ނިމުނު ދުވަސް 31st May 2024 12:00 AM
ވަރޝަންގެ ތާރީހް 22nd May 2024 06:01 AM
ބިލް
1 ވަރޝަން

ކުޑަކުދިންގެ ޢަދުލުގެ ބިލު

ހުށަހަޅާފައިވަނީ: ަސދސަދަސ

  • އިބްތިދާއީ މާއްދާތައް : އެއްވަނަ ބާބު
    • 1. : ތަޢާރުފާއި ނަން
      • (ހ) މިއީ، ކުޑަކުދިންނަށް ބޭނުންވާ އަޅާލުމާއި ރައްކާތެރިކަމާއި ފަރުވާ ލިބިދެވޭނެ ފަދައަކުން އަދި އެކުދިންގެ ހެދިބޮޑުވުމާއި ތަރައްޤީއަށް ފަހިވާގޮތަށް، ކުޑަކުދިން ކުށްކުރުމާ ދުރުކުރުމަށް ބާރުއަޅައިދޭ، އެކުދިންނާ ރައްޓެހި މާޙައުލެއްގައި، އަދި އެކުދިން ހެޔޮގޮތުގައި އަނބުރާ މުޖުތަމަޢަށް ގެނެވޭނެ ގޮތަށް ބައްޓަންކުރެވިފައިވާ، އެކުދިންގެ މަޞްލަޙަތަށް އެންމެ ފައިދާ ހުރިގޮތަށް އިސްކަންދެވޭނެ އުޞޫލަކުން އެކުދިންނާގުޅޭ މައްސަލަތަކާމެދު ގޮތެއް ނިންމުމަށް މަގުފަހިކޮށްދޭ ކުޑަކުދިންގެ ޢަދުލުގެ ނިޒާމެއް ޤާއިމުކުރުމަށްޓަކައި އެކަށައަޅަންޖެހޭ އުޞޫލުތައް ބަޔާންކުރުމުގެ ޤާނޫނެވެ.
      • (ށ) މި ޤާނޫނަށް ކިޔާނީ، "ކުޑަކުދިންގެ ޢަދުލުގެ ޤާނޫނު" އެވެ.
    • 2. : މަޤްޞަދުތައް މި ޤާނޫނުގެ މައިގަނޑު މަޤްޞަދުތައް ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.
      • (ހ) ޤައުމު ބިނާކުރުމުގައި ޢާއިލާގެ ދުޅަހެޔޮކަން ދަމަހައްޓައި، ޤައުމުގެ އަންނަން އޮތް ޖީލުތަކުގެ ދައުރުގެ މުހިންމުކަން ޤަބޫލުކޮށް، އެ ޖީލުތައް ހެޔޮގޮތުގައި ތަރުބިއްޔަތުކުރުމަށް މަގުފަހިކުރުމަށްޓަކައި، އަދުގެ ކުޑަކުދިންގެ ޖިސްމާނީ، ނަފްސާނީ، ރޫޙާނީ، ފިކުރީ އަދި އިޖުތިމާޢީ ދުޅަހެޔޮކަން ރައްކާތެރިކޮށް، ދަމަހައްޓައި، ތަރައްޤީކުރުމަށް ބާރުއެޅުން؛
      • (ށ) ކުޑަކުދިންނަކީ، ދައުލަތުގެ ފަރާތުންނާއި، ޢާއިލާގެ ފަރާތުންނާއި މުޖުތަމަޢުގެ ފަރާތުން ޚާއްޞަ އެހީތެރިކަމާއި ޚާއްޞަ ރައްކާތެރިކަން ލިބުމުގެ ޙައްޤު ލިބިގެންވާ ބައެއް ކަމުގައި ޤާނޫނުއަސާސީގެ 35 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައި އޮތް އޮތުމަށް ރިޢާޔަތްކޮށް، އަންނަނިވި މަޤްޞަދުތައް ޙާޞިލުކުރުމަށް މަގުފަހިކޮށްދޭ، ކުޑަކުދިންގެ ޢަދުލުގެ ނިޒާމެއް ޤާއިމުކުރުން؛
        • (1) ބޮޑެތި މީހުންގެ މައްޗަށް ހިންގޭ ޢާންމު ޖިނާއީ ޢަދުލުގެ ނިޒާމުގެ ތެރެއަށް ކުއްޖާ ވަނުމުގެ ސަބަބުން ކުއްޖާއަށް ކުރާ ނޭދެވޭ އަސަރުތަކުން ދުރުހެލިކުރުވުން؛
        • (2) ކުށުގެ ރެކޯޑެއް އޮވެއްޖެނަމަ ކުއްޖާއަށް ކުރާނެ ނޭދެވޭ އަސަރުތަކުން ދުރުހެލިކުރުވައި، ކުއްޖާ ކުށްކުރުން ތަކުރާރުކުރުމާ ދުރުހެލިކުރުވުން؛
        • (3) ކޮންމެ ކުއްޖަކީވެސް ޚާއްޞަ ޙާލަތްތަކެއްގައި ހުންނަ، ޚާއްޞަ ބޭނުންތަކެއް ހުންނާނެ ކުއްޖެއް ކަމުގައިވާއިރު، އެއިން ކޮންމެ ކުއްޖެއްގެ ޙާލަތަށް ވަކިން ރިޢާޔަތްކޮށް، އެކުދިންނާމެދު ޢަމަލުކޮށް، ހައްލެއް ހޯދައިދެވޭނެ ގޮތްތަކެއް ހޯދައިދިނުން؛
        • (4) ކުއްޖާ ކުރާ ޤާނޫނާ ޚިލާފު ޢަމަލުގެ ސަބަބުން ކުރިމަތިވާ ގެއްލުމަށް އެކުއްޖާ ޖަވާބުދާރީވާން ބާރުއެޅުން؛
        • (5) ޤާނޫނާ ޚިލާފު ޢަމަލު ހިންގާ ކުއްޖާއާއި އެ ޢަމަލުގެ ސަބަބުން ގެއްލުން ލިބޭ ފަރާތް ގުޅުވައިދީ، މަޢާފަށް އެދުމަށް ފުރުޞަތު ހޯދައިދިނުމާއި، އެ ޢަމަލުގެ ސަބަބުން ލިބޭ ގެއްލުމާ ގުޅިގެން މަޢުނަވީ ބަދަލެއް ނުވަތަ ޙައްލެއް ހޯދައިދިނުމަށް މަގުފަހިކުރުން؛
        • (6) ކުޑަކުއްޖަކާ ގުޅިގެން ރަސްމީ ކޮންމެ ފަރާތެއްގެ ކުރިމަތީގައި ހިންގާ ކޮންމެ ކަމެއްގައި އަދި ކޮންމެ މަރުޙަލާއެއްގައި ޢަމަލުކުރެވޭނީ ކުއްޖާގެ މަޞްލަޙަތަށް އެންމެ ރައްކާތެރި އަދި ފައިދާހުރި ގޮތެއްގެމަތިން ކަމުގައި ކަށަވަރުކުރުން؛
        • (7) ކުއްޖާ ހެޔޮގޮތުގައި މުޖުތަމަޢަށް އަނބުރާ އައިސް، މުޖުތަމަޢުގައި ބިނާކުރަނިވި ދައުރެއް އަދާކުރުމަށް މަގުފަހިކޮށްދިނުން.
      • (ނ) ޤާނޫނާ ޚިލާފުވާ ކުދިންނާމެދު ފިޔަވަޅު އެޅުމުގައި، ޤާނޫނުގެ ވެރިކަމަށް ބޯލަނބައި، ޤާނޫނީ ޙައްޤުތައް ރައްކާތެރިކޮށްދޭ އިޖުރާއަތުތަކާ އެއްގޮތްވާ ގޮތުގެމަތިން ޢަމަލުކޮށް، އިންސާނީ ޙައްޤުތަކާއި ޤާނޫނީ އިޖުރާއަތުތަކާއި އުސޫލުތަކަށް ފުރިހަމައަށް ޙުރުމަތްތެރިކޮށް ހިތައި، ކުއްޖާ ކުރި ޢަމަލުގެ ބާވަތަށާއި އެ ޢަމަލުގެ ކުޑަބޮޑު މިނަށް ރިޢާޔަތްކުރުމަށްފަހު، މައްސަލަ ޝަރީޢަތަށް ހުށަހެޅުމަކާ ނުލައި، ކުއްޖާގެ ޢާއިލާއާއި މުޖުތަމަޢުގެ ބައިވެރިވުމާއެކު ކުއްޖާ އިޞްލާޙުކޮށް، ކުއްޖާ ހެޔޮގޮތުގައި މުޖުތަމަޢަށް އަނބުރާ ގެނައުމަށްޓަކައި އެޅެންހުރި އެންމެ އެކަށީގެންވާ ފިޔަވަޅުތައް އެޅުމަށް އިސްކަންދިނުން؛
      • (ރ) ދައުލަތުގެ ކަމާބެހޭ ކޮންމެ އިދާރާއަކުންވެސް، ކުޑަކުދިންގެ މައްޗަށް ޤާނޫނު ހިންގައި ތަންފީޛުކުރުމުގައި މަސައްކަތްކުރާ ފަރާތްތަކީ ޚާއްޞަ ތަމްރީނު ލިބިފައިވާ ޤާބިލު ފަރާތްތަކެއް ކަމުގައި ވުމާއެކު، އެފަރާތްތަކުގެ ޤާބިލިއްޔަތު ގަވާއިދުން މުރާޖަޢާކޮށް، ވަޒަންކުރެވި، އެ ފަރާތްތަކުގެ ފެންވަރު ރަނގަޅުކޮށް ތަރައްޤީކުރުމުގެ މަޝްރޫޢުތައް ހިންގުމަށް ބާރުއެޅުން؛
      • (ބ) ކުށަށް އަރައިގަތުމުގެ ނުރައްކަލުގައިވާ ކުދިންނަށާއި ކުށަށް އަރައިގަންނަ ކުޑަކުދިންނަށް ބޭނުންވާ ޚާއްޞަ ފަރުވާދެވޭނެ، އަދި އެކުދިން ހެޔޮގޮތުގައި މުޖުތަމަޢުއަށް އަނބުރާ އައިސް، މުޖުތަމަޢުގައި ބިނާކުރަނިވި ދައުރެއް އަދާކުރުމަށް މަގުފަހިކޮށްދެވޭނެ ގޮތެއްގެމަތިން އެކުދިންނަށް ހިންގޭ ޕްރޮގްރާމްތައް ބައްޓަންކުރުން؛
      • (ޅ) ކުޑަކުދިން ބަންދުކުރުމަކީ، އެންމެ ފަހުގެ ފިޔަވަޅެއްގެ ގޮތުން ބަންދުކުރެވޭ ތަންތަނުގައި ފުރިހަމަވާންޖެހޭ ކަންކަމާއި، އެ ތަންތަނުގައި މަސައްކަތްކުރާ ފަރާތްތަކުން ޢަމަލުކުރަންޖެހޭ އުސޫލުތައް ޤާނޫނަކުން ކަނޑައެޅުން؛
      • (ކ) ދިވެހިރާއްޖެއިން ބައިވެރިވެފައިވާ ބައިނަލްއަޤްވާމީ މުޢާހަދާތަކުގެ ދަށުން ދައުލަތުން އަދާކުރަންޖެހޭ ވާޖިބުތައް އަދާކުރުމުގެ ގޮތުން އެ މުޢާހަދާތަކުގެ ދަށުން ކުޑަކުދިންނަށް ފޯރުކޮށްދޭންޖެހޭ ޚާއްޞަ ރައްކާތެރިކަމާއި އެހީތެރިކަމުގެ ބައިނަލްއަޤްވާމީ މިންގަނޑުތައް، އިސްލާމް ދީނުގެ އަޞްލުތަކާ ޚިލާފުނުވާނެ ގޮތުގެމަތިން ދިވެހިރާއްޖޭގައި ތަންފީޛުކުރުމަށް ބޭނުންވާ ޤާނޫނީ އޮނިގަނޑު އެކުލަވާލުން.
    • 3. : ޤާނޫނު މާނަކުރުން
      • (ހ) މި ޤާނޫނު މާނަކުރަންވާނީ، ޤާނޫނުއަސާސީއާއި އިސްލާމްދީނުގެ އަސްލުތަކާ އެއްގޮތްވާ ގޮތުގެމަތިން، އަދި ދިވެހިރާއްޖެއިން ބައިވެރިވެފައިވާ ބައިނަލްއަޤްވާމީ މުޢާހަދާތަކާ އެއްގޮތްވާ ގޮތުގެމަތިންނެވެ.
      • (ށ) މި ޤާނޫނު މާނަކުރުމުގައާއި، ތަރުޖަމާކުރުމުގައާއި ތަންފީޛުކުރުމުގައި، މި ޤާނޫނުގެ ނުވަތަ މި ޤާނޫނު ދަށުން ހަދާ ގަވާއިދެއްގެ ކޮންމެ މާއްދާއެއްވެސް މާނަކުރަންވާނީ، ކުޑަކުދިންނަށް ލިބިދޭ ޙައްޤުތައް އެންމެ ފުޅާ ދާއިރާއެއްގައި ލިބިދެވޭނެ އަދި ކުއްޖާގެ މަޞްލަޙަތަށް އެންމެ ފައިދާކުރުވަނިވި ގޮތެއްގެމަތިންނެވެ.
      • (ނ) މި ޤާނޫނުގައި ބަޔާންކޮށްފައިވާ ކަންކަން މާނަކުރުމުގައި، ކުޑަކުދިންގެ ޙައްޤުތަކާބެހޭ ބައިނަލްއަޤްވާމީ މުޢާހަދާއާއި، ކުޑަކުދިންގެ ޢަދުލުގެ ނިޒާމާ ގުޅޭގޮތުން ޢަމަލުކުރެވޭ ބައިނަލްއަޤްވާމީ މިންގަނޑުތަކާއި، އެނޫންވެސް ދިވެހިރާއްޖެ ބައިވެރިވެފައިވާ މުޢާހަދާތަކުގައި ބަޔާންކުރާ އުސޫލުތަކާއި، އިންސާނީ ޝަރަފާއި ހަމަހަމަކަމާއި މިނިވަންކަމަށް ބިނާކޮށް އުފެދިފައިވާ، ހުޅުވިގެންވާ ދިމިޤްރާތީ މުޖުތަމަޢުތަކުން ޤަބޫލުކުރާ އުސޫލުތައް ނަގަހައްޓަންވާނެއެވެ.
      • (ރ) މި މާއްދާގެ (ނ) އަށް ޢަމަލުކުރުމުގައި، ދިވެހިރާއްޖެ ބައިވެރިވެފައިވާ ބައިނަލްއަޤްވާމީ މުޢާހަދާތަކުގައި ހިމެނޭ ކަންކަމުގެ ތެރެއިން އެއްވެސް ކަމަކަށް ދިވެހިރާއްޖެއިން ރިޒަރވޭޝަނެއް ހަދާފައިވާނަމަ، އެކަމަށްވެސް ރިޢާޔަތްކުރަންވާނެއެވެ.
  • ކުޑަކުދިންގެ ޢަދުލުގެ ނިޒާމުގެ އަސާސްތައް : ދެވަނަ ބާބު
    • 4. : ކުޑަކުދިންގެ ޢަދުލުގެ ނިޒާމުގެ އަސާސްތައް މުޅި ޤާނޫނުގެ މައްޗަށް ހިނގުން ކުޑަކުދިންގެ ޢަދުލުގެ ނިޒާމާ ގުޅޭގޮތުން މި ބާބުގައި ކަނޑައަޅާފައިވާ އަސާސްތައް، މުޅި ޤާނޫނުގެ މައްޗަށް ހިނގާނެއެވެ.
    • 5. : ތަފާތުނުކުރުން ޤާނޫނާ ޚިލާފުވާ ކުޑަކުއްޖެއްގެ މައްޗަށް މި ޤާނޫނު ތަންފީޛުކުރުމުގައި، އެ ކުއްޖާގެ ނުވަތަ ކުއްޖާގެ މައިންބަފައިންގެ ނުވަތަ ޝަރުޢީ ބަލަދުވެރިޔާގެ ނަޞްލަށް، ނުވަތަ ކުލަޔަށް، ނުވަތަ ޖިންސަށް، ނުވަތަ ބަހަށް، ނުވަތަ ސިޔާސީ ނުވަތަ އެނޫންވެސް ވިސްނުމަކަށް، ނުވަތަ އުފަންވީ ޤައުމަށް، ނުވަތަ ނިސްބަތްވާ އިޖުތިމާޢީ މަރުކަޒަށް، ނުވަތަ ނުކުޅެދުންތެރިކަމަކަށް، ނުވަތަ އިޖްތިމާޢީ ނިސްބަތަށް، ނުވަތަ މާލީ ފުދުންތެރިކަމަށް، ނުވަތަ ޞިއްޙީ ޙާލަތަށް ނުވަތަ އެނޫންވެސް ކަމަކަށް ބިނާކޮށް ތަފާތުކޮށްގެންނުވާނެއެވެ.
    • 6. : ކުއްޖާގެ މަޞްލަޙަތަށް އިސްކަންދިނުން އިޖުތިމާޢީ ރައްކާތެރިކަން ފޯރުކޮށްދޭ ދައުލަތުގެ އިދާރާތަކާއި އެފަދަ ޚިދުމަތްދޭ އަމިއްލަ ފަރާތްތަކާއި، ޝަރުޢީ ކޯޓުތަކާއި، ދައުލަތުގެ އިދާރާތައް ހިމެނޭ ގޮތުން، އެއްވެސް ފަރާތަކުން، މި ޤާނޫނުގެ ދަށުން ކުޑަކުއްޖަކާގުޅޭ ކަމެއް ނިންމުމުގައި އެންމެ އިސްކަމެއް ދޭންވާނީ އެ ކުއްޖާގެ މަޞްލަޙަތަށް އެންމެ ފައިދާވާ ގޮތަށް އެކަމެއް ނިންމުމަށެވެ.
    • 7. : އެކަށީގެންވާ ފިޔަވަޅު އެޅުން ޤާނޫނާ ޚިލާފުވާ ކުއްޖެއްގެ މައްޗަށް މި ޤާނޫނުގެ ދަށުން ފިޔަވަޅު އެޅުމުގައި، އެ ކުއްޖާ ކުރި ކަމަށް ތުހުމަތުކުރެވޭ ޢަމަލުގެ ކުޑަބޮޑު މިނަށާއި، ވަށައިގެންވާ އެންމެހައި ޙާލަތްތަކަށާއި، އެ ކުއްޖާއަށް ތަޢުލީމީ ގޮތުންނާއި އިޖުތިމާޢީ ގޮތުންނާއި އެނޫންވެސް ގޮތްގޮތުން ލިބިދިނުން މުހިންމު ވަޞީލަތްތަކާއި ފުރުޞަތުތަކަށް ރިޢާޔަތްކޮށް، އެ ކުއްޖާއާމެދު އަޅަންވާނީ ކަމާ އެކަށީގެންވާ ފިޔަވަޅެކެވެ.
    • 8. : ދަޢުވާކުރުމުގެ ބަދަލުގައި އެހެން ފިޔަވަޅު އެޅުމަށް ބާރުއެޅުން
      • (ހ) ޤާނޫނާ ޚިލާފުވާ ކުއްޖެއްގެ މައްޗަށް މި ޤާނޫނުގެ ދަށުން ފިޔަވަޅު އެޅުމުގައި ވީވަރަކުން ބަލަންވާނީ، އެކުއްޖާގެ މައްޗަށް ޖިނާއީ ދަޢުވާ އުފުލުމުގެ ބަދަލުގައި މި ޤާނޫނުގެ އަށްވަނަ ބާބުގެ ދަށުން ޑައިވަރޝަންގެ ފިޔަވަޅު އެޅުމަށެވެ.
      • (ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ފަދައިން މި ޤާނޫނުގެ އަށްވަނަ ބާބުގެ ދަށުން ކުޑަކުއްޖަކާމެދު އެޅޭ ޑައިވަރޝަންގެ ކޮންމެ ފިޔަވަޅެއްވެސް ވާންވާނީ، އެކުއްޖާގެ އިންސާނީ ޙައްޤުތަކަށް އުނިކަމެއް ނާންނާނެ ގޮތުގެމަތިން، އަދި އެކުއްޖާއަށް ލިބިދޭންޖެހޭ އެންމެހައި ޤާނޫނީ ރައްކާތެރިކަމެއް ލިބިދެވޭ ގޮތެއްގެމަތިން އެޅޭ ފިޔަވަޅުތަކެއް ކަމުގައެވެ.
    • 9. : ކުއްޖާއާގުޅޭ ކަންކަމުގައި ބައިވެރިވުމުގެ ޙައްޤު ލިބިދިނުން
      • (ހ) ޤާނޫނާ ޚިލާފުވާ ކުއްޖަކާމެދު މި ޤާނޫނުގެ ދަށުން ގޮތެއް ނިންމުމުގައި ނުވަތަ ފިޔަވަޅު އެޅުމުގައި ބައިވެރިވެ، އެ ކުއްޖާގެ ރަޢުޔު ހާމަކުރުމުގެ ޙައްޤު، ކޮންމެ ކުއްޖަކަށްމެ ލިބިގެންވެއެވެ.
      • (ށ) މި މާއްދާގެ (ހ) ގެ މަޤްޞަދަށްޓަކައި، ކުއްޖާގެ ރަޢުޔަށް ބުރަދަން ދިނުމުގައި، ކުއްޖާގެ ޢުމުރާއި ވިސްނުން ތަރައްޤީވެފައިވާ މިންވަރަށް ރިޢާޔަތްކުރަންވާނެއެވެ.
      • (ނ) ކުއްޖެއްގެ މައްޗަށް ޖިނާއީ ކުށެއްގެ ދަޢުވާއެއް އުފުލޭ ޙާލަތުގައި، ޤާނޫނީ ވަކީލެއް މެދުވެރިކޮށް، ނުވަތަ އެކުއްޖާ އަމިއްލައަށް، އެ ކުއްޖާގެ ރަޢުޔު ހާމަކުރުމުގެ ޙައްޤު ލިބިގެންވެއެވެ.
    • 10. : ލަސްކުރުމަކާ ނުލައި ޤާނޫނު ތަންފީޛުކުރުން ޤާނޫނާ ޚިލާފުވާ ކުއްޖެއްގެ މައްޗަށް މި ޤާނޫނު ތަންފީޛުކުރުމުގައި ކަންކަން ނިންމަންވާނީ، ލަސްކުރުމަކާ ނުލައި، އެކަށީގެންވާ އަވަސް މިނެއްގައެވެ.
    • 11. : ކުށެއް ނެތް ކަމަށް ބެލުން ކުށެއް ކޮށްފިކަން މިނިވަން އަދި އިންސާފުވެރި ޝަރީޢަތެއްގައި ޤާނޫނީ ހަމަތަކުގެ މަތިން ސާބިތުނުކުރެވޭހާ ހިނދަކު، ކޮންމެ ކުއްޖަކީވެސް ކުށެއް ނެތް ކުއްޖެއް ކަމުގައި ބެލުމުގެ ޙައްޤު ލިބިގެންވާ ކުއްޖެކެވެ.
    • 12. : ހައްޔަރުކުރުމާއި ބަންދުކުރުމަކީ އެންމެ ފަހުގެ ފިޔަވަޅު ކަމުގައިވުން ޤާނޫނާ ޚިލާފުވާ ކުޑަކުއްޖަކާމެދު މި ޤާނޫނުގެ ދަށުން އެޅޭ ފިޔަވަޅެއްގެ ގޮތުން އޭނާ ހައްޔަރުކުރަންވާނީ ނުވަތަ ބަންދުކުރަންވާނީ އެންމެ ފަހުގެ ފިޔަވަޅެއްގެ ގޮތުންނެވެ. އަދި އެފަދައިން އެ ކުއްޖަކު ހައްޔަރު ނުވަތަ ބަންދުކުރަންވާނީ، އެ ޙާލަތެއް ލާޒިމުކުރާ އެންމެ ކުރު މުއްދަތަކަށެވެ. އަދި ކުޑަކުއްޖަކު ބަންދުކުރުމަށް ނިންމާ ޙާލަތުގައި، އެ ނިންމުމަކީ ގަވާއިދުން މުރާޖަޢާކުރެވޭ ނިންމުމަކަށް ވާންވާނެއެވެ.
  • ކުޑަކުދިން ކުށްކުރުމާ ދުރުކުރުން : ތިންވަނަ ބާބު
    • 13. : ކުޑަކުދިން ކުށްކުރުމާ ދުރުކުރުމަށް އޮތް ދައުލަތުގެ ޒިންމާ
      • (ހ) ކުޑަކުދިން ކުށްކުރުމުން ރައްކާތެރިކޮށް ދުރުހެލިކުރުވުމަށްޓަކައި ކަމާބެހޭ ސިޔާސަތުތައް އެކުލަވާލައި، ކުށަށް އަރައިގަތުމުގެ ނުރައްކަލުގައި ތިބި ކުދިންނަށް ޚާއްޞަ އެހީތެރިކަމާއި ރައްކާތެރިކަން ދައުލަތުން ފޯރުކޮށްދޭންވާނެއެވެ.
      • (ށ) ކުޑަކުދިން ކުށްކުރުމުން ރައްކާތެރިކޮށް ދުރުހެލިކުރުވުމަށްޓަކައި ކަމާބެހޭ ސިޔާސަތުތައް އެކުލަވާލައި، ކުށަށް އަރައިގަތުމުގެ ނުރައްކަލުގައި ތިބޭ ކުދިންނަށް ޚާއްޞަ އެހީތެރިކަމާއި ޚިދުމަތްތައް ލިބިދިނުމަށްޓަކައި، ކޮމިއުނިޓީ ޑިވެލޮޕްމަންޓް ސެންޓަރުތަކާއި، ރިކްރިއޭޝަނަލް ފެސިލިޓީތައް ހިމެނޭގޮތުން، ދައުލަތުން މުޖުތަމަޢުގެ ތެރޭގައި ފަރުވާގެ ޕްރޮގްރާމްތައް ހިންގަންވާނެއެވެ.
      • (ނ) މި ޤާނޫނުގެ 27 ވަނަ މާއްދާގައި ބަޔާންކުރާ ޢުމުރަށްވުރެ ހަގު ކުދިންގެ ތެރެއިން ކުށަށް އަރައިގަތުމުގެ ނުރައްކަލުގައި ތިބޭ ކުދިންނަށް ބޭނުންވާ ފަރުވާ ދީ، އެކުދިން ކުށްކުރުމުން ރައްކާތެރިކޮށް ދުރުހެލި ކުރުމަށްޓަކައި އަޅަންޖެހޭ އަވަސް ފިޔަވަޅުތައް، ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނުގެ ދަށުން އަޅައި ހިންގާނެ އިންތިޒާމުތައް ސަރުކާރުން ހަމަޖައްސަންވާނެއެވެ.
    • 14. : މުޖުތަމަޢުގެ ބައިވެރިވުމާއެކު ޕްރޮގްރާމްތައް ހިންގުން
      • (ހ) ކުޑަކުދިންގެ ޢަދުލުގެ ނިޒާމުގެ ތެރެއިން ކުޑަކުދިންނާމެދު ފިޔަވަޅު އެޅުމުގައި ހިންގޭ ޕްރޮގްރާމްތައް ދައުލަތުން އިންތިޒާމުކުރަންވާނީ ދައުލަތުގެ އިދާރާތަކުގެ އިތުރުން މުޖުތަމަޢުގެ ބައިވެރިވުމާއެކުގައެވެ. އެގޮތުން، އެފަދަ ޕްރޮގްރާމްތައް ރާވަންވާނީ، އަންނަނިވި ފަރާތްތަކަށް ބައިވެރިވެވޭނެ ގޮތަށެވެ.
        • (1) ކުއްޖާގެ ބެލެނިވެރިންނާއި ޢާއިލާ؛
        • (2) ކުޑަކުދިންގެ ޙައްޤުތަކަށް މަސައްކަތްކުރާ މަދަނީ ޖަމްޢިއްޔާތައް؛
        • (3) ކުޑަކުދިންނާއެކު ހިލޭ ސާބަހަށް މަސައްކަތްކުރާ ފަރާތްތައް؛
        • (4) މުޖުތަމަޢުގައި ޙަރަކާތްތެރިވާ އެނޫންވެސް ފަރާތްތައް.
      • (ށ) މި ޤާނޫނުގެ 13 ވަނަ މާއްދާގައި ބަޔާންކުރާ މަޤްޞަދުތައް ޙާޞިލުކުރުމަށްޓަކައި ހިންގޭ މަޝްރޫޢުތައް ހިންގުމުގައި އިސްކަންދޭންވާނީ ކުށަށް އަރައިގަތުމުގެ ނުރައްކަލުގައި ހުރި ކުއްޖާ، މުޖުތަމަޢުގެ އުފެއްދުންތެރި ބައިވެރިއަކަށްވެ، މުޖުތަމަޢަށް އަހުލުވެރިވުމުގެ މަރުޙަލާ ކާމިޔާބުކަމާއެކު ކަޑައްތުކުރުމަށް މަގުފަހިކުރުމަށެވެ. އަދި އެ މަޤްޞަދު ޙާޞިލުކުރުމަށްޓަކައި މަދަނީ ޖަމްޢިއްޔާތަކާއި، ވަޒީފާދޭ ފަރާތްތަކާއި، ފަންނީ ތަމްރީނުދޭ މަރުކަޒުތަކާއި، ތަޢުލީމުދޭ މަރުކަޒުތަކާއި، ޢުމުރުފުރައިގެ އެކުވެރިންނާއި، މުޖުތަމަޢުއާއި، ޢާއިލާގެ އެއްބާރުލުމާ އެކުގައި ޙަރަކާތްތެރިކުރުވުމަށެވެ.
    • 15. : މީޑިއާގެ ދައުރު
      • (ހ) ކުށްކުރުމުން ކުޑަކުދިން ރައްކާތެރިކޮށް ދުރުހެލިކުރުވުމަށާއި، ތުހުމަތުގައިވާ ކުދިންގެ ޙައްޤުތައް ރައްކާތެރިކުރުވުމުގައާއި، ތުހުމަތުގައިވާ ކުއްޖާ މުޖުތަމަޢަށް ހެޔޮގޮތުގައި އަހުލުވެރިކުރުވުމުގައި މީޑިއާގެ ވަސީލަތްތަކުން ޢަމަލީގޮތުން ބައިވެރިވާންވާނެއެވެ.
      • (ށ) ޤާނޫނާ ޚިލާފުވާ ކުޑަކުދިން ހިމެނޭ ކޮންމެ މައްސަލައެއްގެ ޚަބަރު ޝާއިޢުކުރުމުގައި، ވަކިފަރާތަކަށް ނުޖެހި، އެ ފަންނުގެ އެންމެ މަތީ މިންގަނޑުތަކަށް މީޑިއާތަކުން ތަބާވާންވާނެއެވެ. އަދި ކުއްޖާގެ މަޞްލަޙަތަށް އިސްކަންދީ، ކުއްޖާގެ މަޞްލަޙަތު ޙިމާޔަތް ކުރަންވާނެއެވެ.
    • 16. : ތަޢުލީމުދިނުން
      • (ހ) ކުށްކުރުމުން ކުޑަކުދިން ރައްކާތެރިކޮށް ދުރުހެލިކުރުވުމަށާއި ކުށަށް އަރައިގަންނަން މެދުވެރިވާ ކުދިން ހެޔޮގޮތުގައި މުޖުތަމަޢުއަށް އަހުލުވެރިކުރުވުމަށް ހިންގަންޖެހޭ ތަޢުލީމުގެ އަދި ހޭލުންތެރިކަމުގެ އަދި ފަރުވާގެ ޕްރޮގްރާމްތައް ހިންގުމުގައި، ތަޢުލީމުދޭ މަރުކަޒުތަކާއި، ޢާއިލާތަކާއި، މުޖުތަމަޢުއާއި، އަދި ކަމާބެހޭ އިދާރާތަކާ ގުޅިގެން މަސައްކަތްކުރަންވާނެއެވެ.
      • (ށ) ކުށަށް އަރައިގަތުމުގެ ނުރައްކަލުގައިވާ ކުއްޖާއާ ކުދިންނަށާއި ކުށުގެ ތުހުމަތުގައިވާ ކުދިންނަށް ޚާއްޞަކޮށް ފަރުމާކުރެވިފައިވާ ތަޢުލީމު ދެވޭނެ އިންތިޒާމު ދައުލަތުން ހަމަޖައްސައިދޭންވާނެއެވެ.
      • (ނ) އެއްވެސް ބާވަތެއްގެ ބަންދެއްގައި ކުއްޖަކު ބަހައްޓަންޖެހޭ ޙާލަތެއްގައިވެސް ހުއްޓުމެއް ނެތި ކުއްޖާގެ ޢުމުރުފުރާއާ އެއްވަރަށް ކުއްޖާއަށް ތަޢުލީމު ލިބެމުން ދިޔުމުގެ ފުރުޞަތު، ކުއްޖާ ބަންދުގައި ބަލަހައްޓާ ފަރާތުން މަގުފަހިކޮށްދޭންވާނެއެވެ.
  • ކުޑަކުދިންގެ ޢަދުލުގެ ނިޒާމުގައި ހިމެނޭ މުއައްސަސާތައް : ހަތަރުވަނަ ބާބު
    • 17. : ކުޑަކުދިންނަށް ޚާއްޞަ ފުލުހުން
      • (ހ) ކުޑަކުދިން ކުރާ ކުށުގެ މައްސަލަތައް ތަޙްޤީޤުކުރާނީ، މޯލްޑިވްސް ޕޮލިސް ސަރވިސްގައި ޤާއިމުކުރާ، ކުޑަކުދިންގެ މައްސަލަތައް ތަޙްޤީޤުކުރުމަށް ޚާއްޞަކުރެވިގެންވާ ޑިޕާޓްމަންޓަކުންނެވެ.
      • (ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ޑިޕާޓްމަންޓުގައި މަސައްކަތްކުރަންވާނީ، ކުޑަކުދިންގެ މައްސަލަތައް ތަޙްޤީޤުކުރުމަށް ޚާއްޞަކޮށްފައިވާ، އަދި އެކަމަށް ޚާއްޞަ ތަމްރީނު ލިބިފައިވާ ފުލުހުންނެވެ.
      • (ނ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ޑިޕާޓްމަންޓެއް ޤާއިމުކުރެވިފައި ނެތް ރަށެއްގައިނަމަ، އެ ރަށުގައި ހުންނަ ފުލުހުންގެ މަރުކަޒުގައި ކުޑަކުދިންނާ މުޢާމަލާތްކުރުމަށް އެކަށީގެންވާ ތަމްރީނާއި، ހުނަރާއި އިރުޝާދު ލިބިފައިވާ، ފުލުހުންގެ ތެރެއިން ކަނޑައެޅޭ، ޖުވެނައިލް ޖަސްޓިސް އޮފިސަރަކު ހުންނަންވާނެއެވެ.
    • 18. : ކުޑަކުދިންނަށް ޚާއްޞަ ޕްރޮސެކިއުޓަރުން
      • (ހ) ކުޑަކުދިން ކުރާ ޖިނާއީ ކުށުގެ މައްސަލަތަކުގައި ދަޢުވާކުރުމާ ގުޅޭގޮތުން ކުރަންޖެހޭ އެންމެހައި ކަންކަން ކުރާނީ، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގައި ޤާއިމުކުރާ އެކަމަށް ޚާއްޞަ ޔުނިޓަކުންނެވެ.
      • (ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ޔުނިޓުގައި މަސައްކަތްކުރާނީ، ކުޑަކުދިންގެ މައްސަލަތަކަށް ޚާއްޞަކޮށްފައިވާ، އަދި އެކަމަށް ޚާއްޞަ ތަމްރީނު ލިބިފައިވާ ޕްރޮސިކިއުޓަރުންނެވެ.
    • 19. : ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސް
      • (ހ) މި ޤާނޫނަށް އަމަލުކުރަން ފެށުމާއެކު، ކުޑަކުދިން ކުރާ ޤާނޫނާ ޚިލާފު ޢަމަލުތަކާގުޅޭ މައްސަލަތައް ބެލުމުގައި ކުޑަކުދިންގެ މަންފާއަށްޓަކައި މަސައްކަތްކޮށްދީ، އެކުދިން ހެޔޮގޮތުގައި މުޖުތަމަޢަށް ރުޖޫއަކުރުމުގައި އިސް ދައުރެއް އަދާކުރާނެ އިދާރާގެ ގޮތުގައި މަސައްކަތްކުރުމަށްޓަކައި 'ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސް' ގެ ނަމުގައި ސަރުކާރުގެ އިދާރާއެއް އުފެދުނީއެވެ.
      • (ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސް އުފެދުމާއެކު، މިޤާނޫނަށް ޢަމަލުކުރަން ފެށުމުގެ ކުރިން ހިނގަމުންއައި ޖުވެނައިލް ޖަސްޓިސް ޔުނިޓްގެ މިލްކުވެރިކަމުގެ ދަށުގައި ނުވަތަ ބެލެހެއްޓުމުގެ ދަށުގައި ހުރި އެންމެހައި މުދަލާއި، ފައިސާއާއި، ވަޞީލަތްތަކާއި، މުވައްޒަފުންނާއި، ދައުލަތުގެ ބަޖެޓުން ޖުވެނައިލް ޖަސްޓިސް ޔުނިޓަށް އެކަށައަޅައި ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ފައިސާއާއި، އެއްބަސްވުންތަކުގެ ދަށުން އެ ޔުނިޓަށް ލިބިދީފައިވާ ބާރުތަކާއި، ޙައްޤުތަކާއި، މަންފާތަކާއި، އަދި ޤާނޫނީ ގޮތުންނާއި އެއްބަސްވުންތަކުގެ ދަށުން އެ ޔުނިޓުން އުފުލަންޖެހޭ އެންމެހައި އިލްތިޒާމުތައް، މި މާއްދާގެ (ހ) ގެ ދަށުން އުފެދޭ ޑިޕާޓްމަންޓަށް ބަދަލުވީއެވެ.
      • (ނ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ޑިޕާޓްމަންޓް ހިނގަމުންދާނީ، ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ މަސްއޫލިއްޔަތު އެއިރެއްގައި ޙަވާލުކޮށްފައިވާ މިނިސްޓަރުގެ ބެލުމުގެ ދަށުންނެވެ.
      • (ރ) ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސް ހިނގަމުންދާނީ، ކުޑަކުދިންގެ ވެލްފެއަރގެ ކަންކަން ބެލެހެއްޓުމުގެ މަސްއޫލިއްޔަތު އެއިރެއްގައި ޙަވާލުކުރެވިފައިވާ މިނިސްޓްރީގެ ބެލުމުގެ ދަށުން ކަމުގައި މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވީނަމަވެސް، އެ ޑިޕާޓްމަންޓުގެ މަސްއޫލިއްޔަތުތަކާއި އެ މިނިސްޓްރީގެ ދަށުން ހިނގަމުންދާ ކުޑަކުދިންގެ ވެލްފެއަރއަށް މަސައްކަތްކުރާ ޑިޕާޓްމަންޓުގެ މަސްއޫލިއްޔަތުތައް އެކުވެގެންނުވާނެއެވެ. ޖުވެނައިލް ޖަސްޓިސް ޑިޕާޓްމަންޓުން އެފަދަ އިދާރާއަކާ ގުޅިގެން މަސައްކަތްކުރާ ޙާލަތުގައިވެސް މަސައްކަތްކުރަންވާނީ، މަޞްލަޙަތު ފުށުނާރާނެ ގޮތެއްގެމަތިންނެވެ.
    • 20. : ޖުވެނައިލް ޖަސްޓިސް ޑިޕާޓްމަންޓުގެ މަސްއޫލިއްޔަތުތައް ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްގެ މަސްއޫލިއްޔަތުތައް ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.
      • (ހ) ކުޑަކުދިންގެ މައްސަލަތައް ތަޙްޤީޤުކުރުމުގައި ފުލުހުންނާއެކު މަސައްކަތްކޮށް، ކުއްޖާގެ މަޞްލަޙަތު ޙިމާޔަތްކޮށްދިނުމަށް މަސައްކަތްކުރުން؛
      • (ށ) ކުޑަކުދިން ކުށްކުރުމަށް މެދުވެރިވާ ސަބަބުތައް ދެނެގަތުމަށް ކުރަންޖެހޭ ދިރާސާތައް ކުރުން؛
      • (ނ) ޑައިވަރޝަންގެ ޕްރޮގްރާމްތައް ރާވައި ހިންގުން؛
      • (ރ) ކުޑަކުދިންގެ ޢަދުލުގެ ނިޒާމާއި، ކުޑަކުދިން ކުށްކުރުން ހުއްޓުވުމަށް ބާރުއެޅުމަށްޓަކައި ކުރެވިދާނެ ކަންކަމާމެދު ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތައް ހިންގުން؛
      • (ބ) ޖިނާއީ ޢަދުލުގެ ނިޒާމުގެ ތެރެއިން ކުޑަކުދިންނާ މުޢާމަލާތްކޮށް، އެ ކުދިންނާމެދު ފިޔަވަޅުއެޅުމުގައި މަސައްކަތްކުރާ ފަރާތްތަކަށް ތަމްރީނު ޕްރޮގްރާމްތައް ހިންގުން؛
      • (ޅ) ކުށަށް އަރައިގަންނަ ކުދިން އަނބުރާ މުޖުތަމަޢަށް ގެނައުމަށް ހިންގަންޖެހޭ ޕްރޮގްރާމްތައް ކަމާބެހޭ އިދާރާތަކުގެ ބައިވެރިވުމާއެކު ރާވައި ހިންގުން؛
      • (ކ) ކުޑަކުދިންގެ މަރުކަޒުތަކުގައި ބަންދުގައި ތިބޭ ކުދިންގެ ޙާލަތު މޮނިޓަރކުރުން.
    • 21. : ކުޑަކުދިންނަށް ޚާއްޞަ ކޯޓު
      • (ހ) މި ޤާނޫނަށް ޢަމަލުކުރަން ފެށުމަށްފަހު، ކުޑަކުދިން ކުރާ ޖިނާއީ ކުށުގެ މައްސަލަތައް ފުރަތަމަ މަރުޙަލާގައި ބެލުމުގެ އިޚްތިޞާޞް ލިބިގެންވަނީ، ޖުވެނައިލް ކޯޓާއި އެ ކޯޓުގެ ޑިވިޜަންތަކަށެވެ.
      • (ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ މައްސަލަތަކުގެ ތެރެއިން، މާލޭގައި ހިނގާ މައްސަލަތަކާއި، ކުޑަކުދިން ކުރާ ޖިނާއީ ބޮޑެތި ކުށުގެ މައްސަލަތައް ބެލުމުގެ އިޚްތިޞާޞް ލިބިގެންވަނީ، މި ޤާނޫނަށް ޢަމަލުކުރަން ފެށިއިރު މާލޭގައި ޤާއިމުކޮށްފައިވާ ޖުވެނައިލް ކޯޓަށެވެ.
      • (ނ) މި މާއްދާގެ (ށ) ގައި ބަޔާންކުރާ މައްސަލަތައް ފިޔަވައި ކުޑަކުދިން ކުރާ ޖިނާއީ ކުށުގެ އެހެން މައްސަލަތައް ފުރަތަމަ މަރުޙަލާގައި ބެލުމުގެ އިޚްތިޞާޞް ލިބިގެންވަނީ، މި މާއްދާގައިވާ ގޮތުގެމަތިން އުފައްދާ ޖުވެނައިލް ކޯޓުގެ ސަރަޙައްދީ ޑިވިޜަންތަކަށެވެ.
      • (ރ) މި މާއްދާގައި ބަޔާންކުރާ ޖުވެނައިލް ކޯޓާއި އެ ކޯޓުގެ ސަރަޙައްދީ ޑިވިޜަންތަކަކީ، ބޮޑެތި މީހުންގެ މައްޗަށް ހިންގާ ޖިނާއީ ޢަދުލުގެ ނިޒާމާ ވަކިކުރެވިފައިވާ، ހަމައެކަނި ކުޑަކުދިންގެ މައްސަލަތައް ބެލުމަށް ޚާއްޞަކުރެވިފައިވާ، މި ޤާނޫނުގައި ބަޔާންކުރާ ކުޑަކުދިންގެ ޢަދުލުގެ ނިޒާމުގެ އަސާސްތަކާ އެއްގޮތްވާ ގޮތުގެމަތިން ހިނގަމުންދާ ކޯޓުތަކެއް ކަމުގައިވާންވާނެއެވެ.
    • 22. : ކޯޓުގެ ފަނޑިޔާރުން
      • (ހ) ކުޑަކުދިންގެ މައްސަލަތައް ބަލާ ކޯޓުތަކުގައި މަސައްކަތްކުރަންވާނީ، ކުޑަކުދިންގެ މައްސަލަތައް ބެލުމަށް ޚާއްޞަ ތަމްރީނު ލިބިފައިވާ ފަނޑިޔާރުންނެވެ.
      • (ށ) ޖުވެނައިލް ކޯޓުގެ ސަރަޙައްދީ ޑިވިޜަންތަކުގައި މަސައްކަތްކުރަންވާނީ، މާލޭގައި ޤާއިމުކޮށްފައިވާ ޖުވެނައިލް ކޯޓުގައި މަސައްކަތްކުރާ ފަނޑިޔާރުންނާ އެއް ޝަރުޠުތަކެއް ކަނޑައެޅިފައިވާ ފަނޑިޔާރުންނެވެ.
    • 23. : ކުޑަކުދިންނާ ރައްޓެހި ނިޒާމެއް ޤާއިމުކުރުން
      • (ހ) ކުޑަކުދިންގެ މައްސަލަތައް ބަލާ ކޯޓުތަކުގައި މައްސަލަ ބެލުމުގެ ނިޒާމު ޤާއިމުވެފައި ހުންނަންވާނީ، ކުޑަކުދިންނާ ރައްޓެހި މާޙައުލެއްގައި އެކުދިންގެ މައްސަލަތަކުގެ ޝަރީޢަތްތައް ހިންގޭނެ ގޮތެއްގެމަތިންނެވެ.
      • (ށ) މި މާއްދާގެ ބޭނުމަށްޓަކައި، ޝަރީޢަތްކުރެވޭ ތަނާއި، ޝަރީޢަތުގެ އަޑުއެހުންތައް ހިންގުމުގައި ޢަމަލުކުރާނެ އުސޫލުތައް ކަނޑައެޅިފައި ހުންނަންވާނީ، ކުޑަކުދިންނާ ރައްޓެހި، ކުޑަކުދިންނަށް ފަސޭހައިން ވާޞިލުވެވޭނެ ގޮތެއްގެމަތިންނެވެ.
      • (ނ) މި މާއްދާގައި ބަޔާންކުރާ މަޤްޞަދުތައް ޙާޞިލުކުރުމަށްޓަކައި، ދިވެހިރާއްޖޭގެ ހައިކޯޓާއި ސުޕްރީމް ކޯޓުގައިވެސް ކުޑަކުދިންގެ މައްސަލަތައް ބެލުމަށްޓަކައި އެފަދަ އިންތިޒާމުތައް ހަމަޖެހިފައި ހުންނަންވާނެއެވެ.
    • 24. : އިންތިގާލީ މަރުޙަލާ
      • (ހ) މި ޤާނޫނުގެ 21 ވަނަ މާއްދާގެ (ނ) ގައި ބަޔާންކުރާ ޖުވެނައިލް ކޯޓުގެ ސަރަޙައްދީ ޑިވިޜަންތައް، މި ޤާނޫނަށް ޢަމަލުކުރަން ފަށާތާ ގިނަވެގެން 18 (އަށާރަ) މަސް ދުވަހުގެ ތެރޭގައި ޤާއިމުކުރަންވާނެއެވެ.
      • (ށ) ޤާނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 69 ވަނަ މާއްދާގައި އެހެން ގޮތަކަށް ކަނޑައަޅާފައިވީނަމަވެސް، މި ޤާނޫނުގެ 21 ވަނަ މާއްދާގެ (ނ) ގައި ބަޔާންކުރާ ޖުވެނައިލް ކޯޓުގެ ސަރަޙައްދީ ޑިވިޜަންތައް މި ޤާނޫނުގައިވާ ގޮތުގެމަތިން ޤާއިމުކުރެވެންދެން، އެ މާއްދާގެ (ށ) އަދި (ނ) ގައި ބަޔާންކުރާ އެންމެހައި މައްސަލަތައް ބަލާނީ، މި ޤާނޫނަށް ޢަމަލުކުރަން ފަށާއިރު މާލޭގައި ޤާއިމުކޮށްފައިވާ ޖުވެނައިލް ކޯޓުންނެވެ.
      • (ނ) މި މާއްދާގެ (ހ) ގެ ބޭނުމަށްޓަކައި، ޖުވެނައިލް ކޯޓުގެ ފަނޑިޔާރުން އެހެން ޖުޑީޝަލް ދާއިރާތަކަށް ގޮސް، އެ ދާއިރާތަކުގެ މައްސަލަތައް ބެލުމަށް ހުރަހެއް ނެތެވެ. އެހެންނަމަވެސް، އެފަދައިން މައްސަލަ ބަލަންވާނީ، ޢާންމު ޖިނާއީ ޢަދުލުގެ ނިޒާމުގައި ބޮޑެތި މީހުންގެ މައްސަލަ ބަލާ ޝަރުޢީ ކޯޓެއްގެ ނިޒާމުން ބޭރުންނެވެ.
    • 25. : ޕްރޮބޭޝަން އޮފިސަރުންނާއި ކަރެކްޝަަނަލް އޮފިސަރުން
      • (ހ) ޕްރޮބޭޝަންގައި ތިބޭ ނުވަތަ ޕެރޯލްގައި ދޫކުރެވޭ ކުޑަކުދިންގެ ކަންކަން ބަލައި، މޮނިޓަރކުރުމާއި، މަރުކަޒުތަކުގައި ބަންދުގައި ތިބޭ ކުޑަކުދިންނާ ގުޅޭ ކަންކަމުގައި މަސައްކަތްކުރަންވާނީ، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގައި އެކަމަށް ޚާއްޞަކުރެވޭ ޔުނިޓަކުންނެވެ.
      • (ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ޔުނިޓުގައި މަސައްކަތްކުރަންވާނީ، ކުޑަކުދިންނާއެކު މަސައްކަތް ކުރުމަށް ޚާއްޞަ ތަމްރީނު ލިބިފައިވާ އޮފިސަރުންނެވެ.
    • 26. : ކުޑަކުދިންނާއެކު މަސައްކަތްކުރާ ފަރާތްތަކަކީ ޚާއްޞަ ތަމްރީނު ލިބިފައިވާ ބައެއް ކަމުގައިވުން
      • (ހ) މި ބާބުގައި ބަޔާންކުރާ މުއައްސަސާތަކުގައި، އެކި ހައިސިއްޔަތުން ކުޑަކުދިންނާ މުޢާމަލާތްކޮށް، އެކުދިންގެ މައްޗަށް ފިޔަވަޅު އަޅައި، އެނޫންވެސް ހައިސިއްޔަތަކުން އެކުދިންގެ މައްޗަށް ޤާނޫނު ތަންފީޛުކުރުމުގައި މަސައްކަތްކުރާ އެންމެހައި ފަރާތްތަކަކީ، ކުޑަކުދިންނާއެކު މަސައްކަތްކުރުމަށް ޚާއްޞަ ތަމްރީނާއި ހުނަރާއި އިރުޝާދު ލިބިފައިވާ ބައެއް ކަމުގައި ވާންވާނެއެވެ.
      • (ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ މަޤްޞަދުތައް ޙާޞިލުކުރުމަށްޓަކައި، މި ބާބުގައި ބަޔާންކުރާ މުއައްސާސަތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ތަމްރީނުދެވޭނެ، އަދި އެފަދަ މުވައްޒަފުންގެ ޤާބިލިއްޔަތު ގަވާއިދުން މުރާޖަޢާކޮށް، ވަޒަންކުރެވޭނެ އިންތިޒާމެއް އެ މުއައްސަސާތަކުގައި ހަމަޖައްސަންވާނެއެވެ.
  • ޖިނާއީ މަސްއޫލިއްޔަތު އުފުލުން : ފަސްވަނަ ބާބު
    • 27. : ޖިނާއީ މަސްއޫލިއްޔަތު އުފުލަންޖެހޭ ޢުމުރު
      • (ހ) ކުޑަކުދިން ކުށުގެ ޖިނާއީ މަސްއޫލިއްޔަތު އުފުލަންޖެހޭ ޢުމުރަކީ، ޢުމުރުން 15 (ފަނަރަ) އަހަރެވެ.
      • (ށ) އެހެން ޤާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ވީނަމަވެސް، ކުށްކުރި ހިނދުގައި ކުޑަކުއްޖެއް ކަމުގައިވާ ކުދިން ކުރާ ކުށްތަކާ ގުޅިގެން އެކުދިންގެ މައްޗަށް ޖިނާއީ މަސްއޫލިއްޔަތު ކަނޑައެޅުމުގައި އިސްކަންދޭންވާނީ މި ޤާނޫނަށެވެ.
    • 28. : ކުޑަކުއްޖެއް ކަމުގައި ބެލުން
      • (ހ) ޤާނޫނު ތަންފީޛުކުރާ އިދާރާއަކުން އެއްވެސް ފަރާތަކާމެދު ފިޔަވަޅު އެޅުމުގައި އެފަރާތަކީ ކުޑަކުއްޖެއްކަން ނުވަތަ ޢުުމުރުން 18 (އަށާރަ) އަހަރުން މަތީގެ މީހެއްކަން ޔަޤީންނުކުރެވޭ ޙާލަތެއް މެދުވެރިވެއްޖެނަމަ، އެހެން ގޮތަކަށް ސާބިތުނުވާހާ ހިނދަކު، އެއީ ކުޑަކުއްޖެއް ކަމުގައި ބަލައި، މި ޤާނޫނުން ލިބިދޭ މަންފާ އެ ކުއްޖަކަށް ލިބިދޭންވާނެއެވެ.
      • (ށ) ޤާނޫނާ ޚިލާފުވި ކަމަށް ބެލެވޭ ކުޑަކުއްޖަކީ ކުށުގެ ޖިނާއީ މަސްއޫލިއްޔަތު އުފުލަންޖެހޭ ކުއްޖެއްކަން މި ޤާނޫނުގެ 27 ވަނަ މާއްދާގެ ބޭނުމަށްޓަކައި ކަނޑައެޅުމުގައި، އެކުއްޖެއްގެ ޢުމުރު ޔަޤީންނުކުރެވިއްޖެނަމަ، އެނޫން ގޮތަކަށް ސާބިތުނުވާހާ ހިނދަކު އެ ކުއްޖަކީ ކުށުގެ ޖިނާއީ މަސްއޫލިއްޔަތު އުފުލަންނުޖެހޭ ކުއްޖެއް ކަމުގައި ބަލަންވާނެއެވެ.
    • 29. : ޢުމުރަށް ބަލައި,ކުށްވެރިނުކުރުން ވަކި ޢަމަލަކީ ޢުމުރުން 18 (އަށާރަ) އަހަރުން މަތީ މީހަކު ކޮށްފިނަމަ ކުށެއް ކަމުގައި ނުބެލެވޭ ޢަމަލެއް ކަމުގައިވާނަމަ، އެ ޢަމަލު ކުޑަކުއްޖަކު ކުރާ ޙާލަތުގައިވެސް އެއީ ކުށެއް ކަމުގައި ބަލައިގެންނުވާނެއެވެ.
  • ކުއްޖާގެ ޙައްޤުތައް : ހަވަނަ ބާބު
    • 30. : ކުއްޖާގެ ޙައްޤުތައް ކުށުގެ ތުހުމަތުގައިވާ ކުއްޖާއަށް އަންނަނިވި ޙައްޤުތައް މި ޤާނޫނުގެ ދަށުން ލިބިގެންވެއެވެ.
      • (ހ) ޤާނޫނު ތަންފީޛުކުރުމުގެ އެއްވެސް މަރުޙަލާއެއްގައިވާ ކުއްޖަކާމެދު އެކުއްޖާ ބެލެހެއްޓުމާ ޙަވާލުވެ ހުންނަ ފަރާތުން އެއްވެސް ސިފައެއްގައި، ރަހުމުކުޑަ، ނުވަތަ ބަދުއަޚްލާޤީ، ނުވަތަ ބޭއަދަބީ، ނުވަތަ ލާއިންސާނީ، ނުވަތަ އަނިޔާވެރި، ނުވަތަ އިހާނެތި، ނުވަތަ އިންސާނީ ކަރާމާތް ގެއްލޭފަދަ އެއްވެސް ކަމެއް ނުހިންގުން، އަދި އެހެން މީހަކު ހިންގިޔަވެސް ނުދިނުން؛
      • (ށ) ކުއްޖާއަށް އެއްވެސް ޖިސްމާނީ ނުވަތަ ނަފްސާނީ ހާނިއްކައެއް ލިބޭނެ އަދަބެއް ނުދިނުން؛
      • (ނ) ކުއްޖާ ދައްކަންޖެހޭ ޖޫރިމަނާގެ ނުވަތަ އެނޫންވެސް ފައިސާއެއް ނުދެއްކުމުން، އޭގެ ބަދަލެއްގެ ގޮތުގައި ކުއްޖާ ބަންދުކުރުމަށް އެއްވެސް ޙާލަތެއްގައި އަމުރެއް ނުކުރުން؛
      • (ރ) ކުއްޖާގެ ޢުމުރާ ނުގުޅޭ މަސައްކަތެއްކުރުމަށް އަމުރު ނުކުރުން؛
      • (ބ) ޤާނޫނާ ޚިލާފަށް، ނުވަތަ ޤާނޫނުން ލިބިދޭ އިޚްތިޔާރީ ބާރެއްގެ ނަހަމަ ބޭނުންކޮށްގެން، ނުވަތަ ޤާނޫނާ ޚިލާފު ނުވަތަ ނުރަނގަޅު އިޖުރާއަތެއްގެ ދަށުން ކުއްޖާގެ މިނިވަންކަން އެއްވެސް ޙާލަތެއްގައި ނުހިފެހެއްޓުން؛
      • (ޅ) އެންމެ ފަހުގެ ފިޔަވަޅެއްގެ ގޮތުން މެނުވީ ކުއްޖާ ހައްޔަރުނުކުރުން؛
      • (ކ) ކުއްޖަކު ހައްޔަރުކުރެވުމާއެކު ލަސްނުކޮށް ޤާޟީއެއްގެ ކުރިމައްޗަށް ހާޒިރުކުރެވުމާއި، އެފަދަ މައްސަލަތައް އަވަސް މައްސަލައިގެ ގޮތުގައި ކޯޓުން ބެލުން؛
      • (އ) ކުއްޖާ ބަންދުކުރުން އެއީ އެނޫން އެހެން ފިޔަވަޅުތައް އެ ކުއްޖާއާމެދު އެޅުމަށްފަހު އަދި އެ ފިޔަވަޅުތައް ނާކާމިޔާބުވުމަށްފަހު، އެޅޭ އެންމެ ފަހުގެ ފިޔަވަޅެއް ކަމުގައިވުމާއި، އެފަދަ ޙާލަތެއްގައިވެސް ކުއްޖާ ބަންދުކުރެވޭ މުއްދަތަކީ އެ ޙާލަތެއް ލާޒިމުކުރާ އެންމެ ކުރު މުއްދަތެއް ކަމުގައިވުން؛
      • (ވ) ކުއްޖާ ހާޒިރުކުރެވޭ، ނުވަތަ ހިފެހެއްޓޭ ނުވަތަ ބަންދުކުރެވޭ ކޮންމެ ތަނެއްގައި، ކުއްޖާގެ ޢުމުރާއި، އުފެދުމާއި، ޖިންސާ އެކަށީގެންވާ ގޮތަކަށް ކުއްޖާއާމެދު ޢަމަލުކުރެވުން؛
      • (މ) ކުއްޖާއާމެދު އެޅޭ ކޮންމެ ފިޔަވަޅަކީވެސް ކުއްޖާއާމެދު ތުހުމަތުކުރެވިފައިވާ ކުށުގެ ކުޑަބޮޑު މިނާ އަޅާބަލާއިރު ނުބައްދަލު ފިޔަވަޅަކަށް ނުވުން؛
      • (ފ) ކުއްޖާގެ މިނިވަންކަން ވަގުތީގޮތުން ހިފެހެއްޓޭ ޙާލަތުގައި ނުވަތަ ކޯޓުގެ ނިންމުމަކާ އެއްގޮތަށް ބަންދުކުރެވޭ ޙާލަތުގައި، ކުށުގެ ތުހުމަތުގައިވާ ނުވަތަ ޙުކުމް ތަންފީޛުކުރަމުންދާ ބޮޑެތި މީހުންނާ އެކުގައި ނުބެހެއްޓުމާއި، ހުރިހާ ވަގުތެއްގައިވެސް އެފަދަ މީހުންނާ މުޅިން ވަކިން އެ ކުއްޖާ ބެހެއްޓުން؛
      • (ދ) ޤާނޫނާ ޚިލާފު ޢަމަލުތައް ކުރާ އެހެން ކުދިންނާއެކު ކުއްޖާ ބަންދުކުރެވޭ ޙާލަތުގައިވެސް ކުއްޖާގެ ޖިންސާއެއް ޖިންސުގެ ކުދިންނާއެކު ބަންދުކުރުން؛
      • (ތ) ޤާނޫނު ތަންފީޛުކުރާ ފަރާތެއްގެ ބެލުމުގެ ދަށުގައި، ނުވަތަ އެއިން ފަރާތެއް ޢައްޔަނުކޮށްފައިވާ ފަރާތެއްގެ ބެލުމުގެ ދަށުގައި ކުއްޖާ އެއް ތަނުން އަނެއް ތަނަށް ދަތުރުކުރާ ނުވަތަ ގެންދާ ޙާލަތުގައި ކުއްޖާއާ ޙަވާލުވެ ތިބޭ މީހުން ފިޔަވައި އެހެން ބޮޑެތި މީހުންނާ ވަކިން، އަދި ދެ ޖިންސުގެ ކުދިން ވަކިން ދަތުރުކުރެވޭނެ އިންތިޒާމު ކުރެވިފައިވުން؛
      • (ލ) އެ ކުއްޖެއްގެ މިނިވަންކަން ހިފެހެއްޓިފައިވާ ކުއްޖަކަށް، މުވާޞަލާތީ ވަޞީލަތްތަކާއި ޢާއިލީ ބައްދަލުވުންތައް ފަދަ އިންތިޒާމުތައް މެދުވެރިކޮށް ގަވާއިދުން އެ ކުއްޖެއްގެ ބެލެނިވެރިންނާއި ޢާއިލާއާ ގުޅުން ބޭއްވުމަށް މަގުފަހިވެފައިވުން؛
      • (ގ) ޤާނޫނު ތަންފީޛުކުރާ އެއްވެސް ބާރެއް ލިބިގެންވާ ފަރާތަކުން ކުޑަކުދިންގެ ޢަދުލުގެ ނިޒާމުގެ ތެރެއިން އެކުއްޖާއާމެދު ފިޔަވަޅެއް އެޅުމުގެ ކޮންމެ މަރުޙަލާއެއްގައިމެ، ކުއްޖާއަށް ޤާނޫނީ ލަފަޔާއި އިރުޝާދު ދީ، ކުއްޖާގެ ޤާނޫނީ ޙައްޤުތައް ރައްކާތެރިކޮށް ދިފާޢުކޮށް ނަގަހައްޓައި، ކުއްޖާގެ ޙައްޤުގައި ވަކާލާތުކޮށް ކުއްޖާ ތަމްޞީލުކުރުމަށްޓަކައި ދައުލަތުގެ ޚަރަދުގައި ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ލިބުމާއި، ކުއްޖާއަށް އެފަދަ އެހީ ހަމަޖެއްސެންނެތް ޙާލަތެއްގައި ލަސްނުކޮށް ކުއްޖާއަށް އެފަދަ އެހީ ފޯރުކޮށްދިނުން؛
      • (ޏ) ޤާނޫނު ތަންފީޛުކުރާ އެއްވެސް ބާރެއް ލިބިގެންވާ ފަރާތަކުން ކުއްޖާގެ މައްޗަށް ފިޔަވަޅެއް އެޅުމުގެ ކޮންމެ މަރުޙަލާއެއްގައިމެ، ކުއްޖާގެ ބެލެނިވެރިޔާގެ ނުވަތަ ކުއްޖާގެ މަޞްލަޙަތު ޙިމާޔަތްކޮށްދޭނެ ފަރާތެއްގެ އެހީތެރިކަން ލިބުމަށް މަގުފަހިވެފައިވުން؛
      • (ސ) ކުއްޖާގެ މައްސަލަ ނިންމުމުގައި، ކުއްޖާގެ މަޞްލަޙަތަށް އެންމެ އިސްކަންދިނުން؛
      • (ޑ) ތުހުމަތުކުރެވޭ ކުއްޖާއާމެދު ގޮތެއް ނިންމުމުގައި ހަމައެކަނި ކުށުގެ ބާވަތަށާއި ބުރަދަނަށް ނުބަލައި، ތުހުމަތުގައިވާ ކުއްޖާގެ ނަފްސާނީ، ފިކުރީ، ޖިސްމާނީ، ޢާއިލީ އަދި އިޖުތިމާޢީ ޙާލަތަށާއި މުޖުތަމަޢުގެ ބޭނުންތަކަށްވެސް ރިޢާޔަތްކުރުން؛
      • (ޒ) ކުއްޖާގެ މިނިވަންކަން ހިފެހެއްޓިއްޖެނަމަ، އެ މިނިވަންކަން ހިފެހެއްޓިފައިވަނީ ޤާނޫނާ އެއްގޮތްވާ ގޮތުގެމަތިންކަން ނުވަތަ ނޫންކަން ކަނޑައެޅުމަށްޓަކައި ލަސްނުކޮށް ކޯޓުތަކަށް ހުށަހެޅުމުގެ ފުރުޞަތާއި ވަސީލަތްތައް ދައުލަތުން ފޯރުކޮށްދިނުން؛
      • (ޓ) ފަރުވާތެރިކަމާއެކު ބެލުމަށްފަހު ޤާނޫނު ހުއްދަކުރާ ޙާލަތުގައި މެނުވީ ކުއްޖާގެ ޒާތީ މިނިވަންކަމަށް ހުރަސްއެޅޭނެ ކަމެއް ނުކުރުމާއި، އެ ޙާލަތުގައިވެސް އެކަން ކުރެވެނީ، ބޭނުންވާ އެންމެ ކުޑަމިނަށް ކަމުގައިވުން؛
      • (ޔ) ކުއްޖާއާމެދު ކުށެއްގެ ތުހުމަތުކުރެވޭ ހިސާބުން ފެށިގެން ކުޑަކުދިންގެ ޢަދުލުގެ ނިޒާމުގެ އެންމެހައި މަރުޙަލާއެއް ކަޑައްތުކޮށް މުޖުތަމަޢަށް ހެޔޮގޮތުގައި ކުއްޖާ އެނބުރި ރުޖޫޢަވުމާ ހަމައަށްވެސް، އަދި އެއަށްފަހުގައިވެސް، ކުއްޖާގެ މަޢުލޫމާތު ޢާންމުނުކުރުން.
  • ފުރަތަމަ މަރުޙަލާގެ ފިޔަވަޅުތައް : ހަތްވަނަ ބާބު
    • 31. : ރިސްކް އެސެސްމަންޓެއް ހެދުން ކުޑަކުއްޖަކު، ކުޑަކުދިންގެ ޢަދުލުގެ ނިޒާމުގެ ތެރެއަށް ފުރަތަމަ ވަންނަ ހިނދު، ޤާނޫނު ތަންފީޛުކުރާ އިދާރާއަކުން އެ ކުއްޖާއާމެދު އެއްވެސް ފިޔަވަޅެއް އަޅަންވާނީ، އެ ކުއްޖާގެ ރިސްކް އެސެސްމަންޓެއް ހެދުމަށްފަހުގައެވެ.
    • 32. : ދަރަޖަކުރުން މި ޤާނޫނުގެ 31 ވަނަ މާއްދާގައި ބަޔާންކުރާ ރިސްކް އެސެސްމަންޓަކީ، ކުއްޖާ މުޖުތަމަޢަށް ދޫކޮށްލުމަށް ނުވަތަ ކުއްޖާއާމެދު ޑައިވަރޝަންގެ ނިޒާމުގެ ދަށުން ފިޔަވަޅުއެޅުމަށް ނުވަތަ ކުއްޖާގެ މައްސަލަ ތަޙްޤީޤުކޮށް، ޖިނާއީ ދަޢުވާ އުފުލުމަށް ނިންމުމަށްޓަކައި ހެދޭ އެސެސްމަންޓެކެވެ. އެގޮތުން:
      • (ހ) ކުއްޖާ ކުރި ޢަމަލުގެ ބާވަތަށާއި އޭގެ ކުޑަބޮޑު މިނަށް ބަލާއިރު، އެ ޢަމަލަކީ، ބޮޑު ކުށެއް ކަމުގައިނުވާ ޢަމަލެއްނަމަ، އަދި/ނުވަތަ ކުއްޖާ އެފަދަ ކަމެއް ތަކުރާރުނުކުރާނެ ކަމަށް ބެލެވޭނެ އެކަށީގެންވާ ސަބަބުތަކެއް ހުރިނަމަ، އެ ކުއްޖާއަކީ އެ ކުއްޖާ މުޖުތަމަޢަށް ދޫކޮށްލައިފިނަމަ ކުށަށް އަރައިގަތުމުގެ އިތުރު ފުރުޞަތެއް ނެތް ކުއްޖެއްކަމަށް ބަލަންވާނެއެވެ.
      • (ށ) ކުއްޖާ ކުރި ޢަމަލުގެ ބާވަތަށާއި އޭގެ ކުޑަބޮޑު މިނަށް ބަލާއިރު، އެ ޢަމަލަކީ، ބޮޑު ކުށެއް ކަމުގައިނުވިނަމަވެސް އެ ކުއްޖާ އެފަދަ ކަމެއް ތަކުރާރުކޮށްފާނެ ކަމަށް ބެލުމަށް އެކަށީގެންވާ ސަބަބުތަކެއް ހުރިނަމަ، ނުވަތަ އެކުއްޖާއަށް އިންޒާރެއް ނުދީ ދޫކޮށްލައިފިނަމަ އެކުއްޖާ ކުށަށް އަރައިގަތުމުގެ ކުޑަނަމަވެސް ފުރުޞަތެއް އޮތް ކަމަށް ބެލެވޭނަމަ، އެ ކުއްޖާއަކީ ކުށަށް އަރައިގަތުމުގެ ކޮންމެވެސް މިންވަރެއްގެ ނުރައްކަލެއް އޮތް ކުއްޖެއްކަމަށް ބަލަންވާނެއެވެ.
      • (ނ) ކުއްޖާ ކުރި ޢަމަލުގެ ބާވަތަށާއި އޭގެ ކުޑަބޮޑު މިނަށް ބަލާއިރު، އެ ޢަމަލަކީ، ކުޑަ ކުށެއް ކަމުގައިނުވާނަމަ، އަދި/ނުވަތަ އެ ކުއްޖާ އެފަދަ ކަމެއް ތަކުރާރުކޮށްފާނެ ކަމަށް ބެލުމަށް އެކަށީގެންވާ ސަބަބުތަކެއް ހުރިނަމަ، އަދި/ނުވަތަ އެކުއްޖާއާމެދު އެއްވެސް ފިޔަވަޅެއް ނާޅައި ދޫކޮށްލައިފިނަމަ އެކުއްޖާ ކުށަށް އަރައިގަތުމުގެ ފުރުޞަތު އެކަށީގެންވާ މިންވަރަކަށް އޮތް ކަމަށް ބެލެވޭނަމަ، އެ ކުއްޖާއަކީ ކުށަށް އަރައިގަތުމުގެ އެކަށީގެންވާ މިންވަރެއްގެ ނުރައްކަލެއް އޮތް ކުއްޖެއްކަމަށް ބަލަންވާނެއެވެ.
      • (ރ) ކުއްޖާ ކުރި ޢަމަލުގެ ބާވަތަށާއި އޭގެ ކުޑަބޮޑު މިނަށް ބަލާއިރު، އެ ޢަމަލަކީ، ބޮޑު ކުށެއް ކަމުގައިވާނަމަ، އަދި އެ ކުއްޖާ އެފަދަ ކަމެއް ތަކުރާރުކޮށްފާނެ ކަމަށް ބެލުމަށް އެކަށީގެންވާ ސަބަބުތަކެއް ހުރިނަމަ، އަދި އެކުއްޖާއާމެދު އެއްވެސް ފިޔަވަޅެއް ނާޅައި ދޫކޮށްލައިފިނަމަ އެކުއްޖާ ކުށަށް އަރައިގަތުމުގެ ފުރުޞަތު ބޮޑު ކަމަށް ބެލެވޭނަމަ، އެ ކުއްޖާއަކީ ކުށަށް އަރައިގަތުމުގެ ނުރައްކާ ބޮޑު ކުއްޖެއް ކަމުގައި ބަލަންވާނެއެވެ.
    • 33. : ނަސޭޙަތްދިނުމާއި އިންޒާރުދިނުން
      • (ހ) މި ޤާނޫނުގެ 32 ވަނަ މާއްދާގެ (ހ) އާއި (ށ) ގައި ބަޔާންކުރާ ޙާލަތުގައި، އެ ކުއްޖާއާމެދު އަންނަނިވި ގޮތްތަކުގެ ތެރެއިން ގޮތަކަށް ޢަމަލުކުރުމުގެ އިޚްތިޔާރު ޤާނޫނު ތަންފީޛުކުރާ އިދާރާތަކަށް ލިބިގެންވެއެވެ.
        • (1) އެއްވެސް ފިޔަވަޅެއް ނާޅައި ދޫކޮށްލުން؛
        • (2) އަނގަބަހުން ނަސޭހަތް ދިނުން؛
        • (3) ރަސްމީކޮށް އިންޒާރުދިނުން.
      • (ށ) ކުއްޖާއަށް އަނގަބަހުން ނަސޭޙަތްދީ ދޫކޮށްލާ ޙާލަތުގައި، އެކަން އިދާރީ ބޭނުމަށްޓަކައި ރެކޯޑުކުރާ ކުރުން ފިޔަވައި، އެއްވެސް ޙާލެއްގައި އޭގެ ރެކޯޑެއް ބާއްވައިގެނެއް ނުވާނެއެވެ. އަދި އެއީ އެކުއްޖާގެ ކުށުގެ ރެކޯޑެއް ކަމުގައި ބަލައިގެންނުވާނެއެވެ.
      • (ނ) ރަސްމީކޮށް އިންޒާރު ދޭ ޙާލަތުގައި، އެ ކުއްޖާއަށާއި އެ ކުއްޖާގެ ބެލެނިވެރިޔާއަށް ފޮނުވާ ސިޓީއަކުން ނުވަތަ އެ ކުއްޖާއާއި އެ ކުއްޖާގެ ބެލެނިވެރިޔާ ހާޒިރުކޮށް، އެ އިންޒާރުދެވިދާނެއެވެ. އެގޮތުން އިންޒާރުދޭއިރު، އެފަދަ އިތުރު ޢަމަލެއް ނުވަތަ އެނޫންވެސް ޤާނޫނާ ޚިލާފު ޢަމަލެއް ނުކުރުމަށް ޝަރުޠުކުރަންވާނެއެވެ.
      • (ރ) މި މާއްދާގައި ބަޔާންކުރާ ނަސޭޙަތް ދިނުމާއި އިންޒާރު ދިނުމުގައި ޢަމަލުކުރާނެ އުސޫލުތައް، މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.
  • ޑައިވަރޝަންގެ ނިޒާމު : އަށްވަނަ ބާބު
    • 34. : ޑައިވަރޝަންގެ މަޤްޞަދު ޤާނޫނާ ޚިލާފުވާ ކުޑަކުދިންގެ މައްޗަށް ޖިނާއީ ދަޢުވާ އުފުލުމުގެ ބަދަލުގައި ޑައިވަރޝަންގެ ނިޒާމުގެ ދަށުން ފިޔަވަޅު އެޅުމުގެ މަޤްޞަދަކީ އަންނަނިވި ކަންކަމަށް މަގުފަހިކުރުމެވެ.
      • (ހ) ޢާންމު ޖިނާއީ ޢަދުލުގެ ނިޒާމުގެ ތެރެއަށް ކުއްޖާ ވަނުމުގެ ސަބަބުން ކުއްޖާއަށް ކުރާ ނޭދެވޭ އަސަރުތަކުން ދުރުހެލިކުރުވުން؛
      • (ށ) ކުއްޖާ ރަނގަޅު ގޮތުގައި ހެދިބޮޑުވުމަށް މަގުފަހިކޮށްދީ، ޝަޚްޞީ ޒިންމާ އުފުލުމަށް ބާރުއެޅުން؛
      • (ނ) ކުއްޖާ ހެޔޮގޮތުގައި މުޖުތަމަޢުއަށް އަނބުރާ އައިސް، މުޖުތަމަޢުގައި ބިނާކުރަނިވި ދައުރެއް އަދާކުރުމަށް މަގުފަހިކޮށްދިނުން؛
      • (ރ) ކުއްޖާ ކުރި ޢަމަލުގެ ސަބަބުން ކުރިމަތިވި ގެއްލުމަށް ޖަވާބުދާރީވާން ބާރުއެޅުން؛
      • (ބ) ކޮންމެ ކުއްޖަކީވެސް ޚާއްޞަ ޙާލަތެއްގައި ހުންނާނެ، ޚާއްޞަ ބޭނުންތަކެއް ހުންނާނެ ކުއްޖެއް ކަމުގައިވާއިރު، އެއިން ކޮންމެ ކުއްޖެއްގެ ޙާލަތަށް ވަކިން ރިޢާޔަތްކޮށް ފިޔަވަޅު އެޅޭނެ ނުވަތަ ހައްލެއް ހޯދައިދެވޭނެ ގޮތެއް ހޯދުން؛
      • (ޅ) ކުއްޖާގެ ޢަމަލުގެ ސަބަބުން ގެއްލުން ލިބުނު ފަރާތްތަކުގެ ބަހެއް ހޯދައި، އެމީހުންނަށް އޭގެ ސަބަބުން ކުރި އަސަރު ކުއްޖާއަށް ހާމަކޮށްދިނުމަށް ފުރުޞަތު ދިނުން؛
      • (ކ) ކުއްޖާގެ ޢަމަލުގެ ޝިކާރައަކަށް ވީ ފަރާތްތަކަށް އޭގެ ސަބަބުން ވީ ގެއްލުމާ ގުޅިގެން މަޢުނަވީ ބަދަލެއް ނަގައިދިނުމަށް މަގުފަހިކުރުން؛
      • (އ) އެ ޢަމަލު ހިންގި ކުއްޖާއާއި އެ ޢަމަލުގެ ސަބަބުން ގެއްލުން ލިބުނު ފަރާތް ނުވަތަ ފަރާތްތަކާ ގުޅުވައިދީ، މަޢާފަށް އެދުމަށް ފުރުޞަތު ދިނުން؛
      • (ވ) ކުއްޖާ އަލުން ކުށްކުރުމާ ދުރުހެލިކުރުވުން؛
      • (މ) ކުއްޖާގެ މައްޗަށް ކުށުގެ ރެކޯޑެއް އައުން ހުއްޓުވުން.
    • 35. : ޢާންމު އުސޫލު
      • (ހ) ޤާނޫނާ ޚިލާފުވާ ކުދިންގެ މައްޗަށް ޤާނޫނު ތަންފީޛުކުރުމުގައި، ކުޑަކުދިންގެ އަދުލުގެ ނިޒާމުގެ ކޮންމެ މަރުޙަލާއެއްގައިވެސް އިސްކަންދޭންވާނީ ކުއްޖާގެ މައްޗަށް ދަޢުވާ އުފުލުމަކާ ނުލައި، ޤާނޫނުގެ ވެރިކަމާއި ޤާނޫނީ ޙައްޤުތައް ރައްކާތެރިކޮށްދޭ އިޖުރާއަތުތަކާ އެއްގޮތްވާ ގޮތުގެމަތިން އެންމެ ފުރަތަމަ ޑައިވަރޝަންގެ ނިޒާމުގެ ދަށުން މުޖުތަމަޢުގެ ތެރޭގައި މައްސަލައަށް ފިޔަވަޅު އެޅުމަށެވެ.
      • (ށ) ޤާނޫނާ ޚިލާފުވިކަމުގެ ތުހުމަތުގައިވާ ކުއްޖެއްގެ މައްސަލައެއް އެއް މަރުޙަލާއިން އަނެއް މަރުޙަލާއަށް ބަދަލުކުރަންވާނީ މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އުސޫލުން ކުއްޖާ ޑައިވަރޝަނަށް ފޮނުވުމާމެދު ގޮތެއް ނިންމުމަށްފަހުގައެވެ. އަދި އެފަދައިން ނިންމާ ނިންމުމުގެ ސަބަބުތައް ލިޔުމުން ބަޔާންކޮށް ކުއްޖާއަށާއި ކުއްޖާގެ ބެލެނިވެރިޔާއަށް ދޭންވާނެއެވެ.
    • 36. : ޑައިވަރޝަންގެ ފިޔަވަޅުތައް
      • (ހ) ޤާނޫނާ ޚިލާފުވާ ކުއްޖެއްގެ މައްޗަށް ޑައިވަރޝަންގެ ނިޒާމުގެ ދަށުން އަންނަނިވި ފިޔަވަޅުތައް އެޅިދާނެއެވެ.
        • (1) ކުށުގެ ޝިކާރައަކަށް ވީ ފަރާތުގެ ކިބައިން ލިޔުމުން ނުވަތަ އަނގަބަހުން މަޢާފަށް އެދުން؛
        • (2) ކަނޑައެޅިފައިވާ މުއްދަތަކަށް ތަޢުލީމުދޭ މަރުކަޒަކަށް ގަވާއިދާ އެއްގޮތަށް ދިޔުމަށް ކުއްޖާއަށް އެންގުން؛
        • (3) ކަނޑައެޅިފައިވާ މުއްދަތަކަށް ކުއްޖާގެ ޢާއިލާ އަދި/ނުވަތަ ބެލެނިވެރިޔާއާއެކު ވަގުތު ހޭދަކުރުމަށް އެންގުން؛
        • (4) ކުއްޖާގެ އުޅުމަށް ހެޔޮ ބަދަލު އަންނާނެ ފަދަ ކަނޑައެޅޭ ވަކި މިންގަނޑުތަކަކަށް ފެތޭ ގޮތަށް ކުއްޖާގެ އުޅުން ގެންގުޅުމަށް ކުއްޖާއާއި އޭނާގެ ބެލެނިވެރިޔާއާ ދެމެދު ވެވޭ އެއްބަސްވުމަކާ އެއްގޮތަށް ޢަމަލުކުރުމަށް ކުއްޖާއަށް އެންގުން؛
        • (5) ކުއްޖާގެ އުޅުން މޮނިޓަރކުރުމަށްޓަކައި ކަނޑައެޅިފައިވާ ވަގުތުތަކެއްގައި ކަނޑައެޅިފައިވާ ގޮތަކަށް ޕްރޮބޭޝަން އޮފިސަރަކަށް ރިޕޯޓުކުރުމަށް އެންގުން؛
        • (6) ކައުންސެލިންގ، ގްރޫޕް ކައުންސެލިންގ، އަދި ފަރުވާ ލިބިދެނިވި ޙަރަކާތްތަކުގައި ކުއްޖާ ބައިވެރިވުމަށް އެންގުން؛
        • (7) ޒިންމާދާރު މީހެއްގެ އިރުޝާދުގެ ދަށުން ކުއްޖާގެ އުޅުން މޮނިޓަރކުރުމަށް އެންގުން؛
        • (8) ވޮކޭޝަނަލް ޓްރެއިނިންގ ނުވަތަ ރިހެބިލިޓޭޝަން ޕްރޮގްރާމެއްގައި ބައިވެރިކުރުވުން؛
        • (9) ކުއްޖާގެ ފަރާތުން ލިބިފައިވާ ގެއްލުމަށް ބަދަލުދިނުމަށް އެންގުން؛
        • (10) އަނިޔާ ލިބުނު ފަރާތުގެ ރުހުމާއެކު، އަނިޔާލިބުނު ފަރާތަށް ކޮންމެވެސް ޚިދުމަތެއް ކުއްޖާ ފޯރުވައިދިނުން؛
        • (11) އަނިޔާ ލިބުނު ފަރާތަށް ފައިސާގެ ބަދަލެއް ދިނުމަށް އެންގުން؛
        • (12) ޖޫރިމާނާއެއް ދެއްކުމަށް ކުއްޖާއަށް އެންގުން؛
        • (13) މުޖުތަމަޢަށް ޚިދުމަތް ކުރުމުގެ ޕްރޮގްރާމެއްގައި ބައިވެރިވުން މަސައްކަތެއް ކުރުން؛
        • (14) މުޖުތަމަޢުގެ ބައްދަލުވުމަށް ފޮނުވުން؛ ނުވަތަ
        • (15) މި ޤާނޫނުގައި ބަޔާންކޮށްފައިވާ އުސޫލުތަކާ އެއްގޮތަށް ކުއްޖާއާ އެކަށޭނަ އެނޫންވެސް ރުޖޫޢީ އިންސާފުގެ އުސޫލަށް ބިނާވެފައިވާ ފިޔަވަޅެއް އެޅުން.
      • (ށ) ޑައިވަރޝަންގެ ނިޒާމުގެ ދަށުން އަޅާނެ ފިޔަވަޅެއް ނުވަތަ ފިޔަވަޅުތަކެއް ކަނޑައެޅުމަށްފަހު، މި ޤާނޫނުގެ ދަށުން ކުއްޖާ ޑައިވަރޝަނަށް ފޮނުވުމުގެ ބާރު ލިބިފައިވާ ފަރާތުން، އެ ފިޔަވަޅެއް ނުވަތަ ފިޔަވަޅުތަކެއް ބަޔާންކުރާ ޑައިވަރޝަން ޕްލޭނެއް ތައްޔާރުކުރަންވާނެއެވެ. އެގޮތުން ތައްޔާރުކުރެވޭ ޑައިވަރޝަން ޕްލޭނެއްގައި ހިމަނަންޖެހޭ ތަފްޞީލުތައް މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅަންވާނެއެވެ.
    • 37. : ޝަރީޢަތުގެ ކުރީގެ މަރުޙަލާގައި ކުއްޖާ ޑައިވަރޝަނަށް ފޮނުވުން
      • (ހ) ކުށުގެ ތުހުމަތުގައިވާ ކުއްޖާގެ މައްސަލަ ތަޙްޤީޤުކުރުމުގެ މަރުޙަލާގައާއި ދަޢުވާކުރުމުގެ މަރުޙަލާގައި، ކުއްޖާ ޑައިވަރޝަނަށް ފޮނުވުމުގެ އިޚްތިޔާރު އަންނަނިވި ފަރާތްތަކަށް ލިބިގެންވެއެވެ.
        • (1) ފުލުހުން؛
        • (2) ފުލުހުން ފިޔަވައި ކުޑަކުދިން ކުރާ ޖިނާއީ ކުށުގެ މައްސަލަތައް ތަޙްޤީޤުކުރުމަށް ޤާނޫނަކުން އުފައްދާ ތަޙްޤީޤީ އިދާރާއެއް؛
        • (3) ޕްރޮސިކިއުޓަރ ޖެނެރަލް.
      • (ށ) މި މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގެ ބޭނުމަށްޓަކައި، ކުޑަކުދިން ކުރާ ޖިނާއީ ކުށުގެ މައްސަލަތައް ތަޙްޤީޤުކުރުމަށް ޤާނޫނަކުން އުފައްދާ ތަޙްޤީޤީ އިދާރާގެ މާނައިގެ ތެރޭގައި، ކުށުގެ ޝިކާރައަކަށްވާ ކުޑަކުދިންގެ މައްސަލަތަކާއި، ޙައްޤުތައް ހިފެހެއްޓިފައިވާ ނުވަތަ ޙައްޤުތަކުން މަހްރޫމްވެފައިވާ ކުޑަކުދިންނާއި، އަޅާލުމާއި ރައްކާތެރިކަން ނުލިބޭ ކުދިންގެ މައްސަލަތައް ބަލާ މުއައްސަސާތަކެއް ނުހިމެނެއެވެ.
      • (ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަރާތްތަކުން، އެ ފަރާތްތަކަށް ލިބިދީފައިވާ އިޚްތިޔާރީ ބާރުގެ ބޭނުން ހިފުމުގައި، ވީވަރަކުން ޖުވެނައިލް ޖަސްޓިސް ޑިޕާޓްމަންޓްގެ ލަފަޔާއި އިރުޝާދު ހޯދަންވާނެއެވެ. އަދި ރިސްކް އެސެސްޓްމަންޓްތަކާއި، ކުއްޖާގެ ޙާލަތު އަންގައިދޭ ރިޕޯޓާއި އެނޫންވެސް ކުއްޖާގެ އެސެސްމަންޓެއް ހެދުމަށް މި ޤާނޫނު ލާޒިމުކުރާ ޙާލަތުގައި، ހެދޭ އެސެސްމަންޓްތަކުގައި ފާހަގަކުރާ ކަންކަމަށް ރިޢާޔަތްކުރަންވާނެއެވެ.
    • 38. : ޑައިވަރޝަންގެ ނިޒާމުގެ ދަށުން ފިޔަވަޅު އެޅުން
      • (ހ) ޤާނޫނާ ޚިލާފުވާ ކުއްޖެއްގެ މައްޗަށް ޑައިވަރޝަންގެ ފިޔަވަޅެއް އަޅަންވާނީ، އެ ކުއްޖާއާއި އެ ކުއްޖާ ކުރި ޢަމަލާ ގުޅޭގޮތުން އަންނަނިވި ކަންކަން ފުރިހަމަވެފައިވާނަމައެވެ.
        • (1) އެ ކުއްޖާ އެ ޢަމަލު ހިންގިކަމަށް ޤަބޫލުކުރެވޭ މިންވަރަށް އެކަށީގެންވާ ހެކި ލިބިފައިވުން؛ އަދި
        • (2) އެ ކުއްޖާގެ އަމިއްލަ އިޚްތިޔާރުގައި، މިނިވަންކަމާއެކު ކުށުގެ ޒިންމާ ޤަބޫލުކުރުން؛ އަދި
        • (3) އެ ކުއްޖާ ކުށުގެ ޒިންމާ ޤަބޫލުކުރަނީ ވަކި ފަރާތަކުން ނުފޫޒު ފޯރުވުމުގެ ސަބަބުން ކަމުގައިނުވުން؛ އަދި
        • (4) ޑައިވަރޝަންގެ ނިޒާމުގެ ދަށުން ފިޔަވަޅު އެޅުމަށް އެ ކުއްޖާގެ ރުހުން ލިބިފައި އޮތުން؛ އަދި
        • (5) އެ ކުއްޖާގެ ރުހުމުގެ އިތުރުން، އެ ކުއްޖާގެ ބެލެނިވެރިޔާގެ ރުހުން ލިބިފައި އޮތުން.
      • (ށ) މި މާއްދާގެ (ހ) ގެ (4) ވަނަ ނަންބަރާއި (5) ވަނަ ނަންބަރުގައި ބަޔާންކުރާ ރުހުން ހޯދަންވާނީ ލިޔުމުންނެވެ. އަދި ޑައިވަރޝަންގެ ޕްރޮގްރާމެއްގައި ބައިވެރިކުރުމަށް ކުއްޖާގެ އަމިއްލަ އިޚްތިޔާރުގައި ރުހުންދޭ ޙާލަތުގައި، އެކަށީގެންވާ ސަބަބެއް އޮވެގެންމެނުވީ، ކުއްޖާގެ ބެލެނިވެރިޔާ ރުހުން ދިނުމަށް އިޢުތިރާޟްކޮށްގެންނުވާނެއެވެ.
      • (ނ) ކުޑަކުއްޖެއްގެ މައްޗަށް ޑައިވަރޝަންގެ ނިޒާމުގެ ދަށުން ފިޔަވަޅު އެޅުމާމެދު އެކުއްޖާއާއި އެ ކުއްޖާގެ ބެލެނިވެރިޔާގެ ރުހުން ހޯދުމުގެ ކުރިން އަންނަނިވި ކަންކަން ކަށަވަރުކުރަންވާނެއެވެ.
        • (1) ކުއްޖާއާމެދު އެޅޭނެ ފިޔަވަޅުގެ ޒާތާއި ބާވަތް އަދި އެ ފިޔަވަޅު އެ ކުއްޖާގެ މައްޗަށް ތަންފީޛުކުރެވޭނީ ކިހާ މުއްދަތަކަށްކަން ސާފުކޮށްދިނުން؛
        • (2) އެ ފިޔަވަޅަށް އިންކާރުކޮށްފިނަމަ ނުވަތަ އެ ފިޔަވަޅު ފުރިހަމަނުކޮށްފިނަމަ އެ ކުއްޖާގެ މައްޗަށް ޖިނާއީ ދަޢުވާ އުފުލިގެން ހިނގައިދާނެކަމާއި، ޑައިވަރޝަންގެ ފިޔަވަޅު ފުރިހަމަކޮށް ނިންމައިފިނަމަ، އެކުއްޖާއާމެދު ތުހުމަތުކުރެވުނު ކުށުގެ މައްސަލަ ނިމުނީ ކަމުގައި ބެލޭނެކަން ސާފުކޮށްދިނުން؛
        • (3) އެ ކުއްޖާއާމެދު އެޅުމަށް ހަމަޖެހިފައިވާ ޑައިވަރޝަންގެ ފިޔަވަޅާ ބެހޭގޮތުން ޤާނޫނީ ލަފާ ހޯދުމަށް ފުރުޞަތު ދިނުން.
      • (ރ) ޑައިވަރޝަންގެ ނިޒާމުގެ ދަށުން ފިޔަވަޅު އެޅުމަށް ކުއްޖާގެ ރުހުން ހޯދުމުގައި، އެ ކުއްޖާ ކުރި ޢަމަލުގެ ޒިންމާ އޭނާ ޤަބޫލުކުރުމަކީ، އެ ކުށާ ގުޅިގެން އޭނާގެ މައްޗަށް ދަޢުވާކުރެވޭނެ ސަބަބެއް ނޫނެވެ. އަދި ކުއްޖާ ކުރި ޢަމަލަށް އޭނާ އިޢުތިރާފުވާ ޙާލާތުގައި އޭނާގެ މައްޗަށް އެއްވެސް ޖިނާއީ ދަޢުވާއެއް އުފުލައިގެންނުވާނެއެވެ.
      • (ބ) ޑައިވަރޝަންގެ ނިޒާމުގެ ތެރޭގައި، ހިންގޭ އެއްވެސް ޕްރޮގްރާމެއްގައި ނުވަތަ ބޭއްވޭ އެއްވެސް ބައްދަލުވުމެއްގައި ކުއްޖާ ވެފައިވާ އެއްވެސް އިޤްރާރެއް ނުވަތަ އިޢުތިރާފެއް ނުވަތަ ދީފައިވާ އެއްވެސް ބަޔާނެއް، ޤާނޫނު ތަންފީޛުކުރުމުގެ އެހެން އެއްވެސް މަރުޙަލާއެއްގައި އޭނާއާ ދެކޮޅަކަށް ބޭނުމެއް ނުކުރެވޭނެއެވެ.
      • (ޅ) ޑައިވަރޝަންގެ ފިޔަވަޅެއް އެޅުމުގައި މި ޤާނޫނުގެ 36 ވަނަ މާއްދާގައި ބަޔާންކުރާ ފިޔަވަޅުތަކުގެ ތެރެއިން އެއް ފިޔަވަޅަށްވުރެ ގިނަ ފިޔަވަޅު އެޅުމަށް ނިންމިދާނެއެވެ.
      • (ކ) ކުޑަކުއްޖެއްގެ މައްޗަށް ކަނޑައެޅެނީ ޑައިވަރޝަންގެ ފިޔަވަޅުތަކުގެ ތެރެއިން ކޮން ފިޔަވަޅެއްކަން ކަނޑައެޅުމުގައި، އަންނަނިވި ކަންކަމަށް ރިޢާޔަތްކުރަންވާނެއެވެ.
        • (1) ކުއްޖާގެ ޢުމުރާއި ކުއްޖާގެ ބަދަލުވަމުންދާ ޤާބިލިއްޔަތު؛
        • (2) ކުއްޖާ ތަޞައްރަފު ފުދިފައިވާ މިންވަރު؛
        • (3) ކުއްޖާގެ ންފާސާނީ ދުޅަހެޔޮކަން؛
        • (4) ކުއްޖާގެ ނަފްސާނީ ނުވަތަ ޖިސްމާނީ ނުކުޅެދުންތެރިކަމެއް ހުރިކަން ނުވަތަ ނޫންކަން؛
        • (5) ކުއްޖާގެ ޢާއިލީ އަދި އިޖްތިމާޢީ ޙާލަތު؛
        • (6) ކުއްޖާ ކުރި ޢަމަލުގެ ޒާތާއި ބާވަތަށާއި އެ ޢަމަލުގެެ ކުޑަބޮޑު މިނަށާއި، ވަށައިގެންވާ އެންމެހައި ޙާލަތްތަކަށާއި، މުޖުތަމަޢުގެ މަޞްލަޙަތަށް ބަލާއިރު އެ ފިޔަވަޅަކީ އެކަށީގެންވާ ފިޔަވަޅެއްކަން ނުވަތަ ނޫންކަން.
    • 39. : ޑައިވަރޝަން ފިޔަވަޅުގެ މުއްދަތު
      • (ހ) މި ޤާނޫނުގެ ދަށުން ކުޑަކުއްޖަކާމެދު އެޅޭ ޑައިވަރޝަންގެ ފިޔަވަޅެއްގެ މުއްދަތު، މި ޤާނޫނާއި މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން އެކުއްޖާ ޑައިވަރޝަނަށް ފޮނުވާ ފަރާތުން ކަނޑައަޅާފައިވާ މުއްދަތަށްވުރެ އިތުރުވެގެންނުވާނެއެވެ. އަދި، ޑައިވަރޝަން ޕްލޭންގައި ޑައިވަރޝަންގެ ފިޔަވަޅު ނިމޭނެކަމަށް ކަނޑައަޅާފައިވާ ތާރީޚުގައި، އިތުރު ފަރާތެއްގެ މެދުވެރިވުމެއް ނެތި ޑައިވަރޝަންގެ ފިޔަވަޅު ނިމުމަކަށް އަންނަންވާނެއެވެ.
      • (ށ) ޑައިވަރޝަންގެ ފިޔަވަޅަށް ކުއްޖާ އެދެވޭގޮތަށް އިޖާބަދޭނަމަ، ޑައިވަރޝަންގެ ފިޔަވަޅު ނިންމުމަށް ކަނޑައަޅާފައިވާ މުއްދަތުގެ ކުރިން އެފިޔަވަޅު ނިމުމަކަށް ގެނައުމުގެ އިޚްތިޔާރު އެ ފިޔަވަޅު ކަނޑައެޅި ފަރާތަކަށް ލިބިގެންވެއެވެ.
      • (ނ) އެހެން ޤާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ވީނަމަވެސް، އެއްވެސް ޙާލަތެއްގައި އެއްވެސް މާނައެއްގައި ޑައިވަރޝަންގެ ފިޔަވަޅެއް ފުރިހަމަކުރަމުންދާ ކުއްޖެއްގެ ޢުމުރުން މީލާދީގޮތުން 18 (އަށާރަ) އަހަރު ފުރުމަކުން، މި ޤާނޫނާއި މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން މެނުވީ، ޑައިވަރޝަންގެ ފިޔަވަޅު ނިމުމަކަށް ނާންނާނެއެވެ.
    • 40. : ޑައިވަރޝަންގެ ފިޔަވަޅުގެ ޝަރުޠުތައް
      • (ހ) ތުހުމަތުގައިވާ ކުއްޖާ ޢަމަލުކުރަންޖެހޭކަމަށް ކަނޑައަޅާ ޑައިވަރޝަންގެ ފިޔަވަޅުގެ ޝަރުޠުތަކަކީ، ކުއްޖާއަށް ޢަމަލުކުރެވޭނެ، ޞަރީޙަކޮށް ބަޔާންކޮށްފައިވާ، ވީއެންމެ މަދު މިންވަރެއްގެ، އަދި ކުއްޖާ ޖިނާއީ ކުށެއް ތަކުރާރުނުކުރުމަށް ބާރުއަޅާނެ، ކުއްޖާއަށް ހެޔޮގޮތުގައި މުޖުތަމަޢުއަށް އެނބުރި އައުމަށް ފުރުޞަތު އިތުރުކޮށްދޭ ފަދަ، އަދި އަނިޔާ ލިބުނު ފަރާތުގެ އިހުސާސްތަކަށް ރިޢާޔަތްކުރާ ޝަރުޠުތަކަށް ވާންވާނެއެވެ.
      • (ށ) ޑައިވަރޝަންގެ ފިޔަވަޅެއް ފެށުމުގެ ކުރިން، ތުހުމަތުގައިވާ ކުއްޖާއަށް އެފަދަ ފިޔަވަޅެއްގައި ހިމެނޭ ޝަރުޠުތަކާއ އެ ކުއްޖާއަށް ލިބިދޭ ޙައްޤުތައް އަނގަބަހުންނާއި ލިޔުމުން ތަފްޞީލުކޮށް ބަޔާންކޮށްދޭންވާނެއެވެ.
      • (ނ) ތުހުމަތުގައިވާ ކުއްޖާ އިޞްލާޙުވަމުން އަންނަ މިންވަރަށް ބެލުމަށްފަހު، ޑައިވަރޝަންގެ ފިޔަވަޅު ކަނޑައެޅި ފަރާތަކަށް މި ޤާނޫނާއި މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން އެ ފިޔަވަޅަށް ބަދަލުގެނައުމުގެ އިޚްތިޔާރު ލިބިގެންވެއެވެ.
    • 41. : ޝަރުޠުތަކާ ޚިލާފުވުން
      • (ހ) ތުހުމަތުގައިވާ ކުއްޖާ ޢަމަލުކުރަންޖެހޭ ޝަރުޠުތަކާ ޚިލާފުވެއްޖެނަމަ، ޑައިވަރޝަންގެ ފިޔަވަޅު ކަނޑައެޅި ފަރާތަށް އެ ފިޔަވަޅު އިޞްލާޙު ނުވަތަ ބާޠިލުކުރެވިދާނެއެވެ. ތުހުމަތުގައިވާ ކުއްޖާ ބަންދުނުކޮށް ބަހައްޓައިގެން އަޅާ އިޞްލާޙީ ފިޔަވަޅު ބަދަލުކުރާނީ ނުވަތަ ބާޠިލުކުރަންވާނީ މައްސަލައިގެ ބާވަތަށާއި ތުހުމަތުގައިވާ ކުއްޖާއާއި އެ ކުއްޖާ ސުޕަވައިޒްކުރާ އޮފިސަރާ ދެފަރާތުން ހުށަހަޅާ މަޢުލޫމާތުތައް ފަރުވާތެރިކަމާއެކު ދިރާސާކުރުމަށްފަހުއެވެ.
      • (ށ) ޑައިވަރޝަންގެ ފިޔަވަޅަކަށް ޢަމަލުނުކުރުމަކީ ކުއްޖާ ބަންދުގައި ބެހެއްޓުމަށް ކަނޑައެޅުން ލާޒިމުކުރާ ކަމެއްގެ ގޮތުގައި ބަލައިގެން ނުވާނެއެވެ. ޑައިވަރޝަންގެ ފިޔަވަޅު އިޞްލާޙުކޮށްފި ނުވަތަ ބާޠިލުކޮށްފި ޙާލަތެއްގައި، ޑައިވަރޝަންގެ އެ ފިޔަވަޅެއް ކަނޑައެޅި ފަރާތަކުން މަސައްކަތްކުރަންވާނީ ތުހުމަތުގައިވާ ކުއްޖާ ބަންދުގައި ބެހެއްޓުމާ ނުލައި ބަހައްޓައިގެން އެޅިދާނެ އެންމެ އެކަށީގެންވާ އިޞްލާޙީ ފިޔަވަޅެއް އެޅުމަށެވެ.
      • (ނ) ޑައިވަރޝަންގެ ފިޔަވަޅެއް ބަދަލުކޮށްފިނަމަ ނުވަތަ ބާޠިލުކޮށްފިނަމަ، ކަމުގެ އިޚްތިޞާޞް ލިބިގެންވާ ކޯޓަކަށް އެ މައްސަލަ ހުށަހެޅުމުގެ ޙައްޤު ތުހުމަތުގައިވާ ކުއްޖާއަށް ލިބިގެންވެއެވެ.
    • 42. : ޑައިވަރޝަންގެ ދަށުން އެޅޭ ފިޔަވަޅު ފުރިހަމަކުރުމުން މައްސަލަ ނިމުން
      • (ހ) ކުޑަކުއްޖެއްގެ މައްޗަށް މި ޤާނޫނުގެ ދަށުން އަޅާ ޑައިވަރޝަންގެ ފިޔަވަޅެއް އެ ކުއްޖާ ފުރިހަމަކޮށް ނިންމައިފިނަމަ، އެކުއްޖާއާމެދު ތުހުމަތުކުރެވުނު ކުށުގެ މައްސަލަ ނިމުނީ ކަމުގައި ބެލޭނެއެވެ.
      • (ށ) ކުޑަކުއްޖެއްގެ މައްޗަށް ޑައިވަރޝަންގެ ދަށުން އެޅޭ ފިޔަވަޅަކާގުޅޭ މަޢުލޫމާތު، ރެކޯޑު ބެލެހެއްޓުމުގެ ބޭނުމަށްޓަކައި ދައުލަތުގެ އިދާރާއަކުން ބެލެހެއްޓި ކަމުގައިވީނަމަވެސް، ޑައިވަރޝަންގެ ޕްރޮގްރާމެއް ފުރިހަމަކުރާ ކުއްޖަކީ ކުށުގެ ރެކޯޑެއް އޮތް ކުއްޖެއް ކަމުގައި ބަލައިގެންނުވާނެއެވެ. އަދި އެއްވެސް ރެކޯޑަކުން އެފަދައިން ދައްކައިގެންވެސް ނުވާނެއެވެ.
    • 43. : ޑައިވަރޝަންގެ މަރުޙަލާގައި ފަރުވާ ލިބުން
      • (ހ) ޑައިވަރޝަންގެ ނިޒާމު ރޭވިފައި އޮންނަންވާނީ، އެ ނިޒާމުގެ ތެރޭގައި ތިބޭ ތުހުމަތުގައިވާ ކުދިންނަށް، އެ ކުދިން ފުރިހަމަކުރަމުންދާ ޑައިވަރޝަންގެ އެކިއެކި ފިޔަވަޅުތަކަށް އެކަށީގެންވާ މިންވަރުގެ، އަދި އެ ކުދިންނަށް ވަކިވަކިިން ބޭނުންވާ ތަފާތު ބާވަތްތަކުގެ ފަރުވާތައް ލިބިދެވޭނެ ގޮތެއްގެމަތިންނެވެ. އެފަދަ ފަރުވާ ފޯރުކޮށްދިނުމުގައި، އެކަށީގެންވާ ތަމްރީނާއި ޢަމަލީ ތަޖުރިބާ ލިބިފައިވާ ފަންނީ މާހިރުން ބައިވެރިކުރަންވާނެއެވެ.
      • (ށ) ތުހުމަތުގައިވާ ކުއްޖާއަށް ފަރުވާއެއް ދިނުމަކީ ލާޒިމުކަމެއްކަމަށް އެއްވެސް ފަރާތަކުން ކަނޑައަޅައިފިނަމަ، ކުއްޖާގެ ޢާއިލީ އަދި އިޖުތިމާޢީ ޙާލަތާއި، ވިސްނުންތެރިކަމާއި، ވަކިން ޚާއްޞަކޮށް، ކުއްޖާ ކުށްކުރުމަށް މެދުވެރިކުރުވި ޙާލަތުތައް ދެނެގަތުމަށް މަސައްކަތްކުރަންވާނެއެވެ.
      • (ނ) ޑައިވަރޝަންގެ ފިޔަވަޅެއްގައި ސުޕަވައިޒުކުރުމަށް ނުވަތަ މޮނިޓަރކުރުމަށް ބަޔާންކޮށްފައިވާނަމަ، އެކަން ކުރަންވާނީ ކަނޑައެޅިފައިވާ ޚާއްޞަ ތަމްރީނުލިބިފައިވާ ޕްރޮބޭޝަން އޮފިސަރުންނެވެ.
      • (ރ) ޑައިވަރޝަންގެ ފިޔަވަޅުތަކުގެ ތެރެއިން ތުހުމަތުގައިވާ ކުއްޖާއަށް އެންމެ އެކަށީގެންވާ ފަރުވާއަކާއި ސުޕަރވިޝަނެއް ކަނޑައަޅާނީ ކޮންމެ މައްސަލައަކަށް ވަކިން، އަދި ކުއްޖާ ކުށްކުރުމުން ދުރުހެލިވުމަށް އެންމެ އެހީތެރިވެދެވޭނެ ގޮތަަކަށެވެ. އޭގެ އިތުރުން، ކުއްޖާއަށް ދެވޭ ފަރުވާއާއި ސުޕަރވިޝަންގެ މިންވަރު ގަވާއިދުން މުރާޖަޢާކޮށް، އެ ޙާލަތަކަށް ބޭނުންވާ ގޮތެއްގެމަތިން ބަދަލުކުރަންވާނެއެވެ.
      • (ބ) ތުހުމަތުގައިވާ ކުދިން މުޖުތަމަޢުއާ އޮންނަ ގުޅުން ހަރުދަނާކުރުމަށްޓަކައި، އަދި އެކުދިން ހެޔޮގޮތުގައި މުޖުތަމަޢަށް އެނބުރި އައުމަށްޓަކައި އެ ކުދިންނަށް ނަފްސާނީ، އިޖުތިމާޢީ އަދި މާއްދީ އެހީތެރިކަމާއި ފުރުޞަތުތައް ފޯރުވައިދޭންވާނެއެވެ.
  • ތަޙުޤީޤު މަރުޙަލާ : ނުވަވަނަ ބާބު
    • ތަޙްޤީޤުކުރުމާގުޅޭ ޢާންމު އުސޫލު : އެއްވަނަ ބައި
      • 44. : ޖިނާއީ ކުށް ތަޙްޤީޤުކުރަން ނިންމާ މައްސަލަތައް
        • (ހ) ޤާނޫނާ ޚިލާފު ޢަމަލެއް ހިންގިކަމުގެ ތުހުމަތުގައިވާ ކުޑަކުއްޖަކާމެދު ޑައިވަރޝަންގެ ދަށުން ފިޔަވަޅު އެޅުމުގެ ބަދަލުގައި، އެ ކުއްޖާގެ މައްސަލަ ތަޙްޤީޤުކުރަން ނިންމައިފިނަމަ، އެ މައްސަލައެއް ތަޙްޤީޤުކުރުމުގައި ޢަމަލުކުރަންވާނީ މި ބާބުގައި ބަޔާންކުރާ ގޮތުގެ މަތިންނެވެ.
        • (ށ) ކުޑަކުދިން ކުރާ ކުށުގެ މައްސަލަތަކުގެ ތަޙުޤީޤުގެ ހުރިހާ މަރުޙަލާތަކެއްގައި މަސައްކަތްކުރަންވާނީ ޔުނިފޯމު ނާޅާ ފުލުހުންނެވެ.
        • (ނ) ޑައިވަރޝަންގެ ފިޔަވަޅެއް އެޅުމުގެ ބަދަލުގައި ތަޙުޤީޤުކުރަން ނިންމާ މައްސަލަތަކުގައި، އެ މައްސަލައެއް ތަޙުޤީޤުކޮށް ދަޢުވާ އުފުލުމަށްޓަކައި ޕްރޮސިކިއުޓަރ ޖެނެރަލަށް ފޮނުވަން ނިންމައިފިނަމަ، އެ މައްސަލަ ފޮނުވަންވާނީ ކުއްޖާގެ އިޖްތިމާޢީ ޙާލަތު ވަޒަންކުރާ ރިޕޯޓަކާ އެކުގައެވެ.
      • 45. : ކުއްޖާގެ އިޖްތިމާޢީ ޙާލަތު ވަޒަންކުރާ ރިޕޯޓު
        • (ހ) ކުއްޖާގެ އިޖްތިމާޢީ ޙާލަތު ވަޒަންކުރާ ރިޕޯޓު އެކުލަވާލަންވާނީ ޖުވެނައިލް ޖަސްޓިސް ޑިޕާޓްމަންޓުން ކަނޑައަޅާ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެމަތިން، އެ ޑިޕާޓްމަންޓުން ޤަބޫލުކުރާ ފެންވަރުގެ ފަންނީ ތަޖުރިބާކާރެކެވެ.
        • (ށ) މި މާއްދާގައި ބަޔާންކުރާ ކުއްޖާގެ އިޖްތިމާޢީ ޙާލަތު ވަޒަންކުރާ ރިޕޯޓު ހެދުމުގައި ޢަމަލުކުރާނެ މިންގަނޑުތައް، މި ޤާނޫނުގެ ދަށުން މިނިސްޓްރީން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.
        • (ނ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ކުއްޖާގެ އިޖްތިމާޢީ ޙާލަތު ވަޒަންކުރާ ރިޕޯޓު ޙިއްޞާކުރަންވާނީ ހަމައެކަނި އަންނަނިވި ފަރާތްތަކަށެވެ.
          • (1) ކުއްޖާއާއި އޭނާގެ ބެލެނިވެރިންނަށް؛
          • (2) ފުލުހުންނާއި މައްސަލައިގައި ހިމެނޭ ފަރާތްތައް ތަމްޞީލުކުރާ ޤާނޫނީ ވަކީލުންނަށް؛ އަދި
          • (3) ޤާޟީ ހުއްދަކުރާ އެހެން ފަރާތްތަކަށް.
    • ހައްޔަރުކުރުމާއި ބަންދުކުރުން : ދެވަނަ ބައި
      • 46. : ހައްޔަރުކުރުމާއި ބަންދުކުރުމަކީ އެންމެ ފަހުގެ ފިޔަވަޅު ކަމުގައިވުން ޤާނޫނާ ޚިލާފުވާ ކުޑަކުއްޖަކާމެދު މި ޤާނޫނުގެ ދަށުން އެޅޭ ފިޔަވެޅެއްގެ ގޮތުން އޭނާ ހައްޔަރުކުރަންވާނީ ނުވަތަ ބަންދުކުރަންވާނީ އެންމެ ފަހުގެ ފިޔަވަޅެއްގެ ގޮތުންނެވެ. ކުއްޖަކު ބަންދުކުރެވޭ ޙާލަތުގައިވެސް އެ ކުއްޖާ ބަންދުކުރަންވާނީ، އެ ޙާލަތެއް ލާޒިމުކުރާ އެންމެ ކުރު މުއްދަތަކަށެވެ. އަދި ކުޑަކުއްޖަކު ބަންދުކުރުމަށް ނިންމޭ ނިންމުމަކީ ގަވާއިދުން މުރާޖަޢާކުރެވޭ ނިންމުމަކަށް ވާންވާނެއެވެ.
      • 47. : ހިފެހެއްޓުނުކަމުގެ ނުވަތަ ހައްޔަރުކުރެވުނު ކަމުގެ މަޢުލޫމާތު އެންގުން
        • (ހ) ކުށެއްގެ ތުހުމަތުގައި ކުއްޖަކު ހިފެހެއްޓިއްޖެނަމަ ނުވަތަ ހައްޔަރުކުރެވިއްޖެނަމަ، އޭނާ ހިފެހެއްޓުނު ނުވަތަ ހައްޔަރުކުރެވުނު ސަބަބާއި، އޭނާއަށް ލިބިގެންވާ ޙައްޤުތައް، ވަގުތުން، އަދި އޭނާގެ އުމުރާ އެކަށީގެންވާ ގޮތަކަށް ސާފުކޮށްދޭންވާނެއެވެ.
        • (ށ) ކުށެއްގެ ތުހުމަތުގައި ކުޑަކުއްޖަކު ހިފެހެއްޓިއްޖެނަމަ ނުވަތަ ހައްޔަރުކުރެވިއްޖެނަމަ، އެ ކުއްޖެއްގެ ބެލެނިވެރިޔާއަށް އެކަން، އަންނަނިވި މަޢުލޫމާތާއެކު ވަގުތުން އަންގަންވާނެއެވެ.
          • (1) އެކުއްޖާ ހިފެހެއްޓުނީ ނުވަތަ ހައްޔަރުކުރެވުނީ ކީއްވެގެންކަން؛ އަދި
          • (2) އެ ކުއްޖާ ހިފެހެއްޓުމަށްފަހު ނުވަތަ ހައްޔަރުކުރެވުމަށްފަހު އެކުއްޖާ ގެންދެވިފައިވާ ތަން.
        • (ނ) ކުއްޖާގެ މައިންބަފައިން ނުވަތަ ބެލެނިވެރިޔާއާ ގުޅޭނެ ގޮތެއް ނުވެއްޖެނަމަ، މި މާއްދާގެ (ށ) ގައި ބަޔާންކުރާ އެންގުން އަންގާނެ ފަރާތެއްގެ މަޢުލޫމާތު ކުއްޖާގެ ކިބައިން ނުވަތަ އެނޫންވެސް ފަރާތެއްގެ ކިބައިން ސާފުކުރުމަށްފަހު، އެފަރާތަކަށް ވަގުތުން އަންގަންވާނެއެވެ.
        • (ރ) މި މާއްދާގެ (ނ) ގައި ބަޔާންކުރާ ފަރާތަކާވެސް ގުޅޭނެ ގޮތެއް ނުވެއްޖެނަމަ، އެ އެންގުން އަންގާނީ ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްއަށެވެ.
      • 48. : ބާރުގެ ބޭނުންކުރުމާއި ހައްޔަރުކުރަން ބޭނުންކުރާ އާލާތްތައް ބޭނުންނުކުރުން
        • (ހ) މި މާއްދާގައި ބަޔާންކޮށްފައިވާ ޙާލަތްތަކުގައި މެނުވީ، ކުޑަކުއްޖަކު ހިފަހައްޓާއިރު ނުވަތަ ހައްޔަރުކުރާއިރު ނުވަތަ އެކުއްޖާ ފުލުހުންގެ ބެލުމުގެ ދަށުގައި ހުންނައިރު އެ ކުއްޖާއާމެދު ބާރުގެ ބޭނުންކޮށްގެން ނުވަތަ ހައްޔަރުކުރަން ބޭނުންކުރާ އާލާތެއް ބޭނުންކޮށްގެންނުވާނެއެވެ. އަދި ކުޑަކުއްޖަކު ހިފަހައްޓާއިރު ނުވަތަ ހައްޔަރުކުރާއިރު އެންމެ ފުރަތަމަ މަސައްކަތްކުރަންވާނީ ކުއްޖާއާ ވާހަކަ ދައްކައިގެން އެ ކުއްޖާގެ އެއްބާރުލުން ހޯދުމަށެވެ.
        • (ށ) ކުޑަކުއްޖަކު ހިފެހެއްޓުމުގައި ނުވަތަ ހައްޔަރުކުރުމުގައި ނުވަތަ އެނޫންވެސް ގޮތަކަށް ފުލުހުންގެ ބެލުމުގެ ދަށަށް ގެނައުމުގައި ބާރުގެ ބޭނުންކުރަންވާނީ، ހަމައެކަނި ޚާއްޞަ ޙާލަތްތަކުގައި، އެ ކުއްޖާ ފުލުހުންގެ ކޮންޓްރޯލްގެ ދަށަށް ގެނައުމަށް ބޭނުންކުރެވެން ހުރި އެހެން ވަޞީލަތްތައް ބޭނުންކުރުމަށްފަހު، އެކަން ކާމިޔާބު ނުވެއްޖެ ޙާލަތެއްގައި އެކަންޏެވެ.
        • (ނ) މި މާއްދާގެ (ށ) ގެ ބޭނުމަށްޓަކައި ޚާއްޞަ ޙާލަތްތައް ކަމަށް ބުނެފައިއެވަނީ، އެ ކުއްޖާގެ ފަރާތުން އެހެން މީހަކަށް ނުވަތަ އެކުއްޖާގެ އަމިއްލަ ނަފްސަށް ގެއްލުމެއް ދޭން މަސައްކަތްކުރާ ޙާލަތުގައި އަދި/ނުވަތަ އެކުއްޖާ ފުލުހުންނަށް އެއްބާރުލުން ނުދޭން ކަނޑައެޅިގެން މަސައްކަތްކުރާ ޙާލަތްތަކަށެވެ.
        • (ރ) މި މާއްދާގެ (ނ) ގައި ބަޔާންކުރާ ޙާލަތުގައިވެސް ކުޑަކުއްޖެއްގެ މައްޗަށް ބާރުގެ ބޭނުންކުރަންވާނީ ނުވަތަ އޭނާ ހައްޔަރުކުރުމަށްޓަކައި ހައްޔަރުކުރަން ބޭނުންކުރާ އާލާތެއް ބޭނުންކުރަންވާނީ، ކޮންމެހެން ބޭނުންވާ އެންމެ ކުޑަ މިންވަރަކަށް އަދި އެންމެ ކުޑަ ވަގުތަކަށެވެ. އަދި އެކަމަކީ ކުށް ކުރި ޙާލަތާ އެކަށީގެންވާ ކަމެއް ކަމުގައިވާނަމައެވެ. އެއްވެސް ޙާލެއްގައި، ކުއްޖާ ލަދުގަންނާގެ ފަދަ ގޮތަކަށް އެކަން ކޮށްގެންނުވާނެއެވެ.
        • (ބ) ހައްޔަރުކުރަން ބޭނުންކުރެވޭ އަންނަނިވި އާލާތްތަކުގެ ތެރެއިން އާލާތެއް އެއްވެސް ޙާލެއްގައި ކުޑަކުއްޖަކު ހިފެހެއްޓުމުގައި ނުވަތަ ހައްޔަރުކުރުމުގައި ނުވަތަ ކުޑަކުއްޖަކު ބަންދުގައި ބަހައްޓާފައި ހުންނައިރު ބޭނުންކޮށްގެންނުވާނެއެވެ.
          • (1) ވަޅިއާއި ބަޑި؛
          • (2) ބިޑި ނުވަތަ ދަގަނޑު ނުވަތަ ޗޭނު؛
          • (3) ޓޭޒަރ ނުވަތަ އެފަދަ އެއްޗެއް؛
          • (4) ޕެޕަރ ސްޕްރޭ ނުވަތަ އެފަދަ އެއްޗެއް؛
          • (5) ތަދު އިޙްސާސްކޮށްދޭ އާލާތްތައް.
        • (ޅ) މި މާއްދާގެ ދަށުން ކުއްޖަކާ ދެކޮޅަށް ބާރުގެ ބޭނުންކޮށްފިނަމަ ނުވަތަ ހައްޔަރުކުރަން ބޭނުންކުރާ އާލާތެއް ބޭނުންކޮށްފިނަމަ، އެކަމުގެ މަޢުލޫމާތު ލިޔުމުން ރެކޯޑުކުރަންވާނެއެވެ.
        • (ކ) ކުޑަކުއްޖަކު ހައްޔަރުކުރާ ތަނެއްގައި ތިބޭ ފުލުހުން، އެކުދިންނަށް ފެންނަ ތަނެއްގައި އެއްވެސް ހަތިޔާރެއް ގެންގުޅެގެންނުވާނެއެވެ.
      • 49. : ބެލެނިވެރިޔާ ނުވަތަ މަޞްލަޙަތު ޙިމާޔަތްކުރާނެ ފަރާތެއް ހާޒިރުވެ ހުރުމުގެ ޙައްޤު
        • (ހ) ކުށެއްގެ ތުހުމަތުގައި ހިފެހެއްޓޭ ނުވަތަ ހައްޔަރުކުރެވޭ ކޮންމެ ކުއްޖަކަށްވެސް އަންނަނިވި ޙައްޤުތައް ލިބިގެންވެއެވެ.
          • (1) އެ ކުއްޖާ ބަންދުކުރެވޭ ތަނުގެ މަޢުލޫމާތު އެ ކުއްޖާގެ ބެލެނިވެރިޔާއަށް އެނގުމުގެ ޙައްޤު؛ އަދި
          • (2) އެ ކުއްޖާ ކުރިކަމަށް ބެލެވޭ ކުށުގެ ތަޙްޤީޤުގައި، އޭނާގެ ބެލެނިވެރިޔާ ނުވަތަ މަސްލަޙަތު ޙިމާޔަތްކޮށްދޭނެ އެހެން ފަރާތެއް ހާޒިރުވެ ހުރުމުގެ ޙައްޤާއި އެއިން ފަރާތެއްގެ ހާޒިރުގައި މެނުވީ ސުވާލުނުކުރުމުގެ ޙައްޤު.
        • (ށ) އަންނަނިވި ޙާލަތްތަކުގައި ފުލުހުންގެ އޮފިސަރު ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްއަށް އަންގައި، އެ ޑިޕާޓްމަންޓުގެ ކަމާބެހޭ އޮފިސަރުންނަށް ކުއްޖާއާ ބައްދަލުކުރެވޭނެ އިންތިޒާމު ހަމަޖައްސައިދޭންވާނެއެވެ.
          • (1) ކުއްޖާ ފުލުހުންގެ މަރުކަޒަށް ގެންދެވޭތާ 2 (ދޭއް) ގަޑިއިރުވާއިރު ކުއްޖާގެ ބެލެނިވެރިޔާއާ ގުޅޭގޮތް ނުވުން؛
          • (2) ކުއްޖާގެ ބެލެނިވެރިޔާ ފުލުހުންގެ މަރުކަޒަށް ހާޒިރުވާން އިންކާރުކުރުން؛
          • (3) ކުއްޖާ ކުރިކަމަށް ތުހުމަތުކުރެވޭ ކުށް ކުރުމުގައި ކުއްޖާގެ ބެލެނިވެރިޔާ ބައިވެރިވާކަމަށް ޤަބޫލުކުރުމުގައި އެކަށީގެންވާ ހެކި ލިބިފައިވުން.
      • 50. : ޤާނޫނީ ވަކީލެއްގެ އެހީ ހޯދައި ލިބިގަތުން
        • (ހ) ކުށެއްގެ ތުހުމަތުގައި ހިފެހެއްޓޭ ނުވަތަ ހައްޔަރުކުރެވޭ ކޮންމެ ކުއްޖަކަށްވެސް، އެހިނދުން ފެށިގެން އޭނާގެ މައްސަލައާމެދު ގޮތެއް ނިމެންދެން ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދުމުގެ ޙައްޤު ލިބިގެންވެއެވެ.
        • (ށ) ކުށެއްގެ ތުހުމަތުގައި ހިފެހެއްޓޭ ނުވަތަ ހައްޔަރުކުރެވޭ ކުއްޖަކަށް ޤާނޫނީ ވަކީލަކު ހަމަޖެއްސެން ނެތްނަމަ، އެ ކުއްޖަކަށް އަންނަނިވި ކަންކަން ހަމަޖައްސައިދޭންވާނެއެވެ.
          • (1) ދައުލަތުގެ ފަރާތުން ޤާނޫނީ ވަކީލެއް ހަމަޖައްސައިދިނުން؛ ނުވަތަ
          • (2) ކުއްޖާގެ މަޞްލަޙަތު ޙިމާޔަތްކޮށްދެވޭނެ އެހެން ފަރާތެއްގެ އެހީ ލިބޭނެގޮތް ހަމަޖައްސައިދިނުން.
        • (ނ) މި މާއްދާގެ (ހ) ނުވަތަ (ށ) ގެ ދަށުން ޤާނޫނީ ވަކީލެއް ނުވަތަ ކުއްޖާގެ މަޞްލަޙަތު ޙިމާޔަތްކޮށްދެވޭނެ ފަރާތެއް ހަމަޖެހި، އެފަރާތާ އެ ކުއްޖާއާ މަޝްވަރާކުރެވެންދެން އެ ކުއްޖަކު ހައްޔަރުކުރެވުނު ކުށާ ގުޅިގެން އެ ކުއްޖާއާ އެއްވެސް ސުވާލެއް ކޮށްގެންނުވާނެއެވެ.
        • (ރ) ކުއްޖާއާއި އެ ކުއްޖާގެ ޤާނޫނީ ވަކީލާ، ނުވަތަ އެކުއްޖާގެ މަޞްލަޙަތު ޙިމާޔަތްކޮށްދޭނެ ފަރާތާ މަޝްވަރާކުރުމުގެ ފުރުޞަތު ފުލުހުން ދޭންވާނެއެވެ.
        • (ބ) ކުއްޖާއާއި އެ ކުއްޖާގެ ޤާނޫނީ ވަކީލާ ނުވަތަ މަޞްލަޙަތު ޙިމާޔަތްކޮށްދޭނެ ފަރާތާ ދެމެދު ދެކެވޭ ވާހަކަތަކާއި، ބަދަލުކުރެވޭ ލިޔެކިޔުމަކީ ސިއްރު، އަދި ޙިމާޔަތްލިބިގެންވާ މުޢާމަލާތްތަކެއް ކަމުގައި ބެލެވޭނެއެވެ.
      • 51. : ތަރުޖަމާނެއްގެ އެހީ
        • (ހ) ކުށެއްގެ ތުހުމަތުގައި ހިފެހެއްޓޭ ނުވަތަ ހައްޔަރުކުރެވޭ ކުއްޖަކީ ދިވެހި ބަސް ނޭނގޭ ނުވަތަ ވާހަކަ ނުދެއްކޭ ނުވަތަ އަޑުނީވޭ ކުއްޖެއް ކަމުގައިވާނަމަ، އެހިނދުން ފެށިގެން، އޭނާގެ މައްސަލައާމެދު ގޮތެއް ނިމެންދެން، ތަރުޖަމާނެއްގެ ނުވަތަ އެ ކުއްޖާގެ މަޞްލަޙަތު ދިފާޢު ކޮށްދެވޭނެ ފަރާތެއްގެ އެހީތެރިކަން ހޯދުމުގެ ޙައްޤު ލިބިގެންވެއެވެ.
        • (ށ) މި މާއްދާގެ (ހ) ގެ ދަށުން ތަރުޖަމާނެއް ހަމަޖެހެންދެން އެ ކުއްޖަކު ހައްޔަރުކުރެވުނު ކުށާ ގުޅިގެން އެ ކުއްޖާއާ އެއްވެސް ސުވާލެއް ކޮށްގެންނުވާނެއެވެ.
        • (ނ) ކުއްޖާއާއި ތަރުޖަމާނާ ދެމެދު ދެކެވޭ ވާހަކަތައް ތަރުޖަމާނަށާއި ކުއްޖާއަށް ފަހުމްވާކަން ޔަޤީންކުރުމަށްޓަކައި ކުއްޖާއާ ސުވާލުކުރަން ފެށުމުގެ ކުރިން، އެ ކުއްޖާގެ ތަރުޖަމާނާ ބައްދަލުކޮށް މަޝްވަރާކުރުމުގެ ފުރުޞަތު ފުލުހުން ދޭންވާނެއެވެ.
      • 52. : ކޮންސިއުލާރ އެހީ ހޯދުމުގެ ޙައްޤު
        • (ހ) ކުށެއްގެ ތުހުމަތުގައި ހިފެހެއްޓޭ ނުވަތަ ހައްޔަރުކުރެވޭ ކުޑަކުއްޖަކީ ބޭރު ޤައުމެއްގެ ރައްޔިތެއް ކަމުގައިވާނަމަ، އޭނާ ނިސްބަތްވާ ޤައުމުގެ ފަރާތުން ދިވެހިރާއްޖެއަށް ކަނޑައަޅާފައިވާ ޑިޕްލޮމެޓިކް ނުވަތަ ކޮންސިއުލާރ ރެޕްރެޒެންޓެޓިވްއާ ގުޅުމުގެ ޙައްޤު އެ ކުއްޖަކަށް ލިބިގެންވެއެވެ.
        • (ށ) ކުށެއްގެ ތުހުމަތުގައި ހިފެހެއްޓޭ ނުވަތަ ހައްޔަރުކުރެވޭ ބޭރު ޤައުމެއްގެ ކުޑަކުއްޖަކީ ރެފިއުޖީއެއް ކަމުގައިވާނަމަ، ނުވަތަ ވަކި ޤައުމަކަށް ނިސްބަތްނުވާ ކުއްޖެއް ކަމުގައިވާނަމަ، ނުވަތަ އޭނާ ނިސްބަތްވާ ޤައުމު ތަމްޞީލުކުރާ ޑިޕްލޮމެޓެއް ނުވަތަ ކޮންސިއުލާރ ރެޕްރެޒެންޓެޓިވްއެއް، ދިވެހިރާއްޖޭގައި ނެތް ޤައުމެއްގެ ކުއްޖެއް ކަމުގައިވާނަމަ، އޭނާގެ މަޞްލަޙަތު ޙިމާޔަތްކޮށްދޭނެ އެހެން ޤައުމެއްގެ ނުވަތަ ބައިނަލްއަޤްވާމީ ނުވަތަ އެނޫންވެސް ޖަމްޢިއްޔާއެއް ތަމްޞީލުކުރާ ފަރާތަކާ ގުޅުމުގެ ޙައްޤު އެ ކުއްޖަކަށް ލިބިގެންވެއެވެ.
        • (ނ) މި މާއްދާގެ (ހ) އާއި (ށ) ގައި ބަޔާންކުރާ ޙައްޤުގެ ބޭނުން ހިފުމުގެ ފުރުޞަތު، އެ ކުއްޖާ ހިފެހެއްޓުމާއެކު ނުވަތަ ހައްޔަރުކުރެވުމާއެކު ވަގުތުން ދޭންވާނެއެވެ.
    • ސުވާލުކުރުމާއި ބަލައި ފާސްކުރުން : ތިންވަނަ ބައި
      • 53. : ތަޙްޤީޤުގައި ސުވާލުކުރުމާއި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔުން
        • (ހ) ޖިނާއީ ބޮޑު ކުށެއްގެ ތުހުމަތުގައި ހިފެހެއްޓޭ ނުވަތަ ހައްޔަރުކުރެވޭ ކުޑަކުއްޖަކާ ސުވާލުކުރަންޖެހިއްޖެ ޙާލަތެއްގައި މެނުވީ، އަދި އޭނާ ފިލާފާނެކަމަށް، ނުވަތަ ކޯޓަށް ހާޒިރުނުވެދާނެކަމަށް، ނުވަތަ ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމަޢުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެކަމަށް ބެލެވޭ ޙާލަތެއްގައި މެނުވީ، ކުށެއްގެ ތުހުމަތުގައި ހިފެހެއްޓޭ ނުވަތަ ހައްޔަރުކުރެވޭ ކުޑަކުއްޖަކާ ސުވާލުކުރުމަށްޓަކައި އޭނާ ފުލުހުންގެ ބެލުމުގެ ދަށުގައި ބަހައްޓައިގެންނުވާނެއެވެ.
        • (ށ) ޖިނާއީ ބޮޑު ކުށެއް ފިޔަވައި އެނޫން ކުށެއްގެ ތުހުމަތުގައި ހިފެހެއްޓޭ ނުވަތަ ހައްޔަރުކުރެވޭ ކުޑަކުއްޖަކާ ސުވާލުކުރަންޖެހިއްޖެ ޙާލަތެއްގައި، އޭނާއާ ސުވާލުކުރުމަށްޓަކައި ފުލުހުންގެ މަރުކަޒަކަށް ހާޒިރުވާން އެންގުމަށްފަހު އޭނާއާ ސުވާލުކޮށް ނިމުމުން އޭނާ ދޫކޮށްލަންވާނެއެވެ.
        • (ނ) ޖިނާއީ ބޮޑު ކުށެއްގެ ތުހުމަތުގައި ހިފެހެއްޓޭ ނުވަތަ ހައްޔަރުކުރެވޭ ކުޑަކުއްޖަކާ ސުވާލުކުރަންޖެހިއްޖެ ޙާލަތެއްގައި، އަދި އޭނާ ފިލާފާނެ ކަމަށް ބެލެވޭ ޙާލަތުގައި ފުލުހުންގެ ބެލުމުގެ ދަށުގައި ބެހެއްޓޭ ކުއްޖަކުވެސް ޤާޟީއެއްގެ ކުރިމައްޗަށް ހާޒިރުކުރުމަކާ ނުލައި ފުލުހުންގެ ބެލުމުގެ ދަށުގައި ބެހެއްޓޭނީ، ގިނަވެގެން 24 (ސައުވީސް) ގަޑިއިރުގެ މުއްދަތަށެވެ.
        • (ރ) ކުށެއްގެ ތުހުމަތުގައި ހިފެހެއްޓޭ ނުވަތަ ހައްޔަރުކުރެވޭ ކުޑަކުއްޖަކާ ސުވާލުކުރުމަށްޓަކައި ފުލުހުންގެ މަރުކަޒަކަށް ހާޒިރުކުރެވުމާއެކު އެ ކުއްޖާގެ މަޢުލޫމާތު ނަގައި، ލިޔުމުން ރެކޯޑުކުރަންވާނެއެވެ.
        • (ބ) މި މާއްދާގެ ދަށުން ފުލުހުންގެ މަރުކަޒަކަށް ގެންދެވޭ ކުޑަކުއްޖަކު، މީހަކަށް ނުވަތަ އަމިއްލަ ނަފްސަށް ގެއްލުން ދޭން މަސައްކަތްކުރާ ޙާލަތެއްގައި މެނުވީ، އެ ކުއްޖާގެ ގައިގައި އަތްލައިގެން ނުވާނެއެވެ.
        • (ޅ) ފުލުހުންގެ މަރުކަޒަކަށް ގެންދެވޭ ކުޑަކުއްޖަކާ ހުރިހާ ވަގުތެއްގައިވެސް ސުވާލުކުރަންވާނީ، ޚާއްޞަ ތަމްރީނު ލިބިފައިވާ ފުލުހުންނެވެ.
        • (ކ) ކުށުގެ ތުހުމަތުގައިވާ ކުޑަކުއްޖަކާ ސުވާލުކުރަންވާނީ، އެ ކުއްޖާގެ އުމުރަށާއި އެކުއްޖާއަށް ކަންކަން ފަހުމްވާ މިންވަރަށާއި އެ ކުއްޖާގެ ޞިއްޙީ އަދި އިޖުތިމާޢީ ޙާލަތަށް ރިޢާޔަތްކުރުމަށްފަހު، އަންނަނިވި ކަންކަން ކަށަވަރުވާނެ ގޮތެއްގެމަތިންނެވެ.
          • (1) ނިދުމަށާއި އަރާމުކުރަން އެކަށީގެންވާ ވަގުތު ލިބުން؛
          • (2) ގިނަވެގެން 2 (ދޭއް) ގަޑިއިރަށްވުރެ އިތުރުނުވާގޮތަށް ސުވާލުކުރުން؛
          • (3) ހެނދުނު 8 ގެ ކުރިން އަދި ރޭގަނޑު 10 ގެ ފަހުން ކުޑަކުއްޖަކާ ސުވާލުނުކުރުން؛
          • (4) ކޮންމެ ދުވާލެއްގެ މައްޗަށް މަދުވެގެން 4 ފަހަރަށްވާ ގޮތަށް ކެއުމާއި ބުއިން ހަމަޖައްސައިދިނުން؛
          • (5) ފާޚާނާއާއި ތާހިރުވާނެ ވަޞީލަތްތައް ފޯރުކޮށްދިނުން.
        • (އ) ކުށުގެ ތުހުމަތުގައިވާ ކުޑަކުއްޖަކާ ސުވާލުކުރަންވާނީ، އެ ކުއްޖާގެ ބެލެނިވެރިއެއް، ނުވަތަ ބެލެނިވެރިއަކަށް ހާޒިރުވެވެން ނެތް ޙާލަތެއްގައި، އެ ކުއްޖެއްގެ މަޞްލަޙަތު ޙިމާޔަތްކޮށްދެވޭނެ އެހެން ފަރާތެއްގެ ހާޒިރުގައެވެ.
      • 54. : ބަލައި ފާސްކުރުން
        • (ހ) މި ޤާނޫނުގެ 55 ވަނަ މާއްދާގައި ބަޔާންކުރާ ޙާލަތުގައި ފިޔަވައި އެނޫން ޙާލަތްތަކުގައި، ފުލުހުންނަށް މި މާއްދާގައިވާ ގޮތުގެމަތިން ކުޑަކުއްޖަކު ބަލައި ފާސްކުރެވިދާނެއެވެ.
        • (ށ) ކުޑަކުއްޖަކު ބަލައި ފާސްކުރުމުގެ ކުރިން، އެކުއްޖާ ބަލައި ފާސްކުރަން އުޅޭ ކަމާއި، އެ ކުއްޖާ ބަލައި ފާސްކުރެވެނީ ކީއްވެގެންކަން، އެ ކުއްޖާއަށް ފަހުމްވާނެ ގޮތަކަށް ސާފުކޮށްދޭންވާނެއެވެ.
        • (ނ) ކުޑަކުއްޖަކު ބަލައި ފާސްކުރަންވާނީ، އެ ކުއްޖާގެ ކަރާމާތަށް އުނިކަމެއް ނާންނާނެ ގޮތުގެމަތިން، އެ ކުއްޖާއާ އެއް ޖިންސެއްގެ ފުލުހެކެވެ.
        • (ރ) ކުއްޖާގެ ހަށިގަނޑުގެ ބޭރުން ބަލައި ފާސްކުރާ ކުރުން ފިޔަވައި، ކުއްޖެއްގެ އަންނައުނު ބޭލުމަށްފަހު އެ ކުއްޖާގެ ހަށިގަނޑު ބަލައި ފާސްކުރަން ޖެހިއްޖެ ޙާލަތެއްގައި އެކަން ކުރަންވާނީ، މި ޤާނޫނުގެ 55 ވަނަ މާއްދާގައިވާ ގޮތުގެމަތިންނެވެ.
      • 55. : ޖިންސީ ގުނަވަން ބަލައި ފާސްކުރުމާއި އެތެރެހަށީގެ ސާމްޕަލް ނެގުން
        • (ހ) ކުޑަކުއްޖަކު ބަލައި ފާސްކުރުމުގައި، އޭނާގެ ޖިންސީ ގުނަވަނެއް ހާމަކުރަން ޖެހޭކަމަށްވާނަމަ، ނުވަތަ އެއިން ގުނަވަނެއް ބަލައި ފާސްކުރަންޖެހޭކަމަށްވާނަމަ، ނުވަތަ އެތެރެހަށީގެ ސާމްޕަލެއް ނަގަންޖެހިއްޖެނަމަ، އެކަން ކުރަންވާނީ، ކޯޓު އަމުރެއްގެ ދަށުން، އެ އަމުރުގައި ބަޔާންވެގެންވާ ގޮތެއްގެމަތިންނެވެ.
        • (ށ) ކުޑަކުއްޖެއްގެ ޖިންސީ ގުނަވަނެއް ބަލައި ފާސްކުރަންވާނީ ނުވަތަ އެތެރެހަށީގެ ސާމްޕަލް ނަގަންވާނީ، އަންނަނިވި ޙާލަތްތަކުގައި، ޑޮކްޓަރެއް ނުވަތަ ހުއްދަލިބިފައިވާ ޞިއްޙީ އެހީތެރިއެއްގެ އެހީގައެވެ.
          • (1) އެތެރެހަށީގެ ސާމްޕަލެއް ނަގައިގެން މެނުވީ، އެ މައްސަލައިގެ ތަޙްޤީޤު ކުރިއަށްގެންދެވެން ނެތުން؛ އަދި
          • (2) އެ މައްސަލައާ ގުޅޭ ވަކި ހެއްކެއް ހުރީ އެ ކުއްޖާގެ ގައިގައި ކަމަށް ޤަބޫލުކުރުމުގައި އެކަށީގެންވާ ހެކި ލިބިފައިވުން؛
          • (3) އެފަދައިން އެތެރެހަށީގެ ސާމްޕަލެއް ނެގުމަކީ ކުއްޖާގެ ޞިއްޙަތަށް ގެއްލުންވާނެ ކަމެއް ކަމުގައިނުވުން.
        • (ނ) ކުޑަކުއްޖެއްގެ އެތެރެހަށީގެ ސާމްޕަލް ނަގަންވާނީ ސިއްޙީ ޚިދުމަތްދޭ މަރުކަޒެއްގައެވެ.
        • (ރ) ކުޑަކުއްޖާގެ އެދުމުގެ މަތިން މެނުވީ ކުޑަކުއްޖެއްގެ ޖިންސީ ގުނަވަނެއް ބަލައި ފާސްކުރަންވާނީ ނުވަތަ އެތެރެހަށީގެ ސާމްޕަލް ނަގަންވާނީ އެ ކުއްޖާގެ ބެލެނިވެރިއެއްގެ ހާޒިރުގައެވެ.
        • (ބ) މި މާއްދާގެ (ރ) އެހެން އޮތްނަމަވެސް، ކުޑަކުއްޖާގެ މައިންބަފައިން ނުވަތަ ބެލެނިވެރިއެއްގެ ހާޒިރުގައި އެ ކުއްޖާ ބަލައި ފާސްކުރަން ނުވަތަ ސާމްޕަލް ނަގަން އެ ކުއްޖާ ބޭނުންނުވާނަމަ، އެ ކުއްޖާގެ ބެލެނިވެރިޔާ ހާޒިރުގައި ބަހައްޓައިގެންނުވާނެއެވެ. އެހެންނަމަވެސް، އެ ޙާލަތުގައިވެސް ކުއްޖާގެ މަޞްލަޙަތު ޙިމާޔަތްކޮށްދެވޭނެ އެހެން މީހަކު އެތަނުގައި ހާޒިރުވެ ހުންނަންވާނެއެވެ.
      • 56. : ޙާއްޞަ ޙާލަތްތަކުގައިވާ ކުދިންނާގުޅޭ ގަވާއިދު ހެދުން ކުޑަކުދިންގެ މައްސަލަތައް ތަޙުޤީޤުކުރުމުގައި، އަންނަނިވި ޙާލަތްތަކުގައިވާ ކުޑަކުދިންނާ ގުޅޭގޮތުން ޢަމަލުކުރާނެ ޚާއްޞަ އުސޫލުތަކެއް މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.
        • (ހ) ޖިސްމާނީ ގޮތުން ޞިއްޙީ މައްސަލައެއް މެދުވެރިވެފައިވާ ކުދިން؛
        • (ށ) ނަފްސާނީ ނުކުޅެދުންތެރިކަމެއް ހުރި ކުދިން؛
        • (ނ) ކުށުގެ ޝިކާރައަކަށްވެފައިވާ ކަމަށް ބެލެވޭ ކުދިން؛
        • (ރ) އުމުރުން ހަގު ކުދިން؛
        • (ބ) މާބަނޑު އަންހެން ކުދިންނާއި ދަރިންނާ އެކުގައިވާ މައިން؛
        • (ޅ) ބެލެނިވެރިން އިހުމާލުވެފައިވާ ކުދިން؛
        • (ކ) މުޖުތަމަޢުން އެކަހެރިވެފައިވާ ކުދިން.
  • ޝަރީޢަތް ފެށުމުގެ ކުރިން ބަންދުގައި ބެހެއްޓުން : ދިހަވަނަ ބާބު
    • 57. : އެންމެ ފަހުގެ ފިޔަވަޅެއްގެ ގޮތުގައި މެނުވީ ބަންދުނުކުރުން
      • (ހ) ކުށެއްގެ ތުހުމަތުގައި ހިފެހެއްޓޭ ނުވަތަ ހައްޔަރުކުރެވޭ ކުޑަކުއްޖަކު ޝަރީޢަތް ފެށުމުގެ ކުރިން ބަންދުގައި ބަހައްޓަންވާނީ، ޚާއްޞަ ޙާލަތްތަކެއްގައި، ކޯޓު އަަމުރެއްގެ ދަށުންނެވެ.
      • (ށ) ކުށެއްގެ ތުހުމަތުގައި ހިފެހެއްޓޭ ނުވަތަ ހައްޔަރުކުރެވޭ ކުޑަކުއްޖަކު ޝަރީޢަތް ފެށުމުގެ ކުރިން ބަންދުގައި ބެހެއްޓުމަށް ނިންމުމުގެ ކުރިން، އޭނާ ބަންދުގައި ބެހެއްޓުމުގެ ބަދަލުގައި އެނޫން ޝަރުޠުތަކެއް ކަނޑައެޅެން އޮތްތޯ ކޯޓުން ބަލަންވާނެއެވެ.
    • 58. : ބަންދުގައި ބެހެއްޓުމަށް ނިންމުމުގައި ޤާޟީ ރިޢާޔަތްކުރަންވީ ކަންކަން
      • (ހ) ކުށެއްގެ ތުހުމަތުގައި ހިފެހެއްޓޭ ނުވަތަ ހައްޔަރުކުރެވޭ ކުޑަކުއްޖަކު ޝަރީޢަތް ފެށުމުގެ ކުރިން ބަންދުގައި ބެހެއްޓުމަށް ޤާޟީ ނިންމަންވާނީ، އޭނާ ކުރި ކަމަށް ތުހުމަތުކުރެވޭ ކުށަކީ ބޮޑު ކުށެއް ކަމުގައިވެފައި، އޭނާ ދޫކޮށްލައިފިނަމަ އަންނަނިވި ޙާލަތްތައް މެދުވެރިވެދާނެ ކަމަށް ބެލެވޭނަމައެވެ.
        • (1) އޭނާއާމެދު ތުހުމަތުކުރެވިފައިވާ މައްސަލައިގެ ހެކި ފޮރުވުމަށް ނުވަތަ އެ މައްސަލައިގައި ހެކިބަސް ދޭން ހުރި މީހަކަށް ނުފޫޒެއް ފޯރުވުމަށް އޭނާ މަސައްކަތްކޮށްފާނެ ކަމަށް ބެލެވުން؛
        • (2) އޭނާ ޖިނާއީ ބޮޑު ކުށެއް ކޮށްފާނެ ކަމަށް ބެލެވުން؛ ނުވަތަ
        • (3) އޭނާ ކޯޓަށް ހާޒިރުނުވެދާނެ ކަމަށް ބެލެވުން؛ ނުވަތަ
        • (4) އޭނާ ފިލައިފާނެ ކަމަށް ބެލެވުން؛ ނުވަތަ
        • (5) އޭނާ ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމަޢުގެ ނުވަތަ އޭނާގެ އަމިއްލަ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ބެލެވުން.
      • (ށ) މި މާއްދާގެ (ހ) ގެ ދަށުން ކުޑަކުއްޖަކު ބަންދުކުރަން ނިންމަންވާނީ، މައްސަލައިގައި ހިމެނޭ އެންމެހައި ކަންކަމަށް ރިޢާޔަތްކުރުމާއެކު، ބަންދުކުރުން ފިޔަވައި އެނޫން ފިޔަވަޅެއް އެޅެން އޮތްތޯ ބެލުމަށްފަހު، އެނޫން ގޮތެއް ނެތް ޙާލަތުގައެވެ.
      • (ނ) މި މާއްދާގެ (ށ) ގައި ބަޔާންކުރާ ޙާލަތްތަކުގައިވެސް ކުޑަކުއްޖަކު ބަންދުކުރަންވާނީ އެކަށީގެންވާ އެންމެ ކުރު މުއްދަތަކަށެވެ. އަދި އެއްވެސް ޙާލެއްގައި ކުޑަކުއްޖަކު، ޝަރީޢަތް ނިމެންދެން ބަންދުކޮށްފައި ބަހައްޓައިގެން ނުވާނެއެވެ.
      • (ރ) އެއް ކުއްޖަކަށްވުރެ ގިނަ ކުދިން ހިމެނޭ މައްސަލައެއްގައި ފިޔަވައި އެނޫން ޙާލަތެއްގައި ކޮންމެ ކުއްޖަކާ ގުޅޭގޮތުން ތަޙްޤީޤުކުރެވޭ މައްސަލައަކީ ވަކި ހެކިތަކަކާއި ޙާލަތްތަކެއް އެ މައްޗަށް ހިނގާނެ މައްސަލައެއް ކަމުގައިވާތީއާއި، ކުށްކުރަން މެދުވެރިވާ ޙާލަތްތައްވެސް ކޮންމެ ކުއްޖަކާ ގުޅޭގޮތުން ތަފާތުވާނެތީ، މި މާއްދާގެ (ނ) ގެ ދަށުން ކުޑަކުއްޖަކު ބަންދުގައި ބެހެއްޓޭނެ މުއްދަތު ކަނޑައަޅަންވާނީ އެއިން ކޮންމެ ކުއްޖެއްގެ ޙާލަތަށް ވަކިން ރިޢާޔަތްކުރުމަށްފަހުގައެވެ.
      • (ބ) މި މާއްދާގެ ދަށުން ކުޑަކުއްޖަކު ބަންދުކުރުމަށް ޤާޟީ ނިންމި ކަމުގައިވީނަމަވެސް، އެ ނިންމުން ނިންމަން މެދުވެރިވި ސަބަބު ނުވަތަ ޙާލަތު ދެމިއޮތްތޯ ބެލުމަށްޓަކައި ގަވާއިދުން ކޯޓަށް ރިޕޯޓުކުރުމަށް ފުލުހުންނަށް ޤާޟީ އަންގަންވާނެއެވެ. އަދި އެ ޙާލަތު ނުވަތަ ސަބަބު ނެތިގޮސްފައިވާނަމަ، އެ ކުއްޖާ ބަންދުން ދޫކުރުމަށް ޤާޟީ އަމުރުކުރަންވާނެއެވެ.
    • 59. : ޝަރުޠަކާއެކު ދޫކޮށްލުން
      • (ހ) ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ ކުޑަކުއްޖަކު ދޫކޮށްލުމަށް ޤާޟީ ނިންމުމުގައި، އަންނަނިވި ކަންކަމުގެ ތެރެއިން ކަމަކަށް ޝަރުޠުކޮށް، އޭނާ ދޫކޮށްލުމަށް ޤާޟީއަށް ނިންމިދާނެއެވެ.
        • (1) ބަންދުން ދޫކޮށްލާފައި ހުންނައިރު އެއްވެސް ޤާނޫނާ ޚިލާފު ޢަމަލެއް ނުވަތަ އިތުރު ކުށެއް ނުކުރުން؛
        • (2) ތަޙްޤީޤު މަރުޙަލާގައި ތަޙްޤީޤުކުރާ ފަރާތުން ހާޒިރުވާން އަންގާ ތަންތަނަށް ހާޒިރުވުން؛
        • (3) ޝަރީޢަތުގެ މަރުޙަލާގައި ކޯޓަށް ހާޒިރުވާންޖެހޭ ގަޑިއަށް ކޯޓަށް ހާޒިރުވުން؛
        • (4) ގަވާއިދުން ސްކޫލަށްދިޔުން؛
        • (5) ކޯޓުން ކަނޑައަޅާ ޕްރޮގްރާމެއްގައި ބައިވެރިވުން؛
        • (6) ދަތުރު ފަތުރުކުރުމާއި، އުޅޭނޫޅޭ ތަންތަނާއި، މީހުންނާ މުޢާމަލާތްކުރުމާމެދު ކޯޓުން ކަނޑައަޅާ ގޮތަށް ޢަމަލުކުރުން؛
        • (7) ކުށުގެ ސަބަބުން ގެއްލުން ލިބުނު މީހާއާއި، އަދި އެމައްސަލައިގައި ހެކިބަސް ދޭނެ ކަމަށް ޤަބޫލުކުރެވޭ މީހުންނާ މުޢާމަލާތްކުރުމާއި ބައްދަލުނުކުރުން؛
        • (8) ކަނޑައަޅާފައިވާ ޤާނޫނު ތަންފީޛުކުރާ އިދާރާއަކަށް ނުވަތަ އެހެންވެސް އިދާރާއަކަށް ގަވާއިދުން ރިޕޯޓު ކުރުން؛
        • (9) ގޭގައި ހުރުމަށް ކަނޑައަޅައި އަންގާފައިވާ ވަގުތުގައި އެގޮތަށް ޢަމަލުކުރުން؛
        • (10) ކޯޓުން ކަނޑައަޅާ ޞިއްޙީ ނުވަތަ ނަފްސާނީ ފަރުވާ ލިބިގަތުން؛
        • (11) ތަޢުލީމު ޙާޞިލުކުރުމަށް ނުވަތަ އެނޫންވެސް އެހެން ބޭނުމެއްގައި ދޫކުރުމަށްފަހު، ކަނޑައަޅާ ވަކި ވަގުތެއްގައި، ކަނޑައަޅާފައިވާ ވަކި ތަނަކަށް ބަންދުގައި ހުރުމަށް އެނބުރި އައުން؛
        • (12) މި ޤާނޫނުގެ 36 ވަނަ މާއްދާގައި ބަޔާންކުރާ ޑައިވަރޝަންގެ ފިޔަވަޅެއްގައި ބައިވެރުވުމަށް އެންގުން.
      • (ށ) މި މާއްދާގެ ދަށުން ކުޑަކުއްޖަކު ދޫކޮށްލާއިރު ފައިސާ ބެހެއްޓުމަށްފަހު ކަފާލާތުގެ ދަށުން ދޫކުރުމަށް ކަނޑައަޅައިގެންނުވާނެއެވެ.
  • ދަޢުވާކުރުމުގެ މަރުޙަލާ : އެގާރަވަނަ ބާބު
    • 60. : ކުއްޖާގެ މައްޗަށް ޖިނާއީ ކުށެއްގެ ދަޢުވާ އުފުލުން
      • (ހ) ކުޑަކުއްޖެއްގެ މައްޗަށް ދަޢުވާކުރުމަށްޓަކައި ޕްރޮސިކިއުޓަރ ޖެނެރަލަށް ހުށަހެޅޭ މައްސަލައަކާމެދު އެކަށީގެންވާ އަވަސް މިނެއްގައި ޕްރޮސިކިއުޓަރ ޖެނެރަލް ގޮތެއް ނިންމަންވާނެއެވެ.
      • (ށ) ކުޑަކުއްޖަކާ ދެކޮޅަށް ކުށެއް ސާބިތުވާ މިންވަރަށް މައްސަލައެއްގައި ހެކި ލިބިފައިހުރުމަކީ އެކުއްޖެއްގެ މައްޗަށް އެ ކުށުގެ ދަޢުވާ އުފުލަންވީ ހަމައެކަނި ސަބަބަށް ވެގެންނުވާނެއެވެ. ކޮންމެ ޙާލަތެއްގައިވެސް، ކުއްޖާގެ ޢުމުރަށާއި، ތަޞައްރުފު ފުދިފައިވާ މިންވަރަށާއި، ކުށް ކުރަން މެދުވެރިވި ޙާލަތަށާއި، ކުއްޖާގެ މަޞްލަޙަތަށާއި، ކުއްޖާ ހެޔޮގޮތުގައި އަނބުރާ މުޖުތަމަޢުއަށް ގެނައުމުގެ މުހިންމުކަމަށާއި، ޢާންމު މަޞްލަޙަތަށް ރިޢާޔަތްކުރަންވާނެއެވެ.
    • 61. : ޑައިވަރޝަނަށް ފުރުޞަތު ދިނުން
      • (ހ) މި ޤާނޫނުގެ 60 ވަނަ މާއްދާގެ (ށ) ގައި ބަޔާންކުރާ ކަންކަމަށް ހަނިކަމެއް ނާންނާނެ ގޮތުގެމަތިން، ކުޑަކުއްޖެއްގެ މައްޗަށް ދަޢުވާކުރުމަށްޓަކައި ޕްރޮސިކިއުޓަރ ޖެނެރަލަށް މައްސަލައެއް ހުށަހެޅުމާއެކު، އަންނަނިވި ކަންކަމަށް ރިޢާޔަތްކޮށް، ކުއްޖާ ހެޔޮގޮތުގައި އަނބުރާ މުޖުތަމަޢުއަށް ގެނައުމުގެ މުހިންމުކަން ބޮޑު ކަމަށް ބެލެވޭ ޙާލަތުގައި، އެ ކުއްޖާގެ މައްޗަށް ޖިނާއީ ދަޢުވާ އުފުލުމުގެ ބަދަލުގައި ޑައިވަރޝަންގެ ނިޒާމުގެ ދަށުން ފިޔަވަޅު އެޅުމަށް ބާރުއަޅަންވާނެއެވެ.
        • (1) ކުއްޖާގެ އުމުރާއި ކުއްޖާގެ އިޖްތިމާޢީ ޙާލަތް؛
        • (2) އެ ކުއްޖާ ކުރި ކަމަށް ތުހުމަތުކުރެވޭ ކުށުގެ ބާވަތާއި، އެ ޢަމަލުގެ ކުޑަބޮޑުމިން؛
        • (3) އެކުއްޖާ ކުރިން ޤާނޫނާ ޚިލާފުވެފައިވާނަމަ އެކަން؛
        • (4) ކުށުގެ ޢަމަލުގެ ސަބަބުން ލިބުނު ގެއްލުމުގެ ކުޑަބޮޑުމިން؛
        • (5) ކުއްޖާއާމެދު ޑައިވަރޝަންގެ ނިޒާމުގެ ދަށުން ފިޔަވަޅު އެޅުުގެ މުހިންމުކަން؛
        • (6) މައްސަލައިގައި ހިމެނޭ ވަށައިގެންވާ އެންމެހައި ކަންކަން.
      • (ށ) ކުއްޖެއްގެ މައްޗަށް ޑައިވަރޝަންގެ ނިޒާމުގެ ދަށުން ފިޔަވަޅު އެޅުމަށް ނުވަތަ ދަޢުވާކުރުމަށް ނިންމުމުގެ ކުރިން، ކުއްޖާގެ އިޖުތިމާޢީ ޙާލަތު ވަޒަންކުރާ ރިޕޯޓު ގައި ހިމެނޭ ކަންކަމަށް ޕްރޮސިކިއުޓަރ ޖެނެރަލް ރިޢާޔަތްކުރަންވާނެއެވެ.
      • (ނ) ޤާނޫނާ ޚިލާފުވާ ކުއްޖެއްގެ މައްޗަށް ޑައިވަރޝަންގެ ނިޒާމުގެ ދަށުން ފިޔަވަޅު އެޅުމުގެ ބަދަލުގައި ދަޢުވާ އުފުލަން ޕްރޮސިކިއުޓަރ ޖެނެރަލް ނިންމައިފިނަމަ، އެފަދައިން ނިންމި ސަބަބު ލިޔުމުން ދޭންވާނެއެވެ.
      • (ރ) ކުއްޖާގެ މައްޗަށް ހުށަހަޅާ ދަޢުވާގެ ލިޔެކިޔުންތައް ކޯޓަށް ހުށަހަޅަންވާނީ، ކުއްޖާގެ އިޖުތިމާޢީ ޙާލަތު ވަޒަންކުރާ ރިޕޯޓާއެކު، އަދި އެ ރިޕޯޓުގެ އަލީގައި ކުއްޖާގެ މައްޗަށް ދަޢުވާ އުފުލަންޖެހޭ ސަބަބުތައް ބަޔާންކޮށް ޕްރޮސިކިއުޓަރ ޖެނެރަލްގެ ނިންމުމަކާއެކުގައެވެ.
  • ޝަރީޢަތުގެ މަރުޙަލާ : ބާރަވަނަ ބާބު
    • 62. : އިންޞާފުވެރި ޝަރީޢަތެއް ކުރެވުން ޖިނާއީ ކުށެއްގެ ދަޢުވާ އުފުލޭ ކޮންމެ ކުޑަކުއްޖަކަށްމެ، މިނިވަން އަދި މުސްތަޤިއްލު ކޯޓެއްގައި، އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި، އިންޞާފުން ޝަރީޢަތްކުރެވުމުގެ ޙައްޤު ލިބިގެންވެއެވެ.
    • 63. : ޝަރީޢަތްކުރުމުގެ ހަމަތައް
      • (ހ) އެހެން ޤާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައިވީނަމަވެސް، ކުޑަކުދިންގެ މައްސަލަތަކުގައި ޝަރީޢަތްތައް ހިންގަންވާނީ، ޢާންމުކޮށް ހުޅުވާނުލައެވެ.
      • (ށ) ޝަރީޢަތުގެ މަޖިލިސްތަކުގައި ދެކެވޭ ވާހަކަތަކާއި، އެނޫންވެސް ކުއްޖާގެ ޒާތީ މަޢުލޫމާތާއި، ކުއްޖާއަކީ ކާކުކަން ދެނެގަނެވޭނެ އެއްވެސް މަޢުލޫމާތެއް، ޢާންމުކޮށްގެންނުވާނެއެވެ.
    • 64. : ޤާނޫނީ ވަކީލެއްގެ އެހީ ހޯދައި ލިބިގަތުން
      • (ހ) ކުޑަކުއްޖެއްގެ މައްޗަށް ކުރެވޭ ޖިނާއީ ކުށެއްގެ ދަޢުވާގެ ޝަރީޢަތް ހިންގަންވާނީ، އެ ކުއްޖާގެ ދިފާޢުގައި ވަކާލާތުކުރާނެ ޤާނޫނީ ވަކީލެއްގެ އެހީ ލިބިދިނުމާއެކުގައެވެ.
      • (ށ) ކުޑަކުއްޖަކަށް ޤާނޫނީ ވަކީލަކާ ނުލައި އެއްވެސް ޝަރީޢަތެއް ބޭއްވިއްޖެނަމަ، ޤާނޫނީ ވަކީލެއްގެ އެހީތެރިކަމާއެކު ކުށުން ބަރީޢަވާން މަސައްކަތްކުރުމަށް ޤާނޫނުއަސާސީގެ ދަށުން އެ ކުއްޖާއަށް ލިބިދޭ ޙައްޤު ހިފެހެއްޓުނީ ކަމުގައި ބަލަންވާނެއެވެ.
    • 65. : ޝަރީޢަތުގެ މަޖިލިސްތަކުގައި ބެލެނިވެރިން ބައިވެރިކުރުމުގެ ޙައްޤު
      • (ހ) ކުއްޖާގެ ޝަރީޢަތް ހިނގާއިރު، ކުއްޖާގެ ބެލެނިވެރިން އެ ޝަރީޢަތަށް ހާޒިރުވުމަކީ ކުއްޖާގެ މަޞްލަޙަތަށް އެންމެ ފައިދާ ހުރި ގޮތް ކަމުގައިނުވާ ޙާލަތުގައި ފިޔަވައި އެހެން ޙާލަތްތަކުގައި، ކުއްޖާގެ މައްޗަށް ކުރެވޭ ދަޢުވާގެ ޝަރީޢަތުގައި އެ ކުއްޖާގެ ބެލެނިވެރިން ހާޒިރުވެ ހުރުމުގެ ޙައްޤު ލިބިގެންވެއެވެ.
      • (ށ) ބެލެނިވެރިއަކަށް ހާޒިރުވެގެން ނެތް ޙާލަތެއްގައި ކުއްޖާގެ މަޞްލަޙަތު ޙިމާޔަތްކޮށްދެވޭނެ އެހެން ފަރާތަކަށް ކުއްޖާގެ ޝަރީޢަތްތަކަށް ހާޒިރުވެވޭނެ މަގުފަހިކޮށްދޭންވާނެއެވެ.
    • 66. : ކުޑަކުދިންނާ ރައްޓެހި ނިޒާމެއް ކަމުގައިވުން
      • (ހ) ކުއްޖާގެ ޝަރީޢަތް ހިނގާއިރު، ޝަރީޢަތްކުރެވޭ ތަނާއި، ޝަރީޢަތުގެ އަޑުއެހުންތައް ހިންގުމުގައި ޢަމަލުކުރާނެ އުސޫލުތައް ކަނޑައެޅިފައި ހުންނަންވާނީ، ކުޑަކުދިންނާ ރައްޓެހި، ކުޑަކުދިންނަށް ފަސޭހައިން ވާޞިލުވެވޭނެ ގޮތެއްގެމަތިންނެވެ.
      • (ށ) ކުޑަކުއްޖެއްގެ ޝަރީޢަތް ކުރުމުގައި ވީވަރަކުން ބޭނުންކުރަންވާނީ، ކުއްޖާއަށް ދޭހަވާނެ ބަހުރުވައެވެ.
    • 67. : އިޢުތިރާފުވުމަށް މަޖުބޫރުނުކުރުން ކުޑަކުއްޖެއްގެ މައްޗަށް ކުރެވޭ ޖިނާއީ ކުށެއްގެ ޝަރީޢަތެއްގައި، ކުއްޖާ އިޢުތިރާފުވާން އެއްވެސް ފަރާތަކުން މަޖުބޫރުކޮށްގެންނުވާނެއެވެ. އަދި އަމިއްލަ ނަފްސާ ދެކޮޅަށް ބަޔާނެއް ދިނުމަށްވެސް މަޖުބޫރުކޮށްގެންނުވާނެއެވެ.
    • 68. : ޢާންމު އިޖުރާއަތު ހިނގުން މި ބާބުގައި ބަޔާންކޮށްފައިވާ ޙައްޤުތަކުގެ އިތުރުން، ކުޑަކުއްޖެއްގެ މައްޗަށް ކުރެވޭ ޖިނާއީ ކުށެއްގެ ދަޢުވާގެ ޝަރީޢަތެއްގައި، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގައި ބަޔާންކުރާ އިޖުރާއަތާ އެއްގޮތްވާ ގޮތުގެމަތިން ކަންކުރެވުމުގެ ޙައްޤު، ކޮންމެ ކުއްޖަކަށްމެ ލިބިގެންވެއެވެ. އަދި ޝަރީޢަތުގެ މަރުޙަލާގައި އެ ޤާނޫނުގެ ދަށުން ލިބިދޭ އެންމެހައި ޙައްޤުތައް ލިބިގެންވެއެވެ.
    • 69. : މައްސަލައާ މެދު ގޮތެއް ނިންމުން
      • (ހ) ކުޑަކުއްޖެއްގެ މައްޗަށް ކުރެވޭ ޖިނާއީ ކުށެއްގެ ދަޢުވާގެ ޝަރީޢަތް ފުރިހަމަކުރުމަށްފަހު، އެ ކުއްޖާއާމެދު ތުހުމަތުކުރެވޭ ކުށް އެ ކުއްޖާ ކޮށްފައިވާކަމަށް، އެ ކުށް ސާބިތުކުރުމަށް އޮންނަ ޤާނޫނީ މިންގަނޑުން ސާބިތުކުރެވިއްޖެނަމަ، އެ ކުއްޖާގެ މައްޗަށް އެ ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި، ޤާޟީ މައްސަލަ ނިންމަންވާނެއެވެ.
      • (ށ) ކުޑަކުއްޖެއްގެ މައްޗަށް ކުރެވޭ ޖިނާއީ ކުށެއްގެ ދަޢުވާގެ ޝަރީޢަތް ފުރިހަމަކުރުމަށްފަހު، އެ ކުއްޖާއާމެދު ތުހުމަތުކުރެވޭ ކުށް އެ ކުއްޖާ ކޮށްފައިވާކަމަށް، އެ ކުށް ސާބިތުކުރުމަށް އޮންނަ ޤާނޫނީ މިންގަނޑުން ސާބިތުނުކުރެވޭނަމަ، އެ ކުއްޖާގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކަނޑައަޅައި، ޤާޟީ މައްސަލަ ނިންމަންވާނެއެވެ.
      • (ނ) ކުއްޖާގެ މައްޗަށް ކުރެވޭ ޝަރީޢަތުގައި، ނިންމާ ނިންމުން އިއްވަންވާނީ، އަދި އެ ނިންމުން ލިޔުމަށް ތިރިކުރާއިރު ވީވަރަކުން އޮންނަންވާނީ، ކުއްޖާއަށް ފަސޭހައިން ދޭހަވާ ޢިބާރާތަކުންނެވެ. އަދި ވީވަރަކުން، ބޮޑެތި މީހުންގެ މައްޗަށް ޝަރީޢަތްކުރެވޭއިރު ބޭނުންކުރާ ފަދަ ޢިބާރާތްތައް ކުޑަކުދިންނާ ގުޅޭގޮތުން ބޭނުންކޮށްގެންނުވާނެއެވެ.
    • 70. : އިސްތިއުނާފުކުރުމުގެ ޙައްޤު ކުޑަކުއްޖެއްގެ މައްޗަށް ކުރެވޭ ޖިނާއީ ކުށެއްގެ ޝަރީޢަތެއްގައި އެކުއްޖާއާމެދު ނިންމާ ނިންމުން 30 (ތިރީސް) ދުވަހުގެ ތެރޭގައި އިސްތިއުނާފުކުރުމުގެ ޙައްޤު ކުއްޖާއަށް ލިބިގެންވެއެވެ.
  • ފިޔަވަޅުއެޅުން : ތޭރަވަނަ ބާބު
    • 71. : ޝަރީޢަތުން މައްސަލަ ބަލައި ފިޔަވަޅު އެޅުން
      • (ހ) ކުޑަކުއްޖެއްގެ މައްޗަށް ޝަރީޢަތްކުރުމަށްފަހު، އެ ކުއްޖާގެ މައްޗަށް ކުށް ސާބިތުވާކަމަށް މި ޤާނޫނުގެ 69 ވަނަ މާއްދާގެ (ހ) ގެ ދަށުން ކަނޑައަޅައިފިނަމަ، އެ ކުއްޖާއާމެދު އަންނަނިވި ފިޔަވަޅުތަކުންކުރެ ފިޔަވަޅެއް ނުވަތަ ފިޔަވަޅުތަކެއް އެޅުމުގެ ބާރު ޤާޟީއަށް ލިބިގެންވެއެވެ.
        • (1) ޤާޟީ ކަނޑައަޅާ ވަކި މުއްދަތެއްގެ ތެރޭގައި ތުހުމަތުގައިވާ ކުއްޖާ ވަކި ޝަރުޠުތަކެއް ފުރިހަމަކުރުމަށް ފުރުޞަތުދިނުމުގެ ގޮތުން ކުއްޖާގެ މައްޗަށް ޙުކުމްކުރުން ފަސްކުރުމާއި، އެ މުއްދަތުގެ ތެރޭގައި އެ ޝަރުޠުތައް ފުރިހަމަކޮށްފައިނުވާނަމަ، ކުއްޖާގެ މައްޗަށް ޙުކުމް ތަންފީޛުކުރުމަށް ޢަމުރުކުރުން؛
        • (2) ތުހުމަތުގައިވާ ކުއްޖާގެ މައްޗަށް ޙުކުމްކުރުމަށްފަހު، ޤާޟީ ކަނޑައަޅާ ވަކި މުއްދަތެއްގެ ތެރޭގައި ތުހުމަތުގައިވާ ކުއްޖާ ވަކި ޝަރުޠުތަކެއް ފުރިހަމަކުރުމަށް ފުރުޞަތުދިނުމުގެ ގޮތުން ޙުކުމް ތަންފީޛުކުރުން ވަކި މުއްދަތަކަށް ފަސްކުރުން، އަދި އެ މުއްދަތުގެ ތެރޭގައި އެ ޝަރުޠުތައް ކުއްޖާ ފުރިހަމަކޮށްފައިވާނަމަ، ކުއްޖާގެ މައްޗަށް ޙުކުމް ތަންފީޛުކުރަން ނުޖެހޭނެކަމަށް ކަނޑައެޅުން؛
        • (3) ކުށެއް ކޮށްގެން ހޯދާފައިވާ ފައިސާއެއް ނުވަތަ މުދަލެއް އެކުލެވޭ މައްސަލައެއްނަމަ، އެ އެއްޗެއް ހިފެހެއްޓުމުގެ ނުވަތަ ދައުލަތަށް ނެގުމުގެ އަމުރެއް ނެރުން؛
        • (4) ކުއްޖާގެ ބެލެނިވެރިޔާ ނުވަތަ އެކަމަށްޓަކައި ކޯޓުން ޢައްޔަނުކުރާ ޤާބިލު އެހެން މީހަކު، ކުއްޖާ ރަނގަޅަށް ބެލުމަށާއި ރަނގަޅު އަޚްލާޤެއްގައި ގެންގުޅުމަށް އިޤްރާރުވުމުން، ކުއްޖާ ރަނގަޅު އަޚްލާޤު ދެމެއްހެޓުން ޝަރުޠުކޮށް، ޕްރޮބޭޝަންގައި ދޫކުރުމަށް އަމުރުކުރުން؛
        • (5) ކުއްޖާ ރަނގަޅު އަޚްލާޤު ދެމެހެއްޓުން ޝަރުޠުކޮށް، ސޯޝަލް ސަރވިސް އޮފިސަރެއްގެ ބެލުމުގެ ދަށުގައި ޕްރޮބޭޝަންގައި ދޫކުރުމަށް އަމުރުކުރުން؛
        • (6) ޕްރޮބޭޝަންގައި ދޫކުރެވޭ ކުއްޖާ ޤާޟީ ކަނޑައަޅާ ގޮތެއްގެމަތިން ކޯޓަށް ގަވާއިދުން ހާޒިރުކުރުމަށް އަމުރުކުރުންެ؛
        • (7) އިތުރު މުއްދަތަކަށް ކުއްޖާ ބަންދުގައި ނުވަތަ ޕްރޮބޭޝަންގައި ބެހެއްޓުމަކީ ބޭނުންތެރިކަމެއް ނޫންކަމަށް ޤާޟީއަށް ޤަބޫލުކުރެވޭނަމަ، ކުއްޖާގެ ބަންދުގެ ނުވަތަ ޕްރޮބޭޝަންގެ މުއްދަތުގެ ބާކީ އޮތް ބައި ބާޠިލުކުރުން؛ ނުވަތަ
        • (8) ކުށުގެ ބާވަތާއި ކުއްޖާ ކުށްކުރަން މެދުވެރިވި ޙާލަތުތަކަށް ރިޢާޔަތްކުރުމަށްފަހު، އަދި ޢަދުލު އިންޞާފު ޤާއިމުކުރުމަށްޓަކައި ކުޑަކުއްޖަކު ބަންދުކުރަން ލާޒިމުކުރާ ޙާލަތުގައި، ކުއްޖާ ކުޑަކުދިންގެ މަރުކަޒަކަށް ފޮނުވުމަށް އަމުރުކުރުން.
      • (ށ) ކުޑަކުއްޖެއްގެ މައްޗަށް ކުށް ސާބިތުވާކަމަށް މި ޤާނޫނުގެ 69 ވަނަ މާއްދާގެ (ހ) ގެ ދަށުން ކަނޑައަޅާ ޙާލަތުގައި، މި މާއްދާގެ (ހ) ގައި ބަޔާންކުރާ ފިޔަވަޅުތަކުގެ ތެރެއިން ފިޔަވަޅެއް އެޅުމުގެ ބަދަލުގައި، އެ ކުއްޖާއާމެދު މި ޤާނޫނުގެ 36 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޑައިވަރޝަންގެ ފިޔަވަޅެއް ނުވަތަ ފިޔަވަޅުތަކެއް ޤާޟީއަށް އެޅިދާނެއެވެ.
      • (ނ) ޑައިވަރޝަންގެ ފިޔަވަޅެއް އިޚްތިޔާރުކުރުމުގައި، ޤާޟީ އިސްކަންދޭންވާނީ ތުހުމަތުގައިވާ ކުއްޖާ ހެޔޮގޮތުގައި މުޖުތަމަޢަށް ވީއެންމެ އަވަހަކަށް އެނބުރި އައުމަށް އެހީތެރިވެދިނުމަށާއި، ވީވަރަކުން ކުއްޖާ މަރުކަޒެއްގައި ބަންދުކުރުމުން އެއްކިބާވުމަށެވެ. އަދި ތުހުމަތުގައިވާ ކުއްޖާ އިޞްލާޙުވުމަށް ބޭނުންވާ ކަންކަމަށާއި، މުޖުތަމަޢުގެ ރައްކާތެރިކަމަށާއި، އެކަށީގެންވާ ކޮންމެ ޙާލަތެއްގައި އަނިޔާ ލިބުނު ފަރާތާ މަޝްވަރާކުރުމަށްފަހު، އެ ފަރާތުގެ މަޞްލަޙަތަށްވެސް ޤާޟީ ރިޢާޔަތްކުރަންވާނެއެވެ.
      • (ރ) މި މާއްދާގެ (ހ) އާއި (ށ) ގައި ބަޔާންކޮށްފައިވާ ފިޔަވަޅުތަކުގެ ތެރެއިން އެއް ފިޔަވަޅަށްވުރެ ގިނަ ފިޔަވަޅު ކުއްޖާގެ މައްޗަށް ކަނޑައެޅުމުގެ އިޚްތިޔާރު ޤާޟީއަށް ލިބިގެންވެއެވެ.
    • 72. : އިޖުތިމާޢީ ޙާލަތު ވަޒަންކުރާ ރިޕޯޓަށް ރިޢާޔަތްކުރުން ކުޑަކުއްޖެއްގެ މައްޗަށް ޝަރީޢަތްކުރުމަށްފަހު، އެ ކުއްޖާގެ މައްޗަށް ކުށް ސާބިތުވާކަމަށް މި ޤާނޫނުގެ 69 ވަނަ މާއްދާގެ (ހ) ގެ ދަށުން ކަނޑައަޅާ ޙާލަތުގައި، އެ ކުއްޖާއާމެދު މި ބާބުގެ ދަށުން ފިޔަވަޅުއެޅުމަށް ޤާޟީ ނިންމަންވާނީ، ކުއްޖާއާ ގުޅޭގޮތުން ތައްޔާރުކުރެވޭ އިޖުތިމާޢީ ޙާލަތު ވަޒަންކުރާ ރިޕޯޓުގައިވާ ކަންކަމަށް ރިޢާޔަތްކުރުމަށްފަހުގައެވެ.
  • ފަރުވާގެ ޕްރޮގްރާމްތައް : ސާދަވަނަ ބާބު
    • 73. : ފަރުވާގެ ޕްރޮގްރާމްތައް
      • (ހ) މި ޤާނޫނުގެ 27 ވަނަ މާއްދާގައި ބަޔާންކުރާ އުމުރުން މަތީ ކުޑަކުދިންގެ ތެރެއިން، އިޖްތިމާޢީ މިންގަނޑުތަކާ ޚިލާފު ޢަމަލުތައް ކުރާ ކުޑަކުދިންނާއި، ކުށަށް އަރައިގަތުމުގެ ނުރައްކަލުގައި ތިބޭ ކުދިންނާއި، އެކި ސަބަބުތަކަށްޓަކައި ކުށަށް އަރައިގަންނަން މެދުވެރިވާ ކުޑަކުދިންނަށް ބޭނުންވާ ފަރުވާއާއި އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި، އަންނަނިވި ބާވަތުގެ އިޞްލާޙީ އަދި ރީހެބިލިޓޭޝަން ޕްރޮގްރާމްތައް ދައުލަތުން ފޯރުކޮށްދޭންވާނެއެވެ.
        • (1) ކުށަށް އަރައިގަތުމުގެ ނުރައްކަލުގައި ތިބޭ ކުދިންނަށް ޚާއްޞަކުރެވިގެން ހިންގޭ "އަރލީ-އިންޓަރވެންޝަން" ޕްރޮގްރާމްތައް؛
        • (2) އަޚްލާޤީ މައްސަލަތައް އިޞްލާޙުކުރުމަށް ޚާއްޞަކުރެވޭ ޕްރޮގްރާމްތައް؛
        • (3) އަނިޔާވެރި އަދި ބޮޑެތި ކުށް ކަމުގައިނުވާ ކުށްކުށުގައި ޝާމިލުވާ ކުދިންނަށް ހިންގޭ އިޞްލާޙީ ޕްރޮގްރާމްތައް؛
        • (4) ބަދުއަޚްލާޤީ އަދި ޖިންސީ ޢަމަލުތަކުގައި ޝާމިލުވާ ކުދިންނަށް ޚާއްޞަކުރެވިގެން ހިންގޭ އިޞްލާޙީ ޕްރޮގްރާމްތައް؛
        • (5) އަނިޔާވެރި އަދި ބޮޑެތި ކުށްތަކުގައި ޝާމިލުވާ ކުދިން އިޞްލާޙުކުރުމަށް ހިންގޭ ޕްރޮގްރާމްތައް؛
        • (6) މުޖުތަމަޢުއާ އެކަހެރިކޮށް ތިބުމަށްފަހު މުޖުތަމަޢަށް އަނބުރާ ގެނައުމަށް ތައްޔާރުކޮށްދޭނެ ރީ-އިންޓަރގްރޭޝަން އަދި އާފްޓަރ-ކެއަރގެ ޕްރޮގްރާމްތައް؛
        • (7) އެނޫންވެސް ކުށަށް އަރައިގަތުމުގެ ނުރައްކަލުގައި ތިބޭ ކުދިންނާއި އެކި ސަބަބުތަކަށްޓަކައި ކުށްކުރުމުގައި ޝާމިލުވާ ކުދިން އިޞްލާޙުކޮށް، ރީހެބިލިޓޭޓްކުރުމަށްޓަކައި ހިންގޭ ޚާއްޞަ ޕްރޮގްރާމްތައް.
      • (ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ޕްރޮގްރާމްތަކުގެ ތެރޭގައި، ކައުންސެލިންގ ޕްރޮގްރާމްތަކާއި، ގްރޫޕް ކައުންސެލިންގ ޕްރޮގްރާމްތަކާއި، ފެމިލީ ކޮންފަރެންސްތަކާއި، އިންޓަރ-އޭޖެންސީ ކޮންފަރެންސްތަކާއި، ތަޢުލީމީ ޕްރޮގްރާމްތަކާއި، ވޮކޭޝަނަލް އަދި ލައިފް ސްކިލްސް ޕްރޮގްރާމްތަކާއި، ވަކި ކަމަކަށް ޚާއްޞަ އިންޓެންސިވް ޕްރޮގްރާމްތަކާއި، މުޖުތަމަޢަށް ޚިދުމަތްކުރުމުގެ ޕްރޮގްރާމްތަކާއި، އެނޫންވެސް ޢާންމު އަދި ކުއްޖާގެ ޙާލަތަށް ޚާއްޞަކުރެވިގެން ހިންގޭ ރީހެބިލިޓޭޝަންގެ ޕްރޮގްރާމްތައް ހިމެނެންވާނެއެވެ.
      • (ނ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ޕްރޮގްރާމްތަކުގެ ތެރޭގައި، ކުރު މުއްދަތަށް ނުވަތަ ދިގު މުއްދަތަށް އެކަހެރިކޮށްގެން ފަރުވާދޭންޖެހޭ ކުޑަކުދިންނަށް ބޭނުންވާ ޚާއްޞަ ޕްރޮގްރާމްތައްވެސް ހިމެނެންވާނެއެވެ.
    • 74. : އަމިއްލަ ފަރާތްތައް މެދުވެރިކޮށް ފަރުވާގެ ޕްރޮގްރާމްތައް ހިންގުން މި ޤާނޫނުގެ 73 ވަނަ މާއްދާގައި ބަޔާންކުރާ ފަދަ ޕްރޮގްރާމްތައް ހިންގޭނެ ވަޞީލަތްތައް، ދައުލަތުން ހަމަޖައްސައިދޭންވާނެއެވެ. އެފަދަ ފަރުވާގެ ޕްރޮގްރާމްތައް، ސަރުކާރުގެ އިދާރާތަކުގެ އިތުރުން، މަދަނީ ޖަމްޢިއްޔާތައް ނުވަތަ އަމިއްލަ ފަރާތްތައް މެދުވެރިކޮށްވެސް ދައުލަތަށް ހިންގިދާނެއެވެ.
    • 75. : ފަރުވާގެ ޕްރޮގްރާމްތަކުގައި ބެލެނިވެރިންގެ އެއްބާރުލުން ލިބުން ކުށަށް އަރައިގަތުމުގެ ނުރައްކަލުގައި ތިބޭ ކުދިންނާއި ކުށަށް އަރައިގަންނަ ކުދިންނަށް ބޭނުންވާ އެހީތެރިކަމާއި އެއްބާރުލުން އެ ކުދިންގެ ބެލެނިވެރިންނާއި ޢާއިލާގެ ފަރާތުން ފޯރުކޮށްދޭންވާނެއެވެ.
    • 76. : ފަރުވާއާބެހޭ ގަވާއިދު ހެދުން މި މާއްދާގައި ބަޔާންކުރާ ފަދަ ޕްރޮގްރާމްތަކާ ގުޅޭ ތަފްޞީލުތައް މި ޤާނޫނުގެ ދަށުން މިނިސްޓްރީން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.
  • ކުޑަކުދިންގެ މަރުކަޒުތައް : ފަނަރަވަނަ ބާބު
    • 77. : ކުޑަކުދިންގެ މަރުކަޒުތައް ކުރު މުއްދަތަށް ނުވަތަ ދިގު މުއްދަތަށް އެކަހެރިކޮށްގެން ފަރުވާދޭންޖެހޭ ކުޑަކުދިންނާއި، އިޞްލާޙީ ފިޔަވަޅުއެޅުމަށްޓަކައި ދިގު މުއްދަތަށް ބަންދުގައި ބައިތިންބަންޖެހޭ ކުދިން ބޭތިއްބުމަށްޓަކައި، އަންނަނިވި ބާވަތްތަކުގެ މަރުކަޒުތައް ދައުލަތުން ޤާއިމުކުރަންވާނެއެވެ.
      • (ހ) ކުޑަކުދިންގެ ރެޒިޑެންޝަލް މަރުކަޒުތައް؛
      • (ށ) ކުޑަކުދިންގެ ކަރެކްޝަނަލް މަރުކަޒުތައް.
    • 78. : ކުޑަކުދިންގެ ރެސިޑެންޝަލް މަރުކަޒުތައް
      • (ހ) ކުޑަކުދިންގެ ރެޒިޑެންޝަލް މަރުކަޒުތައް ބެހިގެންވަނީ އަންނަނިވި ބާވަތްތަކުގެ މަރުކަޒުތަކަށެވެ.
        • (1) ރެސިޑެންޝަލް ޓްރީޓްމަންޓް ސެންޓަރ؛
        • (2) ކުޑަކުދިންގެ ޝެލްޓަރ ނުވަތަ ހާފްވޭ ހައުސް؛
        • (3) ލޯންގް ޓަރމް ރެސިޑެންޝަލް ކެއަރ ފެސިލިޓީ.
      • (ށ) މި ޤާނޫނަށް ޢަމަލުކުރަން ފަށާ ތާރީޚުން ފެށިގެން 18 (އަށާރަ) މަސް ދުވަހުގެ ތެރޭގައި، މި މާއްދާގެ (ހ) ގައި ބަޔާންކުރާ ބާވަތުގެ މަދުވެގެން 1 (އެކެއް) މަރުކަޒު، މިނިސްޓްރީން އުފައްދައި ހިންގަންވާނެއެވެ.
      • (ނ) މި މާއްދާގެ (ހ) އެހެން އޮތްނަމަވެސް، އެ މާއްދާގައި ބަޔާންކުރާ މަރުކަޒުތަކުގެ އިތުރުން، މި ޤާނޫނުގެ 73 ވަނަ މާއްދާގައި ބަޔާންކުރާ ފަރުވާ ދިނުމަށްޓަކައި ޚާއްޞަކުރެވޭ އެހެން މަރުކަޒުތައް، މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން އުފައްދައި ހިންގުމަކަށް މި ޤާނޫނު ހުރަހެއް ނާޅައެވެ.
      • (ރ) މި މާއްދާގެ ދަށުން މިނިސްޓްރީން ޤާއިމްކޮށް ހިންގާ މަރުކަޒުތައް ހިންގުމުގައާއި، އެ މަރުކަޒުތަކުން ފޯރުކޮށްދޭ ޚިދުމަތްތައް ފޯރުކޮށްދިނުމުގައާއި، އެ މަރުކަޒުތައް ހިންގުމުގައި ކުޑަކުދިންގެ ރައްކާތެރިކަމަށް މަސައްކަތްކުރާ ޖަމްޢިއްޔާތަކާ ގުޅިގެން މަސައްކަތްކުރުމަށް މިނިސްޓްރީން އިސްކަންދޭންވާނެއެވެ.
      • (ބ) މިނިސްޓްރީން އުފައްދައި ހިންގުމަށް މި ޤާނޫނުން ލާޒިމުކުރާ މަރުކަޒުތަކާއި މި މާއްދާގެ (ނ) ގައި ބަޔާންކުރާ މަރުކަޒުތައް މިނިސްޓްރީން އުފެއްދުމުގެ އިތުރަށް، އެފަދަ މަރުކަޒުތައް އުފައްދައި ހިންގުމަށް ޝައުޤުވެރިވާ އަމިއްލަ ފަރާތްތަކަށް، އެފަދަ މަރުކަޒުތައް ދިވެހިރާއްޖޭގައި ހިންގުމުގެ ހުއްދަ ދެވިދާނެއެވެ.
      • (ޅ) މި މާއްދާގެ (ބ) ގެ ދަށުން އުފައްދާ މަރުކަޒުތަކަކީ، މި ޤާނޫނުގެ ދަށުން މިނިސްޓްރީން ހަދާ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން އެ މިނިސްޓްރީން ދޫކުރާ ލައިސަންސެއްގެ ދަށުން ހުއްދަ ލިބިގެން ހިންގޭ މަރުކަޒުތަކެއް ކަމުގައި ވާންވާނެއެވެ.
      • (ކ) މި މާއްދާގެ ދަށުން އުފައްދާ މަރުކަޒުތައް އުފައްދައި ހިންގުމުގެ އުޞޫލުތަކާއި، އެފަދަ މަރުކަޒުތަކުގައި ހިފަހައްޓަންޖެހޭ ސްޓޭންޑަރޑްތަކާއި، އެފަދަ މަރުކަޒުތައް ހިންގުމުގައި ގެންގުޅޭނެ އެނޫންވެސް މިންގަނޑުތަކާއި، އެފަދަ މަރުކަޒުތައް ހިންގުމުގެ ލައިސަންސް ދިނުމުގެ އުޞޫލުތައް، މި ޤާނޫނުގެ ދަށުން މިނިސްޓްރީން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.
    • 79. : ކުޑަކުދިންގެ ރެޒިޑެންޝަލް މަރުކަޒުތަކުގެ ތަފްޞީލު
      • (ހ) މި ޤާނޫނުގެ 78 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކުރާ ރެސިޑެންޝަލް ޓްރީޓްމަންޓް ސެންޓަރއަކީ، ކޮންމެ ކުއްޖެއްގެ ޙާލަތަށް ބިނާކޮށް، އެ ކުއްޖާއަށް ބޭނުންވާ ޚާއްޞަ ފަރުވާތައް ދެނެގަނެ، އެ ފަރުވާ ނުވަތަ ފަރުވާތައް ދިނުމަށްޓަކައި އެ ފަރުވާގެ މުއްދަތަށް ކުދިން ދިރިއުޅޭނެ ގޮތަށް އުފައްދާ މަރުކަޒުތަކެވެ.
      • (ށ) މި ޤާނޫނުގެ 78 ވަނަ މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގައި ބަޔާންކުރާ ކުޑަކުދިންގެ ޝެލްޓަރ ނުވަތަ ހާފްވޭ ހައުސްއަކީ، މި ޤާނޫނުގެ 78 ވަނަ މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރުގައި ބަޔާންކުރާ ފަދަ ލޯންގް ޓަރމް ރެސިޑެންޝަލް ކެއަރ ފެސިލިޓީއެއްގައި ނުވަތަ މި ޤާނޫނުގެ 80 ވަނަ މާއްދާގައި ބަޔާންކުރާ ކުޑަކުދިންގެ ކަރެކްޝަނަލް މަރުކަޒެއްގައި ވަކި މުއްދަތެއް ހޭދަކޮށްފައިވާ ކުދިން، އަނބުރާ މުޖުތަމަޢަށް ނިކުތުމަށް ތައްޔާރުކުރުމަށް ބޭނުންވާ ޕްރޮގްރާމްތައް ހިންގުމަށްޓަކައި އެކުދިން ބައިތިއްބާ މަރުކަޒުތަކެވެ.
      • (ނ) މި ޤާނޫނުގެ 78 ވަނަ މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރުގައި ބަޔާންކުރާ ލޯންގް ޓަރމް ރެޒިޑެންޝަލް ފެސިލިޓީއަކީ ކަނޑައެޅޭ ވަކި ޝަރުޠުތަކަކާއެކު، ކުއްޖާގެ ޢާއިލާއާއި، މުޖުތަމަޢާ ބައިވެރިވެވޭނެ ފަދައިން، ދިގު މުއްދަތަކަށް ކުދިންނަށް ދިރިއުޅެވޭނެ ފަދައިން އުފައްދާ މަރުކަޒުތަކެވެ.
    • 80. : ކުޑަކުދިންގެ ކަރެކްޝަނަލް މަރުކަޒުތައް
      • (ހ) ކުޑަކުދިންގެ ކަރެކްޝަނަލް މަރުކަޒުތައް ބެހިގެންވަނީ އަންނަނިވި ބާވަތްތަކުގެ މަރުކަޒުތަކަށެވެ.
        • (1) ޖުވެނައިލް ޑިޓެންޝަން ސެންޓަރ؛
        • (2) ލޯންގް ޓަރމް ސެކިޔޯ ފެސިލިޓީ.
      • (ށ) މި ޤާނޫނަށް ޢަމަލުކުރަން ފަށާ ތާރީޚުން ފެށިގެން 18 (އަށާރަ) މަސް ދުވަހުގެ ތެރޭގައި މި މާއްދާގެ (ހ) ގައި ބަޔާންކުރާ ބާވަތުގެ މަރުކަޒުތައް، ޖަލުތައް ބެލެހެއްޓުމުގެ މަސްޢޫލިއްޔަތު ޙަވާލުކޮށްފައިވާ މިނިސްޓަރު ޤާއިމުކުރަންވާނެއެވެ.
      • (ނ) މި މާއްދާގެ (ހ) ގެ ދަށުން އުފައްދާ މަރުކަޒުތައް އުފައްދައި ހިންގުމުގެ އުޞޫލުތަކާއި، އެފަދަ މަރުކަޒުތަކުގައި ހިފަހައްޓަންޖެހޭ ސްޓޭންޑަރޑްތަކާއި، އެފަދަ މަރުކަޒުތައް ހިންގުމުގައި ގެންގުޅޭނެ އެނޫންވެސް މިންގަނޑުތަކާއި، އެފަދަ މަރުކަޒުތައް ހިންގުމުގެ ލައިސަންސް ދިނުމުގެ އުޞޫލުތައް، މި ޤާނޫނުގެ ދަށުން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.
    • 81. : ކުޑަކުދިންގެ ކަރެކްޝަނަލް މަރުކަޒުތަކުގެ ތަފްޞީލު
      • (ހ) މި ޤާނޫނުގެ 80 ވަނަ މާއްދާގެ (ހ) ގެ ދަށުން އުފައްދާ ޖުވެނައިލް ޑިޓެންޝަން ސެންޓަރަކީ، ދިގު މުއްދަތަކަށް ބަންދުކުރުމަށް ކޯޓުން ކަނޑައަޅާ ކުޑަކުދިންގެ ތެރެއިން، ނުރައްކާތެރި ކުށްކުރާ ކުދިން ފިޔަވައި އެހެން ކުދިން ބޭތިއްބުމަށް ޚާއްޞަކުރެވޭ މަރުކަޒުތަކެވެ.
      • (ށ) މި ޤާނޫނުގެ 80 ވަނަ މާއްދާގެ (ށ) ގެ ދަށުން އުފައްދާ ލޯންގް ޓަރމް ސެކިޔޯ ފެސިލިޓީއަކީ، ދިގު މުއްދަތަކަށް ބަންދުކުރުމަށް ކޯޓުން ކަނޑައަޅާ ކުޑަކުދިންގެ ތެރެއިން، ނުރައްކާތެރި ކުށްކުރާ، މުޖުތަމަޢާ އެކަހެރިކޮށްގެން ބަލަހައްޓަންޖެހޭ ކުދިން ބޭތިއްބުމަށް ޚާއްޞަކުރެވޭ މަރުކަޒުތަކެވެ.
    • 82. : ކުޑަކުދިންގެ ކަސްޓޯޑިއަލް މަރުކަޒު
      • (ހ) މި ޤާނޫނުގެ 78 ވަނަ މާއްދާއާއި 80 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މަރުކަޒުތަކުގެ އިތުރުން، މި ޤާނޫނުގެ ދަށުން ކުށުގެ ތުހުމަތުގައި ހައްޔަރުކުރެވޭ ކުދިން ކޮންމެހެން ބަންދުގައި ބައިތިއްބަންޖެހޭ ފަދަ ޙާލަތެއް މެދުވެރިވެއްޖެނަމަ، އެ ކުދިން ވަގުތީގޮތުން ބޭތިއްބޭނެ ކުޑަކުދިންގެ ކަސްޓޯޑިއަލް މަރުކަޒުތައް، ދައުލަތުން ޤާއިމުކުރަންވާނެއެވެ.
      • (ށ) މި ޤާނޫނަށް ޢަމަލުކުރަން ފަށާ ތާރީޚުން ފެށިގެން 18 (އަށާރަ) މަސް ދުވަހުގެ ތެރޭގައި މި މާއްދާގެ (ހ) ގައި ބަޔާންކުރާ ބާވަތުގެ މަދުވެގެން 1 (އެކެއް) ކަސްޓޯޑިއަލް މަރުކަޒު، މޯލްޑިވްސް ޕޮލިސް ސަރވިސް އިން ޤާއިމުކުރަންވާނެއެވެ.
      • (ނ) މިމާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މަރުކަޒު އުފައްދައި ހިންގުމުގެ އުޞޫލުތަކާއި، އެފަދަ މަރުކަޒުތަކުގައި ހިފަހައްޓަންޖެހޭ ސްޓޭންޑަރޑްތަކާއި، އެފަދަ މަރުކަޒުތައް ހިންގުމުގައި ގެންގުޅޭނެ އެނޫންވެސް މިންގަނޑުތައް، މި ޤާނޫނުގެ ދަށުން މޯލްޑިވްސް ޕޮލިސް ސަރވިސްއިން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.
    • 83. : އަތޮޅު ތެރޭގައި މަރުކަޒުތައް ޤާއިމުކުރުން މަރުކަޒެއްގައި ކުއްޖަކު ބެހެއްޓުމަށް ކޯޓުން ނިންމާ ޙާލަތުގައި، މި ޤާނޫނާއި މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން ކުއްޖާ ބަހައްޓައިގެން ފަރުވާދިނުމަށްޓަކައި އެފަދަ މަރުކަޒުތައް އަތޮޅުތަކުގައި ނުވަތަ ރަށްތަކުގައި ދައުލަތުން ޤާއިމުކޮށް، ބަލަހައްޓަންވާނެއެވެ.
    • 84. : މަރުކަޒުތަކުގައި ކުޑަކުދިން ބޭތިއްބުމުގެ މަޤްޞަދުތައް
      • (ހ) މަރުކަޒެއްގައި ކުއްޖަކު ބަހައްޓަންވާނީ އެ ކުއްޖަކު އެ މަރުކަޒެއްގައި ބެހެއްޓުން އެއީ އެ ކުއްޖަކާމެދު އެޅެން އޮތް އެންމެ ފަހުގެ ފިޔަވަޅަށްވެފައި، އަދި އެ ކުއްޖަކު ބެހެއްޓޭ މުއްދަތަކީ ހަމައެކަނި އެ ޙާލަތެއް ލާޒިމުކުރާ އެންމެ ކުރު މުއްދަތަކަށް ވާނަމައެވެ.
      • (ށ) މަރުކަޒުތަކުގައި ބައިތިއްބާ ކުޑަކުދިންނަށް އެ ކުދިންގެ ޢުމުރާއި، ޖިންސާއި، އިޖުތިމާޢީގޮތުން ބިނާކުރަނިވި އަދި މުޖުތަޢުގައި ފައިދާހުރި ބައެއްގެގޮތުގައި ތަރުބިއްޔަތުކުރަނިވި އިޖުތިމާޢީ، ތަޢުލީމީ، ނަފްސާނީ، ޞިއްޙީ، އަދި ޖިސްމާނީގޮތުން މުހިންމު އަޅާލުމާއި، ރައްކާތެރިކަމާއި، އެހީތެރިކަމެއް އެ މަރުކަޒުގެ މާޙައުލުގެ ތެރޭގައި ފޯރުކޮށްދޭންވާނެއެވެ.
      • (ނ) މި ޤާނޫނުގެ ދަށުން އުފައްދާ މަރުކަޒުތައް ވާންވާނީ، ބޮޑެތި މީހުން ބަންދުކުރާ ތަންތަނާ ވަކިން ހަދާފައިވާ، ކުއްޖާގެ އުމުރާއި، ކޮށްފައިވާ ކުށާއި އެކަށޭނަ ތަންތަން ކަމުގައެވެ.
      • (ރ) މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ އިޖުރާއަތުތަކާ އެއްގޮތްވާގޮތުގެ މަތިން، މަރުކަޒުތަކުގައި ބައިތިއްބާ ކުދިންގެ މަޞްލަޙަތު ޙިމާޔަތްކުރުމަށްޓަކައި، އެ ކުދިންނަށް ޒިޔާރަތްކުރުމުގެ ޙައްޤު އެ ކުދިންގެ ބެލެނިވެރިންނަށާއި ޢާއިލާއަށް ލިބިގެންވެއެވެ.
      • (ބ) މަރުކަޒުތަކުގައި ބައިތިއްބާ ކުދިން އިޞްލާޙުކުރުމުގެ ގޮތުންވެސް އެއްވެސް ޖިސްމާނީ ނުވަތަ ނަފްސާނީ އަނިޔާއެއް ލިބޭފަދަ އެއްވެސް ޢަމަލެއް ހިންގައިގެންނުވާނެއެވެ.
      • (ޅ) މަރުކަޒުތަކުގައި ތިބޭ ކޮންމެ ކުއްޖަކަށް، އެ ކުއްޖާގެ ޢުމުރާ އެކަށީގެންވާ ތަޢުލީމާއި ތަމްރީނާއި ހުނަރުތައް ފޯރުކޮށްދޭންވާނެއެވެ.
      • (ކ) މަރުކަޒުތަކުގައި ތިބޭ ކުދިންނަށް ކަސްރަތުކުރުމާއި ކުޅިވަރުކުޅެވޭނެ އިންތިޒާމު، ހަމަޖެހިފައިވާ އުޞޫލެއްގެ މަތިން ލިބެންވާނެއެވެ. އަދި ކުއްޖާއަށް ބޭނުންވާ ޞިއްޙީ ފަރުވާއާއި ކައުންސެލިންގގެ ޚިދުމަތްތައް ދޭންވާނެއެވެ.
    • 85. : މަރުކަޒުތަކުގައި ކުޑަކުދިން ބޭތިއްބުމުގެ އުޞޫލު
      • (ހ) މަރުކަޒުގައި ކުޑަކުއްޖަކު ބެހެއްޓުމަށްޓަކައި އެ ކުއްޖަކާ އެ މަރުކަޒަކުން ޙަވާލުވާންވާނީ، ޤާޟީގެ އަމުރެއް އެ މަރުކަޒަކަށް ލިބުމުންނެވެ.
      • (ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ އަމުރުގައި އަންނަނިވި މަޢުލޫމާތު ހިމެނެންވާނެއެވެ.
        • (1) ކުއްޖާގެ ފުރިހަމަ ނަމާއި، ދާއިމީ އެޑްރެހާއި، ޢުމުރާއި، ޖިންސާއި، ޤައުމީ ނިސްބަތާއި، އެނޫންވެސް ކުއްޖާގެ ކާކުކަން އަންގައިދޭ މަޢުލޫމާތާއި، ކުއްޖާގެ ބެލެނިވެރިޔާގެ މަޢުލޫމާތު؛
        • (2) ކުއްޖާ ބަހައްޓަންޖެހޭ ކަމާއި، ބަހައްޓަންޖެހޭ ޤާނޫނީ ސަބަބުތައް؛
        • (3) ކުއްޖާ ބަހައްޓަންޖެހޭ ކަމަށް ޤާޟީ ކަނޑައެޅި ތާރީޚާއި ގަޑި؛
        • (4) ކުއްޖާ ބަހައްޓަންޖެހޭ ތަން ކަމުގައި ޤާޟީ ކަނޑައެޅި ތަން؛
        • (5) ކުއްޖާ ބަހައްޓަންވީ މުއްދަތު؛
        • (6) މަރުކަޒުގައި ހުންނައިރު ކުއްޖާއަށް ލިބިދޭންޖެހޭ ފަރުވާ.
      • (ނ) މަރުކަޒުތަކުގައި ކުޑަކުދިން ބޭތިއްބުމުގައި ޢަމަލުކުރަންޖެހޭ ތަފްޞީލު އުސޫލުތައް، މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.
    • 86. : މަރުކަޒުތަކުގައި ބަލަހައްޓަންޖެހޭ މަޢުލޫމާތު
      • (ހ) ކުއްޖާ ބަހައްޓާ މަރުކަޒުތަކުގައި ތިރިގައިވާ މަޢުލޫމާތު ލިޔުމުން ބަލަހައްޓަންވާނެއެވެ.
        • (1) ކުއްޖާއާބެހޭ ތަފްޞީލީ މަޢުލޫމާތު؛
        • (2) ކުއްޖާ މަރުކަޒުގައި ބެހެއްޓިފައި ހުރި ސަބަބާއި، ބަހައްޓަން އަމުރުކުރި ފަރާތާއި، ކުއްޖާއާ ޙަވާލުވާ ފަރާތުގެ ތަފްޞީލީ މަޢުލޫމާތު؛
        • (3) ކުއްޖާ ބެހެއްޓުނު އަދި ދޫކޮށްލެވުނު ދުވަހާއި ވަގުތާއި ސަބަބު؛
        • (4) ކުއްޖާ ބެހެއްޓުމާބެހޭ މަޢުލޫމާތުތައް ކުއްޖާގެ ބެލެނިވެރިންނާ ޙިއްޞާކުރެވިފައިވާ ގޮތުގެ ތަފްޞީލު؛ އަދި
        • (5) މަރުކަޒުގައި ބެހެއްޓުނު މުއްދަތު ފެށުނީއްސުރެ ކުއްޖާގެ ޞިއްޙީ އަދި ނަފްސާނީ އަދި ޖިސްމާނީ ޙާލަތުގެ ތަފްޞީލު ރިކޯޑު.
      • (ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މަޢުލޫމާތު ގަވާއިދުން ބެލެހެއްޓުމެއް ނެތި ކުއްޖާ ބެލެހެއްޓުމަކީ އެ ކުއްޖާއާމެދު އިހުމާލުވުން ކަމުގައި ބެލޭނެއެވެ.
    • 87. : މަރުކަޒުގައި ބެހެއްޓުމުގެ ކުރިން ކުއްޖާއަށް ދޭންޖެހޭ މަޢުލޫމާތު ކުއްޖާއާ މަރުކަޒުން ޙަވާލުވާ ފަރާތުން އަންނަނިވި މަޢުލޫމާތު ކުއްޖާއަށް ދޭންވާނެއެވެ.
      • (ހ) މަރުކަޒުގައި ޢަމަލުކުރާ އެންމެހައި އުޞޫލުތައް؛
      • (ށ) ކުއްޖާއަށް ލިބިގެންވާ ޙައްޤުތަކާއި ކުއްޖާގެ ޒިންމާތައް؛
      • (ނ) މަރުކަޒުގައި ހުންނަ މުއްދަތުގައި ކުއްޖާގެ ބެލެނިވެރިންނާއި ޢާއިލާއާ ބައްދަލުކުރެވޭނެ އިންތިޒާމު ހަމަޖެހިފައިވާ ގޮތް؛
      • (ރ) މަރުކަޒުގައި ހުންނަ މުއްދަތުގައި ޤާނޫނީ އެހީތެރިކަން ލިބޭނެ ގޮތް؛
      • (ބ) މަރުކަޒުގެ މުވައްޒަފުންގެ ޒިންމާތައް.
    • 88. : މަރުކަޒުގައި ބެހެއްޓުމުގެ ކުރިން މެޑިކަލް އެސެސްމަންޓް ހެދުން
      • (ހ) ކުޑަކުއްޖަކު މަރުކަޒެއްގައި ބެހެއްޓުމުގެ ކުރިން، މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން އެ މަރުކަޒުން ކަނޑައަޅާ ފަރާތެއް މެދުވެރިކޮށް ކޮންމެ ކުއްޖެއްގެ މެޑިކަލް އެގްޒެމިނޭޝަނެއް ހަދަންވާނެއެވެ.
      • (ށ) މި މާއްދާގެ (ހ) ގެ ދަށުން ހަދާ މެޑިކަލް އެގްޒެމިނޭޝަން ހަދަންވާނީ އަންނަނިވި ކަންކަން ކަނޑައެޅުމަށްޓަކައެވެ.
        • (1) ކުއްޖާއަށް ޖިސްމާނީ ގޮތުން ނުވަތަ ނަފްސާނީ ގޮތުން އެއްވެސް ބާވަތެއްގެ ގެއްލުމެއް ލިބިފައިވޭތޯ ބެލުމަށާއި؛
        • (2) ކުއްޖާއަށް ބޭނުންވަނީ ކޮން ބާވަތެއްގެ ފަރުވާއެއްތޯ ދެނެގަތުމަށާއި؛ އަދި
        • (3) ގައިން ގަޔަށް އަރާ ބައްޔެއް އެ ކުއްޖެއްގެ ގައިގައި ހުރުމުގެ ސަބަބުން އެ ކުއްޖާ އެކަހެރިކުރަންޖެހޭތޯ ބެލުމަށް.
    • 89. : މަރުކަޒުތަކުގައި ފަރުވާގެ ޕްރޮގްރާމްތައް ހިންގުން
      • (ހ) ކުޑަކުދިން މަރުކަޒުގައި ހޭދަކުރާ ދުވަސްތަކުގައި، އެކުދިން ކުށްކުރުމުން ދުރުހެލިކޮށް އަނބުރާ މުޖުތަމަޢަށާއި، ޢާއިލާއަށް ބޭނުންތެރި ކުދިންގެ ގޮތުގައި އައުމަށް މަގުފަހިކޮށްދިނުމަށްޓަކައި މި ޤާނޫނުގެ 73 ވަނަ މާއްދާގައި ބަޔާންކުރާ ފަރުވާގެ ޕްރޮގްރާމްތައް މަރުކަޒުތަކުގައި ހިންގަންވާނެއެވެ.
      • (ށ) މަރުކަޒުތަކުން ފޯރުކޮށްދޭންޖެހޭ ފަރުވާގެ ޕްރޮގްރާމްތަކާގުޅޭ ގަވާއިދުތައް ހަދާނީ، މިނިސްޓްރީންނެވެ.
    • 90. : ފަރުވާގެ ޕްރޮގްރާމްތައް ހިންގުމަށް ބޭނުންވާ މުވައްޒަފުން
      • (ހ) މި ޤާނޫނުގެ 73 ވަނަ މާއްދާގައި ބަޔާންކުރާ ފަރުވާގެ ޕްރޮގްރާމްތައް ހިންގުމަށާއި މަރުކަޒުތަކުގައި އެނޫންވެސް ޚިދުމަތްތައް ދިނުމަށްޓަކައި، ކޮންމެ މަރުކަޒެއްގައިވެސް، އެކަށީގެންވާ ޢަދަދަކަށް ކައުންސިލަރުންނާއި ސޯޝަލް ވާރކަރުންނާއި ރިހެބިލިޓޭޝަން އޮފިސަރުންނާއި އެނޫންވެސް ފަންނީ މުވައްޒަފުން ތިބެންވާނެއެވެ.
      • (ށ) ރިހެބިލިޓޭޝަން އޮފިސަރުންގެ މަސައްކަތްތައް ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.
        • (1) މަރުކަޒުތަކުގައި ތިބޭ ކުދިންނަށް އެތަނުގައި ދިރިއުޅެން އެހީތެރިވެދިނުމާއި، ޢާއިލާއާއި މުޖުތަމުގެ އަފުރާދުންނާއެކު ގުޅުން ދެމެހެއްޓުމުގައި އެހީތެރިވުމާއި، މުޖުތަމަޢަށް ނިކުމެ ޢާންމު ދިރިއުޅުމަށް ތައްޔާރުކޮށްދީ އެކަންކަމުގައި ކުދިންނަށް އިރުޝާދު ދިނުން؛
        • (2) ކުދިންގެ އަޚްލާޤާއި ދިރިއުޅުމުގެ ހުނަރުތައް ތަރައްޤީކޮށް ބައްޓަންކުރުމަށް ޕްރޮގްރާމްތައް ހިންގުން؛
        • (3) އިޖުތިމާޢީ ގޮތުން އެހީތެރިވެ ތަފާތު ޖަމާޢަތްތަކާ ގުޅިގެން ކުދިން އަލުން ކުށަކަށް އަރައިގަތުމުގެ ފުރުޞަތު ކުޑަކުރުމަށާއި ރަނގަޅު ގޮތުގައި އަލުން މުޖުމަޢަށް އައުމަށް އެހީތެރިވެދިނުމަށްޓަކައި ޕްރޮގްރާމްތައް ހިންގުން.
    • 91. : ސިއްޙީ ފަރުވާ ދިނުން މަރުކަޒުތަކުގައި ތިބޭ ކުދިންނަށް ސިއްޙީ ފަރުވާއެއް ދޭންޖެހޭ ޙާލަތެއް މެދުވެރިވެއްޖެނަމަ، ލަސްނުކޮށް ފަރުވާ ލިބޭނެ އިންތިޒާމް އެ މަރުކަޒަކުން އިންތިޒާމްކުރަންވާނެއެވެ.
    • 92. : އަވަހަށް އަދި ކުރިން ވަކި ކަމަކަށް ޝަރުޠުކޮށް ދޫކުރުމުގެ އިޚްތިޔާރު
      • (ހ) މި ޤާނޫނުގެ ދަށުން ކުޑަކުދިން ބެހެއްޓޭ މަރުކަޒުތަކުގައި ތިބޭ ކުދިންގެ ތެރެއިން، ކޯޓު އަމުރުގައި ބަޔާންކުރާ މުއްދަތުގެ ކަނޑައެޅިފައިވާ ވަކި މިންވަރެއް ތަންފީޛުވެ ނިމިފައިވާ ކުދިން، މުޖުތަމަޢުގެ ރައްކާތެރިކަން ނުގެއްލޭނެ ގޮތެއްގެ މަތިން މުޖުތަމަޢަށް އަލުން އަޙުލުވެރިކުރުވުމަށްޓަކައި، ކަނޑައެޅޭ ވަކި ޝަރުޠުތަކަކާއެކު ޕެރޯލްގެ ދަށުން ދޫކުރުމުގެ ނުވަތަ ކުއްޖާ ހުރި މަރުކަޒަށްވުރެ ކުއްޖާއަށް މިނިވަންކަމާއެކު އުޅެވޭނެ، އެހެން މަރުކަޒަކަށް ބަދަލުކުރުމުގެ ފުރުޞަތު ލިބިދޭންވާނެއެވެ.
      • (ށ) މަރުކަޒުތަކުގައި ތިބޭ ކުދިން ޝަރުޠަކާއެކު ދޫކުރެވެން އޮތް އެންމެ އަވަސް ފުރުޞަތެއްގައި އެކުދިން ދޫކުރުމަށް ކަމާބެހޭ ފަރާތުން އިސްކަންދޭންވާނެއެވެ.
      • (ނ) މި ޤާނޫނުގެ ދަށުން މަރުކަޒުތަކުގައި ތިބޭ ކުދިން އެއް މަރުކަޒުން އަނެއް މަރުކަޒަށް ބަދަލުކުރުމަށް އެދި، ނުވަތަ ޕެރޯލްގެ ދަށުން ދޫކުރުމަށް އެދި ޖުވެނައިލް ޖަސްޓިސް ޑިޕާޓްމަންޓުން ކޯޓަށް ހުށަހެޅިދާނެއެވެ.
    • 93. : ޕެރޯލް އޮފިސަރުން ޢައްޔަންކުރުން
      • (ހ) ޕެރޯލްގެ ދަށުން މުޖުތަމަޢަށް ދޫކުރެވޭ ކުޑަކުދިންނަށް ޕެރޯލްގެ ޝަރުޠުތަކާ އެއްގޮތަށް ޢަމަލުކުރުމަށް މަގުފަހިކޮށްދީ، އެ ޝަރުޠުތަކާ އެއްގޮތަށް ޢަމަލުކުރޭތޯ ބެލުމަށްޓަކައި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ޕެރޯލް އޮފިސަރުން ކަނޑައަޅަންވާނެއެވެ.
      • (ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ޕެރޯލް އޮފިސަރުންގެ ޒިންމާތަކާއި، ޕެރޯލްގެ ދަށުން ދޫކުރާ ކުދިން ބެލެހެއްޓުމުގައި ޕެރޯލް އޮފިސަރުން ޢަމަލުކުރާނެ އުޞޫލުތައް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ކަނޑައަޅަންވާނެއެވެ.
    • 94. : ޕެރޯލް ފުރިހަމަކުރުން
      • (ހ) ޕެރޯލްގެ ދަށުން ދޫކޮށްފައިވާ ކުއްޖަކު އޭނާ ޢަމަލުކުރަން ކަނޑައަޅާފައިވާ ޕެރޯލްގެ ޝަރުޠުތަކާ ޚިލާފުނުވެ، ޕެރޯލްގެ މުއްދަތު ފުރިހަމަކޮށްފިނަމަ، އޭނާއަކީ ޕެރޯލް ފުރިހަމަކޮށްފައިވާ ކުއްޖަކު ކަމުގައި ނިންމަންވާނެއެވެ.
      • (ށ) ވަކި ކުއްޖަކީ ޕެރޯލް ފުރިހަމަކޮށްފައިވާ ކުއްޖެއް ކަމަށް މި މާއްދާގެ (ހ) ގެ ދަށުން ކަނޑައަޅާފައިވާ ކުއްޖެއްގެ މައްޗަށް ކޯޓުން ކޮށްފައިވާ ޙުކުމް އިތުރަށް ތަންފީޛުކޮށްގެންނުވާނެ ކަމަށް ކަނޑައަޅައި، ކޯޓުން އެކުއްޖާ ދޫކޮށްލަންވާނެއެވެ.
    • 95. : ޝަކުވާ ހުށަހެޅުން
      • (ހ) މަރުކަޒުގައި ތިބޭ ކުދިންނަށް ދިމާވާ ކަންކަމާ ގުޅޭގޮތުން ޝަކުވާ ހުށަހެޅޭނެ، އަދި އެފަދައިން ހުށަހެޅޭ ޝަކުވާ ބެލޭނެ ނިޒާމެއް ކޮންމެ މަރުކަޒެއްގައިވެސް ޤާއިމުކޮށްފައި އޮންނަންވާނެއެވެ.
      • (ށ) މި މާއްދާގެ (ހ) ގެ ދަށުން ޝަކުވާ ހުށަހެޅޭނެ ގޮތާއި، ޝަކުވާއާމެދު ޢަމަލުކުރާނެ ގޮތް ޢާންމުކޮށް ފެންނާނެހެން ކޮންމެ މަރުކަޒެއްގައި ބަހައްޓަންވާނެއެވެ.
      • (ނ) މި މާއްދާގެ (ހ) ގެ ދަށުން ހުށަހަޅާ ޝަކުވާއަކާ ގުޅޭގޮތުން އެކަށީގެންވާ ފިޔަވަޅެއް މަރުކަޒުން ނާޅައިފިނަމަ، އެކަން ޖުވެނައިލް ޖަސްޓިސް ޑިޕާޓްމަންޓަށް ނުވަތަ އެނޫންވެސް ކަމާބެހޭ ފަރާތަކަށް ކުއްޖާގެ ފަރާތުން ހުށަހެޅޭނެ އިންތިޒާމް ކޮންމެ މަރުކަޒެއްގައި ހަމަޖެހިފައި އޮންނަންވާނެއެވެ.
      • (ރ) މި މާއްދާގެ (ހ) ގެ ދަށުން ހުށަހެޅޭ ޝަކުވާތަކާއި، އެ ޝަކުވާތަކާ ގުޅިގެން އެޅޭނެ ފިޔަވަޅުތަކުގެ މަޢުލޫމާތު ޝަކުވާ ހުށަހެޅޭ ތާރީޚުން ފެށިގެން 15 (ފަނަރަ) ދުވަހުގެ ތެރޭގައި ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްއަށް މަރުކަޒުތަކުން ފޯރުކޮށްދޭންވާނެއެވެ.
    • 96. : މަރުކަޒުތަކަށް ޤާބިލު މުވައްޒަފުން ޢައްޔަނުކުރުން މަރުކަޒުތަކުގައި ތިބޭ ކުޑަކުދިންނާއެކު މަސައްކަތްކުރުމަށް ނުވަތަ އެކުދިން ބެލެހެއްޓުމަށް ޢައްޔަންކޮށްފައިވާ ކޮންމެ ފަރާތެއް ވާންވާނީ މަޤާމުގެ ލަޔާޤަތާއި ޤާބިލިއްޔަތުކަން ހުރި، އަދި އެކަށީގެންވާ ތަމްރީނާއި ޢަމަލީ ތަޖުރިބާ ލިބިފައިވާ މީހުންނަށެވެ.
    • 97. : މަސައްކަތް ކުރިއަށްދާ ގޮތް ބެލުން
      • (ހ) މަރުކަޒުތަކުގެ ޙަރަކާތްތައް ބަލައި އިންސްޕެކްޓްކުރުމަށްޓަކައި ޖުވެނައިލް ޖަސްޓިސް ޑިޕާޓްމަންޓުން ކޮމިޓީއެއް އެކުލަވާލަންވާނެއެވެ.
      • (ށ) މި މާއްދާގެ (ހ) ގެ ދަށުން އެކުލަވާލާ ކޮމިޓީގައި ސަރުކާރުގެ ކަމާބެހޭ އިދާރާތަކާއި ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމާޢަތްތަކާއި ޞިއްޙީ މާހިރުންނާއި ސޯޝަލް ވާރކަރުން ހިމެނެންވާނެއެވެ.
      • (ނ) މި މާއްދާގެ (ހ) ގެ ދަށުން އެކުލަވާލާ ކޮމިޓީއަށް މެންބަރުން ޢައްޔަންކުރާނެ ގޮތާއި، ކޮމިޓީން މަރުކަޒުތައް އިންސްޕެކްޓްކުރާނެ ގޮތާއި، އިންސްޕެކްޓްކުރާނެ މުއްދަތުތަކާއި، އިންސްޕެކްޝަން ރިޕޯޓު އެކުލަވާލާނެ ގޮތުގެ އިޖުރާއަތު މި ޤާނޫނުގެ ދަށުން މިނިސްޓްރީން ހަދާ ގަވާއިދުގައި ހިމަނަންވާނެއެވެ.
    • 98. : މަރުކަޒުތައް އިންސްޕެކްޓްކުރުން މި ޤާނޫނުގެ ދަށުން އުފައްދާ އެންމެހައި މަރުކަޒުތައް ބަލައި ފާސްކޮށް، އެތަންތަނުގައި ކަންކަން ހިންގަނީ މި ޤާނޫނާއި މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދާ އެއްގޮތްވާގޮތުގެ މަތިންތޯ ބަލައި ރިޕޯޓުކުރުމަކީ، ޤާނޫނު ނަންބަރު 2013/14 (ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ޤާނޫނު) ގެ 9 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އިންސްޕެކްޓަރ އޮފް ކަރެކްޝަނަލް ސަރވިސްގެ މަސްއޫލިއްޔަތެކެވެ.
    • 99. : މުސްތަޤިއްލު ކޮމިޝަނަކުން އިންސްޕެކްޓްކުރުން މި ޤާނޫނުގެ ފަނަރަވަނަ ބާބުގެ ދަށުން ޤާއިމުކުރެވޭ މަރުކަޒުތަކުގައި ކުޑަކުދިން ބޭތިއްބޭނެ ގޮތާއި، އެ ކުދިންނާމެދު ޢަމަލުކުރެވޭ ގޮތާއި، އެ ކުދިންނަށް ދެވޭ ޚިދުމަތްތައް، އިންސާނީ ޙައްޤުތަކުގެ މިންގަނޑުތަކަށް ފެތޭތޯ ބެލުމަށާއި، އެތަންތަނުގައި ދިމާވާ ހާދިސާތައް ތަޙުޤީޤުކޮށް ބެލުމަށާއި، އެނޫންވެސް އެކަމަށް ބޭނުންވެއްޖެ ޙާލަތްތަކުގައި މަރުކަޒުތައް އިންސްޕެކްޓްކުރުމުގެ އިޚްތިޔާރު، ޤާނޫނުއަސާސީގެ ދަށުން ނުވަތަ ޤާނޫނެއްގެ ދަށުން އުފެދިފައިވާ ކަމާބެހޭ ކޮމިޝަންތަކަށް ލިބިގެންވެއެވެ. އެފަދަ ކޮމިޝަންތަކުން މަރުކަޒުތައް އިންސްޕެކްޓްކުރުމަށްފަހު ކަމާގުޅޭގޮތުން ތައްޔާރުކުރާ ރިޕޯޓު، ދައުލަތުގެ ކަމާބެހޭ ފަރާތްތަކަށް ހުށަހެޅުމުގެ އިތުރުން، އެފަދަ ރިޕޯޓުތައް، ކުޑަކުދިންގެ ކަރާމާތަށް އުނިކަމެއް ނާންނާނެ ގޮތަށް ޢާންމުކުރުމުގެ އިޚްތިޔާރު އެފަރާތްތަކަށް ލިބިގެންވެއެވެ.
    • 100. : ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކުން އިންސްޕެކްޓްކުރުން ދިވެހިރާއްޖެއިން ބައިވެރިވެފައިވާ ބައިނަލްއަޤްވާމީ މުޢާހަދާއެއްގެ ދަށުން ނުވަތަ ބައިނަލްއަޤްވާމީ ޖަމްޢިއްޔާއަކާއެކު ދިވެހިރާއްޖެއިން ވެފައިވާ އެއްބަސްވުމެއްގެ ދަށުން، މި ޤާނޫނުގެ ދަށުން ހަދާ މަރުކަޒުތައް އިންސްޕެކްޓްކުރުމުގެ ހުއްދަ އެ ޖަމްޢިއްޔާއަކަށް، ނުވަތަ އެ މުޢާހަދާއެއް ތަންފީޛުކުރާ ފަރާތަކަށް ލިބިގެންވެއެވެ. މަރުކަޒުތައް އިންސްޕެކްޓްކުރުމުގައި އެފަދަ ފަރާތްތަކުން ޢަމަލުކުރާނީ، މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިންނެވެ.
  • އިސްލާމްދީނުގައި ޙައްދު އަދި ޤިޞާޞް ކަނޑައެޅިފައިވާ ކުށްކުށާގުޅޭ ޚާއްޞަ އުސޫލު : ސޯޅަވަނަ ބާބު
    • 101. : ޙައްދު އަދި ޤިޞާޞް ކަނޑައެޅިފައިވާ ކުށްކުށާގުޅޭ އިސްލާމްދީނުގައި ޙައްދު އަދި ޤިޞާޞް ކަނޑައެޅިފައިވާ ކުށެއް ކުޑަކުއްޖަކު ކޮށްފިކަމަށް ތުހުމަތުކުރެވޭ ޙާލަތުގައި ޢަމަލުކުރާނީ މި ބާބުގައި ބަޔާންކުރާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިންނެވެ. އެފަދަ ޚާއްޞަ އުސޫލުތަކެއް ބަޔާންކުރުމުގެ ބޭނުމަކީ، ކުޑަކުދިންނަކީ، ބޮޑެތި މީހުންނާ އެއް މިންވަރަކަށް ތަޞައްރުފު ފުދިފައިވާ ބައެއް ކަމުގައި ބެލުމުގެ ބަދަލުގައި، އެއީ ކުޑަކުދިން ކަމުގައި ދެކި، އެކުދިންގެ ތަޞައްރުފު ފުދިފައިވާ މިންވަރު ދެނެގަތުމަށް ބާރުއެޅުމަށާއި، އެފަދަ ކުށްކުށް ތަޙްޤީޤުކުރުމުގައާއި އެފަދަ ކުށްކުށާގުޅޭ ދަޢުވާ އުފުލުމުގައާއި ކުށް ސާބިތުކުރުމުގައި އިސްލާމީ ޝަރީޢާގައި ފުރިހަމަކުރަން ލާޒިމުކުރާ ކަންކަން ފުރިހަމަވެފައިވޭތޯ ބެލުމަށް ބާރުއެޅުމެވެ.
    • 102. : ތަޙްޤީޤުކުރުމާއި ދަޢުވާ އުފުލުން
      • (ހ) އިސްލާމްދީނުގައި ޙައްދު އަދި ޤިޞާޞް ކަނޑައެޅިފައިވާ ކުށެއް ކުޑަކުއްޖަކު ކޮށްފިކަމަށް ތުހުމަތުކުރެވޭ ޙާލަތުގައި އެ މައްސަލައެއް ބަލާނީ، މޯލްޑިވްސް ޕޮލިސް ސަރވިސްއާއި ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސް ގުޅިގެންނެވެ.
      • (ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ފަދަ ކުށްކުށާގުޅޭ ކޮންމެ މައްސަލައެއްވެސް ތަޙްޤީޤުކޮށް، ދަޢުވާ އުފުލުމަށްޓަކައި ޕްރޮސިކިއުޓަރ ޖެނެރަލަށް ފޮނުވަންވާނީ، ކުއްޖާގެ އެސެސްމަންޓެއް ހެދުމަށްފަހުގައެވެ.
      • (ނ) މި މާއްދާގެ (ށ) ގައި ބަޔާންކުރާ އެސެސްމަންޓުގައި އަންނަނިވި ކަންކަމަށް ރިޢާޔަތްކުރަންވާނެއެވެ.
        • (1) ކުއްޖާގެ ނަފްސާނީ އަދި ޖިސްމާނީ ޙާލަތު؛
        • (2) ކުއްޖާގެ އިޖުތިމާޢީ ޙާލަތު؛
        • (3) ކުޑަކުއްޖާއަކީ ކުށުގެ ޢަމަލު ހިންގުމުގައި، ރޭވުންތެރި ނުފޫޒެއްގެ ނުވަތަ އެނޫންވެސް އެކްސްޕްލޮއިޓޭޝަންގެ ޢަމަލެއްގެ ޝިކާރައަކަށް ވެފައިވާ ކުއްޖެއްކަން ނުވަތަ ނޫންކަން؛
        • (4) ތުހުމަތުކުރެވޭ ކުށުގެ ޝަރުޢީ އަދި ޤާނޫނީ ނަތީޖާ ކުއްޖާއަށް އެނގޭ މިންވަރު.
      • (ރ) މި މާއްދާގެ (ށ) ގެ ދަށުން ޕްރޮސިކިއުޓަރ ޖެނެރަލަށް ހުށަހެޅޭ މައްސަލަތަކުގައި ކުޑަކުއްޖެއްގެ މައްޗަށް ދަޢުވާކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލް ނިންމަންވާނީ މި މާއްދާގެ (ށ) ގެ ދަށުން ހަދާފައިވާ އެސެސްމަންޓަށް ރިޢާޔަތްކުރުމަށްފަހު، ތުހުމަތުކުރެވިފައިވާ ކުށާ ގުޅޭގޮތުން ފުރިހަމަވާންޖެހޭ ކަމަށް މި ބާބުގައި ބަޔާންކޮށްފައިވާ އެންމެހައި ކަންކަން ފުރިހަމަވާ ޙާލަތުގައެވެ.
      • (ބ) މި މާއްދާގެ (ހ) ގެ ދަށުން ހިންގާ ތަޙްޤީޤުތައް ހިންގުމުގައާއި، މި މާއްދާގެ (ރ) ގެ ދަށުން ދަޢުވާ އުފުލުމާމެދު ގޮތެއް ނިންމުމުގައި ޢަމަލުކުރާނެ ގޮތުގެ އުޞޫލުތައް ބަޔާންކުރާ ގަވާއިދެއް، ޕްރޮސިކިއުޓަރ ޖެނެރަލް އެކުލަވާލަންވާނެއެވެ.
    • 103. : ކުށް ސާބިތުކުރުމުގެ މިންގަނޑު
      • (ހ) އިސްލާމްދީނުގައި ޙައްދު އަދި ޤިޞާޞް ކަނޑައެޅިފައިވާ ކުށެއްގެ ދަޢުވާ ކުޑަކުއްޖެއްގެ މައްޗަށް ސާބިތުކުރެވޭނީ، ހަމައެކަނި އަންނަނިވި ބާވަތުގެ ހެކީގެ މައްޗަށް ބިނާކޮށެވެ.
        • (1) ތުހުމަތުކުރެވިފައިވާ ކުއްޖާގެ އިޢުތިރާފު: ނުވަތަ
        • (2) ލޮލަށް ފެނުނު މީހުންގެ ހެކިބަސް.
      • (ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ހެކި ދައުލަތުން ސާބިތުކޮށްދޭންޖެހޭ މިންގަނޑަކީ، އެއްވެސް ޝައްކެއް ނެތް މިންވަރެވެ.
    • 104. : ޝަރީޢަތް ހިންގުން
      • (ހ) އިސްލާމްދީނުގައި ޙައްދު އަދި ޤިޞާޞް ކަނޑައެޅިފައިވާ ކުށެއްގެ މައްސަލަ ޝަރީޢަތުން ބެލުމުގައި، އެއްވެސް ޙާލެއްގައި، އެއްވެސް ޝުބުހާއެއް އޮވެއްޖެނަމަ، ކުޑަކުއްޖެއްގެ މައްޗަށް އިސްލާމްދީނުގައި ޙައްދު އަދި ޤިޞާޞް ކަނޑައެޅިފައިވާ ކުށެއް ސާބިތުވީ ކަމަށް ޤާޟީ ކަނޑައަޅައިގެންނުވާނެއެވެ.
      • (ށ) މި މާއްދާގެ (ހ) ގެ ބޭނުމަށްޓަކައި، ކުށުގެ ތުހުމަތުގައިވާ ކުއްޖާގެ ކިބައިގައާއި، ކުށުގެ ހުރިހާ ޢުންޞުރެއްގައާއި، ކުށް ސާބިތުކުރުމަށް ހުށަހަޅާ ހެކިތަކުގައި އަދި އެނޫންވެސް ކުށް ސާބިތުކުރުމުގައި ރިޢާޔަތްކުރަންޖެހޭ އެއްވެސް ކަމެއްގައި، އެއްވެސް ޝުބުހާއެއް އެކުލެވިގެންވޭތޯ ޝަރީޢަތުން ޔަޤީންކުރުމުގައި އަންނަނިވި ކަންކަމަށް ޤާޟީ ރިޢާޔަތްކުރަންވާނެއެވެ.
        • (1) ތުހުމަތުކުރެވިފައިވާ ކުށްކުރުމަށް ކުއްޖާ ތަޞައްރަފު ފުދިފައިވާ މިންވަރު؛ އަދި
        • (2) ކުށުގެ ތުހުމަތުކުރެވޭ ކުއްޖާގެ ކިބައިގައި ފުރިހަމަވާންޖެހޭކަމަށް އިސްލާމީ ޝަރީޢާގައި ބަޔާންކުރާ އެންމެހައި ޝަރުޠުތައް އެއްވެސް ޝައްކެއް ނެތް މިންވަރަށް ފުރިހަމަވެފައިވާކަން؛ އަދި
        • (3) ކުށް ސާބިތުކުރުމަށް ހުށަހަޅާފައިވަނީ ކުއްޖާގެ އިޢުތިރާފަށް ބިނާކޮށް ކަމުގައިވާނަމަ، އެ އިޢުތިރާފުގައި ފުރިހަމަވާންޖެހޭކަމަށް އިސްލާމީ ޝަރީޢާގައި ބަޔާންކުރާ އެންމެހައި ޝަރުޠުތައް އެއްވެސް ޝައްކެއް ނެތް މިންވަރަށް ފުރިހަމަވެފައިވާކަން؛ އަދި
        • (4) ކުށް ސާބިތުކުރަނީ ލޮލަށް ފެނުނު ހެކީންގެ ހެކިބަހަށް ބިނާކޮށް ކަމުގައިވާނަމަ، އެ ހެކިބަހުގައި ފުރިހަމަވާންޖެހޭކަމަށް އިސްލާމީ ޝަރީޢާގައި ބަޔާންކުރާ އެންމެހައި ޝަރުޠުތައް އެއްވެސް ޝައްކެއް ނެތް މިންވަރަށް ފުރިހަމަވެފައިވާކަން؛ އަދި
        • (5) ތުހުމަތުކުރެވިފައިވާ ކުށުގެ ރުކުންތަކުގައި ނުވަތަ ޢުންޞުރުތަކުގައި ފުރިހަމަވާންޖެހޭކަމަށް އިސްލާމީ ޝަރީޢާގައި ބަޔާންކުރާ އެންމެހައި ޝަރުޠުތައް އެއްވެސް ޝައްކެއް ނެތް މިންވަރަށް ފުރިހަމަވެފައިވާކަން؛ އަދި
        • (6) ތުހުމަތުކުރެވޭ ޢަމަލު ހިނގުމަށް މެދުވެރިވި ޙާލަތްތަކާއި، އެ ޙާލަތްތަކުގެ ސަބަބުން ކުއްޖާގެ ވިސްނުމާއި އަމިއްލަ އިޚްތިޔާރަށް އަސަރުކޮށްފައިވާ މިންވަރު.
    • 105. : ޝަރީޢަތް ހިންގުމުގެ އުސޫލު
      • (ހ) މި ބާބުގައި ބަޔާންކުރާ ފަދަ ކުށެއްގެ ޝަރީޢަތް ކުރިއަށްގެންދަންވާނީ ކުއްޖާގެ ކަރާމާތަށް އެއްވެސް އުނިކަމެއް ނާންނާނެ ގޮތެއްގެމަތިން، ކުއްޖާގެ އިހުސާސްތަކަށް ރިޢާޔަތްކުރެވިގެންނެވެ.
      • (ށ) މި މާއްދާގެ (ހ) ގެ ބޭނުމަށްޓަކައި، ކުޑަކުއްޖެއްގެ މައްޗަށް ހިންގާ ޒިނޭގެ ކުށެއްގެ ޝަރީޢަތެއްގައި، ތުހުމަތުކުރެވިފައިވާ ކުށުގައި އެކުލެވޭ ބަދުއަޚްލާޤީ ޢަމަލުތަކުގެ ތަފްޞީލުތައް ޝަރީޢަތުގެ މަޖިލީހުގައި ތަކުރާރުކޮށް ކިޔުއްވައި، ނުވަތަ ޤަޞްދުގައި ލަދުވެތިކަން ނުވަތަ ބިރުވެރިކަން އިހުސާސްކުރުވުމުގެ މަޤްޞަދުގައި ކުއްޖާއާ ސުވާލުތައް ކުރިމަތުކުރުވައި ނުވަތަ އެފަދަ މޭރުމަކުން މުޚާޠަބުކޮށްގެން ނުވާނެއެވެ.
  • އެހެނިހެން ކަންކަން : ސަތާރަވަނަ ބާބު
    • 106. : ކުއްޖާގެ ކުޑަކުއްޖެއްގެ ހައިސިއްޔަތު ގެއްލުން
      • (ހ) މި ޤާނޫނުގެ ދަށުން ކުއްޖަކު ކުޑަކުދިންގެ ޢަދުލުގެ ނިޒާމުގެ ދަށަށް ގެނެވިފައިވަނިކޮށް، އޭނާގެ ކުޑަކުއްޖެއްގެ ހައިސިއްޔަތު ގެއްލިއްޖެނަމަ، އެ މީހަކާމެދު ޤާނޫނު ތަންފީޛުކުރަމުން ގެންދަންވާނީ، އަދި ފިޔަވަޅު އަޅަމުން ގެންދަންވާނީ އެ މީހަކީ ކުޑަކުއްޖެއްގެ ގޮތުގައި ބަލައިގެންނެވެ.
      • (ށ) މި މާއްދާގެ (ހ) އެހެން އޮތްކަމުގައި ވީނަމަވެސް، މި ޙާލަތުގައިވާ މީހާގެ ޢުމުރުން 21 (އެކާވީސް) އަހަރު ފުރުމުން، އޭނާއާމެދު ހިނގަމުންދާ މައްސަލަ، ނުވަތަ އޭނާއަކީ ކުޑަކުއްޖެއްގެ ގޮތުގައި ދެކިގެން އެޅިފައިވާ އެންމެހައި ފިޔަވަޅެއް، ބާޠިލުވީއެވެ.
    • 107. : ދައުލަތުގެ ބަޖެޓުގައި ފައިސާ ހިމެނުން މި ޤާނޫނުގެ މަޤްޞަދުތައް ޙާސިލުކުރުމަށްޓަކައި މި ޤާނޫނުގެ ދަށުން ޤާއިމުކުރަންޖެހޭ މަރުކަޒުތައް ޤާއިމުކުރުމަށާއި، ޚާއްޞަ ތަމްރީނުދިނުމަށާއި، އެނޫންވެސް ވަސީލަތްތަކާއި ޚިދުމަތްތައް ޤާއިމުކުރުމަށްޓަކައި ބޭނުންވާ ފައިސާ، މި ޤާނޫނަށް ޢަމަލުކުރަން ފަށާތާ 60 (ފަސްދޮޅަސް) ދުވަހުގެ ތެރޭގައި ދައުލަތުގެ މާލިއްޔާއިން ހަމަޖައްސައިދޭންވާނެއެވެ.
    • 108. : މި ޤާނޫނަށް ވާޞިލުވެވުން ޤާނޫނާ ޚިލާފުވާ ކުޑަކުދިން ހާޒިރުކުރެވޭ ކޮންމެ ތަނެއްގައި މި ޤާނޫނާއި މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދުތައް، އެ ކުއްޖާއަށް، އަދި އެ ތަނަކަށް ޒިޔާރަތްކުރާ ކޮންމެ ފަރާތަކަށްވެސް، ފަސޭހަކަމާއެކު ބަލައި މުރާޖަޢާކުރެވޭނެ އިންތިޒާމު ހަމަޖެހިފައި އޮންނަންވާނެއެވެ.
    • 109. : ޒާތީ ކަންތައްތައް ރައްކާތެރިކުރުން
      • (ހ) އެންމެހައި މަރުޙަލާއެއްގައިވެސް، ކުއްޖާގެ ޒާތީ ކަންކަމުގެ ޙައްޤަށް އިޙްތިރާމުކުރަންވާނެއެވެ.
      • (ށ) ޝަރީޢަތުގެ މަރުޙަލާގައި ކުއްޖާގެ ނަމާއި، އެޑްރެހާއި، ސްކޫލާއި، ނުވަތަ ސީދާގޮތުން ނުވަތަ ނުސީދާގޮތުން ނަމަވެސް ކުއްޖާއަކީ ކާކުކަން އެނގޭނެ ފަދަ އެއްވެސް މަޢުލޫމާތެއް ނުވަތަ އޭނާގެ ތަސްވީރެއް، އެއްވެސް މީޑިއާގެ ނުވަތަ އެނޫންވެސް ވަސީލަތެއްގައި ޝާއިޢުކޮށްގެން ނުވާނެއެވެ.
      • (ނ) މި މާއްދާގެ (ށ) ގައި އެހެން ބަޔާންކޮށްފައި ވީނަމަވެސް، ކުއްޖާގެ މަޞްލަޙަތަށްޓަކައި ކަނޑައެޅިފައިވާ ޙާލަތުތަކެއްގައި އަދި ލިޔުމުން ރިކޯޑުކުރެވޭ ސަބަބުތަކަށްޓަކައި، ކޯޓުން ހުއްދަކުރާ މިންވަރެއް ޢާންމުކުރެވިދާނެއެވެ.
    • 110. : ރިކޯޑުތައް
      • (ހ) ކުއްޖާގެ ރިކޯޑުތައް ބަހައްޓަންވާނީ ސިއްރުގެ ގޮތުގައި އަދި ތިންވަނަ ފަރާތަކަށް ނުލިބޭ ގޮތަށެވެ. އެފަދަ ރިކޯޑުތަކަށް ވާޞިލުވެވޭނީ ކޯޓު އަމުރަކުން ހުއްދަ ލިބިގެން، ކުއްޖާގެ މައްސަލަ ބަލައި ފަރާތަށާއި ކަނޑައެޅިގެން އެކަމަށް ހުއްދަކުރެވޭ އެހެން ފަރާތްތަކަށެވެ.
      • (ށ) އެއްވެސް މީހެއްގެ މައްޗަށް އުފުލޭ ދަޢުވާއެއްގައި، އޭނާގެ ކުޑައިރުގެ ރިކޯޑު އޭނާއާ ދެކޮޅަށް ބޭނުންކޮށްގެން ނުވާނެއެވެ.
    • 111. : މި ޤާނޫނަށް ޢަމަލުކުރަން ފަށާއިރު ޙުކުމް ތަންފީޛުކުރަމުންދާ ކުޑަކުދިން
      • (ހ) މި ޤާނޫނަށް ޢަމަލުކުރަން ފަށާއިރު، ޙުކުމް ތަންފީޛުކުރުމުގެ ގޮތުން އެއްވެސް ބާވަތެއްގެ ބަންދެއްގައި ކުއްޖަކު ހުރިނަމަ، އެ ޙުކުމެއް ތަންފީޛުކުރުމުގެ ބަދަލުގައި ޙުކުމްގެ ބާކީއޮތް ބައި މި ޤާނޫނާއި މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ކުޑަކުދިންގެ މަރުކަޒެއްގައި ނުވަތަ ޕްރޮބޭޝަންގައި ފުރިހަމަކުރުމަށްޓަކައި ބަދަލުކުރުމާމެދު ގޮތެއް ނިންމުމަށްޓަކައި، އެ ކުއްޖެއްގެ މައްސަލަ މި ޤާނޫނަށް ޢަމަލުކުރަން ފަށާ ތާރީޚުން ފެށިގެން 60 (ފަސްދޮޅަސް) ދުވަހުގެ ތެރޭގައި ކޯޓަށް ހުށަހަޅަންވާނެއެވެ.
      • (ނ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތް ނިންމުމުގެ މަރުޙަލާގައި، މި ޤާނޫނުގައި ކަނޑައަޅާފައިވާ އުސޫލުތަކަށާއި، މިންގަނޑުތަކާއި، ހަމަތަކަށް ފުރިހަމައަށް ތަބާވުމާއި، މި ޤާނޫނުން ކުއްޖާއަށް ލިބިދީފައިވާ އެންމެހައި ޙައްޤުތަކާއި، ރައްކާތެރިކަމާއި، ޙިމާޔަތާއި، އެހީތެރިކަމާއި، ފުރުޞަތުތަކާއި، ވަސީލަތްތައް ފޯރުކޮށްދިނުމަކީ ކަމާބެހޭ ފަރާތްތަކުގެ މައްޗަށް ލާޒިމުވެގެންވާ ކަމެކެވެ.
    • 112. : ގަވާއިދު ހެދުން
      • (ހ) މި ޤާނޫނުގެ ދަށުން ހަދަންޖެހޭ ގަވާއިދުތައް ހަދާނީ ތިރީގައިވާ ކަންކަމާ ގުޅޭގޮތުން، ތިރީގައި ބަޔާންކޮށްފައިވާ ފަރާތްތަކުންނެވެ.
        • (1) ޝަރުޢީ މަރުޙަލާގައި ކުޑަކުދިންނާމެދު ޢަމަލުކުރާނެ ގޮތުގެ އުސޫލުތަކާ ގުޅޭގޮތުން ހަދަންޖެހޭ ގަވާއިދު ހަދާނީ ކަމާބެހޭ ކޯޓަކުންނެވެ.
        • (2) ތުހުމަތުގައިވާ ކުއްޖާއާމެދު ތަޙްޤީޤުކުރުމުގެ އުސޫލުތަކާ ގުޅޭގޮތުން ހަދަންޖެހޭ ގަވާއިދުތައް ހަދާނީ މޯލްޑިވްސް ޕޮލިސް ސަރވިސްއިންނެވެ.
        • (3) ތުހުމަތުގައިވާ ކުއްޖެއްގެ މައްޗަށް ދަޢުވާކުރުމާ ގުޅޭގޮތުން ހަދަންޖެހޭ ގަވާއިދުތައް ހަދާނީ ޕްރޮސިކިއުޓަރ ޖެނެރަލެވެ.
        • (4) ޝަރީޢަތުގެ ކުރީ މަރުޙަލާގައި ކުއްޖާ ޑައިވަރޝަނަށް ފޮނުވުމާބެހޭ އުސޫލުތަކާ ގުޅޭގޮތުން ހަދަންޖެހޭ ގަވާއިދުތައް ހަދާނީ މިނިސްޓަރެވެ.
        • (5) ޝަރީޢަތުގެ މަރުޙަލާގައި ކުއްޖާ ޑައިވަރޝަނަށް ފޮނުވުމާބެހޭ އުސޫލުތަކާ ގުޅޭގޮތުން ހަދަންޖެހޭ ގަވާއިދުތައް ހަދާނީ ޖުވެނައިލް ކޯޓުންނެވެ.
        • (6) މި ޤާނޫނުގެ 80 ވަނަ މާއްދާގައި ބަޔާންކުރާ މަރުކަޒުތަކާގުޅޭ ގަވާއިދުތަކާއި، ޕެރޯލްއާގުޅޭ ގަވާއިދުތައް ހަދާނީ، ޖަލުތަކާއި ޕެރޯލްގެ ކަންކަން ބެލެހެއްޓުމުގެ މަސްއޫލިއްޔަތު ޙަވާލުކޮށްފައިވާ މިނިސްޓަރެވެ.
        • (7) މަތީގައި ބަޔާންކޮށްފައިވާ ކަންކަން ފިޔަވައި، އެހެން ކަންކަމާ ގުޅޭގޮތުން ގަވާއިދު ހަދާނީ މިނިސްޓްރީންނެވެ.
      • (ށ) މި ޤާނޫނުގެ ދަށުން ހަދަންޖެހޭ އެންމެހައި ގަވާއިދުތައް، މި ޤާނޫނަށް ޢަމަލުކުރަން ފަށާތާ 3 (ތިނެއް) މަސް ދުވަހުގެ ތެރޭގައި ހަދައި، ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރަންވާނެއެވެ.
    • 113. : އުވާލެވޭ ޤާނޫނާއި ގަވާއިދު މި ޤާނޫނަށް ޢަމަލުކުރަން ފެށުމާއެކު، އަންނަނިވި ޤާނޫނުތަކުގެ މާއްދާތަކާއި ގަވާއިދު އުވުނީއެވެ.
      • (ހ) ޤާނޫނު ނަންބަރު 9/91 (ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމާބެހޭ ޤާނޫނު) ގެ އަންނަނިވި މާއްދާތައް:
        • (1) ބުނެވިދިޔަ ޤާނޫނުގެ 8 ވަނަ މާއްދާ؛
        • (2) ބުނެވިދިޔަ ޤާނޫނުގެ 9 ވަނަ މާއްދާ؛
        • (3) ބުނެވިދިޔަ ޤާނޫނުގެ 12 ވަނަ މާއްދާ؛ އަދި
        • (4) ބުނެވިދިޔަ ޤާނޫނުގެ 29 ވަނަ މާއްދާ.
      • (ށ) ޤާނޫނު ނަންބަރު 11/2010 (ޢާންމު އިޖްތިމާޢީ މިންގަނޑުތަކާ ޚިލާފު ޢަމަލުތައް ހުއްޓުވުމުގެ ޤާނޫނު) ގެ އަންނަނިވި މާއްދާތައް:
        • (1) ބުނެވިދިޔަ ޤާނޫނުގެ 8 ވަނަ މާއްދާ؛
        • (2) ބުނެވިދިޔަ ޤާނޫނުގެ 19 ވަނަ މާއްދާ؛ އަދި
        • (3) ބުނެވިދިޔަ ޤާނޫނުގެ 38 ވަނަ މާއްދާ.
      • (ނ) ޤާނޫނު ނަންބަރު 18/2010 (ގޭންގު ކުށްތައް މަނާކުރުމާބެހޭ ޤާނޫނު) ގެ 19 ވަނަ މާއްދާގެ (ށ)؛
      • (ރ) 20 ޖަނަވަރީ 2019 ގައި ޢަމަލުކުރަން ފަށާފައިވާ "ކުޑަކުދިންގެ ޢަދުލުގެ ގަވާއިދު".
    • 114. : މި ޤާނޫނަށް އިސްކަންދިނުން ޤާނޫނާ ޚިލާފުވީ ކަމުގެ ތުހުމަތުގައިވާ ކުޑަކުދިންނާމެދު ޢަމަލުކުރުމުގައި، މި ޤާނޫނުގައި ކަނޑައެޅި ބަޔާންވެގެންވާ އުސޫލުތަކާއި ހަމަތަކާއި ކަންކަމާ އެހެން ޤާނޫނެއްގައި ބަޔާންކޮށްފައިވާ އުސޫލުތަކާއި ހަމަތަކާއި ކަންކަމާ ފުށުއަރާނަމަ، އިސްކަން ދޭންވާނީ، މި ޤާނޫނުގައި ކަނޑައެޅި ބަޔާންވެގެންވާ އުސޫލުތަކާއި ހަމަތަކާއި ކަންކަމަށެވެ.
    • 115. : ޤާނޫނަށް ޢަމަލުކުރަން ފެށުން މި ޤާނޫނަށް ޢަމަލުކުރަން ފަށާނީ، މި ޤާނޫނު ފާސްވެ، ތަޞްދީޤުކޮށް ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރާ ތާރީޚުން ފެށިގެން 12 (ބާރަ) މަސް ދުވަސް ހަމަވާ ތާރީޚުން ފެށިގެންނެވެ.
    • 116. : މާނަކުރުން މި ޤާނޫނުގައި ވަކި ޢިބާރާތެއް ނުވަތަ ލަފްޒެއް ބޭނުންކޮށްފައިވާގޮތުން ކަނޑައެޅިގެން އެހެން މާނައެއް ދޭހަނުވާހާ ހިނދަކު، އަންނަނިވި ޢިބާރާތްތަކާއި ލަފްޒުތަކަށް ދީފައިއެވަނީ، އެ ޢިބާރާތްތަކާއި ލަފްޒުތަކަށް ތިރީގައި ދީފައިއެވާ މާނަކުރުމެވެ.
      • (ހ) "ކުޑަކުއްޖެއް" ނުވަތަ "ކުއްޖެއް" ކަމަށް ބުނެފައި އެވަނީ، ޖިނާއީ މަސްއޫލިއްޔަތު އުފުލަންޖެހޭ ކުޑަކުދިންނާ ގުޅޭގޮތުން ކަމުގައިވާނަމަ، މީލާދީގޮތުން ޢުމުރުން 15 (ފަނަރަ) އަހަރު ފުރި، އެހެންނަމަވެސް 18 (އަށާރަ) އަހަރު ފުރިފައިނުވާ ކުޑަކުދިންނަށެވެ. އެނޫން ޙާލަތުގައި އެއީ މީލާދީގޮތުން ޢުމުރުން 18 (އަށާރަ) އަހަރު ފުރިފައިނުވާ ކޮންމެ ކުއްޖެކެވެ.
      • (ށ) "ބެލެނިވެރިޔާ" ކަމަށް ބުނެފައިއެވަނީ، މައިންބަފައިންނާއި، ޝަރުޢީ ބަލަދުވެރިންނާއި، ޙަޟާނަތު ލިބިފައިވާ ފަރާތާއި ޤާނޫނީ ބެލެނިވެރިންނާއި ކުއްޖާގެ ބެލެނިވެރިކަމާ އެވަގުތަކު ޙަވާލުވެ ތިބޭ މީހުންނަށެވެ. ޝަރުޢީ ބަލަދުވެރިންނާއި، ޙަޟާނަތު ލިބިފައިވާ ފަރާތާއި ޤާނޫނީ ބެލެނިވެރިން މާނަކުރާނީ، ޤާނޫނު ނަންބަރު 2000/4 (ޢާއިލާއާބެހޭ ޤާނޫނު) އެ ޤާނޫނުގެ ދަށުން ހަދާ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެމަތިންނެވެ.
      • (ނ) "ޤާނޫނާ ޚިލާފު ޢަމަލު ހިންގާ ކުޑަކުދިން" ނުވަތަ "ތުހުމަތުގައިވާ ކުދިން" ކަމަށް ބުނެފައި އެވަނީ، ޖިނާއީ ކުށް ކަނޑައެޅުމުގެ ޤާނޫނަކާ ޚިލާފުވެފައިވާކަމަށް ތުހުމަތުކުރެވޭ ނުވަތަ ތުހުމަތުކުރެވިދާނެ ކޮންމެ ކުއްޖަކަށް ނުވަތަ ކުދިންނަށެވެ. މި ޢިބާރާތުގެ މާނައިގައި އަންނަނިވި ޙާލަތްތަކުގައިވާ ކުދިން ހިމެނެއެވެ.
        • (1) އެ ކުއްޖަކީ، ކުށަށް އަރައިގަތުމުގެ ނުރައްކަލުގައި ހުރި ކުއްޖެއް ކަމުގައި ބެލެވިފައިވާ ކުދިން؛
        • (2) އެ ކުއްޖަކީ، ޖިނާއީ ކުށުގެ ޢަމަލެއް ހިންގާފައިވާ، އެހެންނަމަވެސް، އެކަމަށް އިޢުތިރާފްވެ، މި ޤާނޫނުގެ އަށްވަނަ ބާބުގެ ދަށުން ޑައިވަރޝަންގެ ޕްރޮގްރާމެއްގައި ބައިވެރިވެ، ޕްގްރާމް ފުރިހަމަކުރަމުންދާ ކުއްޖާ؛
        • (3) އެ ކުއްޖަކީ ޖިނާއީ ކުށެއް ކުރި ކަމަށް ސާބިތުވެފައިވާ ކުއްޖާ؛
        • (4) އެ ކުއްޖަކީ، ވަކިވަކި ފަރުދެއްގެ ނުވަތަ ފަރުދުންތަކެއްގެ ނުވަތަ މުޖުތަމަޢުގެ ސަލާމަތާއި ރައްކަލަކަށްޓަކައި އެ ކުއްޖެއްގެ އަމިއްލަ މިނިވަންކަން ހިފެހެއްޓެންޖެހޭކަމަށް ބެލެވޭ ކުއްޖާ.
      • (ރ) "ކުޑަކުދިންގެ ޙައްޤުތަކާބެހޭ ބައިނަލްއަޤްވާމީ މުޢާހަދާ" ކަމަށް ބުނެފައި އެވަނީ، އ.ދ. ގެ ކޮންވެންޝަން އޮން ދަ ރައިޓްސް އޮފް ދަ ޗައިލްޑް އަށެވެ.
      • (ބ) "ކުޑަކުދިންގެ މަރުކަޒު" ކަމަށް ބުނެފައި އެވަނީ، މި ޤާނޫނުގެ 78 ވަނަ މާއްދާއާއި 80 ވަނަ މާއްދާގައި ބަޔާންކުރާ މަރުކަޒުތަކަށެވެ.
      • (ޅ) "ޤާޟީ" ކަމަށް ބުނެފައި އެވަނީ، ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ ދަށުން އުފައްދާފައިވާ ޖުވެނައިލް ކޯޓުގެ ޤާޟީއަކަށް، ނުވަތަ އެ ޤާޟީއެއްގެ ނިންމުމެއް އިސްތިއުނާފުކުރުމުގެ ނުވަތަ އިލްތިމާސްކުރުމުގެ މަރުޙަލާގައިނަމަ، އެ ޤާޟީގެ އެ ނިންމުން އިސްތިއުނާފުކުރުމުގެ ނުވަތަ އިލްތިމާސްކުރުމުގެ މައްސަލަ ބަލާ ފަނޑިޔާރުންނަށެވެ.
      • (ކ) "މިނިސްޓްރީ" ކަމަށް ބުނެފައި އެވަނީ، ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ މަސްއޫލިއްޔަތު އެއިރަކު ޙަވާލުކުރެވިފައިވާ ސަރުކާރުގެ ވުޒާރާއަށެވެ.
      • (އ) "މިނިސްޓަރު" ކަމަށް ބުނެފައި އެވަނީ، ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ މަސްއޫލިއްޔަތު އެއިރަކު ޙަވާލުކުރެވިފައިވާ ސަރުކާރުގެ ވުޒާރާގެ ވަޒީރަށެވެ.

ރިއެކްޝަންތައް

ތާއީދު ކުރާ 0 (0%) ތާއީދު ނުކުރާ 0 (0%)

ކޮންޓެކްޓް ޕޮއިންޓް

ަސދަސދަސ

test@test.com

7766355