން ނެތް މައްސަލައެއްތޯ ކޯޓުން ބަލަންވާނެއެވެ.
    • (ށ) ޢާންމު މަޞްލަޙަތު އެކުލެވިގެންވާ މައްސަލައެއް ކޯޓަށް ހުށަހެޅި، އެ މައްސަލަ ކުރިއަށްގެންދަން ނިންމާ ޙާލަތުގައި، ދައުލަތުގެ ފަރާތުން ބަންޑާރަނައިބު އެ މައްސަލައަށް ތަދައްޚުލުކުރުމަށް ކޯޓުގެ އަމިއްލަ އިސްނެގުމުގައި ނިންމިދާނެއެވެ. ނުވަތަ މައްސަލަ ކޯޓަށް ހުށަހެޅި ޚަޞްމަކަށް އެފަދައިން ހުށަހެޅިދާނެއެވެ.
    • (ނ) މި މާއްދާގެ (ށ) އެހެން އޮތްނަމަވެސް، ޢާންމު މަޞްލަޙަތު އެކުލެވިގެންވާ މައްސަލައެއް ކޯޓަށް ހުށަހެޅި، އެ މައްސަލަ ކުރިއަށްގެންދަން ނިންމާ ޙާލަތުގައި، ކޯޓުން ނުވަތަ މައްސަލައިގެ ޚަޞްމުން އެދިފައިނުވިނަމަވެސް ދައުލަތުގެ ބަންޑާރަނައިބަށް އެ މައްސަލައަށް ތަދައްޚުލުވެވިދާނެއެވެ.
  • 78. : އެއް ޚަޞްމު ނުވަތަ އެއަށްވުރެ ގިނަ ޚަޞްމުން މައްސަލަ ހުށަހެޅުން މައްސަލައެއްގެ ޚަޞްމެއްގެ ގޮތުގައި، އެއް ފަރާތް ނުވަތަ އެއް ފަރާތަށްވުރެ ގިނަ ފަރާތް ހިމެނިދާނެއެވެ. އެގޮތުން، ދަޢުވާކުރާ ފަރާތުގެ ގޮތުގައިވެސް އަދި ދަޢުވާލިބޭ ފަރާތުގެ ގޮތުގައިވެސް އެއް ފަރާތަށްވުރެ ގިނަ ފަރާތް ހިމެނިދާނެއެވެ.
  • 79. : ޚަޞްމުން ތަމްސީލުކުރުން
    • (ހ) މި ޤާނޫނުގައި ނުވަތަ އެހެން ޤާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާހާ ހިނދަކު، ކޯޓުތަކުގައި ޚަޞްމުން ތަމްސީލުކުރެވޭނީ، ޤާނޫނީ ވަކީލުންނަށެވެ.
    • (ށ) ޤާނޫނީ ވަކީލުން ޚަޞްމުން ތަމްސީލުކުރުމަށް އެހެން ޤާނޫނެއްގެ ދަށުން ލާޒިމުކުރާ ޙާލަތުގައި، އެފަދަ ޚަޞްމަކު ކޯޓުގައި ތަމްސީލުކުރަންވާނީ އެމީހަކު ޢައްޔަންކުރާ ޤާނޫނީ ވަކީލެކެވެ.
    • (ނ) މި މާއްދާގެ (ހ) އެހެން އޮތްނަމަވެސް، މައްސަލައެއްގެ ޚަޞްމެއްގެ ގޮތުގައި ހިމެނޭ ފަރާތަކީ ކުޑަކުއްޖެއް ކަމުގައިވާ ޙާލަތުގައި ނުވަތަ ރައްކާތެރިކަން ލިބިގެންވާ ފަރާތެއް ކަމުގައިވާ ޙާލަތުގައި، އެއިން ފަރާތެއް ތަމްސީލުކުރުމަށް އެފަރާތެއްގެ މަޞްލަޙަތު ޙިމާޔަތްކޮށްދޭނެ ފަރާތެއް ކަނޑައެޅުމަކަށް މި މާއްދާ ހުރަހެއްނާޅައެވެ.
  • 80. : ޚަޞްމުން ތަމްސީލުކުރުމަށް އެއްވެސް ފަރާތެއް ކަނޑަނޭޅުން
    • (ހ) ޚަޞްމަކު ތަމްސީލުކުރުމަށް ޤާނޫނީ ވަކީލަކު ޢައްޔަންކުރުމަށް އެހެން ޤާނޫނެއްގައި ލާޒިމުކުރާ ޙާލަތުގައި ފިޔަވައި އެނޫން ޙާލަތްތަކުގައި، ޚަޞްމަކު ބޭނުންނަމަ، ޤާނޫނީ ވަކީލަކު ޢައްޔަންކުރުމުގެ ބަދަލުގައި ނުވަތަ އޭނާ ތަމްސީލުކުރާނެ އެހެން ފަރާތެއް ކަނޑައެޅުމަކާ ނުލައި، ޝަރީޢަތުގެ އެންމެހައި މަރުޙަލާތަކަށް ޙާޟިރުވާނީ އޭނާ އަމިއްލައަށް ކަމުގައި ކަނޑައެޅިދާނެއެވެ.
    • (ށ) މި މާއްދާގެ (ހ) ގެ ދަށުން ޚަޞްމަކު ތަމްސީލުކުރުމަށް ޤާނޫނީ ވަކީލަކު ޢައްޔަންކޮށްފައިނުވާ ޙާލަތެއްގައި، ކޯޓުން މައްސަލައާގުޅޭ އިދާރީ ކަންކަން ނިންމުމުގައި އެކަމަށް ރިޢާޔަތްކުރަންވާނެއެވެ.
  • 81. : ޚަޞްމުން އިތުރުކުރުމާއި ބަދަލުކުރުން
    • (ހ) އަންނަނިވި ޙާލަތްތަކުގައި، މައްސަލައެއްގެ ޚަޞްމުންގެ ގޮތުގައި އިތުރު ފަރާތްތައް ކޯޓަށް ހިމެނިދާނެއެވެ.
      • (1) ކޯޓަށް ހުށަހެޅިފައިވާ މައްސަލައެއްގައި ހިމެނޭ އެންމެހައި ކަންކަން ކޯޓަށް ނިންމޭނީ އެ މައްސަލައަކާގުޅޭ އިތުރު ޚަޞްމެއް ހިމަނައިގެން ކަމަށްވުން؛ ނުވަތަ
      • (2) ކޯޓުން ބަލަމުންދާ މައްސަލައެއްގައި ހިމެނޭ ޚަޞްމަކާއި އެހެން ފަރާތަކާ ދެމެދު އުފެދިފައިވާ އެހެން މައްސަލައަކީ ކޯޓަށް ހުށަހެޅިފައިވާ މައްސަލައިގައި ގޮތެއް ކަނޑައެޅުމަށް ސީދާ އަސަރުކުރާ މައްސަލައެއް ކަމުގައިވާ ޙާލަތުގައި، އެ މައްސަލައަށް ޙައްލެއް ހޯދުމަށްޓަކައި އެ ފަރާތެއް ޚަޞްމެއްގެ ގޮތުގައި ހިމެނުމަކީ މުހިންމު ކަމެއް ކަމަށްވުން.
    • (ށ) މައްސަލައެއްގައި ޚަޞްމެއްގެ ގޮތުގައި ފުރަތަމަ ހިމެނުނު ފަރާތެއް އެއީ ޚަޞްމެއް ކަމުގައި ވާންޖެހޭ ފަރާތެއް ނޫންކަމަށް ކޯޓަށް ފެނިއްޖެނަމަ، އެއީ އެ މައްސަލައިގެ ޚަޞްމެއް ނޫން ކަމުގައި ކޯޓަށް ކަނޑައެޅިދާނެއެވެ.
    • (ނ) މި މާއްދާގެ (ށ) ގެ ދަށުން ކޯޓަށް ނިންމުމެއް ނިންމޭނީ، މައްސަލައިގެ ޚަޞްމެއްގެ ގޮތުގައި ފުރަތަމަ ހިމަނާފައިވާ ފަރާތަކީ، އެ މައްސަލައާ ގުޅުންހުރި ފަރާތެއް ކަމުގައިނުވާނަމަ، ނުވަތަ އެ ފަރާތުގެ މަޞްލަޙަތެއް އެ މައްސަލައިގައި ނުހިމެނޭނަމަ ނުވަތަ އެ ޚަޞްމަށްވުރެ އެ މައްސަލައިގައި ބޮޑު މަޞްލަޙަތެއް އޮތް އެހެން ފަރާތެއްވާނަމައެވެ.
    • (ރ) މައްސަލައެއްގައި ޚަޞްމެއްގެ ގޮތުގައި ފުރަތަމަ ހިމެނުނު ފަރާތެއްގެ މަޞްލަޙަތު ނުވަތަ އިލްތިޒާމު އެހެން ފަރާތަކަށް ބަދަލުވެފައިވާ ޙާލަތުގައި، އަދި އެ މައްސަލައިގައި ހިމެނޭ އެންމެހައި ކަންކަމާމެދު ގޮތެއް ކަނޑައެޅެން އަންނަނީ، އެ ދެވަނަ ފަރާތް ޚަޞްމެއްގެ ގޮތުގައި ހަމަޖައްސައިގެން ކަމުގައިވާ ޙާލަތުގައި، ފުރަތަމަ ޚަޞްމުގެ ބަދަލުގައި އެ ދެވަނަ ފަރާތް މައްސަލައިގެ ޚަޞްމެއްގެ ގޮތުގައި ކޯޓަށް ހަމަޖެއްސިދާނެއެވެ.
    • (ބ) ކޯޓަށް މައްސަލައެއް ހުށަހެޅުމަށްފަހު، އެ މައްސަލައިގައި އިތުރު ޚަޞްމުން ހިމެނޭނީ، ނުވަތަ ބަދަލުކުރެވޭނީ ނުވަތަ ވަކިކުރެވޭނީ، ކޯޓުގެ ހުއްދައާއެކުގައެވެ.
  • 82. : އެއް ފަރާތަށްވުރެ ގިނަ ފަރާތަށް އެކުގައި މައްސަލައިން ޙައްލެއް ލިބެން އޮންނަ ޙާލަތް
    • (ހ) މައްސަލައެއްގައި ދަޢުވާކުރާ ފަރާތުން ހޯދުމަށް އެދިފައިވާ ފަރުވާއަކީ، އެފަރާތަށް އެ ފަރުވާ ހޯދައިދީފިނަމަ، އެއަށް އެހެން ދެވަނަ ފަރާތަކަށްވެސް ޙައްޤު ލިބިގެންވާ ފަރުވާއެއް ކަމުގައިވާ ޙާލަތުގައި، އެ ދެވަނަ ފަރާތް އެ މައްސަލައިގެ ޚަޞްމެއްގެ ގޮތުގައި ހިމެނިދާނެއެވެ.
    • (ށ) މި މާއްދާގެ (ހ) އެހެން އޮތްނަމަވެސް، ތަރިކައިގެ މައްސަލަތަކުގެ މައްޗަކަށް މި މާއްދާއެއް ނުހިނގާނެއެވެ.
  • 83. : ދެފަރާތެއްގެ މަޞްލަޙަތު ހިމެނޭ މައްސަލަތަކުގައި އެއް ފަރާތް ތަމްސީލުކުރުމަށް އަނެއް ފަރާތުން ކަނޑައެޅުން
    • (ހ) މައްސަލައެއްގައި އެއް ފަރާތަށްވުރެ ގިނަ ފަރާތުގެ މަޞްލަޙަތު އެކުގައި ހިމެނޭނަމަ، އޭގެ ތެރެއިން އެއް ފަރާތަށް، އޭނާގެ ބަދަލުގައި އެ މައްސަލައިގެ ޝަރީޢަތުގެ މަޖިލިސްތަކުގައި ޙާޟިރުވުމަށް، އެ ދެވަނަ ފަރާތް ކަނޑައެޅިދާނެއެވެ.
    • (ށ) މި މާއްދާގެ (ހ) ގެ ދަށުން ދެފަރާތެއްގެ މަޞްލަޙަތު ހިމެނޭ މައްސަލަތަކުގައި އެއް ފަރާތް ތަމްސީލުކުރުމަށް އަނެއް ފަރާތް ކަނޑައަޅާ ޙާލަތުގައި، ފުރަތަމަ ދަޢުވާ ހުށަހަޅާއިރު ނުވަތަ ދަޢުވާއަށް ދިފާޢު ހުށަހަޅާއިރު އެކަން ބަޔާންކުރަންވާނެއެވެ.
    • (ނ) މި މާއްދާގެ ދަށުން މަސްއޫލިއްޔަތު ޙަވާލުކުރެވޭ ފަރާތެއް މަރުވުމަކީ، ނުވަތަ ހައިސިއްޔަތު ބަދަލުވުމަކީ އެ މަސްއޫލިއްޔަތަށް އަސަރުކުރާނެ ކަމެއް ނޫނެވެ.
  • 84. : ޚަޞްމަކު ނިޔާވުން
    • (ހ) އެހެން ޤާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާހަ ހިނދަކު، މައްސަލައެއްގައި ދަޢުވާކުރާ ފަރާތް ނުވަތަ ދަޢުވާލިބޭ ފަރާތް ނިޔާވެއްޖެނަމަ، ޝަރީޢަތުން އެފަރާތެއްގެ ވާރިޘުން ކަނޑައަޅައި ނިމެންދެން އެ މައްސަލައިގެ ޝަރީޢަތް މެދުކަނޑާލަންވާނެއެވެ. އަދި ކަމާބެހޭ ޤާނޫނުގެ ދަށުން ވާރިޘުން ކަނޑައެޅުމަށްޓަކައި ފުރިހަމަކުރަންޖެހޭ އިޖުރާއަތު ފުރިހަމަކުރުމަށްފަހު އެފަރާތުގެ ވާރިޘުންގެ ފަރާތުން ހުށަހެޅުމުން، އެ މައްސަލައިގެ ޝަރީޢަތް އަލުން ކުރިއަށްގެންދަންވާނެއެވެ.
    • (ށ) މި މާއްދާގެ (ހ) އެހެންއޮތްނަމަވެސް، މި ޤާނޫނުގެ ބާވީސްވަނަ ބާބު ]ވަގުތީ ފަރުވާއާއި ރައްކާތެރިކަމުގެ އަމުރު[ ގެ ދަށުން ވަގުތީ ފަރުވާއާގުޅޭ ފިޔަވަޅުތައް އެޅުމަކަށް މި މާއްދާ ހުރަހެއްނާޅައެވެ.
  • 85. : ޚަޞްމުން ތަމްސީލުވާ ހައިސިއްޔަތު ކަނޑައެޅުން
    • (ހ) މައްސަލައެއްގައި ހިމެނޭ ޚަޞްމަކު ތަމްސީލުވަނީ ފަރުދީ ހައިސިއްޔަތުން ކަމުގައިވާނަމަ އެފަރާތެއް މައްސަލައެއްގެ ޚަޞްމެއްގެ ގޮތުގައި ކަނޑައެޅޭނީ އެ ހައިސިއްޔަތުންނެވެ. އަދި އެ ޙާލަތުގައި އެ ޚަޞްމަކަށް އިޝާރާތްކުރާނީ، އެ ޚަޞްމެއްގެ ނަމުންނެވެ.
    • (ށ) މައްސަލައެއްގައި ޚަޞްމަކު ތަމްސީލުވަނީ އެހެން ފަރާތެއް ތަމްސީލުކުރުމުގެ ހައިސިއްޔަތުން ކަމުގައިވާނަމަ، އެފަރާތެއް މައްސަލައެއްގެ ޚަޞްމެއްގެ ގޮތުގައި ކަނޑައެޅޭނީ، އެ ހައިސިއްޔަތުންނެވެ.
    • (ނ) މައްސަލައެއްގައި ހިމެނޭ ޚަޞްމަކީ ދައުލަތުގެ މަޤާމެއް އަދާކުރާ ފަރާތެއްނަމަ، އެ ޚަޞްމެއް އެ ދަޢުވާގައި ތަމްސީލުވާނީ އޭނާގެ މަޤާމުގެ ހައިސިއްޔަތުންނެވެ.
  • 86. : ކާކުކަން ކަށަވަރުނުވާ ފަރާތްތައް ތަމްސީލުކުރާނެ ފަރާތެއް ޢައްޔަންކުރެވިދާނެ ޙާލަތްތައް
    • (ހ) އަންނަނިވި ޙާލަތްތަކުގައި، ދަޢުވާގެ ޚަޞްމެއް ނުވަތަ ޚަޞްމުން ތަމްސީލުކުރާނެ ފަރާތެއް ޢައްޔަންކުރުމަށް ކޯޓަށް އަމުރުކުރެވިދާނެއެވެ.
      • (1) ދަޢުވާގައި ހިމެނޭ ޚަޞްމެއް ނުވަތަ ޚަޞްމުން ވީ ތަނެއް ނޭނގުން؛
      • (2) ދަޢުވާގައި ހިމެނޭ ޚަޞްމެއް ނުވަތަ ޚަޞްމުންނަކީ ކޮބައިކަން ނޭނގުން؛
      • (3) ދަޢުވާގައި ހިމެނޭ ޚަޞްމެއް ނުވަތަ ޚަޞްމުންނަކީ ދަޢުވާގައި އެއް މަޞްލަޙަތު އޮތް، އެއް ގިންތިއެއްގައި ހިމެނޭ ބަޔަކަށްވެފައި، އެ ގިންތީގައި ހިމެނޭ އެހެން ފަރާތަކީ ނުވަތަ ފަރާތްތަކަކީ މި މާއްދާގެ (ހ) ގެ (1) ނުވަތަ (2) ވަނަ ނަންބަރުގައިވާ ޙާލަތުގައިވާ ބައެއް ކަމުގައިވުން؛ ނުވަތަ އެފަދައިން ޚަޞްމުން ތަމްސީލުކުރުމަށް ވަކި ފަރާތެއް ކަނޑައެޅުމަކީ، މި ޤާނޫނުގެ މަޤްޞަދުތައް ޙާޞިލުކުރުމަށް މަގުފަހިވެގެންދާނެ ކަމެއް ކަމުގައިވާ ޙާލަތުގައި.
    • (ށ) މި މާއްދާގެ (ހ) ގެ ދަށުން އަމުރެއް ނެރެދިނުން އެދި ހުށަހަޅާ ހުށަހެޅުމެއް ހުށަހަޅަންވާނީ އެފަދަ އަމުރެއްގެ ދަށުން ޢައްޔަންވުމަށް އެދޭ ފަރާތް ނުވަތަ ދަޢުވާގެ ޚަޞްމެކެވެ. އަދި ދަޢުވާ ފެށުމުގެ ކުރިން ނުވަތަ ދަޢުވާ ފެށުމަށްފަހު ކޮންމެ ވަގުތެއްގައިވެސް އެފަދަ އަމުރަކަށް އެދެވިދާނެއެވެ.
    • (ނ) މި މާއްދާގެ (ހ) ގެ ދަށުން އަމުރަކަށް އެދި ހުށަހަޅާ ހުށަހެޅުމުގެ ނޯޓިސް އަންނަނިވި ފަރާތްތަކަށް ފޯރުކޮށްދޭންވާނެއެވެ.
      • (1) ދަޢުވާ ކުރިއަށް ގެންދަން ފަށާފައިވާނަމަ، ދަޢުވާގެ ހުރިހާ ޚަޞްމުންނަށް؛
      • (2) އަމުރަށް އެދޭ ފަރާތަކީ، އެ އަމުރުގެ ދަށުން ޢައްޔަންވުމަށް އެދޭ ފަރާތް ކަމުގައިނުވާނަމަ، ނުވަތަ ދަޢުވާގެ ޚަޞްމަކަށް ނުވާނަމަ، އަމުރުގެ ދަށުން ޢައްޔަންވުމަށް އެދޭ ފަރާތަށް؛
      • (3) މައްސަލައިގައި މަޞްލަޙަތު ހިމެނޭ ކަމަށް ކޯޓުން ކަނޑައަޅާ އެހެން ފަރާތަކަށް.
    • (ރ) ޚަޞްމަކު ތަމްސީލުކުރުމަށް މި މާއްދާގެ ދަށުން މީހަކު ޢައްޔަންކުރާނަމަ، އެފަދަ ދަޢުވާއެއް ކޯޓުން ބޭރުގައި ޙައްލުކުރެވޭނީ ކޯޓުގެ ހުއްދައާ އެކުގައެވެ. އަދި ކޯޓުން ބޭރުން މައްސަލަ ޙައްލުކުރަނީ ހުރިހާ ޚަޞްމުންގެ ފައިދާއަށް ކަމަށް ކޯޓަށް ޤަބޫލުކުރެވިއްޖެނަމަ، ކޯޓުން ބޭރުން މައްސަލަ ޙައްލުކުރުމުގެ ހުއްދަ ކޯޓަށް ދެވިދާނެއެވެ.
    • (ބ) ކޯޓުން އެހެން ގޮތަކަށް އަމުރުނުކުރާހާ ހިނދަކު، ވަކި ދަޢުވާއަކީ، މި މާއްދާގެ ދަށުން ދަޢުވާގެ ޚަޞްމުން ތަމްސީލުކުރާ ފަރާތެއް ޢައްޔަންކޮށްފައިވާ ދަޢުވާއެއްނަމަ، އެ ދަޢުވާއަކާ ގުޅިގެން ކޯޓުން ނެރޭ އަމުރެއް ނުވަތަ ޙުކުމާ އެއްގޮތަށް ޢަމަލުކުރުމަށް ދަޢުވާގެ ހުރިހާ ޚަޞްމުންގެ މައްޗަށް ލާޒިމުވެގެންވެއެވެ. އެހެންނަމަވެސް، ދަޢުވާގެ ޚަޞްމެއް ތަމްސީލުކުރާ ފަރާތެއްގެ ގޮތުގައި ހިމެނޭ ފަރާތަކާ ދެކޮޅަށް އެ އަމުރު ނުވަތަ ޙުކުމް ތަންފީޛުކުރެވޭނީ ކޯޓުން އެފަދައިން ކަނޑައަޅާ ޙާލަތުގައެވެ.
  • 87. : ކުޑަކުދިންނާއި ރައްކާތެރިކަން ލިބިގެންވާ ފަރާތްތަކާގުޅޭ މައްސަލަތައް
    • (ހ) ކުޑަކުއްޖަކު ނުވަތަ ރައްކާތެރިކަން ލިބިގެންވާ އެހެން ފަރާތެއް ހިމެނޭ މައްސަލައެއް ކޯޓުގައި ހިންގަންވާނީ، އެ ފަރާތެއްގެ މަޞްލަޙަތު ޙިމާޔަތްކޮށްދޭނެ ފަރާތެއް ޢައްޔަންކުރުމަށްފަހުގައެވެ.
    • (ށ) މި މާއްދާގެ (ހ) ގެ ބޭނުމަށްޓަކައި މަޞްލަޙަތު ޙިމާޔަތްކޮށްދޭނެ ފަރާތެއް ކަމަށް ބުނެފައި އެވަނީ، ކުޑަކުއްޖާގެ ނުވަތަ ރައްކާތެރިކަން ލިބިގެންވާ ފަރާތުގެ ޤާނޫލީ ބެލެނިވެރިޔާއަށެވެ.
  • 88. : ޑިޕްލޮމެޓިކް އިމްތިޔާޒު ލިބިގެންވާ ފަރާތްތައް
    • (ހ) ދަޢުވާލިބޭ ފަރާތަކީ ޤާނޫނެއްގެ ދަށުން މަދަނީ ދަޢުވާތަކުން އިމްތިޔާޒު ލިބިގެންވާ ފަރާތެއް ކަމުގައިވާނަމަ، ނުވަތަ ދިވެހި ސަރުކާރުގެ ފަރާތުން ޑިޕްލޮމެޓިކް އިމްތިޔާޒު ދީފައިވާ ފަރާތެއްނަމަ، އެފަދަ ފަރާތެއްގެ މައްޗަށް ދިވެހިރާއްޖޭގެ ކޯޓެއްގައި ދަޢުވާ އުފުލައިގެންނުވާނެއެވެ.
    • (ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ފަދައިން ޑިޕްލޮމެޓިކް އިމްތިޔާޒު ލިބިފައިވާ ފަރާތެއްގެ މައްޗަށް ދަޢުވާ އުފުލައިގެން އެ ކޯޓަށް އެ މައްސަލަ ބެލުމުގެ އިޚްތިޞާޞް ލިބިގެންވޭތޯ ކަނޑައެޅުމަށް ބާއްވާ އަޑުއެހުންތަކުގައި ޑިޕްލޮމެޓިކް އިމްތިޔާޒު ލިބިދީފައިވާ ދަޢުވާލިބޭ ފަރާތަކުން ކޯޓަށް ޙާޟިރުނުވި ނަމަވެސް، މި މާއްދާގެ (ހ) ގައި ބަޔާންކުރާ އިމްތިޔާޒު ކޯޓުން އެފަރާތަކަށް ދޭންވާނެއެވެ.
  • 89. : މަދަނީ ދަޢުވާއެއް އުފުލުން
    • (ހ) މަދަނީ ދަޢުވާއެއް އުފުލޭނީ، މި ޤާނޫނުގެ 2 ވަނަ މާއްދާގައި ބަޔާންކުރާ، މަދަނީ މައްސަލަތައް ބެލުމުގެ އިޚްތިޞާޞް ލިބިގެންވާ ކޯޓަކަށް ހުށަހެޅޭ ދަޢުވާއެއް މެދުވެރިކޮށެވެ.
    • (ށ) ދަޢުވާ އުފުލާނީ، ކޯޓަށް ހުށަހަޅާ ދަޢުވާ ފޯމެއް މެދުވެރިކޮށެވެ.
  • 90. : މަދަނީ ދަޢުވާއެއް ފެށުން
    • (ހ) މަދަނީ ދަޢުވާއެއް ފެށޭނީ، މަދަނީ މައްސަލަތައް ބެލުމުގެ އިޚްތިޞާޞް ލިބިގެންވާ ކޯޓެއްގައި އެ ދަޢުވާއެއް އުފުލައި، ކޯޓުން އެ ދަޢުވާ ފޯމު ބަލައިގަތުމާ އެކުގައެވެ.
    • (ށ) މި މާއްދާގެ (ހ) ގެ ބޭނުމަށްޓަކައި ކޯޓަކުން ދަޢުވާ ފޯމު ބަލައިގަތީ ކަމުގައިވާނީ، މި ޤާނޫނުގެ 107 ވަނަ މާއްދާގައި ބަޔާންކުރާ ކަންކަން އެ ދަޢުވާއާ ގުޅޭގޮތުން ފުރިހަމަކުރުމަށްފަހު، ދަޢުވާކުރާ ފަރާތުން ހުށަހަޅާ ދަޢުވާ ބަލައިގަތީ ކަމުގައި ކޯޓުން ކަނޑައެޅުމާ އެކުގައެވެ.
  • 91. : ދަޢުވާ ފޯމުގައި ހިމަނަންޖެހޭ ތަފްޞީލުތައް
    • (ހ) ކޯޓަށް ހުށަހެޅޭ ކޮންމެ ދަޢުވާ ފޯމެއްގައިވެސް އަންނަނިވި ތަފްޞީލުތައް ހިމެނެންވާނެއެވެ.
      • (1) ދަޢުވާގެ ބާވަތާއި ދަޢުވާގެ ޚުލާޞާ؛
      • (2) މައްސަލަ އެމައްޗަށް ބިނާވެފައިވާ، އަދި ދަޢުވާކުރާ ފަރާތުން ބަރޯސާވާ ވާޤިޢާތައް؛
      • (3) ދަޢުވާކުރާ ފަރާތުން ހޯދުމަށް އެދޭ ފަރުވާ؛
      • (4) ފައިސާއެއް ހޯދުމަށް ކުރާ ދަޢުވާއެއްނަމަ، މި ޤާނޫނުގެ 92 ވަނަ މާއްދާއާ އެއްގޮތްވާ ގޮތުގެމަތިން ކަނޑައަޅާ ފައިސާގެ މިންވަރު؛
      • (5) ދަޢުވާކުރަނީ ހަމައެކަނި ކަނޑައެޅިފައިވާ ފައިސާގެ ޢަދަދެއް ހޯދުމަށް ކަމުގައިވެފައި، އެ ފައިސާއާ ގުޅިގެން އަރާފައިވާ އިންޓްރެސްޓްގެ ފައިސާ ނަގައިދިނުމަށް އެދޭނަމަ، މި ޤާނޫނުގެ 92 ވަނަ މާއްދާގައި ބަޔާންކުރާ ފަދައިން ކަނޑައަޅާ އިންޓްރެސްޓްގެ ފައިސާގެ މިންވަރު؛
      • (6) ދަޢުވާކުރާ ފަރާތުން އިޤްތިޞާދީ ބަދަލުއަދި/ނުވަތަ ޣައިރު އިޤްތިޞާދީ ބަދަލު ނަގައިދިނުމަށް އެދޭނަމަ އެކަން، އަދި އެކަމަށް އެދޭ ސަބަބު.
    • (ށ) ދައުލަތާ ދެކޮޅަށް ހުށަހަޅާ ދަޢުވާއެއްގެ ދަޢުވާ ފޯމުގައި، މި މާއްދާގެ (ހ) ގައި ބަޔާންކުރާ ކަންކަމުގެ އިތުރުން، އަންނަނިވި ކަންކަން ހިމަނަންވާނެއެވެ.
      • (1) ދަޢުވާ ނިސްބަތްވާ ދައުލަތުގެ އިދާރާގެ ނަން؛ އަދި
      • (2) ދައުލަތުން ޒިންމާ އުފުލަންޖެހޭ ޙާލަތް މެދުވެރިވި ސަބަބުތަކާއި ވަށައިގެންވާ ކަންކަން.
    • (ނ) ދަޢުވާކުރާ ފަރާތުން ދަޢުވާކުރަނީ، އެހެން ފަރާތެއް ތަމްސީލުކުރުމުގެ ހައިސިއްޔަތުން ކަމުގައިވާނަމަ، ދަޢުވާ ފޯމުގައި އެ ހައިސިއްޔަތު ބަޔާންކުރަންވާނެއެވެ.
    • (ރ) ދަޢުވާލިބޭ ފަރާތަށް ދަޢުވާ ރައްދުވަނީ އެހެން ފަރާތެއް ތަމްސީލުކުރާ ފަރާތެއްގެ ހައިސިއްޔަތުން ކަމުގައިވާނަމަ، ދަޢުވާ ފޯމުގައި އެ ހައިސިއްޔަތު ބަޔާންކުރަންވާނެއެވެ.
  • 92. : ފައިސާ ހޯދުމަށް ކުރާ ދަޢުވާގައި ފައިސާގެ ތަފްޞީލުތައް ހިމެނުން
    • (ހ) ދަޢުވާއެއްގައި ފައިސާ ހޯދުމަށް އެދިފައިވާނަމަ، އެ ދަޢުވާއަކާގުޅޭ ދަޢުވާ ފޯމުގައި އަންނަނިވި ކަންކަން ބަޔާންކުރަންވާނެއެވެ.
      • (1) ކޯޓުން ނަގައިދިނުމަށް އެދޭ ފައިސާގެ މިންވަރު؛
      • (2) ދަޢުވާކުރާ ފަރާތަށް ލިބޭނެކަމަށް އަންދާޒާކުރާ ފައިސާގެ މިންވަރު؛
      • (3) ދަޢުވާކުރާ ފަރާތަށް ލިބޭނެ ފައިސާގެ މިންވަރު އަންދާޒާނުކުރެވޭނަމަ، އެކަން.
    • (ށ) މި މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފަދައިން ދަޢުވާކުރާ ފަރާތުން ލިބޭނެކަމަށް އަންދާޒާކުރާ ފައިސާގެ މިންވަރު ހިސާބުކުރުމުގައި އަންނަނިވި ކަންކަމަށް ރިޢާޔަތްކޮށްގެންނުވާނެއެވެ.
      • (1) އިންޓްރެސްޓްގެ ފައިސާ ނުވަތަ ދަޢުވާގެ ޚަރަދު ކޯޓުން ނަގައިދީފާނެކަމަށް ބެލުން؛
      • (2) ގެއްލުން ލިބުނު ފަރާތުން ގެއްލުން ކުޑަކުރުމަށް އެކަށީގެންވާ ފިޔަވަޅުތަކެއް އަޅާފައިނުވާތީ އިތުރަށް ވެފައިވާ ގެއްލުމަށް ކޯޓުން ބަދަލުނަގައިދީފާނެ ކަމަށް ބެލުން؛
      • (3) ދަޢުވާލިބޭ ފަރާތުން ރައްދު ދަޢުވާއެއް ކޮށްފާނެ ކަމަށް ބެލުން ނުވަތަ ދަޢުވާގެ ދިފާޢުގައި ދަޢުވާލިބޭ ފަރާތުން އެއްވެސް ޢަދަދެއް އަޅާކެނޑުމަށް ހުށަހެޅުމުގެ ފުރުޞަތު އޮތް ކަމަށް ބެލުން.
    • (ނ) ދަޢުވާކުރާ ފަރާތުން މި މާއްދާގެ (ހ) ގައިވާ ފަދައިން ވަކި ޢަދަދެއްގެ ފައިސާގެ މިންވަރެއް ހޯދުމަށް ދަޢުވާ ފޯމުގައި ބަޔާންކުރުމަކުން، މައްސަލައިގައި ނިޔާ ކަނޑައަޅާއިރު ދަޢުވާކުރާ ފަރާތަށް ޙައްޤުވާ ބަދަލުގެ މިންވަރު ކަމަށް ކޯޓަށް ފެންނަ މިންވަރެއް ނަގައިދިނުމަކަށް މި ޤާނޫނު ހުރަހެއް ނާޅައެވެ.
    • (ރ) ދަޢުވާކުރާ ފަރާތުން އިންޓްރެސްޓް ނަގައިދިނުމަށް އެދިފައިވާނަމަ އަންނަނިވި ކަންކަން ދަޢުވާ ފޯމުގައި ބަޔާންކުރަންވާނެއެވެ.
      • (1) އެ އިންޓްރެސްޓް ނަގައިދިނުމަށް އެދެނީ:
        • i. އެއްބަސްވުމެއްގެ ދަށުންނަމަ އެގޭ ތަފްޞީލު؛
        • ii. ޤާނޫނެއްގެ ދަށުން ކަމުގައިވާނަމަ، ކޮން ޤާނޫނެއްގެ ދަށުންކަން؛ އަދި
        • iii. އެނޫންވެސް ހައިސިއްޔަތެއް އޮވެގެން ކަމުގައިވާނަމަ، އެ ހައިސިއްޔަތެއް.
      • (2) ކަނޑައެޅިފައިވާ ވަކި ޢަދަދެއްގެ ފައިސާގެ މިންވަރެއް ހޯދުމަށް ދަޢުވާކުރާ ފަރާތުން އެދިފައިވާނަމަ؛
        • i. ނަގައިދިނުމަށް އެދިފައިވާ އިންޓްރެސްޓް ނެގުމަށް ކަނޑައެޅިފައިވާ ރޭޓުގެ އިންސައްތަ؛
        • ii. އިންޓްރެސްޓް ހިނގަން ފެށި ތާރީޚު؛
        • iii. އިންޓްރެސްޓް ހިސާބުކުރެވޭ މުއްދަތު (އެ މުއްދަތު ނިމޭ ތާރީޚު އެނގޭ ގޮތަށް)؛ މި ތާރީޚަކީ ދަޢުވާ ފޯމު ހުށަހެޅި ތާރީޚަށްވުރެ ފަހުގެ ތާރީޚަކަށް ވެގެންނުވާނެއެވެ.
        • iv. އިންޓްރެސްޓް ހިސާބުކުރި މުއްދަތު ނިމޭ ތާރީޚާ ހަމައަށް ހިނގާފައިވާ، އަދި ނަގައިދިނުމަށް އެދޭ އިންޓްރެސްޓްގެ ޖުމްލަ ޢަދަދު؛ އަދި
        • v. މި އަކުރުގެ (2) ވަނަ ނަންބަރުގެ iv ގައި ބަޔާންކޮށްފައިވާ މުއްދަތު ނިމޭ ތާރީޚުގެ ފަހުން ހިނގާ ކޮންމެ ދުވަހަކަށް އިންޓްރެސްޓް ހިސާބުކުރެވޭ ރޭޓު.
  • 93. : ދަޢުވާކުރާ ފަރާތުގެ މަޢުލޫމާތު ދަޢުވާއެއް ހުށަހަޅާއިރު، އެ ދަޢުވާއަކާ ގުޅޭގޮތުން ދަޢުވާކުރާ ފަރާތުން އަންނަނިވި ކަންކަން ފުރިހަމަކުރަންވާނެއެވެ.
    • (ހ) ދަޢުވާކުރާ ފަރާތުން އެ މައްސަލަ ކޯޓުގައި ކުރިއަށްގެންދަން ގަޞްދުކުރަނީ އަމިއްލައަށް ކަމުގައިވާނަމަ، އެފަރާތާބެހޭ އަންނަނިވި މަޢުލޫމާތު ކޯޓަށް ހުށަހަޅަންވާނެއެވެ.
      • (1) ދަޢުވާކުރާ ފަރާތުގެ ކާކުކަން އަންގައިދޭ މަޢުލޫމާތު؛
      • (2) ދަޢުވާކުރާ ފަރާތުގެ ދާއިމީ އެޑްރެހާއި އެއިރެއްގައި ދިރިއުޅެމުންގެންދާ އެޑްރެސް؛
      • (3) ދަޢުވާކުރާ ފަރާތާ ގުޅޭނެ ފޯނު ނަންބަރު؛
      • (4) ދަޢުވާކުރާ ފަރާތުގެ ފެކްސް ނަންބަރެއް ނުވަތަ އިލެކްޓްރޯނިކް މެއިލް އެޑްރެހެއް އޮތްނަމަ އެ މަޢުލޫމާތު.
    • (ށ) ދަޢުވާކުރާ ފަރާތް އެ މައްސަލަ ކޯޓުގައި ކުރިއަށްގެންދަން ޤަޞްދުކުރަނީ ޤާނޫނީ ވަކީލަކު މެދުވެރިކޮށްގެން ކަމުގައިވާނަމަ، އަންނަނިވި މަޢުލޫމާތު ކޯޓަށް ހުށަހަޅަންވާނެއެވެ.
      • (1) ދަޢުވާކުރާ ފަރާތުގެ ކާކުކަން އަންގައިދޭ މަޢުލޫމާތު؛
      • (2) ޤާނޫނީ ވަކީލުގެ ނަމާއި ދާއިމީ އެޑްރެސް؛ އަދި އެ ޤާނޫނީ ވަކީލަކީ ލޯ ފަރމެއް ނުވަތަ ލީގަލް ޕްރެކްޓިސްއެއްގެ ފަރާތުން ޙާޟިރުވާ ވަކީލެއް ކަމުގައިވާނަމަ އެ ލޯ ފަރމެއް ނުވަތަ ލީގަލް ޕްރެކްޓިސްގެ ނަމާއި އެޑްރެސް؛
      • (3) ޤާނޫނީ ވަކީލާ ގުޅޭނެ ފޯނު ނަންބަރު؛
      • (4) ޤާނޫނީ ވަކީލުގެ ފެކްސް ނަންބަރު ނުވަތަ އިލެކްޓްރޯނިކް މެއިލް އެޑްރެސް.
    • (ނ) ދަޢުވާ ފޯމުގައި ދަޢުވާކުރާ ފަރާތް ނުވަތަ އެފަރާތުން ޢައްޔަންކޮށްފައިވާ ޤާނޫނީ ވަކީލު ސޮއިކުރަންވާނެއެވެ. އަދި އެ ޤާނޫނީ ވަކީލަކީ ލޯ ފަރމެއް ނުވަތަ ލީގަލް ޕްރެކްޓިސްއެއްގެ ފަރާތުން ޙާޟިރުވާ ވަކީލެއް ކަމުގައިވާނަމަ އެ ލޯ ފަރމެއް ނުވަތަ ލީގަލް ޕްރެކްޓިސްއެއްގެ ސިއްކަ އޮންނަންވާނެއެވެ.
    • (ރ) ދަޢުވާކުރާ ފަރާތުން ދަޢުވާ ފޯމު ކޯޓަށް ހުށަހަޅަންވާނީ، ކޯޓަށް ހުށަހަޅާ ދަޢުވާ ފޯމުގެ އަސްލުގެ އިތުރުން، ދަޢުވާލިބޭ ކޮންމެ ފަރާތަކަށްވެސް އެ ފޯމުގެ އަސްލެއް ފޯރުކޮށްދެވޭނެ ގޮތެއްގެ މަތިންނެވެ.
  • 94. : އަސާސީ ޙައްޤެއް ނުވަތަ މިނިވަންކަމެއް ހިފެހެއްޓުމުގެ ސަބަބުން ކުރާ ދަޢުވާ
    • (ހ) ޤާނޫނުއަސާސީގެ ދެވަނަ ބާބުގައި ބަޔާންކޮށްފައިވާ އަސާސީ ޙައްޤެއް ނުވަތަ މިނިވަންކަމެއް އެއްވެސް މީހެއްގެ ކިބައިން ނިގުޅައިގެންފިނަމަ ނުވަތަ ހިފަހައްޓައިފިނަމަ އެ މައްސަލައަށް އިންޞާފުވެރި ޙައްލެއް ހޯދުމަށްޓަކައި ޤާނޫނުއަސާސީގެ 65 ވަނަ މާއްދާގެ ދަށުން ކުރާ ދަޢުވާއެއް ކޯޓަށް ހުށަހަޅަންވާނީ، އެކަމަށް ކަނޑައެޅިފައިވާ ފޯމެއް މެދުވެރިކޮށެވެ.
    • (ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ފަދަ ދަޢުވާއެއްގައި، މި ޤާނޫނުގެ 91 ވަނަ މާއްދާގައި ބަޔާންކުރާ ކަންކަމުގެ އިތުރުން، އަންނަނިވި ކަންކަން ބަޔާންކުރަންވާނެއެވެ.
      • (1) ހިފެހެއްޓުނު ކަމަށް ބުނާ އަސާސީ ޙައްޤު؛
      • (2) ޙައްޤު ހިފެހެއްޓި ކަމަށް ބުނާ ފަރާތް؛
      • (3) ޙައްޤު ހިފެހެއްޓި ގޮތް.
    • (ނ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ދަޢުވާއެއް އުފުލޭނީ، އެ ޙައްޤެއް ނުވަތަ މިނިވަންކަމެއް ހިފެހެއްޓި ފަރާތުގެ މައްޗަށެވެ.
  • 95. : ޤާނޫނެއް ޤާނޫނުއަސާސީއާ,ތަޢާރުޟުވާކަމަށް ބުނެ ކުރާ ދަޢުވާ
    • (ހ) ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނެއް ނުވަތަ ޤާނޫނަކުން ބައެއް ޤާނޫނުއަސާސީއާ ޚިލާފު ކަމަށް ބުނެ، ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ހ) ގެ ދަށުން ހުށަހަޅާ ދަޢުވާއެއް ކޯޓަށް ހުށަހަޅަންވާނީ، އެކަމަށް ކަނޑައެޅިފައިވާ ފޯމެއް މެދުވެރިކޮށެވެ.
    • (ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ފަދަ ދަޢުވާއެއްގައި، މި ޤާނޫނުގެ 91 ވަނަ މާއްދާގައި ބަޔާންކުރާ ކަންކަމުގެ އިތުރުން އަންނަނިވި ކަންކަން ބަޔާންކުރަންވާނެއެވެ.
      • (1) ޤާނޫނުއަސާސީއާ ޚިލާފު ކަމަށް ބުނާ ޤާނޫނާއި އެ ޤާނޫނުގެ ކަމާބެހޭ މާއްދާ ނުވަތަ މާއްދާތައް؛
      • (2) އެ ޤާނޫނު ނުވަތަ ޤާނޫނުގެ ބައެއް، ޤާނޫނުއަސާސީއާ ޚިލާފުވަނީ ކީއްވެގެންކަން.
    • (ނ) މި މާއްދާގެ (ހ) ގެ ދަށުން ހުށަހަޅާ ދަޢުވާއެއް ފުރަތަމަ މަރުޙަލާގައި ހުށަހަޅާނީ، ހައިކޯޓަށެވެ.
    • (ރ) މި މާއްދާގެ (ހ) ގެ ދަށުން ހުށަހަޅާ ދަޢުވާއެއްގެ ދަޢުވާލިބޭ ފަރާތް ކަމުގައި ވާންވާނީ، ބަންޑާރަނައިބެވެ.
  • 96. : ޖުޑީޝަލް ރިވިއުގެ,ދަޢުވާ
    • (ހ) ދައުލަތުގެ އިދާރާއަކުން ނިންމާ އިދާރީ ނިންމުންތަކާއި އަޅާ ފިޔަވަޅުތަކާއި ނުކޮށް ދޫކޮށްލާ ކަންކަން ހިމެނޭގޮތުން، އެފަދަ އިދާރާއަކުން އަޅާ އިދާރީ ފިޔަވަޅެއްގެ ސަބަބުން، އެއްވެސް މީހެއްގެ ޙައްޤަކަށް އުނިކަމެއް ލިބިއްޖެ ކަމަށް އެމީހަކަށް ފެނިއްޖެނަމަ، އެފަދަ އިދާރީ ފިޔަވަޅަކީ ޤާނޫނީ އިމުގެ ތެރެއިން އަޅާފައިވާ ފިޔަވަޅެއްތޯ ބަލައިދިނުމަށް އެދި ހުށަހަޅާ ޖުޑީޝަލް ރިވިއުގެ ދަޢުވާއެއް ކޯޓަށް ހުށަހަޅަންވާނީ، އެކަމަށް ކަނޑައެޅިފައިވާ ފޯމެއް މެދުވެރިކޮށެވެ.
    • (ށ) ދައުލަތުގެ އިދާރާއަކުން ނިންމާފައިވާ މި މާއްދާގެ (ހ) ގައި ބަޔާންކުރާ ފަދަ އިދާރީ ފިޔަވަޅެއްގެ ސަބަބުން ސީދާ ގޮތެއްގައި އަސަރުފޯރާފައިވާ ކޮންމެ މީހަކަށް ނުވަތަ ބަޔަކަށް ޖުޑީޝަލް ރިވިއުގެ ދަޢުވާއެއް ކޯޓަށް ހުށަހެޅިދާނެއެވެ.
    • (ނ) މި މާއްދާގެ (ށ) އެހެން އޮތްނަމަވެސް، ޖުޑީޝަލް ރިވިއުގެ ދަޢުވާއެއް އުފުލަންވާނީ، އެ ދަޢުވާ ކޯޓުގައި އުފުލައިގެން މެނުވީ، މެދުވެރިވެފައިވާ މައްސަލައަށް ޙައްލެއް ހޯދެން ނެތް ޙާލަތުގައި އެކަންޏެވެ.
    • (ރ) ޖުޑީޝަލް ރިވިއުގެ ދަޢުވާއެއް ހުށަހަޅާ ފޯމުގައި، މި ޤާނޫނުގެ 91 ވަނަ މާއްދާގެ ދަށުން ފުރިހަމަކުރަންޖެހޭ މަޢުލޫމާތުގެ އިތުރުން އަންނަނިވި ކަންކަން ބަޔާންކުރަންވާނެއެވެ.
      • (1) ދަޢުވާގެ މަޞްލަޙަތެއް އޮތްކަމުގައި ދަޢުވާކުރާ ފަރާތަށް ޤަބޫލުކުރެވޭ އެހެން ފަރާތްތަކެއްވާނަމަ އެފަރާތްތަކުގެ މަޢުލޫމާތު؛
      • (2) ދަޢުވާ ރައްދުވާ ދައުލަތުގެ އިދާރާ ނުވަތަ އިދާރާތައް؛
      • (3) ދަޢުވާކުރާ ފަރާތުން ޝަރީޢަތް މެދުވެރިކޮށް ހޯދުމަށް އެދޭ ފަރުވާ ނުވަތަ ފަރުވާތަކަކީ ކޮބައިކަމާއި އެ ފަރުވާ ނަގައިދޭންޖެހޭ ޤާނޫނީ ސަބަބުތައް.
  • 97. : ހަށިގަނޑަށް ލިބޭ ޖިސްމާނީ އަނިޔާއާގުޅޭ ދަޢުވާ
    • (ހ) އެހެން މީހެއްގެ އިހުމާލުން ހަށިގަނޑަށް ލިބޭ ޖިސްމާނީ އަނިޔާއާގުޅޭ ދަޢުވާއެއް ކޯޓަށް ހުށަހަޅަންވާނީ، އެކަމަށް ކަނޑައެޅިފައިވާ ފޯމެއް މެދުވެރިކޮށެވެ.
    • (ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ދަޢުވާއެއް ހުށަހަޅާއިރު، މި ޤާނޫނުގެ 91 ވަނަ މާއްދާގައި ބަޔާންކުރާ މަޢުލޫމާތުގެ އިތުރުން، އަންނަނިވި ކަންކަން ހިމަނަންވާނެއެވެ.
      • (1) ދަޢުވާކުރާ ފަރާތަށް ލިބިފައިވާ އަނިޔާތަކުގެ ޚުލާޞާއެއް؛
      • (2) ދަޢުވާކުރާ ފަރާތުން ކުރަންޖެހުނު އަދި މުސްތަޤުބަލުގައި ކުރަންޖެހިދާނެ ޚަރަދާއި، ދަޢުވާކުރާ ފަރާތަށް ލިބިފައިވާ ގެއްލުމުގެ ތަފްޞީލުތައް؛
      • (3) ކަމާބެހޭ ދައުލަތުގެ އިދާރާއިން ޤަބޫލުކުރާ ޞިއްޙީ ޚިދުމަތުގެ ފަންނީ މަސައްކަތްތެރިއެއްގެ ހެކިބަހަށްދަޢުވާކުރާ ފަރާތުން ރިޢާޔަތްކުރާނަމަ، އޭނާގެހަށިގަނޑަށް ލިބުނު އަނިޔާ ކަމަށް ދަޢުވާގައި ބަޔާންކުރާ އަނިޔާއާ ގުޅޭގޮތުން އެ ފަރާތުން ތައްޔާރުކޮށްފައިވާ ރިޕޯޓް.
    • (ނ) އެކްސިޑެންޓަކާ ގުޅިގެން ނުވަތަ ޞިއްޙީ ޚިދުމަތްދޭ ތަނެއް ނުވަތަ ފަރާތެއްގެ އިހުމާލުގެ ސަބަބުން ހަށިގަނޑަށް ލިބޭ ގެއްލުމަކާ ގުޅިގެން ގެއްލުމުގެ ބަދަލު ނަގައިދިނުމަށް އެދި ހުށަހަޅާ ދަޢުވާއެއްގައި، އަންނަނިވި ކަންކަން ބަޔާންކުރަންވާނެއެވެ.
      • (1) ވަގުތީ ބަދަލެއް ނަގައިދިނުމަށް އެދޭކަން؛ އަދި
      • (2) މުސްތަޤުބަލުގައި ދަޢުވާކުރާ ފަރާތަށް ބޮޑު ބައްޔެއް ނުވަތަ ޖިސްމާނީ ގޮތުން ނުވަތަ ނަފްސާނީ ގޮތުން އުނިކަމެއް މެދުވެރިވުމުގެ ފުރުޞަތު އޮތްކަން؛ އަދި
      • (3) ފަހުގެ ތާރީޚެއްގައި އެކަމަކާ ގުޅިގެން ދަޢުވާއެއް ހުށަހެޅިދާނެ ބަލީގެ ނުވަތަ ޖިސްމާނީ ނުވަތަ ނަފްސާނީ އުނިކަމުގެ ތަފްޞީލު.
  • 98. : ފުރާނައަށް ނުރައްކާވާ ފަދަ އެކްސިޑެންޓާގުޅޭ ދަޢުވާތައް ފުރާނައަށް ނުރައްކާވާ ފަދަ އެކްސިޑެންޓަކާ ގުޅިގެން ގެއްލުމުގެ ބަދަލު ހޯދުމަށް އެދި ދަޢުވާއެއް ހުށަހަޅާނަމަ، މި ޤާނޫނުގެ 91 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ތަފްޞީލުތަކުގެ އިތުރުން، އަންނަނިވި މަޢުލޫމާތު ހިމަނަންވާނެއެވެ.
    • (ހ) އެކްސިޑެންޓު ވީ ފަރާތުން ބަލަހައްޓަންޖެހޭ ފަރާތްތަކާއި އެފަރާތްތައް ބަލަހައްޓާ ހައިސިއްޔަތު؛
    • (ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ފަރާތްތަކުގެ ކާކުކަން އަންގައިދޭ މަޢުލޫމާތު.
  • 99. : މި ބާބުގެ ދަށުން ހުށަހެޅޭ ދަޢުވާތައް
    • (ހ) މަދަނީ މައްސަލަތަކުގެ ތެރެއިން، އެ މައްސަލައެއްގެ ވާޤިޢާތަކާމެދު ނުވަތަ ޤާނޫނީ ނުކުތާތަކާމެދު އިޚްތިލާފެއްނުވާ ބާވަތުގެ މައްސަލަތަކަށް މި ބާބުގައި ބަޔާންކުރާ ޚާއްޞަ އިޖުރާއަތުގެ ދަށުން އަވަސް ޙައްލެއް ހޯދުމަށްޓަކައި، މި ބާބުގައިވާ ގޮތުގެމަތިން ކޯޓަށް ހުށަހެޅިދާނެއެވެ.
    • (ށ) މި ބާބުގެ ދަށުން ޢާންމު ގޮތެއްގައި ހުށަހަޅާނީ، ޚަޞްމުންގެ ދެމެދުގައި އިޚްތިލާފެއް އުފެދިފައިނުވާ، އެހެންނަމަވެސް ޝަރުޢީ ކޯޓެއްގެ ނިންމުމެއް ކަނޑައެޅިފައި އޮންނަންޖެހޭ ފަދަ މައްސަލަތަކެވެ.
  • 100. : ޚާއްޞަ ދަޢުވާ ފޯމަކުން މައްސަލަ ހުށަހެޅުން
    • (ހ) ދަޢުވާކުރާ ފަރާތުން ދަޢުވާއެއް ހުށަހަޅަނީ، މި ބާބުގައި ބަޔާންކޮށްފައިވާ އިޖުރާއަތުގެ ދަށުން ކަމުގައިވާނަމަ، އެ ދަޢުވާއެއް ހުށަހަޅަންވާނީ، އެކަމަށްޓަކައި ކޯޓުން ކަނޑައަޅާ ފޯމެއް މެދުވެރިކޮށެވެ.
    • (ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ދަޢުވާ ފޯމަކީ، މި ބާބުގެ ދަށުން ހުށަހެޅޭ ދަޢުވާތައް ހުށަހެޅުމަށް ޚާއްޞަކުރެވިފައިވާ ފޯމެއް ކަމުގައިވާންވާނެއެވެ. އަދި އެ ފޯމުގައި އަންނަނިވި ކަންކަން ފުރިހަމަވާންވާނެއެވެ.
      • (1) ދަޢުވާކުރާ ފަރާތުން ކޯޓުން އެކަމާމެދު ގޮތެއް ނިންމަން ބޭނުންވާ ސުވާލު؛ ނުވަތަ
      • (2) ދަޢުވާކުރާ ފަރާތުން ހޯދުމަށް އެދޭ ފަރުވާއާއި، އެ ފަރުވާ ހޯދުމަށް ކޮށްފައިވާ ދަޢުވާ ބިނާވެފައިވާ ސަބަބުތައް؛
      • (3) ދަޢުވާކުރަނީ ވަކި ޤާނޫނެއްގެ ދަށުން ކަމުގައިވާނަމަ، އެ ޤާނޫނެއް ބަޔާންކުރުން؛
      • (4) ދަޢުވާލިބޭ ފަރާތުގެ މައްޗަށް ދަޢުވާކުރަނީ އެހެން ފަރާތެއް ތަމްސީލުކުރާ ފަރާތެއްގެ ހައިސިއްޔަތުން ކަމުގައިވާނަމަ، އެފަރާތުގެ ހައިސިއްޔަތު ބަޔާންކުރުން.
  • 101. : ދަޢުވާލިބޭ ފަރާތުން,ރައްދުދިނުން މި ބާބުގެ ދަށުން ކުރާ ދަޢުވާއެއްގައި ދަޢުވާގެ ދިފާޢެއް ނުވަތަ ރައްދެއް ހުށައެއް ނާޅާނެއެވެ. އޭގެ ބަދަލުގައި، ދަޢުވާލިބޭ ފަރާތަށް ދަޢުވާގެ ލިޔުންތައް ލިބުމުން، 14 (ސާދަ) ދުވަހުގެ ތެރޭގައި ދަޢުވާ ފޯމާ ޙަވާލުވިކަން އަންގާ ލިޔުން އެފަރާތުން ކޯޓަށް ހުށަހަޅަންވާނެއެވެ. އެ ލިޔުމުގައި، ދަޢުވާލިބޭ ފަރާތުން ދަޢުވާއަށް އިންކާރުކުރާނަމަ އެކަމާއި، ދަޢުވާ ފޯމުގައި ބަޔާންކޮށްފައިވާ ފަރުވާ ނޫން އެހެން ފަރުވާއެއް ހޯދުމަށް އެދޭނަމަ އެކަމާއި، އެ ފަރުވާއަކީ ކޮބައިކަން ބަޔާންކުރަންވާނެއެވެ.
  • 102. : ދަޢުވާލިބޭ ފަރާތުން ރައްދުނުދިނުމުގެ ނަތީޖާ މި ޤާނޫނުގެ 101 ވަނަ މާއްދާގައި ބަޔާންކުރާ ފަދައިން ދަޢުވާލިބޭ ފަރާތުން ދަޢުވާއަށް ރައްދުދީފައި ނުވިނަމަވެސް ދަޢުވާލިބޭ ފަރާތަށް މައްސަލައިގެ ޝަރީޢަތުގެ މަޖިލީހަށް ޙާޟިރުވެވިދާނެއެވެ. އެހެންނަމަވެސް، ކޯޓުގެ ހުއްދައާއެކު މެނުވީ އެ މައްސަލައިގެ ޝަރީޢަތުގެ އަޑުއެހުންތަކުގައި ދަޢުވާލިބޭ ފަރާތަކަށް ބައިވެރިއެއް ނުވެވޭނެއެވެ.
  • 103. : ޚާއްޞަ އިޖުރާއަތުގެ ދަށުން މައްސަލަ ބެލުމަށް ދަޢުވާލިބޭ ފަރާތުން އިޢުތިރާޟްކުރުން
    • (ހ) މައުޟޫޢީގޮތުން ދެފަރާތުން ދެބަސްވާ ކަންތައްތަކެއް ހިމެނޭ ދަޢުވާއަކަށްވުމުގެ ސަބަބުން ނުވަތަ އެހެން ޤާނޫނެއްގެ ދަށުން މި ބާބުގައި ބަޔާންކޮށްފައިވާ އިޖުރާއަތު ފުރިހަމަކުރުމަށް ހުރަސްއެޅުމުގެ ސަބަބުން މި ބާބުގައި ބަޔާންކޮށްފައިވާ އިޖުރާއަތު ފުރިހަމަކުރުމަށް ދަޢުވާލިބޭ ފަރާތުން އިޢުތިރާޟްކުރާނަމަ، އެފަރާތުން އެފަދައިން އިޢުތިރާޟްކުރާ ސަބަބުތައް، މި ޤާނޫނުގެ 101 ވަނަ މާއްދާގެ ދަށުން ދަޢުވާއަށް ރައްދުދޭއިރު ބަޔާންކުރަންވާނެއެވެ.
    • (ށ) މި މާއްދާގެ (ހ) ގެ ދަށުން ދަޢުވާ ލިބޭ ފަރާތުން އިޢުތިރާޟްކޮށްފިނަމަ، އެކަމާމެދު ކޯޓުން ގޮތެއް ކަނޑައަޅަންވާނެއެވެ.
  • 104. : ޢާންމު އުސޫލުތައް ނުހިނގުން މި ބާބުގެ ދަށުން ދަޢުވާކުރާ ޙާލަތުގައި، ޢާންމު ދަޢުވާތަކާ ބެހޭގޮތުން މި ޤާނޫނުގައި ބަޔާންކުރާ އެންމެހައި އުސޫލުތަކެއް ނުހިނގާނެއެވެ. އެގޮތުން، މި ޤާނޫނުގެ އަންނަނިވި ބާބުތަކެއް، މިބާބުގެ ދަށުން ކުރާ ދަޢުވާތަކުގެ މައްޗަކަށް ނުހިނގާނެއެވެ.
    • (ހ) އެގާރަވަނަ ބާބު [ޣައިރު ޙާޟިރުގައި ކުރާ ޙުކުމް]؛
    • (ށ) ބާރަވަނަ ބާބު [ދަޢުވާއަށް އެއްބަސްވުން]؛
    • (ނ) ތޭރަވަނަ ބާބު [ދަޢުވާގެ ދިފާޢާއި ޖަވާބު]؛
    • (ރ) އަށާވިސްވަނަ ބާބު[ހެކި ހާމަކުރުން].
  • 105. : ކިތާބީ އަދި ޝަފަހީ ހެކި ހުށަހެޅުން
    • (ހ) ދަޢުވާކުރާ ފަރާތުން މި ބާބުގެ ދަށުން ދަޢުވާ ހުށަހަޅާއިރު ދަޢުވާއާގުޅޭ ކިތާބީ ހެކިވެސް ހުށަހަޅަންވާނެއެވެ. އަދި އެ ފަރާތުން އެއްވެސް ޝަފަހީ ހެއްކެއް ހުށަހަޅަން ބޭނުންނަމަ، އެކަންވެސް ބަޔާންކުރަންވާނެއެވެ.
    • (ށ) ދަޢުވާކުރާ ފަރާތުން ހުށަހަޅާ ހެކި، ދަޢުވާ ފޯމާއެކު ދަޢުވާލިބޭ ފަރާތަށް ފޯރުކޮށްދޭންވާނެއެވެ.
    • (ނ) ދަޢުވާލިބޭ ފަރާތުން ކިތާބީ ހެކި ހުށަހަޅަން އެދޭނަމަ، އެ ފަރާތުން ދަޢުވާ ފޯމާ ޙަވާލުވިކަން އަންގާ ލިޔުން ހުށަހަޅާއިރު، ކިތާބީ ހެކިވެސް ހުށަހަޅަންވާނެއެވެ. އަދި ދަޢުވާ ލިބޭ ފަރާތުން އެއްވެސް ޝަފަހީ ހެއްކެއް ހުށަހަޅަން ބޭނުންވާނަމަ، ދަޢުވާ ފޯމާ ޙަވާލުވިކަން އަންގާ ލިޔުން ހުށަހަޅާއިރު، އެކަންވެސް ބަޔާންކުރަންވާނެއެވެ.
    • (ރ) ދަޢުވާލިބޭ ފަރާތުން މި މާއްދާގެ (ނ) އާ އެއްގޮތަށް ޢަމަލުކުރާނަމަ، އެފަރާތުން ހުށަހަޅާ ހެކީގެ ކޮޕީ ދަޢުވާކުރާ ފަރާތަށް ފޯރުކޮށްދޭންވާނެއެވެ.
    • (ބ) ދަޢުވާލިބޭ ފަރާތުން ހުށަހަޅަން ޤަޞްދުކުރާ ހެކީގެ ކޮޕީ މި މާއްދާގެ (ރ) ގެ ދަށުން ފޯރުކޮށްދޭތާ 14 (ސާދަ) ދުވަހުގެ ތެރޭގައި ދަޢުވާކުރާ ފަރާތަށް އިތުރު ހެކި ހުށަހެޅިދާނެއެވެ. އެފަދައިން ޢަމަލުކުރާނަމަ، އެ މުއްދަތުގައި އެފަދައިން ހުށަހަޅާ އިތުރު ހެކީގެ ކޮޕީ، ދަޢުވާ ލިބޭ ފަރާތަށް ފޯރުކޮށްދޭންވާނެއެވެ.
    • (ޅ) މި މާއްދާގެ (ބ) ގެ ދަށުން އިތުރު ހެކި ހުށަނޭޅުމަށް ދަޢުވާކުރާ ފަރާތުން ނިންމި ކަމުގައިވީނަމަވެސް، އެ މުއްދަތުގެ ތެރޭގައި، ދެފަރާތުން ހުށަހަޅާ ކިތާބީ ހެއްކާއި ޝަފަހީ ހެކީގެ ތަފްޞީލު ބަޔާންކޮށް އެކުލަވާލާ ހެކީގެ ލިސްޓެއް ތައްޔާރުކޮށް ދަޢުވާކުރާ ފަރާތުން ކޯޓަށް ހުށަހަޅަންވާނެއެވެ. އަދި ކޯޓުން އެ ހެކީގެ ލިސްޓު ދަޢުވާ ލިބޭ ފަރާތަށް ފޯރުކޮށްދޭންވާނެއެވެ.
    • (ކ) މި މާއްދާގެ (ޅ) ގެ ދަށުން ހެކީގެ ލިސްޓު ހުށަހެޅުމަށްފަހު، އިތުރު ހެކި ހުށަހެޅުމުގެ ފުރުޞަތެއް ނުދެވޭނެއެވެ.
    • (އ) މި މާއްދާގެ ދަށުން ފޯރުކޮށްދީފައިނުވާ އެއްވެސް ހެއްކަކަށް ޝަރީޢަތުގައި ރިޢާޔަތް ކޮށްގެންނުވާނެއެވެ.
  • 106. : މައްސަލައާމެދު ގޮތެއް,ކަނޑައެޅުން
    • (ހ) ދަޢުވާގެ ލިޔުންތަކާއި ދަޢުވާ ފޯމާ ޙަވާލުވިކަން އަންގާ ލިޔުމާއި، ދަޢުވާއާއެކު ހުށަހަޅާ ހެކީގެ ލިސްޓު މައްސަލައިގެ ޚަޞްމުންނަށް ލިބުމުން، މައްސަލަ ކުރިއަށްގެންދާނެ ގޮތާ ގުޅޭގޮތުން ޚަޞްމުންނަށް ކޯޓުން އިރުޝާދު ދޭންވާނެއެވެ. އަދި މައްސަލައާމެދު ވީ އެންމެ އަވަހަކަށް ގޮތެއް ކަނޑައަޅަންވާނެއެވެ.
    • (ށ) ޚަޞްމުން އެފަދައިން އެދޭނަމަ ނުވަތަ އިޢުތިރާޟްނުކުރާނަމަ، ޝަރީޢަތުގެ އަޑުއެހުމެއް ބޭއްވުމަކާ ނުލައި ހުށަހެޅިފައިވާ މައްސަލައާމެދު ކޯޓުން ގޮތެއް ނިންމައި، މައްސަލައިގެ ޙުކުމް ކުރަންވާނެއެވެ.
    • (ނ) ކޯޓަށް ދަޢުވާއެއް ހުށަހެޅެނީ މި ބާބުގެ ދަށުން ކަމުގައިވީނަމަވެސް، މި ބާބުގެ ދަށުން ހުށަހެޅޭ ދަޢުވާއަކީ މި ބާބުގައި ބަޔާންކޮށްފައިވާ އިޖުރާއަތުގެ ދަށުން ހިންގޭނެ ދަޢުވާއެއް ނޫން ކަމަށް ކޯޓަށް ފެނިއްޖެ ހިނދެއްގައި، އެ ދަޢުވާ ހުށަހަޅަންވާނީ މި ޤާނޫނުގެ ހަތްވަނަ ބާބު [ދަޢުވާކުރުން] ގެ ދަށުން ކަމުގައި ކޯޓަށް ކަނޑައެޅިދާނެއެވެ. އަދި އެފަދައިން ކަނޑައަޅައިފިނަމަ، އެކަން ޚަޞްމުންނަށް އަންގަންވާނެއެވެ.
  • 107. : ދަޢުވާއެއް ހުށަހެޅުމުން ކޯޓުން ފުރިހަމަކުރަންޖެހޭ އިޖުރާއަތު
    • (ހ) ކަމުގެ އިޚްތިޞާޞް ލިބިގެންވާ ކޯޓަކަށް ދަޢުވާއެއް ހުށަހެޅުމާއެކު، އެ ދަޢުވާއަކާގުޅޭ އަންނަނިވި ކަންކަން ފުރިހަމަވެފައިވޭތޯ ކޯޓުން ބަލަންވާނެއެވެ.
      • (1) ދަޢުވާކުރާ ފަރާތާއި ދަޢުވާލިބޭ ފަރާތަށް، ދަޢުވާކުރުމާއި ދަޢުވާ ލިބިގަތުމުގެ ހައިސިއްޔަތު ލިބިފައިވޭތޯ؛
      • (2) ދަޢުވާކުރުމަށް އެކަށީގެންވާ މަޞްލަޙަތެއް ދަޢުވާކުރާ ފަރާތުގެ ކިބައިގައިވޭތޯ؛
      • (3) ކޯޓަށް އެ މައްސަލަ ބެލުމުގެ އިޚްތިޞާޞް ލިބިގެންވޭތޯ؛
      • (4) އެ މައްސަލަ ދިވެހިރާއްޖޭގެ އެހެން ކޯޓަކަށް ހުށަހެޅިފައިވޭތޯ؛
      • (5) އެ މައްސަލައާ ގުޅޭގޮތުން، ތަންފީޛީ ބާރު ހިނގާ ޙުކުމެއް ކުރިން ކޮށްފައިވޭތޯ؛
      • (6) ދަޢުވާއަކާ ގުޅޭގޮތުން ފުރިހަމަވާންޖެހޭ ކަމަށް މި ޤާނޫނުގައި ނުވަތަ އެހެން ޤާނޫނެއްގައި ބަޔާންކުރާ ކަންކަން ފުރިހަމަވެފައިވޭތޯ؛
      • (7) ދަޢުވާ ސާބިތުކުރުމަށް ބޭނުންވާ ހެކި ހިމެނޭގޮތުން، ދަޢުވާއާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުން ހުށަހަޅާފައިވޭތޯ؛
      • (8) ކަމާގުޅޭގޮތުން ކޯޓަށް ދައްކަންޖެހޭ އެންމެހައި ފީއެއް ދައްކާފައިވޭތޯ.
    • (ށ) ދަޢުވާއަކާ ގުޅޭގޮތުން މި މާއްދާގެ (ހ) ގައި ނުވަތަ މި ޤާނޫނުގެ އެހެން މާއްދާތަކުގައި ބަޔާންކުރާ ކަންކަމުގެ ތެރެއިން ކަމެއް ފުރިހަމަނުވާކަމަށް، ނުވަތަ އިޖުރާއީގޮތުން ފުރިހަމަކުރަންޖެހޭ އެހެން ކަމެއް ފުރިހަމަކޮށްފައިނުވާނަމަ، އެކަން އިޞްލާޙުކުރުމަށް ދަޢުވާކުރާ ފަރާތަށް ލަސްނުކޮށް ކޯޓުގެ ރަޖިސްޓްރާރ އަންގަންވާނެއެވެ.
    • (ނ) މި މާއްދާގެ (ހ) އާއި (ށ) އެހެން އޮތްނަމަވެސް، ދަޢުވާއަކާ ގުޅޭގޮތުން ފުރިހަމަވާންޖެހޭ އިޖުރާއީ ކަމެއް ފުރިހަމަވެފައިނުވުމުގެ ސަބަބުން، އެކަމަށް އިޢުތިރާޟްކުރުމަށް ދަޢުވާލިބޭ ފަރާތަށް ލިބިގެންވާ ޙައްޤަކަށް އެއްވެސް އުނިކަމެއް ނާންނާނެއެވެ.
  • 108. : ދަޢުވާލިބޭ ފަރާތަށް ދަޢުވާ ރައްދުކުރުން
    • (ހ) ކޯޓަށް ދަޢުވާއެއް ހުށަހެޅުމުން، ދަޢުވާލިބޭ ފަރާތަށް ނުވަތަ ފަރާތްތަކަށް އެ ދަޢުވާ ރައްދުކުރާނީ ކޯޓުންނެވެ.
    • (ށ) ދަޢުވާލިބޭ ފަރާތަށް ކޯޓުން ދަޢުވާ ރައްދުކުރަންވާނީ، މި ޤާނޫނުގެ ދަށުން ކޯޓުން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު، މި ޤާނޫނުގައި ބަޔާންކުރާ ކަންކަން އެ ދަޢުވާއަކާ ގުޅޭގޮތުން ފުރިހަމަވާނަމައެވެ.
    • (ނ) ދަޢުވާލިބޭ ފަރާތަށް ކޯޓުން ދަޢުވާ ފޯމު ރައްދުކުރުމުގައި ޢަމަލުކުރާނީ، މި ޤާނޫނުގެ ސައުރަތިރީސްވަނަ ބާބު ]ކޯޓުގެ ލިޔެކިޔުންތައް[ ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިންނެވެ.
  • 109. : ދަޢުވާ ފޯމާއެކު ދަޢުވާލިބޭ ފަރާތަށް ފޮނުވަންޖެހޭ ލިޔެކިޔުން
    • (ހ) ދަޢުވާ ފޯމާއެކު، ދަޢުވާއަށް ރައްދުދިނުމަށް ބޭނުންވާ އަންނަނިވި ލިޔެކިޔުންތައް ދަޢުވާލިބޭ ފަރާތަށް ކޯޓުން ފޮނުވަންވާނެއެވެ.
      • (1) މުޅި ދަޢުވާއަށް އެއްބަސްވާކަން ބަޔާންކުރާ ފޯމު؛
      • (2) ދަޢުވާގެ ބަޔަކަށް އެއްބަސްވާކަން ބަޔާންކުރާ ފޯމު؛
      • (3) ދަޢުވާގެ ދިފާޢު ހުށަހަޅާ ފޯމު؛
      • (4) ރައްދު ދަޢުވާ ހުށަހަޅާ ފޯމު؛
      • (5) ދަޢުވާ ފޯމާ ޙަވާލުވިކަން އަންގައިދޭ ލިޔުން.
    • (ށ) ދަޢުވާލިބޭ ފަރާތަށް ކޯޓުން ދަޢުވާ ފޯމު ފޮނުވުމުގައި، އަންނަނިވި ކަންކަން ހިމެނޭ ލިޔުމެއް، ދަޢުވާ ފޯމާއެކު ހިމަނާފައި އޮންނަންވާނެއެވެ.
      • (1) މި ޤާނޫނުގައިވާ ގޮތުގެމަތިން ދަޢުވާއަށް ރައްދު ދިނުމަށް ދަޢުވާލިބޭ ފަރާތަށް ލިބިދެވޭނެ މުއްދަތު؛
      • (2) މިމާއްދާގެ (1) ވަނަ ނަންބަރުގައި ބަޔާންކުރާ މުއްދަތު ހަމަވާއިރު، ދަޢުވާލިބޭ ފަރާތުން ދަޢުވާއަށް ރައްދުދީފައިނުވާނަމަ، މިޤާނޫނުގެ އެގާރަވަނަ ބާބު ]ޣައިރު ޙާޟިރުގައި ކުރާ ޙުކުމް[ ގައިވާ ގޮތުގެމަތިން ދަޢުވާލިބޭ ފަރާތާ ދެކޮޅަށް އެ ދަޢުވާ ސާބިތުވާކަމަށް ކަނޑައަޅައި، ދަޢުވާލިބޭ ފަރާތަށް އިތުރު ނޯޓިހެއް ދިނުމަކާ ނުލައި، އެ މައްސަލަ ދަޢުވާލިބޭ ފަރާތުގެ ޣައިރު ޙާޟިރުގައި ނިންމުމުގެ ބާރު ކޯޓަށް ލިބިގެންވާކަން.
    • (ނ) ދަޢުވާކުރާ ފަރާތުން މައްސަލަ ހުށަހަޅަނީ، މި ޤާނޫނުގެ އަށްވަނަ ބާބު [އިޚްތިލާފެއްނުވާ ބާވަތުގެ މައްސަލަތަކުގައި ދަޢުވާކުރުމުގެ ޚާއްޞަ އިޖުރާއަތު] ގެ ދަށުން ކަމުގައިވާނަމަ، މި މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރުން ފެށިގެން (4) ވަނަ ނަންބަރުގެ ނިޔަލަށް ބަޔާންކުރާ ފޯމުތައް ދަޢުވާލިބޭ ފަރާތަށް ފޮނުވާކަށްނުޖެހޭނެއެވެ.
  • 110. : ދަޢުވާއަށް ރައްދުދިނުން
    • (ހ) ދަޢުވާލިބޭ ފަރާތަށް މި ޤާނޫނުގެ 108 ވަނަ މާއްދާގައި ބަޔާންކުރާ ދަޢުވާ ފޯމާއި، މި ޤާނޫނުގެ 109 ވަނަ މާއްދާގައި ބަޔާންކުރާ ފޯމުތަކާއި ލިޔެކިޔުން ލިބުމުން، މި ބާބުގައި ބަޔާންކުރާ ގޮތުގެމަތިން އެ ފަރާތުން ދަޢުވާއަށް ރައްދުދޭންވާނެއެވެ.
    • (ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން ދަޢުވާއަށް ރައްދުދިނުމުގައި، ދަޢުވާ ލިބޭ ފަރާތުން އަންނަނިވި ގޮތުގެމަތިން ޢަމަލުކުރަންވާނެއެވެ.
      • (1) މި ޤާނޫނުގެ ބާރަވަނަ ބާބު [ދަޢުވާއަށް އެއްބަސްވުން] ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން މުޅި ދަޢުވާއަށް ނުވަތަ ދަޢުވާގެ ބަޔަކަށް އެއްބަސްވުން؛ ނުވަތަ
      • (2) މި ޤާނޫނުގެ ތޭރަވަނަ ބާބު [ދަޢުވާގެ ދިފާޢާއި ޖަވާބު] ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ދަޢުވާއަށް ދިފާޢެއް ހުށަހެޅުން؛ ނުވަތަ
      • (3) މި ޤާނޫނުގެ 118 ވަނަ މާއްދާގައިވާ ގޮތުގެމަތިން ކޯޓުގެ އިޚްތިޞާޞާމެދު ސުވާލުއުފެއްދުން.
  • 111. : ދަޢުވާއަށް ރައްދު ދޭންޖެހޭ މުއްދަތު ދަޢުވާލިބޭ ފަރާތަށް ދަޢުވާ ފޯމު ރައްދުކުރެވޭތާ 14 (ސާދަ) ދުވަހުގެ ތެރޭގައި ދަޢުވާއަށް ރައްދުދޭންވާނެއެވެ.
  • 112. : ދަޢުވާއަށް އެއްބަސްވުން
    • (ހ) މި ޤާނޫނުގެ 110 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެމަތިން ދަޢުވާއަށް ރައްދު ދިނުމުގައި، ދަޢުވާ ލިބޭ ފަރާތުން މުޅި ދަޢުވާއަށް އެއްބަސްވާނަމަ، އަންނަނިވި ކަންކަން ފުރިހަމަކުރަންވާނެއެވެ.
      • (1) ދަޢުވާ ފޯމާ ޙަވާލުވިކަން އަންގައިދޭ ލިޔުން ފުރިހަމަކުރުން؛ އަދި
      • (2) މި މާއްދާގެ (ރ) ގައި ބަޔާންކުރާ، މުޅި ދަޢުވާއަށް އެއްބަސްވާ ފޯމު ފުރިހަމަކުރުން.
    • (ށ) މި ޤާނޫނުގެ 110 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެމަތިން ދަޢުވާއަށް ރައްދު ދިނުމުގައި، ދަޢުވާ ލިބޭ ފަރާތުން މުޅި ދަޢުވާއަށް އެއްބަސްވުމުގެ ބަދަލުގައި، ދަޢުވާގެ ވަކި ބަޔަކަށް އެއްބަސްވެ، އެހެން ބަޔަކަށް އިންކާރުކުރާނަމަ، އަންނަނިވި ކަންކަން ފުރިހަމަކުރަންވާނެއެވެ.
      • (1) ދަޢުވާ ފޯމާ ޙަވާލުވިކަން އަންގައިދޭ ލިޔުން ފުރިހަމަކުރުން؛ އަދި
      • (2) މި ޤާނޫނުގެ 109 ވަނަ މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގައި ބަޔާންކުރާ، ދަޢުވާގެ ވަކި ބަޔަކަށް އެއްބަސްވާ ފޯމު ފުރިހަމަކުރުން؛ އަދި
      • (3) މި ޤާނޫނުގެ 109 ވަނަ މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރުގައި ބަޔާންކުރާ ފަދައިން ދަޢުވާއަށް ދިފާޢެއް ހުށަހެޅުމަށްޓަކައި އެ މާއްދާގައި ބަޔާންކުރާ ފޯމު ފުރިހަމަކުރުން.
  • 113. : ދަޢުވާއަށް ދިފާޢު ހުށަހެޅުން
    • (ހ) ދަޢުވާލިބޭ ފަރާތުން މުޅި ދަޢުވާއަށް އިންކާރުކުރާނަމަ އަދި/ނުވަތަ ދަޢުވާކުރާ ފަރާތުގެ މައްޗަށް ރައްދު ދަޢުވާއެއް ހުށަހަޅަން ބޭނުންވާނަމަ، އަންނަނިވި ކަންކަން ފުރިހަމަކުރަންވާނެއެވެ.
      • (1) ދަޢުވާ ފޯމު ބަލައިގެންފިކަން އަންގައިދޭ ފޯމު ފުރިހަމަކުރުން؛ އަދި
      • (2) ދަޢުވާގެ ދިފާޢު ފޯމު ފުރިހަމަކުރުން.
    • (ށ) ދަޢުވާލިބޭ ފަރާތުން ދަޢުވާގެ ވަކި ބަޔަކަށް އިންކާރުކުރާނަމަ، ޢަމަލުކުރާނީ، މި ޤާނޫނުގެ 112 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިންނެވެ.
  • 114. : ދަޢުވާ ފޯމާ ޙަވާލުވިކަން އަންގާ ލިޔުން
    • (ހ) އަންނަނިވި ޙާލަތްތަކުގައި، ދަޢުވާ ލިބޭ ފަރާތުގެ މައްޗަށް އުފުލާފައިވާ ދަޢުވާއާއި އެ ދަޢުވާއާގުޅޭ ލިޔެކިޔުންތައް އޭނާއަށް ލިބިއްޖެކަން ބަޔާންކުރާ ލިޔުމެއް ދަޢުވާލިބޭ ފަރާތުން ކޯޓަށް ހުށަހަޅަންވާނެއެވެ.
      • (1) ދަޢުވާއަށް ދިފާޢެއް ހުށަހަޅަން ބޭނުންވުމާއެކު، އެ ދިފާޢު ހުށަހެޅުމަށް މި ޤާނޫނުގެ 111 ވަނަ މާއްދާގައި ކަނޑައަޅާފައިވާ މުއްދަތު އިތުރުކުރުމަށްޓަކައި؛ ނުވަތަ
      • (2) ކޯޓުގެ އިޚްތިޞާޞްއާމެދު ސުވާލު އުފެއްދުމަށްޓަކައި؛
    • (ށ) މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކުރާ ޙާލަތުގައި ދަޢުވާ ފޯމާ ޙަވާލުވިކަން އަންގާ ލިޔުން ހުށަހެޅުމުގެ ބޭނުމަކީ، ދަޢުވާއަށް ރައްދުދިނުމަށް މި ޤާނޫނުގެ 111 ވަނަ މާއްދާގައި ކަނޑައަޅާފައިވާ މުއްދަތު ހަމަވާއިރު، ދަޢުވާގެ ދިފާޢު ހުށަނޭޅޭނަމަ، އެ މުއްދަތު އިތުރުކޮށްދިނުމަށް ކޯޓުގައި އެދުމަށްޓަކައެވެ.
    • (ނ) މި މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގައި ބަޔާންކުރާ ޙާލަތުގައި ދަޢުވާ ފޯމާ ޙަވާލުވިކަން އަންގާ ލިޔުން ހުށަހެޅުމުގެ ބޭނުމަކީ، އެ މާއްދާގައި ބަޔާންކޮށްފައިވާ ފަދައިން ކޯޓުގެ އިޚްތިޞާޞާމެދު ދަޢުވާލިބޭ ފަރާތުން ސުވާލު އުފައްދައި، 14 ދުވަހުގެ ތެރޭގައި، މި ޤާނޫނުގެ 111 ވަނަ މާއްދާގައި ބަޔާންކުރާ ފަދައިން ކޯޓުގައި އެދުމަށްޓަކައެވެ.
    • (ރ) ދަޢުވާ ފޯމާ ޙަވާލުވިކަން އަންގާ ލިޔުން ލިބިއްޖެކަން ބަޔާންކުރާ ލިޔުން މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކުރާ މުއްދަތު ހަމަވާއިރު، ހުށަނާޅައިފިނަމަ، ދަޢުވާލިބޭ ފަރާތާ ދެކޮޅަށް މި ޤާނޫނުގެ އެގާރަވަނަ ބާބު [ޣައިރު ޙާޟިރުގައި ކުރާ ފޯމު] ގެ ދަށުން، ޣައިރު ޙާޟިރުގައި ޙުކުމްކުރުމަށް ދަޢުވާލިބޭ ފަރާތަށް އެދެވިދާނެއެވެ.
    • (ބ) ދަޢުވާގެ ލިޔެކިޔުންތައް ލިބިއްޖެކަން ބަޔާންކުރާ ލިޔުން މި މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގައި ބަޔާންކުރާ ފަދައިން ހުށަހަޅާފައިނުވާނަމަ، ދަޢުވާލިބޭ ފަރާތުން ކޯޓުގެ އިޚްތިޞާޞް ޤަބޫލުކުރީ ކަމަށް ބެލޭނެއެވެ.
  • 115. : ދަޢުވާ ފޯމާ ޙަވާލުވިކަން އަންގާ ލިޔުމުގައި ސޮއިކުރުން
    • (ހ) ދަޢުވާ ލިބޭ ފަރާތަކީ ކުންފުންޏެއް ނުވަތަ އެނޫންވެސް ޤާނޫނީ ޝަޚްޞެއްނަމަ، ދަޢުވާ ފޯމާ ޙަވާލުވިކަން އަންގާ ލިޔުމުގައި ސޮއިކުރާނީ، އެ ޤާނޫނީ ޝަޚްޞެއް ތަމްސީލުކުރުމަށް އެ ތަނަކުން ކަނޑައަޅާ ފަރާތެކެވެ.
    • (ށ) ދަޢުވާ ލިބޭ ފަރާތަކީ ކުޑަކުއްޖެއް ނުވަތަ ރައްކާތެރިކަން ލިބިގެންވާ ފަރާތެއްނަމަ، ދަޢުވާ ފޯމާ ޙަވާލުވިކަން އަންގާ ލިޔުމުގައި ސޮއިކުރާނީ، އެ ފަރާތެއްގެ މަޞްލަޙަތު ޙިމާޔަތްކުރުމަށް ކަނޑައަޅާފައިވާ ފަރާތުންނެވެ.
  • 116. : ދަޢުވާ ފޯމާ ޙަވާލުވިކަން އަންގާ ލިޔުން ފޮނުވަންވީ އެޑްރެސް
    • (ހ) ދަޢުވާ ފޯމާ ޙަވާލުވިކަން އަންގާ ލިޔުމުގައި ދަޢުވާ ލިބޭ ފަރާތަށް ލިޔެކިޔުންތައް ފޮނުވަންވީ އެޑްރެހެއް ބަޔާންކުރަންވާނެއެވެ.
    • (ށ) ދަޢުވާ ލިބޭ ފަރާތް ތަމްސީލުކުރަނީ ޤާނޫނީ ވަކީލެއްނަމަ، އަދި ދަޢުވާ ފޯމާ ޙަވާލުވިކަން އަންގާ ލިޔުމުގައި ސޮއިކޮށްފައިވަނި ޤާނޫނީ ވަކީލުނަމަ، ދަޢުވާއާ ޙަވާލުވިކަން އަންގާ ލިޔުމުގައި ބަޔާންކުރާ އެޑްރެސް ވާންވާނީ، ޤާނޫނީ ވަކީލުގެ ރަޖިސްޓަރީކޮށްފައިވާ މަސައްކަތު އެޑްރެހަށެވެ.
    • (ނ) ދަޢުވާ ލިބޭ ފަރާތް ތަމްސީލުކުރުމަށް ޤާނޫނީ ވަކީލެއް ޢައްޔަންކޮށްފައިނުވާނަމަ، މި ޤާނޫނުގެ 411 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތަށް ލިޔެކިޔުން ޙަވާލުކުރާ އެޑްރެހެއް ބަޔާންކުރަންވާނެއެވެ.
  • 117. : ދަޢުވާ ފޯމާ ޙަވާލުވިކަން އަންގާ ލިޔުން ހުށަހެޅިކަން ދަޢުވާކުރާ ފަރާތަށް އެންގުން ދަޢުވާ ފޯމާ ޙަވާލުވިކަން އަންގާ ލިޔުން ކޯޓަށް ލިބުމާއެކު ގިނަވެގެން 2 (ދޭއް) ދުވަހުގެ ތެރޭގައި އެކަން ދަޢުވާކުރާ ފަރާތަށް ލިޔުމުން އަންގަންވާނެއެވެ.
  • 118. : ކޯޓުގެ އިޚްތިޞާޞްއާމެދު ސުވާލު އުފެއްދުން
    • (ހ) ދަޢުވާލިބޭ ފަރާތުން ދަޢުވާއާ ޙަވާލުވުމަށްފަހު، އެ ދަޢުވާ ބަލައި ގޮތެއް ނިންމުމުގެ އިޚްތިޞާޞް އެ ކޯޓަށް ލިބިގެން ނުވާކަމަށް ފެނިއްޖެނަމަ، ނުވަތަ ޢާންމު އުސޫލުން އެފަދަ މައްސަލަ ބެލުމުގެ އިޚްތިޞާޞް އެ ކޯޓަށް ލިބިދީފައިވީނަމަވެސް، އެ ޙާލަތުގައި އެ ކޯޓުން އެ މައްސަލަ ބަލައިގެންނުވާނެ ޙާލަތެއް ވުޖޫދުގައިވާ ކަމަށް ފެނިއްޖެނަމަ، ދަޢުވާއަށް ރައްދުދިނުމުގެ ބަދަލުގައި، އެ ދަޢުވާ ބެލުމުގެ ނުވަތަ ކުރިއަށްގެންދިޔުމުގެ އިޚްތިޞާޞްއެ ކޯޓަށް ލިބިގެން ނުވާކަމަށް ކަނޑައަޅައިދިނުމަށް އެދި ދަޢުވާ ލިބޭ ފަރާތަށް ކޯޓަށް ހުށަހެޅިދާނެއެވެ.
    • (ށ) މި މާއްދާގެ (ހ) އެހެން އޮތްނަމަވެސް، އެ މާއްދާގެ ދަށުން އެފަދަ ހުށަހެޅުމެއް ކޯޓަށް ހުށަހެޅޭނީ، މި ޤާނޫނުގެ 114 ވަނަ މާއްދާގެ ދަށުން ދަޢުވާ ފޯމާ ޙަވާލުވިކަން އަންގާ ލިޔުމެއް ކޯޓަށް ހުށަހަޅާފައިވާނަމައެވެ.
    • (ނ) ދަޢުވާލިބޭ ފަރާތުން މި މާއްދާގެ (ށ) ގެ ދަށުން ދަޢުވާއާ ޙަވާލުވިކަން އަންގާ ލިޔުން ހުށަހަޅާފައިވީނަމަވެސް، އޭގެ ސަބަބުން ކޯޓުގެ އިޚްތިޞާޞްއާމެދު ސުވާލުކުރުމަށް ދަޢުވާ ލިބޭ ފަރާތަށް ލިބިފައިވާ އެއްވެސް ޙައްޤަކަށް އުނިކަމެއް ނާންނާނެއެވެ.
    • (ރ) މި މާއްދާގެ (ހ) ގެ ދަށުން ކޯޓަށް މައްސަލައެއް ހުށަހެޅޭނީ، އެކަށީގެންވާ ހެއްކާއެކު، ދަޢުވާއާ ޙަވާލުވިކަން އަންގާ ލިޔުން ކޯޓަށް ހުށަހަޅާތާ 14 (ސާދަ) ދުވަހުގެ ތެރޭގައެވެ.
    • (ބ) މި މާއްދާގެ (ހ) ގެ ދަށުން ދަޢުވާ ލިބޭ ފަރާތަކުން ކޯޓަށް މައްސަލައެއް ހުށަހަޅައިފިނަމަ، އެ ހުށަހެޅުމާއެކު އެ ހުށަހެޅުމަށް ބާރުދޭ ހެކިހުށަހަޅަންވާނެއެވެ. އެހެންނަމަވެސް، އެ ހުށަހެޅުމާމެދު ގޮތެއް ނިންމުމަށް ކޯޓުން އަޑުއެހުމެއް ބޭއްވުމުގެ ކުރިން ދަޢުވާގެ ދިފާޢު ހުށަހަޅާކަށް ނުޖެހޭނެއެވެ.
    • (ޅ) މި މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ މުއްދަތުގައި ދަޢުވާލިބޭ ފަރާތުން ކޯޓުގެ އިޚްތިޞާޞްއާމެދު ސުވާލުއުފައްދައި މައްސަލައެއް ހުށަހަޅާފައިނުވާނަމަ ބެލެވޭނީ، ހުށަހަޅާފައިވާ ދަޢުވާއާމެދު ގޮތެއް ނިންމުމުގެ އިޚްތިޞާޞް ކޯޓަށް ލިބިގެންވާކަން ދަޢުވާލިބޭ ފަރާތުން ޤަބޫލުކޮށްފައިވާ ކަމުގައެވެ.
    • (ކ) މި މާއްދާގެ (ހ) ގެ ދަށުން ކޯޓަށް ހުށަހެޅޭ މައްސަލައެއް ބެލުމަށްފަހު، އެ މައްސަލައެއް ބެލުމުގެ އިޚްތިޞާޞްއެ ކޯޓަށް ލިބިގެންނުވާކަމަށް ނުވަތަ އެ މައްސަލަ އެ ކޯޓުގައި ކުރިއަށްނުގެންދާނެ ކަމަށް ކޯޓުން ކަނޑައަޅައިފިނަމަ، އެކަން ބަޔާންކޮށް ކޯޓުން ކަނޑައަޅާ ކަނޑައެޅުމުގައިއަންނަނިވި ކަންކަން ހިމެނިދާނެއެވެ.
      • (1) ދަޢުވާ ފޯމު ބާޠިލުކުރުމަށް ކަނޑައެޅުން؛
      • (2) ދަޢުވާލިބޭ ފަރާތަށް ދަޢުވާ ފޯމު ރައްދުކުރި ކުރުން ބާޠިލުކުރުން؛
      • (3) ދަޢުވާލިބޭ ފަރާތަށް ދަޢުވާ ފޯމު ރައްދުކުރި ކުރިން ކޯޓުން ކޮށްފައިވާ ޢަމުރެއް ބާޠިލުކުރުމަށް ކަނޑައެޅުން؛ އަދި
      • (4) މައްސަލަ އިތުރަށް ކުރިއަށްނުގެންދިޔުމަށް ކަނޑައެޅުން.
    • (އ) މި މާއްދާގެ ދަށުން ކޯޓަށް ހުށަހެޅޭ މައްސަލައެއްގައި، އެ މައްސަލަ ބެލުމުގެ އިޚްތިޞާޞް އެ ކޯޓަށް ލިބިގެންނުވާކަމަށް ކޯޓުން ކަނޑައަޅައިފިނަމަ، އެ މައްސަލަ ބެލުމުގެ އިޚްތިޞާޞް މި ޤާނޫނުން ލިބިދީފައިވާ ކޯޓަކީ ކޮބައިކަން ކަނޑައަޅައި، އެ ކޯޓަކަށް މައްސަލަ ތަހުވީލުކުރެވިދާނެއެވެ.
    • (ވ) މި މާއްދާގެ ދަށުން ކޯޓަށް ހުށަހެޅޭ މައްސަލައެއްގައި، އެ މައްސަލަ ބެލުމުގެ އިޚްތިޞާޞް އެ ކޯޓަށް ލިބިގެންވާކަމަށް ކޯޓުން ކަނޑައަޅައިފިނަމަ، ކޯޓުގެ އިޚްތިޞާޞްއާމެދު ސުވާލުއުފެއްދުމުގެ ގޮތުން ދަޢުވާލިބޭ ފަރާތުން ހުށަހަޅާފައިވާ، ދަޢުވާއާ ޙަވާލުވިކަން އަންގާ ލިޔުން ބާޠިލުވާނެއެވެ.
    • (މ) މި މާއްދާގެ (ވ) ގައި ބަޔާންކުރާ ޙާލަތުގައި، ކޯޓުން ނިންމުން ނިންމާތާ 14 (ސާދަ) ދުވަހުގެ ތެރޭގައި ދަޢުވާ ފޯމާ ޙަވާލުވިކަން އަންގާ ލިޔުމެއް ދަޢުވާ ލިބޭ ފަރާތުން އަލުން ހުށަހަޅަންވާނެއެވެ. އަދި އެ ޙާލަތުގައި، ދަޢުވާއަށް ދިފާޢު ހުށަހެޅުމާ ގުޅޭގޮތުން ޢަމަލުކުރަންވީ ގޮތް ކޯޓުން އަންގަންވާނެއެވެ.
    • (ފ) ދަޢުވާލިބޭ ފަރާތުން މި މާއްދާގެ (މ) ގައި ބަޔާންކޮށްފައިވާ ފަދައިން ދަޢުވާ ފޯމާ ޙަވާލުވިކަން އަންގާ ލިޔުން ހުށަނާޅައިފިނަމަ ބެލޭނީ، އެ މައްސަލަ ބެލުމުގެ އިޚްތިޞާޞް އެ ކޯޓަށް ލިބިގެންވާ ކަމަށް ދަޢުވާލިބޭ ފަރާތުން ޤަބޫލުކޮށްފައިވާ ކަމަށެވެ.
  • 119. : ދަޢުވާއަށް ރައްދުނުދިނުން ދަޢުވާލިބޭ ފަރާތުން މި ޤާނޫނުގެ 114 ވަނަ މާއްދާގެ ދަށުން، ދަޢުވާއާއި، ދަޢުވާއާގުޅޭ އެހެނިހެން ލިޔެކިޔުންތަކާ ޙަވާލުވުމަށްފަހު، މި ޤާނޫނުގެ 111 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މުއްދަތުގައި، މި ޤާނޫނުގެ ބާރަވަނަ ބާބު [ދަޢުވާއަށް އެއްބަސްވުން] ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ދަޢުވާއަށް އެއްބަސްވެފައިނުވާނަމަ ނުވަތަ މި ޤާނޫނުގެ ތޭރަވަނަ ބާބު [ދަޢުވާގެ ދިފާޢާއި ޖަވާބު] ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ދަޢުވާއަށް ދިފާޢެއް ހުށަހަޅާފައިނުވާނަމަ، ދަޢުވާލިބޭ ފަރާތާ ދެކޮޅަށް މައްސަލަ ނިންމައި، މި ޤާނޫނުގެ އެގާރަވަނަ ބާބު [ޣައިރު ޙާޟިރުގައި ކުރާ ޙުކުމް] ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ޣައިރު ޙާޟިރުގައި ޙުކުމެއް ކޮށްދިނުމަށް ދަޢުވާކުރާ ފަރާތަށް އެދެވިދާނެއެވެ.
  • 120. : މި ބާބު ހިނގާނެ ދާއިރާ މި ބާބުގެ ބޭނުމަށްޓަކައި "ޣައިރު ޙާޟިރުގައިކުރާ ޙުކުމް" ކަމަށް ބުނެފައި އެވަނީ، ދަޢުވާ ލިބޭ ފަރާތުން ދަޢުވާއާ ޙަވާލުވުމަށްފަހު، ދަޢުވާގެ ދިފާޢެއް ހުށަހަޅަން ކަނޑައަޅާފައިވާ މުއްދަތުގައި ދަޢުވާއަށް ދިފާޢެއް ހުށަހަޅާފައިނުވާ ޙާލަތުގައި، މައްސަލައިގެ ޝަރީޢަތް ހިންގުމަކާ ނުލައި، ދަޢުވާލިބޭ ފަރާތާ ދެކޮޅަށް އެ ދަޢުވާ ސާބިތުވާކަމަށް ކަނޑައަޅައި، ދަޢުވާ ލިބޭ ފަރާތަށް އިތުރު ނޯޓިހެއް ދިނުމަކާ ނުލައި، އެ މައްސަލަ ދަޢުވާ ލިބޭ ފަރާތުގެ ޣައިރު ޙާޟިރުގައި ނިންމައި ކުރާ ޙުކުމަށެވެ.
  • 121. : ޣައިރު ޙާޟިރުގައި ޙުކުމްކޮށްދިނުމަށް އެދި ހުށަހެޅުން މި ބާބުގައި ބަޔާންކުރާ ޙާލަތްތަކުގައި އަދި މި ބާބުގައި ބަޔާންކުރާ އިޖުރާއަތުތައް ފުރިހަމަކުރާ ޙާލަތެއްގައި ދަޢުވާލިބޭ ފަރާތުގެ ޣައިރު ޙާޟިރުގައި ޙުކުމްކޮށްދިނުމަށް އެދި ދަޢުވާކުރާ ފަރާތަށް ހުށަހެޅިދާނެއެވެ.
  • 122. : ޣައިރު ޙާޟިރުގައި ޙުކުމްކޮށްދިނުމަށް އެދި ހުށަނޭޅޭނެ ޙާލަތްތައް މި ޤާނޫނުގެ 121 ވަނަ މާއްދާ އެހެން އޮތްނަމަވެސް، ދަޢުވާކުރާ ފަރާތުން ކޯޓަށް މައްސަލަ ހުށަހަޅާފައިވަނީ މި ޤާނޫނުގެ އަށްވަނަ ބާބު [އިޚްތިލާފެއްނުވާ ބާވަތުގެ މައްސަލަތަކުގައި ދަޢުވާކުރުމުގެ ޚާއްޞަ އިޖުރާއަތު] ގައި ބަޔާންކުރާ އިޖުރާއަތާ އެއްގޮތްވާ ގޮތުގެމަތިން ކަމަށްވާނަމަ، ނުވަތަ ޣައިރު ޙާޟިރުގައި ޙުކުމްކޮށްދިނުމަށް ހުށަހެޅުން އެހެން ޤާނޫނަކުން މަނާކޮށްފައިވާ ޙާލަތުގައި، ދަޢުވާލިބޭ ފަރާތުގެ ޣައިރު ޙާޟިރުގައި ޙުކުމްކޮށްދިނުމަށް ހުށަހަޅައިގެން ނުވާނެއެވެ.
  • 123. : ޣައިރު ޙާޟިރުގައި ޙުކުމްކުރުމުގެ ޝަރުޠުތައް
    • (ހ) ދަޢުވާލިބޭ ފަރާތުން ދަޢުވާއާ ޙަވާލުވިކަން އަންގާ ލިޔުން ހުށަނޭޅުމުގެ ސަބަބުން ދަޢުވާކުރާ ފަރާތުން އެދިގެން ދަޢުވާލިބޭ ފަރާތުގެ ޣައިރު ޙާޟިރުގައި ޙުކުމްކުރެވޭނީ، އަންނަނިވި ޙާލަތްތަކުގައެވެ.
      • (1) ދަޢުވާ ލިބޭ ފަރާތުން ދަޢުވާއާ ޙަވާލުވުމަށްފަހު، ދަޢުވާއާ ޙަވާލުވިކަމުގެ ލިޔުމެއް ހުށަހަޅާފައިނުވުން ނުވަތަ އެ ދަޢުވާއަށް ދިފާޢެއް ހުށަހަޅާފައިނުވުން؛ އަދި
      • (2) އެކަމަށް ކަނޑައަޅާފައިވާ މުއްދަތު ފާއިތުވެފައިވުން.
    • (ށ) ދަޢުވާލިބޭ ފަރާތުން ދަޢުވާގެ ދިފާޢެއް ހުށަހަޅާފައިނުވާ ޙާލަތުގައި ދަޢުވާލިބޭ ފަރާތުގެ ޣައިރު ޙާޟިރުގައި ޙުކުމްކުރެވޭނީ، ދަޢުވާ ފޯމާ ޙަވާލުވިކަން އަންގާ ލިޔުން ކޯޓަށް ހުށަހަޅާފައި ވީނަމަވެސް، ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ދަޢުވާގެ ދިފާޢު ހުށަހަޅާފައިނުވާނަމައެވެ.
  • 124. : ޣައިރު ޙާޟިރުގައި ޙުކުމްނުކުރެވޭނެ ޙާލަތްތައް އަންނަނިވި ޙާލަތްތަކުގައި ޣައިރު ޙާޟިރުގައި ޙުކުމްކޮށްގެން ނުވާނެއެވެ.
    • (ހ) ދަޢުވާލިބޭ ފަރާތުން އަންނަނިވި ކަންކަމުގެ ތެރެއިން ކަމަކަށް އެދިފައިވުމާއެކު ދަޢުވާ ރައްދުވާ ފަރާތުން ހުށަހަޅާފައިވާ އެފަދަ ހުށަހެޅުމަކާމެދު ކޯޓުން ގޮތެއް ކަނޑައަޅާފައިނުވުން.
      • (1) ދަޢުވާކުރާ ފަރާތުގެ ދަޢުވާ ފޯމު ބާޠިލުކޮށްދިނުމަށް؛ ނުވަތަ
      • (2) ޝަރީޢަތްކުރުމަކާ ނުލައި ޙުކުމް ކޮށްދިނުމަށް އެދިފައިވުން؛ އަދި
    • (ށ) ދަޢުވާކުރާ ފަރާތުން ކޯޓަށް ހުށަހަޅާފައިވާ ދަޢުވާގައި އެދިފައިވާ އެންމެހައި ފަރުވާ (ޝަރީޢަތުގެ ޚަރަދުތައް ހިމެނޭގޮތުން) ދަޢުވާލިބޭ ފަރާތުން ފުރިހަމައަށް ހޯދައިދީފައިވުން.
    • (ނ) ދަޢުވާކުރާ ފަރާތުން ކޯޓަށް ހުށަހަޅާފައިވާ ދަޢުވާއަކީ، ފައިސާ ހޯދުމުގެ ދަޢުވާއެއް ކަމަށްވެފައި، ދަޢުވާކުރާ ފަރާތުން ހޯދުމަށް އެދިފައިވާ އެންމެހައި ފައިސާއެއް ދައްކަންޖެހޭކަމަށް ދަޢުވާލިބޭ ފަރާތުން އެއްބަސްވެ، މި ޤާނޫނުގެ 133 ވަނަ މާއްދާގެ ދަށުން އެ ދަޢުވާއަށް އެއްބަސްވުމާއެކު އެ ފައިސާ ދެއްކުމަށް މުއްދަތެއް ދިނުމަށް އެދިފައިވުން.
  • 125. : ޣައިރު ޙާޟިރުގައި ޙުކުމް ކޮށްދިނުމަށް އެދި ހުށަހަޅާއިރު ފުރިހަމަކުރަންޖެހެ ކަންކަން
    • (ހ) އަންނަނިވި ދަޢުވާތަކާ ގުޅިގެން ޣައިރު ޙާޟިރުގައި ޙުކުމްކޮށްދިނުމަށް އެދި އެކަމަށް ކަނޑައެޅިފައިވާ ޚާއްޞަ ފޯމެއް މެދުވެރިކޮށް ދަޢުވާކުރާ ފަރާތަށް ހުށަހެޅިދާނެއެވެ.
      • (1) ފައިސާގެ ޢަދަދު ކަނޑައެޅިގެން ބަޔާންކޮށްފައިވާ ދަޢުވާ؛
      • (2) ފައިސާގެ ޢަދަދު ކޯޓުން ކަނޑައަޅަންޖެހޭ ދަޢުވާ؛
      • (3) މުދާ ފޯރުކޮށްދިނުމާގުޅޭ ދަޢުވާއެއްގެ ތެރެއިން، މުދާ ފޯރުކޮށް ދިނުމުގެ ބަދަލުގައި މުދަލުގެ އަގު ދެއްކުމުގެ އިޙްތިޔާރު ދަޢުވާލިބޭ ފަރާތަށް ދަޢުވާ ފޯމުގައި ދީފައިވާ ދަޢުވާ؛
      • (4) މި އަކުރުގެ (1) ވަނަ ނަންބަރުން ފެށިގެން (3) ވަނަ ނަންބަރުގެ ނިޔަލަށް ބަޔާންކުރާ ފަރުވާތަކުގެ ތެރެއިން އެއް ފަރުވާއަށްވުރެ ގިނަ ފަރުވާ ހިމެނޭ ދަޢުވާ.
    • (ށ) އަންނަނިވި ޙާލަތްތަކުގައި ދަޢުވާކުރާ ފަރާތުން ޣައިރު ޙާޟިރުގައި ޙުކުމްކުރަން އެދޭނަމަ، މި ޤާނޫނުގެ އެކާވީސްވަނަ ބާބު [ކޯޓު އަމުރު] ގެ ދަށުން ކޯޓަށް ހުށަހެޅުމެއް ހުށަހަޅަންވާނެއެވެ.
      • (1) ދަޢުވާއެއްގައި ތަފާތު އެހެން ފަރުވާއަކަށް އެދިފައިވުން؛ ނުވަތަ
      • (2) މި ޤާނޫނުގެ 130 ވަނަ މާއްދާގައި ބަޔާންކުރާ ފަދައިން ހުށަހެޅުމެއް ހުށަހަޅަންޖެހޭކަމަށް ބަޔާންކޮށްފައިވުން.
    • (ނ) ދަޢުވާކުރާ ފަރާތުން މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަރުވާ ފިޔަވައި ތަފާތު ފަރުވާއަކަށް އެދިފައިވީނަމަވެސް، ޙުކުމްކޮށްދިނުމަށް އެދި ހުށަހަޅާއިރު އެފަދަ ދަޢުވާއެއް ދޫކޮށްލައިފިނަމަ، މި މާއްދާގެ (ހ) ގެ ދަށުން ޣައިރު ޙާޟިރުގައި ޙުކުމްކޮށްދިނުމަށް އެދި ދަޢުވާކުރާ ފަރާތަށް ހުށަހެޅިދާނެއެވެ.
    • (ރ) ދައުލަތާ ދެކޮޅަށް ހުށަހެޅޭ ދަޢުވާތަކުގައި، ޣައިރު ޙާޟިރުގައި ޙުކުމް ކޮށްދިނުމަށް އެދި ހުށަހަޅާފައިވާނަމަ، ދަޢުވާ ފޯމާއި ދަޢުވާގެ ތަފްޞީލު ދައުލަތަށް ފޯރުކޮށްދީފައިވާކަން ކޯޓުން ކަށަވަރުކުރަންވާނެވެ.
  • 126. : ޣައިރު ޙާޟިރުގައި ޙުކުމް ޙުކުމްކުރުމުގެ އިޖުރާއަތު
    • (ހ) ވަކި ދަޢުވާއަކީ ފައިސާގެ ޢަދަދު ކަނޑައެޅިގެން ބަޔާންކޮށްފައިވާ ދަޢުވާއެއްނަމަ، މި ޤާނޫނުގެ 125 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގެ ދަށުން ހުށަހެޅުމެއް ހުށަހަޅާއިރު އެ ހުށަހެޅުމުގައި އަންނަނިވި ކަންކަން ބަޔާންކުރަންވާނެވެ.
      • (1) އަދާކުރަން އެދޭ ދަރަނީގެ ޖުމްލަ ޢަދަދު ދައްކައި ޚަލާޞްކުރަންޖެހޭ ތާރީޚް؛ ނުވަތަ
      • (2) އިންސްޓޯލްމަންޓްތަކަށް ބަހާލައިގެން ފައިސާ ދެއްކޭނެ ގޮތާއި މުއްދަތު.
    • (ށ) މި މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ޙާލަތްތަކުގައި ފިޔަވައި، އެހެން ޙާލަތްތަކުގައި، ފައިސާގެ ޢަދަދު ކަނޑައެޅިގެން ބަޔާންކޮށްފައިވާ ދަޢުވާއަކާ ގުޅިގެން މި ޤާނޫނުގެ 125 ވަނަ މާއްދާގެ (ހ) ގެ ދަށުން ހުށަހެޅޭ ހުށަހެޅުމަކާ ގުޅިގެން ޣައިރު ޙާޟިރުގައި ޙުކުމެއް ކުރާނަމަ އަދި އެ ޙުކުމުގައި، އެ ދަޢުވާގައި ބަޔާންކުރާ ފައިސާގެ ޢަދަދުގެ ތެރެއިން، ދައްކައި ޚަލާޞްކޮށްފައިނުވާ ފައިސާގެ ޢަދަދާއި ޝަރީޢަތުގެ ޚަރަދުތައް އަންނަނިވި ގޮތަށް ނަގައިދިނުމަށް ޙުކުމް ކުރެވިދާނެއެވެ.
      • (1) ހުށަހެޅުމުގައި ފައިސާ ދެއްކުމަށް ބަޔާންކުރާ ތާރީޚުގައި ފައިސާ ދެއްކުމަށް ނުވަތަ ހުށަހަޅާ ރޭޓެއްގައި ދެއްކުމަށް؛ ނުވަތަ
      • (2) ހުށަހެޅުމުގައި ފައިސާ ދައްކަންވީ ތާރީޚެއް ނުވަތަ ރޭޓެއް ބަޔާންކޮށްފައިނުވާނަމަ ވަގުތުން ފައިސާ ދެއްކުމަށް.
    • (ނ) ފައިސާގެ ޢަދަދު ކަނޑައެޅިގެން ބަޔާންކޮށްފައިނުވާ ދަޢުވާއެއްގައި، މި ޤާނޫނުގެ 125 ވަނަ މާއްދާގެ (ހ) ގެ ދަށުން ހުށަހެޅޭ ހުށަހެޅުމަކާ ގުޅިގެން ޣައިރު ޙާޟިރުގައި ކުރާ ޙުކުމުގައި ފައިސާގެ ޢަދަދާއި ޝަރީޢަތުގެ ޚަރަދުތައް ކަނޑައަޅާނީ ކޯޓުންނެވެ.
    • (ރ) މުދާ ފޯރުކޮށްދިނުމާގުޅޭ ދަޢުވާއެއްގެ ތެރެއިން، އެ މުދާ ފޯރުކޮށް ދިނުމުގެ ބަދަލުގައ މުދަލުގެ އަގު ދެއްކުމުގެ އިޚްތިޔާރު ދަޢުވާލިބޭ ފަރާތަށް ދަޢުވާ ފޯމުގައި ދީފައިވާނަމަ، މި ޤާނޫނުގެ 125 ވަނަ މާއްދާގެ (ހ) ގެ ހުށަހެޅޭ ހުށަހެޅުމަކާ ގުޅިގެން ޣައިރު ޙާޟިރުގައި ޙުކުމެއް ކުރާނަމަ، އެ ޙުކުމުގައި ދަޢުވާލިބޭ ފަރާތަށް އަންނަނިވި ކަންކަން ކުރުމަށް ކަނޑައެޅިދާނެއެވެ.
      • (1) މުދާ ފޯރުކޮށްދިނުން ނުވަތަ މުދާ ފޯރުކޮށްނުދޭނަމަ މުދަލުގެ އަގަށްވާ ފައިސާކަމަށް ކޯޓުން ކަނޑައަޅާ ޢަދަދެއް (ކުރިން އެއްވެސް ފައިސާއެއް ދައްކާފައިވާނަމަ އެ ފައިސާ އުނިކުރުމަށްފަހު) ދެއްކުން؛ އަދި
      • (2) ޝަރީޢަތުގެ ޚަރަދުތައް ދެއްކުން.
  • 127. : ފައިސާގެ ޢަދަދު ކަނޑައެޅިފައިވާ ދަޢުވާއެއްގައި އިންޓްރެސްޓް ދައްކަން އެންގުން ފައިސާގެ ޢަދަދު ކަނޑައެޅިގެން ބަޔާންކޮށްފައިވާ ދަޢުވާއެއްގައި، މި ޤާނޫނުގެ 125 ވަނަ މާއްދާގެ (ހ) ގެ ދަށުން ހުށަހަޅާފައިވާ ހުށަހެޅުމަކާ ގުޅިގެން ޣައިރު ޙާޟިރުގައި ޙުކުމްކުރާނަމަ އަންނަނިވި ޙާލަތްތަކުގައި ޙުކުމްކުރާ ތާރީޚާ ހަމައަށް އިންޓްރެސްޓް ދެއްކުމަށް އެންގިދާނެއެވެ.
    • (ހ) ދަޢުވާގެ ތަފްޞީލުގައި މި ޤާނޫނުގެ 92 ވަނަ މާއްދާގައި ބަޔާންކުރާ ތަފްޞީލުތައް ހިމަނާފައިވުން؛
    • (ށ) އިންޓްރެސްޓް ރޭޓް %8 (އަށެއް އިންސައްތަ) އަށްވުރެ މަތިނުވުން؛ އަދި
    • (ނ) އިންޓްރެސްޓް ހިސާބުކުރުމަށް އެދިފައިވާ ތާރީޚުން ފެށިގެން ޣައިރު ޙާޟިރުގައި ޙުކުމް ކޮށްދިނުމަށް ހުށަހެޅި ތާރީޚާ ހަމައަށް އިންޓްރެސްޓް ހިސާބުކުރެވުނު ގޮތް ބަޔާންކޮށްފައިވުން.
  • 128. : ޙުކުމްކުރާއިރު އިތުރު އިރުޝާދު ދިނުން ދަޢުވާކުރާ ފަރާތުން ދަޢުވާލިބޭ ފަރާތުގެ ޣައިރު ޙާޟިރުގައި ޙުކުމްކޮށްދިނުމަށް އެދިފައިވަނީ މި ޤާނޫނުގެ 125 ވަނަ މާއްދާގެ (ހ) ގެ ދަށުން ކަމަށްވެފައި އެ ޙުކުމުގައި އަންނަނިވި ކަންކަން ހިމެނޭނަމަ، ޙުކުމާ ގުޅިގެން އެއްވެސް އިތުރު އިރުޝާދެއް ދޭންޖެހޭކަމަށް ކޯޓަށް ފެންނަނަމަ އެފަދަ އިރުޝާދުތައް، ކޯޓުން ޙުކުމްކުރާއިރު ކަނޑައަޅަންވާނެއެވެ.
    • (ހ) ފައިސާގެ ޢަދަދު ކަނޑައަޅަނީ ކޯޓުން ކަމުގައިވުން؛
    • (ށ) މުދަލުގެ އަގު ކަނޑައަޅަނީ ކޯޓުން ކަމުގައިވުން؛ ނުވަތަ
    • (ނ) އިންޓްރެސްޓްގެ ޢަދަދު ކަނޑައަޅަނީ ކޯޓުން ކަމުގައިވުން.
  • 129. : އެއް ފަރާތަށްވުރެ ގިނަ ފަރާތުގެ މައްޗަށް ކުރާ ދަޢުވާ
    • (ހ) އެއްފަރާތަށްވުރެ ގިނަ ފަރާތުގެ މައްޗަށް ކުރާ ފައިސާއާގުޅޭ ނުވަތަ މުދާ ފޯރުކޮށްދިނުމާގުޅޭ ދަޢުވާއެއްގައި، ދަޢުވާލިބޭ އެއް ފަރާތް ނުވަތަ އެއަށްވުރެ ގިނަ ފަރާތާ ދެކޮޅަށް ޣައިރު ޙާޟިރުގައި ޙުކުމްކޮށްދިނުމަށް އެދި ހުށަހެޅިދާނެއެވެ. އަދި ދެންތިބި ފަރާތްތަކުގެ މައްޗަށް ދަޢުވާގެ ބާކީ ބައި ކުރިއަށް ގެންދެވިދާނެއެވެ.
    • (ށ) ދަޢުވާލިބޭ ދެ ފަރާތަށްވުރެ ގިނަ ފަރާތުގެ ތެރެއިން އެއް ފަރާތުގެ މައްޗަށް ޣައިރު ޙާޟިރުގައި ޙުކުމްކުރުމަށް ދަޢުވާކުރާ ފަރާތުން އެދިފައިވާނަމަ:
      • (1) އެ ދަޢުވާއަކީ ދަޢުވާލިބޭ އެ ފަރާތް ފިޔަވައި ދެންތިބި ދަޢުވާ ލިބޭ ފަރާތްތަކުގެ މައްޗަށް ވަކި ދަޢުވާތަކެއްގެ ގޮތުގައި ކުރިއަށް ގެންދެވިދާނެ ދަޢުވާއެއް ކަމުގައިވާނަމަ، ޣައިރު ޙާޟިރުގައި ޙުކުމްކުރެވޭ ދަޢުވާލިބޭ ފަރާތުގެ މައްޗަށް ޣައިރު ޙާޟިރުގައި ޙުކުމްކުރެވިދާނެއެވެ. އަދި ދެންތިބި ދަޢުވާ ރައްދުވާ ފަރާތްތަކާ ދެކޮޅަށްދަޢުވާކުރިއަށް ގެންދިޔުމަށް ދަޢުވާކުރާ ފަރާތަށް ނިންމިދާނެއެވެ.
      • (2) ދަޢުވާއަކީ ދަޢުވާލިބޭ އެ ފަރާތް ފިޔަވައި ދެންތިބި ދަޢުވާލިބޭ ފަރާތްތަކުގެ މައްޗަށް ވަކި ދަޢުވާތަކެއްގެ ގޮތުގައި ކުރިއަށްގެންދެވިދާނެ ދަޢުވާއެއް ކަމުގައިނުވާނަމަ، މި ބާބުގެ ދަށުންއެ ފަރާތުގެ ޣައިރު ޙާޟިރުގައި ޙުކުމް ކޮށްގެންނުވާނެއެވެ. އަދި އެ ދަޢުވާއާ މެދު ގޮތެއް ކަނޑައަޅަންވާނީ، ދެންތިބި ދަޢުވާލިބޭ ފަރާތްތަކުގެ މައްޗަށް ދަޢުވާއާ ގުޅިގެން ގޮތެއްކަނޑައަޅާ ވަގުތުގައެވެ.
  • 130. : ޣައިރު ޙާޟިރުގައި ޙުކުމްކުރުމަށް އެދި އެކާވީސްވަނަ ބާބުގެ ދަށުން ހުށަހަޅަންޖެހޭ ޙާލަތްތައް އަންނަނިވި ޙާލަތްތަކުގައި ޣައިރު ޙާޟިރުގައި ޙުކުމްކޮށްދިނުމަށް އެދި ހުށަހަޅަންވާނީ މި ޤާނޫނުގެ އެކާވީސްވަނަ ބާބު [ކޯޓު އަމުރު] ގެ ދަށުންނެވެ.
    • (ހ) ދަޢުވާ ކުރާ ފަރާތަކީ ކުޑަކުއްޖެއް ނުވަތަ ރައްކާތެރިކަން ލިބިދީފައިވާ ފަރާތެއް ކަމުގައިވުން؛ ނުވަތަ
    • (ށ) ދަޢުވާ ފޯމާ ޙަވާލުވިކަން އަންގާ ލިޔުން ހުށަހަޅާފައިނުވުމުގެ ސަބަބުން ދަޢުވާކުރާ ފަރާތުން އެފަރާތަކާ ދެކޮޅަށް ޣައިރު ޙާޟިރުގައި ޙުކުމް ކުރުމަށް އެދޭ ދަޢުވާލިބޭ ފަރާތަކީ ދިވެހިރާއްޖޭން ބޭރުގައި ދިރިއުޅޭ ފަރާތެއް ކަމުގައިވުން.
  • 131. : އެކާވީސްވަނަ ބާބުގެ ދަށުން ހުށަހަޅާ ހުށަހެޅުމެއް މެދުވެރިކޮށް ޣައިރު ޙާޟިރުގައި ކުރާ ޙުކުމަށް ބާރުދޭ މާއްދާތައް
    • (ހ) އެކާވީސްވަނަ ބާބު [ކޯޓު އަމުރު] ގެ ދަށުން ހުށަހަޅާ ހުށަހެޅުމެއް މެދުވެރިކޮށް ޣައިރު ޙާޟިރުގައި ޙުކުމް ކޮށްދިނުމަށް ދަޢުވާކުރާ ފަރާތުން އެދޭ ޙާލަތުގައި، ކޯޓުން ޙުކުމްކުރަންވާނީ، ދަޢުވާކުރާ ފަރާތުގެ ދަޢުވާއާއި ދަޢުވާގެ ތަފްޞީލުތަކަށް ރިޢާޔަތްކޮށް ކޯޓަށް ފެންނަ ގޮތަކަށެވެ.
    • (ށ) ދަޢުވާލިބޭ ފަރާތުން ދަޢުވާ ފޯމާ ޙަވާލުވިކަން އަންގާ ލިޔުން ހުށަހަޅާފައިނުވާނަމަ، ޣައިރު ޙާޟިރުގައި ޙުކުމްކޮށްދިނުމަށް އެދި މި މާއްދާގެ ދަށުން ދަޢުވާކުރާ ފަރާތުން ހުށަހެޅުމެއް ހުށަހަޅާއިރު ހެކި ހުށަހެޅުން ލާޒިމެއްނޫނެވެ.
    • (ނ) ކުޑަކުއްޖެއް ނުވަތަ ރައްކާތެރިކަން ލިބިދީފައިވާ ފަރާތަކާ ދެކޮޅަށް ޣައިރު ޙާޟިރުގައި ޙުކުމް ކޮށްދިނުމަށް ދަޢުވާކުރާ ފަރާތުން އެދޭއިރު ހެކި ހުށަހެޅުން ލާޒިމުވާނެއެވެ.
    • (ރ) އަންނަނިވި ޙާލަތްތަކުގައި، ދުރާލާ ނޯޓިސް ދިނުމަކާ ނުލައި، ޣައިރު ޙާޟިރުގައި ޙުކުމް ކޮށްދިނުމަށް އެދި މި މާއްދާގެ ދަށުން ހުށަހެޅުމެއް ހުށަހެޅިދާނެއެވެ.
      • (1) ދަޢުވާލިބޭ ފަރާތުން ދަޢުވާ ފޯމާ ޙަވާލުވިކަން އަންގާ ލިޔުން ހުށަހަޅާފައިނުވުން؛ އަދި
      • (2) އެހެން ޤާނޫނެއްގެ ދަށުން ނޯޓިސް ދިނުމަށް ލާޒިމުނުވުން.
  • 132. : ޣައިރު ޙާޟިރުގައި ކުރާ ޙުކުމް ބާޠިލުކުރުން ނުވަތަ ބަދަލުކުރުން
    • (ހ) އަންނަނިވި ޙާލަތްތަކުގައި، ޣައިރު ޙާޟިރުގައި ޙުކުމް ކޮށްފައިވާނަމަ، ކޯޓުން އެ ޙުކުމް ބާޠިލުކުރަންވާނެއެވެ.
      • (1) ދަޢުވާ ފޯމާ ޙަވާލުވިކަން އަންގާ ލިޔުން ހުށަނޭޅުމުގެ ސަބަބުން ޣައިރު ޙާޟިރުގައި ޙުކުމްކުރާ ޙާލަތުގައި، މި ޤާނޫނުގެ 123 ވަނަ މާއްދާގެ (ހ) އަދި 124 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ ޝަރުޠުތައް ފުރިހަމަވެފައިނުވުން؛
      • (2) ދިފާޢު ހުށަނޭޅުމުގެ ސަބަބުން ޣައިރު ޙާޟިރުގައި ޙުކުމްކުރާ ޙާލަތުގައި، މި ޤާނޫނުގެ 123 ވަނަ މާއްދާގެ (ށ) އަދި 124 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ ޝަރުޠުތައް ފުރިހަމަވެފައިނުވުން؛
      • (3) ޙުކުމް ކުރުމުގެ ކުރިން ދަޢުވާކުރާ ފަރާތުން، ކޮށްފައިވާ ދަޢުވާއިން އެދިފައިވާ ކަންކަން ދަޢުވާލިބޭ ފަރާތުން ފުރިހަމައަށް އަދާކޮށްފައިވުން.
    • (ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ޙާލަތްތައް ފިޔަވައި އަންނަނިވި ޙާލަތްތަކުގައި ހެއްކާއެކު ހުށަހަޅާ ހުށަހެޅުމަކަށް ރިޢާޔަތްކޮށް، ޣައިރު ޙާޟިރުގައި ކޮށްފައިވާ ޙުކުމެއް ކޯޓަށް ބަދަލު ނުވަތަ ބާޠިލުކުރެވިދާނެއެވެ.
      • (1) ދަޢުވާލިބޭ ފަރާތަށް ދަޢުވާ ދިފާޢުކުރެވިދާނެ ޙަޤީޤީ ސަބަބުތަކެއް ހުރުން؛ ނުވަތަ
      • (2) ޙުކުމް ބަދަލުކުރަންޖެހޭ ނުވަތަ ބާޠިލުކުރަންޖެހޭ ނުވަތަ ދަޢުވާ ދިފާޢުކުރުމަށް ދަޢުވާލިބޭ ފަރާތަށް ފުރުޞަތު ދޭންޖެހޭކަމަށް ކޯޓަށް ޤަބޫލުކުރެވޭ ސަބަބެއް އޮތުން.
    • (ނ) މި މާއްދާގެ (ހ) ގެ ދަށުން ޙުކުމް ބަދަލުކުރުމަށް ނުވަތަ ބާޠިލުކުރުމަށް ކަނޑައެޅުމުގައި ކޯޓުން ރިޢާޔަތްކުރަންޖެހޭ ކަންތައްތަކުގެ ތެރޭގައި، ޙުކުމް ބާޠިލުކުރަން ހުށަހެޅި ފަރާތުން ހުށަހަޅާފައިވާ އަވަސްމިން ހިމެނެއެވެ.
    • (ރ) ދަޢުވާކުރާ ފަރާތުން މި ޤާނޫނުގެ 125 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަރުވާގެ އިތުރުން ފަރުވާއަކަށް އެދިފައިވާ ޙާލަތުގައި، ދަޢުވާކުރާ ފަރާތުން ހޯދުމަށް އެދުނު އެ ފަރުވާ އެފަރާތުން ދޫކޮށްލީ މި ޤާނޫނުގެ 125 ވަނަ މާއްދާގެ (ނ) ގެ ދަށުން ޣައިރު ޙާޟިރުގައިކުރާ ޙުކުމެއް ކަނޑައެޅުމަށް މަގުފަހިކުރުމަށް ކަމުގައިވާ ޙާލަތުގައި، މި މާއްދާގެ ދަށުން ޙުކުމް ބާޠިލުކޮށްފިނަމަ، ދަޢުވާކުރާ ފަރާތުން ދޫކޮށްލާފައިވާ ދަޢުވާތަކަކީ އެފަރާތުން ދޫކޮށްލާފައިވާ ދަޢުވާތަކެއް ކަމުގައެއް ނުބެލޭވޭނެއެވެ.
  • 133. : ދަޢުވާލިބޭ ފަރާތުން ދަޢުވާއަށް އެއްބަސްވުން
    • (ހ) ދަޢުވާލިބޭ ފަރާތެއްގެ މައްޗަށް ދަޢުވާއެއް އުފުލުމާއެކު، އެ ފަރާތުގެ މައްޗަށް ކޮށްފައިވާ މުޅި ދަޢުވާއަށް ނުވަތަ އެ ދަޢުވާގެ ވަކި ބަޔަކަށް އެއްބަސްވެވިދާނެއެވެ.
    • (ށ) ޢާންމު އުސޫލުން ދަޢުވާއަށް އެއްބަސްވާނީ، މިޤާނޫނުގެ 109 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރު ނުވަތަ (2) ވަނަ ނަންބަރުގައި ބަޔާންކުރާ ފޯމު މެދުވެރިކޮށެވެ. އެހެންނަމަވެސް، ދަޢުވާލިބޭ ފަރާތުން ވަކިން ހުށަހަޅާ ސިޓީއެއް ނުވަތަ ބަޔާނަކުންވެސް ދަޢުވާއަށް އެއްބަސްވެވިދާނެއެވެ.
    • (ނ) ދަޢުވާކުރާ ފަރާތުން ދަޢުވާގައި ހޯދުމަށް އެދޭ ހަމައެކަނި ފަރުވާއަކީ ކަނޑައެޅިފައިވާ ވަކި މިންވަރަކަށް ފައިސާ ހޯދުން ކަމުގައިވާނަމަ، އަންނަނިވި ގޮތްތަކުންކުރެ ގޮތަކަށް ދަޢުވާލިބޭ ފަރާތަށް ދަޢުވާއަށް އެއްބަސްވެވިދާނެއެވެ.
      • (1) މި ޤާނޫނުގެ 136 ވަނަ މާއްދާއާ އެއްގޮތަށް މުޅި ދަޢުވާއަށް އެއްބަސްވުން؛
      • (2) މި ޤާނޫނުގެ 137 ވަނަ މާއްދާއާ އެއްގޮތަށް ދަޢުވާގެ ވަކި ބަޔަކަށް އެއްބަސްވުން.
    • (ރ) ދަޢުވާކުރާ ފަރާތުން ދަޢުވާގައި ހޯދުމަށް އެދޭ ހަމައެކަނި ފަރުވާގައި ދައްކަންޖެހޭ ފައިސާގެ ވަކި މިންރެއް ބަޔާންކޮށްފައިނުވާނަމަ، އަންނަނިވި ގޮތްތަކުންކުރެ ގޮތަކަށް ދަޢުވާލިބޭ ފަރާތަށް ދަޢުވާއަށް އެއްބަސްވެވިދާނެއެވެ.
      • (1) މި ޤާނޫނުގެ 138 ވަނަ މާއްދާއާ އެއްގޮތަށް ފައިސާގެ މުޅި ޢަދަދު ދެއްކުމަށް އެއްބަސްވުން؛
      • (2) މި ޤާނޫނުގެ 139 ވަނަ މާއްދާއާ އެއްގޮތަށް ދަޢުވާއަށް އެކަށީގެންވާ ޢަދަދެއް ދެއްކުމަށް އެއްބަސްވުން.
    • (ބ) މި މާއްދާގެ (ނ) އަދި (ރ) ގައި ބަޔާންކޮށްފައިވާގޮތަށް ދަޢުވާލިބޭ ފަރާތުން ދަޢުވާއަށް އެއްބަސްވެއްޖެނަމަ، އަންނަނިވި ޙާލަތްތަކުގައި މެނުވީ، މައްސަލައިގެ ޙުކުމްކުރުމަށް އެދުމުގެ ޙައްޤު ދަޢުވާކުރާ ފަރާތަށް ލިބިގެންވެއެވެ.
      • (1) ދަޢުވާލިބޭ ފަރާތަކީ ކުޑަކުއްޖެއް ނުވަތަ ރައްކާތެރިކަން ލިބިގެންވާ ފަރާތަކަށްވުން؛ ނުވަތަ
      • (2) ދަޢުވާލިބޭ ފަރާތަކީ ކުޑަކުއްޖެއް ނުވަތަ ރައްކާތެރިކަން ލިބިގެންވާ ފަރާތަކަށްވެފައި، ދަޢުވާއަށް އެއްބަސްވެފައިވަނީ މި ޤާނޫނުގެ 137 ނުވަތަ 139 ވަނަ މާއްދާގެ ދަށުން ކަމުގައިވުން.
    • (ޅ) ދަޢުވާއަށް އެއްބަސްވުމަށްފަހު، އެ އެއްބަސްވުން އިޞްލާޙުކުރެވޭނީ ނުވަތަ އެފަދައިން އެއްބަސްވި އެއްބަސްވުން އަނބުރާ ގެންދެވޭނީ، ކޯޓުގެ ހުއްދަ ހޯދުމަށްފަހުގައެވެ.
  • 134. : ދަޢުވާއަށް އެއްބަސްވުމުގެ މުއްދަތު
    • (ހ) މި ޤާނޫނުގެ 136 ވަނަ މާއްދާގެ ދަށުން ދަޢުވާގެ އިޢުތިރާފު ފޮނުވުމަށް ނުވަތަ މި ޤާނޫނުގެ 137، 138 ނުވަތަ 139 ވަނަ މާއްދާގެ ދަށުން ދަޢުވާއަށް އެއްބަސްވާކަން ބަޔާންކުރާ ލިޔުން ކޯޓަށް ހުށަހެޅުމުގެ މުއްދަތަކީ އެހެން ހުރިހާ ޙާލަތެއްގައި، ދަޢުވާލިބޭ ފަރާތަށް ދަޢުވާ ފޯމު ފޯރުކޮށްދޭތާ 14 (ސާދަ) ދުވަހެވެ.
    • (ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މުއްދަތުތައް ފާއިތުވުމަށްފަހުގައިވެސް، މި ޤާނޫނުގެ އެގާރަވަނަ ބާބު [ޣައިރު ޙާޟިރުގައިކުރާ ޙުކުމް] ގެ ދަށުން ޣައިރު ޙާޟިރުގައި ޙުކުމެއް ކޮށްފައިނުވާނަމަ، ދަޢުވާލިބޭ ފަރާތަށް މި ޤާނޫނުގެ 136 ވަނަ މާއްދާގެ ދަށުން ދަޢުވާއަށް އެއްބަސްވާކަމުގެ ލިޔުން ކޯޓަށް ހުށަހެޅިދާނެއެވެ. ނުވަތަ މި ޤާނޫނުގެ 137 ވަނަ މާއްދާ ނުވަތަ 138 ވަނަ މާއްދާ ނުވަތަ 139 ވަނަ މާއްދާގެ ދަށުން ދަޢުވާއަށް އެއްބަސްވެވިދާނެއެވެ.
    • (ނ) މި މާއްދާގެ (ށ) ގައި ބަޔާންކުރާ ޙާލަތުގައި ޢަމަލުކުރަންވާނީ، ކަނޑައެޅިފައިވާ އަސްލު މުއްދަތުގައި ދަޢުވާއަށް އެއްބަސްވެއްޖެނަމަ ޢަމަލުކުރަންޖެހޭ އިޖުރާއަތާ އެއްގޮތަށެވެ.
  • 135. : ޙުކުމްކޮށްދިނުމަށް ކޯޓުގައި އެދުން
    • (ހ) މި ޤާނޫނުގެ 133 ވަނަ މާއްދާގެ (ށ) ގެ ދަށުން ދަޢުވާލިބޭ ފަރާތުން ލިޔުމުން ދަޢުވާއަށް އެއްބަސްވެއްޖެނަމަ، އެ ފަރާތުގެ އެއްބަސްވުމުގެ މައްޗަށް ބިނާކޮށް ޙުކުމް ކޮށްދިނުމަށް ދަޢުވާކުރާ ފަރާތަށް އެދެވިދާނެއެވެ.
    • (ށ) މި މާއްދާގެ ދަށުން ކޯޓުން ޙުކުމްކުރަންވާނީ، ދަޢުވާއަށް އެއްބަސްވި އެއްބަސްވުމުގެ މައްޗަށް ބިނާކޮށް، ދަޢުވާކުރާ ފަރާތަށް ޙައްޤުވާކަމަށް ކޯޓަށް ޤަބޫލުކުރެވޭ ފަރުވާއެއް ދިނުމަށެވެ.
  • 136. : ވަކި ޢަދަދެއްގެ ފައިސާ ހޯދުމަށް ދަޢުވާކޮށްފައިވާ މައްސަލަތަކުގައި މުޅި ދަޢުވާއަށް އެއްބަސްވުން
    • (ހ) ވަކި ޢަދަދެއްގެ ފައިސާ ހޯދުމަށް ދަޢުވާކޮށްފައިވާ މައްސަލަތަކުގައި މުޅި ދަޢުވާއަށް އެއްބަސްވުމަށްޓަކައި ދަޢުވާލިބޭ ފަރާތުން މުޅި ދަޢުވާއަށް އެއްބަސްވިކަމުގެ ލިޔުމެއް ކޯޓަށް ފޮނުވަންވާނެއެވެ.
    • (ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދައިން ދަޢުވާލިބޭ ފަރާތުން ދަޢުވާއަށް އެއްބަސްވާކަން ބަޔާންކުރާ ލިޔުން ކޯޓަށް ހުށަހެޅުމުން، ކޯޓުން އެ ލިޔުން ދަޢުވާކުރާ ފަރާތަށް ފޮނުވަންވާނެއެވެ. އަދި އެ ލިޔުން ދަޢުވާކުރާ ފަރާތަށް ލިބުމުން، މައްސަލައިގައި ޙުކުމް ކޮށްދިނުން އެދި ދަޢުވާކުރާ ފަރާތަށް ހުށަހެޅިދާނެއެވެ. އަދި އެފަދަ ޙާލަތެއްގައި:
      • (1) ދަޢުވާލިބޭ ފަރާތުން ފައިސާ ދެއްކުމަށް ވަކި މުއްދަތަކަށް އެދިފައިނުވާނަމަ ޢަމަލުކުރާނީ، މި މާއްދާގެ (ނ) އިން ފެށިގެން (ބ) ގެ ނިޔަލަށް ބަޔާންކޮށްފައިވާ އިޖުރާއަތުތަކާ އެއްގޮތަށެވެ.
      • (2) ދަޢުވާލިބޭ ފަރާތުން ފައިސާ ދެއްކުމަށް ވަކި މުއްދަތަކަށް އެދިފައިވާނަމަ ޢަމަލުކުރާނީ، މި ޤާނޫނުގެ 141 ވަނަ މާއްދާގައިވާ އިޖުރާއަތާ އެއްގޮތަށެވެ.
    • (ނ) ދަޢުވާކުރާ ފަރާތުން ކޯޓުގައި ޙުކުމް ކޮށްދިނުމަށް އެދޭއިރު، އަންނަނިވި ކަންކަން ބަޔާންކުރެވިދާނެއެވެ.
      • (1) ފައިސާގެ ޖުމްލަ ޢަދަދު ދައްކާ ޚަލާޞްކުރަންޖެހޭނެ އެންމެ ފަހުގެ ތާރީޚު؛
      • (2) ވަކި މުއްދަތަކަށް ބަހާލައިގެން ފައިސާ ދައްކާނަމަ، ފައިސާ ދައްކަންޖެހޭ ވަގުތުތަކާއި ފައިސާ ބަހާލާ ރޭޓުތައް.
    • (ރ) މައްސަލައިގައި ޙުކުމްކުރަންވާނީ ދަޢުވާކުރި ޢަދަދުގެ ތެރެއިން އެއްވެސް ފައިސާއެއް ދައްކާފައިވާނަމަ، އެ ފައިސާ އުނިކުރުމަށްފަހު ޖެހޭ ޢަދަދާއި ޝަރީޢަތުގެ ޚަރަދުތައް އަންނަނިވި ގޮތަށް ދެއްކުމަށެވެ.
      • (1) ދަޢުވާކުރާ ފަރާތުން ކޯޓުގައި ޙުކުމްކޮށްދިނުމަށް އެދޭއިރު ބަޔާންކޮށްފައިވާ ތާރީޚުގެ ކުރިން އެ ރޭޓުގައި ފައިސާ ދެއްކުމަށް؛
      • (2) ދަޢުވާކުރާ ފަރާތުން ކޯޓުގައި ޙުކުމްކޮށްދިނުމަށް އެދޭއިރު ފައިސާ ދައްކާނެ ގޮތުގެ ތަފްޞީލުތައް ބަޔާންކޮށްފައި ނެތްނަމަ، ވަގުތުން ފައިސާ ދެއްކުމަށް.
  • 137. : ވަކި ޢަދަދެއްގެ ފައިސާ ހޯދުމަށް ދަޢުވާކޮށްފައިވާ މައްސަލަތަކުގައި ދަޢުވާގެ ވަކި ބަޔަކަށް އެއްބަސްވުން
    • (ހ) ވަކި ޢަދަދެއްގެ ފައިސާ ހޯދުމަށް ދަޢުވާކޮށްފައިވާ މައްސަލަތަކުގައި ދަޢުވާގެ ވަކި ބަޔަކަށް އެއްބަސްވުމަށްޓަކައި ދަޢުވާލިބޭ ފަރާތުން ދަޢުވާގެ ބަޔަކަށް އެއްބަސްވާކަމުގެ ލިޔުމެއް ކޯޓަށް ފޮނުވަންވާނެއެވެ.
    • (ށ) ދަޢުވާލިބޭ ފަރާތުން ދަޢުވާއަށް އެއްބަސްވިކަމުގެ ލިޔުން ކޯޓަށް ހުށަހެޅުމުން އެ ލިޔުން ދަޢުވާކުރާ ފަރާތަށް ފޮނުވަންވާނެއެވެ. ދަޢުވާކުރާ ފަރާތަށް އެ ލިޔުން ލިބުމުން، ތިރީގައިވާ ގޮތްތަކުގެ ތެރެއިން ދަޢުވާކުރާ ފަރާތުން އިޚްތިޔާރުކުރާ ގޮތެއް ބަޔާންކުރުމަށްފަހު ކޯޓަށް އަންގަންވާނެއެވެ.
      • (1) ދަޢުވާލިބޭ ފަރާތުން ދެއްކުމަށް އެއްބަސްވެފައިވާ ޢަދަދު ދަޢުވާކުރާ ފަރާތުން ޤަބޫލުކުރުން؛
      • (2) ދަޢުވާލިބޭ ފަރާތުން ދެއްކުމަށް އެއްބަސްވެފައިވާ ޢަދަދު ދަޢުވާކުރާ ފަރާތުން ޤަބޫލުނުކޮށް، ޝަރީޢަތުގެ މަރުޙަލާގައި މައްސަލަ ކުރިއަށްގެންދިއުމަށް އެދުން؛ ނުވަތަ
      • (3) ދަޢުވާލިބޭ ފަރާތުން ފައިސާ ދެއްކުމަށް އިތުރު މުއްދަތަކަށް އެދިފައިވާ ޙާލަތުގައި، ދަޢުވާކުރާ ފަރާތުން ދަޢުވާލިބޭ ފަރާތުން ދައްކަން އެއްބަސްވި ޢަދަދު ޤަބޫލުކުރިނަމަވެސް ފައިސާ ދެއްކުމަށް ހުށަހަޅާފައިވާ ގޮތަށް އެއްބަސްނުވުން.
    • (ނ) ދަޢުވާކުރާ ފަރާތަށް މި މާއްދާގެ (ށ) ގެ ދަށުން ކޯޓުން އެންގުމެއް އަންގާތާ 14 (ސާދަ) ދުވަހުގެ ތެރޭގައި އަންނަނިވި ކަންކަން ފުރިހަމަކުރަންވާނެއެވެ.
      • (1) ދަޢުވާކުރާ ފަރާތުން އެދޭގޮތް ކޯޓަށް އެންގުން؛ އަދި
      • (2) ދަޢުވާކުރާ ފަރާތުން އެދުނު ގޮތްތައް ކޯޓުން ދަޢުވާލިބޭ ފަރާތަށް އެންގުން.
    • (ރ) ދަޢުވާކުރާ ފަރާތަށް ނޯޓިސް ލިބޭތާ 14 (ސާދަ) ދުވަހުގެ ތެރޭގައި ދަޢުވާކުރާ ފަރާތުން އެދޭގޮތް ކޯޓަށް އަންގާފައިނުވާނަމަ، ދަޢުވާ ކުރިއަށް ގެންދަންވާނެއެވެ.
    • (ބ) ދަޢުވާލިބޭ ފަރާތުން ދެއްކުމަށް އެއްބަސްވެފައިވާ ޢަދަދު ދަޢުވާކުރާ ފަރާތުން ޤަބޫލުކުރާނަމަ، މައްސަލައިގައި ޙުކުމް ކޮށްދިނުން އެދި ދަޢުވާކުރާ ފަރާތަށް ކޯޓުގައި އެދެވިދާނެއެވެ. އަދި އެފަދަ ޙާލަތެއްގައި:
      • (1) ދަޢުވާލިބޭ ފަރާތުން ފައިސާ ދެއްކުމަށް ވަކި މުއްދަތަކަށް އެދިފައިނުވާނަމަ، ޢަމަލުކުރާނީ މި މާއްދާގެ (ޅ) އިން ފެށިގެން (ކ) ގެ ނިޔަލަށް ބަޔާންކޮށްފައިވާ އިޖުރާއަތުތަކާ އެއްގޮތަށެވެ.
      • (2) ދަޢުވާލިބޭ ފަރާތުން ފައިސާ ދެއްކުމަށް ވަކި މުއްދަތަކަށް އެދިފައިވާނަމަ، ޢަމަލުކުރާނީ މި ޤާނޫނުގެ 141 ވަނަ މާއްދާގައިވާ އިޖުރާއަތާ އެއްގޮތަށެވެ.
    • (ޅ) ދަޢުވާކުރާ ފަރާތުން ކޯޓުގައި ޙުކުމް ކޮށްދިނުމަށް އެދޭއިރު، އަންނަނިވި ކަންކަން ފާހަގަކުރެވިދާނެއެވެ.
      • (1) ފައިސާގެ ޖުމްލަ ޢަދަދު ދައްކާ ޚަލާޞްކުރަންޖެހޭ އެންމެ ފަހުގެ ތާރީޚު؛ ނުވަތަ
      • (2) ވަކި މުއްދަތަކަށް ބަހާލައިގެން ފައިސާ ދައްކާނަމަ، ފައިސާ ދައްކަންޖެހޭ ވަގުތުތަކާއި ފައިސާ ބަހާލެވޭ ގޮތް.
    • (ކ) މައްސަލައިގައި ޙުކުމްކުރަންވާނީ ދަޢުވާކުރި ޢަދަދުން އެއްވެސް ފައިސާއެއް ދައްކާފައިވާނަމަ އެ ފައިސާ އުނިކުރުމަށްފަހު ޖެހޭ ޢަދަދާއި ޝަރީޢަތުގެ ޚަރަދުތައް އަންނަނިވި ގޮތަށް ދެއްކުމަށް ކަނޑައެޅުމާ އެކުގައެވެ.
      • (1) ދަޢުވާކުރާ ފަރާތުން ކޯޓުގައި ޙުކުމްކޮށްދިނުމަށް އެދޭއިރު ބަޔާންކޮށްފައިވާ ތާރީޚުގެ ކުރިން އެއްބަސްވެފައިވާ ޢަދަދަށް، އަދި ގޮތަށް ފައިސާ ދެއްކުމަށް؛ ނުވަތަ
      • (2) ދަޢުވާކުރާ ފަރާތުން ކޯޓުގައި ޙުކުމްކޮށްދިނުމަށް އެދޭއިރު ފައިސާ ދައްކާނެ ގޮތުގެ ތަފްޞީލުތައް ބަޔާންކޮށްފައި ނެތްނަމަ، ވަގުތުން ފައިސާ ދެއްކުމަށް.
  • 138. : ހޯދަން އެދޭ ފައިސާގެ ޢަދަދު ބަޔާން ކޮށްފައިނުވާ ދަޢުވާގައި މުޅި ޢަދަދު ދެއްކުމަށް އެއްބަސްވުން
    • (ހ) ހޯދަން އެދޭ ފައިސާގެ ޢަދަދު ބަޔާންކޮށްފައިނުވާ ދަޢުވާއެއްގައި މުޅި ޢަދަދު ދެއްކުމަށް ދަޢުވާލިބޭ ފަރާތުން އެއްބަސްވާނަމަ، އެކަން ދަޢުވާލިބޭ ފަރާތުން ކޯޓަށް އަންގަންވާނެއެވެ.
    • (ށ) ދަޢުވާލިބޭ ފަރާތުން ފައިސާ ދެއްކުމަށްއެއްބަސްވިކަމުގެ ލިޔުން މި މާއްދާގެ (ހ) ގެ ދަށުން ކޯޓަށް ހުށަހެޅުމުން ދަޢުވާކުރާ ފަރާތަށް އެކަން ކޯޓުން އަންގަންވާނެއެވެ.
    • (ނ) މި މާއްދާގެ (ށ) ގައި ބަޔާންކުރާ ނޯޓިސް ދަޢުވާކުރާ ފަރާތަށް ލިބޭތާ 14 (ސާދަ) ދުވަހުގެ ތެރޭގައި އެ އެންގުމަށް ޖަވާބުދޭންވާނެއެވެ. އަދި އެފަދައިން އެ އެންގުމަށް ޖަވާބު ފޮނުވާފައިނުވާނަމަ ކޯޓުން ދަޢުވާ ކުރިއަށްގެންދަންވާނެއެވެ.
    • (ރ) މައްސަލައިގައި ޙުކުމްކުރަންވާނީ ފައިސާ ދައްކަންޖެހޭނެ ކަމަށް ކޯޓުން ނިންމާ ޢަދަދާއި ޝަރީޢަތުގެ ޚަރަދުގެ ގޮތުގައި ދެއްކުމަށް އަންގާ ފައިސާ ދެއްކުމަށް ކަނޑައެޅުމާ އެކުގައެވެ.
  • 139. : ހޯދަން އެދޭ ފައިސާގެ ޢަދަދު ބަޔާންނުކޮށް ދަޢުވާކޮށްފައިވާ މައްސަލަތަކުގައި ދަޢުވާއަށް އެކަށީގެންވާ ޢަދަދެއް ދެއްކުމަށް އެއްބަސްވުން
    • (ހ) ހޯދަން އެދޭ ފައިސާގެ ޢަދަދު ބަޔާންނުކޮށް ދަޢުވާކޮށްފައިވާ މައްސަލަތަކުގައި ދަޢުވާއަށް އެކަށީގެންވާ ޢަދަދެއް ދެއްކުމަށް ދަޢުވާލިބޭ ފަރާތުން އެއްބަސްވާނަމަ، އެކަމުގެ ލިޔުމެއް ކޯޓަށް ހުށަހަޅަންވާނެއެވެ.
    • (ށ) ދަޢުވާލިބޭ ފަރާތުން ފައިސާ ދެއްކުމަށް އެއްބަސްވިކަމުގެ ލިޔުން މި މާއްދާގެ (ހ) ގެ ދަށުން ކޯޓަށް ހުށަހެޅުމުން، ދަޢުވާކުރާ ފަރާތަށް އެކަން ކޯޓުން އަންގަންވާނެއެވެ.
    • (ނ) ދަޢުވާކުރާ ފަރާތަށް މި މާއްދާގެ (ށ) ގައި ބަޔާންކުރާ ނޯޓިސް ލިބޭތާ 14 (ސާދަ) ދުވަހުގެ ތެރޭގައި އެ އެންގުމަށް ޖަވާބުދޭންވާނެއެވެ. އަދި އެފަދައިން އެންގުމަށް ޖަވާބު ފޮނުވާފައިނުވާނަމަ، ދަޢުވާ ކުރިއަށްގެންދަންވާނެއެވެ.
    • (ރ) ދަޢުވާލިބޭ ފަރާތުގެ ހުށަހެޅުން ދަޢުވާކުރާ ފަރާތުން ޤަބޫލުކުރާނަމަ، މައްސަލައިގައި ޙުކުމް ކޮށްދިނުން އެދި ދަޢުވާކުރާ ފަރާތަށް ކޯޓުގައި އެދެވިދާނެއެވެ. އަދި އެފަދަ ޙާލަތެއްގައި:
      • (1) ދަޢުވާލިބޭ ފަރާތުން ފައިސާ ދެއްކުމަށް ވަކި މުއްދަތަކަށް އެދިފައިނުވާނަމަ، ޢަމަލުކުރާނީ، މި މާއްދާގެ (ބ) އިން ފެށިގެން (އ) ގެ ނިޔަލަށް ހުރި މާއްދާތަކުގައި ބަޔާންކޮށްފައިވާ އިޖުރާއަތާ އެއްގޮތަށެވެ.
      • (2) ދަޢުވާލިބޭ ފަރާތުން ފައިސާ ދެއްކުމަށް ވަކި މުއްދަތަކަށް އެދިފައިވާނަމަ، ޢަމަލުކުރާނީ، މި ޤާނޫނުގެ 141 ވަނަ މާއްދާގައިވާ އިޖުރާއަތާ އެއްގޮތަށެވެ.
    • (ބ) ދަޢުވާކުރާ ފަރާތުން ކޯޓުގައި ޙުކުމް ކޮށްދިނުމަށް އެދޭއިރު، އަންނަނިވި ކަންކަން ފާހަގަކުރެވިދާނެއެވެ.
      • (1) ފައިސާގެ ޖުމްލަ ޢަދަދު ދައްކާ ޚަލާޞްކުރަންޖެހޭ އެންމެ ފަހުގެ ތާރީޚު؛ ނުވަތަ
      • (2) ވަކި މުއްދަތަކަށް ބަހާލައިގެން ފައިސާ ދައްކާނަމަ، ފައިސާ ދައްކަންޖެހޭ ވަގުތުތަކާއި ފައިސާ ބަހާލެވޭ ގޮތް.
    • (ޅ) މައްސަލައިގައި ޙުކުމްކުރަންވާނީ ދަޢުވާލިބޭ ފަރާތުން ދެއްކުމަށް ހުށަހެޅި ޢަދަދުން އެއްވެސް ފައިސާއެއް ދައްކާފައިވާނަމަ، އެ ފައިސާ އުނިކުރުމަށްފަހުޖެހޭ ޢަދަދާއި ޝަރީޢަތުގެ ޚަރަދު އަންނަނިވި ގޮތަށް ދެއްކުމަށް ކަނޑައެޅުމާއެކުގައެވެ.
      • (1) ދަޢުވާކުރާ ފަރާތުން ކޯޓުގައި ޙުކުމްކޮށްދިނުމަށް އެދޭއިރު ބަޔާންކޮށްފައިވާ ތާރީޚުގެ ކުރިން އެ ރޭޓުގައި ފައިސާ ދެއްކުމަށް؛ ނުވަތަ
      • (2) ދަޢުވާކުރާ ފަރާތުން ކޯޓުގައި ޙުކުމްކޮށްދިނުމަށް އެދޭއިރު ފައިސާ ދައްކާނެ ގޮތުގެ ތަފްޞީލުތައް ބަޔާންކޮށްފައި ނެތްނަމަ، ވަގުތުން ފައިސާ ދެއްކުމަށް.
    • (ކ) ދަޢުވާލިބޭ ފަރާތުން ދެއްކުމަށް ހުށަހެޅި ޢަދަދު ދަޢުވާކުރާ ފަރާތުން ޤަބޫލުނުކުރާނަމަ، ކޯޓުން ޙުކުމްކޮށްދިނުމަށް ދަޢުވާކުރާ ފަރާތަށް ހުށަހެޅިދާނެއެވެ.
    • (އ) މި މާއްދާގެ (ކ) ގެ ދަށުން ޙުކުމްކުރަންވާނީ ކޯޓުން ކަނޑައަޅާ ޢަދަދަކާއި ޝަރީޢަތުގެ ޚަރަދުގެ ފައިސާ ދެއްކުމަށެވެ.
  • 140. : އެއްބަސްވުމަކަށް ނާދެވޭ ކަންކަމުގައި ޝަރީޢަތަށް ފޮނުވުން މި ޤާނޫނުގެ 138 ވަނަ މާއްދާއާއި 139 ވަނަ މާއްދާގެ ދަށުން ދައްކަންޖެހޭ ފައިސާގެ ޢަދަދު ކަނޑައެޅުމަށްޓަކައި ކޯޓުން ޙުކުމްކުރާއިރު، ވަކި ކަމަކާމެދު އެއްބަސްވުމަކަށް ނާދެވިއްޖެނަމަ، ކޯޓަށް ފެންނަ އެންމެ އެކަށީގެންވާ ގޮތަކަށް އިރުޝާދުދިނުމާއެކު ކޯޓަށް ފެންނަ އެންމެ ރަނގަޅު ގޮތަކީ މައްސަލަ ޝަރީޢަތަށް ފޮނުވުން ކަމުގައިވާނަމަ، މައްސަލަ ޝަރީޢަތަށް ފޮނުވިދާނެއެވެ.
  • 141. : ފައިސާ ދެއްކުމަށް އިތުރު ވަގުތަށް އެދުން
    • (ހ) މި ޤަނޫނުގެ 136 ވަނަ މާއްދާ ނުވަތަ 137 ވަނަ މާއްދާ ނުވަތަ 139 ވަނަ މާއްދާގެ ދަށުން ދަޢުވާލިބޭ ފަރާތުން ދަޢުވާއަށް އެއްބަސްވާނަމަ، ފައިސާ ދެއްކުމަށް އިތުރު ވަގުތަށް އެފަރާތަށް އެދެވިދާނެއެވެ.
    • (ށ) ފައިސާ ދެއްކުމަށް އިތުރު ވަގުތަށް އެދި ހުށަހަޅާ ހުށަހެޅުމަކީ، ފައިސާ ދައްކާ ޚަލާޞްކުރަންޖެހޭ ތާރީޚާމެދު ގޮތެއް ނިންމުމަށް ނުވަތަ ވަކި މުއްދަތަކަށް ބަހާލައިގެން ފައިސާ ދައްކާއިރު، ފައިސާ ދައްކަންޖެހޭ ވަގުތުތަކާއި ދައްކަންޖެހޭ ފައިސާ ބަހާލެވޭ ގޮތާމެދު ގޮތެއް ނިންމުމަށް ހުށަހަޅާ ހުށަހެޅުމެކެވެ.
    • (ނ) ފައިސާ ދެއްކުމަށް އިތުރު ވަގުތަށް އެދި ދަޢުވާލިބޭ ފަރާތުން ކޯޓަށް ހުށަހަޅާ ހުށަހެޅުން، އެފަރާތުން ކޯޓަށް ލިޔުމުން ފޮނުވާފައިވާ އެއްބަސްވުމާއެކު ކޯޓުން ބަލަހައްޓަންވާނެއެވެ.
    • (ރ) ދަޢުވާކުރާ ފަރާތުން ދަޢުވާލިބޭ ފަރާތުގެ ހުށަހެޅުން ޤަބޫލުކުރާނަމަ، މައްސަލައިގައި ޙުކުމްކޮށްދިނުމަށް ކޯޓުގައި އެދެވިދާނެއެވެ.
    • (ބ) މި މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ޙާލަތުގައި ކޯޓުން ޙުކުމްކުރަންވާނީ:
      • (1) މި ޤާނޫނުގެ 136 ވަނަ މާއްދާގެ ދަށުންނަމަ، ދަޢުވާކުރި ޢަދަދުން އެއްވެސް ފައިސާއެއް ދައްކާފައިވާނަމަ އެ ފައިސާ އުނިކުރުމަށްފަހުޖެހޭ ޢަދަދާއި ޝަރީޢަތުގެ ޚަރަދުތައް ދެއްކުމަށް؛
      • (2) މި ޤާނޫނުގެ 137 ވަނަ މާއްދާގެ ދަށުންނަމަ، އެއްބަސްވެފައިވާ ޢަދަދުން އެއްވެސް ފައިސާއެއް ދައްކާފައިވާނަމަ އެ ފައިސާ އުނިކުރުމަށްފަހުޖެހޭ ޢަދަދާއި ޝަރީޢަތުގެ ޚަރަދުތައް ދެއްކުމަށް؛ ނުވަތަ
      • (3) މި ޤާނޫނުގެ 139 ވަނަ މާއްދާގެ ދަށުންނަމަ، ދަޢުވާލިބޭ ފަރާތުން ދެއްކުމަށް ހުށަހަޅާފައިވާ ޢަދަދުން އެއްވެސް ފައިސާއެއް ދައްކާފައިވާނަމަ، އެ ފައިސާ އުނިކުރުމަށްފަހު ޖެހޭ ޢަދަދާއި ޝަރީޢަތުގެ ޚަރަދުތައް ދެއްކުމަށް.
    • (ޅ) މި މާއްދާގެ (ބ) ގައި ބަޔާންކޮށްފައިވާ ހުރިހާ ޙާލަތެއްގައިވެސް ޙުކުމްކުރަންވާނީ ދަޢުވާލިބޭ ފަރާތުން ފައިސާ ދެއްކުމަށް އިތުރު ވަގުތަށް އެދި ހުށަހަޅާފައިވާ ހުށަހެޅުމުގައި ބަޔާންކޮށްފައިވާ ތާރީޚާއި ރޭޓުގައި ފައިސާ ދެއްކުމަށެވެ.
  • 142. : ފައިސާ ދައްކަންޖެހޭ ގޮތް ކަނޑައެޅުން
    • (ހ) މި ޤާނޫނުގެ 141 ވަނަ މާއްދާގެ ދަށުން ދަޢުވާލިބޭ ފަރާތުން ފައިސާ ދެއްކުމަށް އިތުރު ވަގުތަށް އެދޭ ޙާލަތުގައި، ދަޢުވާލިބޭ ފަރާތުން ފައިސާ ދެއްކުމަށް ހުށަހަޅާފައިވާ ހުށަހެޅުން ދަޢުވާކުރާ ފަރާތުން ޤަބޫލުނުކުރާނަމަ، ދަޢުވާކުރާ ފަރާތުން އެކަން ކޯޓަށް އަންގަންވާނެއެވެ.
    • (ށ) ދަޢުވާލިބޭ ފަރާތުން ފައިސާ ދެއްކުމަށް ހުށަހަޅާފައިވާ ހުށަހެޅުން ދަޢުވާކުރާ ފަރާތުން ޤަބޫލުކުރާނަމަ، ދަޢުވާލިބޭ ފަރާތުން ދެއްކުމަށް އެއްބަސްވި ޢަދަދު، ކޯޓުން ކަނޑައަޅާ ތާރީޚެއްގެ ކުރިން ވަކި މިންވަރަކަށް ބަހާލައިގެން ދެއްކުމަށް ކޯޓުން ޙުކުމްކުރަންވާނެއެވެ.
  • 143. : ފައިސާ ދައްކަންޖެހޭ ގޮތް ކޯޓުން ކަނޑައެޅުން
    • (ހ) ފައިސާ ދައްކަންޖެހޭ ތާރީޚާއި ގޮތް ކޯޓުން ކަނޑައެޅުމުގައި އަޑުއެހުމެއް ބޭއްވުން ލާޒިމެއް ނޫނެވެ.
    • (ށ) ފައިސާ ދައްކަންޖެހޭ ތާރީޚާއި ގޮތް ކަނޑައެޅުމަށްޓަކައި އަޑުއެހުމެއް ބާއްވާނަމަ، ކޮންމެ ޚަޞްމަކަށްވެސް އަޑުއެހުން އޮންނަ ތާރީޚުގެ 7 (ހަތެއް) ދުވަސް ކުރިން އެކަމުގެ ނޯޓިސް ކޯޓުން ދޭންވާނެއެވެ.
  • 144. : ފައިސާ ދައްކަންޖެހޭ ތާރީޚާއި ގޮތް އަލުން ކަނޑައަޅައި ދިނުމަށް އެދުން
    • (ހ) މި ޤާނޫނުގެ 143 ވަނަ މާއްދާގެ ދަށުން ފައިސާ ދައްކަންޖެހޭ ތާރީޚާއި ގޮތް ކޯޓުން ކަނޑައަޅާފައިވަނީ އަޑުއެހުމެއް ބޭއްވުމަކާ ނުލައިނަމަ، ކޮންމެ ޚަޞްމަކަށްވެސް މައްސަލައިގައި އަލުން ގޮތެއް ކަނޑައަޅައިދިނުމަށް އެދި ހުށަހެޅިދާނެއެވެ.
    • (ށ) މި މާއްދާގެ (ހ) ގެ ދަށުން ހުށަހަޅާ ހުށަހެޅުމެއް ހުށަހަޅަންޖެހޭނީ ކޯޓުން ކަނޑައެޅިގޮތް މި މާއްދާގެ (ހ) ގެ ދަށުން މައްސަލަ ހުށަހަޅާ ފަރާތަށް ލިޔުމުން އަންގާތާ 14 (ސާދަ) ދުވަހުގެ ތެރޭގައެވެ.
  • 145. : އިންޓްރެސްޓް ދެއްކުން މި ޤާނޫނުގެ 136 ވަނަ މާއްދާގެ ދަށުން ދަޢުވާއަށް އެއްބަސްވާ ޙާލަތުގައި ޙުކުމްކުރާނަމަ، އަންނަނިވި ޝަރުޠުތައް ފުރިހަމަވާނަމަ ދައްކަންޖެހޭ ފައިސާގެ ޢަދަދުގެ ތެރޭގައި އިންޓްރެސްޓްގެ ޢަދަދު ހިމެނޭނެއެވެ.
    • (ހ) މި ޤާނޫނުގެ 92 ވަނަ މާއްދާގެ ދަށުން ހިމަނަންޖެހޭ ތަފްޞީލުތައް ދަޢުވާގެ ތަފްޞީލުގައި ހިމަނާފައިވުން؛
    • (ށ) އިންޓްރެސްޓް ރޭޓް %8 (އަށް އިންސައްތަ) އަށްވުރެ އިތުރުނުވުން؛ އަދި
    • (ނ) ދަޢުވާކުރާ ފަރާތުން ޙުކުމްކުރުމަށް އެދި ހުށަހަޅާ ހުށަހެޅުމުގައި، ދަޢުވާ ފޯމުގައި އިންޓްރެސްޓް ހިސާބުކުރެވުނު ދުވަހުން ފެށިގެން ޙުކުމްކުރާ ދުވަހާ ހަމައަށް އިންޓްރެސްޓް ހިސާބުކުރި ގޮތުގެ ތަފްޞީލު ހިމެނިފައިވުން.
  • 146. : ދިފާޢު ހުށަހެޅުން
    • (ހ) ދަޢުވާލިބޭ ފަރާތުގެ މައްޗަށް މި ޤާނޫނުގެ ހަތްވަނަ ބާބު [ދަޢުވާކުރުން] ގައިވާ ގޮތުގެމަތިން ދަޢުވާއެއް ހުށަހެޅުމާއެކު، މުޅި ދަޢުވާ ނުވަތަ ދަޢުވާގެ ބައެއް ދިފާޢުކުރުމަށް ދަޢުވާލިބޭ ފަރާތުން އެދޭނަމަ، އެ ދިފާޢު މި ބާބުގައިވާ ގޮތުގެމަތިން ކޯޓަށް ހުށަހަޅަންވާނެއެވެ.
    • (ށ) އަންނަނިވި ޙާލަތްތަކުގައި މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތަށް ދިފާޢު ހުށަހަޅާކަށް ނުޖެހޭނެއެވެ.
      • (1) މި ޤާނޫނުގެ 118 ވަނަ މާއްދާގެ ދަށުން ކޯޓުގެ އިޚްތިޞާޞްއާމެދު ސުވާލުއުފައްދައި ދަޢުވާލިބޭ ފަރާތުން ކޯޓަށް ހުށަހަޅާފައިވާނަމަ؛ އަދި
      • (2) ދަޢުވާލިބޭ ފަރާތުން ދިފާޢު ހުށަހެޅުމުގެ ކުރިން މި ޤާނޫނުގެ 173 ވަނަ މާއްދާގެ (ހ) ގެ ދަށުން ޝަރީޢަތް ހިންގުމަކާ ނުލައި މައްސަލައިގެ ޙުކުމްކޮށްދިނުމަށް އެދި ދަޢުވާކުރާ ފަރާތުން ހުށަހަޅާފައިވާނަމަ، އެކަމާމެދު ގޮތެއް ނިންމުމުގެ ކުރިން.
  • 147. : ދިފާޢުގައި ހިމަނަންޖެހޭ ކަންކަން
    • (ހ) ދަޢުވާލިބޭ ފަރާތުން ހުށަހަޅާ ދިފާޢެއްގައި، އަންނަނިވި ކަންކަން ހިމަނަންވާނެއެވެ.
      • (1) ދަޢުވާގެ ތަފްޞީލުގައި ހިމަނާފައިވާ ކަންކަމުގެ ތެރެއިން ދަޢުވާލިބޭ ފަރާތުން އިންކާރުކުރާ ކަންކަން؛ އަދި
      • (2) ދަޢުވާގެ ތަފްޞީލުގައި ހިމަނާފައިވާ ކަންކަމުގެ ތެރެއިން ދަޢުވާލިބޭ ފަރާތުން އެއްބަސްވާ ކަންކަން؛
      • (3) ދަޢުވާގެ ތަފްޞީލުގައި ހިމެނޭ ތުހުމަތުތަކުގެ ތެރެއިން ދަޢުވާލިބޭ ފަރާތަށް އެއްބަސްވެވެން ނުވަތަ އިންކާރުކުރެވެން ނެތް، އެހެންނަމަވެސް ދަޢުވާކުރާ ފަރާތުން ސާބިތުކޮށްދިނުމަށް އެދޭ ކަންކަން.
    • (ށ) ދަޢުވާ ފޯމުގައި ބަޔާންކޮށްފައިވާ ކަންކަމަށް ދަޢުވާލިބޭ ފަރާތުން އިންކާރުކުރާނަމަ، އެކަމުގެ ސަބަބު ބަޔާންކުރުމާއެކު، އެ މަސައްލައިގެ ކަން ހިނގާފައިވާ ގޮތްކަމަށް ދަޢުވާލިބޭ ފަރާތުން ހުށަހަޅާ ގޮތް ބަޔާންކޮށްފައި އޮންނަންވާނެއެވެ.
    • (ނ) ދަޢުވާ ފޯމުގައި ބަޔާންކޮށްފައިވާ ކަންކަމަށް ދަޢުވާލިބޭ ފަރާތުން ދިފާޢެއް ހުށަހަޅާފައި ނެތްނަމަވެސް، ދަޢުވާ ފޯމުގައި ބަޔާންކޮށްފައިވާ ކަންކަމާމެދު ދަޢުވާލިބޭ ފަރާތުން ދެކޭގޮތް ބަޔާންކޮށްފައިވާނަމަ، އެކަންކަން އެ ފަރާތުން ސާބިތުކޮށްދޭންވާނެއެވެ.
    • (ރ) ފައިސާއާގުޅޭ ދަޢުވާއެއްނަމަ، އެ ފައިސާއަކީ އޭނާ ދައްކަންޖެހޭ ފައިސާއެއް ކަމަށް ދަޢުވާލިބޭ ފަރާތުން ސީދާ އެއްބަސްވެފައިނުވާނަމަ، އެ ފައިސާއަކީ ދަޢުވާލިބޭ ފަރާތުން ދައްކަންޖެހޭ ފައިސާއެއްކަން ދަޢުވާކުރާ ފަރާތުން ސާބިތުކޮށްދޭންވާނެއެވެ.
    • (ބ) މި މާއްދާގެ (ނ) އަދި (ރ) ގައިވާ ގޮތުގެމަތިން، ދަޢުވާލިބޭ ފަރާތުން ދަޢުވާ ފޯމުގައި ހިމެނޭ ވަކި ކަމަކަށް އިންކާރުކޮށްފައިނުވާނަމަ ބަލާނީ އެފަރާތުން އެކަންކަމަށް އެއްބަސްވީ ކަމުގައެވެ.
    • (ޅ) ދަޢުވާކުރާ ފަރާތުން މި ޤާނޫނުގެ 92 ވަނަ މާއްދާގެ ދަށުން ހުށަހަޅާފައިވާ ފައިސާގެ ދައްކަންޖެހޭ މިންވަރު ބަޔާންކުރާ ލިޔުމަށް ދަޢުވާލިބޭ ފަރާތުން އިންކާރުކުރާނަމަ، އެކަމުގެ ސަބަބު ބަޔާންކުރަންވާނެއެވެ. އަދި އޭގެ ރައްދުގައި ދަޢުވާލިބޭ ފަރާތުން ތައްޔާރުކޮށްފައިވާ ފައިސާގެ ޢަދަދު ބަޔާންކުރާ ލިޔުމެއް ހުށަހަޅަންވާނެއެވެ.
    • (ކ) ދަޢުވާލިބޭ ފަރާތުން ދިފާޢު ހުށަހަޅަނީ އެހެން ފަރާތެއް ތަމްސީލުކުރުމުގެ ހައިސިއްޔަތުންނަމަ، އެފަރާތުގެ ހައިސިއްޔަތު ބަޔާންކުރަންވާނެއެވެ.
    • (އ) ދަޢުވާލިބޭ ފަރާތުން ދަޢުވާ ފޯމާ ޙަވާލުވިކަން އަންގާ ލިޔުން ހުށަހަޅާފައިނުވާނަމަ، ދަޢުވާގެ ދިފާޢު ހުށަހަޅާއިރު، ދަޢުވާލިބޭ ފަރާތަށް ކޯޓުން ލިޔެކިޔުން ފޮނުވަންވީ އެޑްރެސް ބަޔާންކުރަންވާނެއެވެ.
  • 148. : އަޅައިކެނޑުމުގެ ދިފާޢު ދަޢުވާލިބޭ ފަރާތަށް ދަޢުވާކުރާ ފަރާތުގެ ކިބައިން ލިބެންޖެހޭ ފައިސާއެއް ވާކަމަށް ދަޢުވާލިބޭ ފަރާތުން ބަޔާންކުރާނަމަ، އަދި މުޅި ދަޢުވާ ނުވަތަ ދަޢުވާގެ ބަޔަކާ ގުޅިގެން އެ ދިފާޢަށް ބަރޯސާވާނަމަ، އެކަން އޭނާ ހުށަހަޅާ ދިފާޢުގައި ބަޔާންކޮށް، އެ ފައިސާ ދަޢުވާކުރާ ފަރާތުން ހޯދުމަށް އެދޭ ފައިސާއިން އަޅައިކެނޑިދާނެއެވެ.
  • 149. : ދިފާޢެއް ހުށަނޭޅުމުގެ ނަތީޖާ ދަޢުވާލިބޭ ފަރާތުން މި ބާބުގައިވާ ގޮތުގެމަތިން ދަޢުވާގެ ދިފާޢު ހުށަހަޅާފައިނުވާނަމަ، އަދި މި ޤާނޫނުގެ އެގާރަވަނަ ބާބު [ޣައިރު ޙާޟިރުގައި ކުރާ ޙުކުމް] ގައި ބަޔާންކުރާ ޝަރުޠުތައް ފުރިހަމަވާނަމަ، ދަޢުވާލިބޭ ފަރާތުގެ ޣައިރު ޙާޟިރުގައި ޙުކުމްކޮށްދިނުމަށް އެދި ދަޢުވާކުރާ ފަރާތަށް ހުށަހެޅިދާނެއެވެ.
  • 150. : ދިފާޢު ހުށަހެޅުމުގެ މުއްދަތު
    • (ހ) ޢާންމު ޙާލަތްތަކުގައި، ދިފާޢެއް ހުށަހެޅުމުގެ މުއްދަތަކީ:
      • (1) ދަޢުވާ ފޯމު ލިބޭތާ 14 (ސާދަ) ދުވަސް؛ ނުވަތަ
      • (2) ދަޢުވާލިބޭ ފަރާތުން ދަޢުވާ ފޯމާ ޙަވާލުވިކަން އަންގާ ލިޔުން ހުށަހަޅާފައިވާނަމަ، ދަޢުވާގެ ލިޔުން ދަޢުވާލިބޭ ފަރާތަށް ލިބޭތާ 28 (އަށާވީސް) ދުވަސް.
    • (ށ) ދަޢުވާ ފޯމު ފޮނުވާފައިވަނީ ދިވެހިރާއްޖޭން ބޭރަށް ކަމުގައިވާނަމަ، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މުއްދަތުތަކަށް 14 (ސާދަ) ދުވަސް އިތުރުވާނެއެވެ.
  • 151. : ދިފާޢު ހުށަހެޅުމުގެ މުއްދަތު އިތުރުކުރުމަށް އެއްބަސްވުން
    • (ހ) މި ޤާނޫނުގެ 150 ވަނަ މާއްދާގައި ބަޔާންކުރާ ދިފާޢު ހުށަހެޅުމުގެ މުއްދަތަށް 28 (އަށާވީސް) ދުވަސް އިތުރުކުރުމަށް ދަޢުވާކުރާ ފަރާތާއި ދަޢުވާލިބޭ ފަރާތަށް އެއްބަސްވެވިދާނެއެވެ.
    • (ށ) ދިފާޢު ހުށަހެޅުމަށް ކަނޑައަޅާފައިވާ މުއްދަތު އިތުރުކުރުމަށް ދަޢުވާކުރާ ފަރާތާއި ދަޢުވާލިބޭ ފަރާތުން އެއްބަސްވާނަމަ، ދަޢުވާލިބޭ ފަރާތުން އެކަން ލިޔުމުން ކޯޓަށް އަންގަންވާނެއެވެ.
  • 152. : ދިފާޢުގެ ކޮޕީ ފޮނުވުން ދަޢުވާލިބޭ ފަރާތުން ހުށަހަޅާ ދަޢުވާގެ ދިފާޢުގެ ކޮޕީ، ދަޢުވާކުރާ ފަރާތަށް ކޯޓުން ފޯރުކޮށްދޭންވާނެއެވެ.
  • 153. : ރައްދު ދަޢުވާއެއް ކުރުން ދަޢުވާލިބޭ ފަރާތުން ރައްދު ދަޢުވާއެއް ކުރަން އެދޭނަމަ މި ޤާނޫނުގެ ސާދަވަނަ ބާބު [ރައްދު ދަޢުވާ އަދި އިތުރު ދަޢުވާތައް] ގައި ބަޔާންކޮށްފައިވާ އިޖުރާއަތާ އެއްގޮތްވާ ގޮތުގެމަތިން ރައްދު ދަޢުވާއެއް އުފުލިދާނެއެވެ.
  • 154. : ދިފާޢުގެ ރައްދުގައި ޖަވާބުދިނުން ދަޢުވާލިބޭ ފަރާތުން ހުށަހަޅާ ދިފާޢަށް ދަޢުވާކުރާ ފަރާތުން ރައްދުގައި ޖަވާބުދޭން އެދޭނަމަ، ދަޢުވާގެ ދިފާޢުގެ ކޮޕީ ލިބޭތާ 14 (ސާދަ) ދުވަހުގެ ތެރޭގައި ދަޢުވާގެ ދިފާޢުގެ ރައްދުގައި ދޭ ޖަވާބު ކޯޓަށް ހުށަހަޅަންވާނެއެވެ. އަދި ކޯޓުން ދަޢުވާލިބޭ ފަރާތަށް އެ ޖަވާބު ފޮނުވަންވާނެއެވެ.
  • 155. : ދިފާޢުގެ ރައްދުގައި ޖަވާބު ހުށަހެޅުމާއި ހުށަނޭޅުމުގެ ނަތީޖާ
    • (ހ) ދަޢުވާލިބޭ ފަރާތުން ހުށަހަޅާ ދިފާޢުގެ ރައްދުގައި ދަޢުވާކުރާ ފަރާތުން ރައްދުގައި ޖަވާބެއް ނުދިނުމަކީ ދަޢުވާލިބޭ ފަރާތުން ދިފާޢުގައި ފާހަގަކޮށްފައިވާ ކަންކަމަށް ދަޢުވާކުރާ ފަރާތުން އެއްބަސްވުން ކަމުގައެއް ނުބެލެވޭނެއެވެ.
    • (ށ) ދަޢުވާކުރާ ފަރާތުން ދިފާޢުގެ ރައްދުގައި މި ޤާނޫނުގެ 154 ވަނަ މާއްދާގެ ދަށުން ޖަވާބުދިން ނަމަވެސް، ދަޢުވާލިބޭ ފަރާތުން އޭނާގެ ދިފާޢުގައި ބަޔާންކޮށްފައިވާ ކަމަކަށް ޖަވާބުދާރީވެފައިނުވާނަމަ، އެކަމެއް ދަޢުވާކުރާ ފަރާތުން ސާބިތުކޮށްދޭންޖެހޭނެއެވެ.
    • (ނ) ދަޢުވާލިބޭ ފަރާތުގެ ދިފާޢުގެ ރައްދުގައި ދަޢުވާކުރާ ފަރާތަށް ޖަވާބު ދެވޭނީ އެންމެ ފަހަރަކުއެވެ.
    • (ރ) ދަޢުވާކުރާ ފަރާތުން ދަޢުވާލިބޭ ފަރާތުގެ ދިފާޢަށް ރައްދުދީފިނަމަ، އެއަށް ދަޢުވާލިބޭ ފަރާތުން ޖަވާބުދާރީވުމުގެ ފުރުޞަތު ދޭންވާނެއެވެ. އެހެންނަމަވެސް، ދަޢުވާލިބޭ ފަރާތުން ދޭ ޖަވާބާ ގުޅިގެން ދަޢުވާކުރާ ފަރާތަށް އިތުރު ރައްދެއް ނުދެވޭނެއެވެ.
  • 156. : ރައްދު ބަޔާނަށްފަހު ކޯޓުގެ ހުއްދައާއެކު މެނުވީ އެހެން ބަޔާނެއް ހުށަނޭޅުން ދަޢުވާގެ ދިފާޢުގެ ރައްދުގައި ދަޢުވާކުރާ ފަރާތުން ދޭ ޖަވާބާއި، އެ ޖަވާބަށް ދަޢުވާލިބޭ ފަރާތުން ހުށަހަޅާ ޖަވާބު ހުށަހެޅުމުން، ކޯޓުގެ ހުއްދައާއެކު މެނުވީ އެއްވެސް ޚަޞްމަކަށް ދަޢުވާއާގުޅޭ އެއްވެސް ލިޔުމެއް ހުށައެއްނޭޅެއެވެ.
  • 157. : ފައިސާ ދައްކާ ޚަލާޞްކޮށްފިކަމުގެ ދިފާޢު ހުށަހަޅާ ޙާލަތުގައި ދަޢުވާކުރާ ފަރާތަށް ނޯޓިސްދިނުން
    • (ހ) ޚަރަދާއި އިންޓްރެސްޓް ހޯދުމަށް ކުރާ ދަޢުވާ ފިޔަވައި ދަޢުވާއެއް ކޮށްފައިވަނީ ހަމައެކަނި ވަކި ޢަދަދެއްގެ ފައިސާ ހޯދުމަށް ކަމުގައިވާ ޙާލަތުގައި، އަދި ދަޢުވާލިބޭ ފަރާތުގެ ދިފާޢުގައި އެފަރާތުން ދަޢުވާކުރާ ފަރާތަށް އެ ޢަދަދަށް ފައިސާ ދައްކާފައިވާކަމަށް ބަޔާންކޮށްފިނަމަ، ކޯޓުން ދަޢުވާކުރާ ފަރާތަށް ނޯޓިހެއް ފޮނުވައި، ޝަރީޢަތް ކުރިއަށް ގެންދިއުމަށް ދަޢުވާކުރާ ފަރާތުން ބޭނުންވާކަން ނުވަތަ ނުވާކަން ލިޔުމުން ކޯޓަށް އެންގުމަށް އެފަރާތަށް އަންގަންވާނެއެވެ.
    • (ށ) ދަޢުވާކުރާ ފަރާތުން ޖަވާބުދީފިނަމަ، އެ ޖަވާބުގެ ކޮޕީއެއް ދަޢުވާލިބޭ ފަރާތަށް ކޯޓުން ފޮނުވަންވާނެއެވެ.
    • (ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އެންގުން ކޯޓުން ދަޢުވާކުރާ ފަރާތަށް އަންގާތާ 28 (އަށާވީސް) ދުވަހުގެ ތެރޭގައި އެ ފަރާތުން ކޯޓުގެ އެންގުމާ ގުޅޭގޮތުން ވަކި ޖަވާބެއް ދީފައިނުވާނަމަ، ކޯޓުން ދަޢުވާ ކުރިއަށް ނުގެންގޮސް މަޑުޖައްސާލަންވާނެއެވެ.
    • (ރ) މި މާއްދާގެ (ނ) ގެ ދަށުން ދަޢުވާ ކުރިއަށް ނުގެންދަން ކޯޓުން ނިންމި ނަމަވެސް، ކޮންމެ ޚަޞްމަކަށްވެސް ދަޢުވާ ކުރިއަށް ގެންދިޔުމަށް އެދި ކޯޓަށް ހުށަހެޅިދާނެއެވެ.
  • 158. : ދަޢުވާއަށް ދިފާޢެއް ނުވަތަ އިޢުތިރާފެއް ހުށަހަޅާފައި ނުވާނަމަ ދަޢުވާ ކުރިއަށް ނުގެންދިޔުން
    • (ހ) އަންނަނިވި ޙާލަތްތަކުގައި ކޯޓުން ދަޢުވާ ކުރިއަށް ގެންގޮސްގެންނުވާނެއެވެ.
      • (1) މި ޤާނޫނުގެ 150 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ދިފާޢު ހުށަހެޅުމުގެ މުއްދަތު ފާއިތުވިތާ 6 (ހައެއް) މަސް ދުވަސް ވެފައިވުން؛
      • (2) ދަޢުވާލިބޭ އެއްވެސް ފަރާތަކުން އިޢުތިރާފެއް ނުވަތަ ދިފާޢެއް ނުވަތަ ރައްދު ދަޢުވާއެއް ހުށަހަޅާފައިނުވުން؛ އަދި
      • (3) މި ޤާނޫނުގެ އެގާރަވަނަ ބާބު [ޣައިރު ހާޟިރުގައި ކުރާ ޙުކުމް] ނުވަތަ ފަނަރަވަނަ ބާބު [ޝަރީޢަތް ހިންގުމަކާ ނުލައި މައްސަލަ ނިންމުން] ގެ ދަށުން ޙުކުމް ކޮށްދިނުން އެދި ދަޢުވާކުރާ ފަރާތުން ކޯޓަށް ހުށަހަޅާފައިނުވުން.
    • (ށ) މި މާއްދާގެ ދަށުން ދަޢުވާ ކުރިއަށް ނުގެންދަން ނިންމި ނަމަވެސް، ކޮންމެ ޚަޞްމަކަށްވެސް ދަޢުވާ ކުރިއަށް ގެންދިޔުމަށް އެދި ކޯޓަށް ހުށަހެޅިދާނެއެވެ.
  • 159. : އަށްވަނަ ބާބުގައި ބަޔާންކޮށްފައިވާ އިޖުރާއަތު ބޭނުންކުރާނަމަ މި ބާބަށް ޢަމަލުނުކުރުން މި ޤާނޫނުގެ އަށްވަނަ ބާބު [އިޚްތިލާފެއްނުވާ ބާވަތުގެ މައްސަލަތަކުގައި ދަޢުވާކުރުމުގެ ޚާއްޞަ އިޖުރާއަތު] ގެ ދަށުން ދަޢުވާކުރާ ފަރާތުން ދަޢުވާކުރާނަމަ، މި ބާބަށް ޢަމަލުކުރާކަށް ނުޖެހޭނެއެވެ.
  • 160. : މާނަކުރުން
    • (ހ) މި ޤާނޫނުގެ ބޭނުމަށްޓަކައި "ރައްދު ދަޢުވާ" ކަމަށް ބުނެފައި އެވަނީ، ދަޢުވާކުރާ ފަރާތުން ކޮށްފައިވާ ދަޢުވާގެ ޖަވާބުގައި ދަޢުވާލިބޭ ފަރާތުން ހުށަހަޅާ، އަދި އެ ދަޢުވާއާ އެކުގައި ކުރިއަށްގެންދާ ދަޢުވާއަށެވެ.
    • (ށ) މި ޤާނޫނުގެ ބޭނުމަށްޓަކައި، "އިތުރު ދަޢުވާ" ކަމަށް ބުނެފައި އެވަނީ، ދަޢުވާކުރާ ފަރާތުން ދަޢުވާލިބޭ ފަރާތުގެ މައްޗަށް ކޮށްފައިވާ ދަޢުވާ ނޫން އެހެން ދަޢުވާއަށެވެ. އަދި މި ޤާނޫނުގައި ކަނޑައެޅިގެން އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހާހިނދަކު، ދަޢުވާކުރާ ފަރާތާއި ދަޢުވާލިބޭ ފަރާތާ މި ދެ ލަފުޒުގެ މާނައިގެ ތެރޭގައި، އިތުރު ދަޢުވާއެއް ހުށަހަޅާ ފަރާތާއި އެ ދަޢުވާ ރައްދުވާ ފަރާތްތައްވެސް ހިމެނެއެވެ.
  • 161. : ދަޢުވާގެ ތެރެއިން ކުރާ އިތުރު ދަޢުވާގެ މައްޗަށް މި ޤާނޫނު ހިނގުން
    • (ހ) މިބާބުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހާހިނދަކު، ދަޢުވާއެއްގެ ތެރެއިން ކުރާ އިތުރު ދަޢުވާއަކީ މި ޤާނޫނުގެ މަޤްޞަދަށްޓަކައި ދަޢުވާއެއް ކަމުގައި ބެލެވޭނެއެވެ. އަދި އެފަދައިން ހުށަހެޅޭ އިތުރު ދަޢުވާއަށްވެސް ޢަމަލުކުރާނީ، ދަޢުވާއާމެދު ޢަމަލުކުރާ އިޖުރާއަތާ އެއްގޮތްވާ ގޮތުގެމަތިންނެވެ.
    • (ށ) ދަޢުވާއެއްގެ ތެރެއިން ކުރާ އިތުރު ދަޢުވާއަކާ ގުޅިގެން މި ޤާނޫނުގެ އަންނަނިވި ބާބުތަކަށް ޢަމަލުކުރާކަށް ނުޖެހޭނެއެވެ.
      • (1) ފަސްވަނަ ބާބު [ދަޢުވާކުރުމުގެ މުއްދަތުތައް]؛
      • (2) ސާދަވަނަ ބާބު [ރައްދު ދަޢުވާ އަދި އިތުރު ދަޢުވާ]؛
      • (3) ސޯޅަވަނަ ބާބު [މައްސަލަ ޝަރީޢަތަށް ފޮނުވުމާއި ޓްރެކް ކަނޑައެޅުން].
    • (ނ) މިޤާނޫނުގެ ސާދަވަނަ ބާބު [ރައްދު ދަޢުވާ އަދި އިތުރު ދަޢުވާ] ގައިވާ ކަންކަން އިތުރު ދަޢުވާތަކުގެ މައްޗަށް ނުހިނގި ކަމުގައިވީނަމަވެސް، ރައްދު ދަޢުވާތަކުގެ މައްޗަށް އެ ބާބުގައި ބަޔާންކޮށްފައިވާ އުސޫލުތައް ހިނގާނެއެވެ.
    • (ރ) މި ޤާނޫނުގެ 133 ވަނަ މާއްދާގެ (ހ) އާއި (ށ) އަދި މި ޤާނޫނުގެ 135 ވަނަ މާއްދާ ހިނގާނީ އިތުރު ދަޢުވާތަކުގެ މައްޗަށް އެކަންޏެވެ.
  • 162. : ދަޢުވާލިބޭ ފަރާތުން ދަޢުވާކުރާ ފަރާތުގެ މައްޗަށް ރައްދު ދަޢުވާއެއް ކުރުން
    • (ހ) ދަޢުވާލިބޭ ފަރާތުން ދަޢުވާކުރާ ފަރާތުގެ މައްޗަށް ރައްދު ދަޢުވާއެއް ހުށަހެޅުމަށް އެދޭނަމަ، ކަމާގުޅޭ ފޯމު މެދުވެރިކޮށްގެން ރައްދު ދަޢުވާއެއް ހުށަހެޅިދާނެއެވެ.
    • (ށ) ދަޢުވާލިބޭ ފަރާތުން ދަޢުވާކުރާ ފަރާތުގެ މައްޗަށް ރައްދު ދަޢުވާއެއް ކުރުމުގައި، ދަޢުވާލިބޭ ފަރާތުން ދިފާޢު ހުށަހަޅާއިރު، އެއާއެކު ރައްދު ދަޢުވާ ހުށަހަޅާ ޙާލަތުގައި ކޯޓުގެ ހުއްދަ ހޯދާކަށް ނުޖެހޭނެއެވެ. އެނޫން ޙާލަތުގައި، ރައްދު ދަޢުވާއެއް ހުށަހެޅޭނީ ކޯޓުގެ ހުއްދައާއެކު އެކުގައެވެ.
    • (ނ) ރައްދު ދަޢުވާއެއް ދިފާޢުކުރަން އެދޭ ދަޢުވާކުރާ ފަރާތަކުން މި ޤާނޫނުގެ 114 ވަނަ މާއްދާގައި ބަޔާންކުރާ ދަޢުވާ ފޯމާ ޙަވާލުވިކަން އަންގާ ލިޔުން ހުށަހަޅާކަށް ނުޖެހޭނެއެވެ.
  • 163. : ދަޢުވާކުރާ ފަރާތް ނޫން އެހެން ފަރާތެއްގެ މައްޗަށް ރައްދު ދަޢުވާއެއްކުރުން
    • (ހ) ދަޢުވާލިބޭ ފަރާތުން ދަޢުވާކުރާ ފަރާތް ނޫން އެހެން ފަރާތެއްގެ މައްޗަށް ރައްދު ދަޢުވާއެއް ކުރަންއެދޭނަމަ، ދަޢުވާގެ އިތުރު ޚަޞްމެއްގެ ގޮތުގައި އެފަރާތް އިތުރުކުރުމަށް އެދި ކޯޓަށް ހުށަހަޅަންވާނެއެވެ.
    • (ށ) ކޯޓުން އެނޫން ގޮތަކަށް ކަނޑަނާޅާހާހިނދަކު، މި މާއްދާގެ (ހ) ގެ ދަށުން ޚަޞްމަކު އިތުރުކުރުމަށް އެދި ނޯޓިސް ދިނުމަކާ ނުލައި ދަޢުވާލިބޭ ފަރާތަށް ކޯޓަށް ހުށަހެޅިދާނެއެވެ.
    • (ނ) މި މާއްދާގެ (ހ) ގެ ދަށުން ކޯޓުން މައްސަލައިގެ ތެރެއަށް ޚަޞްމަކު އިތުރުކުރުމަށް ކަނޑައަޅައިފިނަމަ އެ މައްސަލަ ކުރިއަށްގެންދާނެ ގޮތުގެ އިރުޝާދު ކޯޓުން ދޭންވާނެއެވެ.
  • 164. : ދަޢުވާލިބޭ ފަރާތުން އެހެން ފަރާތެއްގެ މައްޗަށް ކުރާ އިތުރު ދަޢުވާ
    • (ހ) ދަޢުވާލިބޭ ފަރާތުން ދަޢުވާ ފޯމާ ޙަވާލުވިކަން އަންގާ ލިޔުން ނުވަތަ ދިފާޢެއް ހުށަހަޅާފައިވާނަމަ، ދަޢުވާކުރާ ފަރާތް ފިޔަވައި، ދަޢުވާގައި ހިމެނޭ އެހެން ޚަޞްމެއްގެ ފަރާތުން ދަޢުވާލިބޭ ފަރާތަށް ލިބިފައިވާ ގެއްލުމަކަށް އޭނާ ޒިންމާ އުފުލަން އެއްބަސްވެފައިވާނަމަ، އެފަދައިން އެއްބަސްވެފައިވާ މިންވަރު ހޯދުމަށްޓަކައި، އެ ޚަޞްމެއްގެ މައްޗަށް އިތުރު ދަޢުވާއެއް ހުށަހެޅުމަށް އެދި އިތުރު ދަޢުވާގެ ބާވަތާއި، ދަޢުވާކުރާ ސަބަބުތައް ބަޔާންކުރާ ލިޔުމަކާއެކު ކޯޓަށް މައްސަލަ ހުށަހެޅިދާނެއެވެ.
    • (ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ހުށަހެޅުން ކޯޓަށް ލިބުމާއެކު ކޯޓުން އެކަން އެ ޚަޞްމަށް އަންގައި ނޯޓިސް ފޮނުވަންވާނެއެވެ.
    • (ނ) މި މާއްދާގެ (ހ) ގެ ދަށުން އިތުރު ދަޢުވާ ހުށަހެޅޭނީ ދަޢުވާލިބޭ ފަރާތުން ދަޢުވާ ފޯމާ ޙަވާލުވިކަން އަންގާ ލިޔުން ނުވަތަ ދިފާޢެއް ހުށަހަޅާފައިވާނަމައެވެ.
    • (ރ) ކޯޓުގެ ހުއްދައާ ނުލައި، ދަޢުވާލިބޭ ފަރާތުގެ ދިފާޢާ އެކުގައި އިތުރު ދަޢުވާއެއް ހުށަހަޅާނަމަ، ނުވަތަ ދަޢުވާއަށް އެ ޚަޞްމު އިތުރުކުރެވިފައިވަނީ ދަޢުވާގެ ދިފާޢު ހުށަހަޅާތާ 28 (އަށާވީސް) ދުވަހުގެ ތެރޭގައި ކަމުގައިވާނަމަ، އެ ޚަޞްމެއްގެ މައްޗަށް ދަޢުވާލިބޭ ފަރާތަށް މި މާއްދާގެ (ހ) ގެ ދަށުން އިތުރު ދަޢުވާއެއް ހުށަހެޅިދާނެއެވެ. އެނޫން ޙާލަތެއްގައި އިތުރު ދަޢުވާއެއް ހުށަހެޅޭނީ ކޯޓުގެ ހުއްދައާ އެކުގައެވެ.
  • 165. : އިތުރު ދަޢުވާ ހުށަހެޅުމުގެ އިޖުރާއަތު
    • (ހ) މި ޤާނޫނުގެ 162، 163 އަދި 164 ވަނަ މާއްދާގައި ބަޔާންކުރާ ދަޢުވާތަކުގެ އިތުރުން، ދަޢުވާ ލިބޭ ފަރާތުން އިތުރު ދަޢުވާއެއް ހުށަހަޅަން އެދޭނަމަ، އެކަމަށް ކަނޑައަޅާފައިވާ ފޯމު މެދުވެރިކޮށްގެން އެ ދަޢުވާއެއް ހުށަހެޅިދާނެއެވެ.
    • (ށ) މި މާއްދާގެ (ހ) ގެ ދަށުން އިތުރު ދަޢުވާ ހުށަހަޅަނީ ދަޢުވާލިބޭ ފަރާތުން ދިފާޢު ހުށަހެޅުމުގެ ކުރިން ނުވަތަ ދިފާޢު ހުށަހަޅާ ވަގުތުގައި ކަމަށްވާނަމަ، ކޯޓުގެ ހުއްދަ ހޯދުމަކާ ނުލައި އެ ދަޢުވާ ހުށަހެޅިދާނެއެވެ. އެނޫން ހުރިހާ ޙާލަތެއްގައި، ކޯޓުގެ ހުއްދަ ހޯދަން ލާޒިމުވާނެއެވެ.
    • (ނ) މި މާއްދާގެ ދަށުން އިތުރު ދަޢުވާއެއް ހުށަހަޅާއިރު، އެ އިތުރު ދަޢުވާއާއެކު އެ ދަޢުވާގެ ތަފްޞީލުތައް ހިމަނަންވާނެއެވެ.
    • (ރ) ކޯޓުން އެހެން ގޮތަކަށް ކަނޑަނާޅާހާހިނދަކު، އިތުރު ދަޢުވާއެއް ހުށަހެޅުމަށް ކޯޓުގެ ހުއްދަ ހޯދުމަށް އެދި ހުށަހަޅާއިރު، އެކަންކަމުގެ ނޯޓިސް މައްސަލައިގެ އެހެން ޙަޞްމުންނަށް ދިނުމަކީ ލާޒިމު ކަމެއްނޫނެވެ.
  • 166. : އިތުރު ދަޢުވާގެ,ފޯމު ރައްދުކުރުން
    • (ހ) ކޯޓުގެ ހުއްދަ ހޯދުމަކާ ނުލައި، އިތުރު ދަޢުވާއެއް ހުށަހަޅާ ޙާލަތުގައި، އެ ހުށަހަޅާ ދަޢުވާއަކީ މައްސަލައިގައި ހިމެނޭ ޚަޞްމެއްގެ މައްޗަށް ހުށަހަޅާ ރައްދު ދަޢުވާއެއް ކަމުގައިވާނަމަ، ދަޢުވާލިބޭ ފަރާތުން ދަޢުވާގެ ދިފާޢު ހުށަހަޅާއިރު އެ ރައްދު ދަޢުވާ ފޯމުވެސް ހުށަހަޅަންވާނެއެވެ.
    • (ށ) ޚަޞްމެއް ފިޔަވައި އެނޫން ފަރާތެއެއްގެ މައްޗަށް އިތުރު ދަޢުވާއެއް ހުށަހަޅާނަމަ، އެ ދަޢުވާއެއް ހުށަހަޅާނީ ކަމާބެހޭ ފޯމު މެދުވެރިކޮށެވެ.
    • (ނ) އިތުރު ދަޢުވާއެއް ކޯޓަށް ހުށަހެޅޭ ދުވަހުން ފެށިގެން 14 (ސާދަ) ދުވަހުގެ ތެރޭގައި އެ އިތުރު ދަޢުވާ ރައްދުވާ ފަރާތަށް ކޯޓުން ފޮނުވަންވާނެއެވެ.
    • (ރ) މި ޤާނޫނުގެ 164 ވަނަ މާއްދާގެ ދަށުން ދަޢުވާކުރާ މައްސަލަތަކުގައި މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އިޖުރާއަތުތަކަށް ޢަމަލުކުރާކަށް ނުޖެހޭނެއެވެ.
  • 167. : އަސްލު ދަޢުވާއާ,ވަކިން އިތުރު ދަޢުވާއެއް ކުރުމަށް ނިންމުމުގައި ރިޢާޔަތްކުރަންޖެހޭ ކަންކަން އިތުރު ދަޢުވާއެއް ކުރުމަށް ހުއްދަ ދިނުމުގައާއި އެ ހުއްދަ ނުދިނުމުގައާއި، ދަޢުވާކުރާ ފަރާތުން ދަޢުވާލިބޭ ފަރާތުގެ މައްޗަށް ކުރާ ދަޢުވާއަކީ އަސްލު ދަޢުވާއާ ވަކިން ކުރިއަށްގެންދަންޖެހޭ ދަޢުވާއެއްތޯ ކަނޑައެޅުމުގައި، ކޯޓުން އަންނަނިވި ކަންކަމަށް ރިޢާޔަތްކުރަންވާނެއެވެ.
    • (ހ) ދަޢުވާކުރާ ފަރާތުން ދަޢުވާލިބޭ ފަރާތުގެ މައްޗަށް ކުރާ އަސްލު ދަޢުވާއާއި އިތުރު ދަޢުވާއާ ދެމެދު ހުރި ގުޅުން؛
    • (ށ) އިތުރު ދަޢުވާގައި ދަޢުވާލިބޭ ފަރާތުގެ ކިބައިން އެދޭ ފަރުވާއަކީ އެހެން ޚަޞްމެއްވެސް އެފަރާތުގެ ކިބައިން އެދޭ ފަރުވާއެއްތޯ؛
    • (ނ) އިތުރު ދަޢުވާގެ ދަށުން ކޯޓުން ނިންމުންތަކެއް ނިންމަންޖެހޭ ސުވާލުތަކަކީ އަސްލު މައްސަލައިގެ މައުޟޫޢާ ގުޅުން ހުރި ކަމެއްތޯ.
  • 168. : އިތުރު ދަޢުވާއެއް,ފޮނުވުމުގެ ނަތީޖާ
    • (ހ) ދަޢުވާގެ ޚަޞްމެއްގެ ގޮތުގައި ހިމެނިފައިނުވާ ފަރާތަކާ ދެކޮޅަށް އިތުރު ދަޢުވާއެއް ކުރާ ޙާލަތުގައި އެފަރާތަށް ކޯޓުން އެ ދަޢުވާ ފޮނުވައިފިނަމަ، އެ ފަރާތަކީ ދަޢުވާގެ ޚަޞްމެއް ކަމުގައި ކަނޑައެޅިގެންދާނެއެވެ.
    • (ށ) ދަޢުވާގެ ޚަޞްމެއްގެ ގޮތުގައި ހިމެނޭ ފަރާތެއްގެ މައްޗަށް އެހެން ހައިސިއްޔަތަކުން ދަޢުވާއެއް ކުރުމަށް އެފަރާތަށް ދަޢުވާ ފޮނުވައިފިނަމަ، ދަޢުވާގެ ތެރެއިން އެ ޚަޞްމުގެ އެ ހައިސިއްޔަތު އިތުރުވެގެން ދާނެއެވެ.
  • 169. : ރައްދު ދަޢުވާއާއި އިތުރު ދަޢުވާއާ ގުޅިގެން ޣައިރު ޙާޟިރުގައި ކުރާ ޙުކުމްތައް
    • (ހ) ހުށަހެޅިފައިވާ އިތުރު ދަޢުވާއަކީ، ރައްދު ދަޢުވާއެއް ކަމަށްނުވާ ޙާލަތުގައި، އަދި މި ޤާނޫނުގެ 164 ވަނަ މާއްދާގެ ދަށުން ހުށަހެޅޭ ދަޢުވާއެއް ކަމުގައިނުވާ ޙާލަތުގައި، އެ ދަޢުވާ ރައްދުވާ ފަރާތުން ދަޢުވާގެ ދިފާޢެއް ހުށަހަޅާފައިނުވާނަމަ ނުވަތަ ދަޢުވާ ފޯމާ ޙަވާލުވިކަން އަންގާ ލިޔުން ހުށަނާޅައިފިނަމަ ބެލެވޭނީ އެފަރާތަކީ އެ އިތުރު ދަޢުވާ ޤަބޫލުކޮށްފައިވާ ފަރާތެއް ކަމުގައެވެ. އަދި އެ ދަޢުވާއާ ގުޅިގެން ކުރެވޭ ޙުކުމެއްގައި ކަނޑައެޅޭ ކަންތައްތަކަށް ޢަމަލުކުރުން އެ ފަރާތުގެ މައްޗަށް ލާޒިމުވާނެ ފަރާތެއްގެ ގޮތުގައެވެ.
    • (ށ) މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ޙާލަތްތަކުގައި ފިޔަވައި އެނޫން ޙާލަތެއްގައި، ޣައިރު ޙާޟިރުގައި ކޮށްފައިވާ ޙުކުމެއް ކޮށްފައިވަނީ އިތުރު ދަޢުވާކުރި ފަރާތާ ދެކޮޅަށް ކަމުގައިވާނަމަ، އެ އިތުރު ދަޢުވާއާ ގުޅިގެން ޙުކުމެއް ކޮށްދިނުމަށް އެދި އެފަރާތަށް ކޯޓަށް ހުށަހެޅިދާނެއެވެ.
    • (ނ) އަންނަނިވި ޙާލަތްތަކުގައި، މި މާއްދާގެ (ށ) ގެ ދަށުން އިތުރު ދަޢުވާއެއް ކުރާ ފަރާތަށް ޙުކުމް ކޮށްދިނުމަށް އެދެވޭނީ ކޯޓުގެ ހުއްދައާ އެކުގައެވެ.
      • (1) ދަޢުވާކުރާ ފަރާތާ ދެކޮޅަށް ޣައިރު ޙާޟިރުގައި ކޮށްފައިވާ ޙުކުމްގައިވާ އިލްތިޒާމުތައް އެފަރާތުން އަދާކޮށްފައިނުވުން؛
      • (2) މި ޤާނޫނުގެ 164 ވަނަ މާއްދާގައި ބަޔާންކުރާ ފަރުވާ ނޫން އެހެން ފަރުވާއެއް ހޯދުމަށް އެދިފައިވުން.
    • (ރ) ކޯޓުން އެހެން ގޮތަކަށް ކަނޑަނާޅާހާ ހިނދަކު، ނޯޓިހެއް ހުށަހެޅުމަކާ ނުލައި މި މާއްދާގެ (ނ) ގެ ދަށުން ކޯޓުގެ ހުއްދައަށް އެދެވިދާނެއެވެ.
    • (ބ) މި މާއްދާގެ (ށ) ގެ ދަށުން ކޮށްފައިވާ ޙުކުމެއް ކޯޓަށް ކޮންމެ ވަގުތެއްގައިވެސް ބާޠިލު ނުވަތަ ބަދަލުކުރެވިދާނެއެވެ.
  • 170. : ދަޢުވާގެ ޚަޞްމަކަށް ނުވާ ފަރާތަކަށް އިތުރު ދަޢުވާއެއްގެ ދަޢުވާ ފޯމު ފޮނުވުމުގައި ފުރިހަމަކުރަންޖެހޭ އިޖުރާއަތު
    • (ހ) ދަޢުވާގެ ޚަޞްމެއްގެ ގޮތުގައި ނުހިމެނޭ ފަރާތަކަށް އިތުރު ދަޢުވާއެއްގެ ދަޢުވާ ފޯމު ފޮނުވަންވާނީ އަންނަނިވި ލިޔުންތަކާ އެކީގައެވެ.
      • (1) ދަޢުވާގެ ދިފާޢުގެ ފޯމު؛
      • (2) ދަޢުވާއަށް އެއްބަސްވާކަން ބަޔާންކުރާ ފޯމު؛
      • (3) ދަޢުވާ ފޯމާ ޙަވާލުވިކަން އަންގައިދޭ ލިޔުން؛
      • (4) މައްސަލައިގައި އެހާތަނަށް ހުށަހެޅިފައިވާ ބަޔާންތައް؛
      • (5) ކޯޓުން އަންގާ އެނޫންވެސް ލިޔުމެއް.
    • (ށ) ދަޢުވާގެ ޚަޞްމެއްގެ ގޮތުގައި ނުހިމެނޭ ފަރާތަކަށް މި މާއްދާގެ (ހ) ގެ ދަށުން ފޮނުވާ ދަޢުވާ ފޯމުގެ ކޮޕީ، ދަޢުވާގެ އެހެން ޚަޞްމުންނަށް ކޯޓުން ފޮނުވަންވާނެއެވެ.
  • 171. : އިތުރު ދަޢުވާއަކާ ގުޅިގެން ދިފާޢު ހުށަހަޅާފައިވާ މައްސަލަތަކުގައި މައްސަލަ ހިނގާނެ ގޮތް
    • (ހ) އިތުރު ދަޢުވާއަކާ ގުޅިގެން ދިފާޢެއް ހުށަހަޅާފައިވާނަމަ، އެ މައްސަލައިގެ ޝަރީޢަތުގެ މައުޙަލާތައް ހިންގާނެ ގޮތުގެ އިރުޝާދު ކޯޓުން ދޭންވާނެއެވެ.
    • (ށ) މި މާއްދާގެ (ހ) ގެ ދަށުން އިރުޝާދު ދިނުމުގައި، ވީވަރަކުން އަސްލު ދަޢުވާއާއި އިތުރު ދަޢުވާތައް އެކުގައި ހިންގޭނެ ގޮތެއް ކޯޓުން ކަށަވަރުކުރަންވާނެއެވެ.
  • 172. : ޝަރީޢަތް ހިންގުމަކާ ނުލައި މައްސަލަ ނިންމޭނެ ޙާލަތްތައް
    • (ހ) އަންނަނިވި ކަންކަމަށް ރިޢާޔަތްކޮށް، ކޯޓަށް ހުށަހަޅާފައިވާ ދަޢުވާއަކާ ގުޅިގެން ނުވަތަ ދަޢުވާގައި ހިމެނޭ ވަކި ބަޔަކާ ގުޅިގެން ޝަރީޢަތް ހިންގުމަކާ ނުލައި، ދަޢުވާކުރާ ފަރާތާ ދެކޮޅަށް ނުވަތަ ދަޢުވާލިބޭ ފަރާތާ ދެކޮޅަށް މައްސަލަ ނިންމައި، އެ ދަޢުވާ ނުވަތަ ދަޢުވާގެ ބަޔަކާމެދު ކޯޓަށް ގޮތެއް ކަނޑައެޅިދާނެއެވެ.
      • (1) ދަޢުވާ ނުވަތަ މައްސަލަ، ދަޢުވާކުރާ ފަރާތުން އެދިފައިވާ ގޮތަށް ނިމުމުގެ ފުރުޞަތެއް ނެތްކަމުގައި ކޯޓަށް ޤަބޫލުކުރެވުން؛ ނުވަތަ
      • (2) ދަޢުވާ ނުވަތަ މައްސަލައިން ދަޢުވާލިބޭ ފަރާތަށް ދިފާޢުވެވިދާނެ ކަމުގެ ފުރުޞަތެއް ނެތްކަމުގައި ކޯޓަށް ޤަބޫލުކުރެވުން؛ އަދި
      • (3) ޝަރީޢަތް ހިންގައިގެން ދަޢުވާއާމެދު ގޮތެއް ކަނޑައަޅަންޖެހޭ މަޤްބޫލު ސަބަބެއް ނެތްކަމުގައި ކޯޓަށް ޤަބޫލުކުރެވުން.
    • (ށ) ކޯޓުން ބަލަމުންދާ ކޮންމެ ބާވަތެއްގެ މައްސަލައެއްގައިވެސް، މި ބާބުގައިވާ ގޮތުގެމަތިން ޝަރީޢަތް ހިންގުމަކާ ނުލައި ދަޢުވާކުރާ ފަރާތާ ދެކޮޅަށް މައްސަލަ ނިންމިދާނެއެވެ.
  • 173. : ޝަރިޢަތް ހިންގުމަކާ ނުލައި މައްސަލަ ނިންމުމުގެ އިޖުރާއަތު
    • (ހ) ދަޢުވާލިބޭ ފަރާތުން ދަޢުވާގެ ދިފާޢު ހުށަހެޅުމުގެ ކުރިން ނުވަތަ ދަޢުވާ ފޯމާ ޙަވާލުވިކަން އަންގާ ލިޔުން ހުށަހެޅުމުގެ ކުރިން، ޝަރީޢަތް ހިންގުމަކާ ނުލައި މައްސަލަ ނިންމުމަށް އެދި ދަޢުވާކުރާ ފަރާތަކަށް ހުށައެއްނޭޅޭނެއެވެ.
    • (ށ) ދައުލަތާ ދެކޮޅަށް ހުށަހަޅާފައިވާ ދަޢުވާތަކުގައި، ޝަރީޢަތް ހިންގުމަކާ ނުލައި މައްސަލަ ނިންމުމަށް އެދި ހުށަހެޅޭނީ ދިފާޢު ހުށަހެޅުމަށް ދީފައިވާ މުއްދަތު ހަމަވުމަށްފަހުގައެވެ.
    • (ނ) ޝަރީޢަތް ހިންގުމަކާ ނުލައި މައްސަލަ ނިންމުމުގެ އަޑުއެހުން ތާވަލުކުރެވުމުން، ދަޢުވާލިބޭ ފަރާތަށް ނުވަތަ ކޯޓުގެ އަމިއްލަ އިސްނެގުމުގެ މަތިން އަޑުއެހުން ތާވަލުކުރާނަމަ ޚަޞްމުންނަށް އަޑުއެހުން އޮންނަ ތާރީޚާއި އެ އަޑުއެހުމުގައި ކޯޓުން ނިންމުމަށް ކަނޑައަޅާފައިވާ ކަންކަމުގެ ނޯޓިސް، އަޑުއެހުން ބޭއްވުމަށް ތާވަލުކޮށްފައިވާ ދުވަހުގެ މަދުވެގެން 14 (ސާދަ) ދުވަހުގެ ކުރިން ދޭންވާނެއެވެ.
  • 174. : ހެކި ހުށަހެޅުން
    • (ހ) ޝަރީޢަތް ހިންގުމަކާނުލައި މައްސަލަ ނިންމުމަށް އެދުނު ފަރާތް ފިޔަވައި އެ މައްސަލައަށް ޖަވާބުދާރީވާންޖެހޭ އަނެއް ފަރާތް ނުވަތަ ފަރާތްތަކުން ކިތާބީ ހެކި ހުށަހަޅަން ބޭނުންވާނަމަ، އަޑުއެހުން ބޭއްވުމުގެ މަދުވެގެން 7 (ހަތެއް) ދުވަސް ކުރިން އެ ހެއްކެއް ކޯޓަށް ހުށަހަޅަންވާނެއެވެ.
    • (ށ) މި މާއްދާގެ (ހ) ގެ ދަށުން ހުށަހަޅާ ހެކީގެ ރައްދުގައި ޝަރީޢަތް ހިންގުމަކާ ނުލައި މައްސަލަ ނިންމުމަށް އެދުނު ފަރާތުން ކިތާބީ ހެކި ހުށަހަޅަން ބޭނުންވާނަމަ، އަޑުއެހުން ބޭއްވުމުގެ މަދުވެގެން 3 (ތިނެއް) ދުވަސް ކުރިން އެ ހެއްކެއް ކޯޓަށް ހުށަހަޅަންވާނެއެވެ.
    • (ނ) ޝަރީޢަތް ހިންގުމަކާނުލައި މައްސަލަ ނިންމުމަށްޓަކައި އަޑުއެހުން ތާވަލުކޮށްފައިވަނީ ކޯޓުގެ އަމިއްލަ އިސްނެގުމުގައި ކަމަށްވާނަމަ، ކިތާބީ ހެކި ހުށަހަޅަން ބޭނުންވާ ފަރާތްތަކުން އަޑުއެހުން ބޭއްވުމުގެ މަދުވެގެން 7 (ހަތެއް) ދުވަސް ކުރިން އެ ހެއްކެއް ކޯޓަށް ހުށަހަޅައި، އެގޮތުން ހުށަހަޅާ ހެކީގެ ރައްދުގައި އެއްވެސް ފަރާތަކުން ކިތާބީ ހެކި ހުށަހަޅަން ބޭނުންވާނަމަ، އަޑުއެހުން ބޭއްވުމުގެ މަދުވެގެން 3 (ތިނެއް) ދުވަސް ކުރިން އެ ހެއްކެއް ކޯޓަށް ހުށަހަޅަންވާނެއެވެ.
    • (ރ) ދަޢުވާއާ ގުޅިގެން ކުރިން ކޯޓަށް ހުށަހަޅާފައިވާ ހެކި މި މާއްދާގެ (ނ) ގެ ދަށުން އަލުން ކޯޓަށް ހުށަހަޅާކަށް ނުޖެހެނޭއެވެ.
  • 175. : ޝަރީޢަތް ހިންގުމަކާ ނުލައި މައްސަލަ ނިންމުމުގައި ކޯޓަށް ލިބިގެންވާ ބާރު ޝަރީޢަތް ހިންގުމަކާ ނުލައި މައްސަލަ ނިންމުމަށް އެދި ހުށަހަޅާފައިވާ ހުށަހެޅުމަކާމެދު ކޯޓުން ގޮތެއް ކަނޑައެޅުމުގައި، ދިފާޢު ހުށަހަޅާނެ ގޮތުގެ ނުވަތަ މައްސަލަ ކުރިއަށްގެންދާނެ ގޮތުގެ އިރުޝާދުތައް ކޯޓުން ދޭންވާނެއެވެ.
  • 176. : ދަޢުވާގެ ދިފާޢު ހުށަހަޅާ މައްސަލަތައް ޝަރީޢަތަށް ފޮނުވުން ކޯޓެއްގައި އުފުލޭ މަދަނީ ދަޢުވާތަކުގެ ތެރެއިން، ދަޢުވާލިބޭ ފަރާތުން ދިފާޢު ހުށަހަޅާފައިވާ މައްސަލަތަކުގެ ޝަރީޢަތް ހިންގުމަށްޓަކައި، ކޯޓުން އެ މައްސަލަ ޝަރީޢަތަށް ފޮނުވަންވާނެއެވެ.
  • 177. : ޝަރީޢަތަށް ފޮނުވޭ މައްސަލަތައް ބެހިގެންވާ ބައިތައް
    • (ހ) މި ޤާނޫނުގެ 176 ވަނަ މާއްދާގެ ދަށުން ޝަރީޢަތަށް ފޮނުވާ މައްސަލަތަކުގެ ޝަރީޢަތް ހިންގޭނީ، އަންނަނިވި ތިން ޓްރެކުންކުރެ ޓްރެކަކުންނެވެ.
      • (1) ކުދި މައްސަލަތަކުގެ ޓްރެކް؛
      • (2) އަވަސްނިޔާގެ މައްސަލަތަކުގެ ޓްރެކް؛
      • (3) ބޮޑެތި މައްސަލަތަކުގެ ޓްރެކް.
    • (ށ) ޝަރީޢަތަށް ފޮނުވޭ މައްސަލައެއްގެ ޝަރީޢަތް ހިންގާނެ ޓްރެކް ކަނޑައަޅާނީ، މި ބާބުގައި ބަޔާންކުރާ ގޮތުގެމަތިން ކޯޓުންނެވެ.
  • 178. : ކުދި މައްސަލަތަކުގެ ޓްރެކް
    • (ހ) ކުދި މައްސަލަތަކުގެ ޓްރެކުން ބަލާނީ، އަންނަނިވި ބާވަތުގެ މައްސަލަތަކެވެ.
      • (1) ދަޢުވާގައި ހޯދުމަށް އެދޭ ފައިސާގެ ޢަދަދު 300,000 (ތިންލައްކަ) ރުފިޔާއަށްވުރެ މަދު؛ އަދި
      • (2) އެ މައްސަލައެއްގައި ޝަރީޢަތުން ގޮތެއް ކަނޑައަޅަންޖެހޭ ބޮޑެތި ޤާނޫނީ ނުކުތާތަކެއް އެކުލެވިގެންނުވާ؛ އަދި
      • (3) އެ މައްސަލައެއްގައި ވަގުތީ ފަރުވާއަކަށް އެދިފައިނުވާ މައްސަލަތައް.
    • (ށ) ކުދި މައްސަލަތަކުގެ ޓްރެކުން ޢާންމު ގޮތެއްގައި ބަލާނީ އަންނަނިވި ބާވަތުގެ މައްސަލަތަކެވެ.
      • (1) ފަރުދުންގެ މެދުގައި ވެވޭ އެއްބަސްވުންތަކުގެ ދަށުން ފައިސާ ހޯދުމަށް ކުރެވޭ ދަޢުވާތައް؛
      • (2) މުދާ ގަންނަ ފަރާތްތަކާއި ޚިދުމަތް ލިބިގަންނަ ފަރާތްތަކުން ހުށަހަޅާ، މުދާ ނުވަތަ ޚިދުމަތުގެ ފެންވަރާއި،އެނޫންވެސް މުދާ ނުވަތަ ޚިދުމަތް ފޯރުކޮށްދިނުމުގައި ދިމާވާ މައްސަލަތައް؛
      • (3) އެކްސިޑެންޓްތަކާގުޅޭ ދަޢުވާތައް (ހަށިގަނޑަށް ލިބޭ އަނިޔާއާގުޅޭ ދަޢުވާތައް ނުހިމެނޭގޮތުން)؛
      • (4) މުދަލުގެ މިލްކުވެރިކަމާގުޅޭ މައްސަލަތައް (ނުއުފުލޭ މުދަލުގެ މިލްކުވެރިކަމާގުޅޭ މައްސަލަތައް ނުހިމެނޭގޮތުން)؛
      • (5) ކުއްޔަށްދޫކޮށްފައިވާ ތަންތަނުގެ ކުއްޔާއި، ޑިޕޮޒިޓާއި، މަރާމާތާގުޅޭ މައްސަލަތައް (ދިރިއުޅުމަށް ކުއްޔަށްދޫކޮށްފައިވާ ތަންތަން މަރާމާތުނުކުރުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު ހޯދުމުގެ ދަޢުވާ ނުހިމެނޭގޮތުން).
    • (ނ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ މައްސަލަތަކުގެ ތެރެއިންވެސްދިރިއުޅުމަށް ކުއްޔަށްދޫކޮށްފައިވާ ތަންތަނުން މީހުން ނުކުތުމަށް އަންގާ އެންގުންތަކާ ގުޅިގެން ހުށަހެޅޭ މައްސަލަތަކާއި، ހަށިގަނޑަށް ލިބޭ އަނިޔާގެ ދަޢުވާތައް، ކުދި މައްސަލަތަކުގެ ޓްރެކުން ބަލައިގެންނުވާނެއެވެ.
    • (ރ) ކުދި މައްސަލަތަކުގެ ޓްރެކުން ބަލާ މައްސަލައެއްގައި ހިމެނޭ ފައިސާގެ ޢަދަދަކީ، މި މާއްދާގައި ކަނޑައަޅާފައިވާ ފައިސާގެ ޢަދަދަށްވުރެ އިތުރު ޢަދަދެއް ކަމުގައިވީނަމަވެސް، ޝަރީޢަތުގެ ޚަރަދު ނަގައިދިނުމުގައި ޢަމަލުކުރާނީ މި ޤާނޫނުގެ 279 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިންނެވެ.
  • 179. : އަވަސްނިޔާގެ މައްސަލަތަކުގެ,ޓްރެކް
    • (ހ) އަވަސް ނިޔާގެ މައްސަލަތަކުގެ ޓްރެކުން ބަލާނީ، އަންނަނިވި ބާވަތުގެ މައްސަލަތަކެވެ.
      • (1) ދަޢުވާގައި ހޯދުމަށް އެދޭ ފައިސާގެ ޢަދަދު 300,000 (ތިންލައްކަ) ރުފިޔާއާއި 1,000,000 (އެއް މިލިއަން) ރުފިޔާގެ ދެމެދުގެ ޢަދަދެއް ކަމުގައިވާ؛ އަދި
      • (2) މައްސަލައިގެ އަޑުއެހުން 1 (އެކެއް) ދުވަހަށްވުރެ އިތުރުނުވާނެ ކަމަށް ކޯޓަށް ފެންނަ؛ އަދި
      • (3) ޝަރީޢަތަށް ހުށަހެޅޭ ޝަފަހީ ހެއްކަކީ، ޚާއްޞަ ދެ ދާއިރާއަކާ ގުޅޭގޮތުން ހުށަހެޅޭ ހެއްކަށްވެފައި، އެއިން ކޮންމެ ދާއިރާއަކުން ކޮންމެ ޚަޞްމަކު ހުށަހަޅަނީ އެންމެ ޚަބީރަކު ކަމުގައިވާ މައްސަލަތައް.
    • (ށ) އަވަސްނިޔާގެ މައްސަލަތަކުގެ ޓްރެކަކީ، މައްސަލައިގެ ޝަރީޢަތުގެ އެންމެހައި މަރުޙަލާތަކަށް ވަގުތު ކަނޑައެޅިފައިވާ، މައްސަލައިގެ އެހެން އިޖުރާއަތުތައް ފުރިހަމަކުރުމަށްފަހު ބާއްވާ ޝަރީޢަތުގެ އަޑުއެހުން އެންމެ ދުވަހަކުންނިންމޭނެ ބާވަތުގެ މައްސަލަތައް ހުށަހެޅޭ ޓްރެކެވެ.
  • 180. : ބޮޑެތި މައްސަލަތަކުގެ ޓްރެކް
    • (ހ) ބޮޑެތި މައްސަލަތަކުގެ ޓްރެކުން ބަލާނީ، އަންނަނިވި ބާވަތުގެ މައްސަލަތަކެވެ.
      • (1) ދަޢުވާގައި ހޯދުމަށް އެދޭ ފައިސާގެ ޢަދަދު 1,000,000 (އެއް މިލިއަން) ރުފިޔާއަށްވުރެ ބޮޑު؛ އަދި
      • (2) ބޮޑެތި ޤާނޫނީ ނުކުތާތައް އަދި/ނުވަތަ ވާޤިޢާތައް އެކުލެވޭ މައްސަލަތައް.
    • (ށ) މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރު އެހެން އޮތްނަމަވެސް، ދަޢުވާގައި ހޯދުމަށް އެދޭ ފައިސާގެ ޢަދަދަކީ، 1,000,000 (އެއް މިލިއަން) ރުފިޔާއަށްވުރެ ކުޑަ ޢަދަދެއް ކަމުގައިވީނަމަވެސް، އެ މައްސަލައަކީ، އެ މައްސަލައިގައި ހިމެނޭ އެހެން ކަންކަމުގެ ސަބަބުން ކުދި މައްސަލަތަކުގެ ޓްރެކުން ނުވަތަ އަވަސްނިޔާގެ މައްސަލަތަކުގެ ޓްރެކުން ނުހިންގޭނެ މައްސަލަތަކެއް ކަމުގައިވާނަމަ، އެ މައްސަލައެއް ބަލާނީ ބޮޑެތި މައްސަލަތަކުގެ ޓްރެކުންނެވެ.
    • (ނ) ބޮޑެތި މައްސަލަތަކުގެ ޓްރެކަކީ، މައްސަލައިގެ ޝަރީޢަތުގެ މަރުޙަލާތަކަށް ވަގުތު ކަނޑައެޅިފައިނުވާ، ޝަރީޢަތުގެ އެއް އަޑުއެހުމަށްވުރެ ގިނަ އަޑުއެހުން ބާއްވައިގެން، މައްސަލަތައް ކުރިއަށްގެންދެވޭ ޓްރެކެކެވެ.
  • 181. : ޓްރެކް ކަނޑައެޅުމުގައި,ޢަމަލުކުރާ ޢާންމު އުސޫލު
    • (ހ) ޝަރީޢަތަށް ފޮނުވޭ މައްސަލައެއްގެ ޝަރީޢަތް ހިންގާނެ ޓްރެކް ކޯޓުން ކަނޑައަޅަންވާނީ ވީވަރަކުން، މި ޤާނޫނުގެ 178 ވަނަ މާއްދާއާއި 179 ވަނަ މާއްދާއާއި 180 ވަނަ މާއްދާގައި ބަޔާންކުރާ ފައިސާގެ ޢަދަދާއި ޝަރުޠުތަކަށް ބިނާކޮށެވެ.
    • (ށ) މި މާއްދާގެ (ހ) އެހެން އޮތްނަމަވެސް، ވަކި ޓްރެކަކުން މައްސަލަ ބެލުމަށް ކޯޓުން ކަނޑައަޅަންވާނީ، މި ޤާނޫނުގެ 182 ވަނަ މާއްދާގައި ބަޔާންކުރާ ކަންކަމަށް ރިޢާޔަތްކުރުމަށްފަހުގައެވެ.
    • (ނ) ޝަރީޢަތް ހިންގުމަށް ކަނޑައެޅޭ މައްސަލަތަކުގެ ތެރެއިން ފައިސާގެ ޢަދަދެއް ނުހިމެނޭ މައްސަލަތައް ފޮނުވާނީ، އެ މައްސަލައެއް ބެލުމަށްއެންމެ އެކަށީގެންވާ ޓްރެކުކަމަށް ކޯޓަށް ޤަބޫލުކުރެވޭ ޓްރެކަކަށެވެ.
    • (ރ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ފަދައިން ޢާންމު އުސޫލުން މައްސަލައިގައި ހޯދުމަށް އެދިފައިވާ ފައިސާގެ ޢަދަދު ނިސްބަތްވާ ޓްރެކް ނޫން އެހެން ޓްރެކަކުން މައްސަލަ ބަލަންވާނީ، މައްސަލައިގެ ޚަޞްމުންގެ އެއްބަސްވުމާ އެކުގައެވެ.
  • 182. : ޓްރެކް ކަނޑައެޅުމުގައި ރިޢާޔަތްކުރަންޖެހޭ ކަންކަން
    • (ހ) ޝަރީޢަތް ހިންގުމަށްޓަކައި މައްސަލައެއް ފޮނުވާނެ ޓްރެކެއް ކަނޑައެޅުމުގައި އަންނަނިވި ކަންކަމަށް ކޯޓުން ރިޢާޔަތްކުރަންވާނެވެ.
      • (1) ފައިސާގެ ޢަދަދު؛
      • (2) އެދޭ ފަރުވާގެ ބާވަތް؛
      • (3) މައްސަލައިގެ ވާޤިއާތަކާއި، މައްސަލައިގައި ހިމެނޭ ހެކި؛
      • (4) މައްސަލައިގެ ހިމެނޭ ނުވަތަ ހިމެނިދާނެ ޚަޞްމުންގެ ޢަދަދު؛
      • (5) ރައްދު ދަޢުވާއެއް ހުށަހަޅާފައިވާނަމަ އެކަން އަދި އެފަދަ ރައްދު ދަޢުވާއެއްގައި އެދޭ ފައިސާގެ ޢަދަދު؛
      • (6) މައްސަލައިގައި ހުށަހެޅިދާނެ ޝަފަހީ ހެކީންގެ ޢަދަދު؛
      • (7) މައްސަލައިގެ ޚަޞްމެއްގެ ގޮތުގައި ނުހިމެނޭ ފަރާތަކަށް މައްސަލައިން އަސަރުކުރާނެ ނުވަތަ ކޮށްފާނެ މިންވަރު؛
      • (8) ޚަޞްމުންގެ ރަޢުޔު؛ އަދި
      • (9) ޚަޞްމުންނަށް ކުރިމަތިވެދާނެ އިތުރު ކަންކަން.
    • (ށ) ދަޢުވާގައި ނަގައިދިނުމަށް އެދޭ ފައިސާގެ ނިސްބަތް ކަނޑައަޅުމުގައި ކޯޓުން އަންނަނިވި ކަންކަމަށް ރިޢާޔަތްކޮށްގެންނުވާނެއެވެ.
      • (1) ޙުޞޫމާތެއް އުފެދިފައިނުވާ ޢަދަދު؛
      • (2) އިންޓްރެސްޓްގެ ގޮތުގައި ނަގައިދިނުމަށް އެދޭ ފައިސާ؛
      • (3) ޝަރީޢަތުގެ ޚަރަދު؛ އަދި
      • (4) އަމިއްލަ އިހުމާލުން ލިބުނު ގެއްލުން.
    • (ނ) ދަޢުވާލިބޭ ފަރާތުގެ މައްޗަށް، އެއް ދަޢުވާ ފޯމަކުން އެއް ފަރާތަށްވުރެ ގިނަ ފަރާތްތަކަކުން ދަޢުވާކުރާ ޙާލަތުގައި، ހުށަހެޅިފައިވާ ދަޢުވާއަކީ ތަފާތު ދެ ދަޢުވާއެއް ކަމުގައިވާނަމަ، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ފައިސާގެ ޢަދަދު ކަނޑައެޅުމުގައި ކޯޓުން ބަލާނީ، އެއިން ކޮންމެ ދަޢުވާއަކީ ވަކި ދަޢުވާއެއްގެ ގޮތުގައެވެ.
  • 183. : ޓްރެކް ކަނޑައެޅުމަށްފަހު ދެވޭ ނޯޓިސް މި ބާބުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން މައްސަލަ ބަލާނެ ޓްރެކް ކަނޑައެޅުމުން، އެކަން އަންގައި، މައްސަލައިގެ ޚަޞްމުންނަށް ޓްރެކް ކަނޑައެޅުމުގެ ނޯޓިސް ކޯޓުން ދޭންވާނެއެވެ.
  • 184. : ޓްރެކް ބަދަލުކުރުން މައްސަލައެއް ބެލުމަށް ފުރަތަމަ ކަނޑައަޅާ ޓްރެކް، މި ޤާނޫނުގައި ކަނޑައަޅާފައިވާ ދާއިރާގެ ތެރޭގައި، އެހެން ޓްރެކަކަށް ބަދަލުކުރެވިދާނެވެ. އެފަދައިން ޓްރެކް ބަދަލުކުރެވިއްޖެނަމަ، އެ މައްސަލައާ ގުޅޭގޮތުން ދެން ހިނގާނީ އެ ބަދަލުކުރެވުނު ޓްރެކަށް ކަނޑައެޅިފައިވާ އިޖުރާއަތެވެ.
  • 185. : އިބްތިދާއީ އަޑުއެހުން
    • (ހ) މި ޤާނޫނުގެ 176 ވަނަ މާއްދާގެ ދަށުން ޝަރީޢަތް ހިންގުމަށް ކަނޑައެޅޭ ކޮންމެ މައްސަލައެއްގެ އިބްތިދާއީ އަޑުއެހުމެއް ބާއްވަންވާނެއެވެ.
    • (ށ) އިބްތިދާއީ އަޑުއެހުމުގެ ބޭނުމަކީ، މައްސަލައާގުޅޭ އަންނަނިވި ކަންކަމަށް ރިޢާޔަތްކޮށް، މައްސަލައިގައި ކުރިއަށްދާނެ ގޮތެއް ކަނޑައެޅުމެވެ.
      • (1) މައްސަލަ ޙައްލުކުރަން ޚަޞްމުން ބޭނުންވޭތޯ ނުވަތަ ނުވޭތޯ ސާފުކުރުން؛
      • (2) މައްސަލަ ޙައްލުކުރަން ބޭނުންވާނަމަ، އެކަމަށް ވަގުތު ކަނޑައަޅައި، ޝަރީޢަތުގެ މަރުޙަލާތައް މަޑުޖައްސާލުން؛
      • (3) މައްސަލަ ޙައްލުކުރަން ބޭނުންނުވާނަމަ، މައްސަލަ ހިންގާނެ ޓްރެކް ކަނޑައެޅުން.
    • (ނ) އިބްތިދާއީ އަޑުއެހުން ކުރިއަށްގެންދާނީ ފަނޑިޔާރެވެ.
    • (ރ) އިބްތިދާއީ އަޑުއެހުމުގައި، މި މާއްދާގެ (ށ) ގައި ބަޔާންކުރާ ކަންކަން ޚަޞްމުންގެ ކިބައިން ފަނޑިޔާރު ސާފުކޮށް، މައްސަލަ ކުރިއަށްގެންދާނެ ގޮތުގެ އިރުޝާދު ޚަޞްމުންނަށް ދޭންވާނެއެވެ.
  • 186. : ކޯޓުން ބޭރުގައި މައްސަލަ ޙައްލުކުރަން އެދުން
    • (ހ) އިބްތިދާއީ އަޑުއެހުމެއްގައި، މައްސަލައިގެ ޚަޞްމުންނަށް ކޯޓުން ބޭރުގައި މައްސަލަ ޙައްލުކުރުމުގެ ފުރުޞަތަކަށް އެދެވިދާނެއެވެ.
    • (ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ފަދައިން މައްސަލަ ޙައްލުކުރުމުގެ ފުރުޞަތަކަށް ޚަޞްމަކު އެދިއްޖެނަމަ، އެފަދައިން ކޯޓުން ބޭރުގައި މައްސަލަ ޙައްލުކުރުމަށްޓަކައި 30 (ތިރީސް) ދުވަހުގެ މުއްދަތެއް ކޯޓުން ދޭންވާނެއެވެ.
    • (ނ) މި މާއްދާގެ (ށ) ގެ ދަށުން ކޯޓުން ބޭރުގައި މައްސަލަ ޙައްލުކުރުމުގެ ފުރުޞަތު ކޯޓުން ދިނުމާއެކު، އެ ފުރުޞަތު މައްސަލައިގެ ޚަޞްމުންނަށް ދެވިފައިވާކަން ކަނޑައަޅައި، އެ ކަމުގެ ނޯޓިސް އެ ފަރާތްތަކަށް ދޭންވާނެއެވެ. އަދި ކޯޓުން ބޭރުގައި މައްސަލަ ޙައްލުކުރުމުގެ މަރުޙަލާ ނިމެންދެން ޝަރީޢަތުގެ އެއްވެސް މަރުޙަލާއެއް ކުރިއަށްނުގެންދެވޭނެކަން ކަނޑައަޅައި، އެފަދައިން ޢަމުރެއް ނެރެންވާނެއެވެ.
    • (ރ) މި މާއްދާގެ (ށ) ގެ ދަށުން މައްސަލަ ޙައްލުކުރުމަށް ދީފައިވާ މުއްދަތުގައި މައްސަލަ ޙައްލުކުރެވިދާނެ ކަމަށް ޚަޞްމުންނަށް ނުފެންނަނަމަ، އެ މުއްދަތު އިތުރުކޮށްދިނުމަށް އެދި ކޯޓަށް ހުށަހެޅިދާނެއެވެ.
    • (ބ) މި މާއްދާގެ (ރ) ގެ ދަށުން ކޯޓަށް ހުށަހެޅުމެއް ހުށަހެޅިއްޖެނަމަ، ކޯޓަށް އެ މުއްދަތު އިތުރުކޮށްދެވިދާނެއެވެ.
    • (ޅ) މި މާއްދާގެ (ށ) ނުވަތަ (ބ) ގެ ދަށުން ކަނޑައެޅޭ މުއްދަތުގެ ތެރޭގައި މައްސަލަ ޙައްލުކުރެވިއްޖެނަމަ، ދަޢުވާކުރާ ފަރާތުން އެކަން ކޯޓަށް އަންގަންވާނެއެވެ.
    • (ކ) ކޯޓުން ބޭރުގައި މައްސަލަ ޙައްލުކުރެވިއްޖެކަން ދަޢުވާކުރާ ފަރާތުން ކޯޓަށް އަންގައިފިނަމަ، ކޯޓަށް ހުށަހެޅިފައިވާ މައްސަލަ ބާޠިލުކޮށް، އެކަން މައްސަލައިގެ ޚަޞްމުންނަށް ކޯޓުން އަންގަންވާނެއެވެ.
    • (އ) މި މާއްދާގެ (ޅ) ގައި ބަޔާންކުރާ މުއްދަތު ހަމަވާއިރު، މައްސަލަ ޙައްލުކުރެވިއްޖެކަން ނުވަތަ ނޫންކަން ދަޢުވާކުރާ ފަރާތުން ކޯޓަށް އަންގާފައިނުވާނަމަ، އެ މައްސަލައެއް ކުރިއަށްގެންދިޔުމުގައި ޢަމަލުކުރާނެ ގޮތުގެ އިތުރު އިރުޝާދު ކޯޓަށް ދެވިދާނެއެވެ.
  • 187. : ކޯޓު މަރުޙަލާގައި މައްސަލަ ޙައްލުކުރުމަށް އެދުން
    • (ހ) މި ޤާނޫނުގެ 186 ވަނަ މާއްދާގެ ދަށުން ކޯޓުން ބޭރުގައި މައްސަލަ ޙައްލުކުރުމުގެ ބަދަލުގައި، ކޯޓު މަރުޙަލާގައި މައްސަލަ ޙައްލުކުރުމުގެ ފުރުޞަތަކަށް މައްސަލައިގެ ޚަޞްމުންނަށް އިބްތިދާއީ އަޑުއެހުމެއްގައި އެދެވިދާނެއެވެ.
    • (ށ) މި މާއްދާގެ (ހ) ގެ ދަށުން މައްސަލަ ޙައްލުކުރުމަށް ޚަޞްމުން އެދޭ ޙާލަތުގައި، އެ މައްސަލައަކީ، މި ޤާނޫނުގެ 178 ވަނަ މާއްދާގައި ބަޔާންކުރާ ފަދަ މައްސަލައެއްނަމަ، އެ މައްސަލައެއް، މި ޤާނޫނުގެ އަށާރަވަނަ ބާބު [މައްސަލަ ޙައްލުކުރުމުގެ މަރުޙަލާ] ގައި ބަޔާންކުރާ އިޖުރާއަތުގެ ދަށުން ޙައްލުކުރުމަށްޓަކައި ފަނޑިޔާރަށް ފޮނުވިދާނެއެވެ.
    • (ނ) މި މާއްދާގެ (ށ) އެހެން އޮތްނަމަވެސް، އެ މާއްދާގެ ދަށުން މައްސަލައެއް ޙައްލުކުރުމަށްފޮނުވުމަށް ފަނޑިޔާރު ނިންމަންވާނީ، އަންނަނިވި ކަންކަމަށް ރިޢާޔަތްކުރުމަށްފަހުގައެވެ.
      • (1) މައްސަލައިގެ ބާވަތް؛
      • (2) މައްސަލަ ބިނާވެފައިވާ އަސާސް؛
      • (3) ދަޢުވާކުރުމުގެ ކުރިން މައްސަލަ ޙައްލުކުރުމަށް މަސައްކަތްކޮށްފައިވާނަމަ އެކަން؛
      • (4) ޝަރީޢަތުގައި ހިނގާނެކަމަށް އަންދާޒާކުރެވޭ ވަގުތާއި ޚަރަދު؛
      • (5) މައްސަލަ ނިމުމަކަށް ނައިސް ލަސްވެގެން ހިނގައްޖެނަމަ ދަޢުވާއަށް ކުރާނެ އަސަރު.
    • (ރ) އަންނަނިވި ޙާލަތްތަކުގައި މި މާއްދާގެ (ށ) ގެ ދަށުން މައްސަލަ ޙައްލުކުރުމަށް ފޮނުވައިގެންނުވާނެއެވެ.
      • (1) މައްސަލައިގައި ވަގުތީ އަމުރަކަށް އެދިފައިވުމާއެކު، މައްސަލަ ޙައްލުކުރަންފޮނުވުމުގެ ސަބަބުން މައްސަލަ ލަސްވެގެން ހިނގައްޖެނަމަ، މައްސަލައިގެ އެއްވެސް ޚަޞްމަކަށް ގެއްލުމެއްވުމުގެފުރުޞަތު އޮތް ކަމަށްނުވަތަ އިންޞާފަށް ހުރަސްއެޅިދާނެކަމަށް ޤަބޫލުކުރެވުން؛
      • (2) ޤާނޫނީ ގޮތުން ކޯޓުން ބަލައި ޙުކުމެއް ކުރަންޖެހޭ އަދި އެ މައްޗަށް ޢަމަލުކުރުން ލާޒިމުވާ ނިންމުމެއް އޮތުމަކީ މުހިންމު ކަމެއް ކަމަށް ޤަބޫލުކުރެވުން؛
      • (3) މައްސަލައިގެ ޚަޞްމުންގެ ދެމެދުގައި އުފެދިފައިވާ ޚިލާފަށް ރިޢާޔަތްކުރާއިރު، މައްސަލައިގެ ޚަޞްމުންގެ މެދުގައި އޮތް ގުޅުމަށް ބަލައި، އެއް ޚަޞްމަކަށް އަނެއް ޚަޞްމުގެ މައްޗަށް ބާރުފޯރުވިދާނެކަމަށާއި، މައްސަލަ ޙައްލުކުރެވިދާނެ ކަމަށް ޤަބޫލުނުކުރެވުން؛
      • (4) މައްސަލައިގެ ދަޢުވާއަކީ ފައިސާ ހޯދުމަށް އެދި ހުށަހަޅާފައިވާ ދަޢުވާއަކަށްވެފައި، ދަޢުވާ ރައްދުވާ ފަރާތް އިފްލާސްކޮށްފައިވުން.
    • (ބ) މި މާއްދާގެ (ށ) ގެ ދަށުން ކޯޓު މަރުޙަލާގައި މައްސަލަ ޙައްލުކުރުމުގެ ފުރުޞަތު ކޯޓުން ދިނުމާއެކު، އެ ފުރުޞަތު މައްސަލައިގެ ޚަޞްމުންނަށް ދެވިފައިވާކަން ކަނޑައަޅައި، އެކަމުގެ ނޯޓިސް އެ ފަރާތްތަކަށް ދޭންވާނެއެވެ. އަދި މި ޤާނޫނުގެ އަށާރަވަނަ ބާބު [މައްސަލަ ޙައްލުކުރުމުގެ މަރުޙަލާ] ގެ ދަށުން މައްސަލަ ޙައްލުކުރުމުގެ މަރުޙަލާ ނިމެންދެން ޝަރީޢަތުގެ އެއްވެސް މަރުޙަލާއެއް ކުރިއަށްނުގެންދެވޭނެކަން ކަނޑައަޅައި، އެފަދައިން ޢަމުރެއް ނެރެންވާނެއެވެ.
    • (ޅ) މި މާއްދާގެ ދަށުން މައްސަލަ ޙައްލުކުރުމަށްޓަކައި ފޮނުވާ ޙާލަތުގައި، އެ މައްސަލައާ ގުޅޭގޮތުން ދެން ހިނގާނީ މި ޤާނޫނުގެ އަށާރަވަނަ ބާބު [މައްސަލަ ޙައްލުކުރުމުގެ މަރުޙަލާ] ގައި ބަޔާންކުރާ އިޖުރާއަތެވެ.
  • 188. : މައްސަލަ ޙައްލުކުރަން ބޭނުންނުވާ ޙާލަތުގައި ޓްރެކް ކަނޑައެޅުން
    • (ހ) އިބްތިދާއީ އަޑުއެހުމެއްގައި މި ޤާނޫނުގެ 189 ވަނަ މާއްދާގެ ދަށުން މަޢުލޫމާތު ސާފުކުރުމުގައި މައްސަލަ ޙައްލުކުރަން ބޭނުންނުވާ ކަމަށް ޚަޞްމުން ބުނެފިނަމަ، އެ މައްސަލައެއް ބަލާނެ ޓްރެކް ކަނޑައެޅުމަށްޓަކައި، މައްސަލައިގައި ހިމެނޭ ޚަޞްމުންނާ ފަނޑިޔާރު މަޝްވަރާކުރަންވާނެއެވެ.
    • (ށ) މި މާއްދާގެ ދަށުން ޓްރެކް ކަނޑައެޅުމުގައި، ޚަޞްމުންގެ ކިބައިން ކޯޓުން މަޢުލޫމާތު ސާފުކުރަންވާނެއެވެ.
    • (ނ) މި މާއްދާގެ (ށ) ގެ ދަށުން މަޢުލޫމާތު ސާފުކުރުމަށްފަހު، މައްސަލަ ބަލާނެ ޓްރެކެއް ކަނޑައެޅޭ މިންވަރަށް މަޢުލޫމާތު ސާފުކުރެވޭ ޙާލަތުގައި، އިބްތިދާއީ އަޑުއެހުމުގައި އެ މައްސަލަ ބަލާނެ ޓްރެކެއް ކޯޓުން ކަނޑައަޅަންވާނެއެވެ.
    • (ރ) މި މާއްދާގެ (ށ) ގެ ދަށުންމަޢުލޫމާތު ސާފުކުރުމަށްފަހުގައިވެސް، މައްސަލަ ބަލާނެ ޓްރެކެއް ކަނޑައެޅުމުގެ ކުރިން، އިތުރު މަޢުލޫމާތު ބޭނުންވާ ކަމަށް ފަނޑިޔާރަށް ފެނިއްޖެނަމަ، އިބްތިދާއީ އަޑުއެހުމުގައި މައްސަލައިގެ ޓްރެކް ކަނޑައެޅުމުގެ ބަދަލުގައި، އިތުރު މަޢުލޫމާތު ސާފުކުރުމަށްޓަކައި މި ޤާނޫނުގެ 189 ވަނަ މާއްދާގައި ބަޔާންކުރާ ފޯމު ފުރިހަމަކޮށް ކޯޓަށް ހުށަހެޅުމަށް ޚަޞްމުންނަށް އަންގަންވާނެއެވެ.
  • 189. : ޓްރެކް ކަނޑައެޅުމަށް މަޢުލޫމާތު ސާފުކުރުން
    • (ހ) އިބްތިދާއީ އަޑުއެހުން ބޭއްވުމަށްފަހު މި ޤާނޫނުގެ 186 ވަނަ މާއްދާގެ ދަށުން މައްސަލަ ޙައްލުކުރަން މަސައްކަތްކުރުމަށްފަހު މައްސަލަ ޙައްލުނުވާ ޙާލަތްތަކުގައި، ނުވަތަ މި ޤާނޫނުގެ 188 ވަނަ މާއްދާގެ (ރ) ގެ ދަށުން އިތުރު މަޢުލޫމާތު ބޭނުންވާ ކަމަށް ކޯޓަށް ފެންނަ ޙާލަތެއްގައި، މައްސަލަ ބަލާނެ ޓްރެކް ކަނޑައެޅުމަށްޓަކައި، ޓްރެކް ކަނޑައެޅުމަށް ބޭނުންވާ މަޢުލޫމާތު ސާފުކުރާ ފޯމެއް މައްސަލައިގެ ޚަޞްމުންނަށް ފޮނުވަންވާނެއެވެ.
    • (ށ) މި މާއްދާގެ (ހ) ގެ ދަށުން ކޯޓުން ފޮނުވާ ފޯމު ފޮނުވާއިރު، އެ މައްސަލަ ބަލާނެ ޓްރެކެއް ވަގުތީގޮތުން ކޯޓުން ކަނޑައަޅަންވާނެއެވެ. އަދި އަންނަނިވި ކަންކަން ބަޔާންކުރާ ނޯޓިހެއް އެ ފޯމާއެކު ހިމަނަންވާނެއެވެ.
      • (1) ޚަޞްމުންގެ ފަރާތުން ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަކުރުމަށް ކަނޑައެޅިފައިވާ މުއްދަތު؛
      • (2) މަޢުލޫމާތު ސާފުކުރާ ފޯމު ފުރިހަމަކުރުމަށްފަހު ހުށަހަޅަންޖެހޭ ކޯޓުގެ އެޑްރެސް؛
      • (3) ހުށަހެޅިފައިވާ މައްސަލައަކީ، އަވަސްނިޔާގެ މައްސަލަތަކުގެ ޓްރެކް ނުވަތަ ބޮޑެތި މައްސަލަތަކުގެ ޓްރެކުން ބަލަންޖެހޭފަދަ މައްސަލައެއްނަމަ މައްސަލަ ހުށަހަޅާ ފޯމު ވަކި ތާރީޚެއްގެ ކުރިން ހުށަހަޅަންޖެހޭނެކަމަށް ބަޔާންކުރުން.
    • (ނ) މި މާއްދާގެ (ށ) ގައި ބަޔާންކުރާ ނޯޓިސް ޚަޞްމުންނަށް ފޮނުވުމުން، އެ ނޯޓިހުގައި ބަޔާންކޮށްފައިވާ އެންމެހައި ލިޔެކިޔުންތައް ކޯޓަށް ހުށަހަޅަންވާނެއެވެ.
    • (ރ) މި މާއްދާގެ (ހ) ގެ ދަށުން ފޮނުވާ ނޯޓިހުގައި ވަގުތީގޮތުން މައްސަލަ ބެލުމަށް ކަނޑައަޅާފައިވަނީ އަވަސްނިޔާގެ މައްސަލަތަކުގެ ޓްރެކުންނަމަ، މި މާއްދާގެ (ނ) ގެ ދަށުން ޚަޞްމުން ހުށަހަޅާ ލިޔެކިޔުންތައް އެފަރާތްތަކަށް ނޯޓިސް ލިބޭތާ ގިނަވެގެން 14 (ސާދަ) ދުވަހުގެ ތެރޭގައި، ނުވަތަ މައްސަލަ ބެލުމަށް ކަނޑައަޅާފައިވަނީ ބޮޑެތި މައްސަލަތަކުގެ ޓްރެކުންނަމަ، ގިނަވެގެން 28 (އަށާވީސް) ދުވަހުގެ ތެރޭގައި ހުށަހަޅަންވާނެއެވެ.
    • (ބ) މި މާއްދާގެ ދަށުން މައްސަލަ ބަލާނެ ޓްރެކެއް ކޯޓުން ކަނޑައަޅާނީ، މަޢުލޫމާތު ސާފުކުރާ ފޯމު ފުރިހަމަކުރުމަށްފަހު މައްސަލައިގެ ޚަޞްމުން ހުށަހެޅުމުންނެވެ.
    • (ޅ) މައްސަލައިގެ ޚަޞްމަކު މައްސަލަ ބަލާނެ ޓްރެކް ކަނޑައެޅުމަށްޓަކައި މަޢުލޫމާތު ސާފުކުރާ ފޯމު ފުރިހަމަކޮށް ހުށަހަޅާފައިނުވާމަ، މައްސަލަ ބެލުމަށް އެންމެ އެކަށީގެންވާ ޓްރެކެއް ކޯޓުން ކަނޑައަޅައި މައްސަލަ ކުރިއަށްގެންދެވިދާނެއެވެ.
  • 190. : މައްސަލަ ޙައްލުކުރުމުގެ,މަރުޙާލާ ފެށުން
    • (ހ) މި ބާބުގެ ދަށުން މައްސަލަ ޙައްލުކުރުމަށް ފޮނުމުވަށް ނިންމުމާއެކު، އެ މައްސަލައެއް ވީ އެންމެ އަވަހަށް ތާވަލުކޮށް، މައްސަލައިގެ ޚަޞްމުންނަށް އެކަމުގެ ނޯޓިސް ދޭންވާނެއެވެ.
    • (ށ) މި މާއްދާގެ (ހ) ގެ ދަށުން ދޭ ނޯޓިހުގައި، ފުރަތަމަ ބައްދަލުވުން ބޭއްވޭނެ ތާރީޚާއި ގަޑި ބަޔާންކުރަންވާނެއެވެ. އަދި، އެ ތާރީޚަކީ، މި ޤާނޫނުގެ 187 ވަނަ މާއްދާގެ ދަށުން މައްސަލަ ޙައްލުކުރަން ފޮނުވުމަށް ނިންމި ތާރީޚުން ފެށިގެން 7 (ހަތެއް) ދުވަހަށްވުރެ ފަހުގެ ތާރީޚެއް ކަމުގައި ވެގެންނުވާނެއެވެ.
  • 191. : ހެޔޮ ނިޔަތުގައި މައްސަލަ ޙައްލުކުރަން މަސައްކަތްކުރުން
    • (ހ) މައްސަލައިގެ ޚަޞްމުން މި ބާބުގައި ބަޔާންކުރާ މައްސަލަ ޙައްލުކުރުމުގެ މަރުޙަލާގައި ބައިވެރިވާންވާނީ ހެޔޮ ނިޔަތުގައި، ދެފުށް ފެންނަ ގޮތަށް، އަދި، މައްސަލައަށް ޙައްލެއް ހޯދުމަށް އެއްބާރުލުން ދިނުމާއެކުގައެވެ.
    • (ށ) މައްސަލައިގެ ޚަޞްމުންގެ ދެމެދުގައި މަޝްވަރާކުރިއަށް ގެންދިޔުމަށް ފަނޑިޔާރު އެހީތެރިވެދޭންވާނެއެވެ.
  • 192. : މައްސަލަ ޙައްލުކުރުމުގެ މަރުޙަލާ ކުރިއަށްގެންދިޔުން
    • (ހ) މައްސަލަ ޙައްލުކުރުމުގެ މަރުޙަލާ ކުރިއަށް ގެންދާނީ، ނުރަސްމީ ބައްދަލުވުންތަކެއްގެ ޛަރީޢާއިންނެވެ.
    • (ށ) ފަނޑިޔާރު ކަނޑައަޅާ ހުރިހާ ބައްދަލުވުމަކަށްވެސް ޚަޞްމުން ޙާޟިރުވާންވާނެއެވެ. އެއްވެސް ޚަޞްމަކު މަޤުބޫލު ސަބަބެއް ނެތި ބައްދަލުވުންތަކަށް ޙާޟިރުނުވެއްޖެނަމަ ބެލެވޭނީ، މައްސަލަ ޙައްލުކުރަން ބޭނުންނުވަނީ ކަމުގައެވެ. އަދި އެފަދަ ޙާލަތެއްގައި، އެ ހިސާބުން މައްސަލަ ޙައްލުކުރުމުގެ މަރުޙަލާ ނިމުމަކަށް އަންނާނެއެވެ.
    • (ނ) މައްސަލަ ޙައްލުކުރުމަށް އެހީތެރިވެދިނުމަށްޓަކައި މި މާއްދާގެ ދަށުން ބާއްވާ ބައްދަލުވުންތަކަށް ޚަޞްމުންނަށް އިތުރު ފަރާތްތަކެއް ޙާޟިރުކުރެވިދާނެއެވެ. އެހެންނަމަވެސް، އެފަދަ ފަރާތްތައް އެ ބައްދަލުވުންތަކަށް ގެނައުމަށްޓަކައި ހިނގާ ޚަރަދަކީ އެފަރާތްތައް ގެނައުމުގެ ކުރިން، ގެންނަ ފަރާތުން ދައްކަން އެއްބަސްވެފައިވާ ޚަރަދުތަކަކަށް ވާންވާނެއެވެ. އެކަމަށް ހިނގާ ޚަރަދުތަކަށް ކޮންމެ ޚަޞްމަކުވެސް ޒިންމާވާނީ އަމިއްލައަށެވެ. މަޝްވަރާއަށް ޙާޟިރުވުމަށް އަންގާ ފަރާތްތަކުން ޙާޟިރުވުމަކީ މި ޤާނޫނުގެ ދަށުން ލާޒިމުކަމެއް ނޫނެވެ.
    • (ރ) މައްސަލަ ޙައްލުކުރުމުގެ މަރުޙަލާގައި ޚަޞްމުންނާ ދޭތެރޭ ފަނޑިޔާރު ޢަމަލުކުރަންވާނީ އިންޞާފުވެރިކަމާއި ހަމަހަމަކަމާއެކުގައެވެ. އަދި ކޮންމެ ޚަޞްމަކަށްވެސް އެފަރާތުގެ ހުށަހެޅުން ހުށަހެޅުމުގެ ފުރުޞަތު ދޭންވާނެއެވެ.
    • (ބ) ޢާންމު އުސޫލުން މި މާއްދާގެ ދަށުން ބާއްވާ ބައްދަލުވުންތައް ކުރިއަށްގެންދަންވާނީ ހުރިހާ ބައިވެރިންގެ ޙާޟިރުގައެވެ. އެހެންނަމަވެސް، ޙާލަތު ހުރިގޮތުން ހުރިހާ ބައިވެރިން ޙާޟިރުކުރުމަކީ ކުރެވޭނެ ކަމެއް ކަމުގައިނުވާނަމަ ނުވަތަ އެއީ އެންމެ އެކަށީގެންވާ ގޮތް ކަމުގައިނުވާނަމަ، ޚަޞްމުންގެ ރުހުމާއެކު، މުއާސަލާތީ ޓެކްނޮލޮޖީ ބޭނުންކުރެވިދާނެއެވެ.
  • 193. : މައްސަލަ ޙައްލުކުރުމުގެ މަރުޙަލާ ނިމުމަކަށް އައުން
    • (ހ) މައްސަލައަށް ޙައްލުކުރުމަށް ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި އެ މައްސަލައަށް ޙައްލެއް ހޯދިއްޖެނަމަ، މައްސަލަ ޙައްލުކުރުމުގެ މަރުޙަލާ ނިމުމަކަށް އަންނާނެއެވެ. އަދި މައްސަލައަށް ޙައްލުކުރުމަށް ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި އެ މައްސަލައަށް ޙައްލެއް ނުހޯދި، އެ މުއްދަތު ހަމަވެއްޖެނަމަވެސް، މައްސަލަ ޙައްލުކުރުމުގެ މަރުޙަލާ ނިމުމަކަށް އަންނާނެއެވެ.
    • (ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ޙާލަތްތަކުގެ އިތުރުން އަންނަނިވި ޙާލަތްތަކުގައިވެސް މައްސަލަ ޙައްލުކުރުމުގެ މަރުޙަލާ ނިމުމަކަށް ގެނެވިދާނެއެވެ.
      • (1) މައްސަލަ ޙައްލުކުރުމުގެ މަރުޙަލާ ކުރިއަށްގެންދަން ޚަޞްމަކު ބޭނުންނުވުން؛
      • (2) މަޤުބޫލު ސަބަބެއް ނެތި ޚަޞްމަކު ބައްދަލުވުންތަކަށް ޙާޟިރުނުވުން؛
      • (3) މައްސަލަ ކުރިއަށްދާ ގޮތަށް ބަލާއިރު، ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި މައްސަލައަށްއެކަށީގެންވާ ޙައްލެއް ލިބިދާނެކަމަށް ފަނޑިޔާރަށް ނުފެނުން.
  • 194. : ޞުލްޙައިގެ އެއްބަސްވުން
    • (ހ) ޚަޞްމުންގެ މެދުގައި އޮތް ޚުޞޫމާތު އެއްކޮށް ޙައްލުވެއްޖެނަމަ، ނުވަތަ އެއިން ބައެއް ޙައްލުވެއްޖެނަމަ، ލިޔުމުންވެވޭ ޞުލްހައިގެ އެއްބަސްވުމެއްގައި ޚަޞްމުން ސޮއިކުރަންވާނެއެވެ. އަދި އެ ހިސާބުން އެ މައްސަލަ އެއްކޮށް، ނުވަތަ މައްސަލައިގެ އެ ބަޔާމެދު ގޮތެއް ކަނޑައެޅި ނިމުނީ ކަމުގައި ބެލޭނެއެވެ.
    • (ށ) ޞުލްހައިގެ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ކަންކަން ޚަޞްމުންނަށް ސާފުވެފައިވާކަން ފަނޑިޔާރު ޔަޤީންކުރަންވާނެއެވެ. ޞުލްހައިގެ އެއްބަސްވުން އެކުލަވާލުމުގައި ފަނޑިޔާރު ޚަޞްމުންނަށް އެހީތެރިވެދިން ނަމަވެސް، އެއްވެސް ޚަޞްމަކު ޤަބޫލުނުކުރާ އިލްތިޒާމެއް އޭނާގެ ރުހުމާ ނުލައި، އެ އެއްބަސްވުމަށް އިތުރުކޮށްގެންނުވާނެއެވެ.
    • (ނ) ޞުލްހައިގެ އެއްބަސްވުމުން ޙައްލުވަނީ މައްސަލައިގެ ބައެއް ކަމުގައިވާނަމަ، ޝަރީޢަތަށް ފޮނުވާ ބައިގެ ތަފްޞީލުތައް ބަޔާންކުރާ ލިޔުމެއްގައި ޚަޞްމުން ސޮއިކުރުމަށް ފަނޑިޔާރަށް އެންގިދާނެއެވެ.
  • 195. : މައްސަލަ ޙައްލުނުކުރެވުން
    • (ހ) މައްސަލަ ޙައްލުކުރުމަށް ކަނޑައެޅިފައިވާ މުއްދަތުގައިމައްސަލަ ޙައްލުނުކުރެވިއްޖެނަމަ، މި ޤާނޫނުގެ ދަށުން ޓްރެކް ކަނޑައެޅުމަށްޓަކައި ލަސްނުކޮށް އެ މައްސަލަ ޝަރީޢަތަށް ފޮނުވަންވާނެއެވެ. އަދި މައްސަލައިގައި ޙައްލެއް ލިބުނީ މައްސަލައިގެ އެއްބަޔަށް ކަމުގައިވާނަމަ، މި ޤާނޫނުގެ 194 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ލިޔުމާއެކު، މައްސަލައިގެ ބާކީ ބައި މި ޤާނޫނުގެ ދަށުން ޓްރެކް ކަނޑައެޅުމަށްޓަކައި ލަސްނުކޮށް އެ މައްސަލަ ޝަރީޢަތަށް ފޮނުވަންވާނެއެވެ.
    • (ށ) މައްސަލަ ޙައްލުނުކުރެވިއްޖެ ޙާލަތެއްގައި، މައްސަލަ ޙައްލުކުރުމުގެ މަރުޙަލާގައި އެއްވެސް ފަރާތަކުން ދީފައިވާ ބަޔާނެއް ނުވަތަ މަޢުލޫމާތެއް، އެފަރާތާ ދެކޮޅަށް ޝަރީޢަތުގައި ހެއްކެއްގެ ގޮތުގައި ބޭނުމެއް ނުކުރެވޭނެއެވެ.
  • 196. : ޝަރީޢަތް ހިންގުން
    • (ހ) މި ޤާނޫނުގައި ކަނޑައެޅިގެން އެހެން ގޮތަކަށް ބަޔާންކޮށްފައިވާ ޙާލަތުގައި މެނުވީ، މަދަނީ މައްސަލަތަކުގެ މައްޗަށް، މި ބާބުގައި ކަނޑައަޅާފައިވާ ޢާންމު އުސޫލުތައް ހިނގާނެއެވެ.
    • (ށ) މި މާއްދާގެ (ހ) އެހެން އޮތްނަމަވެސް، މި ޤާނޫނުގެ ވިހިވަނަ ބާބު [ކުދި، އަވަސްނިޔާގެ އަދި ބޮޑެތި މައްސަލަތަކުގެ ޓްރެކް] ގައި ބަޔާންކުރާ ޓްރެކްތަކުން މައްސަލަ ބެލުމުގައި، މި ބާބުގައި ބަޔާންކުރާ އިޖުރާއަތުތަކަށް ގެންނަންޖެހޭ ބަދަލުތައް ކޯޓަށް ގެނެވިދާނެއެވެ.
  • 197. : ޝަރީޢަތްކުރެވޭ ބަސް އެހެން ޤާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާހާ ހިނދަކު، ދިވެހިރާއްޖޭގައި ހިންގާ މަދަނީ މައްސަލަތަކުގެ ޝަރީޢަތްތައް ކުރެވޭނީ ދިވެހި ބަހުންނެވެ.
  • 198. : މައްސަލައިގެ އަޑުއެހުންތައް
    • (ހ) މަދަނީ މައްސަލައެއްގެ އަޑުއެހުންތައް ބެހިގެންވަނީ، ޝަރީޢަތުގެ ކުރީގެ މަރުޙަލާގެ އަޑުއެހުންތަކާއި ޝަރީޢަތުގެ މަރުޙަލާގެ އަޑުއެހުންތަކުގެ މައްޗަށެވެ. އެއިން ކޮންމެ މަރުޙަލާއެއްގެ އަޑުއެހުމަކީވެސް، މި ޤާނޫނުގައި އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާހާ ހިނދަކު، ޚަޞްމުން އަދި/ނުވަތަ ޚަޞްމުން ތަމްސީލުކުރާ ފަރާތްތައް ޙާޟިރުވާންޖެހޭ އަޑުއެހުންތަކެކެވެ.
    • (ށ) ޝަރީޢަތުގެ ކުރީގެ މަރުޙަލާގެ އަންނަނިވި އަޑުއެހުންތައް، ޝަރީޢަތްކުރާ މަޖިލީހުން ބޭރުގައި، ނުރަސްމީ ސިފައެއްގައި ކުރިއަށް ގެންދެވިދާނެއެވެ.
      • (1) އިބްތިދާއީ އަޑުއެހުން؛
      • (2) ޚަޞްމުންނަށް އިރުޝާދު ދިނުމަށް ބާއްވާ އަޑުއެހުން؛
      • (3) މައްސަލަ ތަރުތީބުކުރުމުގެ ބައްދަލުވުންތައް؛
      • (4) ޝަރީޢަތުގެ ކުރީގެ މުރާޖަޢާ ހިންގުމަށް ބާއްވާ އަޑުއެހުން.
    • (ނ) މި ޤާނޫނުގައި ނުވަތަ އެހެން ޤާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާހާ ހިނދަކު މަދަނީ މައްސަލަތަކުގެ ޝަރީޢަތުގެ މަރުޙަލާގެ އަޑުއެހުންތައް ކުރިއަށްގެންދަންވާނީ ޚަޞްމުން އަދި/ނުވަތަ ޚަޞްމުން ތަމްސީލުކުރާ ފަރާތްތަކާއި މައްސަލަ ބަލާ ފަނޑިޔާރާ އެއް ޙާޟިރެއްގައި އަދި އެއް މަޖިލީހެއްގައި ތިބެގެންނެވެ.
  • 199. : އަޑުއެހުންތައް ތާވަލުކުރުމާއި ފަސްކުރެވޭނެ ޙާލަތްތައް
    • (ހ) މަދަނީ މައްސަލަތަކުގެ އަޑުއެހުންތައް ބާއްވަންވާނީ، ދުރާލާ ތާވަލުކުރެވިގެންނެވެ.
    • (ށ) މައްސަލައެއްގެ އެއްވެސް މަރުޙަލާއެއްގެ އަޑުއެހުމެއް ތާވަލުކޮށްފައިވަނިކޮށް، މައްސަލައިގެ ޚަޞްމަކު އެ އަޑުއެހުން ފަސްކޮށްދިނުމަށް އެޖިއްޖެނަމަ، އަޑުއެހުން ފަސްކޮށްދިނުމަށް އެދިފައިވާ ސަބަބަކީ، ކޯޓަށް ބަލައިގަނެވޭ ސަބަބެއް ކަމުގައިވާނަމަ، އެ އަޑުއެހުމެއް ފަސްކޮށްދިނުމުގެ އިޚްތިޔާރު ކޯޓަށް ލިބިގެންވެއެވެ.
    • (ނ) މި މާއްދާގެ (ށ) ގެ ދަށުން އަޑުއެހުމެއް ފަސްކޮށްދެވޭނީ، އެ އަޑުއެހުން ފަސްކުރަންއެދޭ ސަބަބަކީ އެ ޚަޞްމުގެ ބާރު ނުފޯރުވޭ ފަދަ ކަމެއްގެ ސަބަބުން މެދުވެރިވި ކަމެއް ކަމުގައިވާ ޙާލަތުގައި އެކަންޏެވެ. މައްސަލައިގައި ޚަޞްމަކު ތަމްސީލުކުރާ ޤާނޫނީ ވަކީލަކު ޝަރީޢަތުގެ އެހެން އަޑުއެހުމަކަށް ޙާޟިރުވާންޖެހުމަކީ، މައްސަލަ ފަސްކޮށްދިނުމަށް އެދެވޭނެ ޞައްޙަ ސަބަބެއް ނޫނެވެ.
    • (ރ) މި މާއްދާގެ (ށ) ގެ ދަށުން އަޑުއެހުމެއް ފަސްކޮށްފިނަމަ، އެ އަޑުއެހުން ފަސްކުރެވުނު ސަބަބު ލިޔުމުން ރެކޯޑުކޮށްފައި އޮންނަންވާނެއެވެ. އަދި މައްސަލައިގެ ޝަރީޢަތް ނިމި، ޝަރީޢަތުގެ ޚަރަދު ނަގައިދިނުމުގައި، އަޑުއެހުން ފަސްކުރި ފަސްކުރުމަށް ރިޢާޔަތްކުރެވޭނެއެވެ.
    • (ބ) އެއްވެސް ޚަޞްމަކަށް މައްސަލައެއްގެ އަޑުއެހުން ފަސްކޮށްދެވޭނީ، ޝަރީޢަތުގެ ކުރީގެ މަރުޙަލާއާއި ޝަރީޢަތުގެ މަރުޙަލާ ހިމެނޭގޮތުން ޖުމްލަ 3 (ތިނެއް) ފަހަރަށްވުރެ ގިނަނުވާނެ ގޮތެއްގެމަތިންނެވެ.
  • 200. : ދަޢުވާއާއި ދިފާޢު ހުށަހެޅުން
    • (ހ) ވަކި ޓްރެކަކަށް ކަނޑައެޅިފައިވާ ޚާއްޞަ އިޖުރާއަތުގެ ދަށުން މައްސަލައިގެ ލިޔެކިޔުން ބަދަލުކުރުމުގެ މަރުޙަލާ ފުރިހަމަކޮށް ނިމިފައިވާ މައްސަލަތައް ފިޔަވައި އެހެން މަދަނީ މައްސަލަތަކުގެ ޝަރީޢަތް ޢާންމު ގޮތެއްގައި ފަށާނީ، ދަޢުވާލިބޭ ފަރާތުގެ މައްޗަށް ހުށަހަޅާފައިވާ ދަޢުވާ، ދަޢުވާކުރާ ފަރާތުން ހުށަހެޅުމުންނެވެ.
    • (ށ) ދަޢުވާކުރާ ފަރާތުން ދަޢުވާ ހުށަހެޅުމުން، ދަޢުވާލިބޭ ފަރާތުން އޭނާގެ ދިފާޢު ހުށަހަޅަންވާނެއެވެ.
  • 201. : ހެކި ހާމަކުރުމާއި ހެއްކާގުޅޭ އުސޫލުތައް
    • (ހ) މަދަނީ ދަޢުވާއެއް ހުށަހަޅާއިރު، އެ ދަޢުވާ ސާބިތުކުރުމަށް ހުށަހަޅާ ހެކި، އެ ދަޢުވާއާއެކު ދަޢުވާކުރާ ފަރާތުން ހުށަހަޅަންވާނެއެވެ. އަދި ދަޢުވާ ލިބޭ ފަރާތުން އޭނާގެ ދިފާޢު ހުށަހަޅާއިރު، އެ ދިފާޢު ސާބިތުކުރުމަށްޓަކައި ހެކި ހުށަހެޅިދާނެއެވެ.
    • (ށ) ހެކި ހާމަކުރުމުގެ މަރުޙަލާ ހިނގާނީ، މި ޤާނޫނުގެ ހަތަރުވަނަ ބައި [ހެއްކާބެހޭ] ގައި ބަޔާންކޮށްފައިވާ އިޖުރާއަތުތަކާ އެއްގޮތްވާ ގޮތުގެމަތިންނެވެ. އަދި ހެކި ހުށަހެޅުމާ ގުޅޭގޮތުން ޢަމަލުކުރެވޭނީ، މި ޤާނޫނުގެ ހަތަރުވަނަ ބައި [ހެއްކާބެހޭ] ގައި ބަޔާންކުރާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިންނެވެ.
    • (ނ) މި ޤާނޫނުގައި ބަޔާންކުރާ ހެއްކާބެހޭ އުސޫލުތަކުގެ އިތުރުން، ހެކި ބަލައިގަތުމާއި، ހެކި ވަޒަންކުރުމާއި، ކަމެއް ސާބިތުކުރުމަށް ހެކި ބޭނުންވާ ނިސްބަތާއި، އެނޫންވެސް ހެއްކާ ގުޅޭގޮތުން ހެއްކާބެހޭ ޤާނޫނުގައި ކަނޑައަޅާފައިވާ އުސޫލުތައް، އެ ޤާނޫނުގައި ބަޔާންކުރާ ނިސްބަތަށް މަދަނީ ދަޢުވާތަކުގެ މައްޗަށް ހިނގާނެއެވެ.
  • 202. : ހެކިބަސް ނެގުން ވަކި ޓްރެކެއްގައި ހެކިބަސް ނެގުމަށް ވަކި އުސޫލެއް ކަނޑައަޅާ ޙާލަތުގައި ފިޔަވައި އެނޫން ޙާލަތްތަކުގައި، ހެކީންގެ ހެކިބަސް ނެގުމުގައި ޢަމަލުކުރާނީ، މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިންނެވެ.
    • (ހ) ޝަރީޢަތުގެ އަޑުއެހުމެއްގައި ހެކީންގެ ހެކިބަސް ނަގަންޖެހޭ ޙާލަތްތަކުގައި، އެ ހެކީންގެ ހެކިބަސް ނަގަންވާނީ، ޢާންމުކޮށް ހުޅުވާލެވިފައިވާ ޝަރީޢަތުގެ މަޖިލީހެއްގައި، ޝަރީޢަތުގެ އަޑުއެހުމަކަށް އެ މީހުން ޙާޟިރުކޮށް، ހުވައި މަތީގައި އެ މީހުންނާ ސުވާލުކޮށްގެންނެވެ.
    • (ށ) ޝަރީޢަތުގެ އަޑުއެހުމެއްގައި ފިޔަވައި ޝަރީޢަތުގެ އެހެން މަރުޙަލާއެއްގައި ހެކި ހުށަހަޅާނަމަ، ޢާންމު އުސޫލުން އެ ހެކި ހުށަހަޅާނީ، ހެކިބަސްދޭ ފަރާތުގެ ބަޔާން ހުށަހަޅައިގެންނެވެ. އަދި އެފިޑެވިޓް ހުށަހެޅުމަށް ހުއްދަކުރާ ޙާލަތުގައި، ނުވަތަ އެފިޑެވިޓް ހުށަހެޅުމަށް އެހެން ޤާނޫނަކުން ލާޒިމުކުރާ ޙާލަތުގައި، އެފިޑެވިޓް މެދުވެރިކޮށް ހެކި ހުށަހެޅިދާނެއެވެ.
    • (ނ) ފުރަތަމަ ހެކިބަސް ދޭނީ ދަޢުވާކުރާ ފަރާތުން ޙާޟިރުކުރާ ހެކީންނެވެ. ދަޢުވާކުރާ ފަރާތުން ޙާޟިރުކުރާ ހެކީންނާ ދަޢުވާކުރާ ފަރާތުން ސުވާލުކޮށް ނިމުމުން، އެ ހެކީން ކްރޮސް-އެގްޒެމިންކުރުމުގެ ޙައްޤު، ދަޢުވާލިބޭ ފަރާތަށް ލިބިގެންވެއެވެ.
    • (ރ) މި މާއްދާގެ (ނ) ގެ ދަށުން ހެކީން ކްރޮސް-އެގްޒެމިންކުރުމުގެ ގޮތުން ދަޢުވާލިބޭ ފަރާތުން އެ ހެކީންނާ ސުވާލުކުރާއިރު، ސުވާލުކުރެވޭނީ، އެ ހެކީން ދިން ހެކިބަހުގައި ހިމެނުނު ކަންކަމާ ގުޅޭގޮތުން އެކަންޏެވެ. އޭގެ ބޭރުން އެއްވެސް ސުވާލެއް ނުކުރެވޭނެއެވެ.
    • (ބ) މި މާއްދާގެ (ނ) ގެ ދަށުން ދަޢުވާކުރާ ފަރާތުގެ ހެކީން ދަޢުވާލިބޭ ފަރާތުން ކްރޮސް-އެގްޒެމިންކޮށް ނިމުމުން، އެ މީހުން ރީ-އެގްޒެމިންކުރުމުގެ ޙައްޤު، ދަޢުވާކުރާ ފަރާތަށް ލިބިގެންވެއެވެ.
    • (ޅ) ދަޢުވާކުރާ ފަރާތުން ޙާޟިރުކުރާ ހެކީންގެ ހެކިބަސް ނަގާ ނިމުމުން، އަދި އެ ހެކީން ދަޢުވާލިބޭ ފަރާތުން ކްރޮސް-އެގްޒެމިންކޮށް ނިމުމުން، އަދި އެ ހެކީން ރީ-އެގްޒެމިންކުރާނަމަ ރީ-އެގްޒެމިންކޮށް ނިމުމުން، ދެން ޙާޟިރުކުރާނީ ދަޢުވާލިބޭ ފަރާތުން ޙާޟިރުކުރަން ބޭނުންވާ ހެކީންނެވެ.
    • (ކ) ދަޢުވާ ލިބޭ ފަރާތުން ޙާޟިރުކުރާ އެންމެހައި ހެކީންނާ ދަޢުވާލިބޭ ފަރާތުން ސުވާލުކޮށް ނިމުމުން، އެ ހެކީން ކްރޮސް-އެގްޒެމިންކުރުމުގެ ޙައްޤު ދަޢުވާކުރާ ފަރާތަށް ލިބިގެންވެއެވެ.
    • (އ) މި މާއްދާގެ (ކ) ގެ ދަށުން ހެކީން ކްރޮސް-އެގްޒެމިންކުރުމުގެ ގޮތުން ދަޢުވާކުރާ ފަރާތުން އެ ހެކީންނާ ސުވާލުކުރާއިރު، ސުވާލުކުރެވޭނީ، އެ ހެކީން ދިން ހެކިބަހުގައި ހިމެނުނު ކަންކަމާ ގުޅޭގޮތުން އެކަންޏެވެ. އޭގެ ބޭރުން އެއްވެސް ސުވާލެއް ނުކުރެވޭނެއެވެ.
    • (ވ) މި މާއްދާގެ (އ) ގެ ދަށުން ދަޢުވާލިބޭ ފަރާތުގެ ހެކީން ދަޢުވާކުރާ ފަރާތުން ކްރޮސް-އެގްޒެމިންކޮށް ނިމުމުން، އެ މީހުން ރީ-އެގްޒެމިންކުރުމުގެ ޙައްޤު، ދަޢުވާ ލިބޭ ފަރާތަށް ލިބިގެންވެއެވެ.
  • 203. : ފަހު ބަޔާން ހުށަހެޅުމާއި ޝަރީޢަތުގެ އަޑުއެހުންތައް ނިންމާލުން
    • (ހ) މައްސަލައިގެ ހެކި ހުށަހެޅުމުގެ މަރުޙަލާ ނިމި، އެންމެ ފަހުގެ ބަޔާންތަކާއި ލިޔެކިޔުން ހުށަހަޅާ ނިމުމާއެކު ޝަރީޢަތުގެ އަޑުއެހުންތައް ފަނޑިޔާރު ނިންމާލަންވާނެއެވެ. އަދި އެކަން، އެ މަޖިލީހުގައި ފަނޑިޔާރު އިޢުލާންކުރަންވާނެއެވެ.
    • (ށ) މައްސަލައިގެ އަޑުއެހުންތައް ނިމުމުން، މައްސަލައިގެ ޙުކުމް ކުރާނީ، މި ޤާނޫނުގެ ސައުވީސްވަނަ ބާބު ]ޙުކުމް[ ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިންނެވެ.
  • 204. : އޯޑިއޯ އަދި ވީޑިއޯ ކޮންފަރެންސިންގ މެދުވެރިކޮށް އަޑުއެހުން ކުރިއަށްގެންދިޔުން
    • (ހ) މަދަނީ މައްސަލަތުގެ ޝަރީޢަތުގެ ކުރީގެ އަޑުއެހުންތައް، އޯޑިއޯ ނުވަތަ ވީޑިއޯ ކޮންފަރެންސިންގ މެދުވެރިކޮށް ކުރިއަށްގެންދިޔުމުގެ އިޚްތިޔާރު ކޯޓަށް ލިބިގެންވެއެވެ. އަދި ޝަރީޢަތުގެ އަޑުއެހުންތައް، ޚާއްޞަ ޙާލަތްތަކުގައި، ވީޑިއޯ ކޮންފަރެންސިންގ މެދުވެރިކޮށް ކުރިއަށްގެންދިޔުމުގެ އިޚްތިޔާރު، ކޯޓަށް ލިބިގެންވެއެވެ.
    • (ށ) މި މާއްދާގެ (ހ) އެހެން އޮތްނަމަވެސް، ޝަރީޢަތުގެ މަޖިލީހުގެ އަޑުއެހުންތައް ވީޑިއޯ ކޮންފަރެންސިންގ މެދުވެރިކޮށް ކުރިއަށްގެންދަންވާނީ، ޚަޞްމުން އެކަމަށް އިޢުތިރާޟްނުކުރާހާ ހިނދަކުއެވެ.
    • (ނ) ވީޑިއޯ ކޮންފަރެންސިންގ މެދުވެރިކޮށް ޝަރީޢަތުގެ މަޖިލީހުގެ އަޑުއެހުންތައް ކުރިއަށްގެންދާނީ، ފަނޑިޔާރާއި ކޯޓުގެ އޮފިސަރުން ޙާޟިރުވެ ތިބޭ ޝަރީޢަތުގެ މަޖިލިސްކުރާ މާލަމާއި، ޚަޞްމުން އަދި/ނުވަތަ ޚަޞްމުން ތަމްސީލުކުރާ ފަރާތްތައް ޙާޟިރުވެ ތިބޭ މާލަންތައް، ވީޑިއޯ ކޮންފަރެންސިންގ މެދުވެރިކޮށް ގުޅުވާލައިގެންނެވެ.
    • (ރ) ވީޑިއޯ ކޮންފަރެންސިންގ މެދުވެރިކޮށް ކުރިއަށްގެންދެވޭ އަޑުއެހުންތައް ކުރިއަށްގެންދަންވާނީ، ޢަދުލު އިންޞާފުގެ ހަމަތައް ނުގެއްލޭނެ ގޮތުގެމަތިން، އަދި ޚަޞްމުންގެ ޙައްޤުތަކަށް އުނިކަމެއް ނާންނާނެ ފަދައިންނެވެ.
  • 205. : އަލުން މައްސަލަ ބެލުން
    • (ހ) އަންނަނިވި ޙާލަތްތަކުގައި ކޯޓެއްގައި އަލުން މައްސަލަ ބަލަންޖެހިއްޖެނަމަ، އެ މައްސަލައެއް ބަލަންވާނީ، ކުރިން އެ މައްސަލައެއްގައި ފުރިހަމަކޮށްފައިވާ އިޖުރާއަތުތައް އަލުން ފުރިހަމަކުރަން ލާޒިމުކުރުމަކާ ނުލައި، ވީވަރަކުން އެ ފުރިހަމަކުރެވިފައިވާ އިޖުރާއަތުތައް ފުރިހަމަވެފައި ކަމަށް ބަލައިގެން މައްސަލަ ކުރިއަށްގެންދިޔުމަށެވެ.
      • (1) މައްސަލަ ބަލަމުންދިޔަ ފަނޑިޔާރެއްގެ މަޤާމު ހުސްވުމުގެ ސަބަބުން އެހެން ފަނޑިޔާރަކު ބަލަންޖެހޭ މައްސަލަތައް؛
      • (2) މަތީ މަރުޙަލާގެ ކޯޓަކުން ތަޙުވީލުކުރާ މައްސަލަތައް.
    • (ށ) މި މާއްދާގެ (ހ) ގެ ދަށުން މައްސަލަ ބެލުމުގައި، އެ މައްސަލައިގައި އެހާތަނަށް ފުރިހަމަވެފައިވާ އިޖުރާއަތުތައް ފުރިހަމަވެފައިވާ ގޮތަށް ރިޢާޔަތްކޮށް، އަންނަނިވި ދެގޮތުންކުރެ ގޮތަކަށް ފަނޑިޔާރަށް ޢަމަލުކުރެވިދާނެއެވެ.
      • (1) ދަޢުވާ ސާބިތުކުރުމަށް ނުވަތަ ދިފާޢުކުރުމަށް ހުށަހަޅާފައިވާ ހެކީގެ ތެރެއިން، ހެކިބަސްދޭ ފަރާތްތައް ޝަރީޢަތަށް ޙާޟިރުކޮށް ދީފައިވާ ހެކިބަސް އަލުން ނަގަންނުޖެހޭނެ ކަމަށް ކަނޑައެޅުން؛ ނުވަތަ
      • (2) ދަޢުވާ ސާބިތުކުރުމަށް ނުވަތަ ދިފާޢުކުރުމަށް ހުށަހަޅާފައިވާ ހެކީގެ ތެރެއިން، ޝަރީޢަތުގައި ހެކިބަސްދީފައިވާ ފަރާތްތަކުގެ ހެކިބަސް އަލުން ނަގައި، ކްރޮސް-އެގްޒެމިންކުރުމަށްޓަކައި އެފަރާތްތައް އަލުން ޝަރީޢަތަށް ޙާޟިރުކުރަންޖެހޭނެ ކަމަށް ކަނޑައެޅުން.
    • (ނ) މި މާއްދާގެ (ހ) އެހެން އޮތްނަމަވެސް، މި މާއްދާގެ ދަށުން އަލުން ބަލާ މައްސަލައަކީ، މި މާއްދާގެ (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފަދަ މައްސަލައެއްނަމަ، އެ މައްސަލަ ބަލަންވާނީ، މަތީ މަރުޙަލާގެ ކޯޓުން ކަނޑައަޅާފައިވާ ގޮތުގެމަތިންނެވެ. އަދި ފުރަތަމަ ބެލި މައްސަލައިގައި އިޖުރާއީގޮތުން ނުވަތަ މައުޟޫޢީ ގޮތުން އަލުން ފުރިހަމަކުރުމަށް ކަނޑައަޅާ އިޖުރާއަތުތައް ފުރިހަމަކުރުމާއެކުގައެވެ.
  • 206. : މިބައި ހިނގާނެ ދާއިރާ މި ބައިގައި އެކުލެވިގެންވަނީ މި ޤާނޫނުގެ 178 ވަނަ މާއްދާގައި ބަޔާންކުރާ ކުދި މައްސަލަތަކުގެ ޓްރެކުން ބެލުމަށް ކަނޑައެޅިފައިވާ މައްސަލަތައް ބެލުމުގައި ޢަމަލުކުރާނެ ޚާއްޞަ އުސޫލުތަކެވެ.
  • 207. : ޤާނޫނުގެ ބައެއް މާއްދާތައް ނުހިނގުން
    • (ހ) ކުދި މައްސަލަތަކުގެ ޓްރެކުން ބަލާ މައްސަލަތަކުގެ މައްޗަށް މި ޤާނޫނުގެ އަންނަނިވި ބާބުތަކެއް ނުހިނގާނެއެވެ.
      • (1) ވަކި ކަމެއް ކުރުމަށް ނުވަތަ ނުކުރުމަށް އަންގައި ކުރާ ވަގުތީ އަމުރު ނުހިމެނޭގޮތުން މި ޤާނޫނުގެ ބާވީސްވަނަ ބާބު [ވަގުތީ ފަރުވާއާއި ރައްކާތެރިކަމުގެ އަމުރު]؛
      • (2) މި ޤާނޫނުގެ އަށާވީސްވަނަ ބާބު [ހެކި ހާމަކުރުން]؛
      • (3) މި ޤާނޫނުގެ 322 ވަނަ މާއްދާ ނުހިމެނޭ ގޮތުން، މި ޤާނޫނުގެ އޮނަތިރީސްވަނަ ބާބު [ހެއްކާގުޅޭ ޢާންމު އުސޫލު]؛
      • (4) މި ޤާނޫނުގެ ތިރީސްވަނަ ބާބު [ހެއްކާގުޅޭ ޚާއްޞަ އުސޫލު]؛
      • (5) މި ޤާނޫނުގެ 350 ވަނަ މާއްދާއާއި 354 ވަނަ މާއްދާއާއި 355 ވަނަ މާއްދާ ނުހިމެނޭ ގޮތުން، މި ޤާނޫނުގެ އެއްތިރީސް ވަނަ ބާބު [ޚަބީރުން].
    • (ށ) މި ޤާނޫނުގައި ކަނޑައެޅިގެން އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާނަމަ، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ބައިތައް ފިޔަވައި މި ޤާނޫނުގެ އެހެން މާއްދާތައް، ކުދި މައްސަލަތަކުގެ ޓްރެކުން ބެލޭ މައްސަލަތަކުގެ މައްޗަށް ހިނގާނެއެވެ.
  • 208. : ޝަރީޢަތަށް ތައްޔާރުވުމާއި، ޚަޞްމުންނަށް އިރުޝާދު ދިނުން
    • (ހ) ކުދި މައްސަލަތަކުގެ ޓްރެކުން މައްސަލައެއް ބެލުމަށް ކަނޑައެޅުމާއެކު، އެކަން މައްސަލައިގެ ޚަޞްމުންނަށް އަންގައި ކޯޓުން ދޭ ނޯޓިސް ދިނުމާއެކު، މައްސަލައިގައި ޢަމަލުކުރާނެ ގޮތުގެ ޢާންމު އިރުޝާދު ކޯޓުން ޚަޞްމުންނަށް ދީ، ޝަރީޢަތުގެ ފަހު އަޑުއެހުން ބާއްވާނެ ތާރީޚެއް ކަނޑައަޅަންވާނެއެވެ.
    • (ށ) މި މާއްދާގެ (ހ) ގެ ދަށުން ކޯޓުން ދޭ ޢާންމު އިރުޝާދުގައި، މައްސަލައިގެ ޝަރީޢަތުގައި ޚަޞްމުން ބުރަދަން ދިނުމަށް ބޭނުންވާ އެންމެހައި ލިޔެކިޔުންތައް، ޝަރީޢަތުގެ ފަހު އަޑުއެހުން ބޭއްވުމަށް ކަނޑައެޅިފައިވާ ތާރީޚުގެ މަދުވެގެން 14 (ސާދަ) ދުވަސް ކުރިން، އެއް ޚަޞްމު އަނެއް ޚަޞްމަށް ފޯރުކޮށްދިނުމަށް ކޯޓުން އަންގަންވާނެއެވެ.
    • (ނ) މި މާއްދާގެ (ހ) ގެ ދަށުން ދޭ ޢާންމު އިރުޝާދުގެ އިތުރުން، ޚަޞްމުންނަށް ޚާއްޞަ އިރުޝާދު ދޭންޖެހޭ ކަމަށް ކޯޓަށް ފެނިއްޖެނަމަ، އެފަދަ ޚާއްޞަ އިރުޝާދު ދިނުމާއެކު ޝަރީޢަތުގެ ފަހު އަޑުއެހުން ބާއްވާނެ ތާރީޚެއް ކޯޓުން ކަނޑައަޅަންވާނެއެވެ.
    • (ރ) ޢާންމު ގޮތެއްގައި ކޯޓުން ޚާއްޞަ އިރުޝާދު ދޭނީ، މައްސަލައިގައި ހުށަހަޅާފައިވާ ކަމަކާ ގުޅިގެން ނުވަތަ ބަޔާނަކާ ގުޅިގެން އިތުރަށް ސާފުކުރަންޖެހޭ ކަމެއްވާނަމަ އެ ޙާލަތުގައެވެ. ނުވަތަ މައްސަލައިގައި ޚަޞްމުން ހުށަހަޅާ ހެއްކާ ގުޅޭގޮތުން ކޯޓުން ދޭންޖެހޭ ޚާއްޞަ އިރުޝާދުދިނުމަށެވެ.
    • (ބ) ހެއްކާ ގުޅޭގޮތުން ޚާއްޞަ އިރުޝާދު ދިނުމުގައި، ކޯޓަށް ހެކި ހުށަހެޅުމަށްޓަކައި އެ ހެކި ތައްޔާރުކުރަންޖެހޭ ގޮތުގެ އިރުޝާދު ކޯޓަށް ދެވިދާނެއެވެ. އަދި އެފަދައިން ދޭ އިރުޝާދާ އެއްގޮތަށް ޢަމަލުނުކޮށްފިނަމަ، ޚަޞްމަކު ހުށަހަޅާ ހެކި ބަލައިނުގަތުމުގެ އިޚްތިޔާރު ކޯޓަށް ލިބިގެންވެއެވެ.
    • (ޅ) ޚާއްޞަ އިރުޝާދު ދޭއިރު، އެ އިރުޝާދު ދޭ ތާރީޚުން ފެށިގެން، މަދުވެގެން 28 (އަށާވީސް) ދުވަހުގެ ތެރޭގައި މައްސަލަ ކުރިއަށްގެންދިޔުމުގައި ކޯޓުން ޢަމަލުކުރާނެ ގޮތުގެ އިތުރު އިރުޝާދު ކޯޓުން ދޭނެކަން ޚަޞްމުންނަށް އަންގަންވާނެއެވެ.
    • (ކ) މި މާއްދާގެ ދަށުން ކޯޓުން އިރުޝާދު ދިނުމުގައި، މި ޤާނޫނުގެ 212 ވަނަ މާއްދާގެ ދަށުން ޝަރީޢަތުގެ އަޑުއެހުމެއް ބޭއްވުމަކާ ނުލައި މައްސަލަ ނިންމުމަށް ކޯޓުން ހުށަހަޅަން ޤަޞްދުކުރާނަމަ، އެކަން ޚަޞްމުންނަށް އަންގައި، އެކަމަށް ޚަޞްމުން އެއްބަސްވާކަން ނުވަތަ ނޫންކަން ބަޔާންކުރަން އެންގިދާނެއެވެ.
    • (އ) ޝަރީޢަތުގެ ފަހު އަޑުއެހުން ބާއްވާނެ ތާރީޚެއް ކަނޑައެޅުމުން، އެ ތާރީޚުގެ 21 (އެކާވީސް) ދުވަސް ކުރިން ޚަޞްމުންނަށް އެކަމުގެ ނޯޓިސް ދޭންވާނެއެވެ. އަދި ޝަރީޢަތުގެ ފަހު އަޑުއެހުމަށް ކަނޑައެޅިފައިވާ ވަގުތު ޚަޞްމުންނަށް އަންގަންވާނެއެވެ.
    • (ވ) ޚަބީރުންގެ ހެކިބަސް ނުވަތަ ޚަބީރެއްގެ ރަޢުޔު އެކުލެވޭ ރިޕޯޓެއް އެއްވެސް ޚަޞްމަކު ޝަރީޢަތަށް ހުށަހަޅަން އެދޭނަމަ، ކޯޓުގެ ހުއްދަ ދުރާލާ ހޯދަންވާނެއެވެ. އަދި ކޯޓުން ދޭ ޢާންމު އިރުޝާދު ދިނުމާއެކު، ޚަބީރުގެ ރިޕޯޓު ހުށަހަޅާ ސަބަބު ބަޔާންކޮށްދިނުމާއެކު އެކަމަށް ކޯޓުގައި އެދެންވާނެއެވެ.
    • (މ) ކޯޓުން ދޭ އިރުޝާދުތަކަށް އުނިއިތުރު ގެނައުމުގެ އިޚްތިޔާރު ކޯޓަށް ލިބިގެންވެއެވެ.
    • (ފ) ކޯޓަށް ފެނިއްޖެ ހިނދެއްގައި، ކޯޓުގެ އަމިއްލަ އިސްނެގުމުގައި މައްސަލައާގުޅޭ އިތުރު މަޢުލޫމާތު ހުށަހެޅުމަށް މައްސަލައިގެ ޚަޞްމުންނަށް އެންގިދާނެއެވެ.
  • 209. : އިތުރު އިރުޝާދު ދިނުމަށް އަޑުއެހުމެއް ބޭއްވުން
    • (ހ) ކޯޓަށް ފެނިއްޖެ ހިނދެއްގައި އަންނަނިވި ޙާލަތްތަކުގައި މައްސަލައިގެ އިބްތިދާއީ އަޑުއެހުމެއް ބޭއްވިދާނެއެވެ.
      • (1) މައްސަލައިގައި އިންޞާފުވެރި ޝަރީޢަތެއް ބޭއްވޭނީ، ޚާއްޞަ އިރުޝާދު ދީގެންކަމުގައާއި، އަދި އެ ޚާއްޞަ އިރުޝާދުތައް ޚަޞްމުންނަށް ސާފުކޮށްދެވޭނީ އަޑުއެހުމެއް ބާއްވައިގެން ކަމަށް ކޯޓަށް ފެނުން؛ ނުވަތަ
      • (2) މައްސަލައިގެ ޚަޞްމުންގެ ތެރެއިން ޚަޞްމަކަށް މައްސަލަ ކާމިޔާބުކުރެވޭނެ ކަމުގެ އެކަށީގެންވާ ފުރުޞަތެއް ނެތްކަމަށް ފެންނަ ޙާލަތެއްގައި، މައްސަލަ ބާޠިލުކުރުމަށް؛ ނުވަތަ
      • (3) ދަޢުވާ ފޯމު ނުވަތަ ދިފާޢު ނުވަތަ ދިފާޢުގެ ޖަވާބު ނުވަތަ އެއިން ލިޔުމެއްގެ ވަކި ބަޔަކީ އެ ދަޢުވާ ބިނާކޮށްފައިވާ ސަބަބާ ގުޅުމެއް އޮތް ކަމެއް ކަމަށް ނުވާ ޙާލަތުގައި، އެފަދަ ބައިތައް އެ ލިޔުންތަކުން އުނިކުރުމަށް.
    • (ށ) އިރުޝާދު ދިނުމުގެ އަޑުއެހުމެއް ބޭއްވުމާ ގުޅޭގޮތުން ކޯޓުން ގޮތެއް ކަނޑައަޅާއިރު މައްސަލައިގެ ޚަޞްމުންނަށް ކޯޓަށް ޙާޟިރުވުމަށް އިތުރު ޚަރަދެއް ހިނގާނަމަ، އެ ޚަރަދުތައް ކުޑަކުރެވޭނެ ގޮތްތަކަށް ކޯޓުން ރިޢާޔަތްކުރަންވާނެއެވެ.
    • (ނ) އިރުޝާދު ދިނުމުގެ އަޑުއެހުމެއް ބޭއްވުމަށް ކޯޓުން ނިންމައިފިނަމަ، އެކަމުގެ ނޯޓިސް، މައްސަލައިގެ ޝަރީޢަތުގެ އަޑުއެހުމުގެ 14 (ސާދަ) ދުވަސް ކުރިން ޚަޞްމުންނަށް ކޯޓުން ފޮނުވަންވާނެއެވެ.
    • (ރ) މައްސަލައިގެ ޚަޞްމުން އެދޭނަމަ، މި މާއްދާގެ ދަށުން ބާއްވާ އިރުޝާދު ދިނުމުގެ އަޑުއެހުމަކީ މައްސަލައިގެ ފަހު އަޑުއެހުން ކަމުގައިވެސް ކޯޓަށް ކަނޑައެޅިދާނެއެވެ.
    • (ބ) އިރުޝާދު ދިނުމުގެ އަޑުއެހުމުގައި، ކޯޓުން އަންނަނިވި ކަންކަން ކުރަންވާނެއެވެ.
      • (1) މައްސަލައިގެ ޝަރީޢަތުގެ ފަހު އަޑުއެހުން ބާއްވާނެ ތާރީޚެއް ކަނޑައެޅިފައިނުވާނަމަ، އެ ތާރީޚު ކަނޑައެޅުމާއެކު، ޚަޞްމުންނަށް މަދުވެގެން 21 (އެކާވީސް) ދުވަހުގެ ނޯޓިހެއް ދިނުން؛
      • (2) މައްސަލައިގެ ޝަރީޢަތުގެ ފަހު އަޑުއެހުމަށް ކަނޑައެޅިފައިވާ ވަގުތު އެންގުން؛ އަދި
      • (3) ދޭންޖެހޭ އެހެން އިރުޝާދުތައް ދިނުން.
  • 210. : މައްސަލައިގެ ޝަރީޢަތުގެ އަޑުއެހުން ކުރިއަށް ގެންދާނެ ގޮތް
    • (ހ) މައްސަލައިގެ ޝަރީޢަތް ފެށުމަށްޓަކައި މި ބާބުގައި ބަޔާންކުރާ އިޖުރާއަތުތައް ފުރިހަމަކޮށް ނިމުމުން، މައްސަލައިގެ ޝަރީޢަތުގެ އަޑުއެހުން ކޯޓުން ބާއްވަންވާނެއެވެ.
    • (ށ) މި މާއްދާގެ ދަށުން ބާއްވާ ޝަރީޢަތް ބޭއްވުމުގައި، ކޯޓުން ވީވަރަކުން ބަލަންވާނީ، މައްސަލައިގެ ގިނަ އަޑުއެހުންތަކެއް ބޭއްވުމުގެ ބަދަލުގައި، މައްސަލަ ދިގުވެގެންނުދާނެ ގޮތަކަށް މައްސަލައިގެ އަޑުއެހުންތައް އިންތިޒާމު ކުރުމަށެވެ. އަދި، ޝަރީޢަތުގެ ކުރީގެ މަރުޙަލާގައި ފުރިހަމަކޮށް ނިންމާފައިވާ އިޖުރާއަތުތައް އަލުން ތަކުރާރުކުރަން ނުޖެހޭނެ ގޮތެއްގެމަތިން އެކަން ކުރުމަށެވެ.
    • (ނ) ކުދި މައްސަލަތަކުގެ ޓްރެކުން މައްސަލަ ބަލާއިރު، ހެކި ހުށަހެޅުމާ ގުޅޭގޮތުން މި ޤާނޫނުގައި ކަނޑައަޅާފައިވާ ޚާއްޞަ އިޖުރާއަތުތަކެއް ނުހިނގާނެއެވެ. އެގޮތުން ޝަރީޢަތުގެ އަޑުއެހުމުގައި ޝަފަހީ ހެކި ހުށަހަޅާނަމަ، ހެކީންގެ ހެކިބަސް ހުވާ މަތީގައި ނެގުން ލާޒިމެއްނުވާނެވެ.
    • (ރ) ކުދި މައްސަލަތަކުގެ ޓްރެކުން މައްސަލަ ބަލާއިރު، ހެކިބަސްދޭ ފަރާތްތައް ކްރޮސް-އެގްޒެމިންކުރުމުގެ އުސޫލުތައް ކޯޓަށް ކަނޑައެޅިދާނެއެވެ. އަދި ކްރޮސް-އެގްޒެމިންކުރުމަށް ހޭދަކުރެވޭނެ ވަގުތާއި، ކްރޮސް-އެގްޒެމިންކުރެވޭނެ މަޢުޟޫޢުވެސް ކޯޓަށް ކަނޑައެޅިދާނެއެވެ. އަދި ޚަޞްމުން ޙާޟިރުކުރާ ހެކިންނާ، ފަނޑިޔާރު ބޭނުންނަމަ ސީދާ ސުވާލުކުރެވިދާނެއެވެ.
  • 211. : ޝަރީޢަތަށް ޙާޟިރުނުވުން
    • (ހ) ކުދި މައްސަލަތަކުގެ ޓްރެކްގައި، މައްސަލައިގެ ޚަޞްމަކު ބޭނުންނަމަ، އެ ފަރާތުގެ ޣައިރު ޙާޟިރުގައި މައްސަލަ ނިންމައިދިނުމަށް ކޯޓުގައި އެދެވިދާނެއެވެ.
    • (ށ) މި މާއްދާގެ (ހ) ގެ ދަށުން ޚަޞްމަކު ހުށަހެޅުމެއް ހުށަހަޅައިފިނަމަ، އަންނަނިވި ފަދައިން އެފަރާތުން ޢަމަލުކޮށްފައިވާނަމަ، މައްސަލައިގައި ހުށަހެޅިފައިވާ އެންމެހައި ލިޔެކިޔުންތަކަށް ރިޢާޔަތްކޮށް އެ ފަރާތުގެ ޣައިރު ޙާޟިރުގައި ކޯޓަށް މައްސަލަ ނިންމިދާނެއެވެ.
      • (1) ޝަރީޢަތުގެ އަޑުއެހުން ޠާވަލުކޮށްފައިވާ ތާރީޚުގެ މަދުވެގެން 7 (ހަތެއް) ދުވަސް ކުރިން ޝަރީޢަތުގެ އަޑުއެހުމަށް ޙާޟިރުވެވެން ނެތް ސަބަބު ބަޔާންކޮށް ކޯޓަށް އަދި މައްސަލައިގެ އަނެއް ޚަޞްމަށް ނޯޓިސް ދީފައިވުމާއެކު، އެ މުއްދަތުގެ ކުރިން މައްސަލައިގެ އެންމެހައި ލިޔެކިޔުންތަކެއް ކޯޓަށް ހުށަހަޅާފައިވުން؛ އަދި
      • (2) ޝަރީޢަތުގެ އަޑުއެހުމަށް ޙާޟިރުވެވެން ނެތް ސަބަބު ބަޔާންކޮށް ކޯޓަށް ފޮނުވާފައިވާ ނޯޓިހުގައި، އެފަރާތުގެ ޣައިރު ޙާޟިރުގައި މައްސަލަ ކުރިއަށްގެންގޮސްދިނުމަށް އެދިފައިވުން.
    • (ނ) ދަޢުވާކުރާ ފަރާތުން ޝަރީޢަތުގެ ފަހު އަޑުއެހުމަށް ޙާޟިރުވެފައިނުވާނަމަ، އަދި މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ކޯޓަށް ނޯޓިސް ދީފައިނުވާނަމަ، ކޯޓުން މައްސަލަ ބާޠިލުކަމަށް ކަނޑައަޅަންވާނެއެވެ.
    • (ރ) ދަޢުވާ ލިބޭ ފަރާތުން މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ކޯޓަށް ނޯޓިސް ދިނުމަކާ ނުލައި ޝަރީޢަތުގެ ފަހު އަޑުއެހުމަށް ޙާޟިރުނުވެ އެހެންނަމަވެސް ދަޢުވާކުރާ ފަރާތުން ޝަރީޢަތަށް ޙާޟިރުވެއްޖެނަމަ، ނުވަތަ ދަޢުވާ ކުރާ ފަރާތުން މި މާއްދާގެ (ށ) ގެ ދަށުން ނޯޓިސް ދީފައިވާނަމަ، ހަމައެކަނި ދަޢުވާކުރާ ފަރާތުގެ ދަޢުވާއަށާއި، އެފަރާތުން ހުށަހަޅާފައިވާ ހެއްކަށް ބިނާކޮށް މައްސަލައާމެދު ކޯޓަށް ގޮތެއް ކަނޑައެޅިދާނެއެވެ.
    • (ބ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ކޯޓަށް ނޯޓިސް ދިނުމަކާ ނުލައި މައްސަލައިގެ އެއްވެސް ޚަޞްމަކު ޝަރީޢަތުގެ ފަހު އަޑުއެހުމަށް ޙާޟިރުވެފައިނުވާނަމަ، ދަޢުވާއާއި ދިފާޢާއި ރައްދު ދަޢުވާ ހިމެނޭ ގޮތުން، ކޯޓަށް މުޅި މައްސަލަ ބާޠިލުކުރެވިދާނެއެވެ.
  • 212. : އަޑުއެހުމަކާ ނުލައި މައްސަލަ ނިންމުން
    • (ހ) މައްސަލައިގެ އެންމެހައި ޚަޞްމުން އެދޭނަމަ، ޝަރީޢަތުގެ އަޑުއެހުމަކާ ނުލައި ކޯޓަށް މައްސަލަ ނިންމިދާނެއެވެ.
    • (ށ) ޝަރީޢަތުގެ އަޑުއެހުމެއް ބޭއްވުމަކާ ނުލައި މައްސަލަ ނިންމާ ޙާލަތެއްގައި، މައްސަލައިގެ ނިންމުމުގެ އިތުރުން، އެ ނިންމުމަށް ވާސިލުވި ސަބަބު ބަޔާންކުރާ ލިޔުމެއް، ޚަޞްމުންނަށް ފޮނުވަންވާނެއެވެ.
  • 213. : މައްސަލައިގެ ޙުކުމް ބާޠިލުކުރުމަށްފަހު އަލުން މައްސަލަ ބަލައިދިނުމަށް އެދުން
    • (ހ) މައްސަލައިގެ ޚަޞްމަކު ނުވަތަ އެފަރާތުން ޢައްޔަންކޮށްފައިވާ ފަރާތަކުން ޝަރީޢަތުގެ އަޑުއެހުމަށް ޙާޟިރުވެފައިނުވާނަމަ އަދި މި ޤާނޫނުގެ 211 ވަނަ މާއްދާގެ (ށ) ގެ ދަށުން ކޯޓަށް ނޯޓިސް ދީފައިނުވާނަމަ، އެ މާއްދާގެ ދަށުން ކޯޓުން ނިންމާފައިވާ ނިންމުން ބާޠިލުކޮށް، މައްސަލަ އަލުން ބަލައިދިނުމަށް އެދި ކޯޓަށް ހުށަހެޅިދާނެއެވެ.
    • (ށ) މި މާއްދާގެ (ހ) ގެ ދަށުން ޚަޞްމަކު ހުށަހެޅުމެއް ހުށަހަޅަން އެދޭނަމަ، މައްސަލައިގެ ޙުކުމް އެފަރާތަށް ލިބޭތާ ގިނަވެގެން 14 (ސާދަ) ދުވަހުގެ ތެރޭގައި ކޯޓަށް ހުށަހަޅަންވާނެއެވެ.
    • (ނ) މި މާއްދާގެ (ހ) ގެ ދަށުން ހުށަހަޅާ ހުށަހެޅުން ކޯޓުން ބަލައިގަންނާނީ އަންނަނިވި ޙާލަތްތަކުގައެވެ.
      • (1) ކޯޓަށް ޙާޟިރުވެފައިނުވާ ސަބަބަކީ ނުވަތަ މި ޤާނޫނުގެ 211 ވަނަ މާއްދާގެ (ށ) ގައި ބަޔާންކުރާ ފަދައިން ކޯޓަށް ނޯޓިސް ދެވިފައިނުވާ ސަބަބަކީ އެކަށީގެންވާ ސަބަބަކަށްވުން؛ އަދި
      • (2) މައްސަލައިގައި އެފަރާތުން ހޯދުމަށް އެދޭ ފަރުވާ އެފަރާތަށް ލިބުމުގެ އެކަށީގެންވާ ފުރުޞަތެއް އޮތުން.
    • (ރ) މި މާއްދާގެ (ހ) ގެ ދަށުން މައްސަލަ އަލުން ބެލުމަށް ކަނޑައަޅައިފިނަމަ، އެ މައްސަލައިގެ އަޑުއެހުމެއް އަލުން ޠާވަލުކޮށް ޝަރީޢަތުގެ ފަހު އަޑުއެހުން ވީ އެންމެ އަވަހަކަށް ކުރިއަށްގެންދަންވާނެއެވެ.
    • (ބ) މި މާއްދާގެ (ރ) ގެ ދަށުން މައްސަލަ އަލުން ބަލާ ޙާލަތުގައި، މައްސަލަ ކުރިން ބެލި ފަނޑިޔާރު އެ މައްސަލަ އަލުން ބެލުމަކަށް މި ޤާނޫނު ހުރަހެއްނާޅައެވެ.
    • (ޅ) މި މާއްދާގެ (ހ) އެހެން އޮތްނަމަވެސް، މި ޤާނޫނުގެ 212 ވަނަ މާއްދާގެ ދަށުން ޚަޞްމުންގެ އެއްބަސްވުމާއެކު އަޑުއެހުމަކާ ނުލައި މައްސަލައާމެދު ކޯޓުން ގޮތެއް ކަނޑައަޅާފައިވާ ޙާލަތުގައި، މި މާއްދާގެ ދަށުން މައްސަލަ އަލުން ބަލައިދިނުމަކަށް ނޭދެވޭނެއެވެ.
  • 214. : މި ބައި ހިނގާނެ ދާއިރާ މި ބައިގައި އެކުލެވިގެންވަނީ މި ޤާނޫނުގެ 179 ވަނަ މާއްދާގައި ބަޔާންކުރާ އަވަސްނިޔާގެ މައްސަލަތަކުގެ ޓްރެކުން ބެލުމަށް ކަނޑައެޅިފައިވާ މައްސަލަތައް ބެލުމުގައި ޢަމަލުކުރާނެ ޚާއްޞަ އުސޫލުތަކެވެ.
  • 215. : މައްސަލަ ކުރިއަށްގެންދާނެ ގޮތުގެ އިރުޝާދު ދިނުން އަވަސްނިޔާގެ މައްސަލަތަކުގެ ޓްރެކުގައި މައްސަލަތައް ކުރިއަށްގެންދާނެ ގޮތުގެ އިރުޝާދު، ކޯޓުން ދެ މަރުޙަލާއެއްގައި ޚަޞްމުންނަށް ދޭންވާނެއެވެ. އެއީ، އަވަސް ނިޔާގެ މައްސަލަތަކުގެ ޓްރެކުން މައްސަލަ ބެލުމަށް ފޮނުވުމާއެކު ދޭ އިރުޝާދާއި، ޝަރީޢަތުގެ ކުރީގެ މަރުޙަލާގެ ޗެކްލިސްޓު ބަދަލުކުރާ މަރުޙަލާގައި ދޭ އިރުޝާދެވެ. އަދި ކޯޓުން ވީވަރަކުން ބަލަންވާނީ ހަމައެކަނި މި ދެ މަރުޙަލާގައި ޚަޞްމުންނަށް އިރުޝާދު ދިނުމަށާއި، އަޑުއެހުންތަކެއް ބޭއްވުމަކާ ނުލައި އެ އިރުޝާދުތައް ދިނުމަށެވެ.
  • 216. : ޓްރެކް ކަނޑައެޅުމާއެކު,އިރުޝާދު ދިނުން
    • (ހ) ވަކި މައްސަލައެއް އަވަސްނިޔާގެ މައްސަލަތަކުގެ ޓްރެކުން ބެލުމަށް ކަނޑައެޅުމާއެކު، އެކަން ޚަޞްމުންނަށް އަންގައި ކޯޓުން ދޭ ނޯޓިސް ދޭއިރު، އެ ޓްރެކްގައި މައްސަލަ ކުރިއަށްގެންދާނެ ގޮތުގެ އިރުޝާދު، މައްސަލައިގެ ޚަޞްމުންނަށް ދޭންވާނެއެވެ. މި މަރުޙަލާގައި މައްސަލަ ކުރިއަށްގެންދާނެ ގޮތުގެ އިރުޝާދު ދިނުމުގެ ބޭނުމަކީ، ޚަޞްމުންގެ މެދުގައި އިޚްތިލާފު އުފެދިފައިވާ މައްސަލަތަކަކީ ކޮބައިކަން ދުރާލާ ދެނެގަތުމާއި، މައްސަލައަށް ބޭނުންވާ ހެކި ހާމަކޮށް، ޝަރީޢަތަށް ހުށަހެޅުމަށް ތައްޔާރުކުރުމެވެ.
    • (ށ) މި މާއްދާގެ (ހ) ގެ ދަށުން ކޯޓުން އިރުޝާދު ދޭއިރު، އެ އެއިރުޝާދު ދޭ ތާރީޚުން ފެށިގެން މައްސަލައިގެ ޝަރީޢަތް ބޭއްވުމާ ހަމައަށް އެ މައްސަލައިގެ ޝަރީޢަތަށް ތައްޔާރުވުމަށްޓަކައި ފުރިހަމަކުރަންޖެހޭ މަރުޙަލާތަކާއި އެ މަރުޙަލާތައް ފުރިހަމަކުރުމަށް ކަނޑައަޅާ ވަގުތު އަންގައިދޭ ތާވަލެއް ކަނޑައަޅައި ޚަޞްމުންނަށް އަންގަންވާނެއެވެ. އަދި މައްސަލައިގެ ޝަރީޢަތް ބާއްވާނެ ތާރީޚެއް ނުވަތަ މައްސަލައިގެ ޝަރީޢަތް ދެމިގެންދާނެ އެންމެ ދިގު މުއްދަތެއް ކަނޑައަޅައި، ޚަޞްމުންނަށް އަންގަންވާނެއެވެ.
    • (ނ) މި މާއްދާގެ (ށ) ގެ ދަށުން މައްސަލައިގެ ޝަރީޢަތް ހިންގުމަށް ކޯޓުން ކަނޑައަޅާ މުއްދަތަކީ، މައްސަލައިގެ ޓްރެކް ކަނޑައަޅައި ކޯޓުން އަންގާ އެންގުން ފޮނުވާ ތާރީޚުން ފެށިގެން 3 (ތިނެއް) ހަފްތާއަށްވުރެ އިތުރުނުވާނެ ފަދައިން ކަނޑައެޅޭ މުއްދަތެއް ކަމުގައިވާންވާނެއެވެ. އަދި ޝަރީޢަތް ބޭއްވޭ ތާރީޚަކީ، އިރުޝާދު ދޭ ތާރީޚުން ފެށިގެން 30 (ތިރީސް) ހަފްތާއަށްވުރެ އިތުރުނުވާނެ ގޮތަށް ކަނޑައެޅޭ ތާރީޚެއް ކަމުގައިވާންވާނެއެވެ.
    • (ރ) އަޑުއެހުން ބާއްވާނެ ތާރީޚު ނުވަތަ ޝަރީޢަތް ހިންގުމަށް ކަނޑައަޅާ އެންމެ ދިގު މުއްދަތު، މި މާއްދާގެ (ހ) ގައި ބަޔާންކުރާ ނޯޓިހުގައި ކަނޑައަޅާފައި އޮންނަންވާނެއެވެ.
  • 217. : ޝަރީޢަތުގެ ކުރީގެ މަރުޙަލާގެ އިޖުރާއަތުތައް ފުރިހަމަކުރާނެ ގޮތުގެ ތާވަލު ކަނޑައެޅުން
    • (ހ) މި ޤާނޫނުގެ 216 ވަނަ މާއްދާގެ (ހ) ގެ ދަށުން މައްސަލައިގެ ޝަރީޢަތަށް ތައްޔާރުވުމަށްޓަކައި ފުރިހަމަކުރަންޖެހޭ މަރުޙަލާތަކާއި އެ މަރުޙަލާތައް ފުރިހަމަކުރުމަށް ކަނޑައަޅާ ވަގުތު އަންގައިދޭ ތާވަލު ކަނޑައެޅުމުގައި އަންނަނިވި މަރުޙަލާތައް ފުރިހަމަކުރުމަށް އަންނަނިވި މުއްދަތުތައް ކަނޑައެޅުމަށް ވީ ވަރަކުން މަސައްކަތްކުރަންވާނެއެވެ.
      • (1) ހެކި ހާމަކުރުމުގެ މަރުޙަލާ ފުރިހަމަކުރުމަށް 4 ހަފްތާ؛
      • (2) ހެކީންގެ ބަޔާން ބަދަލުކުރުމަށް 10 ހަފްތާ؛
      • (3) ޚަބީރުންގެ ރިޕޯޓު ބަދަލުކުރުމަށް 14 ހަފްތާ؛
      • (4) ޝަރީޢަތުގެ ކުރީގެ މަރުޙަލާގެ ޗެކްލިސްޓް ޚަޞްމުންނަށް ފޮނުވުމަށް 20 ހަފްތާ؛
      • (5) ޝަރީޢަތުގެ ކުރީގެ މަރުޙަލާގެ ޗެކްލިސްޓް ފުރިހަމަކޮށް ކޯޓަށް ހުށަހެޅުމަށް 22 ހަފްތާ؛
      • (6) ޝަރީޢަތުގެ އަޑުއެހުމަށް 30 ހަފްތާ.
    • (ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ މުއްދަތުތައް ހިނގަން ފަށާނީ، ޓްރެކް ކަނޑައެޅިކަން ޚަޞްމުންނަށް އަންގާ ތާރީޚުން ފެށިގެންނެވެ.
    • (ނ) މި މާއްދާގެ (ހ) ގެ ދަށުން އެކުލަވާލާ ތާވަލުގައި، އެކި މަރުޙަލާތައް ފުރިހަމަކުރުމަށް ކަނޑައަޅާ މުއްދަތުތަކަށް ކޯޓަށް ބަދަލުގެނެވިދާނެއެވެ. އެހެންނަމަވެސް، އެފަދައިން މުއްދަތުތައް ބަދަލުކުރާއިރު، އެ އެންމެހައި މަރުޙަލާތައް ފުރިހަމަކުރަންޖެހޭ ޙާލަތެއްގައި، މައްސަލައިގެ ޝަރީޢަތް ބޭއްވުމަށް ކަނޑައަޅާފައިވާ 30 ހަފްތާގެ މުއްދަތަށް ބަދަލެއް ގެނެސްގެންނުވާނެއެވެ.
    • (ރ) މި މާއްދާގެ (ނ) އެހެން އޮތްނަމަވެސް، ޝަރީޢަތް ބޭއްވުމުގެ ކުރިން ފުރިހަމަކުރަންޖެހޭ މަރުޙަލާތައް ކަމުގައި މި މާއްދާގެ (ހ) ގައި ބަޔާންކުރާ މަރުޙަލާތަކުގެ ތެރެއިން ވަކި މަރުޙަލާއެއް ކުރިއަށް ގެންދިޔުން މުހިންމު ނޫން ކަމަށް ކޯޓަށް ފެނިއްޖެ ޙާލަތެއްގައި، އެފަދަ މަރުޙަލާއެއް ފުރިހަމަކުރަންނުޖެހޭނެ ކަމަށް ކަނޑައަޅައި، ޝަރީޢަތް ބޭއްވުން އަވަސްކުރެވިދާނެއެވެ.
    • (ބ) މި މާއްދާގެ ދަށުން ކޯޓުން ތާވަލު އެކުލަވާލުމުގައި ވީ ވަރަކުން ޚަޞްމުންނާ މަޝްވަރާކުރަންވާނެއެވެ. އަދި ޚަޞްމުންނަށް އެއްބަސްވެވޭ މުއްދަތުތަކެއް ކަނޑައެޅުމަށް އިސްކަންދޭންވާނެއެވެ.
    • (ޅ) ޚަޞްމުން ބޭނުންނަމަ، ޚަޞްމުންނަށް އެއްބަސްވެވޭ ތާވަލެއް އެކުލަވާލައި، ކޯޓަށް ހުށަހެޅުމަކަށް މި މާއްދާ ހުރަހެއް ނާޅައެވެ. އަދި ޚަޞްމުން އެފަދައިން ހުށަހަޅާ ހުށަހެޅުންތަކަކީ، ކޯޓަށް ޤަބޫލުކުރެވޭ ހުށަހެޅުންތަކެއް ކަމަށްވާނަމަ، އެ ހުށަހެޅުންތައް ބަލައިގަނެ، އެ ހުށަހެޅުންތަކާ އެއްގޮތްވާ ގޮތުގެމަތިން ޢަމަލުކުރުމަށް ކަނޑައެޅިދާނެއެވެ.
  • 218. : އިރުޝާދު ދޭނެ ކަންކަން
    • (ހ) މިޤާނޫނުގެ 216 ވަނަ މާއްދާގެ (ހ) ގެ ދަށުން އިރުޝާދުދޭ ކަންކަމުގެ ތެރޭގައި އަންނަނިވި ކަންކަން ހިމެނެއެވެ.
      • (1) ހެކި ހާމަކުރުން؛
      • (2) ހެކީންގެ ބަޔާންތައް ފޯރުކޮށްދިނުން؛
      • (3) ޚަބީރުންގެ ހެކި ހުށަހެޅުން.
    • (ށ) އަވަސްނިޔާގެ މައްސަލަތަކުގެ ޓްރެކުން މައްސަލައެއް ބެލުމުގައި، ޢާންމު އުސޫލުގެ ދަށުން ހެކި ހާމަކުރުމުގެ އިޖުރާއަތު ކުރިއަށްގެންދަންނުޖެހޭ ކަމަށް ކޯޓަށް ފެނިއްޖެނަމަ، އެ އިޖުރާއަތު އެކުގައި ނުހިނގާނެ ކަމަށް ކަނޑައަޅައި، ޚަޞްމުންނަށް އެންގިދާނެއެވެ. ނުވަތަ މުޅި އިޖުރާއަތު ހިންގުމުގެ ބަދަލުގައި ޚަޞްމުން ހާމަކުރަންޖެހޭ ވަކި ލިޔުންތަކެއް ނުވަތަ ވަކި ބާވަތެއްގެ ލިޔުންތަކެއް ކަނޑައަޅައި، ޚަޞްމުންނަށް އެންގިދާނެއެވެ.
  • 219. : މައްސަލަ ކުރިއަށްގެންދާނެ ގޮތުގެ ތާވަލު އިޞްލާޙުކުރުން
    • (ހ) މި ޤާނޫނުގެ 216 ވަނަ މާއްދާގެ ދަށުން ކޯޓުން އިރުޝާދު ދިނުމުގައި ނުވަތަ މި ޤާނޫނުގެ 217 ވަނަ މާއްދާގެ ދަށުން ތާވަލު ކަނޑައެޅުމުގައި، އަންނަނިވި ކަންކަމުގެ ތެރެއިން ކަމަކަށް ކޯޓުން ކަނޑައަޅާފައިވާ ތާރީޚު ނުވަތަ މުއްދަތުތަކަށް ބަދަލެއް ގެނައުމަށް ޚަޞްމަކު ބޭނުންވާނަމަ، އެކަން ކޯޓަށް ހުށަހެޅިދާނެއެވެ.
      • (1) ޝަރީޢަތުގެ ކުރީގެ މަރުޙަލާގެ ޗެކްލިސްޓު އަނބުރާ ރައްދުކުރުމަށް ކަނޑައެޅިފައިވާ މުއްދަތު؛
      • (2) ޝަރީޢަތުގެ އަޑުއެހުން ބާއްވާނެ ތާރީޚް؛
      • (3) ޝަރީޢަތް ހިންގުމަށް ކަނޑައެޅިފައިވާ މުއްދަތު.
    • (ށ) މި މާއްދާގެ (ހ) ގެ ދަށުން ވަކި ކަމަކަށް ކަނޑައަޅާފައިވާ ވަކި ތާރީޚެއް ނުވަތަ މުއްދަތެއް ބަދަލުކުރުމަށް ޚަޞްމަކު އެދޭ ޙާލަތުގައި އެ ތާރީޚެއް ނުވަތަ މުއްދަތެއް ބަދަލުކުރެވޭނީ، މައްސަލައިގެ ޝަރީޢަތް ބޭއްވުމަށް ކަނޑައަޅާފައިވާ 30 (ތިރީސް) ހަފްތާގެ މުއްދަތަށް ބަދަލުނާންނާނެ ގޮތެއްގެމަތިންނެވެ.
  • 220. : އިރުޝާދުތައް ސާފުކޮށްދިނުމަށް އަޑުއެހުމެއް ބޭއްވުން
    • (ހ) މި ޤާނޫނުގެ 216 ވަނަ މާއްދާގެ ދަށުން ކޯޓުން ދޭ އިރުޝާދުތައް ޚަޞްމުންނަށް ސާފުކޮށްދިނުމަށްޓަކައި އަޑުއެހުމެއް ބޭއްވުމަކީ މުހިންމު ކަމެއް ކަމަށް ކޯޓަށް ފެނިއްޖެ ހިނދެއްގައި، އެފަދަ އަޑުއެހުމެއް ބޭއްވިދާނެއެވެ.
    • (ށ) މި މާއްދާގެ (ހ) ގެ ދަށުން އަޑުއެހުމެއް ބާއްވާނަމަ، އަޑުއެހުން ބާއްވާ ދުވަހުގެ މަދުވެގެން 3 (ތިނެއް) ދުވަސް ކުރިން އެކަމުގެ ނޯޓިސް ޚަޞްމުންނަށް ދޭންވާނެއެވެ.
    • (ނ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ފަދަ އަޑުއެހުމެއް ބޭއްވުމަށް މައްސަލައިގެ ޚަޞްމުންނަށްވެސް އެދެވިދާނެއެވެ. އެހެންނަމަވެސް، އެފަދަ އަޑުއެހުމެއް ކޯޓު ބާއްވަންވާނީ އެއީ ކޮންމެހެން މުހިންމު ކަމެއް ކަމުގައިވާނަމައެވެ.
    • (ރ) މި މާއްދާގެ (ނ) ގެ ދަށުން އަޑުއެހުމެއް ބޭއްވުމަށް ނިންމައިފިނަމަ، އެ އަޑުއެހުމުގައި، ކޯޓުން ދީފައިވާ އިރުޝާދުތަކާ ގުޅޭގޮތުން ޚަޞްމުން ސާފުކުރަން ބޭނުންވާ ކަންކަމަށް ދުރާލާ ތައްޔާރުވާންވާނެއެވެ.
  • 221. : ޝަރީޢަތުގެ ކުރީގެ މަރުޙަލާގެ ޗެކްލިސްޓު
    • (ހ) މި ޤާނޫނުގެ 216 ވަނަ މާއްދާގައި ބަޔާންކުރާ އިޖުރާއަތު އަދި/ނުވަތަ މި ޤާނޫނުގެ 220 ވަނަ މާއްދާގައި ބަޔާންކުރާ އިޖުރާއަތު ފުރިހަމަކުރުމަށްފަހުގައިވެސް ޝަރީޢަތަށް ތައްޔާރުވުމަށްޓަކައި މައްސަލައިގެ ޚަޞްމުން މި މާއްދާގައި ބަޔާންކުރާފަދަ ޝަރީޢަތުގެ ކުރީގެ މަރުޙަލާގެ ޗެކްލިސްޓެއް ފުރިހަމަކުރަންޖެހޭ ކަމަށް ކޯޓަށް ފެނިއްޖެ ހިނދެއްގައި، އެ ޗެކްލިސްޓު ފުރިހަމަކުރުމަށާއި، ކޯޓުން ކަނޑައަޅާ ތާރީޚަކަށް އެ ޗެކްލިސްޓު ފުރިހަމަކުރުމަށްފަހު ހުށަހެޅުމަށް ޚަޞްމުންނަށް އެންގިދާނެއެވެ.
    • (ށ) ޝަރީޢަތުގެ ކުރީގެ މަރުޙަލާގެ ޗެކްލިސްޓް ފުރިހަމަކޮށް ހުށަހަޅަންޖެހޭ ތާރީޚު ކަމުގައި ކަނޑައަޅާ ތާރީޚަކީ ޝަރީޢަތް ބޭއްވުމަށް ކަނޑައެޅިފައިވާ ތާރީޚުގެ 8 (އަށެއް) ހަފްތާ ކުރީގެ ތާރީޚަކަށް ވެގެންނުވާނެއެވެ.
    • (ނ) މި މާއްދާގެ (ށ) ގެ ދަށުން ކަނޑައެޅޭ ތާރީޚު ހަމަވާއިރު އެއްވެސް ޚަޞްމަކު ޝަރީޢަތުގެ ކުރީގެ މަރުޙަލާގެ ޗެކްލިސްޓް ފުރިހަމަކޮށް ހުށަހަޅާފައިނުވާނަމަ، ޚަޞްމުންނަށް އިތުރު 7 (ހަތެއް) ދުވަހުގެ މުއްދަތެއް ދިނުމާއެކު، އެ މަޢުލޫމާތު ހުށަހެޅުމަށް ކޯޓުން އަންގަންވާނެއެވެ. އެ މުއްދަތުގެ ތެރޭގައިވެސް ޝަރީޢަތުގެ ކުރީގެ މަރުޙަލާގެ ޗެކްލިސްޓް ފުރިހަމަކޮށް ހުށަހަޅާފައިނުވާނަމަ، އިތުރު ނޯޓިހެއް ދިނުމަކާ ނުލައި، ހުށަހަޅާފައިވާ ދަޢުވާއާއި، ދިފާޢު އަދި ރައްދު ދަޢުވާ ބާޠިލުކުރެވޭނެކަން އަންގައި، ކޯޓުން އަމުރެއް ނެރެންވާނެއެވެ.
    • (ރ) ޝަރީޢަތުގެ ކުރީގެ މަރުޙަލާގެ ޗެކްލިސްޓެއް އެއް ޚަޞްމަކު ހުށަހަޅާފައި، އަނެއް ޚަޞްމަކު ހުށަނާޅައިފިނަމަ، ނުވަތަ ޗެކްލިސްޓުގައި ކަނޑައަޅާފައިވާ އެންމެހައި މަޢުލޫމާތު ހުށަހަޅާފައިނުވާނަމަ، ނުވަތަ މައްސަލައިގެ ޝަރީޢަތަށް ތައްޔާރުވުމަށްޓަކައި ދޭންޖެހޭ އިރުޝާދުދިނުމުގެ ގޮތުން އަޑުއެހުމެއް ބޭއްވުން މުހިންމުކަމަށް ކޯޓަށް ފެނިއްޖެނަމަ، ކަމާގުޅޭގޮތުން ކޯޓަށް ފެންނަ އިރުޝާދެއް ދެވިދާނެއެވެ.
  • 222. : އަޑުއެހުމުގެ ތާރީޚު ކަނޑައެޅުމާއި އިތުރު,އިރުޝާދު ދިނުން
    • (ހ) ޝަރީޢަތުގެ ކުރީގެ މަރުޙަލާގެ ޗެކްލިސްޓު ފުރިހަމަކޮށް ހުށަހެޅުމަށް ކަނޑައަޅާފައިވާ ތާރީޚަށްފަހު ވީއެންމެ އަވަހަކަށް ކޯޓުން އަންނަނިވި ކަންކަން ހަމަޖައްސަންވާނެއެވެ.
      • (1) ޝަރީޢަތުގެ އަޑުއެހުން ބާއްވާނެ ތާރީޚެއް ކަނޑައެޅުން (ތާރީޚު ކުރިން ކަނޑައެޅިފައިވާނަމަ، ތާރީޚާމެދު އެންމެ ފަހުގެ ގޮތެއް ނިންމުން)؛
      • (2) ޝަރީޢަތުގެ އަޑުއެހުމުގެ އެކި މަރުޙަލާތައް ކުރިއަށްގެންދާނެ ގޮތުގެ ތާވަލެއް ކަނޑައަޅައި، އަޑުއެހުމާ ގުޅޭގޮތުން ދޭންޖެހޭ އެހެން އިރުޝާދުތައް ދިނުން؛ އަދި
      • (3) އަޑުއެހުމުގެ ކުރިން އަޅަންޖެހޭ އިތުރު ފިޔަވަޅެއްވާނަމަ އެކަމެއް ބަޔާންކުރުން.
    • (ށ) އިސްތިސްނާ ޙާލަތްތަކުގައި ފިޔަވައި އެނޫން ޙާލަތްތަކުގައި، ޢާންމު ގޮތެއްގައި އަޑުއެހުން އޮންނަ ތާރީޚުގެ ކުރިން 3 (ތިނެއް) ހަފްތާގެ ނޯޓިހެއް ކޯޓުން ޚަޞްމުންނަށް ދޭންވާނެއެވެ.
  • 223. : އަވަސްނިޔާގެ މައްސަލަތަކުގެ ޝަރީޢަތުގެ އަޑުއެހުން ބޭއްވުން
    • (ހ) މައްސަލައިގެ ޝަރީޢަތް ފެށުމަށްޓަކައި މި ބާބުގައި ބަޔާންކުރާ އިޖުރާއަތުތައް ފުރިހަމަކޮށް ނިމި، މި ޤާނޫނުގެ 222 ވަނަ މާއްދާގެ ދަށުން ޝަރީޢަތުގެ އަޑުއެހުން ބާއްވާނެ ތާރީޚު ކަނޑައެޅުމާއެކު އެ ތާރީޚުގައި މައްސަލައިގެ ޝަރީޢަތުގެ އަޑުއެހުން ކޯޓުން ބާއްވަންވާނެއެވެ.
    • (ށ) އަވަސްނިޔާގެ ޓްރެކުން ބަލާ މައްސަލަތަކުގެ ޝަރީޢަތުގެ އަޑުއެހުން ބޭއްވުމަށް ކޯޓުން ބަލަންވާނީ، އެއް ދުވަހުގެ ތެރޭގައި އަޑުއެހުމުގެ ހުރިހާ މަރުޙަލާއެއް ފުރިހަމަކުރެވޭނެ ގޮތަކަށް އަޑުއެހުމުގެ ވަގުތުތައް ކަނޑައެޅުމަށެވެ.
  • 224. : މި ބައި ހިނގާނެ ދާއިރާ މި ބައިގައި އެކުލެވިގެންވަނީ، މި ޤާނޫނުގެ 180 ވަނަ މާއްދާގައި ބަޔާންކުރާ ބޮޑެތި މައްސަލަތަކުގެ ޓްރެކުން ބެލުމަށް ކަނޑައެޅިފައިވާ މައްސަލަތައް ބެލުމުގައި ޢަމަލުކުރާނެ ޚާއްޞަ އުސޫލުތަކެވެ.
  • 225. : މައްސަލަ ކުރިއަށްގެންދާނެ ގޮތުގެ އިރުޝާދު ދިނުން
    • (ހ) މައްސަލައެއް ބަލާނީ ބޮޑެތި މައްސަލަތަކުގެ ޓްރެކުން ކަމަށް ކަނޑައެޅުމާއެކު، ކޯޓުން އަންނަނިވި ކަންކަން ކުރަންވާނެއެވެ.
      • (1) މައްސަލަ ކުރިއަށް ގެންދާނެ ގޮތުގެ އިރުޝާދު ޚަޞްމުންނަށް ދީ، މައްސަލައިގެ ޝަރީޢަތް ބާއްވާނެ ތާރީޚެއް ނުވަތަ މައްސަލައިގެ ޝަރީޢަތުގައި ހޭދަވާނެ އެންމެ ދިގު މުއްދަތެއް ކަނޑައަޅައި، ޚަޞްމުންނަށް އެންގުން؛ ނުވަތަ
      • (2) މައްސަލަ ކުރިއަށްގެންދާނެ ގޮތާމެދު އިރުޝާދު ދީ، އެ އިރުޝާދު ދޭ ތާރީޚުން ފެށިގެން މައްސަލައިގެ އަޑުއެހުމާ ހަމައަށް އަޅާނެ ފިޔަވަޅުތަކުގެ ތާވަލެއް ކަނޑައެޅުމާއެކު އަންނަނިވި ކަންކަމުގެ ތެރެއިން ކަމެއް ހަމަޖެއްސުން:
        • i. މައްސަލަ ތަރުތީބުކުރުމުގެ ބައްދަލުވުމެއް ބާއްވާނެ ތާރީޚެއް ކަނޑައެޅުން؛ ނުވަތަ
        • ii. މައްސަލަ ތަރުތީބުކުރުމުގެ ބައްދަލުވުމެއް ބާއްވާނެ ތާރީޚަކާއި ޝަރީޢަތް ފެށުމުގެ ކުރިން ހަދާ މުރާޖަޢާއެއް ހަދާނެ ތާރީޚެއް ކަނޑައެޅުން.
    • (ށ) ޝަރީޢަތުގެ އަޑުއެހުން ބާއްވާނެ ތާރީޚު ނުވަތަ މައްސަލައިގެ ޝަރީޢަތުގައި ހޭދަވާނެ އެންމެ ދިގު މުއްދަތު ވީ އެންމެ އަވަހަކަށް ކޯޓުން ކަނޑައަޅަންވާނެއެވެ.
    • (ނ) ޝަރީޢަތުގެ އަޑުއެހުން ބާއްވާނެ ތާރީޚު ނުވަތަ ޝަރީޢަތުގައި ހޭދަވާނެ އެންމެ ދިގު މުއްދަތު ކޯޓުން ކަނޑައެޅުމާއެކު، އެ ތާރީޚު ނުވަތަ މުއްދަތުގެ ނޯޓިސް ޚަޞްމުންނަށް ދޭންވާނެއެވެ. އަދި ޝަރީޢަތުގެ ކުރީގެ މަރުޙަލާގެ ޗެކްލިސްޓު ހުށަހަޅަންޖެހޭ ތާރީޚު ކަނޑައަޅައި އަންގަންވާނެއެވެ.
  • 226. : މައްސަލަ ތަރުތީބުކުރުމުގެ ބައްދަލުވުމެއް ބޭއްވުން
    • (ހ) މައްސަލަ ހިނގާނެ ޓްރެކް ކަނޑައެޅުމަށްފަހު ކޮންމެ ވަގުތެއްގައިވެސް މައްސަލަ ތަރުތީބުކުރުމުގެ ބައްދަލުވުމެއް، ކޯޓަށް ބޭއްވިދާނެއެވެ.
    • (ށ) މައްސަލަ ތަރުތީބުކުރުމުގެ ބައްދަލުވުމަކީ، މައްސަލައިގެ ޝަރީޢަތްތައް ހިންގުމަށްޓަކައި ވާންޖެހޭ ތައްޔާރީތައް ވެފައިވާ މިންވަރު ބެލުމަށްޓަކައި ޚަޞްމުންމާއި ފަނޑިޔާރުގެ މެދުގައި ބާއްވާ ބައްދަލުވުމެކެވެ. އެ ބައްދަލުވުމުގައި، އަންނަނިވި ކަންކަން ކޯޓަށް ސާފުކުރެވިދާނެއެވެ.
      • (1) ޚަޞްމުން އެހާތަނަށް އަޅާފައިވާ ފިޔަވަޅުތައް ސާފުކުރުން؛
      • (2) ކޯޓުން ދީފައިވާ އިރުޝާދުތަކާ އެއްގޮތަށް ޚަޞްމުން ޢަމަލުކުރަމުން ދޭތޯ ބެލުން؛
      • (3) އެއް ފަރާތުގެ ދަޢުވާ އަނެއް ފަރާތަށް ސާފުވެފައި ވޭތޯ ބެލުން؛
      • (4) ޝަރީޢަތުގެ ޚަރަދުގެ ގޮތުގައި ނަގައިދޭނެ މިންވަރެއް ބެލުމަށްޓަކައި އެ ހާތަނަށް ހިނގާފައިވާ ޚަރަތުތައް މޮނިޓަރކުރުން؛
      • (5) އިތުރަށް ތާވަލެއް ކަނޑައަޅަންޖެހޭ ކަމެއްވާނަމަ އެކަމެއް.
  • 227. : ޚަޞްމުން ފުރިހަމަކުރަންޖެހޭ ކަންކަން މައްސަލަ ތަރުތީބުކުރުމުގެ ބައްދަލުވުމެއް ބޭއްވުމުގެ މަދުވެގެން 7 (ހަތެއް) ދުވަސް ކުރިން، މައްސަލަ ތާވަލުކުރުމާ ގުޅޭގޮތުން ކޯޓުން ދީފައިވާ އިރުޝާދުތަކާމެދު ޚަޞްމުންގެ މެދުގައި އެއްބަސްވުމަކަށް އާދެވޭތޯ މަސައްކަތްކުރަންވާނެއެވެ. ނުވަތަ ޚަޞްމުންނަށް އެއްބަސްވެވޭ ޚަޞްމުންގެ އަމިއްލަ ހުށަހެޅުމެއް ކޯޓަށް ހުށަހަޅަންވާނެއެވެ. ޚަޞްމުން އެއްބަސްވާ އިރުޝާދުތައް ކޯޓުން ޤަބޫލުކޮށްފިނަމަ ނުވަތަ ކޯޓުން ކޯޓުގެ އަމިއްލަ އިރުޝާދު ދީފިނަމަ، ކޯޓުން އެކަން ޚަޞްމުންނަށް އެންގުމަށްފަހު ކޯޓުން ތާވަލުކޮށްފައިވާ މައްސަލަ ތަރުތީބުކުރުމުގެ ބައްދަލުވުން ބާޠިލުކުރަންވާނެއެވެ.
  • 228. : ޝަރީޢަތުގެ ކުރީގެ މަރުޙަލާގެ އިޖުރާއަތުތައް ފުރިހަމަކުރާނެ ގޮތުގެ ތާވަލު ކަނޑައެޅުން ބޮޑެތި މައްސަލަތަކުގެ ޓްރެކުން ބަލާ މައްސަލައެއްގައި ޝަރީޢަތުގެ ކުރީގެ މަރުޙަލާގެ އިޖުރާއަތުތައް ފުރިހަމަކުރާނެ ގޮތުގެ ތާވަލު ކަނޑައެޅުމުގައި ޢަމަލުކުރާނީ، އެކި މަރުޙަލާތައް ފުރިހަމަކުރުމަށް މުއްދަތު ކަނޑައަޅާ ކަނޑައެޅުން ފިޔަވައި، އަވަސްނިޔާގެ މައްސަލަތަކުގެ ޓްރެކުގައި ޢަމަލުކުރާ އުސޫލުންނެވެ.
  • 229. : މައްސަލަ ކުރިއަށްގެންދާނެ ގޮތުގެ ތާވަލު އިޞްލާޙުކުރުން އަންނަނިވި ކަންކަމުގެ ތެރެއިން ކަމަކަށް ކޯޓުން ކަނޑައަޅާފައިވާ ތާރީޚު ނުވަތަ މުއްދަތުތަކަށް ބަދަލެއް ގެނައުމަށް ޚަޞްމަކު އެދޭނަމަ، އެކަން ކޯޓަށް ހުށަހެޅިދާނެއެވެ.
    • (ހ) މައްސަލަ ތަރުތީބުކުރުމުގެ ބައްދަލުވުން؛
    • (ށ) ޝަރީޢަތުގެ ކުރީގެ މަރުޙަލާގެ މުރާޖައާ؛
    • (ނ) ޝަރީޢަތުގެ ކުރީގެ މަރުޙަލާގެ ޗެކްލިސްޓު އަނބުރާ ރައްދުކުރުމަށް ކަނޑައެޅިފައިވާ މުއްދަތު؛
    • (ރ) ޝަރީޢަތުގެ އަޑުއެހުން ބާއްވާނެ ތާރީޚް؛ ނުވަތަ
    • (ބ) ޝަރީޢަތް ހިނގުމަށް ކަނޑައެޅިފައިވާ އެންމެ ދިގު މުއްދަތު.
  • 230. : ޝަރީޢަތުގެ ކުރީގެ މަރުޙަލާގެ ޗެކްލިސްޓު
    • (ހ) ޝަރީޢަތުގެ ކުރީގެ މަރުޙަލާގެ ޗެކްލިސްޓެއް ފުރުމަކާ ނުލައި، ދަޢުވާއެއްގެ ޝަރީޢަތް ހިންގިދާނެ ކަމަށް ކޯޓަށް ފެނިއްޖެ ޙާލަތެއްގައި ފިޔަވައި، ޝަރީޢަތުގެ ކުރީގެ މަރުޙަލާގެ ޗެކްލިސްޓެއް ފުރިހަމަކުރުމަށާއި، ކޯޓުން ކަނޑައަޅާ ތާރީޚަކަށް އެ ޗެކްލިސްޓު ފުރިހަމަކުރުމަށްފަހު އަނބުރާ ހުށަހެޅުމަށް ޚަޞްމުންނަށް އެންގިދާނެއެވެ.
    • (ށ) ކޮންމެ ޚަޞްމަކުވެސް ކޯޓުން ބަޔާންކޮށްފައިވާ ތާރީޚުގެ ކުރިން ޝަރީޢަތުގެ ކުރީގެ މަރުޙަލާގެ ޗެކްލިސްޓު ފުރިހަމަކޮށް ހުށަހަޅަންވާނެއެވެ.
    • (ނ) މި މާއްދާގެ (ށ) ގެ ދަށުން ކަނޑައެޅޭ ތާރީޚު ހަމަވާއިރު އެއްވެސް ޚަޞްމަކު ޝަރީޢަތުގެ ކުރީގެ މަރުޙަލާގެ ޗެކްލިސްޓް ފުރިހަމަކޮށް ހުށަހަޅާފައިނުވާނަމަ، ޚަޞްމުންނަށް އިތުރު 7 (ހަތެއް) ދުވަހުގެ މުއްދަތެއް ދިނުމާއެކު، އެ މަޢުލޫމާތު ހުށަހެޅުމަށް ކޯޓުން އަންގަންވާނެއެވެ. އެ މުއްދަތުގެ ތެރޭގައިވެސް ޝަރީޢަތުގެ ކުރީގެ މަރުޙަލާގެ ޗެކްލިސްޓް ފުރިހަމަކޮށް ހުށަހަޅާފައިނުވާނަމަ، އިތުރު ނޯޓިހެއް ދިނުމަކާ ނުލައި، ހުށަހަޅާފައިވާ ދަޢުވާއާއި، ދިފާޢު އަދި ރައްދު ދަޢުވާ ބާޠިލުކުރެވޭނެކަން އަންގައި، ކޯޓުން އަމުރެއް ނެރެންވާނެއެވެ.
    • (ރ) ޝަރީޢަތުގެ ކުރީގެ މަރުޙަލާގެ ޗެކްލިސްޓެއް އެއް ޚަޞްމަކު ހުށަހަޅާފައި، އަނެއް ޚަޞްމަކު ހުށަނާޅައިފިނަމަ، ނުވަތަ ޗެކްލިސްޓުގައި ކަނޑައަޅާފައިވާ އެންމެހައި މަޢުލޫމާތު ހުށަހަޅާފައިނުވާނަމަ، ނުވަތަ މައްސަލައިގެ ޝަރީޢަތަށް ތައްޔާރުވުމަށްޓަކައި ދޭންޖެހޭ އިރުޝާދުދިނުމުގެ ގޮތުން އަޑުއެހުމެއް ބޭއްވުން މުހިންމުކަމަށް ކޯޓަށް ފެނިއްޖެނަމަ، ކަމާގުޅޭގޮތުން ކޯޓަށް ފެންނަ އިރުޝާދެއް ދެވިދާނެއެވެ.
  • 231. : ޝަރީޢަތުގެ ކުރީގެ މަރުޙަލާގެ މުރާޖަޢާ
    • (ހ) ޝަރީޢަތުގެ ކުރީގެ މަރުޙަލާގެ ޗެކްލިސްޓުތައް ޚަޞްމުން ހުށަހެޅުމުން، ޝަރީޢަތުގެ ކުރީގެ މަރުޙަލާގެ މުރާޖަޢާއެއް ހިންގުން މުހިންމު ކަމަށް ކޯޓަށް ފެނިއްޖެނަމަ، އެފަދަ މުރާޖަޢާއެއް ކޯޓަށް ހިންގިދާނެއެވެ. ޝަރީޢަތުގެ ކުރީގެ މަރުޙަލާގެ މުރާޖަޢާއަކީ، ޝަރީޢަތުގެ ކުރީގެ މަރުޙަލާގެ ޗެކްލިސްޓް ބަދަލުކުރުމަށްފަހު، އަންނަނިވި ކަންކަމާމެދު ގޮތެއް ނިންމުމަށް ކޯޓުން ހިންގާ މުރާޖަޢާއެކެވެ.
      • (1) ޝަރީޢަތުގެ އަޑުއެހުންތަކުގެ ތާވަލެއް ކަނޑައެޅުން؛
      • (2) ހެކި ހުށަހަޅާނެ ގޮތާއި ހެކިބަސްދޭނެ ތަރުތީބާމެދު ގޮތެއް ނިންމުން؛
      • (3) ޝަރީޢަތަށް ހޭދަވާނެ ވަގުތު ކަނޑައެޅުން؛
      • (4) އެނޫންވެސް ޝަރީޢަތަށް ތައްޔާރުވުމުގެ ކުރިން ކުރަންޖެހޭ ކަންކަން ކުރުން.
    • (ށ) މި މާއްދާގެ ދަށުން ކޯޓުން ހިންގާ މުރާޖަޢާއަށްފަހު، ޝަރީޢަތުގެ އަޑުއެހުން ބާއްވާނެ ތާރީޚެއް ކުރިން ކަނޑައަޅާފައިނުވާނަމަ، އެ ތާރީޚް ކަނޑައަޅައި، ޚަޞްމުންނަށް އަންގަންވާނެއެވެ.
    • (ނ) ޚަޞްމުންގެ ފަރާތުން ޝަރީޢަތުގެ ކުރީގެ މަރުޙަލާގެ ޗެކްލިސްޓުތައް ލިބުމުން، ކުރިން ހަމަޖެހިފައިވާ ޝަރީޢަތުގެ ކުރީގެ މަރުޙަލާގެ މުރާޖަޢާއެއް ބާޠިލުކޮށްފިނަމަ، މައްސަލައިގެ އަޑުއެހުން ބޭއްވުމަށް ހަމަޖެހިފައިވާ ތާރީޚުގެ 7 (ހަތެއް) ދުވަސް ކުރިން އެކަމުގެ ނޯޓިސް ޚަޞްމުންނަށް ފޯރުކޮށްދޭންވާނެއެވެ.
  • 232. : ޝަރީޢަތުގެ އަޑުއެހުންތަކުގެ ތާވަލު ކަނޑައެޅުން
    • (ހ) އަންނަނިވި ކަންކަން ފުރިހަމަވުމާއެކު، އެންމެ އަވަސް ތާރީޚެއްގައި ޝަރީޢަތުގެ ކުރީގެ މަރުޙަލާގެ ޗެކްލިސްޓު ފުރިހަމަކޮށް ހުށަހެޅުމުން ނުވަތަ ޝަރީޢަތުގެ ކުރީގެ މަރުޙަލާގެ ޗެކްލިސްޓާ ގުޅޭގޮތުން ކޯޓުން ބާއްވާ އަޑުއެހުމެއް ބޭއްވުމާއެކު، ނުވަތަ ޝަރީޢަތުގެ ކުރީގެ މަރުޙަލާގެ މުރާޖަޢާއެއް ހިންގުމާއެކު، ވީއެންމެ އަވަހަކަށް ކޯޓުން އަންނަނިވި ކަންކަން ހަމަޖައްސަންވާނެއެވެ.
      • (1) ޝަރީޢަތުގެ އަޑުއެހުމުގެ އެކި މަރުޙަލާތައް ކުރިއަށްގެންދާނެ ގޮތުގެ ތާވަލެއް ކުރިން ކަނޑައަޅާފައިނުވާނަމަ، އަދި އެފަދަ ތާވަލެއް ކަނޑައަޅަންވާނެ ކަމަށް ކޯޓަށް ޤަބޫލުކުރެވޭނަމަ، އަޑުއެހުން ބާއްވާނެ ގޮތުގެ ތާވަލެއް ކަނޑައަޅައި، އަޑުއެހުމާ ގުޅޭގޮތުން ދޭންޖެހޭ އެހެން އިރުޝާދުތައް ދިނުން؛
      • (2) ޝަރީޢަތުގެ އަޑުއެހުން ބާއްވާނެ ތާރީޚެއް ނުވަތަ އަޑުއެހުންތައް ފަށާނެ ހަފްތާއެއް ކަނޑައެޅުން ނުވަތަ ޝަރީޢަތުގެ އަޑުއެހުން ބާއްވާނެ ތާރީޚު ކުރިން ކަނޑައެޅިފައިވާނަމަ، ތާރީޚާމެދު އެންމެ ފަހުގެ ގޮތެއް ނިންމުން)؛ އަދި
      • (3) އަޑުއެހުން ބޭއްވުމުގެ ތާވަލާއި (މި މާއްދާގެ ދަށުން ތާވަލެއް ކަނޑައަޅާނަމަ)، އަޑުއެހުމުގެ ތާރީޚު ނުވަތަ މުއްދަތު ޚަޞްމުންނަށް އެންގުން.
    • (ށ) އިސްތިސްނާ ޙާލަތްތަކުގައި ފިޔަވައި އެނޫން ޙާލަތްތަކުގައި، ޢާންމު ގޮތެއްގައި އަޑުއެހުން އޮންނަ ތާރީޚުގެ ކުރިން 3 (ތިނެއް) ހަފްތާގެ ނޯޓިހެއް ކޯޓުން ޚަޞްމުންނަށް ދޭންވާނެއެވެ.
  • 233. : އިރުޝާދުތައް ސާފުކޮށްދިނުމަށް އަޑުއެހުމެއް ބޭއްވުން މި ބާބުގެ ދަށުން ދޭ އިރުޝާދުތައް ސާފުކޮށްދިނުމަށް ޝަރީޢަތުގެ ކުރީގެ މަރުޙަލާގައި އަޑުއެހުމެއް ބާއްވަންޖެހޭ ކަމަށް ފެނިއްޖެނަމަ، އެފަދަ އަޑުއެހުމެއް ކޯޓަށް ބޭއްވިދާނެއެވެ.
  • 234. : ބޮޑެތި މައްސަލަތަކުގެ,ޝަރީޢަތް ބޭއްވުން ބޮޑެތި މައްސަލަތަކުގެ ޓްރެކުން ބަލާ މައްސަލަތަކުގެ ޝަރީޢަތްތައް ފެށުމަށްޓަކައި މި ބާބުގައި ބަޔާންކުރާ އިޖުރާއަތުތައް ފުރިހަމަކޮށް ނިމި، އަޑުއެހުންތައް ބާއްވާނެ ތާރީޚު ކަނޑައެޅުމާއެކު އެ ތާރީޚުގައި މައްސަލައިގެ ޝަރީޢަތުގެ އަޑުއެހުންތައް ކޯޓުން ބާއްވަންވާނެއެވެ.
  • 235. : ކޯޓު އަމުރަށް އެދުން
    • (ހ) ހިނގަމުންދާ ދަޢުވާއަކާ ގުޅިގެން ކޯޓު އަމުރަކަށް އެދި ހުށަހަޅާނީ ދަޢުވާ ހުށަހެޅިފައިވާ ކޯޓަށެވެ.
    • (ށ) މި މާއްދާގެ (ހ) ގައި އެހެން އޮތްނަމަވެސް، ދަޢުވާ ފުރަތަމަ ހުށަހެޅި ކޯޓަށް އެ ދަޢުވާ ހުށަހެޅުމަށްފަހު އެ ދަޢުވާ އެހެން ކޯޓަކަށް ބަދަލުކުރެވިފައިވާނަމަ، މި މާއްދާގެ (ހ) ގެ ދަށުން ކޯޓު އަމުރަކަށް އެދި ހުށަހަޅާނީ އެ ދަޢުވާ ބަދަލުކުރެވިފައިވާ ކޯޓަށެވެ.
    • (ނ) ކޯޓު އަމުރަކަށް އެދެނީ ދަޢުވާއެއް ހުށަހެޅުމުގެ ކުރިން ކަމުގައިވާނަމަ، އެ ކޯޓު އަމުރަށް އެދި ހުށަހަޅަންވާނީ، އެ ދަޢުވާ ހުށަހެޅޭނެކަމަށް ބެލެވޭ ކޯޓަށެވެ.
    • (ރ) އެހެން ޤާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހާހިނދަކު، ކޯޓު އަމުރަކަށް އެދެނީ ޙުކުމް ތަންފީޛުކުރުމުގެ އިޖުރާއަތު ކޯޓުން ފެށުމަށްފަހުގައި ކަމަށްވާނަމަ، ކޯޓު އަމުރަށް އެދި ހުށަހަޅަންވާނީ ޙުކުމް ތަންފީޛުކުރުމުގެ މަރުޙަލާ ކުރިއަށްގެންދާ ކޯޓަށެވެ.
    • (ބ) މި ބާބުގެ ބޭނުމަށްޓަކައި، “އަމުރަށް އެދޭ ފަރާތް” ކަމަށް ބުނެފައި އެވަނީ، ކޯޓު އަމުރަކަށް އެދި މި ބާބުގެ ދަށުން ހުށަހަޅާ ފަރާތަށެވެ.
    • (ޅ) މި ބާބުގެ ބޭނުމަށްޓަކައި “އަމުރު ރައްދުވާ ފަރާތް” ކަމަށް ބުނެފައިއެވަނީ، އެމީހަކާ ދެކޮޅަށް ކޯޓު އަމުރެއް ނެރެދިނުމަށް އެދިފައިވާ ފަރާތް ނުވަތަ ކޯޓު އަމުރު ރައްދުވާ ކޮންމެ ފަރާތަކަށެވެ.
    • (ކ) މި ބާބުގެ ބޭނުމަށްޓަކައި “އަމުރަށް އެދޭ ފޯމު” ކަމަށް ބުނެފައިއެވަނީ، ކޯޓު އަމުރެއް ބޭނުންވާކަމަށް ބަޔާންކޮށް އަމުރަށް އެދޭ ފަރާތުން ހުށަހަޅާ ފޯމަށެވެ.
  • 236. : ކޯޓު އަމުރަށް އެދޭ ފޯމު,ފުރިހަމަކުރުން
    • (ހ) ކޯޓު އަމުރަކަށް އެދި ހުށަހަޅާނީ އެކަމަށްޓަކައި ކޯޓުން ކަނޑައަޅާފައިވާ ފޯމެއް މެދުވެރިކޮށެވެ.
    • (ށ) ކޯޓު އަމުރަށް އެދޭ ފޯމުގައި މަދުވެގެން އަންނަނިވި މަޢުލޫމާތާއި ލިޔެކިޔުން އަމުރަށް އެދޭ ފަރާތުން ހިމަނަންވާނެއެވެ.
      • (1) ނެރެދިނުމަށް އެދޭ އަމުރުގެ ބާވަތް؛
      • (2) އަމުރު ރައްދުވާ ފަރާތް ނުވަތަ ފަރާތްތައް؛
      • (3) އަމުރަށް އެދޭ ސަބަބުތައް؛
      • (4) އަމުރު އޮންނަންވީ ގޮތް.
    • (ނ) ކޯޓު އަމުރަކަށް އެދޭއިރު، އެ އަމުރާ ގުޅިގެން ހުށަހަޅަންޖެހޭ ހެކި ހުށަހަޅަންވާނެއެވެ.
  • 237. : އަމުރަށް އެދޭ ފޯމު ރައްދުކުރުން
    • (ހ) ކޯޓު އަމުރަށް އެދޭ ފޯމު ކޯޓަށް ލިބުމާއެކު، ފޯމާއެކު ހުށަހަޅާފައިވާ އެންމެހައި ލިޔެކިޔުންތަކާއެކު އެ ފޯމު އަމުރު ރައްދުވާ ފަރާތަށް ކޯޓުން ފޮނުވަންވާނެއެވެ.
    • (ށ) މި ޤާނޫނުގައި ނުވަތަ އެހެން ޤާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާނަމަ، އަމުރާމެދު ކޯޓުން ގޮތެއް ކަނޑައެޅުމުގެ މަދުވެގެން 3 (ތިނެއް) ދުވަސް ކުރިން އަމުރު ރައްދުވާ ފަރާތަށް ފޯމު ރައްދުކުރަންވާނެއެވެ.
  • 238. : އަޑުއެހުމަކާ ނުލައި އަމުރާމެދު,ގޮތެއް ކަނޑައެޅުން އަންނަނިވި ޙާލަތްތަކުގައި އަޑުއެހުމެއް ބޭއްވުމަކާ ނުލައި، ކޯޓު އަމުރަށް އެދި ހުށަހަޅާފައިވާ ހުށަހެޅުމާމެދު ކޯޓަށް ގޮތެއް ކަނޑައެޅިދާނެއެވެ.
    • (ހ) އެދިފައިވާ އަމުރުގައިވާ ކަންކަމަށް ޚަޞްމުން އެއްބަސްވުން؛ ނުވަތަ
    • (ށ) އަޑުއެހުމެއް ބޭއްވުމަކާ ނުލައި އަމުރާމެދު ކޯޓަށް ފެންނަ ގޮތެއް ކަނޑައެޅުމަށް ޚަޞްމުން އެއްބަސްވުން؛ ނުވަތަ
    • (ނ) އަމުރާމެދު ގޮތެއް ކަނޑައެޅުމަށްޓަކައި އަޑުއެހުމެއް ބޭއްވުމަކީ، މުހިންމުކަމެއް ކަމަށް ކޯޓަށް ނުފެނުން.
  • 239. : ޣައިރު ޙާޟިރުގައި މައްސަލަ ކުރިއަށް ގެންދިޔުމުގެ ބާރު ކޯޓު އަމުރަކާ ގުޅިގެން ކޯޓުން އަޑުއެހުމެއް ބާއްވާ ޙާލަތުގައި އެ އަޑުއެހުމަށް އަމުރަށް އެދޭ ފަރާތުން ނުވަތަ އަމުރު ރައްދުވާ ފަރާތުން ޙާޟިރުނުވިނަމަވެސް، އެއިން ފަރާތެއްގެ ޣައިރު ޙާޟިރުގައި ކޯޓަށް އެ މައްސަލަ ކުރިއަށް ގެންދެވިދާނެއެވެ.
  • 240. : އަމުރާމެދު ގޮތެއް ނިންމުން
    • (ހ) މި ޤާނޫނުގައި ނުވަތަ އެހެން ޤާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާނަމަ، އަމުރަށް އެދޭ ފޯމު ހުށަހަޅާތާ ގިނަވެގެން 14 (ސާދަ) ދުވަހުގެ ތެރޭގައި ކޯޓުން އެ އަމުރާމެދު ގޮތެއް ކަނޑައަޅަންވާނެއެވެ.
    • (ށ) މި ބާބުގެ ދަށުން ކޯޓުން އަމުރެއް ނެރެދޭ ޙާލަތުގައި އެ އަމުރުގައި އަންނަނިވި ކަންކަން ފަނޑިޔާރު ބަޔާންކުރަންވާނެއެވެ.
      • (1) އަމުރަށް އެދުނު ފަރާތާއި އަމުރު ރައްދުވާ ފަރާތް؛
      • (2) އަމުރުގެ ބާވަތް؛
      • (3) އަމުރު ބިނާކޮށްފައިވާ ވާޤިޢާ އަދި ޤާނޫނީ ސަބަބުތައް؛
      • (4) ވަކި މުއްދަތެއްގައި އަމުރު ތަންފީޛުކުރަންޖެހޭނަމަ އެ މުއްދަތު؛
      • (5) އަމުރުގެ ތަންފީޛީ ބާރު ހިނގާނީ ވަކި މުއްދަތަކަށްނަމަ، އެ މުއްދަތު؛
      • (6) އެނޫންވެސް އަމުރާގުޅޭ މުހިންމު ކަންކަން.
    • (ނ) އެދިފައިވާ އަމުރު ނެރެދެވެން ނެތްކަމަށް ކޯޓުން ނިންމާ ޙާލަތުގައި، އެފަދައިން ކޯޓުން ނިންމި ސަބަބުތަކާއެކު އެ ނިންމުން، އަމުރަށް އެދުނު ފަރާތަށާއި އަމުރު ރައްދުވާ ފަރާތަށާއި ދަޢުވާގެ އެންމެހައި ޚަޞްމުންނަށް ދޭންވާނެއެވެ.
  • 241. : އަސާސެއް ނެތި ހުށަހަޅާ,ހުށަހެޅުންތައް
    • (ހ) މި ބާބުގެ ދަށުން އަމުރަކަށް އެދިފައިވަނީ އެއްވެސް އަސާސެއްގެ މައްޗަށް ބިނާކޮށްގެން ނޫން ކަމުގައި ކޯޓަށް ފެނިއްޖެނަމަ، އެކަން ފާހަގަކޮށް، އަމުރަށް އެދޭ ފޯމު ބާޠިލުކުރެވިދާނެއެވެ.
    • (ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ފަދަ ހުށަހެޅުމެއް ހުށަހަޅާ ފަރާތަކާމެދު މި ޤާނޫނުގެ 423 ވަނަ މާއްދާގައި ބަޔާންކުރާ އިޖުރާއަތުގެ ދަށުން ފިޔަވަޅު އެޅުމުގެ އިޚްތިޔާރު ކޯޓަށް ލިބިގެންވެއެވެ.
  • 242. : ވަގުތީ އަމުރު
    • (ހ) މި ބާބުގެ ބޭނުމަށްޓަކައި "ވަގުތީ އަމުރު" ކަމަށް ބުނެފައި އެވަނީ، ކޯޓަށް ހުށަހެޅިފައިވާ ދަޢުވާއެއްގައި ކޯޓުން ގޮތެއް ކަނޑައެޅުމުގެ ކުރިން ވަގުތީ ފަރުވާއެއް ހޯދައިދިނުމުގެ ގޮތުން ނުވަތަ ވަގުތީ ރައްކާތެރިކަމެއް ހޯދައިދިނުމުގެ ގޮތުން ކޯޓުން ނެރެދޭ ވަގުތީ ފަރުވާގެ އަމުރަށެވެ.
    • (ށ) ވަގުތީ އަމުރުގެ ގޮތުގައި އަންނަނިވި ބާވަތުގެ އަމުރުތައް ކޯޓަށް ނެރެދެވިދާނެއެވެ.
      • (1) ވަކި ކަމެއް ކުރުމަށް އަންގައި ކުރާ ވަގުތީ އަމުރެއް؛
      • (2) ވަކި ކަމެއް ނުކުރުމަށް އަންގައި ކުރާ ވަގުތީ އަމުރެއް؛
      • (3) އަންނަނިވި ކަންކަމުގެ ތެރެއިން ކަމެއް ކުރުމަށް ނެރޭ އަމުރެއް؛
        • i. ވަކި މުދަލެއް ހިފެހެއްޓުމަށް ނުވަތަ ވަކި ފަރާތެއްގެ ބެލުމުގެ ދަށަށް ގެނައުމަށް ނުވަތަ މުދާ ރައްކާތެރިކަމާއެކު ބެލެހެއްޓުމަށް؛
        • ii. ވަކި މުދަލެއް ބަލައި ފާސްކުރުމަށް؛
        • iii. ވަކި މުދަލެއްގެ ސާމްޕަލް ނެގުމަށް؛
        • iv. ވަކި މުދަލެއްގެ ތަޙްލީލެއް ހެދުމަށް ނުވަތަ އެ މުދަލެއް ހިމެނޭ ތަނެއް ބެލުމަށް؛
        • v. ވަކި މުދަލަކީ ފަނާވެދާ ފަދަ މުދަލެއްނަމަ ނުވަތަ އެނޫންވެސް އެކަށީގެންވާ ސަބަބަކަށްޓަކަށް އަވަހަށް ވިއްކާލަންޖެހޭ ފަދަ މުދަލެއްނަމަ އެ މުދަލެއް ވިއްކާލުމަށް؛
        • vi. ވަކި މުދަލަކުން ލިބޭ މަންފާ ނުވަތަ އާމްދަނީ ޝަރީޢަތް ނިމެންދެން ކޯޓަށް ދެއްކުމަށް.
      • (4) މި މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރުގައި ބަޔާންކުރާ ފަދަ އަމުރެއް ތަންފީޛުކުރުމުގެ ގޮތުން ޚަޞްމެއްގެ ބެލުމުގެ ދަށުގައިވާ ބިމެއް ނުވަތަ ޢިމާރާތަކަށް ވަނުމަށް ހުއްދަކުރާ އަމުރެއް؛
      • (5) މުދާ ރައްދުކުރުމަށް ކުރާ އަމުރެއް؛
      • (6) މުދަލުން ތަޞައްރުފުކުރުން ހުއްޓުވުމުގެ އަމުރު؛
      • (7) މުދާ ބަލައި ފާސްކުރުމަށް ކުރާ އަމުރެއް؛
      • (8) މުދަލުން ތަޞައްރުފުކުރުން ހުއްޓުވުމުގެ އަމުރެއް ނިސްބަތްވާ މުދަލެއް ހުރި ތަނެއް ހާމަކުރުމަށް މައްސަލައިގައި ހިމެނޭ ޚަޞްމެއްގެ މައްޗަށް ކުރާ އަމުރު؛
      • (9) ދަޢުވާ ފެށުމުގެ ކުރިން ހެކި ހާމަކުރުމަށް އަންގައި ކުރާ އަމުރު؛
      • (10) ދަޢުވާގެ ޚަޞްމެއް ކަމުގައި ނުވާ ފަރާތަކާ ދެކޮޅަށް ހެކި ހާމަކުރުމަށް ކުރާ އަމުރު؛
      • (11) ދަޢުވާ ލިބޭ ފަރާތާ ދެކޮޅަށް ކުރާ ފައިސާ ދެއްކުމުގެ އަމުރެއް.
    • (ނ) ވަގުތީ އަމުރެއް މެދުވެރިކޮށް ވަގުތީ ފަރުވާގެ ގޮތުގައި ނަގައިދިނުމަށް އެދޭ ބާވަތުގެ ފަރުވާއެއް މައުޟޫޢީ ދަޢުވާގައި އެދިފައިނުވިނަމަވެސް، އެ ފަރުވާއެއް ވަގުތީ ފަރުވާއެއްގެ ގޮތުގައި ކޯޓަށް ނަގައިދެވިދާނެއެވެ.
  • 243. : ވަގުތީ އަމުރަކަށް,އެދެވޭނެ ވަގުތު
    • (ހ) އެހެން ޤާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާހާ ހިނދަކު، ކޮންމެ ވަގުތެއްގައިވެސް މި ބާބުގައި ބަޔާންކޮށްފައިވާ ފަދަ ވަގުތީ އަމުރަކަށް ކޯޓުގައި އެދެވިދާނެއެވެ. އެގޮތުން، ދަޢުވާގެ ޝަރީޢަތްތައް ފެށުމުގެ ކުރިން، ނުވަތަ ދަޢުވާގެ ޙުކުމްކުރުމަށްފަހުގައިވެސް، ވަގުތީ އަމުރެއް ނެރެވިދާނެއެވެ.
    • (ށ) މި މާއްދާގެ (ހ) އެހެން އޮތްނަމަވެސް، އެހެން ޤާނޫނެއްގައި އެހެންގޮތަކަށް ބަޔާންކޮށްފައިނުވާހާހިނދަކު، ދަޢުވާ ހުށަހެޅުމުގެ ކުރިން ކޯޓުން ވަގުތީ ފަރުވާގެ އަމުރެއް ނެރެދޭންވާނީ، ހުށަހެޅިފައިވާ މައްސަލައަކީ އަވަހަށް ފިޔަވަޅުއަޅަންޖެހޭ ބާވަތުގެ މައްސަލައެއް ނުވަތަ އެ މައްސަލައިގައި ވަގުތީ އަމުރެއް ނެރުމަކީ އިންޞާފު ޤާއިމުކުރުމަށްޓަކައި އެދެވިގެންވާ ކަމެއް ކަމުގައި ވާނަމައެވެ.
    • (ނ) މި މާއްދާގެ (ހ) އެހެން އޮތްނަމަވެސް، ކޯޓުން އެނޫންގޮތަކަށް ކަނޑަނާޅާހާހިނދަކު، ދަޢުވާލިބޭ ފަރާތަށް ވަގުތީ އަމުރަކަށް އެދި ކޯޓަށް ހުށަހެޅޭނީ، ދަޢުވާގެ ދިފާޢު ހުށަހެޅުމަށްފަހުގައި ނުވަތަ ދަޢުވާ ފޯމާ ޙަވާލުވިކަން އަންގާ ލިޔުން ހުށަހެޅުމަށްފަހުގައެވެ.
    • (ރ) އަޑުއެހުންތައް ފެށުމުގެ ކުރިން ކޯޓުން ވަގުތީ އަމުރެއް ނެރެދީފިނަމަ، މައްސަލައިގެ އަޑުއެހުންތައް ފެށުމާގުޅޭ އިރުޝާދު ކޯޓުން ދޭންވާނެއެވެ. އަދި އެ ތާރީޚުން ފެށިގެން 1 (އެކެއް) މަސް ދުވަހަށްވުރެ ދިގުނޫން މުއްދަތެއްގެ ތެރޭގައި މައްސަލައިގެ އަޑުއެހުންތައް ފެށުމަށްޓަކައި ކުރަންޖެހޭ ކަންކަން ކުރުމަށް ކޯޓުން އިރުޝާދު ދޭންވާނެއެވެ.
  • 244. : ވަގުތީ އަމުރަކަށް އެދޭނެ ގޮތް
    • (ހ) ވަގުތީ އަމުރަކަށް އެދި ހުށަހަޅާނީ އެކަމަށް ކަނޑައެޅިފައިވާ ފޯމު މެދުވެރިކޮށެވެ.
    • (ށ) ވަގުތީ އަމުރަށް އެދި ހުށަހަޅާ ފޯމާއެކު، އެ އަމުރު ނެރެދިނުމަށް އެދޭ ސަބަބުތަކަށް ބާރުދޭ ހެކި ހުށަހަޅަންވާނެއެވެ.
    • (ނ) ފައިސާއިން ނުވަތަ މުދަލުން މުޢާމަލާތްކުރުން ހުއްޓުވުމުގެ ވަގުތީ އަމުރަކަށް ނުވަތަ ބަލައި ފާސްކުރުމުގެ ވަގުތީ އަމުރަކަށް އެދި ހުށަހަޅަންވާނީ އެފިޑެވިޓް މެދުވެރިކޮށް ހުށަހަޅާ ހެއްކާއެކުގައެވެ. އެނޫން ބާވަތުގެ ވަގުތީ އަމުރަށް އެދެންވާނީ، ހެކިބަސްދޭ ފަރާތުގެ ބަޔާން މެދުވެރިކޮށް ހުށަހަޅާ ހެއްކާ އެކުގައެވެ.
    • (ރ) އަވަސް މައްސަލައެއްގެ ގޮތުގައި ވަގުތީ އަމުރަކަށް އެދޭނަމަ، އަމުރަށް އެދޭ ފޯމު ހުށަހަޅާއިރު، ކޯޓުން ނެރެދޭންވީ އަމުރުގެ ޢިބާރާތް އޮންނަން އެދޭ ގޮތް ބަޔާންކުރާ ލިޔުމެއް ހިމަނަންވާނެއެވެ. އަދި އެ ލިޔުމުގެ ސޮފްޓް ކޮޕީ، ކޯޓަށް ހުށަހަޅަންވާނެއެވެ. އަދި އަމުރު ރައްދުވާ އެންމެހައި ފަރާތްތަކަށް ބޭނުންވާ ޢަދަދަށް އެ ފޯމާއި ލިޔެކިޔުންތަކުގެ އަސްލު ހުށަހަޅަންވާނެއެވެ.
  • 245. : ޝަރީޢަތުގެ އަޑުއެހުންތައް ފެށުމުގެ ކުރިން މުދާ ބަލައި ފާސްކުރުމުގެ އަމުރަކަށް އެދުން
    • (ހ) ދަޢުވާއެއްގެ ޝަރީޢަތްތައް ފެށުމުގެ ކުރިން މުދާ ބަލައި ފާސްކުރުމަށް ބޭނުންވާނަމަ، ނުވަތަ ދަޢުވާގެ ޚަޞްމަކަށް ނުވާ ފަރާތެއްގެ މުދާ ބަލައި ފާސްކުރުމަށް ބޭނުންވާނަމަ، އެފަދަ އަމުރަކަށް ކޯޓުގައި އެދެވިދާނެއެވެ.
    • (ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާފަދަ އަމުރަކަށް އެދި ހުށަހަޅާއިރު، ބަލައި ފާސްކުރުމަށް އެދޭ މުދަލަކީ ދަޢުވާގެ މައުޟޫޢުގައި ހިމެނޭ ނުވަތަ ދަޢުވާއާ ގުޅިގެން ކުރިމަތިވެދާނެ ކަމަކާގުޅޭ މުދަލެއްކަން ސާބިތުކޮށްދޭ ހެކި ހުށަހަޅަންވާނެއެވެ.
    • (ނ) އަމުރު ރައްދުވާ ފަރާތަށާއި އަމުރަށް އެދި ހުށަހަޅާ ފަރާތް ފިޔަވައި، އެ ދަޢުވާގައި ހިމެނޭ އެހެން ޚަޞްމުންނަށް އެ އަމުރުގެ ކޮޕީއެއް، ކަމާ ގުޅޭގޮތުން ހުށަހަޅާފައިވާ ހެއްކާއެކު ފޮނުވަންވާނެއެވެ.
  • 246. : ފައިސާ ދެއްކުމުގެ ވަގުތީ އަމުރަކަށް އެދުމާގުޅޭ ޢާންމު އުސޫލު
    • (ހ) ފައިސާ ދެއްކުމުގެ ވަގުތީ އަމުރެއް ރައްދުވަނީ ދަޢުވާލިބޭ ފަރާތަށްނަމަ، ދަޢުވާކުރާ ފަރާތަށް އެފަދަ އަމުރަކަށް އެދެވޭނީ، ދަޢުވާއަށް ރައްދުދިނުމަށް ދަޢުވާލިބޭ ފަރާތަށް ދެވިފައިވާ މުއްދަތު ހަމަވުމަށްފަހުގައެވެ.
    • (ށ) ފައިސާ ދެއްކުމުގެ އެއް ވަގުތީ އަމުރަށްވުރެ ގިނަ އަމުރަށް އެދި ދަޢުވާކުރާ ފަރާތަށް ހުށަހެޅިދާނެއެވެ.
    • (ނ) ފައިސާ ދެއްކުމުގެ ވަގުތީ އަމުރެއް ރައްދުވާ ފަރާތުން، އެ އަމުރާ ގުޅޭގޮތުން ކިތާބީ ހެކި ހުށަހަޅަން ބޭނުންވާ ކަމުގައިވާނަމަ، ވަގުތީ އަމުރާ ގުޅޭގޮތުން ބާއްވާ އަޑުއެހުން ބޭއްވުމުގެ މަދުވެގެން 7 (ހަތެއް) ދުވަސް ކުރިން އެ ހެއްކެއް ކޯޓަށް ހުށަހަޅަންވާނެއެވެ.
    • (ރ) މި މާއްދާގެ (ނ) ގެ ދަށުން ވަގުތީ އަމުރު ރައްދުވާ ފަރާތުން ހުށަހަޅާ ކިތާބީ ހެކީގެ ރައްދުގައި، އެ އަމުރަށް އެދޭ ފަރާތުން ހެކި ހުށަހަޅަން ބޭނުންވާ ކަމުގައިވާނަމަ، ވަގުތީ އަމުރާ ގުޅޭގޮތުން ބާއްވާ އަޑުއެހުން ބޭއްވުމުގެ މަދުވެގެން 3 (ތިނެއް) ދުވަސް ކުރިން އެ ހެއްކެއް ކޯޓަށް ހުށަހަޅަންވާނެއެވެ.
    • (ބ) މި މާއްދާގެ ދަށުން ހުށަހަޅަން ބޭނުންވާ ހެއްކަކީ، ކޯޓަށް ކުރިން ހުށަހަޅާފައިވާ ކިތާބީ ހެއްކެއްނަމަ އެ ހެއްކެއް އަލުން ކޯޓަށް ހުށަހެޅުން މި މާއްދާ ލާޒިމެއް ނުކުރެއެވެ.
    • (ޅ) ފައިސާ ދެއްކުމުގެ ވަގުތީ އަމުރެއްގައި އެ ފައިސާއެއް އެކީ އެއްފަހަރާ ދެއްކުމުގެ ނުވަތަ އެކި ފަހަރު މަތިން ބަހާލައިގެން ދެއްކުމަށް ކޯޓަށް އެންގިދާނެއެވެ.
  • 247. : ފައިސާ ދެއްކުމުގެ ވަގުތީ އަމުރެއް ނެރެދިނުމުގައި ރިޢާޔަތްކުރަންޖެހޭ ކަންކަން
    • (ހ) ފައިސާ ދެއްކުމުގެ ވަގުތީ އަމުރެއް ކޯޓުން ނެރެދޭންވާނީ އެ ހުށަހެޅުމާ ގުޅޭގޮތުން އަންނަނިވި ޝަރުޠުތައް ފުރިހަމަވެފައިވާނަމައެވެ.
      • (1) ދަޢުވާކުރާ ފަރާތަށް ލިބޭ ގެއްލުމުގެ ބަދަލު ދިނުމަށް ނުވަތަ އެނޫންވެސް ޚަރަދެއް ދިނުމަށް ވަގުތީ އަމުރު ރައްދުވާ ފަރާތުން ޒިންމާވާނެ ކަމުގައި އެފަރާތުން އެއްބަސްވެފައިވުން؛
      • (2) ދަޢުވާކުރާ ފަރާތަށް ލިބިފައިވާ ގެއްލުމުގެ ބަދަލަކަށް ނުވަތަ ދޭންޖެހޭ ޚަރަދުގެ ބަދަލަކަށް ވަގުތީ އަމުރު ރައްދުވާ ފަރާތުން ޒިންމާވާންޖެހޭނެ ކަމުގައި ކަނޑައަޅައި، އެ ގެއްލުމުގެ ބަދަލު ނުވަތަ ޚަރަދުގެ ބަދަލު ހިސާބުކުރުމަށް އަންގައި ކޮށްފައިވާ ޙުކުމެއް އޮތުން؛
      • (3) ދަޢުވާއަކީ ދަޢުވާލިބޭ އެއް ފަރާތަށްވުރެ ގިނަ ފަރާތްތަކެއް ހިމެނޭ މައްސަލައެއްކަމަށް ވީނަމަވެސް، އެ ދަޢުވާގެ ޝަރީޢަތް ހިންގައިފިނަމަ، ދަޢުވާކުރާ ފަރާތަށް ޝަރީޢަތުގެ ޚަރަދުތައް ނުހިމަނައި، ގިނަ ޢަދަދެއްގެ ފައިސާ ލިބުމުގެ ފުރުޞަތު އޮތްކަމަށް ކޯޓަށް ފެނުން؛
      • (4) ވަގުތީ އަމުރު ރައްދުވާ ފަރާތަކީ ދަޢުވާލިބޭ އެއް ފަރާތަށްވުރެ ގިނަ ފަރާތްނަމަ، އޭގެ ތެރެއިން އެކަކުނަމަ، އަންނަނިވި ޝަރުޠުތައް ފުރިހަމަވުން؛
        • i. ދަޢުވާގެ ޝަރީޢަތް ހިންގުމަށް ފަހުގައި ދަޢުވާލިބޭ ކޮންމެވެސް އެއް ފަރާތެއްގެ ކިބައިން ގިނަ ޢަދަދެއްގެ ފައިސާ ދަޢުވާކުރާ ފަރާތަށް ލިބިދާނެކަމަށް ކޯޓަށް ބުރެވެވުން؛ ނުވަތަ
        • ii. ދަޢުވާލިބޭ ފަރާތްތަކަކީ ދަޢުވާއާ ގުޅިގެން އިންޝުއަރކުރެވިފައިވާ ފަރާތްތަކަކަށްވުން ނުވަތަ އެ ފަރާތްތަކަކީ އިންޝުއަރކޮށްދޭ ފަރާތްތައް ކަމުގައިވުން.
    • (ށ) ދަޢުވާއާމެދު ގޮތެއް ކަނޑައެޅުމަށްފަހު ކުރާ ޙުކުމުގައި ނަގައިދިނުން އެކަށީގެންވާ ޢަދަދާ އަޅާބަލާއިރު، އެކަށީގެންނުވާ މިންވަރެއްގެ ބޮޑު ޢަދަދެއްގެ ފައިސާ ދެއްކުމުގެ ވަގުތީ އަމުރެއް ކޮށްގެން ނުވާނެއެވެ.
    • (ނ) ވަގުތީ އަމުރަށް އެދޭ ފަރާތުން އެ އަމުރު ރައްދުވާ ފަރާތަށް އަދާކުރަންޖެހޭ ފައިސާއެއް އަޅައިކެނޑުމަށާއި، ރައްދު ދަޢުވާއަށާއި، ގެއްލުން ކުޑަކުރުމުގައި ދަޢުވާލިބޭ ފަރާތުން ވެފައިވާ އިހުމާލަށް، ވަގުތީ އަމުރު ނެރެދިނުމުގައި ކޯޓުން ރިޢާޔަތްކުރަންވާނެއެވެ.
  • 248. : ފައިސާ ދެއްކުމުގެ ވަގުތީ އަމުރެއް ނެރޭ ކޯޓަށް ލިބިދޭ ބާރުތައް
    • (ހ) ފައިސާ ދެއްކުމުގެ ވަގުތީ އަމުރެއް ދަޢުވާލިބޭ ފަރާތުގެ މައްޗަށް ނެރެފައިވާނަމަ، ނުވަތަ އެފަދަ އަމުރަކާ އެއްގޮތަށް ދަޢުވާލިބޭ ފަރާތުން ފައިސާ ދައްކާފައިވާނަމަ، އެ ފައިސާގެ މިންވަރަށް އުނިއިތުރުގެނައުމަށް އެންގުމުގެ ބާރު ކޯޓަށް ލިބިގެންވެއެވެ.
    • (ށ) މި މާއްދާގެ ދަށުން ކޯޓަށް ލިބޭ ބާރުތަކުގެ ތެރޭގައި، ފައިސާ އެކުގައި ނުވަތަ އެއިން ބައެއް އަލުން ދެއްކުމަށް، ނުވަތަ ފައިސާ ދެއްކުމުގެ ވަގުތީ އަމުރު ބަދަލުކުރުމާއި ބާޠިލުކުރުމަށް، ނުވަތަ އެފަދަ އަމުރެއްގެ ދަށުން ފައިސާ ލިބިފައިވާ ފަރާތުން އެފައިސާ އެކުގައި ނުވަތަ އެފައިސާއިން ބައެއް ފައިސާ ދެއްކި ފަރާތަށް އަނބުރާ ދިނުމަށް އަމުރުކުރުން ހިމެނެއެވެ.
    • (ނ) ދަޢުވާގެ ޚަޞްމެއްގެ ފަރާތުން އަމުރަކަށް އެދިފައިނުވިނަމަވެސް، ދަޢުވާ ނުވަތަ ދަޢުވާއިން ބައެއް ބާޠިލުކުރާ ވަގުތު، މި މާއްދާގެ ދަށުން ކޯޓަށް އަމުރެއް ނެރެވިދާނެއެވެ.
    • (ރ) މި މާއްދާގެ ދަށުން ކޮށްފައިވާ އަމުރަކާ އެއްގޮތަށް ދަޢުވާލިބޭ ފަރާތުން ފައިސާ ދައްކާފައިވާ ޙާލަތުގައި، އެ ޢަދަދަކީ ދަޢުވާގެ ޙުކުމުގައި އެފަރާތުން ޒިންމާވާންޖެހޭ ކަމުގައި ކަނޑައަޅާފައިވާ ޢަދަދަށްވުރެ އިތުރު ޢަދަދެއްނަމަ، އިތުރަށް ދައްކާފައިވާ ޢަދަދަށް ފައިސާ ދެއްކި ދުވަހުން ފެށިގެން އިންޓްރެސްޓް ނަގައިދިނުމަށް ކޯޓަށް ކަނޑައެޅިދާނެއެވެ.
  • 249. : ދަޢުވާ ފަސްކުރެވޭ ޙާލަތުގައި ވަގުތީ އަމުރު ތަންފީޛުނުވުން މުޢާމަލާތުކުރުން ހުއްޓުވުމުގެ ވަގުތީ އަމުރެއް ފިޔަވައި، އެނޫން ބާވަތެއްގެ ވަގުތީ އަމުރެއް ކޯޓުން ނެރެފައިވާނަމަ، އަދި ދަޢުވާގެ ޚަޞްމުން އެއްބަސްވެގެން ދަޢުވާ ފަސްކުރާ ފަސްކުރުން ފިޔަވައި، އެނޫން ގޮތަކުން ދަޢުވާ ފަސްކުރެވިފައިވާނަމަ، ދަޢުވާ ފަސްކުރެވުނު ނަމަވެސް، ވަގުތީ އަމުރު ތަންފީޛުކުރެވޭނެ ކަމުގައި ކޯޓުން ކަނޑަނާޅާހާ ހިނދަކު، ދަޢުވާ ފަސްކުރުމާއެކު ވަގުތީ އަމުރުގެ ތަންފީޛީ ބާރު ނެތިގެންދާނެއެވެ.
  • 250. : ދަޢުވާ ބާޠިލުކުރާ ޙާލަތުގައި,ވަގުތީ އަމުރު ތަންފީޛުނުވުން
    • (ހ) ދަޢުވާކުރާ ފަރާތުން ދައްކަންޖެހޭ ފީ ދައްކާފައިނުވާތީ ކޯޓުން ދަޢުވާއެއް ބާޠިލުކުރާ ޙާލަތުގައި، އެ ދަޢުވާއާ ގުޅިގެން ކޯޓުން ވަގުތީ އަމުރެއް ނެރެފައިވާނަމަ، މި މާއްދާގެ (ށ) ގައި ބަޔާންކުރާ ޙާލަތުގައި ފިޔަވައި، ދަޢުވާ ކޯޓުން ބާޠިލުކުރާ ދުވަހުން ފެށިގެން 14 (ސާދަ) ދުވަސް ހަމަވާ ތާރީޚުގައި އެ ވަގުތީ އަމުރެއްގެ ތަންފީޛީ ބާރު ނެތިގެންދާނެއެވެ.
    • (ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ މުއްދަތު ހަމަވުމުގެ ކުރިން، ދަޢުވާކުރާ ފަރާތުން އަލުން ކޯޓަށް ދަޢުވާ ހުށަހަޅާފައިވާނަމަ، އެ ނޫން ގޮތަކަށް ކޯޓުން ކަނޑަނާޅާހާ ހިނދަކު، ވަގުތީ އަމުރާގުޅޭ އަޑުއެހުން ބޭއްވުމާ ހަމައަށް ވަގުތީ އަމުރުގެ ތަންފީޛީ ބާރު ދެމިއޮންނާނެއެވެ.
  • 251. : ޝަރީޢަތުގެ ޚަރަދުތަކަށް ސެކިއުރިޓީއެއް ނެގުން
    • (ހ) ޝަރީޢަތުގެ ޚަރަދުތަކަށް ދަޢުވާކުރާ ފަރާތުގެ ކިބައިން ސެކިއުރިޓީއެއް ބެހެއްޓުމަށް އަންގައި ކުރާ އަމުރެއް ނެރެދިނުމަށް އެދި ދަޢުވާ ލިބޭ ފަރާތަށް ހުށަހެޅިދާނެއެވެ.
    • (ށ) ޝަރީޢަތުގެ ޚަރަދުތަކަށް ސެކިއުރިޓީއެއް ބެހެއްޓުމަށް އަންގާ އަމުރަކަށް އެދި ހުށަހެޅާ ހުށަހެޅުމާއެކު، އެ ހުށަހެޅުމަކަށް ބާރުދޭ ހެކި ހުށަހަޅަންވާނެއެވެ.
    • (ނ) ޝަރީޢަތުގެ ޚަރަދުތަކަށް ސެކިއުރިޓީއެއް ބެހެއްޓުމަށް ދަޢުވާކުރާ ފަރާތުގެ މައްޗަށް ކުރާ އަމުރުގައި، ސެކިއުރިޓީގެ ޢަދަދާއި، ސެކިއުރިޓީ ދައްކާނެ ގޮތާއި ވަގުތު ކޯޓުން ކަނޑައަޅަންވާނެއެވެ.
    • (ރ) ޝަރީޢަތުގެ ޚަރަދުތަކަށް ސެކިއުރިޓީއެއް ބެހެއްޓުމަށް ދަޢުވާލިބޭ ފަރާތުގެ މައްޗަށް އެންގޭނީ، މައްސަލައިގެ ވަށައިގެންވާ ކަންކަމަށް ބަލާއިރު އެފަދަ އަމުރެއް ކުރުމަކީ ޢަދުލުވެރި ގޮތެއްކަމުގައި ކޯޓަށް ބުރަވެވޭނަމަ، އަދި މި މާއްދާގެ (ބ) ގައި ބަޔާންކުރާ ޝަރުޠުތަކުގެ ތެރެއިން ޝަރުޠެއް ފުރިހަމަވާ ޙާލަތުގައި ނުވަތަ އެފަދަ ސެކިއުރިޓީއެއް ނެގުމަށް އެހެން ޤާނޫނަކުން ކޯޓަށް ލާޒިމުކޮށްފައިވާނަމައެވެ.
    • (ބ) ޝަރީޢަތުގެ ޚަރަދުތަކަށް ސެކިއުރިޓީއެއް ބެހެއްޓުމަށް ދަޢުވާކުރާ ފަރާތުގެ މައްޗަށް އެންގޭނީ އަންނަނިވި ޝަރުޠުތައް ފުރިހަމަވާނަމައެވެ.
      • (1) ދަޢުވާކުރާ ފަރާތް ޢާންމުކޮށް ދިރިއުޅެނީ ރާއްޖެއިން ބޭރުގައިކަމަށްވުން؛
      • (2) ދަޢުވާކުރާ ފަރާތަކީ ޤާނޫނީ ޝަޚްޞަކަށްވެފައި، ދަޢުވާލިބޭ ފަރާތުން ކުރަންޖެހުނު ޚަރަދުތައް ދެއްކުމަށް އަމުރުކޮށްފިނަމަ، އެ ޚަރަދުގެ ފައިސާ އެ ޤާނޫނީ ޝަޚްޞަށް ނުދެއްކޭނެ ކަމުގައި ޤަބޫލުކުރެވޭ ސަބަބުތަކެއް ހުރުން؛
      • (3) ދަޢުވާގެ އަޑުއެހުންތައް ފެށުމަށްފަހު، އެ ދަޢުވާގެ ނަތީޖާއިން ބަރީޢަވުމުގެ ބޭނުމުގައި، ދަޢުވާކުރާ ފަރާތުން އެފަރާތުގެ އެޑްރެސް ބަދަލުކޮށްފައިވުން؛
      • (4) ދަޢުވާ ފޯމުގައި ދަޢުވާކުރާ ފަރާތުގެ އެޑްރެސް ބަޔާންކޮށްފައި ނެތުން، ނުވަތަ ރަނގަޅު ނޫން އެޑްރެހެއް ބަޔާންކޮށްފައި އޮތުން؛
      • (5) ދަޢުވާކުރާ ފަރާތުން ދަޢުވާކޮށްފައިވަނީ ތިންވަނަ ފަރާތެއްގެ ފައިދާއަށް ކަމުގައިވެފައި، ދަޢުވާލިބޭ ފަރާތުން ކުރަންޖެހުނު ޚަރަދުތައް ދެއްކުމަށް ދަޢުވާކުރާ ފަރާތުގެ މައްޗަށް އަމުރުކޮށްފިނަމަ، އެ ޚަރަދުގެ ފައިސާ އެ ފަރާތަށް ނުދެއްކޭނެ ކަމުގައި ޤަބޫލުކުރެވޭ ސަބަބުތަކެއް ހުރުން؛
      • (6) ދަޢުވާކުރާ ފަރާތުގެ މުދަލާމެދު އެފަރާތުން އަޅާފައިވާ ފިޔަވަޅުތަކަކީ، ދަޢުވާލިބޭ ފަރާތުން ކުރަންޖެހުނު ޚަރަދުތައް ދެއްކުމަށް އެފަރާތުގެ މައްޗަށް ކުރާ އަމުރެއް ތަންފީޛުކުރުމަށް ދަތިވާފަދަ ފިޔަވަޅުތަކަކަށްވުން.
  • 252. : ދަޢުވާ އަނބުރާ ގެނައުމުގެ ޙައްޤު
    • (ހ) ދަޢުވާކުރާ ފަރާތުން ބޭނުއްވެއްޖެ ހިނދެއްގައި، އެފަރާތުން ކޮށްފައިވާ ދަޢުވާ އެކުގައި ނުވަތަ އެ ދަޢުވާއިން ބައެއް އަނބުރާ ގެނެވިދާނެއެވެ.
    • (ށ) މި މާއްދާގެ (ހ) އެހެން އޮތްނަމަވެސް، އަންނަނިވި ޙާލަތްތަކުގައި ދަޢުވާ ނުވަތަ ދަޢުވާގެ ބައެއް އަނބުރާ ގެނައުމަށްޓަކައި ކޯޓުގެ ހުއްދައެއް ހޯދަންވާނެއެވެ.
      • (1) އެ ދަޢުވާއާ ގުޅިގެން ވަގުތީ އަމުރެއް ނެރެފައިވުން؛
      • (2) އެ ދަޢުވާއާ ގުޅިގެން ވަކި ކަމަކަށް ކޯޓުގައި ދަޢުވާގެ ޚަޞްމަކު އެއްބަސްވެފައިވުން؛
      • (3) ދަޢުވާ އަނބުރާ ގެންނަން ބޭނުންވާ ތާރީޚުގެ ކުރިއަށް އޮތް 1 (އެކެއް) މަސް ދުވަހުގެ މުއްދަތުގައި މައްސަލައިގެ ޝަރީޢަތުގެ އަޑުއެހުމެއް ބޭއްވުމަށް ކަނޑައެޅިފައިވުން.
    • (ނ) ދަޢުވާއާ ގުޅިގެން ދަޢުވާކުރާ ފަރާތަށް އެހާތަނަށް އެއްވެސް ފައިސާއެއް ލިބިފައިވާނަމަ، އެ ދަޢުވާއެއް އަނބުރާ ގެނެވޭނީ، ދަޢުވާ އަނބުރާ ގެނައުމަށް ދަޢުވާލިބޭ ފަރާތުގެ ރުހުން ލިޔުމުން ލިބިއްޖެނަމަ، ނުވަތަ ކޯޓުން އެކަމަށް ހުއްދަދީފިނަމައެވެ.
    • (ރ) ދަޢުވާލިބޭ އެއް ފަރާތަށްވުރެ ގިނަ ފަރާތްތައް ހިމެނޭ ދަޢުވާތަކުގައި، އެ އެންމެހައި ފަރާތްތަކެއްގެ މައްޗަށް ކޮށްފައިވާ ދަޢުވާ ނުވަތަ އޭގެ ތެރެއިން ބައެއް ފަރާތްތަކުގެ މައްޗަށް ކޮށްފައިވާ ދަޢުވާ އެކުގައި ނުވަތަ ދަޢުވާގެ ބައެއް، ދަޢުވާކުރާ ފަރާތަށް އަނބުރާ ގެނެވިދާނެއެވެ.
    • (ބ) ދަޢުވާކުރާ އެއް ފަރާތަށްވުރެ ގިނަ ފަރާތްތައް ހިމެނޭ ދަޢުވާތަކުގައި، ދަޢުވާކުރާ އެއްވެސް ފަރާތަކަށް ދަޢުވާ އަނބުރާ ގެނެވޭނީ، ދަޢުވާ އަނބުރާ ގެނައުމާމެދު އޭނާ ފިޔަވައި ދެންތިބި ދަޢުވާކުރާ ފަރާތްތަކުގެ ރުހުން ލިޔުމުން ލިބިއްޖެނަމަ، ނުވަތަ ކޯޓުން އެކަމަށް ހުއްދަ ދީފިނަމައެވެ.
  • 253. : ދަޢުވާ އަނބުރާ ގެނައުމުގެ އިޖުރާއަތު
    • (ހ) ދަޢުވާކުރާ ފަރާތުން ދަޢުވާއެއް އެކުގައި ނުވަތަ ދަޢުވާއިން ބައެއް އަނބުރާ ގެނައުމަށް އެދޭނަމަ، ދަޢުވާ އަނބުރާ ގެނައުމަށް ކޯޓަށް ހުށަހަޅަންވާނެއެވެ. އަދި ދަޢުވާގެ އެހެން ޚަޞްމުންނަށް އެ ހުށަހެޅުމުގެ ކޮޕީއެއް ކޯޓުން ފޯރުކޮށްދޭންވާނެއެވެ.
    • (ށ) ދަޢުވާ އަނބުރާ ގެނައުމަށްޓަކައި، ދަޢުވާގެ ޚަޞްމެއްގެ ރުހުން ހޯދަންޖެހޭ ޙާލަތުގައި، އެ ރުހުން ލިބިފައިވާކަމުގެ ލިޔުން މި މާއްދާގެ (ހ) ގެ ދަށުން ހުށަހަޅާ ހުށަހެޅުމަކާއެކު ދަޢުވާކުރާ ފަރާތުން ހުށަހަޅަންވާނެއެވެ.
    • (ނ) ދަޢުވާލިބޭ އެއް ފަރާތަށްވުރެ ގިނަ ފަރާތްތައް ހިމެނޭ ދަޢުވާތަކުގައި، ދަޢުވާކުރާ ފަރާތުން އަނބުރާ ގެންނަނީ އޭގެ ތެރެއިން ކޮން ފަރާތަކާ ދެކޮޅަށް ކޮށްފައިވާ ދަޢުވާއެއްކަން، މި މާއްދާގެ (ހ) ގެ ދަށުން ހުށަހަޅާ ހުށަހެޅުމުގައި ބަޔާންކުރަންވާނެއެވެ.
  • 254. : ދަޢުވާ އަނބުރާ ގެންނަން ހުށަހެޅި ހުށަހެޅުން ބާޠިލުކުރަން އެދުން
    • (ހ) މި ޤާނޫނުގެ 253 ވަނަ މާއްދާގެ (ހ) ގެ ދަށުން ދަޢުވާކުރާ ފަރާތުން ދަޢުވާ އަނބުރާ ގެނައުމަށް ހުށަހަޅާ ޙާލަތުގައި، އެފަރާތުން ހުށަހަޅާފައިވާ ހުށަހެޅުން ބާޠިލުކޮށްދިނުމަށް އެދި ދަޢުވާލިބޭ ފަރާތަށް ހުށަހެޅިދާނެއެވެ.
    • (ށ) މި މާއްދާގެ (ހ) ގެ ދަށުން ދަޢުވާ އަނބުރާ ގެނައުމުގެ ހުށަހެޅުމެއް ބާޠިލުކުރުމަށް ދަޢުވާލިބޭ ފަރާތުން އެދޭނަމަ، ދަޢުވާ އަނބުރާ ގެންނަކަމުގެ ލިޔުން އެފަރާތަށް ލިބޭތާ 28 (އަށާވީސް) ދުވަހުގެ ތެރޭގައި އެ ހުށަހެޅުން ހުށަހަޅަންވާނެއެވެ.
  • 255. : ދަޢުވާ އަނބުރާ ގެނައުމަށް ހުށަހަޅާ ހުށަހެޅުން ކޯޓުގެ ހުއްދައަކާ ނުލައި ތަންފީޛުވުން
    • (ހ) ދަޢުވާ އަނބުރާ ގެންނަކަމުގެ ލިޔުން މި ޤާނޫނުގެ 253 ވަނަ މާއްދާގެ (ހ) ގެ ދަށުން ދަޢުވާލިބޭ ފަރާތަށް ލިބޭ ތާރީޚުގައި ދަޢުވާ އަނބުރާ ގެނައީކަމުގައި ބެލެވޭނެއެވެ.
    • (ށ) މި މާއްދާގެ (ހ) އެހެން އޮތްނަމަވެސް، މައްސަލަ ނިމުނީ ކަމުގައި ބެލެވޭނީ މި ޤާނޫނުގެ 254 ވަނަ މާއްދާގެ (ށ) ގައި ބަޔާންކުރާ މުއްދަތު ހަމަވާ ތާރީޚުގައެވެ.
    • (ނ) ދަޢުވާ އަނބުރާ ގެނައިނަމަވެސް، ދަޢުވާކުރުމުގެ ސަބަބުން ޚަޞްމުން ކުރަންޖެހުނު ޚަރަދާގުޅޭ މައްސަލައަށް ކޯޓުން ގޮތެއް ކަނޑައަޅައިދިނުމަކަށް މި ބާބުގައިވާ އެއްވެސް މާއްދާއެއް ހުރަހެއްނާޅައެވެ.
  • 256. : ދަޢުވާކުރުމުގެ ސަބަބުން ކުރަންޖެހުނު ޚަރަދަށް ޒިންމާވުން
    • (ހ) ދަޢުވާކުރާ ފަރާތުން ދަޢުވާ އަނބުރާ ގެނެސްފިނަމަ، އޭނާ ކޮށްފައިވާ ދަޢުވާގެ ސަބަބުން ދަޢުވާލިބޭ ފަރާތުން އެހާތަނަށް ނުވަތަ އެ ތާރީޚުގެ ކުރިން ކުރަންޖެހުނު ޚަރަދުތަކަށް ދަޢުވާލިބޭ ފަރާތުން ޒިންމާވާންޖެހޭނެއެވެ.
    • (ށ) ދަޢުވާކުރާ ފަރާތުން އަނބުރާ ގެންނަން އެދެނީ ދަޢުވާގެ ބައެއް ކަމުގައިވާނަމަ، މި މާއްދާގެ (ހ) ގެ ދަށުން ދަޢުވާކުރާ ފަރާތުން ޒިންމާވާންޖެހޭނީ ހަމައެކަނި އަނބުރާ ގެންނަ ބަޔަކާ ގުޅިގެން ހިނގާފައިވާ ޚަރަދުތަކަށެވެ. އަދި އެ ޙާލަތުގައި، ކޯޓުން އެހެން ގޮތަކަށް ކަނޑަނާހާ ހިނދަކު، ދަޢުވާކުރާ ފަރާތުން ދައްކަންޖެހޭ ޚަރަދުތައް ބަލައި ވަޒަންކުރާނީ، މުޅި ދަޢުވާ އެކުގައި ބަލައި ގޮތެއް ކަނޑައެޅުމަށްފަހުގައެވެ.
    • (ނ) ކުދި މައްސަލަތަކުގެ ޓްރެކުން ކުރިއަށްގެންދާ މައްސަލަތަކުގެ މައްޗަކަށް މި މާއްދާއެއް ނުހިނގާނެއެވެ.
  • 257. : ދަޢުވާ އަނބުރާ ގެނައުމަށްފަހު އަލުން މައްސަލަ ހުށަހެޅުން އަންނަނިވި ޙާލަތްތަކުގައި، ދަޢުވާ އަނބުރާ ގެނައުމަށްފަހު އަލުން އެ ދަޢުވާ ލިބުނު ފަރާތުގެ މައްޗަށް ދަޢުވާއެއް ކުރާނަމަ، އެކަމަށްޓަކައި ކޯޓުގެ ހުއްދަ ހޯދަންވާނެއެވެ.
    • (ހ) ދަޢުވާ އަނބުރާ ގެނައީ ދަޢުވާލިބޭ ފަރާތުން ދަޢުވާއަށް ޖަވާބުދާރީވުމަށް ފަހުގައި ކަމަށްވުން؛
    • (ށ) އަލުން ހުށަހަޅަން ބޭނުންވާ ދަޢުވާ އެމައްޗަށް ބިނާވެފައިވާ ވާޤިޢާތަކާއި އަނބުރާގެނައި ދަޢުވާ ބިނާވެފައިވާ ވާޤިޢާތައް އެއްގޮތްވުން ނުވަތަ ދެ ދަޢުވާގެ ވާޤިޢާތަކަކީ ދާދި އެއްގޮތް ވާޤިޢާތަކަކަށްވުން.
  • 258. : ދަޢުވާގެ ބައެއް އަނބުރާ ގެންނަ ޙާލަތުގައި ޚަރަދުގެ މައްސަލަ މަޑުޖައްސާލުން
    • (ހ) ދަޢުވާކުރާ ފަރާތުން ދަޢުވާގެ ބައެއް އަނބުރާ ގެނައުމުގެ ސަބަބުން މި ޤާނޫނުގެ 256 ވަނަ މާއްދާގެ ދަށުން އެފަރާތުން ޒިންމާވާންޖެހޭ ޙާލަތުގައި، އެ ޚަރަދު ދެއްކުމަށް ދަޢުވާކުރާ ފަރާތަށް ކޯޓުން އަންގާފައިވާ ތާރީޚުން ފެށިގެން، ނުވަތަ އެ ޚަރަދުގެ މިންވަރާ ގުޅޭގޮތުން ދަޢުވާގެ ޚަޞްމުން އެއްބަސްވި ތާރީޚުން ފެށިގެން 14 (ސާދަ) ދުވަހުގެ ތެރޭގައި، ދަޢުވާކުރާ ފަރާތުން އެ ޚަރަދު ދައްކާފައިނުވާނަމަ، އެފަރާތުން ދައްކަންޖެހިފައިވާ ޚަރަދު ދައްކަންދެން އެ ދަޢުވާގެ ކުރިއަށްގެންދިޔުމަށް ނިންމާފައިވާ ބައިތަކާގުޅޭ މައްސަލަ ކުރިއަށްނުގެންގޮސް މަޑުޖައްސާލެވިދާނެއެވެ.
    • (ށ) މި މާއްދާގެ (ހ) ގެ ދަށުން މައްސަލަ ކުރިއަށްގެންދިޔުން މަޑުޖައްސާލުމަށް ދަޢުވާލިބޭ ފަރާތަށް ހުށަހެޅިދާނެއެވެ.
    • (ނ) މި މާއްދާގެ (ށ) ގެ ދަށުން ހުށަހަޅާ ހުށަހެޅުމަކާ ގުޅިގެން އަޑުއެހުމަކާ ނުލައި ކޯޓަށް އެކަމާމެދު ގޮތެއް ނިންމިދާނެއެވެ.
  • 259. : ޙުކުމްކުރުން
    • (ހ) މަދަނީ މައްސަލައެއްގެ ޝަރީޢަތުގެ އަޑުއެހުންތައް ނިމުމާއެކު، ވަގުތުން ނުވަތަ ވީ އެންމެ އަވަހަކަށް އެ މައްސަލައިގެ ޙުކުމް ކުރަންވާނެއެވެ.
    • (ށ) މައްސަލައެއްގެ ޙުކުމް، އަޑުއެހުންތައް ނިމުމާއެކު ވަގުތުން ނުކުރާނަމަ، ޙުކުމް ކުރާނެ ތާރީޚެއް، ޝަރީޢަތުގެ އެންމެ ފަހު އަޑުއެހުމުގައި ޚަޞްމުންނަށް އަންގަންވާނެއެވެ. ނުވަތަ ޝަރީޢަތުގެ ފަހު އަޑުއެހުމުގައި ޙުކުމްކުރާނެ ތާރީޚެއް ކަނޑައެޅެން ނެތްނަމަ، އެ އަޑުއެހުން ބާއްވާތާ 3 (ތިނެއް) ދުވަހުގެ ތެރޭގައި، މައްސަލައިގެ ޙުކުމްކުރާނެ ތާރީޚެއް ކަނޑައަޅައި ޚަޞްމުންނަށް އަންގަންވާނެއެވެ.
    • (ނ) މި މާއްދާގެ (ށ) ގެ ދަށުން ކަނޑައަޅާ ތާރީޚަކީ، ޝަރީޢަތުގެ ފަހު އަޑުއެހުން ބާއްވާ ތާރީޚުން ފެށިގެން 30 (ތިރީސް) ދުވަހުގެ މުއްދަތަށްވުރެ ފަހުގެ ތާރީޚެއް ކަމުގައި ވެގެންނުވާނެއެވެ.
  • 260. : ޙުކުމް އިއްވުން
    • (ހ) މި ޤާނޫނުގައި ނުވަތަ އެހެން ޤާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާހާހިނދަކު، މަދަނީ ކޮންމެ މައްސަލައެއްގައި ކޯޓުން ޙުކުމްކުރަންވާނީ، މި ޤާނޫނުގައި ބަޔާންކުރާ ގޮތުގެމަތިން މައްސަލައިގެ ފުރިހަމަ ޝަރީޢަތެއް ހިންގުމަށްފަހު، ހުށަހެޅިފައިވާ ދަޢުވާއަށާއި ދިފާޢަށާއި، ހުށަހެޅުނު ހެއްކަށް ރިޢާޔަތްކުރުމަށްފަހު، ހުޅުވާލެވިފައިވާ ޝަރީޢަތުގެ އަޑުއެހުމެއްގައެވެ.
    • (ށ) ޙުކުމްކުރުމުގެ މަޖިލީހުގައި ފަނޑިޔާރު އިއްވަނީ ލިޔުމަށް ތިރިކޮށްފައިވާ ޙުކުމެއްނަމަ، މުޅި ޙުކުމް އެކުގައި އިއްވުން ލާޒިމެއް ނޫނެވެ. އެހެންނަމަވެސް، ޙުކުމް އިއްވުމަށްފަހު، މުޅި ޙުކުމުގެ އަސްލު، ވަގުތުން ޚަޞްމުންނަށް ދޭންވާނެއެވެ.
  • 261. : ޙުކުމެއްގައި ފުރިހަމަވާންޖެހޭ މައިގަނޑު ކަންކަން
    • (ހ) މަދަނީ މައްސަލައަކާމެދު ގޮތެއް ކަނޑައަޅައި ކުރާ ޙުކުމުގައި އަންނަނިވި ކަންކަން ފުރިހަމަވާންވާނެއެވެ.
      • (1) އެ ޙުކުމް އިއްވި ފަނޑިޔާރުގެ ނަމާއި ސޮއި އަދި މަޤާމު ބަޔާންކޮށްފައި އޮތުން؛
      • (2) ޙުކުމްކުރި ތާރީޚު ބަޔާންކޮށްފައި އޮތުން؛
      • (3) ކޯޓުގެ ސިއްކަ ޖަހާފައި އޮތުން؛
      • (4) ޙުކުމް ތަންފީޛުކުރެވޭ ތާރީޚަކީ ޙުކުމްކުރި ތާރީޚު ކަމުގައިނުވާނަމަ، އެފަދައިން ޙުކުމް ތަންފީޛުކުރެވޭނެ ތާރީޚެއް ޖަހާފައި އޮތުން؛
      • (5) ޙުކުމަށް ފަނޑިޔާރު ރުޖޫޢަވި ސަބަބުތައް ބަޔާންކޮށްފައި އޮތުން.
    • (ށ) މި މާއްދާގެ (ހ) ގެ (5) ވަނަ ނަންބަރުގައި ބަޔާންކުރާ ތަފްޞީލުތައް ޙުކުމުގައި ހިމަނާއިރު، ދަޢުވާގައި ވަކި ކަމެއް ހިނގި ގޮތާމެދު ސުވާލު އުފައްދާފައިވާނަމަ، އަދި އެކަންކަމާގުޅޭ ވަކިވަކި ޤާނޫނީ ސުވާލު އުފައްދާފައިވާނަމަ، އެއިން ކޮންމެ ކަމަކަށް ގޮތެއް ކަނޑައަޅާފައި އޮންނަންވާނެއެވެ.
  • 262. : ފައިސާ ދެއްކުމަށް ކަނޑައަޅައި ކުރާ ޙުކުމް
    • (ހ) ކޯޓުން ކުރާ ޙުކުމެއްގައި، ފައިސާ ދެއްކުމަށް ކަނޑައަޅާނަމަ، އެ ޙުކުމުގައި އަންނަނިވި ކަންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ.
      • (1) ދައްކަންޖެހޭ ޖުމްލަ ފައިސާގެ ޢަދަދު؛
      • (2) ފައިސާ ދައްކަންޖެހޭ ފަރާތް؛
      • (3) ފައިސާ ލިބެންޖެހޭ ފަރާތް؛
      • (4) ފައިސާ ދައްކަން ފަށަންޖެހޭ ތާރީޚް؛
      • (5) ފައިސާ ދައްކާ ޚަލާޞްކޮށް ނިންމަންޖެހޭ ތާރީޚް.
    • (ށ) ފައިސާ ދެއްކުމަށް ކަނޑައަޅައި ކުރާ ޙުކުމެއްގައި، އިންސްޓޯލްމަންޓަށް ބަހާލައިގެން ފައިސާ ދެއްކުމަށް ލާޒިމުކޮށްފައިވާނަމަ، މި މާއްދާގެ (ހ) ގައި ބަޔާންކުރާ ކަންކަމުގެ އިތުރުން، އެ ޙުކުމުގައި އަންނަނިވި ކަންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ.
      • (1) ކޮންމެ އިންސްޓޯލްމަންޓެއްގައި ދައްކަންޖެހޭ ޢަދަދު؛
      • (2) ކޮންމެ އިންސްޓޯލްމަންޓެއް ދައްކަންޖެހޭ ތާރީޚު.
    • (ނ) ދަޢުވާއަކާ ގުޅިގެން ރައްދު ދަޢުވާއެއް ނުވަތަ އިތުރު ދަޢުވާއެއް ކުރުމުގެ ހުއްދަ ކޯޓުން ދީފައިވާ ޙާލަތެއްގައި، އެ ދަޢުވާގެ ޙުކުމް ކުރުމުގައި، ދަޢުވާކުރާ ފަރާތަށާއި ދަޢުވާ ލިބޭ ފަރާތަށް ލިބެންޖެހޭ ފައިސާ ޙުކުމުގައި ބަޔާންކުރަންވާނެއެވެ. އަދި ދެފަރާތުން ދައްކަންޖެހޭ ޢަދަދު އަޅައިކެނޑުމަށްފަހު ބާކީ ދައްކަންޖެހޭ ޢަދަދު ސާފުކޮށް ބަޔާންކޮށްފައި އޮންނަންވާނެއެވެ.
  • 263. : ޙުކުމުގެ ތަންފީޛީ ބާރު,ހިނގާ ވަގުތު
    • (ހ) އެހެން ޤާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާހާހިނދަކު، ނުވަތަ ޙުކުމްކުރި ކޯޓުން އެނޫން ގޮތަކަށް ކަނޑަނާޅާހާ ހިނދަކު، ޙުކުމުގެ ތަންފީޛީ ބާރު، އެ ޙުކުމް ކުރި ތާރީޚުގައި ހިނގަންފަށާނެއެވެ. ޙުކުމުގައި އެ ޙުކުމުގެ ތަންފީޛީ ބާރު ހިނގާނެކަމަށް ބަޔާންކުރަނީ އެހެން ތާރީޚެއް ކަމަށްވާނަމަ، އެ ޙުކުމުގެ ތަންފީޛީ ބާރު ހިނގަން ފަށާނީ، އެ ތާރީޚަކުން ފެށިގެންނެވެ.
    • (ށ) ޙުކުމް ކުރި ކޯޓަކީ ފުރަތަމަ މަރުޙަލާގެ ކޯޓެއްނަމަ، އަދި ޙުކުމަކީ ވަގުތީ ފަރުވާގެ ޙުކުމެއް ނުވަތަ ނިންމުމެއް ނުވަތަ އަމުރެއް ކަމުގައިނުވާނަމަ، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އެ ޙުކުމުގެ ނުވަތަ ނިންމުމުގެ ނުވަތަ އަމުރެއްގެ ތަންފީޛީ ބާރު ހިނގަން ފަށާނީ އަރަނިވެރިޔާގެ ފަރާތުން އެކަށީގެންވާ ގެރެންޓީއެއް ބަހައްޓާ ޙާލަތުގައެވެ.
    • (ނ) އަރަނިވެރިޔާގެ ފަރާތުން ގެރެންޓީއެއް ބަހައްޓާފައިނުވާ ޙާލަތުގައި، ދަރަނިވެރިޔާގެ ފަރާތުން އެކަށީގެންވާ ގެރެންޓީއެއް ބަހައްޓާފައިވާނަމަ، ޙުކުމުގެ ތަންފީޛީ ބާރު ފަސްކުރެވިގެންދާނެއެވެ.
    • (ރ) ދަރަނިވެރިޔާ ނުވަތަ އަރަނިވެރިޔާއާއި، މި ދެ ފަރާތަށްވެސް އެކަށީގެންވާ ގެރެންޓީއެއް ހުށަހެޅެން ނެތް ޙާލަތެއްގައި، ފުރަތަމަ މަރުޙަލާގެ ކޯޓުގެ ނިންމުން މި މާއްދާގެ (ހ) ގައި ބަޔާންކުރާ ގޮތުގެމަތިން ތަންފީޛުކުރެވޭނެއެވެ.
  • 264. : ޙުކުމް ނުވަތަ އަމުރު ތަންފީޛުކޮށް ނިންމަންޖެހޭ ތާރީޚު
    • (ހ) އަންނަނިވި ޙާލަތްތަކުގައި ފިޔަވައި، ފައިސާގެ ޢަދަދެއް ދެއްކުމަށް ކޯޓުން ކޮށްފައިވާ ޙުކުމެއް، އެ ޙުކުމެއް ކުރާ ތާރީޚުން ފެށިގެން 14 (ސާދަ) ދުވަހުގެ ތެރޭގައި ތަންފީޛުކޮށް ނިންމަންވާނެއެވެ.
      • (1) ޙުކުމް ނުވަތަ އަމުރު ތަންފީޛުކޮށް ނިންމަންޖެހޭ ވަކި ތާރީޚެއް އެ ޙުކުމުގައި ނުވަތަ އަމުރުގައި ކަނޑައަޅާފައިވުން (އިންސްޓޯލްމަންޓުތަކަކަށް ބަހާލައިގެން ފައިސާ ދައްކަންޖެހޭނަމަ އެކަން ހިމެނޭގޮތުން)؛ ނުވަތަ
      • (2) ޙުކުމް ނުވަތަ އަމުރު ތަންފީޛުކޮށް ނިންމަންޖެހޭ ވަކި ތާރީޚެއް އެހެން ޤާނޫނެއްގައި ކަނޑައަޅާފައިވުން؛ ނުވަތަ
      • (3) ޙުކުމް ތަންފީޛުކުރުން ކޯޓުން ފަސްކޮށްފައިވުން.
    • (ށ) މި މާއްދާގެ ދަށުން ޙުކުމް ތަންފީޛުކޮށް ނިންމަން ލާޒިމުވާ ތާރީޚުގެ ތެރޭގައި ޝަރީޢަތުގެ ޚަރަދު ނަގައިދިނުމަށް ކޯޓުން ކަނޑައަޅާފައިވާނަމަ، އެ ޚަރަދު ނަގައިދިނުމަށް ނިންމި ނިންމުމުގެ މައްޗަށްވެސް އެ ތާރީޚު ހިނގާނެއެވެ.
  • 265. : ކޮންމެ ކަމަކާމެދު ނިންމާ,ނިންމުން ބަޔާންކުރުން ދަޢުވާއެއްގައި، އެއް ކަމަށްވުރެ ގިނަ ކަންކަން ހިމެނޭނަމަ، މައްސަލައިގެ ޙުކުމް ކުރުމުގައި، އެއިން ކޮންމެ ކަމަކަށް ގޮތެއް ކަނޑައަޅާފައި އޮންނަންވާނެއެވެ. އަދި، އެއިން ކޮންމެ ނިންމުމަކަށް ފަނޑިޔާރު ވާސިލުވި ސަބަބު ބަޔާންކޮށްފައި އޮންނަންވާނެއެވެ. އަދި އެއްވެސް ޙާލެއްގައި، އެއް ކަމަށްވުރެ ގިނަ ކަންކަން ހިމެނޭ ދަޢުވާއެއްގައި، އެއިން އެންމެ ނުކުތާއަކަށް ބިނާކޮށް ކޯޓުން ނިންމުމެއް ނިންމައިގެންނުވާނެއެވެ.
  • 266. : ޙުކުމާގުޅޭ ތަފްޞީލު ބަޔާންކުރުމާއި، އިޞްލާޙުކުރުމުގެ އިޖުރާއަތު
    • (ހ) ކޯޓުން ކޮށްފައިވާ ޙުކުމް ސާފުނުވާނަމަ، ނުވަތަ އެ ޙުކުމުގައި ތަޢާރުޒުވުމެއްވާނަމަ، ނުވަތަ އެ ޙުކުމް ފުރިހަމަނުވާނަމަ، ނުވަތަ ނިންމުން ނިންމި ސަބަބުތައް ފުށުއަރާނަމަ، ކޯޓުން އަމިއްލައަށް އިސްނަގައިގެން ނުވަތަ ޚަޞްމަކު އެކަމަށް އެދި ހުށަހެޅުމުން، ޙުކުމް ކުރިތާ 1 (އެކެއް) ހަފްތާގެ ތެރޭގައި، އެ ޙުކުމް އިޞްލާޙުކުރަންވާނެއެވެ. އެގޮތުން، ޚަޞްމަކު ހުށަހަޅާ ހުށަހެޅުމުގައި މައްސަލަ އެކުލެވޭ ބައިތަކާއި އެ ޙުކުމަށް ގެންނަންޖެހޭ ކަމަށް ފެންނަ އިޞްލާޙުތައް ބަޔާންކުރަންވާނެއެވެ.
    • (ށ) ޙުކުމެއް އިޞްލާޙުކުރުމަށް ޚަޞްމަކު ހުށަހަޅާ ހުށަހެޅުމަކީ ބަލައިގަނެވެން ނެތް ހުށަހެޅުމެއްނަމަ ނުވަތަ އެއްވެސް ސަބަބެއް ނެތި ހުށަހަޅާފައިވާ ހުށަހެޅުމަކަށް ނުވާހާ ހިނދަކު، އެ ހުށަހެޅުމަކާ ގުޅޭގޮތުން އަނެއް ޚަޞްމު ޖަވާބުދާރީވުމަށްޓަކައި ކޯޓުން އަނެއް ޚަޞްމަށް އެ ހުށަހެޅުން ފޯރުކޮށްދޭންވާނެއެވެ.
    • (ނ) ޙުކުމް އިޞްލާޙުކުރުމަށް އެދި ހުށަހެޅުނު ކަމުގައިވީނަމަވެސް، އެ ޙުކުމުގެ ޤާނޫނީ ނަތީޖާ ނުވަތަ އެ ޙުކުމް ތަންފީޛުކުރުން ފަސްވެގެންނެއް ނުދާނެއެވެ. އެހެންނަމަވެސް، މުރާޖަޢާކުރުމަށް އެދި ހުށަހަޅާފައިވާ ނިހާއީ ޙުކުމަކާމެދު ގޮތެއް ނިންމަންދެން އެ ޙުކުމް ތަންފީޛުކުރުން ކޯޓަށް ފަސްކުރެވިދާނެއެވެ. އަދި ބޭނުންވެއްޖެ ޙާލަތެއްގައި، ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ނުވަތަ ސެކިއުރިޓީ ބެހެއްޓުމަށް ކޯޓަށް އަމުރުކުރެވިދާނެއެވެ.
    • (ރ) ކޯޓުން ކޮށްފައިވާ ޙުކުމްގައިވާ ޢިމްލާ ކުށް ނުވަތަ ހިސާބުކުރުމުގެ ކުށް އިޞްލާޙުކުރުމަށްޓަކައި ޚަޞްމުންގެ ބަހެއް ހޯދާކަށް ނުޖެހޭނެއެވެ.
    • (ބ) ކޯޓުގެ ފުރަތަމަ ޙުކުމް އިސްތިއުނާފުކުރުމުގެ ފުރުޞަތު ލިބިގެންވާ ޙާލަތްތަކުގައި މެނުވީ، ޙުކުމެއް އިޞްލާޙުކުރުމަށް އެދި ހުށަހަޅާ ހުށަހެޅުމަކާމެދު ކޯޓުން ނިންމާ ނިންމުމަކީ އެކަމާމެދު ސުވާލު އުފެއްދޭނެ ނިންމުމެއް ނޫނެވެ.
    • (ޅ) އިޞްލާޙުކުރެވޭ ޙުކުމް، އެންމެހައި ޚަޞްމުންނަށް ފޯރުކޮށްދޭންވާނެއެވެ.
    • (ކ) މި މާއްދާގައި ބަޔާންކޮށްފައިވާ އިޖުރާއަތުތައް ހިނގާނީ މައްސަލައިގެ ޙުކުމްކުރާ ތާރީޚުން ފެށިގެން 1 (އެކެއް) ހަފްތާގެ ނިޔަލަށެވެ.
    • (އ) ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓާމެދުވެސް ޢަމަލުކުރަންވާނީ، މި މާއްދާގައިވާ އިޖުރާއަތާ އެއްގޮތަށެވެ.
  • 267. : ޙުކުމްކުރި ކޯޓުން ޙުކުމް މުރާޖަޢާނުކުރުން މި ޤާނޫނުގައި ހުއްދަކޮށްފައިވާ ޚާއްޞަ އިސްތިސްނާ ޙާލަތުގައި މެނުވީ، މައްސަލައެއްގައި ޙުކުމް ކުރި ކޯޓުން، އެ ޙުކުމް މުރާޖަޢާކޮށްގެންނުވާނެއެވެ.
  • 268. : އިސްތިއުނާފުކުރުމުގެ އިޖުރާއަތު ބަޔާންކޮށްދިނުން ޚަޞްމަކު ތަމްސީލުކުރުމަށް ޤާނޫނީ ވަކީލަކު ކަނޑައަޅާފައިނުވާ ޙާލަތުގައި، ކޯޓުން މައްސަލައިގެ ޙުކުމް ކުރުމަށްފަހު، އެ ޙުކުމް އިސްތިއުނާފުކުރުމުގެ ޙައްޤު، އެ ޚަޞްމަށް ލިބިގެންވާ ކަމާއި، އިސްތިއުނާފުކުރެވޭނެ ކޯޓާއި، އިސްތިއުނާފުކުރަންޖެހޭ ވަގުތު ޚަޞްމުންނަށް ސާފުކޮށްދޭންވާނެއެވެ. އަދި އެކަން އެފަދައިން ކޮށްފައިވާކަން، ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގައި ބަޔާންކޮށްފައި އޮންނަންވާނެއެވެ.
  • 269. : ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓު
    • (ހ) ޙުކުމް ކުރުމަށްފަހު، ވީ އެންމެ އަވަހަކަށް އެ މައްސަލައެއްގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓު، ކޯޓުން އެކުލަވާލަންވާނެއެވެ.
    • (ށ) ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގައި، އަންނަނިވި މަޢުލޫމާތު ހިމަނަންވާނެއެވެ.
      • (1) ޤަޟިއްޔާ ނަންބަރު؛
      • (2) ދަޢުވާކުރާ ފަރާތާއި ދަޢުވާ ލިބޭ ފަރާތުގެ ނަމާއި އެޑްރެސް؛
      • (3) ދަޢުވާގެ ތަފްޞީލުތައް؛
      • (4) މައްސަލަ ނިމުނު ގޮތް؛
      • (5) މައްސަލައިގައި ހުށަހެޅުނު އެންމެހައި ބަޔާންތަކާއި ހެކި.
    • (ނ) ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގައި، ރިޕޯޓު ތައްޔާރުކުރި ފަނޑިޔާރުގެ ނަމާއި ސޮއި ހިމަނާފައި އޮންނަންވާނެއެވެ.
    • (ރ) ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓު، މައްސަލައިގައި ޙުކުމްކުރާތާ ގިނަވެގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި ކޯޓުން ތައްޔާރުކޮށް، ޚަޞްމުންނަށް ފޮނުވަންވާނެއެވެ.
    • (ބ) މި މާއްދާގެ (ރ) އެހެން އޮތްނަމަވެސް، ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގެ ޚުލާޞާއެއް، މައްސަލައިގައި ޙުކުމްކުރާތާ ގިނަވެގެން 15 (ފަނަރަ) ދުވަހުގެ ތެރޭގައި ކޯޓުން ތައްޔާރުކޮށް، ޚަޞްމުންނަށް ފޮނުވަންވާނެއެވެ.
  • 270. : ޝަރީޢަތުގެ ޚަރަދު
    • (ހ) އެހެން ޤާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާހާ ހިނދަކު، ޢާންމު އުސޫލުން،ޝަރީޢަތުގެ ޚަރަދު، ދަޢުވާ ކާމިޔާބުކުރާ ފަރާތަކަށް، އެ ދަޢުވާ ކާމިޔާބުނުވި ފަރާތުގެ ކިބައިން ކޯޓަށް ނަގައިދެވިދާނެއެވެ.
    • (ށ) މި މާއްދާގެ (ހ) ގެ ދަށުން ޝަރީޢަތުގެ ޚަރަދު ނަގައިދިނުމުގައި އަންނަނިވި ކަންކަން ކަނޑައެޅުމުގެ އިޚްތިޔާރު ކޯޓަށް ލިބިގެންވެއެވެ.
      • (1) އެއް ޚަޞްމުގެ ފަރާތުން އަނެއް ޚަޞްމަށް ޝަރީޢަތުގެ ޚަރަދުތައް ދައްކަންޖެހޭކަން ނުވަތަ ނޫންކަން؛
      • (2) ޝަރީޢަތުގެ ޚަރަދުގެ ގޮތުގައި ދައްކަންޖެހޭ މިންވަރު؛ އަދި
      • (3) ޝަރީޢަތުގެ ޚަރަދުގެ ގޮތުގައި ދައްކަންޖެހޭ މިންވަރު ދައްކަންޖެހޭ މުއްދަތު.
  • 271. : އިސްތިސްނާވާ މައްސަލަތައް މި ޤާނޫނުގެ 270 ވަނަ މާއްދާގައި އެހެން ބަޔާންކޮށްފައިވީނަމަވެސް، ޢާއިލާއާބެހޭ މައްސަލަތަކާއި، ތަރިކައިގެ އުސޫލުން މުދާބެހުމާގުޅޭ މައްސަލަތަކުގެ މައްޗަކަށް އެ މާއްދާގައި ބަޔާންކުރާ އުސޫލެއް ނުހިނގާނެއެވެ.
  • 272. : ކޯޓުން ރިޢާޔަތްކުރާނެ ކަންކަން
    • (ހ) ޝަރީޢަތުގެ ޚަރަދުތައް އެއް ޚަޞްމަކު އަނެއް ޚަޞްމަކަށް ދައްކަންޖެހޭކަން ނުވަތަ ނޫންކަން ކަނޑައެޅުމުގައި ކޯޓުން އަންނަނިވި ކަންކަމަށް ރިޢާޔަތްކުރަންވާނެއެވެ.
      • (1) ދަޢުވާ ހުށަހެޅުމާއި، ދަޢުވާއަށް ދިފާޢު ހުށަހެޅުމާއި، މައްސަލައިގެ ބަޔާންތައް ހުށަހެޅުމުގައި ޢަމަލުކޮށްފައިވާ ގޮތް ހިމެނޭގޮތުން، ޚަޞްމުން އެ މައްސަލައިގައި ޢަމަލުކޮށްފައިވާ ގޮތް؛
      • (2) ޚަޞްމަކަށް މުޅި މައްސަލަ ކާމިޔާބުނުވި ކަމުގައިވީނަމަވެސް، ދަޢުވާގެ ބައެއް ކާމިޔާބުވެފައިވުން؛
      • (3) މައްސަލަ ޙައްލުކުރުމަށް އެއްވެސް ހުށަހެޅުމެއް ހުށަހަޅާފައިވާނަމަ އެކަން؛
      • (4) ހުށަހެޅިފައިވާ ދަޢުވާ ހުރިހާ ޚަޞްމުންނަށްވެސް މުހިންމުވާ މިންވަރު؛
      • (5) މައްސަލައިގެ އުނދަގޫކަމާއި، މައްސަލައިގައި ނަގާފައިވާ ޤާނޫނީ ސުވާލުތަކުގެ މުހިންމުކަން؛
      • (6) މައްސަލައަށް ހޭދަވި ވަގުތު؛
      • (7) މައްސަލައަކީ މުދަލެއް ހިމެނޭ މައްސަލައެއްނަމަ އެ މުދަލުގެ އަގު؛
      • (8) މައްސަލައިގައި ޚަޞްމަކު ޢަމަލުކޮށްފައިވާ ގޮތުން، ޝަރީޢަތް ހިންގުން ނުވަތަ ޝަރީޢަތުގެ މަރުޙަލާތައް ފުރިހަމަކުރުމުގައި އެއްވެސް ލަސްވުމެއް މެދުވެރިވެފައިވާނަމަ އެކަން؛
      • (9) އެނޫންވެސް މައްސަލައިގެ ވަށައިގެންވާ އެންމެހައި ކަންކަން.
    • (ށ) ޝަރީޢަތުގެ ޚަރަދު ދެއްކުމަށް ކޯޓުން ނިންމާ ނިންމުމުގައި އަންނަނިވި ގޮތްތަކުންކުރެ ގޮތަކަށް އެ ޚަރަދު ދެއްކުމަށް ކޯޓަށް އަމުރުކުރެވިދާނެއެވެ.
      • (1) އަނެއް ޚަޞްމުގެ ޝަރީޢަތުގެ ޚަރަދުގެ ބައެއް ދެއްކުމަށް؛
      • (2) އަނެއް ޚަޞްމުގެ ޚަރަދުގެ ތެރެއިން ވަކި މިންވަރެއް ދެއްކުމަށް؛
      • (3) ވަކި ތާރީޚަކުން ފެށިގެން ނުވަތަ ވަކި ތާރީޚެއްގެ ނިޔަލަށް ހިނގާފައިވާ ޚަރަދު ދެއްކުމަށް؛
      • (4) ޝަރީޢަތް ފެށުމުގެ ކުރިން ހިނގި ޚަރަދު ދެއްކުމަށް؛
      • (5) ޝަރީޢަތުގައި ވަކި މަރުޙަލާތަކުގައި ހިނގި ޚަރަދު ދެއްކުމަށް؛
      • (6) ޝަރީޢަތުގެ ވަކި ބަޔަކާ ގުޅިގެން ހިނގި ޚަރަދު ދެއްކުމަށް؛
      • (7) ޙުކުމް ކުރެވުނު ތާރީޚު ހިމެނޭގޮތުން، ވަކި ތާރީޚަކުން ފެށިގެން ނުވަތަ ވަކި ތާރީޚެއްގެ ނިޔަލަށް އިންޓްރެސްޓް ދެއްކުން؛
      • (8) ވަކި ތާރީޚަކުން ފެށިގެން ނުވަތަ ވަކި ތާރީޚަކާ ހަމައަށް ޚަރަދުގެ ޖޫރިމަނާ ދެއްކުމަށް.
    • (ނ) މި މާއްދާގެ (ށ) ގެ (6) ވަނަ ނަންބަރުގެ ދަށުން ޚަރަދު ނަގައިދިނުމުގެ އަމުރެއް ނެރުމުގެ ކުރިން، މި މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރު ނުވަތަ (3) ވަނަ ނަންބަރުގެ ދަށުން ޚަރަދު ނަގައިދިނުމަކީ އެކަށީގެންވާ ކަމެއްތޯ ނުވަތަ ނޫންތޯ ކޯޓުން ބަލަންވާނެއެވެ.
    • (ރ) ތަފްޞީލު އެސެސްމަންޓެއް ހެދުމަށް ޝަރުޠުކޮށް ޝަރީޢަތުގެ ޚަރަދު ނަގައިދިނުމަށް ކޯޓުން އަމުރުކޮށްފިނަމަ، އެނޫން ގޮތަކަށް ޢަމަލުކުރަންޖެހޭ އެކަށީގެންވާ ސަބަބެއް ނެތްނަމަ، ޚަރަދުގެ ގޮތުގައި އެކަށީގެންވާ މިންވަރެއް ދެއްކުމަށް ކޯޓަށް އެންގިދާނެއެވެ.
  • 273. : ޝަރީޢަތުގެ ޚަރަދު ނަގައިދިނުމުގައި ހަދާ އެސެސްމަންޓް އެސެސްމަންޓެއް ހެދުމަށްފަހު ޝަރީޢަތުގެ ޚަރަދުގެ ގޮތުގައި ދައްކަންޖެހޭ މިންވަރު ކަނޑައެޅުމުގައި، އެކަށީގެންނުވާ ގޮތެއްގައި ކޮށްފައިވާ ޚަރަދުތަކާއި، އެކަށީގެންވާ މިންވަރަށްވުރެ ބޮޑު ޢަދަދުތަކުގެ ގޮތުގައި ބެލެވޭ ޢަދަދުތައް އުނިކުރުމަށްފަހު، ޚަރަދުގެ ޢަދަދު ކަނޑައަޅާނީ އަންނަނިވި ދެ ގޮތުންކުރެ ގޮތެއްގެ މައްޗަށް ބިނާކޮށެވެ.
    • (ހ) ޢާންމު އުސޫލުގެ ދަށުން ޚަރަދު ނަގައިދިނުން؛ ނުވަތަ
    • (ށ) ލިބުނު ގެއްލުން ފޫބެއްދޭނެ މިންވަރަށް ޚަރަދު ނަގައިދިނުން.
  • 274. : ޢާންމު އުސޫލުގެ ދަށުން,ޚަރަދު ނަގައިދިނުން ޢާންމު އުސޫލުގެ ދަށުން ޚަރަދު ނަގައިދިނުމުގައި ކޯޓުން ޢަމަލުކުރާނީ އަންނަނިވި އުސޫލުންނެވެ.
    • (ހ) ދަޢުވާގައި ހިމެނޭ ކަންކަމާ ގުޅިގެން ކޮށްފައިވާ ޚަރަދާ އެކަށީގެންވާ މިންވަރެއް ދައްކަން އެނގުން؛ އެގޮތުން، އެ ޚަރަދަކީ ކޮންމެހެން ކުރަންޖެހިގެން ކުރި ޚަރަދެއްނަމަވެސް، އެއީ އެކަށީގެންވާ މިންވަރެއް ކަމަށް ކޯޓަށް ޤަބޫލުނުކުރެވޭނަމަ، އެ ޚަރަދެއް ނަގައެއް ނުދެވޭނެއެވެ.
    • (ށ) ޚަރަދު ނަގައިދެވޭ ފަރާތުން އެ ޚަރަދުތައް ކޮށްފައިވަނީ ކޮންމެހެން ކުރަންޖެހިގެންކަން ނުވަތަ އެކަށީގެންވާ ޙާލަތެއްގައިތޯ ނުވަތަ ޚަރަދުގެ މިންވަރަކީ އެކަށީގެންވާ ޢަދަދެއްތޯ، އެކަންކަމާމެދު އުފެދޭ ސުވާލުތަކަށް ޙައްލެއް ލިބިގެންދާނެ ގޮތަކަށް ކޯޓަށް ޚަރަދު ނަގައިދެވިދާނެއެވެ.
  • 275. : ލިބުނު ގެއްލުން ފޫބެއްދޭނެ މިންވަރަށް ޚަރަދު ނަގައިދިނުން ލިބުނު ގެއްލުން ފޫބެއްދުމުގެ ގޮތުން ޚަރަދުގެ މިންވަރެއް ކޯޓުން ކަނޑައަޅާނަމަ، ޚަރަދުތައް ކޮށްފައިވަނީ ކޮންމެހެން ކުރަންޖެހިގެން ނުވަތަ އެކަށީގެންވާ ޙާލަތެއްގައިތޯ ނުވަތަ ނޫންތޯއާއި ޚަރަދުތަކުގެ ޢަދަދުތަކަކީ މުނާސަބު ޢަދަދެއްކަން ނުވަތަ ނޫންކަން ފަދަ ސުވާލުތަކާމެދު ގޮތެއް ނިންމުމުގައި، ޚަރަދު ނަގައިދެވޭ ޚަޞްމުގެ މަޞްލަޙަތަށް ކޯޓުން އިސްކަންދޭންވާނެއެވެ.
  • 276. : ޚަރަދު ނަގައިދިނުމުގެ މުއްދަތު
    • (ހ) ޝަރީޢަތުގެ ޚަރަދު ނަގައިދިނުމަށް ކޯޓުން ކުރާ އަމުރެއްގައި ޚަރަދުގެ ގޮތުގައި ދައްކަންޖެހޭނެ މިންވަރެއް ކަނޑައަޅާފައިވާނަމަ، އެ އަމުރުގައިވާ ތާރީޚުން ފެށިގެން 14 (ސާދަ) ދުވަހުގެ ތެރޭގައި އެ ޚަރަދު ދައްކަންވާނެއެވެ.
    • (ށ) ޝަރީޢަތުގެ ޚަރަދު ނަގައިދިނުމަށް ކޯޓުން ކުރާ އަމުރުގައި ޚަރަދުގެ ގޮތުގައި ދައްކަންޖެހޭނެ މިންވަރު ފަހުން ކަނޑައަޅާގޮތަށް އޮތްނަމަ، އެ ޚަރަދު ދެއްކުމަށް ކޯޓުން އަންގާ އެންގުމުގައި ބަޔާންކޮށްފައިވާ މުއްދަތުގައި ޚަރަދު ދައްކަންވާނެއެވެ.
    • (ނ) މި މާއްދާގެ (ހ) އަދި (ށ) އެހެން އޮތްނަމަވެސް، ކޯޓުން ކަނޑައަޅާ އެނޫން ތާރީޚެއްގައި ޚަރަދު ދެއްކުމަކަށް މި މާއްދާ ހުރަހެއް ނާޅައެވެ.
  • 277. : ކޯޓުން އަންގާ ގޮތާ ޚިލާފަށް ޢަމަލުކުރުން
    • (ހ) ޚުލާޞާ ނުވަތަ ތަފްޞީލު އެސެސްމަންޓް ހެދުމުގައި ނުވަތަ ޝަރީޢަތުގެ މަރުޙަލާގައި ނުވަތަ އޭގެ ކުރިންވެސް، ޚަޞްމަކު ނުވަތަ އެ ފަރާތް ތަމްސީލުކުރާ ފަރާތަކުން ކޯޓުގެ އަމުރަކާ ނުވަތަ އެންގުމަކާ ޚިލާފަށް ޢަމަލުކޮށްފައިވާނަމަ އެ އެސެސްމަންޓް ނިސްބަތްވާ ޚަރަދު އެއްކޮށް ނުވަތަ އޭގެ ބައެއް ނަގައިނުދިނުމަށް ކޯޓަށް ނިންމިދާނެއެވެ.
    • (ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ޙާލަތުގައި ކޯޓުގެ އަމުރަކާ ނުވަތަ އެންގުމަކާ ޚިލާފަށް ޢަމަލުކޮށްފައިވާ ޚަޞްމަކު ނުވަތަ އެ ފަރާތް ތަމްސީލުކުރާ ފަރާތަކުން ކުރި ކަމަކާ ގުޅިގެން އަނެއް ފަރާތުން ކުރަންޖެހުނު ޚަރަދެއްވާނަމަ، އެ ޚަރަދެއް ދެކުމަށް ކޯޓަށް ކަނޑައެޅިދާނެއެވެ.
  • 278. : އަޅައިކެނޑުން ޝަރީޢަތުގެ ޚަރަދުގެ ނަގައިދެވޭ ފަރާތުން، ހަމަ އެ ޝަރީޢަތުގައި ޚަރަދުގެ ފައިސާ ދައްކަންޖެހޭނަމަ، އެ މިންވަރުތަކަށް ރިޢާޔަތްކޮށް އަންނަނިވި ގޮތްތަކުންކުރެ ގޮތަކަށް ޢަމަލުކުރުމަށް ކޯޓަށް އެ ފަރާތަށް އެންގިދާނެއެވެ.
    • (ހ) ޚަރަދުގެ ފައިސާގެ ގޮތުގައި ލިބެންޖެހޭ މިންވަރު، އެ ފައިސާ ލިބޭ ފަރާތުން ދައްކަންޖެހޭ ފައިސާއާ އަޅައިކެނޑުމަށްފަހު، ބާކީ އޮތް މިންވަރު ދެއްކުމަށް؛
    • (ށ) ޚަރަދުގެ ގޮތުގައި އެ ޚަޞްމަކަށް ފަހުން ލިބެންޖެހޭ ފައިސާ ދެއްކުމަށް ކޯޓުން އަންގާ އެންގުން، އެ ފަރާތުން ދައްކަންޖެހޭ ފައިސާ ދައްކާ ޚަލާޞްކުރަންދެން މަޑުޖައްސާލުން.
  • 279. : ކުދި މައްސަލަތަކުގެ ޓްރެކުން ބަލާ މައްސަލަތަކުގައި ޚަރަދު ނަގައިދެވޭނެ މިންވަރު ކަނޑައެޅުން ކުދި މައްސަލަތަކުގެ ޓްރެކުން ބަލާ މައްސަލަތަކުގައި، އަންނަނިވި ޚަރަދުތައް ފިޔަވައި، މައްސަލައާ ގުޅިގެން އެއް ޚަޞްމު އަނެއް ޚަޞްމަށް ދައްކަންޖެހޭ ޚަރަދުގެ ގޮތުގައި އެއްވެސް ޢަދަދެއް ކޯޓުން ނަގައިދީގެންނުވާނެއެވެ.
    • (ހ) މައްސަލައިގެ ޚަޞްމަކު ދަޢުވާ ފޯމު ހުށަހެޅުމުގެ ގޮތުން ކޯޓަށް ދައްކާފައިވާ ފީ؛
    • (ށ) ދަޢުވާ ފޯމު ހުށަހެޅުމަށް ދެއްކި ފީގެ އިތުރުން، ކޯޓަށް ދައްކާފައިވާ އެހެން ފީއެއްވާނަމަ އެ ފީ؛
    • (ނ) ވަކި ކަމެއް ހިންގުން ހުއްޓުވުމަށް ނުވަތަ ވަކި ކަމެއް ކުރުވުމަށް ވަގުތީ އަމުރަކަށް އެދި ހުށަހަޅާފައިވާ މައްސަލައެއްނަމަ، އަދި ޚަޞްމު ތަމްސީލުކުރުމަށް ޤާނޫނީ ވަކީލަކު ޢައްޔަންކޮށްފައިވާނަމަ، އެ ޤާނޫނީ ވަކީލު ފޯރުކޮށްދީފައިވާ ޚިދުމަތަށް ނަގައިދިނުމަށް މި ޤާނޫނުގެ ދަށުން ހުއްދަކުރާ ޢަދަދު؛
    • (ރ) ކޯޓަށް ޙާޟިރުވުމުގެ ގޮތުން، ހެކިބަސްދޭ ފަރާތެއް ނުވަތަ މައްސަލައިގެ ޚަޞްމު އެއްރަށުން އަނެއް ރަށަށް ދަތުރުކުރުމަށާއި، ހުރުމަށް ކޮށްފައިވާ އެކަށީގެންވާ މިންވަރެއްގެ ޚަރަދު؛
    • (ބ) ކޯޓަށް ޙާޟިރުވުމުގެ ގޮތުން، ހެކިބަސްދޭ ފަރާތެއް ނުވަތަ މައްސަލައިގެ ޚަޞްމު ދަތުރުކުރަންޖެހުމުގެ ސަބަބުން ނުވަތަ ރަށުން ބޭރުގައި ހުންނަންޖެހުމުގެ ސަބަބުން އުޖޫރައިން އެއްވެސް މިންވަރެއް އުނިވެފައިވާނަމަ، އެ ގެއްލުމުގެ ބަދަލުގެ ގޮތުގައި ނަގައިދެވޭ އެކަށީގެންވާ ޢަދަދު؛
    • (ޅ) ޚަބީރަކު ޙާޟިރުކުރުމަށް ހިނގި އެކަށީގެންވާ މިންވަރެއްގެ ޚަރަދު؛
    • (ކ) އެ ޚަޞްމުގެ ޢަމަލުތައް ހުރިގޮތުގެ ސަބަބުން މައްސަލައިގައި ހިނގާފައިވާ އިތުރު ޚަރަދު ކަމަށް ކޯޓުން ހަދާ އެސެސްމަންޓަކުން ކަނޑައަޅާ ޢަދަދު.
  • 280. : އިސްތިއުނާފުކުރުމަށް,ހުށަހެޅުން
    • (ހ) އެހެން ޤާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާހާ ހިނދަކު، މަދަނީ މައްސަލަތައް ބެލުމުގެ އިޚްތިޞާޞް ލިބިގެންވާ ކޯޓުތަކުން ނިންމާ އަންނަނިވި ނިންމުންތައް، މި ބާބުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އެ ނިންމުމެއް އިސްތިއުނާފުކުރުމަށް ކަނޑައެޅިފައިވާ މަތީ މަރުޙަލާގެ ކޯޓަކަށް އިސްތިއުނާފުކުރުމަށް ހުށަހެޅިދާނެއެވެ.
      • (1) ޙުކުމްތަކާއި، ކޯޓު އަމުރުތަކާއި، އެނޫންވެސް ނިންމުންތައް؛
      • (2) ވަގުތީ އަމުރު؛
      • (3) ޙުކުމް ތަންފީޛުކުރާ ކޯޓަކުން ނިންމާ ނިންމުންތައް.
    • (ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ޙުކުމް ނުވަތަ ކޯޓު އަމުރު ނުވަތަ ނިންމުން ނިސްބަތްވާ މައްސަލައިގެ ޚަޞްމުންނަށް، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދައިން އެ ނިންމުން އިސްތިއުނާފުކުރުމުގެ ޙައްޤު ލިބިގެންވެއެވެ.
    • (ނ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ޙުކުމް ނުވަތަ ކޯޓު އަމުރު ނުވަތަ ނިންމުން ނިސްބަތްވާ މައްސަލައިގެ ޚަޞްމަކަށްނުވާ، އެހެންނަމަވެސް އެ ޙުކުމް ނުވަތަ އަމުރު ނުވަތަ ނިންމުން ރައްދުވާ ފަރާތަކަށް އެފަދަ ނިންމުމެއް، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދައިން އިސްތިއުނާފުކުރެވިދާނެއެވެ.
  • 281. : އިސްތިއުނާފުކުރުމުން ޙުކުމް ތަންފީޛުކުރުން ފަސްނުވުން
    • (ހ) ދަށު ކޯޓެއްގެ ނިންމުމެއް އިސްތިއުނާފުކުރުމަށް އެދި ހުށަހެޅުނު ކަމުގައިވީނަމަވެސް، އެ ޙުކުމެއްގެ ޤާނޫނީ ނަތީޖާ ނުވަތަ އެ ޙުކުމް ތަންފީޛުކުރުން ފަސްވެގެނެއްނުދާނެއެވެ.
    • (ށ) ދަށު ކޯޓެއްގެ ޙުކުމް ތަންފީޛުކުރުން ފަސްކުރަން ޚަޞްމަކު އެދޭނަމަ، އެ ޙުކުމް ތަންފީޛުކުރުން ފަސްކުރުމަށް، އެކަމަށް އެދޭ ޚަޞްމު ކޯޓަށް ހުށަހަޅަންވާނެއެވެ.
  • 282. : އިސްތިއުނާފުކުރެވިދާނެ ޙާލަތްތައް
    • (ހ) މި ޤާނޫނުގެ 280 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ނިންމުންތަކުގެ ތެރެއިން ނިންމުމެއް އިސްތިއުނާފުކުރުމަށް ހުށަހެޅޭނީ، އެ ނިންމުމެއް ޤާނޫނުއަސާސީއާއި، ނުވަތަ ޤާނޫނަކާ ޚިލާފުވެގެން ނުވަތަ އެ ނިންމުމެއްގައި ކޯޓުން ޤާނޫނު މާނަކޮށްފައިވަނީ ނުވަތަ ޤާނޫނު ތަޠްބީޤުކޮށްފައިވަނީ ރަނގަޅަށް ނޫންކަމަށްވެފައި، އެކަމުގެ ސަބަބުން މައްސަލައިގެ ނިންމުމަށް އަސަރުކޮށްފައިވާކަމަށް އިސްތިއުނާފުކުރާ ފަރާތަށް ޤަބޫލުކުރެވޭނަމައެވެ.
    • (ށ) މި މާއްދާގެ (ހ) އެހެން އޮތްނަމަވެސް، ޝަރީޢަތުގެ މަރުޙަލާގައި ކަނޑައެޅިފައިވާ އިޖުރާއަތާ ޚިލާފަށް ހިނގާފައިވާ ކަމެއް އެ ކޯޓުގައި ހިނގިއިރު ޚަޞްމަކު އެކަން ފާހަގޮށްފައިވީނަމަވެސް، ކޯޓުން މައްސަލަ ނިންމިއިރު އެކަމަށް ރިޢާޔަތްކޮށްފައިނުވާނަމަ އަދި އެކަމެއްގެ ސަބަބުން ސީދާ މައްސަލައިގެ ޙުކުމަށް އަސަރުކޮށްފާނެކަމަށް ޚަޞްމަކަށް ޤަބޫލުކުރެވޭނަމަ ހައިކޯޓަށް އެ މައްސަލައެއް އިސްތިއުނާފުކުރުމަކަށް މި މާއްދާ ހުރަހެއް ނާޅައެވެ.
  • 283. : ހައިކޯޓަށް އިސްތިއުނާފުކުރުމުގެ މުއްދަތުތައް
    • (ހ) ހައިކޯޓަށް މައްސަލައެއް އިސްތިއުނާފުކުރުމަށް ހުށަހެޅޭނީ ދަށު ކޯޓުގެ ނުވަތަ ޓްރައިބިއުނަލުގެ ނިންމުމެއް ނިންމާތާ 30 (ތިރީސް) ދުވަހުގެ ތެރޭގައެވެ. އެއްވެސް ސަބަބަކާހުރެ ޚަޞްމަކަށް ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓް ލިބިފައިނުވާނަމަ، މައްސަލައިގެ ޚުލާޞާ ރިޕޯޓަށް ބިނާކޮށް އިސްތިއުނާފުކުރެވިދާނެއެވެ.
    • (ށ) މި މާއްދާގެ (ހ) ގައި އިސްތިއުނާފުކުރުމަށް ކަނޑައަޅާފައިވާ މުއްދަތު ހަމަވާއިރު، އެ މައްސަލައެއް އިސްތިއުނާފު ކުރެވިފައިނުވަނީ އަމިއްލަ ބާރު ނުފޯރުވޭފަދަ ސަބަބެއް މެދުވެރިވެގެންނަމަ، އަދި އެކަން އިސްތިއުނާފުކުރާ ފަރާތުން ސާބިތުކޮށްދީފިނަމަ، އަދި ދަށު ކޯޓުގެ ނިންމުން ނިންމި ތާރީޚުން ފެށިގެން 6 (ހައެއް) މަސް ދުވަހުގެ ތެރޭގައި އިސްތިއުނާފު ހުށަހަޅާފައިވާނަމަ، ހައިކޯޓަށް އެ މައްސަލަ އިސްތިއުނާފުކުރެވިދާނެއެވެ.
    • (ނ) މި ޤާނޫނުގެ 280 ވަނަ މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރު އަދި (3) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ނިންމުންތައް އެ ނިންމުމެއް ނިންމާތާ 7 (ހަތެއް) ދުވަހުގެ ތެރޭގައި އިސްތިއުނާފުކުރުމަށް ހުށަހަޅަންވާނެއެވެ.
  • 284. : ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރުމުގެ މުއްދަތުތައް
    • (ހ) ސުޕްރީމް ކޯޓަށް މައްސަލައެއް އިސްތިއުނާފުކުރުމަށް ހުށަހެޅޭނީ ހައިކޯޓުގެ ނިންމުމެއް ނިންމާތާ 30 (ތިރީސް) ދުވަހުގެ ތެރޭގައެވެ. އެއްވެސް ސަބަބަކާހުރެ ޚަޞްމަކަށް ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓް ލިބިފައިނުވާނަމަ، މައްސަލައިގެ ޚުލާޞާ ރިޕޯޓަށް ބިނާކޮށް އިސްތިއުނާފުކުރެވިދާނެއެވެ.
    • (ށ) މި މާއްދާގެ (ހ) ގައި އިސްތިއުނާފުކުރުމަށް ކަނޑައަޅާފައިވާ މުއްދަތު ހަމަވާއިރު، އެ މައްސަލައެއް އިސްތިއުނާފު ކުރެވިފައިނުވަނީ އަމިއްލަ ބާރު ނުފޯރުވޭ ފަދަ ސަބަބެއް މެދުވެރިވެގެންނަމަ، އަދި އެކަން އިސްތިއުނާފުކުރާ ފަރާތުން ސާބިތުކޮށްދީފިނަމަ، އަދި ހައިކޯޓުގެ ނިންމުން ނިންމި ތާރީޚުން ފެށިގެން 6 (ހައެއް) މަސް ދުވަހުގެ ތެރޭގައި އިސްތިއުނާފު ހުށަހަޅާފައިވާނަމަ، ސުޕްރީމް ކޯޓަށް އެ މައްސަލަ އިސްތިއުނާފުކުރެވިދާނެއެވެ.
  • 285. : އިސްތިއުނާފު ހުށަހަޅަންވީ ގޮތް
    • (ހ) ކޯޓަށް މައްސަލައެއް އިސްތިއުނާފުކުރުމަށް ހުށަހަޅާނީ، އެކަމަށްޓަކައި ކޯޓުން ކަނޑައަޅާފައިވާ ފޯމެއް މެދުވެރިކޮށެވެ.
    • (ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ހުށަހެޅުމުގައި، އިސްތިއުނާފު ބިނާކޮށްފައިވާ ނުކުތާތަކާއި، އޭގެ ޤާނޫނީ ސަބަބުތަކާއި، އެފަރާތުން އެދެނީ ޙުކުމް ބާޠިލުކުރަންކަން ނުވަތަ ޙުކުމް އިޞްލާޙުކުރަންކަން ބަޔާންކުރަންވާނެއެވެ. އަދި، ފުރަތަމަ މަރުޙަލާގައި މައްސަލަ ބެލި ކޯޓުގެ ނަމާއި، މައްސަލައިގެ ޚަޞްމުންނާއި، ޙުކުމް ކުރެވުނު ތާރީޚު ބަޔާންކޮށްފައި އޮންނަންވާނެއެވެ.
    • (ނ) މި މާއްދާގެ (ށ) ގެ ދަށުން ހުށަހަޅާ ހުށަހެޅުމާއެކު، ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގެ ކޮޕީއެއް ހުށަހަޅަންވާނެއެވެ.
    • (ރ) އިސްތިއުނާފުކުރުމަށް ހުށަހަޅަންވާނީ މި ބާބުގައި ބަޔާންކޮށްފައިވާ އިސްތިއުނާފުކުރުމުގެ މުއްދަތު ހަމަވުމުގެ ކުރިންނެވެ.
    • (ބ) މި މާއްދާގެ (ހ) ގެ ދަށުން މައްސަލައެއް އިސްތިއުނާފުކުރުމަށް ހުށަހެޅުމާއެކު، އެ މައްސަލައިގެ އިސްތިނާފު ބަލައިގަތުމާ ބެހޭގޮތުން ގިނަވެގެން 14 (ސާދަ) ދުވަހުގެ ތެރޭގައި މަތީ މަރުޙަލާގެ ކޯޓުން ވަކި ގޮތެއް ނިންމަންވާނެއެވެ.
    • (ޅ) ކޯޓުން އެހެން ގޮތަކަށް ކަނޑަނާޅާހާ ހިނދަކު، އިސްތިއުނާފުކުރެވޭ މައްސަލައެއް ބަލައިގަތުމާ ބެހޭގޮތުން ގޮތެއް ނިންމާނީ، އަޑުއެހުމަކާ ނުލައެވެ.
    • (ކ) މި މާއްދާގެ (ޅ) ގެ ދަށުން މައްސަލައިގެ އިސްތިއުނާފާ ގުޅޭގޮތުން ނިންމާ ނިންމުން، އިސްތިއުނާފުކުރާ ފަރާތަށް ލިޔުމުން އިސްތިއުނާފު ހުށަހެޅިފައިވާ ކޯޓުގެ ރަޖިސްޓްރާރ އަންގަންވާނެއެވެ.
    • (އ) މި މާއްދާގެ (ބ) ގެ ދަށުން ނިންމާ ނިންމުމަކީ އިސްތިއުނާފު ބަލައިނުގަތުން ކަމުގައިވާނަމަ، އެ ނިންމުމެއް ނިންމާ ތާރީޚުން ފެށިގެން ގިނަވެގެން 14 (ދިހައެއް) ދުވަހުގެ ތެރޭގައި އެ ނިންމުން އަލުން މުރާޖަޢާކޮށްދިނުން އެދި އެ ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހަށް އިސްތިއުނާފުކުރުމަށް ހުށަހެޅުމުގެ ޙައްޤު އިސްތިއުނާފުކުރާ ފަރާތަށް ލިބިގެންވެއެވެ.
    • (ވ) މި މާއްދާގެ (އ) ގެ ދަށުން ރަޖިސްޓްރާރގެ ނިންމުމާމެދު ފަނޑުޔާރުންގެ މަޖިލީހުން ގޮތެއް ނިންމުމުގައި އެ މައްސަލައިގެ އަޑުއެހުމެއް ބޭއްވުން ލާޒިމެއް ނޫނެވެ. އެހެންނަމަވެސް، އަޑުއެހުމެއް ބޭއްވުމަށްފަހު އިސްތިއުނާފުކުރާ ފަރާތާއި އިސްތިއުނާފު ރައްދުވާ ފަރާތުގެ ބަހެއް ހޯދައިގެން މެނުވީ އެ މައްސަލަ އިސްތިއުނާފުކުރުމާމެދު އިންޞާފުވެރި ގޮތެއް ނިންމިދާނެ ކަމަށް ފަނޑިޔާރުންނަށް ޤަބޫލުނުކުރެވޭ ޙާލަތުގައި އެފަދަ އަޑުއެހުމެއް ބޭއްވުމަކަށް މި މާއްދާ ހުރަހެއް ނާޅައެވެ.
    • (މ) އިސްތިއުނާފު ބަލައިގަތުމާ ބެހޭގޮތުން އަޑުއެހުމެއް ބާއްވާނަމަ، އެކަން މައްސަލައިގައި ހިމެނޭ އެންމެހައި ފަރާތްތަކަށް އެކަން އަންގަންވާނެއެވެ. އަދި އަޑުއެހުން ތާވަލުކުރެވޭ ވަގުތާއި ތާރީޚް އަންގަންވާނެއެވެ.
    • (ފ) މި މާއްދާގެ (މ) ގެ ދަށުން އަޑުއެހުމެއް ބާއްވާނަމަ، އެ އަޑުއެހުމަށްފަހު، ގިނަވެގެން 14 (ސާދަ) ދުވަހުގެ ތެރޭގައި އިސްތިއުނާފު ބަލައިގަތުމާމެދު ފަނޑިޔާރުންގެ މަޖިލީހުން ގޮތެއް ނިންމަންވާނެއެވެ.
    • (ދ) މި މާއްދާގެ ދަށުން ރަޖިސްޓްރާރގެ ނިންމުން މުރާޖަޢާކޮށްދިނުމަށް އެދި ހުށަހަޅާފައިވަނީ ހައިކޯޓަށް ކަމަށްވާނަމަ، އަދި މި މާއްދާގެ (ފ) ގައި ބަޔާންކުރާ މަރުޙަލާއަށްފަހުގައި އިސްތިއުނާފު ބަލައިނުގަތުމަށް ހައިކޯޓުގެ ފަނޑިޔާރުގެ މަޖިލީހުން ނިންމައިފިނަމަ، އެ ނިންމުން ނިންމާ ތާރީޚުން ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި އެ ނިންމުން މުރާޖަޢާކޮށްދިނުން އެދި ސުޕްރީމް ކޯޓަށް ހުށަޅުމުގެ ޙައްޤު އިސްތިއުނާފުކުރާ ފަރާތަށް ލިބިގެންވެއެވެ.
    • (ތ) ކޯޓުން އިސްތިއުނާފު ބަލައިގަތުމަށް ނިންމައިފިނަމަ، އިސްތިއުނާފުގެ މައްސަލަ ކުރިއަށް ގެންދާއިރު، ޝަރީޢަތުގެ އަޑުއެހުމުގައި އިސްތިއުނާފުކުރާ ފަރާތާއި އިސްތިއުނާފު ރައްދުވާ ފަރާތުން ވާހަކަ ދައްކަންވީ ނުކުތާތަކެއް ކަނޑައެޅުމުގެ އިތުރުން، އެ އަޑުއެހުން ކުރިއަށްގެންދާނެ ގޮތާމެދު ކޯޓުން އިތުރު ޝަރުޠުތަކެއް ކަނޑައެޅިދާނެއެވެ.
    • (ލ) މި މާއްދާގެ (ތ) ގެ ދަށުން އިސްތިއުނާފު ބަލައިގަތުމަށް ކޯޓުން ނިންމުމަށްފަހު، އިސްތިއުނާފު ހުށަހަޅާ ފޯމަށް އެއްވެސް އުނިއިތުރެއް ގެނެވޭނީ ކޯޓުގެ ހުއްދަ ހޯދުމަށްފަހުގައެވެ.
  • 286. : އެއް މައްސަލައެއް އެއް ފަރާތަށްވުރެ ގިނަ ފަރާތުން އިސްތިއުނާފުކުރުން
    • (ހ) ފުރަތަމަ މަރުޙަލާގެ ކޯޓެއްގެ ނިންމުން، އިސްތިއުނާފުކުރުމަށް އެ މައްސަލައިގައި ހިމެނޭ ޚަޞްމަކު މަތީ މަރުޙަލާގެ ކޯޓަކަށް އިސްތިއުނާފުކުރުމަށް ހުށަހަޅާފައިވީނަމަވެސް، އެ އިސްތިއުނާފު ރައްދުވާ ފަރާތަށް ނުވަތަ އެމައްސަލައިގައި މަޞްލަޙަތު އޮތް އެހެން ފަރާތަކަށްވެސް އެ މައްސަލައެއް އިސްތިއުނާފުކުރުމަށް އެދި ކޯޓަށް ހުށަޅިދާނެއެވެ.
    • (ށ) މި މާއްދާގެ (ހ) ގެ ދަށުން އިތުރު އިސްތިއުނާފުގެ މައްސަލައެއް ހުށަހަޅަންވާނީ، އެ މައްސަލައެއް އިސްތިއުނާފުކޮށްފައިވާކަން އިސްތިއުނާފު ރައްދުވާ ފަރާތަކަށް ކޯޓުން އަންގާތާ 10 (ދިހައެއް) ދުވަހުގެ ތެރޭގައެވެ. އަދި މި ޤާނޫނުގެ ބާވީސްވަނަ ބާބު [ވަގުތީ ފަރުވާއާއި ރައްކާތެރިކަމުގެ އަމުރު] ގެ ދަށުން ނެރޭ ވަގުތީ ފަރުވާގެ އަމުރަކާ ގުޅިގެން ކުރެވޭ އިސްތިއުނާފެއްނަމަ، 3 (ތިނެއް) ދުވަހުގެ ތެރޭގައި އެފަދައިން އިސްތިއުނާފުކުރުމަށް އެދި ހުށަހަޅަންވާނެއެވެ.
    • (ނ) އިސްތިއުނާފުރައްދުވާ ފަރާތަށް ނުވަތަ މަޞްލަޙަތު އޮތް ކޮންމެ ފަރާތަކުން އިސްތިއުނާފުކުރުމަށް އެދި ހުށަހަޅާ ހުށަހެޅުމެއް ކޯޓަށް ލިބުމާއެކު، ވީ އެންމެ އަވަހަކަށް އެ ހުށަހެޅުން މައްސަލައިގައި ހިމެނޭ އެހެން ފަރާތްތަކަށް ކޯޓުން އަންގަންވާނެއެވެ.
    • (ރ) ދަށު ކޯޓުން ބެލި މައްސަލައިގައި ހިމެނޭ ޚަޞްމަކު މި މާއްދާގެ ދަށުން ހުށަހަޅާ އިތުރު އިސްތިއުނާފުގެ މައްސަލައެއް ކޯޓަށް ހުށަހަޅާފައިވަނިކޮށް، އެހެން ފަރާތަކުން ހަމަ އެ މައްސަލަ އިސްތިއުނާފުކުރުމަށް ހުށަހެޅިނަމަވެސް، އަންނަނިވި ޙާލަތްތަކުގައި އެ މައްސަލައެއް ކުރިއަކަށް ނުގެންދެވޭނެއެވެ.
      • (1) ފުރަތަމަ އިސްތިއުނާފުކުރާ ފަރާތުގެ އިސްތިއުނާފު ބަލައިނުގަތުމަށް ނިންމާފައިވުން؛
      • (2) ފުރަތަމަ އިސްތިއުނާފުކުރާ ފަރާތުގެ އިސްތިއުނާފަކީ، އެއްވެސް އަސާސެއްގެ މައްޗަށް ބިނާކޮށް ހުށަހަޅާފައިވާ އިސްތިއުނާފަކަށް ނުވުމުގެ ސަބަބުން އެ އިސްތިއުނާފު ބާޠިލުކޮށްފައިވުން؛ ނުވަތަ
      • (3) އިތުރު އިސްތިއުނާފު ހުށަހަޚާ ފަރާތުން އިސްތިއުނާފު ހުށަހެޅުމުގެ ކުރިން، ފުރަތަމަ އިސްތިއުނާފުކުރާ ފަރާތުގެ އިސްތިއުނާފު އަނބުރާ ގެންގޮސްފައިވުން.
  • 287. : އިސްތިއުނާފު ބަލައިގަތުމުގައި ނުވަތަ ބާޠިލުކުރުމުގައި ކުރެވޭ ޝަރުޠުތައް
    • (ހ) އިސްތިއުނާފުކުރާ މައްސަލައަކާ ގުޅިގެން އިސްތިއުނާފު ރައްދުވާ ފަރާތުން އެދިއްޖެނަމަ، އިސްތިއުނާފުކުރުމަށް ހިނގާ ޚަރަދުގެ ސެކިއުރިޓީއެއް ބެހެއްޓުމަށް ކޯޓަށް ޝަރުޠުކުރެވިދާނެއެވެ.
    • (ށ) އިސްތިއުނާފު ރައްދުވާ ފަރާތުން އެދިގެން އަންނަނިވި ޙާލަތްތަކުގައި އިސްތިއުނާފުގެ މައްސަލަ ބާޠިލުކުރެވިދާނެއެވެ.
      • (1) އިސްތިއުނާފުކޮށްފައިވަނީ އިސްތިއުނާފުކުރުމުގެ ޙައްޤު ލިބިގެންނުވާ ފަރާތެއް ކަމުގައިވުން ނުވަތަ އެ އިސްތިއުނާފު މި ޤާނޫނުގެ 285 ވަނަ މާއްދާއާ ޚިލާފަށް ހުށަހަޅާފައިވުން؛
      • (2) އިސްތިއުނާފު ހުށަހަޅާފައިވަނީ، މި ޤާނޫނުގެ 422 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދައިން ޝަރީޢަތުގެ ނިޒާމުގެ ނަހަމަ ބޭނުން ހިފުމަށް ކަމުގައިވުން؛ ނުވަތަ
      • (3) މި މާއްދާގެ (ހ) ގެ ދަށުން ހުށަހަޅަންޖެހޭ ސެކިއުރިޓީ ކަނޑައެޅިފައިވާ މުއްދަތުގައި ބަހައްޓާފައި ނުވުން.
    • (ނ) މި މާއްދާގެ ދަށުން އިތުރު އިސްތިއުނާފެއް ހުށަހެޅިފައިވާކަން ކޯޓުން އިސްތިއުނާފު ރައްދުވާ ފަރާތަށް އަންގާތާ 20 (ވިހި) ދުވަހުގެ ތެރޭގައި، އެ މައްސަލައާ ގުޅިގެން ސެކިއުރިޓީއެއް ބެހެއްޓުމަށް ނުވަތަ އިސްތިއުނާފު ބާޠިލުކުރުމަށް އެދި މި މާއްދާގެ (ށ) ގެ ދަށުން ކޯޓަށް ހުށަހަޅަންވާނެއެވެ.
    • (ރ) މި މާއްދާގެ (ނ) ގެ ދަށުން ހުށަހެޅޭ ހުށަހެޅުމަކާމެދު ކޯޓުން ވަކި ގޮތެއް ކަނޑައަޅަންދެން އިސްތިއުނާފުގެ މައްސަލަ ކުރިއަށްނުގެންގޮސް ފަސްކުރަންވާނެއެވެ. އެގޮތުން ފަސްކުރެވޭނީ، ގިނަވެގެން 20 (ވިހި) ދުވަހުގެ މުއްދަތަށެވެ.
    • (ބ) މި ބާބުގެ ދަށުން ހުށަހެޅޭ މައްސަލައެއް ބެލުމަށް ނިންމައިފިނަމަ، ކޯޓުގެ އަމިއްލަ އިސްނެގުމުގެ މަތިން މައްސަލައިގައި ހިމެނޭ ފަރާތްތަކަށް ޖަވާބުދާރީވުމަށް މަދުވެގެން 20 (ވިހި) ދުވަސް ދޭންވާނެއެވެ.
  • 288. : އިސްތިއުނާފުގެ ބައްދަލުވުން
    • (ހ) ކޯޓުގެ އަމިއްލަ އިސްނެގުމުގެ މަތިން ނުވަތަ މި ޤާނޫނުގެ 285 ވަނަ މާއްދާގެ (ރ) ގެ ދަށުން އިސްތިއުނާފު ބަލައިގަތުމަށް ނިންމާ ޙާލަތުގައި، މައްސަލައިގައި ހިމެނޭ ޚަޞްމުން އެދިގެން އިސްތިއުނާފުގެ މައްސަލަ އަވަހަށް ކުރިއަށްގެންދިޔުމަށާއި މައްސަލަ ހިންގުމަށް ފަސޭހަކުރުމަށްޓަކައި، އެ މައްސަލައިގައި ޚުޞޫމާތް އުފެދިފައިވާ ނުކުތާތަކަކީ ކޮބައިކަން ދެނެގަނެ، އަވަސް ގޮތެއްގައި ޝަރީޢަތް ކުރިއަށްގެންދެވޭނެ ގޮތްތަކާ މެދުގައި ޚަޞްމުން މަޝްވަރާކޮށް، އެ ކަމާމެދު ގޮތްތަކެއް ކަނޑައެޅުމަށް ބައްދަލުވުމެއް ބޭއްވިދާނެއެވެ.
    • (ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ބައްދަލުވުމަކީ ކުރިން އެއްވެސް ލިޔެކިޔުމެއް ބަދަލުކުރުމެއް ނެތި ބޭއްވޭ ނުރަސްމީ ބައްދަލުވުމެކެވެ. އަދި ވީޑިއޯ ކޮންފަރެންސިންގ މެދުވެރިކޮށް އެ ބައްދަލުވުން ބޭއްވުމަކަށް މި މާއްދާ ހުރަހެއް ނާޅައެވެ.
    • (ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ބައްދަލުވުމުގައި، މައްސަލައިގައި ހިމެނޭ ފަރާތްތަކުން އެ މައްސަލައަކާ ގުޅިގެން ފާހަގަކުރަން ބޭނުންވާ ނުކުތާތައް ފާހަގަކުރުމަށް ފުރުޞަތު ދިނުމަށްފަހު، އިސްތިއުނާފާ ގުޅިގެން ހުށަހަޅަންޖެހޭނެ ލިޔެކިޔުންތަކާއި ބާއްވަންޖެހޭނެ އަޑުއެހުންތަކުގެ ޢަދަދު މަތީ މަރުޙަލާގެ ކޯޓަށް ކަނޑައެޅިދާނެއެވެ.
    • (ރ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ބައްދަލުވުމުގައި ނިންމޭ ނިންމުންތަކަކީ އެ މައްސަލައިގައި ހިމެނޭ ފަރާތްތަކުން ޢަމަލުކުރުން ލާޒިމު ނިންމުންތަކެކެވެ.
  • 289. : އާ ވާޤިޢާއާއި ހެކި އިސްތިއުނާފުކޮށްފައިވާ މައްސަލައަކާ ގުޅިގެން އެއްވެސް އާ ވާޤިޢާއެއް ނުވަތަ ހެއްކަކަށް ކޯޓުން ރިޢާޔަތް ކުރަންވާނީ ހަމައެކަނި އަންނަނިވި ޙާލަތްތަކުގައެވެ.
    • (ހ) އާ ވާޤިޢާއެއް ނުވަތަ ހެއްކެއް ލިބުމުން ވަގުތުން ހުށަހަޅާފައިވާނަމަ؛
    • (ށ) އެންމެ ފަރުވާތެރިކަމާ އެކުގައި މަސައްކަތް ކޮށްފައިވީނަމަވެސް ކޯޓަށް އެ ވާޤިޢާތަކާއި ހެކި ހުށަހެޅިފައި ނުވުން؛
    • (ނ) އެ ވާޤިއާތަކާއި ހެއްކަކީ މައްސަލައިގެ ނިންމުމަށް އޭގެ ސަބަބުން އެކަށީގެންވާ ބޮޑު ބަދަލެއް އަތުވެދާނެ ވާޤިޢާއެއް ނުވަތަ ހެއްކެއް ކަމުގައިވުން.
  • 290. : އިސްތިއުނާފުގެ އަޑުއެހުން
    • (ހ) އިސްތިއުނާފު ބަލައިގަތުމަށް މައްސަލައިގައި ހިމެނޭ އެންމެހައި ފަރާތްތަކަށް އަންގާފައިވާނަމަ، ވީ އެންމެ އަވަސް މުއްދަތެއްގެ ތެރޭގައި އިސްތިއުނާފުގެ އަޑުއެހުން ކޯޓުން ޠާވަލު ކުރަންވާނެއެވެ.
    • (ށ) އިސްތިއުނާފުގެ އަޑުއެހުން ތާވާލުކުރެވިފައިވާ ތާރީޚު އަދި މައްސަލައިގައި ހިމެނޭ ފަރާތްތަކުން އަނގަބަހުން ހުށަހަޅަންޖެހޭ ހުށަހެޅުންތައް ފޮނުވާނެ ވަގުތު މައްސަލައިގައި ހިމެނޭ ފަރާތްތަކަށް ކޯޓުން އަންގަންވާނެއެވެ.
    • (ނ) ކޯޓުގެ އަޑުއެހުންތައް ބާއްވަންވާނީ މަދުވެގެން 3 (ތިނެއް) ފަނޑިޔާރުންގެ މަޖިލީހަކުންނެވެ. އެހެންނަމަވެސް، ކޯޓުގެ ގަވާއިދުގައި އެފަދައިން ކަނޑައަޅާފައިވާނަމަ، ނުވަތަ ކޯޓުން އެނޫން ގޮތަކަށް ކަނޑައަޅައިފިނަމަ، އެއަށްވުރެ ގިނަ ފަނޑިޔާރުން ހިމެނޭ މަޖިލީހެއް އެކުލަވާލުމަކަށް މި މާއްދާ ހުރަހެއްނާޅައެވެ.
  • 291. : ގޮތެއް ނިންމުން
    • (ހ) އިސްތިއުނާފުގެ އަޑުއެހުން ބާއްވާތާ 2 (ދޭއް) މަސްދުވަހުގެ ތެރޭގައި އިސްތިއުނާފުގެ މައްސަލައާމެދު ކޯޓުން ގޮތެއް ނިންމަންވާނެއެވެ. އެހެން ނަމަވެސް އިސްތިސްނާ ޙާލަތްތަކުގައި، މި މުއްދަތު، އިތުރު 1 (އެކެއް) މަސް ދުވަހުގެ މުއްދަތަކަށް އިތުރުކުރެވިދާނެއެވެ.
    • (ށ) ކޯޓުގެ ނިންމުންތައް ނިންމަންވާނީ މައްސަލަ ބަލާ ފަނޑިޔާރުންގެ އަޣުލަބިއްޔަތުންނެވެ.
    • (ނ) މި މާއްދާގެ (ށ) ގެ ބޭނުމަށްޓަކައި މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލީހުގައި ހިމެނޭ ފަނޑިޔާރަކު މަޤާމުން ވަކިވެފައިވުމުގެ ސަބަބުން ނުވަތަ އެ މައްސަލަ ބެލުމުގައި އެ ފަނޑިޔާރަށް ބައިވެރިވެވެން ނެތްނަމަ، ކަނޑައެޅިފައިވާ ޢަދަދަށް އެ މަޖިލީހުގައި ފަނޑިޔާރުން ހަމަވާނަމަ އެ މައްސަލައިގައި ޙުކުމްކުރުމަކަށް މި މާއްދާ ހުރަހެއް ނާޅައެވެ.
    • (ރ) ޢަދުލު އިންޞާފު ޤާއިމްކުރުމަށް ކޮންމެހެން މުހިންމު ކަމަށް ކޯޓަށް ފެނިއްޖެނަމަ، މައްސަލައިގެ އާ އަޑުއެހުމެއް ބޭއްވިދާނެއެވެ.
    • (ބ) މަތީ މަރުޙަލާގެ ކޯޓަކުން އިސްތިއުނާފުގެ މައްސަލައެއް ބެލުމަށްފަހު، އަންނަނިވި ގޮތްތަކުގެ ތެރެއިން ގޮތަކަށް ނިންމުމެއް ނިންމިދާނެއެވެ.
      • (1) އިސްތިއުނާފުކުރެވުނު ޙުކުމް ދެމެހެއްޓުމަށް؛ ނުވަތަ
      • (2) ޙުކުމް ބަދަލުކޮށް، އާ ޙުކުމެއް ކަނޑައެޅުމަށް؛ ނުވަތަ
      • (3) ދަޢުވާގެ މުހިންމު ބަޔަކަށް ރިޢާޔަތްކޮށްފައިނުވާތީ ނުވަތަ މައްސަލައިގެ މުހިންމު ވާޤިޢާއެއް ސާބިތުކުރަންޖެހިފައިވާތީ، އެ މައްސަލަ އަލުން ބެލުމަށްޓަކައި، ދަށު ކޯޓަށް ތަހުވީލުކުރުމަށް.
    • (ޅ) ކޯޓުން އާ ޙުކުމެއް ކުރާނަމަ، ފުރަތަމަ މަރުޙަލާގައި މައްސަލަ ހިންގިއިރު ނިންމާފައިވާ ޝަރީޢަތުގެ ޚަރަދާ ގުޅޭގޮތުންވެސް ކޯޓުން ގޮތެއް ނިންމަންވާނެއެވެ.
    • (ކ) ކޯޓުގެ ނިންމުމުގައި އެ ނިންމުމަށް ވާސިލުވި ސަބަބުތައް ތަފްޞީލާއެކު ބަޔާންކޮށްފައި އޮންނަންވާނެއެވެ.
    • (އ) މަތީ މަރުޙަލާގެ ކޯޓުގެ ޙުކުމް އިއްވާނީ، މި ޤާނޫނުގެ ސައުވީސްވަނަ ބާބު [ޙުކުމް] ގައި ބަޔާންކޮށްފައިވާ އުސޫލާ އެއްގޮތްވާ ގޮތުގެމަތިންނެވެ.
    • (ވ) މި ޤާނޫނުގައި އެހެން ގޮތަކަށް ކަނޑައަޅާފައި ނުވާނަމަ ކޯޓުގެ ނިންމުމަކީ ވަގުތުން ތަންފީޛުކުރެވޭނެ ޙުކުމެކެވެ. ޙުކުމް ތަންފީޛުކުރުމަށް އެ ޙުކުމުގެ ޕްރިންސިޕަލް މިންވަރާއި ޤާނޫނީ ޚަރަދުތައް ތަންފީޛުކުރުމުގެ ކަންކަން ކުރިޔަށްގެންދަންވާނީ މި ޤާނޫނުގެ ބައްތިރީސްވަނަ ބާބު [ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޙުކުމް ތަންފީޛުކުރުން] ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ކަމާބެހޭ ކޯޓެއްގެ ޙުކުމް ތަންފީޛުކުރުމާބެހޭ ޑިވިޜަނުންނެވެ.
  • 292. : ނިހާއީ ޙުކުމެއް އަލުން މުރާޖަޢާކުރުން
    • (ހ) މި މާއްދާގައި ބަޔާންކުރާ ޚާއްޞަ އިސްތިސްނާ ޙާލަތްތަކުގައި، ނިހާއީ ޙުކުމެއް އަލުން މުރާޖަޢާކުރަން އެދި، މައްސަލައިގެ ޚަޞްމަކަށް، އެ ޙުކުމް ކުރި ކޯޓަށް ހުށަހެޅިދާނެއެވެ.
    • (ށ) މި މާއްދާގެ ބޭނުމަށްޓަކައި، ޙުކުމެއް ނިހާއީ ވެފައިވާކަމަށް ބެލެވޭނީ އެ ޙުކުމެއް އިސްތިއުނާފުކުރުމުގެ އެންމެހައި މަރުޙަލާއެއް ނިމިފައިވުމަށް ނުވަތަ އިސްތިއުނާފުކުރުމަށް އޮތް އެންމެހައި ފުރުޞަތު ގެއްލިފައިވުމަށެވެ.
    • (ނ) ނިހާއީ ޙުކުމެއް އަލުން މުރާޖަޢާކުރަން އެދި ހުށަހެޅޭނީ، އަންނަނިވި ޙާލަތްތަކުގައި، މައްސަލައިގެ ޚަޞްމަކަށެވެ.
      • (1) މައްސަލައިގެ ޚަޞްމަކަށް މައްސަލައިގެ ޝަރީޢަތް ހިނގަމުން ދިޔައިރު ލިބިފައިނެތް، އެ މައްސަލައިގައި ކޮށްފައިވާ ޙުކުމް ބަދަލުވެދާ ފަދަ، މައްސަލައަށް މުހިންމު ހެއްކެއް ނުވަތަ ވާޤިޢާއެއް މައްސަލައިގެ ޙުކުމްކުރުމަށްފަހު ލިބުން ނުވަތަ އެނގުން (އޭގެ ތެރޭގައި، ޙުކުމް ކުރި ތާރީޚުގެ ފަހުން ވުޖޫދުވެފައިވާ ވާޤިޢާއެއް ނުވަތަ ހެއްކެއް ނުހިމެނެއެވެ.)؛ ނުވަތަ
      • (2) މައްސަލަ އެ ޚަޞްމަކާ ދެކޮޅަށް ނިމިފައިވާ ޚަޞްމާ ދެކޮޅަށް އެ މައްސަލަ ނިމިފައިވަނީ ހިނގާފައިވާ ޖިނާއީ ކުށެއްގެ ސަބަބުން ކަމަށް، ޖިނާއީ މައްސަލައެއްގެ ޝަރީޢަތަށް ސާބިތުވެފައިވުން (އެއްވެސް ފަރާތެއްގެ މައްޗަށް ޖިނާއީ ކުށެއް ސާބިތުވެފައި ނެތްނަމަވެސް މި މާއްދާ ހިނގާނެއެވެ).
    • (ރ) މި މާއްދާގެ ދަށުން ހުށަހަޅާ ހުށަހެޅުމެއް ހުށަހަޅަންވާނީ، މި މާއްދާގެ (ނ) ގައި ބަޔާންކުރާ ޙާލަތްތަކުގެ ތެރެއިން ޙާލަތެއް ވުޖޫދުގައިވާކަން، ސަބަބު ބަޔާންކުރުމާއެކު ލިޔުމުންނެވެ.
    • (ބ) ނިހާއީ ޙުކުމެއް މުރާޖަޢާކޮށްދިނުމަށް އެދި ހުށަހަޅާ ހުށަހެޅުމެއް މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ޙާލަތްތަކުންކުރެ ޙާލަތެއް މެދުވެރިވިތާ 90 (ނުވަދިހަ) ދުވަހުގެ ތެރޭގައި ހުށަހަޅަންވާނެއެވެ.
    • (ޅ) މި މާއްދާގެ (ބ) ގައި ބަޔާންކުރާ މުއްދަތު ފާއިތުވުމަށްފަހު، ޙުކުމެއް މުރާޖަޢާކޮށްދިނުމަށް އެދި ހުށައެއްނޭޅޭނެއެވެ. އެހެންނަމަވެސް، މި މާއްދާގެ (ނ) ގެ (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ޙާލަތެއް މެދުވެރިވެފައިވާނަމަ، އެ ޙުކުމްކުރާތާ ގިނަވެގެން 2 (ދޭއް) އަހަރު ދުވަސް ހަމަވުމުގެ ކުރިން ޙުކުމް މުރާޖަޢާކޮށްދިނުމަށް އެދި ހުށަހެޅިދާނެއެވެ.
    • (ކ) މި މާއްދާގެ (ހ) އަދި (ށ) އެހެން އޮތްނަމަވެސް، ނިހާއީވެފައިވާ ޙުކުމެއް ކޯޓުން އަލުން މުރާޖަޢާކުރަންވާނީ، މައްސަލައިގެ ޚަޞްމަކަށް ބޭއިންސާފެއް ކުރިމަތިވިޔަ ނުދިނުމަށްޓަކައި އެ ޙުކުމް އަލުން ބަލަންޖެހޭފަދަ އިސްތިސްނާއީ ޙާލަތެއް މެދުވެރިވެފައިވާނަމަ، ޙުކުމް އަލުން މުރާޖަޢާކުރުން ފިޔަވައި އެހެން ގޮތަކުން އެ މައްސަލައަށް ޙައްލެއް ލިބިދާނެކަމަށް ނުފެންނަ ކަމުގައިވާނަމައެވެ.
    • (އ) މި މާއްދާގެ (ހ) ގެ ދަށުން ނިހާއީ ޙުކުމެއް އަލުން މުރާޖަޢާކުރުމަށް އެދި އެ ޙުކުމެއް ކޮށްފައިވާ ކޯޓަށް ހުށަހެޅުމެއް ލިބޭތާ، 7 (ހަތެއް) ދުވަހުގެ ތެރޭގައި އެ ޙުކުމެއް އަލުން މުރާޖަޢާކުރުމާމެދު އެ ކޯޓުން ގޮތެއް ނިންމަންވާނެއެވެ. އަދި ކޯޓުން ނިންމާގޮތެއް އެ ހުށަހެޅުން ހުށަހެޅި ފަރާތަށް ލިޔުމުން އަންގަންވާނެއެވެ.
    • (ވ) މި މާއްދާގެ (އ) ގެ ދަށުން ނިހާއީ ޙުކުމެއް އަލުން މުރާޖަޢާކުރުމާމެދު ކޯޓަކުން ނިންމާ ނިންމުމަކީ އިސްތިއުނާފުކުރެވޭނެ ނިންމުމެއް ނޫނެވެ.
  • 293. : މައްސަލައިގައި ހިމެނޭ އަނެއް ފަރާތުން ޖަވާބުދާރީވުން ނިހާއީ ޙުކުމެއް މުރާޖަޢާކޮށްދިނުމަށް އެދި ހުށަހަޅާފައިވާ ހުށަހެޅުމަކީ ބަލައިގަނެވެން ނެތް ނުވަތަ އެއްވެސް އަސާސެއް ނެތި ހުށަހަޅާފައިވާ ހުށަހެޅުމަކަށް ނުވާހާ ހިނދަކު، މައްސަލައިގައި ހިމެނޭ އަނެއް ޚަޞްމު ނުވަތަ ޚަޞްމުން ޖަވާބުދާރީވުމަށްޓަކައި ކޯޓުން އެ ފަރާތްތަކަށް އެ ހުށަހެޅުން ފޮނުވަންވާނެއެވެ.
  • 294. : ޙުކުމުގެ ނަތީޖާ ނުވަތަ ޙުކުމް ތަންފީޛުކުރުން ފަސްނުވުން
    • (ހ) ކޯޓުން އެނޫން ގޮތަކަށް ކަނޑަނާޅާހާހިނދަކު، މި ބާބުގެ ދަށުން ނިހާއީ ޙުކުމެއް މުރާޖަޢާކޮށްދިނުމަށް އެދި ހުށަހެޅުނު ކަމުގައިވީނަމަވެސް، އެ ޙުކުމެއްގެ ޤާނޫނީ ނަތީޖާ ނުވަތަ އެ ޙުކުމް ތަންފީޛުކުރުން ފަސްވެގެނެއް ނުދާނެއެވެ.
    • (ށ) މުރާޖަޢާކުރުމަށް އެދި ހުށަހަޅާފައިވާ ނިހާއީ ޙުކުމާމެދު ކޯޓުން ގޮތެއް ކަނޑައަޅަންދެން އެ ޙުކުމް ތަންފީޛުކުރުން ކޯޓަށް ފަސްކުރެވިދާނެއެވެ. އަދި މުދަލެއް ހިމެނޭ މައްސަލައެއްނަމަ، ކުރިން ކޮށްފައިވާ ޙުކުމުގައި ހިމެނޭ މުދާ ރައްކާތެރިކުރުމަށާއި، ފައިސާ ހިމެނޭ މައްސަލައެއްނަމަ ޙުކުމް މުރާޖަޢާކޮށް ވަކި ގޮތެއް ކަނޑައެޅެންދެން ސެކިއުރިޓީއެއް ބެހެއްޓުމަށް ކޯޓަށް ފެނެންނަމަ އެކަމަށް އަމުރުކުރެވިދާނެއެވެ.
  • 295. : މުރާޖަޢާކޮށްދިނުމާމެދު ގޮތެއް ނިންމުން
    • (ހ) ނިހާއީ ޙުކުމެއް މުރާޖަޢާކޮށްދިނުމަށް އެދި ހުށަހަޅާ ހުށަހެޅުމެއް މައްސަލައިގައި ހިމެނޭ އަނެއް ފަރާތަށް ފޮނުވާ ތާރީޚުން ފެށިގެން 3 (ތިނެއް) މަސް ދުވަހުގެ ތެރޭގައި އެ ހުށަހެޅުމަކާމެދު ކޯޓުން ގޮތެއް ނިންމަންވާނެއެވެ.
    • (ށ) މި މާއްދާގެ ދަށުން ނިންމާ ނިންމުމަކީ އެކަމާމެދު ސުވާލުއުފެއްދޭނެ ނިންމުމެއް ނޫނެވެ.
  • 296. : މުރާޖަޢާކުރުމަށްފަހު މައްސަލައިގައި އަލުން ޙުކުމްކުރުން
    • (ހ) ނިހާއީ ޙުކުމެއް މުރާޖަޢާކޮށްދިނުމަށް އެދި ހުށަހަޅާފައިވާ ހުށަހެޅުމަކަށް ބިނާކޮށް ކޯޓުގެ ޙުކުމް މުރާޖަޢާކުރުމަށް ނިންމާ ޙާލަތުގައި، އެ ނިންމުން ބިނާކޮށްފައިވާ ސަބަބުތަކުގެ ތަފްޞީލު ބަޔާންކޮށް ކޯޓުން އަލުން ޙުކުމްކުރަންވާނެއެވެ.
    • (ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތަށް ކޯޓުން އަލުން ޙުކުމް ކުރާނަމަ، ކުރިން އެ މައްސަލައިގައި ނަގައިދީފައިވާ ޝަރީޢަތުގެ ޚަރަދާ މެދުގައިވެސް ކޯޓުން ގޮތެއް ކަނޑައަޅަންވާނެއެވެ.
    • (ނ) މި މާއްދާގެ ދަށުން ކޯޓުން ނިންމި ނިންމުން ބިނާކޮށްފައިވާ ތަފްޞީލީ ސަބަބުތައް ބަޔާންކުރާ ލިޔުމެއް މައްސަލައިގައި ހިމެނޭ ފަރާތްތަކަށް ކޯޓުން ފޯރުކޮށްދޭންވާނެއެވެ.
  • 297. : މި ބާބު ހިނގާނެ ދާއިރާ
    • (ހ) މި ޤާނޫނުގައި ނުވަތަ އެހެން ޤާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާހާ ހިނދަކު، މި ޤާނޫނުގެ އަށްވަނަ ބާބު [އިޚްތިލާފެއްނުވާ ބާވަތުގެ މައްސަލަތަކުގައި ދަޢުވާކުރުމުގެ ޚާއްޞަ އިޖުރާއަތު] ގައި ބަޔާންކުރާ ބާވަތުގެ މައްސަލަތަކާއި، ވިހިވަނަ ބާބުގެ އެއްވަނަ ބައި [ކުދި މައްސަލަތަކުގެ ޓްރެކް] ގައި ބަޔާންކުރާ ބާވަތުގެ މައްސަލަތައް ފިޔަވައި، އެހެން މަދަނީ މައްސަލަތަކުގެ ޝަރީޢަތްތަކުގައި ހެކި ހާމަކުރުމާ ގުޅޭގޮތުން ޢަމަލުކުރާނީ، މި ބާބުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިންނެވެ.
    • (ށ) މި ބާބުގެ ދަށުން ޚަޞްމަކު ލިޔުމެއް ހާމަކުރާނީ ވަކި ލިޔުމެއް ވުޖޫދުގައި ވާކަން ނުވަތަ ކޮންމެވެސް އިރެއްގައި ވުޖޫދުގައި ވީކަން ބަޔާންކޮށްގެންނެވެ.
  • 298. : ހާމަކުރާ ލިޔުމެއް ބެލުމުގެ ޙައްޤު
    • (ހ) އަންނަނިވި ޙާލަތްތަކުގައި ފިޔަވައި، މި ބާބުގެ ދަށުން ލިޔުމެއް ހާމަކުރުމުން، މައްސަލައިގެ އަނެއް ޚަޞްމަށް އެ ލިޔުން ބެލުމުގެ ޙައްޤު ލިބިގެންވެއެވެ.
      • (1) އެ ލިޔުމަކީ، ލިޔުން ހާމަކުރި ޚަޞްމުގެ ބާރުގެ ދަށުގައިވާ ލިޔުމެއް ކަމުގައި ނުވުން؛
      • (2) އެ ލިޔުން ބެލުން ހުއްޓުވުމަކީ އެ ލިޔުން ހާމަކުރި ޚަޞްމުގެ ޙައްޤެއް ނުވަތަ ޒިންމާއެއް ކަމަށްވުން؛
      • (3) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ފަދަ ޙާލަތެއް މެދުވެރިވުން.
    • (ށ) މި މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގެ ދަށުން ހާމަކޮށްފައިވާ ބާވަތުގެ ނުވަތަ ގިންތިއެއްގެ ލިޔުންތައް ބެލުމުގެ ހުއްދަ ދިނުމަކީ މައްސަލައިގެ މައުޟޫޢާ ނުބައްދަލު ކަމަކަށް ވާނެކަމަށް މައްސަލައިގެ ޚަޞްމަކަށް ޤަބޫލުކުރެވޭނަމަ، އެ ބާވަތުގެ ނުވަތަ ގިންތީގެ ތެރޭގައި ހިމެނޭ ލިޔުންތައް ބެލުމުގެ ހުއްދަ ދިނުން އެފަރާތަށް ލާޒިމެއްނޫނެވެ. ނަމަވެސް އެ ލިޔުންތައް ބެލުމުގެ ހުއްދަ ދިނުން މައްސަލައިގެ މައުޟޫޢާ ނުބައްދަލުވާނެ ސަބަބަށްޓަކައި އެ ލިޔުންތައް ބެލުމުގެ ހުއްދަ ނުދޭކަން އެފަރާތުން ހުށަހަޅާ ހެކި ހާމަކުރުމާގުޅޭ ބަޔާނުގައި ފާހަގަކުރަންވާނެއެވެ.
    • (ނ) މި މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގެ ބޭނުމަށްޓަކައި، ލިޔުމެއް ބެލުން ހުއްޓުވުމަކީ އެ ލިޔުން ހާމަކުރި ޚަޞްމުގެ ޙައްޤެއް ނުވަތަ ޒިންމާއެއް ކަމަށް ބަލާނީ އަންނަނިވި ޙާލަތްތަކުގައެވެ.
      • (1) ޤާނޫނީ ފަންނުގެ އިމްތިޔާޒު އެ މައްޗަށް ހިނގާ ލިޔުމަކަށްވުން؛
      • (2) އެ ލިޔުމުގައި އޭނާ، ނުވަތަ އޭނާ ކައިވެނި ކޮށްގެން އުޅޭ ފަރާތް ނުވަތަ އޭނާގެ ދަރިންގެ މައްޗަށް ކުށެއް ސާބިތުވާނެ ފަދަ މަޢުލޫމާތެއް ހިމެނިފައިވުން؛
      • (3) ޢާންމު މަޞްލަޙަތަށްޓަކައި އެ ލިޔުމަކީ އިމްތިޔާޒު ލިބިގެންވާ ލިޔުމަކަށްވުން.
  • 299. : ލިޔުމުގެ މާނަ
    • (ހ) މި ބާބުގެ ބޭނުމަށްޓަކައި، “ލިޔުން” ކަމަށް ބުނެފައި އެވަނީ، އެއްވެސް ބާވަތެއްގެ މަޢުލޫމާތެއް ހިމެނިފައިވާ ނުވަތަ ރައްކާކުރެވިފައިވާ ކޮންމެ އެއްޗަކަށެވެ. ލިޔުމުގެ މާނައިގެ ތެރޭގައި އަތުން ލިޔެފައިވާ ލިޔުންތަކާއި، އޯޑިއޯ ޓޭޕާއި، ވީޑިއޯ ޓޭޕާއި، ފޮޓޯއާއި، އީ-މެއިލާއި އެހެނިހެން އިލެކްޓްރޯނިކް މުޢާސަލާތުތައް ހިމެނޭގޮތުން އިލެކްޓްރޯނިކް ލިޔުންތަކާއި، ވޯޑް-ޕްރޮސެސްކޮށްފައިވާ ލިޔުންތަކާއި، ޑޭޓާބޭސްތަކާއި، ފޮހެލާފައިވާ ލިޔުންތަކާއި މެޓަޑޭޓާ ހިމެނެއެވެ.
    • (ށ) މި ބާބުގައި، “ކޮޕީ” ކަމަށް ބުނެފައި އެވަނީ ލިޔުމަކާ ގުޅޭގޮތުން، ލިޔުމުގައި ހިމެނިފައިވާ ނުވަތަ ރައްކާކުރެވިފައވާ މަޢުލޫމާތު ސީދާގޮތުން ނުވަތަ ނުސީދާގޮތުން ވިޔަސް ނަކަލުކޮށްފައިވާ ކޮންމެ އެއްޗަކަށެވެ.
  • 300. : ހެކި ހާމަކުރުން މި ޤާނޫނުގެ 313 ވަނަ މާއްދާ އެ މައްޗަށް ހިނގާ މައްސަލަތައް ފިޔަވައި، އެނޫން ކޮންމެ މައްސަލައެއްގައި ހެކި ހާމަކުރުމާ ގުޅިގެން ޢަމަލުކުރާނީ އަންނަނިވި އުސޫލުތަކަށެވެ.
    • (ހ) ކޯޓުން އެނޫން ގޮތަކަށް ކަނޑަޅާނާހާހިނދަކު، ހެކި ހާމަކުރުމަށް ކޯޓުން އަންގައިފިނަމަ، އެ އިޝާރާތްކުރަނީ ހެކި ހާމަކުރުމުގެ ޢާންމު އުސޫލަށެވެ.
    • (ށ) ހެކި ހާމަކުރުމުގެ ޢާންމު އުސޫލުގެ ދަށުން ހާމަކުރާކުރުމުން ފުދޭނެކަމަށް ކޯޓަށް ފެނިއްޖެ ހިނދެއްގައި، ހާމަކުރާ މިންވަރު ނުވަތަ ހާމަކުރުމުގެ ދާއިރާ ހަނިކުރުމުގެ ބާރު ކޯޓަށް ލިބިގެންވެއެވެ.
    • (ނ) ޢާންމު އުސޫލުގެ ދަށުން ހެކި ހާމަކުރާ މިންވަރަށް ހެކި ހާމަކުރުމަށް ނުވަތަ ހެކި ހާމަކުރުމުގެ ދާއިރާ ހަނިކުރުމަށް މައްސަލައިގައި ހިމެނޭ ޚަޞްމުންނަށްވެސް ލިޔުމުން އެއްބަސްވެވިދާނެއެވެ.
  • 301. : ޢާންމު އުސޫލުގެ ދަށުން ހާމަކުރަންޖެހޭ ލިޔެކިޔުން ޢާންމު އުސޫލުގެ ދަށުން ހެކި ހާމަކުރާ ކުރުމުގައި ޚަޞްމަކު ހާމަކުރުން ލާޒިމުވާނީ ހަމައެކަނި އަންނަނިވި ލިޔުންތަކެވެ.
    • (ހ) އެފަރާތަކުން އެމައްޗަށް ބަރޯސާވާ ލިޔުންތައް؛ އަދި
    • (ށ) އެފަރާތެއް ވަކާލާތުކުރާ ކަމަކަށް ނޭދެވޭ އަސަރެއް ކޮށްފާނެ ލިޔުންތަކާއި، އެހެން ޚަޞްމަކު ވަކާލާތުކުރާ ކަމަކަށް ނޭދެވޭ އަސަރެއްކޮށްފާނެ ލިޔުންތަކާއި އެހެން ޚަޞްމަކު ވަކާލާތުކުރާ ކަމަކަށް ބާރުލިބޭ ލިޔުންތައް؛ އަދި
    • (ނ) އެހެން ޤާނޫނެއްގެ ދަށުން އެފަރާތެއް ހާމަކުރަންޖެހޭ ލިޔުންތައް.
  • 302. : ލިޔެކިޔުން ހޯދުމުގެ ޒިންމާ
    • (ހ) ޢާންމު އުސޫލުގެ ދަށުން ހެކި ހާމަކުރުމުގައި، މި ޤާނޫނުގެ 301 ވަނަ މާއްދާގެ (ށ) އަދި (ނ) ގައި ބަޔާންކޮށްފައިވާ ގިންތީގައި ހިމެނޭ ލިޔުންތައް ހޯދުމަށް އެ ޚަޞްމަކު އެކަށީގެންވާ މިންވަރަކަށް މަސައްކަތްކުރަންވާނެއެވެ.
    • (ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތަށް އެ ލިޔެކިޔުން ހޯދުމަށް އެކަށީގެންވާ މިންވަރަކަށް މަސައްކަތްކޮށްފައިވާކަން ކަނޑައެޅުމުގައި އަންނަނިވި ކަންތައްތަކަށް ރިޢާޔަތްކުރެވިދާނެއެވެ.
      • (1) ލިޔުންތަކުގެ ޢަދަދު؛
      • (2) މައްސަލައިގެ ބާވަތާއި އޭގެ އުނދަގޫ މިންވަރު؛
      • (3) ވަކި ލިޔުމެއް ހޯދުމަށް ކުރަންޖެހޭ މަސައްކަތުގެ ފަސޭހަކަމާއި އެކަމަށް ހިނގާނެ ޚަރަދު؛ އަދި
      • (4) ލިޔެކިޔުން ހޯދުމުގެ ތެރޭގައި ހޯދިދާނެކަމަށް ބެލެވޭ ލިޔުމެއްގެ މުހިންމުކަން.
    • (ނ) ވަކި ގިންތިއެއްގެ ނުވަތަ ބާވަތެއްގެ ލިޔުން ހޯދުމަކީ އެކަށީގެންވާ ކަމެއް ނޫންކަމަށް ޤަބޫލުކުރެވިގެން ޚަޞްމަކު އެފަދަ ލިޔުމެއް ހޯދާފައިނުވާނަމަ، އެ ލިޔުމެއް ނިސްބަތްވާ ގިންތި ނުވަތަ ބާވަތާއެކު އެކަން، ހެކި ހާމަކުރިކަމުގެ ބަޔާނުގައި ފާހަގަކުރަންވާނެއެވެ.
    • (ރ) ޚަޞްމަކު ހެކި ހޯދާފައިވާ ގޮތާމެދު ތަޢުނުކުރުމަށް އެ މައްސަލައިގެ އެހެން ޚަޞްމުންނަށް ކޯޓަށް ހުށަހެޅިދާނެއެވެ.
  • 303. : ޚަޞްމެއްގެ ބާރުގެ ދަށުގައި ހުރި ލިޔުންތައް
    • (ހ) ހެކި ހާމަކުރުމަށް ޚަޞްމަކަށް އޮންނަ ޒިންމާ އޮންނާނީ އޭނާގެ ބާރުގެ ދަށުގައި އެއިރެއްގައި ހުރި، ނުވަތަ ކޮންމެވެސް އިރެއްގައި ހުރި ލިޔުންތައް ހާމަކުރުމަށެވެ.
    • (ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ މަޤްޞަދަށްޓަކައި، ޚަޞްމެއްގެ ބާރުގެ ދަށުގައި އެއިރެއްގައި ނުވަތަ ކޮންމެވެސް އިރެއްގައި ލިޔުމެއް ހުރި ކަމަށް ބެލެވޭނީ އަންނަނިވި ޙާލަތްތަކުގައެވެ.
      • (1) މާއްދީގޮތުން އޭނާގެ ހިޔާޒަތުގެ ދަށުގައި އެއިރެއްގައި ނުވަތަ ކޮންމެވެސް އެހެން އިރެއްގައި ހުރި އެއްޗަކަށްވުން؛
      • (2) އޭގެ ހިޔާޒަތުގެ ޙައްޤު އޭނާއަށް އެއިރެއްގައި ނުވަތަ ކޮންމެވެސް އެހެން އިރެއްގައި ލިބިފައިވާ އެއްޗަކަށްވުން؛ ނުވަތަ
      • (3) އެ އެއްޗެއް ބެލުމަށް ނުވަތަ އޭގެ ކޮޕީ ނެގުމަށް އޭނާއަށް އެ އިރެއްގައި ނުވަތަ ކޮންމެވެސް އެހެން އިރެއްގައި ޙައްޤު ލިބިފައިވާ އެއްޗަކަށްވުން.
  • 304. : ކޮޕީ ހާމަކުރުން
    • (ހ) ލިޔުމެއްގެ އެއް ކޮޕީއަށްވުރެ ގިނަ ކޮޕީ ހާމަކުރުމަށް އެއްވެސް ޚަޞްމަކަށް ލާޒިމުވެގެނެއްނުވެއެވެ.
    • (ށ) އަންނަނިވި މަޤްޞަދުތަކުގެ ތެރެއިން މަޤްޞަދެއް ޙާޞިލުކުރުމަށްޓަކައި ޚަޞްމަކު ހުށަހެޅުމަށް ޤަޞްދުކުރާ ލިޔުމަކީ އުނިއިތުރެއް ގެނެވިފައިވާ، ނުވަތަ އެ ލިޔުމެއްގެ ބައެއް ފޮހެލުމުގެ ގޮތުން އެއްވެސް ކަމެއް ކޮށްފައިވާ، ނުވަތަ އެހެންވެސް ފާހަގައެއް ޖަހާފައިވާ ލިޔުމެއްގެ ކޮޕީއެއްނަމަ، އެ ލިޔުމަކީ ވަކި ލިޔުމެއް ކަމުގައި ބަލަންވާނެއެވެ.
      • (1) އެ ފަރާތަކުން އެ މައްޗަށް ބަރޯސާވުމަށް ޤަޞްދުކޮށްފައިވާ ލިޔުމެއް ކަމުގައިވުން؛ ނުވަތަ
      • (2) އެފަރާތެއް ވަކާލާތުކުރާ ކަމަކަށް ނޭދެވޭ އަސަރުކުރާނެ، ނުވަތަ އެހެން ޚަޞްމަކު ވަކާލާތުކުރާ ކަމަކަށް ނޭދެވޭ އަސަރުކުރާނެ، ނުވަތަ އެހެން ޚަޞްމަކު ވަކާލާތުކުރާ ކަމަކަށް ބާރުލިބިދޭ ލިޔުމެއް ކަމުގައިވުން.
  • 305. : ޢާންމު އުސޫލުގެ ދަށުން ހާމަކުރާ ކުރުމުގައި ޢަމަލުކުރާ އިޖުރާއަތު
    • (ހ) ޢާންމު އުސޫލުން ހެކި ހާމަކުރުމުގެ އިޖުރާއަތު ހިނގާނީ މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިންނެވެ.
    • (ށ) ކޮންމެ ޚަޞްމަކުވެސް ހާމަކުރުމަށް ލާޒިމުވާ ލިޔުންތަކުގެ ލިސްޓެއް ތައްޔާރުކޮށް އަނެއް ޚަޞްމަށް ނުވަތަ ޚަޞްމުންނަށް ހުށަހަޅަންވާނެއެވެ.
    • (ނ) މި މާއްދާގެ (ށ) ގައި ބަޔާންކުރާ ލިސްޓުގައި ފަސޭހަ ތަރުތީބަކުން، އަދި ވީހާވެސް ކުރުކޮށް، ބޭނުންވާ ލިޔުންތައް ފާހަގަކުރުމާއެކު، އަންނަނިވި ކަންކަން ހިމަނަންވާނެއެވެ.
      • (1) އެ ލިޔުމެއް ބެލުމުގެ ފުރުޞަތު ނުދިނުމަށް އެފަރާތުގެ މައްޗަށް ޙައްޤެއް ނުވަތަ ޒިންމާއެއް އޮތްކަމަށް ބުނާ ލިޔުންތައް؛ އަދި
      • (2) އެ ޚަޞްމުގެ ބާރުގެ ދަށުގައި މިހާރު ނެތް ލިޔުންތައް އަދި އެ ލިޔުންތަކަށް ވެފައިވާ ގޮތް.
    • (ރ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ލިސްޓާއެކު ހެކި ހާމަކުރިކަމުގެ ބަޔާނެއް އެ ލިޔުންތައް ހާމަކުރި ޚަޞްމު ހިމަނަންވާނެއެވެ. އެ ބަޔާނުގައި އަންނަނިވި މަޢުލޫމާތުތައް ހިމަނަންވާނެއެވެ.
      • (1) ހެކީގެ ގޮތުގައި ހާމަކުރުން ލާޒިމުވާ ލިޔުމެއް ހޯދުމަށްޓަކައި މަސައްކަތް ކުރީ ކިހާ މިންވަރަކަށްކަން؛
      • (2) އެ ފަރާތުން ހާމަކުރަންޖެހޭ ލިޔެކިޔުން ހާމަކުރުމަށް އޮތް ޒިންމާ އެނގޭނެކަމަށް ބުނެ އިޤުރާރުވެފައިވުން؛ އަދި
      • (3) ލިބިފައިވާ މަޢުލޫމާތުގެ މައްޗަށް ބިނާކޮށް އެ ފަރާތުގެ މައްޗަށް އޮތް ޒިންމާ އަދާކުރިކަމަށް ބުނެ އިޤުރާރުވެފައިވުން.
    • (ބ) ހެކި ހާމަކުރިކަމުގެ ބަޔާން ދޭ ފަރާތަކީ ކުންފުންޏެއް، ނުވަތަ ޕާޓްނަރޝިޕެއް ނުވަތަ ޖަމްޢިއްޔާއެއް ނުވަތަ އެނޫންވެސް ޤާނޫނީ ޞަޚްޞެއްނަމަ، އެ ބަޔާނުގައި، އެ ޤާނޫނީ ޞަޚްޞެއްގެ ފަރާތުން ބަޔާންދޭ ފަރާތަކީ ކޮބައިކަން އެނގޭނެ ފަދައިން ބަޔާންކޮށް އަދި އޭނާއަކީ އެބަޔާން ދިނުމަށް އެކަށީގެންވާ ފަރާތެއް ކަމަށް ދެކޭ ސަބަބު ބަޔާންކޮށްފައި އޮންނަންވާނެއެވެ.
    • (ޅ) މި މާއްދާގެ ދަށުން ލިސްޓެއް އެކުލަވާލުމަކާ ނުލައި، އަދި ހާމަކުރާ ފަރާތުން ހާމަކުރިކަމުގެ ބަޔާނެއް ހުށަހެޅުމަކާ ނުލައި ލިޔުންތައް ހާމަކުރުމަށް މައްސަލައިގެ ޚަޞްމުންނަށް ލިޔުމުން އެއްބަސްވެވިދާނެއެވެ.
    • (ކ) އެހެން ޤާނޫނަކުން ހުއްދަކުރާ ޙާލަތުގައި، މައްސަލައިގެ ޚަޞްމަކަށް ނުވާ ފަރާތަކަށް ހެކި ހާމަކުރިކަމުގެ ބަޔާން ދެވިދާނެއެވެ.
  • 306. : މައްސަލަ ހިނގަމުންދާއިރު ހާމަކުރުމުގެ އިލްތިޒާމު ދެމިގެންދިޔުން ހެކި ހާމަކުރުމަށް ޚަޞްމުންގެ މައްޗަށް އޮންނަ ޒިންމާ މައްސަލައިގެ ޝަރީޢަތުގެ އަޑުއެހުންތައް ނިމެންދެން ދެމިއޮންނާނެވެ. އަދި ހާމަކުރުމުގެ އިލްތިޒާމު އެމައްޗަށް ހިނގާ ލިޔުންތަކެއްގެ މަޢުލޫމާތު މައްސަލަ ހިނގަމުންދަނިކޮށް ޚަޞްމަކަށް ލިބިއްޖެނަމަ، ވަގުތުން އެކަން އެހެން ޚަޞްމުންގެ ސަމާލުކަމަށް ގެންނަންވާނެއެވެ.
  • 307. : ހެކި ހާމަކުރުމުގެ ޚާއްޞަ އުސޫލު
    • (ހ) ޢާންމު އުސޫލުގެ ދަށުން ޚަޞްމަކު ހާމަކޮށްފައިވާ ހެއްކަކީ މައްސަލައިގައި ބޭނުންވާ މިންވަރަށްވުރެ މަދު ހެކި ކަމުގައިވާނަމަ، މި މާއްދާގައި ބަޔާންކުރާ އުސޫލާ އެއްގޮތްވާ ގޮތުގެމަތިން ވަކި ލިޔުމެއް ހާމަކުރުމަށް އެހެން ޚަޞްމަކަށް އެދެވިދާނެއެވެ. ވަކި ލިޔުމެއް ހާމަކުރުމަށް ޚަޞްމަކު ކޯޓުގައި އެދޭއިރު، ކޯޓުން ކުރުމަށް ބޭނުންވާ އަމުރު ބަޔާންކޮށްފައި އޮންނަންވާނެއެވެ. އަދި ކޯޓުގައި އެދޭ ކަންކަމާގުޅޭ ހެކި، އެ ހުށަހެޅުމާއެކު ކޯޓަށް ހުށަހަޅަންވާނެއެވެ.
    • (ށ) ވަކި ލިޔުމެއް ހާމަކުރުމަށް ކުރާ އަމުރަކީ، އަންނަނިވި ކަންތައްތަކުގެ ތެރެއިން ކަމެއް ނުވަތަ ކަންތައްތަކެއް ކުރުމަށް ޚަޞްމަކަށް އަންގައި ކޯޓުން ކުރާ އަމުރެކެވެ.
      • (1) އެ އަމުރުގައި ބަޔާންކޮށްފައިވާ ގިންތި ނުވަތަ ބާވަތަށް ނިސްބަތްވާ ލިޔުންތައް ހާމަކުރުމަށް؛
      • (2) އެ އަމުރުގައި ބަޔާންކޮށްފައިވާ މިންވަރަށް ލިޔުން ހޯދުމުގެ މަސައްކަތް ކުރިއަށްގެންދިޔުމަށް؛
      • (3) ލިޔެކިޔުން ހޯދުމަށް ކުރި މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން ފެންނަ ލިޔުންތައް ހާމަކުރުމަށް.
    • (ނ) ވަކި ލިޔުމެއް ހާމަކުރުމަށް އަމުރުކުރުމާމެދު ކޯޓުން ގޮތެއް ނިންމުމުގައި، މައްސަލައިގައި ހިމެނޭ އެންމެހައި ކަންކަމަށް ކޯޓުން ރިޢާޔަތްކުރަންވާނެއެވެ. ޚާއްޞަކޮށް ޚަޞްމަކު ހާމަކުރުމަށް ލާޒިމުވާ އެންމެހައި ލިޔެކިޔުން ހާމަކުރުމަށް އޮތް ޒިންމާ އެންމެ އެކަށީގެންވާ ގޮތެއްގައި އޭނާ އަދާކޮށްފައިވޭތޯ ކޯޓުން ބަލަންވާނެއެވެ.
    • (ރ) ވަކި ލިޔުމެއް ބެލުމުގެ ފުރުޞަތު ދިނުމަށް ކޯޓުން ކުރާ އަމުރަކީ، މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ލިޔުމެއް ބެލުމުގެ ފުރުޞަތު ޚަޞްމަކަށް ދިނުމަށް އެހެން ޚަޞްމެއްގެ މައްޗަށް ކުރާ އަމުރެކެވެ.
  • 308. : މަރުޙަލާތަކަކަށް ބަހާލައިގެން ހާމަކުރުން މަރުޙަލާތަކަކަށް ބަހާލައިގެން ލިޔެކިޔުން ހާމަކުރުމަށް ނުވަތަ ލިޔުންތައް ބެލުމަށް ނުވަތަ އެ ދެ ކަންތައް ކުރުމަށް މައްސަލައިގެ ޚަޞްމުންނަށް ލިޔުމުން އެއްބަސްވެވިދާނެއެވެ. ނުވަތަ ކޯޓަށް އެފަދައިން އެންގިދާނެއެވެ.
  • 309. : ދަޢުވާއާގުޅޭ ލިޔުންތަކާގުޅޭ ހެކީންގެ ބަޔާނާއި އެފިޑެވިޓްގައި ޙަވާލާދޭ ލިޔުންތައް ޚަޞްމުން ބެލުން
    • (ހ) އަންނަނިވި ކޮންމެ ލިޔުމެއްގައި ޙަވާލާދީފައިވާ އެހެން ލިޔުމެއް، ކޮންމެ ޚަޞްމަކަށްވެސް ބެލިދާނެއެވެ.
      • (1) ދަޢުވާގައި ނުވަތަ ދަޢުވާގެ ޖަވާބުގައި ނުވަތަ ރައްދު ދަޢުވާއެއްގައި ނުވަތަ އިތުރު ދަޢުވާއެއްގައި؛ ނުވަތަ
      • (2) ހެކިބަސް ދޭ ފަރާތެއްގެ ބަޔާނުގައި؛ ނުވަތަ
      • (3) ހެކިބަސްދޭ ފަރާތުން ދޭންޖެހޭ ހެކި އަންގައިދޭ ބަޔާނުގައި؛ ނުވަތަ
      • (4) އެފިޑެވިޓެއްގައި.
    • (ށ) އެހާތަނަށް މައްސަލައިގައި ހާމަކޮށްފައިނުވާ ލިޔުމަކަށް ޚަބީރެއްގެ ރިޕޯޓުގައި ޙަވާލާދީފައިވާނަމަ، އެފަދަ ކޮންމެ ލިޔުމެއް ބެލުމުގެ އަމުރަކަށް އެދި ޚަޞްމަކަށް ހުށަހެޅިދާނެއެވެ.
  • 310. : ލިޔުންތައް ބެލުމާއި,ކޮޕީ ނެގުން ލިޔުމެއް ބެލުމުގެ ޙައްޤު ލިބިފައިވާ ކޮންމެ ޚަޞްމަކު އެ ލިޔުން ބެލުމުގައި ޢަމަލުކުރަންވާނީ އަންނަނިވި ގޮތުގެމަތިންނެވެ.
    • (ހ) އެ ލިޔުން ބަލަން ބޭނުންވާކަމުގެ ނޯޓިސް އެ ލިޔުން ހާމަކުރި ޚަޞްމަށް ދޭންވާނެއެވެ.
    • (ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ނޯޓިސް ލިބޭތާ މަދުވެގެން 7 (ހަތެއް) ދުވަހުގެ ތެރޭގައި އެ ލިޔުމެއް ހާމަކުރި ޚަޞްމަކު އެ ލިޔުން ބެލުމުގެ ހުއްދަ ދޭންވާނެއެވެ. (މި ގޮތުން ލިޔުން ބެލުމަށް ހުއްދަ ދީފައިވާކަން ކޯޓަށް އަންގަންވާނެއެވެ.) އަދި
    • (ނ) ލިޔުމެއްގެ ކޮޕީ ނެގުމަށް ހިނގާ އެކަށީގެންވާ މިންވަރެއްގެ ޚަރަދު ދިނުމަށް އެއްބަސްވެ، އެ ލިޔުމުގެ ކޮޕީއެއް ފޯރުކޮށްދިނުމަށް ޚަޞްމަކު އެދޭނަމަ، އެފަދައިން އެދޭތާ ގިނަވެގެން 7 (ހަތެއް) ދުވަހުގެ ތެރޭގައި ލިޔުން ހާމަކުރި ފަރާތުން އެ ލިޔުމުގެ ކޮޕީ ފޯރުކޮށްދޭންވާނެއެވެ.
  • 311. : ދަޢުވާއެއް ހުށަހަޅުމުގެ ކުރިން ލިޔެކިޔުން ހާމަކުރުން
    • (ހ) ދަޢުވާއެއް ހުށަހެޅުމުގެ ކުރިން ހެކި ހާމަކުރުމަށް ކޯޓުގައި އެދުމަށް އެހެން ޤާނޫނަކުން ހުއްދަކުރާ ޙާލަތުގައި، މި މާއްދާގައި ބަޔާންކުރާ އުސޫލުތައް ހިނގާނެއެވެ.
    • (ށ) ކޯޓަކަށް ހުށަހެޅިދާނެ ކަމަށް ބެލެވޭ ދަޢުވާއެއްގެ ޚަޞްމަކަށް ވާނެކަމަށް ބެލެވޭ މީހަކު މި ޤާނޫނާ އެއްގޮތްވާ ގޮތުގެމަތިން ހުށަހަޅާ ހުށަހެޅުމަކަށް، އެ މައްސަލައިގެ ޚަޞްމަކަށް ވާނެކަމަށް ބެލެވޭ، އަދި އެމީހެއްގެ އަތުގައި ނުވަތަ ބާރުގެ ދަށުގައި އެއިރެއްގައި ނުވަތަ ކޮންމެވެސް އެއް އިރެއްގައި މައްސަލައާ ގުޅިގެން އުފެދިދާނެ މައުޟޫޢުއަކާ ގުޅުންހުރި ލިޔުންތަކެއް ހުރެދާނެކަމަށް ބެލެވޭ މީހެއްގެ މައްޗަށް މި މާއްދާގައިވާ ގޮތުގެމަތިން އަމުރެއް ކުރުމުގެ ބާރު ކޯޓަށް ލިބިގެންވެއެވެ.
    • (ނ) މި މާއްދާގެ (ށ) ގެ ދަށުން ހުށަހަޅާ ހުށަހެޅުމަކީ ހެއްކާއެކު ހުށަހަޅާ ހުށަހެޅުމަކަށް ވާންވާނެއެވެ.
    • (ރ) މި މާއްދާގެ (ށ) ގެ ދަށުން ކޯޓުން އަމުރެއް ނެރެންވާނީ ހަމައެކަނި އަންނަނިވި ޙާލަތްތަކުގައެވެ.
      • (1) އަމުރު ރައްދުވާ ފަރާތަކީ ކޯޓަށް ހުށަހެޅޭނެކަމަށް ބެލެވޭ މައްސަލައިގެ ޚަޞްމަކަށްވުމުގެ ފުރުޞަތު އޮތް މީހަކަށްވުން؛
      • (2) އަމުރަށް އެދޭ ފަރާތަކީވެސް ކޯޓަށް ހުށަހެޅޭނެކަމަށް ބެލެވޭ މައްސަލައިގެ ޚަޞްމަކަށް ވުމުގެ ފުރުޞަތު އޮތް މީހަކަށްވުން؛
      • (3) މައްސަލަ ހުށަހެޅި ހިނގަން ފަށާ ޙާލަތެއްގައި، މި ޤާނޫނުގެ 301 ވަނަ މާއްދާގެ ދަށުން އަމުރު ރައްދުވާ ފަރާތުން ޢާންމު އުސޫލުން ހާމަކުރުމަށް ލާޒިމުވާ ލިޔެކިޔުމުގެ ތެރޭގައި އަމުރަށް އެދޭ ފަރާތުން ހާމަކުރުމަށް އެދޭ ގިންތީގެ ނުވަތަ ބާވަތުގެ ލިޔުންތައްވެސް ހިމެނުން؛ އަދި
      • (4) އަންނަނިވި ސަބަބުތަކަށްޓަކައި ދަޢުވާ ފެށުމުގެ ކުރިން ހެކި ހާމަކުރުން އެދެވިގެންވާކަން:
        • i. ހުށަހެޅޭނެ ކަމަށް ބެލެވޭ ދަޢުވާ އިންޞާފުވެރިކަމާއެކު ނިންމުމަށްޓަކައި؛
        • ii. އަޑުއެހުމަކާ ނުލައި ޚުޞޫމާތަށް ޙައްލެއް ގެނައުމަށް އެހީތެރިވުމަށް؛ ނުވަތަ
        • iii. ޚަރަދު ކުޑަކުރުމަށް.
    • (ބ) މި މާއްދާގެ ދަށުން ކުރާ އަމުރެއްގައި، އަންނަނިވި ކަންކަން ބަޔާންކުރަންވާނެއެވެ.
      • (1) އަމުރު ރައްދުވާ ފަރާތުން ހާމަކުރަންޖެހޭ ގިންތީގެ ނުވަތަ ބާވަތުގެ ލިޔުންތަކަކީ ކޮބައިކަން؛ އަދި
      • (2) ހެކި ހާމަކުރުމުގައި، އެ ފަރާތުން ހާމަކުރަންޖެހޭ އެއްވެސް ލިޔުމަކީ އޭނާގެ ބާރުގެ ދަށުގައި އެވަގުތު ނެތް ލިޔުމެއްނަމަ އެކަން ނުވަތަ އެ ލިޔުމެއް ބެލުން ހުއްޓުވުމުގެ ޙައްޤު ނުވަތަ ޒިންމާއެއް އޭނާގެ މައްޗަށް އޮތްކަމަށް ބުނާނަމަ އެކަން.
    • (ޅ) މި މާއްދާގެ (ހ) ގެ ދަށުން ކުރާ އަމުރެއްގައި، އެ އަމުރު ރައްދުވާ ފަރާތުގެ ބާރުގެ ދަށުގައި ވަކި ލިޔުމެއް ނެތްނަމަ އެ ލިޔުމަކަށް ވެފައިވާ ގޮތް ބަޔާންކުރުމަށާއި އަދި ލިޔުންތައް ހާމަކޮށް، އެ ލިޔުންތައް ބެލުމަށް ހަމަޖައްސާނެ ވަގުތާއި ތަނެއް ބަޔާންކުރަންވާނެއެވެ.
  • 312. : ޚަޞްމަކަށް ނުވާ ފަރާތެއްގެ މައްޗަށް ހެކި ހާމަކުރުމަށް ކުރާ އަމުރު
    • (ހ) ދަޢުވާއެއްގެ ޚަޞްމަކަށް ނުވާ ފަރާތެއް ހެކި ހާމަކުރުމަށް އެންގުމަށް އެހެން ޤާނޫނަކުން ހުއްދަކުރާ ޙާލަތުގައި، މި މާއްދާގައި ބަޔާންކުރާ ގޮތުގެމަތިން ޢަމަލުކުރެވިދާނެއެވެ.
    • (ށ) ކޯޓަކަށް ހުށަހެޅޭ މައްސަލައެއްގެ ޚަޞްމަކު މިޤާނޫނާ އެއްގޮތްވާ ގޮތުގެމަތިން ހުށަހަޅާ ހުށަހެޅުމަކަށް، އެ މައްސަލައިގެ ޚަޞްމަކަށް ނުވާ، އެހެންނަމަވެސް، އެ ފަރާތެއްގެ ކިބައިގައި ނުވަތަ އެ ފަރާތެއްގެ ހިޔާޒަތުގައި، ނުވަތަ ބެލުމުގެ ދަށުގައި، ނުވަތަ ބާރުގެ ދަށުގައި މައްސަލައާ ގުޅިގެން އުފެދޭނެ މައުޟޫޢުއަކާ ގުޅުންހުރި ލިޔުންތަކެއް ހުންނާނެކަމަށް ބެލެވޭ ކޮންމެ މީހެއްގެ މައްޗަށް، އެ ލިޔުމެއް ފޯރުކޮށްދިނުމަށް އަމުރުކޮށް ދިނުމަށް އެދި ކޯޓަށް ހުށަހެޅިދާނެއެވެ.
    • (ނ) މި މާއްދާގެ (ށ) ގައި ބަޔާންކުރާ ހުށަހެޅުމުގައި އަންނަނިވި ކަންކަމަށް އެދެވިދާނެއެވެ.
      • (1) އަމުރު ރައްދުވާ ފަރާތުން ހާމަކުރަންޖެހޭ ގިންތީގެ ނުވަތަ ބާވަތުގެ ލިޔުންތަކަކީ ކޮބައިކަން؛ އަދި
      • (2) ހެކި ހާމަކުރުމުގައި، އެ ފަރާތުން ހާމަކުރަންޖެހޭ އެއްވެސް ލިޔުމަކީ އޭނާގެ ބާރުގެ ދަށުގައި އެވަގުތު ނެތް ލިޔުމެއްނަމަ އެކަން ނުވަތަ އެ ލިޔުމެއް ބެލުން ހުއްޓުވުމުގެ ޙައްޤު ނުވަތަ ޒިންމާއެއް އޭނާގެ މައްޗަށް އޮތްކަމަށް ބުނާނަމަ އެކަން.
    • (ރ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ހުށަހެޅުން ހުށަހަޅަންވާނީ ހެއްކާއެކުގައެވެ.
    • (ބ) މި މާއްދާގެ ދަށުން ކޯޓުން އަމުރެއް ކުރަންވާނީ ހަމައެކަނި އަމުރަށް އެދުނު ފަރާތުން ހޯދަން އެދޭ ލިޔުންތަކަކީ އެފަރާތުން ވަކާލާތުކުރާ ކަންތައްތަކަށް ބާރުދޭ، ނުވަތަ އެ މައްސަލައިގެ އެހެން ޚަޞްމަކު ވަކާލާތުކުރާ ކަންތައްތައް ނަފީކުރާ ލިޔުމަކަށް ވުމުގެ އިތުރުން އެލިޔުން ހާމަކުރުމަކީ، ހުށަހެޅިފައިވާ މައްސަލަ އިންޞާފުވެރިކަމާއެކު ނިންމުމަށް ނުވަތަ ޚަރަދު ކުޑަކުރުމުގެ ގޮތުން ކޮންމެހެން މުހިންމު ކަމަކަށްވާނެ ނަމައެވެ.
    • (ޅ) މި މާއްދާގެ ދަށުން ކުރާ އަމުރެއްގައި، އަމުރު ރައްދުވާ ފަރާތުން ހާމަކުރަންޖެހޭ ގިންތީގެ ނުވަތަ ބާވަތުގެ ލިޔުންތަކަކީ ކޮބައިކަން ބަޔާންކުރަންވާނެއެވެ. އަދި ހާމަކުރުމުގައި، އެ ފަރާތުން ހާމަކުރަންޖެހޭ އެއްވެސް ލިޔުމަކީ އޭނާގެ ބާރުގެ ދަށުގައި އެވަގުތު ނެތް ލިޔުމެއްނަމަ ނުވަތަ އެ ލިޔުމެއް ބެލުން ހުއްޓުވުމުގެ ޙައްޤު ނުވަތަ ޒިންމާއެއް އޭނާގެ މައްޗަށް އޮތްކަމަށް ބުނާނަމަ އެކަން ބަޔާންކުރަންވާނެއެވެ.
    • (ކ) މި މާއްދާގެ ދަށުން ކުރާ އަމުރެއްގައި، އެ އަމުރު ރައްދުވާ ފަރާތުގެ ބާރުގެ ދަށުގައި ވަކި ލިޔުމެއް ނެތްނަމަ އެ ލިޔުމަކަށް ވެފައިވާ ގޮތް ބަޔާންކުރުމަށާއި އަދި ލިޔުންތައް ހާމަކޮށް، އެ ލިޔުންތައް ބެލުމަށް ހަމަޖައްސާނެ ވަގުތަކާއި ތަނެއް ބަޔާންކުރަންވާނެއެވެ.
  • 313. : ބޮޑެތި މައްސަލަތަކުގެ ޓްރެކުން ބަލާ މައްސަލަތަކުގައި ހެކި ހާމަކުރުން
    • (ހ) ކޯޓުން އެހެން ގޮތަކަށް އަމުރު ނުކުރާހާ ހިނދަކު، ބޮޑެތި މައްސަލަތަކުގެ ޓްރެކުން ބަލާ އެންމެހައި މައްސަލަތަކުގެ މައްޗަށް މި މާއްދާގެ (ށ) އިން ފެށިގެން މި މާއްދާ ނިޔަލަށް ހުރި މާއްދާތައް ހިނގާނެއެވެ.
    • (ށ) މައްސަލަ ތަރުތީބުކުރުމުގެ ފުރަތަމަ ބައްދަލުވުމުގެ މަދުވެގެން 14 (ސާދަ) ދުވަސް ކުރިން، ތެދުކަމަށްބުނެ ދޭ ބަޔާނަކުން ކަށަވަރުކޮށްފައިވާ އަންނަނިވި މަޢުލޫމާތުތައް ހިމެނޭ ރިޕޯޓެއް ކޮންމެ ޚަޞްމަކުވެސް ހުށަހަޅަންވާނެއެވެ.
      • (1) މައްސަލައިގެ މައުޟޫޢާ ގުޅޭގޮތުން ވުޖޫދުގައިވާ ނުވަތަ ވެދާނެ ލިޔުންތަކަކީ ކޮބައިކަން ޚުލާޞާކޮށް ބަޔާންކުރުން؛
      • (2) އެ ލިޔުންތައް ވީ، ނުވަތަ ވުން އެކަށީގެންވަނީ ކޮން ފަރާތެއްގެ އަތުގައި އަދި ކޮންތާކުކަން ބަޔާންކުރުން؛
      • (3) އިލެކްޓްރޯނިކް ލިޔުންތަކެއްނަމަ، އެ ލިޔުންތައް ރައްކާކޮށްފައި ހުރި ގޮތް ބަޔާންކުރުން؛
      • (4) އިލެކްޓްރޯނިކް ވަސީލަތްތަކުގައި ރައްކާކޮށްފައިވާ ލިޔުންތައް ހޯދައި ހާމަކުރުމަށް ދާނެ ޚަރަދު ހިމެނޭގޮތުން، ޢާންމު އުސޫލުގެ ދަށުން ހެކި ހާމަކުރާ މިންވަރަށް ހެކި ހާމަކުރުމަށް ހިނގާނެކަމަށް ލަފާކުރެވޭ ޚަރަދު ބަޔާންކުރުން؛ އަދި
      • (5) މި މާއްދާގެ (ޅ) ގައި ބަޔާންކޮށްފައިވާ އިރުޝާދުތަކުގެ ތެރެއިން އެދެނީ ކޮން އިރުޝާދަކަށްކަން ބަޔާންކުރުން.
    • (ނ) މައްސަލަ ތަރުތީބުކުރުމުގެ ފުރަތަމަ ބައްދަލުވުމުގެ މަދުވެގެން 7 (ހަތެއް) ދުވަސް ކުރިން، އަދި އޭގެ ފަހުން ކޯޓުން އަންގާ އެހެން ކޮންމެ ޙާލަތެއްގައިވެސް، މި ޤާނޫނުގެ ޢާންމު މަޤްޞަދު ހާސިލުވާނެ ގޮތެއްގެމަތިން ހެކި ހާމަކުރުމާގުޅޭ ކަންކަމާމެދު ދެފަރާތުން މަޝްވަރާކޮށް ވަކި ގޮތަކަށް އެއްބަސްވުމަށް މަސައްކަތްކުރަންވާނެއެވެ. މިގޮތުން އެއްބަސްވުމަކަށް އާދެވިއްޖެނަމަ ދެ ޚަޞްމުން ހަމަ އެ ތާރީޚުގައި ވަކިވަކީން އެކަން ކޯޓަށް އަންގަންވާނެއެވެ. އަދި އެފަދައިން އަންގާއިރު އެ އެއްބަސްވުމުގައި ހިމެނޭ ބައިތައް އެންގެން އޮތްނަމަ އެކަންވެސް ކޯޓަށް އަންގަންވާނެއެވެ.
    • (ރ) ހެކި ހާމަކުރުމުގެ ދާއިރާއާމެދު މައްސަލައިގެ ޚަޞްމުން ވަކި ހުށަހެޅުމަކަށް އެއްބަސްވެފައިވާނަމަ، އަދި އެފަދައިން އެއްބަސްވާ ކަންކަމަކީ ހުރިހާ ޙާލަތެއްގައިވެސް އެކަށީގެންވާ ކަންކަން ކަމަށް ކޯޓަށް ޤަބޫލުކުރެވޭނަމަ، އަޑުއެހުމެއް ބޭއްވުމަކާ ނުލައި، އެފަދައިން އެއްބަސްވެފައިވާ ކަންކަން ކޯޓަށް ބަލައިގަނެ، އެ ކަންކަމާ އެއްގޮތަށް ކުރިއަށްދިޔުމަށް އެންގިދާނެއެވެ.
    • (ބ) މި ޤާނޫނުގެ ޢާންމު މަޤްޞަދަށާއި، ޢަދުލުވެރިކަމާއެކު މައްސަލަ ކުރިއަށް ގެންދިޔުމަށްޓަކައި ކޮންމެހެން ބޭނުންވާ މިންވަރަށް ހެކި ހާމަކުރުމާގުޅޭ އުސޫލުތައް ހަނިކުރުމުގެ ބޭނުންތެރިކަން އޮތް މިންވަރަށް ރިޢާޔަތްކޮށް، މައްސަލަ ތަރުތީބުކުރުމުގެ ފުރަތަމަ ބައްދަލުވުމުގައި އަދި އޭގެ ފަހުން ބާއްވާ ކޮންމެ ބައްދަލުވުމެއްގައިވެސް، ހެކި ހާމަކުރުމާ ގުޅޭގޮތުން ނެރޭނީ އަންނަނިވި އަމުރުތަކުގެ ތެރެއިން ކޮން އަމުރެއްކަން ކޯޓުން ނިންމަންވާނެއެވެ.
      • (1) ޚާއްޞަ ގޮތެއްގައި މައްސަލައިގެ ކުރީގެ މަރުޙަލާއެއްގައި ތަފްޞީލުކޮށް ނުވަތަ އެކަށީގެންވާ މިންވަރަށް (މައްސަލައިގެ ކުރިން ނުވަތަ ވަގުތީ އަމުރަކާ ގުޅިގެން ހާމަކުރާކުރުން ހިމެނޭގޮތުން) ހެކި ހާމަކޮށްފައިވާނަމަ، ހެކި ހާމަކުރުމުގެ މަރުޙަލާ ކުރިއަށް ގެންދަން ނުޖެހޭނެކަމަށް އަންގައި ނެރޭ އަމުރު؛
      • (2) ޚަޞްމަކު އޭނާ އެ މައްޗަށް ބަރޯސާވާ ލިޔުންތައް ހާމަކުރުމަށް، އަދި ހަމަ އެއާއެކު އެނޫން އެހެން ޚަޞްމެއްގެ ފަރާތުން ވަކި ޚާއްޞަ ލިޔުމެއް ހާމަކުރުމަށް އެދޭނަމަ އެކަން ހާމަކުރުމަށް ކުރާ އަމުރު؛
      • (3) އެކަމަކީ ކުރެވޭނެ ކަމަކަށްވާނަމަ، މައްސަލައިގެ ފަހަރަކު މައުޟޫޢަކާ ގުޅިގެން ކޮންމެ ޚަޞްމަކު ހެކި ހާމަކުރަމުން ގެންދިއުމަށް ކުރާ އަމުރު؛
      • (4) އެ ޚަޞްމެއް ވަކާލާތުކުރާ ކަމަކަށް ބާރުދޭ ލިޔުމެއް، ނުވަތަ އެހެން ޚަޞްމެއް ވަކާލާތުކުރާ ކަމެއް ނަފީކުރާ ފަދަ މަޢުލޫމާތެއް ހިމެނިދާނެކަމަށް ބެލެވޭ ލިޔުމެއް، ނުވަތަ ހޯދޭ ހޯދުމަކުން އެފަދަ ނިންމުމަކަށް ވާސިލުވެވޭނެ ކޮންމެ ލިޔުމެއް ހާމަކުރުމަށް އެންމެހައި ޚަޞްމުންނަށް ކުރާ އަމުރު؛
      • (5) ޢާންމު އުސޫލުގެ ދަށުން ހެކި ހާމަކުރުމަށް ކުރާ އަމުރު؛ އަދި
      • (6) ހާމަކުރުމާ ގުޅޭގޮތުން ކުރުން މުހިންމުކަމަށް ކޯޓަށް ޤަބޫލުކުރެވޭ ކޮންމެ އަމުރެއް.
    • (ޅ) ހެކި ހާމަކުރުން ކުރިއަށް ގެންދަންވީ ކިހިނެއްކަން ބަޔާންކޮށް މައްސަލައިގެ ކޮންމެ ހިސާބަކުންވެސް އަންނަނިވި ކަންކަން ހިމެނޭގޮތުން ކޯޓަށް އިރުޝާދު ދެވިދާނެއެވެ.
      • (1) ކުރިއަށް ގެންދަންވީ ކޮންކަހަލަ ހޯދުމެއްކަން، ކޮން ތަނެއްގައިކަން، ކޮން އެއްޗެއް ހޯދުމަށްކަން، ކޮން މުއްދަތަކާ ގުޅޭގޮތުންކަން، ކާކުކަން، އަދި އިލެކްޓްރޯނިކް ވަސީލަތްތަކުގައި ރައްކާކޮށްފައިވާ ލިޔުންތައް ހޯދޭނީ ކިހާ މިންވަރަކަށްކަން؛
      • (2) ލިޔުންތަކުގެ ލިސްޓެއް ބޭނުންވާކަން ނުވަތަ ނޫންކަން؛
      • (3) ހެކި ހާމަކުރިކަމަށް ބުނެ ދޭ ބަޔާން ހުށަހަޅާނީ ކޮންއިރަކު ކިހިނެއްކަން؛
      • (4) ލިޔުންތައް ހާމަކުރަންވީ ކޮން ނަމޫނާއަކާ އެއްގޮތްވަ ގޮތުގެމަތިންކަން؛
      • (5) އެ އިރެއްގައި ވުޖޫދުގައި ނެތް، އެހެން ނަމަވެސް އޭގެ ކުރިން ކޮންމެވެސް އިރެއްގައި ވުޖޫދުގައި ހުރި ލިޔުންތަކާ ގުޅޭގޮތުން ބޭނުންވަނީ ކޮން އެއްޗެއްކަން؛ އަދި
      • (6) ހާމަކުރުން ކުރިއަށްގެންދާނީ މަރުޙަލާތަކަކަށް ބަހާލައިގެންކަން ނުވަތަ ނޫންކަން.
  • 314. : ހެކި ހާމަކުރުމަށް އަމުރުކުރުމަށް ކޯޓަށް ލިބިދޭ ބާރު މި ޤާނޫނުން ހަނިނުކުރުން މައްސަލަ ފެށުމުގެ ކުރިން ހެކި ހާމަކުރުމަށް އެންގުމަށާއި، މައްސަލައިގެ ޚަޞްމަކަށް ނުވާ ފަރާތަކާ ދެކޮޅަށް ހެކި ހާމަކުރުމުގެ އަމުރެއް ކުރުމަށް ކޯޓަށް ލިބިދީފައިވާ އެހެން ބާރުތަކަކަށް، މި ޤާނޫނުގެ 311 ވަނަ މާއްދާއާއި، 312 ވަނަ މާއްދާގެ ސަބަބުން ހަނިކަމެއް ނާންނާނެއެވެ.
  • 315. : ލިޔުމެއް ހާމަކުރުން ނުވަތަ ބެލުން ހުއްޓުވުމަށް އެދުން
    • (ހ) ލިޔުމެއް ނުވަތަ ލިޔުމެއްގެ ބައެއް ހާމަކޮށްފިނަމަ އޭގެ ސަބަބުން ޢާންމު މަޞްލަޙަތަށް އުނިކަން އަތުވެދާނެނަމަ، އެ ލިޔުމެއް ހާމަކުރުން ހުއްޓުވުމުގެ އަމުރަކަށް ކޮންމެ ފަރާތަކަށްވެސް، އެހެން އެއްވެސް ފަރާތަކަށް އެކަމުގެ ނޯޓިސް ދިނުމަކާ ނުލައި، އެދެވިދާނެއެވެ.
    • (ށ) ކޯޓުން އެހެން ގޮތަކަށް އަމުރުނުކުރާހާ ހިނދަކު މި މާއްދާގެ (ހ) ގެ ދަށުން ކޯޓުން ކުރާ އަމުރު، އެހެން އެއްވެސް ފަރާތަކަށް ރައްދުކޮށް ނުވަތަ އެހެން އެއްވެސް ފަރާތަކަށް ބެލުމަށް ފުރުޞަތު ދީގެންނުވާނެއެވެ.
    • (ނ) ލިޔުމެއް ބެލުން ހުއްޓުވުމުގެ ޙައްޤު ނުވަތަ ޒިންމާއެއް އޭނާގެ މައްޗަށް އޮތްކަމަށް ބުނެ ހުށަހަޅަން ބޭނުންވާ މީހަކު އެ ޙައްޤު ނުވަތަ ޒިންމާ އޭނާގެ މައްޗަށް އޮތްކަން އަދި އެ ޙައްޤު ނުވަތަ ޒިންމާ އޭނާގެ މައްޗަށް އޮތީ ކީއްވެގެންކަން ބަޔާންކުރާ ލިޔުމެއް ހުށަހަޅަންވާނެއެވެ.
    • (ރ) މި މާއްދާގެ (ނ) ގައި ބަޔާންކުރާ ބަޔާނަކީ ލިޔުންތައް ހާމަކުރާ ލިސްޓުގައި ހިމަނަންވާނެ ބަޔާނެކެވެ. އެފަދަ ލިސްޓެއް ހުށަނާޅާނަމަ، އެކަން ބަޔާންކޮށް އެ ލިޔުން ބެލުމަށް އެދޭ ފަރާތަށް އަންގަންވާނެއެވެ.
    • (ބ) މި މާއްދާގެ (ނ) ގެ ދަށުން ހުށަހަޅާ ހުށަހެޅުމެއް ދެމެހެއްޓިދާނެތޯ ކަނޑައެޅުމަށް ކޮންމެ ފަރާތަކަށްވެސް ކޯޓަށް ހުށަހެޅިދާނެއެވެ.
    • (ޅ) މި މާއްދާގެ (ހ) ނުވަތަ (ނ) ގައި ބަޔާންކުރާ ފަދަ ހުށަހެޅުމަކާ ގުޅިގެން ނިންމުމެއް ނިންމުމުގައި، އެ ލިޔުމެއް އެފަރާތުން ކޯޓަށް ހުށަހެޅުމަށް އެންގިގާނެއެވެ. އަދި އެ ފަރާތަކީ މައްސަލައިގެ ޚަޞްމަކަށްވިޔަސް ނުވަތަ ނުވިޔަސް، އެ ފަރާތުން ހުށަހަޅަން ބޭނުންވާ ކަންކަން ހުށަހެޅުމުގެ ފުރުޞަތު ދެވިދާނެއެވެ.
    • (ކ) މި މާއްދާގެ (ހ) އަދި (ބ) ގެ ދަށުން ހުށަހަޅާ ހުށަހެޅުމަކީ ހެއްކާއެކު ހުށަހަޅާ ހުށަހެޅުމަކަށް ވާންވާނެއެވެ.
    • (އ) މި މާއްދާގެ (ހ) ގެ ބޭނުމަށްޓަކައި، ލިޔުމެއް ހާމަކޮށްފިނަމަ ޢާންމު މަޞްލަޙަތަށް ނޭދެވޭ އަސަރެއް ކޮށްފާނެކަމަށް ބެލެވޭނީ، އެ ލިޔުމެއް ވުޖޫދުގައި އޮތްކަން ނުވަތަ އެ ލިޔުމެއްގައި އޮތް އެއްޗެއް ހާމަކުރުމަކީ ޤައުމީ ސަލާމަތާއި، ދިވެހިރާއްޖޭން އެހެން ފަރާތްތަކާއެކު ބާއްވާ ބައިނަލްއަޤުވާމީ ގުޅުންތައް ހިމެނޭގޮތުން، ޢާންމު މަޞްލަޙަތަށް ނޭދެވޭ އަސަރެއްކުރާނަމައެވެ. އެފަދަ ލިޔުންތަކުގެ ތެރޭގައި އަންނަނިވި ލިޔެކިޔުން ހިމެނެއެވެ.
      • (1) ދިވެހިރާއްޖޭގެ ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުންތަކުގެ ޔައުމިއްޔާ؛
      • (2) ޤައުމީ ސަލާމަތާ ގުޅުންހުރި ކަންކަމާގުޅޭ ލިޔުންތައް؛
      • (3) ދައުލަތުގެ މުއައްސަސާއެއްގެ އިޖުތިމާޢީ މަސައްކަތުގެ ރެކޯޑު؛
      • (4) ޕްރޮބޭޝަން ޚިދުމަތުގެ ރެކޯޑު؛
      • (5) ސަލާމަތީ ޚިދުމަތްތަކަށް މަޢުލޫމާތުދޭ ފަރާތެއްގެ ވަނަވަރު އެނގޭނެ މަޢުލޫމާތު.
    • (ވ) މި މާއްދާގެ (ހ) ގެ ދަށުން ކުރާ އަމުރެއްގައި، ޢާންމު މަޞްލަޙަތު ޙިމާޔަތްކުރާއިރު ހަމަހަމަ އުސޫލަކުން ކަންކުރެވޭކަން ކޯޓުން ޔަޤީންކުރަންވާނެއެވެ.
    • (މ) ޢާންމު މަޞްލަޙަތަށް ގެއްލުންވެދާނެ ކަމަށްޓަކައި ލިޔުމެއް ހާމަކުރުން ނުވަތަ ބެލުން ހުއްޓުވުން އެހެން ޤާނޫނަކުން ހުއްދަކުރާ ކުރުމަކަށް މި މާއްދާއިން އެއްވެސް އަސަރެއް ނުކުރާނެއެވެ.
  • 316. : އިމްތިޔާޒު ލިބިގެންވާ ލިޔުމެއް ބޭނުންކުރުން ހުއްޓުވުން އިމްތިޔާޒު ލިބިގެންވާ ލިޔުމެއް ޚަޞްމަކަށް އޮޅުމެއްގެ ތެރެއިން ބެލުމަށް ދެވިއްޖެނަމަ، އެ ލިޔުން ބެލި ޚަޞްމަށް އެ ލިޔުން ނުވަތަ އޭގައިވާ މަޢުލޫމާތެއް ބޭނުންކުރެވޭނީ ހަމައެކަނި ކޯޓުގެ ހުއްދައާ އެކުގައެވެ.
  • 317. : ހާމަނުކުރުމުގެ ނުވަތަ ބެލުމުގެ ހުއްދަ ނުދިނުމުގެ ނަތީޖާ
    • (ހ) މަޤުބޫލު ސަބަބެއްނެތި ހާމަނުކުރާ ނުވަތަ ބެލުމުގެ ހުއްދަ ދީފައިނުވާ ލިޔުމެއްގެ މައްޗަށް އެ ހާމަނުކުރި ޚަޞްމަކަށް ބަރޯސާއެއް ނުވެވޭނެއެވެ.
    • (ށ) މި މާއްދާގެ (ހ) ގެ ބޭނުމަށްޓަކައި މަޤުބޫލު ސަބަބެއްކަމަށް ބުނެފައި އެވަނީ، ކޯޓުގެ ހުއްދަ ލިބިފައި އޮތުން ނުވަތަ އިންސާނީ ބާރު ނުފޯރާފަދަ ޙާލަތެއް މެދުވެރިވުމަށެވެ. އެކަން ސާބިތުކޮށްދިނުމުގެ ބުރަ އޮންނާނީ އެ ލިޔުމެއް ހާމަނުކުރި ނުވަތަ ބެލުމުގެ ހުއްދަ ނުދޭ ޚަޞްމުގެ މައްޗަށެވެ.
    • (ނ) މި މާއްދާގެ (ށ) ގެ ދަށުން ހުއްދަ ދިނުމުގައި، ހާމަނުކުރާ ލިޔުމުގެ މުހިންމުކަމަށާއި، އެ ލިޔުން ހާމަނުކުރި ސަބަބަށާއި، އެ ލިޔުމުގައި ހިމެނޭ ކަންކަމާ ގުޅޭގޮތުން އެހެން ޚަޞްމުންނަށް ނޯޓިސް ދެވިފައިވާ މިންވަރަށާއި، އެކަމުގެ ސަބަބުން އެހެން ޚަޞްމުންނަށް ލިބިދާނެ ގެއްލުމަށް، ކޯޓުން ރިޢާޔަތްކުރަންވާނެއެވެ.
  • 318. : ހާމަކޮށްފައިވާ ލިޔުންތައް ބޭނުންކުރުން
    • (ހ) އަންނަނިވި ޙާލަތްތަކުގައި ފިޔަވައި، ލިޔުމެއް ހާމަކުރެވޭ ޚަޞްމަކު އެލިޔުން ބޭނުންކުރަންވާނީ ހަމައެކަނި އެ ލިޔުމެއް ހާމަކުރެވުނު މައްސަލައަކާ ގުޅޭގޮތުންނެވެ.
      • (1) ޢާންމުކޮށް ހުޅުވާލައިގެން ބޭއްވުނު އަޑުއެހުމެއްގައި ކޯޓުން ނުވަތަ ކޯޓަށް އެ ލިޔުމެއް ހުށަހެޅި، އެ ލިޔުމުގައިވާ އެއްޗެއް ހާމަވެގެން ގޮސްފައިވުން؛
      • (2) ކޯޓުން އެކަމަށް ހުއްދަ ދީފިނަމަ؛ ނުވަތަ
      • (3) އެ ލިޔުމުގެ ވެރިފަރާތުން ނުވަތަ އެ ލިޔުން ހާމަކުރި ފަރާތުން އެކަމަށް އެއްބަސްވާނަމަ.
    • (ށ) ޢާންމުކޮށް ހުޅުވާލައިގެން ބޭއްވޭ އަޑުއެހުމެއްގައި އެ ލިޔުމެއް ނުވަތަ ލިޔުމެއްގައިވާ އެއްޗެއް ހާމަކުރުވޭނެ ދާއިރާ ހަނިކުރުމަށް ނުވަތަ އެ ފަދައިން ހާމަކުރެވޭ ލިޔުން އެހެން ފަރާތަކުން ބޭނުންކުރުން މަނާކުރުމަށް ކޯޓަށް އަމުރުކުރެވިދާނެއެވެ. އަދި ކޮންމެ ޚަޞްމަކަށްވެސް ނުވަތަ އެ ލިޔުމުގެ ވެރިފަރާތަށް އެފަދަ އަމުރަކަށް އެދި ހުށަހެޅިދާނެއެވެ.
  • 319. : ހެކި ހާމަކުރުމާ ގުޅޭގޮތުން,ދޮގު ބަޔާންދިނުން ހެކި ހާމަކުރުމުގެ ބަޔާނުގައިވާ އެއްޗެއްގެ ތެދުކަން ޙަޤީޤަތުގައިވެސް ޤަބޫލުނުކުރާ ޙާލު، އެ ހެކި ހާމަކުރުމާ ގުޅޭގޮތުން އެއްވެސް ފަރާތަކުން ދޮގު ބަޔާނެއް ދީފިނަމަ ނުވަތަ ދޭން މަގުފަހިކޮށްފިނަމަ، އެމީހަކު ކޯޓުގެ ޙުރުމަތް ކެނޑީ ކަމުގައި ބަލައި، އެމީހަކާ ދެކޮޅަށް ކޯޓުގެ ޙުރުމަތް ކެނޑުމުގެ މައްސަލަ ކުރިއަށްގެންދިޔުމުގެ އިޚްތިޔާރު އެ ކޯޓަށް ލިބިގެންވެއެވެ.
  • 320. : ޤާނޫނީ ވަކީލުންގެ ޒިންމާ
    • (ހ) ޚަޞްމަކު ޤާނޫނީ ވަކީލެއް ޢައްޔަނުކުރުމާއެކު، ހާމަކުރަންޖެހިދާނެ ލިޔުންތައް ރައްކާތެރިކޮށް ބެލެހެއްޓުމުގެ މުހިންމުކަން، ޤާނޫނީ ވަކީލު އެ ޚަޞްމަށް އަންގަންވާނެއެވެ. ރައްކާތެރިކޮށް ބަލަހައްޓަންޖެހޭ ލިޔުންތަކުގެ ތެރޭގައި، އެ ތަނެއްގައި ލިޔެކިޔުން ރައްކާތެރިކޮށް ބެލެހެއްޓުމާއި ނައްތާލުމާ ގުޅޭގޮތުން އެކުލަވާލާފައިވާ ޢާންމު އުސޫލެއްގެ ދަށުން ނައްތާލެވިދާނެ ލިޔުންތައް ހިމެނެއެވެ.
    • (ށ) ހާމަކުރަންޖެހިދާނެ ލިޔުންތައް ކުރީ ބައިގައި ހޯދުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް ޤާނޫނީ ވަކީލު އޭނާގެ މުވައްކިލަށް ލަފާދޭންވާނެއެވެ.
    • (ނ) ޚަޞްމަކު ތަމްސީލުކުރުމަށް ޤާނޫނީ ވަކީލަކު ޢައްޔަންކުރުމަށް ލާޒިމުނުވާ މައްސަލަތަކުގައި، ހެކި ހާމަކުރުމަށް ކޯޓުން ކުރާ އަމުރަކަށް ތަބާވުމަށް މުވައްކިލު ދެކޮޅު ހަދައިފިނަމަ، ކޯޓަށް ނުވަތަ އެހެން ޚަޞްމަކަށް ސަބަބު ބަޔާންކޮށްދިނުމަކާ ނުލައި ޤާނޫނީ ވަކީލަށް އެ މައްސަލައަކުން ތަނާޒުލުވެވިދާނެއެވެ.
    • (ރ) ޚަޞްމަކު ތަމްސީލުކުރުމަށް ޤާނޫނީ ވަކީލަކު ޢައްޔަންކުރުމަށް ލާޒިމު މައްސަލަތަކުގައި، ހެކި ހާމަކުރުމަށް ކޯޓުން ކުރާ އަމުރަކަށް ތަބާވުމަށް މުވައްކިލު ދެކޮޅު ހަދައިފިނަމަ، އިތުރު ތަފްޞީލު ދިނުމަކާ ނުލައި، ޤާނޫނީ ވަކީލު އެމައްސަލައިން ތަނާޒުލުވާނެކަން ކޯޓަށް ހާމަކުރެވިދާނެއެވެ. އެ ޙާލަތުގައި އެ ޚަޞްމަކު ކޯޓުގެ އަމުރާ އެއްގޮތަށް ޢަމަލުކުރުމަށް 15 (ފަނަރަ) ދުވަހުގެ ފުރުޞަތެއް ކޯޓުން ދޭންވާނެއެވެ. ކަނޑައެޅިފައިވާ މުއްދަތުގައި އެ ޚަޞްމަކު ކޯޓުގެ އަމުރަށް ފުރިހަމައަށް ޢަމަލުނުކޮށްފިނަމަ، އެ ޚަޞްމުގެ ޤާނޫނީ ވަކީލު އެ މައްސަލައިން ވަގުތުން ތަނާޒުލުވާންވާނެއެވެ. އަދި މައްސަލައިގައި ކޮށްފައިވާ ދަޢުވާއާއި، އެ ދަޢުވާއަށް ޖަވާބު ނުވަތަ ރައްދު ދަޢުވާއެއް ހުށަހަޅާފައިވާނަމަ އެ ޖަވާބު ނުވަތަ ރައްދު ދަޢުވާވެސް ކޯޓުން ވަގުތުން ބާޠިލުކުރަންވާނެއެވެ.
    • (ބ) މި މާއްދާގެ (ހ) އިން ފެށިގެން (ރ) ގެ ނިޔަލަށް ހުރި މާއްދާތަކުގެ ދަށުން ޚަޞްމެއްގެ ޤާނޫނީ ވަކީލެއްގެ މައްޗަށް އޮތް ޒިންމާތަކުގެ އިތުރަށް، ޚަޞްމެއްގެ ޤާނޫނީ ވަކީލަކު އަންނަނިވި ކަންކަން ކުރަންވާނެއެވެ.
      • (1) ޤާނޫނީ ވަކީލެއްގެ ގޮތުގައި އޭނާ ޢައްޔަނުކުރެވުމާއެކު، ފެށިފައިވާ ދަޢުވާއެއް ނުވަތަ ހުށަހެޅިދާނެކަމަށް ބެލެވޭ ދަޢުވާއެއްގެ މައުޟޫޢާ ގުޅުންހުރެދާނެ ލިޔުންތަކުގެ ތެރެއިން އޭނާގެ ބެލުމުގެ ދަށުގައިހުރި ލިޔުންތައް ރައްކާތެރިކޮށް ބެލެހެއްޓުން؛
      • (2) އިތުބާރުހިފޭ، އަވަސް އަދި ޚަރަދުކުޑަ ގޮތަކަށް ހެކި ހާމަކުރުމުގެ މަސައްކަތް ކުރިއަށްގެންދިޔުމަށްޓަކައި، މައްސަލައިގައި ހިމެނޭ އެހެން ޚަޞްމުންގެ ޤާނޫނީ ވަކީލުންނާ (ނުވަތަ ޚަޞްމުންގެ ޤާނޫނީ ވަކީލުން ނެތްނަމަ އެ ޚަޞްމުންނާ) އެކު މަޝްވަރާކޮށް، އެފަރާތްތަކަށް އެއްބާރުލުން ދިނުން؛
      • (3) ލިޔުމެއް ހާމަކުރުމުން މަނާވެގަނެވޭނެ ފަދަ އިމްތިޔާޒެއް ލިބިގެންވާކަމަށް ޚަޞްމަކު ބުނާނަމަ، އެފަދައިން ބުނާ ބުނުމަކީ ރަނގަޅު އަސާސެއްގެ މައްޗަށް ބިނާކޮށް ބުނާ ބުނުމެއްތޯއާއި، އެފަދައިން ބުނާ ބުނުން ރަނގަޅަށް ތަފްޞީލުކޮށްދެވިފައިވޭތޯ ކަށަވަރުކުރުމަށް އެކަން މުރާޖަޢާކުރުން
  • 321. : ލިޔެކިޔުން ނައްތާލުން
    • (ހ) ދަޢުވާއެއް ފެށުމުގެ ކުރިން ދަޢުވާގެ ލިޔުންތައް ނައްތާލައިފިނަމަ ނުވަތަ ނައްތާލަން މަސައްކަތްކޮށްފިނަމަ، އެކަމުން ނުރަނގަޅު ނަތީޖާއެއް ނިކުމެދާނެކަމަށް ބެލެވޭނީ ހަމައެކަނި އެ ލިޔުންތައް ނައްތާލީ މައްސަލައެއް ހުށަހެޅިދާނެކަމަށް ބަލައިގެން ޤަޞްދުގައިކަމަށް ދޭހަވާފަދަ ސާފު ހެކި ލިބިފައިވާ ޙާލަތުގައެވެ.
    • (ށ) ދަޢުވާއެއް ފެށުމަށްފަހު، އެހެންނަމަވެސް ހާމަކުރުމުގެ އަމުރެއް ނެރެފައި ނުވާ ޙާލަތެއްގައި، މައްސަލައިގެ ލިޔުންތައް ނައްތާލައިފިނަމަ، ނުރަނގަޅު ނަތީޖާއެއް ނިކުމެދާނެ ކަމަށް ބެލެވިދާނެއެވެ. އަދި މައްސަލައިގެ ޚަރަދު ކަނޑައެޅުމުގައި ލިޔުންތައް ނައްތާލާފައިވާ އޮތް އޮތުމަށް ރިޢާޔަތްކުރެވިދާނެއެވެ.
    • (ނ) ލިޔުންތައް ހާމަކުރުމުގެ އަމުރެއް ނެރެފައިވާ ޙާލަތުގައި ޤަޞްދުގައި ނުވަތަ އެނޫންވެސް ގޮތަކަށް މައްސަލައިގެ ލިޔުންތައް ނައްތާލައިފިނަމަ، ނުރަނގަޅު ނަތީޖާއެއް ނިކުމެދާނެކަމަށް ބަލަންވާނެއެވެ. އަދި ޝަރީޢަތުގެ ޚަރަދު ކަނޑައެޅުމުގައި ލިޔުންތައް ނައްތާލާފައި އޮތް އޮތުމަށް ރިޢާޔަތްކުރަންވާނެއެވެ.
    • (ރ) ލިޔުންތައް ނެތިގެން ގޮސްފައިވަނީ އިންސާނީ ބާރު ނުފޯރާފަދަ ހާދިސާއެއް މެދުވެރިވެގެން ކަމަށްވާނަމަ، މި މާއްދާގެ (ށ) ނުވަތަ (ނ) ގައި ބަޔާންކުރާ ފިޔަވަޅުތައް އަޅައިގެންނުވާނެއެވެ. އިންސާނީ ބާރު ނުފޯރާފަދަ ހާދިސާއެއް މެދުވެރިވިކަން ސާބިތުކޮށްދިނުމުގެ ބުރަ އޮންނާނީ ހަލާކުވި ލިޔުންތައް ނިސްބަތްވާ ޚަޞްމެއްގެ މައްޗަށެވެ. އެފަދައިން ލިޔުންތައް ނެތިގެން ދިޔުމުގެ ސަބަބުން އިންޞާފުވެރި ޝަރީޢަތެއް ކުރެވެން ނެތްނަމަ ކޯޓުން އެ މައްސަލަ ބާޠިލުކުރަންވާނެއެވެ.
    • (ބ) ލިޔުންތައް ނައްތާލުމަކީ ކޯޓުގެ ޙުރުމަތް ކެނޑުމުގެ ޢަމަލެއް ކަމަށް ބެލުމަށް ކޯޓަށް ލިބިގެންވާ އެއްވެސް ބާރަކަށް މި މާއްދާގައިވާ އެއްވެސް ކަމެއްގެ ސަބަބުން ހަނިކަމެއް ނާންނާނެއެވެ.
  • 322. : ހެއްކާ ގުޅޭގޮތުން ކޯޓަށް,ލިބިދޭ ބާރު
    • (ހ) ކޯޓުން ބަލަމުންދާ މައްސަލައެއްގައި ގޮތެއް ކަނޑައަޅަންޖެހޭ ކަންކަމުގެ ތެރެއިން އެކަންކަމަށް ގޮތެއް ކަނޑައެޅުމަށްޓަކައި ހެކި ބޭނުންވާނެ ކަންކަމާއި، އެ ހެކީގެ ބާވަތާއި، އެ ހެކި ކޯޓަށް ހުށަހަޅަންޖެހޭ ގޮތުގެ އިރުޝާދު، ކޯޓުން ޚަޞްމުންނަށް ދެވިދާނެއެވެ.
    • (ށ) މައްސަލައިގެ ޚަޞްމުން ހުށަހަޅާ ހެއްކަކީ ޢާންމު އުސޫލުން ކޯޓުން ބަލައިގަންނާނެ ހެކި ކަމުގައި ވީނަމަވެސް، އެ ހެއްކެއް ބަލައިނުގަތުމަށް ކޯޓަށް ފެނިއްޖަނަމަ އެ ހެއްކެއް ބަލައިނުގަތުމަށް ނިންމުމުގެ ބާރު ކޯޓަށް ލިބިގެންވެއެވެ.
    • (ނ) ކްރޮސް-އެގްޒެމިން ކުރުމަށް މި ޤާނޫނާ އެއްގޮތްވާ ގޮތުގެމަތިން ޚަޞްމުންނަށް ލިބޭ ޙައްޤު މި ޤާނޫނުގައިވާ ގޮތުގެމަތިން ކޯޓަށް ހަނިކުރެވިދާނެއެވެ.
  • 323. : ހެކިބަހާގުޅޭ ޢާންމު އުސޫލު
    • (ހ) އެހެން ޤާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާނަމަ، ނުވަތަ ކޯޓުން އެނޫން ގޮތަކަށް ކަނޑައަޅާފައިނުވާނަމަ، މައްސަލައިގެ ވާޤިޢާއެއް ސާބިތުކުރުމަށްޓަކައި ހެކިބަސްދޭނެ ފަރާތެއްގެ ހެކިބަސް ކޯޓަށް ހުށަހެޅުމަށް ބޭނުންވާ ޙާލަތުގައި، ޝަރީޢަތުގެ މަރުޙަލާގައި އެ ހެކިބަސް ހުށަހަޅާނީ ޢާންމުކޮށް ހުޅުވާލެވިފައިވާ ޝަރީޢަތެއްގައި ހެކިބަސްދޭ ފަރާތުގެ ހެކިބަސް ދީގެންނެވެ. ޝަރީޢަތުގެ އަޑުއެހުމެއް ފިޔަވައި، އެނޫން އަޑުއެހުމެއްގައިނަމަ، ހެކިބަސްދޭ ފަރާތުގެ ބަޔާނެއް މެދުވެރިކޮށް، ލިޔުމުންނެވެ.
    • (ށ) ވަކި ވާޤިޢާއެއް ސާބިތުކުރުމަށްޓަކައި ހެކިބަސް ބޭނުންވާ ކަންކަމާއި، އެ ވާޤިޢާއެއް ސާބިތުކުރުމަށްޓަކައި ހެކިބަސްދޭނެ ފަރާތްތައް ހުށަހެޅޭނެ މިންވަރާއި، ޝަރީޢަތުގައި ހެކިބަސް ނަގާނެ ހެކިބަސްދޭ ފަރާތްތަކާއި ހެކިބަހުގެ ބަޔާން ހުށަހަޅާނެ ހެކިބަސްދޭ ފަރާތްތަކާއި، ހެކިބަސް ދޭ ފަރާތުގެ ބަޔާނުގެ ދިގުމިނާއި ބަޔާން އޮންނަންވީ ގޮތް ކޯޓަށް ކަނޑައެޅިދާނެއެވެ.
  • 324. : ވީޑިއޯ ކޮންފަރެންސިންގ މެދުވެރިކޮށް ދެވޭ ހެކި ހެކިބަސްދޭ ފަރާތް ކޯޓަށް ސީދާ ޙާޟިރުވުމުގެ ބަދަލުގައި، ޚާއްޞަ ޙާލަތްތަކުގައި، ވީޑިއޯ ކޮންފަރެންސިންގ މެދުވެރިކޮށް އެފަރާތުން ހެކިބަސް ދިނުމަށް ކޯޓަށް ހުއްދަ ދެވިދާނެއެވެ.
  • 325. : ހެކިބަސްދޭ ފަރާތުގެ ބަޔާން
    • (ހ) ހެކިބަސްދޭ ފަރާތުގެ ބަޔާނަކީ ޝަރީޢަތުގައި އޭނާ ދޭން ބޭނުންވާ ހެކިބަސް ލިޔުމަށް ތިރިކޮށް ސޮއިކޮށްފައިވާ ބަޔާނެކެވެ.
    • (ށ) ހެކިބަސް ދޭ ފަރާތެއްގެ ބަޔާނެއް މައްސަލައިގެ ޚަޞްމަކު ހުށަހަޅައިފިނަމަ، އެ މައްސަލައިގެ އެހެން ޚަޞްމުންނަށް އެ ބަޔާން ކޯޓުން ދޭންވާނެއެވެ.
  • 326. : ހެކިބަސްދޭ ފަރާތުގެ ބަޔާން ޝަރީޢަތުގެ މަރުޙަލާގައި ބަލައިގަތުމުގެ އުސޫލު
    • (ހ) ޚަޞްމަކު ހުށަހަޅާފައިވާ ހެކިބަސްދޭ ފަރާތުގެ ބަޔާނަށް މައްސަލައިގެ ޝަރީޢަތުގެ މަރުޙަލާގައި ރިޢާޔަތްކޮށްދިނުމަށް އެ ބަޔާން ހުށަހެޅި ޚަޞްމުގެ ފަރާތުން ބޭނުންވާނަމަ، ކޯޓުން އެނޫން ގޮތަކަށް ކަނޑަނާޅާހާ ހިނދަކު، އެ ބަޔާން ދީފައިވާ ހެކިބަސްދޭ ފަރާތް ޙާޟިރުކޮށް އޭނާގެ ހެކިބަސް ޝަރީޢަތުގައި ނަގައިދިނުމަށް ކޯޓުގައި އެދެންވާނެއެވެ. އެނޫން ގޮތަކަށް ޝަރީޢަތުގެ މަރުޙަލާގައި ހެކިބަސްދޭ ފަރާތުގެ ބަޔާނަށް ރިޢާޔަތްކުރެވޭނީ އިވުނުކަމަށް ބުނާ ހެކީގެ ގޮތުގައެވެ.
    • (ށ) މި މާއްދާގެ (ހ) ގެ ދަށުން ހެކިބަސްދޭ ފަރާތް ހެކިބަސް ދޭނީ، ކޯޓުން އެނޫން ގޮތަކަށް ކަނޑަނާޅާހާ ހިނދަކު، އޭނާ ދީފައިވާ ބަޔާނަކީ އޭނާގެ ހެކިބަހުގެ އަޞްލު ކަމުގައި ބަލައިގެންނެވެ.
    • (ނ) މި މާއްދާގެ (ށ) އެހެން އޮތްނަމަވެސް، ކޯޓުގެ ހުއްދައާއެކު، ހެކިބަސްދޭ ފަރާތުގެ ބަޔާނުގައި ހުރި ކަންކަން އިތުރަށް ތަފްޞީލުކޮށް، ބަޔާން ކޯޓަށް ހުށަހެޅި ފަހުން ހިނގައިދިޔަ އާ ކަންކަމާ ގުޅޭގޮތުންވެސް އޭނާއަށް ހެކިބަސް ދެވިދާނެއެވެ.
    • (ރ) މި މާއްދާގެ (ނ) ގެ ދަށުން ކޯޓުން ހުއްދަ ދޭންވާނީ، ހެކިބަސްދޭ ފަރާތުގެ ހެކިބަސް އޭނާ ދިފައިވާ ބަޔާނުގެ މައްޗަށް ޤައިދުކުރަންނުޖެހޭ ރަނގަޅު ސަބަބެއް އޮތްކަމަށް ކޯޓަށް ފެނިއްޖެނަމައެވެ.
    • (ބ) ހެކިބަސްދޭ ފަރާތުގެ ބަޔާން ހުށަހެޅި ޚަޞްމުގެ ފަރާތުން، އެ ބަޔާން ދީފައިވާ ހެކިބަސްދޭ ފަރާތުގެ ހެކިބަސް ނެގުމަށް އޭނާ ޙާޟިރުނުކުރާނަމަ، ނުވަތަ އިވުނު ކަމަށް ބުނާ ހެކީގެ ގޮތުގައި އެ ބަޔާން ހުށަނާޅާނަމަ، އެ ބަޔާން، އިވުނު ކަމަށް ބުނާ ހެކީގެ ގޮތުގައި އެހެން ޚަޞްމަކަށް ހުށަހެޅިދާނެއެވެ.
  • 327. : ކްރޮސް-އެގްޒެމިންކުރުމަށް ހުއްދަދިނުން
    • (ހ) ޝަރީޢަތުގެ މަރުޙަލާ ފިޔަވައި އެހެން މަރުޙަލާއެއްގައި ހެކިބަސް ހުށަހަޅާފައިވަނީ ހެކިބަސް ދޭ ފަރާތުގެ ބަޔާނެއް މެދުވެރިކޮށް ކަމުގައިވާނަމަ، ބަޔާން ދީފައިވާ ހެކިބަސްދޭ ފަރާތް ކްރޮސް-އެގްޒެމިން ކުރުމުގެ ހުއްދައަށް އެދި ކޮންމެ ޚަޞްމަކަށްވެސް ކޯޓަށް ހުށަހެޅިދާނެއެވެ.
    • (ށ) މި މާއްދާގެ (ހ) ގެ ދަށުން ކޯޓުން ހުއްދަ ދިނުމަށްފަހު، ކްރޮސް-އެގްޒެމިންކުރުމަށް ބޭއްވޭ ޝަރީޢަތުގެ އަޑުއެހުމަށް ހެކިބަސްދޭ ފަރާތް ޙާޟިރުނުވެއްޖެނަމަ، ކޯޓުގެ ހުއްދަ ލިބިގެން މެނުވީ، ހެކިބަސްދޭ ފަރާތުގެ ބަޔާން ބޭނުމެއްނުކުރެވޭނެއެވެ.
  • 328. : ހެކިބަސްދޭ ފަރާތުގެ ބަޔާން އޮންނަންވީ ގޮތް ހެކިބަސްދޭ ފަރާތުގެ ބަޔާނުގައި، އަންނަނިވި މަޢުލޫމާތު ހިމަނާފައި އޮންނަންވާނެއެވެ.
    • (ހ) މައްސަލަ ނުވަތަ ޤަޟިއްޔާ ނަންބަރު؛
    • (ށ) މައްސަލައިގެ ޚަޞްމުންގެ މަޢުލޫމާތު؛
    • (ނ) ހެކިބަސް ދެނީ ކޮން ޚަޞްމެއްގެ ފަރާތުންކަން؛
    • (ރ) ހެކިބަސްދޭ ފަރާތުގެ ފުރިހަމަ ނަމާއި، ދާއިމީ އެޑްރެސް އަދި ސޮއި؛
    • (ބ) ބަޔާނުގައި ޙަވާލާދީފައިވާ ކޮންމެ އެގްޒިބިޓެއްގެ ނަންބަރު؛
    • (ޅ) ބަޔާން ދީފައިވާ ތާރީޚު.
  • 329. : ހެކީގެ ޚުލާޞާ ބަޔާނެއް ހުށަހެޅުން
    • (ހ) ޝަރީޢަތުގެ މަރުޙަލާގައި ހެކިބަސްދޭ ފަރާތުގެ ބަޔާނެއް ހުށަހަޅަންޖެހިފައިވާ ޚަޞްމަކަށް، އެ ބަޔާން ހޯދެން ނެތްކަމުގައިވާނަމަ، އެ ޚަޞްމަކަށް ހެކީގެ ޚުލާޞާ ބަޔާނެއް ހުށަހެޅިދާނެއެވެ.
    • (ށ) ހެކީގެ ޚުލާޞާ ބަޔާނަކީ، ހެކިބަސްދޭ ފަރާތުގެ ބަޔާނުގައި ހިމެނޭނެ ހެކީގެ ޚުލާޞާއެއް ނުވަތަ ހެކިބަސް ދޭ ފަރާތުން ދޭނެ ހެކިބަހުގައި ހިމެނޭ ކަންކަން އެނގިފައިނުވާނަމަ، ޚަޞްމުގެ ފަރާތުން ހެކިބަސްދޭ ފަރާތާ ސުވާލުކުރަން ބޭނުންވާ ކަންކަމުގެ ޚުލާޞާއެއް ހިމެނޭ ބަޔާނެކެވެ.
    • (ނ) ކޯޓުން އެނޫން ގޮތަކަށް ކަނޑައަޅާފައިނުވާހާހިނދަކު، ހެކިބަސް ދޭ ފަރާތުގެ ހެކީގެ ޚުލާޞާ ބަޔާނުގައި، ބަޔާން ދިނުމަށް ހަމަޖެހިފައިވާ ހެކިބަސްދޭ ފަރާތުގެ ނަމާއި އެޑްރެސް ބަޔާންކުރަންވާނެއެވެ.
    • (ރ) ހެކިބަސް ދޭ ފަރާތުގެ ބަޔާން ހުށަހަޅަންޖެހޭ މުއްދަތުގެ ތެރޭގައި، މި މާއްދާގެ (ހ) ގައި ބަޔާންކުރާ ހެކިބަސް ދޭ ފަރާތުގެ ހެކީގެ ޚުލާޞާ ބަޔާން ހުށަހަޅަންވާނެއެވެ.
    • (ބ) ހެކީގެ ޚުލާޞާ ބަޔާނުގެ މައްޗަށް، މި ޤާނޫނުގެ 325 ވަނަ މާއްދާ އާއި، 326 ވަނަ މާއްދާގެ (ނ) އަދި 328 ވަނަ މާއްދާގައި ބަޔާންކުރާ ކަންކަން ހިނގާނެއެވެ.
  • 330. : ހެކިބަސްދޭ ފަރާތުގެ ބަޔާން ނުވަތަ ހެކިބަސްދޭ ފަރާތުގެ ހެކީގެ ޚުލާޞާ ބަޔާން ހުށަނޭޅުމުގެ ނަތީޖާ ކޯޓުން ކަނޑައަޅާފައިވާ މުއްދަތެއްގެ ތެރޭގައި، ހެކިބަސްދޭ ފަރާތުގެ ބަޔާން ނުވަތަ ހެކިބަސް ދޭ ފަރާތުގެ ހެކީގެ ޚުލާޞާ ބަޔާން ހުށަހަޅާފައިނުވާނަމަ، ބަޔާން ދީފައިވާ ނުވަތަ ދިނުމަށް ހަމަޖެހިފައިވާ ހެކިބަސްދޭ ފަރާތުގެ ހެކިބަސް ނެގުމަށް އެފަރާތް ޝަރީޢަތަށް ޙާޟިރެއް ނުކުރެވޭނެއެވެ.
  • 331. : ހެކިބަސްދޭ ފަރާތުގެ ބަޔާނަކާ ގުޅޭގޮތުން ކްރޮސް-އެގްޒެމިން ކުރުން ހެކިބަސްދޭ ފަރާތެއް ހެކިބަސް ދިނުމަށްޓަކައި ޝަރީޢަތަށް ޙާޟިރުކުރެވިއްޖެނަމަ، އެ ފަރާތުން ދީފައިވާ ބަޔާނަށް ނުވަތަ އެ ބަޔާނުގައިވާ ކަންކަމަށް އެ ހެކިބަހުގައި ޙަވާލާދީފައިނުވި ނަމަވެސް، އެފަރާތުގެ ބަޔާނުގައި ހުރި ކަންކަމާ ގުޅޭގޮތުން، އެ ފަރާތް ކްރޮސް-އެގްޒެމިން ކުރެވިދާނެއެވެ.
  • 332. : އެހެން ބޭނުންތަކަށް ހެކިބަސްދޭ ފަރާތެއްގެ ބަޔާން ބޭނުންކުރުން
    • (ހ) މި މާއްދާގައި ބަޔާންކޮށްފައިވާ ޙާލަތްތަކުގައި ފިޔަވައި، ހެކިބަސް ދޭ ފަރާތުގެ ބަޔާނެއް ބޭނުންކުރެވޭނީ ހަމައެކަނި އެ ބަޔާނެއް ހުށަހަޅާފައިވާ މައްސަލައިގައެވެ.
    • (ށ) އަންނަނިވި ޙާލަތްތަކުން ކުރެ ޙާލަތެއްގައި، މި މާއްދާގެ (ހ) އަށް ޢަމަލުކުރާކަށް ލާޒިމެއްނޫނެވެ.
      • (1) ހެކިބަހުގެ ބޭނުން އެހެން ކަމަކަށް ކުރުމަށް ހެކިބަސްދޭ ފަރާތް ހުއްދަ ދިނުން؛
      • (2) ހެކިބަހުގެ ބޭނުން އެހެން ކަމަކަށް ކުރުމަށް ކޯޓުން ހުއްދަ ދިނުން؛ ނުވަތަ
      • (3) ޢާންމުކޮށް ހުޅުވާލެވިގެން ބޭއްވޭ އަޑުއެހުމެއްގައި، އެ ހެކިބަސްދޭ ފަރާތުގެ ބަޔާން ހުށަހެޅި، މައްސަލައިގެ ހެކީގެ ތެރޭގައި ހިމަނާފައިވުން.
  • 333. : ހެކިބަސްދޭ ފަރާތުގެ ބަޔާން ބެލުން
    • (ހ) ކޯޓުން އެނޫން ގޮތަކަށް ކަނޑަނާޅާހާ ހިނދަކު، މައްސަލައިގެ މައިގަނޑު ހެއްކެއްގެ ގޮތުގައި ހުށަހަޅާ ހެކިބަސްދޭ ފަރާތުގެ ބަޔާން ޝަރީޢަތް ހިނގަމުންދާ ކޮންމެ ވަގުތެއްގައިވެސް ބެލުމުގެ ފުރުޞަތު ޚަޞްމުންނަށް ލިބިގެންވެއެވެ.
    • (ށ) ހެކިބަސްދޭ ފަރާތުގެ ބަޔާން ޚަޞްމުން ބެލުމަށް ލިބިދޭންނުޖެހޭކަމަށް ކަނޑައަޅައިދިނުމަށް އެދި ކޮންމެ ފަރާތަކަށްވެސް ކޯޓުގައި އެދެވިދާނެއެވެ.
    • (ނ) މި މާއްދާގެ (ށ) ގެ ދަށުން ހެކިބަސްދޭ ފަރާތުގެ ބަޔާން ބެލުމުގެ ފުރުޞަތު ވަކި ފަރާތަކަށް ލިބިގެންނުވާ ކަމަށް ކޯޓުން ކަނޑައަޅަންވާނީ އަންނަނިވި ސަބަބުތަކަށްޓަކައި އެކަންޏެވެ.
      • (1) ޢަދުލު އިންޞާފު ޤާއިމުކުރުމަށްޓަކައި؛
      • (2) ޢާންމު މަޞްލަޙަތަށްޓަކައި؛
      • (3) އެ ބަޔާނަކީ ޞިއްޙީ ދާއިރާގެ ޚަބީރެއްގެ ބަޔާނަކަށްވެފައި، އެ ބަޔާނުގައި ޙައްސާސީ މަޢުލޫމާތު ހިމެނިފައިވުން؛
      • (4) ބަޔާނުގައި ސިއްރު މަޢުލޫމާތު ހިމެނިފައިވުން؛
      • (5) ރައްކާތެރިކުރެވިފައިވާ ފަރާތެއްގެ ނުވަތަ ކުޑަކުއްޖެއްގެ ޙައްޤުތައް ރައްކާތެރިކުރުމަށްޓަކައި.
    • (ރ) ކޯޓަށް ފެނިއްޖެ ހިނދެއްގައި، ހެކިބަސްދޭ ފަރާތެއްގެ ބަޔާނެއް ބެލުމަށް ފުރުޞަތު ދޭއިރު، އެ ބަޔާނުގައި ހިމެނޭ ވަކި ލަފުޒުތަކެއް ނުވަތަ ޢިބާރާތްތަކެއް ހާމަނުކުރުމަށް އެންގިދާނެއެވެ.
  • 334. : ދޮގު މަޢުލޫމާތު ދިނުން ޝަރީޢަތަށް ހުށަހެޅުމަށް ތައްޔާރުކޮށްފައިވާ ލިޔުމަކީ، ތެދުކަމަށްބުނެ އިޤުރާރުވެ ސޮއިކޮށްފައިވާ ލިޔުމެއް ކަމުގައިވެފައި، އެ ލިޔުމުގައި ދޮގު މަޢުލޫމާތު ދީފިނަމަ ނުވަތަ ދޭން މަގުފަހިކޮށްދީފިނަމަ، އެމީހަކާ ދެކޮޅަށް ކޯޓުގެ ޙުރުމަތް ކެނޑުމުގެ މައްސަލަ ކުރިއަށްގެންދެވިދާނެއެވެ.
  • 335. : އެފިޑެވިޓް މެދުވެރިކޮށް ދޭ ހެކިބަސް އެހެން ޤާނޫނަކުން ލާޒިމުކުރާ ޙާލަތުގައި ނުވަތަ ކޯޓުން އެފަދައިން ކަނޑައަޅައިފި ހިނދެއްގައި، ހެކިބަސްދޭ ފަރާތުގެ ބަޔާނުގެ ބަދަލުގައި ނުވަތަ ހެކިބަސްދޭ ފަރާތުގެ ބަޔާނުގެ އިތުރުން، ހެކިބަސްދޭ ފަރާތެއްގެ ހެކިބަސް ކޯޓަށް ހުށަހެޅޭނީ އެފިޑެވިޓް މެދުވެރިކޮށެވެ.
  • 336. : ރާއްޖެއިން ބޭރުގައި ހުރެ އެފިޑެވިޓް މެދުވެރިކޮށް ހެކި ހުށަހެޅުން ހެކިބަސް ދޭ ފަރާތް ހުރީ ރާއްޖެއިން ބޭރުގައިނަމަ، މި ޤާނޫނާ އެއްގޮތްވާ ގޮތުގެމަތިން، ނުވަތަ އެ ޤައުމެއްގެ ކަމާބެހޭ ޤާނޫނުތަކާ އެއްގޮތްވާ ގޮތުގެމަތިން، އެ ބޭރު ޤައުމުގައި ހުރެގެންވެސް އެފިޑެވިޓް މެދުވެރިކޮށް ހެކިބަސް ދެވިދާނެއެވެ.
  • 337. : އެފިޑެވިޓް ހުށަހަޅަންޖެހޭނެ ޙާލަތްތައް
    • (ހ) އަންނަނިވި ޙާލަތްތަކުގައި ހުށަހެޅޭ ދަޢުވާއަކާ ގުޅިގެން ހެކި ހުށަހަޅަންވާނީ އެފިޑެވިޓް މެދުވެރިކޮށެވެ.
      • (1) ހެކި ހުށަހަޅަންޖެހޭނީ ހުވާމަތީގައި ކަމަށް އެހެން ޤާނޫނަކުން ނުވަތަ ގަވާއިދަކުން ކަނޑައަޅާފައިވުން؛
      • (2) ބަލައި ފާސްކުރުމުގެ އަމުރަކަށް ނުވަތަ މުދަލުން ތަޞައްރަފުކުރުން ހުއްޓުވުމުގެ އަމުރަކަށް ނުވަތަ އެއްވެސް ފަރާތެއްގެ ބިމަކަށް އެހެން ފަރާތަކުން ވަނުމުގެ އަމުރަކަށް އެދި ހުށަހަޅާފައިވުން.
    • (ށ) ހިނގަމުންދާ މައްސަލައަކާ ގުޅޭގޮތުން ހުށަހަޅަންޖެހޭ ހެއްކަކީ ހުވާ މަތީގައި ދިނުމަށް އެހެން ޤައުމެއްގެ ކޯޓަކުން ލާޒިމުކުރާ ހެއްކެއް ކަމަށް ޚަޞްމަކަށް ޤަބޫލުކުރެވޭނަމަ، ޝަރީޢަތުގެ ކުރީގެ މަރުޙަލާތަކުގައި ހުށަހަޅާ އެއްވެސް ހުށަހެޅުމެއް ހުށަހެޅޭނީ އެފިޑެވިޓް މެދުވެރިކޮށް ކަމަށް ކަނޑައަޅައިދިނުމަށް ކޯޓުގައި އެދެވިދާނެއެވެ.
    • (ނ) ކޯޓުގެ އަމިއްލަ އިސްނެގުމުގައި ނުވަތަ މައްސަލައިގެ ޚަޞްމެއްގެ ފަރާތުން ހުށަހަޅާ ހުށަހެޅުމަކާ ގުޅިގެން، އެ މައްސަލައެއްގައި ހުށަހަޅާ ހެކިބަސްދޭ ފަރާތުގެ ބަޔާން ނުވަތަ ދަޢުވާގެ ލިޔެކިޔުންތަކުގެ ބަދަލުގައި ނުވަތަ އެ ލިޔުންތަކުގެ އިތުރުން ހެކީގެ ގޮތުގައި އެފެޑަވިޓް ހުށަހެޅުމަށް ކޯޓަށް އެންގިދާނެއެވެ.
  • 338. : އެފިޑެވިޓެއް އޮންނަންވީ ގޮތް
    • (ހ) އެފިޑެވިޓެއް ދޭ ފަރާތަކުން އެ އެފިޑެވިޓްގައި ބަޔާންކޮށްފައިވާ ކަންކަމުގެ ތެރެއިން، އޭނާއަށް އެނގިފައިވާ ކަމެއްގެ މައްޗަށް ބިނާކޮށް ބަޔާންކޮށްފައިވާ ކަންކަމަކީ ކޮބައިކަމާއި، އޭނާއަށް ލިބިފައިވާ މަޢުލޫމާތެއްގެ މައްޗަށް ބިނާކޮށް ބަޔާންކޮށްފައިވާ ކަންކަމަކީ ކޮބައިކަމާއި، އޭނާއަށް ޤަބޫލުކުރެވޭ ޤަބޫލުކުރުމެއްގެ މައްޗަށް ބިނާކޮށް ބަޔާންކޮށްފައިވާ ކަންކަމަކީ ކޮބައިކަން ވަކިން އެނގޭނެ ގޮތަށް ބަޔާންކޮށްފައި އޮންނަންވާނެއެވެ. އަދި އެ މަޢުލޫމާތެއް ނުވަތަ ޤަބޫލުކުރުމެއް ބިނާކޮށްފައިވާ މަސްދަރުތައްވެސް ބަޔާންކޮށްފައި އޮންނަންވާނެއެވެ.
    • (ށ) އެފިޑެވިޓެއްގައި، އެ އެފިޑެވިޓެއް ދެނީ ކޮން ޚަޞްމެއްގެ ފަރާތަކުން ކަމާއި، އެފިޑެވިޓް ދޭ ފަރާތުގެ ނަމާއި، ހުވާކުރި ތާރީޚު ބަޔާންކޮށްފައި އޮންނަންވާނެއެވެ. އަދި އެފިޑެވިޓް ދޭ ފަރާތުގެ ސޮއިކޮށްފައި އޮންނަންވާނެއެވެ. އަދި އެފަރާތެއްގެ ކުރިމަތީގައި އޭނާ ހުވާކޮށްފައިވާ ފަރާތުގެ ނަމާއި މަޤާމާއި އެޑްރެސް، އަދި އެ ފަރާތުގެ ސޮއިވެސް އޮންނަންވާނެއެވެ.
  • 339. : އެފިޑެވިޓް ހުށަހަޅާ ފަރާތް ނޫން ފަރާތަކުން އެފިޑެވިޓްގައި ސޮއިކުރުން
    • (ހ) މައްސަލައެއްގައި އެފިޑެވިޓް ހުށަހަޅާފައިވާ ފަރާތަކީ އެއްވެސް ސަބަބެއް މެދުވެރިވެގެން އެ އެފިޑެވިޓް ކިޔުމަށް ނުވަތަ އެ އެފިޑެވިޓްގައި ސޮއިކުރުމަށް ނުކުޅެދިފައިވާ ފަރާތެއްނަމަ، އެފަރާތެއްގެ ކުރިމަތީގައި އޭނާ ހުވާކުރި ފަރާތުން، އެ އެފިޑެވިޓްގައި އަންނަނިވި ކަންކަން ބަޔާންކޮށް، ސޮއިކުރަންވާނެއެވެ.
      • (1) އެފިޑެވިޓް ހުށަހަޅާ ފަރާތަށް އޭނާ އެ އެފިޑެވިޓް ކިޔައިދީފައިވާކަން؛
      • (2) އެފިޑެވިޓް ހުށަހަޅާ ފަރާތަށް އޭގައި ބަޔާންކޮށްފައިވާ ކަންކަން ފަހުމްވެފައިވާކަން؛ އަދި
      • (3) އެފިޑެވިޓް ހުށަހަޅާ ފަރާތުން އެ އެފިޑެވިޓް ދީފައިވަނީ އޭނާގެ ޙާޟިރުގައި ހުވާކުރުމަށްފަހުގައިކަން.
    • (ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކަންކަން ހިމަނާފައިނުވާ އެފިޑެވިޓެއް ކޯޓުން ބަލައިގަންނަންވާނީ އެ އެފިޑެވިޓް ހުށަހަޅާ ފަރާތަށް އެފިޑެވިޓް ކިޔާދީ އެ ފަރާތަށް އޭގައި ބަޔާންކޮށްފައިވާ ކަންކަން ފަހުމްވެފައިވާކަން ކޯޓަށް ޤަބޫލުކުރެވޭނަމަ އެކަންޏެވެ.
    • (ނ) އެފިޑެވިޓެއްގެ ބޭނުމަށްޓަކައި ހުވާކުރަންވާނީ ހަމައެކަނި އަންނަނިވި ފަރާތްތަކުގެ ކުރިމަތީގައެވެ.
      • (1) ފަނޑިޔާރަކު؛ ނުވަތަ
      • (2) ޤާނޫނުގައި ކަނޑައަޅާފައިވާ އެހެން ފަރާތެއް.
    • (ރ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ފަރާތަކީ، މައްސަލައިގެ ޚަޞްމަކު ނުވަތަ ޚަޞްމަކު ތަމްސީލުކުރާ ފަރާތެއް ކަމުގައި ވެގެންނުވާނެއެވެ.
  • 340. : އެފިޑެވިޓް ތަރުޖަމާކުރުން
    • (ހ) ހުށަހަޅަން އެދޭ އެފިޑެވިޓްއަކީ އެހެން ޤައުމެއްގެ ބަހަކުން އޮތް އެފިޑެވިޓްއެއްނަމަ، އެ އެފިޑެވިޓްއަށް ރިޢާޔަތްކުރުމަށް އެދޭ ފަރާތުން އެ އެފިޑެވިޓްގެ ދިވެހި ތަރުޖަމާއަކާއި ބޭރު ޤައުމެއްގެ ބަހުން އޮތް އެފިޑެވިޓްގެ އަސްލު ކޯޓަށް ހުށަހަޅަންވާނެއެވެ.
    • (ށ) މި މާއްދާގެ (ހ) ގެ ދަށުން އެފިޑެވިޓެއްގެ ތަރުޖަމާ ހުށަހަޅާނަމަ، އެފިޑެޓް ތަރުޖަމާކުރި ފަރާތުން އެ އެފިޑެވިޓްގެ ތަރުޖުމާ ކަށަވަރުކުރުމާއެކު، އެފިޑެވިޓްގެ ތަރުޖަމާއާއި ބޭރު ޤައުމުގެ ބަހުން އޮތް އެފިޑެވިޓްގެ ކޮޕީ ކޯޓަށް ހުށަހަޅަންވާނެއެވެ.
  • 341. : ލިޔެކިޔުމުގެ ޞައްޙަކަން ބަލައިނުގަތުން
    • (ހ) ހެކީގެ ގޮތުގަތި ކޯޓަށް ހުށަހަޅާފައިވާ ލިޔުމެއް މި ޤާނޫނުގެ އަށާވީސްވަނަ ބާބު [ހެކި ހާމަކުރުން] ގެ ދަށުން ޚަޞްމަކާ ޙިއްޞާކުރުމަށްފަހު، އެ ލިޔުމުގެ ޞައްޙަކަށް ޝަރީޢަތުގައި ސާބިތުކޮށްދިނުމަށް އޭނާ ނޭދޭހާހިނދަކު، އެ ލިޔުމުގެ ޞައްޙަކަން އެ ޚަޞްމަކު ޤަބޫލުކުރާ ކަމުގައި ބެލެވޭނެއެވެ.
    • (ށ) ޚަޞްމަކު މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން ލިޔުމެއްގެ ޞައްޙަކަން ކަށަވަރުކޮށްދިނުމަށް އެދޭނަމަ، ހެކިބަސްދޭ ފަރާތުގެ ހެކީގެ ޚުލާޞާ ބަޔާން ހުށަހެޅުމަށް ކަނޑައެޅިފައިވާ އެންމެ ފަހުގެ ތާރީޚާއި، ނުވަތަ ލިޔުމެއް ޙިއްޞާކުރާތާ 7 (ހަތެއް) ދުވަސް ހަމަވާ ތާރީޚުގެ ތެރެއިން ފަހުން ބައްދަލުވާ ތާރީޚެއްގެ ކުރިން، ލިޔުމުގެ ޞައްޙަކަށް ޝަރީޢަތުގައި ސާބިތުކޮށްދިނުމަށް އެދި ކޯޓަށް ހުށަހަޅަންވާނެއެވެ.
    • (ނ) ކަމާބެހޭ ޤާނޫނާ އެއްގޮތްވާ ގޮތުގެމަތިން ނޯޓަރައިޒްކޮށްފައިވާ ލިޔުންތަކާއި އެފަދަ މުސްތަނަދުތަކަކީ ނުވަތަ އިތުރަށް ސާބިތުކުރުމަކާ ނުލައި ކޯޓުން ބަލައިގަންނަންޖެހޭ ލިޔުމެއް ކަމުގައި އެހެން ޤާނޫނަކުން ކަނޑައަޅާފައިވާ ކޮންމެ ލިޔުމަކީ، އިތުރު ހެއްކަކާ ނުލައި، ޞައްޙަ ލިޔުންތަކެއް ކަމުގައި ކޯޓުން ބަލައިގަންނަންވާނެއެވެ.
  • 342. : ވަކި ކަމެއް އިވުނު ކަމަށް,ބުނެ ދޭ ހެކި
    • (ހ) މި ބާބުގެ ބޭނުމަށްޓަކައި، “ވަކި ކަމެއް އިވުނު ކަމަށް ބުނެ ދޭ ހެކި” ކަމަށް ބުނެފައި އެވަނީ، ހެކިބަސް ދޭ މީހަކު، އޭނާއަށް ކަނޑައެޅިގެން ފެނުނު އެއްޗެއް ނުވަތަ އިވުނު އެއްޗެއް ބަޔާންކުރުމުގެ ބަދަލުގައި، އެހެން މީހަކަށް ވަކި ކަމެއް ފެނުނު ކަމަށް ނުވަތަ އެހެން މީހަކަށް ވަކި އެއްޗެއް އަޑުއިވުނު ކަމަށް އެމީހަކު ބުނާ ބުނުމެއް، ހެކިބަސްދޭ މީހާއަށް އަޑުއިވުނު ކަމުގެ މައްޗަށް ދޭ ހެކިބަހަށެވެ.
    • (ށ) ވަކި ކަމެއް އިވުނު ކަމަށް ބުނެ ދޭ ހެކީގެ ގޮތުގައި ހެކި ދިނުމަށް މަދަނީ މައްސަލައެއްގައި ޚަޞްމަކު ހުށަހަޅާ ހެކިބަސްދޭ ފަރާތަކީ އޭނާގެ ހެކިބަހުގެ ބަޔާން ދިންއިރު އޭނާގެ ކިބައިގައި ހުރި ނުކުޅެދުންތެރިކަމެއްގެ ސަބަބުން ހެކިބަސްދޭ ފަރާތެއްގެ ގޮތުގައި ބަލައިނުގަނެވޭނެ ފަރާތެއް ކަމަށްވާނަމަ، އޭނާގެ ހެކިބަސް އެ މައްސަލައިގައި ބަލައިގަނެގެންނުވާނެއެވެ.
  • 343. : ވަކި ކަމެއް އިވުނު ކަމަށް,ބުނެ ދޭ ހެކީގެ މައްޗަށް ރިޢާޔަތްކޮށްދިނުމަށް އެދި ހުށަހެޅުން
    • (ހ) ވަކި ކަމެއް އިވުނު ކަމަށް ބުނެ މީހަކު ދޭ ހެކިބަހެއްގެ މައްޗަށް ޝަރީޢަތުގެ މަރުޙަލާގައި ރިޢާޔަތްކޮށްދިނުމަށް ޚަޞްމަކު އެދޭނަމަ، އެއީ ޝަރީޢަތުގައި ހެކިބަސް ދޭ އެހެން ފަރާތެއްގެ ހެއްކެއްނަމަވެސް، ނުވަތަ ހެކިބަސްދޭ ފަރާތެއްގެބަޔާނެއްގައި ހިމަނާފައިވާ ހެއްކެއް ނަމަވެސް، އެ ހެކިބަސްދޭ ފަރާތަށް އިވުނު ކަމަށްބުނާ ހެކި، އެ ހެކިބަސް ދޭ ފަރާތުގެ ބަޔާނެއްގެ ގޮތުގައި ކޯޓަށް ހުށަހަޅަންވާނެއެވެ.
    • (ށ) މި މާއްދާގެ (ހ) ގެ ދަށުން ހެކިބަސްދޭ ފަރާތުގެ ބަޔާން ހުށަހަޅާއިރު، ބަޔާން ދީފައިވާ ފަރާތުގެ ހެކިބަސް ނެގުމަށް އޭނާ ޝަރީޢަތަށް ޙާޟިރު ނުކުރެވޭނެކަމާއި، އެކަމުގެ ސަބަބުތައް ބަޔާންކުރަންވާނެއެވެ.
  • 344. : ވަކި ކަމެއް އިވުނު ކަމަށް,ބުނެ ދޭ ހެކީގެ މައްޗަށް ރިޢާޔަތްކޮށްދިނުމަށް އެދޭކަމުގެ ނޯޓިސް ދޭންނުޖެހޭ ޙާލަތްތައް އަންނަނިވި ޙާލަތްތަކުގައި، މައްސަލައެއްގައި ވަކި ކަމެއް އިވުނު ކަމަށް ބުނެ ހުށަހަޅާ ހެކި ހުށަހަޅަން ބޭނުންވާ ފަރާތްތަކުން އެ ހެކީގެ މައްޗަށް ރިޢާޔަތްކޮށްދިނުމަށް އެދޭކަމުގެ ނޯޓިހެއް، މައްސަލައިގެ އެހެން ޚަޞްމުންނަށް ދޭކަށް ލާޒިމެއް ނޫނެވެ.
    • (ހ) ޝަރީޢަތުގެ މަރުޙަލާ ފިޔަވައި އެނޫން އެހެން މަރުޙަލާތަކުގައި އެ ހެކި ހުށަހަޅާނަމަ؛
    • (ށ) ޝަރީޢަތުގެ މަރުޙަލާގައި ބޭނުންކުރުމަށް ހުށަހަޅާ ހުވާގެ މަތީގައި ދީފައިވާ ހެކިބަސްދޭ ފަރާތުގެ ބަޔާނުގައި އިވުނު އަޑުކަމަށް ބުނާ ހެއްކެއް ނުހިމެނޭނަމަ؛
    • (ނ) މައްސަލައަކީ ތަރިކައިގެ މައްސަލައަކަށްވެފައި، އެ ޚަޞްމަކު ހެކީގެ ގޮތުގައި ހުށަހަޅަން ބޭނުންވަނީ އެމީހެއްގެ ތަރިކައާމެދު ގޮތެއް ނިންމުމަށް ހުށަހެޅިފައިވާ ފަރާތުން ދިން ކަމަށް ބުނާ ބަޔާނެއް ކަމަށްވާނަމަ؛ ނުވަތަ
    • (ރ) އެހެން ޤާނޫނަކުން އެކަން ލާޒިމުކޮށްފައި ނެތުން.
  • 345. : ވަކި ކަމެއް އިވުނު ކަމަށް,ބުނެ ހެކި ބަސް ދޭ ފަރާތް ކްރޮސް-އެގްޒެމިންކުރުމަށްޓަކައި ޙާޟިރުކުރުމުގެ ބާރު
    • (ހ) ވަކި ކަމެއް އިވުނު ކަމަށްބުނެ ހެކިބަސްދޭ ފަރާތުގެ ހެކިބަސް ނެގުމަށް އޭނާ ޝަރީޢަތަށް ޙާޟިރުކުރުމަށް އެ ހެކި ހުށަހަޅާ ޚަޞްމުގެ ފަރާތުން ބޭނުންނުވިނަމަވެސް، އެ މައްސަލައިގެ އެހެން ޚަޞްމަކު ހުށަހަޅާ ހުށަހެޅުމެއްގެ މައްޗަށް ބިނާކޮށް، އެ ހެކިބަސްދޭ ފަރާތް ކްރޮސް-އެގްޒެމިންކުރުމަށްޓަކައި ޙާޟިރުކުރުމުގެ ހުއްދަ ކޯޓަށް ދެވިދާނެއެވެ.
    • (ށ) މި މާއްދާގެ (ހ) ގެ ދަށުން ކްރޮސް-އެގްޒެމިންކުރުމުގެ ހުއްދައަށް އެދި ހުށަހަޅާންވަނީ ވަކި ކަމެއް އިވުނު ކަމަށް ބުނެ ހެކިބަސްދޭ ފަރާތުގެ ބަޔާން ލިބޭތާ 14 (ސާދަ) ދުވަހުގެ ތެރޭގައެވެ.
  • 346. : ވަކި ކަމެއް އިވުނު ކަމަށް ބުނެ ދޭ ހެކި ވަޒަންކުރުމުގައި ބަލާނެ ކަންކަން މަދަނީ މައްސަލަތަކުގައި، ވަކި ކަމެއް އިވުނު ކަމަށް ބުނެ ދޭ ހެއްކަށް ދޭންޖެހޭ ބުރަދަން ދިނުމުގައި އަންނަނިވި ކަންކަމަށް ކޯޓުން ރިޢާޔަތްކުރަންވާނެއެވެ.
    • (ހ) އެފަރާތުގެ ބަޔާނުގައި ޙަވާލާދޭ، ވަކި ކަމެއް އެމީހެއްގެ ލޮލަށް ފެނުނު ނުވަތަ އެމީހަކަށް ސީދާ އަޑުއިވުނު ކަމަށް ބުނާ ފަރާތް ޝަރީޢަތަށް ޙާޟިރުކުރުމުގެ ފުރުޞަތު އޮތް މިންވަރު؛
    • (ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ފަރާތުގެ ބަހަކީ، ސާބިތުކުރުމަށް ބޭނުންވާ ވާޤިޢާ ހިނގައިދިޔަ ދުވަސްވަރުގައި ބުނެފައިވާ ބަހެއްތޯ؛
    • (ނ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ފަރާތް، އިތުރު ފަރާތްތަކަށް ޙަވާލާދީފައިވާ މިންވަރު؛
    • (ރ) މައްސަލައިގައި ހިމެނޭ އެއްވެސް ފަރާތަކުން ކަމެއް ފޮރުވަފާނެ ނުވަތަ ކަން އޮތްގޮތް ނޫން އެހެން ގޮތެއް ބަޔާންކޮށްފާނެ ސަބަބެއް އޮތްކަން ނުވަތަ ނޫންކަން؛
    • (ބ) ލޮލަށް ފެނުނު ހެކީގެ ބަސް ބަދަލުކޮށްފައިވާކަން ނުވަތަ އޭނާ ބުނި ވާހަކައަކީ ވަކި ބޭނުމަކަށް ނުވަތަ ކަމަކާ ގުޅުވައިގެން ބުނެފައިވާ ބަހެއްތޯ ނުވަތަ ނޫންތޯ؛
    • (ޅ) ހެކި ހުށަހެޅުމުގައި ހިނގާފައިވާ ކަންކަމަށް ރިޢާޔަތްކުރާއިރު، އެ ހެކީގެ ޙަޤީޤީ ބުރަދަން ބެލުމަށް ހުރަސްއެޅުމަށް ކަމެއް ކޮށްފައިވާކަން ދޭހަވާފަދަ ކަމެއް އޮތްތޯ ނުވަތަ ނެތްތޯ.
  • 347. : އިތުރު ހެއްކެއް ހުށަހެޅުމަކާ ނުލައި ހެކީގެ ގޮތުގައި ބަލައިގަނެވޭ ލިޔެކިޔުން
    • (ހ) ވިޔަފާރިއެއްގެ ނުވަތަ ދައުލަތުގެ އިދާރާއެއްގެ ރެކޯޑުތަކުގެ ތެރޭގައި ހިމެނޭ ލިޔެކިޔުމަކީ އެ ލިޔެކިޔުމުގެ ޞައްޙަކަމާއި އެ ލިޔެކިޔުމުން ދޭހަވާ ކަންކަން އިތުރަށް ސާބިތުކުރުމަކާ ނުލައި ހެކީގެ ގޮތުގައި ޝަރީޢަތަށް ބަލައިގަނެވޭނެ ލިޔެކިޔުމެވެ.
    • (ށ) މި މާއްދާގެ (ހ) ގެ ބޭނުމަށްޓަކައި، ވަކި ލިޔުމަކީ ވިޔަފާރިއެއްގެ ނުވަތަ ދައުލަތުގެ އިދާރާއެއްގެ ރެކޯޑުތަކުގެ ތެރޭގައި ހިމެނޭ ލިޔުމެއްކަމަށް ބެލެވޭނީ، އެ ލިޔުމެއް ނިސްބަތްވާ ވިޔަފާރިއެއް ނުވަތަ އިދާރާއެއްގެ އޮފިސަރަކު އެ ލިޔުމުގައި ސޮއިކޮށް، އެ ތަނެއްގެ ސިއްކައެއް އެ ލިޔުމުގައި ޖަހާފައިވާނަމައެވެ.
    • (ނ) މައްސަލައެއްގެ ވަށައިގެންވާ ކަންކަމަށް ރިޢާޔަތްކޮށް، ވަކި ލިޔުމަކާ ގުޅޭގޮތުން މި މާއްދާގެ (ހ) އަދި/ނުވަތަ (ށ) އަށް ޢަމަލުނުކުރެވޭނެ ކަމުގައި ކޯޓަށް ކަނޑައެޅިދާނެއެވެ.
  • 348. : އެހެން ޤައުމުތަކުގެ ޤާނޫނުގެ ދަށުން ހޯދާ ހެކި ދިވެހިރާއްޖެ ފިޔަވައި އެހެން ޤައުމެއްގެ ޤާނޫނުގެ ދަށުން ހޯދާ ހެކި ކޯޓަށް ބަލައިގަންނަންވާނީ، އެ ހެއްކެއް ބަލައިގަތުމުގައި އެ ޤައުމެއްގެ ކަމާބެހޭ ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިންނެވެ.
  • 349. : ޓްރަސްޓީއެއްގެ ގޮތުގައި މަސައްކަތްކުރުމަށް ހުއްދަދީފައިވާ ކަމުގެ ހެކި ޓްރަސްޓީއެއްގެ ގޮތުގައި މަސައްކަތްކުރުމަށް ރުހުންދޭކަމަށް ބުނެ މީހަކު ސޮއިކޮށްފައިވާ ލިޔުމަކީ، އެ ސޮއިގެ ޞައްޙަކަން ތިންވަނަ ފަރާތަކުން ކަށަވަރުކޮށްދީފިނަމަ، ޓްރަސްޓީއެއްގެ ގޮތުގައި މަސައްކަތްކުރުމަށް ރުހުންދީފައިވާކަމުގެ ހެއްކެއްގެ ގޮތުގައި ބަލައިގަނެވޭނެ ލިޔުމެކެވެ.
  • 350. : ޚަބީރުންގެ ހެކިބަހާގުޅޭ ޢާންމު އުސޫލުތައް
    • (ހ) މައްސަލައެއްގައި ޚަބީރުންގެ ހެކި ނަގަންވާނީ، އެ މައްސަލައެއް ފައިޞަލާކުރުމަށްޓަކައި ޚަބީރުންގެ ހެކި ބޭނުންވާ ކަންކަމުގެ މައްޗަށް އެކަންޏެވެ.
    • (ށ) ޚަބީރަކަށް ލިބިފައިވާ ފަންނީ މަޢުލޫމާތާއި ތަޖުރިބާގެ އަލީގައި ކޯޓަށް އެހީތެރިކަން ފޯރުކޮށްދިނުމަކީ ކޮންމެ ޚަބީރެއްގެވެސް ޒިންމާއެކެވެ. އެގޮތުން، ޚަބީރަކަށް އިރުޝާދު ދޭ ފަރާތް ނުވަތަ އުޖޫރަ ދޭ ފަރާތުގެ މައްޗަށް އޮތް އެއްވެސް ޒިންމާއަކަށްވުރެ، ކޯޓަށް އޮންނަ ޒިންމާ އިސްވާންވާނެއެވެ.
  • 351. : ޚަބީރުންގެ ހެކިބަސް ނެގުމުގައި ކޯޓަށް ލިބިގެންވާ ބާރުތައް
    • (ހ) މަދަނީ މައްސަލައެއްގެ ޝަރީޢަތުގައި ހެކިބަސް ނެގުމަށްޓަކައި ޚަބީރަކު ޙާޟިރުކުރެވޭނީ، އަދި މައްސަލައިގެ ހެކީގެ ތެރޭގައި، ޚަބީރެއްގެ ރިޕޯޓު ހިމެނޭނީ ކޯޓުގެ ހުއްދައާއެކުގައެވެ.
    • (ށ) މި މާއްދާގެ (ހ) ގެ ދަށުން ކޯޓުގެ ހުއްދައަށް އެދި ޚަޞްމުން ހުށަހަޅާއިރު، ޚަބީރުގެ ހެކިބަސް ނެގުމަށް ހިނގާނެ ޚަރަދުގެ އަންދާޒާއެއް ހުށަހެޅުމާއެކު، ޚަބީރުގެ ހެކި ބޭނުންވާ ދާއިރާއާއި، އެ ހެކިބަސް ނަގަނީ ކޮން ކަންތައްތަކަކާ ގުޅިގެންކަމާއި، ޚަބީރުގެ ނަން ބަޔާންކުރަންވާނެއެވެ.
    • (ނ) މި މާއްދާގެ ދަށުން ކޯޓުން ދޭ ހުއްދައިގައި، ހެކިބަސް ނެގޭނީ ކޮން ކަންތައްތަކަކާ ގުޅިގެން ކަމުގައި ކޯޓަށް ކަނޑައެޅިދާނެއެވެ.
    • (ރ) ކުދި މައްސަލަތަކުގެ ނުވަތަ އަވަސްނިޔާގެ މައްސަލަތަކުގެ ޓްރެކުން ބެލޭ މައްސަލައެއްގައި، ޚާއްޞަ ޙާލަތެއް މެދުވެރިވެގެން މެނުވީ ޚަބީރެއްގެ ހެކި ހުށަހެޅުމުގެ ހުއްދަ ދެވޭނީ، ކަނޑައެޅިފައިވާ ވަކި ކަމަކާ ގުޅިގެން އެންމެ ޚަބީރެއްގެ ހެކި ހުށަހެޅުމަށެވެ.
    • (ބ) މައްސަލައެއްގެ ޚަޞްމަކަށް، އެހެން ޚަޞްމެއްގެ ކިބައިން ޚަބީރުންގެ ފީއާއި ޚަރަދުގެ ގޮތުގައި ހޯދޭނެ ޢަދަދު ކޯޓަށް ޤައިދުކުރެވިދާނެއެވެ.
  • 352. : ޚަބީރުގެ ހެކިބަސް ލިޔުމުން އޮންނަ ރިޕޯޓެއްގައި ދިނުން ލާޒިމުވުން
    • (ހ) ކޯޓުން އެހެން ގޮތަކަށް ކަނޑަނާޅާހާ ހިނދަކު، ޚަބީރުންގެ ހެކިބަސް ދޭންވާނީ ލިޔުމުން އޮންނަ ރިޕޯޓެއްގެ ގޮތުގައެވެ.
    • (ށ) ކުދި މައްސަލަތަކުގެ ނުވަތަ އަވަސްނިޔާގެ މައްސަލަތަކުގެ ޓްރެކުން ބަލާ މައްސަލައެއްނަމަ، އެ މައްސަލައެއްގައި އިންޞާފު ޤާއިމުކުރުމަށްޓަކައި ޚަބީރު ޝަރީޢަތަށް ޙާޟިރުކުރުމަށް ކޮންމެހެން ބޭނުންވާކަމަށް ފަނޑިޔާރަށް ޤަބޫލުކުރެވޭނަމަ، ޚަބީރުގެ ހެކިބަސް ނެގުމަށް މައްސަލައިގެ އަޑުއެހުމަކަށް އޭނާ ޙާޟިރުކުރެވިދާނެއެވެ.
  • 353. : ޚަބީރުންނާ ލިޔުމުން ސުވާލުކުރުން
    • (ހ) މައްސަލައިގައި ހުށަހަޅާފައިވާ ޚަބީރެއްގެ ރިޕޯޓަކާމެދު އެ ޚަބީރަކާ ލިޔުމުން ސުވާލުކުރެވިދާނެއެވެ.
    • (ށ) މި މާއްދާގެ (ހ) ގެ ދަށުން ޚަބީރަކާ ލިޔުމުން ސުވާލުކުރެވޭނީ އެއްފަހަރުއެވެ. އަދި އެފަދައިން ސުވާލުކުރެވޭނީ، ޚަބީރުގެ ރިޕޯޓު ލިބޭތާ 10 (ދިހައެއް) ދުވަހުގެ ތެރޭގައެވެ.
    • (ނ) ކޯޓުން އެނޫން ގޮތަކަށް ކަނޑައަޅާފައިނުވާނަމަ، އަދި ޚަބީރުގެ ރިޕޯޓު ހުށަހެޅި ޚަޞްމު އިތުރު ސުވާލެއް ކުރުމަށް އިޢުތިރާޟުކުރާނަމަ، ޚަބީރުގެ ރިޕޯޓާ ގުޅިގެން ސުވާލުކުރެވޭނީ ހަމައެކަނި އޭގައިވާ ކަމެއް ސާފުކުރުމަށްޓަކައެވެ.
    • (ރ) މި މާއްދާގެ ދަށުން ޚަބީރާ ކުރާ ސުވާލުތަކަށް އޭނާ ދޭ ޖަވާބަކީ ޚަބީރުގެ ރިޕޯޓުގެ ބައެއް ކަމުގައި ބެލެވޭނެއެވެ.
    • (ބ) ޚަޞްމަކު ހުށަހަޅާފައިވާ ޚަބީރެއްގެ ރިޕޯޓަކާ ގުޅިގެން މި މާއްދާގެ ދަށުން އެ ޚަބީރަކާ ކުރާ ސުވާލަށް އޭނާ ޖަވާބު ނުދީފިނަމަ، ޚަބީރުގެ ހެކިބަހަށް ބުރަނުވެވޭނެ ކަމުގައި، ނުވަތަ ޚަބީރުގެ ފީ އަނެއް ޚަޞްމުގެ ފަރާތުން ނަގައިނުދެވޭނެ ކަމުގައި ކޯޓަށް ކަނޑައެޅިދާނެއެވެ.
  • 354. : ދެ ޚަޞްމުން އެކުގައި އެއް ޚަބީރަކު ހުށަހެޅުމަށް އެންގުން
    • (ހ) ދޭއް ނުވަތަ އެއަށްވުރެ ގިނަ ޚަޞްމުން އެއް ކަމަކާ ގުޅިގެން ޚަބީރުންގެ ހެކިބަސް ހުށަހަޅަން ބޭނުންވާނަމަ، އެ ޚަޞްމުންގެ ފަރާތުން ހުށަހަޅަންވާނީ އެއް ޚަބީރަކު ކަމުގައި ކޯޓަށް ކަނޑައެޅިދާނެއެވެ.
    • (ށ) މި މާއްދާގެ (ހ) ގެ ދަށުން ކޯޓުން އަންގާ އެންގުމަކާ އެއްގޮތަށް ހުށަހަޅާނެ ޚަބީރަކާމެދު ޚަޞްމުންނަށް އެއްބަސްނުވެވޭނަމަ، ކޯޓުން ކަނޑައަޅާ ގޮތެއްގެމަތިން ޚަބީރަކު ހަމަޖެއްސުމަށް ނުވަތަ ޚަޞްމުންގެ ފަރާތުން ހުށަހަޅާ ޚަބީރުންގެ ލިސްޓަކުން ކޯޓުން ވަކި ޚަބީރަކު ހަމަޖެއްސުމަށް ކޯޓަށް ނިންމިދާނެއެވެ.
  • 355. : ޚަބީރުންނަށް އިރުޝާދު,ދިނުން
    • (ހ) ދޭއް ނުވަތަ އެއަށްވުރެ ގިނަ ޚަޞްމުންގެ ފަރާތުން ހުށަހަޅާ ޚަބީރަކަށް އެއިން ކޮންމެ ޚަޞްމަކަށްވެސް އިރުޝާދު ދެވިދާނެއެވެ.
    • (ށ) ޚަޞްމުގެ ފަރާތުން ޚަބީރަށް ލިބޭ އިރުޝާދުގެ ކޮޕީއެއް، މައްސަލައިގެ އެހެން ޚަޞްމުންނަށް ދޭންވާނެއެވެ.
    • (ނ) ޚަބީރުގެ ފީއާއި ޚަރަދުތައް ދޭނެގޮތާއި، ޚަބީރު ކުރިއަށްގެންދަން ބޭނުންވާ ތަޙުލީލުތަކާއި ހޯދުންތަކާ ގުޅޭގޮތުން ކޯޓަށް ގޮތެއް ކަނޑައަޅައި އެންގިދާނެއެވެ.
  • 356. : މަޢުލޫމާތު ދިނުމަށް ޚަޞްމުންނަށް އެންގުމުގެ,ބާރު ޚަޞްމެއްގެ ކިބައިގައިވާ މަޢުލޫމާތަކީ އެކަށީގެންވާ ގޮތެއްގައި އަނެއް ޚަޞްމަށް ލިބެން ނެތް މަޢުލޫމާތެއް ކަމުގައިވާނަމަ، އެ މަޢުލޫމާތުގެ ރެކޯޑެއް ހުށަހެޅުމަށް ކޯޓަށް އެންގިދާނެއެވެ.
  • 357. : ޚަބީރުގެ ރިޕޯޓުގައި,ހިމަނަންޖެހޭ ބައިތައް
    • (ހ) ޚަބީރެއްގެ ރިޕޯޓުގެ ނިންމުމުގައި، ކޯޓުގެ މައްޗަށް ޚަބީރަށް އޮތް ޒިންމާތައް އެނގޭކަމާއި، އެ ޒިންމާތަކާ އެއްގޮތަށް ޢަމަލުކުރިކަން އަންގައިދޭ ބަޔާނެއް ހިމަނައި، ރިޕޯޓު އެމައްޗަށް ބިނާކޮށްފައިވާ އިރުޝާދުތައް ބަޔާންކުރަންވާނެއެވެ.
    • (ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ފަދައިން ރިޕޯޓު އެ މައްޗަށް ބިނާކޮށްފައިވާ އިރުޝާދުތައް ފުރިހަމައަށް ބަޔާންކޮށްފައިނުވާކަމަށް ކޯޓަށް ޤަބޫލުކުރެވޭ ޙާލަތުގައި ފިޔަވައި، އެ އިރުޝާދުތަކާގުޅޭ ވަކި ލިޔުމެއް ހުށަހެޅުމަށް އަންގައިގެންނުވާނެއެވެ. އަދި ޚަބީރަށް އިރުޝާދު ދީފައިވާ ޚަޞްމު ފިޔަވައި އެހެން ޚަޞްމެއްގެ ފަރާތުން ޚަބީރާ ސުވާލުކުރުމުގެ ހުއްދަ ކޯޓުން ދީގެން ނުވާނެއެވެ.
  • 358. : ޚަޞްމަކު ހުށަހަޅާ ޚަބީރުގެ ރިޕޯޓު އެހެން ޚަޞްމަކު ބޭނުންކުރުން ޚަޞްމަކު ޚަބީރެއްގެ ރިޕޯޓު ހުށަހަޅައިފިނަމަ، އެހެން ކޮންމެ ޚަޞްމަކަށްވެސް އެ ޚަބީރުގެ ރިޕޯޓު ޝަރީޢަތުގައި ހެއްކެއްގެ ގޮތުގައި ބޭނުންކުރެވިދާނެއެވެ.
  • 359. : ޚަބީރުންގެ މެދުގައި މަޝްވަރާކުރުން
    • (ހ) ޚަބީރުގެ ހެކިބަސް ހުށަހަޅާ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރުމަށާއި، އެކަންކަމުގައި އެއްބަސްވެވޭ ރަޢުޔެއް ނެރުމުގެ ބޭނުމުގައި ޚަބީރުންގެ މެދުގައި މަޝްވަރާކުރުމަށް ކޯޓަށް އެންގިދާނެއެވެ.
    • (ށ) ޚަބީރުން މަޝްވަރާކުރަންވީ ކޮން ކަންކަމަކާ މެދުގައިކަން ކޯޓަށް ކަނޑައެޅިދާނެއެވެ. އަދި މަޝްވަރާއަށްފަހު ޚަބީރުންނަށް އެއްބަސްވެވުނު ކަންކަމާއި އެއްބަސްނުވެވުނު ކަންކަމަކީ ކޮބައިކަމާއި ޚުލާޞާގޮތެއްގައި އެކަމުގެ ސަބަބު ބަޔާންކޮށް، ކޯޓަށް ބަޔާނެއް ހުށަހެޅުމަށް ޚަބީރުންނަށް އެންގިދާނެއެވެ.
    • (ނ) ޚަޞްމުން އެއްބަސްނުވާނަމަ، ޚަބީރުންގެ މެދުގައި ކުރެވުނު މަޝްވަރާގެ ބައިތަކަށް ޝަރީޢަތުން ރިޢާޔަތްކޮށްގެން ނުވާނެއެވެ.
    • (ރ) ޚަބީރުންގެ މަޝްވަރާއަށްފަހު އެމީހުން ވަކި ކަމަކާމެދު އެއްބަސްވުމަކަށް އައިނަމަވެސް، ޚަބީރުން އެއްބަސްވާ ކަންކަމަކީ ޚަޞްމުންގެ މެދުގައި ބަނދެވޭނެ ކަންކަންކަމުގައި ޚަޞްމުން ދުރާލާ އެއްބަސްވެފައިވާ ޙާލަތުގައި މެނުވީ، އެކަންކަން ޚަޞްމުންގެ މައްޗަށް ބަނދެވިގެނެއްނުވެއެވެ.
  • 360. : ޚަބީރުގެ ރިޕޯޓު,ހާމަނުކުރުމުގެ ނަތީޖާ ޚަބީރެއްގެ ރިޕޯޓު ހެކީގެ ގޮތުގައި ހާމަކޮށްފައި ނުވަނީ، ކޯޓުގެ ހުއްދަ ހޯދުމަކާ ނުލައި ކަމުގައިވާނަމަ، ޝަރީޢަތުގައި އެ ރިޕޯޓު ބޭނުމެއް ނުކުރެވޭނެއެވެ. އަދި ޝަފަހީ ހެކި ދިނުމަށް ޚަބީރު ޙާޟިރެއްވެސް ނުކުރެވޭނެއެވެ.
  • 361. : ޚަބީރުން ކޯޓުގެ އިރުޝާދު ހޯދުން ޚަބީރުން، އެމީހުންގެ ޒިންމާ އަދާކުރުމުގައި އެހީއެއްގެ ގޮތުން، އެފަރާތްތަކަށް އިރުޝާދު ދިނުމަށް އެދި ލިޔުމުން ކޯޓަށް ހުށަހެޅިދާނެއެވެ.
  • 362. : ޢާންމު އުސޫލު
    • (ހ) މަދަނީ މައްސަލައެއްގައި ކުރާ ޙުކުމްތަކުގެ ތެރެއިން، ތަންފީޛީ ބާރު ހިނގާ ކޮންމެ ޙުކުމެއް ތަންފީޛުކުރަންވާނީ، ޙުކުމް ތަންފީޛުކުރުމަށް އެ ޙުކުމުގައި ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި، ޙުކުމް ތަންފީޛުކުރަންޖެހޭ ފަރާތުގެ އަމިއްލަ އިޚްތިޔާރުގައި، ފައިސާ ދައްކައިގެން ނުވަތަ މުދަލެއް ޙަވާލުކޮށްގެން ނުވަތަ އެ ޙުކުމުގައި ތަންފީޛުކުރުމަށް އަމުރުކޮށްފައިވާ އެނޫން އެހެން ކަމެއްކޮށްގެންނެވެ.
    • (ށ) ތަންފީޛީ ބާރު ހިނގާ ޙުކުމެއް، އެ ޙުކުމް ތަންފީޛުކުރަންޖެހޭ ފަރާތުގެ އަމިއްލަ އިޚްތިޔާރުގައި ތަންފީޛުކުރުމަށް އޭނާ ދެކޮޅުހަދާ ޙާލަތުގައި، މި ބާބުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އެ ޙުކުމް ތަންފީޛުކުރުމަށް ކޯޓަށް ލާޒިމުކުރެވިދާނެއެވެ.
    • (ނ) މި ބާބުގެ ބޭނުމަށްޓަކައި "ޙުކުމް" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގެ ކޯޓަކުން ކޮށްފައިވާ، ތަންފީޛީ ބާރު ލިބިގެންވާ ޙުކުމެއް ނުވަތަ އަމުރެއް ނުވަތަ އެނޫންވެސް ނިންމުމަކަށެވެ.
  • 363. : ޙުކުމް ތަންފީޛުކުރުމުގެ މައްސަލަ ބަލާ ކޯޓުތައް
    • (ހ) މި ޤާނޫނަށް ޢަމަލުކުރަން ފެށުމާއެކު، އަންނަނިވި ކޯޓުތަކުން ކުރާ އަންނަނިވި ބާވަތުގެ ޙުކުމްތައް ތަންފީޛުކުރުމުގެ މައްސަލަތައް ބަލާނީ، ސިވިލް ކޯޓުގެ ޙުކުމް ތަންފީޛުކުރުމާބެހޭ ޑިވިޜަނުންނެވެ.
      • (1) ސިވިލް ކޯޓުން ކުރާ އެންމެހައި ޙުކުމްތައް؛
      • (2) ވަޒީފާއާބެހޭ ޓްރައިބިއުނަލުން ކުރާ އެންމެހައި ޙުކުމްތައް؛
      • (3) ސުޕްރީމް ކޯޓާއި ހައިކޯޓުން ކުރާ މަދަނީ ޙުކުމްތައް ނުވަތަ އެއިން ކޯޓަކުން ކުރާ ޙުކުމެއްގައި ހިމެނޭ މަދަނީ ބައިތައް؛
      • (4) ކްރިމިނަލް ކޯޓުން ކުރާ ޙުކުމެއްގައި ހިމެނޭ މަދަނީ ބައިތައް.
    • (ށ) ފެމިލީ ކޯޓުން ކުރާ ޙުކުމްތައް ތަންފީޛުކުރާނީ، އެ ކޯޓުގެ ކަމާބެހޭ ޑިވިޜަނުންނެވެ.
    • (ނ) މެޖިސްޓްރޭޓް ކޯޓުތަކުން ކުރާ ޙުކުމްތައް ތަންފީޛުކުރާނީ، އެ ކޯޓެއްގެ ކަމާބެހޭ ޑިވިޜަނުން، ނުވަތަ އެފަދަ ޑިވިޜަނެއް ޤާއިމުވެފައިނުވާ ކޯޓެއްގައިނަމަ، އެ ޙުކުމެއް ކުރި ކޯޓަކުންނެވެ.
    • (ރ) މި ބާބުގައި ކަނޑައެޅިގެން އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާނަމަ، މި ބާބުގެ ބޭނުމަށްޓަކައި، "ކޯޓު" ކަމަށް ބުނެފައި އެވަނީ، ޙުކުމް ތަންފީޛުކުރުމުގެ މައްސަލައެއް ބެލުމުގެ އިޚްތިޞާޞް ލިބިގެންވާ ކޯޓެއް ކަމަށް މި މާއްދާގައި ބަޔާންކުރާ ކޮންމެ ކޯޓަކަށެވެ.
  • 364. : ޙުކުމް ތަންފީޛުކުރުން ފަސްކުރުން ދަށު ކޯޓަކުން ކޮށްފައިވާ ޙުކުމެއް ނުވަތަ ޙުކުމެއްގެ ބައެއް ތަންފީޛުކުރުން ފަސްކުރެވޭނީ، އެ ޙުކުމް ނުވަތަ ޙުކުމުގެ ބައެއް ތަންފީޛުކުރުން ފަސްކުރުމަށް އިސްތިއުނާފީ މަރުޙަލާގެ ކޯޓަކުން އަމުރުކޮށްފި ހިނދެއްގައި އެކަންޏެވެ.
  • 365. : ޙުކުމް ތަންފީޛުކުރުމުގެ މައްސަލައިގެ މައްޗަށް ޞުލްޙަކުރުމުގެ އިޖުރާއަތު ނުހިނގުން ޙުކުމް ތަންފީޛުޒުކުރުމުގެ މައްސަލައެއް، އެއްވެސް ޙާލަތެއްގައި، ކޯޓެއްގައި ޤާއިމުކޮށްފައިވާ މައްސަލަ ޙައްލުމުގެ ނިޒާމަކަށް ހުށަހަޅައިގެން ނުވާނެއެވެ.
  • 366. : މި ބައި ހިނގާނެ ދާއިރާ މި ޤާނޫނުގައި އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާހާ ހިނދަކު، މި ބައިގައި ބަޔާންކުރާ އުސޫލުތައް ހިނގާނީ، ފައިސާ ދެއްކުމަށް ކޮށްފައިވާ ޙުކުމް ތަންފީޛުކުރުމާ ގުޅޭގޮތުންނެވެ.
  • 367. : ޙުކުމް ތަންފީޛުކުރުމުގެ އިޖުރާއަތު ފެށުން
    • (ހ) ޙުކުމް ތަންފީޛުކުރުމަށް އެ ޙުކުމުގައި ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި ދަރަނިވެރިޔާގެ އަމިއްލަ އިޚްތިޔާރުގައި ފުރިހަމައަށް ޙުކުމް ތަންފީޛުކޮށްފައިނުވާނަމަ، ޙުކުމް ތަންފީޛުކޮށްދިނުމަށް އެދި އަރަނިވެރިޔާގެ ފަރާތުން ކޯޓަށް ހުށަހަޅައިފިނަމަ، މި ބާބުގައި ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން އެ ޙުކުމް ތަންފީޛުކުރުމުގެ މަރުޙަލާ ކޯޓުން ކުރިއަށްގެންދަންވާނެއެވެ.
    • (ށ) ކޯޓުން ޙުކުމް ތަންފީޛުކޮށްދިނުމަށް އަރަނިވެރިޔާ ބޭނުންވާނަމަ، އެކަމަށް ކަނޑައެޅިފައިވާ ފޯމު މެދުވެރިކޮށް ކޯޓަށް ހުށަހަޅަންވާނެއެވެ. އެފަދައިން ހުށަހަޅާ ހުށަހެޅުމާއެކު، ތަންފީޛުކުރަން އެދޭ ޙުކުމުގެ ކޮޕީއަކާއި، ދަރަނިވެރިޔާގެ މުދާ ހުރި ތަނުގެ މަޢުލޫމާތާއި، އެނޫންވެސް ޙުކުމް ތަންފީޛުކުރުމަށް އެހީއަކަށްވާނެ މަޢުލޫމާތު ހުށަހަޅަންވާނެއެވެ.
    • (ނ) މި މާއްދާގެ (ށ) ގެ ދަށުން ޙުކުމް ތަންފީޛުކޮށްދިނުމަށް އެދި އަރަނިވެރިޔާ ހުށަހެޅުމުން، އަންނަނިވި މަޢުލޫމާތު ހިމެނޭ ގޮތުގެ މަތިން، ޙުކުމް ތަންފީޛުކުރުމުގެ ނޯޓިހެއް ކޯޓުން ދަރަނިވެރިޔާއަށް ފޮނުވަންވާނެއެވެ. އެގޮތުން، ދޭ ނޯޓިހުގައި އަންނަނިވި މަޢުލޫމާތު ހިމަނަންވާނެއެވެ.
      • (1) ޙުކުމުގެ ތާރީޚު؛
      • (2) އަރަނިވެރިޔާއާއި ދަރަނިވެރިޔާގެ ނަމާއި ގުޅޭނެ ގޮތުގެ މަޢުލޫމާތު؛
      • (3) ކޯޓަށް ގުޅޭނެ މަޢުލޫމާތު؛
      • (4) ޙުކުމުގެ ދަށުން ދައްކަންޖެހޭ ފައިސާގެ ޢަދަދު؛
      • (5) ޙުކުމުގެ ބައެއް ތަންފީޛުވެފައިވާނަމަ އެކަން؛
      • (6) ތަންފީޛުކުރުމަށް އަޅަން ބޭނުންވާ ފިޔަވަޅުތައް.
  • 368. : ޙުކުމް ތަންފީޛުކުރުމުގެ މައްސަލައިގައި ހިމެނޭ ފަރާތްތަކުގެ ޙައްޤުތަކާއި އިލްތިޒާމްތައް
    • (ހ) މި ޤާނޫނުގެ 367 ވަނަ މާއްދާގެ (ނ) ގެ ދަށުން ދޭ ޙުކުމް ތަންފީޛުކުރުމުގެ ނޯޓިސް، ޙުކުމް ތަންފީޛުކުރުމުގެ މައްސަލައިގައި ހިމެނޭ ފަރާތްތަކަށް ލިބުމުން، ހެޔޮ ނިޔަތުގައި ޙުކުމް ތަންފީޛުކުރުމަށް އެއްބާރުލުން ދޭންވާނެއެވެ. އަދި ޙުކުމް ތަންފީޛުކުރުމަށް ހުރަސްއެޅިދާނެ އެއްވެސް ކަމެއް އެފަރާތްތަކުން ކޮށްގެންނުވާނެއެވެ.
    • (ށ) ދަރަނިވެރިޔާ ދިރިއުޅޭ ނުވަތަ މަސައްކަތްކުރާ ތަނަކަށް ގުޅޭނެ މަޢުލޫމާތު ކޯޓަށް ފޯރުކޮށްދިނުމަށް، ޢާންމު ފަރުދަކަށް ނުވަތަ ސަރުކާރުގެ އިދާރާއަކަށް ނުވަތަ އެނޫންވެސް ފަރާތަކަށް ކޯޓަށް އަމުރުކުރެވިދާނެއެވެ. ސިއްރު ހިފެހެއްޓުމާއި މަޢުލޫމާތު ހާމަނުކުރުމާ ގުޅޭގޮތުން އެހެން ޤާނޫނެއްގައި އެހެންގޮތަކަށް ބަޔާންކޮށްފައިވީ ނަމަވެސް، މި މާއްދާގެ ދަށުން ކޯޓުން ކުރާ އަމުރު، އެ އަމުރު ރައްދުވާ ފަރާތުން ތަންފީޛުކުރަން ލާޒިމުވާނެއެވެ.
    • (ނ) މި މާއްދާގެ (ށ) އެހެން އޮތްނަމަވެސް، އެ މާއްދާގައި ބަޔާންކުރާ އަމުރުގައި ހާމަކުރުމަށް އަންގާފައިވާ މަޢުލޫމާތަކީ ޤާނޫނީ އިމްތިޔާޒު ލިބިގެންވާ މަޢުލޫމާތެއްނަމަ، އެ މަޢުލޫމާތެއް ހާމަކުރުން ލާޒިމުވެގެންނުވެއެވެ.
    • (ރ) ޙުކުމް ތަންފީޛުކުރުމުގެ މައްސަލަތަކުގައި ކޯޓުން އަދާކުރަންޖެހޭ ޒިންމާތައް އަދާކުރުމުގެ ގޮތުން ކޯޓުގެ ކަމާބެހޭ މުވައްޒަފަކު ކުރަންޖެހޭ ކަންކަން ކުރުމުގައި އެ މުވައްޒަފު ޤަޞްދުގައި ނުވަތަ ފާޅުކަންބޮޑު ގޮތެއްގައި ގޯހެއް ހަދާފައިނުވާނަމަ، އެ ކަންކަމަށް އެ މުވައްޒަފަކު ޒިންމާވާކަށް ނުޖެހޭނެއެވެ.
    • (ބ) ޙުކުމް ތަންފީޛުކުރުމުގެ ގޮތުން ވަކި ތަނެއްގައި ހުރި މީހެއް ނުވަތަ މުދަލެއް އެތަނަކުން ނެރުމުގެ ބޭނުމުގައި ނުވަތަ އެ މުދަލެއް ހިފެހެއްޓުމުގެ ބޭނުމުގައި ނުވަތަ ވަކި ތަނެއްގައި ހުރި މީހަކު އެތަނަކުން ނެރުމަށް އެތަނަކަށް ވަނުމަށްޓަކައި ބާރުގެ ބޭނުންކުރަންޖެހިއްޖެނަމަ، ކޯޓުގެ ކަމާބެހޭ މުވައްޒަފު އެތަނަކަށް ވަނުމުގެ ކުރިން ފުލުހުންގެ އެހީތެރިކަމަށް އެދެންވާނެއެވެ. އަދި ޙުކުމް ތަންފީޛުކުރުމަށްޓަކައި ކޯޓުން ކަނޑައަޅާ ފިޔަވަޅުތައް އެޅުމަށް ފުލުހުންގެ މައްޗަށް ކޯޓުން އަންގާ އެންގުންތަކާ އެއްގޮތަށް އެފަރާތްތަކުން ޢަމަލުކުރަންވާނެއެވެ.
    • (ޅ) ޙުކުމް ތަންފީޛުކުރަންޖެހެނީ ކޯޓުގެ އިޚްތިޞާޞް ހިނގާ ސަރަޙައްދުން ބޭރުގައިނަމަ، ޙުކުމް ތަންފީޛުކުރުމުގެގޮތުން ކުރަންޖެހޭ ކަންކަން ކުރުމަށް އެ ސަރަޙައްދެއްގެ ސަރަޙައްދީ އިޚްތިޞާޞް ލިބިފައިވާ ކޯޓަކާ ޙަވާލުކުރެވިދާނެއެވެ.
  • 369. : ޙުކުމް ކުރުމަށްފަހުގައި ދަރަނިވެރިޔާގެ މާލީ ޙާލަތު ބެލުން
    • (ހ) ޙުކުމުގެ ތަންފީޛީ ބާރު ހިނގަން ފެށުމުން، ދަރަނިވެރިޔާގެ އާމްދަނީއާއި، އިލްތިޒާމުތަކާއި، ދަރަންޏާއި، އަރަންޏާއި، އެ ޙުކުމް ނިސްބަތްވާ ދަރަނިވެރިޔާގެ މުދަލާއި، ޙުކުމް ކުރުމުގެ ކުރިން ނުވަތަ ފަހުން ދަރަނިވެރިޔާ ހޯދާފައިވާ އެނޫންވެސް މުދަލަކާގުޅޭގޮތުން ދަރަނިވެރިޔާގެ މާލީ ޙާލަތު ހުރިނެތްގޮތް ކޯޓަށް ބެލިދާނެއެވެ.
    • (ށ) މި މާއްދާގެ (ހ) ގެ ދަށުން ކޯޓުން ދަރަނިވެރިޔާގެ މާލީ ޙާލަތު ބަލާ ބެލުމުގައި، ހެކީގެ ގޮތުގައި ވަކި ލިޔެކިޔުމެއް ހުށަހެޅުމަށް ދަރަނިވެރިޔާގެ މައްޗަށް ލާޒިމުކުރެވިދާނެއެވެ.
    • (ނ) ދަރަނިވެރިޔާގެ މާލީ ޙާލަތު ބެލުމަށްޓަކައި، އޭނާގެ މުދަލަކާ ބެހޭގޮތުން މަޢުލޫމާތު ދެވޭނެފަދަ މަޤާމެއްގައި ހުރި އެހެން ފަރާތަކާވެސް ކޯޓަށް ސުވާލުކުރެވިދާނެއެވެ.
    • (ރ) ދަރަނިވެރިޔާގެ މާލީ ޙާލަތު ބެލުމަށްޓަކައި އޭނާގެ ކިބައިން ނުވަތަ އެހެން ފަރާތެއްގެ ކިބައިން މަޢުލޫމާތު ހޯދުމަށް ކޯޓުން ބޭނުންވާނަމަ، އެކަމަށް ޙާޟިރުވާންޖެހޭ ތަނާއި ވަގުތާއި، އެކަމަށް ބޭނުންވާ ލިޔެކިޔުމާއި އެނޫންވެސް ކަމާބެހޭ މަޢުލޫމާތުތައް ހިމެނޭ ނޯޓިހެއް އެފަރާތަކަށް ކޯޓުން ދޭންވާނެއެވެ.
    • (ބ) މި މާއްދާގެ (ރ) ގެ ދަށުން ދެވޭ ނޯޓިހާ އެއްގޮތަށް އެ ނޯޓިސް ރައްދުވާ ފަރާތުން ޙާޟިރުނުވުމަކީ ނުވަތަ ޙާޟިރުވެ ޤަޞްދުގައި ކޯޓަށް ދޮގު މަޢުލޫމާތު ދިނުމަކީ ކޯޓުގެ ޙުރުމަތް ކެނޑުމުގެ ޢަމަލެއްކަމުގައި ބެލެވޭނެއެވެ.
  • 370. : ޙުކުމް ތަންފީޛުކުރުމުގެ މައްސަލަ ކުރިއަށް ނުގެންގޮސް ހުއްޓާލަންޖެހިދާނެ ޙާލަތްތައް
    • (ހ) މި ޤާނޫނުގެ 367 ވަނަ މާއްދާގެ (ހ) ގެ ދަށުން ކޯޓުން ޙުކުމް ތަންފީޛުކުރުމުގެ މައްސަލަ ފަށާފައިވަނިކޮށް އަންނަނިވި ޙާލަތްތަކުގެ ތެރެއިން ޙާލަތެއް މެދުވެރިވެއްޖެ ޙާލަތެއްގައި މެނުވީ ޙުކުމް ތަންފީޛުކުރުމުގެ މައްސަލަ ކޯޓުން ކުރިއަށް ގެންދަންވާނެއެވެ.
      • (1) އަރަނިވެރިޔާ ނުވަތަ ދަރަނިވެރިޔާ ނިޔާވުން؛
      • (2) ދަރަނި ދައްކައި ޚަލާޞްކޮށްފިކަމަށް ނުވަތަ ޙުކުމް ތަންފީޛުކޮށްފިކަމަށް އަރަނިވެރިޔާގެ ވާރިޘުންގެ ފަރާތުން ކޯޓަށް އެންގުން؛
      • (3) ދަރަނި ދައްކައި ޚަލާޞްކޮށްފިކަމުގެ ނުވަތަ ޙުކުމް ތަންފީޛުކޮށްފިކަމުގެ ހެކި ދަރަނިވެރިޔާގެ ވާރިޘުން ކޯޓަށް ހުށަހެޅުން؛ ނުވަތަ
      • (4) ދަރަނިވެރިޔާގެ ވާރިޘުން ބަލައިގަތުމަށް އަރަނިވެރިޔާ ދެކޮޅުހެދުން.
    • (ށ) ދަރަނިވެރިޔާ ނުވަތަ އަރަނިވެރިޔާއަކީ ޤާނޫނީ ޝަޚްޞަކަށްވެފައި، މި ޤާނޫނުގެ 367 ވަނަ މާއްދާގެ (ހ) ގެ ދަށުން ކޯޓުން ޙުކުމް ތަންފީޛުކުރުމުގެ މައްސަލަ ފަށާފައިވަނިކޮށް އެއިން ފަރާތެއްގެ ވިޔަފާރި ތިންވަނަ ފަރާތަކަށް ބަދަލުކޮށް، އެފަރާތުގެ ޤާނޫނީ ހައިސިއްޔަތު އުވާލައިފި ޙާލަތެއްގައި، ދަރަނި ދައްކައި ޚަލާޞްކޮށްފިކަމަށް ނުވަތަ ޙުކުމް ތަންފީޛުކޮށްފިކަމަށް އެފަރާތުގެ ވިޔަފާރި ބަދަލުވި ފަރާތުން ކޯޓަށް އަންގައިފި ޙާލަތެއްގައި މެނުވީ، ނުވަތަ ދަރަނި ދައްކައި ޚަލާޞްކޮށްފިކަމުގެ ނުވަތަ ޙުކުމް ތަންފީޛުކޮށްފިކަމުގެ ހެކި، ވިޔަފާރި ބަދަލުވި ފަރާތުން ކޯޓަށް ހުށަހަޅައިފި ޙާލަތެއްގައި މެނުވީ، ޙުކުމް ތަންފީޛުކުރުމުގެ މައްސަލަ ކޯޓުން ކުރިއަށް ގެންދަންވާނެއެވެ.
  • 371. : ހިފެހެއްޓުމުން އިސްތިސްނާވެގެންވާ މުދާ
    • (ހ) ޙުކުމް ތަންފީޛުކުރުމުގެ ބޭނުމަށްޓަކައި އަންނަނިވި މުދާ ކޯޓުން ހިފަހައްޓައިގެން ނުވާނެއެވެ.
      • (1) ކާބޯތަކެތި، ރަޖާ، އަދި އަންނައުނުފަދަ ދަރަނިވެރިޔާއާއި އޭނާ ބަލަހައްޓަންޖެހޭ ފަރާތްތަކުން ދިރިއުޅުމަށް ކޮންމެހެން ބޭނުންވާނެ ތަކެތީގެ ތެރެއިން، އެތަކެތީގެ ބާޒާރުގެ އަގު 20,000/- (ވިހިހާސް) ރުފިޔާއަށްވުރެ ބޮޑުނޫން ތަކެތި؛
      • (2) ދަރަނިވެރިޔާ ނުވަތަ އޭނާ ބަލަހައްޓަންޖެހޭ ފަރާތެއްގެ ކިބައިގައި ހުރި ނުކުޅެދުންތެރިކަމަކަށް ނުވަތަ ބައްޔަކަށް ކުރަންޖެހޭ ބޭސްފަރުވާ ކުރުމަށްޓަކައި ބޭނުންކުރާ ތަކެތި؛
      • (3) ދިވެހިރާއްޖޭގެ ކޯޓަކުން ކޮށްފައިވާ ޙުކުމަކާ ގުޅިގެން، ނުވަތަ ދިވެހިރާއްޖޭގެ ކޯޓަކުން ތަންފީޛުކޮށްފައިވާ ޙުކުމަކާ ނުވަތަ އެއްބަސްވުމަކާ ގުޅިގެން، ބައްޔެއްގެ ސަބަބުން ނުވަތަ ނުކުޅެދުންތެރިކަމެއްގެ ސަބަބުން ނުވަތަ އެކްސިޑެންޓެއްގެ ސަބަބުން ނަގައިދެވޭ ގެއްލުމުގެ ބަދަލުގެ ގޮތުގައި ލިބިފައިވާ އެންމެހައި ފައިސާ؛
      • (4) ދަރަނިވެރިޔާ ޢާންމު ގޮތެއްގައި ދިރިއުޅޭތަނުގައި ހުރި ހިފައިގެންގުޅޭ ތަކެތީގެ ތެރެއިން، ދަރަނިވެރިޔާއާއި އޭނާގެ ޢާއިލާގެ ދިރިއުޅުމަށް ކޮންމެހެން ބޭނުންވާ ތަކެތީގެ ތެރެއިން އެތަކެތީގެ ބާޒާރުގެ އަގު 10,000/- (ދިހަހާސް) ރުފިޔާއަށްވުރެ ބޮޑުނޫން ތަކެއްޗާއި، އެތަކެތީގެ އަގު ދެނެގަނެވިފައިނުވާނަމަ ދަރަނިވެރިޔާގެ އަތުގައި ބެހެއްޓުމަށް އޭނާ ބޭނުންވާ އޭނާގެ އަމިއްލަ ތަކެތި؛ ދަރަނިވެރިޔާ ޢާންމު ގޮތެއްގައި ދިރިއުޅޭތަނުގައި ހުރި ހިފައިގެންގުޅޭ ތަކެއްޗަކީ އޭނާގެ މުދާކަމުގައި ބެލެވޭނެއެވެ.
      • (5) އެހެން ޤާނޫނަކުން ހިފެހެއްޓުން އިސްތިސްނާކުރެވިފައިވާ ކޮންމެ މުދަލެއް.
    • (ށ) މި މާއްދާގެ (ހ) ގެ ދަށުން އިސްތިސްނާކުރެވިފައިވާ މުދަލެއްގެ މައްޗަށް އޮތް ޙައްޤެއް ދޫކޮށްލަން އެއްބަސްވެފައިވާ އެއްބަސްވުމަކީ ބާޠިލު އެއްޗެއްކެވެ.
    • (ނ) ދަރަނިވެރިޔާއާއި އޭނާ ބަލަހައްޓަންޖެހޭ ޢާއިލާގެ މެންބަރުންގެ އަސާސީ ބޭނުންތައް ފުއްދުމަށް ބޭނުންވާ ފައިސާގެ މިންވަރު އުނިކުރުމަށްފަހު، ދަރަނިވެރިޔާގެ އާމްދަނީން ބާކީ ހުންނަ ފައިސާއެއް ކޯޓަށް ހިފެހެއްޓިދާނެއެވެ.
    • (ރ) ދަރަނިވެރިޔާގެ ރަސްމީ މަސައްކަތުގައި ބޭނުންކުރާ ތަކެއްޗަކީ އޭނާ މަސައްކަތް ކުރަމުންދާހާ ހިނދަކު، އަދި އެ މަސައްކަތުން ލިބޭ އާމްދަނީން ދަރަނި ދައްކާ ޚަލާޞްކުރެވިދާނެކަމަށް ކޯޓަށް ޤަބޫލުކުރެވޭނަމަ، ނުވަތަ އެ އާމްދަނީން ދަރަނީގެ ޖުމްލަ ޢަދަދުގެ ތެރެއިން ކޯޓުން ކަނޑައަޅާ މިންވަރެއް އަރަނިވެރިޔާއަށް ދެއްކޭނެނަމަ، އެ ތަކެތި ހިފެހެއްޓުމުން އިސްތިސްނާކުރެވިދާނެ ތަކެއްޗެވެ.
    • (ބ) ދަރަނިވެރިޔާ ނުވަތަ އަރަނިވެރިޔާގެ އެދުމުގެ މަތިން، މި މާއްދާގެ ދަށުން ކޯޓުން ނިންމާ ނިންމުން މުރާޖަޢާކުރެވިދާނެއެވެ. އެގޮތުން ކޯޓުގެ ނިންމުން ނިންމާތާ، 3 (ތިނެއް) ދުވަހުގެ ތެރޭގައި އެ ނިންމުމެއް މުރާޖަޢާކުރުމަށް އެދި ހުށަހަޅަންވާނެއެވެ.
  • 372. : މުދާ ހިފެހެއްޓުމުގެ އުސޫލުތައް
    • (ހ) ޙުކުމަކާ ގުޅިގެން އަރަނިވެރިޔާގެ ފަރާތުން ބޭނުންވެއްޖެނަމަ ޙުކުމް ތަންފީޛުކުރުމުގެ ތަފާތު ފިޔަވަޅުތައް އެއް ވަގުތެއްގައި އަޅައިދިނުމަށް ކޯޓުގައި އެދެވިދާނެއެވެ.
    • (ށ) ދަރަނިވެރިޔާގެ އުފުލޭ ނުވަތަ ނުއުފުލޭ މުދަލުގެ ތެރެއިން ދަރަނިވެރިޔާގެ ނުވަތަ ތިންވަނަ ފަރާތެއްގެ ޙިޔާޒަތުގެ ދަށުގައި ހުރި ކޮންމެ މުދަލެއް ހިފެހެއްޓުމަށް އަރަނިވެރިޔާއަށް ކޯޓުގައި އެދެވިދާނެއެވެ.
    • (ނ) ދަރަނިވެރިޔާގެ މުދާ ހިފެހެއްޓުމުގެ ބޭނުމަކީ އެ މުދަލެއް ކޯޓުގެ ބެލުމުގެ ދަށަށް ގެނައުމާއެކު އެ މުދާ ވިއްކައިގެން ދަރަނި ޚަލާޞްކުރުމެވެ.
    • (ރ) އުފުލޭ މުދާ ހިފަހައްޓާނީ އެ މުދަލެއް ހުރި ތަނަކުން، ކޯޓުންނެވެ.
    • (ބ) އާމްދަނީ ނުވަތަ އުޖޫރަ ހިފަހައްޓާނީ، އެ އާމްދަނީ ނުވަތަ އުޖޫރަ ދަރަނިވެރިޔާއަށް އަދާކުރަންޖެހޭ ތިންވަނަ ފަރާތުގެ ކިބައިން، އެފަރާތަށް ޙުކުމް ތަންފީޛުކުރުމުގެ ނޯޓިސް ފޮނުވައިގެންނެވެ.
    • (ޅ) މި މާއްދާގެ ބޭނުމަށްޓަކައި، މޭވާއާއި ތަރުކާރީފަދަ ކާނާގެ ބާވަތްތަކަކީ އެތަކެތި ފޯދިފައިވާ ބިމުން ވަކިނުކުރިކަމުގައިވީނަމަވެސް، އުފުލޭ މުދާކަމުގައި ބެލެވޭނެއެވެ.
  • 373. : ޙުކުމް ތަންފީޛުކުރުމުގައި މުދަލާމެދު ޢަމަލުކުރާނެ ގޮތް
    • (ހ) ޢާންމު އުސޫލުން މުދާ ހިފަހައްޓަންވާނީ ރަސްމީ ބަންދުނޫން ދުވަހެއްގެ ރަސްމީ ގަޑީގައި، ދަރަނިވެރިޔާއަށް ނުވަތަ ގާނިޝީއަކަށް ތަންފީޛުކުރުމުގެ ނޯޓިސް ރައްދުކުރުމަށްފަހުގައެވެ.
    • (ށ) ހިފަހައްޓަން ބޭނުންވާ މުދަލުގެ ނާޖާއިޒު ބޭނުންކުރަމުންދާނަމަ ނުވަތަ އެ މުދާ ވިއްކާލުމުގެ އިޙްތިމާލު އޮތްނަމަ ނުވަތަ ވިރާނާވާން ދޫކޮށްލައިފިނަމަ، މި މާއްދާގެ (ހ) ގައި ކަޑައަޅާފައިވާ ވަގުތުތައް ނޫން ވަގުތުތަކުގައިވެސް ކޯޓަށް މުދާ ހިފެހެއްޓިދާނެއެވެ.
    • (ނ) އުފުލޭ މުދާ ހިފެހެއްޓުމުގެ މަސައްކަތް ފެށުމަށްފަހު މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ވަގުތުގެ ކުރިން އެ މަސައްކަތް ނުނިމިއްޖެނަމަ، މައްސަލައިގެ ޚަޞްމުންގެ މަޞްލަޙަތުގައި އެންމެ ރަނގަޅުގޮތަކީ އެ މަސައްކަތް ކުރިއަށް ގެންދިޔުންކަމަށް ކޯޓަށް ފެނިއްޖެ ޙާލަތެއްގައި އެ މަސައްކަތް، ކުރިއަށް ގެންދެވިދާނެއެވެ. އެނޫން ޙާލަތެއްގައި، އެ މަސައްކަތް ވިދިގެން އަންނަ މަސައްކަތު ދުވަހެއްގައި ކުރިއަށް ގެންދިޔުމަށްޓަކައި އަޅަންޖެހޭ ސަލާމަތީ ފިޔަވަޅުތައް އެޅުމަށްފަހު، އެ މަސައްކަތް ހުއްޓާލަންވާނެއެވެ.
  • 374. : ޙުކުމް ތަންފީޛުކުރުމުގައި މުދަލާމެދު ޢަމަލުކުރި ގޮތުގެ ޔައުމިއްޔާ
    • (ހ) މުދާ ހިފެހެއްޓުމުގެ ކަންކަން ކުރިއަށްދިޔަ ގޮތުގެ ޔައުމިއްޔާއެއް ކޯޓުން ތައްޔާރުކޮށް، އަންނަނިވި ކަންކަން އެ ޔައުމިއްޔާގައި ކޯޓުން ރެކޯޑުކުރަންވާނެއެވެ.
      • (1) ދަރަނިވެރިޔާގެ ނަން؛
      • (2) މުދާ ހިފެހެއްޓުނު ވަގުތު ދަރަނިވެރިޔާ ޙާޟިވުރެ ހުރިކަން ނުވަތަ ނޫންކަން؛
      • (3) ހިފެހެއްޓުނު މުދަލުގެ މިލްކުވެރިކަމާގުޅޭ މަޢުލޫމާތު؛
      • (4) ޙުކުމް ތަންފީޛުކުރުމުގެ ނޯޓިހުގެ ތާރީޚު؛
      • (5) އަރަނިވެރިޔާގެ ނަން؛
      • (6) މުދާ ހިފެހެއްޓުނު ތާރީޚާއި، ވަގުތާއި، ހިފެހެއްޓުނު ގޮތް؛
      • (7) މުދަލުގެ ބެލެނިވެރި ފަރާތުގެ ނަމާއި، އަދި ކޯޓުން އެކަމަށް ހުއްދަ ދީފައިވާނަމަ އެ ހުއްދައަށް ޙަވާލާދީފައިވާ އޮތުން.
    • (ށ) އުފުލޭ މުދާ ހިފަހައްޓާ ޙާލަތުގައި، ހިފެހެއްޓޭ މުދަލުގެ އަގުން ޙުކުމް ތަންފީޛުކުރުމަށް ދާ ޚަރަދު އުނިކުރުމަށްފަހު ބާކީވާ ޢަދަދަކީ އަރަނިވެރިޔާއަށް ދައްކަންޖެހޭ ފައިސާގެ ޢަދަދަށްވުރެ ކުޑަ ޢަދަދެއްނަމަ، މި މާއްދާގެ (ހ) ގައި ބަޔާންކުރާ ކަންކަމުގެ އިތުރުން، ދަރަނިވެރިޔާގެ އުފުލޭ މުދަލުގެ ތެރެއިން ހިފަހައްޓާފައިނުވާ މުދަލުގެ ބާޒާރުގެ އަގު އެ ޔައުމިއްޔާގައި ރެކޯޑުކުރަންވާނެއެވެ.
    • (ނ) ދަރަނިވެރިޔާއަށާއި އަރަނިވެރިޔާއަށާއި، ހިފެހެއްޓުނު މުދަލުގެ މައްޗަށް ޙައްޤެއް އޮތް ކޮންމެ އަރަނިވެރިޔަކަށް އަދި މުދާ ބެލެހެއްޓުމަށް ކަނޑައަޅާފައިވާ ތިންވަނަ ފަރާތްތަކަށް މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ޔައުމިއްޔާ ކޯޓުން ފޮނުވަންވާނެއެވެ.
  • 375. : ޙުކުމް ތަންފީޛުކުރުމުގައި ދަރަނިވެރިޔާ އަމިއްލައަށް މުދާ ވިއްކާލުން
    • (ހ) ހިފެހެއްޓިފައިވާ މުދަލަކީ ރަހުނުކޮށްފައިވާ މުދަލަކަށް ނުވާނަމަ، އެއްބަސްވުމެއްގެ ދަށުން އެ މުދަލެއް ވިއްކާލުމަށްޓަކައި، މުދާ ހިފެހެއްޓުނު ތާރީޚުން ފެށިގެން 2 (ދޭއް) މަސްދުވަސް ދަރަނިވެރިޔާއަށް ލިބިގެންވެއެވެ. އެ މުއްދަތުގައި ދަރަނިވެރިޔާ އެ ޙައްޤު ބޭނުންކޮށްފައިނުވާނަމަ ނުވަތަ އެ ޙައްޤު ދޫކޮށްލައިފިނަމަ، ކޯޓަށް އެ މުދާ ވިއްކާލެވިދާނެއެވެ.
    • (ށ) ހިފެހެއްޓިފައިވާ މުދަލެއް ދަރަނިވެރިޔާއަށް ވިއްކާލެވޭނީ، މުދާ ވިއްކާ އަގަކީ ވިޔަފާރީގެ ގޮތުން އެކަށީގެންވާ އަގެއް ކަމުގައި ކޯޓަށް ޤަބޫލުކުރެވޭ އަގެއްގައި، ކޯޓުގެ ހުއްދައާއެކުގައެވެ.
    • (ނ) މުދާ ވިއްކާ އަގަކީ ވިޔަފާރީގެ ގޮތުން އެކަށީގެންވާ އަގެއް ކަމުގައި ކޯޓަށް ޤަބޫލުކުރެވޭނަމަ، މުދާ ވިއްކާލުމުގެ ނޯޓިސް ޙުކުމް ތަންފީޛުކުރަން އެދޭ އަރަނިވެރިޔާއަށާއި، ހިފެހެއްޓިފައިވާ މުދަލުގެ މައްޗަށް ޙައްޤެއް އޮތް ކޮންމެ އަރަނިވެރިޔަކަށާއި ގާނިޝީއަކަށް ފޮނުވަންވާނެއެވެ. އަދި އެ އަގުގައި އެ މުދާ ވިއްކުމަށް އިޢުތިރާޟުކުރުމަށް އެ ފަރާތްތަކަށް 10 (ދިހައެއް) ދުވަހުގެ މުއްދަތެއް ކޯޓުން ދޭންވާނެއެވެ. އެގޮތުން ދެވޭ މުއްދަތުގައި އެ އަގާމެދު އެއްވެސް ފަރާތަކުން އިޢުތިރާޟްކޮށްފައިނުވާނަމަ، އެ މުއްދަތު ހަމަވާ ތާރީޚުގައި މުދާ ވިއްކާލެވިދާނެއެވެ.
    • (ރ) މި މާއްދާގެ (ނ) ގެ ދަށުން މުދާ ވިއްކާލުމަށްފަހު މުދަލުގެ އަގުގެ ގޮތުގައި ލިބުނު ފައިސާ، އެ މުޢާމަލާތް ނިމޭތާ ގިނަވެގެން 5 (ފަހެއް) ދުވަހުގެ ތެރޭގައި ކޯޓާ ޙަވާލުކުރަންވާނެއެވެ.
    • (ބ) މުދާ ވިއްކާލުމުގެ ކުރިން، ޙުކުމް ތަންފީޛުކުރުމަށް ހިނގާފައިވާ ޚަރަދާއެކު، ޙުކުމުގައި ދެއްކުމަށް އަންގާފައިވާ ފައިސާ އެއްކޮށް ދައްކައި ޚަލާޞްކުރުމަށްފަހު، އެ މުދަލެއް ހިފަހައްޓާފައި އޮތް އޮތުން ބާޠިލުކުރުމަށް އެދެވިދާނެއެވެ.
    • (ޅ) ދަރަނިވެރިޔާގެ ވަކި މުދަލެއް ހިފެހެއްޓުމުގެ ސަބަބުން ދަރަނިވެރިޔާއަށް ގެއްލުންވާނަމަ، ކޯޓުގެ ހުއްދައާއެކު، އެފަދައިން ހިފެހެއްޓިފައިވާ މުދާ، ރަހުނުކޮށްފައިނުވާ މުދަލަކާ ބަދަލުކުރެވިދާނެއެވެ. އެގޮތުން ބަދަލުކުރެވޭ މުދަލަކީ އެ ވިއްކައިގެން ޙުކުމް އެކުގައި ތަންފީޛުކުރެވޭނެވަރުގެ އަގުހުރި މުދަލަކަށްވާންވާނެއެވެ.
    • (ކ) މުދާ ވިއްކާލުމުގެ ކުރިން، އެ މުދާ ހިފަހައްޓާފައި އޮތް އޮތުން ބާޠިލުކުރުމުގެ ހުއްދަ ދަރަނިވެރިޔާ ހޯދައިފިނަމަ، އެކަން ކޯޓުން ރެކޯޑުކޮށް އަދި ކަމުގެ މަޞްލަޙަތު އޮތް ފަރާތަކުން އެދިއްޖެނަމަ މުދާ ދޫކުރެވިފައިވާކަމުގެ ލިޔުމެއް އެފަރާތަކަށް ދޫކުރަންވާނެއެވެ.
  • 376. : ޙުކުމް ތަންފީޛުކުރުމަށްޓަކައި ތަން ހުސްކުރަންޖެހޭ ޙާލަތުގައި ހިނގާނެ ޚާއްޞަ އުސޫލުތައް
    • (ހ) ޙުކުމް ތަންފީޛުކުރުމުގެ ގޮތުން ވަކި ތަނަކުން ދަރަނިވެރިޔާ ނެރެ، ތަން ހުސްކުރަންޖެހޭނަމަ، ޙުކުމް ތަންފީޛުކުރަން ހަމަޖެހިފައިވާ ތާރީޚުގެ 15 (ފަނަރަ) ދުވަސް ކުރިން އެކަމުގެ ނޯޓިސް ދަރަނިވެރިޔާއަށް ދޭންވާނެއެވެ.
    • (ށ) މި މާއްދާގެ (ހ) ގެ ދަށުން ފޮނުވާ ނޯޓިހުގައި، ކަނޑައެޅިފައިވާ މުއްދަތެއްގެ ތެރޭގައި ދަރަނިވެރިޔާގެ އެންމެހައި އުފުލޭ މެދުލެއް އެތަނަކުން ނެރުމަށް ނުވަތަ އެކަމަށް ދާނެ ޚަރަދު ދިނުމަށް އަމުރުކުރަންވާނެއެވެ. އަދި އެފަދައިން ޢަމަލުނުކޮށްފިނަމަ، އެތަނުގައި ހުރި އުފުލޭ މުދާ ދޫކޮށްލީކަމުގައި ބެލެވޭނެކަމަށާއި އެމުދަލާމެދު މި މާއްދާގެ (ރ) ގައިވާ ގޮތުގެމަތިން ޢަމަލުކުރެވޭނެ ކަމުގައި ބަޔާންކުރަންވާނެއެވެ.
    • (ނ) ޚާއްޞަ ޙާލަތްތަކުގައި ކޯޓުން އެހެންގޮތަކަށް ކަނޑަނާޅާހާ ހިނދަކު، ރަސްމީ ބަންދު ދުވަހެއްގެ ރަސްމީ ގަޑި ފިޔަވައި އެހެން ވަގުތަކު ތަން ހުސްކުރުމުގެ މަސައްކަތް ކޮށްގެން ނުވާނެއެވެ.
    • (ރ) ތަން ހުސްކޮށް ދަރަނިވެރިޔާ އެތަނަކުން ނެރޭއިރު، އެތަނުގައި ބަހައްޓާފައި ހުންނަ އުފުލޭ މުދަލަކީ ދަރަނިވެރިޔާ ދޫކޮށްލި މުދަލެއްކަމަށް ބަލައި، އެމުދަލެއް އަރަނިވެރިޔާގެ ފައިދާއަށް ވިއްކާލުމަށް، ނުވަތަ އެމުދަލެއް ވިއްކާލެވެން ނެތް ޙާލަތުގައި، ޞަދަޤާތެއްގެ ގޮތުގައި ދިނުމަށް ނުވަތަ ދައުލަތަށް ނެގުމަށް ނުވަތަ އެފަދައިން ޢަމަލުކުރެވެން ނެތްނަމަ، އެ މުދަލެއް ނައްތާލުމަށް ކޯޓަށް ނިންމިދާނެއެވެ.
  • 377. : ގާނިޝީގެ ކިބައިން މުދާ ހިފެހެއްޓުމުގެ ޢާންމު އުސޫލުތައް
    • (ހ) ޙުކުމް ތަންފީޛުކުރުމުގެ މައްސަލައެއްގައި، ގާނިޝީއެއްގެ ފަރާތުން ޙުކުމުގައި ބަޔާންކުރާ ފައިސާ ހޯދިދާނެކަމަށް ކޯޓަށް ޤަބޫލުކުރެވޭނަމަ، ކޯޓުން އެ ގާނިޝީއަށް ޙުކުމް ތަންފީޛުކުރުމުގެ ނޯޓިހެއް ފޮނުވަންވާނެއެވެ.
    • (ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ނޯޓިސް ލިބޭތާ 10 (ދިހައެއް) ދުވަހުގެ ތެރޭގައި، ދަރަނިވެރިޔާއަށް ގާނިޝީ އަދާކުރަންޖެހޭ ދަރަންޏާ ގުޅޭގޮތުންނާއި ކޯޓަށް އޭނާ ބަޔާން ހުށަހަޅާ ވަގުތުގައި އޭނާ ޒިންމާވާންޖެހިދާނެ ދަރަންޏަކާ ގުޅޭގޮތުން، އެދަރަނީގެ ޢަދަދާއި، ސަބަބާއި ޝަރުޠުތައް ބަޔާންކޮށް، ކޯޓަށް ބަޔާނެއް ހުށަހެޅުމަށް އަންގަންވާނެއެވެ.
    • (ނ) މި މާއްދާގެ (ށ) ގެ ދަށުން ގާނިޝީ ހުށަހަޅާ ބަޔާނާއެކު، އޭނާގެ ޙިޔާޒަތުގެ ދަށުގައި ހުރި ދަރަނިވެރިޔާގެ މުދަލާއި، އެމުދަލުގެ މިލްކުވެރިކަމާބެހޭ ތަފްޞީލު މަޢުލޫމާތު ހުށަހަޅަންވާނެއެވެ. އަދި، ގާނިޝީގެ އެއްވެސް މުދަލެއް ހިފެހެއްޓިފައިވާނަމަ، އެކަންވެސް އޭނާގެ ބަޔާނުގައި ހާމަކުރަންވާނެއެވެ.
    • (ރ) މި މާއްދާގެ (ށ) ގެ ދަށުން ގާނިޝީ ހުށަހަޅާ ބަޔާން ކޯޓަށް ލިބުމާއެކު، އެ ބަޔާން ރެކޯޑުކޮށް، އެ ބަޔާން އަރަނިވެރިޔާއަށާއި ދަރަނިވެރިޔާއަށް ރައްދުކޮށް، އެ ބަޔާނަށް އިޢުތިރާޟުކުރުމަށް 15 (ފަނަރަ) ދުވަހުގެ ފުރުޞަތެއް އެ ފަރާތްތަކަށް ދޭންވާނެއެވެ.
    • (ބ) ތަންފީޛުކުރެވެނީ ދެ ޙުކުމް ނުވަތަ އެއަށްވުރެ ގިނަ ޙުކުމްނަމަ، ނުވަތަ ޙުކުމް ތަންފީޛުގެ މައްސަލައިގައި ދެ އަރަނިވެރިން ނުވަތަ އެއަށްވުރެ ގިނަ އަރަނިވެރިން ތިބިނަމަ، އެއިން ކޮންމެ ޙުކުމަކާ ނުވަތަ އަރަނިވެރިޔަކާގުޅޭ ރެކޯޑެއްގައި ގާނިޝީގެ ބަޔާން ފައިލުކުރަންވާނެއެވެ.
    • (ޅ) ގާނިޝީގެ ކިބައިން މުދާ ހިފެހެއްޓުމުން، ގާނިޝީ ވެގެންދާނީ އެ މުދަލުގެ ބެލެހެއްޓުން ޙަވާލުކުރެވިފައިވާ ފަރާތަށެވެ.
    • (ކ) ގާނިޝީގެ ޙިޔާޒަތުގެ ދަށުގައި ހުރި ދަރަނިވެރިޔާގެ މުދާ ޙަވާލުކުރުމަށް ކޯޓުން އެދިއްޖެނަމަ އެ މުދާ ކޯޓާ ޙަވާލުކުރަންވާނެއެވެ. އަދި ކޯޓުން އެދިއްޖެނަމަ، ގާނިޝީ ދަރަނިވެރިޔާއަށް ދައްކަންޖެހޭ ދަރަންޏާބެހޭ އެންމެހައި ލިޔެކިޔުންތައް ކޯޓާ ޙަވާލުކުރަންވާނެއެވެ. އޭގެ އިތުރުން، ކޯޓުން އަމުރުކޮށްފިނަމަ، މި ޤާނޫނުގެ 369 ވަނަ މާއްދާގައިވާ ގޮތުގެމަތިން ގާނިޝީގެ މާލީ ޙާލަތު އެނގޭނެ ބަޔާނެއް އޭނާ ކޯޓަށް ހުށަހަޅަންވާނެއެވެ.
    • (އ) ދަރަނިވެރިޔާގެ އާމްދަނީ ކޯޓުން ހިފަހައްޓާނަމަ، ޙުކުމް ތަންފީޛުކުރުމުގެ ނޯޓިސް ގާނިޝީއަށް ލިބޭތާ 10 (ދިހައެއް) ދުވަހުގެ ތެރޭގައި، ގާނިޝީ ދަރަނިވެރިޔާއަށް ދައްކަންޖެހޭ ފައިސާގެ ތެރެއިން، އާމްދަނީގެ ގޮތުގައި ހިފެހެއްޓިފައިވާ ފައިސާގެ މިންވަރު އުނިކޮށް، އެފައިސާ ކޯޓަށް ދައްކަންވާނެއެވެ.
    • (ވ) ދަރަނިވެރިޔާއަށް އާމްދަނީ ލިބޭ އެއް ވަސީލަތަށްވުރެ ގިނަ ވަސީލަތް ހުރިނަމަ، އާމްދަނީގެ ތެރެއިން ހިފެހެއްޓޭނީ ކިހާ މިންވަރެއްކަން ކަނޑައެޅުމަށްފަހު، ގާނިޝީ ދަރަނިވެރިޔާއަށް ދައްކަންޖެހޭ ފައިސާގެ ތެރެއިން އުނިކޮށް ކޯޓަށް ދައްކަންޖެހޭ މިންވަރު ކަނޑައަޅާނީ ކޯޓުންނެވެ.
    • (މ) ދަރަނިވެރިޔާގެ އާމްދަނީ ލިބޭ ވަސީލަތްތައް ފަސޭހައިން ދެނެގަނެވެން ނެތްނަމަ، ނުވަތަ އޭނާއަށް އާމްދަނީ ލިބެނީ ދާއިމީ ސިފައެއްގައި ކަމުގައިނުވާނަމަ، އިންސްޓޯލްމަންޓް އެއްބަސްވުމެއްގެ ދަށުން ދަރަނިވެރިޔާ ކޯޓަށް ދައްކަންޖެހޭ ފައިސާގެ ޢަދަދު ކަނޑައަޅާނީ ކޯޓުންނެވެ.
    • (ފ) ގާނިޝީއާއި ދަރަނިވެރިޔާއާ ދެމެދު އޮތް ޤާނޫނީ ގުޅުމަށް ބޮޑު ބަދަލެއް އަތުވެއްޖެނަމަ، ނުވަތަ އެގުޅުން ނިމުމަކަށް އަތުވެއްޖެނަމަ، ގާނިޝީ ލަސްނުކޮށް އެކަން ކޯޓަށް އަންގަންވާނެއެވެ.
    • (ދ) ދަރަނިވެރިޔާގެ އާމްދަނީ ލިބޭ ވަސީލަތްތައް އެގޮތުގައި ދެމިއޮތްހާ ހިނދަކު، އަދި އަރަނިވެރިން ކޮށްފައިވާ ދަޢުވާތަކަށް ފައިސާ ދައްކާ ޚަލާޞްކޮށް ނިމެންދެން، ދަރަނިވެރިޔާގެ އާމްދަނީ ހިފަހައްޓާފައިވާ ހިފެހެއްޓުން ދެމިއޮންނާނެއެވެ.
    • (ތ) ގާނިޝީއަށް ދަރަނިވެރިޔާ މަސައްކަތްކޮށްދެނީ އުޖޫރައަކާ ނުލައިކަމަށް އެފަރާތުން ބުނާނަމަ، ނުވަތަ ގާނިޝީ ދޭ އުޖޫރައަކީ މަސައްކަތާ ނުބައްދަލު އުޖޫރައެއްކަމުގައި ސާފުކޮށް އެނގެން އޮތްނަމަ، ދަރަނިވެރިޔާ ކުރާ މަސައްކަތުގެ އަގު މުރާޖަޢާކޮށް އެ މަސައްކަތަށް ޢަދުލުވެރި އުޖޫރައެއް ކޯޓަށް ކަނޑައެޅިދާނެއެވެ. ނުވަތަ އެފަދައިން ކަނޑައަޅައިދިނުމަށް އެދި އަރަނިވެރިޔާއަށް ކޯޓަށް ހުށަހެޅިދާނެއެވެ.
    • (ލ) މި މާއްދާގެ (ތ) ގެ ދަށުން އެފަދައިން ކޯޓުން އުޖޫރައެއް ކަނޑައަޅައިފިނަމަ، އެ ކަނޑައެޅި ޢަދަދު ބަދަލުކުރަންޖެހޭ ކަމުގައި ކޯޓުން ކަނޑަނާޅާހާ ހިނދަކު، އުޖޫރައިގެ ޢަދަދު މުރާޖަޢާކޮށްދިނުމަށް ކޯޓަށް ހުށަހެޅި ތާރީޚުން ފެށިގެން އެ ޢަދަދަށް ބަދަލުއައީ ކަމުގައި ބެލެވޭނެއެވެ.
    • (ގ) މި މާއްދާގެ (ލ) ގައި ބަޔާންކޮށްފައިވާ ޙާލަތުގައި އުޖޫރަ މުރާޖަޢާކުރުމުގެ އަޑުއެހުމެއް ބޭއްވުމުގެ 5 (ފަހެއް) ދުވަސް ކުރިން އެކަމުގެ ނޯޓިސް ދަރަނިވެރިޔާއަށާއި ގާނިޝީއަށް ކޯޓުން ފޮނުވަންވާނެއެވެ. އުޖޫރަ މުރާޖަޢާކުރުމާމެދު ކޯޓުން ނިންމާ ނިންމުން އިސްތިއުނާފެއް ނުކުރެވޭނެއެވެ.
    • (ޏ) ގާނިޝީ ދަރަނިވެރިޔާއަށް ދައްކަންޖެހޭ ދަރަނި އަދާކޮށް ނިންމަންޖެހޭނީ ކުރިއަށް އޮތް ތާރީޚެއްގައި ކަމަށްވާނަމަ، އެ ދަރަންޏެއް އަދާކުރަންޖެހޭ ތާރީޚުގައި ކޯޓަށް އެ ފައިސާ ދައްކަންވާނެއެވެ. އަދި އެ ދަރަނި ދެއްކުން ބިނާވަނީ ވަކި ޝަރުޠެއް ފުރިހަމަވުމުގެ، ނުވަތަ ދަރަނިވެރިޔާ ވަކި އިލްތިޒާމެއް އަދާކުރުމުގެ މައްޗަށް ކަމުގައިވާނަމަ، އެ ޝަރުޠެއް ނުވަތަ އެ އިލްތިޒާމެއް ފުރިހަމަވަންދެން ދަރަނިވެރިޔާގެ ފައިސާ ނުވަތަ މުދާ ހިފަހައްޓާފައި އޮތް އޮތުން ދެމިއޮންނާނެއެވެ.
    • (ސ) ދަރަނިވެރިޔާއަށް ގާނިޝީ ދަރަނިވެރިވެފައިނުވާކަމަށް އެފަރާތުން ބުނިނަމަވެސް އެކަން ކޯޓަށް ސާބިތުކޮށްނުދެވޭނަމަ، މުދާ ދޫކުރުމުގެ ހުއްދައަކަށް އެދި ގާނިޝީއަށް ނުވަތަ ދަރަނިވެރިޔާއަށް ކޯޓުގައި އެދެވިދާނެއެވެ. އަދި އެޙާލަތުގައި ޙުކުމް ތަންފީޛުކުރުމުގެ ޚަރަދަށް ޒިންމާވާނީ މުދާ ހިފަހައްޓަން އެދޭ އަރަނިވެރިޔާއެވެ.
    • (ޑ) ގާނިޝީގެ ފަރާތުން ކޯޓަށް ދޭންޖެހޭ ބަޔާނާއި މަޢުލޫމާތު، އެފަރާތުން ކޯޓަށް ދީފައިނުވާނަމަ ނުވަތަ ދޮގު މަޢުލޫމާތެއް ދީފައިވާނަމަ ނުވަތަ ދަރަނިވެރިޔާއަށް ދައްކަންޖެހޭ ފައިސާއެއް ދައްކާފައިނުވާނަމަ ނުވަތަ އެފައިސާއެއް ދެއްކުމަށް އިޢުތިރާޟްކޮށްފިނަމަ، ދަރަނިވެރިޔާ އަރަނިވެރިޔާއަށް ދައްކަންޖެހިފައިވާ ފައިސާ، ދަރަނިވެރިޔާގެ ހައިސިއްޔަތުން ދެއްކުމަށް ގާނިޝީގެ މައްޗަށް އަމުރުކުރެވިދާނެއެވެ. ގާނިޝީގެ ޒިންމާ އަދާކުރުމުގައި ފަރުވާކުޑަކޮށްފިނަމަ، ނުވަތަ ޙަޤީޤަތް އޮޅުވާލައިފިނަމަ، އެކަމުގެ ބަދަލުދިނުމަށް ކޯޓަށް އަމުރުކުރެވިދާނެއެވެ.
    • (ޒ) މި މާއްދާގެ (ޑ) ގައި އެހެން ބަޔާންކޮށްފައިވީނަމަވެސް، ދަރަނިވެރިޔާއަށް ފައިސާ ދެއްކިފައިނުވަނީ އަމިއްލަ ބާރު ނުފޯރުވޭފަދަ ކަމެއް މެދުވެރިގެން ކަމުގައިވެފައި، ވީ އެންމެ އަވަހަކަށް ގާނިޝީ އެފައިސާ ދައްކާފައިވާނަމަ އެފަދަ އަމުރެއް ނުކުރެވޭނެއެވެ.
  • 378. : ޓެކްނޮލޮޖީގެ އާލާތެއް ހިފެހެއްޓުން
    • (ހ) ޓެކްނޮލޮޖީގެ އާލާތެއް ހިފަހައްޓާ ޙާލަތުގައި، އެ އާލާތެއްގައި ހުރި ދަރަނިވެރިޔާގެ ނުވަތަ ގާނިޝީގެ ލިޔެކިޔުންތައް، އެހެން އާލާތަކަށް ބަދަލުކުރުމުގެ ޙައްޤު އެފަރާތްތަކަށް ލިބިގެންވާ ކަމުގައި ކޯޓުން އެފަރާތްތަކަށް އަންގަންވާނެއެވެ.
    • (ށ) ހިފެހެއްޓިފައިވާ އާލާތުގެ ބެލެނިވެރިކަން ތިންވަނަ ފަރާތަކާ ޙަވާލުކުރެވިފައިވާނަމަ، އޭގައިވާ ލިޔެކިޔުމެއް ބަދަލުކުރުމަށް ދަރަނިވެރިޔާ ނުވަތަ ގާނިޝީ ބޭނުންވާނަމަ، އެ އާލާތް ހިފެހެއްޓި ތާރީޚުން ފެށިގެން 15 (ފަނަރަ) ދުވަހުގެ ތެރޭގައި އެކަން ކޯޓަށް އަންގަންވާނެއެވެ.
    • (ނ) ލިޔެކިޔުންތައް ބަދަލުކުރުމަށް ހިނގާ ޚަރަދަށް ޒިންމާވާންޖެހޭނީ، ދަރަނިވެރިޔާ ނުވަތަ ގާނިޝީއެވެ.
    • (ރ) ޓެކްނޮލޮޖީގެ އާލާތް ހިފެހެއްޓުމާމެދު އެއްވެސް ފަރާތަކުން އިޢުތިރާޟެއް ހުށަހަޅާފައިނުވާނަމަ، ނުވަތަ ހުށަހަޅާފައިވާ އިޢުތިރާޟު ކޯޓުން ބަލައިނުގެންފިނަމަ، އެ އާލާތެއް ވިއްކާލުމުގެ ކުރިން އޭގައި ހުރި އެންމެހައި ލިޔެކިޔުމެއް ފޮހެލައި އެކަން ޔައުމިއްޔާއެއްގައި ރެކޯޑުކުރަންވާނެއެވެ. އެގޮތުން ލިޔެކިޔުންތައް ފޮހެލުމަށްޓަކައި ކަމާބެހޭ ފަންނުވެރިއެއްގެ އެހީތެރިކަން ކޯޓަށް ހޯދިދާނެއެވެ. އަދި އެ ލިޔެކިޔުންތައް ފޮހެލުމުގައި އެކަމުގެ ޚަބީރެއްގެ އެހީތެރިކަން ކޯޓަށް ހޯދިދާނެއެވެ.
    • (ބ) މި މާއްދާގެ ދަށުން ހިފަހައްޓާ ޓެކްނޮލޮޖީގެ އާލާތުގައި ހިމެނޭ މި ލިޔެކިޔުންތަކަކީ ދަރަނިވެރިޔާ ނުވަތަ ގާނިޝީގެ ވަޒީފާގެ ގޮތުން އިމްތިޔާޒު ލިބިފައިވާ ލިޔެކިޔުންތަކެއްނަމަ، މި މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ގޮތަށް އެ ލިޔެކިޔުންތައް ފޮހެލަންވާނީ ދަރަނިވެރިޔާ ނުވަތަ ގާނިޝީގެ ފަރާތުން ޢައްޔަންކުރާ ފަރާތެއްގެ ޙާޟިރުގައެވެ.
  • 379. : ދަރަނިވެރިޔާގެ އަތުގައި އޮތް މުދަލެއް ހިފެހެއްޓުން
    • (ހ) ދަރަނިވެރިޔާގެ އަތުގައި އަގުހުރި މުދަލެއް އޮތްކަމަށް ކޯޓަށް ޤަބޫލުކުރެވޭނަމަ، އެ މުދަލެއް ހިފެހެއްޓުމުގެ ހުއްދަ ކޯޓަށް ދެވިދާނެއެވެ. އަދި ބޭނުންވެއްޖެ ހިނދެއްގައި ފުލުހުންގެ އެހީތެރިކަން ކޯޓަށް ހޯދިދާނެއެވެ.
    • (ށ) ދަރަނިވެރިޔާގެ އަތުގައި އޮތް މުދަލެއް ހިފެހެއްޓުމުގެ ކުރިން، އެ މުދަލެއް ކޯޓަށް ޙަވާލުކުރުމަށް ކޯޓުން ދަރަނިވެރިޔާއަށް އަންގަންވާނެއެވެ. ދަރަނިވެރިޔާ އެކަމަށް އިންކާރުކޮށްފިނަމަ، ފުލުހުންގެ އެހީތެރިކަމާއެކު ދަރަނިވެރިޔާގެ ހަށިގަނޑު ބަލައި ފާސްކުރެވިދާނެއެވެ.
    • (ނ) މި މާއްދާގެ ދަށުން ދަރަނިވެރިޔާގެ ހަށިގަނޑު ބަލައި ފާސްކުރަންވާނީ އޭނާގެ ޒާތީ ޙައްޤުތަކާއި މިނިވަންކަން ރައްކާތެރިކުރެވޭނެ ގޮތެއްގެމަތިންނެވެ.
  • 380. : ސެކިއުރިޓީއެއް ހިފެހެއްޓުން
    • (ހ) ޙުކުމް ތަންފީޛުކުރުމުގެ ގޮތުން ސެކިއުރިޓީއެއް އަތުލާނީ، ސެކިއުރިޓީ ސެޓްފިކެޓް އޮތް މީހާއަށާއި ސެކިއުރިޓީ ދޫކުރި ފަރާތަށް ނުވަތަ ދިވެހިރާއްޖޭގައި ހުރި އެފަރާތުގެ ޓްރާންސްފަރ އޭޖެންޓަށް ޙުކުމް ތަންފީޛުކުރުމުގެ ނޯޓިސް ފޮނުވައިގެންނެވެ.
    • (ށ) ސަރޓިފައިކުރެވިފައިވާ ސެކިއުރިޓީއެއްގެ އިތުރުން، ސަރޓިފައި ކުރެވިފައިނުވާ ސެކިއުރިޓއާއި، ސެކިއުރިޓީގެ ފައިދާއާއި އެނޫންވެސް ސެކިއުރިޓީގެ އެންމެހައި މަންފާއެއް ކޯޓަށް ހިފެހެއްޓިދާނެއެވެ.
    • (ނ) ސެކިއުރިޓީއެއް ހިފެހެއްޓުމުން އެ ސެކިއުރިޓީގެ ޢަދަދާއި، އިންޓްރެސްޓާއި ޑިވިޑެންޑާބެހޭ މަޢުލޫމާތާއި، ސެކިއުރިޓީއަށް ފައިސާ ދައްކާފައިވާ މިންވަރާއި އެނޫންވެސް އެ ސެކިއުރިޓީއާބެހޭ ތަފްޞީލުތައް ސެކިއުރިޓީ ދޫކޮށްފައިވާ ފަރާތުން ކޯޓަށް އަންގަންވާނެއެވެ.
  • 381. : ރަޖިސްޓަރީކޮށްފައިވާ އެއްގަމު އުޅަނދު ހިފެހެއްޓުން ރަޖިސްޓަރީކޮށްފައިވާ އެއްގަމު އުޅަނދެއް ހިފަހައްޓާނީ އެއްގަމު އުޅަނދުގެ ރަޖިސްޓަރީ ބަލަހައްޓާ ސަރުކާރުގެ އިދާރާއަށް ޙުކުމް ތަންފީޛުކުރުމުގެ ނޯޓިސް ފޮނުވައިގެންނެވެ.
  • 382. : ހިފަހައްޓާފައިވާ މުދަލުގެ ބެލެނިވެރިކަން ޙަވާލުކުރެވޭ ފަރާތް
    • (ހ) މުދާ ހިފެހެއްޓުމަށްފަހު އެ މުދަލުގެ ބެލެނިވެރިކަން ވަގުތުން ކޯޓަށް ނެގިދާނެއެވެ. ނުވަތަ އެ މުދަލެއް ބެލެހެއްޓުން ދަރަނިވެރިޔާއާ ނުވަތަ ތިންވަނަ ފަރާތަކާ ކޯޓަށް ޙަވާލުކުރެވިދާނެއެވެ.
    • (ށ) ހިފަހައްޓާފައިވާ މުދަލުގެ މައްޗަށް މަޞްލަޙަތު އޮތް އެއްވެސް ފަރާތަކަށް އެ މުދާ ބެލެހެއްޓުމަށް ކޯޓުން ޙަވާލުކޮށްގެންނުވާނެއެވެ. މިގޮތުން، އަރަނިވެރިންނާއި، އަރަނިވެރިންގެ ޤާނޫނީ ވަކީލުންނާއި، އެމީހުންގެ ޢާއިލާގެ މެންބަރުންނަށް މުދާ ބެލެހެއްޓުމަށް ޙަވާލެއް ނުކުރެވޭނެއެވެ.
    • (ނ) މުދާ ގެއްލިގެން ހިނގައިދާނެކަމަށް ބެލެވޭ އެއްވެސް ޙާލަތެއް އޮތްނަމަ، މުދަލުގެ ބެލެނިވެރިކަން ޙަވާލުކުރެވިފައިވާ ފަރާތުން އެކަން ކޯޓަށް އަންގަންވާނެއެވެ.
    • (ރ) ހިފަހައްޓާފައިވާ މުދަލެއް އެއްތަނުން އަނެއްތަނަށް ބަދަލުކުރެވޭނީ، ކޯޓުގެ ހުއްދައާ އެކުގައެވެ.
    • (ބ) ކޯޓުން އަންގައިފިނަމަ، މުދަލުގެ ބެލެނިވެރިކަން ޙަވާލުކުރެވިފައިވާ ފަރާތުން މުދާ ކޯޓާ ޙަވާލުކުރަންވާނެއެވެ.
    • (ޅ) މި މާއްދާއާ ޚިލާފަށް މުދަލުގެ ބެލެނިވެރިކަން ޙަވާލުކުރެވިފައިވާ ފަރާތުން ޢަމަލުކޮށްފިނަމަ، ނުވަތަ މުދަލަށް ގެއްލުމެއް ދީފިނަމަ، އެކަމާ ގުޅިގެން ލިބޭ ގެއްލުމުގެ ބަދަލަށް އެފަރާތުން ޒިންމާވާންޖެހޭނެއެވެ. އަދި އެފަރާތުން ކޮށްފައިވާ ޢަމަލަކީ ކޯޓުގެ ޙުރުމަތް ކެނޑުމުގެ ޢަމަލެއްކަމުގައި ބެލެވޭނެއެވެ.
    • (ކ) މުދަލުގެ ބެލެނިވެރިކަން ޙަވާލުކުރެވިފައިވާ ފަރާތުން ބޭނުންވެއްޖެނަމަ، ކޯޓުން ކަނޑައަޅާ ގޮތެއްގެމަތިން އެ މުދާ ބެލެހެއްޓުން އެހެން ފަރާތަކާ ޙަވާލުކުރެވިދާނެއެވެ.
  • 383. : މުދާ ވިއްކުން ހުއްޓުވުން
    • (ހ) އަންނަނިވި ޙާލަތްތަކުގައި ކޯޓުން މުދާ ހިފަހައްޓާފައި އޮތް އޮތުމަށާއި މުދާ ވިއްކާލުމަށް ނިންމާފައިވާ ނިންމުމަށް އިޢުތިރާޟުކޮށް މުދާ ހިފެހެއްޓުމާއި ވިއްކާލުމުގެ އިޖުރާއަތު ހުއްޓުވައިދިނުމަށް ކޯޓުގައި އެދެވިދާނެއެވެ.
      • (1) އެ މުދަލަކީ ހިފެހެއްޓުމުން އިސްތިސްނާކުރެވިފައިވާ މުދަލަކަށްވުން؛
      • (2) ދަރަނި ދައްކައި ޚަލާޞްކޮށްނިމިފައިވުން؛
      • (3) މުދާ ގަތުމަށް ހުށަހަޅާފައިވާ އަގަކީ ވިޔަފާރީގެ ގޮތުން އެކަށީގެންވާ އަގަކަށްނުވުން؛
      • (4) މުދާ ހިފެހެއްޓުމުގައި ނުވަތަ ވިއްކާލުމުގައި، އިޖުރާއަތާ ޚިލާފަށް ކޯޓުން ޢަމަލުކޮށްފައިވުން؛
      • (5) ހިފެހެއްޓިފައިވާ މުދާ އެއްކޮށް ނުވަތަ އެ މުދަލުގެ ބައެއްގެ މިލްކުވެރިކަން ކަނޑައެޅުމަށް ލިބިގެންވާ ޙައްޤު ބޭނުންކޮށްފައިވުން.
    • (ށ) މުދާ ގަތުމަށް ހުށަހަޅާފައިވާ އަގަކީ ވިޔަފާރީގެ ގޮތުން އެކަށީގެންވާ އަގެއްކަމުގައި ކަނޑައަޅާނީ، މުދަލުގެ ބާޒާރުގެ އަގަށާއި ވަގުތާއި ޙާލަތަށް ރިޢާޔަތްކޮށް އެއީ އެކަށީގެންވާ އަގެއްކަމުގައި ވާނަމައެވެ.
    • (ނ) ޙުކުމް ތަންފީޛުކުރުމުގެ މައްސަލައިގެ ޚަޞްމުންގެ އިތުރުން މުދަލުގެ މައްޗަށް މަޞްލަޙަތު އޮތް ކޮންމެ ފަރާތަކަށްވެސް މި މާއްދާގެ (ހ) ގެ ދަށުން މުދާ ހިފެހެއްޓުމުގެ ނުވަތަ ވިއްކުމުގެ އިޖުރާއަތު ހުއްޓުވައިދިނުމަށް ކޯޓުގައި އެދެވިދާނެއެވެ. އަދި ކޯޓުން އެ މުދަލެއް ހިފެހެއްޓުމަށް ނުވަތަ ވިއްކުމަށް ނިންމާތާ ގިނަވެގެން 5 (ފަހެއް) ދުވަހުގެ ތެރޭގައި އެކަން ހުއްޓުވައި ދިނުމަށް އެދި ކޯޓަށް ހުށަހަޅަންވާނެއެވެ.
    • (ރ) މުދާ ވިއްކާލުމަށް އިޝްތިހާރުކޮށްފައިވުމުގެ ސަބަބުން މުދަލުގެ ވެރިފަރާތް ފިޔަވައި، ވިއްކާލާ މުދަލުގެ މައްޗަށް ޙައްޤެއް އޮތް އެއްވެސް ފަރާތެއްގެ މަޞްލަޙަތަށް ނުރަނގަޅު އަސަރެއް ކޮށްފާނެކަމަށް އެ ފަރާތަކަށް ފެނިއްޖެނަމަ، އެ މުދާ ވިއްކައިގެން ލިބޭ ފައިސާއިން އެ ފަރާތުގެ ޙައްޤު އަދާކުރެވިގެންދާނެކަން ކަށަވަރުކުރުމަށް އެކަށީގެންވާ ގެރެންޓީއެއް ބަހައްޓާފައިނުވާނަމަ މުދާވިއްކުން ހުއްޓުވުމަށް އެދި ކޯޓަށް ހުށަހެޅިދާނެއެވެ.
    • (ބ) މި މާއްދާގެ (ރ) ގެ ދަށުން މުދާ ވިއްކުން ހުއްޓުވުމަށް އެދި މުދާ ހިފެހެއްޓިފައިވާކަމުގެ ޔައުމިއްޔާ، ނުވަތަ މުދާ ވިއްކާލުމުގެ ނޯޓިސް ނުވަތަ ތިންވަނަ ފަރާތެއްގެ ކިބައިގައި މުދާ ހިފެހެއްޓިފައިވާކަމުގެ ނޯޓިސް ލިބޭތާ 15 (ފަނަރަ) ދުވަހުގެ ތެރޭގައި ހުށަހަޅަންވާނެއެވެ. އަދި އެކަން، ޙުކުމް ތަންފީޛުކުރުމަށް އެދޭ އަރަނިވެރިޔާއަށާއި، އެނޫން އަރަނިވެރިންނަށާއި މަޞްލަޙަތު އޮތް އެހެން ފަރާތްތަކަށް އަންގަންވާނެއެވެ.
  • 384. : މުދާ ހިފެހެއްޓުމާއި ވިއްކާލުމަށް އިޢުތިރާޟުކުރުމުގެ ނަތީޖާ
    • (ހ) މި ޤާނޫނުގެ 383 ވަނަ މާއްދާގެ ދަށުން މުދާ ހިފެހެއްޓުމާއި ވިއްކާލުމަށް އިޢުތިރާޟުކޮށް މުދާ ހިފެހެއްޓުމާއި ވިއްކާލުމުގެ އިޖުރާއަތު ހުއްޓުވައިދިނުމަށް ކޯޓުގައި އެދިއްޖެނަމަ، އެ އިޖުރާއަތު ކޯޓުން ވަގުތީގޮތުން ފަސްކުރަންވާނެއެވެ.
    • (ށ) މުދާ ހިފެހެއްޓުމުގެ ނުވަތަ ވިއްކުމުގެ އިޖުރާއަތު ހުއްޓުވައިދިނުމަށް ކޯޓުގައި އެދިފައިވަނީ އެކަށީގެންނުވާ ސަބަބުތަކަށްޓަކައި، ޙުކުމް ތަންފީޛުކުރަން ހުރަސްއެޅުމުގެ ގޮތުންކަމުގައިވާނަމަ، ކޯޓުން އެ އިޖުރާއަތު ފަސްކޮށްގެންނުވާނެއެވެ.
    • (ނ) މުދާ ހިފެހެއްޓުމުގެ ނުވަތަ ވިއްކުމުގެ އިޖުރާއަތު ހުއްޓުވައިދިނުމަށް އެދި ކޯޓަށް ހުށަހެޅުމަށް ކަނޑައެޅިފައިވާ މުއްދަތު ފާއިތުވުމަށްފަހު، ޚާއްޞަ ޙާލަތެއްގައި މެނުވީ، އެ ހުށަހެޅުން ކޯޓުން ބަލައިގަނެގެން ނުވާނެއެވެ.
    • (ރ) މުދާ ހިފެހެއްޓުމުގެ ނުވަތަ ވިއްކުމުގެ އިޖުރާއަތު ހުއްޓުވައިދިނުމަށް އެދި ކޯޓަށް ހުށަހެޅުމެއްގައި އެދިފައިވަނީ އުޖޫރަ ހިފެހެއްޓުމަށް ކަމަށްވާނަމަ، ހުއްޓުވޭނީ ހަމައެކަނި އެ ފައިސާއެއް އަރަނިވެރިންގެ މެދުގައި ބެހުމެވެ.
    • (ބ) ތަންފީޛުކުރުމުގެ މައްސަލައިގައި 2 (ދޭއް) ނުވަތަ އެއަށްވުރެ ގިނަ އަރަނިވެރިން ހިމެނޭ ޙާލަތުގައި، މުދާ ހިފެހެއްޓުމުގެ ނުވަތަ ވިއްކުމުގެ އިޖުރާއަތު ހުއްޓުވައިދިނުމަށް އެދި ހުށަހަޅާފައިވަނީ އޭގެތެރެއިން އެންމެ އަރަނިވެރިޔަކާ ދެކޮޅަށް ކަމަށްވާނަމަ، ވީ ވަރަކުން އެ ހުށަހެޅުން ހުށަހެޅި ފަރާތަށް އެންގުމަށްފަހު، ޙުކުމް ތަންފީޛުކުރުމުގެ މަރުޙަލާ ކުރިއަށް ގެންދަންވާނީ މައްސަލައިގައި ހިމެނޭ ހުރިހާ އަރަނިވެރިންގެ ޙައްޤުތައް ޙިމާޔަތްކުރެވޭ ގޮތެއްގެ މަތިންނެވެ.
    • (ޅ) މުދާ ހިފެހެއްޓުމުގެ ނުވަތަ ވިއްކުމުގެ އިޖުރާއަތު ހުއްޓުވައިދިނުމަށް އެދި ހުށަހަޅާ ހުށަހެޅުން ކޯޓުން ބަލައިނުގެންފިނަމަ، އިޖުރާއަތު ހުއްޓިފައިވާ މުއްދަތަށް އަރަނިވެރިންނަށް ދައްކަންޖެހިފައިވާ ފައިސާއަށް އަރަމުންދާ ޖޫރިމަނާއަށް އެ ހުށަހެޅުން ހުށަހެޅި ފަރާތުން ޒިންމާވާންޖެހޭނެއެވެ.
    • (ކ) މުދާ ހިފެހެއްޓުމުގެ ނުވަތަ ވިއްކުމުގެ އިޖުރާއަތު ހުއްޓުވައިދިނުމަށް އެދި ކުރިން ހުށަހަޅާ ހުށަހެޅުން ކޯޓުން ބާޠިލުކޮށްފައިވަނިކޮށް، އަލުން ހުށަހަޅާ ހުށަހެޅުމަކާ ގުޅިގެން މުދާ ވިއްކާލުން ހުއްޓުވޭނީ، އަލުން ހުށަހެޅި ހުށަހެޅުން ބިނާވެފައިވަނީ ކުރިން ކޯޓުން ބާޠިލުކުރި ހުށަހެޅުމަށްފަހު މެދުވެރިވެފައިވާ ވާޤިޢާތަކެއްގެ މައްޗަށް ކަމަށްވެފައި، އެކަމަށް ކޯޓުގެ ހުއްދަ ލިބިފައިވާނަމައެވެ.
    • (އ) މުދާ ހިފެހެއްޓުމުގެ ނުވަތަ ވިއްކުމުގެ އިޖުރާއަތު ހުއްޓުވައިދިނުމަށް އެދި ހުށަހަޅާ ހުށަހެޅުމަކާމެދު ގިނަވެގެން 15 (ފަނަރަ) ދުވަހުގެ ތެރޭގައި ކޯޓުން ގޮތެއް ނިންމަންވާނެއެވެ.
  • 385. : ޝަރީޢަތުން މުދާ ވިއްކާލުން
    • (ހ) ޙުކުމް ތަންފީޛުކުރުމުގެ ގޮތުން، ހިފަހައްޓާފައިވާ މުދަލެއް ވިއްކާލުމުގެ ކަންކަން ކުރިއަށްގެންދާނީ، ކޯޓުގެ ބެލުމުގެ ދަށުން، އެކަމަށްޓަކައި ޢައްޔަންކުރާ ފަރާތެއް މެދުވެރިކޮށެވެ.
    • (ށ) މުދާ ވިއްކާލުން ޙަވާލުކުރެވިފައިވާ ފަރާތުން މުދާ ވިއްކާލުމުގެ އެންމެހައި އިޖުރާއަތުތަކަށް ޒިންމާވާންޖެހޭނެއެވެ.
    • (ނ) މުދާ ވިއްކުމަށް ޢައްޔަންކޮށްފައިވާ ފަރާތުން މުދާ ވިއްކުމާ ގުޅޭގޮތުން އަޅަމުންދާ ފިޔަވަޅުތައް ރެކޯޑުކޮށް، އެ ފިޔަވަޅުތަކުގެ މަޢުލޫމާތު ދަރަނިވެރިޔާއަށާއި އަރަނިވެރިޔާއަށް އަދި މުދަލުގެ މައްޗަށް މަޞްލަޙަތު އޮތް ކޮންމެ ފަރާތަކަށް ދޭންވާނެއެވެ.
    • (ރ) މުދާ ވިއްކާލަންވާނީ ދަރަނިވެރިޔާއަށާއި އަރަނިވެރިޔާއަށްވެސް އެންމެ މަޞްލަޙަތު ބޮޑު ގޮތެއްގެ މަތިން، ވިޔަފާރީގެ ގޮތުން އެކަށީގެންވާ އަގެއްގައެވެ.
    • (ބ) މުދަލުގެ ބާވަތަށް ބަލައި، އެއްބަސްވުމެއްގެ ދަށުން ނުވަތަ ބީލަމުގެ އުސޫލުން ނުވަތަ ނީލަމުގައިވެސް މުދާ ވިއްކާލެވިދާނެއެވެ.
    • (ޅ) ފަސޭހައިން ހަލާކުވެދާނެފަދަ އުފުލޭ މުދާ ނުވަތަ ބެލެހެއްޓުމުގެ ޚަރަދު ބޮޑު މުދާ، މުދާ ވިއްކުމުގެ އިޖުރާއަތުތައް ފުރިހަމަކުރުމަކާ ނުލައިވެސް ލަސްނުކޮށް ވިއްކާލެވިދާނެއެވެ.
    • (ކ) މުދާ ވިއްކާލުމަށް ހަމަޖެހިފައިވާ އެންމެ ދަށް އަގެއް ކޯޓަށް ކަނޑައެޅިދާނެއެވެ.
    • (އ) ދަރަނިވެރިޔާ ނުވަތަ އަރަނިވެރިޔާގެ އެދުމުގެ މަތިން، އެ ދެފަރާތުގެ ޚަރަދުގައި، އެންމެ ފައިދާބޮޑު ގޮތެއްގައި މުދާ ވިއްކާލުމުގެ ބޭނުމުގައި، މުދާ ވިއްކުން އިޢުލާނުކުރެވިދާނެއެވެ.
    • (ވ) މުދާ ވިއްކާލުމުގެ ނޯޓިސް، މުދާ ވިއްކާލުމަށް ކަނޑައެޅިފައިވާ ދުވަހުގެ 30 (ތިރީސް) ދުވަސްކުރިން މުދާ ވިއްކާ ފަރާތުން ޢާންމުކުރަންވާނެއެވެ. އަދި އެ ނޯޓިސް ދަރަނިވެރިޔާއަށާއި، އަރަނިވެރިޔާއަށާއި، މުދަލާގުޅޭގޮތުން ދަޢުވާއެއްކޮށްފައިވާ އެ ދަޢުވާގެ ޚަޞްމުންނަށާއި، މުދަލާގުޅޭގޮތުން ޙައްޤެއް އޮތްކަމަށް ރަޖިސްޓަރކޮށްފައިވާ ފަރާތްތަކަށާއި، ގާނިޝީއަށް ފޮނުވަންވާނެއެވެ. ނޯޓިސް ދިނުމުގެ އުސޫލުތަކާއި ނޯޓިހުގައި ހިމަނަންޖެހޭ މަޢުލޫމާތު، މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.
    • (މ) މުދާ ވިއްކާލުމަށް ކޯޓުން ޢައްޔަންކޮށްފައިވާ ފަރާތުން ކަނޑައަޅާފައިވާ ގޮތާއި، އެންމެ ދަށް އަގާއި، ވިއްކާލުމުގެ ޝަރުޠުތަކާމެދު ހިތްހަމަނުޖެހޭނަމަ، އެކަމުގެ ޝަކުވާ އެ ފަރާތަށް ހުށަހަޅައި އެފަރާތުން އެ ޝަކުވާއަކާމެދު ނިންމާ ގޮތާމެދު ހިތްހަމަނުޖެހޭނަމަ އެ ނިންމުން ނިންމި ތާރީޚުން ފެށިގެން 10 (ދިހައެއް) ދުވަހުގެ ތެރޭގައި ކޯޓަށް ހުށަހެޅިދާނެއެވެ. އަދި މިފަދައިން ކޯޓަށް ޝަކުވާ ހުށަހެޅުނުނަމަވެސް، ކޯޓުން އަމުރެއް ނުކުރާނަމަ، ވިއްކާލުމުގެ އިޖުރާއަތު ކުރިއަށްގެންދަންވާނެއެވެ.
    • (ފ) މުދާ ވިއްކާލުމުގެ މުޢާމަލާތެއްގައި ކޯޓުން ޢައްޔަންކުރާ ފަރާތުން ތަމްސީލުކުރާނީ މުދަލުގެ ވެރިފަރާތެވެ. އެގޮތުން، ވެރިފަރާތުގެ ނަމުގައި ގަނެވިއްކުމުގެ މުޢާމަލާތް ފުރިހަމަކުރުމާއި، ސޮއިކުރަންޖެހޭ ލިޔުމެއްގައި ސޮއިކުރުމާއި، މުދަލުގެ އަގު ބަލައިގަންނާނީ އެ ފަރާތުންނެވެ.
    • (ދ) ވިއްކާލުމަށް ނިންމާފައިވާ މުދަލަކީ ސެކިއުރިޓީއެއްނަމަ، އެފަދަ ސެކުއިރިޓީ ވިއްކުމާބެހޭގޮތުން ކަމާބެހޭ ޤާނޫނުގައި ނުވަތަ ގަވާއިދުގައި ބަޔާންކޮށްފައިވާ ހަމަތަކާއި އިޖުރާއަތުތަކަށް ކޯޓުން ޢައްޔަންކޮށްފައިވާ ފަރާތުން ޢަމަލުކުރަންވާނެއެވެ.
    • (ތ) މުދާ ވިއްކުމަށް އިޢުލާނުކުރުމަށްފަހު، މުދާ ވިއްކާނުލެވިއްޖެނަމަ، މުދާ ވިއްކުމުގެ އިޖުރާއަތު އިތުރު ދެ ފަހަރު ތަކުރާރުކުރަންވާނެއެވެ. އެ އިޖުރާއަތު ހިންގާނީ، އެކަމަށް އެއްބަސްވާ އަރަނިވެރިންގެ ޚަރަދުގައި، 3 (ތިނެއް) މަސްދުވަހާއި 6 (ހައެއް) މަސްދުވަހުގެ މުއްދަތެއް ކޮންމެ އިޖުރާއަތެއްގެ ދެމެދުގައި ހޭދަވާނެ ގޮތެއްގެމަތިންނެވެ.
    • (ލ) މުދާ ވިއްކާލުމަށްފަހު ލިބޭ މުދަލުގެ އަގު، އަރަނިވެރިންގެ މެދުގައި ބަހާނީ މި ޤާނޫނުގެ 386 ވަނަ މާއްދާގައިވާ ގޮތުގަމަތިންނެވެ.
    • (ގ) މުދާ ވިއްކާލުމުގެ އިޖުރާއަތު ނިންމުމަށްފަހު، އެކަމުގެ ތަފްޞީލުތައް ކޯޓުން ޢައްޔަންކޮށްފައިވާ ފަރާތުން ރެކޯޑުކޮށް، މުދަލުގެ އަގު ކޯޓަށް އަދާކުރަންވާނެއެވެ.
    • (ޏ) މުދާ ގަތް ފަރާތުން ގަނެވިއްކުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ނުވަތަ މުދަލާ ޙަވާލުވުމަށް ނުވަތަ މުދަލުގެ އަގު އަދާކުރުމަށް ދެކޮޅުހަދާނަމަ، ގަނެވިއްކުން ހިނގި ތާރީޚުން ފެށިގެން 10 (ދިހައެއް) ދުވަހުގެ ތެރޭގައި، ގަނެވިއްކުމުގެ މުޢާމަލާތް ތަންފީޛުކުރުމުގެ އަމުރެއް މުދާ ގަތް ފަރާތުގެ މައްޗަށް ކުރުމަށް އެދި މުދާ ވިއްކާލުމަށް ކޯޓުން ޢައްޔަންކުރި ފަރާތުން ކޯޓަށް ހުށަހެޅިދާނެއެވެ. އެގޮތުން ކޯޓުން ނެރޭ އަމުރަކީ، ގަނެވިއްކުމުގެ މުޢާމަލާތް ފުރިހަމަވެފައިވާކަމުގެ ލިޔުމެއްގެ ގޮތުގައި ބެލެވޭނެއެވެ.
    • (ސ) މުދާ ވިއްކާލާފައިވަނީ މުދަލުގެ ބާޒާރުގެ އަގާ ބަލާއިރު އެކަށީގެންނުވާ އަގަކަށް ކަމުގައި ސާފުކޮށް އެންގެން އޮތްނަމަ، ނުވަތަ މުދާ ވިއްކާލުމުގެ އިޖުރާއަތުތަކާ ޚިލާފަށް ޢަމަލުކޮށްފައިވާނަމަ އަދި އެ އިޖުރާއަތުތަކާ ޚިލާފުވެފައިވާކަން މުދާ ވިއްކާލުމުގެ ކުރިން އެނގެން ނެތްނަމަ، މުދާ ގަނެވިއްކުމުގެ މުޢާމަލާތް ބާޠިލުކޮށްދިނުމަށް އެދި ދަރަނިވެރިޔާއަށް ނުވަތަ އަރަނިވެރިޔާއަށް ކޯޓަށް ހުށަހެޅިދާނެއެވެ.
    • (ޑ) ވިއްކާލާފައިވާ މުދާ ވިއްކި ތާރީޚުން ފެށިގެން 20 (ވިހި) ދުވަހުގެ ތެރޭގައި މި މާއްދާގެ (ސ) ގެ ދަށުން ގަނެވިއްކުމުގެ މުޢާމަލާތް ބާޠިލުކުރުމަށް ކޯޓަށް ހުށަހަޅަންވާނެއެވެ.
    • (ޒ) މި މާއްދާގެ (ޑ) ގެ ދަށުން ގަނެވިއްކުމުގެ މުޢާމަލާތް ބާޠިލުކުރުމަށް ހުށަހަޅާ ތާރީޚުން ފެށިގެން 15 (ފަނަރަ) ދުވަހުގެ ތެރޭގައި އެ ހުށަހެޅުމަކާމެދު ކޯޓުން ގޮތެއް ކަނޑައަޅަންވާނެއެވެ.
  • 386. : ޙުކުމް ތަންފީޛުކޮށްގެން ލިބޭ ފައިސާ ބެހުން
    • (ހ) މުދާ ވިއްކާލައިގެން ލިބޭ ފައިސާއާއި، ހިފަހައްޓާފައިވާ ފައިސާ އަރަނިވެރިޔާއަށް ނުވަތަ އަރަނިވެރިންނަށް ބެހުމަކީ ކޯޓުގެ ޒިންމާއެކެވެ.
    • (ށ) މުދާ ވިއްކާލައިގެން ލިބޭ ފައިސާއާއި، ހިފަހައްޓާފައިވާ ފައިސާ ބަހައްޓަން ޖެހެނީ ދޭއް ނުވަތަ އެއަށްވުރެ ގިނަ އަރަނިވެރިންގެ މެދުގައިނަމަ، އަރަނިވެރިންގެ މެދުގައި ފައިސާ ބަހާނެ ތަރުތީބު ކަނޑައަޅާނީ ކޯޓުންނެވެ.
    • (ނ) އެހެން ޤާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާހާ ހިނދަކު، މުދާ ވިއްކާލައިގެން ލިބޭ ފައިސާއާއި، ހިފަހައްޓާފައިވާ ފައިސާ ބަހާނީ އަންނަނިވި ތަރުތީބުން އިސްކަންދީގެންނެވެ.
      • (1) ދައުލަތަށް ދައްކަންޖެހިފައިވާ ފައިސާ؛
      • (2) މުދާ ވިއްކާލުމަށް ކޮށްފައިވާ ޚަރަދު؛
      • (3) ރަހުނެއް ހިމެނޭ ދަޢުވާތައް؛
      • (4) ރަހުނެއް ނުހިމެނޭ ދަޢުވާތައް.
    • (ރ) މުދާ ވިއްކާލުމުގެ ޚަރަދުގެ ތެރޭގައި، މުދާ ވިއްކާލުމަށް ހިނގާފައިވާ ޚަރަދާއި، ފައިސާ ބެހުމުގެ ޚަރަދާއި، މުދާ ހިފެހެއްޓުމުގެ ޚަރަދާއި، މުދާ ވިއްކާލުމަށް ޢައްޔަންކުރާ ފަރާތުގެ ޚަރަދު ހިމެނެއެވެ.
    • (ބ) ދަރަނިވެރިޔާއަށް ލިބޭ އާމްދަނީ ހިފަހައްޓާފައިވާ ޙާލަތުގައި، އެ އާމްދަނީއަކީ އެކި މުއްދަތުތަކުގައި ދައްކަމުންދާ އާމްދަނީއެއްނަމަ، އެ އާމްދަނީގެ ފައިސާ މަދުވެގެން ކޮންމެ ތިން މަހަކުން އަރަނިވެރިޔާއަށް ދިނުމަށް ކަނޑައެޅިދާނެއެވެ. ނުވަތަ، އަރަނިވެރިޔާއާއި އޭނާ ބަލަހައްޓަންޖެހޭ ޢާއިލާގެ އަސާސީ ބޭނުންތައް ފުއްދުމަށް އެ ފައިސާއަށް ބަރޯސާވާނަމަ، އެ ފައިސާ ކޮންމެ ހަފްތާއަކު ނުވަތަ ކޮންމެ މަހަކު އަރަނިވެރިޔާއަށް ލިބޭނެ އިންތިޒާމް ކޯޓަށް ހަމަޖެއްސިދާނެއެވެ.
    • (ޅ) އަރަނިވެރިޔާގެ ދަރަނި ދައްކައި ޚަލާޞްކުރުމަށްފަހު، އެކަމުގެ ނޯޓިހެއް އަރަނިވެރިޔާއަށާއި ދަރަނިވެރިޔާއަށް ކޯޓުން ދޭންވާނެއެވެ. އަދި އެ ނޯޓިސް ލިބޭ ތާރީޚުން ފެށިގެން 15 (ފަނަރަ) ދުވަހުގެ ތެރޭގައި، އެކަމުގެ ޝަކުވާއެއް އޮތްނަމަ އެފަރާތްތަކުން ކޯޓަށް ހުށަހަޅަންވާނެއެވެ. އަދި ކޯޓަށް ޝަކުވާ ލިބޭ ތާރީޚުން ފެށިގެން 15 (ފަނަރަ) ދުވަހުގެ ތެރޭގައި، އެ ޝަކުވާއާމެދު ކޯޓުން ގޮތެއް ކަނޑައަޅަންވާނެއެވެ.
    • (ކ) ޙުކުމް ތަންފީޛުކޮށްގެން ލިބުނު ފައިސާއިން އަރަނިވެރިންނަށް ދޭންޖެހޭ ފައިސާއާއި، ޙުކުމް ތަންފީޛުކުރުމަށް ހިނގި ޚަރަދު ދައްކައި ޚަލާޞްކުރުމަށްފަހު ބާކީވާ ފައިސާ ދަރަނިވެރިޔާއާ ޙަވާލުކުރަންވާނެއެވެ.
  • 387. : ފައިސާގެ ޢަދަދެއް ހިމެނިފައިނުވާ ޙުކުމްތައް ތަންފީޛުކުރުން
    • (ހ) ފައިސާގެ ޢަދަދެއް ނުހިމެނޭ ޙުކުމެއް، އެ ޙުކުމް ތަންފީޛުކުރުން ލާޒިމުވާ ފަރާތުގެ އަމިއްލަ އިޚްތިޔާރުގައި ތަންފީޛުކޮށްފިނަމަ، އެ ޙުކުމް ކޯޓު މެދުވެރިކޮށް ތަންފީޛުކުރާނީ ޙުކުމް ތަންފީޛުކުރަންޖެހޭ ފަރާތް ޖޫރިމަނާކޮށްގެންނެވެ.
    • (ށ) މި މާއްދާގެ ދަށުން ކަނޑައަޅާ ޖޫރިމަނާއަކީ ކަނޑައެޅިފައިވާ ވަކި ޢަދަދެއްކަމުގައި ނުވަތަ އިތުރުވަމުންދާ ޢަދަދެއްކަމުގައި ނުވަތަ ތަންފީޛުނުކުރާ ޙުކުމުގެ ކޮންމެ ބަޔަކަށް ހިނގާ ޖޫރިމަނާއެއްގެ ގޮތުގައި ކޯޓަށް ކަނޑައެޅިދާނެއެވެ.
    • (ނ) މި މާއްދާގެ ދަށުން ކަނޑައަޅާ ޖޫރިމަނާ ހިނގަންފަށާނީ، ޖޫރިމަނާކުރުމަށް ނިންމި ނިންމުން ދަރަނިވެރިޔާއަށް ރައްދުކުރުމަށްފަހުއެވެ.
    • (ރ) ފައިސާގެ ޢަދަދެއް ނުހިމެނޭ ޙުކުމެއް ތަންފީޛުނުކުރުމުގެ ސަބަބުން އެ ޙުކުމް ތަންފީޛުކުރުމަށް އަރަނިވެރިޔާ ކޯޓުގައި އެދެފިނަމަ، ޙުކުމުގައި ދަރަނިވެރިޔާ އަދާކުރުމަށް ކަނޑައެޅިފައިވާ އިލްތިޒާމް ފައިސާއިން އަގުކޮށްދިނުމުގެ އިޚްތިޔާރު ކޯޓަށް ލިބިގެންވެއެވެ.
    • (ބ) ފައިސާގެ ޢަދަދެއް ނުހިމެނޭ ޙުކުމެއް ތަންފީޛުކުރުމަކީ މުސްތަޙީލުކަމެއް ކަމުގައި ކޯޓަށް ފެނިއްޖެނަމަ، ޖޫރިމަނާގެ ޢަދަދު ކޯޓަށް ދަށްކުރެވިދާނެއެވެ.
    • (ޅ) މި މާއްދާގެ ދަށުން ކަނޑައަޅާ ޖޫރިމަނާގެ ފައިސާ ނުދައްކައިފިނަމަ، ފައިސާގެ ޢަދަދެއް ހިމެނޭ ޙުކުމެއް ތަންފީޛުކުރުމަށް މި ބާބުގައި ކަނޑައަޅާފައިވާ އިޖުރާއަތުގެ ދަށުން އެ ޖޫރިމަނާގެ ފައިސާ ހޯދިދާނެއެވެ.
    • (ކ) ޙުކުމާ އެއްގޮތަށް ޢަމަލުނުކުރުމަކީ ކޯޓުގެ ޙުރުމަތް ކެނޑުން ކަމުގައި ބަލައި، އެ ކަމަށް ޤާނޫނުގައި ކަނޑައެޅިފައިވާ އަދަބެއް ދަރަނިވެރިޔާގެ މައްޗަށް ކަނޑައެޅުމަކަށް މި މާއްދާ ހުރަހެއް ނާޅައެވެ.
  • 388. : ފައިސާ ދެއްކުމަށް އަންގައި ކުރާ ޙުކުމް ފިޔަވައި އެހެން ޙުކުމެއްގައި ޚަޞްމެއްގެ ގޮތުގައި ނުހިމެނޭ ފަރާތެއްގެ މައްޗަށް ކޮށްފައިވާ އަމުރެއް ހިމެނުން ފައިސާ ދެއްކުމަށް އަންގައި ކޯޓުން ކުރާ ޙުކުމެއް ފިޔަވައި އެހެން ޙުކުމެއްގައި، އެ މައްސަލައިގެ ޚަޞްމެއްގެ ގޮތުގައި ނުހިމެނޭ ފަރާތެއްގެ މައްޗަށް ކޮށްފައިވާ އަމުރެއް ހިމެނޭނަމަ، އެ މައްސަލައިގައި ހިމެނުނު ޚަޞްމެކޭ އެއްފަދައިން އެ އަމުރެއް އެ ފަރާތުގެ މައްޗަށް ތަންފީޛުކުރެވޭނެއެވެ.
  • 389. : ފައިސާ ދެއްކުމަށް އަންގައި ކުރާ ޙުކުމް ފިޔަވައި އެހެން ޙުކުމްތައް ތަންފީޛުކުރުމަށް ހުށަހެޅުން ފައިސާ ދެއްކުމަށް އަންގައި ކުރާ ޙުކުމް ފިޔަވައި އެހެން ޙުކުމްތައް ތަންފީޛުކުރުމަށް ހުށަހަޅާނީ އެކަމަށް ކަނޑައެޅިފައިވާ ފޯމު މެދުވެރިކޮށް، އެ ޙުކުމެއް ކުރި ކޯޓަކަށެވެ.
  • 390. : ޢާންމު މާއްދާތައް
    • (ހ) ބޭރު ޤައުމެއްގައި ކޮށްފައިވާ ޙުކުމެއް، މި ބާބުގައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން ދިވެހިރާއްޖޭގައި ބަލައިގަނެ ތަންފީޛުކުރެވޭނެއެވެ. އަދި އެފަދަ ޙުކުމެއް ބަލައިގަންނަން ނުވަތަ ތަންފީޛުކުރަން އިޢުތިރާޟުކުރެވޭނީ ހަމައެކަނި މި ބާބުގައި ބަޔާންކުރާ ސަބަބުތަކުގެ މައްޗަށް ބިނާކޮށެވެ.
    • (ށ) ބޭރު ޤައުމެއްގައި ކޮށްފައިވާ ޙުކުމެއް ދިވެހިރާއްޖޭގައި ބަލައިގަނެ ތަންފީޛުކުރަން އެދި ހުށަހަޅާ މައްސަލައެއް ދިވެހިރާއްޖޭގެ އެއްވެސް ކޯޓެއްގައި މައުޟޫޢީގޮތުން ނުބެލޭނެއެވެ. އެފަދަ މައްސަލައެއްގައި ބެލޭނީ ހަމައެކަނި މި ބާބުގައި ބަޔާންކުރާ ސަބަބުތައް ތަޠުބީޤުކުރުމަށްޓަކައި ކޮންމެހެން ބޭނުންވާ ކަންތައްތަކެވެ.
    • (ނ) ބޭރު ޤައުމެއްގެ ޙުކުމެއް ދިވެހިރާއްޖޭގައި ބަލައިގަނެވޭނީ، އެ ޙުކުމަކީ އެ މައްސަލަ ހުށަހެޅުނު ޤައުމުގައި ބާރު ހިނގާ ޙުކުމެއްނަމައެވެ. އަދި އެ ޙުކުމް ދިވެހިރާއްޖޭގައި ތަންފީޛުކުރެވޭނީ، އެ ޙުކުމަކީ އެ ޤައުމުގައި ތަންފީޛުކުރެވޭނެ ޙުކުމަކަށް ވާނަމައެވެ.
    • (ރ) މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ޙުކުމަކީ، މައްސަލަ ހުށަހެޅުނު ޤައުމުގައި އިސްތިއުނާފަށް ހުށަހެޅިފައިވާ ޙުކުމެއްނަމަ، ނުވަތަ އެ ޙުކުމް އިސްތިއުނާފަށް ހުށަހެޅުމަށް ޢާންމު އުސޫލުން އޮންނަ މުއްދަތު ހަމަވެފައިނުވާނަމަ، އެ ޙުކުމެއް ތަންފީޛުކުރުން ފަސްކުރެވިދާނެއެވެ. ނުވަތަ ޙުކުމް ތަންފީޛުކުރަން އިޢުތިރާޟުކުރެވިދާނެއެވެ.
    • (ބ) މި މާއްދާގެ (ނ) އާއި (ރ) އެހެން ގޮތްނަމަވެސް، ބޭރު ޤައުމެއްގެ ޙުކުމެއް ދިވެހިރާއްޖޭގައި ތަންފީޛުކުރެވޭނީ، އެޙުކުމުގައި ދިވެހިރާއްޖޭގެ ޤާނޫނަކާ ނުވަތަ އިސްލާމްދީނުގެ އަޞްލަކާ ޚިލާފުވާ ކަމެއް އެކުލެވިގެންނުވާ ނަމައެވެ.
  • 391. : ބަލައިގަނެ ތަންފީޛުކުރެވޭނެ ސަބަބުތައް
    • (ހ) އަންނަނިވި ޝަރުޠުތަކުގެ ތެރެއިން ޝަރުޠެއް ފުރިހަމަވާނަމަ، ބޭރު ޤައުމެއްގެ ޙުކުމަކީ ދިވެހިރާއްޖޭގައި ބަލައިގަނެ ތަންފީޛުކުރެވޭނެ ޙުކުމެކެވެ.
      • (1) އެ ފަރާތަކާ ދެކޮޅަށް ޙުކުމް ޤަބޫލުކޮށް ތަންފީޛުކުރުމަށް އެދޭ މީހާއަކީ، މައްސަލަ ހުށަހެޅުނު ކޯޓުގައި ހިނގި މައްސަލައިގެ ޚަޞްމަކަށްވީއިރު މައްސަލަ ހުށަހެޅުނު ޤައުމުގައި ޢާންމުގޮތެއްގައި ދިރިއުޅޭ މީހަކަށްވުން؛
      • (2) އެ ފަރާތަކާ ދެކޮޅަށް ޙުކުމް ބަލައިގަނެ ތަންފީޛުކުރުމަށް އެދޭ މީހާއަކީ ރައްދު ދަޢުވާ ނުހިމެނޭގޮތުން، ޙުކުމް އެ މައްޗަށް ބިނާވި ދަޢުވާ ހުށަހެޅި މީހާކަމަށްވުން؛
      • (3) މައްސަލަ ހުށަހެޅުނު ކޯޓުގައި ހިނގި މައްސަލައިގެ ޚަޞްމަކަށް ވީއިރު މައްސަލަ ހުށަހެޅުނު ޤައުމުގައި ވަކި ޤާނޫނީ ޝަޚުޞަކަށް ނުވާގޮތަށް ގޮތްޕެއް، ނުވަތަ އޭޖެންސީއެއް ނުވަތަ އެހެންވެސް ތަނެއް ދަޢުވާލިބޭ ފަރާތުން ހިންގަމުން ދިއުމާއި، އަދި ޙުކުމް އެ މައްޗަށް ބިނާވި ދަޢުވާ އުފެދުނީ އެ ގޮތްޕެއް، ނުވަތަ އޭޖެންސީއެއް ނުވަތަ އެހެންވެސް ތަނަކުން ހިންގަމުން ދިޔަ ޙަރަކާތްތަކާ ގުޅޭގޮތުން ކަމަށްވުން؛
      • (4) ޙުކުމް ކުރެވުނު މައްސަލަ ހިނގަމުން ދިޔައިރު، ދަޢުވާލިބޭ ފަރާތުން މައްސަލަ ހުށަހެޅުނު ކޯޓުގެ އިޚްތިޞާޞަށް ސަރީޙަ ބަހުން އެއްބަސްވެފައިވުން؛
      • (5) އިޚްތިޞާޞާމެދު ނުވަތަ އިޚްތިޞާޞް ހިންގުމާމެދު ދަޢުވާލިބޭ ފަރާތުން ކުރާ އިޢުތިރާޟަކީ މައްސަލަ ހުށަހެޅުނު ޤައުމުގެ ޤާނޫނުތަކުގެ ދަށުން ކާމިޔާބުނުވާނެ އިޢުތިރާޟެއްކަން އެނގެން އޮތްޙާލަތުގައި ފިޔަވައި، މައްސަލަ ހުށަހެޅުނު ޤައުމުގެ ޤާނޫނުތަކުގެ ދަށުން އިޚްތިޞާޞާމެދު އިޢުތިރާޟުކުރުމަށް އޮތް މުއްދަތުގެ ތެރޭގައި އިޢުތިރާޟުނުކޮށް، މައްސަލަ ހުށަހެޅުނު ކޯޓުގައި ދަޢުވާލިބޭ ފަރާތުން މައްސަލައިގެ މައުޟޫޢަށް ވާހަކަދެއްކުން؛
      • (6) އެ ޙުކުމަކީ ކޮންޓްރެކްޓަކާ ގުޅިގެން އުފުލަންޖެހޭ އިލްތިޒާމަކާ ގުޅޭގޮތުން ކޮށްފައިވާ ޙުކުމަކަށްވެފައި، އެ ޙުކުމް ކޮށްފައިވަނީ، އަންނަނިވި ހަމަތަކުގެ މަތިން އެ އިލްތިޒާމު އަދާކުރި ނުވަތަ ކުރަންޖެހޭ ތަން ނިސްބަތްވާ ޤައުމުގައި ހުންނަ ކޯޓެއްގައި ކަމަށްވުން:
        • i. ދެ ފަރާތުން އެއްބަސްވުން.
        • ii. އިލްތިޒާމު އަދާކުރާޖެހޭ ތަން ކަނޑައަޅާފައި ނެތް ޙާލަތުގައި، އެ ކޮންޓްރެކްޓެއްގެ މައްޗަށް ހިނގާނެ ޤާނޫނު. މިކަމުގެ އިސްތިސްނާއަކީ އެ މުޢާމަލާތުގައި ދަޢުވާލިބޭ ފަރާތުގެ ޢަމަލުތައް ގެންގުޅެފައިވާ ގޮތުން، އެ ޤައުމާ އެކަށީގެންވާވަރުގެ ގުޅުމެއް އޮތްކަން ދެއްކެން ނެތުންމެވެ.
      • (7) އެ ޙުކުމަކީ ނުއުފުލޭ މުދަލެއް ކުއްޔަށްދިނުމާގުޅޭގޮތުން ކޮށްފައިވާ ޙުކުމަކަށްވެފައި، ޙުކުމްކުރީ އެ މުދަލެއް ހުރި ޤައުމުގެ ކޯޓަކުން ކަމަށްވުން؛
      • (8) އެ ޙުކުމުގައި، މައްސަލަ ހުށަހެޅުނު ޤައުމުގައި ހުރި ނުއުފުލޭ މުދަލެއްގެ މައްޗަށް އޮތް ޙައްޤަކާ ގުޅޭގޮތުން އޮތް ކޮންޓްރެކްޓަކާ ގުޅިގެން އުފުލަންޖެހޭ އިލްތިޒާމެއްގެ މައްސަލައިގައި ދަޢުވާލިބޭ ފަރާތާ ދެކޮޅަށް ނިންމާފައިވުމާއެކު، ކޮންޓްރެކްޓާގުޅޭ އެ ދަޢުވާ، ނުއުފުލޭ މުދަލެއްގެ މައްޗަށް އޮތް ޙައްޤާބެހޭ ދަޢުވާއާއެކު ދަޢުވާލިބޭ ފަރާތުގެ މައްޗަށް ކޮށްފައިވުން؛
      • (9) އެ ޙުކުމް ކޮށްފައިވަނީ މަރު، ނުވަތަ މާއްދީ އަނިޔާ، ނުވަތަ މާއްދީގޮތުން މުދަލަށް ލިބޭ ގެއްލުން ނުވަތަ މުދާ ނެތިގެންދިއުން ފަދަ ކަމަކާ ގުޅިގެން އުފެދުނު ތަޢާޤުދީ އިލްތިޒާމަކަށް ނުވާކަމަކާ ގުޅޭގޮތުން ކަމަށްވެފައި، އަދި އެފަދަ އަނިޔާއެއް ނުވަތަ ސީދާ ގެއްލުމެއް ކުރިމަތިވީ މައްސަލަ ހުށަހެޅުނު ޤައުމުގައި ކުރި ނުވަތަ ނުކޮށް ދޫކޮށްލި ކަމަކާ ގުޅިގެން ކަމަށްވުން؛
      • (10) އެ ޙުކުމަކީ އަމިއްލަ އިޚްތިޔާރުގައި އުފައްދައި، ލިޔުމުން ސާބިތުކޮށްދެވޭނެ ޓްރަސްޓެއްގެ ސައްޙަކަމާއި، އުފެއްދި ގޮތާއި، އެއިން ކުރާ އަސަރުތަކާއި، އެ ބެލެހެއްޓުން ނުވަތަ ބަދަލުކުރުމާގުޅޭ ޙުކުމަކަށްވުމާއި، އަދި މައްސަލަ ހުށަހެޅުނު އިރު، މައްސަލަ ހުށަހެޅުނު ޤައުމަކީ އެ ޤައުމެއްގެ ކޯޓުތަކުގައި އެ ޓްރަސްޓަކާމެދު އުފެދޭ ޚިލާފުތައް ޙައްލުކުރުމަށް ޓްރަސްޓުގެ މުސްތަނަދުގައި ކަނޑައަޅާފައިވާ ޤައުމަށްވުން ނުވަތަ މައްސަލަ ހުށަހެޅުނުއިރު، މައްސަލަ ހުށަހެޅުނު ޤައުމަކީ ޓްރަސްޓު ހިންގަން ޓްރަސްޓުގެ މުސްތަނަދުގައި ސީދާކޮށް ނުވަތަ ނުސީދާކޮށް ކަނޑައަޅާފައިވާ މައިގަނޑު ތަން ހުންނަ ޤައުމަށްވުން؛
      • (11) ރައްދު ދަޢުވާ އުފެދިގެން އައީ ދަޢުވާވެސް ބިނާވެގެންވާ މުޢާމަލާތް ނުވަތަ ޙާދިޘާގެ މައްޗަށް ކަމަށްވާނަމަ، ރައްދު ދަޢުވާކުރި ފަރާތަށް ފަހިވާގޮތަށް އެ ޙުކުމް ނިންމާފައި އޮތް މިންވަރަށް؛ ނުވަތަ ރައްދު ދަޢުވާ ހުށަނާޅައިފިނަމަ ދެން ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެކަމަށް މައްސަލަ ހުށަހެޅުނު ޤައުމުގެ ޤާނޫނުގައި ބަޔާންކޮށްފައިވާނަމަ، ރައްދު ދަޢުވާކުރި ފަރާތާ ދެކޮޅަށް އެ ޙުކުމް ނިންމާފައި އޮތް މިންވަރަށް އެ ޙުކުމުގައި ރައްދު ދަޢުވާއާމެދު ގޮތެއް ކަނޑައަޅާފައިވުން؛
      • (12) އެ ޙުކުމް ކުރި ކޯޓަކީ ވިޔަފާރިވެރިންގެ ހައިސިއްޔަތުން ދެފަރާތަކުން ވެފައިވާ އެއްބަސްވުމެއްގައި، މައްސަލަ ޙައްލުކުރުމަށް ހުށަހަޅާނެ ހަމައެކަނި ކޯޓުގެ ގޮތުގައި ދެފަރާތުން ސަރީޚަ އިބާރާތުން އެއްބަސްވި ކޯޓު ކަމަށްވުން؛
      • (13) އެ ޙުކުމަކީ އިފްލާސްކުރުމުގެ މައްސަލައަކާ ގުޅިގެން ނެރެފައިވާ ޙުކުމަކަށްވެފައި، އެ ޙުކުމް ކޮށްފައިވަނީ ދަރަނިވެރިޔާގެ މައިގަނޑު މަޞްލަޙަތުތަކުގެ މަރުކަޒު ހުރި ޤައުމަށް ނިސްބަތްވާ ކޯޓަކުންކަމަށްވުން.
    • (ށ) މި މާއްދާގެ (ހ) ގެ (10) ވަނަ ނަންބަރު ހިނގާނީ ހަމައެކަނި ޓްރަސްޓުގެ ގުޅުމަކުން ބަނދެވިފައިވާ ދެ ފަރާތެއްގެ މެދުގައި އޮތް ޓްރަސްޓެއްގެ އެތެރޭގެ ކަންކަމާ ގުޅޭގޮތުން ކުރާ ޙުކުމްތަކަށެވެ.
    • (ނ) ޤަބޫލުކޮށް ތަންފީޛުކުރަން އެދެނީ މުދާ ވިއްކުމުގެ ނުވަތަ ޚިދުމަތް ހޯދުމުގެ އެއްބަސްވުމަކާ ގުޅޭ ކަމެއްގައި މުދަލާއި ޚިދުމަތް ލިބިގަންނަ ފަރާތާ ދެކޮޅަށް ކަމަށްވާނަމަ، ނުވަތަ މުވައްޒަފެއްގެ ވަޒީފާއާބެހޭ ކޮންޓްރެކްޓަކާގުޅޭ ކަމެއްގައި އެ މުވައްޒަފަކާ ދެކޮޅަށް ކަމަށްވާނަމަ، މި މާއްދާގެ (ހ) ގެ (4) ވަނަ ނަންބަރަށް ޢަމަލުކުރެވޭނީ، ލިޔުމުން ނުވަތަ އަނގަބަހުން ކޯޓުގައި ރުހުން ދީފައިވާނަމައެވެ. އެ ޙާލަތުގައި މި މާއްދާގެ (ހ) ގެ (5) އަދި (6) ވަނަ ނަންބަރަށް ޢަމަލެއް ނުކުރެވޭނެއެވެ.
    • (ރ) ޙުކުމްކުރެވުނު ޤައުމުގައި ހުރި ދަރަނިވެރިޔާގެ ވިޔަފާރީގެ ގޮތްޕެއް، ނުވަތަ އޭޖެންސީއެއް ނުވަތަ އެހެންވެސް ތަނެއް ހިމެނޭގޮތުން، ހަމަ އެ ދަރަނިވެރިޔާއާ ގުޅޭގޮތުން ދިވެހިރާއްޖޭގެ ކޯޓުތަކުން އިފްލާސްކުރުމުގެ މައްސަލައެއް ހިންގަން ފަށައިފިނަމަ، މި މާއްދާގެ (ހ) ގެ (13) ވަނަ ނަންބަރަށް ޢަމަލެއްނުކުރެވޭނެއެވެ.
    • (ބ) މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައި އެފަދައިން ބަޔާންކޮށްފައި ވީނަމަވެސް، ނުއުފުލޭ މުދަލާ ގުޅޭގޮތުން އޮތް ޙައްޤެއްގެ މައްޗަށް ކުރާ ޙުކުމެއް ދިވެހިރާއްޖޭގައި ތަންފީޛުކުރެވޭނީ މައްސަލަ ހުށަހެޅުނު ޤައުމުގައި އެ މުދަލެއް ހުރި ޙާލަތުގައި އެކަންޏެވެ.
  • 392. : ޙުކުމް ޤަބޫލުކޮށް ތަންފީޛުކުރުމަށް އިޢުތިރާޟްކުރުން
    • (ހ) އަންނަނިވި ޙާލަތްތަކުގައި މި ބާބުގައި ބަޔާންކޮށްފައިވާ ބޭރު ޤައުމެއްގެ ޙުކުމެއް ދިވެހިރާއްޖޭގައި ބަލައިގަނެ ތަންފީޛުކުރަން އިޢުތިރާޟްކުރެވިދާނެއެވެ.
      • (1) ދަޢުވާގެ ބަޔާން ހިމެނޭގޮތުން، މައްސަލަ ހުށަހެޅުމަށް ބޭނުންކުރި ދަޢުވާ ފޯމު ނުވަތަ އެނޫންވެސް ދަޢުވާ ހުށަހެޅުމަށް ބޭނުންކުރެވުނު ލިޔުމެއް: ނުވަތަ
        • i މައްސަލަ ހުށަހެޅުނު ޤައުމުގެ ޤާނޫނުތަކުގެ ދަށުން އެ ލިޔުމެއް ރައްދުކުރި ގޮތާމެދު ސުވާލު އުފެއްދުވުމުގެ ފުރުޞަތު ލިބިދީފައިވީނަމަވެސް، އެކަން ކުރުމުގެ ބަދަލުގައި ދަޢުވާ ރައްދުވާ ފަރާތުން ދަޢުވާއިން ދިފާޢުވުމައިގެން ކުރިއަށް ގޮސްފައިވާ ޙާލަތެއްގައި ފިޔަވައި، ދަޢުވާލިބޭ ފަރާތަށް ދަޢުވާއާ ގުޅިގެން ދިފާޢު ހުށަހެޅުމަށް އެކަށީގެންވާ ވަގުތު އޮށްވާ އެ ލިޔުންތައް ލިބިފައިނުވުން؛
        • ii ދަޢުވާއާގުޅޭ ލިޔުމެއް، ދިވެހިރާއްޖޭގައި ހުރި ދަޢުވާލިބޭ ފަރާތަށް ދިވެހިރާއްޖޭގައި ޢަމަލުކުރާ މައިގަނޑު އުސޫލުތަކާ ޚިލާފަށް ރައްދުކޮށްފައިވުން؛
      • (2) ޙުކުމް ނެރެފައިވަނީ ޙަޤީޤަތް އޮޅުވާލައިގެންކަމަށްވުން؛
      • (3) ޙުކުމް ތަންފީޛުކުރުމަކީ މައުޟޫޢީގޮތުން ނުވަތަ އިޖުރާއީގޮތުންވެސް ދިވެހިރާއްޖޭގެ ޢާންމު ސިޔާސަތާ ކަނޑައެޅިގެން ޚިލާފުކަމަކަށްވުން؛
      • (4) މައްސަލަ ހުށަހެޅުނު ކޯޓުގައި ބެލުނު މައްސަލައަކީ، އެގްރީމަންޓެއް ނުވަތަ ޓްރަސްޓް އިންސްޓްރޫމަންޓެއްގެ ދަށުން އުފެދޭ ޚިލާފުތައް ޙައްލުކުރުމަށްޓަކައި އެއްބަސްވެފައިވާ ގޮތާ ޚިލާފަށް މައްސަލަ ހުށަހެޅުނު ޤައުމު ފިޔަވައި އެހެން ޤައުމެއްގެ ކޯޓުގައި ބެލުމަށް ޚާއްޞަ އިޚްތިޞާޞެއް ދީފައިވާ މައްސަލައަކަށްވުން؛
      • (5) އެ ޙުކުމަކީ، ޚިލާފު އުފެދިފައިވާ ދެފަރާތުގެ މެދުގައި ހިނގާފައިވާ ޚިލާފަކާ ގުޅިގެން ދިވެހިރާއްޖޭގެ ކޯޓަކުން ކޮށްފައިވާ ޙުކުމަކާ ފުށުއެރުންހުރި ޙުކުމަކަށްވުން؛ ނުވަތަ
      • (6) ފުރަތަމަ ކޮށްފައިވާ ޙުކުމަކީ ދިވެހިރާއްޖޭގައި އެ ޙުކުމް ޤަބޫލުކުރުމަށް ބޭނުންވާ ޝަރުޠުތައް ފުރިހަމަވާ ޙުކުމެއް ކަމުގައިވާ ޙާލަތުގައި، އެ ޙުކުމަކީ އެ ޙުކުމުގެ ކުރިން ހަމަ އެ މައުޟޫޢުގައި އެ ޚަޞްމުންގެ މެދުގައި ކޮށްފައިވާ ޙުކުމަކާ ފުށުއެރުން ހުރި ޙުކުމަކަށްވުން.
    • (ށ) އެއް ޚަޞްމުންތަކެއްގެ މެދުގައި ހަމަ އެ މައުޟޫޢުގައި ދިވެހިރާއްޖޭގައި މައްސަލައެއް ހުށަހެޅި ހިނގަމުންދާނަމަ، އަންނަނިވި ޙާލަތްތަކުގައި ބޭރު ޤައުމެއްގެ ޙުކުމް ދިވެހިރާއްޖޭގައި ތަންފީޛުކުރަން އިޢުތިރާޟުކުރެވިދާނެއެވެ.
      • (1) މައްސަލަ ބޭރު ޤައުމުގެ ކޯޓަކަށް ހުށަހެޅުމުގެ ކުރިން ދިވެހިރާއްޖޭގެ ކޯޓަށް މައްސަލަ ހުށަހެޅިފައިވުން؛ އަދި
      • (2) މި ޤާނޫނުގެ ހަތަރުވަނަ ބާބު [ކޯޓުތަކުގެ އިޚްތިޞާޞް] ގެ ދަށުން ދިވެހިރާއްޖެއަށް ބައިނަލްއަޤުވާމީ އިޚްތިޞާޞް ލިބިފައިވުން.
  • 393. : ގެއްލުމުގެ ބަދަލު
    • (ހ) ޚަޞްމަކަށް ޙަޤީޤަތުގައި ލިބުނު ގެއްލުމަށް ބަދަލު ލިބިނުދެވޭ ގޮތަށް ކޯޓުން މަޢުނަވީ ބަދަލު ނަގައިދީފައިވާ ޙާލަތްތައް ހިމެނޭގޮތުން، ޙުކުމަކުން ބަދަލުދިނުމަށް އަންގާފައިވާނަމަ އެ މިންވަރަށް ޤަބޫލުކޮށް ތަންފީޛުކުރަން ދެކޮޅު ހެދިދާނެއެވެ.
    • (ށ) މައްސަލައިގައި ހިނގާފައި ޚަރަދުތައް ހޯދޭނެ ކަމާމެދު ނުވަތަ ހޯދޭނެ މިންވަރާމެދު މައްސަލަ ހުށަހެޅުނު ކޯޓުން ބަލާފައިވާ މިންގަނޑަށް، ތަންފީޛުކުރުމަށް އެދެވޭ ކޯޓުން ރިޢާޔަތްކުރަންވާނެއެވެ.
  • 394. : ހުށަހަޅަންޖެހޭ ލިޔުންތައް
    • (ހ) ބޭރު ޤައުމެއްގައި ކޮށްފައިވާ ޙުކުމެއް ޤަބޫލުކުރުމަށް ނުވަތަ ތަންފީޛުކުރުމަށް އެދި ހުށަހަޅާ ޚަޞްމަކު އަންނަނިވި ލިޔުންތައް ހުށަހަޅަންވާނެއެވެ.
      • (1) ޙުކުމުގެ ފުރިހަމަ އަދި އަސްލާ އެއްގޮތްކަމަށް ކަށަވަރުކޮށްފައިވާ ކޮޕީއެއް؛
      • (2) އެ ޙުކުމަކީ ޣައިރު ޙާޟިރުގައި ކޮށްފައިވާ ޙުކުމެއްނަމަ، ޙާޟިރުނުވި ޚަޞްމަށް ދަޢުވާއާގުޅޭ ލިޔުންތައް ރައްދުކުރިކަން އަންގައިދޭނެ ލިޔުމެއްގެ އަސްލު ނުވަތަ ކަށަވަރުކޮށްފައިވާ ކޮޕީއެއް؛
      • (3) އެ ޙުކުމަކީ މައްސަލަ ހުށަހެޅުނު ޤައުމުގައި އޭގެ ބާރު ހިނގާ، ނުވަތަ ތަންފީޛުކުރެވޭނެ ޙުކުމެއްކަން އަންގައިދިނުމަށް ކޮންމެހެން ބޭނުންވާނެ ލިޔުންތައް؛
    • (ށ) ތަންފީޛުކުރަން ހުށަހެޅޭ ކޯޓަކުން މި ބާބުގައި ހިމެނޭ ކަންތައްތައް ފުރިހަމަވެފައިވޭތޯ ބެލުމަށް އެ ޙުކުމަކުން ޖާގަނުދޭނަމަ، ކޮންމެހެން ބޭނުންވާނެ އެހެން ލިޔުންތައް ހުށަހެޅުމަށް އެ ކޯޓަކަށް އެންގިދާނެއެވެ.
    • (ނ) މި މާއްދާގައި ބަޔާންކޮށްފައިވާ ލިޔުންތައް ހުރީ ދިވެހި ބަހުން ކަމުގައިނުވާނަމަ، އެ ލިޔުމާއެކު ކޯޓުން ޤަބޫލުކުރާ ދިވެހި ތަރުޖަމާއެއް ހުށަހަޅަންވާނެއެވެ. ދިވެހިރާއްޖޭގެ ޤާނޫނުން ނުވަތަ ކޯޓުން އެނޫންގޮތަކަށް ލާޒިމުނުކުރާހާހިނދަކު، ސަރޓިފައިކޮށްފައިވާ އިނގިރޭސި ތަރުޖަމާ ކޯޓުން ޤަބޫލުކުރުމަކަށް މި މާއްދާ ހުރަހެއްނާޅާއެވެ.
    • (ރ) މި ބާބުގައި ބަޔާންކުރާ އިޖުރާއަތެއް ތަންފީޛުކުރުމުގައި، ރައްކާތެރިކަމުގެ ފިޔަވަޅުތައް ހިމެނޭގޮތުން ޚަޞްމަކަށް ވަގުތީ ފިޔަވަޅު ނުވަތަ ވަގުތީ ފަރުވާއަށް އެދެވިދާނެއެވެ. މިގޮތަށް އެދެފިނަމަ ކޯޓުން އެންމެ ފުރަތަމަ ގޮތެއް ނިންމާންވާނީ އެ ފިޔަވަޅުތަކާ މެދުގައެވެ.
  • 395. : އިޚްތިޞާޞް މި ޤާނޫނުގައި އިސްތިއުނާފަށް ކަނޑައަޅާފައިވާ އުސޫލުތަކަށް ރިޢާޔަތްކޮށް، ބޭރު ޤައުމުގެ ޙުކުމެއް ދިވެހިރާއްޖޭގައި ބަލައިގަނެ ތަންފީޛުކޮށްދިނުމަށް އެދި ހުށަހަޅާ ހުށެހުޅުމަކާމެދު ގޮތެއް ނިންމުމުގެ ޚާއްޞަ އިޚްތިޞާޞް ފުރަތަމަ މަރުޙަލާގައި ލިބިގެންވަނީ ސިވިލް ކޯޓަށެވެ.
  • 396. : އެމީހަކާ ދެކޮޅަށް ޤަބޫލުކޮށް ތަންފީޛުކުރުމުގެ މައްސަލަ ހުށަހެޅިފައިވާ މީހާއަށް ލިޔުން ރައްދުކުރުން
    • (ހ) މި މާއްދާގެ (ށ) އަށް ރިޢާޔަތްކޮށް، ބޭރު ޤައުމުގެ ޙުކުމެއް ޤަބޫލުކޮށް ތަންފީޛުކުރަން އެދޭނަމަ، އެ ހުށަހެޅުމެއް ކޯޓަށް ހުށަހަޅާތާ 2 (ދޭއް) ދުވަހުގެ ތެރޭގައި، އެމީހަކާ ދެކޮޅަށް ޤަބޫލުކޮށް ތަންފީޛުކުރުމުގެ މައްސަލަ ހުށަހެޅިފައިވާ މީހާއަށް އެ ހުށަހެޅުން ފޮނުވަންވާނެއެވެ.
    • (ށ) މި ޤާނޫނުގެ 394 ވަނަ މާއްދާގެ (ރ) ގެ ދަށުން ރައްކާތެރިކަމުގެ ފިޔަވަޅުތައް ހިމެނޭގޮތުން އެޅޭ ވަގުތީ ފިޔަވަޅު ނުވަތަ ވަގުތީ ފަރުވާ އަށް އެދިފައިވާނަމަ، އެފަދަ ރައްކާތެރިކަމުގެ ފިޔަވަޅުތައް ހިމެނޭގޮތުން އެޅޭ ވަގުތީ ފިޔަވަޅު ނުވަތަ ވަގުތީ ފަރުވާއާމެދު ކޯޓުން ގޮތެއް ނިންމާތާ 2 (ދޭއް) ދުވަހުގެ ތެރޭގައި، އެ ފަރާތަކާ ދެކޮޅަށް ބޭރު ޤައުމެއްގެ ޙުކުމް ތަންފީޛުކުރުމުގެ މައްސަލަ ހުށަހެޅިފައިވާ ފަރާތަށް ޤަބޫލުކޮށް ތަންފީޛުކުރުމަށް އެދި ހުށަހެޅި ހުށަހެޅުން ފޮނުވަންވާނެއެވެ.
  • 397. : ބޭރު ޤައުމުގައި ހިނގި މައްސަލައިގެ ޚަޞްމަކަށް ނުވާ މީހާއަށް އޮތް ޙައްޤުތައް ބޭރު ޤައުމުގައި ހިނގި މައްސަލައިގެ ޚަޞްމަކަށް ނުވާ، އެހެން ނަމަވެސް، ބޭރު ޤައުމުގެ ޙުކުމް ދިވެހިރާއްޖޭގައި ތަންފީޛުކޮށްފިނަމަ އެކަމުގެ ސަބަބުން އެ ފަރާތެއްގެ ޤާނޫނީ ޙައްޤުތަކަށް ސީދާ އަސަރުކުރާނެ ފަރާތްތަކުން، އެފަދަ ޙުކުމެއް ދިވެހިރާއްޖޭގައި ޤަބޫލުކޮށް ތަންފީޛުކުރުމަށް އިޢުތިރާޟުކޮށް ހުންނަ ސިވިލް ކޯޓަށް ހުށަހެޅިދާނެއެވެ.
  • 398. : ލިޔެކިޔުން ތައްޔާރުކުރުން
    • (ހ) މި ޤާނޫނުގެ ދަށުން ކޯޓަށް ހުށަހަޅަންޖެހޭ ލިޔުން ތައްޔާރުކުރުމުގައި، ކޯޓުން އެނޫންގޮތަކަށް އަންގާފައިނުވާހާހިނދަކު، ކޯޓުން ކަނޑައަޅާ ނަމޫނާއަކާ އެއްގޮތަށް އެ ލިޔުން ހުށަހަޅާ ޚަޞްމަކަށް ނުވަތަ ފަރާތަކަށް އެ ލިޔުން ތައްޔާރުކުރެވިދާނެއެވެ.
    • (ށ) ލިޔެފައި ހުރި އެއްޗެއް ކިޔަން ނޭނގޭގޮތަށް ހުންނަ ލިޔުންތަކާއި، ހުއްދަނެތި ތައްޔާރުކޮށްފައިވާ ލިޔުންތަކާއި، އެނޫންވެސް ސަބަބުތަކަށްޓަކައި ކޯޓަށް ޤަބޫލުނުކުރެވޭނެ ލިޔުންތައް ބަލައިނުގަތުމަށް ކޯޓަށް ލިބިދޭ އިޚްތިޔާރަކަށް މި މާއްދާއިން އެއްވެސް ހަނިކަމެއް ނާންނާނެއެވެ.
    • (ނ) މި ޤާނޫނުގެ އެއްވެސް މާއްދާއަކުން ލިޔުމެއްގައި ސޮއިކޮށްފައި އޮތުން ލާޒިމުކޮށްފައިވާނަމަ، ކޮމްޕިއުޓަރަކުން ޕްރިންޓުކޮށްގެން ނުވަތަ އެނޫންވެސް އިލެކްޓްރޯނިކް ގޮތަކުން ސޮއިކޮށްފައިވާނަމަ، ބުނެވިދިޔަ ބޭނުމަށްޓަކައި ފުދޭނެއެވެ.
  • 399. : ތެދުކަމަށް ބުނެ ދޭ ބަޔާނަކުން ކަށަވަރުކުރަންޖެހޭ ލިޔުންތައް
    • (ހ) އަންނަނިވި ލިޔުންތަކަކީ، ތެދުކަމަށްބުނެ ދޭ ބަޔާނަކުން ކަށަވަރުކޮށްދޭންޖެހޭ ލިޔުންތަކެކެވެ.
      • (1) ދަޢުވާފޯމާއި، ދަޢުވާގެ ދިފާޢާއި، ރައްދު ދަޢުވާއާއި އިތުރު ދަޢުވާ؛
      • (2) އިތުރު މަޢުލޫމާތު ފޯރުކޮށްދިނުމަށް ކޯޓުން ކުރާ އަމުރަކަށް ތަބާވުމަށް ތައްޔާރުކުރާ ޖަވާބު؛
      • (3) ހެކިބަސްދޭ ފަރާތްތަކުގެ ބަޔާން؛
      • (4) ދަޢުވާކުރުމުގެ ޚާއްޞަ އިޖުރާއަތެއް މެދުވެރިކޮށް ހުށަހަޅާފައިވާ ދަޢުވާއެއް ރައްދުވެފައިވާ ކަމަށްބުނެ ދޭ ބަޔާން؛
      • (5) ލިޔުންތައް ޙަވާލުކޮށްފައިވާ ކަމަށް ބުނެ ދޭ ބަޔާން؛ އަދި
      • (6) ތެދުކަމަށް ބުނެދޭ ބަޔާނަކުން ކަށަވަރުކުރުމަށް މި ޤާނޫނުގެ ދަށުން ނުވަތަ އެހެން ޤާނޫނެއްގެ ދަށުން ލާޒިމުކުރާ މިނޫންވެސް އެހެން ލިޔުންތައް.
    • (ށ) ދަޢުވާފޯމާއި، ދަޢުވާގެ ދިފާޢާއި، ރައްދު ދަޢުވާއާއި އިތުރު ދަޢުވާއެއް އިޞްލާޙުކޮށްފިނަމަ، ތެދުކަމަށްބުނެ ދޭ ބަޔާނަކުން އެ އިޞްލާޙުތައް ކަށަވަރުކުރަންވާނެއެވެ.
    • (ނ) ކޯޓަށް ހުށަހެޅުމެއް ހުށަހަޅާފައިވާ ކަމުގެ ނޯޓިސް ދޭއިރު، އެ ނޯޓިހުގައި ބަޔާންކޮށްފައިވާ ކަންކަމަށް ހެކީގެ ގޮތުގައި ބަރޯސާވާން އެދޭނަމަ، އެ ހުށަހެޅުމުގެ ނޯޓިސް ދިން ފަރާތުން ތެދުކަމަށްބުނެ ދޭ ބަޔާނަކުން އެ ނޯޓިސް ކަށަވަރުކުރަންވާނެއެވެ.
    • (ރ) މި މާއްދާގެ (ބ) އަށް ރިޢާޔަތްކޮށް، ތެދުކަމަށްބުނެ ދޭ ބަޔާނަކީ އަންނަނިވި ފަރާތްތަކުންދޭ ބަޔާނެކެވެ.
      • (1) ލިޔުން ހުށަހަޅާ ޚަޞްމަކު؛
      • (2) ހެކިބަސްދޭ ފަރާތްތަކުގެ ބަޔާނާ ގުޅުވައިގެންނަމަ، އެ ބަޔާން ދޭ ހެކިބަސްދޭ ފަރާތް؛ ނުވަތަ
      • (3) ލިޔުމެއް ޙަވާލުކޮށްފައިވާ ކަމަށްބުނެ ދޭ ސެޓްފިކެޓަކާ ގުޅުވައިގެންނަމަ، އެ ސެޓްފިކެޓުގައި ސޮއިކުރާ މީހާ.
    • (ބ) ޚަޞްމަކު މައްސަލައެއް ކުރިއަށްގެންދަނީ އެ ފަރާތެއް ތަމްސީލުކުރާ ބެލެނިވެރިއަކާއެކު ކަމަށްވާނަމަ، ދަޢުވާފޯމާއި، ދަޢުވާގެ ދިފާޢާއި، ރައްދު ދަޢުވާއާއި އިތުރު ދަޢުވާއެއް ނުވަތަ ހުށަހެޅުމެއްގެ ނޯޓިހާ ގުޅިގެން ތެދުކަމަށްބުނެ ދޭ ބަޔާނަކީ އޭގައިވާ ވާޤިއާތަކުގެ ތެދުކަން އެ ބެލެނިވެރިޔާ ޤަބޫލުކުރާ ބަޔާނެއް ކަމުގައި ބެލޭނެއެވެ.
    • (ޅ) ތެދުކަމަށްބުނެ ދޭ ބަޔާނުގައި ސޮއިކުރާނީ، ދަޢުވާފޯމާއި، ދަޢުވާގެ ދިފާޢާއި، ރައްދު ދަޢުވާއާއި އިތުރު ދަޢުވާއެއް ނުވަތަ ހުށަހެޅުމަކާ ގުޅޭގޮތުން އެ ޚަޞްމަކު ނުވަތަ ޚަޞްމު ތަމްސީލުކުރާ ބެލެނިވެރިޔަކު ނުވަތަ އެ ޚަޞްމަކު ނުވަތަ އެ ބެލެނިވެރިއަކު ޤާނޫނީގޮތުން ތަމްސީލުކުރާ ފަރާތަކުންނެވެ.
    • (ކ) ހެކިބަސްދޭ ފަރާތްތަކުގެ ބަޔާނާ ގުޅުވައިގެންނަމަ، ތެދުކަމަށްބުނެ ދޭ ބަޔާނުގައި ސޮއިކުރާނީ، އެ ބަޔާން ދޭ ހެކިބަސްދޭ ފަރާތެވެ.
    • (އ) ލިޔުމެއް ތެދުކަމަށްބުނެ ދޭ ބަޔާން އެ ލިޔުމެއްގެ ތެރޭގައި ނުހިމެނޭނަމަ، ބަޔާނުގައި ކަށަވަރުކަންދޭ ލިޔުމަކީ ކޮބައިކަން އެނގޭނެގޮތަށް ސާފުކޮށް ބަޔާންކުރަންވާނެއެވެ.
  • 400. : މައްސަލައިގެ ބަޔާން ކަށަވަރުނުކުރުން ޚަޞްމަކު، ތެދުކަމަށްބުނެ ދޭ ބަޔާނަކުން ދަޢުވާފޯމާއި، ދަޢުވާގެ ދިފާޢާއި، ރައްދު ދަޢުވާއާއި އިތުރު ދަޢުވާއެއް ކަށަވަރުކޮށްފައިނުވާނަމަ:
    • (ހ) ދަޢުވާފޯމާއި، ދަޢުވާގެ ދިފާޢާއި، ރައްދު ދަޢުވާއާއި އިތުރު ދަޢުވާ ކޯޓުން ބާޠިލުނުކުރާހާ ހިނދަކު ޞައްޙަގޮތުގައި ދެމިއޮންނާނެއެވެ.
    • (ށ) ކޯޓަށް އެ ބަޔާން ބާޠިލުކުރެވިދާނެއެވެ.
    • (ނ) ކޮންމެ ޚަޞްމަކަށްވެސް މި މާއްދާގެ (ށ) ދަށުން މައްސަލައިގެ ބަޔާން ބާޠިލުކޮށްދިނުމުގެ އަމުރަކަށް އެދެވިދާނެއެވެ.
  • 401. : ހެކިބަސްދޭ ފަރާތްތަކުގެ ބަޔާން ކަށަވަރުނުކުރުން ހެކިބަސްދޭ ފަރާތެއް، ތެދުކަމަށްބުނެ ދޭ ބަޔާނަކުން އެ ހެކީގެ ބަޔާނުގެ ތެދުކަން ކަށަވަރުކޮށްދީފައިނުވާނަމަ، އެ ބަޔާން ހެކީގެ ގޮތުގައި ބަލައިނުގަނެވޭނެ ކަމަށް ކޯޓަށް ކަނޑައެޅިދާނެއެވެ.
  • 402. : ލިޔުމެއް ކަށަވަރުކުރުމަށް ލާޒިމުކުރުމަށް ކޯޓަށް ލިބިގެންވާ ބާރު
    • (ހ) މި ޤާނޫނުގެ 401 ވަނަ މާއްދާގައި ބަޔާންކުރާ ފަދައިން އެއްވެސް ފަރާތަކުން ލިޔުމެއް ކަށަވަރުކޮށްފައިނުވާނަމަ، އެ ލިޔުމެއްގެ ތެދުކަން ކަށަވަރުކޮށްދިނުމަށް އަމުރުކުރުމުގެ ބާރު ކޯޓަށް ލިބިގެންވެއެވެ.
    • (ށ) ކޮންމެ ޚަޞްމަކަށްވެސް މި މާއްދާގެ (ހ) ގެ ދަށުން އެ ލިޔުމެއް ކަށަވަރުކޮށް ދިނުމުގެ އަމުރަކަށް އެދެވިދާނެއެވެ.
  • 403. : ކޯޓުގެ ލިޔުންތަކުގައި,ސިއްކަ ޖެހުން
    • (ހ) އަންނަނިވި ލިޔުންތައް ދޫކުރުމުގެ ކުރިން، އެ ލިޔުމުގައި ކޯޓުން ސިއްކަ ޖަހާންވާނެއެވެ.
      • (1) ޙުކުމް؛
      • (2) ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓް؛
      • (3) މި ޤާނޫނުގެ ނުވަތަ އެހެން ޤާނޫނަކުން ސިއްކަ ޖެހުމަށް ކޯޓަށް ލާޒިމުކުރާ އެނޫން އެހެން ކޮންމެ ލިޔުމެއް.
    • (ށ) އަތުން ސިއްކަ ޖަހައިގެން ނުވަތަ އިލެކްޓްރޯނިކް ވަސީލަތެއްގެ ޒަރީއާއިން ސިއްކަ ޖަހައިގެންވެސް ނުވަތަ އެނޫންގޮތަކަށްވެސް ކޯޓަށް ލިޔުމެއްގައި ސިއްކަ ޖެހިދާނެއެވެ.
    • (ނ) ކޯޓުގެ ސިއްކަ ޖަހާފައިވާ އިތުރު ހެއްކެއް ހުށަހެޅުމަކާ ނުލައި ހެކީގެ ގޮތުގައި ކޯޓަށް ބަލައިގަނެވޭނެއެވެ.
  • 404. : ފޯމުތައް
    • (ހ) ކޯޓުން އެނޫންގޮތަކަށް ކަނޑަނާޅާހާހިނދަކު، މައްސަލައަކާ ގުޅޭގޮތުން ބޭނުންކުރުމަށް ކަނޑައަޅާފައިވާ ފޯމުތައް އެ މައްސަލައެއް ހުށަހެޅުމުގައި ބޭނުންކުރެވޭނެއެވެ.
    • (ށ) ވަކި ކަމަކާ ގުޅިގެން އުފެދޭ ޙާލަތެއްގައި ފޯމަށް ބަދަލެއް ގެންނަންޖެހިއްޖެނަމަ، ކޯޓަށް އެ ބަދަލެއް ގެނެވިދާނެއެވެ.
    • (ނ) މި ޤާނޫނުގައި ޚަޞްމުންނަށް ފޯމެއް ފޮނުވަން ކޯޓުން ލާޒިމުކޮށްފައިވާނަމަ، ވަކި ކަމަކާ ގުޅިގެން ފޯމަށް ބަދަލެއް ގެންނަންޖެހިއްޖެ ޙާލަތެއްގައި މެނުވީ، އެ ފޯމެއް ފޮނުވަންވާނީ އެއްވެސް އުނިއިތުރެއް ނުގެނެހެވެ. އަދި އެފަދަ އުނިއިތުރެއް ގެނެވޭނީ ހަމައެކަނި ކޯޓަށެވެ.
    • (ރ) ޚަޞްމަކު ތަމްސީލުކުރުމަށް ޤާނޫނީ ވަކީލަކު ޢައްޔަންކޮށްފައިނުވާ ޙާލަތެއްގައި، ކޯޓަށް ހުށަހެޅުމަށްޓަކައި ފުރިހަމަކުރަންޖެހޭ ފޯމުތައް ފުރުމަށް ކޯޓުން ޚަޞްމުންނަށް އެހީތެރިކަން ފޯރުކޮށްދޭންވާނެއެވެ.
  • 405. : އީ-މެއިލްގެ ޒަރީއާއިން ލިޔުންތައް ހުށަހެޅުމާއި މުޢާމަލާތްކުރުން މައްސަލައަކާ ގުޅިގެން ކޯޓުން ޚަޞްމުންނާ މުޢާމަލާތުކުރުމުގައާއި، ދަޢުވާފޯމު ހުށަހެޅުމާއި، ކޯޓަށް ފޮނުވަންޖެހޭ އެނޫންވެސް ލިޔެކިޔުންތައް ފޮނުވުމާއި، މައްސަލައާގުޅޭ އެންމެހައި ލިޔެކިޔުންތައް، އީ-މެއިލް މެދުވެރިކޮށް ފޮނުވޭނެ އިންތިޒާމް ކޯޓުތަކުން ޤާއިމުކުރަންވާނެއެވެ.
  • 406. : ކޯޓަށް ޙާޟިރުވުމުގެ އަމުރު ރައްދުކުރުން
    • (ހ) ދަޢުވާކުރާ ފަރާތް ކޯޓަށް ޙާޟިރުވުމުގެ އަމުރު ކޯޓުން ރައްދުކުރާނީ ދަޢުވާލިބޭ ފަރާތުގެ އެޑްރެސް ކަމަށް ބުނެ ދަޢުވާކުރާ ފަރާތުން ދީފައިވާ އެޑްރެހަށެވެ. ދީފައިވާ އެޑްރެހަށް އަމުރު ރައްދުކުރުމަށް ދެ ފަހަރު ނުވަތަ ތިން ފަހަރު ކޯޓުން މަސައްކަތްކުރަންވާނެއެވެ.
    • (ށ) ދަޢުވާލިބޭ ފަރާތަށް އަމުރު ރައްދުކުރުމަށް ކޯޓުން މަސައްކަތްކޮށް، އެކަން ކާމިޔާބު ނުވެއްޖެނަމަ، ދަޢުވާލިބޭ ފަރާތުގެ އެޑްރެސް ސާފުކުރުމަށްފަހު 7 (ހަތެއް) ދުވަހުގެ ތެރޭގައި އެކަން ކޯޓަށް އެންގުމަށް ދަޢުވާކުރާ ފަރާތަށް އަންގަންވާނެއެވެ.
    • (ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތަށް، ދަޢުވާކުރާ ފަރާތުން، ދަޢުވާލިބޭ ފަރާތުގެ އެޑްރެސް ސާފުކުރުމަށް މަސައްކަތްކުރިނަމަވެސް، އެޑްރެސް ސާފުކުރެވިފައިނުވާނަމަ އެކަން ކޯޓަށް އަންގަންވާނެއެވެ. އަދި އެގޮތަށް ދަޢުވާކުރާ ފަރާތުން އެންގުމުން ކޯޓުން ދަޢުވާލިބޭ ފަރާތުގެ ދާއިމީ އެޑްރެހަށް އަމުރު ރައްދުކުރުމަށް މަސައްކަތްކުރަންވާނެއެވެ.
    • (ރ) ދަޢުވާލިބޭ ފަރާތުގެ ދާއިމީ އެޑްރެހަށްވެސް އަމުރު ރައްދުނުކުރެވިއްޖެނަމަ، ދަޢުވާލިބޭ ފަރާތުގެ ދާއިމީ އެޑްރެހުގައި އަމުރުގެ ރަތް ނޯޓިހެއް ހަރުކުރަންވާނެއެވެ.
    • (ބ) މި މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ގޮތަށް ރަތް ނޯޓިސް ހަރުކުރުމަށްފަހުގައިވެސް، ދަޢުވާލިބޭ ފަރާތުން ކަނޑައެޅިފައިވާ ތާރީޚަށް ކޯޓަށް ހާޟިރުނުވެއްޖެނަމަ، ވަކި ވަގުތަކަށް ކޯޓަށް ޙާޟިރުވުމަށް ދަޢުވާލިބޭ ފަރާތަށް އަންގައި ޢާންމުކޮށް އިޢުލާނުކުރަންވާނެއެވެ.
    • (ޅ) މި މާއްދާގެ (ބ) ގައި ބަޔާންކޮށްފައިވާ ގޮތަށް ޢާންމުކޮށް އިޢުލާނުކުރުމުންވެސް ދަޢުވާލިބޭ ފަރާތުން ކޯޓަށް ޙާޟިރުނުވިނަމަ، ދަޢުވާލިބޭ ފަރާތުގެ ޣައިރު ހާޟިރުގައި މައްސަލަ ކުރިއަށް ގެންދިޔުމުގެ އިޚްތިޔާރު ކޯޓަށް ލިބިގެންވެއެވެ.
  • 407. : ދަޢުވާ ފޯމު ރައްދުކުރުން
    • (ހ) ދަޢުވާ ފޯމު މައްސަލައިގައި ހިމެނޭ އެހެން ޚަޞްމުންނަށް ރައްދުކުރާނީ ކޯޓުންނެވެ.
    • (ށ) ދަޢުވާ ފޯމު ރައްދުކުރާނީ، ކޯޓަށް ޙާޟިރުވުމުގެ އަމުރު ރައްދުކުރުމުގައި ކޯޓުން ޢަމަލުކުރާނެ އިޖުރާއަތު ކަމުގައި މި ޤާނޫނުގެ 406 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އިޖުރާއަތާ އެއްގޮތްވާ ގޮތުގެމަތިންނެވެ.
  • 408. : ރައްދުކުރެވޭ ގޮތްތައް އަންނަނިވި ގޮތްތަކުގެ ތެރެއިން ކޮންމެ ގޮތަކަށްވެސް ލިޔުމެއް ރައްދުކުރެވިދާނެއެވެ.
    • (ހ) އަތުން އަތަށް ދިނުން؛
    • (ށ) ޕޯސްޓް ނުވަތަ ކުރިއަރގެ ޚިދުމަތް؛
    • (ނ) ފެކްސް ނުވަތަ އީ-މެއިން އެ ނޫންވެސް މުވާސަލާތުކުރުމަށް ބޭނުންކުރާ އެހެން އިލެކްޓްރޯނިކް ވަސީލަތެއް؛ ނުވަތަ
    • (ރ) މި ޤާނޫނުގެ 415 ވަނަ މާއްދާގެ ދަށުން ކޯޓުން ހުއްދަކުރާ ކޮންމެ ގޮތެއް.
  • 409. : ދަޢުވާ ފޯމު ފިޔަވައި އެހެން ލިޔުންތައް ރައްދުކުރުން
    • (ހ) އެ ލިޔުން ރައްދުކުރާނީ ކޯޓުން ކަމަށް މި ޤާނޫނުގައި ނުވަތަ އެހެން ޤާނޫނެއްގައި ބަޔާންކޮށްފައި ނުވާހާހިނދަކު، ނުވަތަ ކޯޓުން އެހެން ގޮތަކަށް އަމުރު ނުކުރާހާހިނދަކު މައްސަލައެއްގެ ޚަޞްމުންގެ ތެރެއިން، އެ ޚަޞްމަކު ތައްޔާރުކުރާ ލިޔުމެއް ރައްދުކުރާނީ އެ ޚަޞްމެކެވެ.
    • (ށ) އަންނަނިވި ޙާލަތްތަކުގައި ފިޔަވައި، ކޯޓުން ތައްޔާރުކުރާ ލިޔުމެއް ރައްދުކުރާނީ ކޯޓުންނެވެ.
      • (1) އެ ލިޔުން ރައްދުކުރާނީ ޚަޞްމަކު ކަމަށް އެހެން ޤާނޫނެއްގައި ބަޔާންކޮށްފައިވުން؛
      • (2) އެ ޚަޞްމެއްގެ ފަރާތުން ކޯޓުން އެ ލިޔުމެއް ރައްދުކުރާ ޚަޞްމަކު، އޭނާ އަމިއްލައަށް އެ ލިޔުން ރައްދުކުރަން ބޭނުންކަމަށް ބުނެ ކޯޓަށް އެންގުން؛ ނުވަތަ
      • (3) ކޯޓުން އެހެން ގޮތަކަށް އަމުރުކުރުން.
    • (ނ) ލިޔުމެއް ރައްދުކުރަނީ ކޯޓުން ކަމަށްވާނަމަ، އެ ލިޔުން ރައްދުކުރާނެ ގޮތް ނިންމާނީ ކޯޓުންނެވެ.
    • (ރ) ޚަޞްމަކު ތައްޔާރުކޮށްފައިވާ ލިޔުމެއް ކޯޓުން ރައްދުކުރާނަމަ، ކޯޓަށާއި، މައްސަލައިގައި ހިމެނޭ ކޮންމެ ޚަޞްމަކަށް އެ ލިޔުމުގެ ކޮޕީއެއް އެ ޚަޞްމަކު ހުށަހަޅަންވާނެއެވެ.
  • 410. : ދަޢުވާ ފޯމު ފިޔަވައި އެހެން ލިޔުންތައް އަތުން އަތަށް ރައްދުކުރުން
    • (ހ) އެހެން ޤާނޫނަކުން ނުވަތަ ކޯޓު އަމުރަކުން އެފަދައިން ލާޒިމުކޮށްފައިވާނަމަ، ދަޢުވާ ފޯމު ފިޔަވައި، އެހެން ލިޔުންތައް ރައްދުކުރަންވާނީ އަތުން އަތަށެވެ.
    • (ށ) އަންނަނިވި ޙާލަތްތަކުގައި ފިޔަވައި، އެ ނޫން ޙާލަތްތަކުގައި ލިޔުމެއް ރައްދުކުރާނީ އަތުން އަތަށެވެ.
      • (1) މި ޤާނޫނުގެ 411 ވަނަ މާއްދާގެ ދަށުން، ލިޔުން ރައްދުވާ ޚަޞްމަށް ލިޔުން ރައްދުކުރުމަށްޓަކައި އެޑްރެހެއް ދީފައިވުން؛ ނުވަތަ
      • (2) ދައުލަތުން ނުވަތަ ދައުލަތާ ދެކޮޅަށް ހިނގާ ކޮންމެ މައްސަލައެއްގައި.
    • (ނ) ދަޢުވާ ފޯމު ފިޔަވައި އެހެން ލިޔުންތައް މި ޤާނޫނުގެ 407 ވަނަ މާއްދާގައިވާ ގޮތުގެމަތިން، ދަޢުވާ ފޯމެއް ފަދައިން އަތުން އަތަށް ރައްދުކުރެވިދާނެއެވެ.
  • 411. : ދަޢުވާ ފޯމު ފިޔަވައި އެހެން ލިޔުންތައް ރައްދުކުރުމުގެ އިޖުރާއަތު
    • (ހ) މައްސަލައާގުޅޭ ލިޔުންތައް ރައްދުކުރުމަށްޓަކައި، އެފަރާތަކަށް ލިޔުންތައް ރައްދުކުރެވޭނެ އެޑްރެހެއް މައްސަލައެއްގެ ކޮންމެ ޚަޞްމަކުވެސް ދޭންވާނެއެވެ.
    • (ށ) އެހެން ޤާނޫނެއްގައި އެހެންގޮތަކަށް ބަޔާންކޮށްފައި ނުވާހާހިނދަކު، ޚަޞްމަކަށް ލިޔެކިޔުން ރައްދުކުރާ އެޑްރެސް ވާންވާނީ، ރައްދުކުރެވޭ ޚަޞްމުގެ ޤާނޫނީ ވަކީލުންގެ އޮފީސް ހުންނަ އެޑްރެހަށް؛ ނުވަތަ އެ ޚަޞްމަކު ޤާނޫނީ ވަކީލަކު ޢައްޔަނުކޮށްފައިނުވާނަމަ، އެ ޚަޞްމަކު ޢާންމު ގޮތެއްގައި ދިރިއުޅޭ ނުވަތަ ވިޔަފާރި ހިންގާ އެޑްރެހަށެވެ.
    • (ނ) މި މާއްދާގެ (ށ) ގައި ބަޔާންކުރާ ޙާލަތް ފިޔަވައި އެނޫން ޙާލަތެއްގައިނަމަ، ލިޔެކިޔުން ރައްދުކުރުމުގެ ބޭނުމަށް އެ ޚަޞްމަކު އެހެން އެޑްރެހެއް ދޭންވާނެއެވެ.
    • (ރ) އަތުން އަތަށް ރައްދުކުރަން ނުޖެހޭނަމަ، ނުވަތަ ކޯޓުން އެހެން ގޮތަކަށް އަމުރުކޮށްފައިނުވާނަމަ، މައްސަލައަކާ ގުޅިގެން ރައްދުކުރަންޖެހޭ އެއްވެސް ލިޔުމެއް ރައްދުކުރާނީ މި މާއްދާގެ (ށ) އާއި (ނ) ގައި ބަޔާންކޮށްފައިވާ ޚަޞްމުގެ ލިޔެކިޔުން ރައްދުކުރާ އެޑްރެހަށް އެ ލިޔުމެއް ފޮނުވައިގެންނެވެ.
    • (ބ) ޚަޞްމަކު ލިޔެކިޔުން ބަލައިގަންނަން ބޭނުންވަނީ ފެކުހުގެ ޒަރީއާއިން ކަމަށް ބުނެފައިވާނަމަ، އެ ފެކްސް ނަންބަރަކީ އެފަރާތަށް ލިޔެކިޔުން ރައްދުކުރާ އެޑްރެހުގައި ރަޖިސްޓަރީކޮށްފައިވާ ނަންބަރަކަށް ވާންވާނެއެވެ.
    • (ޅ) ޚަޞްމަކު ލިޔެކިޔުން ބަލައިގަންނަން ބޭނުންވަނީ ފެކްސް ނޫން އެހެން އިލެކްޓްރޯނިކް ވަސީލަތެއްގެ ޒަރީއާއިން ކަމަށް ބުނެފައިވާނަމަ، އެ ޚަޞްމަކު ދީފައިވާ އީ-މެއިލް އެޑްރެސް ނުވަތަ އިލެކްޓްރޯނިކް އައިޑެންޓިފިކޭޝަނަކީ އެފަރާތަށް ލިޔެކިޔުން ރައްދުކުރާ އެޑްރެސްކަމަށް ބެލެވޭނެއެވެ.
    • (ކ) ދައުލަތުން ނުވަތަ ދައުލަތާ ދެކޮޅަށް ހިނގާ މައްސަލަތަކުގައި، ދައުލަތަށް ލިޔެކިޔުން ރައްދުކުރާނީ އެއީ ދަޢުވާ ފޯމެއް ފަދައިން، 407 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އުސޫލުންނެވެ.
    • (އ) މި ޤާނޫނުގެ 415 ވަނަ މާއްދާގެ ދަށުން ކޯޓުން ކުރާ އަމުރެއްގައި ލިޔުމެއް ރައްދުކުރަންވީ ތަން ބަޔާންކޮށްފައިވާނަމަ، މި މާއްދާގައި ބަޔާންކުރާ އުސޫލުތަކެއް ނުހިނގާނެއެވެ.
  • 412. : އެޑްރެސް ބަދަލުވުން ޚަޞްމަކަށް ލިޔެކިޔުން ރައްދުކުރާ އެޑްރެސް ބަދަލުވެއްޖެނަމަ، އެ ބަދަލެއް، ވީ އެންމެ އަވަހަކަށް ކޯޓަށާއި އެހެން ޚަޞްމުންނަށް ލިޔުމުން އަންގަންވާނެއެވެ.
  • 413. : ކުޑަކުދިންނާއި ރައްކާތެރިކަން ލިބިދީފައިވާ މީހުންނަށް ރައްދުކުރުން
    • (ހ) ކުޑަކުއްޖަކަށް ނުވަތަ ރައްކާތެރިކަން ލިބިދީފައިވާ މީހަކަށް ރައްދުކުރަންޖެހޭ ލިޔުމެއް ރައްދުކުރާނީ އެ ކުއްޖެއްގެ ނުވަތަ އެ ރައްކާތެރިކަން ލިބިދީފައިވާ މީހެއްގެ ފަރާތުން މައްސަލައިގައި ތަމްސީލުކުރާ ފަރާތަކަށެވެ.
    • (ށ) ކުޑަކުއްޖަކަށް ނުވަތަ ރައްކާތެރިކަން ލިބިދީފައިވާ މީހަކަށް ނުވަތަ އެފަރާތްތަކުގެ މަޞްލަޙަތު ޙިމާޔަތްކޮށްދިނުމަށް ކަނޑައަޅާފައިވާ ފަރާތް ނޫން އެހެން ފަރާތަކަށް ލިޔެކިޔުން ރައްދުކުރުމަށް ހުއްދަދީ، ކޯޓަށް އަމުރެއް ނެރެވިދާނެއެވެ.
    • (ނ) އަނެއް ފަރާތަށް ނޯޓިސް ދިނުމަކާ ނުލައި، މި މާއްދާގެ (ށ) ގައި ބަޔާންކުރާ އަމުރަކަށް އެދި ހުށަހެޅިދާނެއެވެ.
  • 414. : ރައްދުވީކަމަށް ބެލުން ދަޢުވާ ފޯމެއް ފިޔަވައި، މި ޤާނޫނާ ނުވަތަ އެހެން ޤާނޫނަކާ އެއްގޮތްވާ ގޮތުގެމަތިން ދިވެހިރާއްޖޭގައި ރައްދުކުރާ ލިޔުމެއް ރައްދުވީކަމަށް ބަލާނީ ކޯޓުން ކަނޑައަޅާ ތާރީޚެއްގައި އެ ލިޔުމެއް ރައްދުކުރުމުންނެވެ.
  • 415. : އެހެން ގޮތަކަށް ނުވަތަ އެހެން ތަނަކަށް ރައްދުކުރުން
    • (ހ) ދަޢުވާ ފޯމު ނޫން އެހެން ލިޔެކިޔުން ރައްދުކުރުމަށް މި ޤާނޫނުގައި ވަކި ގޮތްތަކެއް ކަނޑައަޅާފައިވީނަމަވެސް، ނުވަތަ ވަކި ތަނަކަށް ފޮނުވަންޖެހޭ ޙާލަތެއްގައިނަމަވެސް، އެކަށީގެންވާ ސަބަބުތަކެއް ހުރިކަމަށް ކޯޓަށް ޤާބޫލުކުރެވޭނަމަ، ކޯޓުން ކަނޑައަޅާ އެހެން ގޮތަކަށް ނުވަތަ އެހެން ތަނަކަށް ލިޔެކިޔުން ފޮނުވުމުގެ އަމުރަކަށް އެދެވިދާނެއެވެ.
    • (ށ) މި މާއްދާގެ ދަށުން އަމުރެއް ނެރުމުގައި، ދަޢުވާ ފޯމު ނޫން އެހެން ލިޔެކިޔުން މި ޤާނޫނުގައި ކަނޑައަޅާފައިވާ ގޮތް ނޫން އެހެން ގޮތަކަށް ނުވަތަ އެހެން ތަނަކަށް ފޮނުވައިގެން އެ ލިޔެކިޔުން ރައްދުވާންޖެހޭ ފަރާތަކަށް ރައްދުކުރުމަށް އެހާތަނަށް ޢަމަލުކޮށްފައިވާ ގޮތަކީ އެ ލިޔެކިޔުން ރައްދުކުރަން ކަނޑައަޅާފައިވާ ގޮތަށް ރައްދުކުރުން ކަމަށް ބެލެވިދާނެއެވެ.
    • (ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދަ އަމުރެއް ނެރެދިނުމަށް އެދި އެ ހުށަހެޅުމާއެކު، އެ ހުށަހެޅުމުގައި އެދޭ ކަންކަން ސާބިތުކޮށްދެވޭނެ ހެކި ހުށަހަޅަންވާނެއެވެ. މައްސަލައިގައި ހިމެނޭ އެހެން ފަރާތަކަށް ނޯޓިހެއް ދިނުމަކާ ނުލައި ހުށަހެޅިދާނެއެވެ.
    • (ރ) މި މާއްދާގެ ދަށުން ނެރޭ އަމުރުގައި، ލިޔެކިޔުން ފޮނުވަންނީ ގޮތާއި، ތަނެއް ބަޔާންކޮށްފައި އޮންނަންވާނެއެވެ. އަދި ލިޔެކިޔުން ރައްދުވިކަމަށް ބަލާނެ ތާރީޚު ބަޔާންކޮށްފައި އޮންނަންވާނެއެވެ.
  • 416. : ދަޢުވާގެ ރަޖިސްޓަރީ
    • (ހ) މަދަނީ މައްސަލަ ބެލުމުގެ އިޚްތިޞާޞް ލިބިގެންވާ ކޯޓަކުން ބަލަހައްޓާ ދަޢުވާތަކުގެ ރަޖިސްޓަރީއެއް، އެ ކޯޓެއްގައި، ޢާންމުންނަށް ބެލޭނެގޮތަށް ޤާއިމުކޮށްފައި ހުންނަންވާނެއެވެ.
    • (ށ) މި ޤާނޫނުގެ ދަށުން ނުވަތަ އެހެން ޤާނޫނެއްގެ ދަށުން ސިއްރުކުރަންޖެހޭ މަޢުލޫމާތު ފިޔަވައި، ދަޢުވާގެ ރަޖިސްޓަރީގައި ފެންނަންހުރި ކޮންމެ ދަޢުވާއެއް، ކަނޑައެޅިފައިވާ ފީއެއް ދެއްކުމަށްފަހު ރަސްމީ ގަޑީގައި ބެލޭނެ އިންތިޒާމު ކޯޓުން ހަމަޖައްސައިދޭންވާނެއެވެ.
  • 417. : އާ ޚަޞްމުންނަށް ލިޔުންތައް ފޯރުކޮށްދިނުން
    • (ހ) ހިނގަމުންދާ މައްސަލައެއްގެ ތެރެއަށް ޚަޞްމަކު ތަދައްޚުލުވެއްޖެނަމަ، މައްސަލައިގައި ހިމެނޭ އެހެން ޚަޞްމުންނަށް އޭގެ ކުރިން ރައްދުކޮށްފައިވާ މައްސަލައިގެ ބަޔާންތަކާއި، ލިޔުމުން ހުރި ހެއްކާއި، އެ ތަކެއްޗާއެކު ޖަދުވަލުތަކުގެ ގޮތުގައި ހިމަނާފައިވާ އެންމެހައި ލިޔުމަކާއި، މައްސަލައިގައި އެހާތަނަށް ނެރެފައިވާ އެންމެހައި އަމުރެއްގެ ކޮޕީ، ތަދައްޚުލުވި ފަރާތަށް އެއްވެސް އަގަކާ ނުލައި ދިނުމަށް އެދުމުގެ ޙައްޤު އެ ފަރާތަކަށް ލިބިގެންވެއެވެ.
    • (ށ) މި މާއްދާގެ (ހ) ގެ ދަށުން ލިބިދިނުމަށް އެދޭ ލިޔުންތައް ވާންވާނީ ތަދައްޚުލުވި ފަރާތާއި މައްސަލައިގެ އެހެން ޚަޞްމުންނާ ދެމެދު އޮތް މައްސަލައާ ގުޅުންހުރި ލިޔުންތަކަށެވެ. މިފަދައިން ލިޔުންތައް ލިބިދިނުމަށް ލިޔުމުން އެދޭތާ، 48 (ސާޅިސްއަށެއް) ގަޑިއިރުގެ ތެރޭގައި އެ ލިޔުންތައް ކޯޓުން އެ ފަރާތަށް ފޯރުކޮށްދޭންވާނެއެވެ.
  • 418. : ކޯޓު ރެކޯޑުތަކުން ޚަޞްމަކަށް ލިޔުންތައް ފޯރުކޮށްދިނުން
    • (ހ) ކޯޓުން އެހެން ގޮތަކަށް އަމުރު ނުކުރާހާ ހިނދަކު، މައްސަލައެއްގެ ޚަޞްމަކަށް ކޯޓު ރެކޯޑުތަކުން އަންނަނިވި ލިޔުންތަކުގެ ކޮޕީ ފޯރުކޮށްދެވިދާނެއެވެ.
      • (1) ދަޢުވާ ފޯމު ނުވަތަ ދަޢުވާގެ ދިފާޢު ނުވަތަ ރައްދު ދަޢުވާ ނުވަތަ އިތުރު ދަޢުވާއެއްގެ ކޮޕީއާއި، މައްސަލައިގެ ބަޔާންތަކާއި، އެއިން ލިޔުމަކާއެކު ހުށަހެޅި ލިޔުންތައް ނުވަތަ ދަޢުވާ ފޯމާއެކު ހުށަހެޅުމަށް ޤަޞްދުކޮށްފައިވާ އެފަދަ ލިޔުންތައް؛
      • (2) ދަޢުވާ ފޯމާ ޙަވާލުވިކަން އަންގާ ލިޔުމާއި، އެ ލިޔުމާއެކު ހުށަހެޅުނު ލިޔުންތައް ނުވަތަ އެ ލިޔުމާއެކު ހުށަހެޅުމަށް ޤަޞްދުކޮށްފައިވާ އެފަދަ ލިޔުންތައް؛
      • (3) މި މާއްދާގެ (5) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ހުށަހެޅުމަކާ ގުޅިގެން ނެރޭ އަމުރު ނުވަތަ ހުށަހެޅުމެއްގެ ނޯޓިސް ރައްދުކުރިކަމުގެ ލިޔުން ފިޔަވައި، އެނޫން ލިޔުމެއް ރައްދުކުރިކަމުގެ ލިޔުން؛
      • (4) ރައްދުނުކުރެވޭ ކަމުގެ ނޯޓިސް؛
      • (5) ކޯޓަށް އަންގަންޖެހޭ ކަންކަން އެންގުމަށް ހުށަހަޅާ ހުށާހެޅުންތަކުގެ ނޯޓިސް؛ އޭގެ ތެރޭގައި، މައްސަލައެއްގައި ޚަޞްމަކު ތަމްސީލުކުރާ ޤާނޫނީ ވަކީލަކު، ޚަޞްމަކު ތަމްސީލުކުރުން ހުއްޓާލިކަން އެންގުމުގެ ގޮތުން ހުށަޅާ ހުށަހެޅުމުގެ ނޯޓިސް ނުވަތަ؛ މައްސަލައެއްގައި ހިމެނޭ ޚަޞްމެއް ނުވަތަ ހެކިބަސްދޭ ފަރާތަކީ ކާކުކަން ހާމަވެދާނެ ފަދަ މަޢުލޫމާތެއް ޢާންމުނުކުރުމަށް އެދި ހުށަހަޅާ ހުށަހެޅުމެއްގެ ނޯޓިހެއް ނުހިމެނެއެވެ.
      • (6) މި މާއްދާގެ (5) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފަދަ ހުށަހެޅުމެއް ފިޔަވައި، އެހެން ހުށަހެޅުމަކާ ގުޅިގެން ލިޔުމުން ހުށަހަޅާފައިވާ ހެކި؛
      • (7) ޢާންމުކޮށް ހުޅުވާލެވިގެން ކޮށްފައިވާ ޙުކުމެއް ނުވަތަ އަމުރެއް؛
      • (8) ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓު؛
      • (9) ޚަރަދުގެ ބަޔާން؛
      • (10) ހެކި ހާމަކުރުމުގެ ލިސްޓު؛
      • (11) ކޯޓަށް ފައިސާ ދެއްކިކަމުގެ ނޯޓިސް؛
      • (12) ދަޢުވާ އަނބުރާ ގެނައުމުގެ ނޯޓިސް؛
      • (13) ބަދަލުވީކަމުގެ ނޯޓިސް؛ ނުވަތަ
      • (14) އިސްތިއުނާފުކުރާ ނުވަތަ އިސްތިއުނާފު ރައްދުވާ ފަރާތުގެ އިސްތިއުނާފު ނޯޓިސް.
    • (ށ) ކޯޓުން ހުއްދަ ދީފިނަމަ، މައްސަލައެއްގެ ޚަޞްމަކު ހުށަހަޅާފައިވާ މިމާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ލިޔުންތަކުގެ އިތުރުން އެހެން ލިޔުމެއް ނުވަތަ ކޯޓާއި ޚަޞްމަކާ ނުވަތަ އެހެން ފަރާތަކާ ދެމެދު ކުރެވިފައިވާ މުޢާމަލާތެއްގެ ކޮޕީ، މައްސަލައިގެ ޚަޞްމަކަށް ކޯޓު ރެކޯޑުތަކުން ފޯރުކޮށްދެވިދާނެއެވެ.
  • 419. : ކޯޓު ރެކޯޑުތަކުން ޚަޞްމެއް ނޫން ފަރާތަކަށް ލިޔުންތައް ފޯރުކޮށްދިނުން
    • (ހ) ޢާންމު އުސޫލެއްގެ ގޮތުން، މައްސަލައެއްގެ ޚަޞްމަކަށް ނުވާ ފަރާތަކަށް ކޯޓު ރެކޯޑުތަކުން އަންނަނިވި ލިޔުންތަކުގެ ކޮޕީ ހޯދުމަށް އެދި ހުށަހެޅިދާނެއެވެ.
      • (1) ދަޢުވާ ފޯމު ނުވަތަ ދަޢުވާގެ ދިފާޢު ނުވަތަ ރައްދު ދަޢުވާ ނުވަތަ އިތުރު ދަޢުވާ؛ އެއާ އެއްކޮށް ހުށަހެޅުނު ނުވަތަ އެޓޭޗްކޮށްފައިވާ ލިޔުންތަކާއި، އަދި އެ ބަޔާންތަކާއެކު ރައްދުކުރުމަށް އެ ބަޔާން ދިން ފަރާތުން ޤަސްދުކުރި ލިޔުންތައް އޭގެ ތެރޭގައި ނުހިމެނޭނެއެވެ.
      • (2) ޢާންމުކޮށް ހުޅުވާލެވިގެން ބޭއްވޭ ޝަރީޢަތުގެ އަޑުއެހުމެއްގައި ކޮށްފައިވާ ޙުކުމެއް ނުވަތަ އަމުރެއް.
    • (ށ) ކޯޓުން ހުއްދަ ދީފިނަމަ، މައްސަލައެއްގެ ޚަޞްމަކު ހުށަހަޅާފައިވާ މިނޫންވެސް އެހެން ލިޔުމެއް ނުވަތަ ކޯޓާއި ޚަޞްމަކާ ނުވަތަ އެހެން ފަރާތަކާ ދެމެދު ކުރެވިފައިވާ މުޢާމަލާތެއްގެ ކޮޕީ، މައްސަލައިގެ ޚަޞްމަކަށް ނުވާ ފަރާތަކަށް ކޯޓު ރެކޯޑުތަކުން ހޯދުމަށް އެދި ހުށަހެޅިދާނެއެވެ.
    • (ނ) މި މާއްދާގެ (ހ) ގެ ދަށުން މައްސަލައިގެ ދަޢުވާ ފޯމު ނުވަތަ ދަޢުވާގެ ދިފާޢު ނުވަތަ ރައްދު ދަޢުވާ ނުވަތަ އިތުރު ދަޢުވާއާއި، ޙުކުމުގެ ނުވަތަ އަމުރުގެ ކޮޕީ، މައްސަލައިގެ ޚަޞްމަކަށް ނުވާ ފަރާތަކަށް ހޯދޭނީ އަންނަނިވި ޙާލަތްތަކުގައެވެ.
      • (1) ދަޢުވާ ލިބެނީ އެންމެ ފަރާތަކަށްނަމަ، އެ ފަރާތުން ދަޢުވާ ފޯމާ ޙަވާލުވިކަން އަންގާ ލިޔުން ނުވަތަ ދަޢުވާގެ ދިފާޢު ހުށަހަޅާފައިވާނަމަ؛
      • (2) ދަޢުވާ ލިބެނީ އެއް ފަރާތަށްވުރެ ގިނަ ފަރާތްތަކަށް ކަމަށްވާނަމަ:
        • i. އެ އެންމެހައި ފަރާތަކުން ދަޢުވާ ފޯމާ ޙަވާލުވިކަން އަންގާ ލިޔުން ނުވަތަ ދަޢުވާގެ ދިފާޢު ހުށަހަޅާފައިވާނަމަ؛ ނުވަތަ
        • ii. މަދުވެގެން ދަޢުވާލިބޭ އެއް ފަރާތުން ދަޢުވާ ފޯމާ ޙަވާލުވިކަން އަންގާ ލިޔުން ނުވަތަ ދަޢުވާގެ ދިފާޢު ހުށަހަޅާފައިވާނަމަ އަދި ކޯޓުން އެކަމަށް ހުއްދަ ދީފައިވާނަމަ.
      • (3) މައްސަލައިގެ އަޑުއެހުމެއް ތާވަލުކޮށްފައިވާނަމަ؛ ނުވަތަ
      • (4) މައްސަލައިގައި ޙުކުމެއް ކޮށްފައިވާނަމަ.
    • (ރ) މައްސަލައިގެ ޚަޞްމަކު ނުވަތަ ދަޢުވާ ފޯމު ނުވަތަ ދަޢުވާގެ ދިފާޢު ނުވަތަ ރައްދު ދަޢުވާ ނުވަތަ އިތުރު ދަޢުވާއެއްގައި ޙަވާލާދީފައިވާ މީހަކު އެފަދައިން އެދެފިނަމަ، އެ މައްސަލައިގެ ޚަޞްމަކަށް ނުވާ މީހަކަށް މި މާއްދާގެ (ހ) ގެ ދަށުން ލިޔުންތައް ފޯރުކޮށްދީގެން ނުވާނެކަމަށް ނުވަތަ ވަކި މީހަކަށް ނުވަތަ ވަކި ގިންތިއަކަށް ނިސްބަތްވާ ބަޔަކަށް ދަޢުވާ ފޯމު ނުވަތަ ދަޢުވާގެ ދިފާޢު ނުވަތަ ރައްދު ދަޢުވާ ނުވަތަ އިތުރު ދަޢުވާއެއްގެ ކޮޕީ ލިބޭނީ ހަމައެކަނި ކޯޓުން އަންގާ ގޮތަކަށް އެ ބަޔާންތަކަށް ބަދަލު ގެންނަ ޙާލަތުގައި ކަމަށް، ނުވަތަ ކޯޓަށް ފެންނަ އެނޫން އެހެން ގޮތަކަށް އަމުރެއް ނެރެވިދާނެއެވެ.
    • (ބ) މި މާއްދާގެ (ރ) ގެ ދަށުން އަމުރަކަށް އެދޭނަމަ، ކޯޓަށް ލިޔުމުން ހުށަހަޅަންވާނެއެވެ.
    • (ޅ) މި މާއްދާގެ (ރ) ގެ ދަށުން ކޯޓުން އަމުރެއް ކޮށްފިނަމަ، ދަޢުވާ ފޯމު ނުވަތަ ދަޢުވާގެ ދިފާޢު ނުވަތަ ރައްދު ދަޢުވާ ނުވަތަ އިތުރު ދަޢުވާއެއްގެ ކޮޕީ ނުވަތަ އެ ލިޔުންތަކުގެ އުނިއިތުރު ގެނެސްފައިނުވާ ކޮޕީއެއް ހޯދުމަށް އެދޭ މައްސަލައިގެ ޚަޞްމަކަށް ނުވާ ފަރާތަކުން، މައްސަލައިގެ ޚަޞްމަކު ނުވަތަ ދަޢުވާ ފޯމު ނުވަތަ ދަޢުވާގެ ދިފާޢު ނުވަތަ ރައްދު ދަޢުވާ ނުވަތަ އިތުރު ދަޢުވާގައި ފާހަގަކޮށްފައިވާ އަމުރަށް އެދުނު ފަރާތަށް ނޯޓިސް ދިނުމަށްފަހު، ހުއްދައަށް އެދެވިދާނެއެވެ.
  • 420. : ކޯޓު ރެކޯޑުތަކުން ލިޔުންތައް ފޯރުކޮށްދިނުން
    • (ހ) މި ޤާނޫނުގެ 418 އަދި 419 ވަނަ މާއްދާގެ ދަށުން ލިޔުމެއް ހޯދަން އެދޭ ކޮންމެ މީހަކު، އެކަމަށް ކަނޑައެޅިފައިވާ ފީއެއް ކޯޓަށް ދައްކަންވާނެއެވެ. އަދި ކޯޓުގެ ހުއްދަ ބޭނުންވާނަމަ، އެ ހުއްދައަށް އެދި ހުށަހެޅުމުގެ ނޯޓިސް ދޭންވާނެއެވެ. ހުއްދަ ބޭނުންނުވާނަމަ، ލިޔުންތައް ހޯދުމަށް ލިޔުމުން އެދެންވާނެއެވެ.
    • (ށ) މި ޤާނޫނުގެ 419 ވަނަ މާއްދާގެ (ރ) ގެ ދަށުން އަމުރަކަށް އެދި ހުށަހަޅާ ހުށަހެޅުމަކާ ގުޅިގެން، މި ޤާނޫނުގެ 419 ވަނަ މާއްދާގެ (ޅ) ގެ ދަށުން ނޯޓިސް ދިނުމަށްފަހު ހުށަހަޅާ ހުށަހެޅުން ފިޔަވައި، މި ޤާނޫނުގެ 418 ނުވަތަ 419 ވަނަ މާއްދާގެ ދަށުން ނޯޓިހަކާ ނުލައި، ލިޔުމެއްގެ ކޮޕީ ހޯދުމުގެ ހުއްދައަކަށް އެދި ހުށަހެޅިދާނެއެވެ. އެހެންނަމަވެސް، ކޯޓުގެ ނިންމުމުގެ ސަބަބުން އަސަރުކުރާނެ ކޮންމެ ފަރާތަކަށް ނޯޓިސް ދިނުމަށް ކޯޓަށް އެންގިދާނެއެވެ.
    • (ނ) އެހެން ޤާނޫނެއްގައި އެހެން ގޮތަކަށް ޢަމަލުކުރުމަށް ކަނޑައަޅާފައިވާ އެއްވެސް މައްސަލައަކާ ގުޅިގެން މި ޤާނޫނުގެ 417، 418 އަދި 419 ވަނަ މާއްދާއެއް ނުހިނގާނެއެވެ.
  • 421. : އިލެކްޓްރޯނިކް ޒަރީއާއިން,ކޯޓަށް މައްސަލަ ހުށަހެޅުން އިލެކްޓްރޯނިކް ޒަރީއާއިން މައްސަލަ ހުށަހެޅޭނެ ނިޒާމެއް، މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދެއްގެ ދަށުން ކޯޓުތަކުގައި ޤާއިމުކުރުމަކަށް މި ޤާނޫނު ހުރަހެއްނާޅައެވެ.
  • 422. : ޝަރީޢަތުގެ ނިޒާމު ނަހަމަގޮތުގައި ބޭނުންކުރާ ޙާލަތުގައި ފިޔަވަޅުއެޅުމަށް ކޯޓަށް ލިބިދޭ ބާރު
    • (ހ) ކޯޓަކުން ބަލަމުންދާ މައްސަލައަކާ ގުޅިގެން ޝަރީޢަތުގެ ނިޒާމު ނަހަމަގޮތުގައި ބޭނުންކުރުމުގެ ޢަމަލެއް ހިނގައިފިނަމަ، އެ ޢަމަލު ހިނގާތާ 30 (ތިރީސް) ދުވަހުގެ ތެރޭގައި ކޯޓުގެ އަމިއްލަ އިސްނެގުމުގައި އެ ޢަމަލު ހިންގި ފަރާތާ ދެކޮޅަށް ފިޔަވަޅު އެޅިދާނެއެވެ.
    • (ށ) ޝަރީޢަތުގެ ނިޒާމު ނަހަމަގޮތުގައި ބޭނުންކުރުމުގެ ޢަމަލުގެ ތެރޭގައި، ސަބަބެއް ނުވަތަ ބޭނުމެއް ނެތި ކުރާ ޢަމަލުތައް ނުވަތަ ވަގުތު ބޭކާރުކުރުމުގެ ޢަމަލުތައް ނުވަތަ އެހެން މީހުންނަށް އުނދަގޫވާގޮތަށް ހިންގާ ޢަމަލުތައް ހިމެނެއެވެ. އަދި ވަކި ހައްދެއް ނެތި ނުވަތަ އެކަށީގެންވާ ސަބަބެއް ނެތި އެހެން ފަރާތަކަށް ގެއްލުންވާނެފަދަ ގޮތަކަށް އިޖުރާއަތު ބޭނުންކުރުމާއި، އިންޞާފަށް ހުރަސްއެޅުމަށް މަސައްކަތްކުރުމާއި، ޢާންމު މަޝްވަރާކުރުމުގައި އެހެން ފަރާތަކަށް ލިބިގެންވާ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ހަނިކުރުން ފަދަ ޢަމަލުތަކަކީވެސް ޝަރީޢަތުގެ ނިޒާމު ނަހަމަގޮތުގައި ބޭނުންކުރުމުގެ ޢަމަލުތައް ކަމަށް ބެލެވޭނެއެވެ.
    • (ނ) އެއް ޚަޞްމަކު ހުށަހަޅާފައިވާ ހުށަހެޅުމަކީ ޝަރީޢަތުގެ ނިޒާމު ނަހަމަގޮތުގައި ބޭނުންކުރުމުގެ ޢަމަލެއްގެ ގޮތުގައި ބެލިދާނެކަމަށް އަނެއް ޚަޞްމަކު ކޯޓަށް ސާބިތުކޮށްދީފިނަމަ، އެ ހުށަހެޅުމަކީ ހައްދެއް ނެތި ނުވަތަ އެކަށީގެންވާ ސަބަބެއް ނެތި ހުށަހަޅާފައިވާ ހުށަހެޅުމެއް ނޫންކަމާއި، އެފަދަ ހުށަހެޅުމެއް ހުށަހަޅަން ޤާނޫނުން ތަންދޭކަން ސާބިތުކުރުމުގެ ބުރަ އުފުލަންޖެހޭނީ ހުށަހެޅުން ހުށަހެޅި ފަރާތުންނެވެ. އެފަދަ ހުށަހެޅުމަކާއި ދިފާޢެއް އަނގަބަހުން ހުށަހެޅުމަށްފަހު، ލިބިފައިވާ ހެއްކަށް ރިޢާޔަތްކޮށް ކޯޓުން ގޮތެއް ނިންމަންވާނެއެވެ.
    • (ރ) ހުށަހެޅުމެއް ހުށަހެޅުމުގައި ޝަރީޢަތުގެ ނިޒާމު ނަހަމަގޮތުގައި ބޭނުންކޮށްފައިވާކަމަށް ކޯޓަށް ސާބިތުވެއްޖެނަމަ، ކޯޓަށް އެފަދަ ހުށަހެޅުމެއް ބާޠިލުކުރެވިދާނެއެވެ.
    • (ބ) ޝަރީޢަތުގެ ނިޒާމު ނަހަމަގޮތުގައި ބޭނުންކޮށްފައިވާނަމަ، ނުވަތަ ބޭނުންކޮށްފައިވާކަމަށް ކޯޓަށް ފެނިއްޖެނަމަ، ކޯޓަށް އެކަށީގެންވާކަމަށް ފެނިއްޖެ ހިނދެއްގައި އަންނަނިވި ފިޔަވަޅުތަކުގެ ތެރެއިން ފިޔަވަޅެއް އެޅިދާނެއެވެ.
      • (1) ހުށަހެޅުމާ ގުޅިގެން އިތުރަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގައި ވަކި ޝަރުޠުތަކެއް ކަނޑައެޅުން؛
      • (2) ކަމާގުޅޭ ޚަޞްމުގެ ފަރާތުން ޝަރީޢަތުގެ ކަންކަން ރަނގަޅަށް ގެންދާނެކަމުގެ ޔަޤީންކަން ހޯދުން؛
      • (3) ޝަރީޢަތުގެ މަރުޙަލާ 1 (އެކެއް) މަސް ދުވަހަށްވުރެ އިތުރުނުވާނެގޮތަށް މެދުކަނޑާލުން؛
      • (4) އަނެއް ފަރާތަށް ލިބުނު އަނިޔާގެ ގެއްލުމުގެ ބަދަލު ދެއްކުމަށް ހުށަހެޅުން ހުށަހެޅި ޚަޞްމުގެ މައްޗަށް ޢަމުރުކުރުން. ގެއްލުމުގެ ބަދަލުގެ ތެރޭގައި ޤާނޫނީ ވަކީލު ފީއާއި، އެފަރާތުން ކުރަންޖެހުނު އެހެން ޚަރަދުތައް ހިމެނިދާނެއެވެ.
    • (ޅ) ޝަރީޢަތުގެ ނިޒާމު ނަހަމަގޮތުގައި ބޭނުންކުރުމުގެ ޢަމަލުގެ ޒިންމާ ނަގަންޖެހޭނީ ޤާނޫނީ ޝަޚްޞެއް ކަމުގައިވާނަމަ، އެފަދަ ނިންމުމެއް ނިންމުމުގައި ބައިވެރިވި ޑިރެކްޓަރުންނާއި އެ ޤާނޫނީ ޝަޚްޞުގެ އެހެން ފަރާތަކުން އެކަމަށް ބަދަލު ދެއްކުމަށް ކޯޓަށް އަމުރުކުރެވިދާނެއެވެ.
    • (ކ) ޝަރީޢަތުގެ ނިޒާމު ނަހަމަގޮތުގައި ބޭނުންކުރުމުގެ ޢަމަލުގެ ޒިންމާ ނަގަންޖެހޭނީ މުދަލެއް ބެލެހެއްޓުމާ ޙަވާލުވެގެން ހުރި ފަރާތް ކަމުގައިވީނަމަވެސް، މި މާއްދާގައި ބަޔާންކުރާ އިޖުރާއަތު ހިނގާނެއެވެ.
  • 423. : އަސާސެއް ނެތް ދަޢުވާކުރުން ހުއްޓުވުމަށް ކޯޓަށް ލިބިގެންވާ ބާރު
    • (ހ) އެކަށީގެންވާ އަސާސެއް ނެތް ދޭއް ނުވަތަ އެއަށްވުރެ ގިނަ ހުށަހެޅުން ޚަޞްމަކު ހުށަހަޅައިފިނަމަ، އަސާސެއް ނެތް ދަޢުވާކުރުން ހުއްޓުވުމުގެ ގޮތުން ކޯޓަށް ލިބިދޭ ބާރުގެ ދަށުން ކޯޓަށް އެ ޚަޞްމަކާ ދެކޮޅަށް އަމުރެއް ނެރެވިދާނެއެވެ.
    • (ށ) މި މާއްދާގެ (ހ) ގެ ދަށުން ޚަޞްމަކާ ދެކޮޅަށް ކޯޓުން އަމުރެއް ކުރާއިރު، އަންނަނިވި ޝަރުޠުތަކުގެ ތެރެއިން ޝަރުޠެއް ކަނޑައެޅިދާނެއެވެ.
      • (1) ކުރިން ހުށަހެޅި ހުށަހެޅުން ހުށަހަޅާފައިވަނީ ފަނޑިޔާރުގެ ހުއްދަ ހޯދުމަކާ ނުލައި ކަމުގައިވާނަމަ، އެ ފަނޑިޔާރެއްގެ ހުއްދަ ލިބިގެން މެނުވީ ޝަރީޢަތުގައި އިތުރު ހުށަހެޅުމެއް ހުށަހެޅުން މަނާކުރުން؛
      • (2) ކުރިން ހުށަހެޅި ހުށަހެޅުން ހުށަހަޅާފައިވަނީ ފަނޑިޔާރުގެ ހުއްދަ ހޯދައިގެން ކަމުގައިވާނަމަ، އެ ހުށަހެޅުން އިޞްލާޙުކުރަން ނުވަތަ ބާޠިލުކުރުން.
    • (ނ) މި މާއްދާގެ ދަށުން ކޯޓުން އަމުރެއް ކޮށްފައިވާ ޚަޞްމަކު ކުރިން ހުށަހެޅި ހުށަހެޅުން ހުށަހަޅާފައިވަނީ ފަނޑިޔާރުގެ ހުއްދަ ހޯދުމަކާ ނުލައި ކަމުގައިވާނަމަ، އަދި އަމުރު ނެރުނު ފަހުން ޝަރީޢަތުގައި އިތުރު ހުށަހެޅުމެއް ހުށަހަޅައިފިނަމަ، އިތުރު އަމުރެއް ނެރުމަކާ ނުލައި، އަދި އަނެއް ޚަޞްމަށް އެކަމަށް ޖަވާބުދާރީވުމަށް ފުރުޞަތެއް ދިނުމަކާ ނުލައި، އެ ހުށަހެޅުން ވަގުތުން ފަނޑިޔާރަށް ބާޠިލުކުރެވިދާނެއެވެ.
    • (ރ) މި މާއްދާގެ ދަށުން ކޯޓުން ނެރޭ އަމުރަކާ ގުޅިގެން، ތަކުރާރުކޮށް އެއްވެސް އަސާސެއް ނެތް އިތުރު ހުށަހެޅުމެއް ހުށަހެޅުމަށްޓަކައި ކޯޓުގެ ހުއްދައަށް އެދޭނަމަ، އެފަދަ ހުށަހެޅުމެއް ހުށަހެޅުމަށްޓަކައި އިތުރަށް ކޯޓުގެ ހުއްދައަށް އެދި ހުށަހަޅާ ހުށަހެޅުން ބާޠިލުކުރެވިދާނެއެވެ. އަދި އެ ޙާލަތުގައި، އިސްތިއުނާފުކުރުމުގެ ޢާންމު އިޖުރާއަތާ އެއްގޮތަށް އެ ނިންމުން އިސްތިއުނާފުކުރުމުގެ ޙައްޤު އެ ޚަޞްމަށް ލިބިގެންވެއެވެ.
    • (ބ) އެ ޚަޞްމަކާ ދެކޮޅަށް މި މާއްދާގެ ދަށުން އަމުރެއް ނެރެފައިވާ ޚަޞްމަކަށް މި މާއްދާގެ (ށ) ގެ ދަށުން ކޯޓުގެ ހުއްދައަށް އެދެވޭނީ، އެކަމުގެ ނޯޓިސް ކޯޓަށް ދިނުމާއެކު، ކޯޓުން އަނެއް ޚަޞްމަށް އެކަން އެންގުމަށް ފަހުގައެވެ. އެގޮތުން، ކޯޓުން އަންގާ އެންގުމުގައި ކޯޓުގެ ހުއްދައަށް އެދުނު ސަބަބުތަކާއި، މައްސަލައިގެ ޠަބީޢަތް ބަޔާންކުރުމާއެކު، އެކަމަށް ޖަވާބުދާރީވުމަށް 7 (ހަތެއް) ދުވަހުގެ ފުރުޞަތެއް ދޭންވާނެއެވެ.
    • (ޅ) މި މާއްދާގެ (ށ) ގެ ދަށުން ކޯޓުގެ ހުއްދައަށް އެދެންވާނީ މި މާއްދާގެ (ބ) ގައި ބަޔާންކޮށްފައިވާ ނޯޓިހަށް އަނެއް ޚަޞްމު ދިން ޖަވާބާއެކު، ލިޔުމުންނެވެ. އެފަދަ ހުށަހެޅުމަކާމެދު ކޯޓުން ގޮތެއް ނިންމާނީ އަޑުއެހުމެއް ބޭއްވުމަކާ ނުލައެވެ.
    • (ކ) މި މާއްދާގެ (ރ) ގެ ދަށުން އެފަދަ އަމުރެއް ނެރެވޭނީ ހަމައެކަނި ކޯޓުގެ އިސް ޤާޟީއަށެވެ.
    • (އ) މި މާއްދާގެ ދަށުން ނެރޭ އަމުރެއް ހިނގާނީ އެ އަމުރު ނެރުނު ޝަރީޢަތާ ގުޅިގެން އެކަންޏެވެ. ކޯޓުން އެހެން ގޮތަކަށް އަމުރު ނުކުރާހާ ހިނދަކު، އެ އަމުރު، އެ އަމުރު ނެރެނު ޝަރީޢަތުގެ މުއްދަތަށް ދެމިއޮންނާނެއެވެ. އަދި އަމުރުގައި މި މާއްދާގެ (ށ) އަދި (ނ) ގެ ދަށުން ކޯޓުގެ ހުއްދައަށް އެދި ހުށަހަޅަންވީ ކޮން ފަނޑިޔާރެއް ނުވަތަ ފަނޑިޔާރަކަށްކަން ބަޔާންކުރަންވާނެއެވެ.
  • 424. : ދަޢުވާގެ ޚަޞްމުންގެ ގޮތުގައި ނުހިމެނޭ ފަރާތްތައް ޙުކުމާ އެއްގޮތަށް ޢަމަލުކުރަން އެންގުމަށް ކޯޓަށް ލިބިގެންވާ ބާރު
    • (ހ) ވާރުތަ މުދާ ބެހުމުގެ ދަޢުވާއަށާއި، ޓްރަސްޓެއްގެ ދަށުގައިވާ މުދަލުގެ ދަޢުވާއަށާއި، މުދާ ވިއްކުމުގެ ދަޢުވާތަކުގައި، ޚަޞްމުންގެ ގޮތުގައި ނުހިމެނޭ، އެހެން ނަމަވެސް ދަޢުވާގެ ސަބަބުން އެފަރާތަކަށް އަސަރުކުރާނެ ފަރާތަކަށް ދަޢުވާ ނުވަތަ މައްސަލައިގެ ތެރެއިން ނެރެފައިވާ އަމުރެއް ނުވަތަ ޙުކުމަކާ އެއްގޮތަށް ޢަމަލުކުރުމަށް ކޯޓަށް އެންގިދާނެއެވެ.
    • (ށ) މި މާއްދާގެ (ހ) ގެ ދަށުން ކޯޓުން ކަނޑައަޅާ ޙާލަތުގެ އިތުރުން ދަޢުވާގެ ޚަޞްމުންގެ ގޮތުގައި ނުހިމެނޭ ފަރާތްތައް ޙުކުމާ އެއްގޮތަށް ޢަމަލުކުރުވުމަށް އެދި އެ ޚަޞްމަކަށް ކޯޓަށް ހުށަހެޅިދާނެއެވެ. ކޯޓަށް ހުށަހަޅާނީ ދަޢުވާގެ ޚަޞްމުންގެ ގޮތުގައި ނުހިމެނޭ ފަރާތްތައް ޙުކުމާ އެއްގޮތަށް ޢަމަލުކުރަންޖެހޭ ސަބަބުތައް ބަޔާންކުރާ ކިތާބީ ހެއްކާ އެކުގައެވެ.
    • (ނ) ކޯޓުން އެހެންގޮތަކަށް އަމުރު ނުކުރާހާ ހިނދަކު:
      • (1) ގެންނަންޖެހޭ ބަދަލުތައް ގެނެސްފައިވާ ދަޢުވާ ފޯމާ ޙަވާލުވިކަން އަންގާ ލިޔުމާއެކު، ދަޢުވާ ނުވަތަ މައްސަލައިގެ ތެރެއިން ނެރެފައިވާ އަމުރެއް ނުވަތަ ޙުކުމެއްގެ ނޯޓިސް ކޯޓުން ނެރެންވާނެއެވެ.
      • (2) ދަޢުވާގެ ނޯޓިހާއެކު ކޯޓުން އަންގާ ގޮތެއްގެމަތިން ދަޢުވާ ފޯމުގެ ކޮޕީއަކާއި، ދަޢުވާއާއެކު ހުށަހެޅުނު ބަޔާންތަކާއި، ހެކިބަސްދޭ ފަރާތްތަކުގެ ބަޔާންތަކާއި ތެދުކަން ކަށަވަރުކޮށްދީފައިވާ ލިޔުންތައްވެސް ހުށަހަޅަންވާނެއެވެ.
      • (3) ދަޢުވާ ނުވަތަ އަމުރުގެ ނޯޓިހާއެކު ޙުކުމް ނުވަތަ އަމުރުގެ ކޮޕީއެއްވެސް ހުށަހަޅަންވާނެއެވެ.
    • (ރ) ވަކި ފަރާތަކީ މި މާއްދާގެ ދަށުން އަމުރެއް ނުވަތަ ޙުކުމެއް ރައްދުވެފައިވާ ފަރާތެއްނަމަ ދަޢުވާގެ ޚަޞްމެކޭ އެއްފަދައިން ޙުކުމަކާ އެއްގޮތަށް އެފަރާތުންވެސް ޢަމަލުކުރަންވާނެއެވެ. އެހެންނަމަވެސް، ނޯޓިސް ލިބޭތާ 28 (އަށާވީސް) ދުވަހުގެ ތެރޭގައި ޙުކުމް ނުވަތަ ޢަމުރު ބާޠިލުކުރުމަށް ނުވަތަ ބަދަލުކުރުމަށް އެ ފަރާތަށް ކޯޓަށް ހުށަހެޅިދާނެއެވެ. އަދި ޙުކުމް ނުވަތަ އަމުރާ ގުޅިގެން ބޭއްވޭ ޝަރީޢަތެއްގައި އެ ފަރާތަށް ބައިވެރިވެވިދާނެއެވެ.
    • (ބ) މި މާއްދާގެ ދަށުން އަމުރު ނެރޭ ތާރީޚު ކަމަށް ބަލާނީ ކޯޓުން އަމުރުގައި ބަޔާންކުރާ ތާރީޚެވެ.
  • 425. : މުއްދަތު ގުނުން
    • (ހ) މި ޤާނޫނުގެ ދަށުން އެއްވެސް ކަމެއް ކުރުމުގައި މުއްދަތު ގުނަންޖެހިއްޖެނަމަ ޢަމަލުކުރަންވާނީ އަންނަނިވި ގޮތުގެމަތިންނެވެ.
      • (1) މުއްދަތެއް ކަނޑައެޅުމުގައި، ވަކި ދުވަސްތަކެއްގެ ތެރޭގައި ވަކި ކަމެއް ކުރުމަށް ބުނެފައިވާނަމަ، އެ މުއްދަތު ގުނުމުގައި، އެ މުއްދަތު ފެށޭ ދުވަހާއި ނިމޭ ދުވަހެއް ނުހިމެނޭނެއެވެ.
      • (2) ހަތް ދުވަހަށްވުރެ ދިގު މުއްދަތެއް ގުނުމުގައި، އެ ހަތް ދުވަހުގެ މުއްދަތުގެ ތެރޭގައި ރަސްމީ ބަންދު ދުވަހެއް ހިމެނޭނަމަ، އެ ބަންދު ދުވަހެއް އެ މުއްދަތު ގުނުމުގައެއް ނުހިމެނޭނެއެވެ.
      • (3) މި ޤާނޫނުގައި، ނުވަތަ ކޯޓު ޙުކުމެއްގައި ނުވަތަ ކޯޓު އަމުރެއްގައި ނުވަތަ ކޯޓަކުން ނެރެފައިވާ އެނޫންވެސް އެންގުމެއްގައި ވަކި ކަމެއް ކުރުމަށް ކަނޑައެޅިފައިވާ މުއްދަތު ނިމޭ ދުވަސް ދިމާވަނީ ރަސްމީ ބަންދު ދުވަހަކާ ކަމުގައިވާނަމަ، ދެން އެންމެ އަވަހަށް ކޯޓުގެ މަސައްކަތް ފެށޭ ރަސްމީ ދުވަހެއްގައި އެކަން ކުރުމުން، އެ މުއްދަތުގެ ތެރޭގައި އެކަމެއް ކުރެވުނީ ކަމުގައި ބެލޭނެއެވެ.
      • (4) ޙުކުމެއް ނުވަތަ ކޯޓު އަމުރެއް ނުވަތަ ކޯޓަކުން ނެރެފައިވާ އެނޫންވެސް އެންގުމެއްގައި މަހަކަށް ޙަވާލާދީފައިވާނަމަ، އެ ޙަވާލާދެނީ، މީލާދީ މަހަކަށެވެ.
    • (ށ) ކޯޓަކުން ކުރާ ޙުކުމެއްގައި ނުވަތަ އަމުރެއްގައި ނުވަތަ އެނޫންވެސް ނިންމުމެއްގައި، ވަކި ކަމެއް ވަކި މުއްދަތެއްގެ ތެރޭގައި ކުރުމަށް ބަޔާންކުރާނަމަ، އެ މުއްދަތު ހަމަވާ ތާރީޚު، މީލާދީ ތާރީޚުން ކޯޓުގެ އެ ނިންމުމުގައި ބަޔާންކުރަންވާނެއެވެ. އަދި އެއީ އެ ތާރީޚުގެ ވަކި ވަގުތެއްގެ ކުރިން ފުރިހަމަކުރަންޖެހޭ ކަމެއް ކަމުގައިވާނަމަ، އެ ވަގުތެއްވެސް ބަޔާންކުރަންވާނެއެވެ.
    • (ނ) ވަކި ކަމެއް ކުރުމަށް ކަނޑައަޅާފައިވާ ތާރީޚެއް އެއްވެސް ލިޔުމެއްގައި ބަޔާންކުރާނަމަ، އެ ލިޔުމެއްގައި އެ ތާރީޚު ބަޔާންކުރަންވާނީ މީލާދީ ތާރީޚުންނެވެ.
  • 426. : ގަވާއިދު ހެދުން
    • (ހ) މި ޤާނޫނުގައި އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާހާ ހިނދަކު، މި ޤާނޫނުގެ ދަށުން ޝަރީޢަތްކުރުމާ ގުޅޭގޮތުން އުސޫލުތައް ކަނޑައެޅުމަށްޓަކައި ހަދަންޖެހޭ ގަވާއިދުތައް ހަދާނީ ކަމާބެހޭ ކޯޓަކުންނެވެ.
    • (ށ) މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދުތައް، މި ޤާނޫނުނަށް ޢަމަލުކުރަން ފަށާތާ 6 (ހައެއް) މަސް ދުވަހުގެ ތެރޭގައި ހަދައި، ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރަންވާނެއެވެ.
  • 427. : އުވާލެވޭ އަދި އިޞްލާޙުކުރަންޖެހޭ ގަވާއިދު
    • (ހ) މި ޤާނޫނަށް ޢަމަލުކުރަން ފެށުމާއެކު، “ޝަރީޢަތްކުރުމާ ބެހޭގޮތުން ހެދިފައިވާ ގަވާއިދު 6.0” އުވުނީއެވެ.
    • (ށ) މި ޤާނޫނަށް ޢަމަލުކުރަން ފެށުމުގެ ކުރިން، އެހެން ޤާނޫނަކުން ބާރުލިބިދީގެން ތަންފީޛުކުރަމުން އައިސްފައިވާ ގަވާއިދުތަކުގެ ތެރެއިން، މި ޤާނޫނުގައި ބަޔާންކުރާ އެއްވެސް އުސޫލަކާ ތަޢާރުޟުވާ ގަވާއިދެއްވާނަމަ، މި ޤާނޫނަށް ޢަމަލުކުރަން ފަށާތާ 30 (ތިރީސް) ދުވަހުގެ ތެރޭގައި އެފަދަ ގަވާއިދެއް އިޞްލާޙުކުރަންވާނެއެވެ. އެ މުއްދަތުގައި އެ ގަވާއިދެއް އިޞްލާޙުކޮށްފައިނުވާނަމަ، އެ ގަވާއިދެއްގައި އެކުލެވޭ މި ޤާނޫނާ ތަޢާރުޟުވާ ބައި ބާޠިލުވާނެއެވެ.
  • 428. : ޤާނޫނަށް ޢަމަލުކުރަން ފެށުން މިޤާނޫނަށް ޢަމަލުކުރަން ފަށާނީ، މި ޤާނޫނު ފާސްވެ، ތަޞްދީޤުކޮށް، ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރާ ތާރީޚުން ފެށިގެން 6 (ހައެއް) މަސް ދުވަސް ހަމަވާ ތާރީޚުން ފެށިގެންނެވެ.
  • 429. : މާނަކުރުން މި ޤާނޫނުގައި ޢިބާރާތެއް ނުވަތަ ލަފްޒެއް ބޭނުންކޮށްފައިވާގޮތުން ކަނޑައެޅިގެން އެހެން މާނައެއް ދޭހަނުވާހާހިނދަކު، އަންނަނިވި ޢިބާރާތްތަކާއި ލަފްޒުތަކަށް ދީފައި އެވަނީ، އެ ޢިބާރާތްތަކާއި ލަފްޒުތަކަށް ތިރީގައި ދީފައިއެވާ މާނަކުރުމެވެ.
    • (ހ) "މަދަނީ އިޖުރާއަތާބެހޭ ޚާއްޞަ ޤާނޫނެއް" ކަމަށް ބުނެފައި އެވަނީ، ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ، ވަކި ޚާއްޞަ ކަމަކާގުޅޭ މަދަނީ އިޖުރާއަތު ކަނޑައެޅުމުގެ ޤާނޫނަށެވެ.
    • (ށ) "ކޯޓު" ކަމަށް ބުނެފައި އެވަނީ، މަދަނީ މައްސަލަތައް ބެލުމުގެ އިޚްތިޞާޞް ލިބިގެންވާ ކޮންމެ ކޯޓަކަށެވެ.
    • (ނ) "ކޯޓު އަމުރު" ކަމަށް ބުނެފައި އެވަނީ، ކޯޓު އަމުރެއް ހޯދައިގެން ކުރަންޖެހޭ ކަމެއް ކުރުމަށް މި ޤާނޫނުގައިވާ ގޮތުގެމަތިން ފަނޑިޔާރަކު ދޫކުރާ ހުއްދައަށެވެ. ނުވަތަ ފަނޑިޔާރަކު ކުރާ އަމުރަށެވެ.
    • (ރ) "ފަނޑިޔާރު" ކަމަށް ބުނެފައި އެވަނީ، މަދަނީ މައްސަލަތައް ބެލުމުގެ އިޚްތިޞާޞް ލިބިގެންވާ ދަށު ކޯޓުތަކާއި، ދިވެހިރާއްޖޭގެ ހައިކޯޓާއި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށެވެ.
    • (ބ) "ހައިކޯޓު" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގެ ހައިކޯޓަށެވެ.
    • (ޅ) "ސުޕްރީމް ކޯޓު" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށެވެ.
    • (ކ) "ސިވިލް ކޯޓު" ކަމަށް ބުނެފައި އެވަނީ، މަދަނީ މައްސަލަތަކުގެ ތެރެއިން ފެމިލީ ކޯޓުން ބެލުމަށް ހަމަޖެހިފައިވާ މައްސަލަތައް ފިޔަވައި، އެހެން ހުރިހާ ބާވަތެއްގެ މަދަނީ މައްސަލަ ބެލުމުގެ އިޚްތިޞާޞް ލިބިފައިވާ މާލޭގައި ޤާއިމްކޮށްފައިވާ ކޯޓަށެވެ.
    • (އ) "އާއިލާއާބެހޭ ޤާނޫނު" ކަމަށް ބުނެފައި އެވަނީ، ޤާނޫނު ނަންބަރު 2000/4 (އާއިލާއާބެހޭ ޤާނޫނު) އަށެވެ.
    • (ވ) "ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު" ކަމަށް ބުނެފައި އެވަނީ، ޤާނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) އަށެވެ.
    • (މ) "އާބިޓްރޭޝަންގެ ޤާނޫނު" ކަމަށް ބުނެފައި އެވަނީ، ޤާނޫނު ނަންބަރު 2013/10 (އާބިޓްރޭޝަންގެ ޤާނޫނު) އަށެވެ.
    • (ފ) "ހެއްކާބެހޭ ޤާނޫނު" ކަމަށް ބުނެފައި އެވަނީ، ޤާނޫނު ނަންބަރު 76/24 (ހެއްކާބެހޭ ޤާނޫނު) އާއި، އެނޫނަސް ހެއްކާ ގުޅޭގޮތުން ޢަމަލުކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރާ އެނޫންވެސް ޤާނޫނަށެވެ.
    • (ދ) "ކުޑަކުއްޖެއް" ނުވަތަ "ކުއްޖެއް" ކަމަށް ބުނެފައިއެވަނީ، މީލާދީގޮތުން ޢުމުރުން 18 (އަށާރަ) އަހަރު ފުރިފައިނުވާ ކޮންމެ ކުއްޖެކެވެ.
    • (ތ) "ޚަބީރު" ކަމަށް ބުނެފައި އެވަނީ، މައްސަލައިގެ ބޭނުމަށްޓަކައި ޚަބީރުގެ ހެކި ތައްޔާރުކޮށް ނުވަތަ ދިނުމަށް އިރުޝާދު ދެވިފައިވާ މީހާއަށެވެ.
    • (ލ) "އެފިޑެވިޓް" ކަމަށް ބުނެފައި އެވަނީ، ހެކިބަސް ދޭ މީހާ ހުވާ މަތީގައިހުރެ ލިޔުމުން ދީފައިވާ، އަދި ހެކީގެ ގޮތުގައި ހުށަހެޅޭ ބަޔާނަށެވެ.
    • (ގ) "އިބްތިދާއީ އަޑުއެހުން" ކަމަށް ބުނެފައި އެވަނީ، މައްސަލަ ކުރިއަށް ގެންދާނެ ގޮތާމެދު ގޮތެއް ނިންމުމަށްޓަކައި، މައްސަލައިގެ ޚަޞްމުންނާއި މައްސަލަ ބަލާ ފަނޑިޔާރާ އެކުގައި ބާއްވާ ބައްދަލުވުމަށެވެ.
    • (ޏ) "ޤާނިޝީ" ކަމަށް ބުނެފައި އެވަނީ، ދަރަނިވެރިޔަކު ދައްކަންޖެހޭ ސާބިތު ދަރަންޏަކާ ގުޅިގެން ޙުކުމް ތަންފީޛު މަރުޙަލާގައި ފައިސާ ދެއްކުމަށް ކޯޓުން އަމުރުކުރާ، އަދި އެ ދަރަނިވެރިޔާގެ ފައިސާ އެފަރާތެއްގެ ކިބައިގައިވާ ތިންވަނަ ފަރާތަށެވެ.

ރިއެކްޝަންތައް

ތާއީދު ކުރާ 0 (0%) ތާއީދު ނުކުރާ 0 (0%)