ބިލުތައް
މައްސަލަތައް
ޤަރާރުތައް
ނިމިފައި ހުރި މަސައްކަތްތައް
ޕޯލްތައް
ލޮގިން
ފުރަތަމަ ވަރޝަން
އެއްކޮއް ހުޅުވުމައް
ނިމުނު ދުވަސް
29th May 2024 12:00 AM
ވަރޝަންގެ ތާރީހް
22nd May 2024 12:46 PM
ބިލް
1 ވަރޝަން
ހެއްކާބެހޭ ބިލު
ހުށަހަޅާފައިވަނީ: ޓެސްޓް ޤަރާރު ސްޕޮންސަރ
ކހހޖކހ
1.
:
ތަޢާރުފާއި ނަން
(ހ)
މިއީ، މަދަނީ މައްސަލަތަކާއި ޖިނާއީ މައްސަލަތަކުގައި ހެކިބަސް ނެގުމާއި، ހެކި ހުށަހެޅުމާއި، ހެކި ބަލައިގަތުމާއި، ހެކި ވަޒަންކުރުމުގައި ތަބާވާންޖެހޭ އުސޫލުތަކާއި، ކަމެއް ސާބިތުކުރުމަށް ހެކި ބޭނުންވާ ނިސްބަތާއި އެނޫންވެސް ހެއްކާބެހޭ ޢާންމު އުސޫލުތައް ކަނޑައެޅުމުގެ ޤާނޫނެވެ.
(ށ)
މި ޤާނޫނަށް ކިޔާނީ، "ހެއްކާބެހޭ ޤާނޫނު" އެވެ.
2.
:
ޤާނޫނުގެ ބޭނުން
މި ޤާނޫނުގެ ބޭނުމަކީ، އަންނަނިވި މަޤްޞަދުތައް ޙާޞިލުކުރުމެވެ.
(ހ)
ޤާނޫނުއަސާސީގެ 42 ވަނަ މާއްދާއިން ކަށަވަރުކޮށްދީފައިވާ އިންޞާފުން ޝަރީޢަތްކުރެވުމުގެ ޙައްޤު އެގޮތުގައި ކަށަވަރުކޮށްދިނުމަށް ބޭނުންވާ އަސާސީ އެއް އުސޫލު ކަމުގައިވާ ހެކީގެ އުސޫލު ތަފްޞީލުކޮށް ޤާނޫނުގައި ބަޔާންކޮށް، ކަނޑައަޅައިދިނުން؛
(ށ)
ހެކީގެ ބާވަތްތަކާއި، ހެކި ދަރަޖަކުރެވިގެންވާ ގޮތާއި، ގުޅުމަށް ބުރަވެ ހެކި ބައިކުރެވޭ ގޮތްތައް ބަޔާންކުރުން؛
(ނ)
ހެކި ހުށަހެޅުމާއި، ހެކި ބަލައިގަތުމާއި، ހެކިބަސް ނެގުމާއި، ހެކި ވަޒަންކުރުމުގެ މިންގަނޑުތައް ކަނޑައެޅުން؛
(ރ)
މަދަނީ މައްސަލަތަކުގައާއި ޖިނާއީ މައްސަލަތަކުގައި ކަމެއް ސާބިތުކުރުމަށް ބޭނުންވާ ހެކީގެ ނިސްބަތް ކަނޑައެޅުން؛
(ބ)
ހެކި ހުށަހެޅުމަކާ ނުލައި، ސާބިތުވެގެންވާ ކަންކަމުގެ ގޮތުގައި، ކޯޓުން ބަލައިގަންނާނެ ކަންކަން ބަޔާންކުރުން؛
(ޅ)
ހެކީގެ ގޮތުގައި ހުށަނޭޅޭނެ، އިމްތިޔާޒު ލިބިގެންވާ ކަންކަން ބަޔާންކުރުން؛
(ކ)
ދައުލަތުގެ އިދާރާތަކުން ހިންގާ ތަޙްޤީޤުތަކާއި އެފަދަ ތަންތަނުން ބަލާ މައްސަލަތަކުގައި ކަމާ ގުޅުންހުރި ނިސްބަތަށް، މި ޤާނޫނުގެ އުސޫލުތައް ހިނގާނެ ކަމަށް ކަނޑައެޅުން.
3.
:
ރަދީފު
(ހ)
މި ޤާނޫނު އެ މައްޗަށް ބިނާވެގެންވާ މައިގަނޑު މަފްހޫމްތައް، މި ޤާނޫނުގެ ދެވަނަ ބާބުގައި ބަޔާންކޮށްފައި އެވަނީއެވެ.
(ށ)
މި ޤާނޫނުގައި ބޭނުންކޮށްފައިވާ ލަފްޒުތަކާއި ޢިބާރާތްތަކުގެ ތެރެއިން ޚާއްޞަ މާނަކުރުމެއް ދީފައިވާ ލަފްޒުތަކާއި ޢިބާރާތްތަކުގެ ރަދީފު، މި ޤާނޫނުގެ 151 ވަނަ މާއްދާގައި ބަޔާންކޮށްފައި އެވަނީއެވެ.
4.
:
ޤާނޫނު ހިނގާނެ ދާއިރާ
(ހ)
މި ޤާނޫނުގައި ބަޔާންވެގެންވާ އުސޫލުތައް، އަންނަނިވި މައްސަލަތަކުގެ މައްޗަށް ހިނގާނެއެވެ.
(1)
ދިވެހިރާއްޖޭގެ އެންމެހައި ކޯޓުތަކުގައި ހިނގާ މަދަނީ އަދި ޖިނާއީ މައްސަލަތައް؛
(2)
ދިވެހިރާއްޖޭގެ އެންމެހައި ޓްރައިބިއުނަލްތަކުގައި ހިނގާ މައްސަލަތައް.
(ށ)
ދައުލަތުގެ އިދާރާއަކުން ހިންގާ ތަޙްޤީޤެއްގައި ނުވަތަ އެފަދަ ތަނަކުން ބަލަމުންދާ މައްސަލައެއްގައި، ހެކިބަސް ނެގުމާއި، ހެކި ހުށަހެޅުމާއި، ހެކި ބަލައިގަތުމާއި، ހެކި ވަޒަންކުރުމުގެ މަސްއޫލިއްޔަތެއް އެ އިދާރާއާ ޙަވާލުވެފައިވާނަމަ، އެ މަސްއޫލިއްޔަތާގުޅޭ ނިސްބަތަށް، މި ޤާނޫނުގައި ބަޔާންވެގެންވާ އުސޫލުތައް އެ އިދާރާއަކުން ތަޙްޤީޤުކުރަމުންދާ ނުވަތަ ބަލަމުންދާ މައްސަލައެއްގެ މައްޗަށް ހިނގާނެއެވެ. އޭގެ ތެރޭގައި، އަންނަނިވި ބާވަތުގެ މައްސަލަތައް ހިމެނެއެވެ.
(1)
ކަމެއް ތަޙްޤީޤުކޮށް ފިޔަވަޅު އެޅުމުގެ ބާރު ލިބިގެންވާ ދައުލަތުގެ އިދާރާތަކުން ތަޙްޤީޤުކުރާ ނުވަތަ ފިޔަވަޅުއަޅާ މައްސަލަތައް؛
(2)
ދައުލަތުގެ އިދާރާއަކުން، އެ އިދާރާއެއްގެ ފެންވަރުގައި، ކަމެއް ތަޙްޤީޤުކޮށް، އެ އިދާރާގައި ހިމެނޭ މީހެއްގެ މައްޗަށް ތައުދީބީ ފިޔަވަޅުއެޅުމުގެ ބާރު އޮވެގެން ބަލާ މައްސަލަތައް.
(ނ)
ހެކިބަސް ނެގުމާއި ހެކި ހުށަހެޅުމާއި ހެކި ބަލައިގަތުމާ ގުޅޭގޮތުން މި ޤާނޫނުގައި ވަކި އުސޫލުތަކެއް ކަނޑައަޅާފައިއެވަނީ އެކަންކަމާގުޅޭ ހަމަތައް ކަނޑައެޅުމުގެ ބޭނުމުގައެވެ. އެކަންކަމާގުޅޭ ތަފްޞީލީ އިޖުރާއަތުތަކެއް ޖިނާއީ އިޖުރާއަތުގެ ޤާނޫނުގައި ނުވަތަ މަދަނީ އިޖުރާއަތުގެ ޤާނޫނުގައި ކަނޑައަޅާފައިވާ ޙާލަތުގައި، މި ޤާނޫނުގައިވާ އުސޫލުތައް ނެގެހެއްޓުމާއެކު ޢަމަލުކުރަންވާނީ، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގައި ނުވަތަ މަދަނީ އިޖުރާއަތުގެ ޤާނޫނުގައި އެކަމަށް ކަނޑައަޅާފައިވާ ޚާއްޞަ އިޖުރާއަތުތަކާ އެއްގޮތްވާ ގޮތުގެމަތިންނެވެ.
(ރ)
މި ޤާނޫނުގެ 149 ވަނަ މާއްދާގައި ބަޔާންކުރާ ޤާނޫނުތައް ފިޔަވައި، މި ޤާނޫނަށް ޢަމަލުކުރަން ފެށުމުގެ ކުރިން ޢަމަލުކުރަން ފަށާފައިވާ ނުވަތަ މި ޤާނޫނަށް ޢަމަލުކުރަން ފެށުމުގެ ފަހުން ޢަމަލުކުރަން ފަށާ އެހެން ޤާނޫނެއްގައި، މި ޤާނޫނުގައިވާ އުސޫލަކާ ޚިލާފަށް ހެއްކާބެހޭ ވަކި ޚާއްޞަ އުސޫލެއް ކަނޑައެޅިގެން ބަޔާންކޮށްފައިވާނަމަ، އެ ޤާނޫނެއްގައި ބަޔާންކޮށްފައިވާ އެ ޚާއްޞަ އުސޫލު، މި ޤާނޫނުގައި ބަޔާންވެގެންވާ އުސޫލުގެ މައްޗަށް ހިނގާނެއެވެ. އަދި، އެ ނިސްބަތަށް، މި ޤާނޫނުގެ ކަމާބެހޭ އުސޫލު ހިފެހެއްޓިގެންވެއެވެ.
(ބ)
ރައްޔިތުންގެ މަޖިލީހުގައި ނުވަތަ ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއެއްގައި ބަލާ މައްސަލައެއްގައި، ހެކިބަސް ނެގުމާއި ހެކި ހުށަހެޅުމާއި ހެކި ބަލައިގަތުމާއި ހެކި ވަޒަންކުރުމާ ގުޅޭގޮތުން އެ މަޖިލީހުން ކަމާބެހޭ އުސޫލެއް ކަނޑައަޅާފައިވާނަމަ، މި ޤާނޫނުގެ މައްޗަށް ހިނގާނީ އެ އުސޫލެކެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ކަންކަން ރައްޔިތުންގެ މަޖިލީހުން ކަނޑައެޅުމަށް އެ މަޖިލީހަށް ޤާނޫނުއަސާސީގެ 88 ވަނަ މާއްދާގެ ދަށުން ލިބިދޭ އިމްތިޔާޒަށް މި ޤާނޫނުގެ ސަބަބުން ހުރަހެއްނާޅައެވެ.
5.
:
ޤާނޫނު މާނަކުރުން
(ހ)
މި ޤާނޫނުގައި ވަކި ބަހެއް ނުވަތަ ޢިބާރާތެއް ބޭނުންކޮށްފައިވާ ގޮތް، މި ޤާނޫނުގެ ދެވަނަ ބާބުގައިއެވާ މަފްހޫމްތަކުގެ ރަދީފުގައި ބަޔާންކޮށްދީފައިވާނަމަ، އެ ބަހަކަށް ނުވަތަ ޢިބާރާތަކަށް ދީފައިއެވަނީ އެ ބާބުގައި ބަޔާންކޮށްދީފައިވާ މާނަކުރުމެވެ.
(ށ)
މި ޤާނޫނުގައި ވަކި ބަހެއް ނުވަތަ ޢިބާރާތެއް ބޭނުންކޮށްފައިވާ ގޮތް، މި ޤާނޫނުގެ 151 ވަނަ މާއްދާގައިއެވާ ރަދީފުގައި ބަޔާންކޮށްދީފައިވާނަމަ، އެ ބަހަކަށް ނުވަތަ ޢިބާރާތަކަށް ދީފައިއެވަނީ އެ ރަދީފުގައި ބަޔާންކޮށްދީފައިވާ މާނަކުރުމެވެ.
(ނ)
މި ޤާނޫނުގައި ބޭނުންކޮށްފައިވާ ބަހެއް ނުވަތަ ޢިބާރާތެއް މި ޤާނޫނުގެ ދެވަނަ ބާބުގައިއެވާ މަފްހޫމްތަކުގެ ރަދީފުގައި ނުވަތަ މި ޤާނޫނުގެ 151 ވަނަ މާއްދާގައިއެވާ ރަދީފުގައި މާނަކޮށްދީފައިނުވާ ޙާލަތުގައި، އެ ބަހެއް ނުވަތަ ޢިބާރާތެއް، ޤާނޫނު ނަންބަރު 2011/4 (މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނު) ގައި ބަޔާންކޮށްދީފައިވާނަމަ، އެ ބަހެއް ނުވަތަ ޢިބާރާތަކަށް ދީފައިއެވަނީ އެ ޤާނޫނުގައި ބަޔާންވެގެންވާ މާނަކުރުމެވެ.
6.
:
އިސްލާމީ ޝަރީޢާއަށް ރިޢާޔަތްކުރެވޭނެ ޙާލަތްތަކާއި އިސްލާމްދީނުގެ އަސްލަށް އިސްކަންދޭންޖެހޭ ޙާލަތްތައް
(ހ)
ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ އެހެން ޤާނޫނެއްގައި ޚާއްޞަ އުސޫލުތަކެއް ބަޔާންކޮށްފައިވާ ޙާލަތެއްގައި މެނުވީ، މި ޤާނޫނަށް ޢަމަލުކުރަން ފެށުމަށްފަހު، ހެކިބަސް ނެގުމާއި ހެކި ހުށަހެޅުމާއި ހެކި ބަލައިގަތުމާއި ހެކި ވަޒަންކުރުމާ ގުޅޭގޮތުންނާއި، ކަމެއް ސާބިތުކުރުމުގައި ބަލަންޖެހޭ މިންގަނޑުތަކާ ގުޅޭގޮތުންނާއި، ސާބިތުކުރުމުގެ ޒިންމާއާ ގުޅޭގޮތުން ޢަމަލުކުރާނީ، މި ޤާނޫނުގައި ބަޔާންކޮށްފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިންނެވެ. އަދި މި ޤާނޫނުގައި ނުވަތަ އެހެން ޤާނޫނެއްގައި ހެއްކާގުޅޭ ވަކި އުސޫލެއް ކަނޑައެޅިފައި ނެތް ކަންކަމުގައި، ޤާނޫނުއަސާސީގެ 142 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދައިން، އިސްލާމީ ޝަރީޢަތުގައި އެކަމެއް ކަނޑައެޅިފައިވާ ގޮތަށް ކޯޓުތަކުން ރިޢާޔަތްކުރުމަކަށް މި ޤާނޫނު ހުރަހެއް ނާޅައެވެ.
(ށ)
ދިމާވާ ވަކި ކަމެއްގައި ޢަމަލުކުރުމަށް މި ޤާނޫނުގައި މައުޟޫޢީގޮތުން އުސޫލެއް ބަޔާންކޮށްފައި އޮތްނަމަވެސް، އެކަމުގައި ޢަމަލުކުރުން ލާޒިމު ޚާއްޞަ އުސޫލެއް އިސްލާމްދީނުގެ އަސްލެއްގައި ކަނޑައަޅާފައިވާނަމަ، އެ ޙާލަތުގައި ޢަމަލުކުރާނީ، އިސްލާމްދީނުގެ އަސްލުގައި ކަނޑައަޅާފައިވާ ޚާއްޞަ އުސޫލަށެވެ.
(ނ)
މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ޚާއްޞަ އުސޫލަށް ޢަމަލުކުރި ނަމަވެސް، އެފަދަ ޚާއްޞަ އުސޫލެއްގެ ދާއިރާގެ ތެރޭގައި ސާފުކޮށް ހިމެނިފައިވާކަމަށް ފެންނަން ނެތް ކޮންމެ ކަމެއްގައި ޢަމަލުކުރާނީ، މި ޤާނޫނުގައި ބަޔާންވެގެންވާ އުސޫލަށެވެ.
7.
:
މަފްހޫމުތަކުގެ އަސާސް
މި ޤާނޫނުގެ 8 ވަނަ މާއްދާއިން ފެށިގެން 36 ވަނަ މާއްދާގެ ނިޔަލަށް ބަޔާންވެގެންވާ ލަފްޒުތަކާއި ޢިބާރާތްތަކަކީ، މި ޤާނޫނު އެ މައްޗަށް ބިނާވެގެންވާ މައިގަނޑު މަފްހޫމުތަކެވެ. އެ މަފްހޫމުތައް އެ މާއްދާތަކުގައި ބަޔާންކޮށްފައި އެވަނީ، މި ޤާނޫނުގެ އަސްލު އެގޮތުގައި ދެމެހެއްޓުމަށާއި މި ޤާނޫނުގެ މަޤްޞަދު އެންމެ ފުޅާމިނުގައި ޙާޞިލުކުރުމަށް މަގުފަހިކުރުމުގެ ބޭނުމުގައެވެ. މި ޤާނޫނުގެ ކޮންމެ މާއްދާއެއްވެސް ކިޔަންވާނީ، ނުވަތަ މާނަކުރަންވާނީ، އެ މަފްހޫމުތަކަށް ހަނިކަމެއް ނާންނާނެ ގޮތުގެމަތިންނެވެ.
8.
:
ހެކި
"ހެކި" ކަމަށް ބުނެފައި އެވަނީ، ވަކި ވާޤިޢާއެއް ވުޖޫދުގައި ވާކަން ނުވަތަ ނުވާކަން ސާބިތުކޮށްދިނުމުގެ ގޮތުން، މި ޤާނޫނުގެ ދަށުން ހެކީގެ ގޮތުގައި ބަލައިގަނެވޭ ޝަފަހީ ހެއްކާއި، ކިތާބީ ހެއްކާއި، މާއްދީ ހެއްކަށް ޖުމްލަކޮށް، އަދި، އެއިން ކޮންމެ ބާވަތެއްގެ ހެއްކަކަށާއި، އެއިން ކޮންމެ ބާވަތެއްގެ ދަށުން ހެކީގެ ގޮތުގައި ބަލައިގަނެވޭ ވަކިވަކި ކަންކަމަށާއި އެއްޗެއްސަށް، ވަކިވަކިންނެވެ.
9.
:
ހެކިބަސް
"ހެކިބަސް" ކަމަށް ބުނެފައި އެވަނީ، ހެކިބަސް ދޭ މީހާ، ޝަރީޢަތުގެ މަޖިލީހުގައި، ހުވާކޮށްގެންހުރެ، އަނގަބަހުން ދޭ ބަޔާނަށެވެ. އަދި، ޝަރީޢަތުގެ މަޖިލީހުގައި ނަގާ އެފަދަ ބަޔާނަށެވެ.
10.
:
ހެކިބަސްދިނުން
"ހެކިބަސްދިނުން" ކަމަށް ބުނެފައި އެވަނީ، ހެކިބަސް ދޭ މީހާއާ ޝަރީޢަތުގައި ސުވާލުކުރެވޭ މަރުޙަލާތަކުގައި އެ ސުވާލުތަކަށް ދޭ ޖަވާބަށެވެ. ނުވަތަ އެ ސުވާލުތަކަށް ޖަވާބުދެވޭގޮތަށް ހެކިބަސް ދޭ މީހާ ދޭ ބަޔާނަށެވެ.
11.
:
ހެކިބަސް ނެގުން
"ހެކިބަސް ނެގުން" ކަމަށް ބުނެފައި އެވަނީ، ހެކިބަސް ދޭ މީހާއާ ޝަރީޢަތުގައި ސުވާލުކުރެވޭ މަރުޙަލާތަކުގައި ކުރެވޭ ސުވާލުކުރުމަށެވެ. ނުވަތަ އެގޮތުން ކުރެވޭ ސުވާލަށެވެ.
12.
:
ހެކިބަސް ދޭ މީހާ
"ހެކިބަސް ދޭ މީހާ" ކަމަށް ބުނެފައި އެވަނީ، ހެކިބަސްދިނުމަށްޓަކައި ކޯޓަށް ހާޒިރުވެ ހުރި މީހާއާއި، ޝަރީޢަތުގައި ހެކިބަސް ދޭ މީހާއާއި، ޝަރީޢަތުގައި ހެކިބަސްދީފައިވާ މީހާއާއި، ޝަރީޢަތުގައި ހެކިބަސްދިނުމަށް ހާޒިރުވުމަށް އެންގޭ މީހާ ހިމެނޭގޮތުންނެވެ.
13.
:
ޚަބީރުގެ ރައުޔު
"ޚަބީރުގެ ރައުޔު" ކަމަށް ބުނެފައި އެވަނީ، ވަކި ވާޤިޢާއަކުން ނުވަތަ ވާޤިޢާތަކަކުން ނުވަތަ ވަކި ހެއްކަކުން ނުވަތަ ހެކީގައި އެކުލެވިގެންވާ ވަކި ކަމަކުން ރަމްޒުކޮށްދޭ ނުވަތަ ދޭހަކޮށްދޭ މާނަ ނުވަތަ ނަތީޖާ ނުވަތަ އޭގެން ދޭހަކޮށްދޭ ކަމެއް ކޯޓަށް ބަޔާންކޮށްދިނުމަށްޓަކައި ކަމުގެ ޢިލްމު ނުވަތަ ތަމްރީނު ނުވަތަ ތަޖުރިބާ ހުރި މީހަކު ކޯޓަށް ދޭ ރައުޔަށެވެ.
14.
:
ނާދިރުވުން
"ނާދިރުވުން" ކަމަށް ބުނެފައި އެވަނީ، ކަމެއް ނުވުން ގާތްވުމުގެ ނިސްބަތަށެވެ.
15.
:
ނާދިރުވުމުގެ އުސޫލު
"ނާދިރުވުމުގެ އުސޫލު" ކަމަށް ބުނެފައި އެވަނީ، ވަކި މީހަކު ވަކި ކަމެއް ކުރީ ދެ ޙާލަތެއްގައި ކަމުގައިވެފައި، އެ ދެ ޙާލަތުގެ އެއްގޮތްކަމުން ނުވަތަ އެ ދެ ޙާލަތުގައި ހިމެނޭ ކަންކަމުގެ އެއްގޮތްކަމުން، އެ ދެ ޙާލަތަކީ އިއްތިފާޤަކުން ހިނގާދިޔަ ދެ ޙާލަތް ކަމަށް ޤަބޫލުކުރުމަކީ ނާދިރު ކަމެއް ކަމަށް ބަލައިގަތުމުގެ އުސޫލަށެވެ.
16.
:
ރައުޔު
"ރައުޔު" ކަމަށް ބުނެފައި އެވަނީ، ފެންނަން ހުރި ކަމެއް ނުވަތަ އެއްޗެއް ތިމާގެ ސިކުނޑިން ވަޒަންކުރުމުން ތިމާއަށް އޭގެން ދޭހަވާ ދޭހަވުމަށެވެ. އަދި ކުރިމަތީގައިވާ ވާޤިޢާއެއް ނުވަތަ ވާޤިޢާތަކެއް ތިމާއަށް ފެނުމުން ނުވަތަ އަޑުއިވުމުން ނުވަތަ ތަޖުރިބާކުރެވުމުން، ތިމާއަށް އޭގެން ލިބިގަނެވޭ ދޭހަވެސް ހިމެނޭގޮތުންނެވެ.
17.
:
ރީ-އެގްޒެމިންކުރުން
"ރީ-އެގްޒެމިންކުރުން" ކަމަށް ބުނެފައި އެވަނީ، މައްސަލައެއްގައި ހެކިބަސް ދޭ މީހާ ކްރޮސް-އެގްޒެމިންކޮށް ނިމުމުން، އޭނާ ހެއްކެއްގެ ގޮތުގައި ހުށަހެޅި ފަރާތުން އޭނާއާ އަލުން ސުވާލުކުރުމަށެވެ. ނުވަތަ އެ މަރުޙަލާގައި އޭނާއާ އެފަދައިން ކުރެވޭ ސުވާލުތަކަށެވެ.
18.
:
ކާފީ ހެކި
"ކާފީ ހެކި" ކަމަށް ބުނެފައި އެވަނީ، ކަމެއް ސާބިތުކުރުމަށް ހެކި ބޭނުންވާ މިންގަނޑަށް ފުދޭ ނިސްބަތަށް ލިބިފައިވާ ހެއްކަށެވެ. ނުވަތަ އެ މިންވަރަށް ހެކި ލިބުމަށެވެ.
19.
:
ކިތާބީ ހެކި
"ކިތާބީ ހެކި" ކަމަށް ބުނެފައި އެވަނީ، ޚުޞޫމާތެއް އުފެދިފައިވާ ވާޤިޢާއެއް ސާބިތުކޮށްދިނުމަށް ޝަރީޢަތަށް ހުށަހެޅޭ ލިޔުމަށެވެ.
20.
:
ކްރޮސް-އެގްޒެމިންކުރުން
"ކްރޮސް-އެގްޒެމިންކުރުން" ކަމަށް ބުނެފައި އެވަނީ، މައްސަލައެއްގައި ހެކިބަސް ދޭ މީހާއާ، ހެކިބަސް ދޭ މީހެއްގެ ގޮތުގައި އޭނާ ހުށަހެޅި ފަރާތުން ސުވާލުކޮށް ނިމުމުން، އެ މައްސަލައިގައި ހިމެނޭ އަނެއް ފަރާތުން ނުވަތަ ފަރާތްތަކުން، އެ ހެކިބަސް ދޭ މީހާ ދިން ހެކިބަހުގެ މައްޗަށް އޭނާއާ ސުވާލުކުރުމަށެވެ. ނުވަތަ އެ މަރުޙަލާގައި އޭނާއާ އެފަދައިން ކުރެވޭ ސުވާލުތަކަށެވެ.
21.
:
އިޙްތިމާލު
"އިޙްތިމާލު" ކަމަށް ބުނެފައި އެވަނީ، ކަމެއް ވުން ގާތްވުމުގެ ނިސްބަތަށެވެ.
22.
:
އިޙްތިމާލުގެ އުސޫލު
"އިޙްތިމާލުގެ އުސޫލު" ކަމަށް ބުނެފައި އެވަނީ، ދަޢުވާލިބޭ ފަރާތުން، މާޒީވެ ގޮސްފައިވާ ވަކި ޙާލަތެއްގައި ވަކި ގޮތަކަށް ޢަމަލުކޮށްފައިވުމުން، ނުވަތަ ވަކި ވިސްނުމެއްގައި ވަކި ޢަމަލެއް ކޮށްފައިވުމުން، ހިނގަމުންދާ މައްސަލައާ ގުޅުންހުރި ޙާލަތުގައިވެސް އޭނާ ޢަމަލުކުރީ މާޒީވެ ގޮސްފައިވާ ޙާލަތުގައި އޭނާ ޢަމަލުކުރި ފަދައިން، ނުވަތަ މާޒީވެ ގޮސްފައިވާ ޙާލަތުގައިވެސް އޭނާ ޢަމަލުކުރި ވިސްނުމުގައިކަން ބަޔާންކޮށްދިނުމުގެ އުސޫލަށެވެ.
23.
:
އިޢުތިރާފު
"އިޢުތިރާފު" ކަމަށް ބުނެފައި އެވަނީ، ޖިނާއީ ކުށެއްގެ ތުހުމަތުކުރެވޭ މީހާ އޭނާއާމެދު ތުހުމަތުކުރެވޭ ކުށުގެ އެންމެހައި އުންސުރުތަކަށް، އެއްވެސް މަޖުބޫރުކުރުވުމެއް ނެތި، އަމިއްލަ އިޚްތިޔާރުގައި އެއްބަސްވެ، އެ ކުށުގެ ޢަމަލުގެ ޖިނާއީ ޒިންމާ އުފުލުމަށް އެއްބަސްވާ އެއްބަސްވުމަށެވެ.
24.
:
އިވުނުކަމަށް ބުނާ ހެކި
"އިވުނުކަމަށް ބުނާ ހެކި" ކަމަށް ބުނެފައި އެވަނީ، ހެކިބަސް ދޭ މީހަކު، އޭނާގެ ހިއްސަކުން އޭނާއަށް ކަނޑައެޅިގެން ފެނުނު ނުވަތަ އިވުނު ނުވަތަ އިހްސާސްކުރެވުނު އެއްޗެއް ނުވަތަ ކަމެއް ބަޔާންކުރުމުގެ ބަދަލުގައި، އެހެން މީހަކަށް ވަކި އެއްޗެއް ނުވަތަ ކަމެއް ފެނުނު ކަމަށް ނުވަތަ އެހެން މީހަކަށް ވަކި އެއްޗެއް އަޑުއިވުނު ކަމަށް ނުވަތަ އިހްސާސްކުރެވުނު ކަމަށް އެމީހަކު ބުނާ ބުނުމެއް، ހެކިބަސްދޭ މީހާއަށް އަޑުއިވުނު ކަމުގެ މައްޗަށް ދޭ ހެކިބަހަށެވެ.
25.
:
އިތުބާރުގެ އުސޫލު
"އިތުބާރުގެ އުސޫލު" ކަމަށް ބުނެފައި އެވަނީ، ހެކިބަސް ދޭ މީހާގެ މައްޗަށް ނުވަތަ އޭނާ ދޭ ހެކިބަހުގެ މައްޗަށް ކޯޓަށް ބުރަވެ އިތުބާރުކުރެވިދާނެ ނިސްބަތް ދައްކައިދިނުމުގެގޮތުން ހެކި ހުށަހެޅުމުގެ އުސޫލަށް، ނުވަތަ އެ އިތުބާރު ނަފީކުރުމުގެގޮތުން ހުށަހަޅާ ހެކި ހުށަހެޅުމުގެ އުސޫލަށެވެ.
26.
:
އިޤްރާރު
"އިޤްރާރު" ކަމަށް ބުނެފައި އެވަނީ، އިޢުތިރާފަކަށް ނުވާގޮތަށް، ޚަޞްމަކު ނުވަތަ ކުށުގެ ތުހުމަތުކުރެވޭ މީހަކު ވަކި ވާޤިޢާއެއް ވުޖޫދުގައިވާ ކަމަށް، އަނގަބަހުން ނުވަތަ ލިޔުމުން ނުވަތަ ޢަމަލުން އެއްބަސްވާ އެއްބަސްވުމަށެވެ.
27.
:
އެގްޒެމިންކުރުން
"އެގްޒެމިންކުރުން" ކަމަށް ބުނެފައި އެވަނީ، މައްސަލައެއްގައި ހެކިބަސްދޭ މީހާއާ، ހެކިބަސް ދިނުމަށް އޭނާ ހުށަހެޅި ފަރާތުން ސުވާލުކުރުމަށެވެ. ނުވަތަ އޭނާއާ އެފަދައިން ކުރެވޭ ސުވާލުތަކަށެވެ.
28.
:
ވާޤިޢާ
"ވާޤިޢާ" ކަމަށް ބުނެފައި އެވަނީ، ޝަރީޢަތުގައި އޮތް މައްސަލައެއް ސާބިތުވުމާއި ނުވުން އެ މައްޗަށް ބިނާވެގެންވާ ޙަޤީޤަތްތަކާއި އަސްލުތަކާއި ނުކުތާތައް ހިމެނޭގޮތުން، އެ މައްސަލައެއްގައި ސާބިތުކޮށްދޭންޖެހޭ ކޮންމެ ޙަޤީޤަތަކަށް ނުވަތަ އަސްލަކަށް ނުވަތަ ކަމަކަށް އިޝާރާތްކޮށް، 'ފެކްޓް' ގެ މާނައިގައެވެ.
29.
:
މާއްދީ ހެކި
"މާއްދީ ހެކި" ކަމަށް ބުނެފައި އެވަނީ، ވަކި ވާޤިޢާއެއް ސާބިތުކޮށްދިނުމަށް ޝަރީޢަތުން ބަލައި ވަޒަންކުރުމަށް ހުށަހެޅޭ މާއްދީ ކޮންމެ އެއްޗަކަށެވެ.
30.
:
ފުރަތަމަ ދަރަޖައިގެ ހެކި
"ފުރަތަމަ ދަރަޖައިގެ ހެކި" ކަމަށް ބުނެފައި އެވަނީ، އެ ހެއްކެއްގެ މައްޗަށް ބިނާކޮށް، ވަކި ވާޤިޢާއެއް ވުޖޫދުގައި އޮތްކަން ސީދާގޮތުގައި ސާބިތުވާ ހެއްކަށެވެ.
31.
:
ދެވަނަ ދަރަޖައިގެ ހެކި
"ދެވަނަ ދަރަޖައިގެ ހެކި" ކަމަށް ބުނެފައި އެވަނީ، އެ ހެއްކެއްގެ މައްޗަށް ބިނާކޮށް، ވަކި ވާޤިޢާއެއް ވުޖޫދުގައި އޮތްކަން ސީދާގޮތުގައި ސާބިތުކޮށްނުދޭ، އެހެންނަމަވެސް ސާބިތުކޮށްދިނުމަށް އެހީތެރިވެދޭ ހެއްކަށެވެ.
32.
:
ލީޑިންގ ސުވާލު
"ލީޑިންގ ސުވާލު" ކަމަށް ބުނެފައި އެވަނީ، ހެކިބަސް ނެގުމުގެ މަރުޙަލާގައި ހެކިބަސްދޭ މީހާއާ ސުވާލުކުރެވޭ ހިނދު، ކުރެވޭ ސުވާލަށް ހޯދުމަށް އެދޭ ޖަވާބުވެސް އެ ސުވާލުން ދޭހަވެގެންދާ ގޮތަށް ކުރާ ނުވަތަ ތަރުތީބުކުރެވޭ ސުވާލަށެވެ.
33.
:
ގުޅުން ހުރުން
"ގުޅުން ހުރުން" ކަމަށް ބުނެފައި އެވަނީ، މައްސަލައެއްގައި ސާބިތުކުރުމަށް ބޭނުންވާ ވާޤިޢާއަކާއި، އެ ވާޤިޢާއެއް ސާބިތުކުރުމަށް ބޭނުންވާ ހެއްކާ ދެމެދު އޮންނަ ޤާނޫނީ އަދި މާއްދީ ގުޅުމަށެވެ.
34.
:
ސާބިތުކުރުމުގެ މިންގަނޑު
"ސާބިތުކުރުމުގެ މިންގަނޑު" ކަމަށް ބުނެފައި އެވަނީ، މަދަނީ މައްސަލައެއްގައި ދަޢުވާއެއް ސާބިތުވާނެ މިންގަނޑު ކަމުގައި، ނުވަތަ ޖިނާއީ ކުށެއް ނުވަތަ އިސްލާމްދީނުގައި ޙައްދު އަދި ޤިޞާޞް ކަނޑައެޅިފައިވާ ކުށެއް ސާބިތުވާނެ މިންގަނޑު ކަމުގައި މި ޤާނޫނުގައި ކަނޑައަޅާފައިވާ މިންގަނޑަށެވެ.
35.
:
ސާބިތުކުރުމަށް އެހީވެދޭ ނިސްބަތް
"ސާބިތުކުރުމަށް އެހީވެދޭ ނިސްބަތް" ކަމަށް ބުނެފައި އެވަނީ، ވާޤިޢާއެއް ވުޖޫދުގައިވާކަން ސާބިތުކުރުމަށްޓަކައި ގުޅުންހުރި ކަމަށް ފެންނަ ހެކި، އެ ވާޤިޢާއެއް ސާބިތުކުރުމަށް ބޭނުންތެރިވާ ނުވަތަ އެހީތެރިވާ ނިސްބަތަށެވެ.
36.
:
ޝަފަހީ ހެކި
"ޝަފަހީ ހެކި" ކަމަށް ބުނެފައި އެވަނީ، ޚުޞޫމާތެއް އުފެދިފައިވާ ވަކި ވާޤިޢާއަކާ ގުޅޭގޮތުން ހެކިބަސް ދޭ މީހާ ޝަރީޢަތުގެ މަޖިލީހަށް ހާޒިރުވެ ހުރެ، އެ މަޖިލީހުގައި އޭނާ އަނގަބަހުން ދޭ ހެކިބަހަށެވެ.
37.
:
ވަސީލަތަށް ބުރަވެ ހެކި ބައިކުރެވޭ ގޮތް
ކޯޓަށް ހެކި ހުށަހެޅޭ ވަސީލަތްތަކަށް ބުރަވެ، މި ޤާނޫނުގެ ދަށުން ހެކީގެ ގޮތުގައި ބަލައިގަނެވޭނީ، އަންނަނިވި ގޮތްތަކުގެ ތެރެއިން ގޮތަކަށް ހުށަހެޅޭ ޝަފަހީ ހެއްކާއި، ކިތާބީ ހެއްކާއި، މާއްދީ ހެއްކެވެ.
(ހ)
ޝަފަހީ ހެކީގެ ގޮތުގައި ބަލައިގަނެވޭނީ، ހެކިބަސް ދޭ މީހާ ޝަރީޢަތުގެ މަޖިލީހަށް ހާޒިރުވެ ހުރެ، އޭނާގެ އަނގަބަހުން އެ މަޖިލީހުގައި ދޭ ބަޔާނެވެ.
(ށ)
ކިތާބީ ހެކީގެ ގޮތުގައި ބަލައިގަނެވޭނީ، މައްސަލައިގައި ހިމެނޭ ފަރާތަކުން ހެކީގެ ގޮތުގައި ކޯޓަށް ހުށަހަޅާ، ވަކި ވާޤިޢާއެއް ވުޖޫދުގައި އޮތްކަން ހެކިކޮށްދޭ ލިޔުމެވެ.
(ނ)
މާއްދީ ހެކީގެ ގޮތުގައި ބަލައިގަނެވޭނީ، އަންނަނިވި ބާވަތުގެ އެއްޗެއްސެވެ.
(1)
ކިތާބީ ހެއްކަށްވެސް، ނުވަތަ ޝަފަހީ ހެއްކަށްވެސް ނުވާގޮތުން، ވަކި ވާޤިޢާއެއް ސާބިތުކޮށްދިނުމަށް ހެކީގެ ގޮތުގައި ހުށަހަޅާ މާއްދީ އެއްޗެހި؛
(2)
ފޮރެންސިކް ހެކި؛
(3)
ވަކި މެޝިނަކުން ވަކިގޮތަކަށް ނެރެދޭ ނަތީޖާ ނުވަތަ ލޮގް؛
(4)
ފިލްމާއި، ޓޭޕާއި، ފޮޓޯއާއި އެފަދަ އެއްޗެހި؛
(5)
ސައިންޓިފިކް ދަލީލްތަކާއި ތަޙްލީލުތަކުގެ ނަތީޖާ؛
(6)
ކޯޓުގައި ހަދާ ނުވަތަ ދައްކާ ޑެމޮންސްޓްރޭޝަންތަކާއި އެކްސްޕެރިމަންޓުތަކާއި ގްރާފްތަކާއި ޗާޓުތައް؛ އަދި
(7)
މެޝިން ބޭނުންކޮށްގެން ހަދާ ނުވަތަ ދައްކާ އެއްޗެހި.
38.
:
ދަރަޖައަށް ބުރަވެ، ހެކި ބައިކުރުވޭ ގޮތް
ކޯޓަށް ބަލައިގަންނަ ހެކީގެ ތެރެއިން، ހެކީގެ ދަރަޖައަށް ބުރަވެ، ކޯޓުން ވަޒަންކުރާނެ ހެކި ބެހިގެންވަނީ، އަންނަނިވި ދެ ބަޔަށެވެ.
(ހ)
ފުރަތަމަ ދަރަޖައިގެ ހެކި؛
(ށ)
ދެވަނަ ދަރަޖައިގެ ހެކި.
39.
:
ފުރަތަމަ ދަރަޖައިގެ ހެކި
(ހ)
ފުރަތަމަ ދަރަޖައިގެ ހެކީގެ ގޮތުގައި ބަލައިގަނެވޭނީ، އެ ހެއްކެއްގެ މައްޗަށް ބިނާކޮށް، ވަކި ވާޤިޢާއެއް ވުޖޫދުގައި އޮތްކަން ސީދާގޮތުގައި ސާބިތުވާ ހެއްކެވެ.
(ށ)
މި މާއްދާގެ (ހ) ގެ ބޭނުމަށްޓަކައި، ފުރަތަމަ ދަރަޖައިގެ ހެކީގެ ތެރޭގައި ހިމެނެނީ، އަންނަނިވި ބާވަތުގެ ހެއްކެވެ.
(1)
ވަކި ވާޤިޢާއެއް ވުޖޫދުގައި އޮތްކަމަށް މަންޒަރު ދުށް ނުވަތަ އަޑުއެހި މީހާ ދޭ ހެކިބަސް؛
(2)
މައްސަލަ ރައްދުވާ ފަރާތުން ޝަރީޢަތުގައި ވާ އިޢުތިރާފު؛
(3)
ފުރަތަމަ ދަރަޖައިގެ ކިތާބީ ހެކި.
40.
:
ދެވަނަ ދަރަޖައިގެ ހެކި
(ހ)
ދެވަނަ ދަރަޖައިގެ ހެކީގެ ގޮތުގައި ބަލައިގަނެވޭނީ، އެ ހެއްކެއްގެ މައްޗަށް ބިނާކޮށް، ވަކި ވާޤިޢާއެއް ވުޖޫދުގައި އޮތްކަން ސީދާގޮތުގައި ސާބިތުކޮށްނުދޭ، އެހެންނަމަވެސް ސާބިތުކޮށްދިނުމަށް އެހީތެރިވެދޭ ހެއްކެވެ.
(ށ)
ދެވަނަ ދަރަޖައިގެ ހެކީގެ ތެރޭގައި ހިމެނެނީ، ފުރަތަމަ ދަރަޖައިގެ ހެއްކަށް ނުވާގޮތަށް ހުށަހެޅޭ، އަދި މި ޤާނޫނުގައި ބަޔާންކޮށްފައިވާ ޙާލަތްތަކުގައި ބަލައިގަނެވޭ ކޮންމެ ހެއްކެކެވެ.
41.
:
ގުޅުމަށް ބުރަވެ، ހެކި ބައިކުރެވޭ ގޮތް
(ހ)
ކޯޓަށް ބަލައިގަންނަ ހެކީގެ ތެރެއިން، ހެކި ވަޒަންކުރުމުގެ އުސޫލަށް ބިނާކޮށް، ކޯޓުން ވަޒަންކުރާ ހެކި ބެހިގެންވަނީ އަންނަނިވި ދެ ބަޔަށެވެ.
(1)
މާއްދީގޮތުން ގުޅުން ހުރުން؛
(2)
ޤާނޫނީގޮތުން ގުޅުން ހުރުން.
(ށ)
މާއްދީގޮތުން ގުޅުން ހުރި ހެކި ކަމުގައި ބެލެވޭނީ، އެ ހެއްކެއް ބަލައިގަތުމުން، ވަކި ވާޤިޢާއެއް ވުޖޫދުގައި އޮތްކަން ސީދާގޮތުގައި ސާބިތުކޮށްދިނުމަށް ބާރު ލިއްބައިދޭ ހެއްކާއި، އެ ހެއްކެއް ބަލައިގަތުމުން، ވަކި ވާޤިޢާއެއް ވުޖޫދުގައި އޮތްކަން ސާބިތުކުރުމަށް އެހީތެރިވެދޭ ހެއްކެވެ.
(ނ)
ޤާނޫނީގޮތުން ގުޅުން ހުރި ހެކި ކަމުގައި ބެލެވޭނީ، އަންނަނިވި ސަބަބުތަކުގެ ތެރެއިން ސަބަބަކަށްޓަކައި، އެ ހެއްކެއް ބަލައިގަތުމަށް ޤާނޫނުއަސާސީން ނުވަތަ މި ޤާނޫނުން ނުވަތަ އެނޫންވެސް ޤާނޫނަކުން މަނާނުކުރާ ހެއްކެވެ.
(1)
ޤާނޫނާ ޚިލާފަށް ހޯދާފައިވާ ހެއްކަށްވުން؛
(2)
މީހަކަށް މަޖުބޫރުކޮށްގެން ހޯދާފައިވާ ބަޔާނަކަށްވުން؛
(3)
މި ޤާނޫނުގައި ހިމެނޭ ވަކި އުސޫލެއް މި ޤާނޫނުގައި އެހެން އޮތުމުގެ ސަބަބުން ވަޒަންކުރެވެން ނެތް ހެއްކަށްވުން.
42.
:
ޝަފަހީ ހެކި ހުށަހެޅުން
(ހ)
ލިޔުމަކުން ސާބިތުވާން އޮތް ވާޤިޢާއެއް ފިޔަވައި، އެހެން ވާޤިޢާއެއް ސާބިތުކުރުމަށް ޝަފަހީ ހެކި ހުށަހެޅިދާނެއެވެ.
(ށ)
ހެކިބަސްދޭ މީހާ ޝަރީޢަތުގެ މަޖިލީހުގައި ދޭ ޝަފަހީ ހެކި ވާންވާނީ، ހެކިބަސް ދެވޭ ކަމެއް، އޭނާއަށް އަމިއްލައަށް ތަޖުރިބާކުރެވިފައިވާ ގޮތް ބަޔާންކުރުމުގެގޮތުން ޞަރީޙަ ޢިބާރާތުން، ތެދުބަހުން ދޭ ހެކިބަހަށެވެ.
(ނ)
މި މާއްދާގެ (ށ) ގެ ބޭނުމަށްޓަކައި، ހެކިބަސްދޭ ފަރާތަށް އަމިއްލައަށް ކަމެއް ތަޖުރިބާކުރެވިފައިވުން ކަމަށް ބެލެވޭނީ، ވަކި އެއްޗެއް ނުވަތަ ކަމެއް އޭނާއަށް ކަނޑައެޅިގެން ފެނުމަށް ނުވަތަ އިވުމަށް ނުވަތަ އެނޫންވެސް ގޮތަކަށް އޭނާގެ ހިއްސަކުން ކަނޑައެޅިގެން އިހްސާސްކުރެވިފައިވުމަށެވެ.
(ރ)
މި މާއްދާގެ (ށ) އަދި (ނ) ގެ ބޭނުމަށްޓަކައި، ހެކިބަސް ދޭ މީހާއަށް އަމިއްލައަށް ތަޖުރިބާކުރެވިފައިވާ އެއްޗެއް ނުވަތަ ކަމެއް ބަޔާންކުރުމުގެގޮތުން ދޭ ހެކިބަހަކީ، އަންނަނިވި ފަދައިން ދޭ ހެކިބަހެވެ.
(1)
ހެކިބަހަކީ، ފެނުނު ކަމެއް ސާބިތުކޮށްދިނުމަށް ދޭ ހެކިބަހެއްނަމަ، އެ ހެކިބަހެއް ވާންވާނީ، އެމީހެއްގެ ލޮލަށް ފެނުނު ކަމެއް ތެދުބަހުން ބަޔާންކޮށްދޭ ހެކިބަހަށެވެ.
(2)
ހެކިބަހަކީ، އަޑުއިވުނު ކަމެއް ސާބިތުކޮށްދިނުމަށް ދޭ ހެކިބަހެއްނަމަ، އެ ހެކިބަހެއް ވާންވާނީ، އެމީހަކަށް ސީދާ އަޑުއިވުނު ކަމެއް ތެދުބަހުން ބަޔާންކޮށްދޭ ހެކިބަހަށެވެ.
(3)
މި އަކުރުގެ (1) ވަނަ ނަންބަރާއި (2) ވަނަ ނަންބަރުގައިވާ ޙާލަތްތަކުގެ އިތުރުން، ހެކިބަސް ދޭ ކަމަކީ، ހިއްސަކުން ނުވަތަ އެނޫންވެސް ގޮތަކުން އިހްސާސްކުރެވޭ ޒާތުގެ ކަމެއްނަމަ، އެ ހެކިބަހެއް ވާންވާނީ، އެމީހަކަށް އިހްސާސްކުރެވުނު ކަމެއް ތެދުބަހުން ބަޔާންކޮށްދޭ ހެކިބަހަށެވެ.
(ބ)
ހެކިބަސްދޭ ފަރާތުން ދޭ ހެކިބަހަކީ، ވަކި ކަމަކާ ގުޅޭގޮތުން އޭނާ ހާމަކުރާ ރައުޔު ކަމަށްވާނަމަ، ނުވަތަ އޭނާ ދެކޭގޮތް ބިނާވެފައިވާ ސަބަބުތައް ކަމަށްވާނަމަ، އެ ހެކިބަހެއް ވާންވާނީ، އެ ކަމެއްގެ ސަބަބުތަކުގެ މައްޗަށް ބިނާކޮށް އޭނާ ދެކޭގޮތް ނުވަތަ އެ ސަބަބުތައް ތެދުބަހުން ބަޔާންކޮށްދޭ ހެކިބަހަށެވެ.
(ޅ)
ވަކި ކަމަކާ ގުޅޭގޮތުން ޚަބީރެއްގެ ރައުޔާއި، އެ ރައުޔު ބިނާކޮށްފައިވާ ސަބަބުތައް ބަޔާންކޮށް، ޢާންމުކޮށް ގަންނަން ލިބެން ހުންނަ ފޮތެއްގައި ލިޔެފައިވާ ލިޔުން ސާބިތުކޮށްދިނުމަށްޓަކައި، އަންނަނިވި ޙާލަތުތަކުގައި އެ ފޮތެއްގެ އެ ލިޔުން ކޯޓަށް ހުށަހެޅިދާނެއެވެ.
(1)
އެ ލިޔުން ލިޔުނު މީހާ މަރުވެފައިވާނަމަ؛
(2)
އެ ލިޔުން ލިޔުނު މީހާ ހޯދައި ނުފެނިފައިވާނަމަ؛
(3)
އެ ލިޔުން ލިޔުނު މީހާ ހެކިބަސްދިނުމަށް ނުކުޅެދިފައިވާނަމަ؛
(4)
އެ ލިޔުން ލިޔުނު މީހާ ހެކިބަސްދިނުމަށްޓަކައި ކޯޓަށް ހާޒިރުކުރެވެން އޮތީ އެކަށީގެންވާ ވަރަށްވުރެ ދިގު މުއްދަތެއް ހޭދަވެގެން ކަމުގައި ޝަރީޢަތަށް ޤަބޫލުކުރެވޭނަމަ؛
(5)
އެ ލިޔުން ލިޔުނު މީހާ ހެކިބަސްދިނުމަށްޓަކައި ކޯޓަށް ހާޒިރުކުރެވެން އޮތީ އެކަށީގެންވާ ވަރަށްވުރެ ބޮޑު ޚަރަދެއް ކޮށްގެން ކަމުގައި ޝަރީޢަތަށް ޤަބޫލުކުރެވޭނަމަ.
43.
:
ޝަފަހީ ހެއްކާ ގުޅޭގޮތުން މާއްދީ ހެއްކެއް ހުށަހެޅުން
މާއްދީ އެއްވެސް އެއްޗެއް ވުޖޫދުގައިވާ ކަމަށް ނުވަތަ އެ އެއްޗެއް އޮތް ޙާލަތާ ގުޅޭގޮތުން ހެކިބަސް ދޭ މީހާ ޝަރީޢަތުގެ މަޖިލީހުގައި ހެކިބަސް ދޭ ޙާލަތްތަކުގައި، އެ ހެކިބަހުގައި ބަޔާންކުރާ މާއްދީ އެއްވެސް އެއްޗެއް ކޯޓުން ބަލަން ބޭނުންވެއްޖެ ހިނދެއްގައި، އެ އެއްޗެއް ކޯޓަށް ހުށަހެޅުމަށް އެންގިދާނެއެވެ.
44.
:
ޝަފަހީ ހެކި ހުށަހެޅުމުގެ މަރުޙަލާގައި ކިތާބީ ހެކި ހުށަހެޅުން
ޝަފަހީ ހެކި ހުށަހެޅުމުގެ މަރުޙަލާގައިވެސް، މައްސަލައިގައި ސާބިތުކުރަން ބޭނުންވާ ވާޤިޢާއަކާ ގުޅުންހުރި ލިޔުން، އެ މައްސަލަ ސާބިތުކުރަން ބޭނުންވާ ކިތާބީ ހެކީގެ ގޮތުގައި ހުށަހެޅިދާނެއެވެ.
45.
:
ހެކިބަސްދޭ ފަރާތަށް ސީދާ ކަމެއް އެނގިފައި އޮވެގެން މެނުވީ އެކަމުގައި ހެކިބަސް ނުދިނުން
ވަކި ވާޤިޢާއެއް ސާބިތުކޮށްދިނުމަށްޓަކައި ހެކިބަސް ދޭ ފަރާތަކަށް ހެކިބަސް ދެވޭނީ، އޭނާ އަމިއްލައަށް އެކަމެއް ތަޖުރިބާކުރެވިފައިވާ ކަމަށް ބެލުމަށް ކާފީ ހެކި ހުށަހަޅާފައިވާނަމައެވެ.
46.
:
ހެކިބަސްދިނުމުގެ ޤާބިލުކަން,ހުރި ފަރާތްތައް
(ހ)
މި ޤާނޫނުގައި އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާހާ ހިނދަކު، ހެކިބަސް ދިނުމުގެ ޤާބިލުކަން ހުރި ކޮންމެ ފަރާތަކަށް، ވަކި ވާޤިޢާއެއް ވުޖޫދުގައިވާކަން ސާބިތުކޮށްދިނުމުގެ ގޮތުން ހެކިބަސް ދެވިދާނެއެވެ.
(ށ)
އަންނަނިވި ޝަރުޠުތައް ފުރިހަމަވާ މީހަކީ، ވަކި ވާޤިޢާއެއް ވުޖޫދުގައިވާކަން ސާބިތުކޮށްދިނުމުގެ ގޮތުން ހެކިބަސްދިނުމަށް ޤާބިލު މީހަކު ކަމުގައި ބެލެވޭނެއެވެ.
(1)
މި ޤާނޫނުގެ 47 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޝަރުޠުތައް ފުރިހަމަވާ މީހަކު ކަމުގައިވުން؛ އަދި
(2)
ހެކިބަސް ދޭންވާނީ ތެދު ޙަޤީޤަތަށްކަން ދެނެގަތުމުގެ ޤާބިލުކަން ހުރި މީހަކު ކަމުގައިވުން؛ އަދި
(3)
ކުރެވޭ ސުވާލު ވިސްނައިގަތުމަށް ނުވަތަ ދެނެގަތުމަށް ނުވަތަ އެއަށް ދޭނެ ޖަވާބެއް ބަޔާންކޮށްދިނުމުގެ ކުޅެދުންތެރިކަން ހުރި މީހަކު ކަމުގައިވުން.
47.
:
ހެކިބަސް ދޭ މީހާގެ ކިބައިގައި ހުންނަންޖެހޭ ޝަރުޠުތައް
(ހ)
ހެކިބަސް ދޭ މީހާގެ ކިބައިގައި އަންނަނިވި ޝަރުޠުތައް ފުރިހަމަވާންވާނެއެވެ.
(1)
ޢުމުރުން 15 (ފަނަރަ) އަހަރު ފުރިފައިވާ ފަރާތެއް ކަމުގައިވުން؛
(2)
ބުއްދި ސަލާމަތުން ހުރި މީހަކު ކަމުގައިވުން؛
(3)
ހެކިބަސް ދިނުމުގެ ޢަދުލުވެރިކަން ފުރިހަމަވާ މީހަކު ކަމުގައިވުން؛
(4)
މި ޤާނޫނުގައި ބަޔާންކުރާ ޙާލަތްތަކުގައި، މި ޤާނޫނުގައިވާ ގޮތުގެމަތިން ހެކިބަސްދިނުމަށް ކޯޓުން ލާޒިމުކުރާ ކުރުން ފިޔަވައި، އިތުރު އެއްވެސް އެހެން މަޖުބޫރުކުރުވުމެއް ނެތި، އަމިއްލަ އިޚްތިޔާރުގައި ހެކިބަސް ދޭ މީހަކު ކަމުގައިވުން.
(ށ)
މި މާއްދާގެ (ހ) ގައި ބަޔާންކުރާ ޝަރުޠުތަކުގެ އިތުރުން، ހެކިބަސް ދޭ މީހާއަކީ މުސްލިމަކު ކަމުގައި ވާންޖެހޭނެ ކަމަށް އިސްލާމްދީނުގެ އަސްލެއްގައި ކަނޑައަޅާފައިވާ ކަންކަމުގައި، ހެކިބަސް ދޭ މީހާއަކީ މުސްލިމަކު ކަމުގައިވާންޖެހޭނެއެވެ.
48.
:
ހެކިބަސް ދިނުމުގެ,ޢަދުލުވެރިކަން ހުރުން
(ހ)
ކޯޓުން އެނޫން ގޮތަކަށް ކަނޑަނާޅާހާ ހިނދަކު، މި މާއްދާގެ (ށ) ގައި ބަޔާންކުރާ ފަރާތްތައް ފިޔަވައި، އެނޫން ފަރާތްތަކަކީ، ހެކިބަސް ދިނުމުގެ ޢަދުލުވެރިކަން ފުރިހަމަވާ ފަރާތްތަކެއް ކަމުގައި ބަލަންވާނެއެވެ.
(ށ)
ހެކިބަސްދޭ ފަރާތުގެ ތެދުވެރިކަމާއި އިންސާފުވެރިކަމާމެދު ސުވާލު އުފެދޭ ފަރާތްތަކަކީ، ހެކިބަސް ދިނުމުގެ ޢަދުލުވެރިކަން ގެއްލިފައިވާ ފަރާތްތަކެއް ކަމުގައި ބެލޭނެއެވެ.
(ނ)
މި މާއްދާގެ (ށ) ގެ ބޭނުމަށްޓަކައި، އަންނަނިވި ކުށްތަކުގެ ތެރެއިން ކުށެއް ސާބިތުވެ ޙުކުމް ތަންފީޛުކުރަމުންދާ ފަރާތަކީ، އެފަރާތެއްގެ ތެދުވެރިކަމާއި އިންސާފުވެރިކަމާމެދު ސުވާލު އުފެދިފައިވާ ފަރާތެއް ކަމުގައި ބެލޭނެއެވެ.
(1)
ޤަޛްފުގެ ކުށް؛
(2)
ދޮގުހެކި ދިނުމުގެ ކުށް؛
(3)
ވައްކަން، ޓެކުން، ޚިޔާނާތް އަދި ފޭރުމުގެ ކުށްތައް؛
(4)
އޮޅުވާލުމާއި މަކަރާއި ޙީލަތް ހެދުމުގެ ކުށްތައް؛
(5)
ކޮރަޕްޝަންގެ ކުށްތައް؛
(6)
އެނޫންވެސް އޮޅުވާލުމުގެ ޢަމަލުތަކުގެ މައްޗަށް އެކުލެވޭ ކުށްތައް.
49.
:
ހެކިބަސް ދިނުމުގެ ޢަދުލުވެރިކަން ފުރިހަމަނުވާ ފަރާތުގެ ހެކިބަސް
(ހ)
މި ޤާނޫނުގެ 47 ވަނަ މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރު އެހެން އޮތްނަމަވެސް، ވަކި ވާޤިޢާއަކާ ގުޅޭގޮތުން ކާފީ ހެއްކަކަށްވާ މިންވަރަށް ހެކިބަސް ދޭނެ އެހެން ފަރާތެއް ނެތް ޙާލަތެއްގައި، ހެކިބަސްދިނުމުގެ ޢަދުލުވެރިކަން ފުރިހަމަނުވާ ފަރާތެއްގެ ހެކިބަސް ބަލައިގަތުމަކަށް މި ޤާނޫނު ހުރަހެއް ނާޅައެވެ.
(ށ)
މި މާއްދާގެ (ހ) ގައި ބަޔާންކުރާ އުސޫލު، މި ޤާނޫނުގެ 48 ވަނަ މާއްދާގެ (ނ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކުރާ ކުށެއް ސާބިތުވެފައިވާ ފަރާތަކާ ގުޅޭގޮތަކުން ނުހިނގާނެއެވެ.
(ނ)
މި މާއްދާގެ ދަށުން ހެކިބަސް ދިނުމުގެ ޢަދުލުވެރިކަން ފުރިހަމަނުވާ ފަރާތެއްގެ ހެކިބަސް ކޯޓުން ބަލައިގަންނަންވާނީ، މި ޤާނޫނުގެ 46 ވަނަ މާއްދާއާއި 47 ވަނަ މާއްދާގެ ދަށުން ފުރިހަމަވާންޖެހޭ އެހެން ޝަރުޠުތައް އެ ފަރާތުގެ ކިބައިގައި ފުރިހަމަވާނަމައެވެ.
(ރ)
މި މާއްދާގެ ދަށުން ނަގާ ހެކިބަހަކީ، މި ޤާނޫނުގެ 39 ވަނަ މާއްދާގައި ބަޔާންކުރާ ފުރަތަމަ ދަރަޖައިގެ ހެކީގެ ގޮތުގައި ބަލައިގަނެވޭނެ ހެކިބަހެއް ނޫނެވެ.
50.
:
ކުޑަކުދިންގެ ހެކިބަސް
(ހ)
މި ޤާނޫނުގެ 47 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރު އެހެން އޮތްނަމަވެސް، ވަކި ވާޤިޢާއަކާ ގުޅޭގޮތުން ކާފީ ހެއްކަކަށްވާ މިންވަރަށް ހެކިބަސް ދޭނެ އެހެން ފަރާތެއް ނެތް ޙާލަތެއްގައި، ޢުމުރުން 15 (ފަނަރަ) އަހަރު ފުރިފައިނުވާ ކުޑަކުއްޖެއްގެ ހެކިބަސް ބަލައިގަތުމަކަށް މި ޤާނޫނު ހުރަހެއް ނާޅައެވެ.
(ށ)
މި މާއްދާގެ (ހ) ގެ ދަށުން ކުޑަކުއްޖެއްގެ ހެކިބަސް ކޯޓުން ނަގަންވާނީ، އެ ކުއްޖާއަކީ ބާލިޣުވެފައިވާ ކުއްޖަކަށްވުމާއެކު، މި ޤާނޫނުގެ 46 ވަނަ މާއްދާއާއި 47 ވަނަ މާއްދާގެ ދަށުން ފުރިހަމަވާންޖެހޭ އެހެން ޝަރުޠުތައް އެ ކުއްޖާގެ ކިބައިގައި ފުރިހަމަވާނަމައެވެ.
(ނ)
މި މާއްދާގެ ދަށުން ކުޑަކުއްޖެއްގެ ހެކިބަސް ނެގުމުގައި، މި ޤާނޫނުގެ 94 ވަނަ މާއްދާގެ ދަށުން ހެކިބަސް ދޭ ފަރާތުން ކުރަންޖެހޭ ހުވާކުރުން ކުޑަކުއްޖާގެ މައްޗަށް ލާޒިމުކޮށްގެން ނުވާނެއެވެ.
(ރ)
މި މާއްދާގެ ދަށުން ނަގާ ހެކިބަހަކީ، މި ޤާނޫނުގެ 39 ވަނަ މާއްދާގައި ބަޔާންކުރާ ފުރަތަމަ ދަރަޖައިގެ ހެކީގެ ގޮތުގައި ބަލައިގަނެވޭނެ ހެކިބަހެއް ނޫނެވެ.
(ބ)
މި ޤާނޫނުގެ 47 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރާއި، މި މާއްދާގެ (ށ) އެހެން އޮތްނަމަވެސް، އެ މާއްދާތަކުގައި ބަޔާންކުރާ ޝަރުޠުތައް ފުރިހަމަނުވާ ޙާލަތުގައި ނެގޭ ކުޑަކުދިންގެ ހެކިބަސް ކޯޓަށް ބަލައިގަނެވޭނެ ކަމުގައި ވަކި ޤާނޫނެއްގައި ބަޔާންކޮށްފައިވާނަމަ، އެ ޤާނޫނެއްގައި ބަޔާންކޮށްފައިވާ ޙާލަތްތަކުގައި، ޢުމުރުން 15 (ފަނަރަ) އަހަރުން ދަށުގެ ކުޑަކުދިންގެ ހެކިބަސް ބަލައިގަތުމަކަށް މި ޤާނޫނު ހުރަހެއްނާޅައެވެ.
51.
:
ހެކިބަސް ނަގައިގެންނުވާނެ ޙާލަތްތައް
މި ޤާނޫނުގައި ކަނޑައެޅިގެން އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާހާ ހިނދަކު، ހެކިބަސް ދޭ މީހާއަކީ މައްސަލައިގެ ޚަޞްމަކާ ތަޢާރުޟުވާ މަޞްލަޙަތެއް އޮތް ނުވަތަ މައްސަލައިގެ ޚަޞްމަކާ ޢަދާވާތްތެރިކަމެއް އޮތް މީހަކު ކަމުގައިވާނަމަ، އެ މައްސަލައެއްގައި އެ މީހެއްގެ ހެކިބަސް ނަގައިގެންނުވާނެއެވެ.
52.
:
ހެކިބަސްދިނުން ލާޒިމުކުރުން
މި ޤާނޫނުގައި އެހެންގޮތަކަށް ބަޔާންކޮށްފައިނުވާހާ ހިނދަކު، ހެކިބަސްދިނުމުގެ ޤާބިލުކަން ހުރި ކޮންމެ މީހަކީ، ހެކިބަސްދިނުމަށް ކޯޓަށް ލާޒިމުކުރެވިދާނެ މީހެކެވެ.
53.
:
ހެކިބަސްދިނުން ލާޒިމުނުކުރެވޭނެ މީހުން
(ހ)
މި ޤާނޫނުގެ 52 ވަނަ މާއްދާ އެހެން އޮތްނަމަވެސް، ހެކިބަސް ދޭ މީހަކާ ގުޅޭގޮތުން އަންނަނިވި ޙާލަތްތަކުގެ ތެރެއިން ޙާލަތެއް ވުޖޫދުގައިވާ ކަމަށް ޝަރީޢަތަށް ޤަބޫލުކުރެވޭ ޙާލަތުގައި، ހެކިބަސްދިނުމަށް އެމީހަކަށް ލާޒިމުކޮށްގެންނުވާނެއެވެ.
(1)
ވަކި ވާޤިޢާއަކާ ގުޅޭގޮތުން އެހާ ތަނަށް ކާފީ ހެކި ލިބިފައިވުން؛
(2)
ވަކި ވާޤިޢާއަކާ ގުޅޭގޮތުން ކާފީ ހެއްކަށްވާ މިންވަރަށް ހެކިބަސް ދޭނެ އެހެން މީހުން ތިބުން؛
(3)
ޝަރީޢަތަށް ހުށަހެޅިފައިވާ މައްސަލައެއްގައި ފަނޑިޔާރުކަން ކުރާ މީހަކު އެ މައްސަލައާ ގުޅޭގޮތުން ހެކިބަސް ދޭންޖެހުން؛
(4)
މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ޙާލަތުގައި ފިޔަވައި، ޖިނާއީ މައްސަލައެއްގައި ދަޢުވާލިބޭ ފަރާތެއް، އެ މައްސަލައިގައި ދަޢުވާކުރާ ފަރާތުގެ ހެއްކަކަށް ވާންޖެހުން؛
(5)
ޖިނާއީ ދަޢުވާއެއް ކުރަނީ އެކަކަށްވުރެ ގިނަ މީހުންގެ މައްޗަށް، އެއް ދަޢުވާއެއްގެ ގޮތުގައި، އެ އެންމެންގެ މައްޗަށް އެކުގައި ކަމުގައިވާނަމަ، އެމީހުންގެ ތެރެއިން މީހަކަށް އެމީހުންގެ ތެރެއިން އެހެން މީހެއްގެ މައްޗަށް ހެކިބަސް ދޭންޖެހުން؛
(6)
ޑިޕްލޮމެޓިކް އިމްތިޔާޒު ލިބިގެންވާ ފަރާތްތަކާއި، ހެކިބަސް ދިނުމަށް ލާޒިމުކުރުމުން ޤާނޫނަކުން އިމްތިޔާޒު ލިބިގެންވާ ފަރާތްތައް.
(ށ)
މި މާއްދާގެ (ހ) ގެ (6) ވަނަ ނަންބަރު އެހެން އޮތްކަމުގައިވީނަމަވެސް، ޖިނާއީ ދަޢުވާއެއް އެކަކަށްވުރެ ގިނަ މީހުންގެ މައްޗަށް ކުރަނީ ވަކިވަކި ދަޢުވާތަކެއްގެ ގޮތުގައި ކަމުގައިވާނަމަ، އެމީހުންގެ ތެރެއިން މީހަކަށް އެމީހުންގެ ތެރެއިން އެހެން މީހެއްގެ މައްޗަށް، އެއްކޮޅަށް ނުވަތަ ދެކޮޅަށްވެސް، ހެކިބަސް ދެވިދާނެއެވެ.
(ނ)
ޖިނާއީ މައްސަލައެއްގައި ދަޢުވާލިބޭ ފަރާތް، ދަޢުވާކުރާ ފަރާތުން ހެކިބަސް ދޭ މީހެއްގެ ގޮތުގައި ހާޒިރުކުރަން މި ޤާނޫނު ހުއްދަކުރާ ޙާލަތްތަކުގައި، ދަޢުވާކުރާ ފަރާތުގެ ހެއްކެއްގެ ގޮތުގައި ދަޢުވާލިބޭ ފަރާތަށް ހެކިބަސް ދެވިދާނެއެވެ.
54.
:
ޖިނާއީ މައްސަލަތަކުގައި ހެކިބަސްދިނުމަށް ޢުޛުރުވެރިވުން
(ހ)
ޖިނާއީ މައްސަލައެއްގައި ހެކިބަސް ދޭ މީހާއަކީ، ކުށުގެ ދަޢުވާލިބޭ މީހާއާ އަންނަނިވި ބާވަތުގެ ގުޅުމެއް އޮތް މީހަކު ކަމުގައިވާނަމަ، އޭނާގެ މައްޗަށް ދަޢުވާކުރެވޭ ކުށާ ގުޅުންހުރި ހެކިބަސްދިނުމަށް، ނުވަތަ ކުށުގެ ދަޢުވާލިބޭ މީހާއާއި އޭނާއާ ދެމެދު ހިނގާފައިވާ މުވާޞަލާތެއްގެ މަޢުލޫމާތެއް ދިނުމަށް، އެ ދަޢުވާއާ ގުޅިގެން ހެކިބަސް ދޭ މީހެއްގެ ގޮތުގައި ހާޒިރުވެ ހެކިބަސްދިނުމަށް އޭނާއަށް ޢުޛުރުވެރިވެވިދާނެއެވެ.
(1)
އަނބިމީހާ ނުވަތަ ފިރިމީހާ؛
(2)
މައިންބަފައިން ނުވަތަ ބެލެނިވެރިޔާ؛
(3)
ދަރިއެއް.
(ށ)
މި މާއްދާގެ (ހ) ގައި ބަޔާންކުރާ ފަރާތެއް ހެކިބަސްދިނުމަށް އަންގާ ވަގުތު، އޭނާއަށް އެ ޙައްޤު އޮތްކަން އެނގިފައިނުވިނަމަވެސް، އޭނާއަށް އެ ޙައްޤު އޮތްކަން އެނގުމާއެކު، ހެކިބަސް ދިނުމުން އޭނާއަށް ޢުޛުރުވެރިވެވިދާނެއެވެ.
(ނ)
މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގެ ބޭނުމަށްޓަކައި، އަނބިމީހާ ނުވަތަ ފިރިމީހާ ކަމަށް ބުނެފައި އެވަނީ، ކުށުގެ ޢަމަލު ހިނގިއިރު އޭނާ އިނދެގެން އުޅުނު އެހެންނަމަވެސް ފަހުން ވަރިކޮށްފައިވާ ފަރާތްވެސް ހިމެނޭގޮތުންނެވެ.
55.
:
ހެކިބަސްދިނުމަށް ޢުޛުރުވެރިވުމުން ކޯޓުން ގޮތެއް ކަނޑައެޅުން
(ހ)
މި ޤާނޫނުގެ 54 ވަނަ މާއްދާގެ ދަށުން މީހަކު ހެކިބަސްދިނުމަށް ޢުޛުރުވެރިވެއްޖެ ހިނދެއްގައި، އޭނާއަށް ހެކިބަސްދިނުން ލާޒިމުކުރަން ޖެހޭކަން ނުވަތަ ނޫންކަން ކޯޓުން ކަނޑައަޅަންވާނެއެވެ.
(ށ)
މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން ކޯޓުން ގޮތެއް ކަނޑައެޅުމުގައި އަންނަނިވި ކަންކަމަށް ރިޢާޔަތްކުރަންވާނެއެވެ.
(1)
އޭނާ ހެކިބަސްދީފިނަމަ، އޭނާއަށް އެއްވެސް ގެއްލުމެއް ލިބިދާނެކަން؛
(2)
އޭނާ ހެކިބަސްދީފިނަމަ، އޭނާއާއި ކުށުގެ ތުހުމަތުކުރެވޭ މީހާއާ ދެމެދު އޮތް ގުޅުމަށް އެއްވެސް ހީނަރުކަމެއް އަތުވެދާނެކަން؛
(3)
އޭނާ ހެކިބަސްދީފިނަމަ އޭނާއަށް ދިމާވެދާނެ ނުރައްކަލާއި އޭނާ ހެކިބަސްނުދީފިނަމަ ދިމާވެދާނެ ގެއްލުމާ އަޅާބަލާއިރު، އިސްކަން ދޭންޖެހޭނީ ކޮން ކަމަކަށްކަން؛
(4)
ކުށުގެ ދަޢުވާކުރެވޭ މީހާގެ މައްޗަށް އުފުލިފައިވާ ދަޢުވާގެ ކުޑަބޮޑުމިން؛
(5)
ހެކިބަސްދޭންޖެހޭ މީހާ ދޭންޖެހޭ ހެކިބަހުގެ މުހިންމުކަމާއި، އެ ހެކިބަސް، ކުށް ސާބިތުކުރުމަށް އެހީތެރިވެދޭނެ ނިސްބަތް؛
(6)
އޭނާ ހެކިބަސް ދޭ ވާޤިޢާއާ ގުޅޭގޮތުން ހެކިބަސް ދޭން އެއްބަސްވާ އެހެން މީހަކު ދަޢުވާކުރާ ފަރާތަށް ލިބިފައިވާކަން ނުވަތަ ނޫންކަން؛
(7)
ކުށުގެ ދަޢުވާލިބޭ މީހާއާ ހެކިބަސް ދޭ މީހާއާ ހުރި ގުޅުމުގެ ބާވަތް؛
(8)
ހެކިބަސް ދޭ މީހާ ދޭ ހެކިބަހުގައިވާ މަޢުލޫމާތަކީ، އޭނާއާއި ކުށުގެ ދަޢުވާލިބޭ މީހާއާ ދެމެދު އޮތް ގުޅުމުގެ މައްޗަށް އިތުބާރުކޮށް ސިއްރުގެ ގޮތުގައި ބަޔާންކޮށްފައިވާ އެއްޗެއް ހާމަކުރަންޖެހޭ މަޢުލޫމާތެއްކަން ނުވަތަ ނޫންކަން.
56.
:
ހެކިބަސްދިނުމަށް ޢުޛުރުވެރިނުވެވޭނެ ކުށްތައް
މި ޤާނޫނުގެ 54 ވަނަ މާއްދާ އެހެން އޮތްނަމަވެސް، ޖިނާއީ ބޮޑު ކުށެއްގެ ދަޢުވާއެއްގައި ވަކި ވާޤިޢާއަކާ ގުޅޭގޮތުން ކާފީ ހެއްކަކަށްވާ މިންވަރަށް ހެކިބަސް ދޭނެ އެހެން ފަރާތެއް ނެތް ޙާލަތެއްގައި، އެ މާއްދާގައި ބަޔާންކުރާ ފަރާތަކާ ގުޅޭގޮތުން މި ޤާނޫނުގެ 53 ވަނަ މާއްދާގައި ބަޔާންވެގެންވާ އުސޫލު ނުހިނގާނަމަ، އެފަރާތެއް އެފަދަ ކުށެއްގެ ދަޢުވާއެއްގައި ހެކިބަސްދިނުމަށް ލާޒިމުކުރުމުގެ ބާރު، ކޯޓަށް ލިބިގެންވެއެވެ.
57.
:
ލިޔުމެއްގައިވާ އެއްޗެއް ސާބިތުކުރުން
ލިޔުމެއްގައިވާ އެއްވެސް އެއްޗެއް އަންނަނިވި ދެ ގޮތުގެ ތެރެއިން ގޮތަކަށް، ހެކި ހުށަހަޅައިގެން ސާބިތުކުރެވިދާނެއެވެ.
(ހ)
ފުރަތަމަ ދަރަޖައިގެ ކިތާބީ ހެކި؛
(ށ)
ދެވަނަ ދަރަޖައިގެ ކިތާބީ ހެކި.
58.
:
ފުރަތަމަ ދަރަޖައިގެ ކިތާބީ ހެކި
(ހ)
މި ޤާނޫނުގެ 57 ވަނަ މާއްދާގެ (ހ) ގެ ބޭނުމަށްޓަކައި، ފުރަތަމަ ދަރަޖައިގެ ކިތާބީ ހެއްކަކީ ކިތާބީ ހެކީގެ ގޮތުގައި ޝަރީޢަތަށް ހުށަހަޅާ ލިޔުމެއްގެ އަސްލެވެ.
(ށ)
މި ޤާނޫނުގެ 59 ވަނަ މާއްދާގެ (ށ) އަދި (ނ) ގައި ބަޔާންކޮށްފައިވާ އިސްތިސްނާ ޙާލަތްތަކުގައި މެނުވީ، ލިޔުމެއްގައިވާ އެއްވެސް އެއްޗެއް ސާބިތުކުރެވޭނީ، ފުރަތަމަ ދަރަޖައިގެ ކިތާބީ ހެކި ހުށަހަޅައިގެންނެވެ.
59.
:
ދެވަނަ ދަރަޖައިގެ ކިތާބީ ހެކި
(ހ)
ދެވަނަ ދަރަޖައިގެ ކިތާބީ ހެއްކަކީ، މި މާއްދާގެ (ނ) ގައި ބަޔާންކުރާ ޙާލަތްތަކުގައި މެނުވީ ޝަރީޢަތަށް ބަލައިގަނެވޭނެ ހެއްކެއް ނޫނެވެ.
(ށ)
ދެވަނަ ދަރަޖައިގެ ކިތާބީ ހެކީގެ ތެރޭގައި، އަންނަނިވި އެއްޗެހި ހިމެނެއެވެ.
(1)
އަސްލާ އެއްގޮތް ކަމަށް ބަޔާންކުރާ ކޮޕީ؛
(2)
ލިޔުމުގެ އަސްލު ނުގެއްލޭނެކަން ޔަޤީންވާ ފަދަ މެޝިނެއް ނުވަތަ އެހެން ވަސީލަތެއް ބޭނުންކޮށްގެން އެ ލިޔުމެއްގެ އަސްލުން ނަކަލުކޮށްފައިވާ އަދި އޭގެ ތެދުކަން ޔަޤީންކޮށްފައިވާ ކޮޕީ.
(ނ)
އަންނަނިވި ޙާލަތުތަކުގައި، ލިޔުމެއް ވުޖޫދުގައިވާކަން ނުވަތަ ނުވާކަން ސާބިތުކޮށްދިނުމަށްޓަކައި، ނުވަތަ އެ ލިޔުމެއް އޮތް ޙާލަތު ސާބިތުކޮށްދިނުމަށްޓަކައި، ނުވަތަ އެ ލިޔުމެއްގައިވާ އެއްޗެއް ސާބިތުކޮށްދިނުމަށްޓަކައި ދެވަނަ ދަރަޖައިގެ ކިތާބީ ހެކި ހުށަހެޅިދާނެއެވެ.
(1)
ލިޔުމެއްގެ އަސްލު އޮތީ އަންނަނިވި ފަރާތްތަކުގެ ތެރެއިން ފަރާތެއްގެ ކިބައިގައި ނުވަތަ އޭނާގެ ބާރުގެ ދަށުގައި ކަމަށްވެފައި، އެ ލިޔުން ހުށަހެޅުމަށް ކޯޓުން އެންގުމުން، އެ ލިޔުން ކޯޓަށް ހުށަހަޅާފައިނުވުން:
i.
އެ ލިޔުން އެމީހަކާ ދެކޮޅަށް ސާބިތުކުރުމަށް ހުށަހެޅިފައިވާ މީހާ؛
ii.
ކޯޓުގެ އިޚްތިޞާޞް ނުހިނގާ ތަނެއްގައި ހުރި މީހެއް؛
iii.
އެ ލިޔުން ހުށަހެޅުމަށް ޤާނޫނީގޮތުން ލާޒިމުވާ މީހެއް.
(2)
އެ ލިޔުން އެމީހަކާ ދެކޮޅަށް ސާބިތުކުރަން ހުށަހެޅިފައިވާ މީހާ ނުވަތަ އޭނާ ތަމްސީލުކުރާ މީހަކު އެ ލިޔުމުގެ އަސްލު ވުޖޫދުގައިވާ ކަމާމެދު ނުވަތަ ނުވާކަމާމެދު، ނުވަތަ ލިޔުން އޮތް ޙާލަތު ނުވަތަ ލިޔުމުގައިވާ އެއްޗަކާ ގުޅޭގޮތުން ލިޔުމުން އިޤްރާރެއްވެފައި އޮތުން؛
(3)
އެ ލިޔުމުގެ އަސްލު ގެއްލިފައިވުމުގެ ސަބަބުން ނުވަތަ ނެތިގޮސްފައިވުމުގެ ސަބަބުން، ނުވަތަ ހެކި ހުށަހަޅާ ފަރާތުގެ ފަރުވާކުޑަކުރުމެއް ނުވަތަ އިހުމާލެއް ނުހިމެނޭ އެހެން ކަމެއް މެދުވެރިވުމުގެ ސަބަބުން އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި އެ ލިޔުން ކޯޓަށް ހުށަހެޅެން ނެތުން؛
(4)
ލިޔުމެއްގެ އަސްލަކީ، ފަސޭހައިން އެއް ތަނުން އަނެއް ތަނަށް ގެންދެވޭފަދަ އެއްޗަކަށް ނުވުން؛
(5)
ލިޔުމެއްގެ އަސްލަކީ، ސަރުކާރުގެ ރަސްމީ ލިޔުމަކަށްވުން؛
(6)
ލިޔުމެއްގެ އަސްލަކީ، އެ ލިޔުމުގެ އަސްލާ އެއްގޮތް ކަމަށް ބަޔާންކުރާ ކޮޕީ ކޯޓަށް ހެކީގެ ގޮތުގައި ހުށަހެޅުމަށް މި ޤާނޫނުގެ ދަށުން ނުވަތަ އެހެން ޤާނޫނެއްގެ ދަށުން ހުއްދަކުރެވިފައިވާ ލިޔުމަކަށްވުން؛
(7)
ލިޔުމެއްގެ އަސްލަކީ، ތަފާތު ގިނަ ލިޔުންތަކެއްގެ މައްޗަށް އެކުލެވޭ ލިޔުމެއް ކަމަށްވެފައި، އެ ލިޔުންތަކުން ސާބިތުކުރަން ބޭނުންވާ ކަމަކީ އެ ލިޔުންތައް އެކުގައި ބެލުމުން ފެންނާނެ ނަތީޖާއެއް ކަމަށްވާނަމަ، އެ ލިޔުންތައް ކޯޓުން ބެލުމަކީ ދަތިކަމެއް ކަމަށްވުން.
(ރ)
މި މާއްދާގެ (ނ) ގެ (1) ވަނަ ނަންބަރާއި، (3) ވަނަ ނަންބަރާއި، (4) ވަނަ ނަންބަރުގައި ބަޔާންކުރާ ޙާލަތުތަކުގައި، ލިޔުމުގައިވާ އެއްޗަކާ ގުޅޭގޮތުން ހުށަހަޅާ ދެވަނަ ދަރަޖައިގެ ހެކި ޝަރީޢަތަށް ޤަބޫލުކުރެވޭނެއެވެ.
(ބ)
މި މާއްދާގެ (ނ) ގެ (2) ވަނަ ނަންބަރުގައި ބަޔާންކުރާ ޙާލަތުގައި، އެ މާއްދާގައި ބަޔާންކުރާ ގޮތުގެމަތިން ލިޔުމުން ވާ އިޤްރާރު ޝަރީޢަތަށް ޤަބޫލުކުރެވޭނެއެވެ.
(ޅ)
މި މާއްދާގެ (ނ) ގެ (5) ވަނަ ނަންބަރާއި، (6) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ޙާލަތުތަކުގައި، އެ އަކުރުތަކުގައި ބަޔާންކުރާ ލިޔުމުގެ އަސްލާ އެއްގޮތް ކަމަށް ބަޔާންކުރާ ކޮޕީ ފިޔަވައި ދެވަނަ ދަރަޖައިގެ އެހެން ހެއްކެއް ޝަރީޢަތަށް ޤަބޫލެއްނުކުރެވޭނެއެވެ.
(ކ)
މި މާއްދާގެ (ނ) ގެ (7) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ޙާލަތުގައި، އެ އަކުރުގައި ބަޔާންކުރާފަދަ ލިޔުންތައް ދިރާސާކުރުމުގެ ހުނަރު ލިބިފައިވާ މީހަކަށް، އެ ލިޔުންތައް ދިރާސާކުރުމަށްފަހު އެ ލިޔުންތަކުން ދޭހަވާ ޢާންމު ނަތީޖާއާ ގުޅޭގޮތުން ޝަރީޢަތަށް ހެކިބަސްދެވިދާނެއެވެ.
60.
:
އަތުލިޔުން ނުވަތަ ސޮއި ސާބިތުކުރުން
ލިޔުމެއް ނުވަތަ ލިޔުމެއްގެ ވަކި ބައެއް ލިޔެފައިވަނީ، ނުވަތަ ލިޔުމެއްގައި ސޮއިކޮށްފައިވަނީ، ވަކި މީހަކު ކަމަށް ބުނާނަމަ، އެ މީހަކު ލިޔެފައިވާ ކަމަށް ބުނާ ބައި ލިޔެފައިވަނީ އޭނާކަން، ނުވަތަ އެ ލިޔުމުގައި ސޮއިކޮށްފައިވަނީ އޭނާކަން، އެ ލިޔުން ޝަރީޢަތަށް ހުށަހެޅި ފަރާތުން ސާބިތުކޮށްދޭންވާނެއެވެ.
61.
:
ރަސްމީ ލިޔުންތައް
ތިރީގައި ބަޔާންކޮށްފައިވާ ލިޔުންތަކަކީ ރަސްމީ ލިޔުން ކަމުގައި ބެލޭނެއެވެ.
(ހ)
ދައުލަތުގެ އިދާރާއަކުން ކޮށްފައިވާ ކަންކަން ނުވަތަ ހިންގާފައިވާ ޙަރަކާތްތައް އެ މައްޗަށް އެކުލެވޭ ގޮތަށް، އެ އިދާރާއަކުން ނުވަތަ ދައުލަތުގެ އެހެން އިދާރާއަކުން އުފައްދާ ނުވަތަ އެކުލަވާލާ ލިޔުން؛
(ށ)
ދައުލަތުގެ އިދާރާއަކުން ކޮށްފައިވާ ކަންކަން ނުވަތަ ހިންގާފައިވާ ޙަރަކާތްތައް އެ އިދާރާއަކުން ނުވަތަ ދައުލަތުގެ އެހެން އިދާރާއަކުން ރިކޯޑުކޮށްފައިވާ ލިޔުން؛
(ނ)
ދައުލަތުގެ އިދާރާގެ މާނައިގައި ހިމެނޭ ބޭރު ޤައުމެއްގެ އިދާރާއަކުން ކޮށްފައިވާ ކަންކަން ނުވަތަ ހިންގާފައިވާ ޙަރަކާތްތައް އެ މައްޗަށް އެކުލެވޭ ގޮތަށް އެއިން ތަނަކުން އުފައްދާ ނުވަތަ އެކުލަވާލާ ލިޔުން؛
(ރ)
ދައުލަތުގެ އިދާރާގެ މާނައިގައި ހިމެނޭ ބޭރު ޤައުމެއްގެ އިދާރާއަކުން ކޮށްފައިވާ ކަންކަން ނުވަތަ ހިންގާފައިވާ ޙަރަކާތްތައް އެއިން ތަނަކުން ރިކޯޑުކޮށްފައިވާ ލިޔުން؛
(ބ)
ދައުލަތުގެ އިދާރާއަކުން ބަލަހައްޓާ އަމިއްލަ ފަރާތެއްގެ މަޢުލޫމާތު ހިމެނޭ ރަސްމީ ރިކޯޑު.
62.
:
އަމިއްލަ ފަރާތްތަކުގެ ލިޔުންތައް
ރަސްމީ ލިޔުން ފިޔަވައި އެހެން ކޮންމެ ލިޔުމަކީ، އަމިއްލަ ފަރާތްތަކުގެ ލިޔުން ކަމުގައި ބެލޭނެއެވެ.
63.
:
ރަސްމީ ލިޔުމުގެ އަސްލާ އެއްގޮތްކަން ބަޔާންކުރާ ކޮޕީ
މި ޤާނޫނުގެ ބޭނުމަށްޓަކައި ރަސްމީ ލިޔުމެއްގެ އަސްލާ އެއްގޮތް ކަމަށް ބަޔާންކުރާ ކޮޕީއަކީ ޞައްޙަ ކޮޕީއެއް ކަމަށް ބެލޭނީ، އެ ކޮޕީއާ ގުޅޭގޮތުން އެ ލިޔުން ބެލެހެއްޓުމާ ޙަވާލުވެ ހުރި ދައުލަތުގެ މުވައްޒަފު އަންނަނިވި ކަންކަން ފުރިހަމަކޮށްފައިވާނަމައެވެ.
(ހ)
އެ ލިޔުމުގެ ކޮޕީގައި، އެ ކޮޕީއަކީ ލިޔުމުގެ ނުވަތަ ލިޔުމުގެ ބައެއްގެ އަސްލާ އެއްގޮތް ކޮޕީއެއްކަން ބަޔާންކުރާ ތައްގަނޑު ޖަހާފައިވުން؛
(ށ)
މި މާއްދާގެ (ހ) ގައި ބަޔާންކުރާ ތައްގަނޑު ޖަހާފައިވުމާއެކު، އެ ތައްގަނޑު ޖެހި ތާރީޚާއި، އެ ތައްގަނޑު ޖެހި މުވައްޒަފުގެ ނަމާއި މަޤާމު ބަޔާންކޮށްފައިވުން؛
(ނ)
މި މާއްދާގެ (ށ) ގައި ބަޔާންކުރާ މުވައްޒަފަކީ، އެ މުވައްޒަފަކު މަސައްކަތްކުރާ އިދާރާގެ ސިއްކަޖެހުމުގެ ހުއްދަ އޮތް ފަރާތެއް ކަމަށްވެފައި، އެ ކޮޕީގައި އެ އިދާރާގެ ސިއްކަޖަހާފައި އޮތުން.
64.
:
އިލެކްޓްރޯނިކް ލިޔުން،,ވަސީލަތް އަދި ޑޭޓާ
މި ބާބުގެ ބޭނުމަށްޓަކައި އަންނަނިވި ޢިބާރާތްތަކަށް ދީފައި އެވަނީ، އެ ޢިބާރާތްތަކަށް ތިރީގައި ދީފައިއެވާ މާނަކުރުމެވެ.
(ހ)
"އިލެކްޓްރޯނިކް ލިޔުން" ކަމަށް ބުނެފައި އެވަނީ، ކޮމްޕިއުޓަރ ސިސްޓަމެއް ނުވަތަ އެފަދަ އެހެން ޑިވައިސްއެއްގައި ނުވަތަ އެފަދަ ސިސްޓަމެއް ނުވަތަ ޑިވައިސެއް މެދުވެރިކޮށް އެއްވެސް ވަސީލަތެއްގައި، ރައްކާކޮށްފައިވާ ނުވަތަ ރެކޯޑުކޮށްފައިވާ، އަދި މީހަކަށް ނުވަތަ ކޮމްޕިއުޓަރ ސިސްޓަމަކަށް ނުވަތަ އެފަދަ އެހެން ޑިވައިސަކަށް ދެނެގަނެވޭނެ، ނުވަތަ ދޭހަކުރެވޭނެ ގޮތަށް ހުންނަ ޑޭޓާ އަށެވެ. އޭގެ ތެރޭގައި، ޑިސްޕްލޭކޮށްފައިވާ ނުވަތަ ޕްރިންޓްކޮށްފައިވާ ނުވަތަ ޖެނެރޭޓްކޮށްފައިވާ ނުވަތަ އެނޫން ގޮތަކަށް އެ ސިސްޓަމަކުން ނުވަތަ ޑިވައިސްއަކުން ބޭރުކޮށްފައިވާ ޑޭޓާ ހިމެނެއެވެ.
(ށ)
"އިލެކްޓްރޯނިކް ވަސީލަތް" ކަމަށް ބުނެފައި އެވަނީ، އެ އެއްޗެއްގައި ނުވަތަ އެ އެއްޗެއް މެދުވެރިކޮށް ޑޭޓާ ރައްކާކޮށްފައިވާ ނުވަތަ ރެކޯޑުކޮށްފައިވާ ކޮމްޕިއުޓަރ ސިސްޓަމް ނުވަތަ އެފަދަ އެހެން ޑިވައިސްއާއި، އިލެކްޓްރޯނިކް ލިޔުމެއް ރެކޯޑުކުރުމާއި ރައްކާތެރިކުރުމާ ގުޅޭގޮތުން ޢަމަލުކުރެވޭ އިޖުރާއަތުތައްވެސް ހިމެނޭގޮތުންނެވެ.
(ނ)
"ޑޭޓާ" ކަމަށް ބުނެފައި އެވަނީ، މަޢުލޫމާތު ނުވަތަ މަފްހޫމެއް، ކޮންމެ ސިފައެއްގައިވިޔަސް ރަމްޒުކޮށްދޭ ކޮންމެ އެއްޗަކަށެވެ.
65.
:
އިލެކްޓްރޯނިކް ލިޔުން ޝަރީޢަތަށް ޤަބޫލުކުރުން
(ހ)
ވަކި ލިޔުމަކީ އިލެކްޓްރޯނިކް ލިޔުމަކަށްވާތީ، ހަމައެކަނި އެ ސަބަބަށްޓަކައި އެ ލިޔުން ހެކީގެ ގޮތުގައި ބަލައިނުގަތުމަކީ، މަޤުބޫލު ސަބަބެއް ނޫނެވެ.
(ށ)
މި ޤާނޫނުގައި ކަނޑައެޅިގެން އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާނަމަ، އިލެކްޓްރޯނިކް ލިޔުމަކީ އިލެކްޓްރޯނިކް ވަސީލަތެއް ޢާންމުކޮށް ބޭނުންކުރާ ކުރުމުގެ ތެރޭގައި ޖެނެރޭޓްކޮށްފައިވާ ލިޔުމެއް ކަމަށްވާނަމަ، އެ ލިޔުމުގައި ހިމެނޭ ވާޤިޢާއެއް ސާބިތުކުރުމަށްޓަކައި، އެ ލިޔުން ނުވަތަ އެ ލިޔުމުގައި ހިމެނޭ ބަޔާނެއް، ހެކީގެ ގޮތުގައި ޤަބޫލުކުރެވޭނެއެވެ.
(ނ)
އިލެކްޓްރޯނިކް ލިޔުމެއް ޖެނެރޭޓްކޮށްފައިވަނީ ސީދާ އެ ލިޔުން ޖެނެރޭޓްކުރި އިލެކްޓްރޯނިކް ވަސީލަތް މެދުވެރިކޮށްގެން ކަމުގައިވީނަމަވެސް ނުވަތަ އެކަމަށް އެކަށީގެންވާ އެހެން ވަސީލަތެއް ބޭނުންކޮށްގެން ކަމުގައިވީނަމަވެސް، އަދި އެ ލިޔުން ތައްޔާރުކުރުމުގައި ސީދާގޮތުން ނުވަތަ ނުސީދާގޮތުން މީހެއްގެ ބައިވެރިވުން ލިބިފައިވީނަމަވެސް، އެ ލިޔުން ތައްޔާރުކޮށްފައިވަނީ އެ ލިޔުން ޖެނެރޭޓްކުރި އިލެކްޓްރޯނިކް ވަސީލަތް މެދުވެރިކޮށްގެން ކަމުގައި ބެލޭނެއެވެ.
(ރ)
އިލެކްޓްރޯނިކް ލިޔުމެއް ޖެނެރޭޓްކޮށްފައިވަނީ، މަދަނީ ނުވަތަ ޖިނާއީ މައްސަލައެއްގެ ޝަރީޢަތް ފެށުނު ފަހުން ކަމުގައިވީނަމަވެސް، ނުވަތަ އެ މައްސަލައެއްގެ ތަޙްޤީޤު ފެށުނު ފަހުން ކަމުގައިވީނަމަވެސް، އެ ލިޔުމަކީ ޤަބޫލުކުރެވޭނެ ހެއްކެކެވެ.
66.
:
އިލެކްޓްރޯނިކް ލިޔުމުގެ ޞައްޙަކަން ސާބިތުކޮށްދިނުން
(ހ)
އިލެކްޓްރޯނިކް ލިޔުމެއް ޝަރީޢަތަށް ހުށަހަޅާ ފަރާތަކުން، އެ ލިޔުމުގެ ޞައްޙަކަން ސާބިތުކޮށްދިނުން ލާޒިމުވެގެންވެއެވެ. އެގޮތުން، އެ އިލެކްޓްރޯނިކް ލިޔުމަކީ އެ ލިޔުން ހުށަހަޅާ ފަރާތުން ބުނާ ލިޔުންކަމަށް ޤަބޫލުކުރުމަށް އެކަށީގެންވާ ހެކި ހުށަހަޅަންވާނެއެވެ.
(ށ)
މި މާއްދާގެ (ހ) ގެ ބޭނުމަށްޓަކައި އިލެކްޓްރޯނިކް ލިޔުމެއްގެ ޞައްޙަކަން ސާބިތުކުރުމަށްޓަކައި އެކަން ބަޔާންކޮށް ތިރީގައިވާ ފަރާތްތަކުގެ ތެރެއިން ފަރާތަކުން ސޮއިކޮށްފައިވާ ސެޓްފިކެޓެއް ނުވަތަ ތިރީގައިވާ ފަރާތްތަކުގެ ތެރެއިން ފަރާތެއް ޝަފަހީ ހެއްކެއްގެ ގޮތުގައި ކޯޓަށް ހުށަހެޅިދާނެއެވެ.
(1)
އިލެކްޓްރޯނިކް ލިޔުން ތައްޔާރުކުރުމުގެ ކުރިން ނުވަތަ ފަހުން ނަމަވެސް، އެ ލިޔުން ޖެނެރޭޓްކުރި އިލެކްޓްރޯނިކް ވަސީލަތް ހިންގުމާ ޙަވާލުވެ ހުރި ފަރާތް؛
(2)
އިލެކްޓްރޯނިކް ލިޔުން ތައްޔާރުކުރުމުގެ ކުރިން ނުވަތަ ފަހުން ނަމަވެސް، އެ ލިޔުން ޖެނެރޭޓްކުރި އިލެކްޓްރޯނިކް ވަސީލަތް ބޭނުންކޮށްގެން ހިންގާ ޢަމަލުތަކަށް ޒިންމާވެ ހުރި ފަރާތް.
(ނ)
މި މާއްދާގެ (ށ) ގައި ބަޔާންކުރާ ސެޓްފިކެޓްގައި ސޮއިކޮށްފައިވާ ފަރާތުން ދީފައިވާ ބަޔާނަކީ އެ ވަގުތަކު އޭނާއަށް ލިބިފައިވާ މަޢުލޫމާތުގެ އަލީގައި، އޭނާއަށް ޤަބޫލުކުރެވޭ އެންމެ އެކަށީގެންވާ ގޮތް ކަމުގައި އެ ސެޓްފިކެޓުގައި ބަޔާންކުރަންވާނެއެވެ.
(ރ)
އެހެންގޮތަކަށް ސާބިތުނުވާހާހިނދަކު، މި މާއްދާގެ (ށ) ގެ ދަށުން ކޯޓަށް ހުށަހަޅާ ސެޓްފިކެޓަކީ، އެ ސެޓްފިކެޓުގައި ސޮއިކޮށްފައިވާ ފަރާތުގެ ސޮއި ސާބިތުކުރުމަކާ ނުލައި، އެ ސެޓްފިކެޓުގައި ބަޔާންކުރާ ކަންކަން ސާބިތުކުރުމަށް ޤަބޫލުކުރެވޭނެ ހެއްކެކެވެ.
(ބ)
މި މާއްދާގައި އެހެންގޮތަކަށް ބަޔާންކޮށްފައިވީނަމަވެސް، އިލެކްޓްރޯނިކް ވަސީލަތެއް މެދުވެރިކޮށް ޖެނެރޭޓްކޮށްފައިވާ ލިޔުމެއް ނުވަތަ އެ ލިޔުމެއްގައިވާ ބަޔާނެއް، އަންނަނިވި ޙާލަތުތަކުގައި، ހެކީގެ ގޮތުގައި ކޯޓަށް ޤަބޫލެއްނުކުރެވޭނެއެވެ.
(1)
ޖިނާއީ މައްސަލައެއްގެ ޝަރީޢަތެއް ހިންގެނީ، ލިޔުން ޖެނެރޭޓްކުރި އިލެކްޓްރޯނިކް ވަސީލަތުގެ މަސައްކަތް ހިންގުމާ ޙަވާލުވެ ހުރި މީހަކާ ދެކޮޅަށް ނުވަތަ އެ ވަސީލަތް ބޭނުންކޮށްގެން ހިންގާ ޢަމަލުތަކަށް ޒިންމާވެ ހުރި މީހަކާ ދެކޮޅަށް ކަމަށްވެފައި، އެ ލިޔުން ނުވަތަ އެ ލިޔުމުގައިވާ ބަޔާން ހުށަހަޅަނީ އޭނާ ނުވަތަ އޭނާގެ ފަރާތުން ކަމުގައިވުން؛
(2)
ޖިނާއީ މައްސަލައެއްގެ ޝަރީޢަތެއް ހިންގެނީ، ސީދާގޮތުން ނުވަތަ ނުސީދާގޮތުން ނަމަވެސް، އިލެކްޓްރޯނިކް ވަސީލަތް މެދުވެރިކޮށް ޖެނެރޭޓްކޮށްފައިވާ ލިޔުން ތައްޔާރުކުރުމުގައި އެއްވެސް މިންވަރަކަށް ބައިވެރިވެފައިވާ މީހަކާ ދެކޮޅަށް ކަމުގައިވުން.
67.
:
އިލެކްޓްރޯނިކް ވަސީލަތުގެ ޞައްޙަކަމާއި އިލެކްޓްރޯނިކް ލިޔުމުގެ ބުރަދަން ކަނޑައެޅުން
(ހ)
އެނޫންގޮތަކަށް ސާބިތުނުވާހާ ހިނދަކު، އިލެކްޓްރޯނިކް ލިޔުމެއް ރެކޯޑުކޮށްފައިވާ ނުވަތަ ރައްކާކޮށްފައިވާ އިލެކްޓްރޯނިކް ވަސީލަތަކީ ޞައްޙަ ވަސީލަތެއް ކަމުގައި އަންނަނިވި ޙާލަތްތަކުގައި ކޯޓުން ބަލަންވާނެއެވެ.
(1)
ހުރިހާ ވަގުތެއްގައިވެސް އެ ވަސީލަތް ރަނގަޅަށް މަސައްކަތްކުރާކަމުގެ ހެކި ހުށަހަޅާފައިވުން ނުވަތަ އެ ވަސީލަތް ރަނގަޅަށް މަސައްކަތް ނުކުރިނަމަވެސް، އެފަދައިން އެ ވަސީލަތް ރަނގަޅަށް މަސައްކަތްނުކުރުމުގެ ސަބަބުން އެ ވަސީލަތުގައި ރެކޯޑުކޮށްފައިވާ ނުވަތަ ރައްކާކޮށްފައިވާ ލިޔުމުގެ ޞައްޙަކަމަށް އެއްވެސް ބަދަލެއް އައިސްފައިނުވާކަމަށް ހެކި ހުށަހަޅާފައިވުމާއެކު، އެ ހެކީގެ ޞައްހަކަމާމެދު ސުވާލު އުފައްދާނެ އެހެން އެއްވެސް އެކަށީގެންވާ ސަބަބެއް ނެތުން؛
(2)
އެ އިލެކްޓްރޯނިކް ލިޔުމަކީ، އެ ލިޔުން ހުށަހަޅާ ފަރާތާ ތަޢާރުޟުވާ މަޞްލަޙަތެއް އޮތް ޚަޞްމަކު ރެކޯޑުކޮށްފައިވާ ނުވަތަ ރައްކާކޮށްފައިވާ ލިޔުމެއްކަން ސާބިތުކޮށްދެވިފައިވުން؛
(3)
އެ އިލެކްޓްރޯނިކް ލިޔުމަކީ، އެ މައްސަލައިގެ ޚަޞްމަކަށް ނުވާ ފަރާތަކުން، އޭނާގެ ވިޔަފާރީގެ ޢާންމު މަސައްކަތުގެ ތެރޭގައި ރެކޯޑުކޮށްފައިވާ ނުވަތަ ރައްކާކޮށްފައިވާ ލިޔުމެއް ކަމަށް ވެފައި، އެނާ އެކަން ކޮށްފައިވަނީ އެ ހެކި ހުށަހެޅި ފަރާތުގެ އެއްވެސް ނުފޫޒެއް ނުވަތަ ބާރެއް އޮވެގެން ނޫން ކަމަށް ސާބިތުކޮށްދެވިފައިވުން.
(ށ)
އިލެކްޓްރޯނިކް ލިޔުމެއް މައްސަލައެއްގެ ހެއްކެއްގެ ގޮތުގައި ބަލައިގަނެ އެއަށް ބުރަދަން ދިނުމުގައި، އެ ލިޔުމެއްގެ ބާވަތަށާއި، ބޭނުމަށާއި، ލިޔުމުގެ ނުވަތަ ލިޔުމުގައިވާ ބަޔާނުގެ ތެދުކަމަށާއި، އެ ލިޔުމެއް ރެކޯޑުކޮށް ނުވަތަ ރައްކާކުރުމުގައި ޢަމަލުކުރާ އުސޫލުތަކާއި މިންގަނޑުތަކާއި، އެ ލިޔުމާ ނުވަތަ އެ ލިޔުމުގައިވާ ބަޔާނާ ގުޅުން ހުރި އެނޫން އެންމެހައި ޙާލަތްތަކާ ގުޅޭގޮތުން ހުށަހަޅާ ހެއްކަށް ކޯޓުން ރިޢާޔަތްކުރަންވާނެއެވެ.
(ނ)
މި މާއްދާގެ (ށ) ގެ ދަށުން ހެކީގެ ގޮތުގައި ކޯޓަށް ހުށަހެޅޭ ލިޔުމަށް ނުވަތަ އެ ލިޔުމުގައިވާ ބަޔާނަކަށް ދެވޭ ބުރަދަން ކަނޑައެޅުމުގައި ތިރީގައި ބަޔާންކޮށްފައިވާ ކަންކަމަށް ކޯޓުން ރިޢާޔަތްކުރަންވާނެއެވެ.
(1)
އިލެކްޓްރޯނިކް ލިޔުމުގައި ނުވަތަ އެ ލިޔުމުގައިވާ ބަޔާނުގައި ހިމެނޭ ވާޤިޢާއެއް ވުޖޫދަށް އައިސްފައިވާ ވަގުތާއި، އެ ވާޤިޢާއަކާގުޅޭ މަޢުލޫމާތު ޖެނެރޭޓްކުރި އިލެކްޓްރޯނިކް ވަސީލަތަށް އެޅުމާ ދެމެދު ހޭދަވި މުއްދަތު؛
(2)
މި އަކުރުގެ (1) ވަނަ ނަންބަރުގައި ބަޔާންކުރާ މަޢުލޫމާތު އިލެކްޓްރޯނިކް ވަސީލަތަށް އެޅި މީހާ ނުވަތަ އެ މަސައްކަތްކުރުމަށް ޙަވާލުވެ ހުރި މީހާ ނުވަތަ ވަސީލަތް މެދުވެރިކޮށް ތައްޔާރުކޮށްފައިވާ ލިޔުން ބެލެހެއްޓުމާ ޙަވާލުވެ ހުރި މީހާ، އެ ލިޔުމުގައިވާ ވާޤިޢާ އޮޅުވާލުމަށް ނުވަތަ ފޮރުވުމަށް މަސައްކަތްކޮށްފާނެ ކަމަށް ބެލުމަށް އެއްވެސް ސަބަބެއް އޮތްކަން ނުވަތަ ނެތްކަން.
68.
:
ކޮންޓްރެކްޓެއްގެ ޝަރުޠުތައް ލިޔުމަށް ތިރިކޮށްފައިވުން
ކޮންޓްރެކްޓެއްގެ ބައިވެރިން ޢަމަލުކުރުން ލާޒިމު ޝަރުޠެއް އެ ކޮންޓްރެކްޓްގައި ނުވަތަ އެހެން ލިޔުމެއްގައި ލިޔެފައިވާ ޙާލަތުގައި، އަންނަނިވި ބާވަތުގެ ހެކީގެ ތެރެއިން ހެއްކެއް ފިޔަވައި އެހެން ހެއްކެއް ޝަރީޢަތަށް ޤަބޫލެއް ނުކުރެވޭނެއެވެ.
(ހ)
އެ ކޮންޓްރެކްޓެއްގެ ދަށުން ލާޒިމުކުރާ ޝަރުޠެއް ބަޔާންކުރާ ލިޔުން؛
(ށ)
މި ޤާނޫނުގެ ދަށުން ދެވަނަ ދަރަޖައިގެ ހެކި ޝަރީޢަތަށް ޤަބޫލުކުރެވޭނެކަމަށް ކަނޑައަޅާފައިވާ ޙާލަތެއްގައިނަމަ، އެ ކޮންޓްރެކްޓް ނުވަތަ އެ ލިޔުމުގައިވާ ކަންކަމާ ގުޅޭގޮތުން ހުރި ދެވަނަ ދަރަޖައިގެ ހެކި.
69.
:
އަނގަބަހުން ވެފައިވާ އެއްބަސްވުންތަކާގުޅޭ ހެކި އެއްކިބާކުރުން
(ހ)
ކޮންޓްރެކްޓެއްގައި ހިމެނޭ ޝަރުޠަކީ، ލިޔުމުން އޮތުން ޤާނޫނު ލާޒިމުކުރާ ޝަރުޠަކަށްވެފައި، އެ ޝަރުޠު، މި ޤާނޫނުގެ 68 ވަނަ މާއްދާގައިވާ ގޮތުގެމަތިން ކޮންޓްރެކްޓެއްގައި ލިޔެފައި އޮތްކަން ސާބިތުވެފައިވާ ހިނދެއްގައި، އެ ޝަރުޠު ބަދަލުކުރުމަށްޓަކައި ނުވަތަ އެ ޝަރުޠާމެދު ޚިލާފު އުފެއްދުމަށްޓަކައި ނުވަތަ އެ ޝަރުޠަށް އުނިއިތުރެއް ގެނައުމުގެގޮތުން، އެ ކޮންޓްރެކްޓެއްގައި ބައިވެރިވި ފަރާތްތަކުގެ މެދުގައި ނުވަތަ އެ ފަރާތްތައް ތަމްސީލުކުރާ ފަރާތްތަކުގެ މެދުގައި އަނގަބަހުންވެފައިވާ އެއްވެސް އެއްބަސްވުމެއް ނުވަތަ އެއިން ފަރާތަކުން ދީފައިވާ އެއްވެސް ބަޔާނެއް ހެކީގެ ގޮތުގައި ކޯޓަށް ހުށައެއްނޭޅޭނެއެވެ.
(ށ)
މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައިވީނަމަވެސް، އަންނަނިވި ޙާލަތުތަކުގައި، އެ މާއްދާގައި ބަޔާންކުރާ ކޮންޓްރެކްޓެއްގައި ބައިވެރިވާ ފަރާތްތަކުގެ މެދުގައި ނުވަތަ އެފަރާތްތައް ތަމްސީލުކުރާ ފަރާތްތަކުގެ މެދުގައި އަނގަބަހުން ވެފައިވާ އެއްބަސްވުމެއް ނުވަތަ އެއިން ފަރާތަކުން ދީފައިވާ ބަޔާނެއް ހެކީގެ ގޮތުގައި ހުށަހެޅިދާނެއެވެ.
(1)
އަންނަނިވި ފަދަ ވާޤިޢާއެއްގެ ސަބަބުން ކޮންޓްރެކްޓަކީ، ޞައްޙަނޫން ނުވަތަ ބާޠިލު ލިޔުމެއްކަމަށް ކަނޑައަޅާ ވާޤިޢާއެއް ސާބިތުކުރުމަށް، ނުވަތަ އެ ކޮންޓްރެކްޓުގައި ހިމެނޭ ފަރާތްތަކަށް އެފަދައިން ކަނޑައަޅައިދިނުމަށް އެދި ކޯޓުގައި އެދުމުގެ ޙައްޤު ލިބިދޭ ވާޤިޢާއެއް ސާބިތުކުރުމަށް:
i.
އެ ކޮންޓްރެކްޓެއްގައި މީހަކު ބައިވެރިކުރުވާފައިވަނީ ބިރުދައްކައިގެން ނުވަތަ ޙަޤީޤަތް އޮޅުވާލައިގެން ނުވަތަ ނުރަނގަޅު ނުފޫޒެއް ބޭނުންކޮށްގެން ނުވަތަ އަނިޔާއެއް ދީފާނެކަމުގެ ބިރުދައްކައިގެން ކަމަށްވުން؛
ii.
އެ ކޮންޓްރެކްޓަކީ ޣައިރު ޤާނޫނީ އެއްޗަކަށްވުން؛
iii.
އެ ކޮންޓްރެކްޓުގައި ހިމެނޭ ފަރާތަކީ އެފަދަ މުޢާމަލާތެއްކުރުމަށް ނުވަތަ ކޮންޓްރެކްޓެއް ކުރުމަށް ޤާނޫނު ޤަބޫލުކުރާފަދަ މީހަކަށް ނުވުން؛
iv.
އެ ކޮންޓްރެކްޓުގައި ބަޔާންކޮށްފައިވާ ތާރީޚު ޞައްޙަނުވުން؛
v.
އެ ކޮންޓްރެކްޓުގައި ބައިވެރިވާ ފަރާތްތަކަށް ކަމެއްގެ ޙަޤީޤަތް އޮތްގޮތް ނުވަތަ ޤާނޫނުގައި ކަމެއް އޮތްގޮތް އޮޅިފައި އޮތުން.
(2)
ކޮންޓްރެކްޓުގެ ބައިވެރިން ލިޔުމުން އެއްބަސްވެފައިވާ ޝަރުޠުތަކާ ޚިލާފު ނުއުފެދޭ އިތުރު ޝަރުޠުތަކަށް އަނގަބަހުން ވަކި އެއްބަސްވުމެއް ވެފައިވާކަން ސާބިތުކުރުމަށް؛
(3)
ކޮންޓްރެކްޓުގެ ދަށުން އޭގެ ބައިވެރިން އެ މައްޗަށް ޢަމަލުކުރުމަށް ލާޒިމުކުރާ ޝަރުޠުތަކަށް ޢަމަލުކުރަން ފެށުމުގެ ކުރިން ފުރިހަމަކުރަންޖެހޭ ވަކި ޝަރުޠަކާ ނުވަތަ ޝަރުޠުތަކަކާ ގުޅޭގޮތުން އެ ބައިވެރިންގެ މެދުގައި އަނގަބަހުން ވަކި އެއްބަސްވުމެއް ވެފައިވާކަން ސާބިތުކުރުމަށް؛
(4)
ކޮންޓްރެކްޓެއްގައި ބައިވެރިވާ ފަރާތްތަކުން، އެ ކޮންޓްރެކްޓެއްގެ ދަށުން އެ މައްޗަށް ޢަމަލުކުރުމަށް އެއްބަސްވެފައިވާ ޝަރުޠުތައް ލިޔުމުން އޮތުމަށް ޤާނޫނަކުން ލާޒިމުކުރާ ޙާލަތްތައް ފިޔަވައި، ނުވަތަ ޤާނޫނުގައިވާ ގޮތުގެމަތިން އެފަދަ ލިޔުމެއް ރަޖިސްޓަރީކޮށްފައިވާ ޙާލަތްތައް ފިޔަވައި، އެ ކޮންޓްރެކްޓް ބާޠިލުކުރުމާ ގުޅޭގޮތުން ނުވަތަ އޭގައި ހިމެނޭ ޝަރުޠެއް ބަދަލުކުރުމާ ގުޅޭގޮތުން ބައިވެރިންގެ މެދުގައި އަނގަބަހުން ވަކި އެއްބަސްވުމެއް ވެފައިވާކަން ސާބިތުކުރުމަށް؛
(5)
ލިޔުމުގައި ބޭނުންކޮށްފައިވާ އެއްޗެއް ވުޖޫދުގައިވާ ވާޤިޢާއަކާގުޅޭ މިންވަރު ދައްކުވައިދޭ ކަމެއް ސާބިތުކުރުމަށް.
70.
:
ދެނެގަތުމަށް އުދަނގޫ ބަހެއް ސާބިތުކުރުމަށްޓަކައި ހެކި ހުށަހެޅުން
އަންނަނިވި ބާވަތުގެ ބަހެއް ނުވަތަ ޢިބާރާތެއް ކޮންޓްރެކްޓެއްގައި ނުވަތަ ލިޔުމެއްގައި އޮވެއްޖެނަމަ، އެ ބަހެއް ނުވަތަ ޢިބާރާތެއްގެ މާނަ ސާބިތުކޮށްދިނުމަށްޓަކައި، އިތުރު ހެކި ކޯޓަށް ހުށަހެޅިދާނެއެވެ.
(ހ)
މާނަ ދެނެގަތުމަށް އުނދަގޫ ބަހެއް ނުވަތަ ޢިބާރާތެއް؛
(ށ)
ވާހަކަ ދެއްކުމުގައި ނުވަތަ ލިޔުމުގައި ޢާންމުކޮށް ބޭނުންނުކުރާ ބަހެއް ނުވަތަ ޢިބާރާތެއް؛
(ނ)
ވަކި ޢިބާރާތެއްގެ ނުވަތަ ބަހެއްގެ ކުރުގޮތް؛
(ރ)
ވަކި ވަގުތަކަށް ނުވަތަ ވަކި މުނާސަބަތަކަށް ޚާއްޞަކޮށް ބޭނުންކުރާ ބަހެއް ނުވަތަ ޢިބާރާތެއް؛
(ބ)
ވަކި ފަންނަކަށް ނުވަތަ ޞިނާޢަތަކަށް ނުވަތަ ވިޔަފާރިއަކަށް ޚާއްޞަކޮށް ބޭނުންކުރާ ބަހެއް ނުވަތަ ޢިބާރާތެއް؛
(ޅ)
ވަކި ސަރަޙައްދެއްގައި ނުވަތަ ވަކި އަވަށެއްގައި ނުވަތަ ވަކި ރަށެއްގައި ދިރިއުޅޭ ބަޔަކު ބޭނުންކުރާ ބަހެއް ނުވަތަ ޢިބާރާތެއް.
71.
:
ލިޔުމެއްގައި އެއްބަސްވެފައިވާ ޝަރުޠެއް ބަދަލުވެފައިވާ ކަމަށް ހެކިބަސްދެވިދާނެ ފަރާތް
ލިޔުމުން އޮތް ކޮންޓްރެކްޓެއްގައި ހިމެނޭ ބައިވެރިން އެ މައްޗަށް ޢަމަލުކުރުމަށް އެއްބަސްވެފައިވާ އެއްވެސް ޝަރުޠަކަށް ބަދަލުއަތުވެދާނެ އެއްބަސްވުމެއް އަނގަބަހުން ވެފައިވާނަމަ، އެ އެއްބަސްވުން ސާބިތުކުރުމުގެގޮތުން ހެކި ހުށަހެޅޭނީ އެ ކޮންޓްރެކްޓުގެ ނުވަތަ ލިޔުމުގެ ބައިވެރިންނަށާއި، އެ މީހުންގެ މަޞްލަޙަތު ރައްކާތެރިކުރުމާ ޙަވާލުވެތިބި ފަރާތްތަކަށާއި، އެ މައްސަލައިގައި މަޞްލަޙަތެއް ހިމެނޭ އެހެން ފަރާތްތަކަށެވެ.
72.
:
ޤާނޫނުގެ 68 ވަނަ މާއްދާއިން ފެށިގެން 71 ވަނަ މާއްދާގެ ނިޔަލަށް ބަޔާންކޮށްފައިވާ އުސޫލުތައް ނުހިނގުން
މި ޤާނޫނުގެ 68 ވަނަ މާއްދާއާއި، 69 ވަނަ މާއްދާއާއި، 70 ވަނަ މާއްދާއާއި، 71 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އެއްވެސް އުސޫލެއް ވަޞިއްޔަތުން ދޭ ދިނުމަކަށް ނުހިނގާނެއެވެ.
73.
:
ޝަރީޢަތުގެ މަޖިލީހުގައިވާ އިޢުތިރާފު
(ހ)
ޖިނާއީ މައްސަލައެއްގެ ޝަރީޢަތުގެ މަޖިލީހުގައި، އެ މައްސަލައިގައި ތުހުމަތުކުރެވޭ ފަރާތް ނުވަތަ ދަޢުވާލިބޭ ފަރާތް، ފަނޑިޔާރެއްގެ ކުރިމަތީގައިވާ އިޢުތިރާފަކީ މި ޤާނޫނުގައި، ނުވަތަ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހާހިނދަކު، ހަމައެކަނި އެ އިޢުތިރާފުގެ މައްޗަށް ބިނާކޮށް، އެ އިޢުތިރާފުވި މީހާގެ މައްޗަށް ކުށް ސާބިތުކުރުމަށް ފުދޭނެ ކާފީ ހެއްކެކެވެ.
(ށ)
މި މާއްދާގެ ބޭނުމަށްޓަކައި ކުށުގެ ތުހުމަތުގައިވާ މީހާގެ އިޢުތިރާފު ބަލައިގަނެވޭނީ އެ އިޢުތިރާފަކީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގައިވާ ގޮތުގެމަތިން ވެފައިވާ އިޢުތިރާފެއް ކަމުގައިވާނަމައެވެ.
74.
:
ޝަރީޢަތުގެ މަޖިލިސް ފިޔަވައި އެހެން ތަނެއްގައިވާ އިޢުތިރާފު
ޝަރީޢަތުގެ މަޖިލިސް ފިޔަވައި އެހެން ތަނެއްގައި މީހަކު ވެފައިވާ އިޢުތިރާފު ސާބިތުކުރެވޭނީ ހެކި ސާބިތުކުރުމަށް ކަނޑައަޅާފައިވާ ޢާންމު އުސޫލާ އެއްގޮތްވާ ގޮތުގެމަތިންނެވެ.
75.
:
އިޢުތިރާފު ނުވަތަ އިޤްރާރުވާ މީހުންގައި ހުރުން ލާޒިމު ސިފަތައް
(ހ)
ކަމަކަށް އިޢުތިރާފުވާ މީހާ ނުވަތަ އިޤްރާރުވާ މީހާ، އެ އިޢުތިރާފުވާ ނުވަތަ އިޤްރާރުވާ ވަގުތު، އޭނާގެ ކިބައިގައި އަންނަނިވި ޝަރުޠުތައް ފުރިހަމަވާންވާނެއެވެ.
(1)
އެ މީހަކީ ބާލިޣުވެފައިވާ މީހަކު ކަމުގައިވުން؛
(2)
އެ މީހަކީ ބުއްދި ހަމައަށް ހުރި މީހަކު ކަމުގައިވުން؛
(3)
އޭނާ އެ އިޢުތިރާފުވަނީ، ނުވަތަ އެ އިޤްރާރުވަނީ އަމިއްލަ އިޚްތިޔާރުގައި، އެއްވެސް މަޖުބޫރު ކުރުވުމެއްނެތި ކަމުގައިވުން.
(ށ)
އެހެންގޮތަކަށް ސާބިތުނުވާހާހިނދަކު، އަންނަނިވި މީހުން ވާ އިޢުތިރާފަކީ ނުވަތަ އިޤްރާރަކީ ޞައްޙަ އިޢުތިރާފެއް ނުވަތަ އިޤްރާރެއް ކަމުގައެއް ނުބެލެވޭނެއެވެ.
(1)
ޢުމުރުން 15 (ފަނަރަ) އަހަރު ވެފައިނުވާ ކުޑަކުދިން؛
(2)
ބުއްދި ހަމަނުޖެހޭ މީހުން؛
(3)
ބެލެނިވެރިޔާ ނުވަތަ ބަލަދުވެރިޔާ ނުވަތަ މީހަކު ބެލެހެއްޓުމާ ޙަވާލުވެ ހުރި ފަރާތުން، އޭނާގެ ބެލުމުގެ ދަށުގައިވާ މީހާގެ ނަމުގައިވާ އިޢުތިރާފު ނުވަތަ އިޤްރާރު.
76.
:
މަރު ބަލީގައިވާ މީހަކު ވާ އިޤްރާރު
އެހެން މީހެއްގެ ޙައްޤަކާ ބެހޭގޮތުން މަރު ބަލީގައިވާ މީހަކު ވާ އިޤްރާރަކީ، ޞައްޙަ އިޤްރާރެއް ކަމުގައި ބެލޭނެއެވެ.
77.
:
މައްސަލައިގައި ހިމެނޭ ޚަޞްމެއް ނުވަތަ ޚަޞްމެއްގެ އެޖެންޓުން ވާ އިޤްރާރު
(ހ)
މައްސަލައިގައި ހިމެނޭ ޚަޞްމެއް ނުވަތަ އެ ޚަޞްމެއްގެ އެޖެންޓެއްގެ ގޮތުގައި ކަނޑައަޅާފައިވާ މީހަކީ، އެ ޚަޞްމެއް ތަމްސީލުކުރުމުގެ ސީދާ ނުވަތަ ނުސީދާ ހުއްދަ ލިބިފައިވާ މީހެއް ކަމުގައި އެ މައްސަލައިގެ އެންމެހައި ޙާލަތްތަކަށް ރިޢާޔަތްކުރާއިރު ކޯޓަށް ޤަބޫލުކުރެވޭ މީހަކު ޝަރީޢަތުގައި ދޭ ބަޔާނަކީ ޞައްޙަ އިޤްރާރެއް ކަމުގައި ބެލޭނެއެވެ.
(ށ)
ވަކި މީހަކީ މައްސަލައެއްގައި ހިމެނޭ ޚަޞްމެއް އެ ދަޢުވާގައި ތަމްސީލުކުރާ ފަރާތް ކަމަށްވާނަމަ، އެމީހަކު ދޭ ބަޔާނަކީ ޞައްޙަ އިޤްރާރެއް ކަމުގައި ބެލޭނީ، އޭނާ އެ ބަޔާން ދިނީ އޭނާ ތަމްސީލުކުރާ ފަރާތް ތަމްސީލުކުރުމަށް އޭނާއަށް ދީފައިވާ ހުއްދަ ދެމިއޮތް ހިނދެއްގައި ކަމަށްވާނަމައެވެ.
(ނ)
ދަޢުވާ އެ މައްޗަށް ބިނާވެފައިވާ މައްސަލައާ ގުޅޭގޮތުން މިލްކުވެރިކަމުގެ މަޞްލަޙަތެއް ނުވަތަ މާލީ މަޞްލަޙަތެއް އޮތް މީހަކު އެ މަޞްލަޙަތާ ގުޅޭގޮތުން ދީފައިވާ ބަޔާނަކީ، އަދި ދަޢުވާ އެ މައްޗަށް ބިނާވެފައިވާ މައްސަލައިގެ ޚަޞްމުންނަށް ވަކި މަޞްލަޙަތެއް ލިބިދެނީ ވަކި ބައެއްގެ ފަރާތުން ކަމުގައިވާނަމަ، އެ ބަޔަކު ދީފައިވާ ބަޔާނަކީ، އެ ބަޔާން ދިންއިރު، އެފަދަ މަޞްލަޙަތެއް ދެމިއޮތް ހިނދެއްގައި ދީފައިވާ ބަޔާނެއް ކަމުގައިވާނަމަ، އެ ބަޔާނަކީ ޞައްޙަ އިޤްރާރެއް ކަމުގައި ބެލޭނެއެވެ.
78.
:
މީހަކު އަމިއްލައަށް ނުވަތަ އޭނާގެ ފަރާތުން އެހެން މީހަކު ވާ އިޤްރާރު
މީހަކު ވަކި ކަމަކާ ގުޅޭގޮތުން ވާ އިޤްރާރަކީ ޞައްޙަ އިޤްރާރެއް ކަމުގައި ބެލޭނެއެވެ. ނަމަވެސް އެފަދަ އިޤްރާރެއް ބޭނުންކުރެވޭނީ އޭނާއާ ދެކޮޅަށް، ނުވަތަ އޭނާގެ މަޞްލަޙަތު ޙިމާޔަތްކުރުމަށް އޭނާ ކަނޑައަޅާ ފަރާތަކާ ދެކޮޅަށެވެ. އެމީހެއްގެ ނުވަތަ އެމީހެއްގެ މަޞްލަޙަތު ޙިމާޔަތްކުރުމަށް އޭނާ ކަނޑައަޅާ ފަރާތެއްގެ ދިފާޢުގައި އެފަދަ އިޤްރާރެއް ބޭނުންކުރެވޭނީ އަންނަނިވި ޙާލަތުތަކުގައި އެކަންޏެވެ.
(ހ)
އެ ބަޔާނަކީ، އެ ބަޔާން ދިން މީހާ މަރުވެއްޖެ ޙާލަތެއްގައި، މި ޤާނޫނުގެ 118 ވަނަ މާއްދާގެ ދަށުން ތިންވަނަ ފަރާތަކަށް މުހިންމު ބަޔާނަކަށްވުން؛
(ށ)
އެ ބަޔާނަކީ، އެ މައްސަލައަކަށް މުހިންމު ނަފްސާނީ ޙާލަތެއް ނުވަތަ ޖިސްމާނީ ޙާލަތެއް އޮތް ކަމާމެދު ދީފައިވާ ބަޔާނަކަށްވެފައި، އެ ބަޔާން ދީފައިވަނީ، އެ ޙާލަތު މެދުވެރިވި ވަގުތު ނުވަތަ އެ ޙާލަތު މެދުވެރިވި ކަމަށް ބެލެވޭ ވަގުތުގައި ކަމަށްވެފައި، އެ ޙާލަތު އޮތްކަން ސާބިތުކުރުމަށް ބާރުލިބިދޭ ގޮތަކަށް އެ ޙާލަތުގައި ހުރި މީހާގެ ޢަމަލުތައް ހުރުން.
79.
:
ލިޔުމެއްގައިވާ ކަމަކާ ގުޅިގެން އަނގަބަހުން ވެފައިވާ އިޤްރާރު
ލިޔުމެއްގައި ހިމެނޭ ކަމަކާ ގުޅޭގޮތުން މީހަކު އަނގަބަހުން ވާ އިޤްރާރު ޝަރީޢަތަށް ޤަބޫލުކުރެވޭނީ، އެ ލިޔުން ހެކީގެ ގޮތުގައި ހުށަހަޅަން ބޭނުންވާ ޚަޞްމަށް އެ ލިޔުމުގައި ހިމެނޭ ކަމަކާ ގުޅޭގޮތުން ދެވަނަ ދަރަޖައިގެ ހެކި ހުށަހެޅުމަށް މި ޤާނޫނުގެ ދަށުން ފުރުޞަތު ލިބިދޭ ކަމުގައިވާނަމަ، ނުވަތަ ހުށަހެޅިފައިވާ ލިޔުމުގެ ޞައްޙަކަމާމެދު ސުވާލު އުފެދިފައިވާނަމައެވެ.
80.
:
މަދަނީ މައްސަލަތަކުގައި ހެކީގެ ގޮތުގައި ހުށަނޭޅޭނެ އިޤްރާރު
ވަކި އިޤްރާރަކީ، ހެކީގެ ގޮތުގައި ބޭނުންނުކުރެވޭނެ ކަމަށް ޝަރުޠުކޮށް ވެފައިވާ އިޤްރާރެއް ކަމުގައިވާނަމަ، ނުވަތަ ވަކި އިޤްރާރަކީ، އެ އިޤްރާރެއް ވެފައިވާ ޙާލަތަށް ބަލާއިރު މައްސަލައިގައި ހިމެނޭ ޚަޞްމުން ވަކި ކަމަކާ ގުޅޭގޮތުން ހެކި ހުށަނޭޅުމަށް އެއްބަސްވެފައިވާ ކަމަކާ ގުޅޭގޮތުން ވެފައިވާ އިޤްރާރެއްކަމަށް ޝަރީޢަތަށް ދޭހައެއް ލިއްބައިދޭ ޙާލަތެއްގައި ވެފައިވާ އިޤްރާރެއް ކަމުގައިވާނަމަ، އެފަދަ އިޤްރާރެއް މަދަނީ މައްސަލަތަކުގައި ހެކީގެ ގޮތުގައި ހުށައެއް ނޭޅޭނެއެވެ.
81.
:
ބިރުދެއްކުމުގެ ސަބަބުން ނުވަތަ ވަކި ކަމެއް ކޮށްދިނުމަށް ވެފައިވާ ވަޢުދެއްގެ ސަބަބުން ވާ އިޢުތިރާފު ޖިނާއީ މައްސަލަތަކުގައި ހެކީގެ ގޮތުގައި ހުށަނޭޅުން
(ހ)
ޖިނާއީ ކުށެއްގެ ތުހުމަތުގައިވާ މީހަކު އިޢުތިރާފެއް ވެފައިވަނީ އޭނާއާމެދު އުފުލިފައިވާ ދަޢުވާއާ ގުޅޭގޮތުން، އެމީހަކު ހުރި މަޤާމުގެގޮތުން އެ ދަޢުވާއާ ގުޅޭގޮތުން ބާރެއް ފޯރުވިދާނެ ކަމަށް ކުށުގެ ތުހުމަތުގައިވާ މީހާއަށް ޤަބޫލުކުރެވޭ މީހަކު އޭނާއަށް ބިރުދެއްކުމުގެ ސަބަބުން، ނުވަތަ އޭނާ އެ އިޢުތިރާފުވެއްޖެނަމަ އޭނާއާމެދު އުފުލިފައިވާ ދަޢުވާއާ ގުޅޭގޮތުން އޭނާއަށް ފައިދާއެއް ލިބިދާނެ ކަމަށް، ނުވަތަ ވަގުތީގޮތުންނަމަވެސް އޭނާއަށް ލިބެން އޮތްކަމަށް ބެލެވޭ ގެއްލުމެއް ފަސްކުރެވޭނެ ކަމަށް އޭނާއަށް ޤަބޫލުކުރެވިގެން ކަމަށް، ކޯޓަށް ފެނިއްޖެހިނދެއްގައި، ކަމާގުޅޭ ޤާނޫނަކުން އެހެންގޮތަކަށް ކަނޑަނާޅާހާހިނދަކު، އެފަދަ އިޢުތިރާފެއް ޖިނާއީ މައްސަލަތަކުގައި ހެކީގެ ގޮތުގައި ހުށައެއް ނޭޅޭނެއެވެ.
(ށ)
މި މާއްދާގެ (ހ) ގައި ބަޔާންކުރާ އިޢުތިރާފެއް ވެފައިވަނީ، އެ އިޢުތިރާފުވުމުގައި ކުށުގެ ތުހުމަތުގައިވާ މީހާއަށް ޤަބޫލުކުރެވިފައި އޮތް ޤަބޫލުކުރުން ނެތިގޮސްފައި ވަނިކޮށް ކަމަށް ޝަރީޢަތަށް ޤަބޫލުކުރެވޭނަމަ، އެ އިޢުތިރާފެއް ހެކީގެ ގޮތުގައި ޝަރީޢަތުގެ މަޖިލީހަށް ބަލައިގަނެވިދާނެއެވެ.
82.
:
ވަކި ކުށަކާ ގުޅިގެން މީހަކުވާ އިޢްތިރާފު އޭނާއާއި އެ ކުށުގައި ބައިވެރިވާ އެހެން ފަރާތްތަކާ ދެކޮޅަށް ބޭނުންކުރެވުން
ވަކި ކުށަކާ ގުޅިގެން އެކަކަށް ވުރެ ގިނަ މީހުންގެ މައްޗަށް ދަޢުވާ އުފުލިފައިވާ ހިނދެއްގައި، އެ ކުށް ކުރުމުގައި ބައިވެރިވި މީހަކު އޭނާގެ އަމިއްލަ ނަފްސާ ދެކޮޅަށް އަދި އެކަމުގައި ބައިވެރިވިކަމަށް ބެލެވޭ އެހެން ބަޔަކާ ދެކޮޅަށްވާ އިޢުތިރާފެއް ޝަރީޢަތަށް ޤަބޫލުކޮށްފި ކަމުގައިވާނަމަ، އެ އިޢުތިރާފުވީ މީހާއާއި އޭނާގެ އިޢުތިރާފުގައި ބަޔާންކުރާ އެހެން ފަރާތްތަކާ ދެކޮޅަށް ހެއްކެއްގެ ގޮތުގައި އެ އިޢުތިރާފު ބޭނުންކުރެވިދާނެއެވެ.
83.
:
އިޤްރާރަކީ ކާފީ ހެއްކެއް ކަމުގައި ނުބެލުން
ވަކި ކަމަކާ ގުޅޭގޮތުން މީހަކުވެފައިވާ އިޤްރާރަކީ، އެ އިޤްރާރުގައި ބަޔާންކުރާ ވާޤިޢާއެއް ވުޖޫދުގައި އޮތް ކަމަށް ސާބިތުކުރުމަށް، އޭގެ ޒާތުގައި ކާފީ ހެއްކެއް ކަމުގައެއް ނުބެލެވޭނެއެވެ.
84.
:
އިޤްރާރުން ރުޖޫޢަވުން
(ހ)
މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ޙާލަތްތަކުންކުރެ ޙާލަތެއްގައި ފިޔަވައި، އެހެން ޙާލަތްތަކުގައި ފަނޑިޔާރެއްގެ ކުރިމަތީގައި މީހަކުވެފައިވާ އިޤްރާރަކުން ރުޖޫޢައެއް ނުވެވޭނެއެވެ.
(ށ)
މީހަކު އިޤްރާރުވީ، އޭނާ އެ އިޤްރާރުވީ ޙަޤީޤަތާ ގުޅޭގޮތުން އޭނާއަށް އޮޅުވާލުމުގެ ސަބަބުން، ނުވަތަ އެ ކަމެއްގެ ޙަޤީޤަތް އޭނާއަށް އޮޅިފައި އޮތުމުގެ ސަބަބުންކަން، ޝަރީޢަތަށް ޤަބޫލުކުރެވޭފަދަ މިންވަރަކަށް ސާބިތުކޮށްދީފިނަމަ، އެ އިޤްރާރުން އޭނާއަށް ރުޖޫޢަވެވިދާނެއެވެ. އެފަދަ ޙާލަތެއްގައި އޭނާގެ މައްޗަށް ކަމެއް ސާބިތުކުރުމަށްޓަކައި އެ އިޤްރާރުގެ މައްޗަށް އެއްވެސް ބުރަދަނެއް ނުދެވޭނެއެވެ.
85.
:
އިޢުތިރާފުން ރުޖޫޢަވުން
މި ޤާނޫނުގެ 84 ވަނަ މާއްދާގެ (ށ) ގައި އިޤްރާރަކުން ރުޖޫޢަވެވިދާނެ ކަމަށް ބަޔާންކޮށްފައިވާ ޙާލަތްތަކުގައި ޖިނާއީ ކުށަކަށް އިޢުތިރާފުވެފައިވާ މީހަކަށް އޭނާގެ އިޢުތިރާފުން ރުޖޫޢަވެވިދާނެއެވެ.
86.
:
މާއްދީ ހެކި ބަލައިގަތުން
(ހ)
މި ޤާނޫނުގެ 37 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ މާއްދީ ހެއްކަކީ، މަދަނީ އަދި ޖިނާއީ މައްސަލަތަކުގައި ހެކީގެ ގޮތުގައި ޤަބޫލުކުރެވޭނެ އެއްޗިއްސެވެ.
(ށ)
މި މާއްދާގެ (ހ) އެހެންއޮތްނަމަވެސް، މާއްދީ ހެކި ހުށަހެޅޭނީ، ޝަރީޢަތުން ބަލަމުންދާ މައްސަލައާ އެ ހެކި ގުޅުންހުރި ކަމަށް ދައްކުވައިދީފައިވާނަމަ، އަދި އެ އެއްޗަކަށް އެއްވެސް އުނިއިތުރެއް ގެނެސްފައިނުވާނަމައެވެ.
(ނ)
މާއްދީ ހެކީގެ ގޮތުގައި ހުށަހެޅިދާނެ ވަކި އެއްޗެހިތަކެއް މި ޤާނޫނުގެ 37 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވީނަމަވެސް، އެ އެއްޗެހީގެ އިތުރަށްވެސް، މައްސަލައިގެ ޢަދުލު އިންޞާފު ދެމެހެއްޓުމަށްޓަކައި، ޝަފަހީ ހެއްކަށް ނުވަތަ ކިތާބީ ހެއްކަށް ނުވާ އެހެން އެއްޗެހި، މާއްދީ ހެކީގެ ގިންތީގެ ތެރޭގައި ހުށަހެޅުމަށް ފުރުޞަތު ދެވިދާނެ ކަމަށް ކޯޓަށް ފެނިއްޖެނަމަ، މި މާއްދާގެ (ށ) ގައި ކަނޑައަޅާފައިވާ ދާއިރާގެ ތެރޭގައި، އެފަދަ އެއްޗެހި، ހެކީގެ ގޮތުގައި ހުށަހެޅުމުގެ ފުރުޞަތު ދިނުމަކަށް މި މާއްދާ ހުރަހެއްނާޅައެވެ.
87.
:
ޑެމޮންސްޓްރޭޝަނުން ދައްކުވައިދިނުން
(ހ)
ވަކި ކަމެއް ހިނގާގޮތް ދައްކުވައިދިނުމަށްޓަކައި ޑެމޮންސްޓްރޭޝަނަކުން ނުވަތަ އެކްސްޕެރިމަންޓަކުން ނުވަތަ އިންސްޕެކްޝަނަކުން އެކަމެއް ދައްކުވައިދީގެން ހެކި ހުށަހެޅިދާނެއެވެ.
(ށ)
ޑެމޮންސްޓްރޭޝަނަކުން ނުވަތަ އެކްސްޕެރިމަންޓަކުން ނުވަތަ އިންސްޕެކްޝަނަކުން ކޯޓަށް ދޭހަވާ ކަންކަން މައްސަލައާ ގުޅުން ހުރި ކަމަށްވާނަމަ، އެ މައްސަލަ ސާބިތުކުރަން ބޭނުންވާ ހެކީގެ ގޮތުގައި އެ ކަންކަން ހުށަހެޅިދާނެއެވެ.
88.
:
އޯޑިއޯ ނުވަތަ ވީޑިއޯ ބަޔާން
(ހ)
ކުށުގެ ތަޙްޤީޤެއްގައި ކުށުގެ ތުހުމަތުކުރެވޭ މީހާ ދީފައިވާ އިންޓަރވިއު އޭނާ ދީފައިވަނީ، އޭނާގެ ވަކީލުގެ ހާޒިރުގައި ކަމުގައިވާނަމަ ނުވަތަ ވަކީލެއްގެ އެހީތެރިކަން ލިބިގަތުމުގެ ފުރުޞަތު ޤާނޫނުގައިވާ ގޮތުގެމަތިން ދޫކޮށްލުމަށްފަހުގައި ވަކީލެއްގެ ޣައިރު ހާޒިރުގައި ކަމުގައިވާނަމަ އަދި، އަމިއްލަ އިޚްތިޔާރުގައި އެއްވެސް މަޖުބޫރުކުރުވުމެއް ނެތި ކަމަށްވާނަމަ، އެ އިންޓަރވިއުގެ އޯޑިއޯ ނުވަތަ ވީޑިއޯ ރިކޯޑިންގ އަކީ، އެ ކުށުގެ ޝަރީޢަތުގައި ކޯޓަށް ބަލައިގަންނާނެ ހެއްކެކެވެ. އަދި، އޭނާ އެ އޯޑިއޯ ނުވަތަ ވީޑިއޯ ރިކޯޑިންގގައި ދައްކާފައިވާ ވާހަކަ، އަލުން ލިޔުމަށް ތިރިކޮށް، އޭނާ ލައްވާ އެ ލިޔުމުގައި ސޮއިކުރުވުމަކީ، ލާޒިމުކަމެއް ނޫނެވެ.
(ށ)
މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އޯޑިއޯ ނުވަތަ ވީޑިއޯ ރިކޯޑިންގއަކީ، މީހަކު ލިޔުމުން ލިޔެ ސޮއިކޮށް، ހެކިންގެ ހާޒިރުގައި ދޭ ބަޔާނެކޭ އެއްފަދައިން ކޯޓަށް ޤަބޫލުކުރާނެ ހެއްކެކެވެ.
89.
:
ފޮރެންސިކް ހެކި ހުށަހެޅުން
(ހ)
ޖިނާއީ އިޖުރާއަތުގެ ޤާނޫނުގައި ނުވަތަ މަދަނީ އިޖުރާއަތުގެ ޤާނޫނުގައި ނުވަތަ އެހެން ޤާނޫނެއްގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ނެގޭ ފޮރެންސިކް ހެއްކަކީ، އަދި އެ މައްޗަށް ބިނާކޮށް ޚަބީރުން ތައްޔާރުކޮށްފައިވާ އެކިއެކި ރިޕޯޓުތަކަކީ ޝަރީޢަތުގެ މަޖިލީހުގައި ހެކީގެ ގޮތުގައި ޤަބޫލުކުރެވޭނެ އެއްޗެއްސެވެ.
(ށ)
މި މާއްދާގެ (ހ) ގެ ބޭނުމަށްޓަކައި، "ފޮރެންސިކް ހެކި" ކަމަށް ބުނެފައި އެވަނީ، އަންނަނިވި މަޢުލޫމާތާއި ތަކެތި ހިމެނޭގޮތުންނެވެ.
(1)
އިނގިލީގެ ނިޝާނާއި، ޑީ.އެން.އޭ.ގެ މަޢުލޫމާތާއި، ފޮޓޯއާއި، އެތެރެހަށީގެ ފޮޓޯއާއި، އެތެރެހަށީގެ ސާމްޕަލް ހިމެނޭގޮތުން ސައިންސާއި ޓެކްނޮލޮޖީގެ ޛަރީޢާއިން ހޯދޭ އެފަދަ މަޢުލޫމާތު؛
(2)
މަރުވެފައިވާ މީހެއްގެ ހަށިގަނޑުން ހަދާ އޮޓޮޕްސީން ލިބިދޭ މަޢުލޫމާތު؛
(3)
ކުށެއް ކުރުމުގައި ބޭނުންކުރި އެއްޗެއް ނުވަތަ ކުށް ކުރި ފަރާތް ނުވަތަ އަނިޔާ ލިބުނު ފަރާތް ނުވަތަ ކުށުގެ ވެށިން ފެންނަ މާއްދީ ހެއްކެއް ތަޙްލީލުކުރުމުން ދެނެގަނެވޭ މަޢުލޫމާތު.
(ނ)
މި މާއްދާގެ (ހ) ގައި ބަޔާންކުރާފަދަ ރިޕޯޓެއް ޝަރީޢަތަށް ޤަބޫލުކުރެވޭނީ، އެ ރިޕޯޓަކީ އެ ރިޕޯޓް ތައްޔާރުކުރި ފަރާތުން ސޮއިކުރުމަށްފަހު ދޫކޮށްފައިވާ ރިޕޯޓެއް ކަމުގައިވާނަމައެވެ.
(ރ)
މި މާއްދާގެ (ހ) އެހެން އޮތްނަމަވެސް، ހެކީގެ ގޮތުގައި ހުށަހެޅޭ ލިޔުމަކީ ކޮމްޕިއުޓަރުން ނުވަތަ މެޝިނަކުން އެއްވެސް އެއްޗެއް އެނަލައިޒްކުރުމަށްފަހު އެކަމެއްގެ ނަތީޖާ ބަޔާންކޮށް އޭގެ އަމިއްލަ ޒާތުގައި ޖެނަރޭޓްކުރާ ލިޔުމެއް ކަމަށްވާނަމަ، އެ ލިޔުމުގައި މީހެއްގެ ސޮޔެއް ނެތްނަމަވެސް އެ ލިޔުން ހެއްކެއްގެ ގޮތުގައި ޝަރީޢަތަށް ޤަބޫލުކުރެވޭނެއެވެ.
90.
:
ބޭރު ޤައުމެއްގައި ހޯދޭ ފޮރެންސިކް ހެކި
ބޭރުގެ ޤައުމުތަކުން ހޯދައި ހުށަހަޅާ ފޮރެންސިކް ހެއްކަކީ މި ޤާނޫނުގައިވާ އުސޫލުތަކާ ތަޢާރުޟުނުވާ ގޮތަށް ހޯދައި އަދި ހުށަހަޅާ ހެކި ކަމުގައިވާނަމަ، އެ ހެކި، ދިވެހިރާއްޖޭން ހޯދައި ހުށަހަޅާ ފޮރެންސިކް ހެއްކާ އެއް އުސޫލަކުން ހެކީގެ ގޮތުގައި ބަލައިގަނެވޭނެއެވެ.
91.
:
ފޮރެންސިކް ހެކިން ދެނެގަނެވޭ މަޢުލޫމާތު ދަފްތަރުކުރުމާއި ރައްކާކުރުން
މި ބާބުގައި ބަޔާންކުރާ ފޮރެންސިކް ހެކީގެ ތެރެއިން މި ޤާނޫނުގެ 89 ވަނަ މާއްދާގެ (ށ) ގައި ބަޔާންކުރާ އިނގިލީގެ ނިޝާނާއި ޑީ.އެން.އޭ.ގެ މަޢުލޫމާތު ދަފްތަރުކޮށް މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅާފައިވާ ގޮތެއްގެމަތިން، އަދި އެ ގަވާއިދުގައި ކަނޑައަޅާފައިވާ މުއްދަތަކަށް ރައްކާކޮށްފައި ބެހެއްޓިދާނެއެވެ.
92.
:
ފޮރެންސިކް ހެކި ޤަބޫލުކުރުމުގެ ޝަރުޠު
މި ޤާނޫނުގެ ދަށުން ކޯޓަށް ހުށަހެޅޭ ފޮރެންސިކް ހެކި ޝަރީޢަތަށް ޤަބޫލުކުރެވޭނީ، އެ ހެކި ހޯދާފައިވަނީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގައި ނުވަތަ އެނޫންވެސް ކަމާބެހޭ ޤާނޫނެއްގައި ބަޔާންކޮށްފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން ކަމުގައިވުމުގެ އިތުރުން، އެ ހެކި ހޯދާފައިވަނީ ކަމާގުޅޭ ޤާނޫނުތަކާއި އިޖުރާއަތުތަކާ އެއްގޮތްވާ ގޮތުގެމަތިން ކަމުގައިވާނަމައެވެ.
93.
:
ހެކިބަސް ދޭ މީހުން ކަނޑައެޅުން
(ހ)
ޝަރީޢަތަށް ހުށަހެޅިފައިވާ މައްސަލައެއްގައި ހެކިބަސް ދޭނެ މީހުންގެ ގޮތުގައި ވަކި ބަޔަކު ހުށަހަޅަން އެ މައްސަލައިގައި ހިމެނޭ ޚަޞްމަކު ބޭނުންވާނަމަ، އެކަން، ދަޢުވާ ހުށަހަޅާހިނދު، ނުވަތަ ދަޢުވާއަށް ފުރަތަމަ ޖަވާބުދާރީވާހިނދު ފާހަގަކުރަންވާނެއެވެ.
(ށ)
މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ވަގުތު ފާއިތުވުމަށްފަހު، ހެކިބަސް ދޭނެ މީހުން ހުށަހެޅޭނީ، މައްސަލައިގައި ކުރިން ފާހަގަވެފައިނުވާ ކަމެއް، މައްސަލަ ކުރިޔަށްގެންދިޔުމުގައި ފާހަގަވުމާއެކު، އެގޮތަށް އެ ފާހަގަވި ކަމަކީ މައްސަލައިގެ އަސްލާ ގުޅުން ހުރި ކަމަކަށްވެފައި، އެކަމާ ގުޅޭގޮތުން ގޮތެއް ކަނޑައެޅުމަކީ، މައްސަލަ ނިންމުމުގައި ގޮތެއް ކަނޑައެޅުމަށް ސީދާގޮތުގައި ވާގިވެރިވާނެ އަސާސީ ކަމެއް ކަމުގައި ޝަރީޢަތަށް ޤަބޫލުކުރެވިގެން، އެ ފުރުޞަތު ކޯޓުން ދީފި ޙާލަތެއްގައި އެކަންޏެވެ.
(ނ)
މި މާއްދާގެ (ށ) އެހެން އޮތްނަމަވެސް، ފަހުން އުފައްދާ ހެކި ކަމަށް ނުވަތަ ފަހުން ލިބިގަންނަ ހެކި ކަމަށް ޤަބޫލުކުރެވޭ ހެކި، ނުވަތަ މައްސަލަ ފެށުނުއިރުވެސް ލިބެން ހުރި ކަމަށް ޝަރީޢަތަށް ޤަބޫލުކުރެވޭ ހެކި ހުށަހެޅުމަކަށް، މި މާއްދާގެ (ށ) ގެ ބޭނުމެއް ނުހިފޭނެއެވެ.
94.
:
ހުވާ މަތީ ހެކިބަސް ދިނުން
(ހ)
ޝަރީޢަތުގައި ހިނގަމުންދާ މައްސަލައެއްގައި ހެކިބަސް ދޭ މީހަކީ، މުސްލިމަކު ކަމުގައިވާނަމަ، އޭނާގެ ހެކިބަސް ނަގަންވާނީ، އަންނަނިވި ހުވާ ކުރުވުމަށްފަހުގައެވެ.,"އަހުރެން ]ކޯޓުގެ ނަން[ ގައި ހިނގަމުންދާ މި މައްސަލައިގައި، މި ޝަރީޢަތުގެ މަޖިލީހުގައި އަހުރެންނާ ކުރެވޭ ސުވާލުތަކަށް ޖަވާބުދިނުމުގައާއި އަހުރެން ބުނާ ކޮންމެ ބަހެއް ބުނުމުގައި ތެދު ބުނުމަށާއި، ޙަޤީޤަތާ ޚިލާފަށް އެއްވެސް ބަހެއް ނުބުނުމަށް، މާތްﷲ ގަންދީ ހުވާކުރަމެވެ."
(ށ)
ހެކިބަސްދެނީ، ޣައިރު މުސްލިމަކު ކަމުގައިވާނަމަ، އޭނާގެ ހެކިބަސް ނަގަންވާނީ، އަންނަނިވި ޢަހުދުގައި ސޮއިކުރުވުމަށްފަހުގައެވެ.,"އަހުރެން، ]ކޯޓުގެ ނަން[ ގައި ހިނގަމުންދާ މި މައްސަލައިގައި، މި ޝަރީޢަތުގެ މަޖިލީހުގައި އަހުރެންނާ ކުރެވޭ ސުވާލުތަކަށް ޖަވާބުދިނުމުގައާއި އަހުރެން ބުނާ ކޮންމެ ބަހެއް ބުނުމުގައި ތެދު ބުނުމަށާއި، ޙަޤީޤަތާ ޚިލާފަށް އެއްވެސް ބަހެއް ނުބުނުމަށް ޢަހުދުވެ، އިޤްރާރުވަމެވެ."
95.
:
ތަރުޖަމާނުން
(ހ)
މައްސަލައެއްގައި ހެކިބަސްދޭ ފަރާތެއްގެ ތަރުޖަމާނެއްގެ ދައުރު އަދާކުރާ މީހާ ވާންވާނީ، އެކަން ކުރުމަށް އެކަށޭނަ ފަރާތަކަށެވެ. އަދި އެފަރާތުން އެކަން ކުރަންވާނީ، ތެދު ތަރުޖަމާއެއް ކުރުމަށް އިޤުރާރުވެ، އަންނަނިވި ޢަހުދުގައި ސޮއިކުރުމަށްފަހުގައެވެ.,"އަހުރެން، ]ކޯޓުގެ ނަން[ ގައި ހިނގަމުންދާ މި މައްސަލައިގައި، މި ޝަރީޢަތުގެ މަޖިލީހުގައި ތަރުޖަމާނެއްގެ ހައިސިއްޔަތުން މަސައްކަތްކުރާނީ، އެއްވެސް އޮޅުވާލުމެއް ނުވަތަ ފޮރުވުމެއް ނެތި، އަހުރެންގެ ކުޅަދާނަކަން ތަންދިން އެންމެ ފުރިހަމައަށް ހެކިބަސް ދޭ ފަރާތުގެ ހެކިބަސް ތަރުޖަމާކޮށްދިނުމަށްޓަކައި، އިޚްލާޞްތެރިކަމާ އެކުގައެވެ."
(ށ)
މި މާއްދާގެ ބޭނުމަށްޓަކައި "ތަރުޖަމާކުރުން ކަމަށް ބުނެފައި އެވަނީ، މައްސަލައެއްގައި ހެކިބަސްދޭ ފަރާތެއް އަނގަބަހުން ދޭ ހެކިބަސް، އެ ހެކިބަސް ދިނުމުގައި އެ ފަރާތުން ވާހަކަ ދައްކާ ބަސް ފިޔަވައި އެހެން ބަހަކުން ބުނެދިނުމަށް ނުވަތަ މައްސަލައެއްގައި ހެކިބަސްދޭ ފަރާތެއް ހެކިބަސް ދެނީ އިޝާރާތުން ކަމަށްވާނަމަ އެ ހެކިބަސް ދިނުމުގައި އެ ފަރާތުން އިޝާރާތުން ބަޔާންކުރާ ކަންކަން އަނގަބަހުން ބުނެދިނުމަށެވެ.
96.
:
ހެކިބަސް ދޭ މީހުންނާ ސުވާލުކުރުމުގެ އުޞޫލުތައް ކަނޑައެޅުން
(ހ)
މި ޤާނޫނުގައި ނުވަތަ ޖިނާއީ އިޖުރާއަތާގުޅޭ ޤާނޫނެއްގައި ނުވަތަ މަދަނީ އިޖުރާއަތާގުޅޭ ޤާނޫނެއްގައި އެހެންގޮތަކަށް ބަޔާންކޮށްފައި ނުވާހާހިނދަކު، ހެކިބަސް ނެގުމުގެ ވަގުތުގައި ދިމާވާ އަންނަނިވި ކަންކަމާ ގުޅޭގޮތުން ދޭންޖެހޭ ކަމަށް ކޯޓަށް ފެންނަ އިރުޝާދުތައް ދެވިދާނެއެވެ.
(1)
ހެކިބަސް ދޭ މީހުންނާ ސުވާލުކުރަންވީ ގޮތް؛
(2)
ހެކިބަސް ދޭ މީހުންނާ ސުވާލުކުރުމުގައި ކިތާބީ ހެކި ހުށަހަޅާނެ ގޮތް؛
(3)
ހެކިބަސް ދޭ މީހުންނާ ސުވާލުކުރުމުގައި މާއްދީ ހެކި ހުށަހަޅާނެ ގޮތް؛
(4)
ހެކިބަސް ދޭ މީހުންނާ އެކި ފަރާތްތަކުން ސުވާލުކުރަންވީ ތަރުތީބު؛
(5)
ހެކިބަސް ދޭ މީހުންނާ ސުވާލުކުރުމުގައި އެކި ފަރާތްތަކަށް ފުރުޞަތު ލިބިދެވޭ ގޮތް؛
(6)
ހެކިބަސް ދޭ މީހުންނާ ސުވާލުކުރުމުގައި މީހަކު ޢަމަލުކުރާ ގޮތް ނުވަތަ ސުލޫކު ބަހައްޓާ ގޮތް.
(ށ)
މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އުސޫލު ހިނގާނީ، ކަމާ ގުޅޭގޮތުން މި ޤާނޫނުގައި ވަކި ގޮތެއް ކަނޑައަޅާފައިނުވާ ޙާލަތުގައި، މި ޤާނޫނުގައި ބަޔާންކޮށްފައިވާ އުސޫލަކަށް އެންމެ ފުރިހަމަގޮތުގައި ޢަމަލުކުރުމަށްޓަކައި، ކޯޓުން ވަކި ގޮތެއް ކަނޑައެޅުން މުހިންމުކަމަށް ކޯޓަށް ފެންނަ ޙާލަތްތަކުގައެވެ.
97.
:
ހެކިބަސް ނެގުމުގެ މަރުޙަލާތައް
ހެކިބަސް ދޭ މީހުންނާ ސުވާލުކުރުމުގެ މަރުޙަލާތަކަކީ، އެގްޒެމިންކުރުމުގެ މަރުޙަލާއާއި، ކްރޮސް-އެގްޒެމިންކުރުމުގެ މަރުޙަލާއާއި، ރީ-އެގްޒެމިންކުރުމުގެ މަރުޙަލާއެވެ.
98.
:
އެގްޒެމިންކުރުމުގެ މަރުޙަލާ
ހެކިބަސްނެގުމުގެ ފުރަތަމަ މަރުޙަލާއަކީ، އެގްޒެމިންކުރުމުގެ މަރުޙަލާއެވެ. އެ މަރުޙަލާއަކީ، ހެކިބަސް ދިނުމަށް އޭނާ ހުށަހެޅި ފަރާތުގެ ދަޢުވާއާގުޅޭ، އަދި އެ ދަޢުވާއަށް ފަހިވާގޮތަށް ހުރި ހެކި ހެކިބަސް ދޭ މީހާގެ ކިބައިން ހޯދުމަށް، އޭނާ ހެއްކެއްގެ ގޮތުގައި ހުށަހެޅި ފަރާތަށް ފުރުޞަތު ދެވޭ މަރުޙަލާއެވެ.
99.
:
ކްރޮސް-އެގްޒެމިންކުރުމުގެ މަރުޙަލާ
(ހ)
ކްރޮސް-އެގްޒެމިންކުރުމުގެ މަރުޙަލާއަކީ، މައްސަލައެއްގައި ހެކިބަސް ދޭ މީހާ، އޭނާ ހެއްކެއްގެ ގޮތުގައި ހުށަހެޅި ފަރާތުން އޭނާ އެގްޒެމިންކުރުމުގެ މަރުޙަލާ ނިމުމުން، އަނެއް ފަރާތުން އޭނާއާ ސުވާލުކުރުމުގެ މަރުޙަލާއެވެ. އެ މަރުޙަލާއަކީ، އެގްޒެމިންކުރާ މަރުޙަލާގައި ހެކިބަސް ދޭ މީހާ ދިން ހެކިބަހުގެ ތެދުކަން ޔަޤީންކުރުމަށްޓަކައި ނުވަތަ އޭގައި ދެކޮޅުނުޖެހޭ ކަމެއްވާނަމަ އެކަމާމެދު ސުވާލުއުފެއްދުމަށާއި، އޭނާގެ ހެކިބަހުން އެފަރާތަށް ބޭނުންކުރެވިދާނެ މަޢުލޫމާތު ހޯދުމަށް، އޭނާ ހެއްކެއްގެ ގޮތުގައި ހުށަހެޅި ފަރާތް ނޫން އަނެއް ފަރާތަށް ފުރުޞަތު ދެވޭ މަރުޙަލާއެވެ.
(ށ)
ހެކިބަސް ދޭ މީހަކު ކްރޮސް-އެގްޒެމިންކުރެވޭނީ އޭނާ އެގްޒެމިންކުރުމުގެ މަރުޙަލާގައި އޭނާ ދިން ހެކިބަހުގައި ހިމެނުނު ކަންކަމާ ގުޅޭގޮތުން އެކަންޏެވެ.
100.
:
ރީ-އެގްޒެމިންކުރުމުގެ މަރުޙަލާ
(ހ)
ރީ-އެގްޒެމިންކުރުމުގެ މަރުޙަލާއަކީ، މައްސަލައެއްގައި ހެކިބަސް ދޭ މީހާ ކްރޮސް-އެގްޒެމިންކޮށް ނިމުމުން، އޭނާ ހެއްކެއްގެ ގޮތުގައި ހުށަހެޅި ފަރާތުން އޭނާ އާ އަލުން ސުވާލުކުރުމުގެ މަރުޙަލާއެވެ. އެ މަރުޙަލާއަކީ، ކްރޮސް-އެގްޒެމިންކުރާ މަރުޙަލާގައި އަނެއް ފަރާތުން ކުރާ ސުވާލެއްގެ ސަބަބުން ނުވަތަ ހެކިބަސް ދޭ މީހާ އެ ސުވާލުތަކަށް ދޭ ޖަވާބެއްގެ ސަބަބުން އޭނާ ހެއްކެއްގެ ގޮތުގައި ހުށަހެޅި ފަރާތުން މައްސަލައިގައި ހުށަހަޅާފައިވާ ކަންކަމަށް ފަހިނުވާ ކަމެއް ނުވަތަ ސުވާލުއުފެދޭ ކަމެއް މެދުވެރިވެއްޖެނަމަ، އެކަމެއް އިތުރަށް ސާފުކޮށްދިނުމުގެ ގޮތުން އެކަންކަމާ ގުޅޭގޮތުން ސުވާލުކުރުމަށް ހެކިބަސްދޭ މީހާ ހުށަހެޅި ފަރާތަށް ފުރުޞަތު ދެވޭ މަރުޙަލާއެވެ.
(ށ)
ހެކިބަސް ދޭ މީހަކު ރީ-އެގްޒެމިންކުރެވޭނީ، އެމީހަކު ކްރޮސް-އެގްޒެމިންކުރުމަށް ބޭނުންވާ ހުރިހާ ފަރާތްތަކަކުން އެމީހަކު ކްރޮސް-އެގްޒެމިންކޮށް ނިމުމުންނެވެ.
101.
:
ސުވާލުކުރެވިދާނެ ގޮތާއި,ޖަވާބު ދެވިދާނެ ގޮތް
(ހ)
މި ޤާނޫނުގައި އެހެންގޮތަކަށް ބަޔާންކޮށްފައި ނުވާހާހިނދަކު، މައްސަލައިގައި ހިމެނޭ ކޮންމެ ޚަޞްމަކަށްމެ ހެކިބަސް ދޭ މީހުންނާ ސުވާލުކުރެވިދާނެއެވެ.
(ށ)
މި ޤާނޫނުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހާހިނދަކު، ނުވަތަ ކޯޓުން އެހެން ގޮތަކަށް އަމުރު ނުކުރާހާހިނދަކު، މައްސަލައިގައި ހިމެނޭ ޚަޞްމަކު ބޭނުންވާ ބީދައަކުން، މައްސަލައާ ގުޅޭގޮތުން ހެކިބަސް ދޭ މީހަކާ ސުވާލުކުރެވިދާނެއެވެ.
(ނ)
ހެކިބަސްދޭ މީހާ، ހެކިބަސްދިނުމުގައި އޭނާއާ ކުރެވޭ ސުވާލުތަކަށް ކުރު ޖަވާބުތަކަކުން ހެކިބަސް ދެވިދާނެއެވެ. ނުވަތަ އޭނާގެ ފަރާތުން ހެކިބަސްދިނުމަށް ބޭނުންވާ ކަމެއްގެ މައްޗަށް ބިނާކޮށް އަނގަބަހުން ދޭ ބަޔާނެއްގެ ގޮތުގައި ހެކިބަސް ދެވިދާނެއެވެ.
102.
:
ނުކުޅެދުންތެރިކަމެއް ހުރި ފަރާތަކުން ހެކިބަސްދިނުން
(ހ)
ހެކިބަސްދޭ ފަރާތަކީ، ޖިސްމާނީ ނުކުޅެދުންތެރިކަމެއް ހުރުމުގެ ސަބަބުން ސާފުކޮށް މުއާޞަލާތުނުކުރެވޭ ފަރާތެއްނަމަ، އޭނާ ބުނާ އެއްޗެއް ސާފުކޮށްދެވޭނެ އެކަށީގެންވާ ވަސީލަތެއް މެދުވެރިކޮށް އޭނާގެ ހެކިބަސް ނެގުމަށް ކޯޓަށް ހުއްދަކުރެވިދާނެއެވެ.
(ށ)
ހެކިބަސްދޭ ފަރާތަކީ، ނަފްސާނީ ނުކުޅެދުންތެރިކަމެއް ހުރުމުގެ ސަބަބުން ސާފުކޮށް މުއާޞަލާތުނުކުރެވޭ ފަރާތެއް ކަމުގައިވެފައި، އޭނާއަކީ، މި ޤާނޫނުގެ 46 ވަނަ މާއްދާގައި ބަޔާންކުރާ ޝަރުޠު ފުރިހަމަވާ ފަރާތެއް ކަމުގައިވާނަމަ، އޭނާ ބުނާ އެއްޗެއް ސާފުކޮށްދެވޭނެ އެކަށީގެންވާ ވަސީލަތެއް މެދުވެރިކޮށް އޭނާގެ ހެކިބަސް ނެގުމަށް ކޯޓަށް ހުއްދަކުރެވިދާނެއެވެ.
(ނ)
މި މާއްދާގެ (ހ) ނުވަތަ (ށ) ގައި ބަޔާންކުރާ ޙާލަތްތަކުގެ ތެރެއިން ޙާލަތެއްގައި ހެކިބަސްދޭ މީހެއްގެ ހެކިބަސް ނެގުމުގައި ބޭނުންކުރާ ވަސީލަތަކީ އެކަށީގެންވާ ވަސީލަތެއްކަން ކަނޑައެޅުމުގައި، އެ ވަސީލަތަކީ އެ ހެކިބަސް ނެގުމަށް ބޭނުންކުރުމަށް ކޮންމެހެން ބޭނުންވާ، އަދި އިތުބާރުކުރެވޭ ވަސީލަތެއްތޯ ކޯޓުން ބަލަންވާނެއެވެ.
(ރ)
މި މާއްދާގެ ބޭނުމަށްޓަކައި އަންނަނިވި ކަންކަމާ ގުޅޭގޮތުން ކޯޓަށް އިރުޝާދުދެވިދާނެއެވެ.
(1)
މި މާއްދާގެ (ހ) ނުވަތަ (ށ) ގެ ދަށުން ހެކިބަސް ދޭ މީހަކާ ސުވާލުކުރެވޭނެ ގޮތް؛
(2)
މި މާއްދާގެ (ހ) ނުވަތަ (ށ) ގައި ބަޔާންކޮށްފައިވާ މީހެއްގެ ހެކިބަސް ނެގުމުގައި ޢަމަލުކުރެވިދާނެ ގޮތް.
103.
:
ހަނދާން ތާޒާކުރުމަށް މަސައްކަތްކުރުން
(ހ)
ހެކިބަސް ދޭ މީހާ ހެކިބަސްދިނުމުގައި އޭނާގެ ހަނދާން ތާޒާކުރުމުގެގޮތުން އެއްވެސް ލިޔުމެއް، ކޯޓުގެ ހުއްދައާ ނުލައި، ބަލައިގެންނުވާނެއެވެ.
(ށ)
ވަކި ވާޤިޢާއަކާ ގުޅޭގޮތުން ނުވަތަ ރައުޔަކާ ގުޅޭގޮތުން ހެކިބަސް ދޭ މީހާ އޭނާގެ ހަނދާން ތާޒާކުރުމުގެގޮތުން، ހެކިބަސް ދޭ ވަގުތު، ކޯޓުގެ ހުއްދަ ނެތި، އެއްވެސް ލިޔުމެއްގެ އެހީތެރިކަން ހޯދައިގެން ނުވާނެއެވެ.
(ނ)
ހެކިބަސް ދޭ މީހާ ހަނދާން ތާޒާކުރުމަށްޓަކައި، ވަކި ލިޔުމެއް ބެލުމަށް ކޯޓުން ހުއްދަދިނުމުގައި، އަންނަނިވި ކަންކަމަށް ކޯޓުން ރިޢާޔަތްކުރަންވާނެއެވެ.
(1)
އެ ލިޔުމަށް ނުބަލައި، އެ ހެކިބަސް ދެވޭ ވާޤިޢާއެއް ނުވަތަ ރައުޔަކާ ބެހޭގޮތުން އޭނާގެ ހަނދާން އަމިއްލައަށް ތާޒާކުރެވިދާނެކަން ނުވަތަ ނޫންކަން؛
(2)
ހެކިބަސް ދޭ މީހާ ބަލަން ބޭނުންވާ ނުވަތަ ބޭނުންކުރަން ބޭނުންވާ ލިޔުމަކީ، އަންނަނިވި ކަންކަމުގެ މައްޗަށް އޮތް ލިޔުމަކަށްވުން:
i.
އެ ލިޔުމުގައިވާ ކަންކަން އޭނާ ލިޔުމަށް ތިރިކުރިއިރު، އެ ކަންކަން އޭނާގެ ހަނދާނުގައި ތާޒާކޮށް ހުރުން؛ އަދި
ii.
އެ ލިޔުމުގައިވާ ކަންކަން ލިޔުމަށް ތިރިކޮށްފައިވަނީ، ޙަޤީޤަތާ އެއްގޮތަށް ތެދަށް ކަމަށް، އެ ކަންކަން އޭނާ ލިޔުމަށް ތިރިކުރިއިރު، އޭނާ ބަލައިގެންފައިވުން.
(3)
ވަކި ލިޔުމެއް ބަލައިގެން ހެކިބަސް ދޭން ހުއްދަ ދެވޭ ޙާލަތުގައި، އަދި ވަކި ލިޔުމެއްގެ މައްޗަށް ބިނާކޮށް އޭނާގެ ހަނދާން ތާޒާކުރުމަށް ހުއްދަދެވޭ ޙާލަތުގައި، އެ ލިޔުމުން އޭނާ އެ ބޭނުންކުރާ ބައި، އަޑުވީއްލައި ޝަރީޢަތުގެ މަޖިލީހުގައި ކިއިދާނެއެވެ. އެގޮތުން، އޭނާ އަޑުވީއްލައި ކިޔާ ބަޔަކީ، އޭނާ ދޭ ހެކިބަސް ކަމުގައި ކޯޓަށް ބަލައިގަނެވިދާނެއެވެ.
104.
:
އެގްޒެމިންކުރުމުގައި ނުވަތަ ރީ-އެގްޒެމިންކުރުމުގައި ލީޑިންގ ސުވާލުކުރުން
އަންނަނިވި ޙާލަތްތަކުގައި މެނުވީ، ހެކިބަސްދޭ މީހަކު އެގްޒެމިންކުރުމުގައި ނުވަތަ ރީ-އެގްޒެމިންކުރުމުގައި، އޭނާއާ ލީޑިންގ ސުވާލެއް ކުރިމަތިކުރުވައިގެންނުވާނެއެވެ.
(ހ)
ހެކިބަސްދޭ މީހާއަކީ މި ޤާނޫނުގެ 105 ވަނަ މާއްދާގައި ބަޔާންކުރާފަދަ ފަރާތަކަށް ވާ ޙާލަތުގައި ކޯޓުގެ ހުއްދައާއެކު އޭނާއާ ކުރެވޭ ސުވާލު؛
(ށ)
ހެކިބަހާ ސީދާ ގުޅޭ ކަމަކަށް ނުވާގޮތުން، ހެކިބަސް ދޭ މީހާ ދޭ ހެކިބަހުގެ އިބްތިދާއީ ކަމަކާގުޅޭ ސުވާލަކަށް އެ ސުވާލުވުން؛
(ނ)
މައްސަލައިގައި ހިމެނޭ ހުރިހާ ފަރާތެއްވެސް، ވަކީލުން މެދުވެރިކޮށް ތަމްސީލުކުރެވެމުންދާ ޙާލަތުގައި، އެއްވެސް ފަރާތަކުން އެކަމަށް އިޢުތިރާޟުނުކުރުން ނުވަތަ އެ ސުވާލުކުރެވެނީ މައްސަލައިގައި ހިމެނޭ އެންމެހައި ޚަޞްމުންގެ އެއްބަސްވުމާ އެކުގައި ކަމަށްވުން؛
(ރ)
އެ ސުވާލަކީ، މައްސަލައިގައި ސުވާލު އުފެދިފައިވާ ކަންތަކާ ގުޅޭ ސުވާލަކަށް ނުވުން؛
(ބ)
ހެކިބަސް ދޭ މީހާގެ ތަޢުލީމަށް ނުވަތަ ތަމްރީނަށް ނުވަތަ ތަޖުރިބާއަށް ނުވަތަ ޢިލްމަށް ބިނާކޮށް ވަކި ސުވާލަކަށް ދޭ ޖަވާބު ހޯދުމަށްޓަކައި ކުރެވޭ ސުވާލަކަށް އެ ސުވާލުވުން. އަދި އެ ސުވާލުގެ މަޤްޞަދަކީ އޭނާގެ ރައުޔެއް ހޯދުން ކަމުގައިވުމާއި، އެ ރައުޔު ގުޅެނީ ހެކިބަސް ދީފައިވާ ނުވަތަ ދޭން ޤަޞްދުކުރާ މައްސަލައާ ކަމުގައިވުން.
105.
:
އެއްބާރުލުން ނުދޭ ހެކީން
(ހ)
އަންނަނިވި ޙާލަތްތަކުގައި މައްސަލައެއްގައި ހިމެނޭ ފަރާތަކުން ހެކިބަސްދިނުމަށް ހުށަހަޅާ މީހަކު، އެގްޒެމިންކުރުމުގެ މަރުޙަލާގައި، އެ މަރުޙަލާގައި ސުވާލުކުރާ އުސޫލުން ސުވާލުކުރުމުގެ ބަދަލުގައި، ކްރޮސް-އެގްޒެމިންކުރުމުގައި ސުވާލުކުރާ އުސޫލުން، ކޯޓުގެ ހުއްދައާއެކު ސުވާލުކުރެވިދާނެއެވެ.
(1)
އޭނާ ހެއްކެއްގެ ގޮތުގައި ހުށަހެޅި ފަރާތަށް ފަހިނުވާގޮތަށް އޭނާ ހެކިބަސްދިނުން؛
(2)
އޭނާއަށް ކަނޑައެޅިގެން އެނގޭ ކަމުގައި ބެލެވޭ މަޢުލޫމާތެއް ދިނުމުގައި، އެއްބާރުލުން ނުދޭކަމަށް، ނުވަތަ ތެދު ނިޔަތުގައި ހެކިބަސްދިނުމަށް ފަސްޖެހެމުންދާ ކަމަށް، ނުވަތަ ތެދު ނިޔަތުގައި ހެކިބަސްދިނުމުގައި ކުރަންވާ ވަރަށް މަސައްކަތްނުކުރާ ކަމަށް ކޯޓަށް ފާހަގަވުން؛
(3)
ހެކިބަސް ދޭ މީހާ އެ ހެކިބަސް ދޭ ކަމެއްގައި ދިމާނުވާ ދެ ވާހަކައެއް ބުނުން.
(ށ)
މި މާއްދާގެ (ހ) ގެ ދަށުން ކުރެވޭ ސުވާލުތަކަކީ، ކްރޮސް-އެގްޒެމިންކުރުމުގެ މަރުޙަލާގައި ކުރެވުނު ސުވާލުތަކެއް ކަމުގައި ބެލުމުގެ ބާރު ކޯޓަށް ލިބިގެންވެއެވެ.
(ނ)
މި މާއްދާގެ (ހ) ގެ ދަށުން ސުވާލުކުރަންވާނީ، އޭނާ ހެއްކެއްގެ ގޮތުގައި ހުށަހެޅި ފަރާތްނޫން އަނެއް ފަރާތުން ނުވަތަ ފަރާތްތަކުން ހެކިބަސް ދޭ މީހާ ކްރޮސް-އެގްޒެމިންކުރުމުގެ ކުރިންނެވެ.
106.
:
ރީ-އެގްޒެމިންކުރުމުގައި ސުވާލުކުރެވޭނެ ދާއިރާ
ރީ-އެގްޒެމިންކުރުމުގެ މަރުޙަލާގައި ހެކިބަސް ދޭ މީހާއާ ސުވާލުކުރެވޭނީ ކްރޮސް-އެގްޒެމިންކުރުމުގެ މަރުޙަލާގައި އޭނާ ދިން ހެކިބަހާ ބެހޭގޮތުން އެކަންޏެވެ.
107.
:
ކްރޮސް-އެގްޒެމިންކުރުމުގައި ސުވާލެއް ނުކުރުމަށް ނުވަތަ ޖަވާބެއް ނުދިނުމަށް އެންގުން
(ހ)
ކްރޮސް-އެގްޒެމިންކުރުމުގެ މަރުޙަލާގައި، ހެކިބަސް ދޭ މީހާއާ ކުރެވޭ ސުވާލަކަށް ޖަވާބުނުދިނުމަށް ނުވަތަ ވަކި ސުވާލެއް އޭނާއާ ކުރުން ހުއްޓުވުމަށް އަންނަނިވި ޙާލަތްތަކުގައި ކޯޓަށް އަމުރުކުރެވިދާނެއެވެ.
(1)
އެ ސުވާލަކީ ޙަޤީޤަތް އޮޅޭގޮތަށް ކުރާ ސުވާލަކަށްވުން؛
(2)
އެ ސުވާލަކީ، ހެކިބަސްދޭ ފަރާތް ރުޅިއެރުވުމަށް ނުވަތަ ބިރުގެންނެވުމަށް ނުވަތަ އޭނާގެ ހިތްނުތަނަވަސްކުރުމަށް ނުވަތަ އޭނާ ކުޑައިމީސްކުރުމުގެ ގޮތުން ކުރާ ސުވާލަކަށްވުން؛
(3)
އެ ސުވާލަކީ، ހެކިވެރިޔާ ހެކިބަސް ދޭ ކަމާ ގުޅުމެއް ނެތް ސުވާލަކަށްވުން؛
(4)
އެ ސުވާލަކީ، ކުރިން ކޮށްފައިވާ ސުވާލަކަށްވުން.
(ށ)
މި މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގެ ބޭނުމަށްޓަކައި، ހެކިބަސް ދޭ މީހަކާ ސުވާލު ކުރުމުގައި، ސުވާލުކުރުމަށްފަހު ޖަވާބުދޭން ފުރުޞަތު ނުދީ، ސުވާލު ތަކުރާރުކުރުމަކީ ހެކިބަސްދޭ މީހާ ރުޅިއެރުވުމުގެ ގޮތުން ނުވަތަ ބިރުގެންނެވުމުގެ ގޮތުން ނުވަތަ އޭނާގެ ހިތްނުތަނަވަސްކުރުމުގެ ގޮތުން ނުވަތަ އޭނާ ކުޑައިމީސްކުރުމުގެ ގޮތުން ކުރާ ކަމެއް ކަމުގައި ބެލެވިދާނެއެވެ.
(ނ)
މި މާއްދާގެ (ހ) ގެ ދަށުން ގޮތެއް ކަނޑައެޅުމުގައި، އަންނަނިވި ކަންކަމަށް ކޯޓަށް ރިޢާޔަތްކުރެވިދާނެއެވެ.
(1)
ހެކިބަސް ދޭ މީހާގެ ޢުމުރު؛
(2)
ހެކިބަސް ދޭ މީހާގެ ޝަޚްޞިއްޔަތާއި ތަޢުލީމާއި އޭނާގެ މިޒާޖު؛
(3)
ހެކިބަސް ދޭ މީހާ އެއްބާރުލަމުންދާ މިންވަރު؛
(4)
ނަފްސާނީގޮތުން ނުވަތަ ޢިލްމީގޮތުން ނުވަތަ ޖިސްމާނީގޮތުން އެއްވެސް ނުކުޅެދުންތެރިކަމެއް ހެކިބަސް ދޭ މީހާގައި ހުރުން.
108.
:
ކްރޮސް-އެގްޒެމިންކުރުމުގައި ލީޑިންގ ސުވާލުކުރުން
(ހ)
ކްރޮސް-އެގްޒެމިންކުރުމުގެ މަރުޙަލާގައި، ކޯޓުން މަނާނުކުރާހާ ހިނދަކު، ހެކިބަސް ދޭ މީހާއާ ލީޑިންގ ސުވާލު ކުރެވިދާނެއެވެ.
(ށ)
ލީޑިންގ ސުވާލެއް ކުރުން މަނާކުރުމުގައި، އަންނަނިވި ކަންކަމަށް ކޯޓުން ރިޢާޔަތްކުރަންވާނެއެވެ.
(1)
އެގްޒެމިންކުރުމުގެ މަރުޙަލާގައި ހެކިބަސްދިނުމުގައި ހެކިބަސް ދޭ މީހާ ދެއްކި ވާހަކައަކީ، އޭނާ ހެއްކެއްގެ ގޮތުގައި ހުށަހެޅި ޚަޞްމަށް ފަހިވާގޮތަށް އޮތް ވާހަކައަކަށް ނުވުން؛
(2)
ކްރޮސް-އެގްޒެމިންކުރާ މީހާގެ މަޞްލަޙަތާ ހެކިބަސް ދޭ މީހާގެ މަޞްލަޙަތާ އެއްގޮތްވުން؛
(3)
ކްރޮސް-އެގްޒެމިންކުރާ ޚަޞްމާމެދު އެ ހެކިބަސް ދޭ މީހާ ހަމްދަރުދީވާކަން ފާހަގަވުން؛
(4)
ހެކިބަސް ދޭ މީހާގެ ޢުމުރާއި އޭނާގެ ކިބައިގައި ހުރި ނަފްސާނީ ނުވަތަ ޢިލްމީ ނުވަތަ ޖިސްމާނީ ނުކުޅެދުންތެރިކަމެއްގެ ސަބަބުން، އޭނާ ދޭ ހެކިބަހަށް އަސަރުކޮށްފާނެކަމަށް ފާހަގަވުން.
109.
:
ތަޙްޤީޤީ އިދާރާއެއްގެ އޮފިސަރުން ބަޔާންދިނުން
(ހ)
ޖިނާއީ މައްސަލައެއްގައި، ތަޙްޤީޤީ އިދާރާއެއްގެ އޮފިސަރަކު ކުރިން ލިޔުމުން ދީފައިވާ ބަޔާނަކާ ގުޅޭގޮތުން، އޭނާ ޝަރީޢަތުގެ މަޖިލީހުގައި ހެކިބަސް ދޭ ކަމަށްވާނަމަ، ހެކިބަސް ދިނުމުގައި އޭނާއާ ކުރެވޭ ސުވާލުތަކަށް ކުރު ޖަވާބުތަކަކުން، ނުވަތަ އޭނާގެ ފަރާތުން ހެކިބަސްދިނުމަށް ބޭނުންވާ ކަމެއްގެ މައްޗަށް ބިނާކޮށް އަނގަބަހުން ދޭ ބަޔާނެއްގެ ގޮތުގައި ހެކިބަސްދެވިދާނެއެވެ.
(ށ)
އަންނަނިވި ކަންކަން ފުރިހަމަވެފައިނުވާނަމަ، މި މާއްދާގެ (ހ) ގެ ދަށުން ތަޙްޤީޤީ އިދާރާއެއްގެ އޮފިސަރަކަށް ހެކިބަހެއް ނުދެވޭނެއެވެ.
(1)
އޭނާގެ ހެކިބަސް ބިނާވާ ބަޔާނަކީ، އެ ބަޔާނުގައިވާ ހާދިސާތައް ހިނގާދިޔަ ވަގުތު ނުވަތަ އެއާވިދިގެން މާގިނަ ވަގުތުތަކެއް ފާއިތުނުވަނީސް، އޭނާ ލިޔުމުން ދީފައިވާ ބަޔާނަކަށްވުން؛
(2)
އެ ބަޔާނުގައި އޭނާ ސޮއިކޮށްފައިވުން؛
(3)
ކުށުގެ ތުހުމަތުކުރެވޭ މީހާއަށް އެ ލިޔުމުގެ ކޮޕީއެއް ދީފައިވުން.
(ނ)
މި މާއްދާގެ (ށ) އެހެން އޮތްނަމަވެސް، ފުލުހެއް ކަމުގައިވާ މީހަކީ، މި ޤާނޫނުގެ 42 ވަނަ މާއްދާގައި ބަޔާންކުރާ ފަދަ ހެކިބަސް ދޭ ފަރާތެއް ކަމުގައިވާ ޙާލަތުގައި، އެ ހައިސިއްޔަތުން އޭނާ މި ޤާނޫނުގެ ކަމާބެހޭ މާއްދާތަކުގެ ދަށުން ހެކިބަސް ދިނުމަކަށް ހުރަހެއްނާޅައެވެ.
(ރ)
މި މާއްދާގެ ބޭނުމަށްޓަކައި، ތަޙްޤީޤީ އިދާރާއެއްގެ އޮފިސަރެއް ކަމަށް ބުނެފައި އެވަނީ، އެ ބަޔާން ފުރަތަމަ ލިޔުމުން ލިޔުނުއިރު އެފަދަ އިދާރާއެއްގެ އޮފިސަރެއްގެ މަޤާމުގައި ހުރި މީހާއަށެވެ. އަދި، އެ ބަޔާން ލިޔުމުން ދިން ފަހުން އޭނާ އެ މަޤާމުން ނުވަތަ އެ އިދާރާއިން ވަކިވެފައިވީނަމަވެސް، އޭނާއަކީ، އެ ބަޔާނާ ގުޅޭގޮތުން، ހެއްކެއްގެ ގޮތުގައި ޝަރީޢަތުގައި ހިނގަމުންދާ މައްސަލައެއްގައި ކޯޓަށް ހާޒިރުކޮށް، އެ ބަޔާނާ ގުޅޭގޮތުން ސުވާލުކުރެވިދާނެ މީހެކެވެ.
110.
:
ހެކިބަސްދޭ ފަރާތުގެ ޢަދުލުވެރިކަމާމެދު ސުވާލުއުދެއްދުން
(ހ)
ހެކިބަސް ދޭ ފަރާތަކީ ހެކިބަސްދިނުމުގެ ޢަދުލުވެރިކަން ފުރިހަމަވާ ފަރާތެއް ނޫންކަމުގައި ބަޔާންކޮށް، އޭނާގެ ހެކިބަސް ދިނުމުގެ ޢަދުލުވެރިކަމާމެދު ސުވާލުއުފައްދައި، އެ ހެކިބަސްދޭ ފަރާތް އެ މައްސަލައެއްގައި ހެކިބަސް ދިނުމަށް ހަމަޖެހިފައިވާ މައްސަލައިގައި ހިމެނޭ ޚަޞްމެއްގެ ފަރާތުން ކޯޓަށް ހުށަހަޅައިފިނަމަ، ހެކިބަސް ދޭ ފަރާތުގެ ޢަދުލުވެރިކަމާމެދު ކޯޓުން ގޮތެއް ކަނޑައަޅަންވާނެއެވެ.
(ށ)
މި މާއްދާގެ (ހ) ގެ ދަށުން، ހެކިބަސް ދޭ ފަރާތެއްގެ ޢަދުލުވެރިކަން ކޯޓުން ކަނޑައެޅުމުގައި އަންނަނިވި ކަންކަމަށް ރިޢާޔަތްކުރަންވާނެއެވެ.
(1)
ހެކިބަސް ދޭ ފަރާތުގެ ހެކިބަސް ދިނުމުގެ ޢަދުލުވެރިކަމާމެދު ސުވާލުއުފައްދައި ކޯޓަށް ހުށަހަޅާފައިވާ ސަބަބުތައް އެގޮތުގެމަތިން ހުރިކަން ނުވަތަ ނެތްކަން؛
(2)
ހެކިބަސް ދޭ ފަރާތުން ކޮށްފައިވާ ޢަމަލަކީ ހެކިބަސް ދިނުމުގެ ޢަދުލުވެރިކަން ގެއްލޭފަދަ ޢަމަލެއްކަން ނުވަތަ ނޫންކަން؛
(3)
ހެކިބަސް ދިނުމުގެ ޢަދުލުވެރިކަން ގެއްލޭފަދަ ޢަމަލެއް ކޮށްފައިވާނަމަ އެ ޢަމަލު ކޮށްފައިވާ ވަގުތާއި ހެކިބަސް ދޭ ވާޤިޢާ ހިނގާފައިވާ ވަގުތާއި، އެ ދެމެދުގައި ހޭދަވެފައިވާ ވަގުތު؛
(4)
ހެކިބަސް ދިނުމުގެ ޢަދުލުވެރިކަން ގެއްލޭފަދަ ޢަމަލެއް ކޮށްފައިވާނަމަ އެ ޢަމަލުގެ ބާވަތާއި ހެކިބަސް ދޭ މައްސަލައިގެ ބާވަތާ ގުޅުންހުރި މިންވަރު؛
(5)
ހެކިބަސް ދިނުމުގެ ޢަދުލުވެރިކަން ގެއްލޭފަދަ ޢަމަލު ތަކުރާރުކޮށްފައިވާނަމަ، އެފަދައިން ތަކުރާރުކޮށްފައިވާ މިންވަރު؛
(6)
ހެކިބަސް ދޭ ފަރާތުގެ އިންސާފުވެރިކަމާއި ތެދުވެރިކަމަށް ބާރުދޭ ކަމަށް ކޯޓަށް ހުށަހެޅިފައިވާ ކަމެއްވާނަމަ އެކަން.
111.
:
ތަޢާރުޟުވާ ބަޔާން ހުށަހެޅުން
(ހ)
ކްރޮސް-އެގްޒެމިންކުރަމުން ގެންދެވޭ މީހާ ދައްކަމުންދާ ވާހަކައާ ދިމާނުވާގޮތަށް އޭނާ އެހެން ވާހަކައެއް ދައްކާފައި އޮތްކަން ލިޔުމުން ރިކޯޑުކުރެވިފައި އޮތް ކަމުގައިވާނަމަ، އެ ލިޔުމެއް އެ ވަގުތު ހުށަހަޅައި، އެކަން ކޯޓުގެ ސަމާލުކަމަށް ގެނެވިދާނެއެވެ.
(ށ)
ކްރޮސް-އެގްޒެމިންކުރަމުން ގެންދެވޭ މީހާ ވަކި ކަމަކާ ގުޅޭގޮތުން ދައްކާ ވާހަކައާ އިދިކޮޅަށް ނުވަތަ އެ ވާހަކައާ ދިމާނުވާގޮތަށް ހަމަ އެކަމާ ގުޅޭގޮތުން އެހެން މީހަކު ދައްކާފައިވާ ވާހަކައެއް ލިޔުމެއްގައި ރިކޯޑުކުރެވިފައިވާނަމަ، އެ ލިޔުމެއް އެ ވަގުތު ހުށަހަޅައި، އެކަން ކޯޓުގެ ސަމާލުކަމަށް ގެނެވިދާނެއެވެ.
112.
:
ހެކިބަސް ދޭ މީހުން ކޯޓަށް ހާޒިރުކުރުން
(ހ)
މި ޤާނޫނުގެ ދަށުން ހެކިބަސް ދޭ މީހުން ކޯޓަށް ހާޒިރުވެ ހެކިބަސް ދޭނީ، އެ މީހުންނަކީ ހެކިބަސް ދޭނެ މީހުންކަން، ދަޢުވާކުރާ ފަރާތުން ނުވަތަ ދަޢުވާލިބޭ ފަރާތުން ފާހަގަކޮށް، ކޯޓުގައި އެދުމުން، ކަމާ ގުޅޭގޮތުން ކޯޓުން ކުރާ އަމުރެއްގެ ދަށުން އެމީހަކު ކޯޓަށް ހާޒިރުކޮށްގެންނެވެ.
(ށ)
ހެކިބަސް ދޭ މީހުން ކޯޓަށް ހާޒިރުކުރުމުގައި ކޯޓުން ޢަމަލުކުރާނީ، ޖިނާއީ އިޖުރާއަތުގެ ނުވަތަ މަދަނީ އިޖުރާއަތުގެ ޤާނޫނުގައި ކަނޑައަޅާފައިވާ ގޮތުގެމަތިންނެވެ.
113.
:
ހެކިބަސްދިނުމަށް ހާޒިރުވުމުގެ އަމުރުކުރުމަކާ ނުލާ ހެކިބަސް ނެގުން
(ހ)
ހެކިބަސްދިނުމަށް ކޯޓަށް ހާޒިރުވުމުގެ އަމުރެއް ކޯޓުން ކޮށްފައިނުވާ މީހަކު މައްސަލައިގައި ހިމެނޭ ފަރާތަކާއެކު، ނުވަތަ މައްސަލަ އަޑުއެހުމުގެ ބޭނުމުގައި، ޝަރީޢަތުގެ މަޖިލީހުގައި ހާޒިރުވެ ހުރި ޙާލަތެއްގައި، އޭނާއަކީ، ހެކިބަސްދިނުމަށް މި ޤާނޫނުގެ ދަށުން ލާޒިމުކުރެވިދާނެ މީހެއް ކަމުގައިވާނަމަ، ވަކި ކަމަކާ ގުޅޭގޮތުން އެ ވަގުތު އޭނާ ހެކިބަސްދިނުމަށް، ކޯޓަށް ލާޒިމުކުރެވިދާނެއެވެ.
(ށ)
މި މާއްދާގެ (ހ) ގެ ދަށުން ކޯޓުން އަންގާ އެންގުމަކާ އެއްގޮތްވާ ގޮތުގެމަތިން އޭނާ އެ ވަގުތު ހެކިބަސްނުދީފިނަމަ، ހެކިބަސްދިނުމުގެ އަމުރެއް ކޮށްގެން ކޯޓަށް ހާޒިރުވާންޖެހޭ މީހާ ހެކިބަސްނުދީފި ޙާލަތެއްގައި ޢަމަލުކުރެވޭ އުސޫލުން އޭނާއާމެދުވެސް ޢަމަލުކުރުމުގެ ބާރު ކޯޓަށް ލިބިގެންވެއެވެ.
114.
:
ގުޅުން ހުރި ހެކި
ވަކި ވާޤިޢާއަކާއި ވަކި ހެއްކަކާމެދު ގުޅުން ހުރި ހެކި ކަމަށް ބެލެވޭނީ، ޤާނޫނީގޮތުން ގުޅުން ހުރި ހެއްކެއް، މާއްދީގޮތުން ގުޅުން ހުރުމުގެ ސަބަބުން، އެ ހެއްކެއް ކޯޓަށް ބަލައިގެންފި ކަމަށްވާނަމަ، ޝަރީޢަތުގައި އޮތް މައްސަލައިގައި ހިމެނޭ ވާޤިޢާއެއް ވުޖޫދުގައި އޮތްކަން ސާބިތުކޮށްދިނުމަށް އެހީތެރިވެދޭ ކަމަށް ވާނަމައެވެ.
115.
:
ގުޅުން ނެތް ސަބަބެއްކަމަށް ނުބެލުން
އަންނަނިވި ޙާލަތްތަކުގެ ތެރެއިން ޙާލަތެއް ވުޖޫދުގައި އޮތުމަކީ، އޭގެ ޒާތުގައި ހެއްކެއް އެއީ ގުޅުން ހުރި ހެއްކެއް ނޫންކަމަށް ކަނޑައެޅުމަށް އޮތް ސަބަބެއްނޫނެވެ.
(ހ)
އެ ހެކި ގުޅެނީ ހެކިބަސް ދިން މީހާގެ އިތުބާރު އޮތް މިންވަރެއްގެ މައްޗަށް ކަމުގައިވުން؛
(ށ)
އެ ހެކި ގުޅެނީ ބަލައިގަނެވެން ހުރި އެހެން ހެއްކަކާ ކަމުގައިވުން؛
(ނ)
އެ ހެކި ގުޅެނީ ހޯދަންޖެހޭ ހެއްކެއް ހޯދިފައިނުވާ ކަމުގެ މައްޗަށް ކަމުގައިވުން.
116.
:
ގުޅުން ހުރި ހެކި ބަލައިގަތުން
(ހ)
މި ޤާނޫނުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާނަމަ، ގުޅުން ހުރި ހެއްކަކީ ކޯޓަށް ބަލައިގަނެވޭނެ ހެއްކެވެ.
(ށ)
ގުޅުން ހުރި ހެއްކަށް ނުވާ ހެއްކަކީ ކޯޓަށް ބަލައިގަނެވޭނެ ހެއްކެއް ނޫނެވެ.
117.
:
އިވުނުކަމަށް ބުނާ ހެކި
(ހ)
އިވުނުކަމަށް ބުނާ ހެއްކަކީ، އޭގެ ޒާތުގައި ހެކީގެ ގޮތުގައި ޝަރީޢަތަށް ބަލައިގަނެވޭނެ ހެއްކެއް ނޫނެވެ.
(ށ)
މި މާއްދާގެ (ހ) އެހެން އޮތްނަމަވެސް، މި ޤާނޫނުގެ ދަށުން އިސްތިސްނާކުރެވޭ ޙާލަތެއް ވުޖޫދުގައި އޮތް ކަމަށްވާނަމަ، އިވުނު ކަމަށް ބުނާ ހެއްކަކީ، ޝަރީޢަތަށް ބަލައިގަނެވިދާނެ ހެއްކެކެވެ.
(ނ)
އިވުނު ކަމަށް ބުނާ ހެއްކަކީ ދެވަނަ ދަރަޖައިގެ ހެއްކެވެ.
118.
:
އިވުނު ކަމަށް ބުނާ ހެކީގެ ތެރެއިން ބަލައިގަނެވޭނެ ހެކި
އިވުނު ކަމަށް ބުނާ ހެކީގެ ތެރެއިން، މި ޤާނޫނުގެ ދަށުން ބަލައިގަނެވޭނެ ބާވަތުގެ ހެކި ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.
(ހ)
މަރުގެ ތުންފަތްމަތީގައި އޮތް މީހާ މަރުވުމުގެ ކުރިން، ވަކި ކަމަކާ ބެހޭގޮތުން ނުވަތަ ވަކި އެއްޗަކާ ބެހޭގޮތުން ބުނާބުނުން އެއީ، އެކަން ވުޖޫދުގައި އޮތްކަން ސާބިތުކޮށްދިނުމަށްޓަކައި ހުށަހެޅިދާނެ ހެއްކެކެވެ. އަދި މަރުވިމީހާ އެ ވާހަކަ ދެއްކި އަޑުއިވުނު މީހަކު، މަރުވިމީހާއަށް ޙަވާލާދީ، އޭނާ ބުނީ ތެދު ބުނުމެއްކަން ސާބިތުކޮށްދިނުމަށްޓަކައި، އެކަން ހެކީގެ ގޮތުގައި ކޯޓަށް ހުށަހެޅިދާނެއެވެ.
(ށ)
ކުއްލިއަކަށް ދިމާވާ ކަމެއް ނުވަތަ ކުއްލިއަކަށް ދިމާވާ ޙާލަތެއް ދިމާވާހިނދު އެކަމަށް ދެވޭ ރައްދެއްގެ ގޮތުގައި، ކުއްލިއަކަށް ތިމާއަށް ބުނެވޭ ވާހަކަ ނުވަތަ ތިމާއަށް ދައްކުވައިދެވޭ ނިޝާންތައް ނުވަތަ ތިމާއަށް ކުރެވޭ އިޝާރާތްތައް، އެ ވަގުތު ފެނުނު މީހަކަށް އެ އިޝާރާތްތައް އޭނާ ކުރި ކަމަށް ޙަވާލާދީ، އެ ޙާލަތު ވުޖޫދުގައި އޮތްކަން ސާބިތުކޮށްދިނުމަށްޓަކައި އެކަން ހެކީގެ ގޮތުގައި ކޯޓަށް ހުށަހެޅިދާނެއެވެ.
(ނ)
ކަމެއް ދިމާވާ ޙާލަތުގައި އެ ތަނެއްގައި އެ ވަގުތު ތިބި ބަޔަކަށް އެކަމެއް ފެނުނު ގޮތް މީހަކަށް ކިޔައިދީފައިވާނަމަ، އެކަމެއް ދިމާވިކަން ސާބިތުކޮށްދިނުމަށްޓަކައި، އެ ވާހަކަ ކިޔައިދިން މީހުންނަށް ޙަވާލާދީ، އެ ވާހަކަ އޭނާއަށް ކޯޓަށް ހެކީގެ ގޮތުގައި ހުށަހެޅިދާނެއެވެ.
(ރ)
ތިމާގެ އަމިއްލަ މާލީ މަޞްލަޙަތަކާ ދެކޮޅަށް ނުވަތަ ތިމާގެ އަމިއްލަ ޖިނާއީ މަޞްލަޙަތަކާ ދެކޮޅަށް މީހަކު ބުނާ ބަހެއް އެގޮތަށް ބުނި އަޑު އެހި މީހާއަށް، އެކަން ހެކީގެ ގޮތުގައި ކޯޓަށް ހުށަހެޅިދާނެއެވެ.
(ބ)
ދައުލަތުގެ މުވައްޒަފަކު އޭނާގެ މަޤާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ރަސްމީ ރިކޯޑެއްގައި ހިމަނާފައިވާ މަޢުލޫމާތެއް، ނުވަތަ އެ ޤައުމެއްގެ ޤާނޫނުން ވަކި މަސްއޫލިއްޔަތެއް ޙަވާލުކޮށްފައިވާ މީހަކު އެ މަސްއޫލިއްޔަތު އަދާކުރުމުގައި މައްސަލައިގައި ހިމެނޭ ވާޤިޢާއަކާ ގުޅޭގޮތުން ރަސްމީ ރިކޯޑެއްގައި ހިމަނާފައިވާ މަޢުލޫމާތެއް ދުށް މީހަކު، އެ ރިކޯޑަކުން އެ އެއްޗެއް ދުށް ކަމަށް ޝަރީޢަތުގެ މަޖިލީހުގައި ބުނާ ބުނުމަކީ، އެ ރިކޯޑުގައި އޮތް އެއްޗެއް ވުޖޫދުގައި އޮތް ކަމަށް ސާބިތުކޮށްދިނުމަށްޓަކައި ކޯޓަށް ހުށަހެޅިދާނެ ހެއްކެކެވެ.
(ޅ)
ވިޔާފާރީގެ މުޢާމަލާތުތަކުގައި، ޢާންމުކޮށް ގަވާއިދުން ބަލަހައްޓާ ހިސާބުތަކުގައި ހިމެނޭ މަޢުލޫމާތެއް ދުށް މީހަކު، އެ ހިސާބުތަކުން އެ އެއްޗެއް ދުށް ކަމަށް ކޯޓުގައި ބުނާ ބުނުމަކީ، އެ ހިސާބުތަކުގައި އޮތް އެއްޗެއް ވުޖޫދުގައި އޮތްކަން ސާބިތުކޮށްދިނުމަށްޓަކައި ކޯޓަށް ހުށަހެޅިދާނެ ހެއްކެކެވެ.
(ކ)
ތިމާގެ މައްޗަށް ކުރެވޭ ތުހުމަތަކުން ދިފާޢުވުމަށްޓަކައި، މީޑިއާގައި ނުވަތަ އެހެންވެސް ޢާންމު ތަނެއްގައި ދައްކާފައިވާ ވާހަކަ އަޑުއިވުނު މީހަކު، އޭނާ އެ ވާހަކަ ދެއްކިކަން ބަޔާންކޮށްދިނުމަށްޓަކައި، އެކަން ހެކީގެ ގޮތުގައި ކޯޓަށް ހުށަހެޅިދާނެއެވެ.
(އ)
އެހެން ޝަރީޢަތެއްގައި މީހަކު ދީފައިވާ ހެކިބަހަކީ، ފަހުން ހިނގަމުންދާ ޝަރީޢަތެއްގައި، އެ މީހަކާ ދެކޮޅަށް، ހެއްކެއްގެ ގޮތުގައި ކޯޓަށް ހުށަހެޅިދާނެ ހެއްކެކެވެ.
(ވ)
ވިޔަފާރީގެ ޢާންމު އުސޫލުގެ ދަށުން ތިރީގައި ބަޔާންކޮށްފައިވާ ކަންކަމުގެ ތެރެއިން ކަމެއް ހިމެނޭގޮތުން، މީހަކު ދީފައިވާ ބަޔާން ހެކީގެ ގޮތުގައި ކޯޓަށް ހުށަހެޅިދާނެއެވެ.
(1)
ވިޔަފާރީގައި ނުވަތަ ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރުމުގައި ޢާންމުކޮށް ބަލަހައްޓާ ލިޔެކިޔުމުގައި އޭނާ ފާހަގަކޮށްފައިވާ އެއްޗެއް ނުވަތަ ކަމެއް؛
(2)
ފައިސާއެއް ނުވަތަ މުދަލެއް ނުވަތަ ސެކިއުރިޓީއެއް ނުވަތަ އެނޫންވެސް ބާވަތެއްގެ މުދަލަކާ ޙަވާލުވި ކަމަށް ބަޔާންކޮށް އޭނާ ލިޔެފައިވާ ނުވަތަ ސޮއިކޮށްފައިވާ ލިޔުމެއް؛
(3)
އޭނާ ލިޔެފައިވާ ނުވަތަ ސޮއިކޮށްފައިވާ ވިޔަފާރީގެ މުޢާމަލާތަކާބެހޭ ލިޔުމެއް؛
(4)
އޭނާ ލިޔެފައިވާ ނުވަތަ ސޮއިކޮށްފައިވާ ސިޓީއެއް ނުވަތަ އެނޫންވެސް ޢާންމުކޮށް ތާރީޚު ޖަހަންޖެހޭ ލިޔުމެއްގެ ތާރީޚު ބަޔާންކޮށްދީފައިވާ ބަޔާނެއް.
(މ)
ބައެއްގެ މެދުގައި ލޭގެ ގުޅުމެއް ނުވަތަ ކާވެނީގެ ގުޅުމެއް ނުވަތަ ބެލެނިވެރިކަމުގެ ގުޅުމެއް އޮތްކަމާމެދު އެފަދަ ގުޅުމެއްގެ ޚާއްޞަ މަޢުލޫމާތެއް ލިބިފައިވާ މީހަކު ދީފައިވާ ބަޔާނެއް ދީފައިވަނީ، އެފަދަ ގުޅުމެއް އޮތްކަމާމެދު ދެބަސްވުމެއް އުފެދުމުގެ ކުރިން ކަމުގައިވާނަމަ، އެކަން ހެކީގެ ގޮތުގައި ކޯޓަށް ހުށަހެޅިދާނެއެވެ.
(ފ)
މަރުވެފައިވާ ބައެއްގެ މެދުގައި ލޭގެ ގުޅުމެއް ނުވަތަ ކާވެނީގެ ގުޅުމެއް ނުވަތަ ބެލެނިވެރިކަމުގެ ގުޅުމެއް އޮތްކަމާމެދު އެމީހުން ނިސްބަތްވާ ޢާއިލާއާ ގުޅޭގޮތުން ވަޞިއްޔަތެއްގައި ނުވަތަ އެއްބަސްވުމެއްގައި ނުވަތަ ޢާއިލާގެ ނަސަބު ދައްކައިދޭ ލިޔުމެއްގައި ނުވަތަ އެނޫންވެސް އެފަދަ ކަންކަން ބަޔާންކުރާ ލިޔުމެއްގައި މީހަކު ބަޔާނެއް ދީފައިވަނީ، އެފަދަ ގުޅުމެއް އޮތްކަމާމެދު ދެބަސްވުމެއް އުފެދުމުގެ ކުރިން ކަމުގައިވާނަމަ، އެކަން ހެކީގެ ގޮތުގައި ކޯޓަށް ހުށަހެޅިދާނެއެވެ.
(ދ)
ދައުލަތުގެ މުވައްޒަފަކު އޭނާގެ ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރުމުގައި ދީފައިވާ ބަޔާނެއް، ހެކީގެ ގޮތުގައި ކޯޓަށް ހުށަހެޅިދާނެއެވެ.
119.
:
އިވުނު ކަމަށް ބުނާ ހެކި ބަލައިގަނެވޭނެ ޙާލަތްތައް
އިވުނު ކަމަށް ބުނާ ހެކީގެ ގޮތުގައި ބަލައިގަނެވޭނެ ކަމަށް މި ޤާނޫނުގެ 118 ވަނަ މާއްދާގައި ކަނޑައަޅާފައިވާ ހެކި ހުށަހެޅޭނީ، އެ ހެކިބަހުގައި ވަކި ކަމެއް ކުރި ކަމަށް ނުވަތަ ވަކި އެއްޗެއް ބުނި ކަމަށް ޙަވާލާދެވޭ މީހަކީ، އަންނަނިވި ޙާލަތްތަކުގެ ތެރެއިން ޙާލަތެއްގައިވާ މީހެއް ކަމަށް ޝަރީޢަތަށް ޤަބޫލުކުރެވޭ ޙާލަތުގައި، ކޯޓުގެ ހުއްދައާ އެކުގައެވެ.
(ހ)
ހޯދާ ނުފެނިފައިވާ މީހަކަށްވުން؛
(ށ)
ބަޔާނެއް ދިނުމަށްފަހު ހެކިބަސްދިނުމަށް ކޯޓަށް ހާޒިރުވުމަށް ނުކުޅެދޭ ޙާލަތެއްގައިވާ މީހަކަށްވުން؛
(ނ)
އެމީހަކު ހެކިބަސްދިނުމަށް ކޯޓަށް ހާޒިރުކުރެވެން އޮތީ އެކަށީގެންވާ ވަރަށްވުރެ ދިގު މުއްދަތެއް ހޭދަކޮށްގެން ކަމަށްވުން؛
(ރ)
އެމީހަކު ހެކިބަސްދިނުމަށް ކޯޓަށް ހާޒިރުކުރެވެން އޮތީ އެކަށީގެންވާ ވަރަށްވުރެ ބޮޑު ޚަރަދެއް ކޮށްގެން ކަމަށްވުން؛
(ބ)
މަރުވެފައިވާ މީހަކަށްވުން.
120.
:
ރައުޔު
(ހ)
ވަކި ވާޤިޢާއެއް ވުޖޫދުގައި އޮތް ކަމަށް މީހަކު ދޭ ރައުޔަކީ، މި ޤާނޫނުގައި އެހެންގޮތަކަށް ކަނޑައަޅާފައި ނުވާހާހިނދަކު، އޭގެ ޒާތުގައި ހެކީގެ ގޮތުގައި ބަލައިގަނެވޭނެ ރައުޔެއް ނޫނެވެ.
(ށ)
މި މާއްދާގެ (ހ) އެހެން އޮތްނަމަވެސް، ޤާނޫނެއްގެ ދަށުން ނުވަތަ ގަވާއިދެއްގެ ދަށުން ބާރު ލިބިގެން ދޫކުރާ ލިޔުމެއްގައި ނުވަތަ ރަސްމީ ސެޓްފިކެޓެއްގައި ނުވަތަ ރަސްމީ ލިޔުމެއްގައި، ސަބަބުތަކެއް ބަޔާންކޮށް އެ ސަބަބުތަކުގެ މައްޗަށް، އެ ލިޔުމުގައި ސޮއިކުރާ ފަރާތުން ރައުޔެއް ލިޔެފައިވާނަމަ، އެ ރައުޔަކީ މި މާއްދާގެ (ހ) ގައި ބަޔާންކުރާ އުސޫލު ހިނގާނެ ރައުޔެއް ނޫނެވެ. އަދި އެފަދަ ރައުޔަކީ، ހެކީގެ ގޮތުގައި ބަލައިގަނެވިދާނެ ރައުޔެކެވެ.
(ނ)
މި މާއްދާގެ (ހ) އެހެން އޮތްނަމަވެސް، ވަކި ކަމެއް ވުޖޫދުގައި އޮތް ކަމަށް މީހަކު ދޭ ރައުޔަކީ، އެކަމެއް ވުޖޫދުގައި އޮތްކަން ސާބިތުކުރުމަށް ނޫން އެހެން ބޭނުމެއްގައި ހުށަހެޅޭ ރައުޔެއް ކަމުގައިވާނަމަ، އެ ބޭނުމަށްޓަކައި އެ ރައުޔެއް ބަލައިގަނެވިދާނެއެވެ.
(ރ)
މި މާއްދާގެ (ހ) އެހެން އޮތްނަމަވެސް، މި ޤާނޫނުގައި ބަޔާންވެގެންވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން ހޯދޭ ޚަބީރުންގެ ރައުޔަކީ، މި މާއްދާގެ (ހ) ގައި ބުނާ އުސޫލު ހިނގާނެ ރައުޔެއް ނޫނެވެ. އަދި އެފަދަ ރައުޔަކީ ހެކީގެ ގޮތުގައި ބަލައިގަނެވިދާނެ ރައުޔެކެވެ.
121.
:
ޚަބީރުން ނޫން މީހުން ފާޅުކުރާ ރައުޔު ބަލައިގަތުން
ޚަބީރަކަށް ނުވާ މީހަކު، އަންނަނިވި ޙާލަތްތަކުގައި، ފާޅުކުރާ ރައުޔަކީ ހެކީގެ ގޮތުގައި ބަލައިގަނެވިދާނެ ރައުޔެކެވެ.
(ހ)
އޭނާ ފާޅުކުރާ ރައުޔަކީ އޭނާއަށް ފެނުނު ނުވަތަ އަޑު އިވުނު ނުވަތަ ވިސްނައިގަނެވުނު ނުވަތަ ތަޖުރިބާކުރެވުނު ޙާލަތެއް ނުވަތަ ހާދިސާއަކާ ނުވަތަ އެއްޗަކާ ގުޅޭގޮތުން އޭނާ ހާމަކުރާ ރައުޔަކަށްވުން؛ އަދި
(ށ)
އެ ހިނގާދިޔަ ހާދިސާގައި ނުވަތަ ޙާލަތެއްގައި ނުވަތަ ކަމެއްގައި އޭނާއަށް އެ ވިސްނައިގަނެވުނު ގޮތް ނުވަތަ ދޭހަކުރެވުނު ގޮތް އެނގުން މުހިންމުވެފައިވުން.
122.
:
ޚަބީރުންގެ ރައުޔު ކޯޓަށް ބަލައިގަތުން
(ހ)
ޚަބީރުންގެ ރައުޔަކީ، ހެކީގެ ގޮތުގައި ކޯޓަށް ބަލައިގަނެވިދާނެ ރައުޔެކެވެ.
(ށ)
ޚަބީރުންގެ ރައުޔު ކޯޓަށް ބަލައިގަނެވޭނީ އަންނަނިވި ޙާލަތްތަކުގައި އެކަންޏެވެ.
(1)
ޚަބީރަކަށް ވަކި ދާއިރާއެއްގެ ތަމްރީނު ނުވަތަ ތަޖުރިބާ ނުވަތަ ތަޢުލީމު ލިބިފައިވާ ކަމަށް ބުނާ ދާއިރާއަކީ، އެފަދަ ޚާއްޞަ ތަޢުލީމު ނުވަތަ ތަމްރީނު ނުވަތަ ތަޖުރިބާގެ ދާއިރާއެއް ކަމުގައި އެހެން މީހުންވެސް ޤަބޫލުކުރާ ދާއިރާއަކަށްވުން؛
(2)
ޚަބީރަކީ އޭނާގެ ޒާތުގައި ވަކި ތަޢުލީމެއް ނުވަތަ ތަމްރީނެއް ނުވަތަ ތަޖުރިބާއެއްގެ ދާއިރާއެއްގައި އެކަށިގެންވާ ތަޢުލީމާއި ތަޖުރިބާ ހުރި މީހެއް ކަމަށް ޤަބޫލުކުރެވެން އޮތުމާއި، އެފަދަ ތަޢުލީމާއި ތަޖުރިބާ ހުރުމުގެ ސަބަބުން އެ ރައުޔު ކޯޓަށް ދެވޭ ފެންވަރުގެ މީހެއް ކަމަށް ޤަބޫލުކުރެވެން އޮތުން؛
(3)
ޚަބީރުގެ ފަރާތުން ހޯދަންޖެހޭ މަޢުލޫމާތަކީ، ކަމުގެ ބާވަތުން މައްސަލައިގައި ނުހިމެނޭ ތިންވަނަ ފަރާތެއްގެ ރައުޔު ކޯޓަށް މުހިންމުވާ ކަމެއް ކަމުގައިވުން. އަދި އެއީ ކޯޓަށް އޭގެ ޒާތުގައި ކަމެއް ނިންމުމަށް އެހީތެރިވެދޭނެ ރައުޔަކަށްވުން؛
(4)
އެ ރައުޔަކީ، މައްސަލައިގެ ޙުކުމް ކޯޓުން ކަނޑައެޅުމުގެ ކުރިން، އެ މައްސަލައިގެ ޙުކުމް ކަނޑައަޅައިދޭ ރައުޔެއް ކަމުގައި ބެލެވިދާނެ ރައުޔެއް ކަމަށް ނުވުން؛
(5)
ޚަބީރުގެ ރައުޔު ބިނާވެފައިވާ މައިގަނޑު ވާޤިޢާތަކަކީ ނުވަތަ އަސްލުތަކަކީ އެހެން ޚަބީރަކަށް އެއާ ދެކޮޅު ހެދިދާނެ ނުވަތަ ޖަދަލުކުރެވިދާނެ ރައުޔަކަށް ނުވުން.
123.
:
އިޙްތިމާލުގެ އުސޫލު
އިޙްތިމާލުގެ އުސޫލުން ހެއްކެއް ކޯޓަށް ބަލައިގަންނާނީ، އެ ހެއްކެއް ބަލައިގަތުމުން ވަކި ވާޤިޢާއެއް ވުޖޫދުގައި އޮތްކަން ނުވަތަ ނެތްކަން ވަޒަންކުރުމުގައި، ކޯޓަށް އެހީތެރިކަމެއް ލިބޭ ހެއްކަކަށް، އެ އުސޫލުގެ ދަށުން ބަލައިގަނެވޭ ހެކި ވާނަމައެވެ.
124.
:
އިޙްތިމާލުގެ އުސޫލުގައި ރިޢާޔަތްކުރަންޖެހޭ ކަންކަން
އިޙްތިމާލުގެ އުސޫލު ބޭނުންކުރުމުގައި އަންނަނިވި ކަންކަމަށް ކޯޓުން ރިޢާޔަތްކުރަންވާނެއެވެ.
(ހ)
އެއްގޮތަކަށް އޭނާ ޢަމަލުކޮށްފައިވާ ޙާލަތްތަކުގެ ނިސްބަތް؛
(ށ)
އެއްގޮތަކަށް ޢަމަލުކުރި ޙާލަތްތަކުގެ ތެރޭގައި ނުވަތަ ދެމެދުގައި ހިނގާފައިވާ ވަގުތުގެ ދުރުމިން؛
(ނ)
އެއްގޮތް ޙާލަތްތަކުގައި އޭނާ އެއްގޮތަކަށް ކޮށްފައިވާ ޢަމަލު ތިމާގެވާ ނިސްބަތް ނުވަތަ އެއްގޮތްވާ ނިސްބަތް؛
(ރ)
އެއްގޮތަށް އޭނާ ޢަމަލުކޮށްފައިވާ ޙާލަތްތަކުގެ އެއްގޮތްކަން؛
(ބ)
އޭނާގެ ޢަމަލުތަކުގެ މައްޗަށް ވިސްނާއިރު އޭނާ ޢަމަލުކުރަމުންދާގޮތުގެ ވަކި ބައްޓަމެއް ދެނެގަނެވޭކަން ނުވަތަ ނޫންކަން، ނުވަތަ ވަކިކަމެއް އޭނާ ކުރަމުންދާ އުސޫލު ދެނެގަނެވޭކަން ނުވަތަ ނޫންކަން؛
(ޅ)
އިޙްތިމާލުގެ އުސޫލުގެ ދަށުން ހުށަހަޅާ ހެއްކާމެދު އެއްވެސް ފަރާތަކުން ޝައްކު އުފައްދައި އިންކާރުކޮށްފައިވާނަމަ، އެކަން؛
(ކ)
އިޙްތިމާލުގެ އުސޫލުން އެއް ފަރާތުން ހެކި ހުށަހަޅަނީ، އިޙްތިމާލުގެ އުސޫލުން އެހެން ފަރާތަކުން ހުށަހަޅާފައިވާ ހެއްކަކަށް ޖަދަލުކުރުމުގެ ގޮތުންކަން ނުވަތަ ނަފީކުރުމުގެ ގޮތުންކަން ނުވަތަ ނޫންކަން.
125.
:
ނާދިރުވުމުގެ އުސޫލު ބަލައިގަތުން
ނާދިރުވުމުގެ އުސޫލުގެ ދަށުން ކޯޓަށް ހެއްކެއް ބަލައިގަންނާނީ، އެ ހެއްކެއް ބަލައިގަތުމުން، ވަކި ވާޤިޢާއެއް ވުޖޫދުގައި އޮތްކަން ނުވަތަ ނެތްކަން ވަޒަންކުރުމުގައި، ކޯޓަށް އެހީތެރިކަމެއް ލިބޭނެ ހެއްކަކަށް، އެ އުސޫލުގެ ދަށުން ބަލައިގަނެވޭ ހެކި ވާނަމައެވެ.
126.
:
ނާދިރުވުމުގެ އުސޫލުގައި ރިޢާޔަތްކުރަންޖެހޭ ކަންކަން
ނާދިރުވުމުގެ އުސޫލު ކޯޓަށް ބަލައިގަތުމުގައި އަންނަނިވި ކަންކަމަށް ކޯޓުން ރިޢާޔަތްކުރަންވާނެއެވެ.
(ހ)
ހިނގާ ގޮސްފައިވާ ދެ ހާދިސާގެ ދޭތެރޭގައި ހިނގާފައިވާ ވަގުތު ނުވަތަ އެ ދެ ހާދިސާ ހިނގާފައިވާ ގާތްމިން؛
(ށ)
އެއް ހާދިސާ އަނެއް ހާދިސާއާ ގުޅެނީ ކިހާ ނިސްބަތަކަށްކަން؛
(ނ)
އެއް ހާދިސާގައި ހިނގާފައިވާ ކަންކަން އަނެއް ހާދިސާގައި ހިނގާފައިވަނީ ކިހާ ނިސްބަތަކަށްކަން؛
(ރ)
އެ ހާދިސާތައް ތަކުރާރުވެފައިވާ ނިސްބަތް؛
(ބ)
އެއިން ކޮންމެ ހާދިސާއެއްގައި ވަށައިގެންވާ ޙާލަތްތައް؛
(ޅ)
އެއިން ކޮންމެ ހާދިސާއަކުން ފާހަގަކުރެވޭ އެއްގޮތް ސިފަތައް؛
(ކ)
އެއިން ކޮންމެ ހާދިސާއެއް ހިނގުމަށް މެދުވެރިވެފައިވާ މައިގަނޑު ސަބަބުތައް.
127.
:
އިތުބާރުކުރެވޭ ނިސްބަތުގެ އުސޫލު
(ހ)
އިތުބާރުކުރެވޭ ނިސްބަތުގެ އުސޫލުގެ ދަށުން ހުށަހަޅާ ހެއްކަކީ، މި ޤާނޫނުގައި އެހެންގޮތަކަށް ކަނޑައަޅާފައި ނުވާހާހިނދަކު، އޭގެ ޒާތުގައި، ކޯޓަށް ބަލައިގަނެވޭނެ ހެއްކެއް ނޫނެވެ.
(ށ)
އަންނަނިވި ޙާލަތްތަކުގައި މެނުވީ، އިތުބާރުކުރެވޭ ނިސްބަތުގެ އުސޫލުން ހުށަހެޅޭ ހެކި، ކޯޓަށް ބަލައެއް ނުގަނެވޭނެއެވެ.
(1)
ކްރޮސް-އެގްޒެމިންކުރާ ވަގުތު ހުށަހެޅޭ ހެކި؛
(2)
ކްރޮސް-އެގްޒެމިންކުރާ ވަގުތުގައި ހެކިބަސް ދޭ މީހަކު ދައްކާ ވާހަކައަކާ ގުޅިގެން އޭނާއަށް އިތުބާރުކުރެވެން އޮތް ނިސްބަތް ދައްކައިދިނުމަށް ހުށަހެޅޭ ހެކި؛
(3)
ކްރޮސް-އެގްޒެމިންކުރުމުގައި ހެކިބަސް ދޭ މީހާ އިންކާރުކުރާ ކަމެއް އޮތީ އެނޫން ގޮތަކަށްކަން ދައްކައިދިނުމަށް ހުށަހެޅޭ ހެކި؛
(4)
ކުށެއްގެ ތުހުމަތުކުރެވޭ މީހާއަށް އިތުބާރުކުރެވެން އޮތް ނިސްބަތް ދައްކައިދޭ ހެކި.
128.
:
ކްރޮސް-އެގްޒެމިންކުރެވޭ ވަގުތު ނަފީކުރުމުގެ ގޮތުން ހުށަހެޅޭ ހެކި
(ހ)
ހެކިބަސް ދޭ މީހާ ދައްކާފައިވާ ވާހަކައެއް ނަފީކުރުމުގެގޮތުން ކްރޮސް-އެގްޒެމިންކުރެވޭ ވަގުތު ހުށަހެޅޭ ހެކީގެ މައްޗަށް އިތުބާރުކުރެވޭ ނިސްބަތުގެ އުސޫލެއް ނުހިނގާނެއެވެ.
(ށ)
މި މާއްދާގެ (ހ) ގެ ދަށުން ހެކި ހުށަހެޅޭނީ، އެ ހުށަހެޅޭ ހެކީގެ ސަބަބުން، ވަކި ވާޤިޢާއެއް ވުޖޫދުގައިވާކަން ސާބިތުކޮށްދިނުމަށް އެހީތެރިވެދޭނަމައެވެ.
129.
:
ނުރަނގަޅު ނިޔަތް ސާބިތުކޮށްދޭ ހެކި
(ހ)
އަންނަނިވި ކަންކަމުގެ ތެރެއިން ކަމެއް، ހެކިބަސް ދޭ މީހާގެ ކިބައިގައި ހުރިކަން ސާބިތުކޮށްދިނުމަށްޓަކައި، ހުށަހެޅޭ ހެކީގެ މައްޗަށް އިތުބާރުކުރެވޭ ނިސްބަތުގެ އުސޫލެއް ނުހިނގާނެއެވެ.
(1)
އޭނާ ވަކި ފަރާތަކަށް ޖެހިފައިވާކަން ނުވަތަ އޭނާ ވަކި ގޮތަކަށް ވާހަކަދެއްކުމުގައި ތެދުނޫން މަޢުލޫމާތު ދިނުމުގެ ނިޔަތް ނުވަތަ މަޤްޞަދު އޭނާގެ ކިބައިގައި އޮތްކަން؛
(2)
އޭނާ ދިން ހެކިބަހުގައި ބަޔާންކޮށްފައިވާ ކަންކަން އޭނާއަށް އެނގިފައި އޮތުން ލާއިޤުނޫންކަން؛
(3)
އެހެން ފަހަރެއްގައި އެހެންގޮތަކަށް ހަމަ އެ ވާހަކަ ދައްކާފައިވާކަން؛
(4)
މައްސަލައާ ގުޅުންހުރި ބާވަތެއްގެ ކުށެއް ސާބިތުވެފައިވާކަން؛
(5)
ތެދު ޙަޤީޤަތް ބަޔާންކުރަންޖެހޭ ލާޒިމު ދަނޑިވަޅެއްގައި އެނގިގެން ޤަޞްދުގައި ނުވަތަ ފަރުވާކުޑަކަމާއެކު ތެދުނޫން މަޢުލޫމާތު ދީފައިވާކަން.
(ށ)
މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އެއްވެސް ހެއްކެއް ކޯޓަށް ހުށަހެޅޭނީ، އެ ހެކިބަސް ދިން މީހާއާ ވަކިން، އެހެން މަޞްދަރުތަކުގެ މައްޗަށް ބިނާކޮށް ހޯދާ ހެއްކަށް އެ ހެކި ވުމާއެކު، އެ ތުހުމަތުތަކުގެ އަސްލަށް ހެކިބަސް ދޭ މީހާ އިންކާރުކުރާ ކަމުގައިވާނަމަ އެކަންޏެވެ.
130.
:
ދެމަފިރިންގެ ދެމެދުގައި ދެކެވޭ ވާހަކައަށް ލިބިދޭ އިމްތިޔާޒް
(ހ)
މި ޤާނޫނުގައި ނުވަތަ އެހެން ޤާނޫނެއްގައި އެހެން ގޮތަކަށް ކަނޑައަޅާފައިނުވާހާ ހިނދަކު، ކާވެނީގެ ގުޅުމެއް ދެމިއޮތްއިރު، އެ ގުޅުމުގެ އަސާސްގެ މަތީގައި، އަނބިމީހާއަށް ފިރިމީހާގެ ފަރާތުން ލިބިފައިވާ މަޢުލޫމާތާއި ފިރިމީހާއަށް އަނބިމީހާގެ ފަރާތުން ލިބިފައިވާ މަޢުލޫމާތު ހެއްކެއްގެ ގޮތުގައި ހުށަހެޅުމަށް މަޖުބޫރެއް ނުކުރެވޭނެއެވެ. އަދި، އެފަދަ މަޢުލޫމާތެއް އެ ދެމަފިރިންގެ ތެރެއިން މީހެއްގެ ފަރާތުން އެހެން މީހަކަށް ލިބިފައިވާނަމަ، އެމީހަކަށް އެ މަޢުލޫމާތެއް ދިން ފަރާތުގެ ނުވަތަ އެފަރާތެއް ތަމްސީލުކުރާ ފަރާތެއްގެ ހުއްދަ ނެތި އެ މަޢުލޫމާތެއްވެސް ހެއްކެއްގެ ގޮތުގައި ހުށައެއް ނޭޅޭނެއެވެ.
(ށ)
މި މާއްދާގެ (ހ) ގައި އެހެން އޮތްނަމަވެސް، ދެމަފިރިންގެ ތެރެއިން އެކަކު، އަނެކާއާ ދެކޮޅަށް ކުރާ ޖިނާއީ ކުށެއްގެ ސަބަބުން، އެ ކުށް ކުރި މީހާގެ މައްޗަށް އުފުލޭ ޖިނާއީ ދަޢުވާއަކާ ގުޅިގެން މަޢުލޫމާތު ހާމަކުރުމަކަށް މި މާއްދާ ހުރަހެއް ނާޅައެވެ.
(ނ)
ދެމަފިރިންގެ ދެމެދުގައި ދެކެވޭ ވާހަކަތަކަށް މި މާއްދާގެ (ހ) އިން ލިބިދޭ އިމްތިޔާޒް ދެމަފިރިން ވަރިވުމަށްފަހުގައިވެސް ދެމިއޮންނާނެއެވެ.
131.
:
ދައުލަތުގެ އިދާރާއެއްގައި ހުރި މަޢުލޫމާތު
ދައުލަތުގެ އިދާރާއަކުން އުފައްދާ ނުވަތަ ގެންގުޅޭ ނުވަތަ ބަލަހައްޓަމުންދާ މަޢުލޫމާތުގެ ތެރެއިން، ކަމާގުޅޭ ޤާނޫނެއްގެ ދަށުން ދޫކުރުން މަނާކުރެވިގެންވާ ނުވަތަ ދޫކުރުން ހިފެހެއްޓިގެންވާ މަޢުލޫމާތެއް، އެ މަޢުލޫމާތެއް ނިސްބަތްވާ އިދާރާގެ ކަމާބެހޭ މީހެއްގެ ހުއްދަ ލިބިގެން މެނުވީ ހެއްކެއްގެ ގޮތުގައި ހުށަހަޅައިގެން ނުވާނެއެވެ.
132.
:
ރަސްމީ މުޢާމަލާތްތަކަށް ލިބިގެންވާ ރައްކާތެރިކަން
ދައުލަތުގެ މުވައްޒަފަކަށް އޭނާގެ މަޤާމުގެ ހައިސިއްޔަތުން ލިބިފައިވާ ސިއްރު މަޢުލޫމާތެއް ހެކީގެ ގޮތުގައި ކޯޓަށް ހުށަހެޅޭނީ، އެފަދަ މަޢުލޫމާތު ހާމަކުރުމަށް އެ މަޢުލޫމާތެއް އެމީހަކަށް ލިބުނު ދައުލަތުގެ އިދާރާގައި ކަމާ ގުޅޭގޮތުން ޢަމަލުކުރަން އޮންނަ އުސޫލުގެ ތެރެއިން ނުވަތަ އެފަދަ މަޢުލޫމާތު ހާމަކުރުމަށް ޤާނޫނަކުން ހުއްދަކުރާ ޙާލަތެއްގައި އެ މަޢުލޫމާތު ހާމަކުރުމަށް އެ ޤާނޫނުގައި ޢަމަލުކުރަން އޮންނަ އުސޫލުގެ ތެރެއިންނެވެ.
133.
:
ކުށެއް ކުރި ކަމުގެ މަޢުލޫމާތު ހާމަކުރާ ފަރާތަށް ލިބިދޭ ރައްކާތެރިކަން
މީހަކު ކުށެއް ކުރި ކަމުގެ މަޢުލޫމާތު ދޭ ފަރާތަކީ، ނުވަތަ އެ ކަމުގެ މަޢުލޫމާތު ރިޕޯޓުކުރި ފަރާތަކީ، ކާކުކަން ނުވަތަ އެ ކަމުގެ މަޢުލޫމާތު ފަނޑިޔާރަކަށް ނުވަތަ ފުލުހަކަށް ލިބުނީ ކިހިނެއްކަން އަންގައިދޭ މަޢުލޫމާތު ހެކީގެ ގޮތުގެ ހުށަހެޅުމަށް، އެ ފަނޑިޔާރަކަށް ނުވަތަ ފުލުހަކަށް މަޖުބޫރުކޮށްގެން ނުވާނެއެވެ.
134.
:
ވަކީލާއި މުވައްކިލާ ދެމެދު ބަދަލުކުރެވޭ މަޢުލޫމާތަށް ލިބިދޭ ރައްކާތެރިކަން
(ހ)
މުވައްކިލަކު ޤާނޫނީ ވަކީލާ ޙަވާލުކުރި މައްސަލައަކާ ގުޅިގެން ނުވަތަ މަސައްކަތަކާ ގުޅިގެން، އެ ދެފަރާތުގެ ދެމެދުގައި ދެކެވުނު ވާހަކައެއް ނުވަތަ ބަދަލުކުރެވުނު މަޢުލޫމާތެއް ނުވަތަ ޤާނޫނީ ވަކީލު އޭނާގެ މުވައްކިލު ތަމްސީލުކުރުމުގެ ތެރޭގައި ލިބިފައިވާ އެއްވެސް މަޢުލޫމާތެއް ނުވަތަ ކަމަކާ ގުޅޭގޮތުން ޤާނޫނީ ވަކީލު މުވައްކިލަށް ދީފައިވާ ޤާނޫނީ ލަފައެއްގެ ބައެއްވިޔަސް މުވައްކިލުގެ ހުއްދަ ލިބިގެން މެނުވީ ޤާނޫނީ ވަކީލު ހާމަކޮށްގެން ނުވާނެއެވެ.
(ށ)
މި މާއްދާގެ (ހ) ގައި އެހެން އޮތްނަމަވެސް، ޤާނޫނީ ވަކީލާއި މުވައްކިލާ ދެމެދު ވާހަކައެއް ދެކެވުނީ ނުވަތަ ލިޔުމެއް ނުވަތަ މަޢުލޫމާތެއް ބަދަލުކުރެވުނީ ޤާނޫނާ ޚިލާފު ޢަމަލެއް ކުރުމަށް ކަމުގައިވާނަމަ އެފަދަ މަޢުލޫމާތަށް މި މާއްދާގެ (ހ) ގެ ދަށުން ރައްކާތެރިކަމެއް ލިބިގެނެއް ނުވެއެވެ.
(ނ)
މި މާއްދާގެ (ހ) ގައި ބުނާ މަޢުލޫމާތެއް ޤާނޫނީ ވަކީލަށް ލިބުނީ ސީދާ މުވައްކިލުގެ ފަރާތުން ކަމުގައިވިޔަސް ނުވަތަ ނުވިޔަސް ނުވަތަ އޭނާ ތަމްސީލުކުރާ ފަރާތެއްގެ ކިބައިން ކަމުގައިވިޔަސް ނުވަތަ ނުވިޔަސް މި މާއްދާގެ (ހ) ގެ ދަށުން ލިބިދޭ އިމްތިޔާޒް އެ މަޢުލޫމާތަށް ލިބިގެންވެއެވެ.
(ރ)
މުވައްކިލު ޤާނޫނީ ވަކީލު ޢައްޔަންކުރި ކުރުން ނިމުމަކަށް އައި ކަމުގައިވީނަމަވެސް، މުވައްކިލާއި ޤާނޫނީ ވަކީލުގެ ދެމެދުގައި ބަދަލުކުރެވޭ މަޢުލޫމާތަށް މި މާއްދާގައި (ހ) ގެ ދަށުން ލިބިގެންވާ އިމްތިޔާޒު ދެމިއޮންނާނެއެވެ.
(ބ)
މި މާއްދާގައި ބަޔާންކުރާ އުސޫލުތައް ޤާނޫނީ ވަކީލުގެ ދަށުން މަސައްކަތްކުރާ އޭނާގެ މުވައްޒަފުންނާއި އެހީތެރިންގެ މައްޗަށްވެސް ހިނގާނެއެވެ.
135.
:
ޤާނޫނީ ލަފާދޭ މީހުންނާއެކު ކުރެވޭ މުޢާމަލާތަށް ލިބިދޭ ރައްކާތެރިކަން
(ހ)
އެއްވެސް މީހަކާއި އޭނާއަށް ޤާނޫނީ ލަފާދޭ މީހަކާ ދެމެދު ކޮށްފައިވާ މުޢާމަލާތަކާގުޅޭ މަޢުލޫމާތެއް ޝަރީޢަތަށް ހާމަކުރުމަށް އެމީހަކަށް މަޖުބޫރެއް ނުކުރެވޭނެއެވެ.
(ށ)
މި މާއްދާގެ (ހ) ގައި އެހެން އޮތްނަމަވެސް، މީހަކު، އޭނާއަށް ޤާނޫނީ ލަފާދޭ މީހާ ހެއްކެއްގެ ގޮތުގައި ކޯޓަށް ހުށަހަޅައިފިނަމަ، އެ ހެކިބަސް ހޯދުމަށް ބޭނުންވާ ކަމާގުޅޭ މަޢުލޫމާތެއް ކޮންމެހެން ބޭނުންވާ މިންވަރަށް ހާމަކުރުމަށް ނުވަތަ ހެކި އިތުރަށް ތަފްޞީލުކުރުމަށް ކޮންމެހެން ބޭނުންވާ މިންވަރަށް މަޢުލޫމާތެއް ހާމަކުރުމަށް އެ ޤާނޫނީ ލަފާދޭ މީހާއަށް ކޯޓުން އެންގިދާނެއެވެ.
(ނ)
މި މާއްދާގެ (ހ) އެހެން އޮތްނަމަވެސް، ޤާނޫނީ ވަކީލާއި އޭނާގެ މުވައްކިލާ ދެމެދު ޤާނޫނާ ޚިލާފު ޢަމަލެއް ކުރުމަށް ރާވާފައިވާ ކަމުގެ ތުހުމަތުކުރެވޭހިނދު، އެކަމާ ގުޅުންހުރި ނިސްބަތަށް މަޢުލޫމާތު ހާމަކުރުމަށް ކޯޓުން އެ ވަކީލުގެ މައްޗަށް ލާޒިމުކުރެވިދާނެއެވެ.
136.
:
ނޫސްވެރިންނާއެކު ކުރެވޭ މުޢާމަލާތަށް ލިބިދޭ އިމްތިޔާޒް
(ހ)
ނޫސްވެރިޔަކަށް ވަކި މަޢުލޫމާތެއް ދިން މީހާ އެ މަޢުލޫމާތު ދިނީ އޭނާއަކީ ކާކުކަން ހާމަނުކުރާނެ ކަމުގައި އެ ނޫސްވެރިޔާ ވެފައިވާ ވަޢުދެއްގެ މައްޗަށް ބިނާކޮށް ކަމުގައިވާނަމަ، އެ މަޢުލޫމާތު ދިން މީހާއަކީ ކާކުކަން އަންގައިދޭނެ ނުވަތަ ކާކުކަން އަންގައިދިނުމަށް އެހީއަކަށް ވެދާނެ އެއްވެސް މަޢުލޫމާތެއް ޝަރީޢަތަށް ހާމަކުރުމަށް އެ ނޫސްވެރިޔާގެ މައްޗަށް ނުވަތަ އޭނާ ވަޒީފާ އަދާކުރާ ތަނުގެ މައްޗަށް މަޖުބޫރެއް ނުކުރެވޭނެއެވެ.
(ށ)
މި މާއްދާގެ (ހ) އެހެން އޮތްނަމަވެސް، މައްސަލައެއްގެ ޚަޞްމަކު ހުށަހަޅާ ހުށަހެޅުމެއްގެ މައްޗަށް ބިނާކޮށް، ޝަރީޢަތުން ފައިސަލާކޮށް ގޮތެއް ކަނޑައަޅަންޖެހޭ ކަންކަމުގެ މައްޗަށް ރިޢާޔަތްކުރާއިރު، ނޫސްވެރިޔާއަށް މަޢުލޫމާތު ދިން މީހާއަކީ ކާކުކަން ހާމަކުރުމުގައި އޮތް ޢާންމު މަޞްލަޙަތު އަންނަނިވި ކަންކަމަށްވުރެ ބޮޑުކަމުގައި ޝަރީޢަތަށް ބުރަވެވޭނަމަ، ނޫސްވެރިޔާއަށް މަޢުލޫމާތު ދިން މަސްދަރު ޝަރީޢަތަށް ހާމަކުރުމަށް ނޫސްވެރިޔާގެ މައްޗަށް ނުވަތަ އޭނާ ވަޒީފާ އަދާކުރާ ތަނުގެ މައްޗަށް މަޖުބޫރުކުރެވިދާނެއެވެ.
(1)
ނޫސްވެރިޔާއަށް މަޢުލޫމާތު ދިން މީހާއަކީ ކާކުކަން ހާމަކުރުމުގެ ސަބަބުން އެ މީހާއަށް ނުވަތަ އެހެން އެއްވެސް ފަރާތަކަށް ކޮށްފާނެ ނޭދެވޭ އަސަރުގެ މިންވަރު ކުޑަވުން؛
(2)
ޚަބަރު ފަތުރާ ވަސީލަތްތައް މެދުވެރިކޮށް ވާޤިޢާއެއް ނުވަތަ ރައުޔެއް ޢާންމުންނާ ހަމައަށް ގެނައުމާމެދު އަދި ވާޤިޢާތަކުގެ މަޢުލޫމާތު ހޯދުމުގައި މަޢުލޫމާތު ދޭނެ ފަރާތްތަކާ ހަމައަށް ނޫސްވެރިންނަށް ވާސިލުވުމުގެ ޤާބިލުކަމަށް ކޮށްފާނެ ނޭދެވޭ އަސަރުގެ މިންވަރު ކުޑަވުން.
137.
:
މަދަނީ މައްސަލަ
(ހ)
މަދަނީ މައްސަލައެއްގައި ދަޢުވާއެއް ސާބިތުވާނީ، މަދަނީ މިންގަނޑުންނެވެ.
(ށ)
މަދަނީ މައްސަލައެއްގައި މަދަނީ މިންގަނޑުން ދަޢުވާއެއް ސާބިތުވުމަކީ، ދަޢުވާކުރާ ފަރާތުން ހުށަހަޅާ ކަމެއް ވުޖޫދުގައި ނެތުމަށްވުރެ އެކަމެއް ވުޖޫދުގައި އޮތުން ގާތް ކަމަށް ކޯޓަށް ޤަބޫލުކުރެވޭ ޙާލަތުގައި، އެކަމެއް އެފަދައިން ސާބިތުވާކަމަށް ކޯޓުން ކަނޑައަޅައި މައްސަލަ ނިންމުމެވެ.
(ނ)
މަދަނީ މިންގަނޑުން ކަމެއް ނިންމުމުގައި އަންނަނިވި ކަންކަމަށް ކޯޓަށް ރިޢާޔަތްކުރެވިދާނެއެވެ.
(1)
މައްސަލައިގެ ބާވަތް؛
(2)
މައްސަލައިގައި ހުށަހަޅާފައިވާ ދިފާޢުގެ ބާވަތް؛
(3)
މައްސަލައިގައި ހިމެނޭ ކަންކަމުގެ ނުވަތަ އެ މައްސަލަ ބިނާވެފައިވާ މައިގަނޑު އަސްލުތަކުގެ ބާވަތް؛
(4)
ތުހުމަތުކުރެވުނު ކަންކަމުގެ ކުޑަބޮޑުމިން.
138.
:
ޖިނާއީ މައްސަލަ
(ހ)
މީހެއްގެ މައްޗަށް ޖިނާއީ ކުށެއް ސާބިތުވެއްޖެކަމަށް ކޯޓުން ކަނޑައަޅަންވާނީ، އޭނާ އެކުށް ކުރިކަން ޖިނާއީ މިންގަނޑުން ސާބިތުކޮށްދެވިއްޖެނަމައެވެ.
(ށ)
ޖިނާއީ މިންގަނޑުން ކުށް ސާބިތުކޮށްދިނުން ކަމަށް ބުނެފައި އެވަނީ، ޖިނާއީ ކުށެއްގެ ދަޢުވާ އުފުލިފައިވާ މީހާ އެ ކުށް ކުރިކަން އެކަށީގެންވާ މިންވަރެއްގެ ޝައްކެއް ނެތި ޝަރީޢަތަށް ސާބިތުކޮށްދިނުމަށެވެ.
(ނ)
ޖިނާއީ މައްސަލައެއްގައި ދަޢުވާލިބޭ ފަރާތުން ހުށަހަޅާ ދިފާޢު، ވުޖޫދުގައި ނެތުމަށްވުރެ ވުޖޫދުގައި އޮތް ކަމަށް ޝަރީޢަތަށް ޤަބޫލުކުރެވޭ ޙާލަތުގައި، މައްސަލަ ނިންމަންވާނީ އޭނާއާ އެއްކޮޅަށެވެ. ނުވަތަ އޭނާގެ ދިފާޢު އޭނާއާ އެއްކޮޅަށް ސާބިތުވާ ކަމަށް ކޯޓުން ނިންމަންވާނެއެވެ.
139.
:
މަދަނީ މައްސަލަތަކުގެ އިތުރުން,ޖިނާއީ މައްސަލަތަކުގައި މަދަނީ މިންގަނޑު ތަޠްބީޤުކުރެވޭނެ ޙާލަތްތައް
(ހ)
މި މާއްދާގެ ބޭނުމަށްޓަކައި 'މަދަނީ މިންގަނޑު' ކަމަށް ބުނެފައި އެވަނީ، ކަމެއް ވުޖޫދުގައި ނެތުމަށްވުރެ ވުޖޫދުގައި އޮތުން ގާތްވުމުގެ މިންގަނޑަށެވެ.
(ށ)
މަދަނީ މައްސަލަތަކުގައިވެސް، އަދި ޖިނާއީ މައްސަލަތަކުގައިވެސް، ކޯޓުގެ ކުރިމައްޗަށް ހުށަހެޅިފައިވާ ވަކިވަކި ނުކުތާތަކުގެ ތެރެއިން ނުކުތާއެއް، ނުވަތަ ވަޤާއިޢުގެ ތެރެއިން ވަކި ވާޤިޢާއެއް ވުޖޫދުގައި އޮތްކަން ނުވަތަ ނެތްކަން ކަނޑައެޅުމަށްޓަކައި ބަލާނެ މިންގަނޑަކީ މަދަނީ މިންގަނޑެވެ.
(ނ)
މަދަނީ މައްސަލައެއްގައި، ދަޢުވާކުރާ ފަރާތުގެ ކޮޅަށް ނުވަތަ މައްސަލައިގައި ދަޢުވާލިބޭ ފަރާތުގެ ކޮޅަށް މައްސަލަ ނިންމުމުގައި ބަލާނީ، އެ ދެފަރާތުގެ މައްޗަށް ވަކިވަކިން މަދަނީ މިންގަނޑު ސާބިތުކުރެވެން ހުރި ކަންކަމުގެ މުޅި ޖުމްލަ ވަޒަންކުރާއިރު، މަދަނީ މިންގަނޑާ އެއް ފެންވަރަށް، ދަޢުވާކުރާ ފަރާތުގެ ކޮޅަށް، ނުވަތަ ދަޢުވާލިބޭ ފަރާތުގެ ކޮޅަށް އެކަމެއް ސާބިތުވޭތޯއެވެ.
(ރ)
މި މާއްދާގެ (ށ) އެހެން އޮތްނަމަވެސް، ޖިނާއީ މައްސަލައެއްގައި، ދަޢުވާކުރާ ފަރާތުގެ ކޮޅަށް މައްސަލަ ނިންމުމުގައި ބަލާނީ، ދަޢުވާކުރާ ފަރާތުން ހުށަހެޅި ކަންކަމުގެ ތެރެއިން ވަކިވަކިން މަދަނީ މިންގަނޑު ސާބިތުކުރެވެން ހުރި ކަންކަމުގެ މުޅި ޖުމްލަ ވަޒަންކުރާއިރު، ޖިނާއީ މިންގަނޑުން އެ ދަޢުވާއެއް ސާބިތުވޭތޯއެވެ.
140.
:
އިސްލާމްދީނުގައި ޙައްދު އަދި ޤިޞާޞް ކަނޑައެޅިފައިވާ ކުށްތައް ސާބިތުކުރުން
(ހ)
މި ޤާނޫނުގެ 138 ވަނަ މާއްދާގެ (ހ) އާއި (ށ) އެހެން އޮތްނަމަވެސް، އިސްލާމް ދީނުގައި ޙައްދު ނުވަތަ ޤިޞާޞް ކަނޑައެޅިފައިވާ ކުށެއް މީހެއްގެ މައްޗަށް ސާބިތުކުރަންވާނީ، އަދި އެ ކުށުގެ އަދަބެއްގެ ގޮތުން ޤިޞާޞްގެ އަދަބު ނުވަތަ ޙައްދުގެ އަދަބު ދިނުމަށް ކޯޓުން ޙުކުމް ކުރަންވާނީ، އެ ކުށް އޭނާ ކުރިކަން އެއްވެސް ޝައްކެއް ނެތް މިންވަރަށް ސާބިތުކޮށްދެވިއްޖެނަމައެވެ.
(ށ)
އިސްލާމްދީނުގައި ޙައްދު ކަނޑައަޅާފައިވާ ކުށްތަކުގެ ތެރެއިން ޒިނޭގެ ކުށް މީހެއްގެ މައްޗަށް ސާބިތުކުރެވޭނީ 4 (ހަތަރު) ފިރިހެނުންގެ ހެކިބަހުން ނުވަތަ ތުހުމަތުކުރެވޭ ފަރާތުގެ އަމިއްލަ އިޢުތިރާފުންނެވެ.
(ނ)
ޒިނޭގެ ކުށް ފިޔަވައި، އިސްލާމް ދީނުގައި ޙައްދު ކަނޑައެޅިފައިވާ ކުށެއް ނުވަތަ ޤިޞާޞް ކަނޑައެޅިފައިވާ ކުށެއް މީހެއްގެ މައްޗަށް ސާބިތުކުރެވޭނީ 2 (ދޭއް) ފިރިހެނުންގެ ހެކިބަހުން ނުވަތަ ތުހުމަތުކުރެވޭ ފަރާތުގެ އަމިއްލަ އިޢުތިރާފުންނެވެ.
(ރ)
އިސްލާމް ދީނުގައި ޙައްދު ނުވަތަ ޤިޞާޞް ކަނޑައެޅިފައިވާ ކުށެއް މި މާއްދާގެ (ށ) ނުވަތަ (ނ) ގެ ދަށުން މީހެއްގެ މައްޗަށް ސާބިތުވާ ކަމަށް ކޯޓަކުން ކަނޑައަޅަންވާނީ، އެ މާއްދާތަކުގައި ބަޔާންކުރާ ހެކީންގެ ހެކިބަހަކީ، ނުވަތަ ތުހުމަތުކުރެވޭ ފަރާތުން ވާ އިޢުތިރާފަކީ، މި ޤާނޫނުގައި ބަޔާންކުރާ ޝަރުޠުތައް ފުރިހަމަވާ ހެކިބަހެއް ނުވަތަ އިޢުތިރާފެއް ކަމުގައިވުމާއެކު، ޙައްދު ނުވަތަ ޤިޞާޞް ކަނޑައެޅިފައިވާ ކުށެއްގެ އަދަބު ކަނޑައެޅުމުގައި ހެކީންގެ ހެކިބަހުގައި ނުވަތަ އިޢުތިރާފުގައި ފުރިހަމަވާންޖެހޭ ކަމަށް ކަމާބެހޭ އެހެން ޤާނޫނެއްގައި ބަޔާންކުރާ އެންމެހައި ޝަރުޠުތައް ފުރިހަމަވާނަމައެވެ.
(ބ)
އެހެން ޤާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާހާ ހިނދަކު، މި މާއްދާގެ (ހ) އެހެން އޮތްނަމަވެސް، އިސްލާމް ދީނުގައި ޙައްދު ނުވަތަ ޤިޞާޞް ކަނޑައެޅިފައިވާ ކުށެއް އެ އަކުރުގައި ބަޔާންކުރާ މިންގަނޑުން ސާބިތުނުވިނަމަވެސް، އެ ކުށް، މި ޤާނޫނުގެ 138 ވަނަ މާއްދާގައި ބަޔާންކުރާ ޖިނާއީ މިންގަނޑުން ސާބިތުވާނަމަ، އެ ކުށަކަށް ޤާނޫނުގައި ކަނޑައަޅާފައިވާ އެހެން އަދަބެއް ދެވިދާނެއެވެ.
141.
:
ހެކިބަސް ދޭ މީހުންގެ ޢަދަދު
ކަމެއް ސާބިތުކުރުމަށް ހެކިބަސް ދޭ މީހުން ވަކި ޢަދަދަކަށް ބޭނުންވާނެކަމަށް އިސްލާމްދީނުގެ އަސްލެއްގައި ކަނޑައަޅާފައިވާނަމަ، އެކަމެއް ސާބިތުކުރުމަށް އެ ޢަދަދަށް ހެކިބަސް ދޭ މީހުން ބޭނުންވާނެއެވެ.
142.
:
އަންހެނުންނާއި ފިރިހެނުންގެ ހެކިބަސް
ކަމެއް ސާބިތުކުރުމަށް ވަކި ޢަދަދަކަށް ފިރިހެނުންގެ ހެކިބަސް ބޭނުންވާނެ ކަމަށް ނުވަތަ ވަކި ޢަދަދަކަށް އަންހެނުންގެ ހެކިބަސް ބޭނުންވާނެ ކަމަށް އިސްލާމްދީނުގެ އަސްލެއްގައި ކަނޑައަޅާފައިވާނަމަ، އެކަމެއް ސާބިތުކުރުމަށް އެ ޢަދަދަށް ފިރިހެނުންގެ ނުވަތަ އަންހެނުންގެ ހެކިބަސް ބޭނުންވާނެއެވެ. އެނޫން ޙާލަތްތަކުގައި، ފިރިހެނުންނާއި އަންހެނުންގެ ހެކިބަސް ހަމަހަމަވެގެންވެއެވެ.
143.
:
ޣައިރު މުސްލިމުންގެ ހެކިބަސް
މުސްލިމެއްގެ މައްޗަށް ކަމެއް ސާބިތުކުރުމަށް ޣައިރު މުސްލިމެއްގެ ހެކިބަސް ހުށަނޭޅޭނެ ކަމަށް އިސްލާމްދީނުގެ އަސްލެއްގައި ކަނޑައަޅާފައިވާ ކަންކަމާއި ޙާލަތްތަކުގައި ފިޔަވައި އެނޫން ކަންކަމާއި ޙާލަތްތަކުގައި، ޣައިރު މުސްލިމެއްގެ ހެކިބަސް މުސްލިމެއްގެ ހެކިބަހާ ހަމަހަމަވެގެންވެއެވެ.
144.
:
ހެކި ހުށަހެޅުމެއް ނެތި ސާބިތުވެގެންވާ ކަންކަން
(ހ)
މައްސަލަ ހިންގޭ ކޯޓު ނިސްބަތްވާ ޝަރުޢީ ދާއިރާގައި ޢާންމުކޮށް އެނގޭ އަދި ދެބަސްވުމެއް ނެތި ޤަބޫލުކުރެވޭ ކަންކަމާއި، އެ މަސްދަރެއްގެ ޞައްޙަކަމާމެދު ޢާންމު އުސޫލުން ސުވާލުނުއުފެދޭ މަސްދަރަކުން ޞައްޙަކަމާއެކު އަދި އިތުރު ސާބިތުކުރުމަކާ ނުލައި އެނގެންހުރި ކަންކަމަކީ، ހެކި ހުށަހެޅުމަކާ ނުލައި، ކޯޓަށް ސާބިތުވެގެންވާ ކަންކަން ކަމުގައި ބެލެވޭނެ ކަންކަމެވެ.
(ށ)
މި މާއްދާގެ (ހ) ގެ ބޭނުމަށްޓަކައި، އަންނަނިވި ކަންކަމަކީ، ހެކި ހުށަހެޅުމަކާ ނުލައި، ސާބިތުވެގެންވާ ކަންކަން ކަމުގައި ބެލެވޭނެ ކަންކަމެވެ.
(1)
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި، ދިވެހިރާއްޖޭގައި ޢަމަލުކުރަމުންދާ އެންމެހައި ޤާނޫނުތަކާއި، ކުރިން ޢަމަލުކުރަމުންދިޔަ އެންމެހައި ޤާނޫނުތަކާއި، އެއިން ޤާނޫނަކުން ބާރު ލިބިގެން ހަދާ ގަވާއިދުތައް؛
(2)
ދައުލަތުގެ ނިޝާނާއި، ވެރިކަން ހިންގާ ފަރާތުގެ ސިއްކައާއި، ދިވެހިރާއްޖޭގެ ޝަރުޢީ ކޯޓުތަކުގެ ސިއްކައާއި، ޝަރުޢީ ދާއިރާގައި ހިމެނޭ އިދާރާތަކުގެ ސިއްކައާއި، ރައްޔިތުންގެ މަޖިލީހާއި އެ މަޖިލީހުގެ ކޮމިޓީތަކުގެ ސިއްކައާއި، ޤާނޫނަކުން ބާރު ލިބިގެން ބޭނުންކުރާ އެނޫންވެސް ސިއްކައާއި، ދިވެހިރާއްޖޭގައި ޤާއިމުކޮށްފައިވާ ބޭރު ޤައުމުތަކުގެ އެމްބަސީތަކުގެ ސިއްކަ؛
(3)
ރައީސުލްޖުމްހޫރިއްޔާގެ މަޤާމަށާއި، ރައީސުލްޖުމްހޫރިއްޔާގެ ނާއިބުގެ މަޤާމަށް އިންތިޚާބުކުރާ މީހުން؛
(4)
ވަޒީރުންގެ މަޖިލީހަށް ޢައްޔަނުކުރާ މީހުން؛
(5)
މުސްތަޤިއްލު މަޤާމުތަކަށް ޢައްޔަނުކުރާ މީހުން؛
(6)
ދިވެހިރާއްޖޭގެ ޤައުމީ ދިދައާއި ޤައުމީ ބަހާއި ދައުލަތުގެ ދީން؛
(7)
ޤުދުރަތީގޮތުން ކަންހިނގާ ގޮތާއި، ޤުދުރަތީގޮތުން ގަޑިތައް ބެހިފައިވާ ގޮތާއި، ބައިނަލްއަޤްވާމީ ގޮތުން ވަގުތުތައް ބަހާފައިވާ ޒޯނުތަކާއި، ޖިއޮގްރަފީގެގޮތުން ދުނިޔޭގެ ބައްރުތަކާއި ޤައުމުތައް ބަހާލެވިފައިވާ ގޮތް؛
(8)
ސަރުކާރުން ކަނޑައަޅާފައިވާ ރަސްމީ ބަންދު ދުވަސްތަކާއި މުނާސަބަތުތަކާއި ހަފްތާގެ ހަތްދުވަސް ތަރުތީބުވެ ހިނގަމުންދާ ގޮތް؛
(9)
ދިވެހިރާއްޖެއިން ބައިވެރިވެފައިވާ ބައިނަލްއަޤްވާމީ މުޢާހަދާތައް؛
(10)
ދިވެހިރާޖެއިން ބައިވެރިވެފައިވާ ބައިނަލްއަޤްވާމީ ޖަމާޢަތްތައް؛
(11)
ދިވެހިރާއްޖެއިން ޑިޕްލޮމެޓިކް ގުޅުން ޤާއިމުކޮށްފައިވާ ޤައުމުތައް؛
(12)
ދިވެހިރާއްޖޭގެ ޝަރުޢީ ކޯޓުތަކުގެ ފަނޑިޔާރުންނާއި، ރަޖިސްޓްރާރުންނާއި، ދިވެހިރާއްޖޭގައި ވަކާލާތުކުރުމުގެ ހުއްދަ ލިބިފައިވާ ޤާނޫނީ ވަކީލުން؛
(13)
ހެއްކެއް ހުށަހެޅުމަކާ ނުލައި ޝަރީޢަތަށް ޤަބޫލުކުރަންވާނެ ކަމަށް އެހެން ޤާނޫނަކުން ކަނޑައަޅާ ކޮންމެ ކަމެއް.
)ނ)
މި މާއްދާގެ (ހ) އަދި (ށ) ގައި ބަޔާންކުރާ ކަންކަމުގެ ތެރެއިން ވަކި ކަމަކީ ހެކި ހުށަހެޅުމަކާ ނުލައި، ކޯޓަށް ސާބިތުވެގެންވާ ކަންކަން ކަމުގައި ކޯޓުން އަމިއްލައަށް ބެލިދާނެއެވެ. ނުވަތަ ވަކި ކަމަކީ ހެކި ހުށަހެޅުމަކާ ނުލައި، ކޯޓަށް ސާބިތުވެގެންވާ ކަންކަން ކަމުގައި ބަލައިގަތުމަށް އެދި ކަމާގުޅޭ މަޢުލޫމާތާއެކު ޚަޞްމަކަށް ހުށަހެޅިދާނެއެވެ.
145.
:
ޢާންމު އުޞޫލު
(ހ)
މި ޤާނޫނުގައި ނުވަތަ އެހެންވެސް ޤާނޫނެއްގައި އެހެންގޮތަކަށް ބަޔާންކޮށްފައި ނުވާހާހިނދަކު، ތިމާއަށް ލިބިދޭ ޤާނޫނީ ޙައްޤެއް ނުވަތަ އަނެއް މީހާ އުފުލަންޖެހޭ ޤާނޫނީ ޒިންމާއެއް އޮތް ކަމަށްބުނެ ދަޢުވާއެއް އުފުލައިފިނަމަ، އެ ކަމެއް އެގޮތަށް އޮތްކަން ސާބިތުކޮށްދޭނީ އެ ދަޢުވާއެއް އުފުލާ ފަރާތުންނެވެ.
(ށ)
ވަކި ކަމެއް ވުޖޫދުގައިވާކަން ނުވަތަ ނުވާކަން ސާބިތުކުރުން ލާޒިމުވާ ޙާލަތުގައި، އެކަމެއް ސާބިތުކުރުމުގެ ޒިންމާ އޮންނާނީ، މި ޤާނޫނުގައި ނުވަތަ އެހެންވެސް ޤާނޫނެއްގައި އެހެންގޮތަކަށް ބަޔާންކޮށްފައި ނުވާހާހިނދަކު، އެކަމެއް ވުޖޫދުގައިވާކަމަށް ނުވަތަ ނުވާކަމަށް ބުނާ ފަރާތުގެ ކިބައިގައެވެ.
(ނ)
މި ޤާނޫނުގައި ނުވަތަ އެހެންވެސް ޤާނޫނެއްގައި އެހެންގޮތަކަށް ބަޔާންކޮށްފައި ނުވާހާހިނދަކު، ދަޢުވާއެއް ސާބިތުކުރުމުގެ ޒިންމާ އޮންނާނީ، އެ ދަޢުވާ އެ މައްޗަށް ބިނާވެފައިވާ ކަމަކާ ގުޅިގެން މައްސަލައިގައި ހިމެނޭ ދެ ޚަޞްމުންކުރެ ޚަޞްމަކަށް އެއްވެސް ހެއްކެއް ހުށަނޭޅިއްޖެނަމަ، އެ ޚަޞްމަކާ ދެކޮޅަށް އެ މައްސަލަ ސާބިތުވާނެ ޚަޞްމަށެވެ.
(ރ)
ވަކި ކަމަކާ ގުޅޭގޮތުން ހެކިބަސް ދޭ މީހަކު އެހެން ކަމެއް ސާބިތުކޮށްދީގެން މެނުވީ އެ ހެކިބަސް ދޭ ކަންތައް ސާބިތުކޮށްދެވެން ނެތްނަމަ، އެކަމެއްވެސް ސާބިތުކުރުމުގެ ޒިންމާ އޮންނާނީ، އެ ހެކިބަސް ދޭ މީހާއަށެވެ.
(ބ)
ޖިނާއީ ކުށެއްގެ ދަޢުވާ އެމީހެއްގެ މައްޗަށް އުފުލިފައިވާ މީހަކު، ޤާނޫނުލްޢުޤޫބާތުން ނުވަތަ އެ ކުށް ކަނޑައަޅާ އެހެންވެސް ޤާނޫނަކުން އެ ކުށާ ގުޅޭގޮތުން ލިބިދޭ ދިފާޢެއް އޭނާއަށް ލިބިދޭ ކަމަށް ބުނާނަމަ، އޭނާއަށް އެ ދިފާޢު ލިބިދޭކަން ސާބިތުކުރުމުގެ ޒިންމާ އޮންނާނީ، އޭނާގެ މައްޗަށެވެ. އެފަދަ ދިފާޢެއް އޮތްކަން މަދަނީ މިންގަނޑުން އޭނާއަށް ސާބިތުކޮށްނުދެވިއްޖެނަމަ، އޭނާއަށް އެ ދިފާޢު ލިބިގެން ނުވާކަމަށް ކޯޓުން ކަނޑައަޅަންވާނެއެވެ.
(ޅ)
ވަކި ކަމެއް އޮތީ ވަކި ގޮތަކަށްކަން ޢާންމުކޮށް އެނގޭ ކަމެއްގައި، އެނޫންގޮތަކަށް އެކަމެއް ކުރި ނުވަތަ ނުކޮށް ދޫކޮށްލި މީހަކު އެކަން ކުރީ ނުވަތަ ނުކޮށް ދޫކޮށްލީ ކޮން މަޤްޞަދެއްގައިކަން ސާބިތުކޮށްދިނުމަކީ އެކަން އެގޮތަށް ކުރި މީހާގެ ޒިންމާއެކެވެ.
146.
:
ޚާއްޞަ އުޞޫލު
(ހ)
ޤާނޫނުއަސާސީގެ ދެވަނަ ބާބުގެ ދަށުން ކަށަވަރުކޮށްދީފައިވާ އަސާސީ ޙައްޤުތަކާއި މިނިވަންކަމުގެ ތެރެއިން ޙައްޤެއް ނުވަތަ މިނިވަންކަމެއް ހިފަހައްޓާފައިވާކަމަށް ބުނެ ހުށަހަޅާ ދަޢުވާތަކުގައި، އެ ޙައްޤެއް ނުވަތަ މިނިވަންކަމެއް ހިފަހައްޓާފައިވަނީ ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އެކަށީގެންވާ މިންވަރަށްކަން ސާބިތުކޮށްދިނުމަކީ ދައުލަތުގެ ނުވަތަ އެ ޙައްޤެއް ނުވަތަ މިނިވަންކަން ހިފެހެއްޓި ފަރާތެއްގެ ޒިންމާއެކެވެ.
(ށ)
ވަޒީފާއިން ވަކިކޮށްގެން ހުށަހެޅޭ މައްސަލަތަކުގައި، ދަޢުވާކުރާ ފަރާތް ވަޒީފާއިން ވަކިކުރީ އެކަށީގެންވާ ސަބަބެއް އޮވެގެންކަން ސާބިތުކޮށްދިނުމަކީ ވަޒީފާދޭ ފަރާތުގެ ޒިންމާއެކެވެ.
147.
:
ޓްރައިބިއުނަލްތަކާއި ދައުލަތުގެ އިދާރާތަކުގެ މައްޗަށް ޤާނޫނު ހިންގުން
އެހެން ޤާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާހާ ހިނދަކު، މި ޤާނޫނުގައި ކޯޓުތަކަށް ނުވަތަ ޝަރީޢަތަށް ނިސްބަތްކޮށް، ހެކިބަސް ނެގުމާއި، ހެކި ހުށަހެޅުމާއި، ހެކި ބަލައިގަތުމާއި، ހެކި ވަޒަންކުރުމުގައި ކޯޓުތަކުން ނުވަތަ ޝަރީޢަތުން ތަބާވާންޖެހޭ އުސޫލުތައް ކަމުގައި ބަޔާންކޮށްފައިވާ އެންމެހައި ކަންކަމާއި، ކޯޓުތަކުން ނުވަތަ ޝަރީޢަތުން ބަލައިގަންނަ ހެކީގައި ފުރިހަމަވާންޖެހޭ ޝަރުޠުތަކާ ގުޅޭގޮތުން ބަޔާންކޮށްފައިވާ އެންމެހައި ކަންކަމާއި، ހެކި ސާބިތުކުރުމުގެ ޒިންމާއާއި ސާބިތުކުރުމުގެ މިންގަނޑުތަކާ ގުޅޭގޮތުން ބަޔާންކޮށްފައިވާ އެންމެހައި އުސޫލުތައް، ކަމާގުޅޭ ނިސްބަތަށް ޓްރައިބިއުނަލްތަކުގެ މައްޗަށް ހިނގާނެއެވެ. އަދި ކަމާގުޅޭ ނިސްބަތަށް، ދައުލަތުގެ އިދާރާތަކުގެ ތެރެއިން މައްސަލަ ބަލާ އެނޫންވެސް ފަރާތްތަކުގެ މައްޗަށް ހިނގާނެއެވެ.
148.
:
ގަވާއިދު ހަދައި ހިންގުން
(ހ)
މި ޤާނޫނުގެ ދަށުން ކޯޓުތަކުން އަދާކުރަންޖެހޭ މަސްއޫލިއްޔަތުތަކާ ގުޅިގެން ކޯޓަކުން ހަދަންޖެހޭ އިޖުރާއީ ކަންކަމާގުޅޭ ގަވާއިދުތައް، ހަދައި ހިންގާނީ، މި ޤާނޫނުގައި ކަނޑައަޅާފައިވާ އުސޫލުތަކާ ޚިލާފުނުވާ ގޮތެއްގެމަތިން، އެ ކޯޓަކުންނެވެ.
(ށ)
މި ޤާނޫނުގެ ދަށުން ހަދަންޖެހޭ ގަވާއިދުތައް، މި ޤާނޫނަށް ޢަމަލުކުރަން ފަށާތާ 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި ހަދައި، ޢާންމުކޮށް އިޢުލާނު ކުރަންވާނެއެވެ.
149.
:
އުވާލެވޭ ޤާނޫނު
މި ޤާނޫނަށް ޢަމަލުކުރަން ފެށުމާއެކު، އަންނަނިވި ދެ ޤާނޫނު އުވުނީއެވެ.
(ހ)
ޤާނޫނު ނަންބަރު 76/24 (ހެއްކާބެހޭ ޤާނޫނު)؛
(ށ)
ޤާނޫނު ނަންބަރު 72/14ޖ (އަންހެނުންގެ ހެކިބަހުގެ ޤާނޫނު).
150.
:
ޤާނޫނަށް ޢަމަލުކުރަން ފެށުން
މި ޤާނޫނަށް ޢަމަލުކުރަން ފަށާނީ، މި ޤާނޫނު ފާސްވެ، ތަޞްދީޤުކޮށް، ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރާ ތާރީޚުން ފެށިގެން 6 (ހައެއް) މަސް ދުވަސް ހަމަވާ ތާރީޚުން ފެށިގެންނެވެ.
151.
:
މާނަކުރުން
މި ޤާނޫނުގައި ޢިބާރާތެއް ނުވަތަ ލަފްޒެއް ބޭނުންކޮށްފައިވާގޮތުން ކަނޑައެޅިގެން އެހެން މާނައެއް ދޭހަނުވާހާހިނދަކު، އަންނަނިވި ޢިބާރާތްތަކާއި ލަފްޒުތަކަށް ދެވިފައިއެވަނީ، އެ ޢިބާރާތްތަކާއި ލަފްޒުތަކާ ގުޅިގެން، ތިރީގައި ދީފައިވާ މާނަކުރުމެވެ.
(ހ)
"ހާޒިރުކުރެވެން ނެތް މީހުން" ކަމަށް ބުނެފައި އެވަނީ، މި ޤާނޫނުގެ 118 ވަނަ މާއްދާގައި ބަޔާންކުރާ މީހުންނަށެވެ.
(ށ)
"ޚަޞްމު" ނުވަތަ "ޚަޞްމުން" ކަމަށް ބުނެފައި އެވަނީ، ކޯޓަށް ހުށަހެޅޭ މައްސަލައެއްގައި ދަޢުވާކުރާ ފަރާތް ނުވަތަ ފަރާތްތަކަށާއި ދަޢުވާލިބޭ ފަރާތް ނުވަތަ ފަރާތްތަކަށް ޖުމްލަކޮށް، އަދި އެއިން ކޮންމެ ފަރާތަކަށް ވަކިން ނިސްބަތްކުރެވޭ ގޮތަށެވެ.
(ނ)
"ރައްޔިތުންގެ މަޖިލިސް" ކަމަށް ބުނެފައި އެވަނީ، ޤާނޫނުއަސާސީގެ 5 ވަނަ މާއްދާއިން ދިވެހިރާއްޖޭގައި ޤާނޫނު ހެދުމުގެ އެންމެހައި ބާރު ލިބިދީފައިވާ ރައްޔިތުންގެ މަޖިލީހަށެވެ.
(ރ)
"ބޮޑީ ސާމްޕަލް" ކަމަށް ބުނެފައި އެވަނީ، ލޭގެ ސާމްޕަލް ނުވަތަ ބޮލުގެ ނުވަތަ ހަށިގަނޑުގެ އެހެން ތަނަކުން ނެގޭ އިސްތަށީގެ ސާމްޕަލް ނުވަތަ ސްވޮބް މެދުވެރިކޮށް މީހެއްގެ އަނގައިގައިވާ ކުޅުން ނުވަތަ ހުޅުވިފައިވާ އެހެން ގުނަވަނަކުން ނުވަތަ ނިޔަފަތީގެ ދަށުން ނަގާ ސާމްޕަލަށެވެ.
(ބ)
"ކުށުގެ ވެށި" ކަމަށް ބުނެފައި އެވަނީ، ކުށެއް ހިނގުމާ ގުޅިގެން، އެ ކުށާ ގުޅުންހުރި ވާޤިޢާއެއް ނުވަތަ މާއްދީ ހެއްކެއް ނުވަތަ އެއްޗެއް އޮތް ކޮންމެ ތަނެއް ކަމަށް، ކަމާގުޅޭ ޤާނޫނުގައިވާ ގޮތުގެމަތިން، ތަޙްޤީޤީ އިދާރާއަކުން ކަނޑައަޅާ ކޮންމެ ތަނަކަށެވެ.
(ޅ)
"ކޮންޓްރެކްޓް" ކަމަށް ބުނެފައި އެވަނީ، ޤާނޫނު ނަންބަރު 91/4 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ ދަށުން ކޮންޓްރެކްޓެއް ކަމަށް ބެލެވޭ ކޮންމެ މުޢާމަލާތަކަށެވެ.
(ކ)
"ކޮމްޕިއުޓަރު" ކަމަށް ބުނެފައި އެވަނީ، މަޢުލޫމާތު ބޭނުންކުރެވޭ އިލެކްޓްރޯނިކް، މެގްނެޓިކް، އޮޕްޓިކަލް ނުވަނަ އިލެކްޓްރޯކެމިކަލް ސާމާނާއި، މިފަދަ ގުޅުން ހުރި ތަކެއްޗާއި، އަދި ހިސާބު ހެދުމަށާއި، ހަމަ ބޭނުންކޮށްގެންކުރާ ކަންކަމަށާއި، މަޢުލޫމާތު ރައްކާކުރުމަށާއި އަދި މުޢާމަލާތް ފަހިކޮށްދޭ ގުޅުން ހުރި ނުވަތަ އެ ބާވަތުގެ ތަކެއްޗާއި ގުޅައިގެން މިފަދަ ކަމެއްކުރެވޭ ތަކެއްޗަށެވެ. ނަމަވެސް އެ މާނައިގައި ތިރީގައި ބަޔާންކުރެވޭ އެއްޗެހި ނުހިމެނޭގޮތުންނެވެ.
(1)
އޮޓޮމެޓިކް ޓައިޕްރައިޓަރ، ޓައިޕްސެޓަރ؛
(2)
ހިފާގެންގުޅޭ ކެލްކިއުލޭޓަރ؛
(3)
ޕްރޮގްރާމްނުކުރެވޭ ނުވަތަ މަޢުލޫމާތު ރައްކާނުކުރެވޭ ޒާތުގެ ތަކެތި؛
(4)
އެހެންވެސް މި ބާވަތުގެ ތަކެތި ކަމުގައި މިނިސްޓަރު ކަނޑައަޅައި ސަރުކާރުގެ ގެޒެޓް މެދުވެރިކޮށް އިޢުލާންކުރާ ތަކެތި.
(އ)
"ކޯޓު" ކަމަށް ބުނެފައި އެވަނީ، ޤާނޫނުއަސާސީއާއި ޤާނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) އާއި އެނޫންވެސް ޤާނޫނެއްގެ ދަށުން އުފައްދާފައިވާ އެންމެހައި ޝަރުޢީ ކޯޓުތައް ހިމެނޭ ގޮތުންނެވެ.
(ވ)
"އިނގިލީގެ ނިޝާން" ކަމަށް ބުނެފައި އެވަނީ، އަތްތިލަ އަދި ފައިތިލަގެ ނިޝާނާއި އިނގިލިތަކުގައި ހުންނަ ފްރިކްޝަން ރިޖްތަކުގެ ނިޝާންތައް އަރާގޮތަށް ނެގޭ ނިޝާނަށެވެ.
(މ)
"އެތެރެހަށީގެ ފޮޓޯ" ކަމަށް ބުނެފައި އެވަނީ، އެކްސް-ރޭ، ސްކޭން ނުވަތަ އެތެރެހަށި ދައްކުވައިދޭ އެ ނޫންވެސް ފޮޓޯއަށެވެ.
(ފ)
"އެތެރެހަށީގެ ސާމްޕަލް" ކަމަށް ބުނެފައި އެވަނީ، ހަށިގަނޑުގެ އެތެރެއަށް އެއްޗެއް ފޮނުވައިގެން ނުވަތަ އެނޫންވެސް ގޮތަކުން ހަށިގަނޑުގެ އެތެރެއިން ނަގާ ސާމްޕަލަށެވެ.
(ދ)
"އޮޓޮޕްސީ" ކަމަށް ބުނެފައި އެވަނީ، މަރުވެފައިވާ މީހަކު މަރުވި ސަބަބާއި، އޭނާގެ ހަށިގަނޑަށް ލިބިފައިވާ ގެއްލުންތަކާއި، އޭނާގެ ހަށިގަނޑަށް ޖެހިފައިވާ ބައްޔެއް ނުވަތަ އެނޫންވެސް އައިބެއް ދެނެގަތުމަށްޓަކައި އެ ހަށިގަނޑު ބަލައި، އެ ހަށިގަނޑުން ސާމްޕަލް ނަގައިގެން ތަޙްލީލުތައް ކުރުމަށެވެ.
(ތ)
"އިސްލާމްދީނުގެ އަސްލު" ކަމަށް ބުނެފައި އެވަނީ، ކީރިތި ޤުރުއާނާއި މާތް ރަސޫލާގެ ސުންނަތުގައިވާ ކަންކަމުގެ ތެރެއިން، އެކަމެއްގެ ޞައްޙަކަމާމެދު ސުވާލު އުފެދިފައިނުވާ ޝަރުޢީ އުސޫލުތަކާއި، މި ދެ އަސްލުން ދޭހަކޮށްދޭ އުސޫލުތަކަށެވެ.
(ލ)
"ވަކީލު" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގައި ޤާނޫނީ ވަކީލެއްގެ ގޮތުގައި ޚިދުމަތްކުރުމުގެ ހުއްދައޮތް، ނުވަތަ ޝަރުޢީ ކޯޓުތަކުގައި ވަކާލާތުކުރުމުގެ ހުއްދައޮތް ކޮންމެ ވަކީލަކަށެވެ.
(ގ)
"މަދަނީ މައްސަލަ" ކަމަށް ބުނެފައި އެވަނީ، ޖިނާއީ މައްސަލައަށް ނުވާ ކޮންމެ މައްސަލައެއްގެ ޝަރީޢަތުގެ މަރުޙަލާތަކަށް ދެވޭ ޖުމްލަ ޙަވާލާއަށެވެ.
(ޏ)
"މުވައްކިލު" ކަމަށް ބުނެފައި އެވަނީ، ވަކީލެއްގެ ފަންނީ އެހީތެރިކަމާއި ޤާނޫނީ އެހީތެރިކަން ހޯދައި، ލިބިގަންނަ ފަރާތަށެވެ.
(ސ)
"ފަނޑިޔާރު" ކަމަށް ބުނެފައި އެވަނީ، ސުޕްރީމް ކޯޓާއި، ހައި ކޯޓާއި، ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ޤާނޫނަކުން ކަނޑައަޅާފައިވާ ކޮންމެ ކޯޓެއްގައި ޝަރީޢަތްކުރުމަށްޓަކައި ޤާނޫނުއަސާސީއާއި ޤާނޫނު ނަންބަރު 2010/13 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު) ގައިވާ ގޮތުގެމަތިން ޢައްޔަންކޮށްފައި ތިބޭ ފަނޑިޔާރުންނާއި، ޤާޟީންނާއި މެޖިސްޓްރޭޓުންނަށެވެ.
(ޑ)
"ފޮރެންސިކް ހެކި" ކަމަށް ބުނެފައި އެވަނީ، ފޮރެންސިކް ޕްރޮސީޖަރެއް މެދުވެރިކޮށް ހޯދޭ ހެއްކަށެވެ.
(ޒ)
"ފުލުހުން" ކަމަށް ބުނެފައި އެވަނީ، ދިވެހި ފުލުހުންގެ ޚިދުމަތުގައި ފުލުހުންގެ ގޮތުގައި ވަޒީފާ އަދާކުރާ މީހުންނަށެވެ.
(ޓ)
"ފޮޓޯ" ކަމަށް ބުނެފައި އެވަނީ، މީހެއްގެ ސޫރަ ދައްކައިދޭ ކޮންމެ ފޮޓޯއަކަށާއި އެނޫންވެސް ކަމެއްގެ މަންޒަރު ދައްކުވައިދޭ ކޮންމެ އެއްޗަކަށެވެ.
(ޔ)
"ދައުލަތުގެ އިދާރާ" ކަމަށް ބުނެފައި އެވަނީ، ވެރިކަން ހިންގާ ފަރާތާއި، ރައްޔިތުންގެ މަޖިލީހާއި ޢަދުލު އިންޞާފު ޤާއިމުކުރުމުގެ ބާރުގައި ހިމެނޭ އެންމެހައި އިދާރާތަކާއި، މިނިވަން މުއައްސަސާތަކާއި މުސްތަޤިއްލު މަޤާމުތަކާއި ސަލާމަތީ ޚިދުމަތްތަކާއި ޤާނޫނުއަސާސީގެ ދަށުން އިންތިޚާބުކުރެވޭ ކައުންސިލުތަކާއި އެ ތަންތަނާއި ގުޅިފައިވާ އެންމެހައި އިދާރާތައް ހިމެނޭ ގޮތުގެމަތިންނެވެ. އަދި، އެ ތަނެއް ހިންގުމުގައި ދައުލަތުގެ މަސްއޫލިއްޔަތެއް އަދާކުރާ ކޮންމެ ތަނަކާއި ދައުލަތުގެ ބަޖެޓުން ހިންގާ ކޮންމެ ތަނަކާއި ދައުލަތުގެ ބަޖެޓުން އެހީ ލިބިގެން ހިންގާ ކޮންމެ ތަނެއްމެ ހިމެނޭގޮތުންނެވެ.
(ޕ)
"ލިޔުން" ކަމަށް ބުނެފައި އެވަނީ، އަންނަނިވި ވަސީލަތްތައް ހިމެނޭގޮތުން، އެއްވެސް ބާވަތެއްގެ މަޢުލޫމާތެއް ރިކޯޑުކޮށްފައިވާ އެއްޗަކަށެވެ.
(1)
ލިޔުމުން ނުވަތަ ޗާޕްކޮށްފައި އޮތް އެއްޗެއް (ޗާޓެއް ނުވަތަ ޕްލޭނެއް ނުވަތަ ގްރާފެއް ނުވަތަ ކުރެހުމެއް ކަމުގައިވިޔަސް)؛
(2)
އިލެކްޓްރޯނިކް ވަސީލަތަކުން ވާޞިލުވެވޭ ގޮތަށް ތައްޔާރުކޮށްފައިވާ ކޮމްޕިއުޓަރު ފައިލެއް؛
(3)
ފޮޓޯ؛
(4)
އަޑު ނުވަތަ އެފަދަ އެހެން ޑޭޓާއެއް ރައްކާކުރެވިފައިވާ ޑިސްކެއް ނުވަތަ ޓޭޕެއް ނުވަތަ ފިލްމެއް ނުވަތަ ރޯލެއް؛
(5)
މަންޒަރު ނުވަތަ އެފަދަ އެހެން ޑޭޓާއެއް ރައްކާކުރެވިފައިވާ ފިލްމެއް ނުވަތަ ނެގަޓިވެއް ނުވަތަ އެނޫންވެސް އެއްޗެއް.
(ޖ)
"ޝަރީޢަތުގެ މަޖިލިސް" ކަމަށް ބުނެފައި އެވަނީ، ޖިނާއީ ކުށެއްގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ މީހާ ހައްޔަރުކޮށްފައިވަނީ ޤާނޫނީ ހަމަތަކުގެ މަތިންކަން ނުވަތަ ނޫންކަން ކަނޑައެޅުމަށްޓަކައި ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކޮށް، އެކަމާމެދު ގޮތެއް ކަނޑައެޅުމަށް ބާއްވާ މަޖިލިސް ހިމެނޭގޮތުން، ކޯޓަށް ހުށަހެޅިފައިވާ މަދަނީ ނުވަތަ ޖިނާއީ މައްސަލައެއްގައި ފަނޑިޔާރެއްގެ ކުރިމަތީގައި ބޭއްވޭ ހަމަ ކޮންމެ އަޑުއެހުމެއްމެ ނުވަތަ ކޮންމެ މަޖިލިހެއްމެ ހިމެނޭގޮތުންނެވެ.
(ޗ)
"ޑީ.އެން.އޭ." ކަމަށް ބުނެފައި އެވަނީ، ޑީއޮކްސީރައިބޯނިއުކްލިއެކް އެސިޑް (deoxyribonucleic acid) އަށެވެ.
(ހހ)
"ޑީ.އެން.އޭ.ގެ މަޢުލޫމާތު" ކަމަށް ބުނެފައި އެވަނީ، ބޮޑީ ސާމްޕަލް ބޭނުންކޮށްގެން ކުރާ ޑީ.އެން.އޭ.ގެ ތަޙްލީލުތަކުން ލިބޭ ޖެނެޓިކް މަޢުލޫމާތަށެވެ.
(ށށ)
"ޖިނާއީ މައްސަލަ" ކަމަށް ބުނެފައި އެވަނީ، ޖިނާއީ ކުށެއްގެ ތުހުމަތުގައި ދައުލަތުގެ ފަރާތުން އުފުލާ ދަޢުވާއަށެވެ. ނުވަތަ އެފަދައިން އުފުލާފައިވާ ދަޢުވާއެއްގެ މައްޗަށް ބިނާކޮށް ހިންގާ ޝަރީޢަތުގެ މަރުޙަލާތަކަށް ޖުމްލަކޮށެވެ.
ރިއެކްޝަންތައް
ތާއީދު ކުރާ
0 (0%)
ތާއީދު ނުކުރާ
0 (0%)
ފީޑްބެކް 0
ކޮންޓެކްޓް ޕޮއިންޓް
ގަވާއިދު ކޮމިޓީ
-
-